ނޭދެން ވަކިވާކަށް 22 ވަނަ ބައި
“ކާކު ބެލް ޖެހީ؟” ސިޑިން ފައިބައިގެން އެ ދިމާއަށް އައި ޔޫލީގެ ސުވާލުގެ އަޑު އިވުނެވެ.
“ޔޫ.. ވަޓް އިސް ހެޕެނިން.. ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ… ޔޫ ސޭ ދެޓް އައި އެމް ޔުއަރ ބެސްޓް ފްރެންޑް އޭ.. އިސް ދެޓް ހައު ޕީޕަލް ޓްރީޓް ބެސްޓްފްރެންޑްސް..” ޔޫލީ ފެނުމާއިއެކު ޝިފްނާ ޔޫލީއާއި ދިމާއަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ. އެ އަޑުގައިވަނީ ޝަކުވާއެވެ.
“ޝިފް…” ކިރިޔާ އިވޭވަރަށް ޔޫލީގެ ދުލުން އެ ނަން ބޭރުވިއެވެ. އޭނާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އެންމެ ގާތް އެކުވެރިޔާގެ މޫނުން ފެންނަމުންދިޔަ ކަންބޮޑުވުމާއި ޝަކުވާގެ އަސަރުތައް ފެނި، ޔޫލީގެ ހިތް ކުދިކުދިވާ ފަދަ އިހުސާސެއް ކުރެވުނެވެ. ނަމަވެސް، އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާއަށްފަހު، މާންއާއިއެކު ކަންތައްތައް ވެގެންދިޔަ ގޮތް ޝިފްނާއަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟
ޝިފްނާ އައި ގޮތަށް އައިސް ޔޫލީގެ ދެއަތުގައި ހިފާލިއެވެ. އޭނާގެ ދެލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. “އަހަރެން ކިހާވަރަކަށް ގުޅިންތަ ޔޫ؟ އޮފީސްތެރެއިން އެކި ވާހަކަ ދެކެވޭއިރު އަހަރެން ކިހާ ކަންބޮޑުވާނެ…، އަހަރެން މިހުރީ ޔޫލީގެ ދުލުން ހަގީގަތް އަޑުއަހަން ބޭނުންވެފަ… އަހަރެން ހީކުރީ ޔޫ އަށް އަހަރެންނަކީ ވާހަކަ ހިއްސާ ކުރެވޭވަރުގެ މީހެއްކަމަށް… ކީއްވެތަ ސިއްރުކުރީ؟” އަދިވެސް އޭނާގެ ޝަކުވާތަކަށް ނިމުމެއް ނާދެއެވެ.
ޔޫލީއަށް އިސްދަށަށް ޖަހާލެވުނެވެ. އެ ވަގުތު އޭނާގެ ނަޒަރު މާންއަށް ހުއްޓުމުން، ޝިފްނާވެސް އެ ދިމާއަށް ބަލައިލެވުނެވެ. އެތަނުގައި ހުރި މާން ފެނުމާއިއެކު ޝިފްނާގެ ވާހަކަ ކުއްލިއަކަށް މެދުކެނޑުނެވެ. ދޮރު ހުޅުވާލިއިރު މާން ފެނުނު ކަމުގައިވިޔަސް، ޔޫލީ ފެނުމުން ޝިފްނާގެ ސިކުނޑިން އެކަން ކައްސާލީއެވެ. އޭނާގެ ދެލޯ ބޮޑުވެ، ހައިރާންކަމާއިއެކު ފަހަތަށް ޖެހިލެވުނެވެ.
“ސަރ؟” ޝިފްނާއަށް ބުނެލެވުނެވެ. އޭނާއަށް އެއްފަހަރު މާންއަށް، އަނެއްފަހަރު ޔޫލީގެ މޫނަށް ބަލައިލެވުނީ ވާނުވާ ނަގައިގަންނަން އުޅޭފަދަ ގޮތަކަށެވެ. “ސަރ… ކީއްވެ މިގޭގަ؟ ޔޫލީ.. އޮފީހަށް ނުނިކުންނާތީތަ؟.. ސަރވެސް އެކަމަކު ރާއްޖެއައީ ޔޫލީއާއެކުއެއްނު؟ ވަޓްސް ހެޕެނިންގ ޔޫލީ؟؟”
މާން އެއްވެސް ޖަވާބެއް ނުދީ، ކުޑަކޮށް ނިތްކުރި އަރުވާލަމުން ޔޫލީގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިމޭންކަމެކެވެ. ޝިފްނާއަށް ހަގީގަތް ކިޔައިދޭން އޭނާ މި ދޫކޮށްލީ ޔޫލީއަށެވެ. ޔޫލީގެ ހިތުގެ ވިންދު އަވަސްވެ، މުޅި މީހާ ފިނިވާން ފެށިއެވެ. ޝިފްނާގެ ކުރިމަތީގައި، އޭނާގެ އޮފީހުގެ ބޮސް މިއަދު އެއީ އޭނާގެ ފިރިމީހާއޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޔޫލީއަށް ބަލަހައްޓައިގެން ހުރި ޝިފްނާގެ ދެލޮލުގައި މިހާރު ވަނީ ސުވާލުމާކުތަކެކެވެ.
