“ހާއްސަކޮށް ސާޖިދު ކައިރީ” ރަހާގެ ޖުމުލަ ތެރެއަށް ސާޖިދުގެ ނަން އައުމުން ރޫޔާ ހައިރާންވިއެވެ. އަނެއްކާ ސާޖިދު އޭނާގެ ކޮއްކޮއަށް ކަމެއް ކުރީ ހެއްޔެވެ؟
“ސާޖް ކައިރީ ނުކިޔާނަން، ދެން ބުނެބަލަ”
“މަލާމަތްވެސް ނުކުރާތި” ރަހާ އެހެން ބުނުމުން ރޫޔާ އަށް ވެގެން އުޅޭ މަޑުމަޑުން ނަގައިގަނެވުނެވެ. ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލުކުރަން ދަތިވެފައެވެ.
“ރަހާ، ޔޫ ހޭވް އަ ކްރަޝް އޮން ސާޖް؟” ޖަވާބަކަށް ރަހާ ބޯ ހޫރައިލިއެވެ.
“އައި ލަވް ހިމް”
އެ ދެމީހުންގެ މެދުގައި ހިމޭންކަން ވެރިވިއެވެ. އެކަކު އަނެކަކަށް ބަލަން ހުރެވުނީ، އެ ބަހާއެކު އެކަކު އަނެކަކުގެ މޫނުމައްޗަށް އަރާނެ ކުލަވަރު ބަލަންވެގެންނެވެ.
ރޫޔާ އެއްޗެކޭ ނުބުނެ ހުރެވުނީ ކަޅި ޖަހަންށެވެ. ރަހާގެ ބަސްތަކަށް އޭނާ ބުނާނީ ފަހެ ކީކޭ ހެއްޔެވެ؟
“ރަހާ.. ރަހާ ލޯބިވަނީ ސާޖިދު ދެކެތަ؟” ރޫޔާ ތަކުރާރުކޮށްލީ ޤަބޫލު ކުރަން ނޭނގި ހުރެއެވެ.
“އޯހް ޕްލީޒް، ދޮންތަވެސް ރަޒާން އެހެން މީހަކާ ކައިވެނި ކުރީމަ ރިއެކްޓް ކުރީ ހަމަ މިހެން، ކޮންމެހެން މިކަން ބޮޑު ކުރަން އުޅޭނި ކަމެއް ނެތް” ރަހާ އެހެން ބުނެފައި އަނެއްކާވެސް އެނދުގައި އޮށޯވެ، މޫނު މަތީގައި ބާލީސް އަޅައިލިއެވެ.
ރޫޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެނދުގެ ކައިރީގައި އިށީނެވެ. އެ އަތް ނަގައި ކޮއްކޮގެ ބުރަކަށީގައި ފިރުމަން ފެށީ ލޯބިންނެވެ.
“ނުބުނާން އެއްވެސް މީހެއް ގާތު، ދޮންތަ މިހުރީ ރަހާއާ އެއްކޮށް. ރޯން ބޭނުންވަންޏާ ރޯއެލާ.” ރޫޔާގެ އޯގާތެރި ބަސްތައް އިވިފައި ރަހާ މޫނު މަތިން ބާލިސް ނެގިއެވެ. ލަސްލަހުން އެނދުގައި އިށީނދެލައި ރޫޔާ އަށް ބަލައިލީ ކަމަކާ ވިސްނަމުންނެވެ. ބޮލަށް އައި ޚިޔާލާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ހެވުނެވެ.
“އެނގޭތަ؟ ވަރަށް ޖޭ ވެގެން އުޅުނިން ދޮންތައާއި ސާޖިދްގެ ފްރެންޑްޝިޕް ފެނިފައި. ދޮންތަ ރަށަށް އައިސް، ސާޖިދަށް ފިލަން ވަންނަ ތަންތަން ކިޔައިދިނީ އަހަރެން. އެވަރުންވެސް، ހީ ވުޑް ސޭ، ރޫ އިޒް ލަކީ ޑު ހޭވް އަ ސިސްޓަރ ލައިކް ޔޫ.” ހެމުން، އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލިއެވެ. ވިސްނުމަކަށް ދެވެން ފެށުމާއެކު އޭނާގެ ހުނުން މަޑުވިއެވެ.
“ސާޖް އަށް އެނގޭތަ؟”
“ނޫން. ނޭނގުނިއްޔާ ރަނގަޅީ. އައި ޝުޑް މޫވް އޮން، ރައިޓް؟” ތުންފަތަށް ވެރިވި ލުއި ހިނިތުންވުމަކާއެކު ރަހާ އެހެން އަހައިލީ އޭނާގެ ދޮންތައަށް ބަލަން ހުރެއެވެ.
“ޑަޒް އިޓް އެވަރ ގެޓް އީޒީ؟ ދޮންތަ ކިހިނެއް ރަޒާން މަތިން ހަނދާން ނައްތާލަން ކުރީ؟” އެ ޖުމުލައާއެކު ރޫޔާ ރަހާގައިގައި އޮޅުލައިގަތުނެވެ.
“ނޮޕް، ދެން ކުރި ސުވާލަށް ޖަވާބު ދޯ، އެކަމާ ނުވިސްނާ އުޅުނީ. އެހާ ފަސޭހަލެއް ނުވާނެ، ހަޔާތުގައި ތިއައްވުރެ މުހިންމު ކަންތައް އެބަހުރި، އެއަށް ފޯކަސް ކުރަން އުޅޭ” ރޫޔާގެ ބަހާއެކު ރަހާ ދޮންތަގެ ކޮނޑުގައި ބޯ އަޅައިލިއެވެ.
“އޯކޭ. މިދަނީ ފާހަނައަށް މޫނު ދޮންނަން” ރަހާ ދުރަށްޖެހިލަމުން ހިނގައިގަތުނީ ފާހަނައަށެވެ.
