Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ސިއްރު ކައިވެނި – 2

leafy Level 210 Stories100 Login
June 19, 2026 4 Mins Read
0 Comments

މަލްޝާއަށް ހޭވެރިކަންވީހެން އިވުނު އަޑަކުން އޭނާގެ ހިތަށް ބިރުވެރިކަން ގެނުވިއެވެ. އެއީ އޭނާގެ ބައްޕަގެ އަޑެވެ. ނަމަވެސް ޝަރީފު ހުއްޓާނުލާ މަޢާފަށް އެދެމުން ދިޔައެވެ. ޝަރީފުގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. މަލްޝާ އޮތްތަނުން ތެދުވެ، އިށީނެވެ. އޭނާގެ އަތުގައިވަނީ ބިޑި އަޅުވާފައެވެ. ކައިރީގައިހުރި ހޮޅިއަށް އެ ބިޑިއަށްވަނީ ޗޭނު އަޅުވާފައެވެ. އަލިކަން ފަނޑު ބޮޑު ތަނެކެވެ. މަލްޝާއަށް ދެން ފެނުނީ އޭނާގެ ބައްޕަ ބަނޑާ ދިމާލުގައި އަތް އަޅައިގެން ބިންމަތީގައި އޮއްވައެވެ. ޝަރީފުގެ ބަނޑަށްވަނީ ވަޅި ހަރާފައެވެ. އޭނާގެ މޫނުވަނީ ދުޅަވެފައެވެ. ހަށިގަނޑުގެ ބޮޑުބައެއްވަނީ ލެއިން ފޯވެފައެވެ. ޝަރީފުގެ ކުރިމަތީގައިވަނީ މެދުއުމުރުގެ ފިރިހެނެކެވެ. އޭނާގެ މޫނުގައި ނުލަފާ ހިނިތުންވުމެއް ފާޅުކޮށްފައި ހުއްޓެވެ. ޝަރީފުގެ މިހާރުގެ ފުރާނަ ނެތް ހަށިގަނޑު މަތިން ހުރަސްކޮށް މަލްޝާ ކައިރިއަށް އެ މީހާ އައެވެ. އޭނާ ޗޭނުފަށުން ނައްޓައިގެން ގަދަކަމުން ގެންދިޔައެވެ. “ދެން ކަލޭ!!! ކަލޭގެ ވާޖިބަކީ ހަސަނުގެ ގޭގައި ނޯކިރީކަން ކޮށްދިނުން. އެހެންނޫނީ ކަލޭވެސް އޮންނާނީ ހަމަ އެ ހުކުމް.” އެ މީހާ ޝަރީފުއަށް އިނގިލި ދިއްކުރަމުން ބުންޏެވެ.

މަލްޝާއަށް ބިރުން ހަށިގަނޑު ގުޑުވާލަންވެސް ނުކެރިފައި ހުއްޓެވެ. ނަމަވެސް އޭނާގެ ހިތަށް ކޮންމެވެސް ހަމަޖެހުމެއް ލިބުނެވެ. އެއީ އޭނާއަށް ގަވާއިދުން އަނިޔާކުރި މީހެއްގެ ނިމުން ފެނުނީމައެވެ. އެ މީހާގެ އަމުރުތަކަށް ބޯލަނބަމުން މަލްޝާ ކާރަކަށް އެރިއެވެ. މަލްޝާއަށް ހަނދާން އާވާން ފެށިއެވެ. އެއީ އެ ކަޅު ކާރެވެ. ޝައިރާއާ ދިމާއަށް އައި ކާރެވެ. މަލްޝާ ބިރުން ކެކެން ފެށިއެވެ. ދާ ހިއްލާ ފޯވެ، މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަމަވެސް މިހާރު އޭނާއަށް ގަދަ ދެއްކޭކަށް ނެތެވެ. އެއީ ގަދަ ދައްކައިފިނަމަ އޭނާއަށް އޮތް ހުކުމް އެނގޭތީއެވެ. އިރުކޮޅަކު ދުއްވުމަށްފަހު، ތަނަވަސް ބޮޑު ގެއެއްގެ ދޮށުގައި ކާރު މަޑުކުރިއެވެ. މަލްޝާ ކާރުން ބޭރަށް ކޮށްޕާލުމަށްފަހު، ކަރުދާހެއްވެސް އެއްލާލިއެވެ. މަލްޝާއަށް އެ ކަރުދާހުގައި ލިޔެފައިވާ ލިޔުންކޮޅު ފެނުމާއެކު ހިތް ހުއްޓުނު ކަހަލައެވެ. “ޝަރީފުގެ ދަރަންޏަށް ވާ ފައިސާ ހަމަވަންދެން އޭނާގެ ދަރި މަލްޝާ، ހަސަނުގެ އާއިލާއަށް ނޯކިރީކަން ކޮއްދޭނެކަމަށް ވައުދުވަމެވެ.” އެ ކަރުދާހުގައި ލިޔެވިފައިވެއެވެ. މަލްޝާގެ ލޯ ބޮޑުވެގެން ދިޔައީ އޭގައި ޝަރީފުގެ ލެއިން އިނގިލީގެ ނިޝާން ޖަހާފައިވުމުންނެވެ.

