ހާދަހާވޭ ކުރާހިތް ސަމާސާ 23 ވަނަ ބައި
ހިބާ ފެރީ ގިމަތައަށް ދާނެ މީހަކު ނެތިގެން އަޒުމީލުއަށް ގުޅުމުން އަޒުމީލު ފޯނެއް ނުނެގި އެވެ. އެހެންކަމުން ޓެކްސީއަކަށް ގުޅައިގެން ހުއްޓާ ޒެކް ކާރުގައި އައުމުން ހިބާ އެރީ ކާރަށެވެ. ފައުޒާންގެ ޑިއުޓީ ނިންމާފައި އެމީހުނާ ބައިވެރި ވާނަން ކަމަށް ވަނީ ބުނެފަ އެވެ. އަޒުމީލު ވެސް އޮތީ ބައިވެރި ވާނެ ވާހަކަ ބުނެފަ އެވެ. ނަމަވެސް އަދި ވެސް ހަބަރެއް ނުވެ އެވެ.
ހިބާއާއި ޒެކް ދިޔައިރު ރިފާއާއި ފައްވާޒްއާއި އަޒްކާ އަދި މާޒް ޓިކެޓް ކައުންޓަރު ކައިރީ ތިއްބެވެ. ލަސްތަކެއް ނުވެ އަޒުމީލު ވެސް އައިސްފި އެވެ. އަދިވެސް ފައުޒާންއެއް ނާދެ އެވެ. ފައުޒާންއަށް ފައްވާޒް ގުޅުމުން އަދި ގަޑިއެއް ހާއިރު ނަގާނެ ކަމަށް ބުނުމުން އެންމެން ފެރީގައި ނައްޓާލީ އެވެ.
އަޒްކާއާއި މާޒް ތަންކޮޅެއް ދުރުގައި ވެލިގަނޑު މަތީ އިށީދެލަިގެން ވާހަކަ ދައްކަން ތިއްބެވެ. ފައްވާޒްއާއި ރިފާ މޫދުގައި އުޅެއެވެ. ޒެކްއާއި އަޒްމީލް ދިޔައީ ފެންފުޅި އާއި ބޯނެ އެއްޗިހި ގަންނާށެވެ. ހިބާ އެކަނިމާ އެކަނި ހިރުދު ގަހެއްގެ ހިޔަލުގައި ވެއްޔާ ކުޅެލަ ކުޅެލަ އިނެވެ. އިރުކޮޅަކުން ބައިވަރު ކޮތަޅު ތަކެއް ހިފައިގެން ނިކަން ބަރުކޮން ޒެކް އަންނަތަން ފެނުނެވެ. އަޒްމީލް އެއް ނުފެނެ އެވެ. ޒެކް އައިސް ހިބާ އިން ގަސްކައިރީ އެއްޗިހިތައް ބަހަށްޓާފައި ހިންދެމިލި އެވެ.
“ކޮބާ އަޒްމީލް؟” ހިބާ އަހާލި އެވެ.
“އަޒްމީލް އެބަހުރި ބިޓެއް ކައިރީ.” ޒެކް ބުންޏެވެ. ހިބާ ސުވާލުން ފުރިގެން ވީ ބެލުމަކުން ޒެކްއަށް ބަލައިލި އެވެ.
“ބިޓެކޭ؟” ހައިރާން ވެފައި ހިބާ އަހާލި އެވެ.
“އާން. އޭނަ ކޮންމެސް އަންހެން ކުއްޖެއް ފެނިގެން ވަރަށް ހެވިފައި އެބަހުރި އެ ފިހާރަ ކައިރީ ތަތް ވެފަ. ހީވަނީ ފްރެންޑަކަށް ވުރެން ކްލޯސް ހެން.” ޒެކް ބުންޏެވެ.
“އަޒްމީލް ހާދަ ވަގޭ އުޅޭލެއް.” ހިބާ ބުނެލި އެވެ.
“ވަޓް އަބައުޓް ޔޫ؟” ޒެކް ހިބާ ކައިރީ އިށީންނަމުން ބުންޏެވެ. ޒެކް އެބުނި އެއްޗަކުން ހިބާ ޒެކް އަށް ބަލައިލި އެވެ.
“ކީއްވެ ތިހެން ތިބުނީ؟” ހިބާ އަހާލި އެވެ.
“ހިބާ ވެސް ވަރަށް ވަގޭ މިބުނީ،” ޒެކް ސަމާސާ ރާގަކަށް ބުންޏެވެ. “ޒާންއާއި ގުޅުމެއް އޮންނަކަން ހިބާވެސް ތި އުޅެނީ ސިއްރުކޮށްގެންނު.” ޒެކް ބުންޏެވެ. އެވާހަކަ ޒެކްއަށް ވެސް އެނގޭ ހެއްޔެވެ. ހިބާ ހިތަށް އެރި އެވެ. އަނެއްކާ ޒެކްގެ ފަރާތުން ބައްޕައަށް އެގިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ.
“ބިރެއް ފެނުނީތަ؟” ލޯ ބޮޑުކޮށްލައިގެން ޒެކްއާއި ދިމާއަށް ބަލަން އިން ހިބާގެ ނިއްކުރީގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޒެކް ބުންޏެވެ. ހިބާ ލަދުގަތެވެ. އަދި ނޫންކަމަށް ހަދާ އަވަހަށް މޫދާވީ ފަރާތަށް ބަލަން ފެށި އެވެ.
“ޒެކް،” ހިބާ މޫދަށް ބަލަން އިނދެ ގޮވާލި އެވެ. ޒެކް ހިބާއަށް ބަލައިލި އެވެ. “އެ ގުޅުމުގައި ފޮނިރަހަ ނުލަނީސް ބީ ވެގެން ހިގައްޖެ.”
“ތިބުނީ ކީކޭ؟” ޒެކްއަށް އިނީ ހިބާ ކިޔާ އެއްޗެއް ނޭގިފަ އެވެ.
“މިބުނީ ހިބާއާއި ފައުޒާންއާއި ދޭތެރޭ އުފެދެން ފެށި ގުޅުން ބީވެގެން ހިގައްޖެޔޭ.” ހިބާ ޒެކްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށި އެވެ. މި ހުރިހާ ދުވަހު ހިބާގެ ހިތުގައި ހިގަނމުން ދިޔަ ހުރިހާ އުދާހެއް ޒެކްއާއި ހިއްސާކުރި އެވެ. ޒެކް އިނީ ހިބާއާއި ދޭތެރޭ ނުހަނު ހަމްދަރްދީ އުފެދިފަ އެވެ. ކުޑައިރުން ފެށިގެން ވެސް ޒެކްއަށް ހިބާ އެނގެ އެވެ. ހިބާގެ ގިނަ ކަންތައް ވަނީ ހިބާގެ މަންމަ ވެސް ޒެކްއާއި ހިއްސާ ކޮށްފަ އެވެ. ހިބާއާއި ދޭތެރޭ އަބަދުވެސް ޒެކްގެ ހިތުގައި ހާއްސަ މަގާމެއް އޮތީ ދެވިފަ އެވެ. އެއީ ހިބާއަކީ ޒެކް ބަލާ ބޮޑުކުރި މީހާގެ ދަރިއަކަށް ވީމައެއް ނޫނެވެ. ހިބާއަކީ ޒެކްގެ އާއިލާ ކުއްޖެއް ކަމަށް އަބަދުވެސް ޒެކް ދެކޭތީ އެވެ.
“ހިބާ،” ޒެކް ހިބާއަށް ގޮވާލީ ހިބާގެ ލޮލުން ނިރާލާފައިވާ ކަރުނަތައް ހިބާ ފޮހެލިތަން ފެނުމުންނެވެ. “ދެން ތިކަމުން ދުރުވުން އެންމެ ރަގަޅުވާނީ. ކޮންމެ ގޮތެއްވިއަސް ހިބާއަކީ ބޭރު ކުއްޖާ. ތިކަން ބޮޑެތި މީހުނަށް އެގިއްޖެ ނަމަ ހިބާ ކަންނޭގެ އެންމެ ގޯސް ވާނީ. ހިބާ އެދެމީހުން ދޭތެރެއަށް ވަނީ ކަމަށްނު ވާނީ. މިހާރު ތިކަހަލަ ކަމެއް ހިބާ އެއްފަހަރު އަޖުރިބާ ކޮށްފީމެއްނު. އޭރު ހިބާ ހުރީ މިހާރު ނަދޫ އެހެރަ މަގާމުގަ. ހިބާ ވިސްނާލަބަލަ ނަދޫގެ ހިތަށް އަރާނެ އެއްޗިސް. އޭރު ބީނާއާއި ދޭތެރޭ ހިބާ ހިތަށްއެރި ގޮތަށް މިހާރު ނަދޫ ހިބާއާއި ދޭތެރޭ ދެކޭނީ.” ޒެކް ބުންޏެވެ. ހިބާ ޒެކްއަށް ބަލައިލީ ތިމަންނާއަށް ވިސްނެއޭ ބުނާކަހަލަ ގޮތަކަށެވެ.
