Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – 2 (އެގާރަވަނަ ބައި)

H noora Level 110 Stories
June 26, 2026 9 Mins Read
3 Comments

ފޮތިގަނޑު ބާއްވާފައި އިޒްވާގެ އަތަށް ގުޅާފައިވި އައިވީ ޗެކްކޮށްލުމަށްފަހު ނަރުހުން ވަރޑުން ނުކުމެއްޖެއެވެ. އިޒްވާ އޮށޯންނަން އަޒްރާ އެހީވެދިނެވެ. އިޒްވާގެ ފަރާތުން މިރޭ ފެނުނު ސިފަތަކާމެދު އަޒްރާ ހުރީ ހައިރާންވެފައެވެ. ބޮޑެތި ޓްރެއިނިންގް ހަދައިގެން ހުރި ފުލުހަކު އެފަދައިން އުޅުނު މަންޒަރު ފެނުމުން، އަޒްރާއަށް އެ މަންޒަރު ޤަބޫލުކުރަން ދަތިވީއެވެ.

 

އިޒްވާއަށް އެނދުމަތީ ހަމަޖެހިލެވުނު ވަގުތަކީ ސަލާމް ގޮވައިލުމަށްފަހު ޒާމިލް އެ ވަރޑަށް ވަތް ވަގުތެވެ. އެ ސޫރަ ފެނުމާއެކު، އިޒްވާގެ ހިތުގައިވި ބިރުވެރިކަން ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. އެ މޫނުމަތީގެ ކުލަވަރުތައް ބަދަލުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ.

 

“ސަލާމް މޭމް. އެމަރޖެންސީކޮށް އަންނަން އަންގާފަ އޮތީމަ އަޅުގަނޑު މި އައީ.” ޒާމިލް ބުންޏެވެ. “ޒާމިލަކަށް ނާންގަން އެމަރޖެންސީކޮށް އަންނަން. އެންގި މީހާ ކޮބާ؟” ހަށިތެރޭ ރޯވަމުން ދިޔަ ރުޅިވެރިކަމުގެ ހުޅުގަނޑު ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް އިޒްވާއަށް ވާހަކަދެއްކުނީ ރުންކުރު ރާގެއްގައެވެ. އިޒްވާ ވާހަކަދެއްކި ގޮތުން ޒާމިލަށް ވަގުތުން ސީރިއަސް ވެވުނެވެ. އޭނާ ހީކުރީ އިޒްވާއަށް އަދާކުރަން ޖެހޭ އިޚުތިރާމް އެންމެ ފުރިހަމައަށް އޭނާއަށް އަދާނުކުރެވުނީ ކަމަށެވެ.

 

“އެބޭފުޅާއަށް އާދެވެން ނެތީމަ އަޅުގަނޑަށް ގުޅާފަ އެދިލެއްވީ މިކޮޅަށް އަންނަން.” ޒާމިލް ބުންޏެވެ. ޒާމިލް ދިޔަޔަސް އެންމެ ރަނގަޅުކަމަށް އިޒްވާ ބުނުމުން ޒާމިލް ‘ޔެސް މޭމް’ އޭ ބުނެ އެތަނުން ނުކުތެވެ.

 

ވަރޑުން ނުކުމެ ލިފްޓާ ދިމާލަށް ދިޔަ ޒާމިލްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. އިޒްވާއަށް އޭނާ ފެނުމުން އެވަނީ ކޮން ގޮތްތަކެއްބާއެވެ؟ އިޒްވާގެ މޫނުމަތިން އެ ފެންނަނީ ކޮން ނުރުހުންތެރިކަމެއް ހެއްޔެވެ؟ ޒާމިލަކަށް އެއްގޮތަކަށް ވެސް އެހެން އެކަން ވާންވީ ސަބަބެއް ނުވިސްނުނެވެ.

 

*********

 

އެދުވަހުގެ އަލިވިލުނީ ހަމަހިމޭންކަން މުޅި ފަޒާތެރެއަށް ފަތުރައިލަމުންނެވެ. ފަތިސްވަންދެން ވެހުނު ވާރޭ އެއްކޮށް ހުއްޓިފައިވީއިރު ފަޒާތެރޭ ފިނިހިފާލައިފައިވެއެވެ. ވިއްސާރަ ވިލާތައް ކޮންމެވެސް ވަރަކަށް އުޑުމަތީ ދައުރުވަމުން ދިޔައީތީ އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު އަތްވެއް ނުދެއެވެ.

 

މަގުތައްމަތީ ހިނގާމީހުންނާއި ދުއްވާ އުޅަނދުފަހަރު މަދުކަމުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަން އެނގިގެން ދެއެވެ. މިއަދަކީ ބަންދު ދުވަހެއްކަމުގައި ވިޔަސް އެއްބަޔަކީ މަސައްކަތަށް ނުކުންނަން ޖެހޭ މީހުންނެވެ. އޭގެތެރޭ ޒާމިލާއި ލާއިމް ހިމެނެއެވެ.

 

ދެބެން ގެއިން ނުކުމެގެން ދިޔުމުން ޒާޔާ، މައި ގޭޓު ލައްޕައިލުމަށްފަހު ގޭތެރެއަށް ވަނެވެ. އަދި ނިހާނަށް ސައި ގެންގޮސްދީފައި ޒާޔާ އުޅުނީ ގޭތެރެ ސާފުކުރުމުގައެވެ. އެއީ، އެކަން ކުރުމުން ކޮންމެވެސް ވަރަކަށް މީހާގެ ސިކުނޑި ބޭކާރު ވިސްނުންތަކުން ދުރުކޮށްދޭނެތީއެވެ. އެއާއެކު އެކަމަކީ، ކުރުމަށް އޭނާގެ ތެރަޕިސްޓް އިރުޝާދު ދީފައިވާ ކަމެކެވެ.

 

ސާފުކުރަމުން ދިޔަވަރަކަށް އިރުއިރުކޮޅުން ލިއަމްއާއި ޒަމްލާގެ އެއްޗެހި ފެންނަމުން ދިޔައެވެ. އޭގެން ކޮންމެ ފަހަރަކު ޒާޔާގެ ހިތުގައި ރިއްސާލައެވެ. އެހެނަސް، މަލައިކާއާއި ޝަޒާ ބުނެފައިވާ ވާހަކަތައް ހަނދާންކުރަމުން ކިތަންމެ ހިތުގައި ރިއްސިޔަސް ކުރަން ފަށާފައިވި ކަމެއް އަވަހަށް ނިންމައިލެވޭތޯ ބެލިއެވެ.

