ނޭދެން ވަކިވާކަށް 24 ވަނަ ބައި
“ތޭންކްސް ރިލްވާން…” ޔޫލީ މަޑުމަޑުން ބުނެލިއެވެ.
“އޯކޭ، ދެން ބާއްވަނީ… ފަހުން ގުޅާނަން” ރިލްވާން ފޯނު ކަނޑާލިއެވެ.
ޔޫލީ ފުން ނޭވާއެއް ދޫކޮށްލަމުން ދެލޯ މަރާލައި، ސޯފާގެ އަތްގަނޑުގައި ބޯއަޅާލަމުން ހަމަޖެހިލަން މަސައްކަތްކުރިއެވެ. ނަމަވެސް، އެ ހަމަހިމޭންކަން ދެމިގެންދިޔައީ އެންމެ ސިކުންތުކޮޅަކަށެވެ.
ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެން އައި މާން ފެނުމުން ޔޫލީގެ ލޭ ކެކިގަތެވެ. މޫނުމަތީގެ ކުލަވަރު އެކަމަށް ހެކިދެމުންދިޔައިރު، އޭނާ ދަތްކުނޑިވިކައި ބާރުކޮށްލިއެވެ. އޭރު ހާސްކަމާއިއެކު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. ނަފްސު ހަމައަކަށް އަޅުވައި، ހިތަށް ވެރިވެފައިވާ ގަދަ ރުޅިގަނޑު ކޮންޓްރޯލްކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، މިފަހަރު އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
“މިހިރަ ނުލަފާ ފުރޭތަގަނޑާ!” ސޯފާގައި ބާއްވާފައި އޮތް ކުޝަން ނަގައި މާންއާ ދިމާއަށް ހޫރައިލަމުން ޔޫލީ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.
“މިހާރު ކިހިނެއްވީ؟” ޔޫލީ އެއްލި ކުޝަން ހުޝިޔާރުކަމާއެކު އަތުން ހިފަހައްޓައިލަމުން މާން އަހައިލިއެވެ. ޔޫލީގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުންނާއި، އޭނާގެ އެ ކުއްލި ހަމަލާއިން މާން ހުރީ ކުޑަކޮށް ހައިރާންވެ، ވާނުވާ ނޭނގިފައެވެ.
“އެކައްޗެއްވެސް އެނގޭ ކަމަށް ނުހަދާތި! މިއަދު މިގޭގައި އަރުން އެތެރެ ވާ ކަހަލަ ކާ އެއްޗެއްހުރީ އެއްނޫން … ހިތުހުރިހާ ގޮތަކަށް ނުޖެހޭ ކަންކަން ކުރާކަށް… އަހަންނަށް ހެވޭ ކަލޭ ކޮންމެ ގޮތަކަށް އުޅުނަސް ކޮންމެހެން އަހަރެންނަށް ޖެއްސުން ކުރާކަށް ނުޖެހޭ” ޔޫލީ އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އޭނާގެ ރުޅި އިމުން ނެއްޓުނު އަސްލު ސަބަބު ހާމަކުރާކަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެއީ މާންގެ އަމިއްލަ ކަމެކެވެ. މި ކައިވެންޏަކީ ހަމައެކަނި ކަރުދާހުގައި އޮތް ނަމެއްކަން އޭނާއަށް މާ ރަނގަޅަށްވެސް އެނގެއެވެ. އެހެންކަމުން އެ ވާހަކަ ދައްކައިގެން މާންގެ ކުރިމަތީގައި އަމިއްލައަށް ލަދުގަންނާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“ތިހާ ބޮޑަށް ރުޅިއައީ އެކަމާތަ؟ އެއީ އަހަރެން ޔޫލީއަށް ޖެއްސުންކުރަން ކުރި ކަމެއް ނޫން” މާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ” މިވަގުތު ދިހަ ބާރަ މީހުން އެއްކަމެއް ކުރަން މިގޭގަ ބެހެއްޓުމަކީ ވަރަށް ބޭކާރު ހަރަދެއް.. ޔޫލީއަށް ހަމަ ރަގަނޅަށް އެނގޭނެ ނާއިލްގެ ވިޔަފާރިން އޭނާގެ މުއައްޒަފުންނަށް ސެލެރީވެސް ނުދެވޭތާ ދެމަސްވެގެންދިޔައީ… މިގޭގައި ތިބި މަސައްކަތު މީހުނަށް ފަސް މަސްވެފައިވީ ސެލެރީ ނުދެވޭތާ.. ނާއިލްގެ ކަންކަން ބަލަހައްޓާ އޭނާއަށް އަޅާލުމަށް އަހަރެން މީހަކު ގެނައިން، ނާއިލްއަށް ސްޕެޝަލް ނަރސް އެއް ހަމަޖައްސާފަ ހުންނާނެ … ޖޯދިޝް ހުންނާނެ ނާއިލް ނޫނީ ޔޫލީވެސް އަހަރެން ނެތް ވަގުތަކު ތާކަށް ދާން ޖެހިއްޖެއްޔާ.. ނާއިލްއަށް ކެވޭ ގޮތަށް ކައްކަން ވެސް މީހަކު އަންނާނެ.. ދެން ކޮބާތަ އަހަރެން މީގަ ގޯސްކޮށް، ޔޫލީއަށް ޖެއްސުން ކުރަން ކުރި ކަމެއް؟”
އޮފީހުގައި ޒޯޔާގެ ސަބަބުން ކުރިމަތިލާންޖެހުނު އުނދަގޫ ކަންތައްގަނޑުން މާންގެ މޫޑު ކުރިންވެސް ވަނީ ގޯސްވެފައެވެ. އެހެން ހުއްޓާ ޔޫލީގެ މި ހަރުކަށި އަމަލުން އޭނާގެ މުޅި ތަބީއަތު އިތުރަށް ގޯސްވިއެވެ. އޭނާގެ އަޑުގައިވި ފޫހިކަން އެކަމުގެ ހެއްކަކަށް ފުދެއެވެ.
“ދެން އަހަރެން ހުންނަންވީ ބަނޑަށްތަ؟ މި ގޭތެރެއާއި ގޯތިތެރެ ކުނިގޮނޑެއްހެންތަ ބާއްވަންވީ؟” ޔޫލީ އެހާ ފަސޭހައިން ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.
“ކޮންމެ ހަފްތާއަކު ގޭތެރެއާއި ގޯތިތެރެ ސާފުކުރަން މީހަކު އަންނާނެ … ކޮންމެ ދުވަހަކު ޔޫލީއަށްވެސް ކޮޓަރިތެރެ ކުނިކަހާލާ ހެދެންވާނެ.. ނާއިލްގެ ކަންކަމަށް ހަމަ ޖައްސާފައި ހުރި މީހާ ނާއިލްގެ ކޮޓަރި ފޮޅާ ސާފުކުރާނެ… ދެން އޮތް ކަންތައް؟ ކީއްވެޔޯ ޔޫލީ ބަނޑަށް ހުންނަން ޖެހުނީ؟ ގޭގަ ހުންނަންވާނެ ކައްކަން ބޭނުންވާނެ ހުރިހާ ސާމާނެއް….”
“ވަޓް؟ އަހަރެން ކުނިކަހަންވީ؟ ކައްކަންވީ؟ ކިހާ ދެރަކަމެއްދެން މީ! މާން ޖެހޭނެ ދޯ އަހަރެންގެ ކަންކަން ހަމަޖައްސައިދޭން… ތީ އަހަރެންގެ ފިރިމީހާއޭ!” މާންގެ ވާހަކަތަކުން ޔޫލީގެ ބޯގޮވާވަރުވިއެވެ. އެއީ އޭނާގެ މުޅި ހަޔާތުގައިވެސް ދުވަހަކުވެސް ކުރި ކަންކަމެއް ނޫނެވެ. އޭނާގެ ހިތަށްއެރިއެވެ. ‘މި ޖެހުނީ ކޮންފަދަ ބޮޑު ދަންތޫރައެއް ހެއްޔެވެ؟’
“އަހަރެން މިއީ ޔޫލީގެ ފިރިމީހާ ކަމަށް ޔޫލީ ހަމަ ގަބޫލުކުރަންތަ؟” މާން އަހައިލީ ވަރަށް މަޑުމަޑުން، ޔޫލީގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ.
“ގަބޫލުކުރިޔަސް ނުކުރިޔަސް… އެކަން އޮތީ އެހެންނެއްނު؟” ޔޫލީއަށް ބުނެވުނު އެއްޗެއް ރޭކާލުމުން، އަވަހަށް އެ ދެއްކުނު ވާހަކައިން ރެކެން އުޅުނެވެ. “ކައްކާކަށް އަހަންނަކަށް ނޭނގެއޭ… ބަނޑުހައިވެގެން މިހާރު އަހަރެން މަރުވަނީއޭ!”
