ދެމަފިރިންގެ މޫނުމަތީގައިވީ ހިނިތުންވުން ފެނި ޑަކްޓަރުގެ މޫނުގައި ނުތަނަވަސްކަން އުފެދުނެވެ. ހިންދިރުވާލަމުން ކައިރީގައި އޮތް އޭނާގެ ފޯނަށް ބަލައިލިއެވެ. އޭނާ އެދެމީހުނަށް ދިން އެ އުފާވެރި ޙަބަރު އޭނާއަށްވެސް މިހާރު އިނގޭނެޔެވެ. ދެންވާނީ ކިހިނެތްބާއެވެ؟
(63 ވަނަ ބައި)
ލަޝްކާއާއި ދާއިޔަލް ނިކުތުމުން ޑަކްޓަރު އޭނާގެ ފޯނު ނެގިއެވެ. ތުރުތުރުލަމުން ދިޔަ އަތުން ފޯނު ހުޅުވާ ފިތައް ފިއްތާލިއެވެ. ފޯނު ދިއްލުނު އިރު އޭނާ އިނީ ފޯނެއްގައި ކަން އެނގުނެވެ. ހިންދިރުވާލަމުން ކަންފަތުގައި އޭނާ ފޯނު ޖެއްސިއެވެ. “ހަ.. ހަލޯ…؟”
“ހަހަ. އެންމާބަނޑުދެބެންނޭ؟ ހާލު ރަނގަޅޭ؟ ހަހަހަ” ހެމުން ހެމުން އަކިޔަލް ބުނެލިއެވެ.
“ކީއްކުރަންތަ އެޔެއް ބަލަން އަސްލު ތިއުޅެނީ…؟” ހިތުގައިވީ ސުވާލު ޑަކްޓަރުގެ ދުލާއި ހަމައަށް އައެވެ.
“އޭ. އެއީ ކަލޭ ބަލަން ޖެހޭ ކަންކަމެއް ނޫން އިނގޭ؟ ކަލެއަށް ދިން 82 ހާސް ރުފިޔާ ހިފައިގެން ހައްޕު ކިޔައިގެން ހުރޭ. ނޫނީ ނޮޅާލަން ޖެހިދާނެ.” މިހެން ބުނެ އޭނާގެ ޖަވާބަކަށް އިންތިޒާރުވެސް ނުކޮށް އޭނާ ފޯނު ބޭއްވިއެވެ.
އަޒީން ހަސްފަތާލަށް ލައިފައި އެނބުރި ގެއަށް ވައިން މަޒީނާއަށް ވަދެވުމާއި އެކު އޭނާގެ ފިރިމީހާ ޒެން އައިސް އޭނާގެ ކަރުގައި ހިފާ ފާރާ ތަތް ކުރުވިއެވެ. “ކަލޭ ބަނޑުބޮޑީތަ؟؟؟” ދަތްކުނޑިވިކާލަމުން ޒެން އެހިއެވެ.
ވަގުތުން މަޒީނާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލެވުނެވެ. އެކަން ޒެންއަށް އެނގުނީވެސް ކިހިނެތް ހެއްޔެވެ؟ ގައިމުވެސް އޭނާ އެވާހަކައެއް ނުބުނެޔެވެ. އެވަގުތު ސޯފާ ކައިރީ އޮތް ޓެސްޓު ކިޓު އޭނާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނު ފަދައެވެ.
“ކިހާ ދެރަ ކަމެއްތަ އޭނ؟؟؟ ބީރީތަ؟؟؟ ނޫނީ އިވޭ ކަމަށް ނަހަދަނީތަ؟؟ މަ މި އަހަނީ ކަލޭ ބަނޑުބޮޑީ ހޭ؟؟؟؟” ޒެންގެ އަޑު ދިޔައީ ހިނދެއް ހިނދަކަށްވުރެ ބާރު ވަމުންނެވެ.
“ޒެ.. ޒެން… ރު.. ރުޅި .. މަޑުކޮށްބަ…” މަޒީނާގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ.