 

ޓީވީ ރެކް ސާފުކުރުމަށްފަހު ގެއަށް ވަންނަ ދޮރު ކައިރީ ބަހައްޓާފައި ހުރި ފައިވާން ލާ ރެކް ހުޅުވައިލި އިރު އޭގެން އެންމެ ފުރަތަމަ ވެސް ފެނުނީ ލިއަމްގެ ބޫޓެވެ. އެއީ ސިފައިންގެ ޔުނީފޯމާއެކީ އަރާ ބޫޓެވެ. ގިނަދުވަސްތަކެއްވެފައި ވުމުން އެ ބޫޓު އިނީ ހަލާކުވާން ކައިރިވެފައެވެ. އެހެންވިޔަސް، ޒާޔާ އެ ބޫޓު އެއްލައިލާކަށް ބޭނުމެއްނޫނެވެ.

 

ފަހަރަކު ތަނެއް ސާފުކުރަމުން ގޮސް ހުރިހާ ތަނެއް ސާފުކޮށް ނިންމައިލެވުނު އިރު ދިހައެއް ޖަހަން ކައިރިވެފައިވިއެވެ. ކިތަންމެ ވަރުބަލިވެފައިވިޔަސް ކުރެވުނު މަސައްކަތާ މެދު ޒާޔާ ހުރީ ހިތްހަމަޖެހިފައެވެ. ބޮލަށް ވެސް ހީވީ އެތައް ގުނަ ލުޔެއް ލިބިގެންދިޔަހެނެވެ. ސިޓިންގް ރޫމާ ބަދިގެ ތެރެ ސާފުވެފައި ހުރިހާ އެއްޗެއް ތަރުތީބުން ހުންނަ މަންޒަރު ފެނުމަކީ ވެސް ހިތަށް ހަމަޖެހުން ގެނުވައިދޭނެ ކަމެކެވެ.

 

**********

 

އިޒްވާ ހޮސްޕިޓަލުން ދޫކޮށްލެވުމާއެކު މަޖީދީ މަގުގައި ބަންދުކޮށްފައި އޮތް ސަރަޙައްދު ފުލުހުން އާއްމުންނަށް ހުޅުވައިލިއެވެ. އެތަން ބަންދުކުރުމުން އާއްމުންގެ އެތައް ފާޑުކިޔުމަކާ ކުރިމަތިލާން ޖެހުނަސް ފުލުހުން އެމީހުނާ ހަވާލުކުރެވިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރިއެވެ.

 

**********

 

އިޒްވާ ގެއަށް އައުމަކީ ޒަމްލާގެ ބަނަވަމުންދާ ދިރިއުޅުމަށް ކަޅުވިލާތައް އިތުރުވެގެންދާނެ ފަދަ ކަމެކެވެ. އަދި ޒަމްލާއާއި ޚިލާފަށް ރާމިޝްއަށް ލިބިފައިވި ރަނުގެ ފުރުޞަތުތައް ގެއްލިގެންދާނެ ކަމެކެވެ.

 

އިޒްވާ ފެނުމުން ވެސް ރާމިޝް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ކުޑަމިނުން މަންމަގެ ޙާލު ކިހިނެތްތޯ އަހާނުލައެވެ. ރާމިޝްއެކޭ އެއްފަދައިން އިޒްވާ ވެސް، އޭނާގެ ދަރިފުޅު އޭނައާމެދު ފަރުވާކުޑަވުމަކުން އެކަމާ އަޅައެއްނުލައެވެ. މަޤާމު މަތިވެފައި ބޯކޮށް ފައިސާ ލިބެންޏާ އެންމެ ގާތް މީހުންގެ އެހީތެރިކަން އެއީ ބޭނުންވާނެ އެއްޗެއް ނޫނެވެ. އަދި، އަމިއްލައަށް ހުރިހާ ކަމެއްވެސް ފަރުޖައްސައިލެވޭނެކަމަށް އިޒްވާ ޤަބޫލުކުރެއެވެ.

 

ފައިސާއާއި ތަނަވަސްކަމުގެ ސަބަބުން ކަޅުވެފައިވި އިޒްވާގެ ހިތަށް ނުވިސްނުނު ކަމަކީ، އެތަކެއްޗަކީ ދާއިމަށް ދެމިގެންދާނެ އެއްޗެހިތަކެއް ނޫންކަމެވެ. އަދި އެއީ ވަގުތީ އެއްޗެހިތަކެއްކަމެވެ. ފައިސާއާއި ތަނަވަސްކަމުގެ ފަހަތުން ދުވަން ހަދައިގެން މުސްތަޤުބަލުގައި އެދެވޭ ނަތީޖާއެއް ނުލިބޭނެކަން އޭނާއަކަށް ނުވިސްނެއެވެ.

 

**********

 

މެންދުރުވާން ގާތްވެފައިވި ވަގުތު އަމާނާ އުޅުނީ ޒަމްލާގެ ކޮޓަރި ސާފުކުރުމުގެ މަސައްކަތުގައެވެ. އެ މަސައްކަތުގައި އުޅުނަސް، އަމާނާ ދޭތެރެއަކުން އެނދުމަތީ އިށީންދެލައިގެން އިން ޒަމްލާއަށް ނަޒަރެއް ދެއެވެ. އެއިން ކޮންމެ ފަހަރަކު ޒަމްލާ އިންނަނީ ކޮންމެވެސް އެއް ދިމާލަކަށް ގެއްލިފައެވެ. އެ ކޮޓަރިތެރޭ މީހަކު އުޅޭކަމުގެ ހިލަމެއް ޒަމްލާއަށް ނުވާފަދައެވެ.

