ނޭދެން ވަކިވާކަށް 20 ވަނަ ބައި
އޭނާ ގޮސް އެ ކުއްޖާގެ ކުރިމައްޗަށް ހުއްޓިލި ވަގުތު، އެ ކުއްޖާ ސިހިފައި މާހިންގެ މޫނަށް ބަލައިލިއެވެ. އެ ވަގުތަކީ، ފެމިލީ ކޯޓުގެ ދޮރުން ނުކުމެގެން ބާރު ފިޔަވަޅުތަކެއްގައި މާން އެދިމާއަށް އައި ވަގުތެވެ. މާންގެ ނަޒަރު އެ ކުއްޖާއަށާއި މާހިންއަށް ހުއްޓުމާއިއެކު، އޭނާގެ ފިޔަވަޅުތައް މަޑުޖެހި، މޫނުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ.
“މާހިން؟” މާންގެ އަޑުން ހައިރާންކަން ފާޅުވިއެވެ.
މާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. މޫނުމަތީގައިވީ ހައިރާންކަމުގެ ކުލަވަރު ފޮހެލަމުން، ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ މާހިންއަށް އެއްވެސް ކަމެއް ރޭކާނުލާނެ ފަދަ ގޮތަކަށެވެ.
“މާހިން މިތާ ކީއްކުރަނީ؟” މާން ހަމަޖެހިލަމުން އަހާލިއެވެ.
“އައި ޝުޑް އާސްކު ޔޫ ދެޓް” ބުމަ ގޮށްޖަހާލަމުން މާހިން ޖަވާބުދިނެވެ. އޭނާގެ އަޑުގައިވީ ނުތަނަވަސްކަމެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ ކައިރީގައި ހުރި ޔޫލީއަށެވެ.
މާން މަޑުމަޑުން ޔޫލީގެ އަތްތިލައިގައި ހިފާލިއެވެ. އޭނާގެ އިނގިލިތައް ޔޫލީގެ މަޑު އަތްތިލައިގެ ތެރެއަށް މަހާލިއެވެ. އެ ކުއްލި ބީހުމުން ޔޫލީގެ މުޅި ހަށިގަނޑު ސިހިގެން ދިޔަ ނަމަވެސް ކުރިމަތީ ހުރީ ކާކުކަން ނޭނގޭތީ ދެކޮޅެއް ނުހަދައެވެ. މީގެ ދުވަސްތަކެއް ކުރިން މާހިން ފެނިފައިވީ ނަމަވެސް ޔޫލީއަށް އެ ސޫރަ ދެނެގަންނަން ނޭނގުނީއެވެ. މާހިންގެ ކުރުކޮށް ކޮށާލައިފައިވާ އިސްތަށިގަނޑުގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ.
މާންގެ އެ އަމަލުން މާހިންގެ ހިތުގެ ވިންދު އަވަސްވިއެވެ. އަދި އެ ހިތުގައި ހަސަދަވެރިކަމުގެ ކަނި ނީރާލިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް އަތް މުށްކަވާލާ ދަތްޕިލަ ޖައްސާ ބާރު ކޮށްލެވުނީ ބޭއިހްތިޔާރުގައެވެ.
“މާހިން… މިއީ ޔޫލީ، މައި ވައިފް” މާން ޔޫލީގެ އަތަށް ކުޑަކޮށް ބާރުކޮށްލަމުން، ފަހުރުވެރިކަމާއިއެކު ތައާރަފުކޮށްދިނެވެ. ” ޔޫލީ… އަހަރެންގެ ކޮއްކޮ މާހިން.” މާހިންއަށް އަތުން އިޝާރާތް ކޮށްލަމުން ޔޫލީއަށް ތައާރަފް ކޮށްދިނެވެ.
ޔޫލީގެ ހިތަށް އެއްވެސް އަސަރެއް ނުކުރި ނަމަވެސް، މަޑުމަޑުން ބޯ ޖަހާލިއެވެ. މާހިން ހުރީ ބަސްހުއްޓިފައެވެ. އޭނާގެ ކަންފަތަށް އިވުނު އަޑާއި، މާންގެ އަމަލުތައް ސިކުނޑިއަށް ނަގައިގަންނަން އޭނާއަށް އުނދަގޫވިއެވެ.
“ދޮ… ދޮންބޭ…” މާހިންގެ އަޑު ކުރެހުނެވެ. އޭނާގެ ހިތް އެދެމުންދިޔައީ މިއީ ހަގީގަތަކަށް ނުވުމަށެވެ. “އާ… އާ ޔޫ ޖޯކިންގް؟”
“ނޯ، އައިމް ނޮޓް ޖޯކިންގް މާހިން،” މާން ހިނިތުންވެލަމުން ބުނެލިއެވެ. “މިއަދުން ފެށިގެން ޔޫލީއަކީ މާހިންގެ ފަހަރި. ހުރިހާ ކަމެއް ކުއްލިއަކަށް ދިޔައީމާ އެއްވެސް މީހަކަށް އަންގާލާނެ ފުރުސަތެއް ނުލިބުނީ.”