ރަހާ ފާހަނައަށް ވަދެ ދޮރު ލައްޕައިލި މަންޒަރު ބަލަންހުރި ރޫޔާ ވިސްނައިލީ އޭނާގެ ކޮއްކޮގެ ބަހާމެދުއެވެ. ކުއްލިއަކަށް އޭނާއަށް ކަމެއް ރޭކާލެވުނެވެ. އޭނާއަށް ކޮޅަށް ތެދުވެ ދެއަތް ހުރައިލެވުނީ ފާހަނާގެ ދޮރަށް ބަލަން ހުރެއެވެ.
“ރަހާތަ އަހަރެން ފިލަން ވަދުނު ތަންތަން ސާޖް ކައިރީ ބުނީ؟؟”
***
“އުނޯ” އަތިރިމަތީ ހުރި ކުޑަ ހޮޅުއަށިން މައިރާގެ ގަދަ އަޑު އިވިގެން ދިޔައެވެ. އަތުގައި އޮތް ކާޑު ވައިގެ ތެރޭ ތަޅުވައިލީ، މޫނު މައްޗަށް ޖެއްސުމުގެ ކުލަވަރު ގެންނަމުންނެވެ. ފޮނި ވެލައިފާ އޭނާއާއެކު ވަށްބުރަކަށް އިށީނދެތިބި ވަސީމްގެ ފެމަފިރިންނާއި، ޒަޔާންގެ ދެމަފިރިންނާއި ރޫޔާއަށް ބަލައިލިއެވެ.
“ދޫނީ، މި ކާޑް ޖަހާ” ޒަޔާން، އޭނާގެ އުނގުގައި އިން ޒާޝާއަށް، އޭނާގެ އަތު ތެރޭގައި އޮތް ކާޑު ދައްކާލަމުން ބުންޏެވެ. ޒަޔާންގެ ބަހަށް ތަބާވެ، ޒާޝާ ބައްޕަގެ އަތުން އެ ކާޑު ނަގައި، އެ ވަށްބުރުގެ މެދަށް ލިއެވެ.
“ޔެލޯ ނޫނީ ނަމްބަރ 7 ދޯ” ޒަޔާންގެ ބުރަށް ފަހު ކުޅެން ޖެހޭ ޝެހެނާ އޭނާގެ އަތު ތެރޭ ކާޑަށް ބަލައިލިއެވެ. މޫނު ކުނިކޮށްލުމަށްފަހު ކުރިއަށް ޖެހިލީ މެދުގައި ހުރި ކާޑު ބަރިއަށެވެ. ނެގުނު ކާޑު ފެނިފައި އޭނާގެ މޫނަށް ވިހަކަން ގަދަ ހިނިތުންވުމެއް ވެރިވިއެވެ.
“ޓޫ ޕްލަސް. ވަސީމް..” ޝެހެނާގެ ބަހަށް ދެން ތިބި އެންމެން ހޯ ބޯ ލައްވަން ފެށިއެވެ. ފޯރީގައި ހުރެ ބަލަން ހުރީ ވަސީމް ހަދާ އެއްޗަކަށެވެ.
މޫނަށް އެއްވެސް ބަދަލެއް ނުގަނެ ހުރި ވަސީމް ހިނިތުންވެލިއެވެ. ޝެހެނާގެ ޓޫ ޕްލަސް ގަނޑު މައްޗަށް އޭނާގެ ޓޫ ޕްލަސް ގަނޑު ލިއެވެ.
“ޝަފް އަށް ފޯ ގަނޑު ނަގަން ޖެހުނީ ދޯ” މައިރާ ދިމާކުރާ ރާގަކަށް ބުނުމުން ޝަފަޤް ބޯ ހޫރައިލިއެވެ. އަތުގައި އޮތް ފޯ ޕްލަސް ގަނޑުނަގައި މެދަށްލިއެވެ.
“އަށެއް. ރޫ…” މެދުން ނަގަން ޖެހޭ ގަނޑުތައް ގިނަ ވާ ވަރަކަށް އެ އެންމެންގެ ތެރޭގައި ފޯރިގަދަ ވަމުން ދިޔައެވެ.
“ކާކު ބުނީ މަ އަށެއް ނަގަން ޖެހޭ ވާހަކަ؟” މީހަކަށް ބެލުމެއް ނެތި ރޫޔާ އަތުގައި އޮތް ފޯ ޕްލަސް ގަނޑު މެދަށް ލިއެވެ. “އުނޯ؟”
“ވަޓް” މައިރާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަތުގައި އޮތް ފެހި ކާޑު ނަމްބަރު ހަތަކަށް ބަލައިލިއެވެ. މައިރާގެ މޫނަށް އެރި ކުލަވަރު ފެނިފައި ދެން ތިބި މީހުން ހޭން ފެށިއެވެ.
“ސީރިއަސްކޮންތަ؟” ނޭވާއެއް ނަގަމުން މައިރާ ކުރިއަށް ޖެހިލައި، ކާޑު ބަރިން، ބާރަ ކާޑު ނެގިއެވެ. މޫނު ކުނިކޮށްލުމަށްފަހު އެ ގޭމައިގެން ކުރިއަށް ދިޔައެވެ.
ޒަޔާނާއި ވަސީމް، ކައިރީގައި ހުރި ހޮޓަލަކުން ހެދިކާ ގަންނަން ދިޔަ ވަގުތުކޮޅެވެ. ރޫޔާއާއި ޝެހެނާ އުޅުނީ، ޒާޝާ އާއެކު ގޮނޑުދޮށުގައި އަތުލައި ކުޅެންށެވެ. ފަނަރަ ވަރަކަށް މިނެޓު ވަންދެން ދުވެދުވެ، ވަރުބަލިވުމާއެކު ޝެހެނާއާއި ރޫޔާ ހޮޅުއަށްޓަށް އެނބުރިއައެވެ. ޒާޝާ އުޅުނީ ގޮނޑުދޮށުގައި، އޭނާއާއި އެއް އުމުރު ފުރައިގެ ކުދިން ކޮޅަކާއެކު ކުޅެންށެވެ.
“ހިނގާބަލަ މާދަން މޫދަށް ދާން ރާވަން، އެހެން ކިޔާއެބަ، ރޫ ފުރުމުގެ ކުރިން ކޮންމެވެސް ގަނޑެއް ގަންނަން” ޝަފަޤް އަތުގައި އޮތް ފޯނު ތިރިކޮށްލަމުން ބުންޏެވެ.