“ކައްކަން ދަސްކުރީމާ އެކަންވެސް ހައްލުވީނު… އެކަމަކު މިއަދު ތިހާ ބަނޑުހައިވެފައި ހުރީމާ، އަހަރެން ކައްކަފާނަން” ޔޫލީގެ މޫނުމަތިންނާއި އަމަލުތަކުން ފެނުނު އެ ޅަކަމުން، މާންގެ ހިތުގައިވީ ފޫހިކަން ފިލައި، ތަބީއަތު މުޅިން ހަމައަކަށް އެޅުނެވެ.
މާން އެހެން ބުނެފައި، އޭނާގެ ފޮށި ތެރެއިން އޭނާ ގޭގައި އުޅޭއިރު ލާ ޓީޝާޓް އަކާއި ބޮޑު ސޯޓެއް ހިފައިގެން ފާހާނާއާއި ދިމާއަށް ހިނގައިގަތީ ޔޫލީއަށް ފަސްދެމުންނެވެ.
މާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ޔޫލީގެ ހިތުގެ ތެޅުން އަވަސްވިއެވެ. މާންގެ އެ އޯގާތެރި، މަޑުމައިތިރި ބަސްތަކުން އޭނާގެ ހިތް ކުޑަކޮށް މަޑުވި ނަމަވެސް، ހަމަ އެ ސިކުންތުގައި ފޯނުން ފެނުނު ފޮޓޯގަނޑު އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވި ކަހަލައެވެ. ޒޯޔާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި މާންއެވެ!
ޔޫލީ އެނދުމަތީގައި އޮތް ފޯނަށް ބަލައިލިއެވެ. މާންގެ މި ފެންނަ އޯގާތެރިކަމަކީ ހަމައެކަނި ދެއްކުންތެރިކަމެއް ހެއްޔެވެ؟ މާންގެ ހިތް ވަނީ އެހެން އަންހެނަކަށް ދެވިފައެވެ. ޔޫލީގެ ހިތުގައި އުފެދުނު ރިހުމާއި ނަފުރަތުގެ ތެރެއިން އޭނާ އަޒުމު ކަނޑައެޅިއެވެ. މާންގެ އެއްވެސް ހީލަތްތެރި އަމަލެއްގައި އޭނާ ދުވަހަކުވެސް ނުޖެހޭނެއެވެ.
*****
ޝިފްނާގެ ސިކުނޑި ބަރުވެފައިވަނީ ވިސްނެމުންދިޔަ މަސްހުނި ޚިޔާލުތަކުންނެވެ. އޭނާ އަދިވެސް އޮތީ އެނދުމަތީގައެވެ. ފެހި ކުލައިގެ އާދައިގެ ކުޑަ ނިދާ ބޮކިން މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ ފަނޑު ފަނޑު، ކަންނެތް އަލިކަމެކެވެ. ފޯނު އަތުން ހިފަހައްޓާލައިގެން އޮތްއިރު، އޭގެ ސްކްރީނުން ފެންނަން ހުރީ ޔޫލީއާއިއެކު އޭނާ ނަގާފައިވާ އުފާވެރި ހަނދާންތަކުން ފުރިގެންވީ ފޮޓޯގަނޑެކެވެ. ޝިފްނާގެ ދެލޯ ރަތްވެފައިވާއިރު، އެ ލޮލުން މިހާރުވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.
ފޯނުގެ ބާރު ރިންގުގެ އަޑުން އެ ހަމަހިމޭން ފޫހި މާހައުލަށް ދިރުންއައި ކަހަލައެވެ. ކަރުނައިގެ ތެރެއިން ޝިފްނާ ހިނިތުންވެލިއިރު، އެ ހުނިތުންވުމުން އޭނާގެ ލޮލަށް ވެސް ތަފާތު ދިރުމަށް ގެނެސްދިނެވެ.
“ހަލޯ ޝިފޫ… އަރ ޔޫ އޯކޭ؟ އެއްޗެއް ކައިފިންތަ؟” ފޯނުގެ އަނެއްކޮޅުން އިވުނު މާހިންގެ އަޑުގައިވީ ހިތްހެޔޮކަމާއި އަޅާލުމެވެ.
“ނުކަން… ކާހިތެއް ނެތް” މަޑުމޮޅި، ވަރުބަލި ރާގަކަށް ޝިފްނާ ޖަވާބުދިނެވެ.
“އެހެން ކަމަކު ނުދާނެ. އަވަހަށް އެއްޗެއް ކެވޭތޯ އުޅޭ. ނޫނީ ހިނގާ އަހަންނާއިއެކު ތާކަށް ގޮސް ކާން” މާހިން އޯގާތެރިކަމާއެކު ބާރުއެޅިއެވެ.