“ޒެކް…. ” ހިބާ ހިންދިރުވާލީ އަޑު ބެދޭވަރު ވީމަ އެވެ. “ހިބާއަށް އިނގެޔޭ. އެކަމަކު ހިބާ ފައުޒާން ދެކެ ލޯބިވަނީ ކޮންމެހެން ފައުޒާން ހާސިލް ކުރުމުގެ ނިޔަތަކު ނޫން. ޒެކްއަށް ނަދުވާގެ ގޮތް އެނގޭނަމަ ޒެކް ބުނާނެ ފައުޒާންއާއި ނަދުވާ ދުރުވުން މާ ރަގަޅޭ. ހިބާ ނުބުނަން ހިބާއަކީ ވަކި ނަދުވާއަށް ވުރެން ރަގަޅު މީހެކޭ. އެކަމަކު ނަދުވާއަކީ ފައުޒާންއަށް ވަފާތެރި މީހެއްނޫން. ނަދުވާނޫން އެހެން މީހަކާ ފައުޒާން ރައްޓެހިވެގެން އުޅޭނަމަ ހިބާ ފައުޒާންއާއި ދިމާއަށް ބަލައިވެސް ނުލީމުސް.” ޒެކް ހިބާ ދައްކަމުން ދާ ވާހަކަ އަޑު އަހަން އިނެވެ. ހިބާ ނަދުވާގެ ވާހަކަތައް ވެސް ޒެކްއަށް ކިޔައި ދިނެވެ.
“ހިބާ،” ހިނދުކޮޅެއްގެ ހަމަހިމޭން ކަމަށް ފަހު ޒެކް ހިބާއަށް ގޮވާލި އެވެ. ހިބާ ޒެކްއަށް ބަލައިލި އެވެ. “ޒެކްއަށް ހީވަނީ ހިބާވެސް ދެން އެހެން ކުއްޖަކު ހޯދަން ވީހެން. ރަށުގަ އުޅޭ ޒަޔާން ވެސް އެއީ ރަގަޅު ކުއްޖެއްނު. ހިބާދެކެ ނުލާހިކު ލޯބިވޭނު.” ތެދެކެވެ. ޒަޔާންއަކީ ރަގަޅު ކުއްޖެކެވެ. ކިޔަވައިގެން ހުރި ހެލްތް ވޯކަރެކެވެ. ހިބާއަށް އެންމެ ފުރަތަމަ ލޯބި ހުށައެޅި ކުއްޖާވެސް މެއެވެ. ޒަޔާންއާއި ދޭތެރޭ ކުޑަކޮންވެސް އެގޮތަށް ހިބާ ވިސްނާފައި ނުވެ އެވެ. ކޮންމެސް ވަރަކަށް ތިމާގެ ކުއްޖެއް ކަމުން ވާހަކަ ދައްކާ އުޅުނަސް އޭނަޔާ އެކަހަލަ ގުޅުމެއް ބާއްވަން ހިބާ ހިތައްވެސް ނާރަ އެވެ. ކުޑަކޮން ވެސް ޒަޔާން ދެކެ ހިބާ ލޯތްބެއް ނުވެ އެވެ.
“ކީއްވެތަ އެއްޗެއް ނުބުނީ؟” ހިބާ އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒެކް އަހާލި އެވެ.
“ހިބާގެ މިހިތް ދެން އެކަކަށްވެސް ނުދެވޭނެ ޒެކް.” ހިބާ ޒެކްއަށް ބަލައިލަމުން ބުންޏެވެ.
“ތީ ހިބާއަށް ހީވާގޮތް. ހިތަކީ ފާޑެއްގެ އެއްޗެއް. ދެތިން އަހަރެއް ފަހުން ހިބާގެ ހިތް ވެސް ޗޭންޖް ވާނެ.” ޒެކް ބުންޏެވެ.
“މީގެ ދެތިން އަހަރެއް ނޫން ސަތޭކަ އަހަރު ފަހުންވެސް ޒެކް އައިސް ހިބާ ކައިރީ އަހާބަލަ ލޯބިވަނީ ކާކު ދެކެހޭ. ހިބާގެ ހިތުގައި ވާނީ އެންމެ ނަމެއް. އެއީ…” އެހިސާބަށް ބުނެފައި ފަހަތުގައި މީހަކު ހުރިހެން ހީވެގެން ބަލައިލި އިރު ފައުޒާން ދަބަސް ގަހުގެ ގޮތްޕެއްގައި އަޅުވަނީ އެވެ. “ފައުޒާން.” ހިބާ ވަރަށް މަޑުން ބުނެލި އެވެ. ހަމަ އެކަނި ޒެކްއަށް އަޑު އިވޭހާ މަޑުންނެވެ. ފައުޒާން އެދެމީހުނަށް ބަލައިލި އެވެ. އަދި އެހެން މީހުން ކޮބައިތޯ ޒެކް ކައިރީ އަހާލި އެވެ. ޒެކް އިނގިލި ދިއްކޮށްލީ މޫދުގައި ތިބި ފައްވާޒް މެނާ ގޮޑުދޮށުގައި ތިބި އަޒްކާ މެނަށެވެ.
“ހިންގާ މޫދަށް އެރެން.” ފައުޒާން ޒެކް ކައިރީ ބުންޏެވެ. ޒެކް ހިބާއަށް ބަލައިލި އެވެ. ހިގާށޭ ބުނާފަދަ ގޮތަކަށެވެ.
“ޒެކް ދޭ. ހިބާ އިރުކޮޅަކުން ޖޮއިން ވާނަން.” ހިބާ ބުންޏެވެ. “ޒެކް! އައި ޓްރަސްޓް ޔޫ.” ޒެކްއާއި ފައުޒާން މޫދާ ދިމާއަށް ހިގައި ގަތުމުން ފައުޒާން ކައިރީ އެއްވެސް ވާހަކައެއް ޒެކް ދައްކަފާނެތީ ހިބާ ބުންޏެވެ. ޒެކް ބޯ ޖަހާލީ ހިބާއަށް ބަލައިލަމުން ނެވެ. ގޮސްގޮސް ހުރެފައި ފައުޒާން ވެސް ފަހަތަށް އެނބުރުނެވެ. އަދި ހިބާއަށް ބަލައިލި އެވެ. އެ ބަލައިލުމުގައި ވާ އަސަރުތައް ދެނެ ގަންނާކަށް ހިބާއަކަށް ނޭގެ އެވެ.
އިރުކޮޅެއް ފަހުން ހިބާ ތެދުވީ މޫދަށް ދިއުމަށެވެ. ނަމަވެސް ތެދުވެ ގައިން ވެލިފޮޅާލައިފައި ބަލައިލި އިރު ބުރުގާ އަޅާފައި ހުރި އަންހެން ކުއްޖެއްގެ އަތުގައި ހިފާލައިގެން އަޒުމީލު އަންނަތަން ފެނުނެވެ. ހިބާގެ ތުންފަތަށް ލާނެތް ހިނިތުން ވުމެއް ވެރިވެގެން ދިޔަ އެވެ. ހިބާ އާއި ދާދި ގާތަށް އައިސް އަޒުމީލު ހިބާއަށް އިށާރާތުން އެއަންހެން ކުއްޖާ ދައްކާލި އެވެ.
“މީ ނިހާނީ،” އަޒުމީލު ބުންޏެވެ. “ނިހާ، މީ ހިބާ. މައި ވެރީ ކްލޯސް ބެސްޓް ފްރެންޑެއް.” އަޒުމީލު ހިބާއަށް ނިހާނީ ތަޢާރަފްކޮށް ދިނެވެ. ހިބާ ނިހާނީއާއި ސަލާން ކޮށްލި އެވެ.
“ނިހާނީ، ހާދަރީތި ނަމެކޭ. ނިހާނީ އުޅެނީ ވިލިގިލީގަތަ؟” ހިބާ އަހާލި އެވެ. ނިހާނީ ބޯ ޖަހާޅި އެވެ. “ފެމިލީއާ އެއްކޮންތަ؟ ނިހާނީ ކޮންރަށެއްތަ؟” ހިބާ ސުވާލަކަށް ފަހު ސުވާލެއް އަހަން ފެށި އެވެ.
“އާން. ފެމިލީއާ އެއްކޮން އުޅެނީ. އަހަރެން ބައްޕަ އަކީ ދިޔަމިގިލި މީހެއް. މަންމައަކީ މާލޭ މީހެއް.” ނިހާނީ ބުންޏެވެ.
“ކިހިނެއް އަޒުމީލުއާއި ދިމާވީ؟” ހިބާ އަނެއްކާވެސް ސުވާލު ކޮށްލި އެވެ. ހިބާގެ ސުވާލުތަށް ނުނިމޭމެނެކަން އަޒުމީލުއަށް އެނގުނެވެ.