މަލްޝާ މާހައުލަށް ނަޒަރު ހިންގާލީ ދެނެވެ. ބޮޑު ސިޑިބަރިއެއް އޭނާގެ ކުރިމަތީގައިވެއެވެ. “އެއީ ގެއެއް ހެއްޔެވެ؟ އެއީ ބޮޑު ގަނޑުވަރެއް ނޫންބާއެވެ؟” މަލްޝާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. މައިދޮރު ހުޅުވާލުމަށްފަހު ކަޅުކުލައިގެ ހެދުމެއްލައިގެންހުރި ޒުވާން އަންހެން ކުއްޖެއް ނުކުތެވެ. ސިޑިބަރިން ފޭބުމަށްފަހު އޭނާ ތަޢާރަފުވިއެވެ. “އަހަންނަކީ ރިހިނާ. ކޮންނަމެއް ކިޔަނީ؟” ވެއްޓިފައި އޮތް ކަރުދާސް ނެގުމަށްފަހު، ރިހިނާ ސުވާލުކޮށްލިއެވެ. އެކަރުދާހުގައިވާ ލިޔުންކޮޅު ކިޔަންވާއިރަށް މަލްޝާ ކޮޅަށް ތެދުވިއެވެ. “ހިނގާ އަހަރުންނާއެކު، ތައްޔާރުވާން! ރޭގަނޑުގެ ކެއުން ތައްޔާރުކޮށްދޭންވާ ގަޑި ޖެހެނީ.” މަލްޝާގެ އަތުގައި ހިފާ ދަމާލަމުން ރިހިނާ ބުންޏެވެ. އަތުގައި އެޅުވިފައިވާ ބިޑިއަށް ވާންވެ ހަންގަނޑަށް ތަދުވިއެވެ. “އާހ” މަލްޝާއަށް ބޭއިޚްތިޔާރުގައި އަޑުލައްވާލެވުނެވެ. ވަގުތުން ރިހިނާ ފަހަތަށް އެނބުރި އެނާގެ އިސްތަށިގަނޑުގައި ޖަހާފައިވާ ދައްޗަކުން ބިޑީގައިވާ ތަޅު ހުޅުވާލިއެވެ.