“ނޮޓް ނައު” ޝިފްނާގެ ޖަވާބު މިފަހަރުވެސް ކުރެވެ.
“ކިހިނެއްވީތަ؟ އަދިވެސް އެކަމާ ވިސްނަނީދޯ؟ އަހަރެން ބުނި ގޮތަށް އަޅެ ހަދާބަލަ” މާހިން އަވަސް ރާގަކަށް ބުނެލިއެވެ.
“ހޫމްމް… ވިސްނޭ ވަރަށް. އެންޑް… މާހިން ބުނީ ތެދަކަށްވެސް ވެދާނެ. އައި ވިލް ކޯލް ހަރ ޓުނައިޓް” ޝިފްނާގެ އަޑުން މިފަހަރު ފާޅުވީ ގޮތެއް ނިންމާފައިވާ ފަދަ ސާބިތުކަމެކެވެ.
“ދެން ތިވީނު! އެކަންވެސް ހައްލުވާނެ. ދޭބަލަ ދެން ކާން… އައި ވިލް ކޯލް ޔޫ ލޭޓަރ.”
މާހިން ފޯނު ބޭއްވުމުން، ޝިފްނާ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތެވެ. އޭނާގެ ހިތް ބާރަށް ތަޅެމުންދިޔައެވެ. ޖެހިލުންވުންތައް އެއްފަރާތްކޮށްލުމަށްފަހު، އޭނާ ޔޫލީގެ ނަންބަރަށް ގުޅައިލިއެވެ.
ފޯނަށް ޖަވާބުދިނުން ލަސްވަމުންދިއުމުގެ ސަބަބުން ޝިފްނާގެ ހާސްކަމާއި ނުތަނަވަސްކަން އިތުރުވިއެވެ. ޔޫލީ އޭނާދެކެ ރުޅިއައިސްގެން ފޯނު ނަގަން ބޭނުންނުވަނީއޭ ހީވެ، މާޔޫސްކަމާއިއެކު ފޯނު ކަނޑައިލަން އަތް ހަރަކާތްކޮށްލި ވަގުތު ކަންފަތުގައި ޖެހުނީ ރޫހެއް ދިރުމެއް ނެތް ފަދަ މަޑުމައިތިރި އަޑެކެވެ.
“ހަލޯ… ޝިފް،” ޔޫލީގެ އަޑު އިވުނެވެ.
“ޔޫ… އަހަރެން…” ކަންފަތުގައި އަނެއްކާވެސް ފޯނު ޖައްސާލަމުން ޝިފްނާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. ހިތަށް ވެރިވި ޖަޒުބާތުތައް ކޮންޓްރޯލް ނުވެ، އޭނާގެ ދެލޯ ފެންކަޅިވިއެވެ. އަރު ބެދި، ކަރުބުޑުން އަޑު ބޭރުވުން އުނދަގޫވުމުގެ ސަބަބުން ފުރިހަމަ ޖުމްލައެއް ބުނެވޭ ގޮތެއް ނުވިއެވެ.
“ޝިފް… ރޮނީތަ؟ އަޅެ ‘އައި އެމް ސޯ ސޮރީ’ އޭ… ޝިފްއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ. އެއީ ޝިފްއާ ދުރުވާކަށް ނޫން… ‘ބަޓް އައި ނީޑަޑް ސަމް ޓައިމް އަވޭ ފްރޮމް ރިއަލިޓީ’ ” އެކުވެރިޔާގެ ގިސްލުމުގެ އަޑުން ޔޫލީގެ ހިތަށް އަސަރުކުރިއެވެ. އޭނާ ދެރަވެފައިވާ ރާގަކަށް ޝިފްނާ މަސަލަސްކުރެވޭތޯ އުޅުނެވެ.
“އައި ކޭން އަންޑަސްޓޭންޑް… އައި އެމް ސޮރީ ޔޫ” ޝިފްނާ ކަރުނަތައް ހިފަހައްޓާލަމުން މަޑުމަޑުން ބުނެލިއެވެ. އޭނާއަށް ޔޫލީގެ ހާލަތު ކޮންމެވެސް ވަރަކަށް އިހުސާސްކުރެވުނީ ކަމަށްވެސް ވެދާނެއެވެ.
“ދިމާވާންވާނެ… ލަވް ޔޫ ބެސްޓީ” ސިޑިން ފައިބައިގެންއައި ޔޫލީ ފޯނުކޯލު ކުރުކޮށްލީ، ބަދިގޭގައި އަވަދިނެތި ކެއްކުމުގެ ކަންކަމުގައި އުޅެމުންދިޔަ މާން ފެނުމުންނެވެ.
