Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ލޯތްބާއި ތި ވަޢުދު (14)

Thea reminisces
Thea reminisces Level 110 Stories
June 20, 2026 12 Mins Read
0 Comments

“އެއީ އަހަރެން އަމިއްލަ ނަފްސު ދެކެ ނަފްރަތު ކުރާތީ” ރޫޔާގެ ކުރެހިފައިވާ އަޑުގައި ހުރި ނަފްރަތު ފާހަގަވެގެން ރަހާ މަޑު ޖެހުނެވެ. އެއްޗެކޭ ބުނަން އުޅުފައި ހުއްޓުނީ ރޫޔާ ކުރިއަށް ގެންދަން ފެށުމުންނެވެ.

“އެކަކަށްވެސް ނޭނގޭނެ އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅި އަންނަ ވަރެއް”

“މަންމައެއް ނޫން މިތަނުން ގޯސް މީހަކީ.. އަހަރެން.. އަހަރެންހާ ގޮތް ކުޑަ، އަހަރެންހާ ހިތް ހަރު މީހަކަށް ކިހިނެއް މާޢާފު ކުރަންވީ؟ ރަޒާނަށްވެސް އަހަރެންގެ ހަޤީގަތް ނޭނގި، އޭނާގެ ހަޔާތުން އަހަރެން ބޭރުކުރުމަކީ އޭނާ ލެއްވި ނަޞީބެއް.. އަހަރެންހާ ގޯސް މީހެއްގެ ފަރާތުން އޭނާގެ ހަޔާތަށް ލައްގަނޑެއް ޖެހުން ހައްޤެއް ނޫން” އަމިއްލަ މީހާއަށް އަތުން އިޝާރަތް ކުރަމުން ރޫޔާ ހަޅޭއްލަވައިގަތުނެވެ

“ދޮންތައަށް ތި ކިޔޭ އެއްޗެއް އިނގޭތަ؟ އަމިއްލަ މީހާ ދައްކާ ވާހަކަ އަޑު އިވޭތަ؟” ރަހާއަށް ވާނުވާ ނޭނގި އަހާލެވުނެވެ.
“އާން…އެހެންވެގެންނު މިބުނީ އަހަރެންނޭ މިތަނުގައި ގޯސް މީހަކީ.. މި ތަނުގައި އަނިޔާވެރިއެއް ދެކެ ލޯބިވީ އަހަރެން.. އަހަންނަށްޓަކައި އެ މަންމަ ބައްޕައަށް މަޢާފުވެސް ކުރީ.. އަހަންނަށްޓަކައި. ހުރިހާ އެންމެން އެމީހުންގެ ހިތާމައަކަށް ނުބަލާ ކަންކަން ރަނގަޅުކުރަން އުޅުނި.. އެކަމަކު، އެ ހުރިހާ ކަމެއް އަހަރެންގެ ލޯ ކުރިމަތިން ވެގެން ދިޔައިރުވެސް އަހަންނަކަށް ހުއްޓުވަން ނޭނގުނު.. އަހަރެން މީ ކިހާ ގޯސް ދަރިއެއް. ރަޒާންގެ ވަކިވުމަކީ އަހަރެންގެ ސަޒާ.. އަހަރެންނަށް އުފާ ލިބެން ހައްޤެއް ނޫން”
ރޫޔާގެ ފަރާތުން އިވެމުން ދިޔަ ބަސްތަކުން ރަހާ ނަގައިގަންނަންވީ ކޮން މާނައެއް ކަމެއް ނޭގުނެވެ. އެހެނަސް ކުރިމަތީގައި އޮތީ، އޭނާއަށް މާޒީގައި ވެގެން ދިޔަ ގޮތް އެނގެން އޮތް ފުރުސަތުކަން އެނގުމާއެކު އޭނާއަކަށް މަޑަކުން ނުހުރެވުނެވެ.

މަޑު ފިޔަވަޅުތަކެއް އަޅަމުން ރަހާ ރޫޔާގެ ކުރިމަތީ މަޑުކޮށްލިއެވެ. ރޫޔާގެ ދެއަތުގައި ހިފައިލުމަށްފަހު އޭނާ ރޫޔާ އަތުލަފިކޮށްގެން އެނދުމަތީގައި ބޭންދިއެވެ. ޑްރެސިން ޓޭބަލް ކައިރީ ހުރި ގޮނޑި ހިފައިގެން އައިސް އޭނާ ރޫޔާ ކުރިމަތީގައި އެގޮނޑީގައި އިށީނެވެ.
“ތިބުނީ ދޮންތަގެ ބައްޕަގެ ވާހަކަތަ؟” މަޑުމޮޅިއަޑަކުން ރަހާ އަހައިލިއެވެ.

ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. މަޑު މަޑުން ބޯ ޖަހައިލުމަށްފަހު އޭނާ މާޒީގެ، ހިރަފޫސް އަރައިފައިވާ ސޮފުހާތައް ހުޅުވައިލިއެވެ.

“އަހަންނަކަށް ނޭނގުނު ފުރަތަމަ އެހެން ވީ ކިހިނެކަކުން ކަމެއް. އޭރު ދޮންތައަށް ފެންނަ މަންޒަރެއް އެއީ، މީހުން ޒުވާބު ކުރާތަން. އެހެންވެ، މަންމައާއި ބައްޕަ ފުރަތަމަ ޒުވާބު ކުރަން ފެށުމުން ދޮންތަ މާކަށް ބޮޑަކަށް އަޅައެއް ނުލަން. އެކަމަކު، އެކަން ފަހުން ފިޒިކަލް ވާން ފެށީ. އޭރު ދޮންތައަކަށް ނޭނގޭ، ކިހާ ގޯސް ކަމެއްކަން ވެގެން މިދަނީ. އޭރު މީހުން ދޮންތަ ކައިރީ އެހި މަންމައަށް ބައްޕަ އަނިޔާކުރޭތޯ، އަހަރެން ބުނިން ނޫނެކޭ، ބައްޕަ ނުކުރާނޭ އެކަހަލަ ކަމެއް. ދޮންތަ.. ދޮންތަ ދެކެ ނުލާހިކު ލޯބިން ބައްޕަ އުޅުނީ، އެހާ ލޯބިކޮށް އުޅޭ މީހެއް ކިހިނެއް އެހެން މީހަކަށް އަނިޔާ ކުރާނީ؟” ރޫޔާއަށް ގިސްލެވެން ފެށުނެވެ. އަނގަމަތީ އަތް އެޅުމަށްފަހު އޭނާ މޭ މަތީ ފިރުމައިލީ އެ ހިތި ހަނދާންތައް އާ ކުރަމުންނެވެ.
“ބައްޕަ ދެކެ ނުލާހިކު ލޯބިވިން. އެ ބައްޕަ މަންމައަށް ކިތަންމެ އަނިޔާކުރިޔަސް ދޮންތައާ ދިމާލަށް ދުވަހަކުވެސް ޗުޕްއޭވެސް ނުބުނޭ. ކޮންމެ ދުވަހަކު ކޮންމެވެސް ކަމެއް ކުރާނެ، ބޮއްކުރާ ދުއްވަން، ބައިސްކަލު ދުއްވަން، ޖޫސް ޕެޓީ ބޯން. ބައްޕަ އެހާ ލޯބިވޭ ދޮންތަ ދެކެ، ދޮންތަވެސް ބައްޕަ ދެކެ ލޯބިވޭ ނުލާހިކު.. އެ ލޯބީގައި.. ދޮންތައަކަށް ނުވިސްނުނު މަންމަގެ ވޭނެއް” ރޫޔާ ހިންދިރުވައިލިއެވެ. މާޒީގައި ދެން އޮތް ބައި ހުޅުވާލެވެނީ ކިހިނަކުން ހެއްޔެވެ؟ އެ ވޭނީ ސޮފްހާގެ ގަނޑުތައް ރަހާއަށް ދައްކާނީ ކިހިނަކުން ހެއްޔެވެ؟
“އެއް ދުވަހަކު، ނޭނގޭ ކިހިނަކުން ވީ ކަމެއް ހެން، ބޭރުގައި ކުޅެން ހުރެފައި މަންމައާއި ބައްޕަ ގޭތެރެއިން ނުފެނިގެން އެ ކޮޓަރިއަށް ދިޔައީ”
ރޫޔާއަށް ނޭވާތަކެއް ނަގަން ފެށުނެވެ. ރަހާގެ އަތަށް ބާރުކޮށްލީ ލޭއިން ފޯދިފައިވާ ތަޅުގަނޑު ސިފަވެގެންނެވެ. މަންމަގެ ވޭނީ ރުޔުމުގެ އަޑާއި ބައްޕަގެ އަނިޔާވެރި ޢަމަލުތައް ލޯ ކުރިމަތިން ފެނިގެން ދިޔަހެން ހީވިއެވެ.

