ނޭދެން ވަކިވާކަށް 23 ވަނަ ބައި
މާންގެ ލޯ ބޭއިހްތިޔާރުގައި އެ ފޯނުގެ ސްކްރީނަށް ހުއްޓުނީ، ޔޫލީއަށް ގުޅަނީ ކާކުތޯ ބަލައިލުމުގެ ޝައުގުވެރިކަމެއް ހިތުގައި އުފެދުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމާއިއެކު، މާންގެ މުޅި މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ދެލޮލުން ކުއްލިއަކަށް ފާޅުވި ގަދަ ރުޅިވެރިކަމާއިއެކު، ދަތްކުނޑިވިކާލެވުމުން އޭނާގެ ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައީ ހިތުގައި އުފެދުނު ނުރުހުމެއްގެ ބޮޑުކަމުންނެވެ.
ފޯނުގެ ސްކްރީނަށް އަރާފައިވާ ‘ރިލްވާން’ ގެ ނަން ފެނުމާއިއެކު، ޔޫލީ އަވަސްއަވަހަށް ފޯނު ސައިލެންޓް ކޮށްލިއެވެ. އޭނާ އެ ކޯލަށް ޖަވާބުދޭން ކުޑަކޮށްވެސް ބޭނުންނުވާ ފަދައަކުންނެވެ. އެއަށްފަހު އިސްއުފުލާލައި، މާންގެ މޫނަށް ބަލައިލިއިރު އެ މޫނުމަތިން ފެންނަން ހުރި ނުރައްކާތެރި ކުލަވަރުން ޔޫލީ ކުޑަކޮށް ހާސްވެ، މުޅި މީހާ ފިނިވާގޮތްވިއެވެ.
ނަމަވެސް، ދެވަނަ ސިކުންތުގައި އެ ބިރުވެރިކަމުގެ އިހުސާސްތައް ފިލައިދިޔައީ އޭނާގެ ޒަމީރު ދިން ވަރުގަދަ އިންޒާރުންނެވެ.
‘ޔޫލީ… އޭނާއަށް އެއްގޮތަކަށްވެސް އިތުބާރުކޮށްގެން ނުވާނެ! އޭނާއަށް ޔޫލީގެ ދިރިއުޅުމުގެ ކަންކަމަށް ބާރުފޯރުވުމުގެ އެއްވެސް ފުރުސަތެއް ދީގެން ނުވާނެއެވެ. މަޖުބޫރުން މި ކައިވެނި ކުރެވުނު ކަމުގައި ވިޔަސް، އޭނާގެ ހިތުގައި ވަނީ ޒޯޔާކަން ހަނދާނުން ކައްސާލިޔަނުދޭތި! އޭނާއަށް ހަމައެކަނި ހައްގީ ޔޫލީގެ ނަފުރަތެވެ. އެ ފުރޭތަ މަޖުބޫރު ކައިވެންޏެއްގެ ތެރެއަށް ވައްދައި، ޔޫލީގެ މުޅި ހަޔާތް އަނދިރިކޮށްލައިފިއެވެ.’
“ކަމަނާގެ ހިތުގެވެރިޔާގެ ކޯލް އިގްނޯރ ތިކޮށްލީ… އަހަރެން ކުރިމަތީގައި އިނީމާތަ؟” ޖައްސާބާރު ކޮށްލެވިފައިވާ ދަތްތަކުގެ ތެރެއިން މާން ބުނެލިއެވެ. އޭނާގެ އަޑުގައިވީ ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ އަސަރެވެ.
“ކުރިންވެސް ބުނިން އެއީ އަހަރެންގެ ހަމައެކަނި ރައްޓެއްސެކޭ،” ޔޫލީވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. “އެކަމަކު އެއަށްވުރެ ގާތް ގުޅުމެއް އޮތް ނަމަވެސް، އެއީ މާންއާ ބެހެވޭނެ ކަމެއް ނޫން. ޔޫ އަރ ފްރީ ޓު ތިންކް ވަޓްއެވަރ ޔޫ ވޯންޓް… އަހަންނާ މެދު ނުބައިކޮށް ވިސްނުމަކީ އަހަންނަށް އައު ކަމެއް ނޫން. އައި ޑޯންޓް އީވަން ކެއަރ!”