 

މަސައްކަތް ނިންމާލާފައި އެކޮޓަރިން ނުކުތް އަމާނާއަށް އެތެރެއިން ދޮރު ތަޅުލި އަޑު އިވުނެވެ. ހީވީ އަމާނާ އެ ކޮޓަރިން ނުކުންނާނެ އިރަކަށް އިންތިޒާރުކޮށްލަ ކޮށްލަ އިންހެނެވެ. އަމާނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. އޭނާގެ ޙަޔާތުގައި ވެސް އެހާ މިޒާޖު ތަފާތު ކުއްޖަކާ ދިމާވެފައެއް ނުވެއެވެ. ވަޒީފާ އަދާކުރުމަށް ޓަކައި އެގެއަށް ބަދަލުވިފަހުން އެ ކުއްޖާއާ ރަނގަޅަށް ވާހަކަދެކެވިފައެއް ވެސް ނެތެވެ. ކިތަންމެ ވަރަކަށް އެކުއްޖާއާމެދު ޙަމްދަރުދީ ވެވުނަސް، ކިތަންމެ އޯގާތެރިކަމާއެކު އެކުއްޖާއާ ވާހަކަދައްކަން ބޭނުންވިޔަސް، ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް އަމާނާ، ޒަމްލާއާ ވާހަކަދައްކަން ޖެހިލުންވެއެވެ. ޖެހިލުންވުމުގެ ޒައްރެއްގެ މިންވަރު ވެސް އެ ހިތުގައި ނެތްނަމަ ޒުވާން ފުރައިގެ އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުވަމުންދާ މަންޒަރު ބަލަން އޭނާއެއް ނުހުންނާނެކަން އެއީ ޔަޤީންވާކަމެކެވެ.

 

*********

 

މެންދުރުގެ ބަންގި ގޮވައި ދެވަނަ ބަންގި ވެސް ގޮވައިފިއެވެ. އެއާއެކު ދުވަހުގެ ހުކުރު ނަމާދު ފެށިއްޖެއެވެ. ޒާމިލަށް ނިހާން ގޮވައިގެން ނަމާދަށް ދެވުނީ ފުރަތަމަ ޚުޠުބާ ކިޔަންފެށި ވަގުތަށެވެ. މިއަދު ޑިއުޓީ ވަގުތު ހަމަޖެހިފައިވި ގޮތުން ކުރީބައިގައި ކާފަ ގޮވައިގެން މިސްކިތަށް ނާދެވުނީއެވެ. ޒާމިލަށް މިސްކިތަށް ދެވުނު އިރު ތަންކޮޅެއް ދުރުގައި ލާއިމް އިންތަން ވެސް ފެނުނެވެ.

 

ހުކުރު ނަމާދު ނިމުމާއެކު ޒާމިލްމެން ނުކުތީ އެކީގައެވެ. ނިހާންގެ ދެފަރާތުގައި ތިބެގެން ނިހާންއާ އެއްވަރަށް ދެބެން ސިޑިން ފައިބަމުން ދިޔައެވެ. ސިޑިން ފޭބުމާއެކު އެންމެންތަކުގެ ތެރެއިން ހިނގާފައި ލާއިމް ދިޔައީ ތަންކޮޅެއް ދުރުގައި ޕާކުކޮށްފައިވި ސައިކަލު ކައިރިއަށެވެ.

 

ޒާމިލް ނިހާން ގޮވައިގެން ލާއިމް ކައިރިއަށް އައުމާއެކު ނިހާން ލާއިމްގެ ސައިކަލު ފަހަތަށް އެރިއެވެ. ލާއިމް ދިޔުމާއެކު ޒާމިލް އަނެއްކާވެސް އިސްލާމީ މަރުކަޒަށް ވަންނަން ދިޔައެވެ. ފޯނާ ކުޅެމުން ހިނގަމުން ދިޔަ ޒާމިލަށް މީހެއްގެ ކުރިމައްޗަށް އެރިއްޖެހެން ހީވެ އަވަހަށް އެއްފަރާތަށް ޖެހުނެވެ. އެމީހާގެ ފަރާތުން މަޢާފަށް އެދުމަށްފަހު ޒާމިލް އަނެއްކާވެސް ހިނގައިގަތެވެ.

 

*********

 

ގެއާ ދިމާލަށް ހިނގަމުން ދިޔަ ރާމިޝްއަށް ވިސްނެމުން ދިޔައީ އިސްލާމީ މަރުކަޒުން އެ ދިމާވި މީހާއާ މެދުގައެވެ. ޒަމްލާގެ ސޫރަ ސާފުކޮށް ފެނިފައި ނުވިޔަސް ރާމިޝްއަށް އެ ސޫރަ ކޮންމެވެސް ގޮތަކަށް ޒަމްލާއާ ވައްތަރުވިއެވެ. އެއީ އޭނާއަށް ހީވި ގޮތެއްކަމަށް އެ ސިކުނޑި ބުނަމުން ދިޔަޔަސް، އެ ހިތުގައި ޝައްކުތަކެއް އުފެދިގެން ހިނގައްޖެއެވެ.

 

********

 

ހަވީރު ވަގުތު ހުޅުމާލޭގެ ސެންޓްރަލް ޕާކް ފުރިފައިވީ އެކި ކަންކަމު އެތަނަށް ޒިޔާރަތްކުރަމުން ދިޔަ މީހުންތަކުންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. އިސްރަށްވެހިންނާއި ޒުވާނުންނެވެ. އެކި މީހުން އެކި ކަންކަމައިގެން މަޝްޣޫލުވެގެން އުޅުނުއިރު، ޕާކްތެރޭ ހުރި ބޯގަންވިލާ ގަހެއްގެ ދަށުގައި ޝަޒާއާއި ހަސްނައިން އިށީންދެލައިގެން ތިއްބެވެ.

 

ދެބަފައިން އެހެން ތިބިއިރު އެ ދެމެދުގައި އެތައް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އެއްވާހަކައިން އަނެއް ވާހަކައިން ކުރި ފަޅަމުން ގޮސް އެންމެ ފަހުން ލިއަމްއާއި ޒާޔާގެ ވާހަކަ ދެކެވެން ފެށުނެވެ. “ލޯބި ދެމީހުން އެއީ.” ޝަޒާ ބުންޏެވެ. “ބައްޕާ..” ސިކުންތުކޮޅަކު ވަށައިގެންވި މާޙައުލަށް ނަޒަރެއް ދިނުމަށްފަހު ޝަޒާ ހަސްނައިންއަށް ގޮވައިލިއެވެ. ހީވީ ކޮންމެވެސް ވާހަކައެއް ބުނަން ވަރަށް ތައްޔާރުވެގެން އިނދެ ބައްޕައަށް ގޮވައިލިހެނެވެ.