ސިޑީގެ އެންމެ ފަހު ހަރުފަތުން ފައިބައިގެން ޔޫލީ މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ. ގޭގެ އެހެން ބައިތަކެކޭވެސް އެއްފަދައިން ބަދިގެއަކީވެސް ޒަމާނީ ފެންވަރަށް، ފަންނުވެރިކަމާއިއެކު ފަރުމާކޮށްފައިވާ ތަނެކެވެ. ހުދުކުލައިގެ މާބްލް ކައުންޓަރޓޮޕާއި، ފާރުގައި ހަރުކޮށްފައިވާ ކަޅު ބިއްލޫރީގެ “ސްމާޓް” ބަދިގެ ސާމާނުތަކުން މުޅި މާހައުލަށް ގެނެސްދެނީ އަޖައިބު ކުރަނިވި ފުރިހަމަ ކަމެކެވެ. މެދުގައިވާ ބޮޑު އައިލެންޑް ކައުންޓަރުގެ މަތީގައިވާ ތާޒާ ހާބްސްތަކާއި ހަވާދުގެ ވަހުން މުޅި ބަދިގެތެރެ ވަނީ އެއްވަސްވެފައެވެ.
މާން ހުރީ އައިލެންޑް ކައުންޓަރު ކައިރީގައި، ކައްކަމުންދިޔަ ޗިކަން ޕާސްތާގެ ސޯސްގަނޑު ހަލުވައިލާށެވެ. އޭގެ މީރުވަސް މުޅި ބަދިގެތެރެއަށް ފެތުރިފައިވާއިރު، އެ ވަހުން އެކަނިވެސް ބަނޑުހައިވެފައި ހުރި ޔޫލީގެ އަރުން ކުޅުދިޔާވިއެވެ. ނަމަވެސް، މޫނުމަތިން އެކަން ނުދެއްކުމަށް އޭނާ ބާރަށް ކަރުކެހިލިއެވެ.
“އަދިވެސް ނުނިމޭތަ؟ ކޮންފަދަ ސްލޯރ މީހެއް! އަހަރެން ބަނޑުހައިވެގެން މަރުވަނީއޭ” ޔޫލީ އައިސް ކައުންޓަރުގެ އަނެއް ފަރާތުގައި ހުރި ހައި-ސްޓޫލް ގޮނޑިއެއްގައި ޖެހިގަންނަމުން، ފޫހި ރާގަކަށް ބުނެލިއެވެ. “ދެން ތި ކައްކާ އެއްޗެއްގެ ވަހުން ހީވަނީ ދިރުވާލަންވެސް އުނދަގޫ ވާނެހެން”
މާން ތަވާގެ ތެރެއަށް ޕާސްތާކޮޅު އޮއްސާލަމުން، ފަސްއެނބުރި ޔޫލީއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުގައިވީ ގޮތްދޫނުކުރުމުގެ ކުލަވަރެކެވެ. “ދިރުވަން އުނދަގޫވާނެހެން ހީވަންޏާ، ކާން ނުވިސްނާ މިތަނުން ދިޔަސް އެންމެ ރަނގަޅު. އަހަރެން މިއީ ޔޫލީ ބޭނުންވާއިރަށް ކާއެއްޗެހި ތައްޔާރުކޮށްފައި ސާވްކުރަން ހުންނަ ސާވަންޓެއް ނޫނެއްނު”
“މާން! އަމިއްލައަށް އެއްޗެއް ކައްކާނަމޭ ބުނީމާ އަހަރެން މިތަނަށް މިއައީ. ނޫންނަމަ ތި ފޮނި މީހާ ކައްކާ އެއްޗެއްގެ ރަހަ ބަލާކަށްވެސް އަހަރެން ކޮންމެހެން ބޭނުމެއް ނޫން” ޔޫލީ އަތްއުރާލަމުން މޫނު އަނބުރާލިއެވެ.
މާން ކައުންޓަރުމަތީގައި ހުރި ތާޒާ ޕާމެސާން ޗީޒް ގަނޑާއި ގާނާއެތި ޔޫލީގެ ކުރިމައްޗަށް ޖައްސާލިއެވެ. “ކާން ބޭނުންނަމަ، މި ޗީޒްކޮޅު ގާނާލަދީ. މަސައްކަތެއް ނުކޮށް މި ތަށިން އެންމެ ސަމުސަލެއްވެސް ލިބޭނެ ކަމަށް ހީނުކުރާތި”
ޔޫލީ ރުޅިއައިސްގެން މާންއާއި ދިމާއަށް ބަލައިލިއެވެ. މާން ހުރީ އޭނާއަށް އެންމެ ތަންފުކެއްވެސް ދޫދޭ ގޮތަކަށް ނޫނެވެ. އޭނާ ހުރީ ޔޫލީގެ މޫނަށް ސީދާ ބަލަހައްޓައިގެންނެވެ. އޭނާ ހުރީ ޔޫލީ ކުރާނެ ކަމަކަށް ބަލާށެވެ.
