Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައެހެނިހެންލޯބި

ރަހުމްކުރާށެވެ – 1

Luna Level 1
June 18, 2026 3 Mins Read
2 Comments

ވަށައިގެން އަނދިރިކަމެވެ. އަހަރެންގެ ފައިދަށުގައި ފުނޑުފުނޑުވާ ހިކިފަތްތަކުގެ އަޑާއި އަހަރެންގެ ހިތް ތެޅިނަގާއަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. ވަލުތެރެއަށް އަހަންނަށް ވަދެވުނީ ކިހިނެއްކަމެއް ނޭންގެއެވެ. އިނގޭހާވެސް އެއްޗަކީ އަހަރެންގެ ފަހަތުން މީހެއް އަންނަކަމެވެ. އެއީ ކާކުކަމެއް އޭނަ ބޭނުންވަނީ ކޮންކަމެއްކަމެއް އަހަންނަކަށް ނޭންގެއެވެ. އެކަމު ހިތުގެ އުފެދިފަ ހުރި ބިރުވެރިކަމުންނާއި އަހަންނަށް މިދުވެވޭ ބާރު މިނުން އަހަރެން އޭނަގެ އަތުގަ ނުޖެހި ސަލާމަތްވާންޖެހޭނެކަން އިނގެއެވެ.

ދުވަމުން އަހަރެން ފަހަތް ބަލާލީމެވެ. ކަޅުއަނދިރިކަން ފިޔަވާ އެއްވެސް އެއްޗެއް ނުފެނެއެވެ. ފަހަތް ބަލަމުން ދުވަނިކޮށް އެއްޗެއްގަ ޖެހިފަ ވެއްޓުނެވެ. ބޯހިތްލާ ޖެހުނީ ކޯއްޗެއްގަތޯ ބަލާލިއިރު ކުރިމަތީ ހުރީ ކަޅު ހިޔަނިގަނޑެކެވެ. ސޫރައެއް ވަތްކެއްނުވެއެވެ. އަހަރެން ހުރީ ގުޑިލަން ނުކެރިފައެވެ. ކުއްލިއަކަށް އެހިޔަނި ހޭންފެށިއެވެ. އެހުނުމުގެ އަޑު ޖެހުމުން އަހަރެން ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. އަހަންނަށް އެހިނިގަނޑު އިނގެއެވެ. އެހިޔަނި އެއީ ކާކުކަން އަހަންނަށް ކަށަވަރުވެއްޖެއެވެ. އަހަންނަށް ދެންފުނީ އޭނަ އަހަންނާ ދިމާލަށް ގުދުވާތަނެވެ. އަހަރެން މޫނުމަތީ އަތްއަޅާ ވަރަށް ބާރަށް ހަޅޭއްލަވައިގަތީމެވެ.

“ނަތާ، ނަތާ،” އަހަރެން ހަޅޭއްލެވުން ހުއްޓާލާފަ ލޯހުޅުވާލީމެވެ. އަދި ވަށާ ނަޒަރު ހިންގާލީމެވެ. އަހަރެން އިނީ އަހަރެންގެ އެނދުމަތީގައެވެ. އަހަރެންގެ ކަނާތްފަރާތުގައި އަހަރެންގެ ފިރިމީހާ އާމިރު އިނެވެ. އޭނަގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުން ފާޅުވޭވެ ހުއްޓެވެ. އަހަރެން ވާހަކަ ދައްކަން އަނގަހުޅުވާލީމެވެ. އެކަމު އެއްވެސް ބަހެއް ނުނިކުތެވެ. ލޮލުން ކަރުނަ ފައިބާގަތެވެ. ރޮއެ ގަންނަމުން އާމިރު ގައިގަ އަހަރެން ވަރަށް ބާރަށް ބައްދާގަތީމެވެ. އާމިރު ބުނާނެ އެއްޗެއް ނޭންގިފަ އަހަރެން ގައިގަ ފިރުމަން އިނެވެ. އަހަރެން ހިތްފުރެންދެން ރުއިމަށްފަހު އާމިރުއާއި ދުރަށް ޖެހިލީމެވެ. އަދި ކަރުނަ ފޮހެލުމަށްފަހު ފުންނޭވާއެއްލީމެވެ.

“ނަތާ ކިހިނެއްވީ؟” ކަންބޮޑުވެހުރެ އާމިރު އަހާލިއެވެ. އަހަރެން ޖަވާބެއް ނުދީ މަޑުކޮށްލީމެވެ. ހުވަފެނާމެދު ކުޑަކޮށް ވިސްނާލީމެވެ.

