ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 19)
”އާކި އަހަރެން ބޭނުމެއްނޫން ބައްޕައަށް ދެރަގޮތެއް ވާކަށް… އަހަރެން ބިރުގަނޭ…“ ޝަފްކާގެ ބަޑި ފަޅައިގެން ދިޔައެވެ.
”އަނހާ… އަވަހަށް ހުއްޓާލާ ދޫނީ… އިރާދަކުރެއްވިޔާ ރަނގަޅުވާނެ…ބަލާ ޝަފް ރޯތީ ނޫކްވެސް ހޭލީއެ… އަވަހަށް ހުއްޓާލާ…ހިޒް ގޮނަ ބީ އޯކޭ ލަވް..ނުރޮއެ ހުއްޓާލާ…ދުޢާކުރޭ… ހިނގާ ނޫކް ރެޑީކޮށްލައިގެން އަވަހަށް ދަމާ…“ އަހަރެން ބުނެލީމެވެ.
ޝަފްކާ ކިތަންމެ އޭނާގެ ބައްޕަ ދެކެ ރުޅިއަންނަކަމަށް ހެދިގެން އުޅުނަސް އެ ހިތު ތެރޭގައި އޭނާގެ ބައްޕައަށްޓަކައި ފޮރުވިފައިވަނީ މިން ނުކުރެވޭނޭ ފަދަ ލޯތްބާއި ކުލުނުވެރިކަމެކެވެ.ޝަފްކާ ކުޅަދާނަކަމާއި އެކުގައި އެ ޖަޒުބާތުތައް ފަރުދާކޮށްލައިގެން އުޅުނަސް ޝަހީމްގެ މަތިން އޭނާ ހަނދާންވާކަން އަހަންނަށް އެނގެއެވެ.ކުޑައިރުއްސުރެވެސް ޝަފްކާއަކީ ޝަހީމްގެ މާބޮޑު ލޯތްބާއި އަޅާލުމެއް ލިބިފައިވާ ކުއްޖެއް ނޫނެވެ.
****
ޝަފްކާ އަތްމަތި އަވަސްކޮށްލާފައި ނުހައިކުވެސް ނަގާ ތައްޔާރުކޮށްލިއެވެ.އޭރު ނިދީގެ އަސަރު މުޅިން ނުފިލާތީ އެކުއްޖާއަށް ރޮވެމުން ދިޔައެވެ.އެހެނަސް ވަގުތާ ހާލަތުގެ ގޮތުން އަހަރެމެންނަކަށް މަޑުކުރެވޭކަށްވެސް ނެތެވެ.އަހަރެން އަވަސް އަވަހަށް އެޕުން ޓެކްސީއަކަށް ޖަހާފައި ނުހައިކު ބޭބީ ކެރިއަރއަށް ލައިގެން ކޮޓަރިން ނުކުތީމެވެ.ޝަފްކާވެސް ހަލުވި ފިޔަވަޅުތަކެއްގައި އަހަރެންގެ ފަހަތުން އައެވެ.
****
އަހަރެމެންނަށް ހޮސްޕިޓަލަށް ދެވުނުއިރު ނުހައިކަށް އޮތީ ނިދިފައެވެ.އަހަރެން ހުރީ އެކުއްޖާގެ ކަނދުރާއަށް ސަޕޯޓް ލިބޭނެހެން ކެރިއަރ މަތިން ކަނދުރާގައި ހިފަހައްޓާލައިގެންނެވެ.ހޮސްޕިޓްލްތެރެއަށް ވަދެގެން ދަމުން ޝަފްކާ ދެތިން ފަހަރަކު ދެން އޭނާގެ އަތަށް ނުހައިކު ދޭންވީ ނޫންހޭ ބުނެލިއެވެ.އެހެނަސް އެއިން ކޮންމެ ފަހަރަކުވެސް އަހަރެން ކުރީ އިންކާރެވެ.މިވަގުތު ޝަފްކާގެ ހާލަތު ހުންނާނެ ގޮތް އަހަންނަށް އިހުސާސް ކުރެވޭތީއެވެ.ލިބިފައިވާ ހާސްކަމުގެ ސަބަބުން އޭނާ އެ އުޅެނީ ހަށިފުރާ ނޭވައެއްވެސް ލާން އުނދަގޫވެގެންނެވެ. ދެން އަދި މިވަގުތު ކުޑަ ކުއްޖަކު އުރައިގެން އުޅެން އޭނައަށް ކިހާ ބޮޑު ތަކުލީފަކަށް ވާނެ ހެއްޔެވެ؟
****
އަހަރެމެން ގޮސް ވަންނަން ޖެހުނީ އައިސީޔޫ ވެއިޓިން އޭރިޔާއަށެވެ.އޭރު އެތަނުގެ އެންމެ ބިއްދޮށުގައި ހުރި ގޮނޑިބަރީގެ އެންމެ ކަނުގައި ދެލޯ ފުހެލަ ފުހެލާ އާތިޔާ އިނެވެ. އޭނާއަށް އަހަރެމެން ފެނުނުހާއިރަކަށް ތެދުވެގެން އަވަސް އަވަހަށް އަހަރެމެންގެ ގާތަށް އަތުވެއްޖެއެވެ.އޭރު ގިނައިން ރުއިމުގެ ސަބަބުން އެ ދެލޮލުގައި ހިސާބެއްގެ ދުޅަކަމެއް ހުއްޓެވެ.މުޅި މޫނުމަތި ވެސް ހުރީ ރަތްއަރާފައެވެ.
”ދަރިފުޅާ…އަޅެ ނޫކްވެސް ގޮވައިގެންތަ؟“ އަހަރެންގެ އަތު ތެރޭގައި ނިދިފައި އޮތް ނުހައިކު ފެނި އާތިޔާ ދެރަވެލާފައި އަހާލިއެވެ.
