Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ރަހުމްކުރާށެވެ – 2

Luna Level 1
June 21, 2026 3 Mins Read
0 Comments

ފުންމައިގެން އަހަރެން ތެދުވީމެވެ. މައިނޭވާލަމުން އަހަރެން ވަށައިގެން ބަލާލީމެވެ. އަހަރެން އިނީ ހޮސްޕިޓަލް އެނދެއްގައެވެ. ޕްރައިވެޓް ރޫމްއެއްގައެވެ. ކައިރި އިން ގޮނޑީގަ ޝާޔާ ނިދިފަ އިނެވެ. އަތަށް ބަލާލިއިރު އައިވީ ގުޅާފަ އޮތެވެ.

“ޝާޔާ،” އަހަރެން މަޑުމަޑުން ގޮވާލީމެވެ. ކަރުތެރެވަނީ އެއްކޮށް ހިކިފައިކަމުން ރަނގަޅަށް އަޑެއް ބޭރެއް ނުވިއެވެ. އެކަމު ޝާޔާއަށް އަހަރެންގެ އަޑުއިވުނެވެ. އޭނާ ތެދުވެ އަހަރެން ކައިރިއަށް ވަގުތުން އައެވެ.

“މަންމަ އޯކޭތަ؟ ކިހިނެއް ހަދައިދޭންވީ؟” އޭނާ އަހާލިއެވެ. އަހަރެން ފެންބޭނުންވާ ވާހަކަ ބުނުމުން ކައިރި ކަބަޑުމަތީގައި އިން ޖަގުން ފެންތައްޓެއް އަޅާފައި އަހަންނަށް ބޯންދިނެވެ.

“ކޮބާ ބައްޕަ؟ ކިހާއިރެއްވެއްޖެ މަންމަ މިތާ އޮންނަތާ؟” އަހަރެން ފުލުފުލުގައި ސުވާލުކޮށްލީމެވެ. ޝާޔާ ފެންތަށި ބަހައްޓާފައި ވަރަށް ފުންނަޒަރަކުން އަހަންނާ ދިމާއަށް ބަލާލިއެވެ.

“ބައްޕަ ދިޔައީ ނަމާދަށް. މަންމަ ހޭއެރީމަ ގުޅާށޭ ބުނެފަ ދިޔައީ. މިހާރު އިރުއޮއްސުނީ” ފާރުގަ އިން ގަޑިއަށް ބަލާލަމުން ޝާޔާ ބުނެލިއެވެ. އަހަރެން އެއްޗެއް ނުބުނެ އަނެއްކާވެސް އޮށޯވެލީމެވެ. މިއަދު ހެނދުނު ހިނގި ކަންތައް އަހަރެން ލޯކުރިމައްޗަށް ސިފަވާން ފެށުމުން އަނެއްކާވެސް ތެދެވީމެވެ.

“މަންމަ ހޯދަން އައި މީހާ ކޮބާ؟” ބިރުންހުރެ އަހަރެން އަހާލީމެވެ. ޝާޔާ އެއްވެސް ޖަވާބެއް ނުދީ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހީވަނީ ޖަވާބު ދޭނެގޮތަކާއި ދޭތެރޭ ވިސްނަނީހެންނެވެ.

“އޭނައާއި ބައްޕަ އައީ މަންމަ ގޮވައިގެން ހޮސްޕިޓަލްއަށް. މަންމަ ވެއްޓެމުން ދިޔަ ގަޑީގަ އޭނަ ގޮސް މަންމަ ހިފެހެއްޓީ. އޭނަ އެހެން ނެހެދިނަމަ، މަންމަ އަށް ވަރަށް ބޮޑު އަނިޔާތައް ލިބުނީސް.”

ބުނާނެ އެއްޗެއް ނޭންގިފަ އަހަރެން އިނީމެވެ. އަހަރެންގެ ގައިގަ އޭނަ އަތްލިވާހަކަ ބުނުމުން ނަޖިސް އެއްޗެއް އަހަރެންގައިގަ ޖެހުނީއޭ އަހަނަށް ހީވިއެވެ.

