“އާއޫ…ތަދުވޭ…މަޑުމަޑުން ތިކަން ކޮށްބަލަ” ޅަކުއްޖެއް ހެން ސާޖިދު ކުކުރައިލީ، ޑިސްއިންފެކްޓުން ފޯ ވެފައި އޮތް ކަފަކޮޅެއް ބޭނުން ކޮށްގެން ރޫޔާ ސާޖިދުގެ ޒަޚަމްތައް ސާފުކުރަން، ތުންފަތް ކަނޑައިގެން އޮތް ތަންކޮޅުގައި އެ ކަފަކޮޅު ޖެއްސުމާއެކުއެވެ.
“މައިތިރި ވެގެން ހުރޭ މަގޭ ބޭސް ކުރަންދެން، އެހެން ނޫނީ ތި މޫނު އިންފެކްޓު ވެދާނެ، އޭރުން އެކަކުވެސް ތި މޫނަކަށް ނުބަލާނެ”
“އެހެން، މަގޭ މޫނު އެހާ ރީތިތަ، ތިހާ ވަރަކުން ބޭސްކުރަން ތިއުޅެނީ؟”
ރައްދުގައި ރޫޔާ ސާޖިދަށް ލޯ އަޅައިލިއެވެ. ސާޖިދުގެ ތުންފަތް މަތީ ހުރި ލޭ ސާފުކޮށްލުމަށްފަހު އޭނާ ދުރަށް ޖެހިލީ، ސާޖިދުގެ ލެއިން ފޯވެފައި އިން ކަފަކޮޅު ޑަސްބިނަށް ލާންވެގެންނެވެ.
މައިރާ ދުރުގައި ހުރެފައި، ސާޖިދު އިށީނދެއިން ސޯފާގައި ހަމަޖެހިލިއެވެ. މޫނު އަރިކޮށްލުމަށްފަހު ސާޖިދަށް ހިނިތުންވެލީ ޝުކުރުވެރިކަމާއެކު އެވެ. މައިރާގެ ހިތްހަމަ ޖެހިފައި ހުރިތަން ފެނިފައި އޭނާ އަތް އުފުލައިލައި، މައިރާގެ ބޯ ހާވައިލިއެވެ.
“މައި، މައިގެ މަންމައަކީ އަހަރެންގެ ދައްތައެއްނު” ސާޖިދުގެ ޖުމުލައިން މައިރާ ނޭވާއެއް ދޫކޮށްލީ އޭނާ ނެތް ވަގުތެއްގައި އޭނާގެ މަންމަ ދިފާޢުކުރުމަށް ސާޖިދު ހުންނާނެކަމުގެ ޔަޤީންކަން ލިބުމާއެކުއެވެ.
“މައި ލަވް!” މައިރާމެންގޭ ދޮރުމައްޗަށް ލީނާ އެރީ ކުއްލިއަކަށެވެ. ތޫލި އަޑަކުން އޭނާ ސާޖިދަށް ގޮވަން ފެށި ގޮތަކުން މައިރާ މޫނު ކުނި ކޮށްލިއެވެ. ސޯފާގައި ލެނގިލުމަށްފަހު އޭނާ ބަލަން އިނީ ލީނާ ހަދަން އުޅޭ ގޮތެވެ.
ސޯފާގައި ވެއްޔާއި ދަލުން ތަތްތެޅިފައި އިން ސާޖިދު ފެނިފައި ލީނާ ތޫލި އަޑުން ހަޅޭއްލަވަގަތުނެވެ. އަވަސް އަވަހަށް ފައިވާން ބޭލުމަށްފަހު އޭގޭ ތެރެއަށް ވަދެގެން ސާޖިދު ކައިރީ މަޑުކޮށްލިއެވެ. އެއްވެސް މީހަކު އެއްޗެކޭ ބުނުމުގެ ކުރިން އޭނާ ސާޖިދުގެ މޫނު އަތަށް ގެނެސް، ދެ ފަރާތަށް އަރިކޮށްލީ، ލިބިފައި ހުރި ޒަޚަމްތައް ޗެކު ކުރަންވެގެންނެވެ.
“ބޭބީ..ކިހިނެއްވެފައި؟” ލީނާގެ އަޑުގައި ކުޑަވަރެއްގެ ހާސްކަމެއް ހުއްޓެވެ. ލީނާގެ އަޑު އިވިފައި ސާޖިދަށް ހެވުނެވެ. ލޯބިން ލީނާގެ އަތް، އޭނާގެ މޫނުން ވަކި ކުރުމަށްފަހު އޭނާގެ ދެއަތުގެ ތެރެއަށް ގެނައެވެ. ސާޖިދުގެ ހުނުމުގެ އަޑު އިވިފައި ލީނާ ތުން ދަމާލިއެވެ. “ބޭބީ..ވެޑިން އޮތީ ވީކެއް ތެރޭގައި”
“އެނގޭޔޭ” ސާޖިދު އުޅުނީ ލީނާގެ ހިތްހަމަ ޖެއްސުމަށެވެ.
“ދެން، ކީއްވެ ބޭބީގެ މޫނު އިންޖަރީ ވި؟ އަވަރ ވެޑިން ޕިކްސް…”
ލީނާއާއި ސާޖިދުގެ މާފޮޅުވުން ބަލަންހުރި މައިރާ މޭ ކަރައިގޮތްވިއެވެ. މޫނު އަނެއްކާވެސް ކުނިކޮށްލުމަށްފަހު، ކުރިމަތީ ހުރި ސޯފާގައި އިން ރޫޔާއަށް ބަލައިލިއެވެ. މަޑު ނެގިފައިވާ ރޫޔާ ފެނިފައި މައިރާގެ ބޮލުގައި ގުގުމައިލީ ފަރީދާގެ ވިހަގަދަ ބަސްތަކެވެ. ކޮންމެ ގޮތެއް ވިޔަސް، އެ ބަސްތަކުން ރޫޔާއަށް އަސަރުތަކެއް ކުރުވިކަން މައިރާއަށް ވިސްނުނެވެ. ސޯފާއިން ތެދުވެ އޭނާ އެ ގެއިން ބޭރަށް ނުކުމުގެ ކުރިން ރޫޔާއަށް ގޮވައިލުމަށްފަހު އަންނަން ބުންޏެވެ.
ރޫޔާއަށް މަޑުކުރުމެއްނެތި އެގެއިން ނުކުމެގެން މައިރާ ހިނގައިގަތުނީ އަތިރިއަށެވެ. ފަހަތުން ރޫޔާގެ ފިޔަވަޅުތަކުގެ އަޑު އިވުމުން، އޭނާ އަންނަނީ ކަން އެނގުނެވެ.
އަތިރީގައި ހުރި ހޮޅުއަށްޓަށް އާދެވުމާއެކު މުޅި މާހައުލު ހަމަހިމޭންވިއެވެ. އޮއްސެމުންދާ އިރުގެ ރަން ދޯދިން، ފަނޑުވަމުންދާ އުޑަށް މައިރާ ބަލައިލީ ފުންނޭވާއެއް ދޫކޮށްލަމުންނެވެ.
“ރޫ..އަހަރެން ސުވާލެއް ކުރަންތަ؟” މައިރާ ނަޒަރު، އުޑުން ކައިރީގައި ހުރި ރޫޔާއަށް ބަދަލުކޮށްލިއެވެ.