އެ ބޮޑު ގެއަށް މަލްޝާއަށް ވަދެވުމާއެކު، ތަންތަން ބަލަން ފެށިއެވެ. ފުރަތަމަވެސް ނަޒަރު ދިޔައީ ސީލިންގުގައި އެޅުވިފައިވާ ބޮޑު ޗާންދަލިޔާ އިން ދިއްލިފައިވާ ބޮކިތަކަށެވެ. އެއަށްފަހު މަލްޝާގެ ލޮލުގައި އަޅައިގަތީ ފާރުތަކުގައި ހަރުކުރެވިފައިވާ ބޮޑެތި ކުރެހުންތަކެވެ. ނޯކިރީންގެ ކޮޓަރިބަޔަށް މަލްޝާ ގެންދެވުނެވެ. އަވަހަށް ތަންތަން ދޮވެލައިގެން ނިކުމެ ކަޅު ހެދުން ލާށޭބުނެ ރިހިނާ ކޮޓަރިން ނުކުތެވެ. އޭނާއަށް އަމުރުކުރެވުނު ގޮތަށް ކަޅު ހެދުން ލައިގެން ނުކުތެވެ. އޭރު އެއްކަލަ ކަރުދާސް ހިފައިގެންގޮސް ރިހިނާ ގޭގެވެރި ހަސަނަށް ދައްކައިފިއެވެ. ރިހިނާ ހުރިތަންފެނި އެ ދިމާއަށް މަލްޝާ ދިޔައެވެ. “ކީއްކުރަންވީ ދެން؟” މަލްޝާ ސުވާލުކޮށްލިއެވެ. “ހިނގާ ކާމޭޒު ތައްޔާރުކުރަން!!” ރިހިނާ އެހެން ބުނުމަށްފަހު ބަދިގެއާ ދިމާއަށް ދިޔައެވެ. މަލްޝާވެސް ކުކުޅެއްގެ ފަހަތުން ފިޔޮކެއް ދާހެން ދިޔައެވެ. ތަށިތަކާއި ސަމްސާތަކާއި އޫތައް ހިފައިގެން ރިހިނާ ނިކުތެވެ. އަދި ފައިޒާއާއެކު ރޭވުމަށް ބުންޏެވެ. ކާ ކޮޓަރިއަށް އެ ސާމާނު ހިފައިގެން ދިޔުމާއެކު ފައިޒާ މަލްޝާއަށް ހަނާ އަޅާލިއެވެ. ވިހި މީހަކަށް ކާން ތައްޔާރު ކުރާ ވާހަކަ ފައިޒާ ބުންޏެވެ.

ތަށިތަކާއި ސަމުސާ އޫތައް އެތުރުމަށްފަހު، މަލްޝާ ބަދިގެއަށް ދިޔައެވެ. އޭރު ފިޔާއާއި މިރުހުގެ ވަސްގަނޑު އަރައިގަތެވެ. ރިހިނާ ކައްކަމުންދިޔަ ކުކުޅު ރިހަގަނޑުން ވަސްގަނޑު އަރައިގަތެވެ. އުނދުނުން ބޭލުމާއެކު ރިހިނާ ފަރުމާކޮށްފައިހުރި ބޮޑު ބިއްލޫރި ތައްޓަކަށް ރިހަ އެޅިއެވެ. މަލްޝާއަށް ފޮތިގަނޑެއް ދިނުމަށްފަހު މޭޒަށް ގެންދިޔުމަށް އަމުރުކުރިއެވެ. ލަސްނުކޮށް ފޮތިގަނޑުން ހިފަހައްޓާއިގެން ރިހަ އެތި މޭޒުމައްޗާ ހަމައަށް ގެންދެވުނެވެ. ހަމަޖެހުމުގެ ނޭވާއެއްލަމުން މަލްޝާ ފޮތިގަނޑު ހިފައިގެން ބަދިގެއަށް އެނބުރި ދިޔައެވެ. މިފަހަރު ބޮޑު ތައްޓެއް ފުރާ ޕާޕަރު ތެލުލައިފައި ހުއްޓެވެ. މަލްޝާހުރީ ކޮސްވެފައެވެ. ރިހިނާގެ ހުނަރުތައް ފެނި ހައިރާންވެފައެވެ. ފައިޒާ އަތަށް އެ ތަށި ދިއްކޮށްލުމަށްފަހު، މަލްޝާ އެނބުރި ބަދިގެއަށް ވަނެވެ. އޭރު ބޮޑު ފުށް އެއްޗަކަށް ފެން ހެޔޮވަރު ކުރަމުންދިޔަ ރިހިނާ ފުށްގަނޑު މޮޑުމަށް މަލްޝާއަށް ގޮވާލިއެވެ.