ޔޫލީގެ ނަޒަރު އަނެއްކާވެސް މާންއަށް އަމާޒުވިއެވެ. މާން ފާރުގައި ކޮނޑު ޖައްސާލައިގެން، ދެއަތް މޭމަތީގައި ބަނދެލައިގެން އެއް މިޔަކަނުން ހީލައިގެން ހުރިތަން ފެނި ޔޫލީގެ އަތް މުއްކަވާލެވުނެވެ. ‘މި ފުރޭތައަށް އަހަރެން ކަމަކާ ހާސްވެއްޖެއްޔާ ހާދަ މަޖާވެޔޭ ދޯ؟’ ޔޫލީގެ ހިތަށްއެރިއެވެ. މާން ހުރީ މި ހުރިހާ ސުވާލަކަށް ޔޫލީ ދޭނެ ޖަވާބެއް ބަލަން ކެތްމަދުވެފައިކަން އެ މޫނުން ފާޅުވެއެވެ.
“ޔޫލީ! ގިވް މީ އެން އާންސަރ! ކީއްވެތަ އެއްޗެކޭ ނުބުނެ ތިހުންނަނީ؟” ޝިފްނާ ޔޫލީގެ ކޮނޑުގައި ހިފާ ކުޑަކޮށް ހަލުވާލިއެވެ.
“ޝިފް… ޕްލީޒް…” ޔޫލީއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާގެ އަޑުގައިވަނީ އާދޭހުގެ އަސަރެވެ.
“ވަޓްސް ގޮއިންގ އޮން ވިތު ޔޫ ޓޫ؟” ޝިފްނާއަށް ވާނުވާ ނޭނގުމުގެ ސަބަބުން، ދެން އޭނާގެ ސިކުނޑި ދަތުރުކުރީ އެންމެ ނުރައްކާތެރި ހިޔާލުތަކަށެވެ. މާންއަށާއި ޔޫލީއަށްވެސް އޭނާގެ ވިސްނުމުގެ މިސްރާބު، ކޮންމެވެސް ވަރަކަށް އެ މޫނުމަތީގައިވި ކުލަވަރުތަކުން ނަގައިގަނެވުނެވެ.
އަވަސްއަވަހަށް ކަރުނަވީ ދެލޮލުން ޝިފްނާއަށް ބަލައިލަމުން ޔޫލީ ބޯ ދެފަރާތަށް ހޫރުވާލިއެވެ.
“ޝިފްނާ. ތި ހީވަނީ މުޅިން ރަނގަޅަކަށް ނޫން” މާން އައިސް ޔޫލީގެ ކައިރީގައި ހުއްޓި، މަޑުމަޑުން ޔޫލީގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. “އަހަރެން މިއީ ޔޫލީގެ ފިރިމީހާ.”
ޝިފްނާގެ ދެލޯ ބޮޑުވެ، އަނގަ ހުޅުވުނު ނަމަވެސް އޭނާ ވަނީ ބަސްހުއްޓިފައެވެ. އޭނާ ހީކުރީ ކޮންމެވެސް މީހަކު އޭނާއަށް ސަމާސާއެއް ކުރަނީ ކަމަށެވެ. މާންގެ މޫނުމަތީގައިވާ ސީރިއަސްކަމާއި، ޔޫލީގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން އެއީ ސަމާސާއެއް ނޫންކަން ޔަގީންވިއެވެ.
“ކަ… ކައިވެނި؟” ޝިފްނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “ޔޫލީ… އިސް ދިސް ޓްރޫ؟ ކޮން އިރަކު؟ ކީއްވެ؟”
ޔޫލީއަށް ގިސްލެވެން ފެށުނެވެ. އޭނާއަށް ޝިފްނާގެ މޫނަށް ބަލައިލާނެ ހިތްވަރެއް ނުލިބުނެވެ. މާންގެ އަތް އޭނާގެ ކޮނޑުމަތިން ނައްޓާލަން އުޅުނު ނަމަވެސް، މާން އޭނާގެ ހިފެހެއްޓުން ވަރުގަދަކޮށްލިއެވެ.
“ޝިފް… އަހަރެން… އަހަރެން ކިޔައިދޭނަން…” ޔޫލީ ދަތިގޮތަކަށް ބުނެލިއެވެ.
“ނޫން، ދެން ކިޔައިދޭނެ ކަމެއް ނެތް،” ޝިފްނާގެ އަޑުން ހިތްދަތިކަމާއި ނުރުހުން ފާޅުވާން ފެށިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ، އޭނާގެ މުޅި ދިރިއުޅުމުގެ އެންމެ ބޮޑު ނިންމުން ނިންމިއިރު، ބައިވެރިނުކުރިތާ ކުޑަކޮށްވެސް އަންގާނުލީތީ އޭނާގެ ހިތް ކުދިކުދިވިއެވެ. “އަހަރެން ހީކުރީ އަހަރެމެންނަކީ ބެސްޓް ފްރެންޑްސް ކަމަށް. އެކަމަކު ޔޫލީއަށް އަހަންނަކީ އެއްވެސް މީހެއް ނޫންކަން މިއަދު އެނގިއްޖެ.”
