Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ – 2 (ނުވަވަަނަ)

H noora Level 110 Stories
June 23, 2026 8 Mins Read
0 Comments

ދެލޮލުން ލޭ ތިކިތައް ފައިބަމުން ދާ ޙާލު، މަލައިކާ، އޭނާގެ ދެ އަތުގެ އިނގިލިތައް ބޮޑަށް ހުޅުވައިލިއެވެ. އޭރު އެ އިނގިލިތަކުގެ ނިޔަފަތިތައް ދިގުވެ، ކަނޑިއެއްގެ މިޔަހާ، ތޫނުވެއްޖެއެވެ. މަލައިކާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކޮން ކަންތައްގަނޑެއްކަމެއް ނޭނގެއެވެ. އެހެނެއްކަމަކު، އިނގިލިތަކުގެ ނިޔަފަތިތަކަށް ބަލައިލުމަށްފަހު، ދެން މަލައިކާގެ ތޫނު ނަޒަރު އަމާޒުވީ ބިންމަތީގައި ހޭހުސްވެފައި އޮތް އިންސާނާއަށެވެ.

 

*********

 

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު އޭޑީކޭ ހޮސްޕިޓަލުން މީހުން ވަދެ ނުކުމެ ވެއެވެ. ބަލި ޙާލަތު ގޯސް މީހުނާ، އެންބިއުލާންސްގައި ގެނެވޭ ބަލި މީހުނާ، ނަރުހުންނާ، ޑޮކްޓަރުން އެ ތަނުން ފެންނަމުން ދިޔައެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ފުލުހުން އެތަނަށް ވަދެ ނުކުމެވާ މަންޒަރު މާ ގިނައިން ފެންނަމުން ދިޔައެވެ. އެއީ އެމީހުންގެ ކޮންމެވެސް ޚާއްޞަ މީހަކު ހޮސްޕިޓަލުގައި ބާއްވާފައި އޮތުމުންކަމީ، ޝައްކެއް އޮތް ކަމެއް ނޫނެވެ.

 

އިޒްވާއަށް ދެ ލޯ ހުޅުވައިލެވުނު ވަގުތު އޭނާ އޮތީ އެ ހޮސްޕިޓަލުގެ ޕްރައިވެޓް ވަރޑެއްގައި އެޑްމިޓް ކުރެވިފައެވެ. މަޑުމަޑުން ތަންތަން ބަލަމުން ގޮސް އަތަށް ގުޅައިފައިވި އައިވީއަށް ބަލައިލިއެވެ. އަދި މިތަނަށް އޭނާ ގެނެވުނީ ކޮންއިރަކު، ކޮން ސަބަބަކާ ލައިގެންކަން ވިސްނަން ފެށިއެވެ.

 

“ނޭނގެ އެއްގޮތަކަށް ވެސް. މޭމްގެ ޕޮޒިޝަންގެ ގޮތުން މޭމްއަކީ ޕްރައިވެޓް ކާރެއްވެސް އޮންނަން ޖެހޭނެ މީހެއް. އެކަމަކު އުޅެނީ އަމިއްލައަށް. ތަންތަނަށް ދަނީ އެކަނިން ހިނގާފަ. އެހާ ހައި ސެކިއުރިޓީ އެއްވެސް ނެތް. މޭމް އެކަންކަން ބޭނުން ނުވާތީ މައްސަލައަކީ.” ޒާމިލް ކައިރީ ހުރި ފުލުހުންގެ އިސް މީހަކު އިޒްވާ އުޅޭގޮތުގެ ކުރު ވާހަކަތަކެއް ޚިއްޞާ ކުރިއެވެ. އޭރު އެ ދެމީހުން ތިބީ ހޮސްޕިޓަލްގެ ގްރައުންޑް ފްލޯރގައެވެ.

 

ރޭ ދަންވަރު އެމަރޖެންސީ އެލަރޓް ނެރުނީއްސުރެ ޒާމިލް އެ އުޅުނީ ހޮސްޕިޓަލުގައެވެ. އިޒްވާގެ ދަށުން މަސައްކަތް ކުރާ ފުލުހުންގެ ޓީމާއެކު ރޭގައި ވީ ކަންތައް ތަހުގީގު ކުރުމުގެ މަސައްކަތުގައެވެ. އިޒްވާ ވެއްޓިފައި އޮތް ސަރަހައްދު ރޭގައި ބަންދުކުރި ގޮތަށް އަދިވެސް އެތަން އާއްމުންނަށް ދަތުރުފަތުރު ކުރެވޭނެހެން ހުޅުވައެއްނުލައެވެ. އަދިވެސް ފުލުހުންގެ ބަޔަކު އެތާ މަސައްކަތްކުރަނީއެވެ. އިޒްވާ ހޭހުސްވެގެން ވެއްޓެންވީ ސަބަބު ދެނެގަތުމަށް ޓަކައެވެ.