“ނޫޅެން މަޑު ކުރާކަށް. މަ މި އަހަނީ ދޯ ކަލޭ ކައިރީ ކަލޭ ބަނޑުބޮޑީހޭ؟ ކީއްވެތަ އެ ސުވާލަށް ޖަވާބު ނުދެވިގެން ތިއުޅެނީ؟؟؟” މަޒީނާގެ ކަންކަށި މަތީގައި ޖަހަމުން ޒެން އެހިއެވެ.
ގޮތް ހުސްވެފައިވީ ނިކަމެއްޗެއް ފަދައިން މަޒީނާ ބޯ ޖަހައިލިއެވެ. އޭނާއަކަށް މިއަދު ދެން އޮޅުވާލެވޭކަށް ނެތެވެ. ހެކި އެއޮތީ ފެންނާށެވެ.
“ކީއްވެ ނުބުނީ؟ އޭނ؟؟ ކީއްވެހޭ ނުބުނީ؟؟؟؟”
“ޒެ… ޒެން ރުޅި އައިސްދާނެތީ…”
“ހަހަ. އެހެންތަ؟؟ ކަލޭ ބިރުގަނޭ ދޯ މަ ރުޅި އައިސްދާނެތީ؟ އެކަމަކު މަ ރުޅި އަންނަ ކަން ކަން ކުރާ އިރު އެންމެ ރަނގަޅު ދޯ؟” ޒެން އައިސްފައި ވީ ރުޅިން ދިޔައީ ތުރުތުރުލަމުންނެވެ.
“އަހަ… އަހަރެން ބަނޑުބޮޑު ވުން އެއީ ކުށެއްތަ؟؟ ކޮބާ އެކަމުގަ އަހަރެންގެ މައްސަލައަކީ؟ ކީއްވެތަ ތިހެން ތި ބުނަނީ؟ ބަލަ މިއީ ޒެންގެ ވެސް ދަރިއެކޭ. މީ ޒެންގެ ލެޔޭ. މިއީ އަހަރެން އެކަނި ކުރި ކަމެއް ނޫނެއްނުން؟” މަޒީނާ ރައްދު ދިނެވެ.
“އޯހޯ އެހެންތަ؟ މިހާރު ކަލޭ އަހަރެންގެ ކުރިމަތީގައި ބަސްވެސް ބުނަން ފެށީ ދޯ؟ ހާދަ ހަޔާތް ކުޑަ ވެއްޖޭ. ބަލަ މަ މީ ކަލޭގެ ފިރިމީހާ އޭ. ހަމަ ހުވާ މަރާލިޔަސް ފާފަ ނުވާނެ. އެންމެ ރަނގަޅު. ދެން ހެޔޮ ކޮންމެ ގޮތަކަށް ކަން ވިޔަސް. ކަލޭ ޖެހޭނީ ހަމަ ތި ދަރި ވައްޓާލަން. ސާފު؟”
ޒެންގެ އެ ޖުމުލައާއި އެކު މަޒީނާގެ ދެލޯ ބޮޑުވިއެވެ. ޒެންއަށް އެހެން ބުނަން ކެރުނީތީވެސް ހައިރާންވެ، އަންތަރީސް ވިޔެވެ. “ޒެން މޮޔަވީތަ؟ ބަލަ މިއީ ޒެންގެވެސް ދަރިއެކޭ” މިފަހަރު މަޒީނާގެ އަޑުގައިވެސް ވީ ރުޅިވެރިކަމެވެ.
“އަހަރެން ބޭނުމެއް ނޫން ބައްޕައަކަށް ވާކަށް. އަދި ވެސް ކަލޭގެ ބަނޑުން ވިހާ ދަރިއަކަށް” ދަތްކުނޑިވިކާލަމުން ޒެން ބުންޏެވެ.