” އެ ވަގުތު އެ ކޮޓަރި ތަޅުގަނޑު މަތިން ލޭ ފެނުނު”

“މަންމަ އެދުވަސްކޮޅު ބަނޑު ބޮޑު، ހަތް މަސް ކަންނޭނގެ، .ބައްޕަ ހުރީ މަންމަ ކައިރީ، ކޮޅު ފައިން…..” ރޫޔާއަށް އެ ބަސްތައް ފުރިހަމަ ކުރަން އުނދަގޫވިއެވެ. ގިސްލަމުން އިސްދަށަށް ޖަހައިލީ އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުއެވެ. ރަހާ ދެލޯ ބޮޑުވެ އަނގަމަތީގައި އަތް އަޅައިލީ ދެލޮލުން ކަރުނަ އޮހޭ ހާލުއެވެ. ދެފަރާތަށް ބޯ ހުރައިލުމަށްފަހު އޭނާ ބޯ އަރިކޮށްލީ ރޫޔާއާ ކަޅި ހަމަ ކުރަންވެގެންނެވެ.
“ދޮންތައަކަށް ނޭނގުނު ދެން ވީ ގޮތެއް. ފިރިހެނުން އައިސް ބައްޕަ ހިފެހެއްޓި.. މަންމަ ސެންޓަރަށް ގެންދެވުނު..”
“އެ ބޭބީ….އެއީ އަހަރެންތަ؟” ކޮއްކޮގެ އަޑުގައިވާ އުންމީދު ފާހަގަވެ ރޫޔާގެ އިތުރަށް ހިތް ހަލާކުވިއެވެ. ދެން އޮތް ބައި ރަހާއަށް ކިޔައިދޭނީވެސް ފަހެ ކިހިނެއްހެއްޔެވެ؟

އުންމީދީ ނަޒަރަކުން ރޫޔާއަށް ބަލަން އިން، މަންމަގެ ހިތާމަތަކާމެދު ވިސްނަން ހުރި ރަހާ ހިތާ ހިތުން ދުޢާ ކުރެވުނީ، އެ ދުވަހު އެ މަންމަގެ ބަނޑުގައިވީ ދަރިއަކީ އޭނާއަށް ވުމަށެވެ. އެ ހިތި މާޒީގެ ވޭން ތެރޭގައި މަންމައާއި ދޮންތަގެ ހިތާމައަށް ކިރިޔާވެސް ލުޔެއް ލިބެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

“ރަހާ….” ރޫޔާ ދެލޯ މަރައިލުމަށްފަހު ބޯ ހޫރައިލިއެވެ. އެސްފިޔަތައް ފޫ ދުއްވައިލުމަށްފަހު ފޭބި ކަރުނަތައް ފެނި ރަހާއަށްވެސް ރޮވުނެވެ. ރޫޔާގެ އަތަށް ބާރުކޮށްލުމަށްފަހު އަނެއް އަތުން އަނގަމަތީ އަޅައިލީ ރޮމުންނެވެ.
“ކޮން ނަމެއް ކިޔަނީ؟” ރަހާ ރޫޔާއަށް ބަލައިލީ އާދޭހުގެ ދެލޮލުންނެވެ.
“ރާނިޔާ…”

“ރާނިޔާ….” ރަހާ އެނަން ތަކުރާރު ކޮށްލިއެވެ.
ރަހާ ރޫޔާގެ ކިބައިން ނަޒަރު ވަކިކޮށްލުމަށްފަހު ސީލިންގަށް ބަލައިލިއެވެ. ދެލޯ މަރައިލުމާއެކު، އެސްފިޔަ ފޫދުއްވައިލުމަށްފަހު ކަރުނަތައް އޮހެގަތުނެވެ.

“އެހިސާބުން ދޮންތައަށް ވިސްނުނީ.. ދޮންތައަށް ކުރެވުނީ ކިހާ ގޯސް ކަމެއްކަން.. ބައްޕަގެ އަނިޔާވެރިކަން އެހެން މީހެއް ގާތު ބުނި ނަމަ، ރާނިޔާ ދުނިޔޭގައި ހުންނާނެ މިހާރު. މަންމަ އެ އަނިޔާ ތަހައްމަލު ކުރާކަށް ނުޖެހޭނެ. އެކަމަކު ކީއްކުރަނީ؟ އެއްޗެކޭ ބުނެވުނު ނަމަ”

“އެއަށްފަހު ބައްޕަ ދެކެ ވަރަށް ރުޅިއައި، އެކަމަކު އަހަރެން ދެކެ އެހާ ލޯބިވި މީހެއް ދެކެ ނަފްރަތު ކުރަންވެސް އުނދަގޫވި.. މަންމައަށް އެކަން އެނގުނު… ސޯ ޝީ ފޮގޭވް ހިމް. މަންމަ އަމިއްލަ އަށް އިސްވެގެން ޖަލަށް ގުޅައިގެން ބައްޕައާ ވާހަކަ ދައްކަން ފެށީ.. މަންމަގެ އަމިއްލަ ހާލާމެދު ވިސްނުމެއް ނެތި…”
“ދެން ކީއްވެ އެއްވެސް މީހަކު އަހަރެން ކައިރީ މިވާހަކަ ނުބުނީ؟” ރަހާ ގޮނޑި ދޫކޮށް ރޫޔާގާތު އެނދުގައި އިށީނދެލީ ޝަކުވާގެ ރާގަކަށް އަހަމުންނެވެ.
“ބިކޯޒް ރަހާ.. ރަހާ ވެގެން ދިޔައީ މަންމައަށާއި އަހަރެމެންގެ ދިރިއުޅުމަށް ލިބުނު ޝިފާއަކަށް. ޔޫ ޑޮންޓު ނޯ.. ކިހާ ދުވަހެއް ވަންދެން މަންމައާއި އަހަރެން ރާނިޔާގެ މަރު މަތިން ހަނދާން ކުރަމުން ހިތާމަ ކުރަމުން ދިޔަވަރު. އެކަކު އަނެކަކުގެ މޫނަށް ބަސް ނުބުނަސް، އަހަރެމެން ދެމީހުން ދިޔައީ އަމިއްލަ ހިތާމަތަކުގައި ޣަރަޤުވަމުން. އެ ހިތާމަތަކުން އަހަރެމެން ދެމީހުން ސަލާމަތް ކޮށްދިނީ ރަހާ. އެ ހިތާމައިން ކިރިޔާވެސް ދޮންތަ ސަލަމާތްކޮށްދިނީ ރަހާ. ދައްތައެއްގެ މަޤާމް ރަނގަޅަށް ފުރިހަމަކުރަން ފުރުސަތު ދިނީ ރަހާ…ދޮންތަގެ ހުރިހާ ކާމިޔާބީއެއް، ހުރިހާ ވަނައެއްގެ ފަހަތުގައި ވަނީ ރަހާ، އެއީ ދޮންތަ ބޭނުންވަނީ، ރަހާ ފަޚުރުވެރިވާ ފަދަ ދައްތައަކަށްވާން. ރާނިޔާއަށް ރަނގަޅު ދައްތައަކަށް ނުވެވުނަސް ރަހާއަށް ރަނގަޅު ދައްތައަކަށް ވާން”
ރޫޔާގެ ބަސްތައް އިވިފައި ރަހާއަށް އިތުރަށް ރޮވުނެވެ. ތުރުތުރު އަޅަމުންދާ ދެއަތް ނަގައި، ދޮންތަގެ ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަތައް އޯގާތެރިކަމާއެކު ފޮހެލިއެވެ.
“ދޮންތާ…އިޓްސް ނޮޓް ޔުއަރ ފޯލްޓް… ޔުއަރ ޖަސްޓް އަ ކިޑް.. އެކަކުވެސް ވެގެން ދިޔަ ގޮތަކީ ދޮންތަގެ ކުށެއް ކަމަކަށް އެކަކުވެސް ޤަބޫލެއް ނުކުރޭ. އެހެންވެ ދޮންތަވެސް އެހެން ޤަބޫލުކުރަން ހުއްޓައިލާ.” އެ ދެއަތުގެ ހިމާޔަތްތެރެއަށް ދޮންތަ ގެނައެވެ.
“ކިހިނެއް؟”
“މަންމައާއި ބޮޑުބެ ކައިރީ މިވާހަކަ ދައްކަން ވީނު… ދޭ ނީޑް ޓު ހިއަރ ދިޒް ފްރޮމް ޔޫ. މަމް އިޒް ބްލޭމިން ހަރ ސެލްފް.. އަހަންނަކަށް ނޭނގޭ ބޮޑުބޭގެ ވިސްނުން ހުރި ގޮތެއް…އެކަމަކު އޭނާއަކީ ތަޢުބާވެގެން ހުރި މީހެއްވުމުން، ހަމަ ގައިމުވެސް ވީ ކަންތައްތަކާ ވިސްނާ ހިތާމަކުރާނެކަން ޔަޤީން”