 

“ޝަޒާއަށް ވަރަށް ހީވޭ ޒާޔާ ދައްތައަށް އެ ދިމާވި ކަންތައްތަކުގެ ފަހަތުގަ ބަޔަކުވާހެން.” ޝަޒާ ބުނި ވާހަކައަކުން ހަސްނައިންގެ މޫނުމަތިން ސުވާލު އުފެދިފައިވިކަމުގެ ކުލަވަރުތައް ފެންނަން ފެށިއެވެ. “ހްމް ބައްޕާ. ބައްޕައަށް ހިއެއްނުވޭތަ؟” ޝަޒާ އެހެން އެހުމާއެކު ހަސްނައިން ނޫނެކޭ ބުންޏެވެ. ޝަޒާ އެބުނި ކަމަކާ މެދު އަދާހަމައަށް ވެސް އޭނާގެ ހިތުގައި އެއްވެސް ޝައްކެއް އުފެދިފައެއް ނެތެވެ. “ވިސްނަބަ ބައްޕާ.. ލިއަމްބެއާ ޒަމް ގެއްލުނީ އެއް ދުވަހެއްގަ. އެކަން އެނގެން އެއޮތީ ވަރަށް ސާފުކޮށް.. ދެބަފައިންގެ ޚަބަރެއް ނުވެގެން ބައްޕަމެން އުޅުނީ އެއްދުވަހެއްގަ. އަނެއްކާ ޒާޔާ ދައްތަ މަގާމުން ވަކިކުރީ ވެސް ހަމަ އެ ދުވަހު…” ޝަޒާ ކިޔައިދިނެވެ. ޝަޒާ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން އިން ހަސްނައިން ކުރިއަށް ގެންދިޔުމަށް އެދުނެވެ. “ކުރީ ދުވަހު ޒާޔާ ދައްތަ ބުނި، އެދުވަހު މީހަކު އައިސް މަގާމުން ވަކިކުރިކަމުގެ ލިޔުން ދައްތަގެ މޭޒުމައްޗަށް ޖެހި ވާހަކަ… މި ހުރިހާ ކަމަކާ ވިސްނާލާއިރު ކޮންމެވެސް ނުބައެއް އުޅޭހެން ޝަޒާއަށް ހީވަނީ.” ޝަޒާ ދެއްކި ވާހަކަތަކާމެދު ހަސްނައިން އަށް ރަނގަޅަށް ވިސްނައިލެވުނެވެ. ވިސްނުނު ވަރަކަށް އޭނާއަށް އެނގުނު ކަމަކީ މިހުރިހާ ދުވަސްވީއިރު ވެސް އޭނާއަށް ނޭނގި ބައިވަރު ކަންތައްތައް ހިނގާފައި އޮތްކަމެވެ.

 

“ތީ ބައްޕައަށް ކުރިން އެނގިފަ ހުރި ކަމެއް ނޫން ދަރިފުޅާ.. ޒާޔާ ދައްތަ ހުރިހާ ވާހަކަތަކެއް ކިޔައިދިންތަ ދަރިފުޅަށް؟” ހަސްނައިން އެހިއެވެ. “ހުރިހާ ވާހަކަތަކެއް ނޫން. ފަސޭހައަކުން ނޫން ވާހަކަތައް ޒާޔާ ދައްތައަށް ކިޔައިދެވުނީ. ވަރަށް ހިތްވަރު ހުރީމަ އެހާވަރު އެ ވީ ވެސް.” ޝަޒާ ބުންޏެވެ. “ހްމްމް.. އެ މަގާމުން ޒާޔާ ވަކިކޮށްފަ… މިހާރު އެ މަގާމުގަ ހުރީ ކާކު؟” ހަސްނައިންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލު ކުރިއެވެ. “ނޭނގެ ބައްޕާ. އެތާ ވެބްސައިޓް ބަލައިގެން ވެސް ނޭނގުނު. ފޭސްބުކް ޕޭޖް ވެސް ބެލިން. ނޭނގުނު.” ޝަޒާ ބުންޏެވެ. “އެކަމަކު އެއީ އެކަން އޮންނަން ވާނެ ގޮތެއް ނޫން ކަންނޭނގެ ދޯ. އަދި މިއޮއްފަދަ ޒަމާނުގަ.” ހަސްނައިންއަށް ބުނެވުނެވެ. “އެހެނޭ.. ބޮޑު ޖޯކެއް ކަހަލަ ކަމެއް. އެހެންވީމަ ގޯހެއް އެބައުޅެއެއްނު… މިކަމާ ޒާމިލްއާ ވާހަކަދައްކަން އެބަ ވިސްނަން.” ޝަޒާ ބުންޏެވެ.

 

ދެބަފައިން ޕާކުގައި ތިބެފައި އެތަނުން ދާން ހިނގައިގަތީ އިރުއޮއްސެން ގާތްވެފައިވި ވަގުތުގަތެވެ. ހަސްނައިން ރައްޓެއްސަކާ ބައްދަލުކުރަން ހަމަޖެހިފައިވާތީ އޭނާ ހުޅުމާލޭގައި މަޑުކުރިއެވެ. ޝަޒާ ޓެކްސީއެއްގައި ދަތުރު ފެށީ މާލެއަށް ދިޔުމަށެވެ.

 

********

 

އިރުއޮއްސި އަނދިރިވީއިރު ވެސް އިޒްވާމެން ގެއިން މީހުން މަދެއް ނުވެއެވެ. އިޒްވާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހަށް ވީތީ މިއަދު އެގެއަށް އިޒްވާގެ އާއިލާ މީހުން ޒިޔާރަތްކުރީއެވެ. އެއީ އިޒްވާގެ ބައްޕަ ފަރާތު ތިމާގެ މީހުންނާ އެމީހުންގެ ދަރިންނެވެ.