ޝިފްނާ ކަރުނަތައް ފޮހެލަމުން، އެނބުރި ހަލުވި ފިޔަވަޅުތަކެއްގައި ގޭގެ ދޮރުން ނުކުންނަން ހިނގައިގަތެވެ.
“ޝިފް! މަޑުކޮށްބަލަ!” ޔޫލީ ފަހަތުން ދާން އުޅުނެވެ. ނަމަވެސް މާން އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ޔޫލީ … މިހާރަކު ނޫން. ގިވް ހަރ ޓައިމް” މާން ފިނި އަޑަކުން ބުންޏެވެ.
*****
ފިޔަވަޅުތަކަށް ބާރުލަމުން، ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ދެއަތުން ކަރުނަ ފޮހެމުން ޔޫލީމެންގެ ގެއިން ނުކުތް ޝިފްނާ، މަޑުކޮށްލީ މަގުމަތީގައި ސައިކަލެއްގެ މަތީގައި އިން ފިރިހެނެއްގެ ކައިރިއަށެވެ.
“ޝިފޫ… ކިހިނެއްވީ؟ ބެސްޓް ފްރެންޑް އެއްޗެއް ބުނީތަ؟” ޝިފްނާ ރޮމުން ނުކުތްތަން ފެނި، އެ މީހާ ހާސްކަމާއިއެކު އަހާލިއެވެ.
“އޭނާއަށް އަހަންނަކީ އެއްވެސް މީހެއް ނޫން” ޝިފްނާ ހިތްދަތި އަޑަކުން ޖަވާބުދެމުން ސައިކަލު ފަހަތަށް އަރާ ހަމަޖެހިލިއެވެ.
“ކިހިނެއްތަވީ؟ އޭނާ އެހެން ބުނެގެންތަ ކުޑަކުއްޖެއްހެން ތި ރޮނީ؟” އެ މީހާ ސައިކަލު ދުއްވާލަމުން އަހާލިއެވެ.
“އޭނާ ނުބުނޭ އެކައްޗެއްވެސް… އަހަންނަށް ލިބުނީ ހީކުރި ވަރަށްވުރެ މާ ބޮޑު ސަޕްރައިޒެއް. ޝީ ގޮޓް މެރީޑް ޓު އަވަރ ބޮސް!”
“ވަޓް؟ ޔުއަރ ބޮސް؟… އަރ ޔޫ ޓޯކިންގ އަބައުޓް މާން؟” މާހިންއަށް ލިބުނު ބޮޑު ސިހުމުގެ ސަބަބުން، ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖައްސާ، ސައިކަލު ހުއްޓާލިއެވެ.
“ހުމްމް… ޔޫލީ ގޮޓް މެރީޑް ޓު ހިމް. ވައި އަރ ޔޫ ސަޕްރައިސްޑް؟ މާހިންއަށް އެނގޭނެ ދޯ… މާން ބުނާނެއެއްނު؟” މާހިންއަށް ވީ ގޮތް ފެނި، ޝިފްނާ ހައިރާންކަމާއިއެކު ބުނެލިއެވެ.
“އައި ނޯ ދެޓް މާން ގޮޓް މެރީޑް… އެކަމަކު އަހަންނަކަށް ނޭނގެއޭ ޔޫލީއަކީ ޝިފްނާގެ ބެސްޓް ފްރެންޑްކަމެއް!” ސައިކަލު އަލުން ދުއްވާލަމުން، މާހިން އޭނާގެ އަޑު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އެ ކީއްވެ ނޭނގެންވީ؟” ޝިފްނާ ސުވާލުކޮށްލިއެވެ.
“ރޭގައިވެސް ޝިފޫ ނުބުނަންދޯ ބެސްޓް ފްރެންޑްގެ ނަމެއް” މާހިން މަޑުމަޑުން ހަނދާންކޮށްދިނެވެ.
“ނުބުންޏަސް މާހިންއަށް ފެނުނެއްނު ޔޫލީ… އެ ފިހާރައިން… އަހަންނާއިއެކު…” ޝިފްނާ ބުންޏެވެ.
“ވަޓް؟… ފިހާރައަށް ޔޫލީ އެއްދުވަހު އައި އަހަރެން ހުއްޓާ. އެކަމަކު އޭނާގެ ކައިރީގައި ހުރީ ޝިފޫކަމެއް އަހަންނަކަށް އެއްގޮތަކަށްވެސް ނޭނގެ” މާހިންގެ ހިތް ބާރަށް ތެޅިގަތެވެ. އޭނާ އިނީ ސައިކަލު ދުއްވަން ކަމުން، އޭނާގެ މޫނުމަތިން ފާޅުވި ހާސްކަން ފަހަތުގައި އިން ޝިފްނާއަށް ނުފެންނާނެތީ، ހިތާހިތުން ޝުކުރުކުރިއެވެ.
“ރިއަލީ؟ އަހަރެން ހީކުރީ އެކަން އެނގިގެންކަމަށް އަހަންނާ އެހާ ގާތްކޮށް ވާހަކަދެއްކީ…” ޝިފްނާގެ އަޑުގައި މޮޅިވެރިކަމެއް ވިއެވެ.