މާން އޭނާއާއި ރިލްވާންގެ ގުޅުމާ އަޅުވާކިޔުން އެއްގޮތަކަށްވެސް ޔޫލީއަށް ކަމަކުނުދިޔައެވެ. އޭނާގެ ދެލޮލުންނާއި ވާހަކަދެއްކި ހަރުކަށި އަޑުން އޭނާގެ ހިތުގައިވީ ނުރުހުމާއި ކެކުޅުން ސާފުކޮށް ފާޅުވެއެވެ.
އެ ހޫނު ބަސްތަކުން މާންގެ ހިތުގައި ވަރަށް ބޮޑަށް ރިއްސާލިއެވެ. ޔޫލީގެ ފަރުވާކުޑަ ރާގުން އޭނާގެ ހިތް ކުދިކުދިވި ކަހަލައެވެ. ނަމަވެސް، އެ ހިތުގައި އުފެދިފައިވާ ހަސަދަވެރިކަމާއި ޝައްކުގެ އަލިފާންގަނޑު، ވަޅުޖެހުމުގެ ބަދަލުގައި އަދިވެސް ހުރީ ހަމަ ތާޒާކަންމަތީގައެވެ.
*****
ޝިފްނާގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމާއި ހާސްކަމެވެ. ހެނދުނުއްސުރެ ހުއްޓުމެއްނެތި ރޮވިފައި ހުރުމުގެ ސަބަބުން އޭނާގެ ދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ.
“ހަލޯ،” ކައިރީގައި ރިންގްވަމުންދިޔަ ފޯނު ނަގައި، ކަންބޮޑުވެފައިވާ އަޑަކުން ޝިފްނާ ޖަވާބުދިނެވެ.
“ޝިފް… ޔޫލީގެ އެއްވެސް ޚަބަރެއްވިތަ؟ އަހަރެން ވަރަށް ކަންބޮނޑުވޭއެބަ. އަހަރެން ކުރާ އެއްވެސް ކޯލަކަށް އޭނާ އެއްގޮތަކަށްވެސް ޖަވާބެއް ނުދެއޭ” ފޯނުގެ އަނެއްކޮޅުން އިވުނީ ރިލްވާންގެ ހާސްވެފައިވާ އަޑެވެ. “އޮފީހުންވެސް މިއަދު އެބުނީ ޔޫލީ ވަޒީފާއިން ވަކިވި ވާހަކަ. ކިހިނެއްތަ މިވަނީ؟ ޝިފްވެސް މިއަދު އޮފީހަކަށް ނާންނަމެއްނު؟” ރިލްވާންގެ ސުވާލުތައް ފުނިފުންޏަށް އަމުނާލިއެވެ.
“އަހަރެން ކުޑަކޮށް ބަލިވެއުޅޭތީ އޮފީހަށް ނުދަނީ…” ޝިފްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ރިލްވާން… ޔޫލީއާއި މިއަދު އަހަރެން ދިމާވި. ރިލްވާންގެ ހިތުގައި ޔޫލީއާ މެދު އެކުވެރިކަން ފިޔަވައި އެހެން އެއްވެސް ކަމެއް ވާނަމަ، ޕްލީޒް އެކަން މިއަދުން މިއަދަށް ހަނދާންނައްތާލާ. ޔޫލީ އިސް މެރިޑް… ޝީ ގޮޓް މެރީޑް ޓު މާން.”
ޔޫލީގެ ސިއްރުވެރި ނިންމުމުގެ ސަބަބުން ޝިފްނާގެ ހިތުގައި ޔޫލީއަށްޓަކައި ޝަކުވާތަކެއް ހުރި ނަމަވެސް، އޭނާގެ ލޮބުވެތި އެކުވެރިޔާއަށް ދެރަގޮތެއް ވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. އެހެންކަމުން، އޭނާ މަސައްކަތްކުރީ ރިލްވާންގެ ހިތް އެހެން ދިމާއަކަށް އަނބުރާލައި، އޭނާއަށް ވިސްނައިދެވޭތޯއެވެ.