އެ ޖުމްލައާއިއެކު މާހިންގެ މުޅި ދުނިޔެ އަނދިރިވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ހިތުގެ ރާނީއަކީ… އޭނާގެ ބޭބެގެ އަނބިމީހާ ހެއްޔެވެ؟. އޭނާގެ އަމިއްލަ ފަހަރިއެވެ! މި ހަގީގަތް އޭނާ ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟ އެ އަންހެންކުއްޖާއަށް ފަހަރި ކިޔާނީ ކިހިނެއް ހެއްޔެވެ؟ މި ކައިވެނީގެ އެއްވެސް ހަބަރެއް، އިޝާރާތެއް ކުރިން ލިބިފައި ނެތުމުން ލިބުނު ކުއްލި ޝޮކާއެކު އެ ހިތްދަތި ހަގީގަތް ހަޖަމުކުރަން މާހިންއަށް އިންތިހާއަށް އުނދަގޫވިއެވެ.
މާހިން ފުން ނޭވާއެއްލަމުން، މުށްކަވާލެވިފައިވާ އޭނާގެ އަތް ދޫކޮށްލިއެވެ. އަދި ހިތުގެ ޒަހަމްތައް މޫނުމަތިން ފާޅުވިޔަ ނުދިނުމަށް އެތައް ހިތްވަރެއް ކުރަމުން، ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. ” ކުއްލިއަކަށް މިފަދަ ހަބަރެއް ލިބުނީމާ ވަރަށް ސަޕްރައިޒްޑް. ކޮންގްރާ ދޮންބޭ…..” ނޭނގޭ ރުޅިވެރިކަމެއް ހިތުގައި އުފެދުން ނަމަވެސް އޭނާގެ ޖަޒުބާތުތައް މާހިން ކޮންޓްރޯލް ކުރިއެވެ.
“ލެޓްސް ގޯ ޔޫލީ.. ޖޯދިޝް ބައްޕައާއި އެކު ކާރުގަ އެ ގާތްކުރީ.” މާން މަޑުމަޑުން ޔޫލީގެ ކޮނޑުގައި އަތް ބާާާއްވާލަމުން ބުނެލިއެވެ. ޖޯދިޝް އަކީ ނާއިލްގެ ކާރު ޑްރައިވަރެވެ.
ޔޫލީ އެއްވެސް އެއްޗެކޭ ނުބުނެ، މާހިންގެ މޫނަށް ފަހު ނަޒަރެއް ދެމުން މާންއާއިއެކު ހިނގައިގަތެވެ. އެމީހުން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި މާހިންގެ ދެލޮލުން ކަރުނަ ހިލުނެވެ. މުޅި އުޑު، ބޯމަތިން އެނބުރެމުންދާ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މާލޭގެ ހަލަބޮލި މަގުމަތީގެ އަޑުތައް އޭނާގެ ކަންފަތަށް އިވެމުން ދިޔައިރު އޭނާ ވަނީ އެ އަޑުތަކާއި މާ ދުރުގައެވެ. ވާނީވެސް އެހެންތާއެވެ. ލިބުނު ކުއްލި ހަބަރަކުން އޭނާގެ ސިކުނޑި ވަނީ މުޅިން ހާސްވެފައެވެ.
*****
ކާރުގެ ކުރީ ސީޓުގައި ނާއިލް އިނީ ލޯ މަރާލައިގެންނެވެ. އޭނާގެ ބަލިކަށި، މިލާފައިވާ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ޒިންމާ، އޭނާގެ ފުރާނަ ފަދަ ހަމައެކަނި ދަރިފުޅު، އޭނާ މިވަގުތު އެންމެ އިތުބާރުކުރާ މީހާއާއި ހަވާލުކުރެވުމުން އޭނާގެ ހިތަށް ވަނީ ބުނަން ނޭނގޭ ފަދަ ލުޔެއް ލިބިފައެވެ.
ކާރުގެ ފަހަތު ސީޓުގައި އިން ޔޫލީ އިނީ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން، ބޭރުގެ މަންޒަރުތަކަށް ގެއްލިފައެވެ. ނަމަވެސް އޭނާގެ ލޮލަށް އެ މަންޒަރުތައް ފެނުނު ކަމުގައި ވިޔަސް އޭނާގެ ހިތާއި ސިކުނޑި ވަނީ އެތައް މޭލެއް ދުރުގައެވެ. އެ ހިތްދަތި ހަނދާންތަކުގެ ސަބަބުން އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. އޭނާގެ ކައިރީގައި އިން މާން ސިއްރުސިއްރުން ދޭތެރެއަކުން ޔޫލީގެ މޫނަށް ބަލައިލައެވެ. ޔޫލީގެ އެ ފިނި ބެލުމާއި، ދެލޮލުން ފާޅުވަމުންދިޔަ އަސަރުތަކުން އެ ހިތް ރޮއްވާލިއެވެ.
“ޔޫލީ…” މާން މަޑުމަޑުން ގޮވާލިއެވެ. “ފޮޓޯޝޫޓް ރެޑީ… ބޭނުންތަ ގެއަށް ގޮސް އިތުރަށް ރެޑީވެލަން؟”
“ނޯ… އައިމް ފައިން … ބައްޕަވެސް މާ ގިނައިރު ބޭރުގައި އުޅޭކަށް ބޭނުމެއްނޫން. ސޯ ލެޓްސް ގޯ،” ޔޫލީ މަޑުމައިތިރި، އަސަރެއްނެތް ރާގަކަށް ބުނެލިއެވެ.