ރޭގައި މަގުމަތިން ޝިފްނާގެ ގައިގައި ޖެހުނީ މާހިންގެ ސައިކަލުންނެވެ. އޭނާ ޝިފްނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ، އޭނާގެ ސަބަބުން ޝިފްނާއަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ނިޔަތުގައެވެ. ނަސީބަކުން ޝިފްނާއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނެތެވެ. ނަމަވެސް ވެއްޓުމުގެ ސަބަބުން ފައިގެ ކަކުލާއި ކުޑަހުޅުން ހަންމަށައިގެން ގޮސްފައި ހުއްޓެވެ.
ހޮސްޕިޓަލުގައި ހޭދަވި ވަގުތު އެ ދެމީހުންގެ މެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވުނު ނަމަވެސް، ޝިފްނާގެ މޫނުމަތިން ފެންނަމުންދިޔަ އިންތިހާ މޮޅިވެރިކަން ފެނި، މާހިން ސުވާލުކުރުމުން އޭނާވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކުއްލިއަކަށް ދުރުވެ، ޚަބަރެއްނުވެ ގެއްލުނު ވާހަކަ ހިއްސާކޮށްފައެވެ. ޔޫލީގެ ގެއަށް ދިއުމަކީވެސް ހަމަ މާހިން ދިން ހިޔާލެކެވެ. އަދި މާހިންވަނީ އޭނާގެ ނަންބަރު ދިނުމަށްފަހު، ރައިޑެއް ބޭނުންވިޔަސް ނުވަތަ އިމޯޝަނަލް ސަޕޯޓެއް ބޭނުންވިޔަސް ކޮންމެ ވަގުތަކުވެސް ގުޅާލުމަށް ބުނެފައެވެ.
މާހިންވެސް އަމިއްލަ ދިރިއުޅުމުގައި ކަންތައްތައް ދިމާވެފައިވާ ގޮތުންް، ހިތްހަމަޖައްސާލަން ވާހަކަދައްކާލާނެ ރަނގަޅު އެކުވެރިއަކަށް އިންތިހާއަށް އެދިއެދި ހުއްޓެވެ. ޝިފްނާގެ ހިތުގައި މާހިންއަށް ދެވިފައިވާ ޚާއްޞަ މަގާމުގެ ސަބަބުން، މި ދިމާވުންވީ ޝިފްނާއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެހެންކަމުން އޭނާ މިއަދު އެ ފުރުސަތުގެ ބޭނުން ހިފާ، ޔޫލީމެން ގެއަށް އޭނާ ގެނެސްދިނުމަށް މާހިންގެ ގާތުން އެދުނީ އެދެމެދުގައިވި ގުޅުންވެސް އިތުރަށް ބަދަހިކޮށްލުމުގެ ބޭނުމުގައެވެ.
ޝިފްނާގެ ގެއަށް ދިއުމާއި ހަމައަށްވެސް އެ ދެމެދުގައި އިތުރު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މުޅި މާހައުލަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އަދިވެސް ޝިފްނާއަށް މާހިންއަކީ މާންގެ ކޮއްކޮކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އޭނާގެ ހިތުގައި އޮތީ އެ ދެމީހުންނަކީ ގާތް ދެ އެކުވެރިން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ބައެއް ކަމަށެވެ.
“ތޭންކްސް” ޝިފްނާގެ ގޭގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމާއިއެކު ސައިކަލު ފަހަތުން ފައިބަމުން ޝިފްނާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ އަޑުގައި އަދިވެސް ވަނީ މޮޅިވެރިކަމެވެ.
“މައި ޕްލެޝަރ…” މާހިން ސައިކަލުގެ ހޭންޑަލްގައި ހިފަހައްޓާލައިގެން އިނދެ، ޝިފްނާގެ މޫނަށް ބަލައިލިއެވެ. “ޝިފޫ… އެއްޗެކޭ ހީނުކުރައްޗޭ. އެކަމަކު އަހަންނަށް ހީވަނީ ޝިފޫ ޔޫލީއާއި އޮތް ގުޅުން މުޅިން ކަނޑާލުން އެހާ ރަނގަޅެއް ނޫންހެން. އޭނާ ޝިފޫއާ ދުރުވާން ޖެހުނު ރީސަނެއްވެސް އޮވެދާނެއެއްނު؟ އެ ވާހަކަ ސިއްރުކުރީ ހަމަ ޔަގީނުންވެސް ރީސަނަބަލް ސަބަބަކާއި ހެދި ކަމަށް ވެދާނެ… އަޅެ، އެކަމާ މެދު ވިސްނާލައްޗޭ.” މާހިން ވާހަކަދެއްކީ ވަރަށް އޯގާތެރިކަމާއެކު ވިސްނައިދޭ ރާގަކަށެވެ.
މާހިންގެ އެ ވާހަކައަށް އެއްވެސް އެއްޗެކޭ ނުބުނެ، ހަމައެކަނި ބޯ ޖަހާލުމަށްފަހު ޝިފްނާ އެތެރެއަށް ވަދެގެން ދިޔައެވެ.
