ލޯބިން ބުނާތީ 18
“ހާއި…” ކައިލް މެސެޖްކޮށްފައި އޮތެވެ.
ލިއާއަށް މެސެޖަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ކައިލް އޭނާއަށް ރިކުއެސްޓު ފޮނުވަންވީ ކީއްވެހެއްޔެވެ؟ އޭނާއަށް އަދިވެސް ގަބޫލުނުކުރެވެއެވެ. ކައިލްގެ މެސެޖަށް ބަލާފައި އެތައް މަސްހުނި އިހުސާސްތަކުން ހިތް ފުރެމުން ދިޔައެވެ. ކައިލް އަންހެންކުދިންނާއި އެހާ ދުރުދުރުން އުޅޭއިރު އޭނާއަށް ތަފާތުގޮތެއް ބަހައްޓާތީ ގަބޫލުކުރަން ދަތިވަނީއެވެ. އެންމެފަހުން ލިއާ އަމިއްލައަށް ގޮތެއް ނިންމައިފިއެވެ. ފަހަރެއްގައި އޭނާގެ މިޒާޖުގެ ގޮތުން ކައިލް އޭނާއާއި އެކުވެރިކަން ބާއްވަން ބޭނުންވީ ކަމަށް ލިއާ ގަބޫލުކޮށްލިއެވެ.
ބުރަކަށްޓާއި ފާރާއި ދެމެދަށް ބާލީހެއް ލައްވަމުން ލިއާ އޭގައި ލެނގިލަމުން ހަމަޖެހިލިއެވެ. އަދި ކޮޓަރިތެރޭ ހިފާފައިވާ ފިނިން ސަލާމަތްވާން އުނަގަނޑާއި ހަމަޔަށް ރަޖާ އަޅާލިއެވެ. އެއަށްފަހު ފޯނު ނަގާ ދެ ހިޔާލެއްގައި އިނދެފައި ޓައިޕްކުރަން ފެށިއެވެ.
“ހައި…” ލިއާގެ މެސެޖު ފޮނުވިތާ ސިކުންތެއް ނުވަނީސް ކައިލް ސީން ކުރުމުން ލިއާއަށް ލިބުނީ ސިހުމެކެވެ. ކައިލް އެ އިންނަނީ ލިއާ ރިޕްލައި ދެންދެންހެއްޔެވެ؟ ކައިލް ޓައިޕްކުރަން ފެށުމުން ލިއާގެ ނޭވާ ހިފާއްޓާލެވޭގޮތްވިއެވެ.
“ޔޫ ސަވައިވްޑް ކައިރާ…” ކައިލް ބުނެފައި އިނެވެ. ލިއާއަށް ފާޑަކަށް އަނގަ ހަދާލެވުނެވެ. އިހުތިޔާރަކާ ނުލާ ތުންފަތް ދެމިލައިފިއެވެ. އެ ހިމަދިގު އިނގިލިތައް ސްކްރީންގައި ހިންގާލިއެވެ. “ބެއަރލީ…” ލިއާ ބުނެލިއެވެ. އަނެއްކާވެސް ކައިލްގެ ރިޕްލައި އައެވެ. “އަންޑަރސްޓޭންޑެބްލް…”
މިފަހަރު ލިއާއަށް ކުޑަކޮށް ހެވުނެވެ. ކައިލް އާއި ކައިރާ އުޅޭ މަޖާގޮތުގެ މަންޒަރުތައް ކުލަވިއެވެ. ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގުނަސް ކައިލްގެ އެ މެސެޖުން ލިއާ ހެއްވާލަފިއެވެ. އިރުކޮޅެއް ކުރިން ރިހާންމަތިން ހަނދާންވެ މާޔޫސްވެފައި ހުރި ކުއްޖާގެ މޫނުމަތިން މިހާރު އެ އަސަރެއް ފެންނާކަށް ނެތެވެ. ހިނިތުންވެ އިނދެފައި ކައިލްގެ މެސެޖެއް އައުމުން ބަލާލިއެވެ.
“ސީ ޔޫ ޓުމޯރޯ އެޓް ކްލާސް…” ކައިލް ބުނެފައި އިނެވެ. ލިއާ ރައްދުގައި ގުޑްނައިޓްއޭ ބުނެލިއެވެ. އެފަހުން ކައިލްގެ މެސެޖެއް އެރެއަކު ނާދެއެވެ. ލިއާ އިރުކޮޅެއް ވަންދެން ކޮންވަޒޭޝަންގެ މަތިން ތިރިއަށް އިނގިލި ހިންގަން އިނދެފައި ކުއްލިއަކަށް ކައިލްގެ ޕްރޮފައިލްއަށް ވަނެވެ. ކައިލް ލާފައި އިނީ ތިންވަރަކަށް ފޮޓޯއެވެ.
“ގޯޑް…! ހީ އިޒް ޑެމްން ހޮޓް…!” ފޮޓޯތަކަށް ބަލަން އިނދެފައި ލިއާ ހިތާހިތާ ބުނެލިއެވެ. ކައިލްއާއި މެދު ހިތުގައި އިހުސާސެއް ނެތަސް، ކައިލްގެ ފިރިހެންވަންތަކަމާއި ފުރިހަމަކަމަކީ އެއާއި ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިހާތަނަށް އެ އުމުރުގައި ކައިލް ވަރުގެ ރީތި ފިރިހެނެއް ލިއާއަށް ފެނިފައެއް ނުވެއެވެ.
އެނދުގައި ލެނގިލައިގެން އިންއިރު ކައިލް އިނީ އަތުގައި އޮތް ފޯނަށް ބަލާށެވެ. އެ މޫނުމަތިން އާއްމުކޮށް ނުފެންނަ ލުއި ހިނިތުންވުން ފާޅުވެފައިވެއެވެ. ހަމައެކަނި ސޯޓެއްގައި އެނދުގައި އިށީނދެ އިން އިރު އެ ފިރިހެންވަންތަ ހަށިގަނޑު ވަނީ ހާމަޔަށެވެ. ގޮޅިގޮޅިއަށް ބަނޑުގެ މަސްލްތައް އެތުރިފައިވީއިރު ގަވައިދުން ކަސްރަތުކުރާކަން ހާމަވެއެވެ. ބައިމަތިފުޅާ ހަށިގަނޑާއި، ހޭވިފައިވާ އިސްތަށިގަނޑުން އެކަނިވެސް އަންހެންކުދިން ދީވާނާވާނެއެވެ. މި ހާލަތުގައި އޭނާ ފެންނަ އަންހެންކުއްޖަކު ދުނިޔެއިން މޮޔަވާނެއެވެ. ލިއާ އާއި ދެމެދު ބަދަލުކުރެވިފައި ހުރި މެސެޖުތަކަށް ބަލަމުން އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ލިއާ އާއި ވާހަކަދައްކާހިތްވީ ކީއްވެކަމެއް ނޭނގެއެވެ. ހިތް އެދެނީ އަދިވެސް މެސެޖު ކުރާށެވެ. ނަމަވެސް އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ފޯނު ހިފައިގެން ކައިލް އެނދުން ތެދުވިއެވެ. އޭރު ސޯޓު ތިރިއަށް ޖެހިފައި ވާއިރު ބޮކްސާގެ އެއްބައި ފެންނަމުން ދިޔައިރު ‘އެޑޯނިސް ބެލްޓް’ ވަނީ ހާމައަށެވެ. އަންހެންކުދިން މަރުދަން ޖެހޭހާ ފުރިހަމައެވެ. ފިރިހެން ކުދިން އެހާ ހަސަދަވެރިވާއިރު އަދި އަންހެންކުދިންނަށް ކިހާވަރެއް ވާނެހެއްޔެވެ؟ ކޮޓަރި ތެރޭގައިވި ފަނޑުފަނޑު އަލިކަމުގައި ކައިލް ހިނގާލާފައި ގޮސް ބެލްކަންޏަށް ނިކުތެވެ. އޭރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. އެ ފިނިކަމުން ކައިލްއަށް އުނދަގޫ ވާހެން ހިއެއްނުވެއެވެ. އޭނާ އަނެއްކާވެސް ފޯނަށް ބަލާލިއެވެ.