 

*********

 

މަންމަ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނު ޚަބަރު ރާމިޝް އަށް ވެސް ލިބިފައިވިއެވެ. އެހެނެއްކަމަކު، އޭނާ މަންމަ ކައިރިއަށް ހޮސްޕިޓަލަށް ދާކަށް ޚިޔާލެއް ނުކުރެއެވެ. ރާމިޝް ހުރީ އަމާނާ ގެއިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.

 

ރާމިޝްގެ އިންތިޒާރަށް ނިމުން އައީ މެންދުރު ފަހު ދޭއް ޖެހި ފަހުންނެވެ. ގެއަށް ބޭނުންވާ ސާމާނުތަކުގެ ލިސްޓު ހިފައިގެން އަމާނާ ނުކުމެގެން ދިޔަ މަންޒަރު ފެނި، ރާމިޝްއަށް ހީވީ އޭނާއަށް ރަނުގެ ފުރުޞަތެއް ލިބުނުހެނެވެ. ވަގުތުން އޭނާގެ ނަޒަރު ސިޓިންގެ ރޫމާ ޖެހިގެން ހުރި ޒަމްލާގެ ކޮޓަރީ ދޮރަށް އަމާޒުވިއެވެ.

 

********

 

އަމާނާ ގެނެސްދިން މޭވާ ތައްޓަށް ބަލަހައްޓައިގެން ޒަމްލާ އިނެވެ. މޭވާ ތަށި އެނދު ކައިރީ މޭޒުމަތީ ބެހެއްޓިފައިވީއިރު ޒަމްލާ އިނީ ދެ ޚިޔާލެއްގައެވެ. ނިކަން ކާ ހިތްވާ ކަހަލަ މޭވާއެއްކަމުގައި ވިޔަސް ކާން އުނދަގޫވާނެތީ ޒަމްލާ އެއިން ގޮތަށް އިނީއެވެ.

 

އެ ތައްޓަށް ގެއްލިފައި އިން ޒަމްލާ ސިހިގެން ދިޔައީ ކޮޓަރި ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުމުންނެވެ. އެވަގުތު އޭނާގެ ހިތް ބާރަށް ތެޅިގަތެވެ. އެއާއެކު، މީހާ ބިރުގަންނަން ފެށިއެވެ. އިޒްވާއާ ކުރިމަތިލާން ޒަމްލާ ބޭނުމެއް ނޫނެވެ. އިޒްވާ އެއްޗެހި ގޮވާ އަޑު އަހާކަށް ވެސް ބޭނުމެއް ނޫނެވެ. ބިރުން ކޮޓަރީ ދޮރާ ދިމާލަށް ބަލަހައްޓައިގެން އިން ޒަމްލާ، ދެވަނަ ފަހަރަށް ދޮރުގައި ޓަކި ދިން އަޑަށް ސިހިގެން ދިޔައެވެ.

 

ކުއްލިއަކަށް ބޭރުން ދޮރުގެ ތަޅުގައި ހިފައިލި އަޑަށް ޒަމްލާއަށް އެއްވެސް އިޚްތިޔާރަކާ ނުލައި އެނދުން ތެދުވެވުނެވެ. އަދި ދޮރު މަޑުމަޑުން ހުޅުވެން ފެށުމުން އަވަހަށް އިސްޖަހައިލިއެވެ. އިޒްވާ އާ ކުރިމަތިލާކަށް ހަމަހިލާ ޒަމްލާއަށް ނުކެރޭނެއެވެ.

 

މަޑުމަޑުން ދޮރު ހުޅުވައިލި ރާމިޝްއަށް ކޮޓަރި ތެރެއިން ފެނުނު މަންޒަރުން އާޝޯޚުވިއެވެ. އެއީ ރީތި ކޮޓަރިއެކެވެ. ރީތި ކޮޓަރިއެއް ތެރޭ އިސްޖަހައިލައިގެން ކޮޅަށް ހުރި އަންހެން ކުއްޖާ ފެނުމުން ރާމިޝްއަށް ހިން ދިރުވައިލެވުނެވެ. ރާމިޝްއަށް ކުރިމަތީ ހުރި އަންހެންކުއްޖާއަށް ރަނގަޅަށް ނަޒަރެއް ދެވުނީ އަދި ކިރިޔާއެވެ.

 

ރާމިޝްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ޒަމްލާގެ މަޑު މުށިކުލައަކަށް ދާ ދިގު، ރާޅުބާނި އިސްތަށިގަނޑެވެ. ސޫރަ މާ ސާފުކޮށް ނުފެނުނަސް ހަމައެކަނި އެ އިސްތަށިގަނޑު ފެނިލުމުންވެސް ރާމިޝްގެ ހިތަށް ގޮތެއް ވެގެން ދިޔަ ފަދައެވެ. އެ އިސްތަށިގަނޑު މިނިވަންކޮށް ދޫކޮށްލާފައި އޮތް މަންޒަރު އަދި ކިރިޔާ ރާމިޝްއަށް ފެނުނީއެވެ.

