ނޭދެން ވަކިވާކަށް 19 ވަނަ ބައި
މާން… ޖަވާބެއް ނުދީ ހިމޭނުން ތިއިނީ ކީއްވެ؟ އަހަރެންގެ މި އާދޭސް ގަބޫލެއް ނުކުރާނަންތަ؟” ނާއިލްގެ އަޑުގައިވީ ނޭވާ ހާސްވާ ފަދަ ކަންބޮޑުވުމެކެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ ސީދާ މާންގެ މޫނަށެވެ. މާންގެ ޖަވާބަކަށް އޭނާގެ މުޅި ފުރާނަ އިންތިޒާރުކުރާ ފަދައެވެ.
މާންގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސްވެފައެވެ. މިއަދު ނިކަމެތިވެ އާރެއްބާރެއްނެތި އެ ވަނީ އަމިއްލަ ބައްޕައެއް ފަދައިން ލޯބިވާ، ގަދަރުކުރާ އިންސާނެކެވެ. އެ ދެލޮލުން ފެންނަމުންދިޔަ އާދޭހުގެ ކަރުނުން މާންގެ ހިތް ފިސްފިސްވަމުން ދިޔައެވެ.
“ނާއިލް…” މާން ނާއިލްގެ އެނދު ކައިރިއަށް ކުޑަކޮށް ގުދުވެލިއެވެ. އޭނާގެ އަޑު ވަނީ ކުރެހިފައެވެ. “އަހަރެން… އަހަރެން ނާއިލްގެ އެދުމަކަށް ދުވަހަކުވެސް ނޫނެކޭ ނުބުނާނަން. އެކަމަކު… ޔޫލީ…އޭނާ މި ކަމަށް ގަބޫލު ނުވެދާނެ”
ނާއިލްގެ ދެލޮލުން ކަރުނައިގެ ތިއްކެއް މަޑުމަޑުން ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައެވެ. “މާން… އަހަރެންނަށް އެނގޭ ޔޫލީގެ ގޮތް. އޭނާގެ ބޯހަރުކަމާއި ގޮތްދޫނުކުރުން ވަރަށް ރަގަނޅަށް އެނގޭ އެކަމަކު، މި ދުނިޔޭގައި އަހަރެންގެ ފުރާނަ ސަލާމަތްވެ ހުއްޓަސް، ދެން އޭނާއަށް ރައްކާތެރިކަމެއް ދެވޭނެ މީހެއް ނޫން އަހަރެން މީ. އަހަރެންގެ ދަރިފުޅު މާން ނޫން މީހަކާ ހަވާލުކުރާކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވޭ…”
މާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޔޫލީއާއި ދިމާލަށް ބުނެވުނު ހަރުކަށި ބަސްތަކެވެ. ޔޫލީގެ ދެލޮލުން ފެނުނު އެ ފުން ނަފުރަތުގެ އަސަރުތަކާއި ކަރުނައެވެ. އޭނާގެ ބައްޕަގެ މަޖުބޫރުކުރުމެއްގެ ތެރެއިން އޭނާ އަހަރެންނާއި ކައިވެނިކުރަން ޖެހިއްޖެނަމަ، އެ ހިތަށް ވާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް، މި ވަގުތު ނާއިލްގެ މި ހާސްކަމާއި ނަފްސާނީ ވޭން ދެކޭކަށްވެސް މާންގެ ހިތަކަށް ކެތެއް ނުވިއެވެ.
“އަހަރެން ގަބޫލު،” މާންގެ އަޑު މިފަހަރު ނުކުތީ ސާބިތުކަމާއިއެކުގައެވެ. އޭނާ ނާއިލްގެ ދެލޮލަށް ސީދާ ބަލައިލިއެވެ. “ނާއިލްގެ ތި އެދުން އަހަރެން ފުރިހަމަކޮށްދޭނަން. ޔޫލީއާ އަހަރެން ކައިވެނިކުރާނަން. އޭނާގެ މުޅި ހަޔާތުގެ ޒިންމާ އަހަރެން އުފުލާނަން.”
މާންގެ އެ ބަސްތަކާއިއެކު، ނާއިލްގެ މޫނުމައްޗަށް ވެރިވެގެންދިޔަ ހަމަޖެހުމާއި އުފާވެރިކަން ބަޔާންކުރަންވެސް ދަތިވިއެވެ. އޭނާގެ ދެލޮލުންވެސް ހިނިތުންވުމެއްގެ އަސަރު ފާޅުވެގެން ދިޔަ ފަދައެވެ.
