Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ސިއްރު ކައިވެނި – 1

leafy Level 210 Stories100 Login
June 17, 2026 6 Mins Read
0 Comments

އަރައިގެން އައި އިރާއެކު ދުވަހުގެ ހަރަކާތްތައް ހިނގަންފެށިއެވެ. މަސްވެރިން މަހަށް ދިއުމާއި، ދަނޑުވެރިން ދަނޑުތަކަށް ދިއުމެވެ. ވަޒީފާއަށް ދިޔުމަށް ތެދުވެ ގަހުވަ ގިރާ އަޑުތައް އެޕާޓުމަންޓުތަކުން އަޑު އިވެއެވެ. މިބީދައިން ތައްޔާރުވެ ވަޒީފާއަށް ދިޔުމަށް ގެއިން ނިކުންނަން ދިޔަހެން، ޝަރީފު އޭނާގެ ދަރިންނަށް އަބަދުވެސް ބުނާ ބަސްކޮޅު ބުނެލިއެވެ. ނަސޭހަތުގެ ބަހެއް ބުނެލުމަކީ އަބަދުމެ ޝަރީފުގެ އާދައެކެވެ. ހަމަ އެފަދައިން އޭނާގެ އަނބިމީހާ ނުޒުހާވެސް އެ ނަސޭހަތްލައިދިނުމުގައި ބައިވެރިވެ، ދެތިން ބަހެއް ބުނެލިއެވެ. އޭރު ވަޒީފާއަށް ދާން ނިކުމެހުރި މަލްޝާ އޭނާގެ ކޮއްކޮއަށް ރަނގަޅަށް ކިޔެވުމަށް ބުންޏެވެ. ޝައިރާ އޭރު ދަބަހަށް ފޮތްތައް އަޅަމުން ހުރިހާ އެންމެންގެ ވާހަކަތަކަށް ހޫނ އަޅުވާލިއެވެ. މިއަދުވެސް މިއީ އެހާމެ ބުރަ ދުވަހެކެވެ. ޝައިރާ މަދަރުސާއަށްލައިފަ އައިސް ނުޒުހާ ގޭތެރެ ކުނިކަހާ ސާފުކޮށް ހެދުމަށް އަވަސްވެގަތެވެ. އެއަށްފަހު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް އުނދުން ރޯކޮށްލިއެވެ.

ހެނދުނު ނުވައެއްޖަހާ ބޮޑުވިފަހުން ޝައިރާ ގޮވައިގެން ޝަރީފު ގެއަށް އައެވެ. ނުޒުހާ ސައި ތައްޔާރުކޮށް މޭޒަށްނެގިއެވެ. ތިން ކާތަށި ނެގުމަށްފަހު، މަސްހުންޏާއި ރޮށި މޭޒަށް ނެގިއެވެ. ތިން މީހުންވެސް ސައިބޯން އިށީނެވެ. ޝައިރާ ކުލާސްތެރޭގައި ހިނގި ކަމެއް ކިޔައިދިނެވެ. ނުޒުހާއާއި ޝަރީފު އެވާހަކައާ ގުޅުވައިގެން ނަސޭހަތުގެ ބަސްކޮޅެއް ބުނެދިނެވެ. ސައިބޮއެ ނިންމުމަށްފަހު ތަށިތައް ބަހައްޓާފައި ޝަރީފުއާއި ޝައިރާ މަދަރުސާއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނުޒުހާވެސް ތަށިތައް ބަހައްޓާފައި ކޮޓަރިތެރެއަށް ވަނެވެ. މަލްޝާ ގެއަށް އައީ ތަންކޮޅެއް ފަހުންނެވެ. ކާމޭޒު ކައިރިއަށްގޮސް ބާކީހުރި ސަމުސަލެއްގެ މަސްހުންޏާއި، ރޮށި ފަޅިއަކާއެކު ސައިބުޔެވެ. ފެންތައްޓެއް ބުޔުމަށްފަހު، ތަށިތައް ދޮންނަން ފެށިއެވެ. ހުރިހާ ތައްޓެއް ދޮވުމަށްފަހު، އެނބުރި ވަޒީފާއަށް ދިޔައެވެ.

