ލޯބިން ބުނާތީ 17
ކައިރާ އިށީނދެފައި ލިއާގެ އަތުގައި ހިފަހައްޓާލީ ނޯޓްސް ލިޔަން އިންގޮތަށް ލިއާ މަޑުޖެހިފައި އިނުމުންނެވެ. އެ އަތް ފިނިވެފައިވާވަރުން ކައިރާ ހައިރާންވިއެވެ. މި ހުރިހާއިރު އަމާޒުވެފައިހުރި ނަޒަރުތަކާހުރެ ލިއާ އިނީ ރަނގަޅަށް ނޭވާވެސް ނުލެވިފައެވެ. ހަމަ އެއާއެކު ކައިލް އޭނާ ދިފާއުކުރުމުން އެކަމާވެސް އޭނާއަށް ފިކުރު ހިންގެމުން ދިޔައެވެ. ނަމަވެސް ކައިރާގެ ކަންބޮޑުވެފައި ހުރި މޫނު ފެނި ލިއާ ހަމަޖެހިލަމުން ނޯޓް ލިޔުމައިގެން ކުރިޔަށް ދިޔައެވެ. ލިއާ އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާތީ ކައިރާވެސް އިތުރު އެއްޗެކޭ ނުބުންޏެވެ.
އަލީޝާ ގޮސް އިށީނދެ އިން އިރު މޫނު ބަނަކަމުން ހީވަނީ ކަޅު ވިލާގަނޑެއްހެންނެވެ. އަލީޝާގެ މިޒާޖު ކޮންމެ ގޮތަކަށް ހުއްޓަސް އޭނާއާ ހިތް ކިޔާ ފިރިހެންކުދިން މަދެއް ނޫނެވެ. ލިބިފައިވާ ރީތި ސޫރައިގެ ސަބަބުންނެވެ. ނަމަވެސް އެ ރީތިކަން ފުރިހަމަ ނުވަނީ އޭނާގެ އަހުލާގުގެ ސަބަބުންނެވެ.
ކައިލްގެ ސިއްރު ނަޒަރު އިރުއިރުކޮޅާ ލިއާއަށް ހުއްޓެއެވެ. ލިއާ އިނީ ހިމޭންކަމާއެކު ފޮތުގައި އެއްޗެއް ލިޔުމަށެވެ. ކައިރާ އިނދެފައި ދޭތެރެއަކުން ލިއާ ގާތު އެއްޗެކޭ ބުނެލާތަން ފެނެއެވެ. ކައިލް ހިމޭނުން އިން އިރު އޭނާއަށް އެކި ކަންކަމާ ވިސްނެމުން ދިޔައެވެ. އަލީޝާ ލިއާއާއި މެދު އަމަލުތައް ބަހައްޓަމުން ދާ ގޮތުން ކައިލްއަށް އުނދަގޫ ވާންވީ ސަބަބެއް ކައިލްއަކަށް ނުވިސްނުނެވެ. އޭނާއަށް އެނގެނީ އެވަގުތު ބަޔާންކުރަން ނޭނގޭ ރުޅިވެރިކަމެއް ހިތުގައި އުފެދުންކަމެވެ. އަމިއްލަ ނަފްސު ނުހިފޭއްޓެނީސް އޭނާއަށް އެވަގުތު އަލީޝާއާއި ދިމާލަށް ބުނަންވާ އެއްޗެއް ބުނެވުނީއެވެ.
“މޭބީ އިޓްސް ބިކޯޒް އައި ހޭޓް ޑްރާމާ…” ކައިލް އަމިއްލައަށް ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނެވެ. އިތުރަށް ހިޔާލުތަކަށް ގެއްލިފައި އިންނާނެ ވަގުތެއް އޭނާއަކަށް ނުލިބުނެވެ. ކްލާހަށް ވަދެގެން އައި ޒޭޑެންގެ ބަރު އަޑުން ހުރިހާކުދިންގެ ސަމާލުކަން ހޯދައިފިއެވެ.
ރޭގަނޑުގެ ވަގުތެވެ. ލިއާ ތައްޔާރުވެލައިގެން ނިކުމެ ގޭ ދޮރު ކުރިމަތީ ހުއްޓެވެ. ވައިރޯޅިތަކުގެ ތެތްފިނި ހަމަލާއިން ލިއާގެ އައްސާލާފައިވާ އިސްތަށިގަނޑު ދެފަރާތަށް ނަށަމުން ދިޔައެވެ. އާދައިގެ މަތިން އުޑުމަތި ވަނީ ބަނަކޮށެވެ. އުޑުމައްޗަށް ނަޒަރު ހިންގަން ހުއްޓާ އިރުކޮޅެއްފަހުން ކަޅުކުލައިގެ ކާރެއް އެ މަގުން ދައްކާލިއެވެ. އޭގެ މިސްރާބު ހުރީ ލިއާ ދިރިއުޅޭ ގެޔަށެވެ. ދިހަވަރަކަށް ސިކުންތުތެރޭ ކާރު އައިސް ހުއްޓުނީ ލިއާގެ ކުރިމައްޗަށެވެ.
“އަވަހަށް އަރާ…” ފަހަތު ސީޓުގައި އިނދެފައި ދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ކައިރާ ލިއާއަށް ބުނެލިއެވެ. ލިއާ ކޮންމެސްވަރަކަށް ފަސްޖެހޭގޮތްވެފައި ހުރި ނަމަވެސް އެކަން ނުދައްކާ، ކާރަށް އަރާ ކައިރާ ގާތު އިށީނެވެ. އޭރު ކާރުތެރޭ ދުވާ ލެވެންޑާ އެއަރފްރެޝްނަރގެ މީރުވަހުން ލިއާގެ ސިކުނޑި ތާޒާވިކަހަލައެވެ. ކާރު ދުއްވަން އިނީ ކައިރާމެން ގޭގައި އެކަމަށް ހާއްސަކުރެވިފައިވާ ޑްރައިވަރެވެ. ލިއާ އަރާ ހަމަޖެހިލުމާއެކު ކާރު ދުއްވާލިއެވެ.
ދިހަވަރަކަށް މިނެޓްފަހުން ކާރު ގޮސް މަންޒިލަށް ހުއްޓުނެވެ. ކައިރާ ފޭބުމުން ލިއާވެސް ކައިރާ ފަހަތުން ނިކުތެވެ. އޭރު އިޝާން އޭނާގެ ސައިކަލުގައި އިންތިޒާރުގައި އިނެވެ. ކާރު ދުއްވާލުމާއެކު ލިއާއަށް ކުރިމަތިން ފެންނަމުން ދިޔަ ގެޔަށް ނަޒަރު ހިންގާލެވުނެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުމާއެކު ހުއްޓުން އެރިއެވެ. ދެތިން ފަހަރަކު އެސްފިޔަވެސް ޖަހާލެވުނެވެ. ހަމަ އެއާއިއެކު ކައިރާ އާއި އިޝާންއަށް ނަޒަރެއް ދެވުނެވެ.