“ދިސް އިޒް ރިޑިކިއުލެސް…” ކައިލްއަށް ބުނެވުނެވެ. އޭނާ ލިއާއާއި ވާހަކަ ދައްކާހިތްވަނީ ކީއްވެކަމެއް ނޭނގެއެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީގޮތެއް ނޫނެވެ. ލިއާ އަކީ މިހާތަނަށް އޭނާއާއި ދިމާވި އެންމެ ތަފާތު އަންހެންކުއްޖާއެވެ. ކައިލްއާއި ދިމާވާ ކޮންމެ އަންހެންކުއްޖަކު އޭނާއަށް ޝައުގުވެރިކަން ފާޅުކުރާއިރު އެ އަސަރުތައް ނުފެންނަނީ ހަމައެކަނި ލިއާ ފަރާތުންނެވެ. ހަމަ އެއާއިއެކު އާއްމު އަންހެން ކުދިންނާއި ހިލާފަށް، ލިއާގެ ހުންނަ އާދަޔާހިލާފު މަޑުމައިތިރިކަމާއި ލަދުވެތިކަންވެސް ކައިލްގެ ސަމާލުކަން ހޯދިއެވެ. އެއީ ލިއާ ދައްކާލާ ކުލަވަރެއް ނޫންކަމާއި ލިއާގެ މިޒާޖުކަން ކައިލްއަށް ގަބޫލުކުރެވެއެވެ.
އިޝާންއާއި ކައިލްގެ ބައެއް ރަހުމަތްތެރިންގެ ފަރާތުން ކައިލްއަށް ވަނީ ލިއާއާއި ބެހޭ ބައެއް ވާހަކަތައް އަޑުއިވިފައެވެ. ނަމަވެސް އޭނާއަށް އެވާހަކަތައް ގަބޫލެއް ނުކުރެވެއެވެ. ތެދަށް ވުރެ ދޮގު ދައުރުކުރާ މި ޒަމާނުގައި މީހަކު ކޮންމެފަދަ ވާހަކައެއްވެސް ހަދަހަދައިގެން ފަތުރަފާނެއެވެ. އެހެން ނޫނަސް އެމީހުން އެ ކިޔާފަދަ ކުއްޖެއް ގޮތުގައި ކައިލްއަށް ލިއާ ސިފައެއް ނުވެއެވެ.
ދެދުވަސް ފާއިތިވުފަހުން ދެން އައީ ޕްރެޒެންޓޭޝަން ހުށަހަޅަން ޖެހޭ ދުވަހެވެ. މިވީ ދެދުވަހުތެރޭ ކައިލް ލިއާއަށް މެސެޖު ކުރިއެވެ. ކްލާސްތެރޭގައި މަދުމަދުން ވާހަކަ ދެއްކި ކަމަކު ރޭގަނޑު މެސެޖުގެ ޒަރީއާއިން މަޑުމަޑުން އެ ދެމެދުގައި އެކުވެރިކަމުގެ ކުލަވަރު ޖެހެން ފަށައިފިއެވެ. އަދި މުޅިންހެން ދެކެވިފައިވަނީ ވީހާވެސް އާދައިގެ ވާހަކަތަކެވެ. ފަހު ރޭ ވާހަކަ ދައްކާފައި ކައިލް ނިދަން ދިޔައީ ލިއާ ގާތު ޕްރެޒެންޓޭޝަން ހުށަހަޅަން ތައްޔާރަށް ހުރުމަށް ބުނެފައެވެ.
“ބެސްޓް އޮފް ލަކް…!” ކައިލްމެންނާއި ޖެހުމުން ހަތަރު މީހުން އެއްކޮށް ތެދުވަމުން ކައިލް ބުނެލިއެވެ. ތިން މީހުންނަށް ބުނި އެއްޗެކޭ ހީވިޔަސް އެ ނަޒަރު ހުރީ ލިއާއަށެވެ. ކައިރާ ހުރެފައި ރާގަކަށް ހޫމް އަޅުވާލިއެވެ.
އިޝާން ގޮސް ޓީވީއަށް ލެޕްޓޮޕް ކަނެކްޓް ކުރިއެވެ. އިރުކޮޅެއް ވަންދެން އެއާއި ކުޅެން ހުރެފައި ކައިރާ އަށް އިޝާރަތްކޮށްލުމާއެކު ކައިރާ އައިސް ކްލާސް ކުދިންނާއި ކުރިމަތިވާހެން ހުއްޓުނެވެ. “އައްސަލާމް އަލައިކުމް…” ޕްރޮފެޝަނަލް އަޑަކުން ކައިރާ ގޮވާލުމާއެކު އެ ތިން މީހުންނަށްވެސް ހެވޭ ގޮތްވިއެވެ. އިޝާން ކަރުކެހިލުމާއެކު ލެޕްޓޮޕް ކައިރިއަށް ޖެހިލިއެވެ. ކައިރާ ޕްރެޒެންޓޭޝަންގެ ތައާރަފު ދިނުމާއެކު އިޝާން ލެޕުން ޖެހިގެން އޮތް ތަސްވީރަށް ބަދަލުކޮށްލިއެވެ.
ފަހަރަކު މީހަކު ވާހަކަދައްކަމުން ގޮސް ކައިލް އެރުމާއެކު އަންހެންކުދިންތަކުގެ އިސް އުފުލިއްޖެއެވެ. ހާއްސަކޮށް އަލީޝާގެއެވެ. ދޮން މޫނުމައްޗަށް ވެއްޓިފައި އޮތް ބުޅި އިސްތަށިކޮޅު ފަރިގޮތަކަށް ކަންފަތް ކައިރި އަޅުވާލިއިރު ކައިލް އެ މަންޒަރު ދުށްކަމަށް ނުވެއެވެ. އެ ސީރިއަސްކަމުގައި ހުރެ ވާހަކަ ދައްކަމުން ދިޔައިރު ގިނަ އަންހެންކުދިންނަށް ބެލެމުން ދިޔައީ ކައިލްގެ ކޮލަށް އެޅެމުން ދިޔަ އަޑިކޮޅަށާއި، އަނގައިގެ އިޝާރަތްތަކާއެކު ހަރަކާތްކުރަމުން ދިޔަ ލަގޮނޑިއަށެވެ. ދެތިން ކުއްޖަކު ކައިލްއަށް ނަޒަރު ހުއްޓާލިގޮތަށް އާގަމަވެފައި ތިބި އިރު އެމަންޒަރު ފެނި ކައިރާ ސިއްރުން ލިއާއަށް ދައްކާލިއެވެ. ލިއާ ކައިރާގެ އަތުގައި ހިފާ ފިއްތާލުމާއެކު މިގަޑީ އޭނާ ހެއްވަން ނޫޅޭށޭ ސިއްރުން ބުނެލިއެވެ.
ލިއާ އާއި ޖެހުމުން އަލީޝާގެ މޫނުމަތިން ފޫހިކަން ފާޅުވެއްޖެއެވެ. އިފާ އާއި މީޝާއަށް އިވޭވަރަށް ލިއާއަށް ބޭއަދަބީ ބަހަކުން މުހާތަބުކޮށްލަމުން އެކަކަށްވެސް ފާހަގަ ނުވާނެހެން ލިއާއަށް ލޯ އަޅާލިއެވެ. އޭރު ލިއާ އޭނާގެ މަޑުމައިތިރި އަޑުން ޕްރެޒެންޓޭޝަން ހުށަހަޅަމުން ދިޔައެވެ. ކްލާސް ކުދިންނާ އޭނާ ކުރިމަތިލައިގެން ހުރީ ވަރަށް ހިތްވަރުންނެވެ. ކައިރާގެ ސަބަބުން ލިއާ ސާބިތުވެ ހުންނަން ފަސޭހަވިއެވެ.
ޕްރެޒެންޓޭޝަން ނިމުމާއެކު ދިވެހި ޓީޗަރ ނަހުލާއަށް ނުހުރެވިގެން ކަހަލަ ގޮތަކަށް އަތްތިލަބަޑި ޖަހާލިއެވެ. އެ މޫނުމަތީގައިވަނީ ހިނިތުންވުމެވެ. އެހާވެސް އެމީހުންގެ ޕްރެޒެންޓޭޝަން ފުރިހަމައެވެ. ކްލާހުގައި ތިބި ކުދިންވެސް އެ ހަރަކާތުގައި ބައިވެރިވިއެވެ.
ހާޑް ކޮޕީތައް ނަހުލާއާއި ހަވާލުކޮށްފައި ކައިރާ އުޅުނީ އިށީންނަން ދާށެވެ. އޭރު އިޝާން އާއި ކައިލް އުޅުނީ ލެޕްޓޮޕް ކަންތަކުގައެވެ. ކައިރާ ދަމުން ލިއާގެ އަތަށް ދަމާލިއެވެ. ނުވިސްނާ ހުރި ލިއާ އެނބުރުނު ވަގުތު މޭޒު ކަނުގައި ފައި ޖެހިފައި ފައި އެޅުނު ގޮތަކުން ވެއްޓެން ދިޔައެވެ. ކައިރާ އާއި ލިއާގެ ހަޅޭކުގެ އަޑު އައީ އެކުއެކީގައެވެ. ހުރިހާ ކަމެއް ސިކުންތެއް ތެރޭ ހިނގާދިޔައިރު، ވެއްޓެން ދިޔަ ލިއާ ބިންމަތީ ޖެހޭ ގޮތެއް ނުވިއެވެ.