ވަރުބަލި ދުވަހަކަށްފަހު ހުރިހާ އެންމެން އެއްތަންވިއެވެ. ހަވީރު ސަޔަށް ނުޒުހާ މިއަދު ހުރީ ހެދިކާ ގަނެގެން ގެނެސްފައެވެ. ނުޒުހާ ލޯއަޅާލުމުން މަލްޝާ ކާމޭޒަށް ނުގޮސް ސޯފާގައި އިށީނެވެ. ހަވީރުގެ ސަޔަށްފަހު، ޝައިރާއާއިއެކު މަލްޝާ ހުޅަނގު ފަރާތު އަތިރިމައްޗަށް ނިކުތެވެ. ޝައިރާ އޭނާގެ ރައްޓެހިންނާއެކު މަޖާނެގުމުގައި އުޅުނެވެ. އޮއްސެމުންދިޔަ އިރަށް ސަމާލުކަންދީގެން އިން މަލްޝާ ސިއްސައިގެން ދިޔައީ ފަހަތުން އޭނާގެ ނަން އަޑު އިވުމުންނެވެ. އޭރު އޭނާގެ ފުރަގަހުގައިހުރި ޝައިރާ ގެއަށްދާން ބުނުމުން ގައިން ވެލި ފޮޅާލަމުން ތެދުވިއެވެ. ފައިވާނަށް އެރުމަށްފަހު ދެ ކުދިންވެސް މަޣުރިބި ނަމާދަށް ގޮވަންވާއިރަށް ގެއަށް ދެވޭތޯ މިސްރާބު ޖެހިއެވެ. އާދައިގެމަތިން ދެ ކުދިންވެސް ދިޔައީ ބޮޑު މަގުންނެވެ. މަލްޝާ ވިސްނުމަކަށް ގެއްލިފައި ހުއްޓާ، ފަހަތުން އިވުނީ ބާރު އަޑެކެވެ. ކަޅު ކުލައިގެ ކާރެކެވެ. އައި ބާރު ދުވެލީގައި ޝައިރާއަށް ސަލާމަތް ނުވެވެނީސް ކުރިއަށް ދުއްވާލިއެވެ. ޝައިރާ ކާރުގައިޖެހި މަލްޝާހުރި ދިމާއަށް ވިއްސައިގެން ދިޔައެވެ. މަލްޝާގެ ބޯ މަތިން ފަހަތުގައި ހުރި ހޮޅި ދަނޑީގައިޖެހި ވެއްޓުނެވެ. ހާސްވެ ބިރުގަތް ނަމަވެސް ޝައިރާ ކޮނޑުމައްޗަށް ލައިގެން ދުވެފައި ކައިރީގައިހުރި ހަސްފަތާލާ ދިމާއަށް ދުވަމުން ކަހަލަގޮތަކަށް ދިޔައެވެ. ދުވުމުގެ ސަބަބުން ހަސްފަތާލުގެ ދޮރު ކުރިމައްޗަށް މަލްޝާ ހޭނެތިގެން ވެއްޓުނެވެ.