“ލިއާ ހީވަނީ ޕެލެސްއަކަށް ވަންނަން ޖެހޭތީ ނާވަސް ވެފަ ހުރިހެން…” އިޝާން ހިނިގަނޑެއް ޖަހާލަމުން ސަމާސާކޮށްލިއެވެ. ކައިރާވެސް އިޝާން އާއި އެއްބައިވެލިއެވެ. ލިއާގެ މޫނުގެ ކުލަވަރު ހުރި ގޮތުން އެމީހުންނަށް މަޖާވިއެވެ. “މިއީ ގެޔެއްތަ…؟” ހައިބަތު ހުރި ބޮޑު ގޭޓަށް ބަލަން ހުރެ ލިއާ ބުނެލިއެވެ.
“ހމމ…މީ ކައިލްގެ ގޭ…ދެން ވަންނަން ހިނގާބަލަ…” ކައިރާ ލިއާގެ އަތުގައި ހިފާ ދަމައިގަތުމާއެކު ހިނގައިގަތެވެ. އެމީހުން އަރާ ހަމަވުމާއެކު ގޭޓު އޭގެ އަމިއްލަ ޒާތުގައި ހުޅުވިއްޖެއެވެ. ލިއާ ސިހިފައި ފުންމައިގަތުމާއެކު އިޝާންގެ ހިނގަނޑު ފަޅައިގެން ދިޔައެވެ. އޭނާ މައިތިރިވީ ކައިރާ ލޯ އަޅާލުމާއެކުއެވެ. ނަމަވެސް ކައިރާވެސް ހުރީ އެތެރެއަށް ހިނިގަނޑު ހިންދާލައިގެންނެވެ. ލިއާ ލަދުގަނެފާނެތީ ހޭން ނުކެރުނީއެވެ. ކައިރާ ލިއާގެ އަތުގައި ހިފާލުމާއެކު ލިއާ ހަމަޖެހިލަމުން ހިނގައިގަތެވެ. އޭރު އޭނާގެ ނަޒަރު އެކި ކޮޅުކޮޅަށް ހުއްޓެމުން ދިޔައެވެ. ކައިރާގެ ގެޔެކޭ އެއްފަދައިން ފެހިކަންގަދަ ކާޕެޓް ވިނަގަނޑެއް އޮތް އިރު ބޮޑެތި ބިޔަ ގަސްތައް ގިނައެވެ. ދެތިން އަނބުގަސް ހުއްޓެވެ. އެހާ ގަސް ގިނަ ނަމަވެސް ހިކި ފަތްކޮޅެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ލިއާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ފެންނަންހުރި ޕޫލެވެ. އޭގެ ވަށައިގެން މާބްލް މުށި ޖަހާފައި ހުރި އިރު ހަތަރުވަރަކަށް ބީޗް ގޮނޑީގެ އިތުރުން ބީޗް ކުޑަ ޖަހާ ހިޔާކޮށްފައި ހުރި މޭޒެއް ހުއްޓެވެ.
“ވާއު…” ލިއާއަށް ހިތާ ހިތާ ބުނެވުނެވެ.
“ކައިލް…!” ގޭތެރެއަށް ވަންނަމުން ކައިރާ ބާރަކަށް ގޮވާލިއެވެ. އަދި އެތެރެއަށް ވަދެގެން ދިޔައީ އަމިއްލަ ގޭ ފަދައިންނެވެ. އޭރުވެސް ލިއާއަށް ހުރެވުނީ އާޝޯހުވެފައެވެ. ހުދު ކުލައިން ފަރުމާ ކުރެވިފައިވާ ލިވިންގްރޫމުން ފެންނަނީ ތަނަވަސްކަމެވެ. ޖާގަ ތަނަވަސް އެ ލިވިންގްރޫމްގައި އަޅިކުލައިގެ ބޮޑު ސޯފާސެޓެއް ވާއިރު ކުރިމަތީގައި ބޮޑު ފްލެޓް ސްކްރީން ޓީވީއެކެވެ. ކަނާތްފަރާތުގައި މައްޗަށް ދިއުމަށް ހުރި ވައްބުރުގެ ބައްޓަމަށް ވާ ސިޑިން އޭރު ފިރިހެނަކު ފައިބެގެން އާދެއެވެ. އިސްކޮޅުން ދިގު، ބައިމަތިފުޅާ އެ ފިރިހެންމީހާ ފެނި ކައިރާގެ މޫނު ދިއްލުނެވެ.
“އަންކަލް…!” ކައިރާ ކުޑަކުއްޖެއް ފަދައިން ދުވެލާފައި ގޮސް އެ ފިރިހެންމީހާ ގައިގަ ބައްދާލައިފިއެވެ. ކައިރާގެ އެ އަމަލުން އެ މީހާގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.
“ދެޓްސް ކައިލްގެ ޑޭޑް…” ލިއާގެ ކަންފަތާ ކުޑަކޮށް ކައިރިވެލާފައި އިޝާން ބުނެލިއެވެ. ލިއާއަށް އެއްފަހަރު އިޝާންއަށް، އަނެއްފަހަރު އެދިމާލަށް ބަލާލެވުނީ ހައިރާންވެފައެވެ. ކައިލްގެ ބައްޕަ ހާދަ ޒުވާންވެފައި ސްމާޓެވެ. ބަލާބެލުމަށް ހީވަނީ އުމުރުން ތިރީސް އަހަރުގެ ޒުވާނެއްހެންނެވެ. ކަޅުކަން ގަދަ ވަރުގަދަ އިސްތަށިގަނޑާއި، ހަތަރެސްކަން މޫނުން، ނުހަނު ފިރިހެންވަންތަކަމަށް ދައްކައެވެ. ކައިލް އެހާ ފިރިހެންވަންތަވެފައި ފުރިހަމައީ ކީއްވެކަން ލިއާއަށް ނަގައިގަނެވުނެވެ.