ސިންކުން އަތްދޮވެ، ފުށްމޮޑެ ފުށްގުޅަ ހަދަން ފެށިއެވެ. މަލްޝާ އަދިވެސް ހުރީ ވަރަށް ވަރުބަލިވެފައެވެ. ނަމަވެސް ރިހިނާ ކުރަމުންދިޔަ އަމުރުތަކަށް ތަބާވަމުން ހުރިހާ ކަމެއް ނިންމާލެވުނެވެ. އެންމެފަހުގެ ތައްޔާރީތަށް ނިންމުމަށްފަހު ހުރިހާ ނޯކިރީން ކޮޓަރިއަށް އެނބުރި ދިޔައެވެ. ތިން މީހުން އެއް ކޮޓަރިއެއްގައި އުޅޭއިރު، ބޭނުންކުރަންހުރީ އެންމެ ފާހާނާއެކެވެ. ބާކީ ވަގުތު ނެތްކަމަށްބުނެ ރިހިނާ، ފައިޒާ އެއްފަހަރާ ފެންވަރަން ވަނެވެ. މަލްޝާވެސް ދަމާފައި ފާހާނާ ތެރެއަށް ވައްދާ އަވަހަށް ފެންވެރުވިއެވެ. ލައިގެން އުޅުނު ހެދުންތައް ދޮންނަން ޖެއްސުމަށްފަހު، އާ ހެދުންތައްލައި ފުއްޖަހާ، ހުވަނދުލިއެވެ. ކޮންމެ ކަމެއްގައިވެސް ރިހިނާ އެހީވަމުން ދިޔައެވެ. ތިން މީހުން އެކަކު އަނެކަކުގެ އިސްތަށިގަނޑު ފުނާ އަޅުވާ، ވަކި ޚާއްސަ ދަތިތަކެއް ޖެހިއެވެ. ކަޅުކުލައިގެ ހެދުން ލުމަށްފަހު، ތިން މީހުންވެސް ކޮޓަރިން ނުކުމެ ކާމޭޒުގެ ވަށައިގެން ސަފު ހަދައިގެން ތިއްބެވެ.

އިރުކޮޅަކުން ކާގެއަށް މީހުންތައް ވަންނަން ފެށިއެވެ. ރިހިނާ މަލްޝާއަށް ކަންކުރަންވީ ގޮތް ޚުލާސާކޮށް ކިޔައިދެމުން ދިޔައެވެ. މޭޒު ކައިރީ އިށީނދެ ތިބި މީހުންނަށް ކަންކަން ކޮށްދޭން ތިން އަންހެންވެރީންވެސް އުޅުނެވެ. އަދި އޭގެ އިތުރުން ތިން މީހަކު ބުއިންތައް ބަލަހައްޓަމުން ދިޔައެވެ. މަލްޝާވެސް ކުޑަކުދިންނަށް އެހީތެރިވެ، ކާތަކެތި ފޯރުކޮށްދިނުމުގައި އުޅުނެވެ. ކައި ނިންމުމަށްފަހު ހުރިހާ އެންމެން ކާގެއިން ނިކުތްހެން، ތަށިތަކާއި ކުނި ބުނިތައް ނަގަން ފެށިއެވެ. ތިން ނޯކަރެއް ސާފު ކުރުމުގައި އުޅުނުއިރު، މަލްޝާމެން ތަށިތައް ނަގާ ދޮވެ ހިއްކުމުގައި އުޅުނެވެ. ވަގުތުދިޔަ ގޮތްވެސް ނޭނގެއެވެ. ކައްކާފައިހުރި ކުކުޅު ރިހައިން ބާކީވިބައިން ހުރިހާ ނޯކަރުންނަށް ދެވުނެވެ. މަހަށްވުރެ ކަށީގެ ބައި ގިނައެވެ. ނަމަވެސް ޝަކުވާނުކޮށް މަލްޝާ ކާން ފެށިއެވެ. ދެތިން ސުވައެއްގެ ބަތް ހުސްވިފަހުން އޭނާގެ ބަނޑު ފުރުނެވެ. ތަށިތައް ދޮވުމަށްފަހު، އަމިއްލަ ހެދުމަކަށް ބަދަލުވެ ހުރިހާ ނޯކަރުންވެސް ކޮޓަރިތަކަށް ވަންނަމުން ދިޔައެވެ. ކޮންމެ ނޯކަރަކަށްވެސް ހިލޭ ލިބޭ ހެދުމެއް ލައިގެން މަލްޝާ ނިދަން އޮށޯތެވެ.