އޭރު ހަސްފަތާލުގައި އުޅުނު މުވައްޒަފުން އަވަސްވެގަތީ އެ ދެ ކުދިންނަށް ވީގޮތް ބަލާށެވެ. އެ ދެ ކުދީންނަށްވެސް ފަރުވާދެމުން ދިޔައީ އެހާވެސް އަވަހަށެވެ. ޝައިރާ ކުއްލިހާލަތުގެ ކޮޓަރިއަށް ވެއްދުނެވެ. މަލްޝާއަށް ބޮޑުވަރުވެފައިނުވި ނަމަވެސް ޝައިރާގެ ހަށިގަނޑަށްވަނީ އަސަރުކޮށްފައެވެ. ދެ ކަށިގަނޑު ބިނދިފާވާއިރު، ސިކުނޑިއަށްވެސް ގެއްލުންތައް ލިބިފައިވެއެވެ. އިރުގަނޑަކަށްފަހު މަލްޝާއަށް ހޭލެވުނެވެ. އޭނާގެ ބޮލުގައި އަދިވެސް ވިންދުޖަހައެވެ. ހާސްކަން މުޅިއެކު ނުކެނޑޭކަން ދޭހަވިއެވެ. ދެން ހަނދާންވީ އޭނާގެ ކޮއްކޮ މަތިންނެވެ. އަވަސް އަވަހަށް ބާއްވާފައިވާ އެނދުން ތެދުވެ، ނަރުހަކާ ސުވާލު ކުރިއެވެ. “ކޮބާ ޝައިރާ؟” ފުރަތަމަވެސް އެ ނަރުސް އެއީ އާއިލާގެ ފަރާތެއްތޯ ސުވާލު ކުރިއެވެ. އާއިލާކަން ޔަގީންވުމަށްފަހު، މަލްޝާއަށް އޭނާގެ ކޮއްކޮގެ ހާލަތު ކިޔައިދެވުނެވެ. މަލްޝާގެ ހިތަށް އަރަމުންދިޔައީ އޭނާއަށް ޝައިރާ ސަލާމަތް ކުރެވުނު ނަމައެވެ. އެ ކާރު ދުއްވި މީހާ މަޑުކުރީކީއެއްވެސް ނޫނެވެ. ޖީބުން ރިންގުވަމުންދިޔަ ފޯނު ނަގާ ފެހި ފިތަށް ފިތާލިއެވެ. “ލައްބަ، ކީކޭ؟” އަނެއްކޮޅުން ވާހަކަ ދެއްކީ އޭނާގެ މަންމަ ނުޒުހާއެވެ. “ދަރިފުޅުމެން ކޮންތާކު ތި އުޅެނީ؟ މިހާރު އެއޮތްގެން އަށެއްޖަހާ ބޮޑުވީ! ހަމަ މިހާރު ގެއަށް އާދޭ” ވީގޮތް ކިޔައިދެން އުޅެނިކޮށް ނުޒުހާ ފޯނު ކަނޑާލިއެވެ.

ޝަރީފުއަށް ގުޅާ ގުޅާ ފޯނު ނެގީކީއެއް ނޫނެވެ. އެންމެފަހުން ފޯނު ނެގީ ދިހަވަރަކަށްފަހަރު ގުޅައިގެންނެވެ. މަލްޝާއާއި އޭނާގެ ކޮއްކޮއަށް ވީގޮތް ކިޔައިދިނުމާއެކު މިއަންނަނީއޭ ބުނެ ފޯނު ކަނޑާލިއެވެ. ލަސްނުކޮށް ފޯނު ޖީބަށްލުމަށްފަހު، ސަރައްކާލިން ޝައިރާ ބާއްވާފައިވާ އެނދު ކައިރިއަށް މަލްޝާ ދިޔައެވެ. އޭނާއަށް އަދިވެސް ސިފަވަމުންދިޔައީ އިރުއޮއްސިގެންދިޔަ ވަގުތު ހިނގި ހާދިޘާއެވެ. އޭނާއަށް ގަބޫލުކުރެވޭގޮތުގައި އެއީ އޭނާގެ ކުށެކެވެ. ކޮއްކޮއަށް ކުރިމަތިވެފައިވާ މުސީބާތްފެނި މަލްޝާގެ ދެ ލޮލުން ކަރުނަ އުފެދެން ފެށިއެވެ. ކަރުނައިގެ ތިކިތަށް ގިނަވެ ކޯތާފަތްމައްޗަށް ފައިބައިގަތެވެ.

