Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 21 ވަނަ ބައި

wish
wish Level 2100 Login10 Stories
July 2, 2026 7 Mins Read
0 Comments

މާން ޔޫލީގެ މޫނާ އިތުރަށް ގާތްވެލިއެވެ. އެ ދެމެދުގައިވާ ވައި ރޯޅިއަށްވެސް ޖާގައެއް ނެތް ފަދައިންނެވެ. މާންގެ އެ އަމަލުން ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

މާންގެ ދެލޯ ސީދާވެފައިވީ ޔޫލީގެ މޫނަށެވެ. ފަޑު އަލީގެ ތެރޭ އެ ރީތި އަންހެން ކުއްޖާ ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން، އެ ރީތި ދޮން ކަނދުރާ ހާމައަށް ފެންނަން އޮތް އިރު އެ މޫނުގެ ބައްޓަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މާންގެ ހިތް ބޭއިހްތިޔާރުގައި އެ ރީތިކަމަށް ތައުރީފުކުރިއެވެ. އެހާ ގާތުގައިވާ މި އަންހެންކުއްޖާގެ ހިތްގައިމުކަމުން އޭނާގެ ހިތް ނުކިޔަމަންކުރުވަނީއެވެ.

ޔޫލީގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވިއެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޮތް ކޮންޓްރޯލް މުޅިން ގެއްލި،  މާންގެ އަތުގެތެރޭ ގެބިގެންދިއުމަށް އޭނާގެ ހަށިގަނޑު އެދޭ ފަދައެވެ. އެ ބީރައްޓެހި އިހުސާސް ޔޫލީގެ ހިތުގައި އަމިއްލަ ނަފުސަށްޓަކައި ރުޅިވެރިކަން އުފެއްދިއެވެ. ‘ނޫން! އަހަރެންގެ ހަޔާތް ބަރުބާދުކޮށްލި އަހަރެންނަށް އެތަށް ހަޑިހުތުރު މަލާމާތެއް ކުރި މީހާގެ ކުރިމަތީގައި އަހަރެން ބަލިކަށިވެގެން ނުވާނެ!’ އޭނާގެ އަގު ހިފެހެއްޓުމަށާއި، އޭނާގެ ނަފްސު ބެހިގެން ނުދަނީސް މި ހައްޔަރުން ސަލާމަތްވުމަށް އޭނާގެ ސިކުނޑި އަމުރުކުރިއެވެ.

ޔޫލީ ކުއްލިއަކަށް މާންގެ ފުޅާ މޭގައި ދެއަތުން އަޅާ،  މުޅި ހަށިގަނޑުގެ ބާރުލާފައި ދުރަށް ކޮއްޕާލިއެވެ. އަދި އޭނާގެ ފައިން މާންގެ ފައިގާ ޖަހާ ފޮޅުވާލަމުން ތެޅިގަތެވެ. ކުއްލިއަކަށް ޔޫލީ ކޮށްލި މި ހަރަކާތުންނާއި މާންއަށްވީ ތަދުން، އޭނާގެ އަތުގެ ބާރު ދޫވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅަން މާންއަށް މަޖުބޫރުވިއެވެ. އެ ފުރުސަތުގައި ޔޫލީ ދުރަށް ފުންމައިގެން ދިޔައެވެ.

” ވަޓް ދަ…. ވަޓްސް ރޯންގް ވިތް ޔޫ” ވީ ތަދުން ގުދުވެލާ ފައިގެ ކަންކަށިމަތީ ހިފަހައްޓާލަމުން މާން ބުނެލިއެވެ.

” ސީރިއަސްލީ… އަދިވެސް އަހަރެންގެތަ މައްސަލައެއް އުޅޭ ކަމަށް މިވީ … ތި ފުރޭތަގަނޑު ދޯ އަހަރެން ގަޔަށް އަތްލީ.. ބުނިން ދޯ އަހަރެން ގައިގަ އަތްނުލާށޭ.. ކޮންކަމެއްތަ ބޭނުން ވެގެން ތިއުޅެނީ … ކޮބާތަ ކަލޭގެ މަގުސަދަކީ؟ ބައްޕަގެ ވިޔަފާރި މިލްކަކަށް ނުވެގެންތަ ތި އުޅެނީ” ޔޫލީގެ ރުޅި ހައްދުފަހަނަ އަޅައި ގޮސް އޭނާއަށް ކިޔޭ ނުކިޔޭއެއް ނޭންގުނެވެ.