ޝިފްނާ ލޯމަތިން ގެއްލުމުންވެސް، މާހިން ސައިކަލު މަތީ، އެ ދިމާއަށް ބަލަހައްޓައިގެން، ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ.
‘އެދެމީހުންގެ ގުޅުން އަލުން ރަނގަޅުވެއްޖެނަމަ، ޔޫލީއާއި ދޮންބެގެ ކައިވެނީގެ ފަހަތުގައިވާ އަސްލު ސިއްރު ޝިފްނާ މެދުވެރިކޮށް އަހަންނަށް ހޯދޭނެ… އަހަރެން ޖެހޭނެ ކޮންމެ ގޮތަކުންވެސް ޝިފްނާއާއި އޮތް ގުޅުން މިއަށްވުރެ ވަރުގަދަކުރަން،’ މާހިންގެ ހިތުގައި ރޭވުންތެރި ޚިޔާލުތަކެއް އެނބުރެން ފެށިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވީ ކޮންމެހެންވެސް ކާމިޔާބު ހޯދަން ބޭނުންވެފައިވާ ފަދަ އަސަރުތަކެކެވެ.
*****
ޔޫލީއާއި މާން ‘ނަވީރާ ޕްރައިވެޓް ލިމިޓެޑް’ ގެ ބޮޑު އިމާރާތުގެ ތެރެއަށް ވަދެގެން އައިއިރު، އޮފީހުގެ މުވައްޒަފުންގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާންކަމާއި އިހުތިރާމްގެ ކުލަވަރެވެ. އޮފީހުގެ މަތީ ފަންތީގެ ހުރިހާ މުވައްޒަފުންނަށް، މާން އެ ކުންފުނީގެ އެންމެހާ ކަންކަމާއި ހަވާލުވެފައިވާކަން ނާއިލްވަނީ ކުރިންސުރެ އަންގާފައެވެ. އަދި އީމެއިލްގެ ޒަރީއާއިންނާއި އޮފީހުން ބޭނުންކުރާ ރަސްމީ ގްރޫޕްތަކުގައިވެސް މި ބަދަލު އޮތީ ހިއްސާކޮށްފައެވެ. އެހެންކަމުން، މުވައްޒަފުންގެ ހައިރާންކަން ގުޅިފައިވަނީ މަދުން ނޫނީ މި އޮފީހުން ނުފެންނަ ޔޫލީ، މިއަދު ފެނުމުންކަން ޔަގީނެވެ.
“ހައި ސަރ އެންޑް މެޑަމް… އައި އެމް ތޯހާ، ފައިނޭންސް މެނޭޖަރ. މީޓިންގ އިސް ރެޑީ” ތޯހާ ނުހަނު އިހުތިރާމްއާއިއެކު ކުރިއަށް ޖެހިލަމުން ބުންޏެވެ.
‘ހުމްމް… އަހަރެން އައި ބޭނުން މާން އެވަނީ ކުރިންސުރެ ހިއްސާކޮށްފާތާ!’ ޔޫލީގެ ހިތަށްއެރިއެވެ.
މީޓިންގ ރޫމަށް ވަނުމަށްފަހު، ކުންފުނީގެ ފައިނޭންޝިއަލް ރިޕޯޓްތައް ތޯހާ ޔޫލީއަށް އޮޅުންފިލުވައިދޭން ފެށިއެވެ. މާން ވަނީ އެ ހުރިހާ ރިޕޯޓެއް އެތައް ފަހަރަކު ބަލާ، މުތާލިއާކޮށްފައެވެ. އެހެންކަމުން، އޭނާ ބޭނުންވީ މި ވަގުތު އޭނާގެ އަމިއްލަ އޮފީހަށް ދާށެވެ.
“ޔޫލީ… އަހަރެން އެބަޖެހޭ އޮފީހަށްދާން. ޕަރސަނަލް އެސިސްޓެންޓްވެސް ނެތީމާ މަސައްކަތްތައް ވަރަށް އުނދަގޫވެއްޖެ…” ތޯހާއަށް ނުފެންނާނެހެން އެއްލޯ މަރާލަމުން، މާން ޔޫލީއަށް ބަހަކުން ކޮށްލީ ލޯބިވެތި ގޯނާއެކެވެ.
ޔޫލީ ލޮލުގެ ކަޅި އަނބުރާލަމުން ތުން އަނބުރާލި ނަމަވެސް، އެ ހިތް ނުގޮތަކަށް ތެޅިލިއެވެ. މާންގެ އެ ކުއްލި ސަމާސާއިން މުޅި މީހާ ހާސްވެ، ހިތުގެ ވިންދު އަވަސްވެގެންދިޔައެވެ. މޫނުމަތިން އެ ސިހުން ފޮރުވާލަން މަސައްކަތްކުރި ނަމަވެސް، ކޯތާފަތަށް ވެރިވި ލަދުވެތި ޖަންބު ކުލައިން މާންގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އަދި އެކަން އޭނާގެ ތުންފަތުގައިވި ސާދާ، ފުން ހިނިތުންވުމުން ފާޅުވެއެވެ. ޔޫލީ ލަދުގަންނުވާލުމަކީ މާންއަށް ލިބޭ އުފަލެއް ކަމުގައިވެއެވެ.