ނުވައެއްޖަހާ ބޮޑުވިފަހުން ޝަރީފުއަށް ހަސްފަތާލަށް އާދެވުނެވެ. އޭރު މަލްޝާގެ އަމިއްލަ ބިލުތަކަށް ރުފިޔާ ދައްކައިފިއެވެ. ނަމަވެސް ޝައިރާގެ ބިލަށް ފައިސާ ދެއްކުމަށް އޭނާ އަތުގައި ފައިސާ ނެތުމުން ބައްޕަގާތު ދައްކައިދޭށޭ ބުންޏެވެ. އަދިވެސް އޮފީހުގެ ފޯނެއްގައިހުރެ ޝަރީފު މަލްޝާގެ ބުނި ބަހަށް ބީރު ކަންފަތެއް ދިނެވެ. އިރުކޮޅަކުން ފައިސާ ނުދައްކާ އޮފީހަށޭ ކިޔާފައި ޝަރީފު ދިޔައެވެ. އޭނާގެ މައިންބަފައިން މިގޮތަށް ކަންތައް ކުރަނީ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އޭނާގެ ކޮއްކޮ ވިހޭފަހުން ހުރިހާ އެންމެންގެ އަމަލުތައްވެސް ބަދަލުވެއްޖެއެވެ. ފުން ނޭވާއެއްލުމަށްފަހު މަލްޝާ އޭނާގެ ކޮއްކޮ ކައިރީގައި އިށީނދެ އިނެވެ.

އޭގެ އަނެއް ދުވަހު އިރު ފެނުން ހިއްލާލިއިރު މަލްޝާގެ ކޮއްކޮ އައި.ސީ.ޔޫއަށް ގެންގޮއްސިއެވެ. ނޭވާލުމުގައި މައްސަލަތަކެއް އުޅޭތީއެވެ. ކޮއްކޮއަށް ފަރުވާދެމުންދިޔަ ޑަކުޓަރުންގެ ފަރާތުން އިވިދާނެ ރަނގަޅު ޚަބަރަކަށް ކެތްމަދުވެފައި އިން މަލްޝާ ސަރައްކާލީގައި ހުރި ގޮނޑިބަރީގައި އިނެވެ. އޭނާ ހިތުން ދުޢާކުރަމުން ދިޔައީ ރަނގަޅު ޚަބަރަކަށެވެ. ނަމަވެސް ފަރުވާކޮޓަރިން ނުކުން ޑަކުޓަރު ދިން ޚަބަރަކުން ހީވީ މަލްޝާގެ ގަޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. “ޝައިރާ ވަނީ ކޯމާއެއްގައި. ސިކުނޑިގެ ބަޔަކަށް މައްސަލަތަކެއް ޖެހިފައިވާތީވެ، އަދި އައި.ސީ.ޔޫ ގައި ބާއްވާފައި އޮތީ.” ޑަކުޓަރު ބުންޏެވެ. މި ޚަބަރު ހިފައިގެން މަލްޝާ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

ހެނދުނު ހަ ގަޑި ބައިވަނީއެވެ. ގޭގެ ދޮރުގައި ޓަކިޖެހި މީހަކު ބެލުމަށް ނުޒުހާ ދޮރު ހުޅުވިއެވެ. މަލްޝާ ހުރިތަން ފެނުމާއެކު، މަލްޝާގެ މޫނުމަތީގައި ބާރަށް ޖެހިއެވެ. “ކޮބާ ޝައިރާ؟ ދެން ކަލެއަކަށް އިތުބާރެއް ނުކުރާނަން މަށެއް.” ނުޒުހާ ހަޅޭއްލަވައިގަތެވެ. މޫނުމަތީގައި އަތް އަޅައިގެންހުރެ މަލްޝާ ވީގޮތް ކިޔައިދިނެވެ. މަންމައަށްގުޅިއިރު އެ ވާހަކަ ބުނަންވާއިރަށް ފޯނު ކަނޑާލި ވާހަކައާއި، ބައްޕަގެ އަމަލުތައް ހުރިގޮތުގެ ވާހަކަވެސްމެއެވެ. ނުޒުހާގެ ރުޅިވީ އޭރަށްވުރެ ގަދައެވެ. މަލްޝާގެ މޫނުގައި ގޮށްމުށުން ޖެހިޖެހީނުން ބިމަށް ވައްޓާލިއެވެ. އަދިވެސް ހަޅޭއްލަވަމުން ދިޔައީ އެއީ މަލްޝާގެ ކުށެއް ކަމުގައެވެ. މި އަޑުތަކަށް ހޭލެވިގެން ނުކުން ޝަރީފު ނުޒުހާއާ ބައިވެރިވިއެވެ. ރޭގައި ހަސްފަތާލުން ފޮނުވާފައިވާ ބިލުގެ ބޮޑު އަގަކީ ދެއްކޭވަރުގެ އެއްޗެއް ނޫންކަމަށް ބުނެ އެއްޗެހި ކިޔައިގަތެވެ.