”ހޫނމް…ބާއްވާފަ ނާދެވޭނެއެއްނުން މިކަހަލަ ގަޑިއެއްގަ…ޝަފްވެސް އަހަރެން އެކަނި ފޮނުވާފަ ގޭގަ މަޑުކުރާކަށް އެއްބަހެއްނުވި…ކޮބާ މިހާރު ބައްޕަ ކިހިނެއްތަ؟ފަހުން އިތުރު އަޕްޑޭޓެއް ނުލިބޭތަ؟“ އަހަރެން އަހައިލީމެވެ.
”ހޫނމް…ފަހުން ނުލިބޭ…ބައްޕަ ހަމަ ވަރަށް ސަކަރާތްކޮށް އުޅެނީ….ސާޖަރީޒް ނިންމާފަ އައިސީޔޫއަށް ވައްދައިފި މަންމަ ދަރިފުޅަށް ގުޅިއިރު…އެގަޑީ ހާސްވެގެން ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭ ހާލަތުގައި މަންމަ ހުރީ.އިތުރު މީހަކު މިތާ ހުރީކީ ނޫން…ދެން މަންމަ ކިހާ ހާސްވާނެ…“ އާތިޔާ މާޔޫސްކަން އެކުލެވިފައިވާ ރާގެއްގައި ބުނެލިއެވެ.
”ކިހިނެއް ހިނގި އެކްސިޑެންޓެއްތަ މީ؟ މިކޮޅަށް އައި މަގުމަތީ އަހަރެން ދުށިން ނޫސްތަކަށް ވެސް މި ޚަބަރު އަރާފަ އޮއްވަ…އެކަމަކު މާ ބޮޑު ތަފްސީލެއް ނެތް…ކޮންއިރަކުތަ ބައްޕަ މިކޮޅަށް ގެނައީ؟! ބައްޕައަށް ކޮން ކަހަލަ އިންޖަރީއެއްތަވީ؟“ ޝަފްކާއަށް ނުހުރެވިގެން ސުވާލުތައް އެއް ފައްޗަކަށް އަމުނާލިއެވެ.އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. އެ ސުވާލުގެ ތަކުގެ ޖަވާބަކަށް ކެތްމަދުވެފައި ހުރި މިންވަރެވެ.
ޝަފްކާގެ ސުވާލުތަކުން އާތިޔާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ނުތަނަވަސްކަމެވެ.އެ މޫނު އެކަށް ހުދުވެ އެ ފިނި މާހައުލުގައިވެސް ނިތް މަތިން ދާތިކިތައް ބަބުޅަން ފެށިއެވެ.ޝަފްކާއަށް ވެދާނޭ ގޮތަކާމެދު ކަންބޮޑުވާތީ އޭނާއަށް އެއްވެސް އެއްޗެއް ކިޔައިދޭން ބޭނުން ނުވެފައި އާތިޔާ ހުރި ކަހަލައެވެ. އެހެނަސް ޝަފްކާ އެއްގޮތަކަށް ކުރުނުކުރުމުން ކަން ހިނގައިދިޔަ ގޮތް ކިޔައިދޭން އޭނާއަށް މަޖުބޫރުވީއެވެ.
****
އެކްސިޑެންޓް ހިނގީ އެރޭގެ އަށްގަޑި ބައިކަށްހާއިރުއެވެ. އާންމުކޮށް ކާރުގައި އުޅޭ ޝަހީމް އެރޭ އުޅުނުކަމަށްވަނީވެސް ސައިކަލުގައެވެ. އޭނާ ގޯޅިއަކަށް ސައިކަލު ލަނބާލަނިކޮށް ބާރު ދުވެލީގައި ފަހަތުން އައި ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން އައިސް އޭނާ ދުއްވަން އިން ސައިކަލުގައި ޖެހުނީއެވެ. ޖެހުނުލެއް ބާރުކަމުން ދެމީހުންވެސް ވިއްސައިގެން ގޮސް ޖެހުނީ މާ ދުރަށެވެ. އަނެއް މީހާއަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް ޝަހީމަށް ލިބުނު ސީރިއަސް އަނިޔާތަކުގެ ސަބަބުން އޭނާ ވަގުތުން ޚަބަރު ހުސްވީއެވެ.އެމެޖެންސީގައި ހޮސްޕިޓަލަށް ގެނެސް ބެލި ބެލުމުން ޑޮކްޓަރުންނަށް އެނގުނީ އޭނާގެ ސިކުނޑިއަށް ލޭ އެޅި މައިބަދައަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމެވެ.ޝަހީމްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ ސާޖަރީތައްކުރެވޭ ވަރަށް އޭނާ ސްޓޭބަލައިޒް ކުރުމަށްފަހު އަވަހަށް އޮޕަރޭޝަން ތިއޭޓަރަށް ވެއްދުނެވެ.އެހެނަސް ސާޖަރީތަކަށްފަހުވެސް ޝަހީމަށް ދެން ހިނގިދާނެކަމާއި މެދުގައި ޑޮކްޓަރ ދެއްވީ ވަރަށް ކުޑަ ކުޑަ އުންމީދެކެވެ.އަދި ސިކުނޑިއަށް ލޭ އެޅި ސިކުނޑި ދުޅަވުމުގެ ސަބަބުން ހޭއެރިޔަސްވެސް ވަގުތީ ގޮތުން ބައެއް ކަންކަން ހަނދާން ނުހުރެދާނެކަމަށް ޑޮކްޓަރ އޮތީ ބުނެފައެވެ.