 

ރާމިޝްގެ ހިތަށް ގޮތެއް ވެގެން ދިޔަ ހިނދު ޒަމްލާގެ ސޫރަ ބަލައިލުމުގެ ޝައުޤުވެރިކަން އެ ހިތުގައި އުފެދުނެވެ. ދެވަނަ ވިސްނުމެއް ނެތި ޒަމްލާ ކައިރިއަށް ދާން ފިޔަވަޅު އަޅަން ފެށިއެވެ. ރާމިޝްއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ބޭރުން އެއްޗެއް ތަޅައިގެން ދިޔަ އަޑަށް އޭނާ ދިޔައީ ސިހިގެނެވެ. ޒަމްލާ ވެސް ވަރަށް ބޮޑަށް ސިހުނު މަންޒަރު އެވަގުތު ރާމިޝްގެ ލޮލަށް ފެނުނެވެ. އެހެނަސް، އެކުއްޖާ އެހުރީ އިސްއުފުލައި ބަލައިނުލާން ހުވާކޮށްގެން ފަދައެވެ.

 

ކޮޓަރި ދޮރު ލެއްޕުނު އަޑަށް ތެޅިތެޅި އޮތް ހިތަކާއެކު ޒަމްލާ މަޑުމަޑުން ދޮރާ ދިމާލަށް ބަލައިލިއެވެ. އޭރު އެކަކުވެސް ފެންނާކަށް ނެތެވެ. އަނެއްކާ އިޒްވާ ދިޔައީ ހެއްޔެވެ؟ އެއީ އިޒްވާއަށް ވިޔަސް، އެހެން މީހަކު ކަމުގައި ވިޔަސް، ދޮރު ހުޅުވައިފާނެކަމަށް ހީކޮށް ޒަމްލާ އަވަހަށް ގޮސް ދޮރު ތަޅުލިއެވެ. އަދި މަޑުމަޑުން ހިނގާލައިފައި އައިސް އެނދުގައި އޮށޯވެލިއެވެ. ރަނގަޅަށް އޮށޯވެވުމުން ޒަމްލާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ބަސްނާހާ ހިތް ހަމައަކަށް އެޅުވޭތޯއެވެ.

 

*******

 

ގޭތެރޭގެ އެކި ތަންތަން ބެލިއިރު ވެސް އެއްވެސް އެއްޗެއް ތެޅިފައި އޮތް މަންޒަރެއް ރާމިޝްއަކަށް ނުފެނުނެވެ. އެހެނަސް، ބޮޑު ޗާންދަލިޔާއެއް ތަޅައިގެން ދިޔަ ފަދަ ބާރު އަޑެއް އޭނާގެ ކަންފަތަށް އިވުނުކަން ޔަޤީނެވެ.

 

ރާމިޝް އެކަމާ ވިސްނަން ސިޓިންގް ރޫމުގައި އިން ވަގުތަކީ އަމާނާ ގެއަށް ވަދެގެން އައި ވަގުތެވެ. ރާމިޝް ފަހަނައަޅައި ދިޔަ އަމާނާގެ ހިތުގައި ސުވާލު އުފެދިފައިވިއެވެ. އެއީ، އިޒްވާ ހޮސްޕިޓަލުގައި ބާއްވާފައި އޮތްއިރު ވެސް ރާމިޝް އިޒްވާ ކައިރިއަށް ނުގޮސް ގޭގައި އިނީމައެވެ.

 

********

 

ބާލީހެއްގައި ބައްދާލައިގެން އެނދުގައި އޮތް ޒަމްލާގެ ސިކުނޑީގައި އެތައް ކަމެއް އެނބުރެމުން ދިޔައެވެ. އެވަގުތު އޭނާގެ ހިތް ހަމައަކަށް އެޅިފައިވިޔަސް އެ ސިކުނޑި ދަނީ އެކިއެކި ފިކުރުތަކުން ބަރާވަމުންނެވެ. އެހެނަސް، ކޮންމެވެސްކަހަލަ ގޮތްނޭނގޭ ހިތްހަމަޖެހުމެއް އެ ހިތަށް ރޭއްސުރެ އިޙުސާސް ކުރެވެމުން ދެއެވެ. އެއީ، އިޒްވާ ނާންނާތީ ކަމަށް ވެދާނެއެވެ. އެ ހަމަޖެހުން ހިތުގައި ވިޔަސް، އެ ހިތް ބިރުގަންނުވާ ޚިޔާލުތައް ކުރި ހޯދާލެއް ނިކަން އަވަހެވެ.