” ވަޓް .. ނޯ .. އަހަރެން ނޫޅެން ނާއިލްގެ ވިޔަފާރި ބޭނުން ވެގެނެއް؟؟ ނާއިލްގެ އެންމެ ރުފިޔާ ފޮއްޗަކާއި ނުލައިވެސް އަރާމުގެ އުޅެވޭނެ ވަރު އަހަރެންގެ މަސައްކަތުން ވާނީ ކޮށްފަ.. ވައި ވޮޑް އައި ޓޭކް ކެއަރ އޮފް އަ ޑްރައުނިން ކޮމްޕަނީ ފޮ މަނީ… އައިމް ނޮޓް އެން އިޑިއަޓް.” ކުރި ތުހުމަތުގެ ސަބަބުން، މާން ބުނަން ބޭނުންނުވި ހަގީގަތް ބޭއިހްތިޔާރުގައި ހާމަވިއެވެ.

” އަ ޑްރައުނިން ކޮމްޕަނީ؟؟ ކީކޭ ތި ކިޔަނީ؟؟” ޔޫލީގެ އަޑުގައި ވަނީ ހައިރާންކަމެވެ.

” ކަންތައްތައް ޖަޖްނުކޮށް އަމިއްލައަށްވެސް ބަލައިލި ނަމަ އެވަރު އެނގުނީސް… އަހަރެން ޔޫލީ ހިފެހެއްޓީ ޔޫލީގެ ކްލަމްސީކަމުން ދޯ .. މާ ރަނގަޅުވީސް ވެއްޓެން ދޫކޮށްލެވުނުނަމަ…. އައި ވިލް ސްލީޕް އޮން ދި ސޯފާ..” އެނދުގެ އަރިމަތިން ފާރު ކައިރީ ބަހައްޓާފައިހުރި ތިން ސީޓުގެ، ރަތް ފިޔާތޮށިކުލައިގެ ހެޔޮވަރުވަރެއްގެ ސޯފާއަށް އިޝާރާތްކުރަމުން މާން ބުނެލިއެވެ.

މާން ކޮޓަރިން ނިކުމެގެން ދިޔައިރުވެސް ޔޫލީ ހުރީ އެހުރިތާ ޖެހި ބުދެއްހެންނެވެ. މަޑުމަޑުން ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އޭނާ ހުރިތަނަށް ތިރިވެ އިށީނެވެ. ‘ މާން މި ކައިވެނި ކުރުމުގެ ހަމަ އެކަނި ސަބަބަކީ އަހަރެންގެ ބައްޕަތަ؟ ގަބޫލުކުރަން އަހަންނަށް މިހާ އުނދަގޫ މިވަނީ ކީއްވެތަ؟ އޭނާގެ އަސްލު މަގުސަދަކީ ކޮބާތަ؟’ އޭނާގެ ހިތް ފުރިފައިވަނީ ޖަވާބެއް ނެތް ސުވާލު ތަކަކުންނެވެ.

*****

ރެސްޓޯރެންޓުގެ ފަނޑު އަލިކަމުގެ ތެރޭގައި،  މޭޒެއްގެ ކައިރީގައި ޒޯޔާ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ހިތްހަމަނުޖެހުމާއި ކެތްތެރިކަން ކުޑަ ހަރަކާތްތަކުން، އޭނާ އެއިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައިކަން ދޭހަވެއެވެ. މޫނުމަތީގައިވާ ފުރިހަމަ މޭކަޕުން އޭނާގެ ރީތިކަން އިތުރަށް ދައްކުވައިދޭއިރު، ދުރު މޭޒުތަކުގައި ތިބި ފިރިހެނުންގެ ތޫނު ނަޒަރުތައް އޭނާއަށް އަމާޒުވަމުން ދިޔައެވެ. ނަމަވެސް، ޒޯޔާގެ ސިކުނޑި ވަނީ އެއިން ކަމެއް ރޭކާލާ ވަރަށް ވުރެ މާ ދުރުގެއެވެ.