ރޫޔާ ރަހާ ބުނި ބަހާ މެދު ވިސްނައިލިއެވެ.
“އެންޑް އައި އޭމް ޕްރައުޑް އޮފް ޔޫ”

****
މެންދުރު ވަގުތެވެ. ސިޓިން ރޫމުގައި އިށީނދެއިދެ ފޯނު ކުޅެމުން ދިޔައިރުވެސް، ރޫޔާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ރަހާ ދިން ނަސޭހަތެވެ. ރަހާގެ ބަހުގައި ތެދުކަން އިހުސާސްވެގެން ރޫޔާ ފޯނު ތިރިކޮށްލުމަށްފަހު ސޯފާގައި ލެނގިލިއެވެ. ހިނގަމުންދާ ގަޑިއަށް ބަލަން ހުރެ އޭނާ ހަދަންވީ ގޮތަކާމެދު އޭނާ ވިސްނަން ހުއްޓައި، ގޭގެ ބޭރުން ހަލީމާ އޭނާއަށް ގޮވައިލި އަޑުއިވިފައި އޭނާ ސޯފާއިން ތެދުވެ، މައިދޮރު މައްޗަށް އެރިއެވެ. އެއާއެކު އެގޭ ގޯތި ދޮރު މަތީ މަޑުކޮށްލައިގެން ހުރި، މެދު ޢުމުރުގެ ފިރިހެން މީހާ ފެނިފައި އޭނާ ގަނޑުވިއެވެ.

“ދަރިފުޅާ” ކޮނޑުގައި އަޅުވައިފައި ހުރި ދަބަސް ތިރިކޮށްލުމަށްފަހު އިސްމާއިލް ދެއަތް ހުޅުވައިލީ، ރޫޔާއަށް އެނާގެ ހިމާޔަތުގެ ތެރެއަށް އަންނަން ދަޢުވަތު ދެމުންނެވެ. ބައްޕަގެ ރޫ ޖެހިފައިވާ މޫނުމަތީގައިވާ ލުއި ހިނިތުންވުމަކާއި، ލޯބިން ފުރިފައިވާ ނަޒަރު ފެނި ރޫޔާ ފެންކަޅިވިއެވެ.
“ބައް…ބައްޕާ؟” ރޫޔާއަށް ބައްޕަގެ ދަޢުވަތު ޤަބޫލު ނުކޮށް ނުހުރެވުނެވެ. ދެލޮލުން ފޭބި ކަރުނަތަކާއެކު، ފެންޑާ ކަޑަތުކޮށް، ގޯތި ތެރެއަށް ނުކުމެ، ދުވެފައި ގޮސް އެ ބައްޕަގެ އަތުތެރެއަށް ވަދުނެވެ. ބައްޕަގެ މޭމަތީގައި ބޯ އަޅައިލުމަށްފަހު އޮޅުލައިގަތުނީ ހަށިގަނޑުގައި ހުރި ބާރެއް ލުމަށްފަހުއެވެ.

އިސްމާޢިލް ލޯބިން ރޫޔާގެ ބުރަކަށީގައި ފިރުމައިލިއެވެ. ހަލީމާގެ އެދުމާއެކު، އެ ދަރިފުޅުގެ ވޭނުގައި ބައިވެރިވަން އައީ އެއްވެސް ސިކުންތެއް ބޭކާރު ކުރުމެއް ނެތިއެވެ. އޭނާ އަށް އެދަރިފުޅު ގާތަށް އާދެވުނުކަން ނަސީބެވެ. އެ ދަރިފުޅު ހަމަ ރަނގަޅަށް އެބައްޕަގެ ލޯބި ބޭނުންވެފައި ހުރިވަރު، އެ ބައްދައިލުމުންވެސް އޭނާއަށް އެނގުނެވެ. އެއް އަތުން އެ ދަރިފުޅުގެ ބޮލުގައި ފިރުމައިލީ އެ ދަރިފުޅުގެ ނިއްމަތީ ބޮސް ދެމުންނެވެ.

ފެންޑާގެ ޖޯލި ކައިރީ ކޮޅަށް ހުރި ހަލީމާއަށް އެހުރިހާ މަންޒަރެއް ފެނުނެވެ. ލޯ ކުރިމަތިން ސިފަވެގެންދިޔައީ މާޒީއެވެ. ކުޑަކުޑަ ރޫޔާވެސް، ދެރަވާ ކޮންމެ ފަހަރަކު ހިމާޔަތް ހޯދާނީ އިސްމާއިލްގެ ދެއަތުގެ ތެރެއިންނެވެ. ކަރުނަ ބާލަން އޮންނަނީ އިސްމާޢިލްގެ ކޮނޑުގައި ބޯ އަޅައިގެންނެވެ. މިހާރުވެސް ފެންނަ މަންޒަރު ވަކި ތަފާތެއް ނޫނެވެ.

“އަނހާ…އިސްމާޢިލް…ތި އައިދޯ..މަރުހަބާ” ގޭ ތެރެއިން ގޯތި ތެރެއަށް ނުކުތް ވާފިރުއަށް އިސްމާއިލް ފެނިފައި ހިނިތުންވެލިއެވެ. އިސްމާޢިލަކީ އެއް އިރެއްގައި އޭނާގެ އަންހެނުންގެ އަނިޔާވެރިޔާއަށް ވިޔަސް، މިހާރު އޭނާއަކީ އިސްލާހުވެ ތަޢުބާވެގެން ހުރި މީހެއްކަން ވާފިރުވަށްވެސް އެނގެއެވެ.

ވާފިރުގެ އަޑަށް އިސްމާޢިލް ބަލައިލީ ލުއި ހިނިތުންވުމަކާއެކުއެވެ. ޝުކުރުން ފުރިފައިވާ ނަޒަރަކުންނެވެ. އޭނާ ނެތް ވަގުތު، އޭނާގެ ދަރިފުޅަށް ބައްޕަގެ ލޯބި ދީ، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ހިމާޔަތްކޮށް، ތަރުބިއްޔަތު ލިބިފައިވާ ރަނގަޅު ކުއްޖަކަށް ބޮޑުކުރީ ވާފިރެވެ. އޭނާގެ ހިތުގައި ވާފިރަށް އޮތީ ޝުކުރެވެ.
“އާނ…ދެން ވާފިރު އަންނާށޭ ބުނީމަ ނުހުރެވޭނެ އެއްނު ނާދެވިއެއް.. ދޯ ކަނބުލޮ؟” ރޫޔާއާ ދުރުވެލަމުން އިސްމާޢިލް ވާފިރާ ސަލާމް ކޮށްލިއެވެ.
“ސައި ބޯން އުޅެންވީނު؟” ހަލީމާ ހީލަމުން ވާފިރު ކައިރީ މަޑުކޮށްލިއެވެ. ވާފިރު ގުދުވެ، އިސްމާޢިލުގެ ދަބަސް ހިފައިގެން ހިނގައިގަތުނީ ގެއާ ދިމާލަށެވެ.

“ހޫމް..އާދޭ ބައްޕައާ އެއްކޮށް ކާން” ރޫޔާއަށް ބަލައިލަމުން އިސްމާޢިލް އަހައިލިއެވެ. ޖަވާބުގައި ރޫޔާ ބޯ ޖަހައިލިއެވެ.

***

އޭގެ ދެދުވަސްފަހެވެ.