އާތިޔާއަށްވެސް އެ ޚަބަރު ލިބުނީ ޝަހީމް ހޮސްޕިޓަލަށްވެސް ގެންދިޔަތާ އެތައް އިރެއްވީ ފަހުންނެވެ.ފުރަތަމަ ޕޮލިހުން ގުޅިއިރު ފޯނު ސައިލެންޓްގައި އޮތީމައި އެ ކޯލަކަށް އޭނައަކަށް ޖަވާބުދާރީއެއް ނުވެވުނެވެ.ކުޑަކޮށް ބޮލުގައި ރިއްސާތީ ބޭސްކައިގެން ޖައްސާލިތަނާ ނިދުނީކަމަށް އާތިޔާ ބުންޏެވެ.ދެން ފަހުން ހޭލެވިގެން ފޯނު ބަލާލިއިރު މިސް ކޯލުތަކެއް ހުއްޓާ ފެނިގެން ހާސްވެފައި ކިހިނެއްވީތޯ ބަލަން ގުޅުމުން އޭނާއަށްވެސް އެ ޚަބަރު ލިބުނުއިރު ގަޑިން ދަންވަރު ބާރަ ވެސް ޖަހާ ބޮޑުވެއްޖެއެވެ. އާތިޔާއަށް އަހަންނަށް ގުޅޭވަރުވީވެސް ޝަހީމް އޮޕަރޭޝަން ތިއޭޓަރުން ނެރެގެން އައިސީޔޫއަށް ވެއްދިވެސް ފަހުންނެވެ.
****
”މަންމައަށް އެކަނިތަ އެމީހުން ގުޅީވެސް…އަންކަލްމެނަކަށް ނުގުޅާތަ؟ އެމީހުން ޚަބަރެއް ނުވޭތަ؟“ޝަފްކާއަށް ނުހުރެވިގެން އަހައިލިއެވެ.
”ނޫން…އަންކަލްމެނަށްވެސް މިހާރު އެނގޭނެ…އެކަމަކު އަދި މިކޮޅަށް އާދެވެންވެސް ވަގުތު ނަގާނެއެއްނު…މަންމައާ ވަޓްސްއެޕުން ވާހަކަ ދެއްކި…ބުނި އެންމެ އަވަހަށް ލިބޭ ފްލައިޓަކުން މިކޮޅަށް އަންނާނަމޭ…“ އާތިޔާ ބުނެލިއެވެ.
”ކޮބާތަ ބައްޕަގެ އެއޮއްފަދަ ލޯބިވާ ދެޔޯ؟ބައްޕަ އެ ހާލުގައި އޮތް އިރުވެސް ވީ ކީއްތޯ ބަލާލަންވެސް ނާދޭތަ އޭނައެއް؟“ ލެއޯރާގެ ވާހަކަ ފެށި ހިސާބުން ޝަފްކާގެ ރާގުގަނޑު މުޅިން ބަދަލުވެގެން ދިޔައެވެ. ކަތުރުކަށިގަނޑަށް ވާންވެލައި، މުޅި މޫނުމައްޗަށް ރުޅީގެ ރަތްކަން ވެރިވެގަތެވެ.
”ދަރިފުޅާ…މަންމަ ބުނީމެއްނު އޭނާޔާ ދިމާލަށް ތިހެން ނުކިޔާށޭ ދެން…އޭނައަށް އަދި ނާދެވިގެން ކަންނޭނގެއެއްނު އެ އުޅެނީ…ނޭނގެނީ ކަމަށްވެސް ވެދާނެއެއްނު…ނިދިފަވެސް އޮވެދާނެއެއްނު ހަަމަ“ އާތިޔާ ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
”އެއްކަލަ މަންމަ.ނުކިޔޭވަރެއްތަ އެހެން؟…އަހަރެން ހަމަ އޭނައޭ ކިޔައިގެން އެއްޗެކޭ ބުނެލާއިރަށް މަންމަ ތި ފަށަނީ އޭނަ ޑިފެންޑު ކުރަން! އޭނައަށް ނޭނގިއެއް ނުހުންނާނެ މިހާރަކު…އެއީ އަހަރެން ގަބޫލު ކުރާނެ ބަހަނާއެއް ނޫން…މީ ސޯޝަލް މީޑިއާގެ ޒަމާން…އެތަން މިތަނުގައި ބައްޕަގެ ފޮޓޯ ޖަހާފަ މި ޚަބަރު ލިޔެފައިވެސް އެބައޮތް މިހާރު.އެ ދެޔޯއަށް ނުފެނި ހުންނާނެތަ އަޅެ… ސޯޝަލްމީޑިޔާގަ އެހާ އެކްޓިވް މީހެއް އެ… ދަންވަރުވެސް ސްޓޯރީއަށް އޭތި މީތި އަޅާފަ ހުއްޓާ ފެނޭ…ދެން ހަމަ މިރޭ އޭނައަށް ނިދުނީއޭ ބުނީމަ އަހަރެން ވީ ގަބޫލުކުރަން؟ނުކުރާނަން…އެހެންނޫނަސް އޭނާއަށްވެސް މި ޚަބަރު ދޭނެ މީހުންވާނެ…ހަމަ ނާންނާންވެގެން އެހުންނަނީ..ފެނެއެއްނު އެބަ ބައްޕަ ދެކެ ވާ ލޯބި.ގައިމު ބައްޕަ ދެކެ އެހާ ލޯބިން އެހާ ކުލުނު ހުރެގެން އުޅޭ މީހެއްނަމަ އޭނާ މިހާރު ހުންނާނީ މިތާގަ ދޯ…“ ނުރުހުންތެރިކަމާއި އެކުގައި ޝަފްކާ ބުނެލިއެވެ.
