ސިއްރު ކައިވެނި – 4
މަލްޝާއަށް ލިބުނު ކުއްލި ސިހުމުގެ ސަބަބުން ޒަޔާންގެ ތުންފަތުގައި ބާރަށް ދަތް އެޅިއެވެ. “ތިގޮތަށް ޝުކުރު އަދާ ކުރާނަމަ އެހެން މީހެއްގެ ފަހަތުން އުޅޭ.” މަލްޝާ ހިތްހަމަނުޖެހިފައި ބުންޏެވެ. ޒަޔާން ތުންފަތުގައި އިނގިލި ކާއްތަމުން ބޭއިޚްތިޔާރުގައި އާހ އޭ ބުނެވުނެވެ. “ފިރިމީހާ ލޯބިން އުޅޭތީވެ، ބަދަލު ދޭގޮތަކީ ތިއީތަ؟” ޒަޔާން މަލްޝާއަށް ބަލައިލަމުން ބުންޏެވެ. ޒަޔާންބުނި ބަސް އަޑުއިވި މަލްޝާގެ އަތުން ދޮންނަންނެގި ތަށި ވެއްޓުނެވެ. “ފިރިމީހާއޭ؟” މަލްޝާ ސުވާލުވެރި މޫނަކާއެކު ޒަޔާންއާ ދިމާއަށް ބަލައިލިއެވެ. “އަދި ނޭނގޭތަ؟ ކަލޭގެ ބައްޕަ މަރުވުމުގެ ކުރިން ވަލީ ދީފި. މިހާރު ކައިވެނި ސެޓިފިކެޓު ތައްޔާރުކޮށްގެން އުޅޭތާ މަހެއްވެއްޖެ.” ޒަޔާން އޭނާގެ ފޯނު ހާވާލުމަށްފަހު ސެޓިފިކެޓު ދައްކާލަމުން ބުންޏެވެ. މަލްޝާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “ތިހަދަނީ ދޮގެއް. ހަސަނުބެ ގާތު އަހަރެން މިރޭ އަހާނަން މިއީ ކިހިނެތް ހިނގާދިޔަ ކަމެއްތޯ!!” މަލްޝާ ރާވަމުން ދިޔައެވެ. “ބައްޕައަށް ގުޅާލަފާނަން، މިހާރުވެސް.” ޒަޔާން ފޯނުން އޭނާގެ ބައްޕައަށް ގުޅިއެވެ. އިރުކޮޅެއްފަހުން ހަސަނު ފޯނު ނެގިއެވެ. “ކީކޭ ދަރިފުޅާ.” ހަސަނު ވާހަކަ ދެއްކިއެވެ. “އަހަރެން މަލްޝާ ކިޔާ ކުއްޖަކާ ކައިވެނި ކުރުވީ ޚުދު ބައްޕައެއްނު.” ޒަޔާން ބުންޏެވެ. “ލައްބަ މަލްޝާގެ ބައްޕަ މަރުވުމުގެ ކުރިން އޭނާ ވަލީ ދީފި. އެހެންވެ ދަރިފުޅު ކައިވެނިކުރުވީ. މިގަޑީ ވަރަށް ބުރަކޮށް މި އުޅެނީ. އިހަށް ބާއްވަނީ.” ހަސަނު ޖަވާބުދިނެވެ.