ކައިލްއަށް ލިބުނު ސިހުމުގައި އެހެން ކަމަކާ ވިސްނާލާނެ ވަގުތެއް ނުވިއެވެ. ލިއާ ވެއްޓެން ދިޔަ ވަގުތު އޭނާއަށް ލިއާގެ ކުރިމަތިން އުނަގަނޑުގައި ހިފާ ގާތަށް ދަމާލެވުމާއެކު އަނެއް އަތުންވެސް ލިއާގައިގަ ވަށާލެވުނެވެ. ލިއާގެ މުޅި ހަށިގަނޑު ހީވީ ގަނޑުފެންގަނޑަކަށް ގަބައިގަތްހެންނެވެ. މޫނު ރަތްވެގެން އައި ވަރުން ޓޮމާޓޯއަކަށް ދޫނުކުރެއެވެ. ކައިލްއަށް ހިފެހެއްޓިފައި ހުރިލެއް ގާތްކަމުން ލިއާގެ އުނަގަނޑުގެ ހިމަކަން އިހުސާސްވިއެވެ. ކުދިންތައް ހޯބޯ ލައްވާލި އަޑާއެކު ކްލާސްތެރެ ހަލަބޮލިވިއެވެ. ލިއާގެ މި ނަސީބުގެ ވަގުތުކޮޅު ފެނި ބައެއް އަންހެންކުދިން އަނގަ ހުޅުވިފައި ތިބިއިރު އަނެއްބައި ކުދިން ތިބީ ހިތްދަތިވެފައެވެ. ކައިލްގެ އަތުތެރޭ ހުރުމަށް ނޭދޭނީ ކާކުހެއްޔެވެ؟
“ޔޫ އޯކޭ…؟” ކައިލް ކަރުކެހިލަމުން ލިއާގެ ގައިން ދޫކޮށްލިއެވެ. ލިއާ ބޯ ޖަހާލުމާއެކު އަވަސްއަވަހަށް ގޮސް ގޮނޑީގައި އިށީނދެ މޫނު ފޮރުވިއިރު ކައިރާ އިނދެގެން ލާނެއް ވައްތަރަކަށް ހެމުން ގެންދާތީ އެކަމާ އޭނާ ރުޅިގަދަވާގޮތްވިއެވެ. އޭރު ލެޕްޓޮޕް ހިފައިގެން ކައިލްއާއި އެކު އިށީނަން ދިޔަ އިޝާން ހުރީ ދެތުންފަތް ފިއްތާ ބާރުކޮށްގެންނެވެ. ނަމަވެސް އޭނާއަށް ހުރެވުނީ އިރުކޮޅަކަށެވެ. ކައިލް އިށީނުމާއެކު އޭނާއަށް ނިސްބަތްކޮށްފައި އަނަފް ބުނެލި ލާނެއް ވާހަކައިން ހިނިގަނޑު ފަޅައިގެން ދިޔައެވެ.
އެސްފިޔަ ޖަހާލުމެއް ނެތި ގާވެފައި ހުރެ އަލީޝާ ބަލަން އިން އިރު ހިތުގައިވި ރުޅިވެރިކަން ދެންމެ ދެންމެ ހުޅުފަޅާ ނިކުންނަން އުޅޭކަހަލައެވެ. ގާތުގައި ތިބި މީޝާއާއި އިފާ ތިބީ ޖެހިލުންވެފައެވެ. އަލީޝާގެ ގައިން އަރަމުންދާ ވަންހަނާވެފައިވާ ދުމުން ފިހިދާނެކަހަލައެވެ. “ދެޓް ބި*…ޔަގީނޭ ގަސްތުގަ ކުރި ކަމެއްކަން…” އަލީޝާ ބުންޏެވެ. މީޝާއާއި އިފާ އަވަސްއަވަހަށް އެއްބައިވެއްޖެއެވެ.
ޑެސްކުގައި ބޯ އަޅައިގެން އޮތް އިރު ލިއާއަށް ހީވަމުން ދިޔައީ ލަމުން ދިޔަ ނޭވާވެސް ފިނިވެފައިވާހެންނެވެ. ލަދުގަންފައި ހުރިވަރުން އޭނާ އޮތީ ބޮލަށް އެނބުރުންވެސް އަރާފައެވެ. އޭރު ސިއްރުން ލިއާއަށް ބަލަމުން ދިޔަ ކައިލްގެ ހިތުގައި ވަނީ ބަޔާންކުރަން ދަތި ޝުއޫރެކެވެ. ދެންމެ ލިއާއާއި އެކު އެ ހޭދަވި ގާތް ވަގުތަށް ފަހު ކައިލްއަށް ކުރުވީ މުޅިން ތަފާތު އަސަރެކެވެ. ހީވަނީ ލިއާގެ ގައިން ދޫކޮށްލަން ބޭނުންނުވެ ހުރެ ދޫކޮށްލެވުންހެންނެވެ. ބޭރުން ލައިގެން ހުރި ޔުނީފޯމްގެ ކޯޓް ކައިލް ބޭލީ މިއޮއް ފިނީގައިވެސް އޭނާއަށް ހޫނުކަން އިހުސާސްވާހެން ހީވުމުންނެވެ.
ދެން ހޭދަވެގެން ދިޔަ ވަގުތުގަކުގައި ލިއާ ހީވަނީ މަންމަނެއްހެންނެވެ. އިސްއުފުލާ ރަނގަޅަށް ބަލާނުލިއިރު އަނގައިން ބަހެއް ނުބުންޏެވެ. ކައިރާ އިނދެއިނދެފައި އިރުއިރުކޮޅާ ލިއާއާއި ދިމާކޮށްލަން އެއްޗެކޭ ބުނެލައެވެ. ލިއާ ރުޅިއަންނަގޮތްވެ، ކައިރާގެ ފައިގަ ވިކާގަތުމުން އޭނާއަށް ހަޅެއްލަވައިގަނެވުނެވެ. ބޯޑުގައި އެއްޗެއް ލިޔަން ހުރި ޒޭޑެން ބަލާލާފައި ނިތް އަރުވާލުމާއެކު ކައިރާ އަވަސްއަވަހަށް މާފަށް އެދިއްޖެއެވެ. ޒޭޑެން އެނބުރި ކުރަން ހުރި ކަންތަކައިގެން މަޝްއޫލުވީއިރު ދެން ލިއާއަށް ހީވީ ކައިރާގެ އުނދަގޫ ދެގުނަވީހެންނެވެ. އިރުއިރުކޮޅާ ނުސީދާގޮތްކަށް ކައިލްއާއި ލިއާ އާއި އަޅުވާކިޔާ އެއްޗެކޭ ބުނެލައެވެ. އޭނާ މައިތިރިވީ މިރޭ ރެސްޓޯރެންޓަށް ނުގޮސްފާނެކަމަށް ލިއާ އިންޒާރު ދިނުމުންނެވެ. ގޮނޑީގައި ހަމަޖެހިލިއިރު އޭނާ އަމިއްލަ ސިކުނޑީގައި ކަމެއް ރާވާލައިފިއެވެ.
ރޭގަނޑުގެ ވަގުތެވެ. ލިއާ ތައްޔާރު ވެލައިގެން ޓެކްސީއެއްގައި ކައިރާ ބުނި ރެސްޓޯރެންޓް ކައިރިއަށް ދިޔައީ މިރޭވެސް ކައިރާ އޭނާ ބަލާ އައިސްފާނެތީއެވެ. އެފަދަ ލުއި ފަސޭހަކަމަށް އާދަވާކަށް ލިއާ ބޭނުމެއް ނޫނެވެ. ދެވުންއިރު އޭނާގެ އިންތިޒާރުގައި ކައިރާ އާއި އިޝާން ތިއްބެވެ. ޖީންސް ފޮތީގެ ޖަމްޕްސޫޓެއްގައި ކައިރާ ހުރިއިރު އެތެރެއިން ލާފައި ވަނީ ހުދު ޓީޝާޓެކެވެ. ވައް މޫނުކޮޅު ލޯބިކަމުން އެސްފީނާޖެހޭހާވެއެވެ. އިޝާން ހުރީ ހުދު ގަމީހަކާއި އެކު ނޫ ޖިންސެއްގައެވެ. އިޝާންގެ ބުޅި އިސްތަށިގަނޑު ހާވާލާފައި އޮތްއިރު ކައިރާ އާއި ގުޅޭހާ ފިރިހެންވަންތައެވެ. ލިއާ އައިސް މިނެޓެއް ނުވަނީސް ކައިލްގެ ސައިކަލު ދައްކާލައިފިއެވެ.