“ހޫމް” ރޫޔާ މައިރާއަށް ބަލައިލީ އަހަން އުޅޭ ސުވާލު ނޭނގޭތީއެއް ނޫނެވެ. ކޮންމެވެސް ގޮތަކުން އޭނާގެ ހިތުގައިވާ އިހުސާސްތައް ބަންޑުންކޮށްލެވޭނީ އެ ސުވާލުން ކަން އެނގިގެންނެވެ.
“ޑޫ ޔޫ ބްލޭމް ޔުއަރ ސެލްފް ފޯ ވަޓް ހެޕަންޓް؟” މައިރާގެ ނަޒަރު އުޑުން ރޫޔާއަށް ބަދަލުކޮށްލިއެވެ. އެ ސުވާލާއެކު ރޫޔާގެ މޫނަށް އަންނަ ބަދަލުތައް ބަލަންވެގެންނެވެ.
ރޫޔާ ފުންނޭވާއެއް ނަގައިލިއެވެ. ފަނަރު އަހަރު ދުވަސްވަންދެން ސިއްރުކޮށްގެން އުޅުނު ހިތުގެ އަސްލު ޝުޢޫރުތައް ހާމަކުރާ ވަގުތު ޖެހިއްޖެކަން އޭނާއަށް އިހުސާސްވެގެންނެވެ. ހޮޅުއަށީގެ ތަނބުގައި ރޫޔާ ލެނގިލުމަށްފަހު، ގޮނޑުދޮށަށް ޖެހެމުންދާ ރާޅުތަކަށް ބަލަން ހުރެފައި ބޯ ޖަހައިލިތަން ފެނި މައިރާ ދެލޯ ބޮޑުވިއެވެ. ނަން ހަރުކޮށް ރޫޔާ އަށް ގޮވައިލީ ޤަބޫލުކުރަން ދަތިވެފައެވެ.
“ރޫޔާ!”
“ނޫން. މައި އަޑުއަހާ. ޔެސް. އައި ބްލޭމް މައި ސެލްފް ފޯ ވަޓް ހެޕަންޓް. އަހަރެން މިހުރިހާ ދުވަހު އުޅުނީ އަމިއްލަ ނަފްސު ކުށްވެރިކޮށްގެން. އެނގޭ އޭރު އަހަރެންނަކީ އެއްވެސް ބާރެއް ނެތް ކުޑަ ކުއްޖެއްކަން. ބަޓް ސްޓިލް، ހިތަށް އަރާ، ކޮންމެވެސް ގޮތަކުން އަހަރެން އެހެން މީހެއްގާތު ބުނެވުނު ނަމައޭ މަންމައަށް ބައްޕަ އަނިޔާ ކުރާ ވާހަކަ. އެހެންވެ އަހަރެން އަބަދުވެސް އުޅުނީ އެހެން މީހުން އިސްކޮށްގެން، އެހެން މީހުންގެ އިހުސާސްތައް. އެހެން މީހުންނަށް މަޢާފް ކޮށް ދީ ހިތް ސާފުކޮށްގެން އުޅެން… ބިކޮޒް މައި، އެދުވަހަކު އެކަން އެންމެ ބޭނުން ވި މީހާއަށް އެކަން ނުކޮށްދެވުނު އަހަންނަކަށް”
ރޫޔާގެ ބަސްތައް ބޭރުވީ ތުރުތުރު ލުމަކާއެކުއެވެ. ނޭފަތް ދަމާލުމަށްފަހު އޭނާ އިސް އުފުލައިލާ އުޑަށް ބަލައިލިއެވެ.
“ފަރީދާއަކީ ކިތަންމެ ގޯސް މީހެއްވިޔަސް އޭނާ އެބުނީ ރަނގަޅަށް. ކަން ވެގެން ދިޔައީ އަހަރެން ކުޑައިރު ކަމަށް ވިޔަސް، ނޯ ވަން ހެލްޑް މީ އެކައުންޓަބަލް ފޯ ވަޓް ހެޕަންޓް. އޭގެ ބަދަލުގައި އެންމެން އަހަންނަށް ހަމްދަރުދީ ވި.”
“ރޫ..” މައިރާ ހަށިގަނޑު ތެދުކޮށްލުމަށްފަހު ރޫޔާއާ ދިމާލަށް ހަށިގަނޑު އަނބުރައިލި ވަގުތު، އަޑު އިވޭ ހިސާބުގައި، ރޫޔާ ފަހަތުގައި މަޑުކޮށްލައިގެން ތިބި ދެމީހުން ފެނި ހުއްޓުން އެރިއެވެ. ޝަފަޤް ދެކޮޅަށް ބޯ ހުރައިލުމާއެކު މައިރާ އަނގަ ބަންދުކޮށްލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“ނޫން، އަޑުއަހާ. އަހަރެން ހީކުރީ، އަހަރެންގެ އަމިއްލަ އިހުސާސްތަކާއި ޝުޢޫރުތައް ފޮރުވައިގެން އެހެން މީހުން އިސްކުރުމުން ކަންކަން ރަނގަޅުވާނެކަމަށް. އެހެން މީހުންގެ އިހުސާސްތައް އިސްކޮށް މި ހުރިހާ ދުވަހު އުޅުނީ، އެކަން އެންމެ ބޭނުންވި މީހާއަށް ނުކޮށްދެވުމުން. އައި ކެޕްޓް ބްލޭމިން މައި ސެލްފް.” ރޫޔާ ދެލޯ މަރައިލުމަށްފަހު ނޭވާއެއް ދޫކޮށްލިއެވެ.
“އެކަމަކު، މިހާރު ވިސްނޭ. އެކަން ވެގެން ދިޔައިރު އަހަންނަކީ ކުޑަކުއްޖެއް. އާރާއި ބާރެއް ނެތް އިރު ކުރެވޭނީ ކޮން ކަމެއް. އަހަރެން ކިތަންމެ ވަރަކަށް އެނޫން ގޮތެއް ވިސްނައިދޭން އުޅުނަސް، ކިތަންމެ ވަރަކަށް ޖަސްޓިފައި ކުރިޔަސް.، ހަޤީގަތް ވަނީ ހަމަ ހަޤީގަތަކަށް ކަން މިހާރު ވިސްނޭ.”
ލޮލުން ފާއްދާލި ކަރުނައާއެކު ރޫޔާ މައިރާއަށް ބަލައިލީ ތުންފަތަށް ވެރިވި ވޭނުން ފުރިފައިވާ ހިނިތުންވުމަކާއެކުއެވެ.