“ވަރަށް ބޮޑަށް ސޮރީ… ކުއްލިއަކަށް ކަމެއް ދިމާވީމާ ލަސްވީ” ބާރު ފިޔަވަޅުތަކެއްގައި އައި ފިރިހެންމީހާ، ޒޯޔާ އިން މޭޒު ކައިރީގައި ހުރި ގޮނޑިއެއް ދަމާލަމުން އިށީނދެ ބުންޏެވެ. އޭނާގެ ނިތްކުރިމަތިން ދާ ތިކިތައް ފާޅުވާން ހުއްޓެވެ.

“ތިނޫން ވަރެއް ކަލެއަށް ވޭތަ؟” ޒޯޔާ އިތުރަށް މޫނު ކުނިކޮށްލަމުން ފިނި ރާގަކަށް ބުނެލިއެވެ. “ދެން ހެވޭ… ބުނޭ، ކޮން މުހިންމު ވާހަކައެއް ދައްކާށޭ މިތަނަށް އަންނަން ބުނީ؟ ކަލެއަށް ރަނގަޅު ކަމެއް ކުރެވުނީތަ؟”

“އެކަމުގައި އަދި ހަމަ އަލިމަގެއް ނުފެނެއޭ… ވަރަށް މަސައްކަތް އެބަކުރަން. އެކަމަކު ހަމަ އަދިވެސް ފޯނެއްވެސް ނުނަގާ” އެމީހާ އިސްދަށަށް ޖަހާލަމުން މާޔޫސްވެފައިވާ އަޑަކުން ޖަވާބުދިނެވެ.

“ދެން އެހެންވިއްޔާ އަޅެ ފަހެ މަ މިތަނަށް ތިގެނައީ ކީއްވެހޭ؟” ހިތްހަމަނުޖެހުމުގެ ސަބަބުން ޒޯޔާގެ އަޑު ބާރުވިއިރު، އެ އަޑުގައިވަނީ ނުރުހުމާއި ރުންކުރުކަމެވެ. ރެސްޓޯރެންޓުގެ ބައެއް މީހުންގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ.

“އަހަރެން… އަހަރެން ލާރިއެއް…” އެމީހާ ވާހަކަ ކުރިއަށް ގެންދަން ފަސްޖެހޭ ރާގަކަށް ބުނެލިއެވެ.

“ވަޓް؟ ކަލެއަށް އަބަދުވެސް އޮންނަނީ ލާރި ދޭންވެފަ! މަ ބުނާ އެންމެ ކަމެއްވެސް ވަނީއެއް ނޫން. ދެން އަދިވެސް ކަލެއަށް ލާރިތަ ދޭންވީ؟” ޒޯޔާގެ ރުޅި އިންތިހާއަށް ގަދަވިއެވެ. އޭނާގެ ދިގު ނިޔަފަތިތަކުން މޭޒުމަތީގައި ތަޅާލިއެވެ. އޭނާ ބޭނުންވާ މަންޒިލަށް ވާސިލުވުމަށް އެޅެމުންދާ ކޮންމެ ހުރަހަކީ އޭނާގެ ކެތްތެރިކަން ކޮޅުންލާ ކަމެކެވެ.

“މަސައްކަތް މިކުރަނީ ޒޯޔާ ބުނާ ގޮތަށްދޯ… އަހަރެން ލާރިއަކަށް މި އެދުނީ އަހަރެންގެ މަންމަ…”

“ކަލޭ މަންމައަށް ވާ ގޮތެއް މަ ބަލަންޖެހޭތަ؟” ޒޯޔާ އެމީހާގެ ވާހަކަ މެދުކަނޑާލިއެވެ. “މަށަށް އެނގޭހާވެސް އެއްޗަކީ ކަލެއަށް އެކަން ކުރަންވީ ގޮތަށް ނުކުރެވުނީމަކަން އެ ދެމީހުން އެއްކޮށް ފުރައިގެން ދިޔައީވެސް! ކަލޭ ރަނގަޅު ހަބަރެއް ގެނެސްދިނީމާ ނޫނީ، ދެން މަގޭ އަތުން ބައި ރުފިޔާ ފޮތިވެސް ކަލެއަކަށް ނުލިބޭނެ”

އިތުރަށް އެމީހާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ، ކޮނޑުގައި ދަބަސް އަޅުވާލަމުން ޒޯޔާ ކުއްލިއަކަށް ތެދުވެގެން ރެސްޓޯރެންޓުން ނުކުންނަން ހިނގައިގަތެވެ. ފަހަތުގައި އިން މީހާ މާޔޫސްކަމާއެކު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ޒޯޔާ ބޭރަށް ނުކުމެ، ކާރަށް އަރާ ހަމަޖެހިލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާގެ އަތް މުއްކަވާލެވުނީ ހިތުގައިވާ ކެކުޅުމެއްގެ ބޮޑުކަމުންނެވެ. މާންއަކީ އޭނާގެ ހައްގެކެވެ. އެ ހައްގު ހޯދުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅަން އޭނާ ތައްޔާރެވެ.