މުށިކުލައިގެ ޓީޝާޓަކާއި ކާކީ ކުލައިގެ ޖިންސެއްގައި ހުރި ކައިލް ފެނި ލިއާއަށް ލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް އަމިއްލަ އަންނައުނުތަކަށް ބަލާލެވުނެވެ. އިއްތިފާގުން ލިއާއަށް ލެވިފައި ހުރީ މުށިކުލައިގެ ކުރުތާއަކާއި ހުދު ޖިންސެކެވެ. ކައިރާ އާއި އިޝާން ނުލަފާ ހިންޏެއް އައިސް އެ ދެމީހުންނަށް ބަލަން ތިއްބެވެ. އަދި އެމީހުންނަށް ފާހަގަ ނުވާނެހެން ކައިރާ އާއި އިޝާން ސިއްރު ސިއްރުން ވާހަކަދެއްކިއެވެ. ހީވަނީ ކަމެއް ރާވާލިހެންނެވެ.
ކައިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވަނީ ނޭނގުމެއް ތެރޭގައެވެ. އޭނާ ފެނުމުން ލިއާ ލަދުގަތީ ކީއްވެކަން ނަގައިގަނެވުމުންނެވެ. އެންމެން ހަމަވުމާއެކު އެއްކޮށް ގޮސް ރެސްޓޯރެންޓް ތެރެއަށް ވަނެވެ. ކައިރާ ހިފާފައި ހުރީ ޕްރައިވެޓް އޭރިއާއެކެވެ. އެތަނަށް ވަތްއިރު ހަތަރު މީހުންގެ ޖާގަ ހުރި މޭޒަކާއި އެކު، ކަރޯކޭ ޖެއްސޭ ގޮތަށް މިއުޒިކް ސިސްޓަމެއް ހުއްޓެވެ. ތަނުން ފެންނަނީ ސާފުތާހިރުކަމެވެ. ފައިވް ސްޓަރ ގެ ރެސްޓޯރެންޓެއްގެ ބައެއް ފަދައެވެ. އިށީންނަން ހުރީ ސޯފާގެ ބައްޓަމަށްވާ ގޮނޑިތަކެވެ.
އިޝާން ގޮސް ފާރާއި ކުރިމަތިވާ ގޮތަށް އިށީނުމުން ކައިލް އިށީނީ ފާރާއި ފުރަގަސް ވާގޮތަށެވެ. ކައިރާ އަވަސްއަވަހަށް ގޮސް އިޝާންއާއި ޖެހިގެން އިށީނދެއްޖެއެވެ. އޭނާ އިނީ ލޯ އަޅައިގެން ހުރި ލިއާއަށް ނުބަލަންވެގެންނެވެ. އިޝާންވެސް އިނީ އެފަދަ ހާލެއްގައެވެ. މިފަހަރުވެސް ލިއާއަށް ޖެހުނީ ރުޅިއައިސް ހުރިނަމަވެސް އެކަން ފިއްތާލައިގެން ހުރެ ކައިލް ގާތު އިންނާށެވެ. ކައިރާ އަށް ލޯ އަޅައިގެން ހުރެ ގޮސް ކައިލް ގާތު އިށީނުމާއެކު ދުވި ފިރިހެންވަންތަ މީރުވަހުން މޫނުގެ ކުލަވަރު ބަދަލުވިކަހަލައެވެ. މުޅި ނަފްސަށް ހަމަޖެހުން ގެނުވިއެވެ. ނަމަވެސް ކައިރާ ބަލާލުމާއެކު ލިއާ ރުޅިވެރިކަމާއެކު ލޯ އަޅާލިއެވެ. ކައިރާ ނޭނގޭކަމަށް ހެދިފައި ވާހަކަ ދައްކަން ފެށިއެވެ. ކައިލްއަށް ސިއްރުން ހިނިތުންވެވުނެވެ. ކައިލްއަށް ފާހަގަވީ ލިއާ އިށީންނަން އުޅުނު ފަރުވާތެރި ގޮތެވެ. ކައިލް އާއި އިނދެވޭނެ އެންމެ ދުރުގައި އިން އިރު އެ ދެމެދުގައި ކުޑަ ހުސް ޖާގައެއް ހުއްޓެވެ.
ކާއެއްޗެހި ގެނައުމާއި ދެމެދު އެންމެ ގިނައިން ވާހަކަ ދެއްކީ ކައިރާއެވެ. ލިއާ އިނީ މަޑުންނެވެ. އިޝާން އިރުއިރުކޮޅާ ކައިރާގެ ވާހަކައާއި ވިއްދާ އެއްޗެކޭ ބުނެއެވެ. ކައިލް ހަމަޖެހިލައިގެން އިނެވެ. ކާއެއްޗެހި އައިސްގެން ފޮޓޯ ނަގާފައި ކާން ފެށިއިރު ކައިރާގެ އަޑު ކޮންމެސް ވަރަކަށް ކެނޑުނެވެ. ނަމަވެސް އިރުއިރުކޮޅާ ކޮންމެސް އެއްޗެކޭ ބުނެލައެވެ.
ކައި ނިމިގެންވެސް ކައިރާ އެކި ވާހަކަ ދައްކަމުން ދިޔައެވެ. އަދި މިއަދު ކްލާސްތެރޭ ދިމާވިކަންތަކުގެ ވާހަކަ ދައްކަން ފެށުމުން ލިއާ އަނެއްކާވެސް ލޯ އަޅާލިއެވެ. އޭނާ ލަދުން މަރުވާވަރުވިއެވެ. ކައިލް އިނީ ލާނެއް ހިންޏެއް އައިސްފައެވެ. އިޝާން ކައިރާ އާއި އެއްބައިވެ އެމީހުންނާ ދިމާކުރަމުން ދިޔައެވެ. ދެން މައުލޫ ދިޔައީ ލޯބީގެ ބަޔަށެވެ.
“ހމމ ލިއާ އެކްޗުއަލީ ހެޑް އަ ބޯއިފްރެންޑް ބިފޯ…!” ކައިރާ ފަށައިގަތުމާއެކު ލިއާ ކައިރާއަށް ގޮވާލިއެވެ. ނަމަވެސް ކައިރާ ނުހުއްޓިއެވެ. އޭނާ ހޭންފެށިއެވެ.
“ވޯޒް ހީ ހެންޑްސަމް…؟” ކައިރާ ހީގަނެފައި އެހިއެވެ. ލިއާ ބޯ ހާސްވެފައި ހުރި ވައްތަރަކަށް ލޯ މަރާލެވުނެވެ. ކައިލް އާއި އިޝާން ތިއްބާ ދެން ކައިރާ އާއިއެކު ތަނަކަށް ނުދާނަމޭ ލިއާގެ ހިތުގައި އޮތެވެ. އެންމެފަހުން އިޝާންވެސް ކައިރާ ބުނި އެއްޗަކާ ހިފާ ދަމަން ފެށުމުން ލިއާ ޖަވާބެއްގެ ގޮތުގައި އާނއެކޭ ބުންޏެވެ. އެވަގުތު މުއްކެވިގެން އައި ކައިލްގެ އަތް ފެނުނީ އިޝާންއަށެވެ.
“ވަޓް ހެޕެންޑް…؟” އިޝާން ލިއާ އާއި ސުވާލުކުރިއެވެ. ލޮލުގެ ހިމަކޮޅުން އޭނާއަށް ކައިލްއަށް ބަލާލެވުނެވެ.
“ހީ ބްރޯކްއަޕް…” ޖަވާބު ދެވޭނެ އެންމެ ކުޑަކޮށް ލިއާ ބުންޏެވެ.
“ތިކަން އެނގޭ…އަސްލު ކީއްވެހޭ ބްރޭކްއަޕް ވީ…؟ މާ ޕާސަނަލް ކަމެއްތަ…؟” ކައިރާ ޝައުގުވެރިވެފައި ހުރެ ސުވާލުކުރިއެވެ. ލިއާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާ ބުނާނީވެސް ކީކޭހެއްޔެވެ؟ ތުންފަތުގައިވި ހިނިތުންވުން ގެއްލުނުއިރު ކައިލްއަށް އެކަން ފާހަގަވެއްޖެއެވެ.