“ތެދެއް. ހިނގާ ރޫ މެން ގޭގަ ކައްކާފަ ދާން. އަތިރިއާ އެންމެ ކައިރީގައި ހުރި ރޫ މެންގެ. ހަތޫއާއި ހަލީމައްތަވެސް ބައިވެރިވާ ގޮތަށް” މައިރާ އެހެން ބުނުމުން ރޫޔާ މައިރާއަށް ބަލައިލިއެވެ.
“ކޮން އިރަކު ތި ދެމީހުން އަހަރެން ނުލާ ތިހުރިހާ ކަމެއް ރޭވި؟ އެވެސް އަހަރެންގެ މަންމައާއި ފަހަރި ބައިވެރިކޮށްގެން” ރޫޔާ ހަށަންބަންނަމުން ޝަކުވާކޮށްލިއެވެ.
“ޝޫޓް. ރޫ ފަހަތް ބަލާބަލަ” އިންތަނުން ތެދުވެ ޝަފަޤް ރޫޔާގެ ފަހަތަށް، ލޮލުން އިޝާރަތް ކުރިއެވެ. ރޫޔާ ފަހަތަށް އެނބުރިލި ވަގުތު، އަތިރިއާ އަރާ ހަމަކުރަމުން އަންނަ ލީނާ ފެނުނެވެ.
“ހަތަރު އުދަރެސް ފެނުޖެހުނީ ތި” ހޮޅުއަށިން ފައިބައިގެން މައިރާ ރޫޔާ ކައިރީ މަޑުކޮށްލީ ލީނާ ރޫޔާއާ ނުބެހި ނުދާނެކަން އެނގޭނެތީއެވެ.
މައިރާ ހީކުރީވެސް ރަނގަޅަށެވެ.
“ކޮންގްރެޓްސް. ހަބީ ބުނި ރޫޔާ ކިޔަވަން ބޭރަށް ދާން އުޅޭ ވާހަކަ” މޫނުމައްޗަށް ގަދަކަމުން ހިނިތުންވުމެއް ގެންނަމުން ލީނާ ރޫޔާއަށް ބުންޏެވެ.
“ޝުކުރިއް-”
“ބަޓް ދެޓް ޑަޒްންޓް މޭކް ޔޫ އަ ބެޓާރ ވުމެން. ކެރިއަރ އޮތަސް، ފިރިއަކު އަތުކޮށްގެން ނުގެންގުޅެވެންޏާ ނުކިޔާނެ ދޯ ތީ އަންހެނެކޭ” ލީނާ ރޫޔާގެ ޖުމުލަ ފުރިހަމަ ކުރިޔަ ނުދީ، ބުނި ބަސްތަކުން ދެން ތިބި ހަތަރު މީހުން އަނގަ ބިމާ ޖެހުނެވެ. މައިރާއާއި ޝެހެނާއާއި ޝަފަޤް އެކަކު އަނެކަކަށް ދެލޯ ބޮޑުކޮށްލައިފައި އެކަކު އަނެކަކަށް ބަލައިލީ ޤަބޫލުކުރަން ދަތި ވެފައެވެ.
“ވަޓް؟ ދޮގެއް ނޫންތަ މިބުނީކީއް؟” މައުސޫމު ގޮތަކަށް ދެކޮނޑު އަރުވާލުމަށްފަހު ލީނާ ހިނގައިގަތީ ފާލަމާ ދިމާލަށެވެ.
ރޫޔާ އޭނާގެ މެޔަށް ބަލައިލައިފައި މައިރާމެންނަށް ބަލައިލިއެވެ. “ސޯ، އައި އޭމް ނޮޓް އަ ވުމެން އެނަފް؟” ރޫޔާ އަނގަ ހަދާލިއެވެ.
“ވާވް، މަ ނެތިން އެއްޗެކޭ ބުނާކަށް، ބައެއް އަންހެނުންގެ ވިސްނުން ދޯ.” ޝެހެނާ އުނަގަނޑުގައި ދެއަތް އަޅުވައިލުމަށްފަހު ނޭވާއެއް ދޫކޮށްލިއެވެ.
މައިރާ އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތެވެ. މައިރާ ދާތަން ބަލަން ހުރެފައި ރޫޔާ ދެކޮނޑު އަރުވައިލިއެވެ. އިރުކޮޅެއްނުވެ މައިރާ އެމީހުންގާތަށް އެނބުރިއައެވެ. މޫނުމައްޗަށް އަރައިފައިވާ ހިނިތުންވުން ފެނިފައި ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
“އާދޭ ސެލްފީއެއް ނަގަން.” މައިރާ އެހެން ބުނެ އަތުގައި އޮތް ފޯނު ނަގައި، ގޮނޑުދޮށަށް ފުރަގަސް ދިނެވެ. ފޯނު ހުޅުވައިލުމަށްފަހު ހިފަހައްޓައިގެން ހުރީ، އެމީހުންގެ ފަހަތުގައި ހުރި ފާލަން ކެމޭރާއަށް އަރާނެ ގޮތަށެވެ.
“އޯކޭ.” ޝަފަޤް އިތުރު ޝަކުވާއެއް ނުކޮށް މައިރާގެ ފަހަތުގައި މަޑުކޮށްލިއެވެ. އޭނާގެ ކައިރީގައި ޝެހެނާއާއި ރޫޔާވެސް މަޑުކޮށްލައި ކެމެރާއަށް ހިނިތުންވެލިއެވެ.
“ބަޓް މައި، ތި ވީޑިޔޯ ކުރަނީނު” ޝެހެނާއަށް، ފޯނު ސްކްރީނުން ސިކުންތު ގުނަމުން ދާ ތަން ފެނިފައި ދެބުމަ ގޮށްޖަހައިލިއެވެ. އެވަގުތު އެ ސްކްރީނުން، ފާލަން މައްޗަށް އެރި ހަމްދާން އެ ހަތަރު މީހުންނަށް ފެނުނެވެ.