“އެއީ ދިގު ވާހަކައެއް. ދެން ފަހުން އެވާހަކަ ދައްކާނީ.” އަޒުމީލު ހިބާގެ އަނގަ ބައްދާލަން ކަމަށް ބުންޏެވެ.
“ކޮންތާކު ނިހާނީ އުޅެނީ؟ ޖޮބުގަތަ؟” ހިބާގެ އަނގަ ހުއްޓޭ ގޮތެއް ނުވި އެވެ.
“އާން. އުޅެނީ ވިލިގިލީ ސިއްހީ މަރުކަޒުގަ،” ނިހާނީ ބުންޏެވެ. “ހިބާ އުޅެނީ ކޮންތާކު؟” ނިހާނީ ވެސް ހިބާއާއި ސުވާލުކުރަން ފެށި އެވެ. ދެމީހުން ވާހަކަ ދައްކަން ބައިތިއްބާފައި އަޒުމީލު މޫދާ ދިމާއަށް ހިގައި ގަތެވެ. ނިހާނީ އާއި ހިބާ ވާހަކަ ދައްކަމުން އައިސް މޫދަށް އެރެފި އެވެ. ދެމީހުން ހީވަނީ ދުވަސްވީ ދެ ރަހުމަތް ތެރިން ހެނެވެ.
ފައުޒާންއާއި އަޒުމީލު މޫދުންއެރީ ކަރު ހިއްކައި ގަނެގެންނެވެ. ފައުޒާން ކޯކު ފުޅިއެއް ކަނޑާލާ އެއްކޯވަރު ދަމާލި އެވެ. އަޒުމީލު އައިސް އެކޯކު ފުޅި އަތުލި އެވެ. އޭރު ހިބާއާއި ނިހާނީ ވެސް މޫދުން އަރައިގެން އެއްގަމަށް މަޑުމަޑުން ހިގަމުން އާދެ އެވެ. މޫދުގައި ވެސް އެހެން އެންމެނާ ވަކިން އެދެމީހުން ތިބީ ވަހަކައިގަ އެވެ. އަދިވެސް ދެމީހުން ވާހަކަ ދައްކަނީ އެވެ. ބައެއް ފަހަރު ހިނިގަޑެއް ޖަހާލާތަން ވެސް ފެނެ އެވެ. ނިހާނީއަކީ ވެސް ހިބާކަހަލަ އަނގައެއް ލިބިފައި ވާ ކުއްޖެކެވެ. އެއްވަރުގެ ދެ އަނގަ ޖެހުމުން ވާނީ ކިހިނެއް ހެއްޔެވެ.
“އެއީ ކޮން ކުއްޖެއް؟” ފައުޒާން އެދިމާ ބަލަން ހުރެފައި އަޒުމީލު ކުރެން އަހާލި އެވެ.
“އެއީ މަގޭ.” އަޒުމީލު ބުންޏެވެ. “ހިބާ ހާ ރީތި ނޫނަކަސް ރަގަޅު ކުއްޖެއް އެއީ.” އަޒުމީލު އެހެން ބުނުމުން ފައުޒާން މާނަފުން ބެލުމަކުން އަޒުމީލުއަށް ބަލައިލި އެވެ.
“ކޮންމެހެން ރީތިވުން މުހިންމެއް ނޫނެއްނު. ރަގަޅު ކުއްޖެއް ލިބުމަކީ ވެސް ނަސީބު.” ފައުޒާން ބުންޏެވެ. އަޒުމީލު ފައުޒާންއަށް ބަލައިލި އެވެ.
“ތި ދެމީހުން ކިހިނެއް ހަދައިގެން ތި އުޅެނީ؟” އަޒުމީލު އަހާލި އެވެ. އޭރު ހިބާއާއި ނިހާނީ އެމީހުނާ ދާދި ކައިރިއަށް އައިސްފި އެވެ.
“ފަހުން.” ފައުޒާން ބުނަމުން ކޮތަޅުން ބިސްކޯދު އުރައެއް ނަގާ ކަނޑާލި އެވެ.
“ކޮންތާކަށް ކާން ދަނީ؟” ނިހާނީ އަޒުމީލު ކައިރީ އަހާލި އެވެ.
“އެންމެން އައިމަ ކާން ދާނީ. އެހަން މީގެން ފުއްދާލާ.” ނިހާނީއަތަށް ބޯން ހުރި ކޯކް ފުޅި ދިއްކޮށްލަމުން އަޒުމީލު ބުންޏެވެ. ނިހާނީ ކޯކް ފުޅިން އެތިކޮޅެއް ބޯލި އެވެ. “މީ ފައުޒާން އިނގޭ އަހަރެންގެ ކަޒިން އެއް.” ނިހާނީއަށް ފައުޒާން ތަޢާރަފް ކޮށްދިނެވެ. ފައުޒާން ނިހާނީއަށް ހީލަމުން ހިބާއަށް ބަލައިލި އެވެ. ހިބާ ހުރީ ފައުޒާން އަތުގައި އޮތް ބިސްކޯދު ޕެކެޓަށް ނަޒަރު ހުއްޓާލައިގެނެވެ. ހިބާ ހުރީ ވަރަށް ބަޑުހައި ވެފަ އެވެ. ފައުޒާން ހިބާއާއި ދިމާއަށް ބިސްކޯދު އުރަ ދިއްކޮށްލި އެވެ. ހިބާ ފައުޒާންގެ މޫނަށް ބަލައިލައިފައި އޭގައި ހިފިއެވެ. ކޮންފަދަ ބީރައްޓެހި ކަމެއް ހެއްޔެވެ. ދެމީހުންގެ ދޭތެރޭ އެވާ ހަމަހިމޭން ކަމަކުން އަޒުމީލުއަށް އުނދަގޫ ވެއްޖެ އެވެ.
“ހާދަ އޮކްވޯރޑް އޭ. ކިހިނެއްތަ މިވަނީ؟” އަޒުމީލު ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ބުންޏެވެ.
“ކިހިނެއްވީތަ؟” އަޒުމީލު ކިޔާއެއްޗެއް ނޭގިފައި ހުރި ނިހާނީ އެހި އެވެ.
“މި ދެމީހުން…” އަޒުމީލުއަށް އެހިސާބަށް ބުނެވުނުތަނާހެން ފައުޒާން އަޒުމީލުގެ ޓީޝާޓްގައި ފަހަތުން ހިފައި ގަނެގެން ގަދަކަމުން ކަހަލަ ގޮތަކަށް އަޒުމީލު ދުރަށް ގެންދިޔަ އެވެ. ހިބާ ބިސްކޯދެއް އަނގައަށް ލަގައިގެން އެދެމީހުނަށް ބަލަން ހުއްޓެވެ. ނިހާނީ ވެސް ކޯކު ފުޅި ތުނބުގައި ޖަހައިގެން ވާނުވާ ނޭގިފައި ހުއްޓެވެ.
“އިޓްސް އޯވަރ އަޒްމީލް،” ދުރަށް ދެވުމުން ފައުޒާން އަޒުމީލުގެ ޓީޝާރޓުން ދޫކޮށްލަމުން ބުންޏެވެ. އަޒުމީލު ހުރީ ފައުޒާން ކިޔާއެއްޗެއް ނޭގިފަ އެވެ. ހައިރާން ވެފަ އެވެ. “ޒާން އަކަށް ނަދޫ ދޫކޮށް ލެވޭކަށް ނެތް….” ފައުޒާން އަޒުމީލުއަށް ހަފީޒާގެ ވާހަކަ ކިޔައި ދިނެވެ.
“ޒާން، އަހަރެން ހަމަ ހައިރާން ވެއްޖެ،” ފައުޒާންގެ މޫނަށް ބަލަން ހުރެފައި އަޒުމީލު ބުންޏޭވެ. “ތީ ކީއްކުރާ މީހެއް. އަމިއްލަ މަންމަ ކައިރީ ބުނަން ޖެހޭނެނު ލޯބިވަނީ ހިބާ ދެކެއޭ. އަހަންނަކަށް ހިޔެއް ނުވޭ ކުޑައްތަ ޒާން ދެރަވާ ގޮތެއް ހަދާނެ ހެނެއް.”
“މަންމައަށް އަނޑަރސްޓޭންޑް ވާނެޔޭ. އެކަމަކު ތުއްތައްތައަށް އަންޑަރސްޓޭންޑް ވާނެތަ؟ ކަންތައް އެގޮތަށް ގޮސްފިނަމަ ނަދުވާއަށް އަންނަ ޕްރެޝަރުގަ ތުއްތައްތަ މަޑުން ހުންނާނެތަ؟ ތުއްތައްތަ ރުޅި އައިސްފި ނަމަ މަންމައަށް ވާނެގޮތް އެގޭނު.” ފައުޒާން އަޒުމީލުއަށް ބަލަން ހުރެފައި މޫދާ ދިމާއަށް އެނބުރުނެވެ.