ޔޫލީ ދަތްކުނޑިވިކައިލަމުން ބާރަށް ގާނާ އަތަށް ނެގިއެވެ. “ކަލޭ ތިއީ ހާދަ ފޫހި، އުނދަގޫބޮޑު ފުރޭތަގަނޑެކޭ!” އޭނާ ޗީޒްގަނޑު ގާނަން ފެށީ މާންއާއި ދިމާއަށް ލޯ އަޅަމުން، އޭނާގެ ހިތުގައިވީ ހުރިހާ ރުޅިއެއް އެ ޗީޒްގަނޑަށް ބާލަމުންނެވެ. މާން ހުރީ އޭނާގެ ހަރަކާތްތަކަށް ބަލަން ތުންފަތްމައްޗަށް ވެރިވި ކުޑަ ހިނިތުންވުމަކާއިއެކުގައެވެ. ޗީޒްކޮޅު ގާނައި ނިމުމުން، ޔޫލީ ގާނާއެތި މޭޒުމައްޗަށް އެއްލާލި ކަހަލަ ގޮތަކަށް ބެހެއްޓިއެވެ.
މާން ހަމަޖެހިލައިގެން ހުރެ، ތައްޔާރުކުރި ޕާސްތާ ދެ ތަށްޓަށް އަޅާ، ޔޫލީ ގާނައިދިން ޗީޒްކޮޅު އޭގެ މައްޗަށް ބުރުވާލިއެވެ. އަދި އޭގެއިން ތަށްޓެއް ޔޫލީގެ ކުރިމައްޗަށް ޖައްސާލުމަށްފަހު، އަނެއް ތަށި ހިފައިގެން އައިސް ޔޫލީގެ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
ޔޫލީ އޫ ނަގައި، މަޑުމަޑުން ޕާސްތާކޮޅެއް އަނގައަށްލިއެވެ. އެ ސިކުންތުގައި އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކްރީމީ ސޯސްގަނޑާއި، ޗިކަން އަދި ޗީޒްގެ ރަހަ އެކުވެގެން އުފެދިފައިވާ މީރުކަން ދުލުގައި ހަރުލުމާއިއެކު، ހިތާއިހިތުން މާންގެ ކެއްކުމަށް އިންތިހާއަށް ތައުރީފުކޮށްލެވުނެވެ. މިއީ އޭނާ މިހާތަނަށް ކޭ އެންމެ މީރު އެއް ޕާސްތާއެވެ! މާންއަށް އެކަން އެނގުނަނުދިނުމަށްޓަކައި، މޫނުމަތިން އެއްވެސް އަސަރެއް ނުދައްކައި، އާދައިގެ ގޮތެއް މޫނުން ދައްކަމުން ކެއުން ކުރިއަށް ގެންދިޔައެވެ.
ކަމުންދިޔައިރު ބަދިގެތެރެއަށް ވެރިވެފައިވަނީ ބަރުދާސްތުކުރަން އުނދަގޫ ހަމަހިމޭންކަމެކެވެ. ދެމީހުންގެ މެދުގައި މަޑުމަޑުން ނުތަނަވަސްކަމެއް އުފެދެން ފެށިއެވެ.
ޔޫލީގެ ސިކުނޑިން ރިލްވާން ފޮނުވި ފޮޓޯގަނޑުގެ ހަނދާންތަކެއް ނުފިލައެވެ. އޭނާ ސިއްރުސިއްރުން މާންގެ މޫނަށް ބަލައިލިއެވެ. ‘މި ފުރޭތައަށް މީރުކޮށް ކައްކަންވެސް އެނގޭތާއެވެ. މީނާއަށް ކުރަން ނޭނގޭ ކަމަކީ އެހެންވީމާ ތެދުވެރިވުން އެކަންޏެވެ.’ ޔޫލީގެ ހިތުގައި ވިއެވެ. މާން އިނީ އިސްޖަހާލައިގެން ކާށެވެ. ‘އޭނާގެ އެ ދެއްކުންތެރިކަމުގެ ފަހަތުގައިވަނީ ކޮންފަދަ ސިއްރުތަކެއް ބާވައެވެ؟’ މާންގެ އަޅާލުމާއި އެ އޯގާތެރިކަމަކީ އޭނާ ދައްކާ ދަޅައެއްކަމަށް ޔޫލީ ވަނީ ނިންމާފައެވެ.
