ހިތުގެ ސިއްރު – ތިންވަނަ ބައި
މިލާމޯޅީވެފައިވާ ޖަންބުކުލައިގެ ކޯތާފަތް މައްޗަށް އޮހެމުން ދިޔަ ކަރުނަ ތިކިތައް ކަނާއަތުގެ ނުފުށުން ފޮހެލީމެވެ. މިއީ ހިތްވަރު އެލުވާލަންވީ ވަގުތު ނޫން ކަމަށާއި ހިތްވަރުކޮށް ކުރިއަށް ހިނގައިގަންނަންވި ވަގުތުކަން ހިތަށާއި ނަފްސަށް ވިސްނައިދެމުން ދިޔައީމެވެ. އަލަމާރި މަތީގައިވާ ކަޅުކުލައިގެ ދާގީނާ ނެގުމަށްފަހު، ތަޅުންގަނޑު މަތީގައި ބާއްވާ ހުޅުވައިލީމެވެ. އަހަރެން މަސައްކަތްކޮށްގެން ހޯދާފައިވާ އާމްދަނީން ގަނެފައިވާ ހުރިހާ އަންނައުނެއް އަހަރެން އެ ފޮށި ތެރެއަށް އެޅީމެވެ. އަދި ފާޒްގެ އަންނައުނުތައް ވެސް އެއަށް އަޅާ ފޮށި ބަންދުކޮށްލީމެވެ.
އެނދުމަތީގައި ލޯބިލޯބިކޮށް ނިދާފައި އޮތް ލޯބި ލޯބި ފުށްގަނޑަށް ބަލައިލި ހިނދު އަހަރެންނަށް ރޮވުނެވެ. އެ ދަރިފުޅުގެ ބައްޕަ އާއި ވަކިކޮށް މިލެވެނީ އަހަރެންގެ އަމިއްލަ އަތުންނޭ ހިތަށް އަރަމުން ދިޔައެވެ. ޖެހިގެން އައި ސިކުންތު ހިތަށް އަރަމުން ދިޔައީ އެއީ ބައްޕައެވެ. ނަމަވެސް، ގުޅުމެއް ނެތް އާއިލާއެއްގައި އެ ދަރިފުޅު ބޮޑުވެއްޖެނަމަ އެ ދަރިފުޅު ހިތުގެ އެކަނިވެރިކަން ދުވަހެއް ދުވަހަކަށް ދާނީ ބޮޑުވަމުންކަން ވިސްނައި ދެމުން ދިޔައީމެވެ. ރަނގަޅު ހެޔޮލަފާ ދޮންބައްޕައެއް އެ ދަރިފުޅަށް މާ ރަނގަޅުވާނޭ ހިތަށް އަރަމުން ދިޔައެވެ. އާއިލާއަށް ވަގުތުދޭ އާއިލާ ދެކެ ލޯބިވާ މީހަކު އަހަރެންގެ ހަޔާތަށް ގެނައުން ބުއްދިވެރިކަން އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައީމެވެ.
އެތެރެއަށް ފުންނޭވާއެއް ލަމުން ލޯ މަރާލީމެވެ. އަދި އެ ނޭވާ ބޭރުކޮށްލަމުން ހިނިތުންވެލީމެވެ. އަދި އެނދުމަތީގައި އޮތް ފާޒް ވާއަތު ކޮނޑު މައްޗަށް ނަގާ ލީމެވެ. އެވަގުތު ފާޒްއަށް ކުޑަކޮށް ލޯ ހުޅުވާލެވުނެވެ. ނިދި ލޮލެކެވެ. އާނ އާނ އާނ ލައްވާލަމުން ކަނާއަތުން ފާސްގެ ބުރަކަށީގައި ފިރުމާލީމެވެ. މަޑުމަޑުން ފާޒް ނިންޖަށް ރުޖޫޢަވެއްޖެވެ.
މުޅި ކޮޓަރިއަށް ނަޒަރު ހިންގާލަމުން ދިޔައީމެވެ. ދަރިފުޅާއެކު އެ ކޮޓަރީގައި ހޭދަކުރި އުފާވެރި ކޮންމެ ސިކުންތެއް އަހަރެންގެ ހިތުގައި ރައްކާ ކުރާ ހާލުގައެވެ. އެއަށްފަހު، ކުރިއަށް ފިޔަވަޅެއް އަޅަމުން ދާގީނާ ހިފައިގެން ކާއްތަމުން ކޮޓަރިން ނުކުތުމަށް ހިނގައިގަތީމެވެ.