“ބިކޯޒް…އައި ވޮޒްންޓް ގުޑް ލުކިން އިނަފް…” ލިއާ އެ ޖުމްލަ ބުނެލީ ހަމަޖެހިލާފައެވެ. ހީވަނީ އެ ބަސްތަކަށް އޭނާ އާދަވެފައި ހުރިހެންނެވެ. އެއީ ހަގީގަތްކަމަށް ފުރިހަމައަށް ގަބޫލުކޮށްގެން ހުރިކަހަލައެވެ. އަމިއްލަ ނަފްސާއި މެދު އެކަމުގައި ޔަގީންކަން އޮތްކަހަލައެވެ. އިޝާންގެ މޫނުގެ ސަމާސާ ކުލަވަރު ގެއްލުނުއިރު ކައިރާއަށް އިނދެވުނީ އަނގަ ހުޅުވި، ހުއްޓުން އަރާފައެވެ.
ބިއްލޫރި ތަށީގައި އިނގިލިތައް ހިންގާލާ އިން ކައިލްގެ އަތުގެ ހަރަކާތް ހުއްޓުނުތަން މިފަހަރުވެސް ފެނުނީ އިޝާންއަށެވެ. ކީއްވެ ކަމެއް ނޭނގުނަސް ލިއާގެ އެ ބަސްތަކުން ކައިލްއަށް ދަތްކުނޑިވިކާލެވުނެވެ. ލިއާ ބުނެލި ވާހަކަ ކައިލްއަށް ގަބޫލުކުރަން ދަތިވިއެވެ.
“ހޫ ހެޑް ބީން ސްޓުޕިޑް އިނަފް ޓު މޭކް ޔޫ ތިންކް ލައިކް ދެޓް…؟” ކައިލްގެ ހިތަށް އެރި އެއްޗެހި ބޭރުވީ ކައިރާގެ ދުލުންނެވެ. އެއީ ކައިލްވެސް ކުރަން ބޭނުންވި ސުވާލެވެ. ކައިރާގެ އަޑުގައި ވަނީ ނުރުހުމެވެ.
ކައިލްގެ ހަމަހިމޭންކަމުގެ ތެރޭގައި ފޮރުވިފައިވި ނުރުހުން ފާހަގަވީ ހަމައެކަނި އިޝާންއަށެވެ. ކައިލް މޫނުމަތިން އަސަރެއް ދައްކާނުލާ އިނަސް ދަތްތަކަށް ބާރުކޮށްލައިގެން އިންކަން އެނގެއެވެ. މިއިން ކަމެއްގެ ހިލަމެއް ނުވަނީ ލިއާއަށެވެ.
ކައިރާ އަވަސްއަވަހަށް އެހެން ވާހަކައެއް ފެށިއެވެ. ނަމަވެސް ކައިލްގެ ސިކުނޑިން ލިއާ ބުނެލި ބަސްތައް ފިލައިގެން ނުދިޔައެވެ. “ނޮޓް ގުޑް ލުކިން އިނަފް…؟ ވަޓް އެ ޖޯކް…!” ކައިލްގެ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ނަފްސަށް ވަނީ ބަޔާންކުރަން ނޭނގޭ އުނދަގުލެއް ވެރިވެފައެވެ. ލިއާގެ އެބަސްތަކުން އޭނާގެ ހިތުގައި ކާކުކަން ނޭނގޭ މީހަކާއި ދޭތެރޭ ރުޅިވެރިކަން އުފެދިއްޖެއެވެ. ނަމަވެސް ކީއްވެހެއްޔެވެ؟ ކައިލް އަށް ރުޅި އާދެވެންވީ ކީއްވެހެއްޔެވެ؟ އެހެން އިންދާ ސިހުމެއް ލިބުނީ ކުއްލިއަކަށް ލިއާ ހަޅޭއްލަވައިގަތުމާއެކު އޭނާގެ ގައިގަ ހިފައިގަތުމުންނެވެ.
ލިއާ ތޫލި އަޑަކުން ހަޅޭއްލަވަމުން ކައިލްގެ ޓީޝާޓް ދެއަތަށް ބޮނޑިކޮށްލިއިރު މޫނު ޖައްސާލައިގެން އިނީ ކައިލްގެ ކޮނޑުގައެވެ. އެ ލޮލުން ފެންނަނީ ބިރާއި ސިހުމެވެ. ދެފައި ކުރުކޮށްލާ ކުޑަވަމުން ދިޔަ ގޮތުން ހީވީ ދެންމެ ދެންމެ ކައިލްގެ އުނގަށް އަރާފާނެހެންނެވެ. ކައިލް ވާނުވާ ނޭނގި ހުރެ ބަލާލިއިރު އިޝާން ހެމުން ހެމުން ލޮލުން ފެން އައިސް ހުރެ، މޭޒުމަތީގައި އޮތް ޕްލާސްޓިކް ކުރަތްޕެއް ނެގީއެވެ. ހަމަ ބަލާބެލުމަށް ހީވަނީ އަސްލެއްހެންނެވެ. ކައިރާ އިނީ އަނގަމަތީ އަތް އަޅައިގެން ވީޑިއޯއަށް ޖައްސައިގެންނެވެ. ވާނުވާ އެނގުމުން ކައިލްއަށް ހެވެން އުޅުނު ނަމަވެސް އެކަން ފޮރުވަމުން ނުރުހުމާއެކު އިޝާން އާއި ކައިރާއަށް ބަލާލިއެވެ. އިޝާން އަވަސް އަވަހަށް ދެއަތް މައްޗަށް ނެގީ އަމާންދީފީމޭ ބުނާ ފަދައަކުންނެވެ.
އޭރު ލިއާގެ ގާތްކަމުން ކައިލްގެ ހިތް ފިނިވެފައިވެއެވެ. ބަޔާންކުރަން ނޭނގޭ އަސަރުތަކެއް ހަށިގަނޑަށް ކުރުވަމުން ދިޔައިރު ކައިލްގެ ހިތުގެ ތެޅުމަށް ބަދަލު އައިސްފިއެވެ. އިރުކޮޅެއް ނުވަނީސް ވާނުވާ އެނގުމުން ލިއާ އަވަސްއަވަހަށް ދުރުވިއިރު ލޮލުން ވަނީ ކަރުނަ އައިސްފައެވެ. ލަދުން ގޮސް އެފަކީރު މޮޔަވަނީއެވެ.
“ސޮރީ…!” ކައިލްއަށް ބުނެލާފައި ލިއާ މަޑުކުރުމެއް ނެތި ތެދުވެގެން ދުއްވައިގަތީ އެއްވެސް މީހަކު އެކަމަށް ނުވިސްނާ ހުއްޓައެވެ. ކައިރާ އަވަސްއަވަހަށް ތެދުވެ ލިއާއަށް ގޮވާލުމުންވެސް އޭނާ ނުހުއްޓުނެވެ. އެންމެން ތެދުވެގެން އަވަސް ހިނގުމެއްގައި ނިކުތް އިރު ލިއާ ފެންނާކަށްވެސް ނެތެވެ.
“ޔޫ ގައިޒް ޕްލޭންޑް ދިސް…!” ކައިރާ އާއި އިޝާން އަށް ބަލާލާފައި ކައިލް ބުނެލީ ޔަގީންކަމާއެކުއެވެ. އެމީހުންގެ ރައްދަކަށް ބެލުމެއް ނެތި ކައިލް ސައިކަލަށް އަރައިގެން ދުއްވާލީ ލިއާއާއި މެދު ކަންބޮޑުވެފައި ހުރިވަރުންނެވެ. އިޝާންވެސް ގޮސް ސައިކަލަށް އެރުމުން ކައިރާ ގޮސް އިޝާންގެ ފަހަތަށް އެރިއެވެ. އެމީހުންވެސް ދިޔައީ ލިއާ ދާނެހެން ހީވާ މަގުންނެވެ.
ކައިލް އެތައް ވަރަކަށް ދުއްވާ، މުޅި އެ ހިސާބު ބެލި އިރުވެސް ލިއާގެ ހިލަމެއް ނުވިއެވެ. އޭރު ފެންނަ ހިސާބުގައި އިޝާން އާއި ކައިރާވެސް ސައިކަލުގައި ދުއްވަމުން ދިޔައެވެ. ކައިރާ އޭރު ހުއްޓުމެއް ނެތި ލިއާއަށް ގުޅަމުން ދިޔައެވެ. ނަމަވެސް ލިއާ ފޯނަކަށް ޖަވާބެއް ނުދެއެވެ. ކައިރާ ހުރީ ހާސްވެފައެވެ. ލިއާ ހިތްހަމަނުޖެހިފައި ހުރެފާނެތީ ހިތުގައި ވަނީ ކަންބޮޑުވުމެވެ.