*****

ރޭގަނޑުގެ އެހާ ދަންވަގުތެއްގައިވެސް މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާ އެއްޗެހީގެ އަޑު ކެނޑިގެން ނުދެއެވެ. ޝިފްނާ ވަރުބަލި ފިޔަވަޅުތަކަކާއިއެކު ހިނގަމުން ދިޔައީ، މާލޭގެ އެންމެ ކާރުބާރު ބޮޑު މަޖީދީމަގުންނެވެ. އޮފީހުގެ މަސައްކަތްތައް މާ ބުރަކޮށް ހުރުމުގެ ސަބަބުން، އޭނާއަށް ގެއަށް ދާން ނުކުމެވުނީ މާ ދަންވި ފަހުންނެވެ. ކޮނޑުމަތިން ހާމައަށް ދޫކޮށްލެވިފައިވާ އެ ބުޅި އިސްތަށިގަނޑު ފަޒާގެ ތެރޭގައި ވިހުރެމުން ދިޔައެވެ. އޭނާ ލައިގެން ހުރީ ޕާކިސްތާނު ސްޓައިލްގެ ޗޮކްލެޓް ކުލައިގެ ކުރުތާއެކެވެ. ވެފައި ހުރި ވަރުބަލިކަމާއިއެކު، އަރާފައި ހުރި އުސް ހީލްސްގައި ހިނގުން އޭނާއަށްވީ ބޮޑު ތަކުލީފަކަށެވެ. އެހެންކަމުން އޭނާ ދިޔައީ މަޑުމަޑުން ފިޔަވަޅު އަޅަމުންނެވެ.

އެ މޫނުމަތިން ފެންނަނީ ވަރުބަލިކަމަށްވުރެ ބޮޑަށް ފުން ހާސްކަމެކެވެ. އޭނާގެ ސިކުނޑީގައި ހުއްޓުމެއްނެތި އެނބުރެމުން ދިޔައީ އެންމެ ގާތް އެކުވެރިޔާ ޔޫލީގެ ހިޔާލުތަކެވެ. ޝިފްނާގެ ހިތް ވަނީ ޔޫލީއަށްޓަކައި ޝަކުވާއިން ފުރިފައެވެ. އެއީ އެކުވެރިޔާ ކުއްލިއަކަށް އޭނާއާ މާ ދުރަށް ދިޔުމުންނެވެ. އެންމެ ފަހުން ދެމީހުން ވާހަކަދެއްކި ދުވަހު، މާންއާއި ޔޫލީއަށް މެލޭޝިއާއަށް ދިއުމަށް ބޭނުންވާ ޓިކެޓްތައް ހަމަޖައްސައިދިނުމަށްފަހު ޝިފްނާ ޔޫލީއަށް ގުޅިއެވެ. ނަމަވެސް، އެ ދުވަހަށްފަހު ޔޫލީ އޭނާގެ އެންމެ ކޯލަކަށްވެސް ޖަވާބެއް ނުދެއެވެ. އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކުރި އެތައް މެސެޖެއް ހުރީ ޖަވާބެއް ނުލިބި ފަޅުވެފައެވެ. އޮފީސްތެރެއިން ދެކެވުނު އެކި ވާހަކަތަކުން، ޔޫލީގެ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާގެ ކުޑަކުޑަ އަޑެއް އޭނާއަށް ވަނީ އިވިފައެވެ. ނަމަވެސް ހަގީގަތް ހޯދަން އޭނާ ދާނީ ވަކި ކާކު ގާތަށް ހެއްޔެވެ؟