“ކޯލް މީ ވެން ޔޫ އަރ ޑަން… އެކަނި ނުދާތި” އޯގާތެރިކަން އެކުލެވޭ، ނަމަވެސް އަމުރުވެރި ރާގަކަށް މާން ބުންޏެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ ޔޫލީއަށްޓަކައި ހިތުގައި އުފެދެމުންދާ އަޅަލުމާއި ކުލުނެވެ.
“ކޮންޓްރޯލިންގ ފުރޭތަ” ޔޫލީ ބުނެލީ އޭނާއަށް އެކަނި އިވޭނެހާ މަޑުމަޑުން، ތުންކޮޅު ފިއްތާލަމުންނެވެ. އިވިގެންދިޔަ މާންގެ މަޑު ހުނުމުގެ އަޑުން، އޭނާއަށް އެ ބަސް ސިއްރު ނުވާކަން ޔަގީންވިއެވެ.
*****
މާންއާއި ޔޫލީ މީޓިންގ ރޫމަށް ވަދެގެން ދިޔަ މަންޒަރު ކެބިންގައި ހުރި ބޮޑު ބިއްލޫރިގަނޑުގެ ފުރަގަހުން ބަލަން ހުރި ނާއިލްގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަން މަޖުބޫރުވެފައިވީ ނަމަވެސް، އޭނާގެ ދެލޮލުން މިއަދު ފެންނަމުންދިޔައީ ހިތްހަމަޖެހުމެވެ. އޭނާގެ ސިކުނޑި މާޒީގެ ތެރެއަށް ދަތުރުކޮށްލިއެވެ.
‘ނަވީރާ ޕްރައިވެޓް ލިމިޓެޑް’ އަކީ އޭނާގެ އާއިލާއަށްޓަކައި ދެމެހެއްޓެނިވި ތަރިކައެއް ބިނާކުރުމުގެ ފޮނި ތަސައްވުރާއިއެކު ނާއިލް އަމިއްލައަށް އުފެއްދި ކުންފުންޏެކެވެ. އަހަރުތަކެއްގެ ބުރަ މަސައްކަތުން، އެ ކުންފުނި ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ގަދަރުވެރި އެއް ވިޔަފާރިއަށެވެ. އެތައް ހޮޓާތަކަކާއި، ލަގްޒަރީ ރިސޯޓެއް އެ ކުންފުނީގެ ދަށުން ހިންގަމުންދިޔައެވެ. ނަމަވެސް، ވިޔާފާރި ފުޅާކުރުމަށް ކުރި ބޮޑެތި ޚަރަދުތަކާއި ރިސޯޓުތައް މަރާމާތުކުރުމަށް ހިނގި ބޮޑު ހޭދައިގެ ސަބަބުން ކުންފުނި ބޮޑު ދަރަންޏެއްގެ ތެރެއަށް ގެނބުނެވެ. އާމްދަނީ ދަށްވަމުން ދިޔައިރު، ކުންފުނީގެ އޭރުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ނައީމް ދިޔައީ ރިޕޯޓްތައް އޮޅުވާލައި، ފައިސާ ދެއްކުން ލަސްކޮށް، ދަރަނިތައް އަލުން ރިސްޓްރަކްޗަރ ކުރަމުންނެވެ. އޭނާ އެކަން ކުރީ ކުންފުނީގެ އަސްލު ހާލަތު ފޮރުވުމަށެވެ. އެ މަކަރުވެރިކަން ފަޅާއެރިއިރު، ނަވީރާ ޕްރައިވެޓް ލިމިޓެޑް އޮތީ ބޭންކްރަޕްޓްވުމުގެ ދާދި ގާތުގައެވެ. ދަރަނިވެރިން ފައިސާ ހޯދަން މަޖުބޫރުކުރަމުންދިޔައިރު، މުދާ ސަޕްލައިކޮށްދޭ މީހުން ކްރެޑިޓަށް ތަކެތި ދިނުން ހުއްޓާލިއެވެ. އަދި މުވައްޒަފުންގެ މުސާރަވެސް ނުދެވި ދުވަސްތައް ފާއިތުވަމުންދިޔައެވެ.
ކުންފުނީގެ އެންމެ އަނދިރި ދުވަސްވަރު، ނާއިލްގެ އާއިލާއަށް ކުރިމަތިވީ ހިތްދަތި ހާދިސާއެކެވެ. އާއިލާއާއި ވިޔަފާރި ބިނާކުރުމުގައި އޭނާގެ ކައިރީގައި ސާބިތުކަމާއިއެކު ހުރި އަނބިމީހާ ވަކިވެދިއުމުގެ ހިތާމައިގައާއި، ނުކުޅެދުންތެރިކަމުގެ ސަބަބުން، ނަވީރާ ސަލާމަތްކުރަން ކުރަންޖެހޭ ހަނގުރާމައިގައި އަމިއްލައަށް އިސްވެ ހުންނާނެ ހިތްވަރެއް ނާއިލްގެ ގަޔަކު ނެތެވެ.