ކޮޓަރީގެ ދޮރުގެ ތަޅަށް ބާރުވެލުމާއިއެކު، ދޮރު މަޑުމަޑުން ހުޅުވެން ފެށިއެވެ. ފެންވަރާލައިގެން ތާޒާވެލައިގެން އައި ޔޫލީގެ މޫނުމަތިން ފަނޑު ހިނިތުންވުމެއް ފެންނަން ހުރި ނަމަވެސް، އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތް ފަދައެވެ. ކޮޓަރީގެ ތެރެއަށް ވެރިވެފައިވާ ބަރު ހިމޭންކަމާއި، މާން އާއި ނާއިލްގެ މޫނުމަތިން ފެންނަން ހުރި އަސަރުތަކުގެ ސަބަބުން ޔޫލީގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. ނާއިލްގެ މޫނުމަތިން ބަޔާންކުރަން ދަތި ހިނިތުންވުމެއް ފެންނަން ހުރިއިރު، މާންގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމާއި ހާސްކަމެވެ. ނާއިލްގެ ކޮނޑުގައި ބާއްވާލާފައިވާ މާންގެ އަތުގައި މަޑު ތުރުތުރެއް ހުރިކަން ޔޫލީއަށް ފާހަގަކުރެވުނެވެ.
“ބައްޕާ.. ކިހިނެއްވީ؟” އެ މާހައުލަށް ވެރިވެފައިވާ ގޮތްނޭނގޭ ސީރިއަސްކަމުގެ ސަބަބުން، ހައިރާންކަމާއިއެކު ޔޫލީއަށް ނާއިލްއާ ސުވާލުކޮށްލެވުނެވެ.
ނާއިލް ޔޫލީގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތެވެ. އޭނާގެ ދަރިފުޅުގެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމާއި، މިއަދު އެ މައުސޫމު ހަށިގަނޑު އުފުލަމުންދާ ހިތާމައިގެ ބޮޑުކަން ފެނި، ނާއިލްގެ ހިތަށް އުނދަގޫވިއެވެ. އޭނާ އުނދަގުލާއިއެކު ފުން ނޭވާއެއްލުމަށްފަހު، ދަރިފުޅުގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ކަރުނުން ފުރިފައިވީ ދެލޮލާއިއެކުވެސް މޫނުމައްޗަށް އޯގާތެރި ހިނިތުންވުމެއް ވެރިކުރުވިއެވެ.
“ކަމެއް ނުވޭ.. ދަރިފުޅާ…” ނާއިލްގެ އަޑު ރީތިކޮށް ކުރެހިގެން ދިޔައެވެ. “ބައްޕަ މިއޮތީ ވަރަށް އުފާވެފައި. ބައްޕައަށް މިއަދު ޔަޤީންވެއްޖެ މި ހާލުގައި އޮތް ކަމުގައި ވިޔަސް ބައްޕައަށް ހިތްހަމަ ޖެހިލެވިދާނެކަން.”
ޔޫލީގެ ދެ ބުމަ ގާތްވެލީ ނާއިލް އެ ބުނި ވާހަކަ ނަގައިގަންނަން މަސައްކަތް ކުރާފަދަ ގޮތަކަށެވެ.
” ބައްޕާ .. ކަންބޮޑުނުވޭ .. އަހަރެން ހުރިހާ ކަމެއްވެސް ބަލަހައްޓާނަމޭ.. ” ނާއިލް އިތުރަށް ކަންކަމާއި ފިކުރު ކުރުމަށް ނޭދޭތީ އަވަސްއަވަހަށް ޔޫލީ ބުނެލިއެވެ. ނަމަވެސް އެއްވެސް ކަމެއް ކުރާނެ ގޮތެއް އަދި ކުރެވޭނެ ކަމުގެ ޔަގީންކަމެއް އޭނާގެ ނެތެވެ. ވިޔަފާރީގެ ކަންކަމުގައި އޭނާއަށް އެކައްޗެއްވެސް ނޭނގެއެވެ. ތަޖުރިބާގެ ގޮތުގައި ވަނީ ވޭތުވެ ދިޔަ ތިން މަހު މާން ގާތު ކުރެވުނު މަސައްކަތެވެ. އެހެނަސް އެއީ އޭނާގެ ބައްޕަގެ މުޅި މާލިއްޔަތު ބެލެހެއްޓުމާއި ނުބައްދަލު ތަޖުރިބާއެކެވެ.