“އަސްލުވެސްތަ؟ ގަބޫލުކުރަން ވަރަށް އުނދަގޫ ވާހަކައެއް ތީ… ޝިފްއަށް ހަމަ ޔަގީންތަ؟” ރިލްވާންގެ އަޑުން ކުއްލި ސިހުމަކާއިއެކު، އެއީ ތެދެއްތޯ ކަށަވަރުކުރަން އުޅޭ ފަދަ އާދަޔާޚިލާފު ޝައުގުވެރިކަމެއް ފާޅުވިއެވެ.
ޝިފްނާ ފުރިހަމަ ޔަގީންކަމާއިއެކު އެއީ ތެދެއްކަމަށް ބުނުމުން، ރިލްވާން އިތުރު ވާހަކައެއް ނުދައްކައި އަވަސްއަވަހަށް ފޯނު ބޭއްވިއެވެ. އެއަށްފަހު، ހާސްކަމާއިއެކު އޭނާގެ އިނގިލިތައް ފޯނުގެ ސްކްރީންމަތީގައި ހަލުވިކޮށް ހިންގާލުމަށްފަހު، އަވަސްއަވަހަށް އެހެން މީހަކަށް ގުޅައިލިއެވެ.
*****
ޔޫލީ ގެއަށް ވަނުމުން މާން އަނެއްކާވެސް މިސްރާބުޖެހީ އޭނާގެ އަމިއްލަ އޮފީހަށެވެ.
ރޭގައި ހަމަނިދި ނުލިބުމުގެ އިތުރަށް، މިއަދު އޮފީހުން ކުރިމަތިލާންޖެހުނު ހާސްކަމާއި ސިކުނޑިއަށް ބާރުބޮޑުވި މައުލޫމާތުތަކުގެ ސަބަބުން ޔޫލީގެ ހަށިގަނޑު ވަނީ އިންތިހާއަށް ވަރުބަލިވެފައެވެ. އޭނާގެ ނަފުސު ވަނީ ކުޑަ ވަގުތުކޮޅެއްގެ ހަމަޖެހުމަކަށް ބޭނުންވެފައެވެ. އެހެންކަމުން، އޭނާ ގެއަށް އައި ގޮތަށް ކޮޓަރިއަށް ވަދެ، އެނދުމަތީ އޮށޯވެލިއެވެ. ބަނޑުހައިވެފައިވީ ނަމަވެސް، ހިތްދަތިކަމާއި ފިކުރުތައް ގިނަވުމުގެ ސަބަބުން ކާހިތް މުޅިން ކެނޑިފައިވިއެވެ. އެ ފުން ޚިޔާލުތަކުގެ ތެރޭގައި އޮއްވައި، މާގިނައިރެއް ނުވެ ބަރުވެފައިވާ އޭނާގެ ދެލޮލަށް ނިދި ސަވާރުވެއްޖެއެވެ.
****
ޔޫ ގޮޓް މެރީޑް؟” ހިތްހަމަނުޖެހިފައި ހުރި ޒޯޔާ، ބާރު ހިނގުމެއްގައި މާންގެ ކެބިންއަށް ވަދެ، މޭޒާ އަރާ ހަމަވަމުން ސުވާލުކޮށްލީ އިންތިހާ ދަރަޖައިގެ ހަރުކަށި ރާގަކަށެވެ.
“ވަޓް؟ އިޓްސް ނަން އޮފް ޔުއަރ ބިޒްނަސް…” މާންގެ މޫނުމަތިން ފާޅުވީ ފޫހިކަމެވެ. “ކުރިންވެސް އަހަރެން ބުނިން ޒޯޔާ ގާތު، އޮފީހުން ވަޒީފާ ހަމަޖެހުނު ކަމުގައި ވިޔަސް، އަހަރެންގެ ޕަރސަނަލް ލައިފްއިން ދެން ދުވަހަކުވެސް ޒޯޔާއަކަށް ޖާގައެއް ނުލިބޭނެއޭ. އޭގެ މާނައަކީ އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ކޮންމެހެން ޒޯޔާއަށް އެނގޭކަށްވެސް ނުޖެހޭނެއޭ!” ޒޯޔާގެ އަމަލުތަކާއި ބަސްމަގު ހުރިގޮތުން މާން ހުރީ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ.