“އައި ބިލީވްޑް އައި ވޯޒް ޔުއަރ ޗެރެޓީ ކޭސް”
އެ ޖުމުލައާއެކު މުޅި މާހައުލު ހަމަހިމޭންވިއެވެ. އެ ބަސްތަކުން ދެން ތިބި ތިން މީހުންގެ ހިތުގައި ވަކި އެޅުނު ފަދައެވެ. ބުނާނެ އެއްޗެއް ނޭނގިފައި މައިރާ ރޫޔާގެ ކިބައިން ނަޒަރު ވަކިކޮށްލުމަށްފަހު، ފަހަތުގައި ހުރި ޝެހެނާމެންނަށް ގެންދިޔައެވެ. މައިރާގެ ނަޒަރު ހުއްޓުނީ އޭނާއަށް ނޫންކަން އެނގިގެން ރޫޔާ ފަހަތަށް އެނބުރުނެވެ. ހުއްޓުން އަރައިފައި ހުރި ޝެހެނާއާއި ޝަފަޤް ތިބި ގޮތުން، އެ ދެމީހުންނަށް ހުރިހާ ބަހެއް އަޑު އިވުންކަން ރޫޔާއަށް ޔަޤީންވިއެވެ. އޭނާއަށް ދެން އިތުރަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟
ކަރުނައާއެކު ފުންނޭވާއެއް ނަގަމުން ޝެހެނާ ރޫޔާއާ ދިމާލަށް ކުރިއަށް ޖެހުނެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އޭނާ ހުއްޓުނީ އެ ދެމީހުންގެ ދެފައި ޖެހޭ ވަރު ވުމުންނެވެ. ފުސްވެފައިވާ ދެލޮލާއެކު އޭނާ ރޫޔާއަށް ބަލައިލުމަށްފަހު، ދެވަނަ ސިކުންތުގައި އޭނާ އޮޅުލައިގަތުނީ ގައިގައި ހުރި ބާރެއް ލައިގެންނެވެ. ރޫޔާއަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. އެ ބައްދައިލުން ޤަބޫލުކުރަން ނޭނގިފައެވެ.
“ޔޫ އާ ނެވަރ އަ ޗެރެޓީ ކޭސް. ޔޫ އާންޑް ޔުއަރ ޕްލޭސް. އަޑު އިވިއްޖެ؟، ޔޫ އާރ ނޮޓް އަވަރ ޗެރެޓީ ކޭސް. ރޫ އަކީ އަހަރެންގެ ފްރެންޑެއް. އަހަރެންމެންގެ ފްރެންޑެއް!. އެޔެއް ދުވަހަކުވެސް ބަދަލެއް ނުވާނެ. ރޫޔާ ކިތަންމެ ވަރަކަށް އެ ނޫން ގޮތެއް ވިސްނާ ޤަބޫލުކުރިޔަސް، އަހަރެމެން ރޫޔާ މިތުރަކަށް ހެދީ ތީ ރޫޔާ ވީމަ، ކޮންމެހެން ރޫޔާގެ މާޒީއާ މެދު ހަމްދަރުދީ ވެގެންނެއް ނޫން.” ޝެހެނާގެ ބަހާއެކު ރޫޔާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހެގެންދިޔައެވެ. އަރިމަތީ ދޫކޮށްލެވިފައިވާ ދެއަތް ނަގައި، ޝެހެނާގެ އުނަގަނޑުގައި ބައްދައިގަތުމަށްފަހު ކޮނޑުގައި ބޯ އަޅައިލީ އެ ސާދާ ބަސްތަކުން ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
“ތެދެއް.” ރޫޔާމެން ގާތަށް ޖެހިލުމަށްފަހު ޝަފަޤްވެސް ޝެހެނާގެ ބަހާ އެއްބައި ވެލިއެވެ. މަޑުމަޑުން ރޫޔާގެ ބުރަކަށީގައި ފިރުމައިލީ ލޯބިންނެވެ.
“އަހަރެމެންނަކަށް މިހާ ހިސާބަކަށް ނާދެވޭނެ ރޫ އަކާ ނުލާއެއް. ރޫ ކިތަންމެ ވަރަކަށް ކިޔަސް، އަހަރެމެން ތިން މީހުންގެ ތެރޭގައި ރޫ ވަނީ ޖާގަ ހޯދިފައި. ރޫ ނޫން އެހެން މީހަކަށް އެ ޖާގަ ފުރާއެއް ނުލެވޭނެ. ސޯ ސްޓޮޕް ޑައުޓިން ޔޫއަރ ސެލްފް އެންޑް އަސް.” ޝަފަޤްގެ ބަސްތައް ހިވިފައި ރޫޔާ އިތުރަށް ދެރަވިއެވެ.
“އަހަންނަށް މަޢާފުކުރޭ..އެގޮތަށް ވިސްނުނީމަ” ޝެހެނާގެ ކޮނޑުމަތިން ބޯ ހިއްލައިލުމެއްނެތި ރޫޔާ ބުންޏެވެ. އެ އެދުން ދެން ތިބި ދެމީހުންނަށް އަޑު އިވުނެވެ.
ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލުމަށްފަހު ޝަފަޤްވެސް އެދެމީހުންގެ ގައިގައި އޮޅުލައިގަތުނެވެ.
“މަޢާފުކޮށްފިން، އެކަމަކު ދެން ދުވަހަކުވެސް އެހެން ވިސްނައިގެން ނުވާނެ.” އެ ހަތަރު މީހުންނަށް އަޑުއިވޭވަރަށް ޝަފަޤް ބުނުމާއެކު ރޫޔާ ބޯ ޖަހައިލިއެވެ.
“ޕްރޮމިސް؟” މައިރާވެސް އެކަނި ނުވާންވެގެން އެ ތިން މީހުންގާތަށް ޖެހިލައި ބައްދައިގަތުނެވެ.
“ޕްރޮމިސް..”
***
ރޭގަނޑު ކައި ނިމިގެން ފެންޑާއަށް ނުކުންނަން ދާން ދިޔަ ވާފިރު ފެނިފައި ރޫޔާ އަވަސް އަވަހަށް ބަދިގެއިން ނުކުތެވެ. މަޑު މަޑުން ފިޔަވަޅުތައް ނަގަމުން އޭނާ ފެންޑާ ދޮރުމަތީ މަޑުކޮށްލައި، ވާފިރު އިށީނދެއިން ޖޯއްޔަށް ބަލައިލިއެވެ.
“މިތާ އިށީނަސް އޯކޭތަ؟” ކައިރިން މަޑުމައިތިރި އަޑެއް އިވިގެން، ވާފިރު އިސްނަގައި ބަލައިލި ތަނާ، ކޮނޑު ސީދާކޮށް، ހަށިގަނޑު ތެދުކޮށްގެން ހުރި ރޫޔާ ފެނުނެވެ. އަތުގައި ހުރި ފޯއްކޮޅުތައް އަނގަޔަށް އަޅައިލުމަށްފަހު، ކައިރީގައި ހުރި ހުސް ޖޯއްޔަށް އިޝާރަތް ކޮށްލުމާއެކު ރޫޔާ އިށީނެވެ. އެއާއެކު ދެމީހުންގެ ދެމެދުގައި ހަމަހީމެންކަން ވެރިވިއެވެ.
“ކިހިނެއްވީ ދަރިފުޅާ؟” ވާފިރު ހަށިގަނޑު ތެދުކޮށްލުމަށްފަހު އޭނާ ރޫޔާ ގާތު އަހައިލިއެވެ. ރޫޔާ އިން ގޮތުން ވާހަކަ އެއް ދައްކަން އުޅޭކަން ވާފިރަށް އެނގުނެވެ.