މަލްޝާ ހުރިތަނަށް ދެކަކޫ ޖަހާ ތިރިވިއެވެ. “ނޫން މިއީ ހުވަފެނެއް. މިއީ އަސްލެއް ނޫން. އަހަރެންގެ ބައްޕަ އަހަރެން ކައިވެންޏެއް ނުކުރުވާނެ. ނޫން.” މަލްޝާއަށް ގަބޫލު ނުކުރެވިގެން ހިތްދަތިވިއެވެ. މިފަހަކަށް އައިސް އޭނާގެ ހަޔާތަށް އައި ބަދަލުތަކަށް ވިސްނި ރޮވެން ފެށިއެވެ. މަލްޝާއަށް އަސަރުކުރީ ހަމަ އެހާ ބޮޑަށެވެ. ޒަޔާން ފޯނު ޖީބަށްލުމަށްފަހު، ތިރިވިއެވެ. އަދި މަލްޝާ އޭނާގެ މޭމައްޗާ ކައިރި ކުރުވިއެވެ. މަލްޝާ ޒަޔާން ގައިގައި ބޭއިޚްތިޔާރުގައި ބައްދާލިއެވެ. ޒަޔާންގެ ހިތަށްވެސް ކުރުވީ އަސަރެވެ. އޭނާއަށް ހަމްދަރުދީ ވެވުނެވެ. މަލްޝާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. މަލްޝާ ހަމައަކަށް އެެޅުމަށްފަހު މަސައްކަތަށް އެނބުރި ދިޔައެވެ. “އަހަރެމެން ކައިވެނިކުރިކަން އެކަކު ކައިރީވެސް ނުބުނާތި.” މަލްޝާ ނޯކަރުންގެ ވާހަކަތައް ހަނދާންވެ ބުންޏެވެ. އިޝާ ނަމާދަށް ގަމަތް ދޭއަޑު އިވުނުހެން ޒަޔާން ބަދިގެއިން ނުކުތެވެ. ސިންކުން ތަށި ދޮންނަން ހުރެވެސް މަލްޝާއަށް ރޮވެނީއެވެ. ކަރުނަތައް ފައިބައިގެން ކޯތާފަތްމަތިން ހުރަސްކޮށް ފައިބަމުން ދިޔައެވެ.
އިރުކޮޅަކުން ބަދިގެތެރެ އަޑުގަދަވާން ފެށިއެވެ. ނޯކަރުންވަދެ ކާމޭޒު ތައްޔާރުކުރުމަށް އެއްޗެހި ހިފައިގެން ދިޔައެވެ. މަލްޝާހުރީ ސިންކުކައިރީ ގަބުވެފައެވެ. ރިހިނާ މަލްޝާއާ ކައިރިވެ ސުވާލުކުރިއެވެ. “ކީއްވެފައި ތިހުރީ؟” މަލްޝާ ޖޯޑެއްގައި ސައިބޯނިލަމުން ބުންޏެވެ. “ކަމެއް ނުވޭ. އެހަށް އެކަނިވެލަން ބޭނުންވަނީ.” އެހެން ބުނުމާއެކު، ރިހިނާ އަޅައިނުލާ ކާމޭޒާ ދިމާއަށް ދިޔައެވެ. މަލްޝާ ހުރިހާ ތަކެއްޗެއް ދޮވުމަށްފަހު، ގޭގެ ފަހަތުދޮރުން ނިކުތެވެ. އަދި މަޑު ހިނގުމެއްގައި ގޭގެ ބޭރުގައި އެލުވާފައިވާ އުނދޯއްޔަކަށް ދިޔައެވެ. އުނދޯލީގައި އިށީނުމަށްފަހު، މަލްޝާ ގުޑައިވެސްނުލައި އިނެވެ. އޭނާއަށް ވަމުންދިޔަ އުނދަގޫތައް ބުނެދޭކަށް ނޭނގެއެވެ. އަމިއްލައަށް އިނދެ ކަރުނައަކަށްފަހު ކަރުނައެއް އޮހެމުން ދިޔައެވެ. ރޭގަނޑުގެ ކެއުން ނިންމުމަށްފަހު، ބޭރަށް ނުކުން ޒަޔާން މަލްޝާ ހޯދަން ފެށިއެވެ. ބަދިގެ ބެލުމަށްފަހު، ބޭރަށް ނުކުތެވެ.