ހެނދުނު ފަތިސް ނަމާދުކޮށްގެން، ފެންޑާގައި ހުރި ޖޯލީގައި އިށީދެއިން އިސްމާޢިލް ވިސްނުމަކަށް ގެއްލިފައި އިންތަން، އެގެއަށް ވަދެގެން އައި ވާފިރަށް ފެނުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ މަޑު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތުނީ ގުދަނަށެވެ.
“އިސްމާޢިލް، އަންނަންވީނު އަހަންނާއެކު މަސް ބާނަންދާން..މިދުވަސްކޮޅު އެބައުޅޭ ކޮރަކާލި” ދޮށިތަކާއި ކަންވާރުތައް ނަގަމުން ވާފިރު ގޮވައިލިއެވެ. ވާފިރުގެ އަޑަށް އިސްމާއިލް ޖޯލިން ތެދުވެ، އެދިމާލަށް ފިޔަވަޅުތަކެއް އެޅިއެވެ. ހުސްކޮށްހުރި ޓައްޕެއް އަތަށް ނެގުމަށްފަހު، މަސްބާނަން ބޭނުންވާ އެއްޗެހި ހިފައިގެން ދެމީހުން އެކީ އެއްކޮށް އެގެއިން ނުކުމެގެން ދިޔައީ އަތިރިއަށެވެ.

ދިރިއުޅުމުގެ ވާހަކައިން ފެށިގެން، މަސްވެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ދެމީހުން ކުޑަ ބޮއްކުރާއަކަށް އަރައިގެން ފަޅަށް ނުކުތެވެ. އަރަމުން އަންނަ އިރުގެ ރަން ދޯދި ތަކުގެ ތެރޭގައި ދެމީހުން މޫދަށް ދޮށި އެއްލިއެވެ.
“އިސްމާޢިލަށްވެސް ފާހަގަ ވި ދޯ ރޫޔާގެ ހުންނަ ގޮތް؟” ދެމީހުންގެ ތެރޭގައި ހަމަހިމޭންކަން ވެރިވުމާއެކު ވާފިރު ބުންޏެވެ. ވާފިރުގެ ބަހަށް އިސްމާޢިލް ނޭވާއެއް ނެގިއެވެ.
“އަހަރެންނަކަށް ނޭނގެ މިހެން ބުނާނީ ކިހިނެކުންކަމެއް…އެކަމަކު…ރޫޔާ މިހާރު އެ އުޅެނީ އިސްމާޢިލް ޖަލަށް ދިޔަ ދުވަސްކޮޅު އުޅުނު ގޮތަށް.. މަޑުނެގިފައި.. ޚިޔާލަކަށް ގެއްލި..ބަސް ހުސްވެ.. އެ ހުރިހާ ކަމެއްވެގެން ދާއިރުވެސް އޭނާ އުޅެނީ އޭނާގެ ވޭން ތަހައްމަލުކުރަން.. އިސްމާޢިލް.. ފެށުނީއްސުރެ، ރޫޔާ ޤަބޫލުކުރަނީ.. ވެގެން ދިޔަ ކަންތައްތަކަކީ އޭނާގެ އަމިއްލަ ކުށް ކަމަށް.. އޭނާ އަދިވެސް އަމިއްލަ ނަފްސަކަށް މަޢާފެއް ނުކުރޭ…އަދިވެސް ޤަބޫލުކުރަނީ އޭނާއަކީ އުފާ ދިރިއުޅުމެއް އުޅުމުގެ ހައްޤު ލިބިގެން ނުވާކަމަށް..އެ ފިރިހެން ކުއްޖާގެ ވަކި ވުމަކީ..އޭނާގެ ސަޒާކަމަށް…” ވާފިރުގެ ބަސްތަކުން އިސްމާޢިލުގެ މޫނު މަތިން ހިތާމަވެރިކަން ފާޅުވިއެވެ. އޭނާ އަބަދުވެސް އުންމީދުކުރަމުން ދިޔައީ، ރޫޔާ އެހެން ނުވިސްނާނެ ކަމަށެވެ. އެހެނަސް ވާފިރުގެ ބަސްތަކުން އޭނާގެ އެ އުންމީދުގެ ހުޅުކޮޅު އެކީ އެއްކޮށް ނިވުނެވެ. ވާފިރު އެބުނާ ބަސްތަކުގައި ކިރިޔާވެސް ތެދުކަމެއް ވާނަމަ، ރޫޔާ އެ ވޭނުގައި ހޭދަކުރީ ފަނަރަ އަހަރެވެ. އޭނާގެ ދަރިފުޅު، ބައްޕަގެ ކުށަކީ އަމިއްލަ ކުށްކަމަށް ޤަބޫލުކޮށް، އަމިއްލަ ނަފްސު ކުށްވެރިކޮށް، އުފަލާއި މަޖަލުން އަމިއްލަ ނަފްސު މަހުރޫމު ކޮށްގެން ބޮޑުވެގެން އެއައީ އެއްވެސް މީހަކަށް ނޭނގޭނެހެން، އެއްވެސް ލޮލަކަށް އެ ވޭން ނުފެންނާނެކަން ޔަޤީންކުރަމުންނެވެ.
ރޫޔާ ތަހައްމަލު ކުރަމުންދާ ވޭން އަންދާޒާކުރެވުމާއެކު އިސްމާއިލް ދެއަތް ތެރެއަށް މޫނު ލައި މޫނު ފޮރުވައިލިއެވެ. ގަތް ލަދުންނެވެ. ވީ ދެރައިންނެވެ. ލަދުގަތީ ބައްޕައަކަށްވެ ހުރެ، އެ ފަދަ މާޒީއެއް ބިނާކުރެވުނީތީއެވެ. ދެރަވީ، އެނާގެ ކުށުގެ ސަބަބުން، ދޫކޮށްދިޔަ ވޭނުން އެ ދަރިފުޅު އަދިއަދަށްދާންދެން މިންޖުނުވާކަން އެނގުމުންނެވެ.
އިސްމާޢިލް އިން ގޮތް ފެނިފައި، ވާފިރު ބޮއްކުރާ ތެރޭގައި ދޮށި ބޭއްވުމަށްފަހު އިސްމާޢިލް ކުރިމަތީ އިށީނެވެ. ރޫޔާއަކީ އޭނާގެ އުފަން ދަރިއަކަށް ނުވިޔަސް، ބައްޕައެއްގެ މަޤާމް ދިން ފުރަތަމަ އަންހެންކުއްޖާއަކީ ރޫޔާއެވެ. ލޭގެ ގުޅުމެއް ނެތަސް ރޫޔާ ވެގެން ދިޔައީ ހަމަ އޭނާގެ ފުރާނަފަދަ ދަރިއަކަށެވެ.

“ރޫޔާއަކީވެސް ހަމަ އަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް. އިސްމާޢިލް ނެތް އިރު، ބައްޕައެއްގެ ބައި ކުޅުނީ އަހަރެން، ބައްޕަ އެއްގެ ލޯބި ދިނިން، އަހަރެންގެ ޚަރަދުގައި އެހުރީ ޑޮކްޓަރީކަންވެސް ކިޔަވާފަ. ބައްޕައަކު ދަރިއަކަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އަހަރެން ކުރިން..އެކަމަކު، އެ ވޭނާއި ހިތާމައިން އެ ދަރިފުޅު ސަލާމަތެއް ނުކުރެވުނު. ފަނަރަ އަހަރު ވެގެން ދިޔައިރުވެސް.” ވާފިރުގެ އަޑުގައިވި މާޔޫސްކަން އިވިފައި އިސްމާޢިލް އިތުރަށް ދެރަވިއެވެ.
“ވާފިރު، އަހަރެން ކޮންމެވެސް ގޮތަކުން މިކަން ރަނގަޅު ކުރާނަން”
__

ބައްޕަމެން ބާނައިގެން އައި މަސްތައް ފިހުމަށްފަހު މަންމައާއެކު ޓީވީ ބަލަން އިން ރޫޔާ އިރުއިރު ކޮޅާ ހަލީމާއަށް ބަލައިލީ އެއްޗެއް އަހަން ހިތަށް އަރައިގެންނެވެ. އެހެނަސް ޖެހިލުންވީ ބުނަން އުޅޭ ބަސްތަކުން ދެވޭނެ ޒަޚަމުގެ ބޮޑުކަން އެނގޭތީއެވެ.

“ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި ހޯދަމުންދާ ފިރިހެން މީހާ މާލެއިން ހައްޔަރުކޮށްފި.”

ޓީވީން އިވުނު އަޑުން ދެމީހުން އެދިމާލަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު، ޓީވީއަށް އެރި މަގްޝޯޓުގައި ހުރި ފިރިހެނާ ފެނިފައި ދެމީހުން ކުއްލިއަކަށް ތެދުވީ ހައިރާންވެފައެވެ. އެކަކު އަނެކަކަށް ބަލައިލީ އެ ޚަބަރު ޤަބޫލުކުރަން ދަތިވެގެންނެވެ.