ސިޓިންރޫމުން ނިކުންއިރު ފަޔާ އިނީ އެތާ ހުރި ޖޯލިފަތި ކައިރީގައެވެ. އަހަރެންނާ ފުރަގަސް ވާގޮތަށެވެ. ދާގީނާ ކޭއްތޭ އަޑަށް ފަޔާ އެނބުރިލިއެވެ. “ޔަނާ! ފާޒް!” ފަޔާ ހުރީ ހައިރާންވެފައެވެ. ކީއްވެކަމެއް ނޭނގެއެވެ. ހީވަނީ އަހަރެންނަށް ލިބުނު ހިތްވަރު ފެނިފައި ހައިރާންވެވުނީ ކަމަށެވެ. އަހަރެން އޭނާގެ ދަށުވެފައި މުޅި އުމުރު ހުންނާނެ ކަމަށް ހީކުރެވުނީމަ ކަމަށެވެ.
“އަހަރެންގެ މި ފޮށީގައި ހުންނާނީ ފާޒްގެ އަންނައުނާއި އަހަރެން އަމިއްލައަށް ހޯދި އަންނައުނު. ފަޔާ އަހަރެންނަށް ހޯދައިދިން އެއްވެސް އެއްޗެއް ނުހުންނާނެ! ފާޒް ދިރިއުޅޭނީ އަހަރެން ކައިރީގައި. އަހަރެންނަކީ ވިޔާނުދާ އެއްވެސް އަމަލެއް ކޮށްފައިވާ މީހެއް ނޫން. އަހަރެން ފާޒް ގޮވައިގެން ދިރިއުޅެވޭނެ ފެންވަރު އެބަހުރި! ގޭގައި މިއޮށް ހުރިހާ ދުވަހު ވަޒީފާއަކަށް ނުގޮސް ގޭގައި ހުރެގެން އާމްދަނީ ހޯދަން މަޑުކޮށްގެން ހުރީ ދާން ބޭނުން ނުވާތީކީ ނޫން. ފަޔާ ފަޔާގެ މަންމަ އާއި ބައްޕަ ބަލަން ގޭގައި ހުރުމަށް އެދުމުން. ކިޔަވައިގެން ހާސިލްކުރި ސެޓްފިކެޓުތައް ބޭކާރުވިޔަކަ ދޭކަށް މިހާރު ބޭނުމެއް ނޫން” އަހަރެން ފަޔާ އާއި ހަތަރު ކަޅި ހަމަކޮށްލީމެވެ.
“އަން. މި އޮތީ ފަޔާ އަހަރެން ކައިވެނިކޮށްގެން މިގެއަށް ގެނެސް އަހަރެންގެ އަތުގައި އެރޭ އެޅުވި އަނގޮއްޓި. މީގެ އެއްވެސް އަގެއް އަހަރެންނަކަށް ނުކުރެވޭ. ކޯޓުން އަހަރެން ފަޔާ އާއި ބައްދަލު ކުރާނަން. ވަރަށް ސަލާމް” ލުއި ހިނިތުންވުމެއް ރައްދުކޮށްލަމުން އަހަރެން ގޭޓުން ނުކުތީމެވެ. ފަޔާ ހުރީ އެ ގަނޑުވިގޮތަށް ގަނޑުވެފައެވެ.
ގޭޓުން ނުކުމެ މަގުގެ ދެ ފަރާތަށް ބަލައިލީމެވެ. މިވަގުތު ދާނީ ކޮންތާކަށް ކަމެއް ވެސް ނޭނގުނެވެ. މަޑުމަޑުން މަގުގެ ކަނާއަތް ފަރާތަށް އެނބުރި ދާގީނާ ދަމަމުން މަޑު ހިނގުމެއްގައި ހިނގައި ގަތީމެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތައް އަހަރެންނާއި ފާޒް ކަފަމުން ދިޔައީމެވެ.
“މަންމީ! ފިނި ވަނީ..” ކުކުރާލަމުން ފާޒް ބުންޏެވެ.
ލަސްނުކޮށް އަހަރެން ދާގީނާ ހިފައިގެން މަގުގެ ވާއަތް ފަރާތުގައި ހުރި އަށްޓެއް ކައިރިއަށް ދިޔައީމެވެ. ފާޒް އެތާ ބާއްވަމުން ދާގީނާ ހުޅުވައިޅިމެވެ. ފާޒް ގައިގާ އޮޅާލާނެ ފޮތިގަނޑެއް ހޯދުމުގެ ގަސްތުގައެވެ. ހާވަމުން ދަނިކޮށް އަހަރެން ލާން ގެންގުޅޭ ބޯ ދިގު ކަޅުކުލައިގެ ހެދުމެއް އަތު ޖެހުނެވެ. އެ ހެދުން ނަގާ ދާގީނާ ލައްޕާލީމެވެ. އަދި ފާޒް ގައިގާ އޮޅާލަމުން އަނެއްކާ ވެސް ކޮނޑު މައްޗަށް ނެގީމެވެ. އަދި އެ އަށި މަތީގައި އިނދެ ވިސްނަމުން ދިޔައީމެވެ.