 

ކޮޓަރިތެރޭ ފޮތެއްގައި ކުރަހަން އިން ޒަމްލާއަށް ގޭތެރޭގައި މީހުން އުޅޭ އަޑު އިވެއެވެ. އެންމެން ސަކަރާތްޖަހާ މަޖާކޮށް އުޅޭ އަޑު އިވޭތީ ޒަމްލާ އިނީ ހިތްދަތިވެފައެވެ. އޭނާ ބާކީވެފައިވާ ވަރާ އެކަނިވެފައިވާ ވަރު ހިތަށް އަރާފައެވެ. އިޒްވާމެންނަކީ ޒަމްލާއާ އާއިލީ ގޮތުން މާ ބޮޑު ގުޅުމެއް އޮންނަ ބައެއް ކަމުގައި ނުވިޔަސް، އާއިލާއެއްގެ ފަރާތުން ލިބެން ޖެހޭ ލޯތްބާ ކުލުނާ އޯގާތެރިކަމެއް އެކުއްޖާއަށް ނުލިބެއެވެ.

 

ޒަމްލާއަށް ފަނަރަ އަހަރުގައި އެގެއަށް ގެންގޮސް، މިއަދާ ހަމައަށް ޒަމްލާ ތަޙައްމަލު ކުރީ ހިތްދަތިކަމާ ވޭނެވެ. އެކަނިވެރިކަމުގެ އިންތިހާއެވެ. ހިތާމައިގައި އެތައް ރެއަކާ ދުވާލެއް އެ ފަކީރު ހޭދަކޮށްފައި ވެއެވެ. މި ހުރިހާ ކަމަކީ ވެސް އެގޭގައި އުޅޭ ބަޔަކަށް ވިއްޔާ އެނގޭ ކަންކަމެވެ. އެކަމަކު ޒަމްލާ ތަޙައްމަލު ކުރަމުންދާ ވޭނާ، ކުރަމުންދާ ހިތާމަތަކުގައި ބައިވެރިވާނެ އިޔާރެއް ނެތެވެ.

 

ލޮލުން އޮހޮރުނު ކަރުނަތައް ފުހެލާފައި ޒަމްލާ ތެދުވީ ކަރުހިއްކަން ފެށީމައެވެ. އެނދާ ތަންކޮޅެއް ދުރުގައި ހުރި ފެންފުޅިން ފެންފޮދެއް ބޮއެލުމަށްފަހު އަނެއްކާވެސް ޒަމްލާ އެނދުގައި އިށީނެވެ. އޭރު އޭނާގެ ފޮތުގައި ކުރަހާފައި އިން ތަސްވީރު ފެނި ޒަމްލާ ހައިރާންވިއެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.

 

މީގެ މިނެޓްތަކެއް ކުރިން ޒަމްލާ ކުރަހަން އިނީ އޭނާގެ މަންމަގެ ސޫރައެވެ. މަންމަގެ ސޫރައާއި މަންމަ ހުންނަ ގޮތް ޒަމްލާގެ ހަނދާނުގައި ނެތަސް، އޭނާގެ ހިތަށް ސިފަވި ގޮތަށް އެ ސޫރަ ކުރެހިއެވެ. ނަމަވެސް، މިހާރު ފެންނަން އެއޮތީ އޭނާ ކުރެހި ސޫރައެއް ނޫނެވެ. ފޮތުން ގަނޑެއް އެއްލިފައިވެދާނެހެން ހީވެ ހުރިހާ ގަނޑެއް ވަކިވަކިން ބެލިއިރު ޒަމްލާއަށް ޔަޤީންވީ އޭނާ ކުރެހީ ހަމަ އެ ސޫރަ ކުރަހާފައި އިން ގަނޑުގައިކަމެވެ. “ކިހިނެތް މިހެން ވާނީ؟” ޒަމްލާއަށް ބުނެވުނެވެ. އިރުކޮޅަކު އެ ސޫރައަށް ބަލަން އިނުމަށްފަހު ޒަމްލާ ފޮތް ލައްޕައިލިއެވެ.

 

**********

 

އެކި ކުލަކުލައިގެ މުރަކަތަކުން ފުރިފައިވާ ބަގީޗާތެރޭ އެކި މަސްތަކާއެކީ ފަތަމުން މަލައިކާ ދިޔައީ އޭނާ ހޯދަން އުޅޭ މަޚުލޫޤު ފެންނާނެކަމުގެ އުއްމީދުގައެވެ. ކަނޑުގެ ދިރުންތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ފަދަ ބާރުމިނެއްގައި ފަތަމުން ގޮސް މަލައިކާ ޤަސްދުކުރި މަންޒިލާ ހަމައަށް ފޯރައިފިއެވެ. ދެލޯ ކުރިމަތިން ފެންނަން އޮތް ހޮހަޅަ ކައިރީ މަޑުކޮށްލުމަށްފަހު މަލައިކާ އޭނާގެ ދެއަތް ދެއަތާ ޖަހަން ފެށިއެވެ. އެހިނދު މުޅި އެ ހިސާބަށް ގުޑުން އަރައިގެން ދިޔަ ފަދައެވެ. ހޮހަޅަ ތެރެއިން އިވުނު ބާރުގަދަ އަޑެއްގެ ސަބަބުންނެވެ.

 

މަލައިކާ އެތާ ހުއްޓާ އެ ހޮހަޅަ ތެރެއިން ނުބައި ސިފައެއްގައި ހުރި ބޮޑު އިފުރީތެއް ނުކުތެވެ. އޭތި ފެނުމާއެކު މަލައިކާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. މަލައިކާއެކޭ އެއްފަދައިން އޭތި ވެސް ހުރީ ރުޅިއައިސްފައެވެ. އެހެނަސް، ޖެހިލުންވެފައިހުރި ކަމުގެ ކުލަވަރުތައް ކޮންމެވެސް ވަރަކަށް އެ ސޫރައިން ފާޅުވަމުން ދިޔައެވެ.