”ދެން އަޅާނުލާބަލަ ދަރިފުޅާ…އޭނަ އަޔަސް ނަޔަސް އަހަރެމެންނަށް ކީއްތަ؟ދަރިފުޅުމެން ދެކުދިންވެސް ތިތިބީނު މިތާގަ…“ އާތިޔާ ޝަފްކާގެ އަތުގައި ހިފާ ގާތްކޮށްލައިގެން ގެންގޮސް އެތަނުން ގޮނޑިއެއްގައި ބައިންދަމުން ބުނެލިއެވެ.އަހަރެންވެސް ނުހައިކު ގޮވައިގެން ގޮސް ޝަފްކާއާއި ޖެހިގެން ކަނާތްފަރާތުގައި އިށީނދެލީމެވެ. އަނެއް ފަރާތުން ޖެހިގެން ވާގޮތަށް އާތިޔާވެސް އިށީނެވެ.
”ދެން އެހެންވީއިރު މަންމަ ދާންވީނު ގެޔަށް… އަަހަރެމެން މިތިބީނު މިހާރު…ދެން މަންމަ މިހާރު މިތާ މަޑުކުރުމުގެ ބޭނުމެއް ނެތެއްނު…ބައްޕަގެ އެމަރޖެންސީ ކޮންޓެކްޓްގަ އިނީމައެއްނު އެމީހުން އަސްލު މަންމައަށް ގުޅީވެސް..“ ޝަފްކާ ބުނެލިއެވެ.އާތިޔާގެ ހަމަހިމޭންކަން އޭނާގެ ޖަވާބަކަށް ފުދުނެވެ.ޝަހީމް އެހާލުގައި އޮއްވާ ގެއަށް ދާން އޭނާ ބޭނުން ނުވާކަން އެމޫނުމަތީގައިވި ކުލަވަރުތަކުން ހެކިދެމުން ދިޔައެވެ.
”ދަރިފުޅާ…މަންމަ…“ އާތިޔާ ވާހަކަ ދައްކަން ފަށާފައިވެސް ހުއްޓައިލިއެވެ.އޭނާ ބުނަން އެ އުޅެނީ ކީކޭކަން ވިސްނުނު ހިނދު ޝަފްކާގެ ނިތަށް ކުދި ރޫތައް އަރައިގެން ދިޔައެވެ.އޭނާ ނިކަން ހިތްހަމަ ނުޖެހުނުކަން މޫނުމައްޗަށް އައި އެ ކުޑަ ބަދަލުންވެސް އެނގޭހާވެއެވެ. އަގު ވަޒަން ނުކޮށް އެއްލައިލި މީހަކަށްޓަކައި އެ މަންމަގެ އަގުހުރި ވަގުތާއި ކަރުނަ ބޭކާރު ކުރަމުންދާ މަންޒަރު ބަލަން އޭނަަގެ ހިތަށް ހަމަ ކެތް ނުވީއެވެ.
”މަންމަތަ ނޫނީ އެ ދެޔޯތަ މިއަދު މިތާ ހުންނަން ޖެހޭނެ މީހަކީ…؟އަޅެ މަންމަ ބުނެބަލަ…މަންމަ ތީ މިހާރު ބައްޕަގެ ކާކުތަ؟….އެ ދެޔޯއަކީ މިހާރު ބައްޕަގެ ފިއޯންސޭއޭ… އޭނައެއް ނޫންތަ މިއަދު މިތާ އިންނަން ޖެހޭނީ؟!ހީ ޗޯޒް ހާރ އޯވަރ ޔޫ މޯމް… ކީއްވެތަ އެކަން މަންމަ ގަބޫލުނުކުރަނީ…މަންމައެއް ނޫނޭ މިއަދު މިއަދު މިތާ އެކަނިމާއެކަނި ހާސްވެފައި އިންނަން ޖެހޭނީކީ…ހީ އިޒް ނޮޓް ޔޯރ ޕްރޮބްލަމް އެނީމޯރ…“ ގަޔާނުވެފައި އިނދެ މަޑު މަޑުން ޝަފްކާ ބުނެލިއެވެ.
”ޝަފްކާ!“ ހިތްހަމަ ނުޖެހިގެން އާތިޔާ ގޮވައިލިއެވެ.އެހެނަސް ޝަފްކާ އެކަމާ އަޅާވެސް ނުލައި ވާހަކަ ކުރިއަށް ގެންދިޔައެވެ.
”މަންމަ ރުޅިއަޔަސް މީ ހަގީގަތް…“ ޝަފްކާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.އެއާއެކު އެތާ ތިބި އެންމެން ކަހަލަ ގޮތަކަށް އަހަރެމެންނާ ދިމާލަށް ފާޑަކަށް ބަލަން ފަށައިފިއެވެ. އަހަރެން ޝަފްކާގެ އަތްތިލައަށް މަޑު މަޑުން ފިތާލައި އެވާހަކަ ދެން ހުއްޓާލުމަށް ސިގުނަލް ދިނުމުން ނަސީބަކުން ދެން އޭނާވެސް އިތުރަކަށް އެއްޗެކޭ ނުބުނެއެވެ.އެހެނަސް އާތިޔާގެ ކެތްތެރިކަން ކޮޅުންލައި ޝަފްކާގެ ބަހަށް ރައްދު ދޭން ފެށިއެވެ.ޝަފްކާހެން އަޑަށް ބާރުލާފައި އޭނާ ވާހަކަ ދައްކަން ނުފެށީ ހަމަ ނަސީބޭ ހިތަށް އެރިއެވެ.