ކައިލްގެ ހިތް ނުތަނަވަސްވެފައި ހުރި އިރު ސައިކަލު ދުއްވޭ ބާރުމިން އިހުސާސްނުވާ ކަހަލައެވެ. އޭރު އެ ސައިކަލުގެ މިސްރާބު ހުރީ ލިއާމެންގެ އަވަށާއި ދިމާލަށެވެ. ކައިލްގެ ފަހަތުން އިޝާން އާއި ކައިރާ އައެވެ. ކައިލްގެ ސައިކަލު ގޮސް ހުއްޓީ ސީދާ ލިއާ ދިރިއުޅޭ ގޭ ކުރިމައްޗަށެވެ.
ކައިރާ ލިއާއާއި ގުޅަން މަސައްކަތް ކުރަމުން ދަނިކޮށް ލިއާގެ މެސެޖެއް އައެވެ. އޭނާ މިހުރީ ގޭގައި ކަމަށާއި އެގޮތަށް ނިކުމެގެން އާދެވުމުން މާފަށް އެދިފައި އޮތެވެ. ކައިރާ އަވަސް އަވަހަށް މާފަށް އެދިފައި މެސެޖު ފުންޏެއް ފޮނުވާލައިފިއެވެ. އަދި ކައިލް އާއި އިޝާން ގާތު ލިއާ ހުރީ ގޭގައި ކަމަށް ބުންޏެވެ. ކައިލް ބަލަން ހުރީ ގަބޫލު ނުކުރެވިފައެވެ. އެ ނަޒަރު ދޭހަވެ ކައިރާ ލިއާ ގާތު އެދުނީ ބޭރަށް ނިކުމެލަދިނުމަށެވެ. ނަމަވެސް ލިއާ ދެކޮޅު ހެދުމުން ކައިރާގެ ހިތުގައިވެސް ޝައްކު އުފެދުނެވެ. އެ ޝައްކު ފިލައިގެން ދިޔައީ ލިއާ ފޮނުވި ފޮޓޯއިންނެވެ. ހަރުގައި އަޅުވާލެވުފައިވާ ޔުނީފޯމް އަރާ ގޮތަށް، ގަޑި އަރާ ފިލްޓާއެއް މެދުވެރިކޮށް ފޮނުވި އެ ފޮޓޯއިން ކައިރާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އަދި ކައިލް އާއި އިޝާންއަށް ލިއާ ހުރީ ގޭގައިކަން ޔަގީންކޮށްދިނެވެ.
“ދެން ފަހަރަކުން އެކަހަލަ ކަމެއް ނުކުރާތި…!” ސައިކަލު އަނބުރާލަމުން ކައިލް އިންޒާރެއް ދިނެވެ. “ކަމޯން ބްރޯ…ވީ ނޯ ޔޫ އެންޖޯއިޑް އިޓް…!” އިޝާން ނުލަފާ ހުނުމަކާއެކު ބުނެލިއެވެ. ކައިލް ކުއްލިއަކަށް ސައިކަލުން ފައިބާ އެމީހުން ގާތަށް ހިނގައިގަތެވެ. ސައިކަލު ނިއްވާލައިގެން އިން އިޝާން ކައިރާ ދޫކޮށްލާފައި ފުންމައިގަނެގެން ދުރަށް ޖެހިއްޖެއެވެ. ކައިރާ ސިހި ހަޅޭއްލަވައިގަތް ވަގުތު ކައިލް އައިސް ކައިރާގެ ފޯނު ދަމައިގަތެވެ. ކައިރާ ސައިކަލުން ފޭބި ގޮތަށް ފޯނު ހޯދަން އުޅުނެވެ. ނަމަވެސް ކައިލް އެންމެ އަތަކުން ކައިރާގެ ދެއަތް މައިތިރިކުރަމުން އަނެއް އަތުގައިވި ކައިރާގެ ފޯނުން ލިއާގެ ކޮންވަޒޭޝަން ބަލާލިއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. ފޯނު ދިނުމެއް ނެތި ކައިރާގެ ފޯނު ހާވާލާފައި އެރޭ ކައިރާ ކޮށްފައި އިން ވީޑިއޯ އަމިއްލަ ފޯނަށް ފޮނުވާލިއެވެ. ކައިރާ އޭރު ހަޅޭއްލަވަމުން ދިޔައެވެ. އިޝާންގެ އެހީއަކަށް އެދުނު ނަމަވެސް އޭނާ ހުރީ ކައިރިވާން ނުކެރިފައެވެ.
ކައިރާ އަތަށް ފޯނު ދިނުމާއެކު ކުދި ކިޔަމުން އޭނާ ފޯނު ދަމައިގަނެއްޖެއެވެ. އަދި ތުން ދަމައިގެން ހުރެ ގޮސް ދުރުގައި ހުއްޓުނެވެ. އިޝާން ކައިރިއަށް އަންނަން އުޅުމުން އިޝާންއަށް އެތިވަރު ގޮވައިގަތީ އޭނާއަށް ދެންމެ އެހީނުވެ ހުރުމުންނެވެ. އެ ދެމީހުންގެ ކޯޅުން ބަލަން ނުހުރެ ކައިލް ސައިކަލަށް އަރާ ދުއްވާލިއެވެ.
ފޯނަށް ބަލަހައްޓައިގެން ލިއާއަށް އޮވެވުނެވެ. ކައިރާ ކުރިކަމަކުން އޭނާ ލަދުން އެތާ އިންނަން ނުކުރި ދުވެފައި އަޔަސް އަމިއްލައަށް މާފަށް އެދުނީ ކައިރާމެން ފަދަ ކުދިން ކުރާ ކަންތަކާ ރުޅިއައުމުގެ ހައްގެއް އޭނާއަކަށް ނެތޭ އިހުސާސްވާތީއެވެ. އޭނާ އެގޮތަށް ވިސްނައިފިކަން އެނގިއްޖެ ނަމަ ކައިރާ ނުރުހުންވާނެކަން އެނގެއެވެ. ނަމަވެސް އެފަދަ އިހުސާސްތައް ކުރެވެނީ އޭނާގެ އަމިއްލަ އިހުތިޔާރަކު ނޫނެވެ.
ފޯނަށް މެސެޖެއް އައުމުން ލިއާ ބަލާލިއެވެ. އޭރު މެސެޖުކޮށްފައިވަނީ ކައިލްއެވެ. ލިއާގެ މޫނު ރަތްވެގެން އައީ މީގެ ގަޑިއިރުތަކެއް ކުރިން ހިނގި ކަންތައް ސިފަވުމުންނެވެ.
“ޔޫ އޯކޭ…؟” ކައިލް އަހާފައި އޮތެވެ. ލިއާއަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އޭނާ ރަނގަޅުހެއްޔެވެ؟ ނަމަވެސް މުޅިން ހަމަޔަކަށް ނޭޅުނަސް ކައިލް ގާތު އެހެން ބުނާކަށް ބޭނުމެއް ނުވިއެވެ.
“އައެމް އޯކޭ…ސޮރީ އެބައުޓް އާލިއަރ…” ލިއާ ނުކެރިފައި ހުރެވެސް މާފަށް އެދުނެވެ.
“އިޓްސް އޯކޭ…ބިޒީތަ…؟” ކައިލް އަހާފައި އިނެވެ. އޭނާ ގަސްތުގައި މިރޭ ހިނގައިދިޔަ ކަންތަކާއި ވާހަކަ ދައްކަން ބޭނުން ނުވީއެވެ. ލިއާ އިތުރަށް ލަދުގަނެފާނެތީއެވެ.
“ނޯ…” ލިއާ މެސެޖު ފޮނުވިއިރު ސިކުނޑީގައި ސުވާލުތައް އުފެދިއްޖެއެވެ. އޭނާ ބިޒީތޯ ކައިލް ބަލަނީ ކީއްކުރަންހެއްޔެވެ؟
“ގުޑް…!” ކައިލް ބުނެފައި އިނެވެ. ލިއާއަށް ބުމަ ހިއްލާލެވުނެވެ. އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮށް ކައިލްގެ މެސެޖެއް އައެވެ. “ޓްރުތް އޯރ ޑެއަރ…؟”
ލިއާއަށް ހީގަނެވުނެވެ. އޭނާއަށް ސްކްރީނަށް ބަލަހައްޓައިގެން އިނދެވުނީ ގަބޫލުކުރަން ދަތިގޮތަކަށެވެ. ހެމުން އޭނާ ޓައިޕް ކުރަން ފެށިއެވެ. “ވަޓް…؟ އަރ ވީ ޓްވެލްވް…؟”
“ލިއާ ޖަވާބު ދޭން ބޭނުން ނުވަންޏާ ނުދިނަސް އޯކޭ ވާނެ…ސޯ ޓެލް މީ…ޓްރުތް އޯރ ޑެއަރ…؟” ކައިލް އެހިއެވެ. “ޓްރުތް…” ލިއާ އެންމެފަހުން ބުނެލިއެވެ. ކައިލް މި ފެށި ކަމަކާއި އޭނާ ޝައުގުވެރިވެއްޖެއެވެ.