“ހަމްދާން؟؟”
ހަމްދާނާއި އިތުރު ދެތިން ކުދިން ކޮޅު ފާލަން މަތީ ސަކަރާތް ޖަހަމުންދާ މަންޒަރު އެ ވީޑިޔޯގައި ރިކޯޑް ކުރެވުނެވެ. ވަރަށް ނުވާކަމަށް ހެދިގެން، ހަމްދާނު ވެއްޓެން ދާން އުޅުނު ގަޑީގައި، ފާލަން ކޮޅުގައި ހުރި ލީނާ މޫދަށް ކޮއްޕައިލިއެވެ. ފެނުނު މަންޒަރުން ތިން މީހުންގެ ދެލޯ ބޮޑުވިއެވެ. މައިރާގެ ލާނެއް ހިނިތުންވުން ފުން ވިއެވެ.
ސިކުންތުކޮޅެއްވެސް ބޭކާރުނުކޮށް ތިން މީހުން އެކީ އެއްފަހަރާ ފާލަމާ ދިމާލަށް އެނބުރުނެވެ. އޭރު މޫދު ތެރޭ އޮތް ލީނާގެ ރުޅިވެރި ހަޅޭކުގެ އަޑު މުޅި ހިސާބަށް އިވެމުން ދިޔައެވެ.
ރޫޔާ މައިރާއަށް ބަލައިލީ، ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވަން އުޅެމުންނެވެ. ޝެހެނާ ދެކޮޅަށް ބޯ ހޫރަމުންދިޔައިރު ޝަފަޤް އަނގަމަތީ އަތްއަޅައިގެން ހުރެ ހެމުންދިޔައެވެ.
“މައި، ޔޫ އާރ އީވެލް” މައިރާ ފޯނު ތިރިކޮށްލުމާއެކު ޝެހެނާ ބުންޏެވެ. ރައްދުގައި މައިރާ ބޯ އަރިކޮށްލުމަށްފަހު ދެކޮނޑުއަރުވައިލިއެވެ.
“ޕްލީޒް. އަހަރެން ދެވަހަކުވެސް މައިރާގެ ދުޝްމަނަކަށް ވާކަށް ބޭނުމެއް ނޫން” ޝަފަޤް އެހެން ބުނުމާއެކު ރޫޔާވެސް އޭނާއާ ބައިވެރިވެލިއެވެ.
“ތިއޮއް އަންނަނީ” މޫދުން ގޮނޑުދޮށަށް އެރި ލީނާ ފެނި ޝަފަޤް އަވަހަށް ހުނުން ހުއްޓައިލިއެވެ. ދެފައި ތަޅަމުން އޭނާ ރޫޔާމެން ފަހަނައަޅައިދާން އުޅުނު ގަޑީ މައިރާ ލީނާއަށް ގޮވައިލީ ރޫޔާގެ ކޮނޑުގައި އަތް އަޅުވައިލަމުންނެވެ.
“ޔޫ ނީޓް މެޑިކަލް އެސިސްޓެންސް؟ މިތާ އެބަހުރި ޑޮކްޓަރެއް” މައިރާ އެހެން ބުނުމާއެކު ޝެހެނާ މޫނު އަނެއް ފަރާތަށް އަނބުރައިލީ، ގާތަށް އައި ހިނިގަނޑު ފޮރުވަންށެވެ. ޝަފަޤް ނުވާކަމަށް ހަދައިފައި ނޭވާއެއް ނަގައިލިއެވެ. ރޫޔާ ދެކޮޅަށް ބޯ ހުރައިލިއެވެ.
އައި ރުޅިން ލީނާގެ މުޅި ހަށިގަނޑު އެކީ އެއްކޮށް ރަތްވެގެން ދިޔަ ފަދައެވެ. އެއްޗެކޭ ނުބުނެ، ކުރިއަށްވުރެ ބާރަށް ހިނގައިގަނެފައި އެތަނުން ގޮއްސިއެވެ.
****
ކޮޓަރި ދޮރުގައި މީހަކު ޓަކި ދިން އަޑަށް، ހެދުން ފަތްޖަހައިން އިން ރޫޔާ އިސްނަގައި ދޮރަށް ބަލައިލިއެވެ. ވަދެގެން އައި ރަހާ ފެނިފައި ރޫޔާ ނިތަށް ރޫ އަރުވައިލީ، އޭނާގެ ކޮއްކޮ ދޮރުގައި ޓަކި ދިނީމައެވެ.
“ހާއި” ލަސް ފިޔަވަޅުތަކެއް އަޅަމުން އައިސް، ރަހާ ރޫޔާ ގާތު އިށީނެވެ. ކައިރީގައި ހުރި ހެދުންތަކު ތެރެއިން ހެދުމެއް ނަގައި ފަތްޖަހަން ފެށިއެވެ.
“ހާއި ޓު ޔޫ، ކަމެއް ވީތަ؟؟” ފަތް ޖެހި ހެދުން، ކުރިމަތީ ހުރި ލަގެޖަށް ލުމަށް ފަހު ރޫޔާ ރަހާއަށް ބަލައިލިއެވެ. ރައްދުގައި ރަހާ ބޯ ހޫރައިލިއެވެ.
“ދެން، ކުޑަކޮށް އިމޯޝަނަލް ވެފަ، ކޮޓަރި ވަރަށް ފަޅުވާނެ ދޮންތަ ނެތީމަ” ރަހާ އެހެން ބުނުމަށްފަހު ނޭވާއެއް ނެގިއެވެ. “ވަރަށް އުފާވޭ ތިކަހަލަ ދޮންތައެއް އަޅުގަނޑަށް ލިބުނީމަ. ވަރަށް ފަޚުރުވެރިވެސް ވޭ. ސޯ ގޯ އެންޑް މޭކް އަސް މޯ ޕްރައުޑް” ރަހާ އެހެން ބުނުމަށްފަހު ރޫޔާ ގައިގައި އޮޅުލައިގަތުނެވެ. “އެކަމަކު، ސާޖްގެ ވާހަކަ ނުދައްކާތި އެއްވެސް މީހެއް ގާތު. މޫވް އޮން ވާން މިއުޅެނީ” ރަހާގެ ޖުމުލައާއެކު ރޫޔާ އޭނާގެ ބޮލުގައި ފިރުމައިލިއެވެ.