 

“މިތަނަށް ވަދެ ފިލާ ތިއޮތީ މަށަށް ނުފެންނާނެ ކަމަށްތަ؟” މަލައިކާ އެހިއެވެ. އޭނާގެ އަޑު ބާރެވެ. “ބާރުގަދަ ވީމަ ހާދަ ފަޚުރުވެރިވެއޭ ދޯ!” އުމެއިރް ބުންޏެވެ. މަލައިކާގެ ރުޅި ދެގުނަ ވެގެން ދިޔައެވެ. ބަލާކަށް ނުހުރެ އޭނާގެ ނިޔަފަތިތައް ދިގުކުރަން ފެށިއެވެ. އެ ނިޔަފަތިތައް ދިގުވަމުން ދިޔަވަރަކަށް އުމެއިރުގެ އަތުގައި ވަކިތަކުގެ ރޮނގުތައް ދެމެމުން ދިޔައެވެ. އުމެއިރަށް ތަދުވާން ފެށިޔަސް އޭތި ވެސް ބާރުގެ ބޭނުން ކުރަން ފެށިއެވެ. އުމެއިރް ހައިރާންވީ އޭނާ ކުރި އެއްވެސް ކަމަކުން މަލައިކާއަށް އަސަރެއް ނުކުރީތީއެވެ. އުމެއިރަށް ވާނުވާ ދެނެގަންނަން ނެގީ ހިނދުކޮޅެކެވެ.

 

“ވަކި ނާޅުވަބަލަ… މުސްލިމް ޖިންނިއެއް ދޯ ކަލޭ ތީ.” އެއް އަތުން އަނެއް އަތުގައި ހިފަހައްޓައިގެން ހުރެ އުމެއިރު ބުންޏެވެ. އުމެއިރުގެ އަޑުގައި ވަނީ މަލާމާތެވެ. މަލައިކާ ހިނިތުންވެލިއެވެ. މަލާމާތުގެ ހިނިތުންވުމެކެވެ. އަދި ދެވަނަ ވިސްނުމަކާނުލާ ކިޔަވަން ފެށިއެވެ. އުމެއިރު ހީވީ ބިރެއް ފެނިގެން އުޅުނުހެންނެވެ. މަލައިކާ އަޑު ބާރުކުރާވަރަކަށް އުމެއިރު ބިރުގަންނަވަރު ބޮޑުވެގެން ދެއެވެ.

 

“ކަލޭ ޤުރުއާނުން އެންމެ އާޔަތެއް ކިޔަވަބަލަ ތިހާ ވަރުގަދަކަމަށް ވަންޏަ. އަހަރެން ބިރުގަނޭތޯ ބަލާލަން.” ކިޔެވުން ހުއްޓައިލުމަށްފަހު މަލައިކާ ބުންޏެވެ. އޭރު އުމެއިރު ހުރީ ބިރުން ހަދާނެގޮތެއް ނޭނގިފައެވެ. އެޔޮއް ބިޔަ ބޮޑު އިފުރީތު މަލައިކާ ކުރިމަތީ ބަލިކަށިވެއްޖެއެވެ. “އަދިވެސް ކިޔަވަންވީތަ؟” މަލައިކާ އެހިއެވެ. އުމެއިރު ވަގުތުން ނޫނެކޭ ބުނެފިއެވެ. އަދި އޭނާއަށް އުނދަގުވާ ކަމަށް ވެސް ބުންޏެވެ.

 

“ކީއްކުރަން ސިހުރުވެރިން ކައިރިއަށް ދަނީ؟ ކީއްކުރަން އެމީހުން ބުނާހާ ކަންތައްތައް ކޮށްދެނީ؟” މަލައިކާ ސުވާލުކުރިއެވެ. މަލައިކާގެ އަޑުގައި ޝިކާޔަތާ އެއްވަރަށް ރުޅިވެރިކަން ވިއެވެ. “އެމީހުން އަހަރުންނަށް ކިޔަމަންވޭ. އަހަރުން ބުނާ ކޮންމެ ކަމެއް ކުރޭ. އަހަރުން ކުރިމަތީ އެމީހުން އެއީ ނިކަމެތި ބައެއް.” އުމެއިރު ބުންޏެވެ. “އަހަރުން ޖިންނީން އުފައްދަވާފަ ތިބީ ބަޔަކު އަހަރުންނަށް އަޅުކަން ކުރާކަށް ނޫން އިނގެ… އަހަންނަށް ޝައްކުތަކެއް ވެގެން ކަލޭ ހޯދަން ވެސް މިއައީ…. ޒަމްލާ ދަންނަންތަ؟” މަލައިކާ ކުރި ސުވާލާއެކު ވަގުތުން އުމެއިރު ދެފަރާތަށް ބޯހޫރުވައިލިއެވެ.

 

އުމެއިރު ދޮގު ހެދީކަން އެނގުމާއެކު މަލައިކާ އޭނާގެ އަތް އަނބުރަން ފެށިއެވެ. އެވަގުތު ހީވީ ފެނުގެ ތެރޭ ތޫފާނެއް އެނބުރިގަތްހެންނެވެ. އުމެއިރު ފަތަން އުޅުނަސް އޭނާއަކަށް ނުފެތުނެވެ. ބާރުގެ ބޭނުން ކުރަން އުޅުނަސް އޭނާގެ ބާރަށްވުރެ އެ ތޫފާން މާ ބާރުގަދައެވެ. “ހުއްޓަބަލަ.. މަ ޒަމްލާ ދަންނަން..” ތޫފާންތެރޭ ކެތްނުކުރެވުމުން އުމެއިރު ހަޅޭއްލަވައިގަތެވެ. އެވަގުތު އެ ތޫފާން ހިނދެމުން ގޮސް ސާފުވެގެން ދިޔައެވެ.

 

“ތެދަށް އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީ. އެހެންނޫނީ ދުވަސް ދުއްވާލަން ޖެހިދާނެ!” މަލައިކާގެ އިންޒާރާއެކު އުމެއިރު ޖެހިލުންވިއެވެ. މަލައިކާއަށް ލިބިފައިވި ބާރުތަކުގެ ވަރުގަދަކަން މި ހޭދަވި މަދު ވަގުތުކޮޅުތެރޭ އޭނާއަށް ފެނިއްޖެވެ.

 

ހިނދުކޮޅަކު އެހެން ހުރުމަށްފަހު އުމެއިރު ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. އޭނާއަށް ޒަމްލާ ފެނުނީ އެއްރޭ ދަންވަރު އިޒްވާ ޒަމްލާ ކޮޓަރިން ނެރެ އެކުއްޖާއާ ދިމާލަށް އެއްޗެހި ގޮވަން ހުރި ރެއެއްގައިކަމާ، އެއްދުވަހަކު ރާމިޝް ޒަމްލާގެ ކޮޓަރިއަށް ވަތް މަންޒަރު ފެނުމުން އޭނާ ރުޅިއައިސްގެން އެއްޗެއް ތަޅައިގެން ދާފަދަ އަޑާ އެއްގޮތްވާނެފަދައިން ހަޅޭއްލަވައިގަތިންކަމަށް ބުންޏެވެ.