“ދަރިފުޅާ… ޔޫލީ…” ނާއިލްގެ އަޑު ރިހުމުން ފުރިގެންވިއެވެ. އޭނާގެ ދަރިފުޅު އެ ބަސްތައް ބުނެލިކަމުގައި ވިޔަސް އެ ކަމުގެ ބޮޑުކަން އޭނާއަށް ވިސްނެއެވެ. ޔޫލީއަށް މީހެއްގެ އެހީ ބޭނުންވާނެއެވެ. “ބައްޕަގެ… ބައްޕަގެ ހަށިގަނޑުގައި މިހާރު އެއްވެސް ބާރެއް ނެތް. ދަރިފުޅަށް ރައްކާތެރިކަމެއް ދޭނެ ސިއްހަތެއް ދެން ބައްޕައަކަށް ނުލިބޭނެ…ބައްޕަގެ އެދުމަކީ… ދަރިފުޅު މާންއާއި ކައިވެނިކުރުން….”
ނާއިލްގެ އެ ބަސްތައް ކަންފަތުގައި ޖެހުމާއެކު ޔޫލީއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެނެވެ. އޭނާގެ ދެލޯ ބޮޑުވެ، ހައިރާންކަމާއިއެކު ފުރަތަމަ ބަލައިލެވުނީ އެނދުގެ ފައިލާކޮޅުގައި އިސްޖަހާލައިގެން ހުރި މާންގެ މޫނަށެވެ. މާންގެ މޫނުމަތީގެ ކުލަވަރާއި އޭނާގެ އެ މަނޑުމައިތިރިކަމުން އެއީ އޭނާއަށް އައު ހަބަރެއް ނޫންކަން ޔޫލީއަަށް އެނގުނެވެ. ވަގުތުން ޔޫލީގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ ދޮން މޫނަށް އިސާހިތަކު ރަތް ކުލަ އަރައިގެން ދިޔައެވެ. އޭނާ އިންތިހާއަށް ރުޅި އައި ނަމަވެސް މޫނު މަތީގެ ކުލަވަރު ބަދަލުކޮށްލަން މަސައްކަތްކޮށް ހިނިތުންވެލާ ނާއިލް އަށް ބަލާލިއެވެ. އެ ބައްޕަގެ ހާލަތު އިތުރަށް ގޯސްވާނެ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރާނެއެވެ.
” ބައްޕާ .. އަޅުގަނޑު އެބަ އަންނަން.” ނާއިލްގެ ކޮނޑުގައި އަތް ބާއްވައިލުމަށްފަހު ޔޫލީ ބުނެލީ ހިތްހަމަޖެހޭ ހިނިތުންވުމަކާއި އެކުއެވެ.
ނާއިލް މަޑުމަޑުން ބޯ ޖަހާލުމުން ޔޫލީ ވައިސޫރިއެއްހެން ގޮސް މާންގެ އަތުގައި ހިފާ އޭނާ ގޮވައިން ބޭރަށް ނިކުތެވެ. މާންވެސް ޔޫލީއާއި އެކު ދިޔައީ ނާއިލްގެ ކުރިމަތީ ހަމަ ނުޖެހުމަށް ހިނގަން ބޭނުންނުވާތީއެވެ.
ކޮޓަރި ތެރެއިން ހޮސްޕިޓަލްގެ ކޮރިޑޯއަށް ނިކުމެވުމާއިއެކު ޔޫލީ މާންގެ އަތުން ދޫކޮށްލާ ނަފްރަތުގެ ނަޒަރަކުން އެ މޫނަށް ބަލައިލިއެވެ. އެ ރީތި ނޫ ކުލައިގެ ލޮލުގެ ވިދުން ފުންވެލައިފައިވަނީ އައިސްފައިވާ ރުޅިންކަން ގައިމެވެ. ލޯ ވައްކޮށްލާ މާންއަށް ބަލަހައްޓައިން ހުރި އިރު މާންގެ ހިތް އެދި ގޮވަމުންދިޔައީ އެ ރީތި އަންހެންކުއްޖާ އޭނާގެ އަތުގެތެރޭ ފޮރުވާލުމަށެވެ.. މާންއަށް ކުޅަދާނަ ނަމަ އޭނާގެ ހިތާމަތަކަށް ލުޔެއް ލިބޭނެ ކޮންމެ ގޮތެއްވެސް ހެދީހެވެ.