“މަންމާ އެއީ ކާކުތަ؟” ޝާޔާ އަށް ނުހުރެވިގެން ސުވާލު ކުރިއެވެ. އަހަންނަށް އެއްޗެކޭ ނުބުނެވީސް، ކޮޓަރި ދޮރުހުޅުވާލުމަށްފަހު އާމިރު އެތެރެއަށް ވަނެވެ. އާމިރުގެ ފަހަތުން މީހަކު ވަދޭތޯ އަހަންނަށް ބަލަހައްޓައިގެން ހުރެވުނެވެ. އާމިރު ވަދެފަ ދޮރު ތަޅުލުމުން އަހަރެންގެ ހިތަށް ހިތްހަމަޖެހުން ލިބުނެވެ.

“މިހާރު ކިހިނެއް؟” އެނދުގަ އިށީންނަމުން އާމިރު އަހާލިއެވެ. ރަނގަޅުކަމަށް ބުނެ އަހަރެން އެނދުގަ އޮށޯތީމެވެ. އާމިރު އަހަންނަށް ބަލަން ހުރެފަ ޝާޔާ އާއި ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅު ދެން ދޭ ގެއަށް. މަންމަގެ އައިވީ ފުޅި ހުސްވީމަ ދޫކޮށްލާވާހަކަ ބުނެފަ ޑޮކްޓަރ އޮތީ. ބައްޕަ ދާނަން މަންމަ ގޮވައިގެން. ދަރިފުޅު ގެއަށް ގޮސް މަންމަ އަށް ކާއެއްޗެއް ތައްޔާރު ކޮށްލަދީ.” އާމިރު ބުނި ބަހަށް އާއެކޭ ބުނަމުން ޝާޔާ ދާން ތެދުވިއެވެ. އަދި އަހަރެން ގައިގަ ބައްދާލާފައި ނިކުމެގެން ދިޔައެވެ. ޝާޔާ ދިއުމުން އާމިރު އަނެއްކާވެސް ދޮރު ތަޅުލާފަ އައިސް އަހަރެން ކައިރީ އިށީނެވެ. އަނގައިން ނުބުނެ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“އެއީ-”

“ފައިޒާން” އާމިރު ކުރަން އުޅުނު ސުވާލު މެދުކަނޑާލާފައި އަހަރެން ޖަވާބު ދިނީމެވެ. އާމިރުގެ މޫނުމަތިން ކުލަވަރުބަދަލުވެގެން ދިޔައެވެ. އޭނަގެ ޝައްކު ޔަގީނަށް ބަދަލުވުމުން ރުޅިގަދަވިއެވެ. އަދި އެނދުމަތިން ފުންމައިގެން ތެދުވިއެވެ.

“އޭނަގެ ހުރި ގޮތްކުޑަކަން ނިކަންބަލާބަލަ. އަހަރެން ހިއެއް ނުކުރަން އޭނަ އަށް ނަތާޝާ ކުރިމައްޗަށް އަންނަން ކެރޭނެ ކަމަކަށްވެސް. ލަދެއްވެސް ނުގަނޭދޯ އޭނަ އަހަރުމެން ގެއަށްވަންނަން.”

އަހަރެން އަނގައިން ނުބުނެ އިނީމެވެ. އާމިރުއަށް އެއީ ފައިޒާންކަން އިނގުނީމަ ވާނީމިހެންކަން އަހަންނަށް އިނގެއެވެ. އޭނަގެ އެއިހްސާސްތައްވެސް ހައްޤެވެ. އަހަރެން މަޑުން އިނީމަ އާމިރުގެ ރުޅި ކޮންޓްރޯލް ކުރިއެވެ. އަދި އަނެއްކާވެސް އައިސް އަހަރެން ކައިރީ އިށީންދެލިއެވެ.

“ނަތާ ހާސް ނުވޭ. ބިރު ނުގަނޭ. އަހަރެން މިހިރީ ނަތާއާއި އެކު. އޭނައަށް އެއްވެސް ކަމެއް ނަތާއަކަށް ނުކުރެވޭނެ. ނަތާއާއި ހަމަޔަށް އައުމުގެ ކުރިން އޭނަ ޖެހޭނީ ފުރަތަމަ އަހަންނާ ކުރިމަތިލާން.”

ފެންކަޅިވެއިނދެ އަހަރެން އާމިރުއާއި ދިމާއަށް ބަލަހައްޓައިގެން އިނީމެވެ. އޭނާގެ ހިތްހެޔޮކަމާއި އޯގާތެރިކަމަށް އަހަރެން އަބަދުވެސް ﷲއަށް ހަމްދުކުރަމެވެ. އަހަރެން އެންމެ ހާލުގަ ޖެހުނު ދުވަހު އަހަރެންގެ މާޒީ އަށް ނުބަލާ އޭނަގެ ހައްޤަކަށް އަހަރެން ހެދިއެވެ. ދުވަހަކުވެސް އުނިނުވާވަރަށް އަހަންނަށް ލޯބިދިނެވެ.