ވަގުތަކީ ދަންވާން ކައިރި ވެފައިވާ ވަގުތެއް ކަމުން ވަންނާނީ ކޮންތާކަށް ކަމެއް ނުވިސްނުނެވެ. އާއިލާގެ މީހުންގެ އެހީއަކަށް އެދޭނެ ހިތްވަރެއް ވެސް ނެތެވެ. އެ މީހުން އަހަރެންނާއި ގުޅުން ކަނޑާލިތާ މިހާރު 2 އަހަރު ވެއްޖެވެ. އަހަރެންނެއް ނޫނެވެ. އެމީހުންނެވެ. އަހަރެން އެ މީހުންދެކެ އަދިވެސް އަދި އަބަދުވެސް ލޯބި ވެއެވެ.
އުމުރުން 17 އަހަރުގައި ކިޔަވަން މާލެ ގޮސް ވަޒީފާއަކަށް ދަމުން މާސްޓަރސް ނިންމީ ވަރަށް ހިތްވަރުކޮށްގެންނެވެ. ނިދި ހަރާބުވެ ނުނިދާ އެތައް ރެއަކު ފޯނު ލައިޓުގެ އެހީގައި ފިލާވަޅުތައް ހަދަމުންނެވެ. ކޮޓަރީގައި ދެން އުޅޭ ކުދިންނަށް އުދަނގޫވެދާނެތީ ފިލާވަޅު ދަސްކުރަމުން ދިޔައީ ފަތިހު ވަގުތު ތަކުގައި ފޯނުން ފިލާވަޅު ފޮޓޯތައް ނަގައިގެން އެއިން ކިޔަމުންނެވެ. ކޮލެޖު ނިންމާގޮތަށް ހަވީރު ތެޅެމުން ފޮޅެމުން ދަނީ ފިހާރައަށެވެ. ފިހާރައިގެ ކައުންޓަރުގައި އެތައް ގަޑިއިރަކު އިނދެ 11 ޖެހުމުން ހިސާބުކިތާބު ހަދައި ނިމި ގެއަށް ދެވޭއިރު ހުންނަނީ 12 ޖަހާފައެވެ.
އެތައް ރެއަކު ގެއަށް ގޮސް ކާން ތަށި ނަގައިގެން ގޮސް ތެލި ހިއްލާލާއިރު ނުރޮވޭ ރެއެއް މަދުވާނެއެވެ. ވާބަތްކޮޅު ތައްޓަށް ކަހައިލައިގެން ގަރުދިޔަ ތެލިން ގަރުދިޔަ ފޮދެއް އަޅައިގެން ކާ ރޭރޭ ގިނައެވެ. ރަށަށް އެނބުރި އައީ ކިޔަވައި ނިމިގެން ރަށަށް ހިދުމަތް ކޮށްދެން ބޭނުންވެގެންނެވެ. އަދި އާއިލާގެ ރުހުން ވެސް ލިބޭތޯއެވެ. މަންމަ އަހަރެންގެ އުމުރުން 13 އަހަރުގައި ނިޔާވުމުން ޖެހުނު ހާލަކީ މިއީއެވެ. ބައްޕަ އަހަރެންނަށް ހަރަދު ނުދީ އެތައް ޖިސްމާނީ އަނިޔާއެއް ދިނެވެ. ކެތްކުރީމެވެ. ރަށުން ވަޒީފާއެއް ލިބުމުން އަމިއްލަ މީހާގެ ހަރަދު ކުރުމަށް 1000 ރުފިޔާ ބޭންދުމަށްފަހު ބާކީ ހުރިހާ ރުފިޔާއެއް ބައްޕައަށް ދެމުން ދިޔައީމެވެ. ނަމަވެސް، ރުހުމެއް ނުލިބެއެވެ. އަބަދުވެސް އިވެނީ ހަޅޭކުގެ އަޑެވެ. އުދަނގުލެކޭ ކިޔައި އެއްޗެހި ކިޔާ އަޑެވެ.