“ހޭ އާލިކް…!” އެވަގުތު ދޮރުން ވަދެގެން އައި ޒުވާނަކަށް އިޝާން ގޮވާލިއެވެ. ލިއާ އެދިމާލަށް ބަލާލުމާއެކު އެ ޒުވާނާ އިޝާންއަށް އަތް އެއްލަމުން ހައި ޖަހާލިއެވެ. ލާފައި ހުރި އެއްޗެހިން ހީވަނީ ޖިމް ފަދަ ތަނަކަށް ގޮސްފައި އައިހެންނެވެ. ކޮނޑުގައިވި ޖިމް ބޭގް ނަގަމުން އޭނާގެ ނަޒަރު ލިއާމެންނަށް ހުއްޓުނެވެ.
“މީ ދޯ ކައިލް މިއަދު ޖިމަށް ނުދިޔަ ކަމަކީ…” އިޝާންގެ ކޮނޑުގައި ޖަހާލާފައި އާލިކް ބުނެލިއެވެ. އޭރު ކައިލްވެސް ސިޑިން ފައިބެގެން އާދެއެވެ. އާލިކްގެ ނަޒަރު ހުއްޓުނީ ބައްޕަ އަކީލްގެ ގައިގަ ބައްދާލައިގެން ހުރި ކައިރާއަށެވެ.
“މި ކީއްކުރަން މިގެޔަށް ވެއްދި މީހެއްތަ…؟” ކައިރާ ގާތުން އަޅާފައި ދަމުން އާލިކް ކައިރާ ރުޅިއަރުވާލުމުގެ ނިޔަތުގައި ކައިރާގެ އިސްތަށިގަނޑަށް ދަމާލިއެވެ. ކައިރާ ވަގުތުން ކުސްތަޅާލުމާއެކު ރާގުލާފައި އަކީލްއަށް ގޮވާލިއެވެ. އަކީލް ވަގުތުން އާލިކްއަށް ގޮވާލަމުން އިންޒާރުގެ ނަޒަރަކުން ބަލާލުމާއެކު އާލިކް ހެމުން ހެމުން ސިޑިން އަރައިގެން ދިޔައެވެ. ދަމުން ސިޑިން ފައިބެގެން އައި ކައިލްގެ ކޮނޑުގައި ޖަހާލިއެވެ.
“ދެޓްސް ކައިލްގެ ބިގް ބްރާދަރ…” އިޝާން ލިއާއަށް ބުންޏެވެ.
މިހުރިހާ މަންޒަރެއް ބަލަން ހުރި ލިއާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވަނީ ނޭނގުމެއް ތެރޭގައެވެ. އެ އާއިލާގެ އެކުވެރިކަމާއި ބަދަހިކަން މި ހޭދަވި މަދު ވަގުތުކޮޅުވެސް ލިއާއަށް ފާހަގަވިއެވެ. ކައިލް އާއި ހިލާފަށް އާލިކް ހީވަނީ މަޖާ މިޒާޖެއްގެ ޒުވާނެއްހެންނެވެ.
“ކައިލްގެ ކްލާސްމޭޓްސް ދޯ…” ކައިރާގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ އައިސް އަކީލް ވާހަކަދެއްކީ ލިއާއަށް ބަލަމުންނެވެ. އޭނާއަށް އިޝާން އެނގެއެވެ. ކައިލްގެ އެކުވެރިކަމުގައި ދޭތެރެއަކުން އިޝާން އެގެޔަށް އައިސް އުޅޭތީއެވެ. ލިއާ ފިނިވެފައި ހުރެ ގަދަކަމުން އަކީލްއަށް ހިނިތުންވުމެއް ދިނެވެ. އަކީލްވެސް ރައްދުގައި ހީލިއެވެ. އަދި އިޝާންގެ ކޮނޑުގައި ޖަހާލިއެވެ. އަކީލްގެ ފަހަތުގައި ކައިލް ހުރީ ދެޖީބަށް އަތް ޖަހާލައިގެންނެވެ. ލިއާއަށް ކަމެއް ފާހަގަވިއެވެ. ކައިލްގެ ލޮލުގައި ނޫކުލަ ވީއިރު، އަކީލްއާއި އާލިކްގެ ލޮލުގައިވީ ގަދަ މުށިކުލައެވެ. އަނެއްކާ ކައިލްއަށް އެ ކުލަ ވާރުތަވީ ކައިލްގެ މަންމަގެ ފަރާތުން ބާއެވެ؟ ލިއާގެ ހިތުގައި ކައިލްގެ މަންމަ ދުށުމުގެ ޝައުގުވެރިކަން އުފެދުނެވެ.
“ސޯ…އައެމް ގޮއިން ޓު އޯޑަރ ޕިއްޒާ…ފޯރ މައި ސްވީޓް ނީސް…” ކައިރާގެ ބޮލުގައި ފިރުމާލަމުން އަކީލް ވާހަކަ ދެއްކިއެވެ. ކައިރާ ތުއިވެލުމާއެކު އަކީލްގެ ގައިގަ ބައްދާލިއެވެ.
“ޑޭޑް…!” ބޮލަށް އުނދަގޫ ވެފަ ހުރި ފަދައަކުން ކައިލް ރާގު ލާފައި ގޮވާލިއެވެ. އަކީލް ހޭންފެށުމާއެކު ފަހަތުގައި ހުރި ކައިލްގެ ބޮލުގައި މަޑުމަޑުން ޖަހާލާފައި ނިކުންނަން ހިނގައިގަތެވެ.
“ދެން ޖޭ ނުވެބަލަ ދޯ…!” ކައިރާ ހިނގައިގަންނަމުން ކައިލްއާއި ދިމާލަށް ބުންޏެވެ. ކައިލްގެ މޫނުމަތިން ފާޅުވީ ފޫހިކަމެވެ. “ނެވަރ…! ސްޓޮޕް އެކްޓިން ލައިކް އެ ޓޮޑްލަރ…” ކައިލް ކައިރާއަށް ރައްދު ދިނެވެ. އެ ދެމީހުން ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވުނެވެ. ފަހަތުން ހެމުން އިޝާން އައި އިރު ލިއާ ވެސް ހިމޭންކަމާއެކު އައެވެ.
“ލެޓްސް ސްޓަރޓް ބިފޯރ އައި ރިގްރެޓް އިންވައިޓިން ޔޫ ހިއަރ…!” ތިންވަނަ ފްލޯރ އަށް ދެވުމާއެކު ކައިލް ބުނެލިއެވެ. އިޝާން ބަލާކަށް ނުހުރެ ގޮސް ކޮނޑުގައި އޮތް ލެޕްޓޮޕް ދަބަސް ނަގާ ބަހައްޓާފައި އެތަނުގައި ހުރި އަޅިކުލައިގެ ސޯފާއަކަށް ޖެހިގަތެވެ. ކައިލް ދިޔައީ އޭނާގެ ލެޕްޓޮޕް ބަލައެވެ. ލިއާ އާއި ކައިރާ އެއްވަރަކަށް ހުރެގެން ހިނގާލާފައި އައެވެ.