”އެއީ މިހާރު މަންމަގެ ފިރިމީހާއަށް ނުވިޔަސް އެއީ ދަރިފުޅުމެންގެ ބައްޕައޭ! މިއަދު ވަކިވެފަ ތިއްބަސް އެކުގަ ސައްބީސް އަހަރު ހޭދަކުރިން…މަންމަގެ ހިތަށް ވެސް ހަމަ އަސަރުކުރާނެ ދޯ…މަންމަގެ ހިތް އެހާ ހިލައެއް ނޫނޭ ދަރިފުޅާ… ބައްޕަ އެހާލުގައި އޮއްވާ މަންމަ ކިހިނެއްތަ ގެއަށް ގޮސް ނިދާނީ؟“ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވިގެން ގޮސް އާތިޔާއަށް ރޮވެން ފެށުނެވެ.އެހިސާބުން ހަތިޔާރު ބަހައްޓަން ޝަފްކާއަށްވެސް މަޖުބޫރުވި ކަހަލައެވެ.ދެމެދު ކިތަންމެ ކުންޏެއް ޖެހިފައި އޮތަސް އެވަގުތު އަހަރެން ވެސް ހުރީ ޝަހީމާއި މެދުގައި ނުހަނު ކަންބޮޑުވެ ހާސްވެފައެވެ.ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ އަނބިމީހާގެ ބައްޕައެވެ.އަހަރެންގެ ބަފައިބެއެވެ.އަހަރެންގެ ދަރިފުޅުގެ ކާފައެވެ.އަހަންނަކީވެސް މީހަކަށް ދެރަ ގޮތެއް ދިމާވާހިނދު އެއީ އެއްވެސް ކަމެއް ނޫންކަމުގައި ދެކޭ ފަދަ ހިލަ ހިތެއްގެ ވެރިއެއް ނޫނެވެ.
އާތިޔާގެ ރުއިމަށް ހުއްޓުމެއް އައީ ވެއިޓިން އޭރިޔާގައި ހުރި ފޯނު ރިންގުވާން ފެށި އަޑަށެވެ.އެތަނާ އެންމެ ކައިރީގައި އިން މީހާ އަވަސް އަވަހަށް ތެދުވެގެން ގޮސް ފޯނު ނަގައި އެ ކޯލަށް ޖަވާބުދާރީވިއެވެ.
”ބެޑް ނަންބަރު ތްރީ…؟“ އެންމެންނަށް އިވޭ ވަރަށް އެމީހާ ބުނެލިއެވެ.އެވަގުތު އާތިޔާ އަތް ހިއްލައިލާފައި އަވަސް އަވަހަށް ތެދުވެގެން ގޮސް އެ ފޯނާ ހަވާލުވެ ކޯލަށް ޖަވާބުދާރީވާންފެށިއެވެ.
އާތިޔާ އެނބުރި އައި އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ.ފުންކޮށް ނޭވާލަމުން ދިޔަ ގޮތުން ޕެނިކް އެޓޭކެއް ޖެހެން އުޅެނީއޭ ހީވެ ޝަފްކާ އަވަސް އަވަހަށް އާތިޔާގެ ދެކޮނޑުގައި ދެއަތުން ހިފަހައްޓައި، ގާތްކޮށްލިއެވެ.
”ކިހިނެއްވީ މަންމާ؟“ ޝަފްކާ ހާސްވެގެން ތެޅިގަތެވެ.
”ސިކުނޑި ދުޅަ މަޑުވެލަންދެން މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގަ ބައްޕަ ބާއްވަނީ އޯ…“ތުރުތުރު އަޅަމުންދިޔަ އަޑަކުން އާތިޔާ ބުނެލިއެވެ.
****
ނުހައިކު ހޭލައިގެން ރޯން ފެށުމުން އެކުއްޖާއަށް ގާތުން ދޭން ދާން ޝަފްކާއަށް މަޖުބޫރުވިއެވެ.އަވަހަށް އަންނަން އުޅެން ހަދައިގެން އެކުއްޖާފުޅުގެ ބުއްފުޅިވެސް ތައްޔާރުކޮށްލާކަށް ދެމީހުން ކުރެ އެކަކުވެސް ހަނދާނެއް ނުވިއެވެ.ޔޯގަޓް ކަހަލަ އެއްޗެއްވެސް ގެންނާކަށް ހެއެއް ނޭރިއެވެ.ފިހާރަޔަކަށް ގޮސް ގަނެގެން އަންނަންވެސް ލަސްވާނެތީ ގާތުން ދިނުމަށް ޚާއްސަ ކުރެވިފައިވާ ބަޔަށް ގޮސްފައި އެބަ އަންނަމޭ ކިޔާފައި ޝަފްކާ ނުހައިކު ގޮވައިގެން އެތަނުން ބޭރަށް ނުކުތެވެ.ނުހައިކަކީ ކޮންމެ ކޮންމެ އެއްޗެއް ކާ ކުއްޖެއްވެސް ނޫނެވެ.ހޮސްޕިޓަލު ކެންޓީނުގައިވެސް އެކުއްޖާއަށް ކެވޭ ކަހަލަ އެއްޗެއް ހުރީކީ ނޫނެވެ.