މިފަދަ ފުން ޚިޔާލުތަކެއްގެ ތެރެއަށް ގަރަގުވެފައި ހުރެ، މަގުގެ އެއްފަރާތުން އަނެއް ފަރާތަށް ހުރަސްކޮށްލަން އުޅުމުގެ ތެރޭގައި، ދުއްވާފައި އައި ސައިކަލެއްގައި ޖެހި ޝިފްނާ މަގުމައްޗަށް ވެއްޓުނެވެ. އެއާއިއެކު އޭނާގެ ދެލޮލުން ކަރުނަ ހިލުނީ ވެއްޓުމުގެ ސަބަބުން ހަށިގަނޑަށް ވީ ތަދަށްވުރެ ބޮޑަށް، އެ ވަގުތު އޭނާގެ ހިތަށް ކޮށްފައިވީ ނަފުސާނީ އަސަރެއްގެ ބޮޑުކަމުންނެވެ. ސައިކަލު ދުއްވާފައި އައީ ވަރަށް މަޑު ދުވެއްޔެއްގައި ކަމުން، ސައިކަލުގައި އިން މީހާއަށްވެސް އަދި ޝިފްނާއަށްވެސް މާ ބޮޑު ޖިސްމާނީ ގެއްލުމެއް ނުވެއެވެ.

ސައިކަލު ނަގައި، މަގުގެ އަރިމަތީގައި ބަހައްޓާލުމަށްފަހު، އެ ފިރިހެންމީހާ ނުހަނު ހާސްކަމާއެކު ދުވެފައި އައިސް ޝިފްނާގެ ގާތުގައި އިށީނދެލިއެވެ. އެމީހާ ކަންބޮޑުވެފައި ހުރެ ޝިފްނާއަށް ގޮވާލުމުން، އޭނާ މަޑުމަޑުން އިސްއުފުލައި އެ މޫނަށް ބަލައިލިއެވެ. ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުން، ކުއްލިއަކަށް ޝިފްނާގެ ނޭވާ ހުއްޓުނު ފަދަ އިހްސާސެއްވިއެވެ. ކޮންޓްރޯލެއް ނެތި ލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް އެ ވަގުތު ހުއްޓުމަކަށް އައެވެ. ޝިފްނާ އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން، ހިތުގެ ހައިޖާނުގަނޑު ފޮރުވޭތޯ ބަލައި، ތުންފަތްމައްޗަށް ފަރި ހިނިތުންވުމެއް ވެރިކޮށްލިއެވެ.

*****

މާން މަޑުމަޑުން ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުނުލައެވެ. ޔޫލީގެ ހަނދާނުން ކައްސާލީ ބާވައެވެ؟ ނޫނީ ގޭގެ ބޮޑު ގޭޓު ފަރުމާކޮށްފައިވާ ގޮތުން، ވެރިވާ ސަލާމަތާއި ރައްކާތެރިކަމުގެ އިހުސާސްގެ ސަބަބުން އެއީ މާ މުހިންމު ކަމަކަށް ނުވަނީ ކަމަށްވެސް ވެދާނެއެވެ.

ހެނދުނުގެ ތާޒާ އަލިކަން ބިއްލޫރި ދޮރުން ފުރޭނިގެން ކޮޓަރިތެރެއަށް އެޅިފައިވީއިރު، އެ މާހައުލުން ފެންނަނީ ވަރަށް ޝާހީ ކުލަވަރެކެވެ. މާންގެ ނަޒަރު އެނދުމަތީގައި ނިދާލާފައި އޮތް ޔޫލީއަށް ހުއްޓުނެވެ. ކުދި މާތަކެއް ޖަހާފައިވާ ރަތްކުލައިގެ ކަވަރެއް ލައްވާފައިވާ އެ ބޯ ރަޖާގަނޑު މަތީގައި އޭނާ އޮތީ ހަށިގަނޑު ކުޑަކޮށްލައިގެންނެވެ. ބަލާބެލުމަށް ހީވަނީ ފިނި ބޮޑުވެފައި އޮތްހެންނެވެ. އެކަމަކު އެ ރަޖާގެ މަތީގައި އޭނާ އެއޮތީ ކީއްވެ ހެއްޔެވެ؟ ރަޖާ އަޅައިލައިގެން އޮތްނަމަ މާ އަރާމުކޮށް ނިދާލެވުނީސް ނޫން ހެއްޔެވެ؟

“ސްޓުޕިޑް” މާން މަޑުމަޑުން ބުނެލިއެވެ. އޭނާގެ ހިތް އެދުނީ ޔޫލީގެ ގާތަށް ގޮސް، އޭނާގެ ހަށިގަނޑުގައި އެ ރަޖާގަނޑު ރީތިކޮށް އަޅާލަދޭށެވެ. ނަމަވެސް،  އަމިއްލަ ހިތަށް ވިސްނައިދެމުން އޭނާ ފާހާނާއަށް ވަދެލީ، އަވަހަށް ތައްޔާރުވެލައިގެން އޮފީހަށް ދިއުމަށެވެ.