“މާން ތިހެން ބުނިކަން އެނގެއޭ… އެކަމަކު އަހަރެން މިއީ ހަމަ ރައްޓެއްސަކަށްވެސް ނުވީތަ؟ އެވަރުގެ މީހަކަށްވެސް ހަމަ އަހަރެން ނުވީތަ؟” މާންގެ ހަރުކަށިކަމާއި ރުންކުރުކަމުން ޒޯޔާއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. އޭނާ މާންގެ މޭޒުކައިރިން އަޅާފައި ގޮސް، މާން އިށީންދެ އިން ގޮނޑިކައިރިއަށް ޖެހިލިއެވެ. އަދި ޝަކުވާގެ ރާގަކަށް ސުވާލުތައް ބަންޑުންކޮށްލިއެވެ. “އެކުގައި ހޭދަވި އެތައް އަހަރެއް މާންގެ ހިތުން ފިލައިގެން ދިޔައީތަ؟ އަހަންނަށް އަންގާލެވުނީސް ދޯ؟ ބުނެލުންވެސް ހަމަ މާންއަށް މުހިންމު ނުވީތަ؟ ނޫނީ ތީ ސިއްރު ކައިވެންޏެއްތަ؟”
“އަހަރެންގެ ކައިވެންޏަކީ ދިވެހިރާއްޖޭގެ ކޯޓުން ޝަރުއީ ހުރިހާ މަރުހަލާތަކެއް ނިމިފައިވާ ކައިވެންޏެއް. އެނގެންޖެހޭ ބަޔަކަށް ވިއްޔާ އެކަން އެނގޭނެ. އިތުރަށް އަހަރެން މިކަމުގައި ބުނަންޖެހޭ އެއްޗެއް ނޯންނާނެ،” ގޮނޑިން ތެދުވަމުން، ނަޒަރު ސީދާކޮށްލަމުން މާން ހަރުކަށިކަމާއެކު ބުންޏެވެ. “ޒޯޔާއަކީ އަހަންނަށް އެވަރުގެ މީހެއް ނަމަ، އެކަން މާކުރިންވެސް އެނގުނީސް. ތިޔަ ބުނާ ‘އަހަރުތަކެއްގެ’ ވާހަކަ ޒޯޔާ ދައްކާކަށް ނުޖެހޭނެ. އެ ދުވަސްތަކުގައި އަހަރެން ޒޯޔާއަށް ދެރައެއްދީ ބޭވަފާތެރިވެފައެއް ނުވާނެ. އަހަންނާއި ދުރުވުމަކީ ޒޯޔާގެ އަމިއްލަ ނިންމުން. އެ ނިންމުމަށްވެސް އަހަރެން އިހުތިރާމްކުރިން. މިއަދު އެހެންވީމާ އަހަރެންގެ ދިރިއުޅުމުގެ ކަންކަން ހޯދަން ނޫޅޭ!”
“ނޫން މާން… އަހަރެންގެ ހިތުގައި ތިނޫން މީހަކު ނެތް. ތި ހިތް އަހަންނަށްޓަކައި ހަރު ހިލައަށް ނުހަދާ… ޕްލީޒް،” ޒޯޔާގެ ލޮލުން ކަރުނަ ހިލުނެވެ. އެ އަޑުގައި މަޑު ތުރުތުރެއްވިއެވެ. އޭނާ ކުއްލިއަކަށް މާންގެ ގާތަށް ޖެހިލައި، އޭނާގެ ގައިގައި އޮޅުލައިގަތެވެ.
މާން އެކަހަލަ އަމަލަކަށް ކުޑަކޮށްވެސް ވިސްނާފައި ނެތުމުން، ފައި ބިމުގައި ހަމަކޮށްލަން އުނދަގޫވެ އަރިއަޅާލިއެވެ. އަދި ހަށިގަނޑުގެ ހަމަހިފަހައްޓާލުމަށްޓަކައި ބޭއިޚްތިޔާރުގައި ޒޯޔާގެ އުނަގަނޑުމަތީގައި އަތުން ހިފަހައްޓާލެވުނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި، ކުށްވެރިކަމުގެ އިހްސާސްވެ އަވަސްއަވަހަށް ޒޯޔާ ދުރަށް ކޮއްޕާލިއެވެ.