“ތިކަމާ ކުރިންވެސް ވިސްނާލިނަމަ. މިހާރު ހިބާ ދެރައެއް ނުވާނެތަ؟ އޭނަގެ ހިތުގައި ހުރިހާ އެއްޗެއް ފޮރުވައިގެން ބޭރަށް ހިނިތުންވުން ދައްކައިގެން އެ ހުންނަނީ އެއްވެސް ކަމެއް ނުވާ ކަމަށް ހެދިގެން. ޒާންއަށް ކެތްވޭތަ؟” އަޒުމީލު ރުޅިއަންނަ ގޮތް ވިއެވެ. “އަހަރެން ނަދުވާގެ ވާހަކަ ސާފުކޮން ކިޔައިދިނީމަވެސް ޒާންއަށް ވީ ވަރަކީ ތީ. އަހަރެން ހީކޮށްގެން މިހިރީ ނަދުވާއާއި ދެމީހުން ބްރޭކްއަޕް ވީކަމަށް.”
“އަޒުމީލު ނަދޫގެ ވާހަކަ ދެއްކިއަސް އަދި އެކަމުގެ ޕްރޫފްއެއް ނެތޭ. ޒާން ބޭނުމީ ރެޑް ހޭންޑްކޮން ނަދުވާ ފެންނަން. އަދި ޒާންއަށް ފެނުންކަން ވެސް ނަދޫއަށް އަންގަން.” ފައުޒާން ބުންޏެވެ.
“ތީ ވަރަށް ފަސޭހައިން ފެނިދާނެ ކަމެއް. ގިނަގިނައިން ސިޑިން އަރާ ފައިބާ ހަދާ ބަލަ. އޭރުން ފެނިދާނެ.” އަޒުމީލު ބުންޏެވެ. “އެކަމަކު ދެން ހިބާއަށް ކިހިނެއް ހަދަނީ؟” އަޒުމީލު ހުރީ އަދިވެސް ހިތްހަމަ ނުޖެހިފަ އެވެ. ހިބާ ދެރަވާނެ ވަރު އަޒުމީލުއަށް އިހުސާސް ކުރެވޭތީ އެވެ.
“މަންމަ ކައިރީ ނަދޫގެ ވާހަކަ ދައްކަންވީ ދޯ.” ފައުޒާން ބުންޏެވެ. އަޒުމީލު ބޯ ޖަހާލި އެވެ. “އެކަމަކު އޭރުން ވާނީ ކިހިނެއް؟”
“ވާނެގޮތެއް ވެސް އެނގޭނީ ވާހަކަ ދައްކައިގެންނު. އެންމެ ކުރިން ކުޑައްތައަށް ހުރިހާ ވާހަކައެއް ކިޔައިދީބަލަ. އަހަރެން ވެސް ޒާން ކައިރީ އެންމެ ކުރިން ކިޔައިދިން ނަމަހީ މިހުރިހާ ކަމެއް ނުވީހެއްނު. އެހެންވެ ވީހާވެސް އަވަހަށް ކިޔައިދިނުން އެންމެ ރަގަޅީ.” އަޒުމީލު ބުންޏެވެ.
“ކޮން ވާހަކައެއްތަ ކިޔައި ނުދެވިގެން ތި އުޅެނީ؟” ފަހަތުން މީހަކު ވާހަކަ ދެއްކުމުން ބަލައިލި އިރު މޫދުން އަރައިގެން އައިސް ހުރީ ފައްވާޒް އެވެ. ގައިގައި ޓީޝާޓް ތަތްވެފައި ހުރުމުން ފައަވާޒްގެ ބަނޑު ވަނީ ވަރަށް ބޮޑައް އަރާފަ އެވެ.
“ވާޒް ދޮންބެ މީހަކާ އިންފަހުން ހާދަ ބަނޑު ބޮޑޭ. އަނެއްކާ ދަރިއަކު އޮތީތަ؟” އަޒުމީލު ސަމާސާ ރާގަކަށް ބުންޏެވެ. ފައްވާޒް ބަނޑުގައި އަތްކާތާލަމުން ހިނިގަޑެއް ޖަހާލި އެވެ. ފައުޒާންއާއި އަޒުމީލު އެކަކު އަނެކަކަށް ބަލައިލީ އެހިސާބުން އެދެމީހުން ދައްކަމުން އައި ވާހަކަ މެދު ކެނޑިގެން ދިއުމުން ނެވެ.
ފައްވާޒްއާއި ރިފާއާއި ޒެކް ދިޔައީ އޯޑަރު ދީފައިވާ ކާއެއްޗިހި ބަލައެވެ. އެމީހުން ފަހަތުން އަޒުމީލުއާއި ނިހާނީ ވެސް ދިޔައެވެ. ހިރުދު ގަހުގެ ތިރީ ގޮފި ގަނޑެއްގައި އިށީދެލައިގެން ފައުޒާން އިނީ އަވިއައިނެއް އަޅައިގެން މޫދާ ދިމާއަށް ބަލާށެވެ. ހިބާ މޫދުގެ ތިލަ ހިސާބެއްގައި ދަނޑި ބުރިއެއް ހިފައިގެން އުޅެ އެވެ. އަޒްކާއާއި މާޒް އޭރު މޫދު ގައި އުޅެއެވެ. ފައުޒާން ހިބާއާއި ދޭތެރޭ ވިސްނަމުން ދިޔައެވެ. ކޮންމެ ގޮތެއް ވިއަސް ފައުޒާންއަށް ހިބާއާއި ނުލައެއް ނޫޅެވޭނެ އެވެ. މަންމައަށް ނަދޫގެ ވާހަކަ ކިޔައިދޭން ފައުޒާން ނިންމިއެވެ. މަންމަ ކޮންމެ އެއްޗެއް ބުންޏަސް ހެޔޮ ކަމަށް ފައުޒާން ނިންމި އެވެ.
މާޒްއާއި އަޒްކާ އެއްގަމަށް އަރައިގެން އައިސް ފައުޒާން އިން ގޮފި ގަނޑުގައި މާޒް އިށީނުމުން އަޒްކާ އައިސް މާޒް ކައިރީ ހުއްޓިލައިގެން ހުއްޓެވެ. އޭރުވެސް ހިބާ މޫދުގައި އުޅެ އެވެ.
“އަޒްކޯ! ހިބާ އެކަނި މާއެކަނި އަވިގަނޑުގައި ހުރެ އެކުރަނީ ކީއްތަ؟” ފައުޒާންއަށް ނީދެވިގެން އަޒްކާ ކައިރީ ބުންޏެވެ. އަޒްކާ ލާނެތް ފާޑަކަށް ފައުޒާންއަށް ބަލައިލަމުން ހިނިތުން ވެލިއެވެ.
“އެތާ ބައިވަރު ހުއިފިލަނޑާ ތެކެއް އެބައުޅޭ. ހިބާ އެއަށް ދަނޑިބުރި ކޮށްޕަނީ. އޭގެން ފާޑެއްގެ އެއްޗެއް މާޒްގެ ފައިގައި އުގުޅިގެން އެ ފިލުވަން އުޅެފަ މިއައީ. އަދިވެސް ރަގަޅަކަށް ނުއެއް ފިލާ.” އަޒްކާ ބުންޏެވެ. ހިބާ އަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ. ކޮންމެހެން އެއާ ކުޅެން ގަދަ އަވީގައި ހިބާ ހުންނަން ވެއްޖެ ހެއްޔެވެ.
އެވަގުތު ކާ އެއްޗިހި ބަލާ ދިޔަ ގުރޫޕު އެއްޗިހި ހިފައިގެން އައިސްފި އެވެ. އަޒްކާ ހިބާއަށް ގޮވީ ކާންއައުމަށެވެ. ދުވެލާފައި ހިބާ ކާންއައި މަންޒަރު ބަލަން ފައުޒާން ހަމަ އެއިން ގޮތަށް އިނެވެ.
“ކޮބާ ޒެކް؟” ޒެކް ފެންނަން ނެތުމުން ހިބާ އަހާލި އެވެ.
“ޒެކް މާލެ ގޮއްސި. ކަސްޓަމަށް ދާން ޖެހެޔޯ ކޮންމެސް މުދަލެއް ކްލިއަރ ކުރަން ކިޔާފަ.” ފައްވާޒް ބުންޏެވެ. ރިފާ ފަހަރަކު މީހަކަށް ބަތް ޕާރުސަލް ތައް ބަހަން ފެށި އެވެ. އެކި މީހުން އެކިދިމަދިމާގައި ކާން ވެގެން އިށީންނަމުން ދިޔައެވެ. ރިފާއާއި ފައްވާޒް ކައިރީ ވެލިގަނޑު މަތީ ހިބާވެސް ޖައްސާލި އެވެ. ފައުޒާން ވެސް އައިސް އެމީހުނާ ބައިވެރި ވެލި އެވެ.