 

“ސިހުރުވެރިން ވެސް އަހަރެން ފޮނުވި އެތައް ބައެއްގެ ގާތަށް. އެކަމަކު އެހާ ރީތި ކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެން. އެކުއްޖާ ފެނުނު ރޭ މަށަށް އެހެން ދިމާލަކަށް ބަލައިލަން ވެސް ދަތި. ހާދަހާވާ ރީއްޗޭ.” ހުވަފެނީ ގޮތަކަށް އުމެއިރު ވާހަކަދައްކަން ހުރިއިރު ކުރިމަތީ މަލައިކާ ހުރިކަން އޭނާ ހަނދާން ނެތް ފަދައެވެ.

 

“ތި ކިޔޭ އެއްޗެއް އެބަ އެނގޭ؟” މަލައިކާގެ ބާރު އަޑު ޖެހުމާއެކު އުމެއިރަށް ހީވީ ހުވަފެނަކުން ހޭލެވުނުހެންނެވެ. “ޖިންނިއަކަށް އިންސާނެއްދެކެ ލޯތްބެއް ނުވެވޭނެ.” މަލައިކާ ބުންޏެވެ. “ކަލެއަށް ކޯއްޗެއް އެނގެނީ؟ ކަލެއަށްތަ އެނގެނީ މަ އުޅެންވީ ގޮތާ ނޫޅެންވީ ގޮތް؟” އުމެއިރު ހަޅޭއްލަވައިގަތެވެ. އޭނާގެ އަމިއްލަ ކަންކަމާ އެހެން ބަޔަކު ބެހުމަކީ އުމެއިރަށް އެއްގޮތަކަށް ވެސް ކަމުދާކަމެއް ނޫނެވެ. “ކޮންމެ އިންސާނަކަށް ވިޔަސް ވަރިހަމަ. ޖިންނިއަކަށް އިންސާނަކާ ނުގުޅެވޭނެ.” މަލައިކާ ބުންޏެވެ. “ކަލޭ އިންސިއެއްދެކެ ދުވަހަކުވެސް ލޯބިވިންތަ؟” އުމެއިރު އެހިއެވެ. އެވަގުތު މަލައިކާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަޑުއިވުނު ޖުމުލައާއެކު އޭނާގެ ސިކުނޑި ދުރު ހަނދާނެއް އާކޮށްދިނީއެވެ. މަލައިކާއަށް ލޯބިވެވުނު އިންސާނާގެ ސޫރަ އެ ހިތުތެރޭ އެވަގުތު ކުރެހިގެން ދިޔައެވެ.

 

“ތީ މަ މި ބުނާ ވާހަކަ. ދެންވެސް މަގޭ އަމިއްލަ ކަންތަކާ ނުބެހި ދިޔައްޔާ ރަނގަޅުވާނީ. ކަލެ ދެން ހަނދާންކުރާތި ކަނޑުއަޑިއަށް ފީނައިގެން މަށެއް ދެން ނުފެންނާނެ!” އުމެއިރު ބުންޏެވެ. މަލައިކާއަށް ހިތްދަތި އިހުސާސެއް ކުރެވިގެން ދިޔައެވެ. “ބުނެފާނަން ވާހަކައެއް. މަށަށް ޒަމްލާދެކެ ލޯބިވެވިއްޖެ. މަގޭ ހިތެއް ނޭދޭ ޒަމްލާ ގައިގަ އެހެން މީހެއްގެ އިނގިލި ކުރި ޖެހޭކަށް. ޒަމްލާ ގުޅޭނީވެސް އަހަންނާ. ޒަމްލާ ލޯބިވާނީވެސް އަހަރެންދެކެ. އަހަރެން އެކުއްޖާ ގެންގުޅޭނީ ނުލާހިކު ލޯބިން. އެހެންވީމަ މަށާ ޒަމްލާއާ ދެމީހުންގެ ދޭތެރެއަށް ވަދެފި ބައެއްގެ ދުވަސް ދުއްވާލާނަން އަހަރެން. ވަރިހަމަ ޒަމްލާގެ އާއިލާމީހުންކަމުގަ ވިޔަސް.” އުމެއިރު އެ ހުރިހާ ވާހަކައެއް ދެއްކިއިރު މަލައިކާއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ.

 

މަލައިކާ ބާރުބާރަށް ފަތަން ފެށީ އެތަނުން ދިޔުމުގެ ޤަސްދުގައެވެ. ކާމިޔާބުވެއްޖެކަން ރަމްޒުކޮށްދޭފަދަ ހިނިތުންވުމެއްގައި، މަލައިކާ ފަތަމުން ދިޔަ ދިމާލަށް ބަލަން އުމެއިރު ހުއްޓެވެ.

 

ކާމިޔާބުވިޔަސް އެއީ ވަގުތީ ކާމިޔާބީއެއްކަން އުމެއިރު ހަނދާން ހުއްޓެވެ. ދާއިމީ ކާމިޔާބު ލިބެން އޮތީ މަލައިކާ މަރާލައިގެންކަން އުމެއިރަށް އެނގެއެވެ. މަލައިކާފަދަ ބާރުގަދަ ޖިންނިއަކާ ހަނގުރާމަކުރުމަކީ އުނދަގޫކަމެއްކަން އެނގުނަސް އުމެއިރު ބޭނުންވެފައިވީ މަލައިކާގެ ދުވަސް ދުއްވާލާށެވެ. ޖިންނިއެއް މަރައިގެން ވިޔަސް، އިންސިއެއް މަރައިގެން ވިޔަސް، އުމެއިރު ބޭނުންވެފައިވީ ޒަމްލާއެވެ.