“ހީވޭތަ ބުނާނެ ހެން؟” ރޫޔާ އެހެން ބުނުމަށްފަހު ރަހާގެ ބަނޑުގައި ކޮށްޓައިލިއެވެ. އެއާއެކު ފެށުނީ ދެމީހުން އެކަކު އަނެކަކު ގިލިގިލި ކޮށްޓަންށެވެ.
***
ހޮނިހިރު ދުވަހު މެންދުރުގެ ވަގުތެވެ. ވަގުތަކީ މެންދުރު ނަމާދުކޮށްގެން ފިރިހެންވެރިން މިސްކިތުން ނުކުމެގެން އައި ވަގުތެވެ. ވާފިރު، އިސްމާޢިލް، އަހުމަދުގެ އިތުރުން މާއިޝް ހިނގައިގަތީ ވާފިރުމެން ގެއަށެވެ. އެ ބޮޑު ތިން މީހުންގެ ދެމެދުގައި ދެކެމުން ދިޔަ ވާހަކައަކީ މިއަދަށް ރާވައިފައިވާ މޫދު ދަތުރެވެ. މާއިޝްވެސް ފުމެމުން، ކޮރު ޖަހަމުން އެމީހުންނާއި ބައިވެރިވެލައި ވާހަކަ ތެރެއަށް ވަދެލައެވެ.
ގޭގެ ގޯތި ތެރެއަށް ވަދެވުމާއެކު، ބަދިގެއިން އަންހެންވެރިންގެ އަޑު އިވުނެވެ. ހާއްސަކޮށް މައިރާއާއި ޝަފަޤް ކޯޅުމެވެ.
“މަ މި ބުނަނީނު، ކުޅި މަޑޭ” މައިރާ އުޅުނީ ޝަފަޤް އަތުގައި އޮތް ހަވާދު ފުޅި އަތުލަންށެވެ.
“ކުޅި ރަހަ އެހުރީ ހަމަ ރަނގަޅަށް” މައިރާ އަތަށް ފޯރުނަ ނުދީ، ޝަފަޤް އެ ފުޅި ދުރަށް ލިއެވެ.
“ޝަފް، ސައިސަމުލަށް އަޅާބަލަ.” މައިރާ އަޑަށް ދަމަމުން ބުންޏެވެ.
“ޝެހޭ، އެދެމީހުން ހުއްޓުވަން އުޅެބަލަ” ޒާޝާ އުރައިގެން ހުރި ރޫޔާ އެހެން ބުނި އަޑު އިވިފައި ރަހާ ނޭވާއެއް ނަގައިލިއެވެ. އޭނާ ބަލާކަށް ނުހުރެ މޭޒުމަތީގައި ހުރި ތެއްޔަކާއި އުނދުޅި ނަގާއި ތަޅަން ފެށިއެވެ. ދަގަނޑު ތެޅޭ ގެ އަޑު މުޅި ބަދިގޭގައި ގުގުމަން ފެށުމާއެކު އެންމެންވެސް ކަންފަތުގައި އަތް އަޅައި ރަހާއަށް ބަލައިލިއެވެ.
“ޓައިމް އައުޓް. ތި ދެމީހުންނާ ހެދި އެއް ކަމެއްވެސް ނުކުރެވިގެން މިއުޅެނީ.. ދެންވެސް ތި ހަވާދު ފުޅި ބަހައްޓާފަ ދާން އުޅެން ހިނގާބަލަ.” ތެއްޔާއި އުނދުޅި މޭޒުމަތީ ބެހެއްޓުމަށްފަހު ރަހާ ލޯ އަޅައިލިއެވެ.
ދެމީހުން އިތުރަށް ޒުވާބު ކުރުމެއް ނެތި، އުޅުނީ އަތިރިއަށް ކާއެއްޗެހި ގެންދަން ތައްޔާރުކުރުމުގައިއެވެ. ކާ ތަށިތަކާއި ފެންބޯ ތަށިތައް ކޮތަޅަކަށް އެޅުމަށްފަހު ޝަފަޤް ބަދިގެއިން ނުކުތެވެ. އޭނާގެ ފަހަތުން ދެން ތިބި މީހުންވެސް، އަތު ޖެހުނު އެއްޗެއް ހިފައިގެން ބަދިގެއިން ނުކުމެ ފެންޑާގައި މަޑުކޮށްލީ އުޑުމަތި އޮތް ގޮތް ފެނިފައެވެ.
“ސީރިއަސްލީ؟” ރަހާގެ ބަހާއެކު ގުގުރީގެ އަޑު މުޅި ފަޒާގައި ގުގުމާލިއެވެ. އުޑުމައްޗަށް އަރައިފައިވާ ކަޅު ވިލާތައް ފެނިފައި، އެ އެންމެން ފެންޑާއިން ނުކުންނަން ފަސްޖެހުނެވެ. މީހަކަށް އެއްޗެކޭ ބުނުމުގެ ކުރިން، ވާރޭ ވެހެން ފެށިއެވެ. ބޯކޮށެވެ.
“އެހާވަރަށް ރޭވީމަ ވީގޮތް މީ.” ފެންޑާގައި ހުރި ޖޯލީގައި އިށީންނަމުން ހަތުމާ ބުންޏެވެ. ދެން ތިބި އެންމެންވެސް ތިބީ މޫދަށް ނުދެވުނީމަ މޫޑު އޮފް ވެފައެވެ.