“ނަތާ؟” އަހަރެން އެއްޗެއް ނުބުނެ ގިނައިރުވުމުން ކަންބޮޑުވެގެން އާމިރު ގޮވާލިއެވެ. ހިނިތުންވެލާފައި އަހަރެން އާމިރުގައިގާ ބައްދާލީމެވެ.

“އަހަރެން ބޭނުން އޭނަޔާ ކުރިމަތިލާން.” އަހަރެން ބުނި ޖުމްލައިން އާމިރަށް ސިހުން ލިބުނެވެ. އަދި އަހަރެން ދުރުކޮށްލާފައި މޫނަށް ބަލާލިއެވެ.

“އަހަރެން ބޭނުމެއް ނޫން މިގޮތަށް ބިރުން އުޅޭކަށް. މިއަދު މިހެންމިވީ އޭނަ ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް އައުމުން ލިބުނު ޝޮކަކުން. ވިހި އަހަރަށް ފަހު އަދިކިރިޔާ އޭނަގެ ހަބަރެއް އެވީ.” ލޯފޮހެލަމުން އަހަރެން ބުނީމެވެ. “އަހަންނަށް ރޭގަ ފެނުނު ހުވަފެނަކީ މިކަމާ ގުޅުން ހުރި ކަމަކަށްވެސް ވެދާނެ. އެއީ އަހަންނަށް އައި އިންޒާރެއްކަމަށްވެސް ވެދާނެ.”

އާމިރު ވާހަކަ ދައްކަން އަނގަހުޅުވާލި ވަގުތު ދޮރުގަ މީހަކު ޓަކި ދިނެވެ. އާމިރު ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. އަހަރެންގެ ދެލޯ ބޮޑިވިއެވެ. އާމިރުއާއި އެކު ކޮޓަރިއަށް ވަދެގެން އެއަންނަނީ އަހަރެން ކުރިމައްޗަށް ދުވަހަކުވެސް ނާންނަން ހުވާކޮށްގެން ހުރިމީހާއެވެ. ކަޅުހައުސްކޯޓެއް ލާފައި ބޮޑުބުރުގާ އަޅާފައި ހުރި އެއަންހެން މީހާ އިސްދަށަށް ޖަހައިގެން ހުރެ އަހަންނާ ދިމާލަށް އައެވެ. އަހަރެންގެ އެނދުކައިރީ މަޑުކޮށްލުމަށްފަހު އަހަރެންގެ މޫނަށް އޭނަ ބަލާލިއެވެ.

“ނަތާ،” މަޑުމަޑުން އޭނަ ގޮވާލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭންގުނެވެ. ގަބުކައިފަ އިނދެވުނީއެވެ. އެމޫނުމަތިން ކުރިން ހުރި އުޖާލާކަމެއް ނެތެވެ. އަހަންނާއި ދިމާލަށް ބަލާލާއިރު އެމޫނުމައްޗަށް އަންނަ ރުޅިވެރިކަމާއި ނަފްރަތުގެ އަސަރެއްވެސް ނެތެވެ. އޭގެ ބަދަލުގައި އެމޫނުމަތީ ވަނީ މާޔޫސްކަމާއި މަޑުމޮޅިކަމެވެ.

“ދޮންތާ،” އަހަރެންގެ ދުލުން އެލަފްޒު ބޭރުވީ ކިހިނެއްކަމެއް ނޭންގެއެވެ. އެކަމު އެލަފްޒު ބޭރުވުމާއިއިކު ދޮންތަ އަހަރެންގައިގަ ބައްދައިގަންފަ ރޯންފެށިއެވެ. އަހަރެން އާމިރު އާއި ދިމާލަށް ބަލައިލީމެވެ. އޭނަވެސް ހުރީ ހައިރާންވެފައެވެ. (ނުނިމޭ)

Share Article

Follow Me Written By

Luna

Level 1

Other Articles

Previous

ތިޔަ ނަން މި ހިތުގާ 25

Previews
June 21, 2026

ތިޔަ ނަން މި ހިތުގާ 25



All Right Reserved!