އެ ލޮލުގެ ފުން ކަމުގެ ތެރޭވަނިކޮށް އޭނާގެ ކޯތާފަތްމައްޗަށް އަމާޒުވީ ޔޫލީގެ އަތުގެ ހޫނު ހަމަލާއެކެވެ.
” ހައު ޑެއަރ ޔޫ… އަހަރެންގެ ބައްޕަގެ މާ ގާތް އެކުވެރިއެއް ކަމަށް ހެދިގެން މި ވަގުތު އޭގެ ފައިދާ ނަގަން ތި ކުޅެލި ގޭމަށް ހަމަ ސާބަސް… ތި ހިތުގައި އަހަރެންނަށް އިންތިހާ ނަފުރަތު ވާއިރު، އަހަރެންގެ ބައްޕަގެ ބޮލަށް އެރި އަހަރެންނާއި ކައިވެނި ކުރާނެ ކަމުގެ އިތުބާރު ބައްޕައަށް ތި ދިނީ ކޮންފަދަ ކަމެއް ހާސިލު ކުރަންތަ؟؟” ރުޅީގެ ސަބަބުން ޔޫލީގެ އަތް ވަނީ މުށްކަވާލައިފައެވެ. އަދި އޭނާގެ އަޑު ހިފެހެއްޓުމަށްޓަކައި ވާހަކަ ދައްކަމުން ދިޔައީ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލައިގެނެވެ.
އޭނާގެ ބައްޕަ އެއޮތީ ނަފްސާނީ ގޮތުން މުޅިން ބަލިކަށިވެ، އަމިއްލަ ނިންމުމެއް ނިންމޭނެ ފަދަ ހާލަތެއްގައެއް ނޫނެވެ. ވީމާ، މިފަދަ ކައިވެނީގެ ޚިޔާލެއް ބައްޕަގެ ސިކުނޑިއަށް ވައްދާނީ ކާކު ހެއްޔެވެ؟ އެއީ ހަމަ މާންއެވެ! އޮފީހުގެ ބާރުތަކާއި، ބައްޕަގެ މުޅި މިލްކިއްޔާތު އަމިއްލަ މުށުގެ ތެރެއަށްލުމަށްޓަކައި މާން ރޭވި ރޭވުމެއްކަން ގައިމެވެ. ބައްޕަގެ މި ނާޒުކު ހާލަތުގެ ފައިދާ ނަގައިގެން، ބައްޕައަށް މަޖުބޫރުކޮށްގެން މާން އަޅުވާ އަދުނާއި އޭނާގެ މޮޅު ވާހަކަތަކެއްގެ ނަތީޖާއެވެ. ޔޫލީގެ ހިތުގައި މާންއަށްޓަކައި އޮތް ނަފުރަތުގެ އަލިފާންގަނޑު ހިލިގަތެވެ.
ޔޫލީ… އަޑުއަހާބަލަ…” މާން ދިފާއުގައި އަތް ހިއްލާލަމުން މަޑުމަޑުން ބުންޏެވެ. އޭނާގެ ދެލޮލުގައި ވަނީ ކިޔައިދޭން ނޭނގޭ ފަދަ ރިހުމެކެވެ. އޭނާ ޔޫލީ ގާތުގައި މިއީ ނާއިލް އަމިއްލައަށް އެދުނު އެދުމެކޭ ބުނަން ބޭނުންވި ނަމަވެސް، އެ ފުރުސަތެއް ޔޫލީ ނުދިނެވެ.
“ހުއްޓާލާ! ތި ރަހުމު ކުޑަ ދުލުން ބޭރުވާ އެންމެ ބަހެއްވެސް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން،” ޔޫލީ މާންގެ މޫނާއި ދާދި ގާތަށް ޖެހިލަމުން، މާންގެ ގަމީހުގެ ގޮށްތަކަށް ބާރުކޮށްލިއެވެ. “ތިއީ ކޮން ފަދަ ރަހުމެއް ނެތް އިންސާނެއް؟ އަހަރެންގެ ބައްޕަގެ ބަލިކަށިކަމުގެ ފައިދާ ތި ނެގީ ހަމަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލަންވެގެންތަ؟ އަހަރެން ކަލެއަށް ދުވަހަކުވެސް މާފެއް ނުކުރާނަން!”