މަލްޝާގެ މޫނުމަތި ދުޅަވެފައި ވުމާއެކުވެސް ތާޒާވެލައިގެން އޮފީހަށް ދާން ނުކުތެވެ. އިއްޔެ ހިނގި ކަންތައްތައް ހިތުން ފުހެލަން މަސައްކަތް ކުރިއެއްކަމަކު، ހައްތަހާވެސް އާވަނީއެވެ. މިއަދަކީ އޮފީހަށް ވަރަށް އުފާވެރި ދުވަހަކީއެވެ. ފުއްޕާހަންތަކާއި ކުލަކުލައިގެ ފަރުމާތައް މުޅި އޮފީހުގައިވެއެވެ. ފުރަތަމަވެސް އޮފީހަށް ވަދެވުމާއެކު، މަލްޝާގެ ރައްޓެހި ޒޫނާ ސުވާލުތައް ކުރަންފެށިއެވެ. ދެރަވެފައިހުރި ސަބަބާއި، މޫނުމައްޗަށް ވެފައިހުރި ގޮތާމެދުއެވެ. އެނދުން ވެއްޓުނީއޭ ބުނެލުމަށްފަހު، މޭޒުދޮށުގައި އިށީނެވެ. “ކޮން ޚާއްސަ ދުވަހެއްތަ މިއި؟” އަވިއައިނު ދަބަހަށް ލަމުން މަލްޝާ ސުވާލު ކުރިއެވެ. “ނޭނގޭތަ؟ މި ކުންފުނީގެ ބޮޑު މީހާ މިއަދު އަންނަނީއޯ!” ޒޫނާ އުފަލުންހުރެ ބުންޏެވެ. މަލްޝާ ފާހާނާއަކަށޭ ބުނުމަށްފަހު އޮފީސް ބައިން ނުކުތެވެ.

މޫނުދޮންނަ ބައިގައިހުރެވެސް އޭނާއަށް ރޮވެނީއެވެ. މައިންބަފައިން ރުޅިއައިސް އެއްޗެހި ކިޔާނަމަ ވާނީ އެހެންތާއެވެ. ނުވިތާކަށް މަންމަ އަތް އިސްކުރުމުން އޭގެ ވޭން އަދިވެސް އެއްކޮށްހެން ނުފިލާތީއެވެ. ކަރުނަތައް ފުހެލުމަށްފަހު، މޫނުދޮވެ ފުށްޖަހާ ރީތިވެގެން ނުކުތެވެ. އޭނާ އަދިވެސް ނުކައި ހުރުމުން ގަހުވަޚާނާއާ ދިމާއަށް ދިޔައެވެ. ބޮޑު ގަހުވައަކަށް އޯޑަރު ދިނުމަށްފަހު، މޭޒަށް އެނބުރި އައެވެ. މިއަދުގެ މަސައްކަތްތައް ކުރުމަށް ތައްޔާރުވިއެވެ. ފައިލުތައް ތަރުތީބުކޮށް ފަހަރަކު ފައިލެއްނަގާ ކިޔަންފެށިއެވެ. އޭގައިވާ ރިޕޯޓުތައް ކޮންޕިއުޓަރުގައި ޚުލާސާކޮށް ލިޔަމުން ދިޔައެވެ. ކުރަމުންދިޔަ މަސައްކަތަށް ފުރިހަމައަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ރޭގައި ހަމަ ނިދި ނުލިބުމުގެ ސަބަބުން އޭނާ ބޯ އަނބުރައިގަނެގެން ވެއްޓުނެވެ.