“ޒޯޔާ! ކިހިނެއްވެގެންތަ ތިއުޅެނީ؟ އަހަރެންނަކީ މީހެއްގެ ފިރިއެކޭ! ދެން ދުވަހަކުވެސް ތިކަހަލަ ކަމެއް ތަކުރާރު ނުކުރާތި” މާންގެ ދެލޮލުން ފެނުނީ ރުޅިވެރިކަމެވެ. އޭނާގެ އަޑުގައި ރުޅިއާއި އެއްވަރަށް ފޫހިކަން އެކުލެވިގެންވިއެވެ. “އަހަންނަށް ބޭވަފާތެރިވެ، އެހެން މީހަކަށްޓަކައި އަހަންނާ ދުރުވީ ހަމަ ޒޯޔާ. ތި ހިތުގައި ޖާގަވީ އަހަންނަށް އެކަނި ނަމަ އެދުވަހު އެހެން ވާނެތަ؟ އެކަމަކު ބުނަން… އެކަމަކާ ހުރެ އަހަރެންގެ ހިތުގައި ޒޯޔާއަކަށް އެއްވެސް ޝަކުވާއެއް، ރުޅިވެރިކަމެއްވެސް ނެތް. ސޯ ޖަސްޓް ސްޓޮޕް ދިސް ޕެތެޓިކް އެކްޓް! އަހަރެންގެ ހިތުގައިވަނީ ހަމައެކަނި ޔޫލީ. އެކަމެއް ދުވަހަކުވެސް ބަދަލެއް ނުވާނެ!”
މާންގެ އެ ހަރުކަށި ޖުމްލަތަކުން ޒޯޔާ މުޅިން ގަނޑުވި ކަހަލައެވެ. މާން އިތުރަށް އެންމެ ސިކުންތަކުވެސް އެތަނުގައި މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މޭޒުމަތީގައި އޮތް އޭނާގެ ފޯނާއި ކާރުގެ ތަޅުދަނޑި ނަގައި، ޒޯޔާއަށް ފަސްދެމުން ބާރު ހިނގުމެއްގައި ކެބިންއިން ނުކުމެގެން ދިޔައެވެ.
*****
ޔޫލީއަށް ހޭލެވުނުއިރު އިރުއޮއްސި، މުޅި މާހައުލު އަނދިރިވެއްޖެއެވެ. ދުވާލު ހަތަރުދަމު ނުކައި ހުރުމުގެ ސަބަބުން އޭނާ ހުރީ އިންތިހާއަށް ބަނޑުހައިވެފައެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް މުޅި ގޭތެރެއަށް ވެރިވެފައިވަނީ ނޭނގޭ ފަދަ ހަމަހިމޭންކަމެކެވެ.
އޭނާ ބަދިގެއަށް ވަދެ، އުދުންމަތީގައި ހުރި ދެ ތެލީގެ މަތި ނަގައި ބަލައިލުމާއިއެކު ލިބުނީ ބޮޑު ހައިރާންކަމެކެވެ. މިއީ ހަމައެކަނި އޭނާގެ ބައްޕައަށް ހާއްސަކޮށްގެން ތައްޔާރުކުރާ ޑައެޓް ކާއެއްޗިއްސެވެ. ގޭގައި އާންމުކޮށް ކައްކާހާ އެއްޗެއްސަށް މިއަދުވީ ކިހިނެއް ހެއްޔެވެ؟
ހިތުގައި އުފެދުނު ސުވާލުތަކާއިއެކު، ބާރު ފިޔަވަޅުތަކެއްގައި އޭނާ މިސްރާބުޖެހީ ގޭގެ ފަހަތުން، ވަކިން ހަދާފައިވާ ހަތަރު ކޮޓަރީގެ ބްލޮކާއި ދިމާއަށެވެ. އެއީ އެގޭގެ މަސައްކަތު މީހުން ދިރިއުޅުމަށް ތައްޔާރުކޮށްފައިވާ ތަނެވެ.
“ޖޯދިޝް!” ގޯތިތެރެއިން ހިނގާފައި ދަނިކޮށް ދުރުން ޖޯދިޝް ފެނުމާއިއެކު، ޔޫލީ އަޑުގެ ނެތްތަނަށް ގޮވައިލިއެވެ. އެ ކުއްލި އަޑަށް ޖޯދިޝް ކުޑަކޮށް ޖެހިލުންވި ނަމަވެސް، އަވަސްއަވަހަށް ކިޔަމަންތެރިކަމާއެކު ޖަވާބުދެމުން ޔޫލީގެ ގާތަށް އައެވެ.