ތަން ވިޔަރި ވުމުގެ ސަބަބުން މަލްޝާގެ ލޮލަކަށް ނިންޖެއްނައެވެ. އޭނާއަށް ވިސްނެމުންދިޔައީ މިދިޔަ ދުވަސްތަކުގައި ހިނގި ކަންތައްތަކަށެވެ. އޭނާގެ ކޮއްކޮވަނީ ކޯމާއެއްގައެވެ. އޭނާގެ ބައްޕަ މި ދުނިޔެއަކު މިހާރު ނެތެވެ. ނުޒުހާ މަލްޝާ ދިޔައީ ކޮންތާކަށްތޯވެސް ބަލައިނުލީ ތޯއްޗެކެވެ. މަލްޝާ ވިސްނަމުންދިޔައީ ޒޫނާގެ މަތިންނެވެ. އޮފީހަށް ނުދާތީވެ އެ މަންޖެ ހުންނާނީ ހާސްވެފައޭ ހިތަށް އަރަމުން ދިޔައެވެ. މަލްޝާގެ ފޯނު ވީތަނެއް ނޭނގެއެވެ. ޒޫނާ ގުޅިޔަސް މަލްޝާއަކަށް ނޭނގޭނެކަން އޭނާ ދަނެއެވެ. ނަމަވެސް އޭނާ މިހުރި ހާލަތަކުން އަރައިގަނެވޭނީ ކޮން ދުވަހަކުން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

ފަތިހުގެ ހާ ނުގޮވަނީސްވެސް ރިހިނާ މަލްޝާއަށް ގޮވައިފިއެވެ. ޔުނީފޯމުލުމަށްފަހު ބަދިގެއަށް މިސްރާބުޖެހިއެވެ. މަލްޝާއަށް ގަހުވައާއި ސައި ތައްޔާރުކުރުމަށް ހަވާލުކުރުމަށްފަހު، ރިހިނާ ޑަބިޔާތަކުން ބިސްކޯދު ހޯދަން ގުދަނަށް ދިޔައެވެ. އެހެން ނޯކަރުން ގޭތެރެ ފޮޅާ ސާފުކޮށް، ދޮރުފޮތި ކަހާ ހެދިއެވެ. މޭޒު ތައްޔާރުކޮށް، ތަށިތައްޓަށް ބިސްކޯދުއަޅާ ހެދިއެވެ. މަލްޝާ އަވަދިނެތި އުޅެއެވެ. ފަތިސް ނަމާދުން މީހުން ފައިބައިގެން އައިސް ސައިބޯން ފެށިއެވެ. އޭރު މަލްޝާމެން ނިކުމެ މުޅި ގޯތިތެރެ ކުނިކަހަން ފެށިއެވެ. ރިހަނާ ކުނިނަގާއެތި ހިފައިގެން އުޅެއެވެ. ދެ ގޯނި ފުރޭވަރުގެ ފަތްކުނި މުޅި ގޯތިތެރެއިން ހޮވުނެވެ. މަށަންދައްޗާއި އިލޮށިފަތިތައް ބޭރު ގުދަނަށް ލުމަށްފަހު، މަލްޝާއާއި ރިހިނާ ފައިޒާއާއެކު ކާމޭޒުގައިހުރި ތަށިތައް ނަގަން ދިޔައެވެ. ހެނދުނުގެ ސަޔަށް ތަފާތު މަސްހުންޏާއި ހެދިކާ ހެދުމުގައި ހުރިހާ ނޯކަރުންވެސް އަވަދިނެތި އުޅުނެވެ. މަލްޝާވެސް ގުޅައިގެ މަސްގަނޑު ބައްދަމުން ދިޔައެވެ. ފައިޒާ ބަޖިޔާ މަސްގަނޑު މޮޑެ ނިމުންހެން، ރިހިނާ ތެޔޮ ތާސް އުދައިފިއެވެ. ފުށްގަނޑަށް މަސްގަނޑު އަޅާ ބައްދަމުން ތެޔޮ ތާހަށް އަޅަމުން ދިޔައެވެ. ބަޖިޔާގެ ދެ ބުރު ނިންމުމަށްފަހު، މަލްޝާ ހެދި ގުޅަތައް ތެލުލަން ފެށިއެވެ. “އަދި ގުޅަ މަސްގަނޑު ހަދަން ދަސްކުރަންޖެހޭ!! އިނގޭ މަލްޝާ!” މަސައްކަތުގައި އުޅެ ރިހިނާ ބުންޏެވެ. “ދެންފަހަރަކުން ރަނގަޅު ކުރާނަން.” އެއްކަލަ ކަރުދާހާއި އެ މީހާ ހަނދާންވެ މަލްޝާ ބިރުންހުރެ ބުންޏެވެ.