އެގޭގައި އަހަރެންނަށް އަޅާލާނެ އެއްބަނޑު މީހަކަށް ހުރި ދޮންބެ ވެސް އަހަރެންނަށް ލަވަނީ ހަޅޭކެވެ. އުދަނގޫވެޔޭ ކިޔައި ގެއިން ދިއުމަށް ބުނެއެވެ. ދޮންބެގެ ދަރިން ނިދަން ކޮޓަރި ދިނުމަށްފަހު މީހަކާ އިނދެގެން ދިއުމަށް ތަކުރާރުކޮށް ބުނެއެވެ. އަހަރެންނަށް ނޭނގުނީ އަހަރެންގެ ފަރާތުން ލިބޭ އުދަނގުލެވެ. ހެނދުނު އޮފީހަށް ދަނީ ގޭ އެންމެންނަށް ސައި ހަދާދީފައެވެ. ބައްޕައަށް ސައި ދީފައެވެ. ދޮންބެ އާއި ދޮންބެ ދައްތަ އާއި އެމީހުންގެ ދަރިންނަށް ސައި މޭޒު މައްޗަށް ނަގައި ދީފައެވެ. އޮފީސް ނިމިގެން އައިސް ޖެހިގެން އަންނަ ދުވަހަށް ލައިންކާނެ އެއްޗެހި ހަދައިދެމުންނެވެ. ލާރިއަކަށް ދޮންބެ ބުނެފިނަމަ ދެމެވެ. ނަނަވެސް، އަހަރެންނަށް ލިބުނީ އެ މީހުންގެ އަނިޔާއެވެ. ކަންފަތުގައި ހަރުލަމުން ދިޔައީ ހަޅޭކުގެ އަޑެވެ.
އާނއެކެވެ. ފަޔާ އަކީ ކިޔަވައިގެން ހުރި ފިރިހެންވަންތަ މީހެކެވެ. ކައުންސިލް އޮފީހުގައި މަސައްކަތް ކުރަމުންދާ ޒިންމާދާރު މީހެކެވެ. މީހުންގެ ހިތް ކިޔާ ކަހަލަ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. އޮފީހަށް ނުކުތުމުން ފަޔާ އަހަރެންނާއި ރައްޓެހިވާން އެހުމުން ފަޔާ އާއި ރައްޓެހި ވެވުނީ ލޯތްބަށް ފެންބޮވައިގަނެފައި ހުރި މިންވަރުންނެވެ. ލޯބި ހޯދުމަށެވެ. އަޅާލުމާއި ހިތަވްރު ހޯދުމަށެވެ. މާގިނަ ދުވަހެއް ނުކޮށް ފަޔާ އާއި އަހަރެން ކައިވެނި ކުރީ ފަޔާ އަހަރެންނަށް ދެއްކި ލޯބީގެ ދަޅައިގައި ޖެހިގެންނެވެ. ލޯތްބަކީ ދަރިން ހޯދާ އާއިލާއަށް ހިދުމަތްކުރުމުން ލިބޭ އެއްޗެކޭ ބުނެ އަވަހަށް ކައިވެނި ކުރަން ބުނީމައެވެ. ހީކުރެވުނީ އޭރުން ލޯބި ލިބޭނެ ކަމަށެވެ. ނަމަވެސް……
ތެދެކެވެ. ފަޔާ އަކީ ވަޒީފާގައި ޒިންމާދާރު މީހެކެވެ. ނަމަވެސް ފިރިއެއްގެ ޒިންމާ އަދާކުރެވޭ މީހެއް ނޫނެވެ. އޭނާގެ ހުރިހާ އެއްޗަކީ ވެސް އޭނާގެ މައިންބަފައިންނާއި ދަރިފުޅެވެ. އަބިމީހާ އަކީ އެގޭ ނޯކަރެކެވެ. އާއިލާގެ ކަންކަން ކޮށްދެން ޖެހޭ މީހާއެވެ. އަންހެނުން މީހުންނާއި އިނދެގެން ވަޒީފާއަށް ދިއުމަކީ ކަޓު ކަމެއް ކަމަށް އޭނާ ދެކެއެވެ. އެހެންވެ، ފަޔާ އާއި ދެބަސް ވުމުގެ ބަދަލުގައި އަހަރެން ފިރިމީހާގެ އަމުރަށް ކިޔަމަންވީމެވެ. ލޯބި ލިބޭތޯއެވެ. ހެދިހާ ގޮތަކަށް އާނ ހޫން ކިޔަމުން ދިޔައީ އެހެންވެގެންނެވެ.
އަހަރެންނަށް މި ހިޔާލުތަކުން ދުރަށް ދެވުނީ ވާރޭ ކަނި ޖެހެން ފެށުމުންނެވެ. ހިޔާވާނެ ތަނެއް ހޯދުމަށް ދެކޮޅު ހޯދާލީމެވެ.
One Comment
Comments are closed.

Please avahah next genes dhehcheyy