ވިއްސަކަށް މިނެޓް ދިޔައީ ކޫސަނި ސުވާލު ކުރުމުގައެވެ. އެންމެ ކާހިތްވާ އެއްޗެއްސާއި، ސްކޫލު ނިމުމުން ދެން ކުރަން އޮތް ކަންތަކުގެ ޕްލޭންތަކާއި މިކަހަލަ އެތައް ސުވާލެކެވެ. އޭރު ލިއާއަށް ނޭނގި އިނދެވުނީ ހިނިތުންވެފައެވެ. ނަފްސު ހަމަޖެހިފައި ވާވަރު އިހުސާސް ނުވާ ކަހަލައެވެ. ލިއާ އަށް ކައިލްއާއި މިގޮތަށް ވާހަކަ ދެއްކެނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާއަކީ ފިރިހެން ކުދިންނާއި އެހާ ފަސޭހައިން މިގޮތަށް ވާހަކަ ދައްކާ އުޅޭ ކުއްޖެއް ނޫނެވެ.
“އިޒް އިޓް އޯކޭ އިފް އައި އާސްކް ޕާސަނަލް ކުއެސްޝަން…؟” ކައިލް އެހިއެވެ. ލިއާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. މިފަދަ ކަމެއް ވެދާނެކަމަށް ހީކޮށްގެން ހުއްޓަސް އެކަމާ ކުރިމަތިލާންވުމުން ފަސްޖެހޭ ގޮތްވިއެވެ. އަނެއްކާވެސް ކައިލްގެ މެސެޖެއް އައެވެ. “ޔޫ ކެން އާސްކް މީ ޓޫ…އެންޑް އިފް ޔޫ ޑޯންޓް ވޯންޓް ޓު އާންސަރ، ޑޯންޓް…” ލިއާ ކައިލެގެ މެސެޖު ކިޔާލިއެވެ.
“އޯކޭ…” ކައިލްއަށް ލިއާގެ މެސެޖު ލިބުމުން ފަނޑު ގޮތަކަށް ހިނިތުންވެވުނެވެ. އޭނާގެ ހިތް އެދެމުން ދިޔައީ ލިއާއާއި ބެހޭ މައުލޫމާތު ހޯދުމަށެވެ. ނަމަވެސް އެކަން ފާޅުކޮށް ކުރަން ބޭނުންނުވީއެވެ. އޭނާގެ އަމިއްލަ އިހުސާސްތަކާއި މެދު ނިންމަންވީ ގޮތެއް އޭނާއަށްވެސް އަދި ނޭނގެއެވެ. ބެލްކަނީގައި އިން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން އޭނާ ޓައިޕްކުރަން ފެށިއެވެ.
“ވަޓް އެކްޗުއަލީ ހެޕެންޑް ބިޓްވީން ޔޫ އެންޑް ޔުއަރ އެކްސް…؟” ކައިލްގެ ސުވާލު ލިއާ ކިޔާލިއެވެ. އޭނާ ޓައިޕްކުރަން ފެށުމުގެ ކުރިން އިރުކޮޅަކު ވިސްނާލިއެވެ. ހިތާއި ސިކުނޑީގެ އިތުރުން ހަވަނަ ހިއްސުވެސް ބުނަމުންދިޔައީ ކައިލްއަށް އިތުބާރު ކުރުމަށެވެ. އެހެންނަމަވެސް ލިއާގެ މެސެޖު ލިޔުމުގައި ލަސްކަމެއް ހުއްޓެވެ.
“ހީ ޗީޓެޑް…” މެސެޖު ކިޔާފައި ކައިލްގެ ދަތްތަކަށް ބާރުވެލިއެވެ. ކެތްތެރިކަމެއް ނެތި އޭނާ ޓައިޕްކުރަން ފެށިއެވެ. “އެންޑް…؟”
“ދެން އެނގުނީ އޭނާގެ އެހެން ގާލްފްރެންޑެއް ހުންނަކަން…ހިޒް ޓްރޫ ލަވް…ބަޓް ނެއިދަރ އޮފް އަސް ނިއު އެބައުޓް އީޗް އަދަރ…ދެން އެކަން ޔަގީންކުރަން އެ ގާލް އާއި ކޮންޓެކްޓް ކުރީ އެފްބީ ތްރޫކޮށް…ދެން ޔަގީންވީ…” ލިއާގެ މެސެޖަށް ބަލަހައްޓައިގެން ކައިލް އިނެވެ. އޭނާގެ ސިކުނޑިއަށް ކަމެއް ހަނދާނަށް އައެވެ. ގްރޫޕް މަސައްކަތް ކުރެވުނު ރޭ ދެކެވުނު ވާހަކަތަކެވެ. ލިއާ އެފްބީ އަޅަން ޖެހުނު ކަމަކީ މިއީތާއެވެ. ކައިލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ސްކްރީންގައި އިނގިލިތައް ހިންގާލިއެވެ. “ވަޓްސް ހިޒް ނޭމް…؟”
“ރިހާން…” ލިއާ ފޮނުވި މެސެޖަށް ކައިލްއަށް ބަލާލެވުނެވެ. “ރިހާން…” ކައިލްއަށް ދެފަހަރަކު އެނަން ކިޔާލެވުނެވެ. ކޮންމެވެސް ސަބަބަކާ ހުރެ އެ ނަން ފެނުމުން އެކަނިވެސް އޭނާއަށް އުނދަގޫވެއްޖެއެވެ. ކައިލްއަށް އަމިއްލަ ނަފްސަށް މި އަންނަމުންދާ ބަދަލުތައް ނަގައިނުގަނެވުނެވެ.
“ޑޫ ޔޫ ސްޓިލް ލަވް ހިމް…؟” ލިއާއަށް އެ މެސެޖު ފޮނުވާލިއިރު ކައިލްގެ ހިތް ވަނީ އަވަސްވެފައެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ. ލިއާ އެ މެސެޖު ސީން ކުރިކަން އެނގުނެވެ. ނަމަވެސް ޓައިޕްކުރާ ކަމަކަށް ނާރައެވެ. ކައިލްގެ ނަޒަރު ސްކްރީނުން ވަކި ނުވެއެވެ. އޭނާއަށް އިނދެވުނީ އިންތިޒާރުގައެވެ. ކެތްތެރިކަން ކޮޅުން ލައިގެން ގޮސް އަނެއްކާވެސް ޓައިޕްކުރަން އުޅެނިކޮށް ލިއާގެ މެސެޖު އައެވެ.
“ޔެސް…”
ކައިލް ގަނޑުވިކަހަލައެވެ. އިނގިލިތަކުގެ ހަރަކާތް މަޑުޖެހުނެވެ. ނޭނގޭ ސަބަބަކާއި ހުރެ އެ ޖަވާބުން އޭނާގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫވެއްޖެއެވެ. އުނދަގޫވާން ނުޖެހޭ މިންވަރަށެވެ. އެ އިހުސާސްވުމުގެ ހައްގު ނެތް މިންވަރަށެވެ. ފޯނަށް ބަލަހައްޓައިގެން ހުރި އިރު އޭނާއަށް ދެތިން ފަހަރަކު އެސްފިޔަ ޖަހާލާފައި އެ މެސެޖަށް ބެލުނެވެ. ނަމަވެސް ޖަވާބު ބަދަލެއް ނުވިއެވެ. އިރުކޮޅެއް ފަހުން ކައިލްގެ އިނގިލިތައް މަޑުމަޑުން ހަރަކާތްކުރިއެވެ.