ފެންޑާ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ރޫޔާ ވެހެމުންދިޔަ ވާރޭއަށް ބަލައިލިއެވެ. ވިއްސާރަވިއޭ ކިޔާފައި އުފާ ނުކޮށް ހުންނަންވީ ހެއްޔެވެ؟ އެއީ ހަމަ ދިރިއުޅުން ހެއްޔެވެ؟
ރޫޔާ ކައިރީ މަޑުކޮށްލި ޝެހެނާ ނޭވާއެއް ދޫކޮށްލިއެވެ. ޝެހެނާގެ ކައިރީގައި މައިރާ މަޑުކޮށްގެން ހުރި އިރު، ރޫޔާ ގާތު ޝަފަޤް ހުއްޓުނެވެ. ހަތަރު އެކުވެރިންވެސް ވިސްނަމުން ދިޔައީ އެކައްޗެއްކަން، އެ ހަތަރު މީހުންގެ މޫނުން ފާޅުވިއެވެ.
“އަހަރެމެން ހަތަރު މީހުން އެކަށްޗެއް ދޯ މި ވިސްނަނީ؟” ދެން ތިބި ތިން މީހުންނަށް މޫނު އަނބުރައިލަމުން މައިރާ އެހީ މޫނުމައްޗަށް ލާނެއް ހިނިތުންވުމެއް ގެންނަމުންނެވެ. ރޫޔާ ޝަފަޤަށް ބަލައިލުމާއެކު ޝަފަޤްވެސް ހެވިފައި ބޯ ޖަހައިލިއެވެ. ޝެހެނާ މައިރާއަށް ބުމަ އަރުވައިލީ އެކަން ކުރަން އުޅޭށޭ ބުނާފަދަ ނަޒަރެއް ދީގެން ހުރެއެވެ.
“އެންމެން އެއްކޮށް.” ރޫޔާ ޝަފަޤްގެ އަތުގައި ހިފައިލިއެވެ.
“އެކެއް!” ޝެހެނާ ރޫޔާއާއި މައިރާގެ އަތާއި އަތް ގުޅުވައިލިއެވެ.
“ދެއް!” ޝަފަޤް، ކައިރީގައި ހުރި ޒާޝާ އުރައިލިއެވެ.
“ތިނެއް!” މައިރާގެ އަޑާއެކު އެ ފަސް މީހުން އަސްކެނި ދަށުން ނުކުމެ، ވާރޭގެ ތެރެއަށް ދުއްވައިގަތުނެވެ. ވާރޭގެ ތިކިތަކާއެކު، އެ ފަސް މީހުންގެ ހުނުމުގެ އަޑު މުޅި ފަޒާގައި ފެތުރުނެވެ.
“މާއްކޮވެސް” ރޫޔާ މެން ގޯތިތެރޭގައި، ވާރޭއާ ކުޅެން ހުރިތަން ފެނި މާއިޝާއާއި މާއިސް ވެސް ހާމައަށް ނުކުތެވެ. އެ ދެކުދިންގެ ފަހަތުން ހަތުމާ އާއި ރަހާވެސް ނުކުތެވެ.
ފުރުސަތުގެ ބޭނުން ހިފައި، އަހުމަދު ގޯތި ތެރެއަށް ނުކުމެ ހިނގައިގަތީ ފެން އިސްކޫރު ކައިރިއަށެވެ. ގަހަށް ފެންދޭން ގެންގުޅޭ ދިގު ހޮޅި، އިސްކޫރަށް ޖެހުމަށްފަހު، އޭނާ ހޮޅި ހިފައިގެން އުޅުނީ އެންމެން ބޮލުން ފެށިގެން ފަޔަށް ތެތްމައިލެވޭތޯ އެވެ. ދެން ތިބި އެންމެން އުޅުނީ އަހުމަދުގެ ހަމަލާއިން މިންޖުވާންވެގެންނެވެ. ވަސީމްއާއި ޒަޔާންވެސް، ހުސް ޖަގަށް ފެން އަޅައިގެން އެ ހަމަލާގައި ބައިވެރިވެގެންނެވެ. ޅަ ކުޑަ ކުދިން ފަދައިންނެވެ.
އެ ސަކަރާތް އިތުރަށް ބޮޑުވީ، ގުދަނުން މާއިސް ބޯޅަ ހިފައިގެން އައިމައެވެ. މާއިސް، ޒާޝާ، ރޫޔާ، ޝެހެނާ، އަހުމަދާއި ޒަޔާން ފުރަތަމަ އެރީ ބޯޅަ އުކަންށެވެ. މާއިޝާ، ރަހާ، ހަތުމާ، ޝަފަޤް، މައިރާ އާއި ވަސީމް މެދަށް އެރިއެވެ. ގަދަ ފޯރިއާއެކު ކުޅިވަރު ފެށުނެވެ. ކެޗެއް ހިފާއިރަށް ދުވާ މީހުންގެ އަޑު ގަދަވެއެވެ. ދުވަން ތިބި މީހެއް ބަލި ވެއްޖެނަމަ، އުކަން ތިބި ޓީމުގެ އަޑު ގަދަވެގެން ދެއެވެ.
ފެންޑާގައި އެ އެންމެންގެ ކުޅިވަރު ބަލަން ހެވިފައި ތިބި ހަލީމާއާއި ވާފިރުގެ އިތުރުން އިސްމާޢިލް ފެނިފައި ރޫޔާ ރަހާއަށް ބަލައިލިއެވެ. ދެމީހުން އެކަކު އަނެކަކަށް ނިއް އެރުވުމަށްފަހު އަވަހަށް ހިނގައިގަތީ އެ ތިން މީހުންގެ ގާތަށެވެ.
“މަންމާ، ބައްޕާ، ބޭބެ، އާދެބަލަ ޕްލީޒް” ރަހާ ދޮރުމައްޗަށް އެރުމަށްފަހު ގޮވައިލުމާއެކު ހަލީމާ ބޯ ހޫރައިލިއެވެ.
“މަންމާ، މާދަން ނޫން އަނެއް ދުވަހު އަޅުގަނޑު ދާން މިއުޅެނީ. އަޅުގަނޑަށްޓަކައި ޕްލީޒް” އާދޭހުގެ ރާގަކަށް ރޫޔާ ބުނުމާއެކު ވާފިރު ބޯ ހޫރައިލިއެވެ.