މަލްޝާއަށް ކުއްލިއަކަށް ލޯހުޅުވާލެވުނީ ހަސްފަތާލުގައި އޮއްވައެވެ. ގަޑިން މެންދުރުން އަނބުރާ އެކެއް ޖެހީއެވެ. އަވަސް އަވަހަށް ތެދުވެ އެނބުރި މަސައްކަތަށް ދާން ތެދުވިހެން އަތަށް ވާންވާތީވެ، ފަހަތް ބަލައިލިއެވެ. ގުޅާފައިވާ އައި.ވީ ފުޅި ފެނުނީ ދެނެވެ. އަތަށްނެގި ދަބަސް މޭޒުގައި ބެހެއްޓުމަށްފަހު އަނެއްކާވެސް އެނދުގައި އޮށޯތެވެ. އިރުކޮޅަކުން ޒޫނާ މަލްޝާއަށް ގޮވާލަން އައެވެ. އޭނާ މަލްޝާ ކައިރިއަށް އައިސް ބިސްކޯދު އުރައަކާއި ގަހުވަ ތައްޓެއް ދިއްކޮށްލިއެވެ. “ޝުކުރިއްޔާ!” މަލްޝާ ބުންޏެވެ. “ތިހާ ބަލިކަން އިނގޭއިރުވެސް، މަލް ވަޒީފާއަށް އައީ ކީއްވެ؟” ޒޫނާ ކުރަން ބޭނުންވާ ސުވާލުކުރިއެވެ. “އަހަރެން އެ ގޭގައި ހުންނާކަށް ބޭނުމެއްނޫން. އެހެންވެ އައީ.” މަލްޝާ އިސްދަށަށް ޖަހާލަމުން ބުންޏެވެ. “މިހާރު ގޭތެރޭގައި ކިހިނެތްވީ؟” ޒޫނާ އޮޅުންފިލުވަން ބޭނުންވާ ރާގަކަށް ބުންޏެވެ. “ދެން އިނގޭނެއްނު އަބަދުވެސް ހިނގާ ޑުރާމާގަނޑު.” މަލްޝާ ފޫހިކަމާއެކު ވާހަކަ ދެއްކިއެވެ. “ދެން އަރާމުކޮށްލާ. އަހަރެން މިދަނީ އޮފީހަށް ނިންމަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި.” އެހެން ބުނުމަށްފަހު ޒޫނާ މަޑުމަޑުން ދޮރާދިމާއަށް ހިނގައިގަތެވެ.

މަލްޝާ އަމިއްލައަށްއޮވެ ވިސްނަމުންދިޔައީ އޭނާ ކުޑައިރުއްސުރެ ދިމާވި ކަންތައްތަކަށެވެ. ޝައިރާ ވިހޭފަހުން އޭނާގެ މަންމަ އޭނާއަށް ކަންތައްކުރީ ނޯކިރީއެއްގެ މަގާމު ދީގެންނެވެ. ކެއްކުމާއި، އަންނައުނު ދޮވުމާއި، ގޭތެރެ ސާފުކުރުމަކީ އޭނާގެ ވާޖިބެއްކަމަށް ބުނެއެވެ. ވަޒީފާގެ ބުރަހެލިކަމަށްފަހުވެސް ގެއަށް އައިސް އަންނައުނު ބަދަލުކޮށް ކައްކާ ކާންއަޅާ ހަދަންޖެހެއެވެ. ޝައިރާ މަދަރުސާއިން އައުމުން އޭނާގެ ކަންތައްތަކަށް ސަމާލުވާން ޖެހެއެވެ. އެހެންނޫނީ އޭނާގެ މަންމަގެ ހަޅޭކުގެ އަޑު އިވޭނެއެވެ. ހިތުގައި އެއްވެސް ނަފުރަތުކަމެއް ނުބާއްވާ ވޭތުވެދިޔަ ދަހަރު މުޅިއެކު އުޅުނީ އެކަމުގައެވެ. އެކަންކަމުން މަލްޝާއަށް ލިބޭނެ ފައިދާއެއް ނެތެވެ. ލޯތްބެއް ނުލިބެއެވެ. ނަމަވެސް ލިބެނީ މަލާމާތާއި، ރުޅިއެވެ. އޭނާގެ ހަޔާތް ފުރިހަމަވާނެކަމަކަށް މަލްޝާ ހިއެއް ނުކުރެއެވެ.