“ހިބާ، ހިބާ ޖެހޭނެ ގިނައިން ކާން.” ފައުޒާންގެ ތަށީގައި އޮތް ބިސްގަނޑު ހިބާގެ ތައްޓަށް ލަމުން ފައުޒާން ބުންޏެވެ. ހިބާ ފައުޒާންއަށް ބަލައިލި އެވެ. ފައުޒާން އަނެއްކާ މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ. ވޭތުވެ ދިޔަ ދުވަސްކޮޅު އަނގައިންވެސް ނުބުނެ ހުރެފައި މިހާރު އެއުޅެނީ ކިހިނެއް ހެއްޔެވެ. ހިބާއަކަށް ނުވިސްނުނެވެ.
އެންމެން ކައިނިމިގެން ތަންތަނަށް ވެއްޓިފައި ތިއްބެވެ. އަޒްކާއާއި މާޒް ވެލިގަނޑު މަތީ ބަންޑުން ޖައްސާލައިގެން ތިއްބެވެ. އެތާ އަޒުމީލުއާއި ނިހާނީ ވާހަކައިގައި ތިއްބެވެ. ފައްވާޒްއާއި ރިފާ ވެސް ވެލިގަނޑު މަތީ އިށީދެލައިގެން ތިއްބެވެ. އެމީހުން ކައިރީ ހިބާ ވެސް އިނީ ވެލީގައި ލިޔެލަ ލިޔެލަ އެވެ. ފައުޒާން އައިސް ހިބާ ކައިރީ އިށީނދެ ހިބާގަޔަށް ވެލި އަޅާލި އެވެ. ބޮލަށާ އެއްކޮނެވެ. ހިބާ ބަލަހައްޓައިގެން އިނީ އެވެ. ފައުޒާންއަށް މިހިރީ ކިހިނެއް ވެފަ ބާއޭ ބުނާފަދަ ގޮތަކަށެވެ. ފައުޒާން ލާނެތްގޮތަކަށް ހިނިއައިސްފައި ހިބާއަށް ބަލަން އިނެވެ. ރިފާއާއި ފައްވާޒް ވެސް ބަލަން ތިބީ ހައިރާން ވެފަ އެވެ. ފައުޒާން އުޅޭ ގޮތެއް އެމީހުނަށް ކަމަކު ނުދިޔަ އެވެ. އެގޮތަށް އުޅެގެން އާހިރުގައި ހުރިހާ ދެރައެއް ލިބޭނީ ހިބާއަށެވެ. ހަލާކުވާނީ ހިބާގެ ހިތެވެ.
ހިބާ ތެދުވެގެން މޫދާ ދިމާލަށް ދިޔައީ ވެލިތައް ފިލުވާށެވެ. ހިބާ ފަހަތުން ދާން ފައުޒާންވެސް ތެދުވެގެން ހިގައި ގަތެވެ. ފައްވާޒް ރިފާއަށް ބަލައިލި އެވެ.
“މީ ރަގަޅު ގޮތެއް ނޫން. ފައުޒާން އެހެން އުޅެގެން ދެރަ ލިބޭނީ ހިބާ ފަކީރަށް.” ރިފާ ފިކުރު ބޮޑުވެފައި އިނދެ ބުންޏެވެ. ފައްވާޒް ވެސް އެކަމާ އެއްބަސް ވެލުމުގެ ގޮތުން ބޯ ޖަހާލި އެވެ. “ވާޒް، ވާޒް ޒާންއާ ވާހަކަ ދައްކަބަލަ. އެގޮތަށް އުޅުނީމަ ހިބާ ހައްތަހާ ދެރަވާނެކަމަށް ޒާން ކައިރީ ބުނެބަލަ.”
“ވެލި ފިލުވައި ދޭންވީތަ؟” ފައުޒާން މޫދަށް އެރިގެން ހިބާހުރި ހިސާބަށް އަންނަމުން ބުނެޏެވެ. ހިބާ ފައުޒާންއަށް ލޯ އަޅާލަމުން ބަލައިލި އެވެ. ހިބާ ފައުޒާންއާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ހިބާ އަކީ ކުޅޭ ކުޅޭ އެއްޗަކަށް ފައުޒާން ހަދައިފި އެވެ. އެގޮތަށް ހިބާއަށް ޖެއްސުންކޮށް ސަމާސާ ކޮށް ހެދުމުން ހިބާއަށް މިހާރު ލިބެނީ ހިތްދަތި ކަމެކެވެ. މިއަދު އެހެން އުޅެފައި ނަދުވާ އައީމަ ފައުޒާންގެ ހިތް މުޅިން ބަދަލު ވެގެން ދާނެ އެވެ. އެކަން ހިބާއަށް މިހާރު ޔަގީން ވެއެވެ.
“ފައުޒާން، ޕްލީސް. ހިބާ ބޭނުމެއް ނޫނޭ ފައުޒާންގެ އެހީތެރި ކަމެއް.” ހިބާ ދުރަށް ޖެހިލަމުން މޫދު ތެރެއަށް ފީނައިގަތެވެ. ފައުޒާން ވެސް ހިބާ ފަހަތުން ފީނައި ގަތެވެ. އަދި ހިބަގެ ފައިގައި ކޮށްޓާލި އެވެ. ހިބާ ކައިރިއަށް ރުޅި އައިސްގެން ފައުޒާންގައިގައި ފައިން ޖެހި އެވެ. އަދި ދުރަށް ފަތައި ގަތެވެ. ފައުޒާންގެ މޭގައި ފައިން ޖެހުމުން ފައުޒާންއަށް ކޮންމެސް ވަރަކަށް ތަދުވެސް ވިއެވެ. އެހެންކަމުން ހުއްޓިލައިގެން ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ އެވެ. އެހިސާބުގައި އިސްކޮޅު ހުރީ ބަޑާ ހަމައިގަ އެވެ. ހިބާ ދުރަށް ގޮސް މުޅިގައިން ވެލި ފިލުވައިގެން އެއްގަމަށް އައުމަށް ތެދުވެ ހިގައި ގަތެވެ. ހިބާގެ ގައިގައި ތަތްވެފައިވާ ހެދުމުން ހިބާގެ ބައްޓަން ރީތިކޮން ފާޅުވާން ހުއްޓެވެ. ފައުޒާންއަށް ބަލަން ހުރެވުނީ އެވެ. މީގެ ދެމަހެއް ކުރިން އަބަދު ފިލާފޮށްޗެކޭ ކިޔައިގެން ފައުޒާން ދިމާކުރި ހިބާގެ ބުރުސޫރަ ރީތިވެފައި ވާތީ ފައުޒާން ހައިރާން ވިއެވެ. ހިބާއަށް ލިބިފައިވާ ރީތިކަމަށް ހިތުގެ އަޑިން ތަޢުރީފް ކޮށްލަކޮށްލަ ފައުޒާންއަށް ހުރެވުނީ އެވެ. ހިބާ ފައުޒާން ކައިރިން ލާފައި ދަމުން ފައުޒާންއަށް ލޯ އަޅާލި އެވެ. ފައުޒާންގެ ބޮލަށް ސަވާރުވެފައި ވަނީ ކޮންފެންވަރެއްގެ އިބިލީހެއް ބާއޭ ހިބާ ހިތަށް އެރި އެވެ.
ހަވީރު ވުމުން އެންމެން ފާހާނާ ކިއުގައި ޖެހިފައި ތިއްބެވެ. ހިބާ ހުރީ ހިކިފައެވެ. އެހެންކަމުން ހިބާ ގަހުގެ ގޮފިގަނޑުގައި އިށީދެލައިގެން ފޯނާ ކުޅެން އިނެވެ. ފައުޒާންއަށް ވަރުގަދަ މެސެޖެއް ލިޔަން ހިބާ ގަސްތުކުރި އެވެ. ފައުޒާން އެހެން އުޅުމުން ހިބާއަށް އުނދަގޫ ވާތީ އެވެ. ހިބާ މެސެޖު ލިޔެފައި މެސެޖު ކިޔާލި އެވެ. ލިޔެވުނީ ލިޔަން ބޭނުންވި އެއްޗެއް ނޫނެވެ. އެހެންކަމުން ޑިލީޓް ކުރަން އުޅެނިކޮން ފިތާލެވުނީ ސެންޑަށެވެ. ހިބާއަށް ތެޅި ގަނެވުނެވެ.