****
”އަސްލު ޝަފް ވަަރަށް ހާސްވެފަ އެ ހުންނަނީ…މަންމަ އޭނާ ކިޔާ އެއްޗަކަށް އެހާ އަޅާ ނުލައްޗޭ…ހާސްވީމަ އެހެން ސިފައެއްގަ އޭނަ އޭތި ބޭރުކޮށްލާނެ އަބަދުވެސް…ބައްޕަ ދެކެ ރުޅިއައިސްގެން އުޅުނަސް ބައްޕައަށް ކަމެއް ދިމާވީމަ އެނގުނު އަސްލު ޝަފް އޭނާގެ ބައްޕަ ދެކެ ލޯބިވާވަރު…“ އާތިޔާއާއި މުޚާތަބުކޮށް އަހަރެން ބުނެލީމެވެ.ޝަހީމް އާތިޔާއާއި ދޭތެރޭ ކަންތައް ކުރި ގޮތާއި އެ ދިރިއުޅުމަށް ލެއޯރާ ވަތް ހިސާބުން ކަންތައްތައް ވެގެން ދިޔަ ގޮތުން ޝަފްކާއަށް ވަނީ އެކަމުން ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.އުމުރުން ކިތަންމެ ދޮށި ވިޔަސް ދިރިއުޅުމުގެ ބިންގާ އަޅައިދިން ދެމީހުންގެ ފަރާތުން އެ ފަދަ ހިތްދަތިކުރުވަނިވި ކަންތައްތަކެއް ފެނުމުން އޭނާއަށް އެކަމާ ނުވިސްނޭ އެންމެ ދުވަހެއް ފާއިތުވެ ނުދެއެވެ.އޭނާއަށް ލެއޯރާއަށް އެހާ ނަފްރަތު ކުރެވެނީވެސް އެހެންވެއެވެ.ލޯބިވާ މައިންބަފައިންގެ ދިރިއުޅުމުގެ ބިންގާ ބިމާ ހަމަކޮށްލި ކަތުރު ފަންޏަކަށް ލެއޯރާ ވީތީއެވެ.އެ މަންމަ އެންމެ ލޯބިވި އިންސާނާ އެ ދިރިއުޅުމުން ފޭރިގަތް މީހަކަށް އޭނާ ވީތީއެވެ.
****
އެގޮތުގައި ދެދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.ޑިއުޓީ ގަޑިއާއި ނިދާލަން ގެއަށް ގޮސްލާ ދެ ގަޑިއިރު ވަރު ފިޔަވައި އަހަރެންގެ ހުރިހާ ވަގުތެއް ހޭދަކުރީ ހޮސްޕިޓަލުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝަފްކާއާއި އާތިޔާވެސް ގިނަ ވަގުތު އުޅެނީ ހޮސްޕިޓަލުގައެވެ. ޝަހީމްގެ އެއްބަނޑު މީހުންވެސް އައިސްފިއެވެ.އެމީހުންނަށްވެސް އެ ލެއޯރާގެ ކަންތައް އޮތީ އެނގިފައެވެ.އޭނާ އެތަނަށް ނާންނާތީ އެކަމާ އެމީހުން ވަރަށް ފާޑުވެސް ކިޔެވެ.ޝަހީމް ކުރާ ކަމެއްވީމަ ދެކޮޅަށް އެމީހުން އެއްޗެކޭ ނުބުންޏަސް އެމީހުންނަކަށް ލެއޯރާ އެއް ގޮތަކަށްވެސް ކަމަކު ނުދެއެވެ.ލެއޯރާއަކީ އެއްފަޅި ފުރާންސް މީހެއްކަން އަހަރެންނަށް އެނގުނީ ވެސް އެމީހުން ދެއްކި ވާހަކައަކުންނެވެ.އޭނާގެ އާންމު ދިވެހިންނާއި ޚިލާފު ސިފަތައް އަހަންނަށް އަދި ވަކިން ބޮޑަށް ފާހަގަ ކުރެވުނީވެސް ދެނެވެ.ޝަފްކާ ނިކަން ގިނައިން އޭނާގެ އިންސްޓަގްރާމަށް ލާފަ ހުންނަ ފޮޓޯތައް އަހަންނަށް ދައްކަ ދައްކާފައި އެއްޗެހި ކިޔާނެއެވެ.
އާތިޔާ ވަރިކޮށްފައި ހުއްޓަސް ޝަހީމްގެ އާއިލާ މީހުން އާތިޔާއަށް ވަަރަށް ގަދަރުކުރެއެވެ.އަދިވެސް އެމީހުން އާތިޔާއަށް މުޚާތަބު ކުރަނީ ދޮންބެދައްތަ ކިޔާފައެވެ.އާތިޔާވެސް އެމީހުން ގާތަކު އެހެން ނުކިޔާށެކޭ ނުބުނެއެވެ.
އެ ގޮތުގައި ދެ ހަފްތާ ހޭދަވި ފަހުން މެޑިކޭޝަން ހުއްޓާލުމުން ޝަހީމް ހޭ އެރިއެވެ.ނަމަވެސް އޭނާގެ ހާލަތު ރަނގަޅެއް ނޫނެވެ.ޑޮކްޓަރ ކުރިންވެސް ބުނުއްވި ފަދައިން އޭނާގެ އުނަގަނޑުން ތިރީގައި ވާތްގެއް ނެތެވެ.ބައެއް ކަން ކަން ހަނދާނެއްވެސް ނެތެވެ. ބައެއް މީހުން ފާހަގަ ކުރާކަށްވެސް ނޭނގުނެވެ. ހޭ އެރި ދުވަހުވެސް އޭނާ އެންމެ ފުރަތަަމަ ހޯދި މީހަކީ އާތިޔާއެވެ. ދެމީހުންގެ ކައިވެނި ރޫޅިފައިވާކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ޝަފްކާ ފެނުމުންވެސް އެއީ ޝަފްކާ ކަމުގައި ގަބޫލު ކުރަންވެސް އޭނައަށްވީ ދަތިކަމަކަށެވެ.ޝަފްކާގެ ސިފައަށް އައިސްފައި ހުރި ބޮޑެތި ބަދަލުތަކުގެ ސަބަބުންނެވެ.ޝަފްކާ މީހަކާއި އިންކަމެއް،ދަރިއަކު ހުންނަ ކަމެއް އަދި ނުހާޒުވީ ޖަލުގައި ކަމެއްވެސް އެމީހާއަކަށް ނޭނގެއެވެ.ދެން އެހެންވީމާ އެ ލެއޯރާ މަތިން އޭނާ ހަނދާން ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މީ ކާކުކަންވެސް އެނގޭނީ ކިހިނަކުން ހެއްޔެވެ؟
ޝަހީމްގެ ހަނދާނުގައި ހުރީ ޝަފްކާގެ ޅަ ދުވަހާއި ފުރާވަރުގެ ކުރީ ކޮޅުގެ ދުވަސްތަކެވެ.އޭނާ މިއުޅެނީ ޝަފްކާއާއި ރުޅި ހަދައިގެން ކަމެއްވެސް އޭނާގެ ހަނދާނަކު ނެތެވެ.ނުހާޒު ކޮބައިތޯވެސް އިރުކޮޅަކާ އަހައެވެ.ކޮންމެ ފަހަރަކުވެސް އާތިޔާމެނަށް ޖެހެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކަ ހަމަ ޖައްސާލާށެވެ.