އޭނާ ކިތަންމެ ބޭނުންނުވި ނަމަވެސް، ބަލި އެނދުގައި އޮތް ބައްޕަގެ އެދުމަށް އިންކާރުކުރާނެ ހިތްވަރެއް އެ ހިތަކު ނެތެވެ. ކައިވެނީގެ ބޮޑު ޕާޓީއެއް ނުބާއްވާ، ހަމައެކަނި ކޯޓުން ކައިވެނި ނިންމާލަންވެސް ނާއިލް އެއްބަސްކުރެވުނީ މާން ކުރި ބުރަ މަސައްކަތުންނެވެ. އެހެންކަމުން، ބައްޕަގެ އުފަލަކަށްޓަކައި މި ފޮޓޯޝޫޓުގައި ބައިވެރިވާން ޔޫލީއަށް މަޖުބޫރުވީއެވެ.
*****
ނާއިލްއާއި އެކު ރަސްމީ ސިފައެއްގައި ފޮޓޯ ނަގައި ނިންމާލުމުން ދެ މީހުންވެސް ބޭނުންވީ އެތަނުން ނިކުންނާށެވެ. ނަމަވެސް ނާއިލް އިންކާރުކުރުމުން ފޮޓޯގްރާފަރުގެ އިރުޝާދުގެ ދަށުން ދެމީހުންގެ ވަކި ފޮޓޯތައް ކުރިއަށް ދިޔައެވެ.
“ޓޫ ޓެންސް… ތަންކޮޅެއް ކައިރިވެލާ… ބުކޭ ރީތިކޮށް ހިފަހަށްޓާލާ.. ގޮރޫމް ޕްލީސް ހޯލްޑް ދަ ބްރައިޑް..” ފޮޓޯގްރާފަރުގެ އިރުޝާދުތައް މެދުނުކެނޑި އިވެމުން ދިޔައެވެ. ކުރިމަތީގައި ފޮރޮޅުލީ ގޮނޑިއެއްގައި ހިނިތުންވުމަކާއިއެކު ނާއިލް އިނެވެ.
‘ ކިހާ ދެރަ ކަމެއްދެންމީ.. ކިހާ އިރެއް މި ކަމެއްގަ އުޅެން ޖެހޭނެބާ.. މި ފުރޭތައެއް ކަހަލަ މީހާއާއިއެކު މިކަމެއް ކުރަން ކެތްވާނީ ކިހިނެއްތަ އަޅެ؟..’ ޔޫލީގެ ހިތުގައި ވީ ނިމުމެއްނެތް ޝަކުވާއެވެ.
މާން ލައިގެން ހުރީ ކުލަގަދަ، މެރޫން ސޫޓެކެވެ. ހުދު ގަމީހާއި މެރޫން ޓައީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން ފާޅުވެއެވެ. އޭނާގެ އެ ކަޅުކަންގަދަ އިސްތަށިގަނޑާއި، ތުނިކޮށް ބަހައްޓާފައިވާ ތުނބުޅިން އޭނާގެ މޫނަށް ގެނެސްދީފައިވަނީ ސީރިއަސް، އެހެންނަމަވެސް އޯގާތެރި ސިފައެކެވެ.
ސްޓޫޑިއޯގެ އަލީގެ ތެރޭގައި ޔޫލީގެ ކުރު، ރީތި ރެޑިޝް-ބްރައުން އިސްތަށިގަނޑާއި އޭނާގެ ވިދާ ބަބުޅާ މަޑު ފިޔާތޮށި ހެދުމުގެ ސަބަބުން އޭނާ ފެންނަނީ ހުވަފެނީ ކަނބުލޭގެއެއް ފަދައިންނެވެ. މުޅި ހެދުން ކުދިކުދި ޖަވާހިރާއި ވިދާ ބަބުޅާ އެސްތަކުން ފަންނުވެރިކަމާއިއެކު ޖަރީކޮށްލާފައިވާ އަތްދިގު މެކްސީ ހެދުމެކެވެ. ހެދުމުގެ ކަރުވަޅު “ވީ” އެއްހެން ކަނޑާލެވިފައިވާއިރު، އެ ހެދުމުގެ ފޮތިގަނޑު ތިރިއަށް ފެތުރިގެން ގޮސްފައިވެއެވެ. ހެދުމުގެ ކޮނޑުމަތިން ފެށިގެން ފަހަތަށް ވައްޓާލެވިފައިވާ ދިގު، ފޭލިގަނޑެއް ފަދަ ނެޓް ފޮތިގަނޑުގައިވެސް އެސްތަކުގެ ވިދުން އެކުލެވިގެންވެއެވެ. މޭގައި ޖައްސާލައިގެން ހުރި މެރޫން މާބޮނޑީގެ ސާދާކަމާއި އެ ހެދުމުގެ މުއްސަނދިކަން ބޮޑު ފަރުމާ ބުނެދެނީ އޭނާއަކީ މިއަދުގެ ރާނީކަމެވެ.