އުނދޯލީގައި އިށީންދެއިން މަލްޝާ ފެނުމުން ދުވެފައި އެތަނަށް ދިޔައެވެ. “އެކަނި މިތާ ކީތްކުރަނީ؟” ޒަޔާން ސުވާލުކޮށްލިއެވެ. “މަށާ ދުރަށްދޭ. މީހަކަށް ފެނިދާނެ!” މަލްޝާ ގިސްޖަހަމުން ބުންޏެވެ. “މިތާކުން ނުފެންނާނެ.” ޒަޔާން އެހެން ބުނުމަށްފަހު މަލްޝާ ކައިރީ އިށީނެވެ. ތުރުތުރު އަޅަމުންދިޔަ މަލްޝާގެ ގައިގަ ބައްދާލިއެވެ. އަދި ރުޔުން ހުއްޓާލުމަށް ބުންޏެވެ. މަލްޝާ ވަރުބަލިކަން އިހުސާސްކުރެވި، ޒަޔާންގެ ގައިގަ ލެނގިގެން އިނެވެ. އިރުކޮޅަކުން މަލްޝާގެ ދެ ލޯ ބަރުވަމުން ދިޔައެވެ. މަލްޝާގެ ގައިން ވާގި ދޫވިހެން ޒަޔާން ހާސްވިއެވެ. ނަމަވެސް ނޭވާލާކަން ޔަގީންކުރުމަށްފަހު، ޒަޔާން މަލްޝާ އުރާލައިގެން ގޭތެރެއަށްވަނެވެ. ޒަޔާންގެ ކޮޓަރިއަށްވަދެ މަލްޝާ އެނދުގައި ބޭއްވިއެވެ. އަދި ބޮލުގައި ހުރި ދަތިތައް ނެއްޓުމަށްފަހު، މޭޒުގައި ބެހެއްޓިއެވެ. ޒަޔާންވެސް އާފުރިލަމުން އެނދުގެ އަނެއް ފަޅީގައި އޮށޯތެވެ.
މަލްޝާއަށް ކުއްލިއަކަށް ހޭލެވުނެވެ. އޭނާއަށް އޮވެވުނީ ތަފާތު ތަނެއްގައެވެ. އޭނާއަށް މީހަކު ނޭވާލާއަޑު އިވޭތީވެ ބަލައިލިއެވެ. މަލްޝާ އަނގަމަތީ އަތް އެޅިއެވެ. ޒަޔާން އޮތީ އޭނާގެ ކައިރީ ނިދާފައެވެ. އޭނާ އަވަހަށް ޒަޔާންގެ އެނދުން ތެދުވެ، ބޭރު ބަލައިލިއެވެ. އަދިވެސް އަނދިރިކަން ހުރުމުން ޒަޔާންގެ ކޮޓަރިން ބޭރަށް ނިކުތެވެ. މަޑުމަޑުން ރިހިނާމެން އުޅޭ ކޮޓަރިއަށް އެނބުރި ދިޔައެވެ. ނަސީބަކަށްވީ އެއީ ދަންވަރުގެ ގަޑިއަކަށްވުމެވެ. އަޑެއްވެސް ނީއްވާ މަލްޝާގެ އެނދުގައި އޮށޯތެވެ. ފާރުގައި އަޅުވާފައިވާ ގަޑިއަށް ބަލައިލީ ދެނެވެ. އޭރު ހަތަރުގަޑި ބައިވަނީއެވެ. މަލްޝާ އަވަހަށް ތެދުވެ، ތާޒާވެލައިގެން ދުވަހަށް ތައްޔާރުވިއެވެ. ފާހާނާގެ ދޮރު ހުޅުވާލިހެން ރިހިނާ ލޯ އުނގުޅަމުން ވަނެވެ. މަލްޝާ ބަދިގެއަށް ގޮސް ސަޔާއި ގަހުވަ ތައްޔާރުކުރަންފެށިއެވެ. އާދައިގެ މަތިން ހޫނުފެނަށް ސައިފަތް އުރަ ލައިފައި ބެހެއްޓުމަށްފަހު ގަހުވަ ގިރަން ދިޔައެވެ.