އެ ބައިގައި ޖާގަ ބޮޑުވެފައި ތަނަވަހެވެ. އެއްދިމާލެއްގައި ފޮތްއަޅާ ހަރެއް ހުރިއިރު އެއާއި ޖެހިގެން ގަސްމުށިތަކެއް ބަހައްޓާފައި ވެއެވެ. އެންމެ މިޒަމާނުގެ ސްޓަޑީ ޓޭބަލް ވަނީ ހުދުކުލައިންނެވެ. ސޯފާތަކުގެ މެދުގައި ހުދުކުލައިގެ ރަގެއް އަޅާފައި ވެއެވެ. ތަނުގައި ހިފާލާފައިވަނީ އަރާމުވާފަދަ ފިނިކަމެކެވެ. ދެފަރާތުން ދެ ކޮޓަރި ފެންނަން ހުރިއިރު އެތަނުން އެއް ކޮޓަރި އެއީ ޖިމްއޭ އިޝާން ބުނެލިއެވެ.
“ސްވީޓް ފެމިލީ…ކައިލްގެ މަންމަ ކޮބާ…؟” ކައިރާ އާއި އެއްވަރަކަށް ހިނގާފައި އަންނަމުން ލިއާ އެހިއެވެ. މަޖާވެފައި ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް ކައިރާގެ ފިޔަވަޅުތައް މަޑުޖެހުމާއެކު ލިއާވެސް ހުއްޓުން އަރާގޮތްވިއެވެ. ސުވާލު އުފެދިފައިހުރެ ކައިރާގެ މޫނަށް ބަލާލިއިރު ލިއާ ހައިރާންވީ ކައިރާގެ މޫނުގައިވި ސީރިއަސް ކުލަވަރުންނެވެ. އޭރު އިޝާންވެސް ތެދުވެ، ސޯފާގައި އިށީނދެ އިން ގޮތުން ހީވަނީ ކުއްލިއަކަށް މީހާގެ މިޒާޖު އެއްކޮށް ބަދަލުވެގެން އައިހެންނެވެ. ހީވީ ލިއާއަށް ބުނެވުނީ ބުނަން ނުވާވަރު އެއްޗެއްހެންނެވެ.
ކައިރާ ލިއާގެ އަތުގައި ހިފާލަމުން އެ މޫނަށް ބަލާލިއެވެ. “ލިއާ، ޕްރޮމިސް މީ، ވަޓްއެވަރ ހެޕެންސް ނެވަރ އާސްކް ކައިލް އެބައުޓް ހިޒް މަދަރ…ކައިލް ހުންނަ ތާކު ތި ނަންވެސް ނުގަންނާތި…ޕްލީޒް…އައި ކާންޓް ޓެލް ޔޫ ވައި…އިޓްސް ރިއަލީ ކޮންޕްލިކޭޓެޑް…ބަޓް ޕްރޮމިސް މީ…” ކައިރާ މިހާ ސީރިއަސްވެފައި ހުއްޓާ ލިއާއަށް މި ފެނުނީ އަލަށެވެ. ލިއާގެ ހައިރާންކަންވީ އިތުރެވެ. ކައިރާ ދެވަނަ ފަހަރަށް ގޮވާލުމާއެކު ލިއާ އަވަސްއަވަހަށް އެކަމާއި އެއްބަސް ވެއްޖެއެވެ. ނަމަވެސް އެ ހިތުތެރޭގައި ސުވާލުތައް ފުނި ޖެހިގެން އުތުރި އަރަމުން ދިޔައެވެ. ކިތައްމެ އޮޅުންފިލުވަން ބޭނުންވިޔަސް އޭނާއަށް ކައިރާއާއި ސުވާލުކުރާކަށް ނުކެރުނެވެ. އަނެއްކާ ކައިލްގެ މަންމަ ނިޔާވެފައިވީ ހެއްޔެވެ؟ އެއީ ގަބޫލު ކުރެވޭ ވަރު ކަމެކެވެ. ހުދު އޭނާވެސް މަންމަގެ މަރުން އަރައިގަންނަން އެތައް ދުވަހެއް ނެގިއެވެ. ނަމަވެސް އަދިވެސް ހަގީގަތުގައި މުޅިން އެކަމުން އަރައިނުގަނެވެއެވެ. ތާއަބަދު ހިތުގައި އެ ރިހުން ހުރެއެވެ.
ލެޕް ހިފައިގެން ކައިލް އައި އިރު އެންމެން ތިބީ ފާޑަކަށް ހިމޭންވެފައެވެ. ކޮންމެސް ވަރަކަށް ހައިރާންވި ނަމަވެސް ކައިލް އެކަން ނުދައްކާ މަސައްކަތް ފެށުމަށް ބުނެލިއެވެ. އިތުރު ހައިރާންކަމެއް ލިބުނީ އެހެންޏާ ކޮންމެ ކަމެއްވެސް ސަކަރާތަކަށް ހަދަން އުޅޭ ކައިރާ އާއި އިޝާންވެސް މިފަހަރު މަސައްކަތައިގެން މަޝްއޫލުވި ވަރުންނެވެ.
ގަޑިއެއްހާއިރު ދިޔައީ މަސައްކަތުގައެވެ. މާހައުލުން އިވެނީ ޓައިޕްކުރާ އަޑާއި ގަނޑުތައް އުކެމުން ދާ އަޑެވެ. ލިއާ ފަރިތަކަމާއެކު ޓައިޕްކުރަމުން ދިޔައިރު ގާތުގައި ކައިރާ އިނދެގެން ނޯޓްފޮތުން ޕޮއިންޓްތައް ދައްކަމުން ދިޔައެވެ. ކައިލް އާއި އިޝާން އުޅުނީ ލެޕްޓޮޕުން އެހެން މަސައްކަތެއްގައެވެ.