“އޯ ޝިޓް! ހިބާއަށް ބުނެލެ ވުނެވެ. އަދި މެސެޖް ރިސީވް ވުމުގެ ކުރިން ކެންސަލް ކުރަން އުޅެ އުޅެ އެކަމެއް ވެސް ނުވި އެވެ. ދެން ހަދާނީ ކިހިނެއްބާއޭ ހިބާ ހިތަށް އެރި އެވެ. ފައުޒާންގެ ދަބަހުގައި ހިބާގެ ލޯ އަޅައި ގަތެވެ. ހިބާ ގޮސް ދަބަސް ކައިރީ ހުއްޓިލަމުން ފާހާނާއާއި ދިމާއަށް ބަލައިލި އެވެ. ފައުޒާން ފެންނާކަށް ނެތެވެ. ފައުޒާންވީ ފާހާނާ ތެރޭގަ އެވެ. ހިބާ އަވަހަށް ފައުޒާންގެ ދަބަހުން ފައުޒާންގެ ފޯނު ނެގި އެވެ. އެއީ ސެމްސަންގް އެސް ޓޫ އެކެވެ. ހިބާ އެނަގާ ހުޅުވާލި އިރު އިނީ ޕެޓަން ލޮކް ޖަހަން އަރާފަ އެވެ. ހިބާއަށް ހީވާ ގޮތަކަށް ކުރަހާލި އެވެ. ރަގަޅެއް ނުވިއެވެ. އަނެއްކާ މިޖަހުނީ ކަންތަކާއެވެ. އެކި ގޮތްގޮތަށް ޕެޓަން ކުރެހި އިރުވެސް ދިމާވާގޮތެއް ނުވިއެވެ. ދެން ފެނުނީ ފައުޒާންއާއި އެހެން އެންމެން އެދިމާލަށް އަންނަ ތަނެވެ. ހިބާ އަވަހަށް ދަބަސް ކައިރިން ދުރަށް ޖެހިލީ ފައުޒާންގެ ފޯނު ވެސް ހިފައިގެނެވެ. ފައުޒާންގެ ފޯނު ފައުޒާންއަށް ދޭކަށް ހިބާ ބޭނުމެއް ނޫނެވެ. އެ މެސެޖު ފައުޒާންއަށް ފެންނަން ބޭނުން ނުވާތީ އެވެ. އެންމެން އައިސް ދަބަހަށް އެއްޗިހި އަޅާ ފުރަންދާން ތައްޔާރުވާން ފެށި އެވެ. ހިބާ ފައުޒަންގެ ފޯނަށް ހަދާނެ ގޮތެއް ނޭގިގެން ވެލިގަނޑުގައި އެފޯނު ވަޅުލައިފި އެވެ. އަދި ދެނަހުރި ކަމަށްވެސް ނަހަދާ ރިފާ ކައިރިއަށް ގޮސް މަޑުކޮށްލައިގެން ހުއްޓެވެ. ފައުޒާން ދަބަހުން ވޮލެޓާއި ތަޅުދަނޑި ނަގާ ޖީބަށް ލިއެވެ. ދެން ފޯނު ނަގަން ބަލައިލި އިރު ފޯނެއް ނެތެވެ. ފައުޒާން ހާސްވިއެވެ. ދަބަހުގެ ހުރިހާ ވަތްގަނޑު ތަކެއް ބެލި އިރުވެސް ފޯނެއް ނެތެވެ.
“އޭ، އަޒްމީލް، ޒާންގެ ފޯނެއް ދަބަހަކު ނެތް.” ފައުޒާން ނިހާނީ އާއި ވާހަކަ ދައްކަން ހުރި އަޒުމީލުއަށް ގޮވާލަމުން ބުންޏެވެ.
“ފޯނެއްނެތޭ؟ އެކަމަކު އަހަރުމެންގެ ފޯނު އެބަ އޮތް. ދަބަސްތަކަށް ނުލާހިކު ބެލިން އަހަރެން. ދުރުގަ ހުރި އިރުވެސް ހަމަ ވަގެއް އައިސްދާނެތީ ވަރަށް ބަލަބަލަ މަ ހުރީ.” އަޒުމީލު ކަންބޮޑުވެގެން ބުންޏެވެ. އެހެން މީހުންވެސް ފައުޒާންގެ ފޯނު ގެއްލުންކަން އިނގުމުން ކަންތައް ބޮޑުވެގެން އަމިއްލަ ފޯނު އޮތްތޯ ބަލާ އުޅެން ފެށި އެވެ. ހިބާވެސް ދެނަހުރި ކަމަށް ނަހަދާ އެމީހުނަ ބައިވެރި ވެލައިގެން އުޅެ އެވެ.
“އަޅެ ޒާންގެ ފޯނަށް ގުޅާބަލަ.” ފައުޒާން ފައްވާޒް ކައިރީ ބުންޏެވެ. ފައްވާޒް ފައުޒާންގެ ފޯނަށް ގުޅުމުން ރިންގްވާ އަޑު އިވެން ފެށި އެވެ. އެ އިވެނީ ކޮންތާކުން ކަމެއް ނޭގެ އެވެ. ތިރި ވުމުން އަޑު ބާރު ވެއެވެ. އޭރު ހިބާގެ ހިތުގެ ތެޅުން ބާރުވަމުން ދިޔަ އެވެ. ފޯނު ނުފެންނަނީސް އެކަކު ވެސް ގުޑާލަން ހިތައް ވެސް ނާރަ އެވެ.
“ބިންމައްޗަށް ވެއްޓި ފަސް އެޅިފަ ކަންނޭގެ.” އަޒުމީލު ބުންޏެވެ. އެންމެން ބިންމަތި ބަލަން ފެށި އެވެ. ހިބާގެ މޭގަނޑު ތެޅިތެޅި އަނގައަށް އަންނަވަރު ވެފައި ހިބާ އިނެވެ. އަނެއްކާ ވެސް ފައްވާޒް ފައުޒާންގެ ފޯނަށް ގުޅަން ފެށި އެވެ. ބިންމަތީ ވެލިގަނޑު އަޑިން އަލިކަމެއް ފާޅުވާތަން އަޒްކާއަށް ފެނިގެން އެތަން ކޮނެލާފައި ނެގިއިރު އެއީ ފައުޒާންގެ ފޯނެވެ.
“ސާބަސް ޒާންއަށް. ފޯނު ވެއްޓިގެން ފަސް އެޅިގެން ދިޔައިރު ވެސް ނޭނގެ ދޯ.” އަޒްކާ ފައުޒާންގެ ފޯނު ފައުޒާންއަށް ދިން ވަގުތު ރިފާ ބުންޏެވެ.
ފޯނު ބިންމައްޗަށް ވެއްޓުން އިރެއް ވެސް ފައުޒާންއަކަށް ނޭގެ އެވެ. ފައުޒާން ފޯނުރަގަޅަށް ފޮހެލަމުން އެ ބަލާކަށް ނަހަދަ އެވެ. އަވަހަށް އެލީ ޖީބަށެވެ. ހިބާގެ ހިތް ނެގި ނެގިފައި ޖެހެމުން ދެއެވެ. ފައުޒާންއަށް އެ މެސެޖު ފެނުމުން ހީކުރާނީ ކީކޭ ބާ އެވެ. ހިބާއަކީ އަމިއްލަ އެދުން ބޮޑު މީހެކޭ ހީކުރާނެ ކަން ގައިމެވެ. ހިބާ ހުރީ ވަރަށް ބިރުންނެވެ. ފައުޒާން އެ މެސެޖު ކިޔާނެ އިރަކަށް ބަލަބަލާ ހިބާ ހުއްޓެވެ. ފެރީއަށް އަރާފައި ވެސް ހިބާ އިރުކޮޅަކާ ފައުޒާން ކުރާކަމެއް ބަލައިލި އެވެ. ފައުޒާން އިނީ ފަހަތުގަ އެވެ. މާޒްއާއި އަޒްކާ ތިބި ގޮނޑީގަ އެވެ. ހިބާ އިނީ ރިފާއާއި ފައްވާޒް ކައިރީ އެވެ. އަޒުމީލު ވިލިގިލިން ނާދެ އެވެ. އަޒުމީލު ދިޔައީ ނިހާނީ ގެއަށްލާށޭ ކިޔާފަ އެވެ.
މާލެ އާދެވުމުން ހިބާ ހުރީ ފައުޒާންގެ ސައިކަލަށް ނާރާ ގެއަށް ދެވޭނެ ގޮތަކަށް ބަލަ ބަލަ އެވެ. ނަމަވެސް ފައްވާޒްގެ އެދުމުގެ މަތިން ހިބާއަށް ޖެހުނީ ފައުޒާންގެ ސައިކަލަށް އަރާށެވެ. ސައިކަލަށް އަރަން އައި އިރު ލާނެތް ހިނިތުން ވުމެއް ދީގެން ފައުޒާން ސައިކަލު މަތީ އިނެވެ. ހިބާ ލޯ އަޅާލަމުން އައިސް ސައިކަލަށް އެރި އެވެ. ހިބާ ބެލީ ފައުޒާންގެ ގައިގައި ނުޖެހި ވީހާ ވެސް ދުރުގައި އިނދެވޭތޯ އެވެ.