ޔޫލީގެ ހާލަތު އޭނާއަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ ރޭގައި މާން ނުކުމެގެން ދިޔަފަހުން، ޔޫލީ ވިސްނުމާއި ފިކުރުގެ ތެރޭގައި ހޭދަކުރީ ކިހާ އިރެއްކަމެއް ހުދު އޭނާއަށްވެސް އަންދާޒާކޮށްނުލެވެއެވެ. މާން އެނބުރި ނައުމުން އޭނާގެ ހިތް ވަނީ ނުތަނަވަސްކަމުން ފުރިފައެވެ. އެކި ޚިޔާލުތަކުގައި ފުރޮޅި ފުރޮޅި އޮއްވައި، ލޮލަށް ނިދީގެ ބަރުކަން އިހުސާސުވީވެސް ފަތިސްވި ފަހުންނެވެ.

މާންގެ ހާލަކީ ކޮބާތޯއެވެ؟ ރޭގަނޑުގެ ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން އޭނާގެ ބޮލަށްވަނީ ބަރުވެފައެވެ. ރޭގާ އޭނާއަށް ބުނެވުނު ބަހުގެ ސަބަބުން އިތުރަށް ޔޫލީގެ ކުރިމަތީ ހުންނަން ބޭނުން ނުވެ، ނިކުތް ކަމުގައިވިޔަސް އޭނާ ދާނެ ވަކި މަންޒިލެއް ނެތެވެ. މާހިންއާއި ކުރިމަތިލާނެ ހިތްވަރުވެސް އޭނާގެ ނެތުމުން ، އަމިއްލަ ގެއަށް ގޮސްފިނަމަ މާހިން ކުރިމަތިކުރުވާފާނެ ސުވާލުތަކަކަށް ޖަވާބުދޭން ޖެހިދާނެތީ، އޭނާ މިސްރާބުޖެހީ އޮފީހަށެވެ. މ .އޯކިޑުމާގެއަށް އެބުރި އޭނާ އައީ އޮފީހުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން ތައްޔާރުވެލައިން އޮފީހަށް ދިއުމަށެވެ.

ފެންވަރާލައިގެން ނުކުތް މާންގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ނަމަވެސް މަޑު މުށިކުލައިގެ އެ ދެލޮލުގައި ވަރުބަލިކަން ފާހަގަވާން ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑުން ބައެއް ނިތްކުރިމައްޗަށް ވެއްޓިފައިވާއިރު، އޭގެ ތެތްކަން ފާހަގަވެއެވެ. އުނަގަނޑުގައި އައްސާލާފައިވާ ތުވާލި ހުރީ ކަކުލާއި ހަމައަށެވެ. އެ ކަސްރަތީ މޭމައްޗާއި ބަނޑުގެ ގޮޅިތައް އެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އޭނާ އަތްނަގައި ނިތްކުރިމައްޗަށް އުނދަގޫކުރަމުން ދިޔަ އިސްތަށިތައް ހަމައަކަށް އަޅުވާލިއިރު، މުލައްދަނޑީގެ މަސްގަނޑު ފުފިލާ، އަތުގެ ނާރުތައް ހާމަވެލި ގޮތުން އެ ފިރިހެންވަންތަކަން ކޮންމެ އަންހެނަކުވެސް މޮޔަކޮށްލާނެކަން ގައިމެވެ.

އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިނދެ، އެ މަންޒަރަށް ޔޫލީ ބަލަން އިނީ ހުވަފެނީ ގޮތަކަށެވެ. އޭނާ ނިދިއިރުވެސް މާން އެނބުރި ނާންނާތީ، ހޭލެވުނުއިރު ކުރިމަތިން މިފެންނަނީ ހަގީގަތެއްކަމަށް ގަބޫލުކުރަން އޭނާގެ ސިކުނޑިއަށް އުނދަގޫވިއެވެ. އަދިވެސް ރަނގަޅަށް ހޭނުލެވެނީ ބާވައެވެ؟ ނޫނީ މިއީ ރޭގެ ޚިޔާލުތަކާއި ގުޅިގެން ފެންނަ ކުލަގަދަ ހުވަފެނެއް ހެއްޔެވެ؟ އެ ރީތި ދެލޮލުގައި އަދިވެސް ނިދީގެ ބަރުކަން ހުރުމާއިއެކު، ކުރިމަތިން މި ފެންނަނީ ހަގީގަތުގައިވެސް މާން ބާއޭ ހިތަށްއަރާ، ގަބޫލުނުކުރެވިފައި އޭނާއަށް އިނދެވުނީއެވެ.

މާން އިނގިލިތައް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލަމުން ބޯ ތަޅުވާލުމާއިއެކު، ފެންތިކިތައް ފަޒާގެ ތެރެއަށް ބުރައިގެން ދިޔައެވެ. އެ ވަގުތު އޭނާ ސިފަވަނީ ހަމަ ހޮލީވުޑް ފިލްމެއްގެ ހީރޯއެއް ފަދައިންނެވެ. އޭނާ ކުއްލިއަކަށް ޔޫލީއާ ދިމާއަށް އެނބުރިލި ވަގުތު ދެމީހުންގެ ހަތަރުކަޅި ސީދާވިއެވެ. ޔޫލީއަށް ހީވީ ހުވަފެނުން ހޭލެވި، ކުއްލިއަކަށް މުޅި ހަށިގަނޑަށް ފިނިކަން  ވެރިވި ހެންނެވެ. އޭނާ ސިހިފައި ނަޒަރު ވަކިކޮށްލަން އުޅުނު ނަމަވެސް، މާންގެ އެ ތޫނު ދެލޮލުގެ ސަބަބުން އޭނާގެ ހަރަކާތް ހުއްޓުނު ފަދައެވެ.

” އޯ …. ސްލީޕިން ބިއުޓީ .. އަރ ޔޫ އެވޭކް؟ ޔޫ ސީ ސަމްތިންގް ޔޫ ލައިކް؟ ” އެއްލޯ މަރާލަމުން މަލާމާތުގެ ރާގަކަށް މާން ބުނެލިއެވެ.

އެ ބަލައިލުމާއި އެ ހަރަކާތުގެ ސަބަބުން ޔޫލީގެ ހިތުގެ ތެޅުން މަޑުޖެހިލިއެވެ. ކޮލަށް އަރާފައިވާ ޖަންބުކުލައިން އޭނާގެ ހާލަތު ވަރަށް ރަނގަޅަށް ފާޅުވެއެވެ. ނަމަވެސް އެއީ އޭނާ ފާޅުގައި އެއްބަސްވާނެ ނުވަތަ ދައްކާނެ ކުލަވަރެއް ނޫނެވެ.

“ހައް… ހިތުން މާ ރީތި މީހެކޯ.. ބޮޑު ފުރޭތަގަނޑު…” ތުން އަނބުރާލަމުން ޔޫލީ ބުނެލީ ވަރަށް މަޑުންނެވެ.

“އަހަރެން ބުނިންތަ ތިހެން؟” އެހާ މަޑުމަޑުން ބުނި ބަސްވެސް މާންއަށް ސާފުކޮށް އަޑުއިވިއްޖެއެވެ.

“ނުބުންޏަސް އެނގެއޭ ތި ހިތުގައި އޮތީ އެހެންކަން،” ދޫކުރުމަކީ ޔޫލީގެ މިޒާޖުގައި ނެތް ސިފައެއްކަމުން އޭނާ ރައްދުދިނެވެ.

“ޔޫލީއަށް އަހަރެންގެ ހިތްވެސް އެނގޭތަ؟” މަޑުމަޑުން ޔޫލީއާ ގާތްވި މާން، މިހާރު ހުރީ އެނދު ކައިރީގައި ޔޫލީއާ ދިމާއަށް ކުޑަކޮށް ގުދުވެލާ، އެ މޫނަށް ބަލަހައްޓައިގެންނެވެ.