ލިއާ ލިޔަން ހުރި އެއްޗެހި ނިމުމާއެކު ކައިރާ އިނދެފައި ސޯފާއަށް ވެއްޓިގަތެވެ. އޭނާއަށް އިޝާންގެ ސަމާލުކަން ހުއްޓުނެވެ. މީގެ އިރުކޮޅެއްކުރިން ހިނގައިދިޔަ ކަންތަކުން ކައިރާ އޮތީ މާހައުލުގެ ސީރިއަސް ކުލަވަރު ބަދަލުކޮށްލަން ބޭނުންވެފައެވެ. “ވާއު…އައި ޑިޒަރވް އެން އެވަރޑް ފޯރ ސަވައިވިން އެން އަވަރ ވިތައުޓް ޓަޗިން މައި ފޯން އޯރ ޓޭކިން އެނީ ޕިކްޗަރ…” ކައިރާ މަޖާ ރާގަކަށް ބުނެލިއެވެ. އިޝާން ހީލާފައި މަޑުމަޑުން ކައިރާގެ އިސްތަށިގަނޑު ހާވާލިއެވެ. ލިއާ ލެޕްޓޮޕް ބަހައްޓާފައި އަތުގެ އިނގިލިތައް ގުޅުވާލާ ކުރިޔަށް ދަމާލަމުން އިނގިލިތަކުން ކަށިއަޑު ގޮއްވާލިއެވެ.
“ނޯ ވަން އާސްކްޑް ޔޫ ޓު ސަފަރ…” މަސައްކަތުގައި މަޝްއޫލުވެ އިން ކައިލް ބުންޏެވެ. ކައިރާ ކައިލްއަށް ވައްތަރެއް ޖައްސާލުމާއެކު ތެދުވެއްޖެއެވެ. އެވަގުތު ވީ އަކީލް އޯޑަރ ކޮށްދިން ޕިއްޒާތަކާއި ކޯކްތައް ހިފައިގެން ގޭގައި ގެންގުޅޭ މީހަކު އައި ވަގުތަށެވެ. ކައިރާ އަވަސްއަވަހަށް ގޮސް އެ އެއްޗެހީގައި ހިފަން އުޅުނެވެ. ފަހަތުން އައި އިޝާން އެހީވިއެވެ.
“އޯ އެމް ޖީ…ސްޓޯރީ ހިންގަން ޖެހޭނެ…” އުފާވެރި ކުޑަކުއްޖެއް ފަދައިން އަތްތިލަބަޑި ޖަހާލަމުން ކައިރާ ސޯފާގައި އޮތް އޭނާގެ ފޯނު ނެގިއެވެ. އިޝާން އޭރު ކުދި ކިޔަމުން ދިޔައެވެ. އެކަމަށް ފަރުވާލެއް ނެތި ކައިރާ ފޮޓޯ ނަގަން ފެށިއެވެ. ލިއާ ހިނިތުންވެލައިގެން ކައިރާގެ ހަރަކާތްތަކަށް ބަލަން އިނެވެ. ފޮޓޯ ނަގަ ނަގާ ހުރެފައި ކުއްލިއަކަށް ކައިރާގެ ނަޒަރު ލިއާއަށް ހުއްޓުނެވެ.
“ވެއިޓް…! ލިއާ އިންސްޓަގްރާމް ނުގެންގުޅެން ދޯ…!” ކައިރާ ލިއާ ގާތަށް އަންނަމުން ބުނެލިއެވެ. ލިއާ މަޑު ހުނުމަކާއެކު ބޯ ޖަހާލިއެވެ. އެއާއެކު ކައިރާ އެ ކީއްވެކަން އޮޅުންފިލުވަން އުޅުނެވެ.
“ބިކޯޒް އައި ޑޯންޓް ނީޑް އިޓް…” ލިއާ ބުންޏެވެ. ކައިރާ މޭގައި އަތް އަޅާލާ ލޯ ބޮޑުކޮށްލިގޮތުން ހީވީ ލިއާ ބިރުވެރި އިންޒާރެއް ދިނީހެންނެވެ. “ޑޫ ޔޫ ނޯ ހައު މެނީ އެސްތެޓިކް ސްޓޯރީސް އައި ޕޯސްޓް…!؟” އެހުރި ގޮތައް ހުރެ ކައިރާ ސުވާލު ކުރިއެވެ. ލިއާ ޖަވާބެއްގެ ގޮތުން ދެފަރާތައް ބޯ ހޫރާލިއެވެ.
“އެގްޒެކްޓްލީ…!” ކައިރާ ބުނެލިއެވެ. އިޝާން ކައިރާއަށް ދިމާކުރާ ޒާތަކަށް ހެމުން ލިއާއަށް ބަލާލިއެވެ. “ދެން ކޯއްޗެއް ޔޫސް ކުރަނީ…؟” އިޝާން ލިއާއާއި ސުވާލުކުރިއެވެ.
“ފޭސްބުކް…!” ކައިރާ ލިއާއަށް ވުރެ ކުރިން ބުންޏެވެ. އިޝާންއަށް ލޯ ހަނިކޮށްލެވުނެވެ. “ސީރިއަސްލީ ލިއާ…؟ ކޮން އަހަރެއްގައި ތި އުޅެނީ…؟ ނައިންޓީސްގަތަ…؟” އިޝާން ލިއާ އާއި ދިމާކޮށްލިއެވެ. އޭރު މަސައްކަތަށް ގެއްލިފައި އިން ކައިލް ދިޔައީ ކަނުލާ އެމީހުންގެ ވާހަކަތައް އަހަމުންނެވެ.
“ކީއްވެގެން ދެން އެފް ބީ އަޅަން ޖެހުނީ…؟” އިޝާން ސުވާލުކުރިއެވެ.
ލިއާގެ ހިނިތުންވުން ފޭދުނެވެ. އެފަދަ ސުވާލަކަށް އޭނާ ތައްޔާރުވެފައެއް ނެތެވެ. އޭނާގެ ސިކުނޑިން ފަރުދާއެއް ކަހާލި ކަހަލައެވެ. ލޯމަތިން މަންޒަރުތަކެއް ކުލަވާން ފެށިއިރު އޭނާއަށް ސިފަވެގެން އައީ ރިހާންއެވެ. ލިއާގެ ހިޔާލުތައް ގޮސް މަޑުޖެހުނީ އެންމެ ފުރަތަމަ ރިހާން އާއި ދެމެދު އޮތް ގުޅުން ނިމުނު ދުވަހަށެވެ. އެކުވެރި ސުމާ އާއި އަލްޔާގެ އަޑާއި އެކު ނާވީގެ އަޑު ކަންފަތުގައި ގުގުމާލި ކަހަލައެވެ. ނޭނގި ހުއްޓާ ހިތުގައި ރިހުމެއް އުފެދުނެވެ. އޭނާ ރުއިވަރު ހަނދާންވިއެވެ. ރޫޔާއާއި ދެމެދު ބަދަލުކުރެވުނު މެސެޖުތައް ލޯމަތިން ސިފަވި ކަހަލައެވެ. ރިހާންގެ އަޑު ކަންފަތުގައި އެކޯވެލައިގެން އައެވެ.