ޔޫލީގެ ކޮންމެ ބަހަކުން މާންގެ ހިތަށް ތޫނު ހަންޖަރަކުން ޖަހަމުން ދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ. އޭނާ ކުށްވެރިއެއް ފަދައިން ހިމޭންވިއެވެ. ޔޫލީ އޭނާއާއި މެދު މިފަދަ ގޮތަކަށް ދެކޭނެކަން މާންއަށް މާ ކުރިންވެސް އެނގޭ ފަދައެވެ.
ޔޫލީ އޭނާގެ ގަމީހުގެ ގޮށްތަކުން އަތްދޫކޮށްލުމަށްފަހު، ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އޭނާގެ މުޅި ހަށިގަނޑު ރުޅިންނާއި ޖަޒުބާތުން ތުރުތުރުލަމުން ދިޔައިރު، އެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ކޯތާފަތް ތެންމަމުން ދިޔައެވެ.
މާންގެ ކޯތާފަތްމަތީގައި އަދިވެސް ޔޫލީގެ އަތުގެ ހޫނުކަން ހުއްޓެވެ. ނަމަވެސް އެ ތަދަށްވުރެ، ޔޫލީގެ ދުލުން ބޭރުވި ކޮންމެ ބަހަކުން އޭނާގެ ހިތަށް ކުރި އަސަރު މާ ފުނެވެ. އޭނާ ޔޫލީގެ ކުށްވެރިއަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ އޭނާ އެ ވަނީ ނާއިލްގެ ނިކަމެތި އާދޭހުގައި ހިފައި، ޔޫލީގެ މުޅި ހަޔާތް ރައްކާތެރިކޮށްދިނުމުގެ ބުރަ ޒިންމާ އުފުލަން އެއްބަސްވެފައެވެ. އެކަމަކު ޔޫލީގެ ކުރިމަތީގައި އޭނާއަކީ ކެހިވެރިއެކެވެ.
“ޔޫލީ… ކިތަންމެ ނަފުރަތެއް ކުރިޔަސް ހެޔޮ،” މާން ފުން ނޭވާއެއްލަމުން، ކުރެހިފައިވީ އަޑަކުން ބުނެލިއެވެ. އޭނާގެ ދެލޮލުން ޔޫލީއަށްޓަކައިވާ ކެތްތެރިކަމާއި އަޅާލުން ފާޅުވަމުން ދިޔައެވެ. “އެކަމަކު ނާއިލްގެ ކުރިމަތީގައި މި ވަގުތު އެއްވެސް ހަމަނުޖެހުމެއް ހިންގާކަށް އަހަރެން ބޭނުމެއް ނޫން. ނާއިލްގެ ހާލަތު ޔޫލީއަށްވެސް ފެނެއެއްނު.”
“އަހަރެންގެ ބައްޕަގެ ނަން ކަލޭގެ ތި ދުލުން ނުކިޔާ!” ޔޫލީ އިނގިލި ދިއްކޮށްލަމުން ކަރުނުން ފުރިގެންވީ އަޑަކުން ބުނެލިއެވެ. “ބައްޕަގެ ހިތްހަމަޖެހުމަށްޓަކައި އަހަރެން ތި ރޭވުމަށް އާބަސް ބުނާނަން. އެކަމަކު ހަނދާންކުރާތި މާން… މި ކައިވެންޏަކީ ކަލޭގެ ދިރިއުޅުމަށް އަންނާނެ އެންމެ ބޮޑު ކަޅު އަނދިރިގަނޑަށް ހަދާނަން. އަހަރެންގެ ހިތުން ދުވަހަކުވެސް ނަފުރަތު ފިޔަވައި އިތުރު އެއްޗެއް ނުލިބޭނެ.”
ޔޫލީ އެހެން ބުނުމަށްފަހު، އަވަސް ފިޔަވަޅުތަކެއްގައި ކަރުނަތައް ފޮހެމުން ހޮސްޕިޓަލުގެ ކޮރިޑޯއިން ކުރިއަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ ބައްޕަގެ ކުރިމައްޗަށް ދިއުމުގެ ކުރިން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާށެވެ.