 

އުމެއިރަށް ޒަމްލާ ފެނުނީ މީހަކު ސިހުރު ހަދައިގެނެއްވެސް ނޫނެވެ. އުމެއިރު ބިމަށް ފައިބައިގެން އުޅުނުއިރު އޭނާއަށް ވަންނަން ފަސޭހަވި މަދު ގެތަކުގެ ތެރޭގައި ‘މޫންލައިޓް’ ހިމެނުނެވެ. އެގޭތެރޭގައި އުޅޭ އެއްވެސް ބަޔަކު ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް އެއްވެސް ކަމެއް ނުކުރާތީ އުމެއިރަށް ފަސޭހައިން އެގެއަށް ވަދެވުނީއެވެ. އެއީ ޒަމްލާގެ ބަދުނަޞީބުކަމެއް ނުވަތަ އުމެއިރުގެ ނަޞީބު ރަނގަޅުކަން ކަމެއް ނޭނގެއެވެ. ކޮންމެއަކަސް، އެރޭ އުމެއިރަށް ޒަމްލާ ފެނުނު ހިނދުން ފެށިގެން އޭނާއަށް ވަނީ ޒަމްލާދެކެ އެއްވެސް އިޚުތިޔާރަކާ ނުލާ ލޯބިވެވިފައެވެ.

 

********

 

ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ޓަކައި ކިޔަން ވާރިދުވެފައިވާ ދުޢާތަކާ އެތައް ޛިކުރުތަކެއްވެއެވެ. ނަމާދުކޮށް ޤުރްއާން ކިޔަވާ، ޛިކުރުތައް ކިޔާ އުޅޭ އިންސާނެއްނަމަ ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެ އިންސާނާ ހުންނާނީ އެތަކެއްޗަށް ނުފެންނާނެހެން ވަންހަނާވެފައެވެ. އީމާންކަން ވަރުގަދަ މީހެއްނަމަ އެތަކެއްޗަށް އެ މީހަކާ ގާތްވެ، ގޯނާއެއްކުރުން އެއީ އެތަކެއްޗަށް ކުޅަދާނަވެގެންވާނެ ކަމެއް ނޫނެވެ.

 

********

 

މިކަންތައްތައް ޒަމްލާއަށް ކިޔައިދީ ދަސްކޮށްދޭނެ އެއްވެސް އިންސާނެއް އެ ގޭގައި ނެތެވެ. އުޚްރަވީ ޙަޔާތަށް ވުރެ ބޮޑަށް ދުނިޔަވީ ޙަޔާތް މުހިއްމުވެފައިވާ ބަޔަކަށް މީގެން އެއްވެސް ކަމެއް އަނެކާއަށް އުނގަންނައެއް ނުދެވޭނެއެވެ.

 

‘މޫންލައިޓް’ ގޭގެ ދޮރުމަތީ ހުރި މަލައިކާގެ ދެލޯ ކަރުނުން ފުރިފައިވީ ހަދާނެގޮތް ހުސްވެފައިވީމައެވެ. ކޮންމެހެނެއްވިޔަސް، ނުބައި އިފުރީތަކަށް ޒަމްލާ ފެނިއްޖެއެވެ. އެކުއްޖާ އެކަމުން ރައްކާތެރިކޮށްދޭން މަލައިކާ ޖެހޭނީ އުމެއިރާ ހަނގުރާމަކުރާށެވެ. ޒަމްލާގެ ދިރިއުޅުން އަނދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އަނެއްކާވެސް މިޖެހުނީ އެހެންކަމަކާ ކުރިމަތިލާށެވެ. ޒަމްލާއަށް ނަމާދުކުރަން ދަސްކޮށްދީ، ހުރިހާ ދުޢާތަކެއް ކިޔަން ދަސްކޮށްދީ، ހުރިހާ އަޅުކަމެއް ކުރާނެ އެންމެ ފުރިހަމަ ގޮތް އުނގަންނައިދޭން މަލައިކާ ބޭނުންވެއެވެ. އެހެނަސް، މަލައިކާއަކީ ޖިންނިއަކަށް ވީތީ ޒަމްލާގެ ކުރިމައްޗަށް ފާޅުވާކަށް ބޭނުމެއްނޫނެވެ. ކުޑަމިނުން އޮޅުވާލައިގެންވެސް ޒަމްލާގެ ކުރިމައްޗަށް އަރާކަށް މަލައިކާގެ ހިތެއް ނޭދެއެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން އަނެއްކާވެސް ބަރުބާދުވެގެން ހިނގައިދާނެތީއެވެ.

 

ޒަމްލާގެ ޙަޔާތަށް އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ ވާހަކަ ޒާޔާ ގާތުގައި ބުނާނީ ކިހިނެތް ހެއްޔެވެ؟ ލިއަމް ގާތުގައި އެވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟ ވިސްނަންޖެހޭ ކަންތައް އިންތިހާއަށް ގިނައެވެ. ކުރިއާ ޚިލާފަށް މިއަދު މަލައިކާ ބަލިކަށިވީ ހިނދު އޭނާ ގާތުގައި ހިތްވަރުދޭކަށް މާލިކެއް ނެތެވެ. މަލަކާއެއް ނެތެވެ. މަލައިކާގެ ބާރުތައް ކިތަންމެހާ ގަދަވިޔަސް، އެ ހިތް ބަލިކަށިވެގެން ދިޔުމުގެ ސަބަބުން ނާއުއްމީދުގެ ބަނަ ވިލާތަކުން މަލައިކާގެ ޙަޔާތް އަނދިރިވެގެން ހިނގައްޖެއެވެ.

 

-ނުނިމޭ-

 

 

 

 

 

 

 

 

 

 

 

 

 

 

Share Article

Follow Me Written By

H noora

Level 110 Stories

Reading and writing is my passion. What motivates me more is the comments I get from readers & their support. Lots of love to the readers <3 <3 <3

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ (ފަހު ބައި)

Next

ގާތުގާ… 32

Next
June 26, 2026

ގާތުގާ… 32

Previews
June 26, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ފަހު ބައި)

3 Comments!

  1. Anonymous says:
    June 26, 2026 at 10:26 pm

    Hey wait malaka and maaik aky kaaku.. and unfair? Vrh reethi mi part.. when’s next

    1. H noora says:
      June 27, 2026 at 12:17 am

      Maalik eiy Malaikaa ge bappa
      Malaka eiy Malaika ge kokko
      First season ga ulheyne Maalik & Malaika

      Hope you got it😊😊

      Next ep submit kollaanan day after tmr

  2. Anonymous says:
    June 26, 2026 at 10:28 pm

    When next?

Comments are closed.



All Right Reserved!