****
ޝަހީމް އައިސީޔޫއިން ޕްރައިވެޓް ރޫމަކަށް ބަދަލުކުރީ އޭގެ ދެތިން ދުވަސް ފަހުންނެވެ.އެ ލެއޯރާ އެންމެ ފަހަރަކުވެސް ހޮސްޕިޓަލާ ހަމައަށް އައިސް ނުލިއެވެ.ޝަހީމްގެ ގޭގައި ތަނަވަސް ކަމުގައި ހަމަ ޖެހިލައިގެން އުޅެމުން ދިޔައިރު ކަހެރުވަކެކޭވެސް އޭނާގެ ހިތަކަށް ނާރާ ކަލައެވެ.އެކަމާ ޝަހީމްގެ އާއިލާ މީހުންވެސް ތިބެނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
ޝަހީމްގެ އާއިލާ މީހުންނާއި،ޝަފްކާ އަދި އާތިޔާވެސް ގިނަ ވަގުތުތަކެއް ހޭދަކުރަނީ ހޮސްޕިޓަލުގައި ޝަހީމްގެ ގާތުގައެވެ. ޑިއުޓީގައި ބިޒީވެގެން އަހަންނަށް އެތަނަށް ދެވޭލެއް މަދުވިޔަސް ވަގުތު ވީ ވަރަކުން އަހަރެންވެސް އެތަނަށް ވަދެލަމެވެ.ދެކެފަރިތަވާން ފެށުމުން ޝަހީމްވެސް އަހަންނާ ތަންކޮޅެއް ގިނައިން ވާހަކަ ދައްކާ އުޅެއެވެ.އެއިން ކޮންމެ ފަހަރަކުވެސް ޝަހީމްގެ ހަނދާންތައް އެނބުރި އައިސްފިނަމަ ދެން ކަންތައް ވެގެންދާނޭ ގޮތަކާއިމެދުގައި އަހަންނަށް ވިސްނައިލެވެެެއެވެ.
އަހަންނަށް ނާދެވޭ ވަގުތުތަކުގައިވެސް ޝަފްކާ ނުހައިކު ގެންގުޅޭތަން ފެންނާތީ ޝަހީމް އެކަމާ ވަރަށް ސުވާލު ކުރާ ވާހަކަ ޝަފްކާ އަހަރެންގެ ގާތުގައި ބުންޏެވެ. އެމީހުން ޝަހީމް ކައިރީގައި ކިޔައިގެން އުޅެނީ އަހަރެން ޑިއުޓީއަށް ދާ ގަޑީގައި ޝަފްކާ އަހަރެންގެ ދަރިފުޅު ބަލައިދެނީ ކަމުގައެވެ.ނުހައިކު ފުރަތަމަ ފެނުނު ދުވަހު ޝަހީމް އެއީ ކާކުގެ ދަރިއެއްހޭ ހާދަ ލޯބި ކުއްޖެކޭ ބުނެލި ވަގުތު އަހަރެންގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ.އަމިއްލަ ކާފަ ދަރިއެއް ހުރިކަންވެސް އެފަކީރު ހަނދާން ނެތީމައެވެ.އަހަރެންމީ ޝަފްކާގެ ފިރިމީހާ ކަމެއްވެސް އެމީހާއަކަށް ނޭނގެއެވެ.އެމީހާ ހީކޮށްގެން އުޅެނީ އަހަރެންމީ ޝަފްކާ ނޫނީ ނުހާޒުގެ ރައްޓެއްސެއް ކަމަށެވެ.އާތިޔާ ނުހައިކަކީ އަހަރެންގެ ދަރިއެކޭ ބުނުމުން އަންހެނުން ނުލާ އައީ ކީއްވެހޭވެސް އެއްފަހަރަކު އެމީހާ އަހަރެން ކުރެން އެއްސެވެ.ބޭކާރު އަނގަ ތެޅުމާއި ކުދި ކުދި ކަންކަމާ ރުޅިއައިސްގެން އެއްޗެހި ކިޔުމަކީވެސް މިހާރު އޭނާގެ އާދައަކަށް ވަނީ ވެފައެވެ.