އަވަސް އަވަހަށް ސޯފާ މަތިން ފޯނު ނެގުމަށްފަހު ރޫޔާ މައިރާގެ ނަމްބަރަށް ގުޅައިލިއެވެ. ވީ ނާކާމިޔާބީއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަވަސް އަވަހަށް ޝަފަޤަށް ގުޅައިލީ މައިރާ ވީތަނެއް ހޯދުމަށެވެ.
“އޭތް…ޚަބަރު ބެލިންތަ؟” ޝަފަޤް ފޯނު ނެގުމާއެކު ރޫޔާ އަހައިލިއެވެ.
“ހޫމް. އެގެއަށް ގޮސް މިއައީ…ސާޖްގެ މަންމަ އެބައުޅޭ ހަދިއްތަ ކައިރީ..މައި އެއް ނެތް..މަ މި ދަނީ އަތިރިއަށް އޭނާ ފެނޭތޯ ބަލަން ވެގެން” މަގުމަތިން ގޯޅިއަކަށް އަޅަމުން ޝަފަޤް ބުނެލިއެވެ.

“އާދޭ މިގޭ ދޮށަށް. މަވެސް މި ނިކުންނަނީ” ފޯނު ކަންފަތުން ވަކި ނުކޮށް ރޫޔާ އަވަސް އަވަހަށް އެގެއިން މަގަށް ނުކުތެވެ. މަގުގެ ދެކޮޅަށް ބަލައިލި ތަނުން، އެގެއާ އަރާ ހަމަކުރަމުން އަންނަ ޝަފަޤް ފެނުނެވެ.
“ޝެހޭ އަށް ގުޅައިފިން..އޭނާ ވެސް އެބަ އާދޭ” ދެމީހުން އަތިރިމައްޗަށް ހިނގައިގަތުމާއެކު ޝަފަޤް ބުންޏެވެ.

***

މެންދުރުގެ ރަތްގަދަ އަވީގައި ދެމީހުން އަތިރި މަތިން ހިނގަމުން ދަނިކޮށް، އަތިރީގައި ހުރި ހޮޅުއަށީގައި އިށީނދެއިން މައިރާ ފެނިފައި ދެމީހުން އެ ދިމާލަށް ދުއްވައިގަތުނެވެ. ހޮޅުއަށްޓައި ކައިރި ވެވުމާއެކު، މައިރާ ކައިރީ ކޮޅަށް ހުރި ޝެހެނާވެސް ފެނުނެވެ.

މައިރާގެ މޫނު މަތިން ފާޅުވެފައިވާ ރުޅިވެރިކަން ފެނިފައި ރޫޔާއާއި ޝަފަޤް އެކަކު އަނެކަކަށް ބަލައިލިއެވެ. ދެން ބަލައިލީ ޝެހެނާއަށެވެ. ރައްދުގައި ޝެހެނާ ބޯ ހޫރައިލިއެވެ.
“އެ ނުބައި މީހާ” ދަތް ކުޑިވިކަމުން މައިރާ ނޭވާއެއް ނެގިއެވެ.
“އޭނާއަށް އެއްވެސް ހައްޤެއް ނޯންނާނެ އަހަންނަކީ އޭނަގެ ދަރިއެކޭ ބުނާކަށް..” މައިރާގެ ބަހުން ރޫޔާއާއި ޝަފަޤްގެ ދެބުމަ ގޮށް ޖެހުނެވެ.
“ސައްތާރު ގުޅިޔޯ މައިއަށް މީގެ ތިން ހަފްތާ ކުރިން..ލާރި ހޯދަން ވެގެން.” ތަފްސީލު ލިބުނީ ޝެހެނާގެ ފަރާތުންނެވެ.
“ހުވާ؟”
“އޭނާއަކަށް ނޯންނާނެ އެއްވެސް ހައްޤެއް” ރުޅިވެރިކަމާއެކު މައިރާ ބުންޏެވެ. “އަހަރެންގެ މަންމަ ރޭޕް ކޮށްފަ، އޭނާގެ އަނބިމީހާ ލައްވާ މަންމައަށް ޖެއްސުކުރުވާފަ، އަދި އަހަރެން ގާތަށް އެބަ އާދޭ އެއްނު ލާރި ހޯދަން. އެނގޭތަ އޭނާ ބުނި ބަސް؟ މަށާއި ނުލާ މައިރާއެއް ދުނިޔޭގަ އެއް ނުހުންނާނެއޯ. އެހެންވީމާ މައިރާއަށް އަހަރެން ބުނާގޮތް ހެދުމަކީ އަހަރެންގެ ހައްޤެކޯ..މީ މީހުން ބުނާ ބަސްތަ؟ ބަޔޮލޮޖިކަލީ ބައްޕައަށް ވިޔަސް އަހަންނެއް ނޫޅެން އޭނާއަށް އެއްވެސް ގޮތަކުން އެހީވާކަށް”

“ސީރިއަސްކޮށް؟” ޝަފަޤް މައިރާގެ ވާހަކަ އަޑުއަހަން ހުރެފައި ބުނެލިއެވެ.
“ހޫމް…”
“ދެން ކިހިނެއްވަނީ މިހާރު؟” ޝެހެނާގެ ސުވާލާއެކު ރޫޔާގެ ފޯނު ރިންގުވިއެވެ. ސްކްރީނަށް އަރައިފައި އިން ސާޖިދުގެ ނަމްބަރު ފެނިފައި އަވަސް އަވަހަށް ފޯނު ނެގިއެވެ. އިވިގެން އައީ ސާޖިދުގެ ކޮއްކޮ ހަމްދާނުގެ އަޑެވެ.
“ރޫޔާއްތާ. މައި ތިއްތަ ފެނިއްޖެތަ؟” ހަމްދާނުގެ އަޑުގައިވާ ކަންބޮޑުވުން ފާހަގަވެގެން ރޫޔާ ހާސްވިއެވެ. ރޫޔާގެ މޫނަށް އެރި ކުލަވަރު ދެން ތިބި ތިން މީހުންނަށް ފެނިފައި ރޫޔާއަށް އެ ހުރިހާ ސަމާލުކަމެއް ދިނެވެ.
“ހޫމް. ކިހިނެއްވީ؟” ރޫޔާ އަވަސް އަވަހަށް ޖަވާބު ދިނެވެ.
“އެއްކަލަ ފާއިޤުބޭ އައިސްގެން އެބައުޅޭ ފަރިއްތަ އާއެކު، މައި ދައްތަމެން ގޭގަ.. ދޮންބެވެސް އެބަ އުޅޭ”
“ކީކޭ؟؟” ރޫޔާގެ އަޑު ބާރުވުމުން ދެން ތިބި ތިން މީހުން ކޮޅަށް ޖެހުނެވެ.
“ރޫ ކިހިނެއްވީ؟” ޝަފަޤް އެހެން އެހުމާއެކު ރޫޔާ އެ ތިން މީހުންނަށް ބަލައިލިއެވެ.
“ފަރީދާއާއި ފާއިޤް ތިގެއަށް ގޮސްގެން އެބައުޅޭ އެބަ…އަވަސް” ރޫޔާ އެހެން ބުނުމާއެކު ހަތަރު މީހުން އެކަކު އަނެކަކަށް ބަލައިލީ ކަންތައް ގޯސްވެފައި އޮތް ވަރު އަންދާޒާ ކުރެވުމުންނެވެ. ފައިވާނަށް ރަނގަޅަށް އެރެވުނު ކަމެއް ނޭނގެ ހަތަރު މީހުން ގުންފައި ޖަހައިފައި ދުއްވައިގަތުނީ މައިރާމެން ގެއަށެވެ.

ކަމަކު ދާކަށް ނެތެވެ.

އެގޭ ދޮރުމައްޗަށް އެ ހިސާބު އެންމެން އެއްވެތިބީ، އެގޭ ގޯތި ތެރޭގައި ހިނގަމުންދާ ހަމަނުޖެހުން ބަލަންށެވެ. ބައެއް މީހުން ފަރީދާއަށް ނަސޭހަތް ދެމުންދާ އަޑު އިވެމުން ދިޔައިރު، އަނެއް ބަޔަކު މައިރާގެ މަންމަގެ ދިފާޢުގައި ވާހަކަ ދައްކަމުން ދިޔައެވެ.