“މީ، އެނގޭނު މި ދުވަސްވަރު ވެގެން އުޅޭ ގޮތް..” ރޫޔާ ފެށީ ދުރުންނެވެ. އަތުގެ އިނގިލިތަކާ ކުޅެމުން އޭނާ ވާހަކަ ފެށީވެސް މަޑު އަޑަކުންނެވެ. އެއްޗެކޭ ނުބުނެ ވާފިރު އަޑުއަހަން އިނީ، ރޫޔާއަށް ވާހަކަ ދައްކަން ފުރުސަތު ދީގެންނެވެ.
“ތެދަށް ބުނާނަމަ” ރޫޔާ ފުންނޭވާއެއް ނަގައި ތަރިން ބަބުޅަމުންދާ އުޑަށް ބަލައިލިއެވެ. “މި ވެގެން ދިޔަ ކަންތަކުން އަޅުގަނޑު މާޒީއާ މެދު މާ ބޮޑަށް ވިސްނަން ފެށުނު. ވެގެން ދިޔަ ކަންތައްތަކަކީ އަޅުގަނޑުގެ ސަޒާ ކަމަށް ޤަބޫލުކުރެވުނު. މިހުރިހާ ދުވަހު އުފަލުން މަހުރޫމުކޮށް، އުފަލެއް ލިބޭއިރަށް އެއާމެދު ޝައްކުކޮށްގެން އުޅުނީ އެއީ އަޅުގަނޑަށް ހައްޤު އެއްޗެއްތޯ” ރޫޔާގެ ބަހަށް ވާފިރު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވަން އުޅެނިކޮށް ރޫޔާ އަނެއްކާވެސް ވާހަކަ ފެށިއެވެ.
“އަމިއްލަ ވޭނުގެ ތެރޭގައި އަޅުގަނޑު ހޭދަކުރަމުން ދިޔައިރު، އަޅުގަނޑަށް ނުފެނުނީ، އަޅުގަނޑުގެ ވޭނުން އެހެން މީހުންނަށްވެސް އޭގެ އަސަރު ކުރަމުންދާ ކަން. އެރޭ މަންމައާއި ކުޑަ ބައްޕަ ދެއްކި ވާހަކަ އަހަންނަށް އަޑު އިވުނު.” އެރޭ ދެއްކި ވާހަކަތައް ރަހާއަށް އިވުނު ބައި އުނިކުރުމަށްފަހު ރޫޔާ ކުރިއަށް ގެންދިޔައެވެ.
“އެހިސާބުން ވިސްނުނީ، ކޮންމެ ގޮތަކުންވިޔަސް، މި ވޭނުން އަޅުގަނޑު ސަލާމަތް ވާން ޖެހޭކަން. އަޅުގަނޑު މާޒީން ދޫ ނުކުރާހާ ހިނދަކު އެހެން މީހަކަށް އުފަލެއް ނެތް. އަޅުގަނޑު މަންމައާއި ބައްޕައާ ވާހަކަ ދައްކާނަން. މިކަން ރަނގަޅު ކުރާނަން” ރޫޔާ ވާފިރަށް ބަލަން ހުރެފައި ޖުމުލަ ފުރިހަމަކޮށްލިއެވެ. ރައްދުގައި ވާފިރުގެ އަތުތެރެއަށް ރޫޔާ ގެނައެވެ. އެ ރާޅު ބާނީ އިސްތަށިގަނޑުގައި ފިރުމާލަމުން އުޑަށް ބަލައިލިއެވެ.
“ދަރިފުޅު ބޭނުން ގޮތެއް. ކޮންމެ ކަމެއްގައި ބައްޕަ ހުންނާނަން ދަރިފުޅާ އެކު” ވާފިރުގެ އަޑުން އޭނާއަށް އޮންނަ އިތުބާރު ފާހަގަކުރެވި ރޫޔާއަށް އިހުސާސް ކުރެވުނެވެ. އެހެން ބުނުމުން ރޫޔާ އެ އަތުތެރެއިން ދުރަށް ޖެހިލިއެވެ. ތުންފަތަށް ގޮތެއް ހަދައިލީ ދެން އޮތް ވާހަކަ ބުނާނެ ގޮތަކާމެދު ވިސްނަމުންނެވެ.
“ކުޑަ ބައްޕާ. އަދި އެބައޮތް އެއް ކަމެއް” ރޫޔާ އެހެން ބުނުމާއެކު ވާފިރު ރޫޔާއަށް ބަލައިލީ ކުރިއަށް ދާށޭ ބުނާ ފަދަ ނަޒަރަކުންނެވެ.
“އަޅުގަނޑު ބޭނުން ސްޕެޝަލިސްޓަކަށް ވާން ކިޔަވަން” “އަޅުގަނޑު ބޭނުން ސްޕެޝަލިސްޓަކަށް ވާން ކިޔަވަން” ރޫޔާގެ ބަހާއެކު ވާފިރުގެ ތުންފަތަށް ވެރިވި ހިނިތުންވުން އިތުރަށް ފުންވިއެވެ.
“ބައްޕަ ވަރަށް އުފާވެއްޖެ. ބައްޕަ މިހުރީ ހަމަ ދަރިފުޅުގެ ޚިދުމަތުގައި، އެހެންވީމާ ބައްޕަ އެއްވެސް މައްސަލައެއް ނެތް ދަރިފުޅު ކިޔަވަންދާން. ފައިސާގެ ކަންތައްތަކާމެދު ވިސްނާނެ ކަމެއް ނެތް. ބައްޕަ އެކަމާ ހަވާލު.” ރޫޔާ ވާފިރުގެ ކޮނޑުގައި ބޯ އަޅައިލީ ހިތަށް ލިބުނު ހިތްހަމަޖެހުމުގެ ބޮޑުކަމުންނެވެ.
“ކުރިން ބުނިންތަ ކުޑަ ބައްޕަ ދެކެ ލޯބިވާ ވަރު” ރޫޔާގެ ބަހުން ވާފިރަށް ހެވުނެވެ.
“އަބަދުވެސް. ބައްޕަވެސް ރޫޔާ ދެކެ ލޯބިވޭ. ރަހާވެސް، އަހަންމަދުވެސް. ތީ ހަމަ އަހަރެންގެ ދެލޮލުގެ ކޮއެ”
***
ހަމަހިމޭންވެފައިވާ ގޭތެރެއިން އިވެމުން ދިޔަ ހަމަ އެކަނި އަޑަކީ، ބަދިގެއިން މީހަކު ތަށިތައް ދޮންނަން އުޅޭ އަޑެވެ. މެންދުރު ބްރޭކް ގަޑީގައި، ކާން ބަދިގެއަށް ވަދުނު ރޫޔާއަށް ހަލީމާ ފެނިފައި ނޭވާއެއް ދޫކޮށްލިއެވެ. އަތުގައި އޮތް ދަބަސް ގޮނޑީގައި އެޅުވުމަށްފަހު، އަވަސް ފިޔަވަޅުތައް އަޅައި، މަންމަގެ އުނަގަނޑުގައި އޮޅުލައިގަތުނެވެ. ސިހުނު ނަމަވެސް، ހުނުމުގެ ތެރެއިން ހަލީމާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
“މީ ކޮންކަމެއް؟” ސަމާސާގެ ރާގަކަށް ހަލީމާ އަހައިލިއެވެ.