ޔޫލީގެ އަތުގައި އޮތް މެރޫން އަދި ފަނޑު ފިޔާތޮށި ކުލައިގެ މާބޮނޑި މޭގައި ޖައްސާލައިގެން ހުރިއިރު، އޭނާގެ ނަޒަރު ހުރީ ސީދާ ކެމެރާއަށެވެ. އެ ބޮޑު ނޫކުލައިގެ ދެލޮލުން ރުޅިވެރިކަމަށްވުރެ ބޮޑަށް ފާޅުވަމުންދިޔައީ ހިތްދަތިކަމާއި، މޮޅިވެރިކަމުގެ ނިޝާންތަކެވެ. މާން ޔޫލީގެ އުނަގަނޑުގައި ހިފާލިއިރު، އެ ހެދުމުގެ ތުނި ފޮތިގަނޑުގެ ތެރެއިން މާންގެ އަތުގެ ހޫނުކަން ޔޫލީގެ ހަށިގަނޑަށް އިހުސާސުވަމުން ދިޔައީ އެއްވެސް ހުރަހެއް ނެތް ފަދައިންނެވެ.
“ޕާފެކްޓް… ތި ގޮތަށް ތިއްބަވާ،” ފޮޓޯގްރާފަރުގެ އަޑު އިވުނެވެ.
މާން އޭނާގެ ބޯ ޔޫލީގެ ބޮލާ ދާދި ގާތަށް ތިރިކޮށްލިއެވެ. އޭނާގެ ހޫނު ނޭވާތައް ޔޫލީގެ ކަންފަތްދޮށަށް އިހްސާސް ވަމުން ދިޔައެވެ. މާންގެ ނޭވާއާއި އޭނާގެ އަތުގެ ހޫނުކަން ޔޫލީގެ ހިތުގެ އެންމެ ފުން މިނަށް ފޯރައިގެން ދިޔަ ކަހަލައެވެ. އޭނާގެ ހިތުގައި މާންއަށްޓަކައި ނުރުހުމާއި ރުޅިވެރިކަން ރޯވެފައިވީ ނަމަވެސް، އެ ހިތުގެ ކޮންމެވެސް ކަނެއްގައި މި ގާތްކަމަށް، މި ހިމާޔަތަށް އެދެމުންދިޔަ ސިއްރު އެދުމެއް ވާ ކަހަލައެވެ. އެއީ އޭނާ އަމިއްލަ ނަފްސަށްވެސް ކޮންޓްރޯލް ކުރަން އުނދަގޫވި ޖަޒުބާތަކަށް ވިއެވެ.
މާންގެ އެއް އަތް ޖީބަށް ޖަހާލައިގެން، އަނބިމީހާއަށް ބަލަހައްޓައިގެން ހުރިއިރު، އެ ލޮލުގައިވީ ފުން ލޯތްބާއި ކުލުނެވެ. އެ ރީތި އަންހެންކުއްޖާ އޭނާގެ މީހެއް ގޮތުގައި އޭނާގެ އަތުތެރޭ ވީ ނަމަވެސް އޭނާއަށް އެ ދެމެދުގައި އެތައް މޭލެއްގެ ދުރުމިންވާކަން އިހުސާސް ކުރެވެއެވެ.
ކެމެރާގެ ފްލޭޝް ދިއްލިގެން ދިޔަ ވަގުތު، އެމީހުންގެ ހަށިގަނޑުގެ ގާތްކަމާއި ހިތުގެ ދުރުކަން އެއް މަންޒަރަކަށް ސަރާސަރުވެގެން ދިޔައެވެ. ޔޫލީ ގަދަކަމުން ތުންފަތް ހަރަކާތްކޮށްލީ ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. ނަމަވެސް އެ ވަގުތު އޭނާގެ ހިތް ބާރަށް ބުނަމުންދިޔަ ކަހަލައެވެ. ‘އަހަރެން އޭނައަށް ނަފުރަތުކުރަން … އެކަމަކު އަހަރެންނަށް މި ކުރެވެނީ ކޮން ފަދަ އިހުސާސްއެއް؟ އޭނާގެ ގާތްކަމުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟ މި ވަގުތުކޮޅު ދެމިގެން ދިއުމަށް ހިތް އެދެނީ ކީއްވެ؟’ ‘ ނޯ ޔޫލީ .. ނޯ … ޔޫ ކާންޓް ލޫސް ޔުއަރސެލްފް.. އިޓްސް ނޯމަލް.. އިޓްސް ޖަސްޓް ބިކޯސް ޔުއަރ ނަރވަސް’ އަމިއްލަ ނަފްސަށް ވިސްނައިދެމުން ޔޫލީ އޭނާގެ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
*****
ފޮޓޯޝޫޓް ނިންމާލުމަށްފަހު، އެނބުރި ގެއަށް އައި މަގުމަތީގައިވެސް ކާރުތެރެއަށް ވެރިވެފައި އޮތީ ފުން ހިމޭންކަމެކެވެ. ކައިވެންޏަށްފަހު މާންއާއި ޔޫލީ ދިރިއުޅެން ހަމަޖެހިފައިވަނީ މ.އޯކިޑްމާގޭގައި ކަމުން ކާރު މަޑުކޮށްލީ އެ ގޭގެ ދޮރުމައްޗަށެވެ. ނާއިލްގެ ބަލި ހާލަތު ހުރި ގޮތުންނާއި، އޭނާގެ އާދޭސްތަކުން ފުރިގެންވީ އެދުމުގެ މަތިން، އެގެއަށް ބަދަލުވާންވެސް މާން ވަނީ އެއްބަސްވެފައެވެ.