“ކޮބާ މޯނާއާއި ނަންދިނީ؟” ޔޫލީ އަހައިލީ އެގޭގައި ގިނަދުވަސްތަކެއް ވަންދެން އުޅުނު ދެ ކައްކާއިންގެ ވާހަކައެވެ.
“މޭމް ނޭނގެނީތަ؟ އެމީހުން ދަނީނު… ރަށަށް ފޮނުވާލަނީނު. ޓުޑޭ ދަނީ… މާން ބޮސް ބުނަނީނު ބޭނުން ނެތީ، ހުރިހާ އެންމެން ފޮނުވާލަނީ. ޖޯދިޝް އެކަނި ހުންނަނީ…” ޖޯދިޝް އޭނާއަށް އެނގޭ މަދު ދިވެހި ބަސްތަކުން ކިޔައިދިނެވެ.
“ވަޓް؟ ފޮނުވާލީއޭ؟!” ޔޫލީގެ ސިކުނޑި ސުމަކަށް ދިޔައެވެ. “ދެން ކިހިނެއް މިގޭގަ ކައްކަނީ؟ ސާފުކުރާ މީހުންތައްވެސް ފޮނުވާލީ؟ ދެން ކިހިނެއް މިއޮއް ބޮޑު ގޭތެރެއާއި ގޯތިތެރެ ސާފުކުރާނީ؟” ޔޫލީ ހައިރާންވެ އަންތަރީސްވިއެވެ. “އެކަމަކު… ދެން އެހެންވިއްޔާ ކާކު ބައްޕައަށް ކާ އެއްޗެހި ހެދީ؟” ވިސްނުމެއްގެ ތެރޭގައި ހުރެ ޔޫލީ އަހައިލިއެވެ.
“ނާއިލް ބޮސް އެއްޗިސް ކައްކަން ނިއު މީހާ އަންނަނީ. އޭނަ އެއްޗިސް ކައްކާފަ ދަނީ… މާން ބޮސް…”
“އިރުކޮޅުކޮޅާ ކޮން މާން ބޮސްއެއްތަ! ވަރުހުރި ކަމެއް މިއޮތީ ޖެހިފަ” ބަނޑުހައިވެފައި ހުރި ވަރުން ޔޫލީގެ ރުޅިވަނީ ކޮންޓްރޯލުން ނައްޓާފައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި އެނބުރި ގެއަށް ވަނީ ކާއެއްޗަކަށް އޯޑަރުކޮށްލުމުގެ ނިޔަތުގައެވެ.
ކޮޓަރިއަށް ވަދެ، ބެޑްސައިޑް ޓޭބަލްމަތިން ފޯނު ނެގިއިރު ރިލްވާންގެ އެތައް ކޯލްތަކަކާއި މެސެޖްތަކެއް ހުއްޓެވެ. މާބޮޑު ސަމާލުކަމެއް ނެތި، ފޫހިވެފައި އިނދެ ރިލްވާންގެ ވަޓްސްއެޕް ނޮޓިފިކޭޝަނަށް ފިތައިލުމާއިއެކު، ސްކްރީނަށް އެރި ފޮޓޯއިން ޔޫލީގެ ދެލޯ ބޮޑުވެ، ފައިކޮޅުން ބާރު ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ނަފުސު ހަމައަކަށް އަޅުވައިލުމަށްޓަކައި އޭނާ އަވަސްއަވަހަށް ސޯފާ މައްޗަށް ވެއްޓިގަތެވެ.
އެ ފޮޓޯގަނޑަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެއީ މާންއާއި ޒޯޔާއެވެ! މާން ހުރީ މިއަދު އޮފީހަށް ދިޔައިރު ލައިގެން ހުރި ގަދަނޫ ކުލައިގެ ގަމީހުގައެވެ. އެއީ މާންގެ ކެބިންއެވެ. މާންގެ ބާރުގަދަ އަތް ޒޯޔާގެ އުނަގަނޑުގައި ވަށައިލެވިފައިވާއިރު، ޒޯޔާ ހުރީ މާންގެ ގައިގައި ބާރަށް އޮޅުލައިގަނެ، އޭނާގެ ތަނަވަސް މޭގައި މޫނު ފޮރުވާލައިގެންނެވެ. އެ ދެމީހުންގެ ހަށިގަނޑު ފިތި، ތަތްވެފައިވާއިރު، އެ ދެމެދުގައި އެންމެ އިންޗިއެއްގެ ޖާގަވެސް ނެތް ކަހަލައެވެ.