“ދެން، މަންމަ ގައިގައި ބައްދައިގަންނަ ހިތްވީ” ހަލީމާގެ ކޮނޑުކަށިގަނޑުގައި ބޯ އަޅައިލަމުން ރޫޔާ ޖަވާބު ދިނެވެ. ދެލޯ މަރައިލުމަށްފަހު ފުންނޭވާއެއް ނަގައިލީ މަންމަ ކައިރީ ދެން ބުނަން އުޅޭ ވާހަކައަށް ތައްޔާރުވަމުންނެވެ.
މަންމާ. އޯކޭތަ މާދަން ބައްޕާއެކު ބޮއްކުރާ ދުއްވަން ދާން؟ މަންމަވެސް އަޅުގަނޑުމެންނާ އެއްކޮށް ދާ ގޮތަށް؟” ރޫޔާ އޭނާގެ މަންމައާ ވަކިނުވެ ހުރެ އަހާލި ސުވާލުން ހަލީމާ ނޭވާއެއް ދޫކޮށްލިއެވެ. އަތުގައި އޮތް ތަށި ސިންކުތެރެއަށްލައި އަތުގައި ހުރި ފޮނުތައް ދޮވެލުމަށްފަހު ރޫޔާއަށް އެނބުރުނެވެ.
“ކަމެއްވީތަ ރޫޔާ؟” ރޫޔާ އެދުނީ އޭނާ އުންމީދު ކޮށްގެން ހުރި ކަމަށެއް ނޫނެވެ. މާޒީގައި އެ އާއިލާ ވަކިވުމުގެ ކުރިން، އުފަލުގައި ވަގުތު ހޭދަކުރި އެއްގޮތަކީ، އާއިލާ އެއްކޮށް ބޮއްކުރާ ދުއްވަން ދިޔުމެވެ. ފަނަރަ އަހަރު ފަހުން، އެ ދަރިފުޅު އެ ހަނދާން އާ ކުރަން އެދުމުން ހަލީމާއަކަށް ނޫނެކޭ ބުނާކަށް ނުކުރެވުނެވެ. އެނގެން ބޭނުންވީ ކުއްލިއަކަށް އެހެން އެދުނީ ކީއްވެގެން ކަމެވެ..
ހަލީމާގެ ސުވާލުގެ އިޖާބައަކަށް ރޫޔާ މަންމަގެ އުނަގަނޑުގައި އިތުރަށް ބައްދައިގަތުނެވެ. މަންމަގެ ކޮނޑުގައި ބޯ އަޅައިލުމަށްފަހު ދެލޯ މަރައިލިއެވެ. އޭނާ ހިތުގައިވާ އެއްޗެހި އެވަގުތުކޮޅުގައި ހާމަކުރަން ކިތައްމެ ވަރަކަށް ބޭނުންވިޔަސް، ރަނގަޅު ގޮތަކީ، އޭނާގެ ވޭނާއި ޚިޔާލުތައް މަންމައާއި ބައްޕައަށް އެކީ އެއްކޮށް އަޑުއިވުން ކަން އޭނާއަށް އެނގެއެވެ.
“ދެން..ވާހަކައެއް ދައްކަންށާ އެއްކޮށް” ރޫޔާ ދުރަށްޖެހިލަމުން ހަލީމާއަށް ބަލައިލިއެވެ.
***
ރޫޔާގެ އެދުމާއެކު، އިސްމާޢިލް އަޞްރު ނަމާދުކޮށްގެން އަވަހަށް ދިޔައީ އަތިރިއަށެވެ. ފާލަން ކައިރީ އަށް ގާތްކޮށްފައި އޮތް ކުޑަ ދޯނި ތައްޔާރުކުރަން އުޅުނީ ރޫޔާމެން އަންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.
ފާލަން މައްޗަށް މީހަކު އެރި އަޑު އިވިފައި، އިސްމާޢިލް އިސް އުފުލައި އެދިމާލަށް ބަލައިލިއެވެ. ތަނބިކަށްޓާ ހަމައަށް އަންނަ ދޫ، އަތް ދިގު ހުދު ހެދުމެއް ލައިގެން، ހުދު ބްލޮކް ހީލަކަށް އަރައިގެން ހިނގަމުން އަންނަ ރޫޔާ ފެނިފައި ހުއްޓުން އެރިއެވެ. އެ ދިގު އިސްތަށިގަނޑުވަނީ ވަޔަށް ދޫކޮށްލެވިފައެވެ. ޖެހޭ ހަވީރުގެ ފިނި ވައިރޯޅިއާއެކު ރޫޔާގެ މޫނު މައްޗަށް އިސްތަށިކޮޅުތައް ވިހެރެމުންދާ މަންޒަރު ވެގެން ދިޔައީ އެ ބައްޕަގެ ހިތަށް ފުން އަސަރުތަކެއް ކުރުވި މަންޒަރެކެވެ.
އެސްފިޔަ ޖަހައިލަން ނޭނގިފައި އިސްމާއިލަށް ހުރެވުނީ ހިތަށް ކުރި އަސަރުތަކެއްގެ ބޮޑުކަމުންނެވެ. އިހަކަށް ދުވަހު، އޭނާގެ އަތުތެރޭ ކުކުރަން އޮތް ދަރިފުޅު އެހާ އަވަހަށް ބޮޑުވެ ފުރާފުރިހަމަ ޒުވާނަކަށް ވެގެން ދަނީއެވެ. ރަނގަޅު ތަރުބިއްޔަތެއް ލިބި، އެ ބައްޕަ ފަޚުރުވެރިވާނެ ފަދަ ކުއްޖަކަށް ވެގެން އައީ ހާދަ އަވަހަކެށެވެ. އެ ޝުޢޫރުތަކާއެކު އިސްމާޢިލްގެ ހިތް ދެރަވިއެވެ. އޭނާގެ ގޯސްކަމުން، އެ ދަރިފުޅުގެ އެތައް ކާމިޔާބީތަކެއް ނުފެނި ދިޔައީއެވެ. އެކުގައި ހޭދަކުރެވޭނެ ވަގުތުތައް ގެއްލިގެން ދިޔައީއެވެ.
“ބައްޕާ، ކޮން ޚިޔާލެއްގައި؟” ރޫޔާގެ އަޑާއެކު އިސްމާޢިލް އެ ވިސްނުންތަކުން ބޭރުވިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ގެންނަމުން ރޫޔާއަށް ރަނގަޅަށް ބަލައިލިއެވެ.
“ބައްޕަގެ ކަނބުލޮ ހާދަ އަވަހަކަށޭ ބޮޑުވި.” އިސްމާޢިލް ޖަވާބު އިވިފައި ރޫޔާގެ ހިނިތުންވުން ފުންވިއެވެ. އެ ބައްޕަގެ ބަހާއެކު، އެދެލޮލަށް އައި ވިދުން ފެނި އިސްމާޢިލް ރޫޔާއާ ގާތް ވެލިއެވެ.
“އެހުރި އަންނަނީ މަންމަ” ފާލަން މައްޗަށް އެރި ހަލީމާ ފެނި ރޫޔާ އެދިމާލަށް އިޝާރަތް ކުރިއެވެ.