ތިން މީހުން ނުގުޑާނެކަން އެނގުމާއެކު ރަހާ މާއިޝާއާއި މާއިޝަށް ގޮވައިލިއެވެ. އެއާއެކު އެ ދެކުދިން އެ ފެންޑާއަށް ވަދެ ހަލީމާގެ އަތަށް ދަމާއި، އެ ޖޯލިން އެ މާމަ ނެގިއެވެ. ރަހާ ގޮސް ހިފީ ވާފިރުގެ އަތުގައެވެ. ރޫޔާ އިސްމާޢިލް އަތުގައެވެ. ހަތަރު މީހުން ހެމުން، އެ ޢުމުރުން ދޮށީ ތިން މީހުން ވާރޭގެ ތެރެއަށް ނެރުނެވެ.
ވާފިރުމެންވެސް ބައިވެރިކޮށްގެން ކުޅެން ފެށި ފައިގައި ތަޅާ ކުރިއަށް ވުރެ ފޯރިގަދަވިއެވެ. ހިފާ ކޮންމެ ކެޗާކާއެކު، ކުރެވޭ ކޮންމެ ލަނޑަކާއެކު، އެ އެންމެންގެ ހިތަށް އިތުރު އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އެ އުފާވެރި ވަގުތުކޮޅު ހޭދަވެގެން ދިޔަ ގޮތް އެކަކަށްވެސް ރޭކާއެއް ނުލިއެވެ.
***
ކޮޓަރީގެ ލޯގަނޑު ކުރިމަތީ ރީތިވާން ހުރި ރޫޔާ ފުން ނޭވާއެއް ނަގައިލީ، އޭނާގެ އަވަސް ވެފައިވާ ހިތް ހަމަޖެއްސުމަށެވެ. އޭނާ ލޯގަނޑުން ފެންނަން ހުރި ލަގެޖަށް ނަޒަރު ހިންގައިލުމަށްފަހު ދެލޯ މަރައިލިއެވެ.
“ދަރިފުޅާ!” އޭނާއަށް ސިހިފައި ތެޅިގަނެވުނީ ހަލީމާގެ އަޑު ކުއްލިއަކަށް އިވުމުންނެވެ. އަވަސްއަވަހަށް ދޮރާ ދިމާލަށް ބަލައިލުމާއެކު، އެ ކޮޓަރިއަށް ވަދެގެން އައި ހަލީމާ ފެނުނެވެ.
“އޮހް، މަންމާ. ކަމެއް ވީތަ؟” ލޯގަނޑާ ދުރަށް ޖެހިލުމަށް ފަހު ރޫޔާ އަހައިލިއެވެ.
ހަލީމާ ފުންނޭވާއެއް ނަގައިލިއެވެ. ކުރިއަށް ޖެހިލުމަށްފަހު އޭނާ ރޫޔާގެ ދެކޮނޑުގައި އަތް އަޅައިލިއެވެ. ޚިޔާލަށް ވެރިވި އިހުސާސާއެކު އޭނާގެ ދެލޯ ފެންކަޅިވިއެވެ. އެހެނަސް އޭނާ އެ ދަރިފުޅަށް ހިނިތުންވެލިއެވެ.
“މަންމަ ސުވާލެއް ކުރަންތަ؟” ރޫޔާގެ ކޮލުގައި ފިރުމައިލަމުން ހަލީމާ އެހިއެވެ.
“ހޫމް. ބުނެބަލަ.”
“ކީއްވެ ދަރިފުޅު ކުއްލިއަކަށް ޚިޔާލު ބަދަލުކުރީ؟ ފެށުނީއްސުރެ ދަރިފުޅު ބުނަމުން ދިޔައީ ސްޕެޝަލިސްޓަކަށް ވާން ނުވިސްނަމޭ. ދެން ކީއްވެ؟” ހަލީމާގެ ސުވާލަށް ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. މަންމަގެ ދެއަތް އޭނާގެ އަތު ތެރެއަށް ގެނައެވެ.
“ހަނދާން އެބަހުރިތަ؟ ބައްޕަ ޖަލަށް ދިޔަ ފަހުން އަހަރެމެން އުޅުނު ހާލު؟” ރޫޔާގެ ސުވާލު އިވިފައި ހަލީމާ ރޫޔާއަށް ރަނގަޅަށް ބަލައިލީ، އެ ސުވާލުގެ ބޭނުން ނުވިސްނުނީމައެވެ.
“އަހަރެމެންގެ ހާލާއިމެދު ހަމްދަރުދީވެގެން އެތަކެއް މީހުން އެހީވާން އުޅުނު. ހާއްސަކޮށް ކުޑަ ބައްޕަ. މަންމަ ކުޑަ ބައްޕަގެ އެހީ ޤަބޫލު ނުކުރިނަމަ، އަހަރެމެންނަށް މިއަދު މި ދިރިއުޅުން އުޅެވޭނެތަ؟ ނޫނެއްނު.”
“ބުނަން މިއުޅެނީ، ހަޔާތުގައި ދިމާވާ ހިތާމަތަކަކީ ދިރިއުޅުމައިގެން ކުރިއަށް ނުގޮސް ހުންނަންވީ ސަބަބެއް ނޫން. އެކަން އަހަންނަށް ދަސްކޮށްދިނީ މަންމަ. އެހެންވެ، އަޅުގަނޑު ބޭނުންވަނީ އެ ފިލާވަޅުގައި ހިފައިގެން، ދިރިއުޅުމައިގެން ކުރިއަށް ދާން. މަންމައެއްނު އަހަންނަށް އެކަން ދަސްކޮށްދިނީ”
“ދަރިފުޅާ!” ހަލީމާއަށް ނުހުރެވިގެން އެންމެ ފަހުން ރޫޔާ ގައިގައި ބައްދައިގަތުނެވެ. މޫނު ތިރިކޮށްލުމަށްފަހު އެ ދަރިފުޅުގެ ކޮލުގައި ބޮސް ދިނުމަށްފަހު ބޮލުގައި ފިރުމައިލީ ނުލާހިކު ލޯބިންނެވެ.
ހަލީމާއާއެކު ރޫޔާ އެގެއިން ނުކުތީ އެގެއަށް ފަހު ނަޒަރެއް ދިނުމަށްފަހުއެވެ. ރޫޔާމެންގެ ފަހަތުން ހަތުމާއާއި ރަހާއާއި މާއިޝާއާއި މާއިޝްވެސް ހިނގައިގަތުނެވެ.