“އޯ މައި ގޯޑް ލިއާ…” ކުއްލިއަކަށް ލިއާއަށް ހޭވެރިކަން ވެގެން އައީ ކައިރާ ލިއާގެ އަތުގައި ހިފާ ތަޅުވައިގަތުމުންނެވެ. އެވަގުތު އޭނާއަށް އަވަސްއަވަހަށް ދެފަރާތައް ބޯހޫރާލެވުނީ ރިހާންގެ ހިޔާލުތައް ސިކުނޑިން ނެރެލުމަށެވެ.
“ހާދަ ވަރަކަށޭ ލިއާ ތި ވިސްނާލީ…” ދެލޯ ބޮޑުކޮށްގެން އިން އިޝާންވެސް ބުނެލިއެވެ. އެކަކަށްވެސް ފާހަގަ ނުވީ މަސައްކަތް މަޑުޖެހިފައި އިން ކައިލްއެވެ.
“އައި ޖަސްޓް……އެއީ އޭރު ކުޑަކަމެއް ޖެހިގެން ހުޅުވި އެކައުންޓެއް…” ލިއާ އަވަސްއަވަހަށް ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ. އޭރު ކައިރާ ކަމެއް ދިރާސާކުރާ ފަދައަކުން ލިއާގެ މޫނަށް ބަލަން ހުއްޓެވެ. އެހެން ހުރެފައި އޭނާ ލިއާއަށް ބަލާލަމުން ދެލޯ ބޮޑުކޮށްލިއެވެ. ލިއާއަށް ހާސްވެފައި ކައިރާއަށް ބަލާލެވުނީ ކައިރާ ވިސްނަމުން ދާ ކަންތައް އޭނާއަށް ނަގައިގަނެވުމުންނެވެ. “ޑޯންޓް…!” ކައިރާއަށް ބަލާލާފައި ލިއާ އަވަސްއަވަހަށް ބުންޏެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ.
“ވޯޒް އިޓް ބިކޯޒް އޮފް އަ ގައި…؟” ކައިރާގެ ޖޯޝުން ފުރިފައިވި އަޑު ބޭރުވިއެވެ. އޭރު ބޯ ހާސްވަފައި ހުރި ފަދައަކުން ލިއާއަށް ދެފަރާތައް ބޯހޫރާލެވުނެވެ. “އޯ މައި ގޯޑް…ޔުއަރ އެކްސް މޭޑް ޔޫ އިންސްޓޯލް ފޭސްބުކް…ޑިޑިންޓް ހީ…؟” ކައިރާ ތެޅިފޮޅެމުން ވާހަކަ ދެއްކިއެވެ. “ސޯ އިޓްސް އަ ގައި…!” އިޝާން ހެމުން ހެމުން ސޯފާއަށް ވެއްޓިގަތުމާއެކު ތިރިއަށް ނުވެއްޓުނީ ކިރިޔާއެވެ.
ލިއާ އިސްޖަހާލަމުން ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ. ރިހުން އެކުލެވޭ ހިނިތުންވުމެކެވެ. ކައިރާއަށް އެކަމުން ނަގަންވީ މާނައެއް ނޭނގުނެވެ. އޭނާ ހުރީ ލިއާގެ ލޯބީގެ ދުނިޔޭގެ ކަމެއް އެނގުމުން އެއަށްވުރެ މާ ފޯރި އައިސްފައެވެ. އޭރުވެސް އެ ތިން މީހުންނަށް ލެޕް ކައިރި އިން ކައިލްގެ ހަރަކާތްތައް ފާހަގަ ނުވެއެވެ. ޓައިޕްކުރުން މެދުކެނޑިފައި ވީ އިރު މިހާރު އެ ދެއަތްތިލަ ވަނީ މުއްކަވާލެވިފައެވެ. އިރުއިރުކޮޅާ އެ ނަޒަރު ލިއާއަށް ހުއްޓެއެވެ.
“ވެލް…ލިއާގެ ސޯޝިއަލް މީޑިއާ ޓްރެޖެޑީ އެންޑްސް ޓުޑޭ…!” ކައިރާ މިހެން ބުނެލާފައި ލިއާ ނުވިސްނާ އިންދާ ކުއްލިއަކަށް ލިއާގެ ފޯނު ދަމައިގަތެވެ. ލިއާ އަވަސްއަވަހަށް ތެދުވުމާއެކު ކައިރާ ދުއްވައިގަތީ ފޯނާއި ކުޅެމުންނެވެ. ލިއާ ދުއްވައިގަންނަން އުޅެމުންވެސް ނުކެރުނީ އިޝާން އާއި ކައިލް ތިބުމުންނެވެ. އެކަމުގެ ފައިދާ ކައިރާ ނެގީ ވަރަށް ފުރިހަމައަށެވެ. ފޯނު ހިފައިގެން ގޮސް ކައިލްގެ ފުރަގަހުގައި ހުރެގެން އެ ކުރާކަމެއް ކޮށްލިއެވެ.
“ދެއަރ…ނައު އައި ކެން ޓެގް ޔޫ…” ކައިރާ ލިއާ އަތަށް ފޯނު ދިއްކޮށްލުމުން ލިއާ ލޯ އަޅައިގެން ހުރެ ފޯނު ދަމައިގަތެވެ. އޭރު ލިއާގެ ނަމުންގައި އިންސްޓަގްރާމް އެކައުންޓެއް ހުޅުވިފައި އިނެވެ. އިޝާން އިނދެފައި ލިއާގެ ފޯނަށް ނަޒަރެއް ދީފައި އަމިއްލަ ފޯނުން ލިއާއަށް ރިކުއެސްޓް ފޮނުވައިފިއެވެ.”ކްއައިޓްލީ ލިއާ…ސީރިއަސްލީ…؟” ކައިރާ ލިޔެފައި އިން ނަމަށް ބަލާފައި ލިއާ ލޯ ހަނިކޮށްލުމުން ކައިރާ ހޭންފެށިއެވެ. “އިޓް މެޗްސް ޔޫ ވެލް އެންޑް އިޓްސް އެސްތެޓިކް…” ކައިރާ ބުންޏެވެ. “އައި ނެވަރ އާސްކްޑް ފޯރ ދިސް…” ސްކްރީން ނިވާލަމުން ލިއާ ބުނެލިއެވެ. “ޔުއަރ ވެލްކަމް…” ކުރެވުނު ކަންތަކާއި އަމިއްލަ ނަފްސާއި މެދު ފަހުރުވެރިވެފައި ހުރެ ކައިރާ ބުނެލިއެވެ.