 

ޒަމްލާ އެހެން އޮތް އިރު އޭނާއަށް ފެންނަ ހުވަފެންތަކުން ދައްކާ ވާހަކަތައް ހަނދާންވަމުން ދިޔައެވެ. އެ ވާހަކަތައް ހަނދާންވަމުން ދިޔަދިޔަހެން މި ފަހަކަށް އައިސް އެކަހަލަ ހުވަފެން ފެނުން މަދުވެއްޖެކަން ޒަމްލާއަށް ރޭކައިލިއެވެ.

 

***********

 

ޒާޔާގެ ތެރަޕީ ސެޝަން ނިންމައިލުމަށް ފަހު ޝަޒާއަށް ގެއަށް އާދެވުނު އިރު ހަވީރުވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ވަރުބަލިވެފައި ވުމުގެ ސަބަބުން ޝަޒާ ސޯފާގައި ޖައްސައިލިއެވެ. މިނެޓްތަކެއް ވަންދެން ފޯނުން ފޭސްބުކް ބަލަން އޮވެފައި ފޯނު ނިއްވައިލީ މިއަދު ޒާޔާ އުނދަގުލުން ނަމަވެސް އޭނާއާ ޚިއްޞާ ކުރި ވާހަކަތައް ހަނދާންވުމުންނެވެ. ޒާޔާ ކިޔައިދިން ހުރިހާ ވާހަކައެއް އަލިފުން ޔާ އަށް ޝަޒާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ.

 

********

 

މެންދުރު ވަގުތު:

 

“ދައްތަގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހަކީ ދައްތަގެ ކައިވެނި ކުރެވުނު ދުވަސް. ދެން ދައްތަގެ ދަރިން ދުނިޔެއަށް އުފަންވި ދުވަސްތައް. ދައްތަ ފަހަރެއްގަވެސް ހިއެއް ނުކުރަން ކަންތައްތައް އެހާ ބޮޑަށް ބަދަލުވެގެން ހިނގައިދާނެކަމަކަށް. ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ހަމަ ކުއްލިއަކަށް.” ޒާޔާ ކިޔައިދިނެވެ. “ހްމްމް.. ޝަޒާ ހަނދާން އެބަހުރި ޝަޒާ ކުޑައިރު މިގޭގަ އުޅުނު ހަނދާން. ޝަޒާއަށް ކިޔައިދޭންވީ ޝަޒާ ރާއްޖެއިން ބޭރަށް ބަދަލުވި ފަހުން ދައްތަގެ ހަޔާތުގަ ކަންތައްތައް ހިނގައިދިޔަ ގޮތް. ކުއްލިއަކަށް ނޫން ކިޔާނީ އިނގެ… ފުރަތަމަ ރަނގަޅަށް ހަމަޖެހިލާ… ދެން ފުންކޮށް ނޭވާލާ… ދެން ވާހަކަތައް ހިއްސާ ކުރުމަށް ސިކުނޑި ހަމައަކަށް އެޅުވޭތޯ މަސައްކަތްކޮށްލާ…” ޝަޒާ ދިން އިރުޝާދާ އެއްގޮތަށް ޒާޔާ ކަންތައް ކުރިއެވެ. “ދައްތަ ވާހަކަތައް ކިޔައިދޭނީ އެ ވާހަކަތައް މީހަކާ ހިއްސާ ކުރަން ދައްތަގެ ނަފްސު ތައްޔާރުކަމަށް އިހުސާސްވެގެން އިނގެ.. ގަދަކަމުން، މަޖުބޫރުކަން އިހުސާސް ކުރެވެންޏަ ކިޔައިނުދިނަސް ރަނގަޅުވާނެ. މަޑުމަޑުން ކަންކަން ރަނގަޅުވެގެންދާނެ އިންޝާﷲ.”

 

“ނޫން. ދައްތަ ހުރިހާ ވާހަކައެއް ކިޔައިދޭން ރެޑީ. އެކަމަކު…” ޒާޔާ ބުނަން އުޅުނު ވާހަކައެއް ނުބުނެވުނެވެ. ޒާޔާއަށް ފަސްޖެހެވެނީއެވެ. “އިޓްސް އޯކޭ ދައްތާ. ރޮވެން އުޅެންޏަ އެ އިހުސާސްތައް ވެސް ނުހިފަހައްޓާ. ހިތް ފުރެންދެން ރޮއެލާ.. ހިތް ހަމައަކަށް އެޅިލީމަ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދާނީ.. ދައްތަ ހަމަ ފުލީ ރެޑީތަ؟ ޝަޒާއަށް ނޯޓިސްވާނެ އިނގެ.. ދައްތަ ގަދަކަމުން ވާހަކަތައް ކިޔައިދޭން އުޅެންޏަ.” ޒާޔާ އަށް ވާހަކަ ނުދެއްކުނު ސަބަބު ދެނެގަނެވުމުން ޝަޒާ ވާހަކަ ދެއްކިއެވެ. ޝަޒާ ކުރި ސުވާލަށް އާނއެކޭ ބުނެ ޒާޔާ ވާހަކަ ދައްކަން ފެށިއެވެ.