އެންމެންހެން ގެއަށް ވަނީ އެއްކޮންވެ. އެންމެން އައިސް ވަންތަން ފެނިގެން ހަފީޒާ ދުވެފައި ކަހަލަ ގޮތަކަށް އައިސް އެންމެން ކުރިމަތީ ހުއްޓިފައި އެދިން ހަބަރަކުން އެންމެނަށް ސިހުން ގެނުވައިފި އެވެ.
“ލިއުކީމިޔާ އެއީ ކޮންކަހަލަ ބައްޔެއް؟” ހިބާ އަހާލި އެވެ.
“އެއީ ބްލަޑް ކެންސަރގެ ވައްތަރެއް.” ހަފީޒާ ހިބާ ކައިރީ ބުންޏެވެ.
“ދެން ޑޮކްޓަރުން ބުނަނީ ކީކޭޔޯ؟” ފައްވާޒް ހުރީ ވަރަށް ކަންތައް ބޮޑު ވެފަ އެވެ.
“މަންމައަށް ގުޅީތަ؟ ކޮން އިރަކު އިނގުނީ؟” ފައުޒާން ހާސްވެފައި އަހާލި އެވެ. ރިފާވެސް ހާސް ވެފައި ގަބޫލު ނުކުރެވިފައި ހުއްޓެވެ. ހިބާ ހުރީ ވާނުވާ ނޭގިފަ އެވެ.
“ޑޮކްޓަރ ބުންޏޯ ކީމޯ ދީގެން ރަގަޅުވާނެ ކަމަށް އައްޑިހަ ޕަސަންޓް އެބައޮތޭ. ފުރަތަމަ ސްޓޭޖްގަ ވީމަ އުއްމީދު ވަރަށް ބޮޑޭ ބުންޏޯ.” ހަފީޒާ ބުންޏެވެ. ފައުޒާންއަށް މާނޭވާއެއް ލެވުނެވެ.
“މަންމަ ދެން ހާސް ނުވެބަލަ. އިރާދަ ކުރެއްވިއްޔާ ރަގަޅު ވާނެ.” ފައްވާޒް ބުންޏެވެ.
“ކިހިނެއްތަ ހާސްނުވެ ހުންނާނީ. އަހަރުމެންގެ ނަވާ އަކީ ކުޑަކުޑަ ކުއްޖެއް ވިއްޔަ.” ހަފީޒާ އެހެން ބުނަމުން އަނެއްކާވެސް ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ފޮހެލި އެވެ.
“އާން، ހަމަ ނަވާއަށް ކީއްވެތަ ޖެހެންވީ.” ރިފާ ދެރަވެފައި ބުންޏެވެ. ހިބާ ވެސް ދެރަވެގެން އަނގަ މަތީ އަތް އަޅާލައިގެން ހުރެވުނެވެ. އެއީ އަދި ކުޑަކުޑަ ކުއްޖެކެވެ. ހިބާގެ ލޮލުން ކަރުނަ ނިރާލި އެވެ.
“މަންމާ. ތީ ވަރަށް ދެރަ ހަބަރެއް. އެކަމަކު މާ ބޮޑަށް އަދި ދެރަވާހަކަށް ނުވޭނު. އެބުނީނު ރަގަޅު ވާނެ ކަމުގެ އުންމީދު ބޮޑު ވާހަކަ. އެހެންވީމަ އިރާދަ ކުރެއްވިއްޔާ ރަގަޅު ވާނެ،” ފައުޒާން ހަފީޒާގެ ކޮނޑުގައި ހިފަހައްޓާލަމުން ހިތްވަރު ދެމުން ބުންޏެވެ. “ދޮންބޭބެ މެނަށް އެގޭތަ؟”
“އާން ދޮންބޭބެއާ ދައްތައާ މިގޭގަ ތިބެ ތިބެފަ އެ ދިޔައީ،” ހަފީޒާ ބުންޏެވެ. “ތުއްތައްތަބޭ ވެސް މިރޭ ފުރާނެ އެކޮޅަށް. ޒާންއަށް ނަދޫއެއް ނުގުޅާތަ؟”
ފައުޒާން ފޯނު ނަގާ ބަލައިލި އެވެ. އަދި ވަރަށް ސީރިއަސް ވެފައި އެއަށް ބަލަން ހުއްޓެވެ. ހަތަރު މިސްކޯލު ނަދުވާގެ އައިސްފައި ވެއެވެ. އަދި މެސެޖެއް ވެސް އިނުމުން އެންމެ ކުރިން މެސެޖު ހުޅުވާލި އެވެ. ފައުޒާން ފޯނު ބަލަމުން ދާތީ ހިބާއަށް އެތާ ހުންނަން އުނދަގޫ ވެއްޖެ އެވެ.
“އަންނާނަން ފެންވަރައިގެން.” ހިބާ އަވަހަށް އެތަނުން ދަމުން ބުންޏެވެ.
ފައުޒާން ހިބާގެ މެސެޖު ކިޔާލި އެވެ. އޭރު ހިބާ އެތަނުން ހިގައްޖެ އެވެ. ފައުޒާންގެ ހިތަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައީ ބޭ އިހުތިޔާރުގަ އެވެ.
“ކީއްވެ ތި ހެނީ؟” ފައުޒާން ހެވިފައި ހުރުމުން ހަފީޒާ އަހާލިއެވެ.
“އާން؟” ފައުޒާން ހަފީޒާއަށް ބަލައިލަމުން ހާސްވި އެވެ. “މީ.. ރައްޓިއްސެއްގެ މެސެޖެއް ކިޔާލާފަ ހިނި އައީ.” ފައުޒާން އަވަސް އަވަހަށް ބުންޏެވެ. “ނަދޫ ގުޅާފަ އެބައޮތް ހަތަރު ފަހަރު. އަދިކިރިޔާ މި ފޯނު ބަލައި ލެވުނީ ވެސް.”
ފައުޒާން ނަދުވާގެ ނަންބަރަށް ގުޅާލަމުން ފޯނުގައި ކަންފަތް ޖެހި އެވެ. ފައުޒާން ނަދުވާއާއި ވާހަކަ ދައްކަމުން މައްޗަށް އަރައިގެން ދިޔައީ އެވެ.
ހިބާ ފެންވަރައިގެން ނުކުތް އިރު އުނދޯލީގައި ފައުޒާން އިނީ ފޯނުން ވާހަކަ ދައްކާށެވެ. ހިބާ ނުކުތުމުން ފައުޒާން ހިބާއަށް ފުން ނަޒަރަކުން ބަލައިލި އެވެ. ތުވާލި އިސްތަށި ގަނޑުގައި އޮޅާލައިގެން ނުބައި ފުށުން ހެދުން ލައިގެން ހުރި ހިބާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.
ފައުޒާން ނަދުވާއާއި ވާހަކަދައްކާ ނިމިގެން އެތާ އުނދޯލީގައި އެތައް އިރަކު އިނެވެ. ހިބާ ނުކުންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. ނަމަވެސް އެރޭ ހިބާ ނުވެސް ނުކުތެވެ. ކޮޓަރީގެ ދޮރު ދަށުން ފެންނަން ހުރި ފަނޑު އަލިކަމުން ހިބާ ނިދީކަން ފައުޒާންއަށް ޔަގީން ވިއެވެ.
ޖެހިގެން އައި ދުވަހު އެންމެން އޮފީހަށް ދާން ތައްޔާރުވީ އިރު ވެސް ފައުޒާން ހުރީ ހިބާއާއި ވާހަކަ ދައްކާހިތުންނެވެ. ނަމަވެސް އެކަހަލަ ފުރުސަތެއް ނުލިބުނެވެ.
އެދުވަހު މެންދުރު ފަހު ހަފީޒާ ގެއަށް އައި އިރު ރިފާއާއި ހިބާ ދެމީހުން ތިބީ ޓީވީ އިން ފިލްމެއް ބަލާށެވެ. ހަފީޒާ އައުމާއި އެކު ތިން މީހުން ކާން ދިޔައެވެ. ކާން ތިބެގެން ދެރަވެ ދެރަވެފައި ތިން މީހުންވެސް ދެއްކީ ނަވާއަށް ކެންސަރު ޖެހިފައި ވުމުން އެވާހަކަ އެވެ. ހަފީޒާ އިނީ އެކަމާ ވަރަށް ފިކުރު ބޮޑުވެފައިކަން މޫނުމަތިން ވެސް އެނގެއެވެ.
ފައްވާޒް ވެސް އައިސް ބަދިގެއަށް ވަނީ އެގަޑީގަ އެވެ. ފައްވާޒް ވެސް ބެލީ އަވަހަށް އެއްޗެއް ބަނޑަށް ލެވޭތޯ އެވެ. ވަރަށް ބޮޑަށް ބަނޑުހައި ވެފައި ކަމަށް ބުނަމުން ނެވެ.