ސޯނާގަޑީގެ އަޑަށް ޒަޔާންއަށް ހޭލެވުނެވެ. ފުރަތަމަވެސް މަލްޝާ އޮންނާނެކަމަށް އެ ދިމާއަށް ބަލައިލިއެވެ. ނަމަވެސް މަލްޝާ ފެންނަން ނެތުމުން އަވަހަށް ތެދުވެ ތާޒާވެލައިގެން، ފަތިސް ނަމާދަށް ދާން ތައްޔާރުވިއެވެ. ކޮޓަރިން ބޭރަށް ދިޔަހެން މަލްޝާ ކާމޭޒު ކައިރީ އުޅޭތަންފެނި އެތަނަށް ގާތްވިއެވެ. “ކޮބާ ރޭގައި އަރާމުކޮށް ނިދުނުތަ؟” ޒަޔާން ސުވާލުކޮށްލިއެވެ. “އަހަރެން ހިއެއް ނުކުރަން ތިހާ ހަޔާތް ކުޑަވާނެކަމަކަށް. އަހަރެން ކަލެއަކާ ކައިވެންޏެއް ނުކުރަން. އަހަރެން މިގޭގައި މިހުރީކީ ކަލެއަކަށް ނޫން. އަހަރެންގެ ބައްޕަގެ ވައުދަކާހުރެ.” މަލްޝާ އަދިވެސްހުރީ ޒަޔާން ރޭގައި ދެއްކި ވާހަކަތައް ގަބޫލު ނުކުރާށެވެ. “ތިއީ މަގޭ އަނބިމީހާ. މަށާއެކު ނިދުމަކީ ހަޔާތްކުޑަ ކަމެއްތަ؟” ޒަޔާން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އިތުރަށް އެއްޗެކޭ ނުބުނެ މިސްކިތަށް ދިޔައެވެ.
ރިހިނާ ބަދިގެއިން ނިކުމެ މަލްޝާއާ ދިމާއަށް ބުންޏެވެ. “ޒަޔާންއާ ހާދަ ގާތްކޮށް ތިއުޅެނީ!” ރިހިނާ ބުންޏެވެ. “އެއީ އަހަރެންގެ މައްސަލައެއް ނޫން. އޭނާ އަހަރެންގެ ކައިރިއަށް އައިސް އުޅުނަސް އަހަންނަށް ކީތް؟” މަލްޝާ ބުންޏެވެ. “ރޭގައި ކޮންތާކު އުޅުނީ؟” ރިހިނާ ސުވާލު ކުރިއެވެ. “އުނދޯލީގައި އިނީ.” މަލްޝާ ކުރު ޖަވާބެއް ދިނެވެ. ފަތިސް ނަމާދުކޮށް ނިމެން ވާއިރަށް ކާމޭޒު ރަވާލިއެވެ. މަޑުމަޑުން މީހުންތައް ސައިބޯން އަންނަން ފެށިއެވެ. ރިހިނާ، މަލްޝާ އަދި ފައިޒާއާ ތިން މީހުންވެގެން ގޭދޮށް ކުނިކަހަން ދިޔައެވެ. ކުނިކަހާ ނިމުނުހެން، މަލްޝާ އެހެން މަސައްކަތަކަށް އެނބުރުނެވެ. ހެނދުނުގެ ސަޔަށް ފަތްމަސްހުނި މޮޑެން ފިޔާކޮށަން ގޭން ބޭރުގައިވާ ޖޯއްޔައް ނިކުތެވެ. މިފަދަ ވަގުތުކޮޅަކަށް ބަލަބަލާހުރި ޒަޔާން މަލްޝާއާ ދިމާއަށް ދިޔައެވެ. “ބޭސް ކަންތަ އެބަ؟ އަދިވެސް ރޯގާގަނޑު ނުފިލާ ދޯ؟” ޒަޔާން ވާހަކަ ދައްކަން ފެށިއެވެ. “ކަލެއާ ކޮން ބެހޭކަމެއްތަ؟ އަހަރެން ބަލިވެ، މަރުވިޔަސް ހެވެއްނު!” މަލްޝާ އަދިވެސް ހަމަޔަކަށް ނޭޅެއެވެ. “ކަލޭ ރޭގައި އަހަރެންގެ ބާރު ދަށްވެފައި ވަނިކޮށް ފައިދާ ނެގީ! އެއީ މަގޭ މައްސަލައެއް ނޫން.” މަލްޝާ ބުންޏެވެ. “ފައިދާ ނެގީއޭ؟ ބަލަ އަހަރެން މިއީ ކަލޭގެ ފިރިމީހާއޭ. އަހަންނަށް ހުއްދަވާނެ ކަންކަން އަހަންނަށްވެސް އިނގޭ.” ޒަޔާން ރައްދު ދިނެވެ. “އަހަރެން ވަރިކުރޭ. އަހަރެންނަކީ ކަލެއާ ކުފޫ ހަމަވާ މީހެއް ނޫން.” މަލްޝާ ބުނަމުން ދިޔައެވެ. ޒަޔާން ގޮތް ހުސްވެ، ހިތްހަމަނުޖެހި ދުރަށް ދިޔައެވެ.