މީހުންތަކުތެރެއިން ހިނގަމުން ގޮސް އެ ހަތަރު މީހުން އެގޭ ގޯތި ތެރެއަށް ވަދެވުނެވެ. ފެނުނު މަންޒަރުން ހަތަރު މީހުންވެސް އަށްޑިހަޔަށް އެރިއެވެ. ގޯތީގެ މެދުގައި ފާއިޤާއި ފަރީދާ އަދިވެސް ހުޅަގަޖެހުމުގައި އުޅުނެވެ. ގޭގެ ފެންޑާ ކުރިމަތީގައި، ސާޖިދްގެ މަންމަގެ އަތުތެރޭއަށް ދެމިފައި އޮތީ މައިރާގެ މަންމަ ޚަދީޖާއެވެ. ، ސާޖިދާއި ހަމްދާނު އުޅުނީ ފަރީދާއާއި ފާއިޤަށް ޚަދީޖާއާއި އެނާގެ މަންމައާ ގާތްނުވެވޭގޮތަށް، ފަރީދާމެންނަށް ހުރަސްއަޅަމުންނެވެ.

ރޫޔާ ދުވެފައި ގޮސް، ޚަދީޖާ ކުރިމަތީގައި ކުޑަކަކޫ ޖެހިއެވެ. ޚަދީޖާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ޚަދިޖާ ދިޔައީ ހުއްޓުމެއް ނެތި ގިސްލަމުންނެވެ. ރޫޔާ ފެނުމާއެކު އެއްޗެކޭ ބުނަން މަސައްކަތް ކުރި ނަމަވެސް، އެކަން ނާކިޔާބުވިއެވެ. ރޫޔާއަށް، ޚަދީޖާގެ ދެއަތް ތުރުތުރުލަމުންދާ މަންޒަރާއި، އަވަސްއަވަހަށް ނޭވާލަމުންދާކަން ފާހަގަކުރެވުނެވެ. އެ ކުރު ވަގުތުކޮޅުގައި ރޫޔާއަށް ޚަދީޖާއަށް ވެގެން އުޅޭގޮތް ދެނެގަނެވުނެވެ.
” ފާތުން ދައްތާ، އަވަހަށް ހަދިއްތަ ގޭތެރެއަށް ވައްދަން އުޅޭ” އޭނާ މައިރާއަށް އެނބުރުނެވެ.

“ޕެނިކް އެޓޭކް” ރޫޔާ އެހެން ބުނެލީ އެއްވެސް މީހަކަށް އަޑު ނީވޭވަރަށް ވިޔަސް، މައިރާއަށް އެބުނި ބަސްތައް، ރޫޔާގެ ތުންފަތުގެ ހަރަކާތުން ދެނެގަތުނެވެ. ވަގުތު ބޭކާރު ނުކޮށް ފާތުމައާއި މައިރާ ދެމީހުން ޚަދިޖާ އަތުލަފިކޮށްގެން އެގޭގެ ސިޓިން ރޫމަށް ވަދުނެވެ. އަވަސްއަވަހަށް ސޯފާއާ މިސްރާބު ޖެހުމަށްފަހު، އެ ސޯފާގައި ވަރުދެމިފައި އޮތް ޚަދީޖާ ބޭއްވިއެވެ.

“ދައްތާ! ފެން ތަށްޓެއް ގެނޭ. ޝަފަޤް..ގޮސް އެ ދޮރު ލައްޕާ. ދެން ތިބި އެންމެން ހަދިއްތައަށް ނޭވާލާން ޖާގަ ދީބަލަ” ރޫޔާ އެންމެންނަށް އަމުރު ކުރަމުން ދިޔައީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ.

“މަށަކަށް…ނޭވާ” ކުރު އެހެނަސް އަވަސް ނޭވާތަކެއްލަމުން ޚަދީޖާ ބުނެލިއެވެ. ރޫޔާ އެ އަޑާއެކު އިތުރަށް ސީރިއަސްވެލިއެވެ. “ދައްތާ…ރޫޔާ މީ…އަޅުގަނޑުގެ އަޑު އިވޭތަ؟” ރޫޔާގެ ސުވާލަށް ޚަދީޖާ ބޯ ޖަހާލިއެވެ. “ރަނގަޅު.. ބަލަ.. އަޅުގަނޑުގެ އަތުގައި ހިފާލަބަލަ”

“ހުވާ މިބުނީ އަހަރެން-” މައިރާގެ ގާތަށް އައިސްފައި ހުރި ރުޅިން ދެލޮލުން ރަންކަނިބުރާހާލުއެވެ. އެހެނަސް މައިރާގެ ބަސް ފުރިހަމަ ނުވަނީސް ރޫޔާ އޭނާ މެދުކަނޑައިލިއެވެ.
“މައި! މިގަޑީގައި ހަދިއްތަ އެންމެ ބޭނުންވަނީ މައި…އެހެންވީމަ ތި ރުޅިގަނޑު ހިހޫކޮށްލުމަށްފަހު ހަމަޖެހޭ” ރޫޔާ އެހެންބުނެލީ އަމުރުވެރި ރާގަކުންނެވެ.

“ދައްތާ.. އެތެރެއަށް.. މަޑުމަޑުން ނޭވާލާ” ރޫޔާގެ ނަޒަރުގެ ސަމާލުކަން އެކީ އެއްކޮށް ޚަދީޖާއަށް ދީގެން، ފަރުވާ ދެމުންދިޔައެވެ. ރޫޔާގެ އިރުޝާދާ އެއްގޮތަށް ޚަދީޖާ ފުން ނޭވާއެއް އެތެރެ ކުރުމުން ރޫޔާ ހިތްވަރު ދިނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. “ލަސްލަހުން…ނޭވާ ދޫކޮށްލާ” ރޫޔާ އެހެން ބުނުމުން ޚަދީޖާ އެކަންވެސް ކުރިއެވެ. މަޑު މަޑުން ނަމަވެސް އޭނާ ހަމައަކަށް އެޅެމުންދިޔައެވެ.

“ރޫ، ދޭ ހަދިއްތަ ގޮވައިގެން ކޮޓަރިއަށް، އަހަރެމެން ބޭރުގައި ވާ ކަންތައްތަކާ ހަވާލުވާނަން.” ކުއްލިއަކަށް ބޭރުން އަޑުގަދަ ވުމާއެކު ޝެހެނާ އެހެން ބުނެލުމުން، ފާތުމައާއި ރޫޔާ، ޚަދީޖާ އަތުލަފިކޮށްގެން، ނިދާ ކޮޓަރިއަށް ވަދެއްޖެއެވެ.
“ހަމަ އަމާ ހެން، ދަރިވެސް އެ އުޅެނީ. އެ ވަސީމާއެއްކޮށް އައި ސޮރުގެ ގައިން ނެއްޓެން ނޭގިގެން ހަމަ އެ މަންޖެވެސް އުޅުނީ.. އަދި ވަރަށް ވަކީލަކަށްވާން އެބައުޅޭނު. ޔަޤީން އޭނާވެސް އިންސާފު ހޯދަން އުޅޭނީ.. ” ޝެހެނާމެންނަށް ނުހުރެވިގެން އެންމެ ފަހުން އެގޭގެ ފެންޑާއަށް ނުކުތެވެ.
“ގައްދާއަކަށް ވިޔަސް ތި ދެމީހުންގެ ބަލާވެރިކަން އަދިވެސް ކުޑަ ނުވެގެންތަ ތިއުޅެނީ؟” ޝަފަޤް ނުރުހިފައި ފަރީދާއާ ދިމާލަށް ބުނެލިއެވެ.

“ކަލޭ ތި ކާކު އަހަންނަށް އެއްޗެހި ގޮވަން؟ އެ ނަހަލާލު މަންޖެގެ ގޭންގު ދޯ. މީދޯ މީހުންގެ ދަރިން ތަރުބިއްޔަތު ކުރާގޮތަކީ؟” ފަރީދާ ޝަފަޤްމެންނަށް އިނގިލިމަޅަމުން، ރުޅިވެރިކަމާއެކު ބުންޏެވެ.

“ފުރަތަމަ ކަލޭގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދީފަ ދެން އާދެބަލަ އެހެން މީހުންގެ ދަރިންނާ ބެހެން. އެކަމަކު ކަލޭއަކަށް އެހެން ނުވާނެ ދޯ. ކަލޭއަށް ތިހުރީ ކަލޭގެ ދަރި ކަލޭއަށް ދޮންފުތުވެފަ. ” ޝެހެނާގެ ރުޅި ވަކި މަޑެއް ނޫނެވެ.