ހިބާ ކްލާހަށްދާން ފެންވަރައިގެން ނިކުތް އިރުވެސް ފައުޒާންއެއް ނާދެ އެވެ. އޭރު ގަޑިން ހަގަޑި ބައިވަނީ އެވެ. ފައުޒާން މިއަދު ހާދަ ބިޒީ ދުވަހެއްތާއޭ ހިބާ ހިތަށް އެރިއެވެ. ހިބާ އިސްތަށިގަނޑު ދޫކޮށްލައިގެން ޓެރެސް މަތީ ހުއްޓިލައިގެން ހުއްޓެވެ. ފަހަތުގައި މީހަކު ހުރިހެން ހީވެގެން ހިބާ ބަލައިލި އިރު ފައުޒާން އެވެ. ދާދި ދެންމެ ނިމިގެން އައި ކަމުގައި ހިބާއަށް ޔަގީންވީ އަދިވެސް ޕޮލިސް ޔުނީޕޯމުގައި ހުރުމުންނެވެ.
“ހިބާ،” ފައުޒާން ގޮވާލި އެވެ. ހިބާގެ ހިތުގެ ހިނގުން ބާރުވާން ފެށި އެވެ. އެ މެސެޖާ ބެހޭގޮތުން ސުވާލުކުރަން އުޅެނީ ކަން ހިބާއަށް ކަށަވަރު ވެއްޖެ އެވެ. އެހެންކަމުން ހިބާ އަނގަ ހުޅުވާލީ އޮޅިގެންނޭ ބުނާށެވެ. ނަމަވެސް…
“ޒާން މިހާރު މިދަނީ އެލާރޓް ވެގެން. ޒާން އައިސްސަ ހިބާ ފޮނުވި މެސެޖަށް ޖަވާބެއް ދޭނަން. ވެއިޓް ފޮރ މީ.” ފައުޒާން އެއްލޯ މަރާލަމުން އެދިޔަގޮތަށް ތިރިއަށް ފައިބައިގެން ދިޔައީއެވެ. ހިބާއަށް އެކައްޗެއްވެސް ނުބުނެ ވުނެވެ. ހިބާ ޓެރެސް މަތިން ބިންމައްޗަށް ބަލައިލި އެވެ. މަދުމަތީ ހުރަހަށް ދަމާފައި ހުރި ދިދަ ތަކުގެ ސަބަބުން ފައުޒާންގެ ސައިކަލު ދެންނަނީ ވަރަށް ހަނި ދޭތެރެއަކުން ނެވެ. ފައުޒާން ސައިކަލަށް އަރަމުންވެސް ހަނި ދޭތެރެއަކުން ވަރަށް ހިނިއައިސްފައި މައްޗަށް ބަލައިލި އެވެ.
އަނެއްކާ ދޭން އެއުޅެނީ ކޮންކަހަލަ ޖަވާބެއްބާ އެވެ. ފައުޒާން ހުރީ ވަރަށް އުފާ ވެފައިކަން މޫނުމަތިން އިނގުނެވެ. ނޭގުމުގެ ތެރޭވެސް ހިބާގެ ހިތް އުފަލުން ނަށަން ފެށި އެވެ. ހިބާ ކްލާހަށް ދިޔައިރު ވެސް ހިބާގެ ހިތަށް ވެރި ވެފައިވާ ހިނިތުންވުން ފަނޑުވެގެން ނުދެ އެވެ. އަޒްކާ އެކަމާ ސުވާލުވެސް ކުރިއެވެ. ނަމަވެސް ހިބާއަށް އެސުވާލަށް ޖަވާބެއް ދޭކަށްވެސް ނެގުނެވެ.
އެރޭ ކްލާސް ނިމިގެން އަޒްކާއާއި އެކު ގެއަށް އައިއިރު އަޒްމީލުއާއި އަޒްމީލުގެ ބައްޕަ ރަޝީދުއާއި ދެމީހުން ދޮރުމަތީ ތިއްބެވެ. އެމީހުންގެ މޫނު މަތިން ހާސްކަން ފާޅުވާން ހުއްޓެވެ.
“އަޒްކޯ؟ މަންމަ މުޒާހިރާއަށް ގޮސްވީ. ހަމަނުޖެހުން ހިގައިގެން ވަރަށް އަނިޔާ ވަމުން އެބަދެޔޯ އާމުންގެ މީހުނަށް. އެކަމާ ކަންތައް ބޮޑުވެފަ ދޮންބެއާ ބައްޕައާ މިތިބީ. މަންމަ އަދިވެސް ގެއަކަށް ނާދޭ.” އަޒުމީލު އަޒްކާ ކައިރީ ބުންޏެވެ.
“ފޯނު ކުރިންތަ؟” އަޒްކާ އަހާލި އެވެ.
“އާން، ފޯނަކަށް ޖަވާބެއްވެސް ނުދޭ. އެކަމާ އެންމެ ކަންތައް ބޮޑުވަނީ. ތާކު ބަޔަކު އެއްވެގެން އުޅެންޏާ ޝަކީލާއަށް އެތާކަށް ދާން ޖެހޭ ވިއްޔަ.” ރަޝީދް ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ. ހިބާ އެތާ އިރުކޮޅަކު މަޑުކޮށްލާފައި އެތެރެއަށް ވަން އިރުވެސް އެމީހުން އެތާ ކަންބޮޑު ވެފައި ތިއްބެވެ.
ހިބާއައިސް ގެއަށް ވަން އިރު ފައްވާޒްއާއި ރިފާ ސޯފާގައި ތިއްބެވެ. ހަފީޒާ ވެސް އެވަގުތު ކޮޓަރިން ނުކުމެގެން އަންނަނީ އެވެ.
“ލާބަލަ ދިވެހި ޗެނަލްއަކަށް. މުޒާހިރާ ވަރަށް ހޫނުވެގެން އެބަ އުޅެޔޯ. ދޮންބެ ދައްތަ ވެއްޖެޔޯ އެތާ. އެކަމާ ކަންތައް ބޮޑުވެގެން އެބައުޅޭ ދޮންބެ.” ހަފީޒާ އައިސް ސޯފާގައި އިށީނެވެ.
ހިބާވެސް ފޮތްތަކާ އެކު އައިސް މަޑުކޮށްލައިގެން ހުރީ ޓީވީ ބަލާށެވެ. ތެދެކެވެ. ފުލުހުންނާއި އާމުންނާއި ކުރިމަތިލުންތަކެއް ހިގަމުން ދަނީ އެވެ. ވަރަށް ގިނަ މީހުން އެމްބިއުލާންސްއަށް ލައިގެން ގެންދާތަން ވެސް ފެނެއެވެ. ފައްވާޒްއަށް ފޯނެއް އައުމުން ފައްވާޒް ދުރަށް ޖެހިލީ ފޯނަށް ޖަވާބު ދޭށެވެ.
“ކީކޭ؟” ފައްވާޒްއަށް ވަރަށް ބާރަށް ބުނެވުނެވެ. އަދި ލޯ ބޮޑުކޮށްލާފައި ހަފީޒާއަށް ބަލައިލެވުނެވެ. ހަފީޒާއާއި ހިބާއާއި ރިފާވެސް ފައްވާޒް އެހާ ބާރަށް ކީކޭހޭ ބުނުމުން ތިބީ ފައްވާޒްއާއި ދިމާއަށް ނަޒަރު ހުއްޓާލައިގެނެވެ.
“މަންމާ!….” ފައްވާޒްއަށް ބުންވުނީ އެހާ ހިސާބަށެވެ. “ހިންގާ ހޮސްޕިޓަލަށް.” ފައްވާޒް ބުނަމުން ދޮރުން ނުކުތުމަށް ހިގައިގަތެވެ.
“ކިހިނެއްތަ ވީ؟” ހަފީޒާ ބާރަށް އެހެން ބުނިއިރު ފައްވާޒް ދޮރުން ނުކުމެގެން ގޮސް ނިމިއްޖެ އެވެ. ޝަކީލާއަށް ކަމެއް ވީކަމުގައި ހަފީޒާގެ ހިތް ބުނަމުން ދިޔަ އެވެ.
ހަފީޒާއާއި ރިފާ އަވަހަށް ކޮޓަރިއަށް ވަނީ ބުރުގާ އެޅުމަށެވެ. ވީ ގޮތެއް ނޭގިތިބެ ތެޅިތެޅި އޮތް ހިތަކާއެކު ދެމީހުން އަވަސްކޮށްލައިގެން ނުކުތެވެ. ހިބާވެސް އެމީހުން ފަހަތުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Alhey me first dhw… Wow so so interesting… Next v avahah up kohdhehchey plx plx…
I’m waiting for the next part.. This story is awesome…
Dhen xaan coma yah dhanee and blah blah and blah ?
But adhi heyaraane
And hib aa marry kuraanee and dhen vaane goiy fahun dw guys hehe ?
Eyrun thaa dw asi mi meehun mi story kiyaanee ?????????????????
Kaira kurin mivaahaka kiyaafa vaahaaiga vaa goi bunyma vaahaka kiyaa hitheh nuvaane ehnu dhw :p btw mi part ves varah salhi