“ހުވަފެން” އަހަންނަށް ބުނެވުނީ އެހިސާބަށެވެ. އަނެއްކާވެސް އަރުތެރެ ބެދި ރޮވެން ފެށިއެވެ. އާމިރުއަށް އިތުރަށް ކިޔައިދޭކަށް ނުޖެހުނެވެ. ހުވަފެނޭ ބުނީމަ އެއީ ކޮން ހުވަފެނެއްކަން އާމިރުއަށް ރަނގަޅަށް އިނގެއެވެ. އޭނަ އިތުރު އެއްވެސް ސުވާލެއް ނުކޮށް އަހަރެން ގައިގާ ބައްދާލައިގެން ހުއްޓެވެ. އަހަރެން ހަމައަކަށް އެޅުނީ ފަތިސް ނަމާދަށް ބަންގިވެސް ގޮވި ފަހުންނެވެ. އާމިރު ވުޟޫކޮށްލައިގެން މިސްކިތަށް ދިއުމުން އަހަރެން ވެސް ނަމާދަށް އަރަން އަވަސްވެގަތީމެވެ. ނަމާދުކޮށްނިމިގެން ދުޢާ ކުރަން އަތްހިއްލާލި ވަގުތު އެރޭ ފެނުނު ހުވަފެން އަނެއްކާވެސް ސިފަވިއެވެ. އެކަމު އެހުވަފެނުގައި ފެނުނު ކަޅު ހިޔަނިގަނޑުގެ ބަދަލުގައި އަހަންނަށް މީހެއްގެ ސޫރަ ފެނުނެވެ. މިދުނިޔެމަތިން އަހަރެން އެންމެ ނަފްރަތުކުރި މީހާއެވެ. ލޯމަރާލާފައި އަހަރެން ދުޢާ ކުރީމެވެ. ނުބައިނުލަފާ މީހުންގެ ކިބައިން އަހަރެންނާއި އަހަރެންގެ އާއިލާ ސަލާމަތްކުރުމަށެވެ. އަދި އަހަރެންނަށް ކުރިމަތިވާ އިމްތިހާނުތަކަށް ކެތްތެރިކަން ދެއްވުމަށެވެ.

ދުޢާ ކުރަން އަހަންނަށް އިނދެވުނީ ކިހާއިރެއް ވަންދެންކަންވެސް ނޭންގުނެވެ. އަހަންނަށް ހޭވެރިކަންވީ އަހަރެންގެ ކޮނޑުގަ މީހަކު އަތްބާއްވާލީމައެވެ. ސިހިފަ އަހަރެން ފަހަތް ބަލާލިއިރު އަހަރެންގެ ދަރިފުޅު ޝާޔާ ހުއްޓެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.

“މަންމަ ކޮޓަރި ހުރަސްކުރިވަގުތު މަންމަ ގިސްލާއަޑު އިވުނީމަ އަހަރެން މިވަނީ. ކިހިނެއްވީ މަންމާ؟” ޝާޔާ ސުވާލުކޮށްލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ހީލީމެވެ. އަދި ކަރުނަތައް ފޮހެލާފައި ކޮޅަށްތެދުވީމެވެ.

“ކަމެއް ނުވޭ ދަރިފުޅާ”، އަހަރެން ބުނެލީމެވެ. “ދުޢާ ކުރާއިރު ބައެއް ފަހަރު ރޮވޭގޮތްވާނެ. އެއީ ﷲ އާއި ކުއްތަންކުރެވޭތީ”

ޝާޔާ މޫނުމަތިން ހާސްކަންފިލާ ތުންފަތަށް ހިނިތުންވުންވެރިވިއެވެ.

“މަންމަ ދޯ،” ހެމުން ހެމުން ޝާޔާ ބުނެލިއެވެ. “އަހަރެން ހީކުރީ ބޮޑުކަމެއްދިމާވީކަމަށް. މަ މިދަނީ ސައި ހަދަން އިނގޭ. ބައްޕަ އަންނާނެއެއްނު އިރުކޮޅަކުން”

އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. ޝާޔާ ދިއުމުން އަހަރެން އެނދުމަތީ އިށީނދެލީމެވެ. އެހުވަފެން އަހަރެންގެ ހިތުތެރޭގައި އެނބުރި އެނބުރި ހުއްޓެވެ. މިހާދުވަސްކޮށްފަ އެހުވަފެން ފެންނަންވީ ކީއްވެ ކަމެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެންގެ ހަޔާތް ބަދުލުވި ހާދިސާ ހިނގިފަހުން މިހާރު ވިހި އަހަރުވެއްޖެއެވެ. ކުރީކޮޅު ދަތިތަކާ ކުރިމަތިލާން ޖެހުނުކަމުގައިވިޔަސް މިހާރު އަހަރެން މިއަންނަނީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންނެވެ. އަހަރެންގެ ދަރިފުޅާއި ފިރިމީހާގެ ފަރާތުން އިންތިހާއަށް ލޯތްބާއި އޯގާތެރިކަން ލިބެއެވެ.