މާން އެ ހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުއްޓެވެ. ހޮސްޕިޓަލުގެ ފާރުގައި ބޯލައްގާލަމުން އޭނާ ދެލޯ މަރާލިއެވެ. ޔޫލީގެ އެ ހަރުކަށި ބަސްތަކުން އޭނާގެ ހިތް ޒަޚަމްވެފައިވީ ނަމަވެސް، އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ނާއިލްއަށް ވީ ވައުދާ އެއްގޮތަށް، ޔޫލީ ކިތަންމެ ނަފުރަތެއް ކުރިޔަސް، އޭނާ ޔޫލީއަށް ހިމާޔަތް ދިނުމުގައި ސާބިތުވެ ހުންނާނެއެވެ.
ނަމަވެސް، ކުރިމަތީގައި އޮތީ ދެމީހުންގެ މުޅި ހަޔާތް ސުންނާފަތިކޮށްލާނެ ފަދަ ނުރައްކާތެރި ކައިވެންޏެއްކަން މާންއަށް ޔަގީންވިއެވެ. ޔޫލީގެ ހިތުގައިވާ ނަފުރަތުގެ އަލިފާންގަނޑުގެ ތެރެއަށް އަމިއްލައަށް ފުންމާލަން އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ.
*****
ދުވަސްތައް މާޒީއާއި އެކުވެގެން ދިޔައީ ހިމޭންކަމުގެ ތެރޭގައެވެ. މަސްދުވަސް ވޭތުވެގެން ދިޔައިރު ނާއިލްގެ ހާލަތު އައީ ރަނގަޅުވަމުންނެވެ. މިއަދަކީ ނާއިލް ހޮސްޕިޓަލުން ގެއަށް ދޫކޮށްލަން ހަމަޖެހިފައިވާ ދުވަހެވެ. ޝާއިރާގެ އެދުމުގެ މަތިން މާންވެސް ދިޔައީ ނާއިލްމެނާއިއެކު އެ ގެއަށެވެ.
ޝާއިރާ ދިރިއުޅެނީ ކުއާލަލަމްޕޫރުގެ އެންމެ ހަލަބޮލި އަދި ޒަމާނީ އެއް ސަރަހައްދުގައި ހުރި ބޮޑު ކޮންޑޯއެއްގައެވެ. އެޕާޓްމަންޓްގެ މައި ދޮރު ހުޅުވާލުމާއިއެކު ފެންނަނީ ނުހަނު ތަނަވަސް، ޒަމާނީ ފަރުނީޗަރުން ފަވާލެވިފައިވާ ބޮޑު ސިޓިންގްރޫމެކެވެ. މުޅި ތަނުގައި ރަސްކަން ކުރަނީ ފިނި އެއާކޯނުގެ ވަހާއި، ފަނޑު ރީނދޫ އައްޔެކެވެ. ސިޓިންގްރޫމާ ގުޅިފައިވާ ބޮޑު ބެލްކަނީގެ ބިއްލޫރި ދޮރުން ބޭރު ބަލާލުމުން ފެންނަނީ ކުއާލަލަމްޕޫރުގެ އުސް އިމާރާތްތަކާއި، ޓްވިން ޓަވަރުގެ ރީތި މަންޒަރެވެ. ހާއްސަކޮށް ރޭގަނޑު، މުޅި ސިޓީ ބައްތިތަކުން ދިއްލާލާފައި އޮންނައިރު އެ ބެލްކަނިން ފެންނަނީ ހިތްގައިމު މަންޒަރެކެވެ.
ބެލްކަނީގެ ރޭލިންގްގައި އަތްއަޅުވާލައިގެން ހުރި މާންގެ ނަޒަރު ހުއްޓިފައިވަނީ އުދަރެހަށެވެ. ނަމަވެސް އޭނާގެ ސިކުނޑި ވަނީ މާޒީއާއި މުސްތަގުބަލުގެ ކަނޑެއްގައި ގަރަގުވެފައެވެ. ނާއިލް ބޭނުންވީ ކައިވެނީގެ ހުރިހާ ކަމެއް މާލެ ދިއުމަށްފަހު ކުރިއަށް ގެންދާށެވެ. މާންގެ ހިތް ބާރަށް ތެޅިލީ އަމިއްލަ އާއިލާއަށް މި ޚަބަރުދޭނެ ގޮތެއް ނޭނގިގެންނެވެ. އެ ހިތްވަރު އޭނާގެ ކިބަޔަކު ނެތެވެ.