މާގިނަ ވާހަކަތައް ނުދައްކާ، އެ ދެމެއިން އެ ކުޑަ ދޯންޏަށް އެރިއެވެ. އިސްމާޢިލްގެ އެހީއާއެކު އެވެ. ދެ މައިން ހަމަޖެހިލުމާއެކު، އިސްމާޢިލް ފަޅާ ދިމާލަށް އެ ދޯނި ދުއްވައިލިއެވެ.
ދޯނި ފަޅަށް ނުކުމެވުމާއެކު އިސްމާޢިލް އިންޖީނު ނިއްވައިލައި، ރޫޔާމެން ގާތު އިށީނެވެ. ހަލީމާ ގެނައި ހެދިކާ ކޮތަޅުން ހެދިކާ ކާން އެ ތިން މީހުން އުޅުނީ ދިރިއުޅުމުގެ އެކިއެކި ވާހަކަ ދައްކަމުންނެވެ.
މަންމައާއި ބައްޕަގެ ވާހަކަ އަޑުއަހަން ހުރި ރޫޔާ ފުންނޭވާއެއް ނަގައިލިއެވެ. ހަމަޖެހިފައި އޭނާގެ މައިންބަފައިންނަށް ގޮވައިލީ އެ ދެމީހުންގެ ސަމާލުކަން ހޯދަންވެގެންނެވެ.
“މަންމާ، ބައްޕާ. އަޅުގަނޑު މިއުޅެނީ ބޮޑު ވާހަކައެއް ދައްކަންވެގެން. އެކަމަކު ފުރަތަމަ އަޅުގަނޑުގެ ވާހަކަ އަޑުއަހަން ހުރެވޭނެތަ؟” ރޫޔާގެ އަޑުގައިވާ ސީރިއަސްކަން އިހުސާސްކުރެވިގެން، ހަލީމާއާއި އިސްމާޢިލް އެކަކު އަނެކަކަށް ބަލައިލިއެވެ.
“ބުނެބަލަ،”
“ތެދެއް ކަނބުލޮ، ކިހިނެއްވީ؟”
މަންމައާއި ބައްޕަގެ ސަމާލުކަން ހުރީ އޭނާއަށްކަން އެނގުމާއެކު ރޫޔާ އަނގަ ހުޅުވައިލީ، ފާއިތުވި ފަނަރަ އަހަރު އޭނާގެ ހިތް ހޭދަކުރި ގޮތް ހާމަކުރަންވެގެންނެވެ.
“އަޅުގަނޑަކަށް ނޭނގޭ ކިހިނަކުން ކަމެއް މިވާހަކަތައް ކިޔައިދޭނީ، އެކަމަކު، މަންމައާއި ބައްޕައަށް މިކަން ކޮންމެހެންވެސް އެނގެން ޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.”
އެ ހިތުގައިވާ ބަސްތައް ބޭރުކުރުންވީ ރޫޔާ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ. ދެލޯ ފެންކަޅިވވެ ހުރެ ރޫޔާ އަނެއްކާވެސް ނޭވާއެއް ނަގައިލީ ނުރޯންވެގެންނެވެ.
“ތެދަށް ބުނާނަމަ، މިހުރިހާ ދުވަހު، އަޅުގަނޑު ވިސްނަމުން ދިޔައީ، ރާނިޔާގެ މަރަކީ އަޅުގަނޑުގެ ކުށްކަމަށް” އެ ޖުމުލަ ވެގެން ދިޔައީ ހަލީމާއާއި އިސްމާޢިލްގެ ކަންފަތަށް އިވުނު ހޮނު ގުގުރިއަކަށެވެ. ހަލީމާ ޤަބޫލުކުރަން ދަތިވެފައި ރޫޔާއަށް ބަލަން އިދެވުނު އިރު، އިސްމާޢިލް ދެލޯ މަރައިލީ އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުއެވެ. އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނީ، ރޫޔާއަށް ވާހަކަ ދައްކަން ފުރުސަތު ދޭންވެގެންނެވެ.
“ކޮންމެވެސް ގޮތަކުން އަޅުގަނޑު އެކަން ހުއްޓެވުނުނަމަ، ކޮންމެވެސް ގޮތަކުން ބޮޑު މީހެއްގާތު ބުނެވުނު ނަމަ، އަބަދުވެސް ވިސްނަމުންދިޔައީ ނަމަނަމަ މަތިން. އަމިއްލަ ނަފްސު ކުށްވެރިކޮށް، އުފަލުން އަމިއްލަ ނަފްސު މަހުރޫމް ކޮށް، އުފަލެއް ލިބޭއިރަށް އެ ހައްގުތޯ ޝައްކު ކޮށް.” ރޫޔާ އިސްދަށަށް ޖަހައިލީ ދެލޮލުން ފައިބަން އުޅުނު ކަރުނަތައް ފޮރުވަންވެގެންނެވެ.
“މަންމައަށް އެނގޭ އަޅުގަނޑު ބައްޕަ ދެކެ އެހާ ލޯބިވާނެކަން. އެހާ ލޯބިވާ މީހަކު ދެކެ ނަފްރަތު ކުރަން ވެގެން ދިޔައީ އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެއް. އެ ދުވަހު” ރޫޔާއަށް ނޭވާއެއް ނަގަން އަމިއްލަ ނަފްސު މަޖުބޫރުކުރިއެވެ. ލޯ ކުރި މަތީ ސިފަވެގެން ދިޔައީ މަންމަގެ ލެއިން ތަތްތެޅިފައިވާ މުށިގަނޑާއި ބައްޕަގެ އަނިޔާވެރި އަމަލުތަކެވެ.
“އެ ދުވަހު އަޅުގަނޑަށް ފެނުނު އެ ކޮޓަރީގައި ވެގެން ދިޔަ ގޮތް. ހިތަށް އެރީ، އަޅުގަނޑު ދެކެ އެހާ ލޯބިވާ މީހަކު އެހެން އަނިޔާކުރެވޭނީ ކިހިނަކުން ހެއްޔޭ؟ ކިތަންމެ ވަރަކަށް ވިސްނަން އުޅުނަސް، ނުވިސްނުނު ކީއްވެގެން ކަމެއް. އެ ރޭ، މަންމަ ސެންޓަރަށް ގެން ގޮސްގެން އުޅެނިކޮށް، ޒުލޭޚާއްތަ ބުނީ ކޮއްކޮ މަރުވެއްޖޭ. އެ ދުވަހުން ފެށިގެން ބައްޕަ ދެކެ ނަފްރަތު ކުރެވޭތޯ ވަރަށް ބެލިން. މަންމައަށް ވިސްނުނު އަޅުގަނޑު އެކަން ކުރަން އުޅުނު ހާލު. ދެން އިވުނީ ބައްޕަ ތައުބާވި ވާހަކަ. ބައްޕަ މަޢާފަށް އެދުނު ވާހަކަ. މަންމަ މަޢާފުކުރި ވާހަކަ. މަންމައަށް ވިސްނުނު، މަންމަ އަޅުގަނޑަށް ވިސްނައިދޭންވެސް އުޅުނު މަޢާފުކުރުމުގެ މުހިންމުކަން، މާޒީ އެކީ ދޫކޮށްލަން. މަންމައަށް އެހާ ވިސްނުނު އިރު، އަޅުގަނޑަކަށް ނުހުރެވުނު ބައްޕަ ދެކެ ރުޅިއައިސް. ހިތާ ހިތުން މަޢާފުކުރީ. ވީ ހުރިހާ ކަންތައްތަކަކީ އަމިއްލަ މީހާގެ ސަބަބުން ވީ ކަމެއްކަން ޤަބޫލު ކުރަމުން،” ރޫޔާ އިސްނަގައި އެނާގެ މައިންބަފައިންނަށް ބަލައިލީ ކޯތާފަތް މަތިން ކަރުނަ ދަތުރު ކުރަމުންދާ ހާލުއެވެ.