ހަސަނު އޮފީހުގައި ހުއްޓާ ޒަޔާން އެ ތަނަށް ދިޔައެވެ. “ކީއްވެތަ އަހަރެން މަލްޝާއާ ކައިވެނިކުރުވީ؟” ފުރަތަމަވެސް ޒަޔާން ކުރީ ސުވާލެވެ. “ދަރިފުޅާ، ކަމެއް ގޯސްވީތަ؟” ހަސަނު މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. “ގޯސްވީހޭ؟ އޭނާ އަހަންނާ ރީތިކޮށް ވާހަކަ ދައްކަނީކީއެއްވެސް ނޫން. ދެންމެވެސް ބުނީ ތިމަންނަ ވަރިކުރާށޯ!” ޒަޔާން މަލްޝާގެ ވާހަކަތައް ކިޔައިދިނެވެ. “ދަރިފުޅާ، އަދި އިހަށް މަޑުކުރޭ! ދުވަސްކޮޅެއް ނަގާނެ މަލްޝާ ހަމަޖެހެން. ބައްޕަ މިއަދު ނަސޭހަތުގެ ބަސްކޮޅެއް މަލްޝާއަށް ދޭނަން.” އެހެން ބުނިހެން ފޯނުން މީހަކު ގުޅައިގެން ޖަވާބު ދޭން ހުއްޓެވެ. ޒަޔާން އެނބުރި ގެއަށް އައެވެ. ކާރުން ފޭބުމަށްފަހު، އޭނާގެ ކޮޓަރިއަށްގޮސް ފާހާނާއަށްވަދެ ފެންވަރާލިއެވެ. އައިސްހުރި ރުޅިއާއި ވެފައިވާ ދެރަތައް އޭނާގެ ގައިން ފުހެވިގެން ދިޔަކަހަލައެވެ. ޒަޔާން ހުދު ކުލައިގެ ގަމީހެއްލައި ކަޅު ޓައީއެއް އެޅިއެވެ. ކަޅު ފަޓުލޫނާއެކު، އެ ފިރިހެންވަންތަ ހަށިގަނޑަށް ފުރިހަމަކަން ގެނެސްދެއެވެ. ވަޒީފާއަށް އޭނާގެ އަމިއްލަ ކުންފުންޏަށް ދިޔައެވެ.