“މި ކައިވެންޏަށް އަހަރެންގެ ދެ ޝަރުތެއް އެބައޮތް،”
ފަހަތުން އިވުނު ޔޫލީގެ ފިނި އަޑާއެކު މާން ސިހިފައި ފަސްއެނބުރި ބަލައިލިއެވެ. ކުރިމަތީގައި ހުރި ޔޫލީ ފެނިފައި މާންގެ ނޭވާ ކުރުވިފަދަ އިހުސާސެއް ކުރެވުނެވެ. ލާފައި ހުރި ކުރު ސޯޓުކޮޅުން އޭނާގެ ދޮން ފައި ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުރިއިރު، ކްރޮޕް ޓޮޕްގެ ސަބަބުން ބަނޑުގެ ބޮޑުބައެއް ވަނީ ނިވާނުވެއެވެ. އޭނާގެ އެ މިނިވަން، ޒަމާނީ ސިފަ ފެނުމުން މާންގެ ޒަމީރު ކުށްވެރިއެއް ފަދައިން ހަޅޭއްލަވައިގަތެވެ. ‘އަހަރެންނަށް މި އެއްބަސްވެވުނީ ކޮންފަދަ އުނދަގޫ، ނާޒުކު ކަމަކަށްބާ؟’ އެ ހާސްކަން ދިރުވާލަމުން މާން އޯގާތެރިކަމާއެކު އަހާލިއެވެ. “ކޮން ޝަރުތުތަކެއް ޔޫލީ؟”
ޔޫލީ މަޑުމަޑުން ހިނގާލާފައި އައިސް މާންގެ ދާދި ގާތުގައި ހުއްޓިލިއެވެ. އޭނާގެ މޫނުމަތިން އެއްވެސް ދިރުމެއް، އަސަރެއް ފެންނާކަށް ނެތެވެ. “އަހަރެން ބޭނުމެއްނޫން ބޮޑުކޮށް މި ކައިވެނި ކުރެވޭކަށް… އެހެންވީމާ ކައިވެނި ކޯޓުން ކުރެވުނީމާ އޯކޭ… އެންޑް… އަފްޓަރ ޓޫ އިޔާސް ޔޫ ޝުޑް ޑިވޯސް މީ…. އެހާ ދުވަސްވާއިރު ބައްޕަވެސް ހަމައަކަށް އެޅޭނެ،” މާންގެ މޫނަށް ބަލާލުމެއްވެސް ނެތި، ކުރިމައްޗަށް ނަޒަރު ހުސްކޮށްލަމުން ޔޫލީ ބުނެލިއެވެ.
އެ ބަސްތަކުން މާންގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އޮއްްސާލިހެންނެވެ. މެއަށް ތޫނު ތަދެއް އިހުސާސުވެގެން ދިޔަ ނަމަވެސް، އޭނާ އަމިއްލަ ވޭނަށްވުރެ އިސްކުރީ ޔޫލީގެ ހިތްހަމަޖެހުމެވެ. “ކޯޓުގައި ކައިވެނި ނިންމާލަން ޔޫލީގެ ބައްޕަ…”
“ބައްޕަ ގާތު ޖައްސާނެ ސްޓަންޓެއް އެނގޭނީ އެކަމުގެ މާސްޓަރމައިންޑަށް… ތިއީ އަހަރެން ބަލަންޖެހޭ ކަމެއްނޫން،” ޔޫލީ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. “އަދި އެއް ކަންތައް… އަހަރެން އުޅޭ ގޮތަކާ މާންއަކަށް ނުބެހެވޭނެ. އޯލްސޯ، އަހަރެންގެ ގައިގައި އިނގިލިކުރިވެސް ޖައްސާލައިގެން ނުވާނެ!”
އިތުރަށް މާންއަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ، ޔޫލީ ފަސްއެނބުރި ހިނގައިގަތެވެ. ބެލްކަނީގެ ބިއްލޫރި ދޮރުން އެތެރެއަށް ވަދެ، ދޮރުފޮތިގަނޑު ދަމާލިއިރު މާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ހިތް ރޮމުން ދިޔައީ ޔޫލީގެ ހިތުގައި އޭނާއަށްޓަކައިވާ ނަފުރަތުގެ ފުންކަމުންނެވެ.