ދެން އޮތް ވަގުތުތަކުގައި ލިއާއަށް އުޅެން ޖެހުނީ ކައިރާ ޓެގް ކުރާ ފޮޓޯތައް އިންސްޓައަށް ލުމުގައެވެ. އިޝާން އޭރު ކުދިކިޔަމުން ދިޔައީ ކައިރާ އާއި ހުރެ ޕިއްޒާ ނުކެވި ލަސްވަމުން ދާތީއެވެ. ކައިރާ ހިތްހަމަޖެހޭވަރު ނުވެގެން އުޅެނިކޮށް ކައިލް އައި ގޮތަށް ކައިރާ ފޮޓޯ ނަގަނަގާ ހުއްޓާ ޕިއްޒާ ފޮއްޗެއް ދަމައިގަތެވެ. “ކައިލް އިޒީކިއެލް…!” ކައިރާ ހަޅޭއްލަވައިގަތެވެ. އިޝާން ކަންފަތްމަތީ އަތް އެޅިއިރު ލިއާއަށް އިނދެވުނީ ހިނިއައިސް ކައިލްއަށް ބަލާށެވެ. ކައިރާ ލަވަމުން ދިޔަ ހަޅޭކަށް ބެލުމެއް ނެތި ކައިލް ޕިއްޒާ ކަމުން އައިސް އިޝާން އާއި ޖެހިގެން އިށީނެވެ.
“ކިހިނެއް މި ވަނީ…!؟” ދުވެލާފައި މައްޗަށް އަރައިގެން އައި އާލިކް އެހިއެވެ. ފެންވަރާލައިގެން އެއްޗެހި ބަދަލުކޮށްގެން ހުރިއިރު އޭނާ ފެންނަނީ ތާޒާކޮށެވެ. “ހމމ ދެން މާ ނޫންކަމަށް ނުހެދި ބުނެބަލަ މި އައީ ޕިއްޒާ ކާހިތުންނޭ…!” ފޯނު ސޯފާމައްޗަށް ޖަހާފައި ކައިރާ ލިއާ ގާތު އިށީނެވެ. “ބްރޯ ކަމް ޖޮއިން…” އިޝާން ގޮވާލިއެވެ.
“ކޮންމެހެން ހުއްދަ ނުދިނަސް އަހަންނަށް މި ކެވޭނެ އިނގޭ…މައި ޑޭޑް ޕެއިޑް ފޯރ އިޓް…!” އާލިކް އާދައިގެ މަތިން ކައިރާ ރުޅިއަރުވަން އުޅުނެވެ. ކައިރާ ފުންމައިގަންނަން އުޅުމުން އިޝާން އޭނާ ހިފެހެއްޓިއެވެ. އާލިކް ހެމުން ހެމުން ޕިއްޒާ ފޮއްޗެއް ހިފައިގެން ގޮސް އިނީ ސްޓަޑީ ޓޭބަލް ކައިރި އިން ގޮނޑީގައެވެ. އަބަދު ކައިރާ ރުޅިއެރުވިޔަސް އާލިކްގެ ހިތުގައި ކައިރާއާއި ދޭތެރޭ ވަނީ އެއްބަނޑު އެއްބަފާ ކުއްޖެއް ދެކެ ވާނެފަދަ ލޯތްބެކެވެ. އަމިއްލަ އަންހެން ކޮއްކޮއެއް ނެތީމަކަމަށް ވެދާނެއެވެ.
ކައި ނިންމާފައި އަނެއްކާވެސް އެމީހުން މަސައްކަތުގައި މަޝްއޫލުވިއެވެ. މިފަހަރު އާލިކްގެ އެހީތެރިކަންވެސް ލިބުނެވެ. ގަޑިއެއްހާއިރު ފަހުން މަސައްކަތް ނިންމާފައި އެންމެން ދާން ތެދުވިއިރު ތިބީ ލޮޑުވެފައެވެ. އާލިކް މާކުރިން ސިޑިން ފައިބެގެން ގޮސްފިއެވެ. ލިއާ، ކައިރާ އަދި އިޝާން އާއި އެކު ކައިލް ގޭޓު ކައިރިއަށް ނިކުތެވެ.
“ޓޭކް ކެއަރ…ގުޑް ނައިޓް…” ކައިލްގެ މިއުޒިކެއްފަދަ އަޑު އިވިލުމުން ކާރަށް އަރައަރާ ހުރެ ލިއާއަށް ބަލާލެވުނެވެ. އެވަގުތު ކައިލް ބަލަހައްޓައިގެން ހުރިތަން ފެނުމުން ހިތް ފިނިވާގޮތްވިއެވެ. “ގުޑްނައިޓް…” ކިރިޔާ އަޑު އިވޭވަރަށް ލިއާ ބުނެލިއެވެ. ކައިލްގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފާޅުވިހެން ހީވިއެވެ. ނަމަވެސް އިރުކޮޅަކަށެވެ.
ގެއަށް ގޮސް ފެންވަރައިގެން އެނދުގައި ޖައްސާލުމާއެކު ލިއާއަށް ރިހާންގެ ނަންބަރަށް ބަލަން އިނދެވުނެވެ. މިއަދު ގްރޫޕް މަސައްކަތުގައި ހިނގައިދިޔަ ކަންތަކަށްފަހު މާބޮޑަށް ރިހާންގެ މަތިން ހަނދާންވީއެވެ. އޭނާ ރިހާންއާއި ނުގުޅާތާ ދެ ހަފްތާ ވަރު ވެދާނެއެވެ. ދެތިން ފަހަރަކު އިނގިލިތައް ހަރަކާތްކޮށްލީ ކޯލް ބަޓަނަށް ފިތާލުމަށެވެ. ނަމަވެސް އޭނާ ނަފްސު ހިފެހެއްޓިއެވެ. ދެން ރިހާންގެ ހިޔާލުތައް ނެރެލަން ލިއާގެ ކަމަކަށް ވީ އިންސްޓަގްރާމް ހޭވުމެވެ. މީގެ ކުރިން ބޭނުންކޮށްފައިވާ އެއްޗަކަށް ނުވިޔަސް އަލްޔާ އާއި ސުމާ އަބަދު އެ ހާވާއިރު ލިއާއަށް ފެނެއެވެ. އެހެންކަމުން އެއާއި ކުޅޭކަށް މާ އުނދަގުލެއް ނުވިއެވެ. ކައިރާގެ ޕްރައިވެޓް އައިޑީއިން ލާފައިވާ ފޮޓޯތަކަށް ބަލަމުން ލިއާ އެ ފޮޓޯތަކަށް ރިއެކްޓްކުރަމުން ދިޔައެވެ. އޭރު ޓިނު ފުރާޅުމައްޗަށް ވެހެމުން ދާ ވާރޭގެ އަޑުން ލޯ ބަރުކޮށްލާ ކަހަލައެވެ. ސިކުނޑިއަށް އެ އަޑުން ނުހަނު އަރާމުވިއެވެ. ފޯނު ބާއްވަން އުޅުނު ވަގުތު ކުއްލިއަކަށް ނޯޓިފިކޭޝަންއެއް އައުމުން ލިއާއަށް އިންސްޓަގްރާމް ހުޅުވާލެވުނެވެ. އެވަގުތު ލިއާގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ.