“އަމިއްލަ ނަފްސު ދެކެ ނަފްރަތު ކުރަމުން” އެ ބަހާއެކު ހަލީމާއަށް ރޮއެގަނެވުނެވެ. ރޫޔާގެ ބަސްތައް އިވިފައި އިސްމާޢިލް ދެތުންފަތް ފިއްތައިލީ، އެ ބަސްތަކާމެދު ވިސްނަމުންނެވެ. އޭނާގެ އަނިޔާވެރިކަމުން އެންމެ ބޮޑަށް އަސަރުކުރީ، އެ އަނިޔާ ލިބުނު ހަލީމާއެއް ނޫނެވެ. ދެލޮލުގެ ކޮއެ ފަދަ ދަރިފުޅެވެ. އެކަން ވިސްނުމާއެކު އިސްމާޢިލް އިންތިހާއަށް ލަދުގަތުނެވެ. އޭނާ ކަހަލަ މީހަކު ރޫޔާގެ ބައްޕައަކަށް ވީތީ ހިތާ ހިތުން އަމިއްލަ ނަފްސުދެކެ ނަފްރަތު ކުރެވުނެވެ.
ފުންނޭވާއެއް ނެގުމަށްފަހު އިސްމާޢިލް ދެއަތް އުފުލައިލާ، ރޫޔާގެ މޫނު އޭނާގެ ދެއަތުގެ ތެރެއަށްގެނައެވެ. އެ އަތަކީ އެއް އިރެއްގައި އަނިޔާ ދޭންވެގެން އިސްކުރި އަތެވެ. އެހެނަސް މިއަދު އެ އަތުގެ އިނގިލިތައް އުޅުނީ، އެނާގެ ދަރިފުޅުގެ ލޮލުން އޮހެމުންދާ ކަރުނަތައް ފޮހެންވެގެންނެވެ. އޭނާގެ ކުށުގެ ސަބަބުން، ވޭން ތަހައްމަލު ކުރި ދަރިފުޅުގެ ކޯތާފަތްމަތީގައި ހުރި ތެތްކަން ސާފުކުރަންވެގެންނެވެ.
“ބައްޕަގެ ދޮންކަނބޮލޯ. ބުނަން، އެއީ ދަރިފުޅުގެ ކުށެއް ނޫން. މަންމަގެ ކުށެއްވެސް ނޫން. މިތަނުގައި ކުށްވެރިއަކީ ބައްޕަ. އެހެންވީމާ ދަރިފުޅު ތިހެން ނުވިސްނާ، ބައްޕަ އާދޭސްކޮށްފައި މިބުނަނީ” އެ ދަރިފުޅު، އެ ދެއަތުގެ ހިމާޔަތަށް ގެނެސް މެޔާލާ ބޮޑިކޮށްލެވުނީ ހަށިގަނޑުގައި ހުރި ބާރެއް ލައިފައެވެ. ބޯ ހިއްލައިލުމަށްފަހު، އެ ދަރިފުޅުގެ ބޮލުގައި ބޮސް ދެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ.
“ދަރިފުޅާ ބުނަން، ދަރިފުޅަށް އުފާ ލިބެން ހައްޤު. އެކަމާމެދު ޝައްކު ކޮށްގެންވެސް ނުވާނެ.” ރޫޔާއާ ދުރު ވެލަމުން އިސްމާޢިލް ބުންޏެވެ.
“ތެދެއް ދަރިފުޅާ. ދެން އެހެން ނުވިސްނާ. ބައްޕަ އެބުނީ ތެދެއް. އެހެންވީމާ، އެ ވިސްނުން ދޫކޮށްލައި، މާޒީ މަތިން ވިސްނަން ނޫޅޭ. މާޒީ ހިފައިގެން ކުރިއަކަށް ނުދެވޭނެ.” ރޫޔާ ގާތްކޮށްލަމުން ހަލީމާ އިސްމާޢިލާ އެއްބަސްވިއެވެ.
ކަރުނަތަކާއެކު ރޫޔާ އެ މަންމައާ ދިމާލަށް ބަލައިލީ ލުއި ހިނިތުންވުމަކާއެކުއެވެ. މަންމަ ކޮނޑުގައި ބޯ އަޅައިލައި، އުދަރެހާ ގާތް ކުރަމުން އަންނަ އިރަށް ބަލައިލިއެވެ.
“ދެން ނުވިސްނާނަން އެހެންނެއް.” ރޫޔާގެ ބަހަށް ހަލީމާ ނޭވާއެއް ދޫކޮށްލިއެވެ. ދަރިފުޅުގެ ކޮނޑުގައި ފިރުމަމުން އޭނާ ވިސްނައިލިއެވެ.
“އަދި އެބަ އޮތް އެހެން ވާހަކައެއް.” ހަށިގަނޑު ތެދުކޮށްލަމުން ރޫޔާ އެ ދެމީހުންނަށް ބަލައިލިއެވެ. މި ފަހަރު، އެ ބެލުމުގައި އެއްވެސް ހިތާމައެއް، ނޫނީ ވޭނެއް ނެތެވެ. އޭގެ ބަދަލުގައި، އޭނާގެ ހިތަށް ލިބިފައިވާ ހަމަޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.
“ބުނެބަލަ” އިސްމާޢިލްވެސް ހިނިތުންވެލިއެވެ.
“އަޅުގަނޑު ބޭނުން ސްޕެޝަލިސްޓަކަށްވާން ކިޔަވަންދާން. ނޭޕާލަށް ދާން ކަމަށް މި ވިސްނަނީ.” ރޫޔާ އެހެން ބުނުމާއެކު އިސްމާޢިލާއި ހަލީމާ އެކަކު އަނެކަކަށް ބަލައިލިއެވެ.
“ދަރިފުޅު ބޭނުން ގޮތެއް. މިފަހަރު ބައްޕަވެސް ހުންނާނަން ދަރިފުޅުގެ ހުރިހާ ކަމެއްގައި.” އިސްމާޢިލް އެހެން ބުނުމާއެކު ރޫޔާ ހަލީމާއަށް ބަލައިލިއެވެ.
***
ސާޖިދުގެ ވަލީމާ ހަފްލާއޮތް މާލަމަށް ރޫޔާ ވަދެވުނީ މީހުން މަދު ގަޑިއެއްގައެވެ. ހީވާގޮތުން، ހަފްލާ ފެށުނީ ދެންމެ ހެންނެވެ. ލައިގެން ހުރި ފިޔާތޮށީގެ އަތް ދިގު ގަމީހަކާއި، ހުދު ސްކާޓެވެ. އަރައިގެން ހުރީ ހުދު އުސް ބޫޓަކަށެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ގަތާލެވިފައެވެ.