“މަ ބުނަންތަ ކާކުކަން ޒިނޭ ސާބިތުވެގެން ޖަލަށް ދިޔައީ؟” މައިރާއަށް ނުހުރެވިގެން، ޝެހެނާމެންގެ ފަހަތުން ނުކުމެ ފަރީދާއާ ދިމާލަށް ހިނގައިގަތެވެ. “މަ ބުނަންތަ ކާކަށް ކަން ޖިންސީ ފުރައްސާރަ ކުރި ކަން ސާބިތުވެގެން ޖަލަށް ދިޔައީ؟” ނަފްރަތުގެ ނަޒަރަކުން މައިރާ ފަރީދާއަށް ބަލަލިއެވެ. “ކަލޭގެ ދޮން ބަފާ” އޭނާ ފާއިޤަށް އިނގިލިމަޅައިލިއެވެ. “ކަލޭގެ ފިރިމީހާ” އޭނާގެ ޝަހާދަތް އިނގިލި ދެން އަމާޒުވީ ފަރީދާއަށެވެ.

“އެކަމަކު ބަލަ، ކަލޭމެން ދެމީހުން، އެ ނުބައި ސައްތާރު ޞާލިޙުކޮށްފައި، އައިސް އުނދަގޫ ކުރަން އެނގުނީ މަގޭ މަންމައާއި މަށާ. ގަދަވެގެން އުޅުނަސް، ކަލޭމެން ދެމީހުންނަކީ ބޮޑު ދެ ފިނޑިން.. ލަދުހަޔާތް ކަނޑައިލައިގެން، މީހުންނަށް ފުރައްސާރަ ކުރަން ތިއުޅެނީ ހިތުން މޮޅުވެގެން ދޯ.. ކަލޭ އަންހެނަކަށްވެ ހުރެ، އެފަދަ މީހަކު ދިފާޢުކުރަން ތެޅޭ ވައްތަރު ފެނިފައި މަ މިހުރީ ހަމަ ހައިރާންވެ އަންތަރީސްވެފަ….ނޫނޭ ތިހިތްވަރަށް އަތްތިލަބަޑި ދޭން މަޖުބޫރު.އެންމެންނޭ. .މިދެމީހުންނަށް އަވަހަށް ތަރުޙީބު ދޭން އުޅޭ…މިރަށުގައި ނުހުންނާނެ މިހާ ކެރޭ މީހުންނެއް އެހެން މީހުންނަށް ފުރައްސާރަ ކުރާކަށް” މައިރާ އެހެން ބުނެލީ މަލާމަތުގެ ރާގުގައެވެ. ޖެއްސުމަށް އަތްތިލަބަޑިއެއްވެސް ހަދިޔާކޮށްލިއެވެ.

“ގޮތްކުޑަކަން؟” ދަތްކުނޑިވިކައިލަމުން ފަރީދާ މައިރާއަށް ލޯ އަޅައިލިއެވެ.
އެ ގެއިން ގޯތްޗަށް ނުކުމެގެން އައި ރޫޔާ ފެނިފައި އޭނާގެ ރުޅި އިތުރަށް މަތިވެގެން ދިޔައެވެ. “މަށެއް ނޫން ދޯ އަނިޔާވެރި ބަފާއެއް ދިފާޢުކުރީކީއެއް. މަށެއް ނޫން ދޯ ދުވަސް ނުފުރޭ ކުއްޖާ މަރަށް ހުށަހެޅީ؟އެކަމަކު މަ ދޯ ގޮތް ކުޑައީ؟؟ ބަލަ، އެ އިސްމާޢިލަކީވެސް ނުބައި މީހެއް. އަނިޔާވެރިއެއް. އެކަމަކު އަހަންނަކަށް ނުފެނޭ ތި މީހުން އިސްމާޢިލު ދެކެ ރުޅި އައިސްގެން އުޅޭ ތަނެއް” ފަރީދާގެ ވިހަގަދަ ބަސްތައް އަމާޒުވީ ރޫޔާއަށެވެ. އެ ބަސްތައް އިވިފައި މައިރާވެސް ހުއްޓުން އެރިއެވެ.
ފަރީދާގެ ބަސް އިވުމާއެކު ރޫޔާ މަޑު ޖެހުނެވެ. އެ ބަސްތަކާ ވިސްނަން ހުއްޓައި، އޭނާ ލޮލުގައި އަޅައިގަތުނީ، އެގޭ ބޭރުގައި، މީހުންތަކު ތެރޭގައި ހުއްޓިހުރި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ވާފިރު ބައްޕައެވެ. އެ ތިން މީހުންނަށްވެސް ފަރީދާގެ ބަސްތައް އިވުނުކަން ރޫޔާއަށް ޔަޤީންވިއެވެ.

އެހެނަސް، ދެން އޭނާ މަޑަކުން ހުންނާކަށް ބޭނުމެއް ނުވިއެވެ. ފަރުވާ ނުދީ ދޫކޮށްލި ޒަޚަމްތަކަށް ބޭސްކުރާ ވަގުތު ޖެހިއްޖެކަން އޭނާއަށް ވިސްނުނެވެ.

އެއްޗެކޭ ނުބުނެ ރޫޔާ މަޑު ފިޔަވަޅުތަކެއް އަޅަމުން ފަރީދާ ކުރިމަތީ މަޑުކޮށްލިއެވެ. އޭނާ ފަރީދާއަށް ބަލަން ހުރީ އެއްވެސް އަސަރެއް ނެތިއެވެ.
“ހިނގާ އެހެންވީމާ އަހަރެންގެ ބައްޕައާއި ސައްތާރުއާ އަޅާ ކިޔަން. އަހަރެން ބައްޕަވަނީ ބައްޕައަށް ތަންފީޒު ކުރެވުނު ޖަލު ހުކުމް ނިންމައިފައި. މުޖުތަމަޢަށް ނުކުމީ ޞާލިހު މީހެއްގެ ގޮތުގައި. ތައުބާވެގެން. ބައްޕަގެ ފަރާތުން އަނިޔާލިބުނު އެންމެންގެ ކިބައިން މަޢާފަށް އެދި. ސައްތާރު ވީ ކިހިނެއް. ކިތައް ފަހަރު އޭނާ ޖަލަށް ގޮއްސި. ތައުބާ ވިތަ؟ ކުށަށް އިއުތިރާފް ވިތަ؟” ރޫޔާގެ ބަހާއެކު ފަރީދާ މޫނު ކުނިކޮށްލިއެވެ. އެއްޗެކޭ ބުނަން އުޅުނަސް ހުއްޓުނީ ރޫޔާ އޭނާއަށް އެ ފުރުސަތު ނުދިނީމައެވެ.
“ފުރަތަމަ ގޮސް ފިރިމީހާ ކައިރީ ތައުބާވާން ނަސޭހަތް ދީ. ފިރިމީހާ ތަޢުބާ ވީމާ، ދެން އާދޭ އަހަރެންގެ ބައްޕައާ އަޅާ ކިޔަން. އެކަމަކު އޭގެ ކުރިން، އަހަރެންގެ ޢާއިލާ ތި ދުލުގެ ކުރިއަށް ގެނެޔަސް، އަހަރެންގެ ގޯސްކަން ދައްކާނަން” ރޫޔާގެ ރުޅިވެރިކަމުގެ ތޫނު ނަޒަރު ހުރީ ސީދާ ފަރީދާގެ ދެލޮލަށް އަމާޒުވެފައެވެ. އޭނާގެ އަޑު މަޑު ވިއެއްކަމަކު، އެ އަޑުގައި ނުރައްކާތެރިކަން ހަމަ ރަނގަޅަށް ފަރީދާއަށް ފާހަގަވިއެވެ.

ރޫޔާގެ ބަސްތައް ހަމަ ރީއްޗަށް، ހަލީމާއާއި ވާފިރުގެ އިތުރުން އިސްމާޢިލަށް އަޑު އިވުނެވެ. ތިން މީހުން އެކަކު އަނެކަކަށް ބަލައިލިއިރު، އެ ތިން މީހުންގެ ލޮލުން އެތަކެއް އަސަރުތަކެއް ފެނުނެވެ. ރޫޔާ އެތިން މީހުންނަށް ނަޒަރު ހިންގައިލުމަށްފަހު ނޭވާއެއް ނެގިއެވެ.
“ކަލޭ މޮޔަވީތަ؟” ރޫޔާގެ އަތް ފޮޅައިލަމުން ފަރީދާ ފަހަތަށް ޖެހުނެވެ.