މާންގެ ހިތް އަދިވެސް ވަނީ ޒޯޔާއަށްޓަކައެވެ. އޭނާ ޔޫލީއާ ކައިވެނިކުރީ ފަހެ ކޮން ބޭނުމަކު ހެއްޔެވެ؟ ޔޫލީ ނިކަމެތިކޮށްލަން ހެއްޔެވެ؟
“އަހަރެން މިއީ އޭނާގެ ކުޅޭކުޅޭ ބުދެއް ހެއްޔެވެ؟” ޔޫލީގެ ހިތަށް އެރިއެވެ. މި ކައިވެންޏަކީ ދެ އަހަރު ދުވަހުގެ ވަގުތީ ކައިވެންޏެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް ކައިވެންޏަށް 2 ދުވަސް ނުވެ މާންގެ ފަރާތުން މިކަހަލަ ލަދު ކުޑަ އަމަލެއް ފެނުމުން އޭނާގެ ހިތް ޝަކުވާއިން ފުރުނެވެ. އޭނާއަށް ކުޑަވަރެއްގެ އިހްތިރާމްއެއްވެސް ކުރަން ޖެހޭނެ ނޫން ހުއްޔެވެ؟ މި ގަނޑެއް އޭނާ ގަންނަ އިރު ޔޫލީގެ ފޯނަށް ރިލްވާން ގުޅުމުން އޭނާ އެ ދެއްކީ ކޮން ކުޅިއެއް ހެއްޔެވެ؟ ލޮލުން ފޭދުނު ކަރުނަތިކި ކޯތާފަތްމަތިން ތިރިއަށް ވެއްޓުނުއިރު، އޭނާގެ ހިތުގައިވީ ރުޅިވެރިކަމެވެ. މާންއަށްޓަކައި އޭނާގެ ހިތުގައި އުފެދެމުންދިޔަ ކުޑަކުޑަ އިތުބާރު ނެތިގޮސް ބަދަލުހިފުމުގެ އަލިފާންގަނޑެއް ރޯވެއްޖެއެވެ. އޭނާގެ ހަޔާތާއި ހިތުހުރި ގޮތަކަށް ކުޅެން މާންއަށް ފުރުސަތެއް ނުދޭނެއެވެ.
ހިމޭންކަމާއިއެކު ވިސްނަންއިން ޔޫލީގެ ހިޔާލުތައް ރިލްވާން މި މެސެޖު އޭނާއަށް ފޮނުވަން ދިމާވި ސަބަބަށް ދަތުރުކޮށްލިއެވެ. ޝިފްނާ މިހާ އަވަހަށް އެވާހަކަ ހިއްސާ ކުރީބާވައެވެ. ނޫނީ މާން އޮފީހުގައި އެވާހަކަ ދެއްކީ ހެއްޔެވެ. ކޮންމެގޮތަކުންވިޔަސް އޭނާގެ ކައިވެނީގެ ހަބަރު ނުލިބި ރިލްވާން މިކަހަލަ ފޮޓޯއެއް އޭނާއަށް ފޮނުވުމުގެ ބޭނުމެއް ނޯންނާނެއެވެ. ހިތުގައި އުފެދުނު ޝައްކުތައް ފިލުވުމަށްޓަކައި، އޭނާ އަވަސްއަވަހަށް ރިލްވާންގެ ނަންބަރަށް ގުޅައިލިއެވެ. ފުރަތަމަ ރިންގުން ރިލްވާން އޭނާގެ ކޯލަށް ޖަވާބު ދިނެވެ. އޭނާ ޔޫލީގެ ކޯލަކަށް އިންތިޒާރު ކުރަމުންދިޔަ ފަދައެވެ.
“ޔޫލީ .. ވައި އަރ ޔޫ އިގްނޯރިންގ މީ؟” ރިލްވާން ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ސުވާލުކުރިއެވެ.