“ދެން ތިހެންޏާ ވަރި ކުރީމަ ވީނުން؟ އަހަރެންދެކެ ތިހާ ރުޅި އަރަންޏާ ކީއްވެ ތި ގެންގުޅެނީ؟ އޭނ؟ ކަލޭ އަބަދުވެސް މަށަށް ކުރަނީ އަނިޔާ. އެކަން ވަނީ ކަލެއަށް މަޖާ ކަމަކަށް. ކޮން އިރަކުތަ ކަލޭ މަށާ ދޭތެރޭގަ ލޯބިން ކަން ކުރީ؟ އޭނ؟”
މަޒީނާގެ ސުވާލާއި އެކު ޒެންގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއް ކުރެހުނެވެ. “އެހެންތަ؟ ކަލެއަށް މަށާ ނުލާ އުޅެވޭނެތަ؟ ކަލޭ ކޮންތާކުންތަ އެހެން ވިއްޔާ އަޒީންގެ ހަރަދު ތަކަށް ރުފިޔާ ހޯދަނީ؟ ތީ ކިޔަވައިގެން ހުރި މީހެއްވެސް ނޫން. ވަޒީފާއެއް ހުރީކީ ނޫން. އަޒީން އެ ގޭބަންދުގަ ހުރި މީހެއް. ކަލޭމެން ދޭތި މަގުމަތިވާނީ އަހަރެން ކަލޭ ދޫކޮށްލިއްޔާ” ހަރަންބަނދެލަމުން ޒެން ބުނެލީ މަލާމާތުގެ ރާގަކަށެވެ.
ތެދެކެވެ. ޒެންއަށް މަޒީނާއާއި ނުލާ އުޅެވިދާނެއެވެ. އެހެން ވިޔަސް މަޒީނާއަކަށް ޒެންއާއި ނުލާ ނޫޅެވޭނެޔެވެ. ޒެންއާއި އެކު އުޅެން އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. އިތުރު އެއްޗެއް ނުބުނެ މަޒީނާ ގެއިން ނިކުތީ އެހެން ވެގެންނެވެ. ބުނާނީ ކީކޭ ހެއްޔެވެ؟ ޒެން ބުންޏަސް އެއީ ތެދެކެވެ. ޒެންއާއި ނުލާ މަޒީނާއަކީ އެއްވެސް މީހެއް ނޫނެވެ. ރޮމުން ރޮމުން ހިނގާފައި ދިޔަ މަޒީނާގެ ބޮލަށް އެނބުރުން އެރީ ކުއްލިއަކަށެވެ. ހުރި ތަނަށް އޭނާ ދެމުނެވެ.
ޑައިލަސިސް ހަދާ ކޮޓަރީގައި އޮތް އަޒީންގެ އަތަށް މެޝިނުތައް ގުޅުވަން ހުރި ޒާލާއަށް އިރު އިރުކޮޅުން އޭނާގެ މޫނަށް ބަލައިލެވެޔެވެ. ފައިހާ ބުނީ ތެދެކެވެ. އެއީ ރީތި ޒުވާނެކެވެ. އުމުރުންވެސް ޅައެވެ. ނަމަވެސް އޭނާ މިއަދު މި ވަނީ ފަރުވާއެއް ނެތް ބައްޔެއްގެ ޝިކާރައަކަށް ވެފައެވެ. މި ޒުވާނާގެ ދިރިއުޅުން ހަލާކުވީ ގޮތާއި މެދު ޒާލާގެ ހިތުގައި ސުވާލު އުފެދުނެވެ.
“ކީއްވެތަ އިރު އިރު ކޮޅާ ތި ބަލަނީ؟” ޒާލާ ބަލާކަން އެނގި އަޒީން އެހިއެވެ. ވަގުތުން ޒާލާ ދިޔައީ ސިއްސައިގެންނެވެ.
(ނުނިމޭ)
ފަސްދޮޅަސްހަތަރުވަނަބައިގެ ތެރެއިން:
“އެހެންތަ؟ ހަމަ އެހާ ލޯބިވޭ..؟” އެޒިކިއެލްގެ ކޮނޑުގައި މިކްޔާ ބޯ އަޅައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Wow Luv it.
jazaakallah khair 🩶🫶🏻
Was I hallucinating or whaa?
Did you upload the next part ??
I thought I was reading it and paused to do smthng and when I came back to continue it hella disappeared?!
Gaimu I read chatgpt naruhekoa konmes ehchakoa azeen zaalaa ah kiyehnu??
nooo nooo it was out shihaaa ah hedhun mistake akun eythi alun pending ah dhiyaii😭 now u can read it, sorry about that