ނުޒުހާއާއި ޝަރީފު ހަސްފަތާލަށް އައެވެ. އެމީހުންގެ ދަރިފުޅު ޝައިރާ ކައިރިއަށް އައުމުން އެތާހުރި ޑަކުޓަރާ ދިމާއަށް ވަރަށް ބާރަށް ބުންޏެވެ. “އަދިވެސް މަގޭ ދަރިފުޅު ރަނގަޅެއް ނުކުރެވޭތަ؟ ކަލޭމެންގެ ވަޒީފާ އަދާކޮށްބަލަ!!!” ޑަކުޓަރު މަޑުމަޑުންހުރެ ބުންޏެވެ. “މި ކުއްޖާ މިވަނީ ކޯމާއެއްގައި. ހޭ އަރާނެ ދުވަހެއް އަޅުގަނޑުމެންނަށް ބުނެދޭކަށް ނޭނގެ. މިކުއްޖާއަށް ދޭންޖެހޭ ބޭހެއްވެސް އެބަހުރި، އެކަމަކު އޭގެ ކޮންމެ ސަތޭކަ އެމް.އެލް އަކީ އެއް މިލިޔަން ރުފިޔާ. މިބޭސްދިނުން ލަސްވެއްޖެނަމަ މަރުވުމާ ވަރަށްގާތް.” ޝަރީފުއަށް ލިބުނު ޚަބަރަކުން އޭނާގެ ރުޅި އިންތިހާއަަށް ދިޔައެވެ. “އެއް މިލަޔަން ރުފިޔާއޭ؟ އަހަރެން މިއީ މުއްސަންޖެއް ނޫންވިއްޔަ!!” ނުޒުހާއާ ދިމާއަށް ބަލައިލުމަށްފަހު ޝަރީފު ބާރަށް ބުންޏެވެ. “ލޯނެއް ނަގާބަލަ، ފަހުން ދެއްކޭނެއެއްނު. ޝަރީފު ދެން ޝައިރާ ސަލާމަތްކޮށްދީ. އެއީ އަހަރެމެންގެވެސް ދަރިއެއްނު.” ނުޒުހާ އާދޭސްކުރަންފެށިއެވެ.

“ހަސަނާ ވާހަކަ ދައްކައިގެން ނިކަން ލޯނެއް ހޯދަން އުޅޭ! އެހެން ނޫނީ ކަލޭ މަށާ ވަރިކުރޭ!” ނުޒުހާވެސްއައީ ރުޅިއެވެ. އޭރު އެތާހުރި ޑަކުޓަރު ސެކިއުރިޓީންނަށްގޮވާ ގެނައެވެ. އަދި އެ ދެ މީހުން މައިތިރި ކުރުވިއެވެ. ޝަރީފު ރުޅިމަޑުކުރުމަށްފަހު ހަސަނަށް ގުޅާލިއެވެ. ފޯނު ނެގުމާއެކު، ލޯނަށް އެދެން ފެށިއެވެ. “މަޑުކޮށްބަލަ ކަލޭ ކުރިން ނެގި ފަސް މިލިއަން ރުފިޔާ ކޮބާ؟ އަދިވެސް އެ ރުފިޔާ އަނބުރައެއްނާދޭ! ދެން ކިހިނެތް ތިކިޔާ މިލިޔަން ރުފިޔާއެއް ކަލެއަށް ދޭނީ. ކަލޭ މިރެއަށްވާއިރު ރުފިޔާ ނުދައްކައިފިނަމަ މަރަށް އިންތިޒާރުކުރޭ!!!” ހަސަނުވެސް ހިތްހަމަނުޖެހިފައި ބުންޏެވެ. ފޯނު ކަނޑާލުމާއެކު ނުޒުހާ ހަޅޭއްލަވައިގަތެވެ. “ކަލޭ ވާ ރަނގަޅު. އަދިވެސް ހަސަނަށް ދަރާފައިވާ މިންވަރު ނުދައްކާ އުޅޭ.”