މާންގެ އަމިއްލަ އެއްވެސް އެއްޗެއް އަދި އެ ގެއަށް ގެނެވިފައި ނެތުމުން، ޔޫލީއާއި ނާއިލް ބޭލުމަށްފަހު މާން ދިޔައީ އޭނާގެ އަމިއްލަ ގެއަށެވެ. ކުއްލިއަކަށް ހިނގާދިޔަ ހުރިހާ ކަމަކަށްފަހު، އަމިއްލަ ސިކުނޑި ހަމައަކަށް އަޅުވާލުމަށް އޭނާއަށްވެސް ކުޑަ ވަގުތުކޮޅެއް ބޭނުންވެއެވެ. އިންތިހާއަށް ނުރުހިފައި ހުރި ޔޫލީއާއި އެއް ފުރާޅެއްގެ ދަށުން ކުރިމަތިލާނެ ހިތްވަރު އޭނާ ހޯދަން ޖެހެއެވެ.
*****
އޭނާގެ ލަގްޒަރީ ޕެންޓްހައުސްއަށް ވަތްއިރު، މުޅި ތަނަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. ސިޓިންގރޫމްގެ ފަނޑު އަލީގެ ތެރޭގައި، ސޯފާގައި އިސްޖަހާލައިގެން އިން މާހިން ފެނުމާއެކު މާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. މާހިންގެ މޫނުމަތިން ކުރިންވެސް ފެންނަން ހުރި ނުތަނަވަސްކަން އަދިވެސް އެ މޫނުމަތިން ފިލައިގެން ނުދެއެވެ.
މާން ފުން ނޭވާއެއްލުމަށްފަހު މާހިންއާ ދިމާއަށް ހިނގައިގަތެވެ. ކޮއްކޮއަށް ކަންތައްތައް ސިއްރުކުރެވުނީތީ އޭނާގެ ހިތުގައި ކުށްވެރިކަމުގެ އިހުސާސެއް ވިއެވެ.
“މާހިން…” މާން މަޑުމަޑުން ގޮވާލިއެވެ.
މާހިން ސިހިފައި ބޯއުފުލާ ބަލައިލިއެވެ. އޭނާގެ ދެލޮލުން ފާޅުވަމުންދިޔަ ރިހުމާއި، ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ފޮރުވަން އޭނާ އަވަސްއަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ.
“ދޮންބޭ… މިގެއަށް؟ ކޮބާ ވައިފް؟” މާހިން ގަދަކަމުން އަޑު ހަމައަކަށް އަޅުވަމުން އަހާލިއެވެ.
“ކުއްލިއަކަށް ހުރިހާ ކަމެއް ވީމާ އެއްޗެއް ގެންދާނެ ފުރުސަތެއްވެސް ނުލިބުނީ، އެހެންވެ އެއްޗެހި ބަލާ މިއައީ. ދޮންބެ ދެން އުޅޭނީ ޔޫލީގެ ގޭގައި… މާހިން ބޭނުން ދުވަހަކު މިތާ އުޅެވޭނެ. ކުރިންވެސް އަންނަ ގޮތަށް ކަވީތާ އަންނާނެ” މާން މާހިންގެ ކައިރީގައި ސޯފާގައި އިށީނދެލިއެވެ. “މާހިން… ދޮންބެއަށް އެނގޭ ކޮއްކޮ ވަރަށް ސަޕްރައިޒް ވާނެކަން. އަދި ދޮންބެއާ މެދު ހިތްހަމަނުޖެހިފައި ހުންނާނެކަންވެސް… އެކަމަކު މިއީ ވަރަށް ކުއްލި ނިންމުމެއް.”
ތަފްސީލެއް ދޭކަށް މާން ބޭނުމެއްނުވެއެވެ. މި ކައިވެނީގެ އަސްލު ހަގީގަތް އެހެން މީހުންނަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެންމެންގެ ނަޒަރުގައިވެސް މިއީ ލޯބިން ކުރެވިފައިވާ ކައިވެންޏަކަށް ވާން ޖެހޭނެއެވެ.
“ތީ ކިހިނެއްވީ ކަމެއް؟” އެހާ ސިއްރުން އަދި އެހާ ކުއްލި ގޮތަކަށް އެ ކައިވެނި ކުރެވުނު ސަބަބެއް މާހިން އެނގެން ބޭނުންވިއެވެ. އެ ކައިވެނީގައި ފޮރުވިފައިވާ ސިއްރެއް އޮންނާނެ ކަމަށް އޭނާގެ ހިތް ބުނަމުންދިޔައެވެ.
“އަވަސްކޮށްލަން ޖެހުނީ ޔޫލީގެ ބައްޕައަށް ދިމާވި ހިތާމަވެރި ހާދިސާއެއްގެ ސަބަބުން.” އިތުރަށް މާހިންއަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދީ މާން ތެދުވެގެން ދިޔައީ އެތެރެއަށެވެ.