 

“ޝަޒާ ހަނދާން ހުންނާނެ. ޝަޒާ ހުއްޓަ ދައްތައަށް މަޤާމުން ވަކިވާން ޖެހުނީ. ކުއްލިއަކަށް. ކިހިނެތްކަމެއް ނޭނގެ. ދައްތަ މީ ފުލުހުންގެ އެންމެ މަތީ މަޤާމުގަ ހުރި މީހާ. ކުއްލިއަކަށް އެ މަގާމުން ވަކިކޮށްފިކަން އިޢުލާން ކުރީމަ ޝޮކެއް ލިބުނީ.” ޒާޔާ ކިޔައިދިނެވެ. “ކޮންތާކުން އެންގީ ދައްތަ މަޤާމުން ވަކިކޮށްފިކަން؟” ޝަޒާ އެހިއެވެ.

 

“ކޮންމެވެސް އަންހެނެއް އައީ. ދައްތަ މިހާރު މާ ބޮޑަކަށް ހަނދާނެއް ނެތް އެއީ ކާކުކަމެއް. ފުލުސް ޔުނީފޯމު އަޅައިގެން ހުރީ ހަމަ ގައިމުވެސް.. ސަލާން ގޮވާލުމެއްވެސް ނެތި ވަދެގެން އައިސް މޭޒުމައްޗަށް ޖެހީ މަގާމުން ވަކިކުރިކަމުގެ ލިޔުން. ދައްތަ އޭގަ ސޮއި ކުރީވެސް ލިބުނު ޝޮކުގަ ހުރެ. އެއްޗެހިތައް ޕެކްކޮށްގެން ކެބިން އިން ނުކުތް އިރު ދައްތަގެ ދަށުން މަސައްކަތްކުރި ބައިވަރު ކުދިން ފެނުނު. ދައްތަ ވަރަށް ލަދުގަތް. ވަރަށް ވަރަށް ލަދުގަތް. ދައްތަ ހިތަށް އެރީ ދައްތައަށް ކީއްކުރެވުނީމަބާއޭ ކުއްލިއަކަށް އެ މަގާމުން އެ ވަކިކުރީ.” ޒާޔާ އެ ވާހަކަތައް ކިޔައިދެމުން ދިޔައިރު ހީވީ އެ ދުވަސްތައް އޭނާގެ ލޯ ކުރިމަތިން މިހާރު ވެސް ފެންނަމުން ދާހެނެވެ.

 

ޒާޔާއަށް އިސްޖަހައިލެވުނެވެ. ޝަޒާ އެވަގުތު ޒާޔާއަށް ވަމުންދާ ގޮތްތައް ވަރަށް ރަނގަޅަށް ބަލަން އިނެވެ. އެވަގުތު ޒާޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނު މަންޒަރު ޝަޒާއަށް ފެނުނެވެ. ޒާޔާގެ އަތުގައި ހިފައިލަން އަތް ހިއްލައިލި ވަގުތު ޒާޔާ ދެލޮލުން ކަރުނަތައް ފުހެލުމަށްފަހު ޝަޒާއަށް ބަލައިލިއެވެ. އަދި އެއްވެސް އަސަރެއް ނެތް ފަދައިން ހިނިތުންވެލިއެވެ. “ރަނގަޅުތަ؟” ޝަޒާ އެހިއެވެ. ޒާޔާ ބޯ ޖަހައިލުމުން އަނެއްކާވެސް ކުރިއަށް ގެންދިޔުމަށް ޝަޒާ އެދުނެވެ.

 

“ދައްތައަށް ކޮންމެ ކަމެއް ދިމާވިޔަސް ދައްތައާ އެންމެ ގާތުގަ ހުންނާނީ ލިއަމް. އެކަމަކު… އެ ދުވަހު.. އެ ދުވަހު ދައްތައަށް ލިއަމް ގެއްލިއްޖެ.. ޒަމްލާ ވެސް ގެއްލުނީ..” ޒާޔާއަށް ގިސްލެވެން ފެށުނެވެ. އެހެންވިޔަސް އޭނާ ހިތްވަރު ކުރަން ބޭނުންވިއެވެ. ހިތާ ސިކުނޑީގައި އެނބުރެމުންދާ ހުރިހާ ކަމެއް ބޭރުކޮށްލަން އެވަގުތު ޒާޔާ ބޭނުންވެފައިވިއެވެ. ޝަޒާގެ އެދުމަށް ކައިރީގައި ބަހައްޓާފައި ހުރި ފެން ތަށިން އެތިފޮދެއް ބޮއެލުމަށް ފަހު ފުން ނޭވައެއް ބޭރުކޮށްލިއެވެ. އަދި މީހާ ހަމައަކަށް އެޅުމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

 