“އީވެން އާފްޓަރ ވަޓް ހީ ޑިޑް…؟” ލިއާއަށް ކައިލްގެ މެސެޖަށް ބަލަން އިނދެވުނެވެ. މެސެޖުގެ ޒަރީއާއިން ވިޔަސް އޭގައިވި ގަބޫލުކުރަން ދަތި ކަމުގެ އަސަރުތައް ލިއާއަށް އިހުސާސްވިއެވެ. އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“ލަވް އިޒިންޓް ލޮޖިކަލް…” ކައިލްއަށް ލިއާގެ މެސެޖު ލިބުނެވެ. އޭނާއަށް ގޮނޑީގައި ލެނގިލެވުނެވެ. ބަޔާންކުރަން ނޭނގޭ އުނދަގޫ ކަމެއް ނަފްސަށް ވެރިވެފައި ވެއެވެ. އޭނާއަށް ރުޅި އާދެވުނެވެ. އެ މެސެޖުތައް ދެކެއެވެ. ރިހާން ދެކެއެވެ. އެކަމަކު އެ ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަމިއްލަ ނަފްސު ދެކެއެވެ. އޭނާ މިކަމާއި އަޅާލަންވީ ކީއްވެހެއްޔެވެ؟ މިއީ އޭނާއާއި ގުޅުން ހުރި ކަމެއް ނޫނެވެ. ރިހާން އަކީ އޭނާއާއި ދުވަހަކު ދިމާވި މީހެއް ވެސް ނޫނެވެ. ލިއާ ބޭނުން މީހެއް ދެކެ ލޯބިވުމުގެ ހައްގު ލިއާއަށް އޮންނާނުންހެއްޔެވެ؟ އެހެންނަމަވެސް އެ ހިޔާލުގެ ސަބަބުން ހިތި އަސަރުތަކެއް ހިތަށް ކުރަނީ ކީއްވެހެއްޔެވެ؟ ކައިލް ފުން ހިޔާލުތަކަކަށް ގެއްލިފައި ހުއްޓާ ލިއާ މެސެޖު ކުރިއެވެ.
“އައި ނޯ ހީ ވޮޒްންޓް ގުޑް ފޯ މީ…އައި ޝުޑުންޓް މިސް ހިމް…ބަޓް އައި ކާންޓް ޖަސްޓް ސްވިޗް މައި ފީލިންގްސް އޮފް…” ލިއާގެ މެސެޖު ކިޔާފައި ކައިލްގެ އެތެރެހަށީގައި ހޫނުކަމެއްގެ ހުޅު ހިފިކަހަލައެވެ. އޭނާ ބޭނުންވީ ލިއާ އާއި އެކަމާއި ދެބަސްވުމަށެވެ. ބޭނުންވީ ލިއާއަށް އެއަށްވުރެ މާ ރަނގަޅު މީހުން ހައްގުކަން ބުނާށެވެ. އަދި ރިހާންއަކީ ކަމުދާ މީހެއް ނޫންކަން ބުނާށެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާ ބުނީ އެހެން އެއްޗެކެވެ. “ޑަޒް ހީ ނޯ…؟”
“ޔެސް…” ލިއާ ބުންޏެވެ.
“ވުޑް ޔޫ ޓޭކް ހިމް ބެކް އިފް ހީ ކޭމް ބެކް…؟” މެސެޖު ފޮނުވާލި އިރު ކައިލްގެ ނޭވާ އަވަސްވެއްޖެއެވެ. އެ މެސެޖު އޭނާއަށް ފޮނުވުނީ އަމިއްލަ ނަފްސު ނުހިފޭއްޓިގެންނެވެ.
ލިއާއަށް މެސެޖަށް ބަލަން އިނދެވުނީއެވެ. ރިހާން އެނބުރި އައިސްފިނަމަ އޭނާއަށް ނުގޮސް ހުރެވޭނެހެއްޔެވެ؟ ނަމަވެސަ އެއަށް ޖަވާބު ދޭން ލިއާއަށް ދަތިވިއެވެ.
“އައި ޑޯންޓް ނޯ…މޭބީ…” ލިއާގެ މެސެޖު ކިޔާފައި ކައިލްގެ މޫޑު ގޯސްވެއްޖެއެވެ. އޭނާއަށް ފޯނުގެ ސްކްރީން ނިއްވާލެވުނެވެ. ފުން ނޭވާއެއް ލަމުން ނިތްކުރިމަތި މަސާޖުކޮށްލިއިރު ކައިލްހުރީ އަމިއްލަ ނަފްސަށް އަންނަމުންދާ ބަދަލުތަކާހުރެ އުނދަގޫވެފައެވެ. މީ ދެން ކިހާ ދެރަކަމެއްހެއްޔެވެ؟ އޭނާއަށް އެކަމުގެ ސަބަބުން އުނދަގޫވާންވީ ސަބަބެއް ނެތެވެ. އެއީ ކައިލްއާއި ގުޅުން ހުރި ކަމެއް ނޫނެވެ. އަދި ލިއާ އަކީ އޭނާގެ ލޯބިވެރިއެއް ނޫންކަން އެއްކިބާގައި އޮއްވާ ލިއާ އަކީ އެހާ ގާތް އެކުވެރިއެއްވެސް ނޫނެވެ. ދެމީހުން އަދި ރަނގަޅަށް ވާހަކަ ދައްކަން ފެށިތާ މާ ދުވަހެއް ނުވެއެވެ. އެހެން ނަމަވެސް ލިއާގެ ހިތަށް އެހާ އަނިޔާވެރިވި ފަރާތެއް ދެކެ ލިއާ އަދިވެސް ލޯބިވާކަން އެނގުމުން ކައިލްގެ ނަފްސަށް ބަޔާންކުރަން ނޭނގޭ ރުޅިވެރިކަމެއް ވެރިވެފައި ވެއެވެ. އޭނާއަށް މި އަންނަ ބަދަލުތަކާއި މެދު ނަފްސު ވަނީ ގަބޫލުކުރަން ދަތި ވިސްނުންތަކެއްގައެވެ.
“މައި ޓާރން…” ލިއާގެ މެސެޖު އައެވެ. ކައިލް ގަޔާނުވާ ގޮތަކަށް ޓްރުތް އޭ ބުނެ ރިޕްލައިކުރިއެވެ.
“ހެވް ޔޫ އެވަރ ބީން އިން ލަވް…؟” ލިއާގެ ސުވާލުގައި ވެއެވެ. ކައިލްއަށް އިރުކޮޅެއް ވަންދެން އެ މެސެޖު ބަލަން އިނދެވުނެވެ. ދެން އޭނާގެ ސަމާލުކަން ހިންގާލީ ދާދި ދެންމެއަކު ބަދަލުކުރެވުނު މެސެޖުތަކަށެވެ. ދެން ރިހާންގެ ނަމަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އެވަގުތު މޭގައި އުނދަގޫ އިހުސާސެއް އުފެދުނެވެ.
“ނޯ…” ކައިލް ބުންޏެވެ.
“ނެވަރ..؟” ލިއާ އެހިއެވެ.
“ނެވަރ…!” ކައިލްގެ ރައްދު އައުމާއެކު ލިއާ “ލަކީ” އޭ ބުނެލިއެވެ. އެ މެސެޖަށް ބަލާފައި ކައިލްއަށް ހެވޭގޮތްވިއެވެ. އޭނާ ނަސީބު ގަދަހެއްޔެވެ؟ އިރުކޮޅެއް ފަހުން ދެން އެ ދެމެދުގައި ދެކެވުނީ އާދައިގެ ވާހަކަތަކެވެ. މާ ގިނައިރެއް ނުވަނީސް ރޭގަނޑުގެ ސަލާމްކޮށްފައި ލިއާ އޮފްލައިން ވެއްޖެއެވެ.
ފޯނު މޭމަތީ ބާއްވާފައި ކައިލްއަށް އޮވެވުނީ ފުން ވިސްނުމެއްގައެވެ. ޖެހެމުން ދިޔަ ހިތްފަސޭހަ ވައިރޯޅިން އެ ހިތުގައިވި ނުތަނަވަސްކަން ކުޑަކުރުމުގައި ނާކާމިޔާބު ވަމުން ދިޔައެވެ. ވަކި ކަމެއްގެ ހިޔާލު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. “ވުޑް ޔޫ ޓޭކް ހިމް ބެކް އިފް ހީ ކޭމް ބެކް” އެ މެސެޖަށް ލިއާ ނޫނެކޭ ބުނެ ވަގުތުން ރައްދު ނުދިނުމުން ކައިލްގެ ހިތަށް ދަތިކުރަމުން ދިޔައެވެ. މޫޑު އެއްކޮށް ގޯސްވެފައި ވީއިރު އޭނާއަށް މި އަންނަމުން ދާ ބަދަލުތަކާއި މެދު ކައިލް ކަންބޮޑުވާ ގޮތްވިއެވެ.
ނުނިމޭ
One Comment
Comments are closed.


Holy shittt!!! Wow this is getting really really interesting. Next part avahah up kohdhehchey cuz i really cant wait to read the next part. Woah. Mi part hessa saalhii😍!! Kyle really fell for leah haha. Kyle pls beat the shi out of rihaan i beggg🙏🏽🙏🏽. Take care girl