ދުވަސްތައް ވޭތުވެދިޔައީވެސް އެހާމެ އަވަހަށެވެ. މަލްޝާ ނޯކިރީކަން ކުރާތާ އަހަރެއްވުމާ ގާތަށް ގޮއްސިއެވެ. ހަސަނުބެގެ ގޭތެރެ ބެލެހެއްޓުމަށް މަލްޝާ ފަރިތަވިއެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު ހިންދޫކަރައިގައި ކިޔެވުން ނިންމުމަށްފަހު ހަސަނުބެގެ އެންމެ ހަގު ދަރި ޒަޔާން އެ ގޭގައި މަޑުކުރިއެވެ. އެހެން ނޯކަރުންގެ ފަރާތުން މަލާމާތް ރައްދުވިޔަސް މަލްޝާ އަޅާއިވެސްނުލައި މަސައްކަތް ކުރިއަށް ގެންދެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ފައިސާއަކަށް ނޫނެވެ. މަލްޝާ މަސައްކަތްކުރަނީ އޭނާ މިދުނިޔޭގައި ހުރެވޭތޯއެވެ. ފަހަކަށް އައިސް މަލްޝާ ހުން ވައްތަރުވެ ކަރުތެރެ ބެދޭގޮތްވާންފެށިއެވެ. ލިނބޯ ފެން ބުއީމަވެސް އޭނާގެ ކަރަށް ލުޔެއް ލިބޭގޮތެއް ނުވިއެވެ. އޭނާ މި ހުރި ހާލަތުގައި ހަސްފަތާލަށް ދާކަށް ނުކެރުނެވެ. ނުވަތަ ރިހިނާމެން ކައިރީވެސް އެ ވާހަކަ ބުނާކަށް ނުކެރުނެވެ. އެއްދުވަހަކު މަސައްކަތް ކުރުމަށް ޒަޔާންގެ ކޮޓަރިއށް ވަދެ އުޅެނިކޮށް ރޯގާގެ އުނދަގޫ ކުރިމަތިވިއެވެ. ނޭފަތް ބަންދުވެ ބޮލަށް އެނބުރުން އަރާ މުށިތަކުމައްޗަށް ވެއްޓުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ލޯބިން ބުނާތީ 24

Previews
June 19, 2026

ލޯބިން ބުނާތީ 24



All Right Reserved!