“ލިއަމް ހުރީ ސިންގަޕޫރުގަ އެދުވަސްކޮޅު. ދައްތަ އެދުވަހު ހީކުރީ ލިއަމް ބިޒީވީމަކަމަށް ހަބަރެއްވެސް ނުވީ. ގުޅީމަ ފޯނު ނުނަގަ. މެސެޖް ކުރީމަ ޖަވާބެއް ނާދޭ. އެދުވަހު ހެނދުނު އޮންލައިންވި ގޮތަށް ދެން ހަބަރެއް ނުވޭ. އަނެއްކާ އެދުވަހު ދައްތަ އެންމެ ފަހު ޑިއުޓީއަށް ދިޔައީ ވެސް ޒަމްލާ ސްކޫލުން ގެއަށް ލާފަ އައިސް. އެފަހުން އެހުރިހާ ކަމެއް ދިމާވެގެން ގެއަށް އާދެވުނުއިރު ޒަމްލާއެއް ނެތް. ބައްޕަ ވެސް އެގަޑީ ގޭގަ ނެތީމަ ދައްތަ ހީކުރީ ބައްޕައާއެކީ ޒަމްލާ ބޭރަށް ދިޔައީކަމަށް. އެކަމަކު ބައްޕަ ގެއަށް ވަތް ވަގުތު ޒަމްލާ ނެތީމަ ދައްތައަށް އެނގިއްޖެ ކަމެއް ގޯސްވެއްޖެކަން.. އެދުވަސް އެއީ މި ގޭގެ، މި އާއިލާގެ ހަމަޖެހުން ގެއްލިގެން ދިޔަ ދުވަސް… މި ގޭގަ ފެތުރިފަ އޮންނަ އުފާވެރިކަމުގެ ކުލަތައް އެއްކޮށް ފަނޑުވެގެން ދިޔަ ދުވަސް.”

 

“ތި ދުވަސް ހަނދާން އެބަހުރި.” ޝަޒާ ބުންޏެވެ. “ހްމްމް.. ޝަޒާއަށް އޭރު ބާރަ އަހަރު ކަންނޭނގެ ވާނީ. ޒަމްލާ ހޯދަން އެތައް މަސައްކަތެއް ކުރިން. ބައްޕަވެސް ހާދަ މަސައްކަތެއް ކުރިއޭ… އެއްވެސް ކަމެއް ކާމިޔާބެއް ނުވި… ޒަމްލާ ގެއްލުނު ވާހަކަ ބުނަން ލިއަމްއަށް ގުޅާ ގުޅާ ފޯނެއްވެސް ނުނަގާ. ޒަމްލާގެ ސްކޫލް ޕްރިންސިޕަލަށް ގުޅައިގެން ޖަވާބެއް ނުދިން. އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅިން. ޖަވާބެއް ނުދޭ. ސިޓީ ފޮނުވިން. ޖަވާބެއް ނުދޭ. ފުލުހުންގެ އިދާރާއަށް އެތައް ފަހަރަކު މައްސަލަ ލީން. އޭގެން އެއްފަހަރު ވެސް އެ މައްސަލަ ބަލައެއް ނުދިން.. މައްސަލަ ބަލައި ނުދިނީތަ އެކަނި؟ އެ ކޭސް އަށް އެއިން އެކަ.. ވެސް އެޓެންޑް ނުވީ….” ކުރެހިފައިވި އަޑަކުން ވާހަކަދައްކަމުން ދިޔައިރު އެންމެ ފަހު ޖުމުލަތައް ބުނެލިއިރު ޒާޔާގެ އަޑު ރޫރޫ އެޅިގެން ދިޔައެވެ. އެހިނދަކީ ފުލުހުންނާ މެދު އެ ހިތުގައި އުފެދިފައިވި ރުޅިވެރިކަން އަނެއްކާވެސް ކުރިލައިގެން ދިޔަ ވަގުތެކެވެ.

 

“ދައްތަ މީ އެތާ އެންމެ މަތީ މަގާމުގަ ހުރި މީހާ. އެތައް ބަޔަކަށް އެހީވެދިނިން. ހަމައެކަނި ފުލުހުންނަކަށް ނޫން. އެތައް ޒުވާން އަންހެން ކުދިންގެ ކޭސްތަކަށް ވެސް ދައްތަ އެޓެންޑްވިން. ނުހައްގުން ތުހުމަތު ކުރެވިފައިވި އެތައް ކުދިންނެއް ސަލާމަތްކޮށްދިނިން. ގޯސްކޮށް ކަންތައް ކުރެވިއްޖެ ކުއްޖެއްވިއްޔާ އެއްވެސް އަނިޔާއެއް ނުދީ އެކުދިންނަށް ލޯބިން ވިސްނަދިނިން. ދައްތަ އެ މަގާމުގަ ހުރީ އެތައް ބައެއްގެ އިހުތިރާމާ ލޯބި ލިބިގެން. އެ އިދާރާގަ އުޅޭ އެންމެންވެސް ދައްތައަށް އިހުތިރާމު ކުރާނެ. އެކަމަކު ދައްތައަށް ކަމެއް ޖެހުނު ހިނދު އެއްވެސް ސަބަބަކާ ނުލާ އެ ހުރިހާ އެއްޗެއް ގެއްލިއްޖެ….. މާ ބޮޑަށް ދައްތައަށް ހިތްހެޔޮ ވެވުނީ ކަންނޭނގެ. އެކަމުގެ ބަދަލު ދައްތައަށް ލިބުނު ގޮތް އެއީ.” ޒާޔާ ކިޔައިދިނެވެ.