އަހަރެންގެ ހިޔާލުތަކުން ދުރަށްދެވުނީ ޝާޔާ ދޮރުހުހުޅުވާލި އަޑަށެވެ.

“މަންމާ، މީހަކު އެބަހުރި ހޯދަން އައިސް” އަހަރެން ހައިރާން ކަމާއި އެކު ގަޑިއަށް ބަލާލީމެވެ. އަދި ކިރިޔާ ހެނދު ހައެއް ޖެހީ އެވެ. މިހާ ހެނދުނާ އަހަރެން ހޯދަން އެއައީ ކާކުބާއެވެ.

“ކާކު؟” އަހަރެން ސުވާލުކޮށްލީމެވެ.

“ނޭންގެ މަންމާ،” ނިންމައްޗަށް ރޫއަރުވާލަމުން ޝާޔާ ބުންޏެވެ. “ފިރިހެނެއް. މޫނުމަތިން ކުޑަކޮށް ހާސްވެފަ ހުރިހެން ހީވޭ. ގައިމުވެސް މިރަށުމީހެއް ނޫން އެއީ. އޭނަ އުނދޯލިގޭގަ ބައިންދާފަ މަމިއައީ” އަހަރެން ކުޑަކޮށް ހިތްނުތަވަސްވިއެވެ. އާމިރުވެސް ގޭގަ ނެތްވަގުތެއްގަ ނުދަންނަ ފިރިހެނަކު ގެއަށް އައިމަ އޭނައާއި ބައްދަލުކުރަން ކުޑަކޮށް ޖެހިލުންވިއެވެ. އެކަމުވެސް އެއީ ކާކުތޯ ބަލާލާހިތުން އަހަރެން ބުރުގާ އަޅައިގެން ޝާޔާއާއި އެކީ ކޮޓަރިން ނިކުތީމެވެ. ސިޓިން ރޫމް ދޮރުމަތިން ބޭރުބަލާލިއިރު އުނދޯލިގޭގައި އިން މީހާ އަހަންނަށް ރީއްޗަށް ފެނެއެވެ. އޭނަ އިނީ އަހަންނަށް ފުރަގަސްދީގެން ކަމުން އޭނައަށް އަހަރެންނެއް ނުފެނެއެވެ. އަހަންނަށް ހިތްހަމަޖެހުން ލިބުނީ އޭނަގެ ކުރިމައްޗަށް އާމިރު އިންތަން ފެނުމުންނެވެ. އާމިރު ހުރީ އެމީހާ ދައްކާ ވާހަކަ އަޑުއަހާށެވެ.

އަހަރެން އުނދޯލިގެއާ ދިމާލަށް އަންނަތަން ފެނުމުން އާމިރު އެމީހާ ކައިރީ އެއްޗެކޭ ބުނެލިއެވެ. އެމީހާ އަހަރެންނާ ދިމާލަށް އެނބުރިލާ އަހަރެންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދަމާލިކަހަލައެވެ. ވިންދު ޖަހަމުން އައި ހިތް އެއްވިންދު ދޫކޮށްލިކަހަލައެވެ. ނޭވޭ ހޮޅިއަށް އެޅެމުން އައި ނޭވާ ހުއްޓުނުހެންހީވިއެވެ. އަހަރެންގެ ލޯމައްޗަށް އަނދިރިވެ ތިރިއަށް ވެއްޓޭހެން އަހަންނަށް ހީވިއެވެ. ކަޅުއަނދިރިކަން ވަށާލުމުގެ ކުރިން އެންމެ ފަހުއެއްޗަކަށް އަހަންނަށް ފެނުނީ އެމީހާ އަހަންނާ ދިމާލަށް ދުވެފަ އަންނަތަނެވެ. (ނުނިމޭ)

Share Article

Follow Me Written By

Luna

Level 1

Other Articles

Previous

ނޭދެން ވަކިވާކަށް 18 ވަނަ ބައި

Next

ޒާޔާ – 2 (ހަވަނަ ބައި)

Next
June 18, 2026

ޒާޔާ – 2 (ހަވަނަ ބައި)

Previews
June 18, 2026

ނޭދެން ވަކިވާކަށް 18 ވަނަ ބައި

2 Comments!

  1. Exxo says:
    June 18, 2026 at 3:41 pm

    Nice

  2. Shimaan says:
    June 18, 2026 at 4:06 pm

    This is a very nice story 👏 I like it

Comments are closed.



All Right Reserved!