މާންއަށް ޔޫލީ ބަލަން އިންކަން އިހުސާސްކުރެވިގެން ކުއްލިއަކަށް އިސްއުފުލާލާ ޔޫލީގެ ދެލޮލަށް ސީދާ ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު، ޔޫލީގެ ހިތުގެ ތެޅުން އަވަސްވެ، މުޅި މާހައުލުގެ ވައި ބަރުވެގެންދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.
ޔޫލީ އަވަސްއަވަހަށް އިސްޖަހައިލަމުން، އޭނާގެ ހިތުގެ ތެޅުން ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. އެ ބަރުހެލި ހަމަހިމޭންކަން މުގުރައިލީ މާންގެ ފޯނަށް އައި މެސެޖް ރިންގުގެ އަޑުންނެވެ.
މާން ކައުންޓަރުމަތީގައި އޮތް ފޯނު ނަގައި، ސްކްރީނަށް ބަލައިލިއެވެ. އެއާއެކު އޭނާގެ މޫނުމަތީގައިވި ހަމަޖެހުން މުޅިން ގެއްލި، މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އޭނާ ކުއްލިއަކަށް ގޮނޑިން ތެދުވެ، ޔޫލީއަށް ބަލައިލުމެއް ނެތި ބަދިގެއިން ނިކުންނަން ހިނގައިގަތެވެ.
“އަހަރެން ބޭރަށްދާން ޖެހިއްޖެ… ކައި ނިމިގެން ތަށިތައް ދޮންނާތި” މާންގެ އަޑުގައި ؟ކުރިން ހުރި އޯގާތެރިކަމެއް ނެތެވެ. އެ އަޑުގައިވީ ހާސްކަމާއި ސިއްރުވެރިކަމެވެ. އޭނާ ފަސްއެނބުރި ބަލައިވެސް ނުލައި، ބާރު ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ބޭރު ދޮރުން ނުކުމެގެން ދިޔައެވެ.
މިހާ ދަން ވަގުތެއްގައި މާން އެދިޔައީ ކޮންތާކަށް ބާވައެވެ؟ ޔޫލީގެ ހިތުގައި ސުވާލުތައް ފުނިޖެހެން ފެށިއެވެ. އޭނާ ކާންއިން އޫ ތަށީތެރެއަށް ދޫކޮށްލަމުން، ކޮޓަރިއަށް ދިއުމަށްޓަކައި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ތަށިތައް ދޮވުމަށް މާންބުނި ޖުމްލަ ހަނދާންހުރިހެނެއް ހިއެއް ނުވެއެވެ.
ނަމަވެސް، ސިޑިން އަރަން އުޅުނު ޔޫލީގެ ފޯނަށް ކުއްލިއަކަށް މެސެޖެއް އައެވެ. އޭނާ އަވަސްއަވަހަށް މެސެޖު ބަލައިލިއެވެ.
“ޔޫލީ! އަހަރެން މިހުރީ ޔޫލީމެންގެ ގޭ މަގުގެކޮޅުގައި ހުރި ރެސްޓޯރެންޓެއްގައި. މާން ދެންމެ އެއައީ މިތަނަށް. އޭނާ އެއައީ ކާކާ ބައްދަލުކުރަންކަން އެނގޭތަ؟ ޒޯޔާއާ! ޔޫލީ… މާން މި ކައިވެނިކުރީ ޔޫލީއަށް ހެޔޮއެދިގެންނެއް ނޫން. އޭނާގެ އަސްލު ރޭވުން އަހަންނަށް އެނގިއްޖެ. އަވަހަށް މިތަނަށް އާދޭ!”
ރިލްވާންގެ އެ މެސެޖުން ޔޫލީގެ ހިތް ބާރުބާރަށް ތެޅިގަތެވެ. މާންގެ ސިއްރުތައް އަމިއްލަ ލޮލުން ދެކޭން އޭނާގެ ހިތް އެދެމުންދިޔައެވެ. އޭނާ އިތުރަށް ވިސްނާކަށް މަޑެއް ނުކުރިއެވެ. ގޭގެ ބޭރު ދޮރު ހުޅުވައިލާ، ކަޅު އަނދިރި ރޭގަނޑުގެ ތެރެއަށް ނުކުތެވެ.