މަލްޝާ އަދިވެސް ހަމައަކަށް ނޭޅެވެއެވެ. އޭނާ ވިސްނަމުން ދިޔައީ އޭނާގެ ކޮއްކޮއާ މެދުއެވެ. ކޮއްކޮއަށް ފަރުވާ ކުރުމަށް ކޮށްދެވޭނެ ކަމެއް މަލްޝާއަކަށް ނުވިސްނުނެވެ. މަލްޝާގެ މަންމަގެ ރުޅިގަނޑުވެސްވީ ހައްތަހާ ގަދައެވެ. ކޮއްކޮއަށް ފަރުވާކޮށްދޭން ހަސްފަތާލުގައި ބާއްވާހާ ދުވަހަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ ބޮޑެވެ. އޭނާގެ އަތަކު މިހާރު ފައިސާއެއް ނެތެވެ. ފައިސާ ލިބޭނެ މަގެއްވެސް ފެންނާކަށް ނެތެވެ. ބައްޕަގެ ދަރަނި އަދާކުރެވެންދެން މިތަނުން ހިރިލެވެންވެސް ނެތެވެ. އޭނާ މިވަނީ އެތައް ގޮތަކުން ޗޭނު އެޅުވިފައެވެ. މަލްޝާއަށް އިނގޭ ކަމަކީ މިތަނުން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރުކޮށް މަސައްކަތް ކޮށްލަކޮށްލާ ހުންނަންޖެހޭކަމެވެ.
“މަލްޝާ! މަލްޝާ!!” ރިހިނާ ގޮވަމުން ދިޔަ އަޑު އިވެއެވެ. އުނދޯލީގައި އިށީނދެ އިން މަލްޝާ ތެދުވެ ރިހިނާއާ ދިމާއަށް ހިނގައިގަތެވެ. “ހަސަނުބެ އެބަ ގޮވާ މަލްޝާއަށް.” ރިހިނާ އާދައިގެ ގޮތަކަށް ބުންޏެވެ. މަލްޝާގެ ހިތް ބިރުން ތުރުތުރުލައިގަތެވެ. އޭނާގެ ގައިން ހީބިހި ނަގައިގަތެވެ. ހުރިތަނުން ގުޑާލެވުނީވެސް އެހާމެ ބާރުންނެވެ. އޭނާގެ ވަގުތު ޖެހުނީއޭ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ މަރަށް އިންތިޒާރުކުރާ ހާލު ހަސަނުބެ ގާތަށް ދިޔައެވެ. އަސުރަށް ބަންގިގޮވުމަކާ ދުރެއް ނުވާނެއެވެ. ހަސަނުބެ އިނީ ބޮޑު ކާ މޭޒުގެ މައި ގޮނޑީގައި އިށީނދެގެންނެވެ. ހަސަނުބެގެ އަތުގައި އެއްކަލަ ކަރުދާސް އޮތްތަންފެނި، މަލްޝާގެ ހިތް އިތުރަށް ބިރުގަތެވެ. ގޮނޑީގައި އިށީނދެ އިން އިރުވެސް ހިތުގެ ވިންދާއެކު، ގޮނޑިއަށް ގުޑުން އަރައިގެން ދެއެވެ.
“ވަރަށް ދުވަސްވެއްޖެ ދޯ މިހާރު މި ގޭގެ މަސައްކަތުގައި އުޅޭތާ؟” ހަސަނު ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ވަރަށް މަޑުން ލައްބައޭ މަލްޝާ ބުންޏެވެ. “މި ވާހަކަ މަލްޝާގާތު ދައްކަން ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެއް. މަލްޝާ ތިއަކީ ވަރަށް ހިތްހެޔޮ ރަނގަޅު ކުއްޖެއް. އެހެންކަމުން އަހަރެންގެ ދަރި ޒަޔާންއާ މިދިޔަމަހު ކައިވެނިކޮށް ސެޓިފިކެޓު ހައްދާފައިވާނެ. ތިޔަ ދެ ކުދިން ހެޔޮގޮތުގައި އުޅުމަށް އެދެން.” ހަސަނުގެ މަލްޝާއަށް ބަލަމުން ބުންޏެވެ. “އަޅުގަނޑަށް ނޭނގި ކައިވެނި ކުރީ ކީއްވެތޯ؟ ވަލީ ހޯދީ ކިހިނަކުން؟” މަލްޝާ ސުވާލު ކުރިއެވެ.
(ނުނިމޭ)