“ބަލަ ކަލެއަށް ފަސޭހަ ދޯ ތިހިން ބުނަން. ގޭގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ޚުދު މަށޭ! ކަލޭގެ ހުރިހާ އެއްޗެއްވެސް ގަނެދިނީ މަށޭ!” ޝަރީފުގެ ލޯ ރަތްވާން ފެށިއެވެ. “ހޫނ. މަށަށް ހެޔޮ. އެކަމަކު ހަސަނު ބުނި ބަހަށް ވިސްނާތި. މިރެއަށް ވާންވާއިރަށް ފައިސާ ނުދެއްކިއްޖެނަމަ މަށެއް ނޫން މަރުވާނީކީ.” ނުޒުހާ މައްލަވަކުރާ ރާގަކަށް ބުންޏެވެ. ޝަރީފު އެއްޗެކޭ ނުބުނެ މަޑުން ހުއްޓެވެ. އަދި މަޑުމަޑުން އެ ކޮޓަރިން ނުކުންނަން ދިޔައެވެ. ނުޒުހާވެސް ސެކިއުރިޓީގެ އަތުން ސަލާމަތްވެ އެ ކޮޓަރިން ނިކުތެވެ.

މަލްޝާއަށް ކުއްލިއަކަށް ހޭލެވުނެވެ. އޭނާއަށް ނިދި ޖެހުނު ގޮތެއްވެސް ނޭނގެވެ. އޭރު އައި.ވީ ފުޅި ވަނީ ހުސްވެފައެވެ. އަތުގައިވާ ކެނިއުލާ ކަށިވަނީ ނައްޓާލާފައެވެ. އަވަސް އަވަހަށް އެނދުން ތެދުވެ ކައުންޓަރާ ދިމާއަށް ދިޔައެވެ. ޖުމުލަ ދެހާސް ފަސްސަތޭކަ ސާޅީސް ރުފިޔާ ދެއްކުމަށްފަހު، ހަސްފަތާލުން ނުކުތެވެ. މަލްޝާ އޭނާގެ އަތުގައިވާ ފައިސާކޮޅު ހުސްވީއެވެ. މަހުގެ ނިމޭކޮޅަށް ވާތީވެ، ބާކީ އޮތް ފަސް ސަތޭކައެއްހާ ރުފިޔާއަށް ރައްކާތެރިވާން ފެށިއެވެ. އިރު އޮއްސިފައިވާކަން އެނގުނީ ހަސްފަތާލުން ނިކުން ފަހުންނެވެ. ޓެކުސީއެއް ހޯދުމަށް އުޅުނު މަލްޝާއަށް ފަހަތުން މީހަކު އުޅޭކަން ރެއަކާލީ ދެނެވެ. ފަހަތުގައި މާސްކެއް އަޅައިގެން ހުރި މީހަކު މަލްޝާގެ މޫނުގައި ކުލޮރޯފޯމުން ތެތްކޮށްފައިވާ ފޮތިގަނޑެއް އަޅާ ބާރުކޮށްލިއެވެ. އެ މީހާގެ އަތުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ފޮތިގަނޑުގެ ސަބަބުން މަލްޝާ ހޭނެތުނެވެ. މަލްޝާގެ ހަރަކާތް ނެތް ހަށިގަނޑު ކާރަކަށްލައި ދުއްވާލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (އިޢުލާން)

Previews
June 17, 2026

މި ލޯތްބާއި ތި ވަޢުދު (އިޢުލާން)



All Right Reserved!