“އައި ޖަސްޓް ނީޑަޑް ސަމް ޓައިމް.. ކީއްވެ ފޮނުވި ފޮޓޯއެއް އެއީ؟” ޔޫލީގެ މަގުސަދަކީ ރިލްވާން އެ ފޮޓޯ ފޮނުވީ އެ ހަގީގަތް އެނގިގެންތޯ ބެލުމެވެ.
“އެއީ ޔޫލީގެ ފިރިމީހާވީމަ… ދޮގު ހަދަން ނޫޅޭތި .. ޝިފް އަހަރެން ގާތު ބުނި” ރިލްވާން ޖަވާބު ދިނީ ފަސްޖެހުމެއްނެތިއެވެ.
“ހޫމްމް” އިތުރު އެއްޗެއް ބުނާނެ ހިތަވަރެއް ޔޫލީއަކަށް ނުލިބުނެވެ.
“ކީއްވެ ޔޫލީ؟ ޔޫލީ ފޫހިވާ މީހެއްނޫންތަ އެއީ .. ދެން ކީއްވެ މެރީ ކުރީ؟ ” ރިލްވާންގެ ސުވާލުން ޔޫލީގެ ފާރުވެފައިވާ ހިތަށް އިތުރަށް ތަދުވިއެވެ.
“ތި ސުވާލުތަކުގެ ޖަވާބެއް އަހަރެން އަތަކު ނެތް.” މަޑުމޮޅި ރާގަކަށް ޔޫލީ ބުނެލިއެވެ.
“އޯކޭ.. ލީވް ދެޑް.. އަހަރެންނަކީ އަދިވެސް ޔޫލީގެ ރައްޓެއްސެއް ކަމަށް ގަބޫލުކުރަންތަ؟” ރިލްވާން އޭނާގެ އަސްލު މަގުސަދާއި ދިމާއަށް މިސްރާބު އަނބުރާލިއެވެ.
“ކީއްވެ ނުކުރަންވީ؟ ރިލްވާންއަކީ އަހަރެން އެ އޮފީހުގައި އުޅުނު އިރު އަހަރެންނަށް އެންމެ އެހީތެރިކަން ފޯރުކޮށްދިން މީހާ.. ” ޔޫލީ ތެދުވެރިކަމާއިއެކު ޖަވާބު ދިނެވެ.
ރިލްވާންގެ އެ ބަސްތަކުން ޔޫލީގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނެވެ. މިފަދަ އެކަނިވެރި ދަނޑިވަޅެއްގައި އެކުވެރިއަކު ހުރިކަމުގެ އިހުސާސް ކުރެވުމުންނެވެ.
“ޔޫލީ، އަހަރެން މިހުރީ ހަމަ އެގޮތުގައި… ޔޫލީއަށް ދެރައެއްވާން އަހަރެން ދުވަހަކުވެސް ނޭދެން… އެހެންވީމާ… މާންއާ ދޭތެރޭ ވިސްނައިގެން އުޅޭތި…. އޭނާއަކީ ޔޫލީ ހީކުރާ ކަހަލަ މީހެއް ނޫން” ރިލްވާންގެ އަޑުގައިވީ އޯގާތެރިކަމެވެ.
“ތޭންކްސް ރިލްވާން…” ޔޫލީ މަޑުމަޑުން ބުނެލިއެވެ.
“އޯކޭ، ދެން ބާއްވަނީ… ފަހުން ގުޅާނަން” ރިލްވާން ފޯނު ކަނޑާލިއެވެ.
ޔޫލީ ފުން ނޭވާއެއް ދޫކޮށްލަމުން ދެލޯ މަރާލައި، ސޯފާގެ އަތްގަނޑުގައި ބޯއަޅާލަމުން ހަމަޖެހިލަން މަސައްކަތްކުރިއެވެ. ނަމަވެސް، އެ ހަމަހިމޭންކަން ދެމިގެންދިޔައީ އެންމެ ސިކުންތުކޮޅަކަށެވެ.
***ނުނިމޭ***
ތިޔަ ބޭފުޅުންގެ ހިޔާލު ކޮމެންޓްގައި ހިއްސާކޮށްލަދެއްވާ.💬✨
ވާހަކައިގެ މި ބައިވެސް ކަމުދިޔަކަމަށް އުންމީދުކުރަން.
ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ.
-ވިޝް-