ސާޖިދާއި ލިނާ ހުއްޓިހުރި ޕްލެޓްފޯމަށް އަރައި، ރޫޔާ އަތުގައި އޮތް ހަދިޔާ ދިއްކޮށްލީ ލީނާއަށެވެ. ރޫޔާ ފެނުމުން ލީނާގެ މޫޑު ސަކަރާތްވި ނަމަވެސް، ހަފްލާއަށްޓަކައި އޭނާ ހިނިތުންވެލިއެވެ.
“ރޫ، ތެންކްސް.” ސާޖިދު ރޫޔާއަށް ހިނިތުންވުން ހަދިޔާކޮށްލިއެވެ. އޭނާ ރޫޔާގެ ފަހަތާއި ދެކޮޅު ބަލައިލީ މީހަކު ފެނޭތޯއެވެ.
“ކާކު ތި ހޯދަނީ؟” ރޫޔާ ފަހަތަށް ބަލައިލުމަށްފަހު ސާޖިދަށް ބަލައިލިއެވެ.
“ކޮބާ ރަހާ؟” ސާޖިދުގެ ސުވާލަށް ރޫޔާ ބޯ ހޫރައިލިއެވެ. އޭނާގެ ފަހަތަކު ރަހާއެއް ނެތެވެ. އެހެނަސް އެނާއާއެކު ގެއިން ނުކުތިކަން ރޫޔާ ހަނދާން ހުރިއެވެ.
“ވެދާނެ މަންމައާއެކު އަންނަން ހުރީ ކަމަށް” ރޫޔާ އެހެން ބުނެލީ ދެބުމަ ގޮށް ޖަހައިލައިގެންނެވެ.
___
“ރޫ ކަމަނާ، ކިތަންމެ ވަރަކަށް ދިގުވާން އުޅުނަސް، ދެން ދިގެއް ނުވާނެ” މީހުންތަކު ތެރެއިން ނުކުމެގެން އައި ރޫޔާ ފެނިފައި ވަސީމް ބުންޏެވެ. ވަސީމްގެ ބަހަށް ޒަޔާނާއި ޝެހެނާއާއި ޝަފަޤް، ރޫޔާ އަރައިގެން ހުރި ބޫޓަށް ބަލައިލިއެވެ.
“ކާކުތަ ބުނީ އަހަރެން ދިގު ވާން ވެގެންނޭ ކަށި ބޫޓަށް އަރަނީ؟” މޭ މަތީ ދެއަތް އުރައިލަމުން ރޫޔާ ވަސީމަށް ދެލޯ އަޅައިލިއެވެ.
“ތެދެއް. އަހަރެމެންވެސް ޝަކުވާއެއް ނުކުރަމެއްނު ވަސީމް ގޮޅި ޖެހި ގަމީސް ލީ އިރު” ރޫޔާގެ ފަހަތުގައި މައިރާ މަޑުކޮށްލަމުން ރޫޔާއާ އެއްބައިވެލިއެވެ.
“މައިރާ ދޫންޏާ، އެވެސް ފެޝަނޭ.”
“މިވެސް ފެޝަނޭ”
“މަށަކަށް މައިރާއަކާ ބަހުސްއެއް ނުކުރެވޭނެ. ރޫ، އަޑުއެހިން އަނެއްކާވެސް ކިޔަވަން ދާން އުޅޭ ވާހަކަ.” ވަސީމް މަޢުޝޫ ބަދަލުކޮށްލިއެވެ.
“ހޫމް. މި މަހު ފަހު ކޮޅު ފުރާ ގޮތަށް. ރެޒިޑެންސީ މެޗްވެއްޖެ. ނަސީބު ރަނގަޅުކަމުން”
“ސީރިއަސްކޮށްތަ؟”
“އަލްޙަމްދު ލިއްﷲ”
“ރޫ ދިޔުމުގެ ކުރިން ކޮންމެވެސް ކަމެއް ކުރަން އުޅެމާ”
ރޫޔާއަށް ހުރެވުނީ އޭނާގެ އެކުވެރިން އުޅޭ ގޮތް ބަލަންށެވެ. އެ އެކުވެރިން މެދުގައި ބަދަލުކުރެވޭ މަޝްވަރާތައް އަޑު އިވިފައި އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެން ފެށިއެވެ.
***
އަނދިރިކޮށް ކޮޓަރިއަށް ރޫޔާއަށް ވަދެވުމާއެކު ހުއްޓުން އެރީ، މީހަކު ރޯ އަޑު އިވިފައެވެ. ރަހާގެ ގިސްލުމުގެ އަޑު އިވިފައި ރޫޔާ ހިތް ނުތަނަވަސް ވިއެވެ. ކޮޓަރީގެ ނިދާ ފަނޑު ބޮކި ދިއްލުމަށްފަހު އޭނާ ހިނގައިގަތުނީ ރަހާ އޮތް އެނދާ ދިމާލަށެވެ.
“ރަހާ، ކިހިނެއްވީ؟ ދޮންތަ ކައިރީ ބުނެބަލަ” ރޫޔާގެ އަޑު އިވުމާއެކު ރަހާގެ އަޑު ހުއްޓުނެވެ. ބާލީސް މަތިން ބޯ ހިއްލައިލުމަށްފަހު އޭނާ އެނދުގައި އިށީނީ ދެލޮލުން ކަރުނަ ފޮހެމުންނެވެ.
“ރަހާ، ކަމެއްވީތަ؟ ތަނަކަށް ތަދުވަނީތަ؟ އަނެއްކާ ޕީރިއަޑް ވީތަ؟” ރޫޔާގެ ކޮންމެ ސުވާލަކަށް ރަހާ ބޯ ހޫރައިލިއެވެ. ކުޑަ އިރުކޮޅަކަށް ވިސްނަން އިނދެފައި އަނެއްކާވެސް ރޯން ފެށިއެވެ.
“ރަހާ، ޕްލީޒް، ބުނެބަލަ.”
ރަހާ ފުންނޭވާއެއް ނަގައިލިއެވެ. “ދޮންތަ އެއްވެސް މީހެއް ކައިރީ ނުބުނާތި، ޕްލީޒް”
“ޕްރޮމިސް”
“ހާއްސަކޮށް ސާޖިދު ކައިރީ” ރަހާގެ ޖުމުލަ ތެރެއަށް ސާޖިދުގެ ނަން އައުމުން ރޫޔާ ހައިރާންވިއެވެ. އަނެއްކާ ސާޖިދު އޭނާގެ ކޮއްކޮއަށް ކަމެއް ކުރީ ހެއްޔެވެ؟
“ސާޖް ކައިރީ ނުކިޔާނަން، ދެން ބުނެބަލަ”
“މަލާމަތްވެސް ނުކުރާތި” ރަހާ އެހެން ބުނުމުން ރޫޔާ އަށް ވެގެން އުޅޭ މަޑުމަޑުން ނަގައިގަނެވުނެވެ. ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލުކުރަން ދަތިވެފައެވެ.
“ރަހާ، ޔޫ ހޭވް އަ ކްރަޝް އޮން ސާޖް؟” ޖަވާބަކަށް ރަހާ ބޯ ހޫރައިލިއެވެ.
“އައި ލަވް ހިމް”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