“ކައިލް އިޒީކިއެލް…؟” ލިއާއަށް ބުނެވުނެވެ. ކައިލް އޭނާއަށް ފޮލޯ ރިކުއެސްޓް ފޮނުވީއެވެ. ލިއާ އަދިވެސް ޔަގީން ނުވެފައި ބަލާލިއިރު ކައިރާ އާއި އިޝާން ކައިލްގެ ފޮލޯ ލިސްޓުގައި އިންތަން ފެނުނެވެ. ލިއާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ކައިލް އިސްވެ އޭނާއަށް ރިކުއެސްޓް ފޮނުވަންވީ ކީއްވެހެއްޔެވެ؟ އޭނާއަށް އަދިވެސް ގަބޫލުކުރަން ދަތިވިއެވެ. ގްރޫޕް މަސައްކަތުގައި ކައިލް ވާހަކަ ދައްކާ އުޅުނަސް މީ އަދި މުޅިން ތަފާތުކަމެއް ނޫންހެއްޔެވެ؟ އެވަގުތު ހީވީ ސިކުނޑީގައި ޓަކި ދިންހެންނެވެ. ލިއާގެ ހަނދާނަށް އައީ ގެޔަށް ލައިދެން އައި ރޭ ކައިލް އާއި ދެމެދު ދެކެވުނު ވާހަކަ އާއި މިއަދު ކްލާސްތެރޭ އޭނާގެ ދިފާއުގައި ކައިލް އަލީޝާއާއި ވާހަކަ ދެއްކި ގޮތެވެ. ލިއާ އިރުކޮޅެއް ވަންދެން ހިމޭނުން އިނދެފައި ރިކުއެސްޓް އެކްސެޕްޓް ކޮށްފިއެވެ. ހަމަ އެ ސިކުންތުގައި ފޯނު އެނދުމައްޗަށް ހޫރާލުމާއެކު އެނދުގެ ކަނަކަށް ޖެހިފައި ފޯނަށް ބަލަހައްޓައިގެން އިނީ ބިރުވެރި ގޮތަކަށެވެ. މިނެޓެއް ހާއިރު ފަހުން ފޯނު ވައިބްރޭޓްވިއެވެ.
ތެޅިތެޅި އޮތް ހިތާއެކު ލިއާ ފޯނު ނަގާ އިންސްޓަގްރާމް ހުޅުވާލިއެވެ. އެވަގުތު ހީވީ ހިތް ހުއްޓުނު ހެންނެވެ.
“ހާއި…” ކައިލް މެސެޖްކޮށްފައި އޮތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


hahahaha this part is too good I love this
Thank you 💗
I’m really loving this story so far. It has honestly made its way into my top 5 favorites. The characters feel so real, and the little moments between them keep me invested 😭🔥 Kyle sending Leah an Instagram request after the group project at his house might seem like a small detail, but it definitely caught my attention. I don’t know if it means anything yet, but I’m excited to see how their story develops. Keep up the amazing work ❤️❤️❤️
Thank you so much for your lovely comment! 💗 It truly means a lot to know you’re enjoying the story and that it made it into your top 5 favorites. So happy the little moments between the characters are connecting with you. Thank you for reading and supporting the story! 🥹💗
Ohhhhhhh myyyyyy gaawwwdddddd…
Guuuuurrrrrrlllllllllll…… OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMG OMMMMGGGGGG..
THIS TOOOO GOOOD MAN… LEAH AND KYLE… OMMMGGGGGGGGGG… ITS THE PERFECT MATCH EVERRRRRRRRRR… CANT WAIT FOR A DAY THEY’LL BE A THING… LIKE YK… CAN’T WAIT FOR THE NEXT PART….. CURIOUSLY WAITINNNNN…
LYYYSSSSMMMMM… 🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻
AHHHHHH THANK YOU SO MUCHHHH 😭💗💗💗 Your excitement is making me smile so much right now 😭 I’m so happy you’re enjoying Leah and Kyle’s story. Thank you for reading, supporting, and sharing your thoughts. More is coming soon 💗
WHEN NEXT???
THIS PART IS SOOOOOOOOO GOOOOOOD!!!!!!
CAAAAAAAAAAAAAAAAAAAAAAANNNNNNNNNNNNNNNNN’TTTTTTTTTTTTTTTT WAAAAAAAAAAAAAIIIIIIIIIIIIIIIIITTTTTTTTTTT😭😭😭😭😭😭😭😭😭😭😭
KON KAHALA JAADHOO EH THA THI GENGULHENEE MI VAAHAKAIGA😭😭😭😭😭😭
HITHAH ARAA FULL KOHME DHUVAHAKAU KIYAALAN LIBEYNE NAMA EYYYY😭😭😭😭
VERYYYYYYY VERYYYY NICEEEEEEEEE STORYYYYYYYYYYY
EAGERLYYYYYY WAITINGGGGGGG😭😭😭😭
SCL GA ULHEY KUHJEH THA THEE??
Aww, thank you so much! 😭💗 Your excitement means a lot to me. I’m so happy you’re enjoying the story this much! 💗 And no, I’m not a student 😆 I’ll do my best to bring the next episode as soon as I can. Thank you for all the support 🥹💗
Maasha allah.
Mi prt vs vrh reethi.
Kail sending follow request to leah💀💀
And saying hi💀💀.
Im really enjoying this storyyyy🌻🌻
I love this story so much ❤️
My 2nd favvvvv❤️❤️❤️🌻
Anyways when next sissy??????
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
Awww thank you so much 😭💗 Your comment genuinely made my day 💗 I’m so happy you’re enjoying the story this much and honored that it’s one of your favorites 🥹💗 The next episode is coming soon, so stay tuned! 👀
Aslu enmenn nankuraahaa reechehh noon 🤣 seeing these comments made me laugh…it’s probably mi author ge close people trying not to make her feel bad…Dhen ma kaala for being honest
Thank you for your concern. I appreciate you taking the time to share your thoughts. Everyone experiences stories differently, and I’m grateful for those who choose to read and support mine.