އެތައް އަހަރެއްގެ ކުރިންސުރެ ނާއިލްގެ ފުރިހަމަ އިތުބާރު ހޯދާފައިވާ އެކަކު ހުއްޓެވެ. އެއީ މާންއެވެ. ކަން ދިމާވި ގޮތުން އެ ހިތްދަތި ވަގުތުގައިވެސް މާންހުރީ އޭނާއި އޭނާގެ ދަރިފުޅަށް އެހީވުމުގައެވެ. މާންއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އަދި ޑިޒައިން ކުންފުންޏެއްގެ ވެރިޔާއެވެ. ނަވީރާގެ ބޮޑެތި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއިއެކު ނިންމާލާފައިވަނީ މާންގެ ކުންފުނިންނެވެ. ނާއިލް ހަމައެކަނި މާންގެ ވިޔަފާރީގެ ހުނަރަށް ތައުރީފުކުރަނީއެއް ނޫނެވެ. އޭނާގެ ތެދުވެރިކަމާއި، މަޑުމައިތިރިކަމާއި، ޒިންމާދާރުކަމުގެ ސިފަތަކަށް ނާއިލްގެ ހިތުގެ ފުންމިނުން ގަދަރު ކުރެއެވެ. ނާއިލް އަބަދުވެސް އުންމީދުކުރީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫލީއަށް ދިރިއުޅުމުގެ ބައިވެރިއެއްގެ ގޮތުގައި މާން ފަދަ ފިރިހެނަކު ލިބުމަށެވެ.
އަމިއްލަ ހަށިގަނޑުގެ ހާލަތާއި ކުރިއަށް އޮތް ދުވަސްތަކާއިމެދު ޔަގީންކަމެއް ނެތުމުން، ނާއިލް މާންގެ ކުރިމަތީގައި އެ ހުށަހެޅުން ހުށަހެޅީ ވިޔަފާރީގެ ފައިދާއަކަށް ނޫނެވެ. އަދި ކުންފުނީގެ މިލްކުވެރިކަން ދިނުމުގެ ޝަރުތެއްގެ ގޮތުގައެއްވެސް ނޫނެވެ. އެއީ ބައްޕައެއްގެ ހިތުގެ އެންމެ ފުން މިނުންވީ އެދުމެކެވެ. ދެމީހުން ގަބޫލުނަމަ ޔޫލީއާއި ކައިވެނިކުރުމަށް އޭނާ މާންގެ ކައިރިން އެދުނީ އޭނާއަށް ދެން ޔޫލީ ރައްކާތެރިކޮށް ނުދެވޭނެތީ މާން ޔޫލީއަށް އޯގާތެރިވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ. ހަމައެއާއިއެކު ނަވީރާ ޕްރައިވެޓް ލިމިޓެޑް ސަލާމަތްކުރުމުގެ ބޮޑު ޒިންމާވެސް އޭނާ މާންއާ ހަވާލުކުރީ އޭނާ ބިނާކުރި ތަރިކަ ހިމާޔަތްކުރަން މާން ފިޔަވައި އިތުރު އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭތީއެވެ. ނާއިލްގެ މި ހުށަހެޅުމަކީ ކުންފުންޏަށް ވާރިސަކު ހޯދުމުގެ ބޭނުމުގައި ކުރި ކަމެއް ނޫނެވެ. އެއީ އޭނާގެ ދިރިއުޅުމުގައި އެންމެ ލޯބިވި ދެ ކަންތައް، އޭނާގެ ދަރިފުޅާއި، އޭނާގެ މުޅި އުމުރުގެ މަސައްކަތް، އަމާން އަދި ރައްކާތެރި އަތެއްގެ މައްޗަށް ދޫކޮށްލުމަށް ނިންމި ނިންމުމެކެވެ.
“ދަރިފުޅާ ޔޫލީ… ބައްޕައަށް މާފުކުރާތި. އެކަމަކު މާންއަކީ ދަރިފުޅަށް ދެރައެއް ދޭނެ މީހެއް ނޫންކަން ބައްޕައަށް ޔަގީން” ނާއިލް ދުރު ބަލަހައްޓައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ.
*****
“ޝީ ކޯލްޑް…” މަސައްކަތުގެ ތެރެއަށް ގެނބިފައި ވަނިކޮށް، މޭޒުމަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން، ސްކްރީނަށް ބަލައިލަމުން މާން އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. އޭނާގެ ހިތަށް ލިބުނު ހަމަޖެހުމާއިއެކު، އަވަސްއަވަހަށް ކުރަން ހުރި މަސައްކަތްތައް މެދުކަނޑާލުމަށްފަހު، އޮފީހުން ނިކުންނަން ހިނގައިގަތެވެ.
މާން އޭނާގެ ކާރު މަގުގެ އެއްފަރާތަށް ގާތްކޮށްލިއިރު، ޔޫލީ ހުރީ ނިކުމެ، މަގުމަތީގައި އިންތިޒާރުގައެވެ.