ރެސްޓޯރެންޓުގެ އަލިތައް ދުރުން ފެންނަމުންދިޔައިރު، ޔޫލީ ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް ހިނގަމުންދިޔައެވެ. ވައިރޯޅިތައް ބާރުވަމުންދިޔަ ވަރަކަށް އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަންވެސް ދިޔައީ އިތުރުވަމުންނެވެ. ރެސްޓޯރެންޓާއި މާ ދުރުނޫން ހިސާބެއްގައި، މަގުބައްތީގެ އަލި ނުފޯރާ ކުޑަކޮށް އަނދިރި ކަނެއްގައި ރިލްވާން ހުއްޓިލައިގެން ހުއްޓެވެ.
“ރިލްވާން…” ޔޫލީ އޭނާ ކައިރިއަށް ގޮސް، ހާސްކަމާއިއެކު އޭނާގެ މޫނަށް ބަލައިލިއެވެ. “ކޮބާ މާން؟ ކޮބާ ޒޯޔާ؟”
“ޔޫލީ… މަޑުކޮށްބަލަ” ރިލްވާން ކުރިއަށް ފިޔަވަޅެއް އަޅައި، ކުއްލިއަކަށް ޔޫލީގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ ނުރައްކާތެރި ކުލަވަރެކެވެ.
ޔޫލީއަށް ވާނުވާ ނޭނގި، ޖެހިލުންވެފައި ހުރެ ފަހަތަށް ޖެހެން އުޅުނު ވަގުތު ރިލްވާން އޭނާގެ އަތުގެ ބާރު ގަދަކޮށްލިއެވެ. ޔޫލީގެ ހަށިގަނޑު ހަރަކާތް ނުކުރެވޭނެހެން އޭނާގެ ދެއަތުން ޔޫލީގެ އުނަގަނޑުގައި ބާރަށް ހިފަހައްޓައި، އޭނާގެ ހަށިގަނޑާ ކައިރިއަށް ދަމައިގަތެވެ. އެ ވަރުގަދަ ހިފެހެއްޓުމުން ސަލާމަތްވާން ޔޫލީ ތެޅިގަތް ވަގުތު، އެއްވެސް އިޒުނައަކާއި ނުލައި، ރިލްވާން ކުއްލިއަކަށް ޔޫލީގެ ތުންފަތަށް ބޮސްދިނެވެ.
ކުއްލި އަވަސް މި ހަރަކާތުގެ ސަބަބުން ޔޫލީގެ ހިތުގައި ނޭންގޭ ބިރެއް އުފެދުނެވެ. މުޅި މީހާ ސިހި، ހަށިގަނޑުގެ ހުރިހާ ބާރެއްލާފައި ރިލްވާންގެ މޭގައި އަތްއަޅައި ކޮއްޕާލަމުން ފަހަތަށް ޖެހުނެވެ. ހާސްވެ ކަންބޮޑުވި ވަރުން އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. ލިބުނު ސިހުމާއި ރުޅިން އޭނާގެ ދެލޮލުން ކަރުނަ ހިލުނެވެ.
އެވަގުތު ޔޫލީގެ ލޮލުގައި އަޅައިގަތީ މަގުގެ އަނެއްފަރާތުގައި އޮތް ކާރެކެވެ. އެއީ މާންގެ ކާރެވެ! ކާރުގެ ބިއްލޫރިގަނޑު ހުރީ ކުޑަކޮށް ތިރިކޮށްފައެވެ. ކާރުގެ އެތެރޭގެ ފަޑު އަނދިރިކަމުގެ ތެރެއިން، މާންގެ އެ ތޫނު ދެލޯ ސީދާ ޔޫލީއަށް އަމާޒުވެފައި ހުއްޓެވެ.
***ނުނިމޭ***
ކިޔުންތެރިންނަށް މިބައިވެސް ކަމުދިޔަކަމަށް އުންމީދުކުރަން… މިއީ ކިޔުންތެރިންނަށް އަޅުގަނޑު ދޫކޮށްލާ ބޯނަސް ޕާރޓްއެއް…
ތިޔަ ކިޔުންތެރިންގެ ހިޔާލާއި ކޮމެންޓް ތަކަކީ އަޅުގަނޑަށް ލިބޭ ހިތްވަރެއް…
އުންމީދުކުރަން ވާހަކަ ކިޔާފަ ކޮމެންޓެއް ކޮށްލާނެކަމަށް…..
ވާހަކަ ކިޔާ ހުރިހާ ކިޔުންތެރިންނަށް ޝުކުރިއްޔާ
-ވިޝް-