 

“އެއްމަސް ވަންދެން ދެބަފައިން ހޯދަން އެތައް މަސައްކަތެއް ކުރިން. ދައްތަ ފަހުން ވަރުބަލިވީ. އުއްމީދު އެއްކޮށް ކެނޑުނީ. އަމިއްލަ ނަފްސަކަށް އިތުބާރެއް ނުކުރެވޭ. ދިރި ހުންނަން ބޭނުން ނުވީ. ދައްތަގެ ދެން އެ ތިބަ ދެ ދަރިން މަތިން ވެސް ދައްތަ ހަނދާނެއް ނެތް. މާ ބޮޑަކަށް އެ ދެ ކުދިންނަށް އަޅައެއް ނުލެވުނު. ޒާމިލަށް ވާނީ ފަނަރަ އަހަރު. ލާއިމަށް ބާރަ އަހަރު. ބައްޕަ އެ ދެކުދިންނަށް ހުރިހާ ކަމެއް ކޮށްދިނީ. ދައްތަ ދެރަވެސް ވޭ އެދުވަސްކޮޅު. އެކަމަކު އެހާ ހިތްވަރެއް ނުހުރޭ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވޭ. ހުރިހާ ކަމެއް މަތިން ފޫހިވެފަ ދައްތަ ހުރީ. ދައްތައަށް އެނގޭ ޝަޒާގެ ބައްޕަ ވެސް ޝަޒާ ގޮވައިގެން ދިޔައީ ދައްތަ އެހެން އުޅެން ފެށީމަކަން.” ޒާޔާ ކިޔައިދިނެވެ. ޒާޔާ ގެ ވާހަކަތައް އަޑުއަހަން އިން ޝަޒާ ދެން ހުއްޓައިލުމަށް އެދުމުން ޒާޔާއަށް ޝަޒާގެ މޫނަށް ބަލައިލެވުނެވެ.

 

“ތިހެން އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ ދައްތާ. އެއީ ދައްތަ އުޅެން ފެށި ގޮތެއް ނޫން. އެއްގޮތަކަށް ވެސް އެހެން ހީނުކުރޭ. ހީނުކޮށް ހުއްޓަ އެއްފަހަރާ ހުރިހާ ކަމެއް ދިމާވީމަ އެކަހަލަ ހާލަތަކަށް މީހާ ވެއްޓިދާނެ. ދައްތަ ނިކަން ވިސްނާލަ. ކާފަ، ދައްތައަށް ކިހާ ރަނގަޅުކަން ދައްތަގެ ހިތަށް ގެނެބަލަ. ޝަޒާ ދައްތައަށް ޓަކައި އުފާކުރަން އެކަހަލަ ބައްޕައެއް ދައްތައަށް ލިބުނުކަމަށް ޓަކައި. އެދުވަސްކޮޅުވެސް ޒާމިލްއާ ލާއިމަށް އެއްކަމެއް ކޮށްނުދެވުނަސް ކާފަ އެކައްޗެކޭ ވެސް ނުބުނެއެއްނު. އޭގެން އެ އެނގުނު ކަމަކީ، ކާފައަށް ދައްތަގެ ހާލަތު ވިސްނިއްޖެކަން. ކާފަ ދައްތަ ދެކެ އެހާ ލޯބިވާކަން. ކާފަގެ އެހީތެރިކަން އެދުވަސްކޮޅު ދައްތައަށް ފުރިހަމައަށް ލިބުނީމަ ދައްތައަށް މިއަދު ކިރިޔާވެސް ހެޔޮ ހާލުގަ ތިހުރެވެނީ. ދައްތަ އަމިއްލައަށް ގަބޫލުކުރަންތަ ކާފަ ދައްތަދެކެ ލޯބިވާކަން؟” ޝަޒާ އެހިއެވެ.