“ވީ އަރ ރިއަލީ އިން ޓްރަބަލް” ޔޫލީ ކާރުގެ ކުރީ ސީޓަށް އަރާ ހަމަޖެހިލަމުން، ފުން ފިކުރެއްގެ ތެރޭގައި އިނދެ ބުނެލިއެވެ. ތޯހާ ދެއްކި ރިޕޯޓްތަކުން ކުންފުނީގެ ހާލަތު އޮތް ސީރިއަސް މިންވަރު އޭނާއަށް ވަނީ ވަރަށް ބޮޑަށް އިހުސާސް ކުރެވިފައެވެ.
“އައި ނޯ… ބަޓް ޔޫ ޑޯންޓް ވޮރީ. އައި ހޭވް އަ ޕްލޭން” ޔޫލީ އެވަރަށް ފިކުރުކޮށް ހާސްވާން ނޭދޭތީ، މާންގެ އަޑުގައިވީ އޯގާތެރިކަމާއި ޔަގީންކަމެވެ.
“އެޓް ވަޓް އެކްސްޕެންސް؟… އަސްލު މާން ބޭނުންވަނީ ބަދަލުގައި ކޮންކަމެއްތަ؟” ޔޫލީ ކުއްލިއަކަށް މާންގެ މޫނަށް ބަލައިލިއެވެ. ކުންފުންޏަށް ދިމާވެފައި އެވާ ބޮޑު އަޑިގަނޑުން ސަލާމަތްވާން އެތައް މިލިއަން ފައިސާއެއް ހޭދަވާނެކަން ޔޫލީއަށް އެނގެއެވެ. އެހެންކަމުން، މާން އެއްވެސް އަމިއްލަ އެދުމެއް ނެތި މިހާ ބޮޑު ކަމެއް ކޮށްދީފާނެކަމާއި މެދު އޭނާގެ ހިތް އަދިވެސް ސުވާލު އުފައްދަނީއެވެ.
“ޔޫލީގެ ތި ވިސްނުން ވެއްޖެއެއްނު ތަންކޮޅެއް ޕޮޒިޓިވްކޮށްލަން” ޔޫލީގެ އެ ސުވާލުން މާންގެ ހިތަށް ތަދުވިއެވެ. އޭނާ ކުރާ ކޮންމެ ކަމަކީ ހަމައެކަނި ޔޫލީއާއި އެ އާއިލާއަށްޓަކައި ކުރާ ކަމެއްކަން ޔޫލީއަށް ގަބޫލުނުކުރެވޭތީ، އޭނާގެ އަޑުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެވެ.
އެ ވަގުތު، އެދެމެދުގައި އުފެދުނު ހިމޭންކަން މުގުރާލީ ޔޫލީގެ އަތުގައި އޮތް ފޯނު ރިންގުވި އަޑުންނެވެ. އެ އަޑު މުޅި ކާރުތެރޭގައި ގުގުމާލިއެވެ.
މާންގެ ލޯ ބޭއިހްތިޔާރުގައި އެ ފޯނުގެ ސްކްރީނަށް ހުއްޓުނީ، ޔޫލީއަށް ގުޅަނީ ކާކުތޯ ބަލައިލުމުގެ ޝައުގުވެރިކަމެއް ހިތުގައި އުފެދުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމާއިއެކު، މާންގެ މުޅި މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ދެލޮލުން ކުއްލިއަކަށް ފާޅުވި ގަދަ ރުޅިވެރިކަމާއިއެކު، ދަތްކުނޑިވިކާލެވުމުން އޭނާގެ ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައީ ހިތުގައި އުފެދުނު ނުރުހުމެއްގެ ބޮޑުކަމުންނެވެ.
***ނުނިމޭ***
ޔޫލީއަށް އެ ގުޅީ ކާކުބާ؟ 📲 ތިޔަ ލޮބުވެތި ކިޔުންތެރިންގެ ހިޔާލަކީ ކޮބައިތޯ؟ ލަސްނުކުރައްވާ ކޮމެންޓްކޮށްލަދެއްވާ!
ތިޔަ ކިޔުންތެރިންގެ ބިނާކުރަނިވި ފާޑުކިޔުމާއި، ފާޅުކުރައްވާ އޯގާތެރި ހިޔާލުތަކަށް އަބަދުވެސް ނުހަނު ލޯތްބާއެކު މަރުޙަބާ ކިޔަން. ވާހަކަ ލިޔުމުގައި އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ކުރިއަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ތިޔަ ބޭފުޅުން ދެއްވާ މިންނެތް ތަރުހީބު.
ވާހަކައިގެ މި ބައިވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ކަމުދިޔަ ކަމަށް އުންމީދުކުރަން.
ހުރިހާ ކިޔުންތެރިންނަށްވެސް ލޯތްބާއެކު ޝުކުރިއްޔާ!
–ވިޝް-
2 Comments!
Comments are closed.



Rilwaan e gulhi
Thank you for the comment Big fan. Rilwaan kan hama yagyn tha e gulhi? Rilwaan akee varah ekasheegenvaa myheh dho gulhan… vaahaka kiyaalaafa comment kohlyma varah ufaa vehje.. yagyn kohlan aneh part ah inthizaaru kohlan vaanee…