“ދޮންތަ ހަމަ ދަނީތަ؟” ދެރަވެފައި ހުރެ މާއިޝް އެހެން ބުނުމާއެކު މާއިޝާ އޭނާ ގާތަށް ޖެހުނެވެ. “ދޮންތި އެދަނީ ކިޔަވަން. މަންމަ ބުނީ ދޮންތަ އެއުޅެނީ އޮޕަރޭޝަން ކުރާ ޑޮކްޓަރަކަށް ވާންށޭ. ދޯ ދޮންތީ؟” މާއިޝާގެ އަޑުން އޭނާ ރޫޔާއާ މެދު ފަޚުރުވެރިވާ ވަރު އެނގުނެވެ. މާއިޝާގެ ބަހުން މާއިޝްގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފަޚުރާއެކު ރޫޔާ ބަލައިލީ، ރޫޔާގެ އަތުގައި ހިފައިލަމުންނެވެ.
ބަނދަރުމައްޗަށް އާދެވުމާއެކު ގަސްދޮށުގައި މަޑުކޮށްގެން ތިބި ޝަފަޤްމެން ރޫޔާއަށް ފެނުނެވެ. މަންމަމެންނާ ދުރަށް ޖެހިލުމަށްފަހު އޭނާ ހިނގައިގަތުނީ އޭނާގެ އެކުވެރިންނާ ދިމާލަށެވެ.
“ވަރަށް ހަނދާން ވާނެ، ބަސް އަހައިގެން އުޅޭތި، ކޮންމެ ދުވަހަކުވެސް ގްރޫޕް ޗެޓަށް ޚަބަރު ވާތީ.” އެއްނޭވާއިން ޝެހެނާ އަމުނައިލިއެވެ.
“ލަވް ޔޫ ލޮޓްސް. އެނގޭ، ކަމެއް ދިމާވިޔަސް، ނުވިޔަސް އަހަރެމެން ގާތު ބުނާތީ”
“މީހަކު ބެހުނަސް، ގޭގައި ކުރައްޕެއް އުޅުނަސް” މައިރާގެ ބަހާއެކު ތިން މީހުން މައިރާއަށް ބަލައިލިއެވެ.
“ވަޓް؟ ރޫ ކުރަފި ދެކެ ބިރުގަނޭނު”
އޭނާގެ ތިން އެކުވެރިން ދިން ‘ނަޞޭހަތްތައް’ އަޑު އަހަން ހުރެފައި ރޫޔާ ބޯ ހޫރައިލިއެވެ. އެއްޗެކޭ ނުބުނެ އޭނާ އެތިން މީހުން ގައިގައި އޮޅުލައިގަތުނެވެ.
“ވަރަށް ހަނދާންވާނެ ތިން މީހުން ދެކެވެސް، ތި މީހުންވެސް ވާނެ އަހަންނަށް ޚަބަރު ދަބަރު ވާން އޯކޭ؟” ރޫޔާ ދުރަށް ޖެހިލަމުން ހިނިތުންވެލިއެވެ. ޝަފަޤް ބޯ ޖަހައިލި އިރު، ޝެހެނާ އަނެއްކާވެސް ރޫޔާ ގައިގައި އޮޅުލައިގަތުނެވެ.
ލޯންޗުގެ ކައްޕި ދަތުރު ފަށަން ވެއްޖެ ކަމަށް ބުނުމާއެކު، ހުރިހާ އެންމެންވެސް ރޫޔާއާ ގާތްވެލިއެވެ. ވަދާޢި ސަލާމާއި، ނަޞޭހަތުގެ ބަސްތަކާއި ހިތްވަރުގެ ޖުމުލަތައް ބަދަލު ކުރެވުނެވެ. ރޫޔާ އެ އެންމެންނާ ޖެހިލުމަށްފަހު ފުންނޭވާއެއް ނަގައި، ބަނދަރުގެ ވާޓަރާ ދިމާލަށް ހިނގައިގަތުނެވެ. ފަހަތުން ދެން ތިބި މީހުންގެ ފިޔަވަޅުތައް އިވުނެވެ.
ޢިސްމާޢިލް ލޯންޗަށް އެރުމަށްފަހު އޭނާ އަތް ދިއްކޮށްލީ ވާޓަރު މަތީ މަޑުކޮށްލައިގެން ހުރި ރޫޔާއަށެވެ. ރޫޔާ އިސްމާޢިލަށް ބަލަން ހުރެފައި އެ އަތުގައި ހިފައިލިއެވެ. ބައްޕަގެ ހިމާޔަތުގެ ދަށުން، އޭނާ އެ ވާޓަރުން ލޯންޗަށް އެރިއެވެ. ލޯންޗުގައި ދެފައި ޖެހުމާއެކު ރޫޔާ އެނބުރި ވާޓަރު މަތީ އެންމެންނަށް ބަލައިލިއެވެ. އަތް ނަގައި ހަނާ އަޅަމުން އޭނާ ލޯންޗު ތެރެއަށް ވަދެ އިށީނީ، އެންމެ ފަހަތު ސީޓުގެ ކުޑަދޮރު ކައިރީގައެވެ. މަންމަމެން އެންމެންގެ އަޑު އިވިފައި އޭނާ ހިނިތުންވެލިއެވެ. ލޯންޗު ރަށުގެ ފަޅު ތެރެއަށް ނުކުންނަން އުޅުމާއެކު، އޭނާ ފަހުފަހަރަށް ހަނާ އަޅަން ފެށިއެވެ. އިންޖީނުގެ ބާރުން، ލޯންޗު ކަނޑަށް ނުކުންނަން ދެން އޭނާގެ ނަޒަރު ހުއްޓިހުރީ އޭނާގެ އުފަން ރަށަށެވެ.
ފެށެން އުޅެނީ ހަ އަހަރުގެ ބޮޑު ދަތުރެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Alheyy vrh vrh reethi maashaa Allah…
When next?