 

“ގަބޫލުކުރަން އަބަދުވެސް. އެކަމަކު ބައްޕަވެސް ހާދަ ބޯ ގޮވާނެޔެ ދައްތައަށް އެހެން އުޅެވުނީމަ.” ޒާޔާ ބުންޏެވެ. “އެހެނެއް ނުވާނެ ދައްތާ. ތިބުނާހެން ކަންތައް ވީ ނަމަ، މިއަދު ދައްތަގެ ދެ ދަރިންނަށް ވެސް އަންޑަސްޓޭންޑެއް ނުވާނެއްނު ދައްތަގެ ހާލަތެއް. ގިނަ މީހުނަށް ނުލިބޭނެ ފަދަ ރަޙުމަތެއް ދައްތައަށް ލިބިފަ ތިއޮތީ. ތިކަހަލަ ހާލަތެއް މެދުވެރިވެއްޖެއްޔާ ގިނަ ފަހަރު. އިނގެ.. ގިނަ ފަހަރު އެ މީހަކު ބާކީ ވާނީ.. އަހަރުމެން މިތިބީނުންހޭ، ކަމެއް ޖެހުނީމަ ތިބޭނީ އަހަރުމެންނޭ ބުނާ މީހުންގެ ފަރާތުންވެސް އެފަދަ ހާލަތެއް ދިމާވީމަ އަޅާލުމެއް ނުލިބޭ. އެކަމަކު، ދައްތަ ވިސްނާލަބަ. ޒާމިލްމެން ވެސް މިހިސާބަށް އެ އައީ ދައްތަގެ ހާލަތު ރަނގަޅަށް އެނގިހުރެ. އެ ދެމީހުން ދައްތަދެކެ އެހާ ލޯބިވޭ. ކާކުގެ ސަބަބުން. ކާފަގެ ސަބަބުން. ދައްތައަށް ތި ލިބިފަ އޮތް ނިޢުމަތަށް ޓަކައި ޝުކުރުވެރިވެ ދައްތަގެ ފިރިމީހާއާ ދަރިފުޅު ހޯދަން މަސައްކަތް ކުރަންވީއޭ ދައްތާ. ދައްތައަށް އެހީވެދޭނެ މީހުން ތިބޭނެ ދައްތަގެ ގާތުގަ.” ޒާޔާއަށް ވިސްނައިދޭ އުސޫލުން ޝަޒާ ވާހަކަދެއްކިއެވެ. ޝަޒާ ދެއްކި ވާހަކަތައް އަޑުއަހަން އެއްދިމާލަކަށް ބަލަހައްޓައިގެން ޒާޔާ އިނެވެ.

 

ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތް ވަގުތު ހަމަވުމުން ޝަޒާ ތެދުވިއެވެ. އަދި ޒާޔާއަށް ހިތްވަރުގެ ބަސްތައް ހަދިޔާކޮށް، ބާއްޖަވެރި ދުވަހަކަށް އެދެމުން އެ ގެއިން ނުކުތެވެ.

 

********

 

ޒާޔާ ކިޔައިދިން ވާހަކަތަކާ މެދު ވިސްނަން އޮތް ޝަޒާއަށް ކުއްލިއަކަށް އޮތްތަނުން ތެދުވެވުނެވެ. ސޯފާގައި ރަނގަޅަށް އިށީންދެ، ޝަޒާ ވިސްނަން އިނީ ކޮންމެވެސް ކަމެއް ދެނެގަންނަން މަސައްކަތް ކުރާ އުސޫލުންނެވެ. “މަގާމުން ވަކި ކުރުން. އެއްވެސް އިދާރާއަކުން ޖަވާބު ނުދިނުން. އެސްޕެޝަލީ ޕޮލިސް. އެންޑް… ލިއަމްބެ އާ ޒަމްލާ ގެއްލުނީ ވެސް އެއްދުވަހެއްގަ..” ޝަޒާ މަޑުމަޑުން ކިޔަމުން ދިޔައެވެ. ޕަޒްލް އެއް ރާވާ އުސޫލުން ޝަޒާ ސިކުނޑި ތެރޭ އެ ކަންތައް އެއްކޮށްގެން ނަތީޖާއަކާ ހަމައަށް ފޯރާތޯ މަސައްކަތް ކުރިއެވެ. މިނެޓްތަކެއް ތެރޭ އެކަން ޝަޒާއަށް ކާމިޔާބުވިއެވެ.

 

“މިހުރިހާ ކަމަކާ ކޮންމެވެސް އެއްކަމެއް ގުޅުން އެބަހުރި އައި ނޯ ދެޓް. ޕޮލިސް.. ޕޮލިސް.. ޔެސް. ޒާމިލް. ޓައިމް ޓު ސްޓާޓް މައި ވަރކް.”

 

*********

 

(ނުނިމޭ)

 

 

 

 

 

 

Share Article

Follow Me Written By

H noora

Level 110 Stories

Reading and writing is my passion. What motivates me more is the comments I get from readers & their support. Lots of love to the readers <3 <3 <3

Other Articles

Previous

ސިއްރު ކައިވެނި – 5

Previews
June 23, 2026

ސިއްރު ކައިވެނި – 5



All Right Reserved!