މާހިންގެ ހިތް ކުދިކުދިވަމުން ދިޔައެވެ. ‘މިއީ ކޮންފަދަ ކަމެއް؟’ އޭނާގެ ހިތް ބާރަށް ރޮއިގަތެވެ. އެކަމަކު އޭނާގެ ހިތުގެ ރާނީ، އޭނާގެ ފުރަތަމަ ލޯބި ބޭބެގެ ހައްގަކަށް ވެގެންދާތަން ބަލަން އޭނާ ހުންނަންވީ ހެއްޔެވެ؟ އަމިއްލަ ބޭބެއަށްޓަކައި ވިޔަސް އެ ލޯބި ގުރުބާންކުރާކަށް އޭނާގެ ހިތެއް އެއްގޮތަކަށްވެސް ނޭދެއެވެ. އޭނާގެ ހިތުން ޔޫލީގެ ތަސްވީރެއް ދުވަހަކުވެސް ފޮހެއެއް ނުލެވޭނެއެވެ.
*****
މާންއަށް އެބުރި މ.އޯކިޑްމާގެއަށް އާދެވުނު އިރު ރޭގަނޑުގެ އަދިރިކަން ވެރިވެއްޖެއެވެ. ގޭތެރެ ފެންނަން އޮތީ ވަރަށް ފަޅުކޮށެވެ. ކެއުމުގެ ވަގުތުވެސް ނިމިފައިވުމުން ގޭތެރެއިން މީހެއްގެ ހިލަމެއްނުވެއެވެ. މާން ފުން ނޭވާއެއްލުމަށްފަހު، އަތުގައި އޮތް ފޮށި ހިފައިގެން މަޑުމަޑުން ސިޓިންރޫމްގައި ހުރި ބޮޑު ސިޑިން މައްޗަށް އަރަން ފެށިއެވެ. އޭނާގެ މަންޒިލަކީ ޔޫލީގެ ކޮޓަރިއެވެ.
ކޮޓަރިއަށް ވަނުމާއިއެކު މާންގެ ނޭފަތުގައި ޖެހުނީ ލެވެންޑާ އަދި ވެނީލާ އެކުލެވިގެންވާ މަޑުމަޑު މީރުވަހެކެވެ. އެއީ ޔޫލީގެ ވަހެވެ. ކޮޓަރީގެ ފާރުތަކުގައި ހުރީ މަޑު ކްރީމް އަދި ފެންފިޔާތޮށި ކުލައެކެވެ. އެއް ފަރާތެއްގައި ހުރި ބޮޑު ކުޑަދޮރުގެ ފޮތިގަނޑުތައް ހުރީ ކަހާލެވިފައެވެ. ރޭގަނޑުގެ ފިނިވައިރޯޅިތައް ތުނި ފޮތިގަނޑުތަކުގެ ތެރެއިން އެތެރެއަށް ވަދެ، ކޮޓަރިއަށް ފިނިކަމެއް ގެނެސްދެއެވެ.
ކޮޓަރީގެ މެދުގައި ހުރީ ހުދުކުލައިގެ ބޮޑު އެނދެކެވެ. އެނދުގެ ބެޑްޝީޓާއި ބާލީސްތައް ހުރީ ނުހަނު ތަރުތީބުކޮށެވެ. އެނދުގެ އަރިމަތީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ފަނޑު ރީނދޫ އަލިކަމެއް ދޭ ބޮކިތަކެއް ދިއްލާފައި ހުއްޓެވެ. ކޮޓަރީގެ އަނެއް ފަރާތުގައި ހުރީ ބޮޑު ލޯގަނޑަކާއި މޭކަޕް ކުރާ މޭޒެކެވެ. އެ މޭޒުމަތީގައި ތަފާތު ސެންޓު ފުޅިތަކާއި ޔޫލީގެ އަމިއްލަ ސާމާނުތައް ވަރަށް ފަރުވާތެރިކަމާއެކު އަތުރާލެވިފައި ހުއްޓެވެ. މުޅި ކޮޓަރިން ފެންނަމުންދިޔައީ އަންހެންވަންތަ، ސާދާ، މުއްސަނދި ސިފައެކެވެ.
މާން އެތެރެއަށް ވަދެ ދޮރު ލެއްޕި އަޑަށް، ކުޑަދޮރު ކައިރީގައި ބޭރަށް ބަލަހައްޓައިގެން ހުރި ޔޫލީ ސިހިފައި އެނބުރިލިއެވެ. އޭނާ ހުރީ މަޑު ނޫކުލައިގެ ގަޔަށް ހިފާލައިފައިވާ މަތިކޮޅަކާއި ކުރު ސޯޓް ކޮޅެއް ލައިގެންނެވެ. ހައިރާންވާކަށް ޖާގައެއް ނެތެވެ. މިއީ މާންއަށް އައު މަންޒަރެއްނޫނެވެ. އާދައިގެ މަތިންވެސް ޔޫލީގެ ހެދުން އެޅުމުގެ ވައްޓަފާޅި ހުންނަނީ އެހެންނެވެ.
ޔޫލީގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ މާންގެ އަތުގައި އޮތް ފޮށްޓަށެވެ. އެއާއިއެކު އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެ، ދެލޮލުން ނުރުހުން ފާޅުވިއެވެ. އަވަސް އަވަހަށް މޫނު އަބުރާލި ގޮތުން އޭނާ މާންއާއި ހަތަރުކަޅި ހަމަކުރަންވެސް ބޭނުންނުވާ ކަހަލައެވެ.
“ޔޫލީ… އަހަރެން…” މާން ވާހަކަދައްކަން އުޅުނެވެ.