*****
މާލޭގެ ކޮޅުނެތް ހަލަބޮލިކަމުގެ ތެރެއިން، ރަތްދައްކާ ބާރު އަވި ދޭ މެންދުރުގެ ވަގުތެވެ. މާހިން ހުރީ ލޮނުޒިޔާރަތް ޕާކު ކައިރީގައި، އޭނާގެ އެކުވެރިއެއްގެ އިންތިޒާރުގައެވެ. މަގުމަތިން ދަތުރުކުރާ މީހުންނަށް ބަލަހައްޓައިގެން ހުރި މާހިންގެ ނަޒަރު، ކުއްލިއަކަށް ފެމިލީ ކޯޓުގެ ދޮރުން ނުކުތް އަންހެންކުއްޖާއަށް ހުއްޓުނެވެ.
އެއާއެކު އޭނާ ލާލާ ހުރި ނޭވާ އަރުތެރޭގައި ތާށިވިފަދަ އިހުސާސެއް ކުރެވުނެވެ. މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އެއީ އޭނާގެ ހިތް އަތުލައި، އެ ހިތުގެ ރަސްކަމުގެ ތަޚުތުގައި ރަސްކަން ކުރަމުންދާ ރާނީއެވެ. މަސްތަކެއްގެ ކުރިން ފެނުނު ފަހުން، އެ ރީތި ސޫރަ އޭނާގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ.
އެ ކުއްޖާ ލައިގެން ހުރީ މަޑު “ޑަސްޓީ ޕިންކް” ކުލައިގެ ވިދާ ހެދުމެކެވެ. އެ ހެދުމުގައި އޭނާ ފެންނަނީ ކައިވެނި ޕާޓީއަކަށް ތައްޔާރުވެލައިގެން ހުރި ހޫރެއް ފަދައިންނެވެ. މޫނުމަތީގައި ބޮޑު މޭކަޕެއް ނެތް ނަމަވެސް، އެ މައުސޫމު ދޮން މޫނު ސާދަވިލޭރޭގެ ފުރިހަމަ ހަނދަށްވުރެވެސް ފުރިހަމައެވެ. އެކަމަކު އެ ރީތި ދެލޮލުން ފާޅުވަމުންދިޔައީ ފުން ހިތާމައަކާއި ނުތަނަވަސްކަމެކެވެ.
މާހިންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މިއީ އޭނާއަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އޭނާ މަގު ހުރަސްކޮށްލާފައި، އެ ރީތި އަންހެންކުއްޖާއާ ދިމާއަށް ފިޔަވަޅުތައް އަވަސްކޮށްލިއެވެ.
‘މިފަހަރު އެ ކުއްޖާގެ ކޮންޓެކްޓެއް ހޯދާނަން… ކޮންމެ ގޮތަކުންވެސް އެ ހިތް މިލްކު ކުރާނަން،’ މާހިން އަމިއްލަ ހިތަށް ވައުދުވަމުން ދިޔައެވެ.
އޭނާ ގޮސް އެ ކުއްޖާގެ ކުރިމައްޗަށް ހުއްޓިލި ވަގުތު، އެ ކުއްޖާ ސިހިފައި މާހިންގެ މޫނަށް ބަލައިލިއެވެ. ނަމަވެސް އެ ވަގުތަކީ، ފެމިލީ ކޯޓުގެ ދޮރުން ނުކުމެގެން ބާރު ފިޔަވަޅުތަކެއްގައި މާން އެދިމާއަށް އައި ވަގުތެވެ. މާންގެ ނަޒަރު އެ ކުއްޖާއަށާއި މާހިންއަށް ހުއްޓުމާއެކު، އޭނާގެ ފިޔަވަޅުތައް ހުއްޓި، މޫނުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ.
“މާހިން؟” މާންގެ އަޑުން ހައިރާންކަން ފާޅުވިއެވެ.
***ނުނިމޭ***
ތަގުދީރުގެ މި ސަމާސާއާ މެދު ކިޔުންތެރިން ބުނަނީ ކީކޭ؟ 💔
މާހިންއަށް އޭނާގެ ހިތުގެ ރާނީއަކީ ކާކުކަން އެނގުމުން ވާނީ ކިހިނެއް ބާވައެވެ؟ 😭
ޔޫލީގެ ޝަރުތުތަކަށް މާންއަށް ކެތްކުރެވޭނެ ހެއްޔެވެ؟ ޝައުގުވެރި ޚިޔާލުތައް ކޮމެންޓްގައި ހިއްސާކޮށްލައްވާ! 👇✨
ވާހަކައިގެ މި ބައި ވެސް ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަން.
ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ.
–ވިޝް-