މާންގެ ގައިން ދުވި ތާޒާ ވަހުން ޔޫލީގެ ހިތުގެ ވިންދު އަވަސް ކުރުވިއެވެ. އޭނާގެ މޫނަށް ނަޒަރެއް ދިނުމަށްފަހު އަވަސް އަވަހަށް ދުރަށް ޖެހިލާ އެނދުން ފޭބިއެވެ. ” އައްޗީ.. އަހަންނަކަށް ނޭނގޭ.. އަހަރެން ނޫޅެން ކޮންމެހެން އެނގޭކަށްވެސް…” ބާރު ހިނގުމެއްގައި އޭނާ ގޮސް ފާހާނާގެ ދޮރުގައި ހިފާލާ ކުއްލިއަކަށް އެނބުރިލާ މާންއަށް ބަލައިލިއެވެ. ” އަހަރެން ބޭނުން ބައްޕަގެ އޮފީހަށް ގޮސް ރޭގަ ބުނި ބަހުގެ ހަގީގަތް ބަލަން” ޖަވާބަކަށް މަޑުކުރިމެއްނެތި އޭނާ ވަނީ ފާހާނާއަށެވެ.

ޔޫލީ އެ ގޮތް ބޭނުންވާނެކަން މާންއަށް އެނގެއެވެ. އޭނާގެ ބަހަށް ޔޫލީ އިތުބާރު ނުކުރާނެކަން އޭނާއަށް އެނގޭތީއެވެ. ޔޫލީއަށް ހަގީގަތުގައި ނާއިލްގެ ކުންފުނި ވަނީ ކިހާ ވަރެއްގެ އަދަވަޅެއްގައިކަން އެނގުމުން ވާނީ ކިހިނެއް ހެއްޔެވެ؟

އޮފީހަށް ދިޔުމަށް ތައްޔާރުވެލައިން މާން އިނީ ސިޓިންރޫމް ސޯފާގައެވެ. އޭނާ އިނީ ޔޫލީގެ އިންތިޒާރުގައެވެ.

ޔޫލީ ބޭނުންވި ފަދައިން، އޭނާ ގޮވައިގެން ނާއިލްގެ އޮފީހަށް ދިއުމަށެވެ. އެ ވަގުތު ގޭގެ ދޮރުގެ ބެލް އަޅާލި އަޑު އިވުނެވެ. މާން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.

“ކާކު ބެލް ޖެހީ؟” ސިޑިން ފައިބައިގެން އެ ދިމާއަށް އައި ޔޫލީގެ ސުވާލުގެ އަޑު އިވުނެވެ.

ނަމަވެސް މާން އެ ސުވާލަކަށް ޖަވާބެއް ނުދެއެވެ. ދޮރު ކައިރިއަށް އައި ޔޫލީއަށް، ގޭގެ ދޮރުން އެތެރެއަށް ވަދެގެން އައި މީހާ ފެނުމާއެކު ފިޔަވަޅުތައް ހުއްޓުނެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މާންގެ މޫނަށް ބަލައިލުމަށްފަހު، އަނެއްކާވެސް އެތެރެއަށް ވަތް މީހާގެ މޫނަށް ބަލައިލިއެވެ. މި ވަގުތު ކުރަންވީ ކަމެއްވެސް، އަދި ބުނާނެ އެއްޗެއްވެސް ޔޫލީއަކަށް ނޭނގުނެވެ. އޭނާގެ ދުލުގައި ތަޅެއް އެޅިފައިވާ ކަހަލައެވެ.

***ނުނިމޭ***

ޔޫލީގެ ގެއަށް އެ އައީ ކާކުބާ؟ 🤔 ތިޔަ ކިޔުންތެރިންގެ ޚިޔާލަކީ ކޮބާ؟ ސުވާލުތަކުގެ ޖަވާބަށް ވާހަކައަށް އިންތިޒާރުކޮށްލައްވާ.

ވާހަކައިގެ މި ބައިވެސް ކަމުދިޔަކަމަށް އުންމީދުކުރަން. ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ.

ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ.

-ވިޝް-

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ޒާޔާ – 2 (ތޭރަވަނަ ބައި)

Previews
July 1, 2026

ޒާޔާ – 2 (ތޭރަވަނަ ބައި)



All Right Reserved!