“އަހަރެން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން” ޔޫލީ ފިޔަވަޅެއް ކުރިއަށް އަޅަމުން، މާންއަށް ކަޅި އަޅާލިއެވެ. “ހަނދާންކުރާތި… މި ކޮޓަރީގެ ތެރޭގައި އަހަރެމެންގެ ދެމެދުގައި އޮންނާނީ ހަމައެކަނި ބީރައްޓެހިކަން. އަހަރެންގެ ޝަރުތުތައް މާންގެ ހަނދާނުން ކުޑަކޮށްވެސް ކައްސާލައިގެން ނުވާނެ.”
މާން ފޮށި އަރިމަތީގައި ބަހައްޓަމުން ޔޫލީއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުގައިވީ ކުށްވެރިކަމުގެ އަސަރެވެ. ނަމަވެސް ޔޫލީގެ އެ ހަރުކަށި ބަސްތަކުން މާންގެ ހިތުގައިވެސް ކޮންމެވެސް ވަރެއްގެ ރިހުމެއް އުފެދުނެވެ. އޭނާ ޔޫލީއާ ދިމާއަށް މަޑުމަޑުން ހިނގައިގަތެވެ.
“އަހަރެންވެސް ނޫޅެމޭ މި ގޮތް ބޭނުން ވެގެނެއް.. އަހަރެން މި ކައިވެނި ކުރީ… ”
“ކޮންމެ ސަބަބަކާއި ހުރެ ކުރިޔަސް އަހަންނަށް ވަރިހަމަ!” ޔޫލީ މާންގެ ޖުމްލަ މެދުކަނޑާލިއެވެ. މާން އެހާ ގާތުގައި ހުރުމުން، ޔޫލީގެ ނޭވާ އަވަސްވާން ފެށިއެވެ. އޭނާ ބޭނުންވީ މާންއާއި ވީހާވެސް ދުރަށް ދިއުމަށެވެ. އެހެންނޫންނަމަ، އޭނާގެ އަމިއްލަ ޖަޒުބާތުތައް އޭނާ ބާރުގެ ދަށުން ވީއްލިދާނެއެވެ. “މާން ތިއީ އަހަރެންގެ ހަޔާތް ބަރުބާދުކޮށްލި މީހާ. އަހަރެން ދުވަހަކުވެސް… ދުވަހަކުވެސް މާންއަކަށް މައާފެއް ނުކުރާނަން.” އެ ބަސްތައް ބުނެލިއިރު އެއީ އޭނާގެ އަމިއްލަ ނަފްސަށް އިއްވާލި އިންޒާރެއް ފަދައެވެ.
މާން ޔޫލީގެ ދެލޮލަށް ސީދާ ބަލައިލިއެވެ. އެ ނޫކުލައިގެ ދެލޮލުން ފެންނަމުންދިޔަ ކަރުނައިގެ އަސަރާއި، ރުޅިވެރިކަމުގެ ފަހަތުގައިވާ ރިހުން މާންއަށް ވަރަށް ސާފުކޮށް ފެނުނެވެ. މާން ބޭއިޚްތިޔާރުގައި ޔޫލީގެ އަތުގައި ހިފަހައްޓާލަން އަތް ހިއްލާލިއެވެ.
“އަހަރެންގެ ގައިގައި އަތްނުލާށޭ ބުނީމެއްނު!” ޔޫލީ ފަހަތަށް ޖެހިލަން އުޅުނެވެ.
ނަމަވެސް އެ ވަގުތު އޭނާގެ ފައި އަޅައިގަތީ އެނދުގެ އަރިމަތީގައެވެ. ކައްސާލައިގެން ޔޫލީ ވެއްޓެން ދިޔަ ވަގުތު، މާން ހުޝިޔާރުކަމާއެކު ކުރިއަށް ޖެހިލާ، ޔޫލީގެ އުނަގަނޑުގައި ހިފާ އޭނާގެ ހަށިގަނޑާ ގާތަށް ދަމާލިއެވެ.
ޔޫލީގެ ހަށިގަނޑު މާންގެ ފުޅާ މޭގާ ޖެހި ފިތުނެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައެވެ. ކޮޓަރީގެ ފަނޑު އަލީގެ ތެރޭގައި، އެމީހުންގެ ހަތަރުކަޅި ސީދާވެ، ދުނިޔޭގެ ހިނގުން ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. ޔޫލީގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. މާންގެ އަތުގެ ބާރުގަދަކަމާއި ނޭވާގެ ހޫނުކަމުން ޔޫލީގެ މުޅި ހަށިގަނޑު ގަނޑުވިއެވެ.
ޔޫލީ ގަދަކަމުން މާންގެ މޭގައި އަތްއަޅާ ކޮއްޕާލަން އުޅުނެވެ. މާން އޭނާގެ އަތްތިލައަށް ބާރުކޮށްލަމުން ޔޫލީ އިތުރަށް ގާތްކޮށްލިއެވެ. އެ ދެލޮލުން ފެންނަމުންދިޔައީ ބުނެދޭން ނޭނގޭ ފަދަ ފުން އަސަރުތަކެކެވެ. މާން އޭނާގެ މޫނު ޔޫލީގެ މޫނާ ދާދި ގާތަށް ތިރިކޮށްލިއެވެ. ދެމީހުންގެ މޫނު ދެމެދުގައި މިހާރު ހުރީ ކުޑަކުޑަ އިންޗިއެއްގެ ދުރުމިނެކެވެ.