ރައްދުއައި ރޫޔާގެ ފަހަތުގައި ހުއްޓިހުރި މައިރާ ފަރީދާއަށް ބަލައިލިއެވެ. “ބަލަ ކާކުތަ މިތަނުގައި މޮޔަވެގެން، ޖާހިލު ނުބައި ފިރިހެނަކު ދިފާޢުރަނީ؟ ބަލަ އަހަރެންތަ، ސައްތާރުގެ އަނިޔާތައް ތަހައްމަލު ކުރި މީހުންނަށް ފުރައްސާރަ ކުރަނީ؟ މިތަނުގައި ގޮތްކުޑަ މީހަކަށް ހުރީ ކަލޭ!!” މައިރާ ފަރީދާއާ ސީދަލަށް ކުރިމަތިލިއެވެ. “އަހަންނެއް ނޫން، ދެލޮލާއި ހިތް ކަނު ކޮށްގެން، އެހާ ނުބައި ފިރިހެނަކު ދިފާޢުކުރަން އުޅެނީކީއެއް. ކަލޭގެ ސަބަބުން، މިރަށުގެ އަންހެނުންނަށް ހުތުރު ނަން ލިބެނީ. ކަލޭއާއި ކަލޭގެ ނުބައި ފިރިމީހާގެ ސަބަބުން މިރަށް ފަޟީހަތްވަނީ” މައިރާގެ ބަހާއެކު އެއްވެ ތިބި އަންހެނުން، އޭނާއާ އެއްބައިވެލިއެވެ.

އެންމެން އަންހެނުންގެ ޒުވާބު ބަލަން ހުރި ވަގުތުގެ ބޭނުން ހިފައި، ފާއިޤް ގޮސް ސާޖިދު މޫނު މަތީގައި ގޮށްމުކުން ޖަހައިލިއެވެ. ސާޖިދުވެސް ބަލިނުވެ، ފާއިޤުގެ ބަނޑުގައި ފައިން ޖެހިއެވެ. ސާޖިދާއި ފާއިޤު އޮޅުލައިގަތް ތަން ފެނި ދެން ތިބި މީހުން ފަރީދާއަށް ފުރަގަސްދިން ވަގުތު، އޭނާ އެ ދަނޑިވަޅުގެ ބޭނުން ހިފައި މައިރާގެ އިސްތަށިގަނޑުގައި ހިފައި ލުއްކެއް ޖަހައިލިއެވެ. މައިރާވެސް ދެރަ ނުވާންވެގެން ފަރީދާގެ މުލައްދަނޑީގައި ވަކި އެޅިއެވެ. ހަޅޭއްލަވަގަނެފައި ރޫޔާއާއި ޝެހެނާގެ އިތުރުން ޝަފަޤް އުޅުނީ މައިރާގެ އަތް ދަށުން ފަރީދާ ސަލާމަތް ކުރަންށެވެ. މައިރާގެ އަތުން ގޯހެއް ހެދުމުގެ ކުރިންނެވެ.
“އޭތް..އޭތް…” އެއާއެކު އެގޭ ގޯތި ތެރެއަށް ބޭރުގައި ތިބި މީހުން ވަދުނެވެ. ފިރިހެނުން އުޅުނީ ވެލިގަނޑުމަތީ ކޯޅެމުން ދިޔަ ފާއިޤާއި ސާޖިދު ވަކި ކުރެވޭތޯއެވެ. އަންހެން ވެރިން އުޅުނީ ފަރީދާއާއި މައިރާ ދުރުކުރެވޭތޯއެވެ.

މީހުންތަކު ތެރެއިން އެގެއަށް ވަދެގެން އައި ވަސީމާއި ޒަޔާން އަވަސް އަވަހަށް އުޅުނީ ސާޖިދު ހަމައަކަށް އަޅުވަންވެގެންނެވެ. އިސްމާޢިލާއި ވާފިރުގެ އިތުރުން ހަމްދާނުގެ އެހީއާއެކު، ފާއިޤުގެ އަތް ދަށުން ސާޖިދު ދުރުކުރެވުނީ ވަރަށް ވަރުންނެވެ. ހަމައެކަނި ސާޖިދު ހިފަހައްޓަން އެ ފަސް މީހުންނަށް ވީ އުނދަގޫ ކަމަކަށެވެ. މާނޭވާ ލަމުން ސާޖިދް އިސްނެގި ވަގުތު، ފަޅައިގެންގޮސް، ލޭ އަންނަމުން ދާ ތުންފަތާއި، ވެލިންނާއި އޮއްދާއިން ތެތްވެފައިވާ މޫނު ހާމަވިއެވެ. އެއް މިޔަކަނުން ހީލަމުން ފާއިޤަށް ބަލައިލީ ޖެއްސުމުގެ ނަޒަރަކުންނެވެ.
“ތުއްތު ކުދިންވެސް ތިޔައްވުރެ ބާރަށް ޖަހާނެ..” އިޖާބައެއްގެ ގޮތުގައި އޭނާއަށް  ލިބުނީ ފާއިޤުގެ ރުޅިވެރިކަން ފުރިގެންވާ ހަޅޭކެކެވެ.

މައިރާ އުނަގަނޑުގައި ދެއަތް އަޅުވައިގެން ރޫޔާ ހުރި އިރު، މައިރާގެ އެއް އަތުގައި އޮޅުލައިގަނެގެން ޝަފަޤް ހުއްޓެވެ. އަނެއް އަތް ހިފަހައްޓައިގެން ހުރީ ޝެހެނާއެވެ. ތިން މީހުން މައިރާ ހިފަހައްޓައިގެން ހުއްޓެއް ކަމަކު، ހީވަނީ ދެންމެ ދެންމެއަކު އެ ތިން މީހުންގެ އަތު ތެރެއިން ނުކުމެގެން އަނެއްކާވެސް ފަރީދާގެ ގަޔަށް ބޮލަން އަރަން އުޅޭ ހެންނެވެ.

“އެހެރީ ކަލޭމެން ވަދެގެން އައި ދޮރު” މައިރާ އެ އެންމެންގެ އަތް ފޮޅައިލަމުން ދޮރަށް އިނދިލި މަޅައިލިއެވެ. “ތިދެމީހުން މިގެޔަށް ވަދެގެން އައި ގޮތަށް ނުކުމެގެން ދޭ. އަހަރެން ނެތިން ތިދެމީހުންގެ ޝަރަފުގައި ރަތް ދޫލަ އަޅައިފައި އަލްވަދާޢު ކިޔާކަށް!” މާނެވާ ތަކުގެ ތެރޭގައި މައިރާ އެހެން ބުނީ ދެބުމަ ގޮށްޖަހަމުންނެވެ. ދެމީހުން ނުގުޑި ތިބިތަންފެނިފައި ޝަފަޤް ހަރުއަޑުން އެގެއިން ނުކުންނަން ތަކުރާރުކުރިއެވެ. އެ ދެމީހުންގެ ރުންކުރުކަމުން، ފަރީދާމެންނަށްވެސް ދެން އެތާ އިތުރަށް ހުންނަން ޖެހިލުންވިއެވެ. އެހެނަސް ބަލި ނުވާންވެގެން އެ ހަތަރު އަންހެނުންނަށް ލޯ އަޅައިލައި، ފައިބުޑަށް ކުޅުޖެހިއެވެ.
“މި ނިމުނީކީއްއެއް ނޫން. ހަނދާން ކުރާތި!!”

ފަރީދާމެން އެގޯތިން ނުކުންނަންދިޔަ ވަގުތު ރޫޔާ، އޭނާގެ ޢާއިލާއަށް ނަޒަރު ހިންގައިލިއެވެ. މަންމަގެ މޫނު މަތިން ފާޅުވެފައިވާ ލުއި ހިނިތުންވުމާއި، އޭނާގެ ދެ ބައްޕަގެ ލޮލުން ފެންނަމުންދާ ފަޚުރުވެރިކަން އޭނާއަށް ފެނުނެވެ.

ކޮންމެ ގޮތަކުން ވިޔަސް، އެ މާޒީގެ ވޭނަށް ނިމުމެއް ގެންނަން ރޫޔާ ނިންމީ އެ ތިން މީހުންގެ ނަޒަރު ފެނިފައެވެ. ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލެވުނީ ކަން ކުރާނެ ގޮތް ރާވަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 110 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އެ ބިރުވެރި ރޭ

Previews
June 20, 2026

އެ ބިރުވެރި ރޭ



All Right Reserved!