“ލުކް މީ އިން ދަ އައިސް އެންޑް ޓެލް…” މާންގެ އަޑު އިވުނީ ހަމައެކަނި ޔޫލީއަށް އިވޭނެހާ މަޑުންނެވެ. އެ އަޑުގައިވީ ކެތްތެރިކަން ކޮޅުންލާފައިވާ ފަދަ އަސަރެކެވެ. “ޔޫލީ …. ޑޫ ޔޫ ރިޔަލީ ހޭޓް މީ؟”
ޔޫލީގެ ތުންފަތަށް ކުއްލިއަކަށް ވެރިކުރުވީ މަލާމާތުގެ ހިނިތުންވުމެކެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔަ ނަމަވެސް، އޭނާގެ ބަސްތަކުން މާން ދެރަ ކޮށްލަން އޭނާ ބޭނުންވިއެވެ.
“ހޭޓް؟” ޔޫލީ ކުޑަކޮށް ހީނލިއެވެ. ޔޫލީ މާންގެ ދެލޮލަށް ސީދާ ބަލާލިއެވެ. އޭނާގެ ހިތް މާންގެ މި ގާތްކަމަށް ރޮއި އާދޭސްކުރަމުން ދިޔަ ނަމަވެސް، ދޫ ހަރަކާތްކުރީ ހަރުކަށިކަމާއިއެކުގައެވެ.
“މާންއަށްޓަކައި އަހަރެންގެ ހިތުގައި އޮތީ ހަމައެކަނި ފޫހިކަން. ސޯ ޔެސް އައި ޑޫ ހޭޓް ޔޫ، އޮޅުވާލާ މަކަރު ހެދުމަށްވެސް ތި ވަރެއް ނެތް” ޔޫލީގެ އަޑު ތުރުތުރުލަމުން ދިޔައެވެ. “މިއަދު ސްޓޫޑިއޯގައިވެސް ހާދަ މޮޅަށޭ ދޯ އެކްޓް ކުރީ؟ އެދެއްކި ‘ލޯބިވާ ފިރިމީހާ’ ގެ އެކްޓިންގއަށް ހަމަ ސާބަސް. ހަމަ ހީވަނީ ލޯބިން އެހެން ފަދަ ކަމެއްހެން ވިއްޔަ… އޮސްކާ އެވޯޑެއްވެސް ހައްގު.”
މާން ޔޫލީގެ މޫނަށް ފުންކޮށް ބަލަހައްޓައިގެން ހުއްޓެވެ. ޔޫލީގެ ދުލުން އިވެމުން ދިޔަ ހަރުކަށި، މަލާމާތުގެ ބަސްތަކަށްވުރެ، އޭނާގެ ބާރަށް ތެޅެމުންދިޔަ ހިތުގެ އަޑާއި ތުރުތުރުލާ ނޭވާތަކުން މާންއަށް ހަގީގަތް މާ ސާފުކޮށް ފާޅުވަމުން ދިޔަ ކަހަލައެވެ. ޔޫލީ ގަދަކަމުން އޭނާގެ ހިތް ފޮރުވަން ކުރާ މަސައްކަތް މާންއަށް ވިސްނުނީ ހެއްޔެވެ؟ ނޫނީ އެއީ ބިލާހެއް ހެއްޔެވެ؟
މާންގެ ދެލޮލުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވިއެވެ. އޭނާ ޔޫލީގެ އުނަގަނޑުން އަތް ދޫކޮށްލުމެއް ނެތި، އޭނާގެ މޫނު ޔޫލީގެ ކަންފަތްދޮށަށް ބާރުކޮށްލިއެވެ.
“އެހެންވީމާ ޔޫލީ ވެސް ތި ކުރަނީ ހަމައެކަނި އެކްޓެއްތަ؟” މާންގެ އަޑު އިތުރަށް ފިނިވެ، ސީރިއަސްވިއެވެ. “ލެޓްސް ސީ.”
މާން ޔޫލީގެ މޫނާ އިތުރަށް ގާތްވެލިއެވެ. އެ ދެމެދުގައިވާ ވައި ރޯޅިއަށްވެސް ޖާގައެއް ނެތް ފަދައިންނެވެ. މާންގެ އެ އަމަލުން ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
*** ނުނިމޭ ***
ތިޔަ ކިޔުންތެރިންނަށް މިއަދު އަޅުގަނޑު މި ހަދިޔާކޮށްލަނީ ބޯނަސް އެޕިސޯޑް އެއް. މި ހަދިޔާ ތިޔަ ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަން.
ކިޔުންތެރިންގެ ތަރުހީބު ލިބުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް.
ވާހަކައަށް ކޮމެންޓްކުރާ ކުދިންނަށާއި އަދި ފޭސްބުކުން ލައިކްއާއި ޝެއަރ ކުރާ ހުރިހާ ކުދިންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު.
ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ. ވާހަކަ މިހިސާބަށް ދިޔައިރު ތި ކިޔުންތެރިންގެ ހިތުގައި ސުވާލުތައްވާނެކަން ޔަގީން. ހިޔާލުތައް ހިއްސާކޮށްލަދެއްވާ. އަދި ސުވާލުތަކުގެ ޖަވާބަށް ތި ކުރައްވާ އިންތިޒާރަށްވެސް ޝުކުރިއްޔާ.
-ވިޝް-