****
ހަވީރުގެ ވަގުތެވެ.އާދައިގެ މަތިން އަހަންނާއި ޝަފްކާ އަދި އާތިޔާވެސް ތިބީ ޝަހީމްގެ ގާތުގައެވެ.އެގަޑީގައި ޝަފްކާގެ ބޮޑުބޭބެމެންވީ ނިދަން ގެއަށް ފޮނުވާލާފައެވެ. އަބަދުވެސް ކޮންމެވެސް އެއް ފިރިހެނަކު ކައިރީގައި ބަހައްޓަން ޖެހޭތީއެވެ.ޑިއުޓީއަށް ދާން ޖެހޭތީ އަހަންނަށް ރޭގަނޑު ނިދި ނަގާލާފައި އައިސް އިނދެވޭކަށް ނޯވެއެވެ.ޗުއްޓީއެއް ނަގަން ބޭނުން ވިޔަސް މިވަގުތު ޝީނާ ޗުއްޓީގައި ހުރީމައި އަހަންނަށް ޗުއްޓީ ދެވެން ނެތްކަމަށް ބޮސް އެންގުމުން އަހަންނަށް އިތުރު ގޮތެއް ނެތުނީއެވެ.އަނެއްކާ އިތުރު ޕްރޮޖެކްޓްތަކެއް ލިބިގެން ސްޓޫޑިޔޯގައިވެސް މިހާރު އެހާ ބިޒީއެވެ.ގެއަށް އާދެވޭ އިރު އަހަރެން ހުންނަނީ ދެވަރުން އެއްވަރުވެފައެވެ.
ވަގުތަކީ ޒިޔާރަތް ކުރުމުގެ ހުއްދަ މީހުންނަށް ދެވިފައިވާ ވަގުތުކަމުން ޝަހީމްގެ ރައްޓެހިންވެސް އޭނާއަށް ޒިޔާރަތް ކުރަމުން ދިޔައެވެ.ހާލުއަހުވާލު އަހާލައި ހަދާފައި އެއިން ކޮންމެ މީހަކުވެސް މާ ގިނައިރަކު މަޑުކުރާކަަށް ނުހަދައެވެ.ބައެއް މީހުން ފެނުނީމަ ޝަހީމް އިންނަނީ ފާޑަކަށް ބަލަހައްޓައިގެންނެވެ.އެ މީހަކީ ކާކުކަން އޭނާގެ ހަނދާނުގައި ނެތްކަން އަހަރެމެންނަށް އެނގެނީ ޝަހީމް އިނދެފައި ތީ ކާކުހޭ އަހާލާ ހިސާބުންނެވެ.
މީހަކު ނައިސް އިރުކޮޅެއް ފާއިތުވިފަހުން އަނެއްކާވެސް އެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.އަހަރެމެން އެންމެންނަށް އެއްފަހަރާ އިސް އުފުލާ ބަލާލެވުނެވެ.އެވަގުތު ފެނުނު މަންޒަރުން އަހަރެމެން ތިން މީހުންގެ މޫނުމަތިންވެސް ފާޅުވެގެން ދިޔައީ ނުރުހުމުގެ ކުލަވަރެވެ.ނޭވަޔަށް އުނދަގޫވާ ފަދަ ވަސްގަދަ ސެންޓަކުން މުޅިތަން އެއްވަސް ކުރަމުން އެހެރަ ވަދެގެން އައީ އެއްކަލަ ލެއޯރާއެވެ.މޭކަޕުގެ އެންމެ ސްޓެޕެއްވެސް ވައްޓާނުލައި ފުރިހަމަކޮށްފައިވާ އޭނާގެ ކުލަ މަޖާގަނޑެއްހެން ހީވާ މޫނު ފެނިފައިވެސް އަހަރެން ކަރުވައިގަތީ އަމަށަކު ފޫއްސެއް ނޫނެވެ.ގައިގެ ހުރިހާ ވަނާތައް ފާޅުވާނޭހެން ގަޔަށް ފިޓުކޮށް ހުރި ކަޅުކުލައިގެ ބޮޑީ ކޯން ހެދުމުގައި އޭނާ ހީވަނީ ރަންވޭއަކު ކެޓު ވޯކް ޖައްސަން ތައްޔާރުވެގެން އައިސް ހުރި މޮޑެލެއްހެންނެވެ. އިސްތަށިގަނޑަށްވެސް ރާޅުބާނިކަމެއް ގެނެސް ސްޓައިލްކޮށްލާފައި ހުރިއިރު އޭނާގެ މުޅި އެ ލުކް ފުރިހަމަކުރުމަށްޓަކައި ދެގަޑިއިރެއްހާއިރު ހޭދަވާނެކަން ހަމަ ޔަގީނެވެ.
”ބޭބީ…“
އަހަރެމެން މީ އެތާ ތިބި ބައެއް ކަމަށްވެސް ހަދާ ނުލައި ކިނބޫ ކަރުނަ އޮއްސަމުން ލެއޯރާ ޝަހީމް އޮތް އެނދާއި ގާތަށް ލެފިލައިފިއެވެ. އޭރު ޝަފްކާ އައިސްފައި ހުރި އަލިފާން ރުޅިން އޭނާގެ ދެކަންފަތުން ހީވަނީ ދުން އަރާހެންނެވެ.ދަތްކުނޑި ވިކާލައިގެން އިން ގޮތުން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށްޓަކައި އޭނާ ކުރަމުން އެދަނީ ހިމޭން ހަނގުރާމައެއްކަން އެ މޫނުމަތިން އެކަނިވެސް އެނގޭހާވެއެވެ.އާތިޔާގެ ހާލަކީވެސް އެއީއެވެ.އެދިމާ ނުބަލަންވެގެން އޭނާ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.އޭރު އޭނާގެ އުނގުގައި ކުޑަ ކުޑަ ނުހައިކުވެސް އިނެވެ.އޭރުވެސް އެކުއްޖާ އުޅެނީ އާތިޔާ ދިން ފާޑެއްގެ ކުޅޭ އެއްޗެއް ހިފައިގެން އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ.
”ބޭބީ…ޕްލީޒް ގެޓް ވެލް ސޫން“ ލެއޯރާ ރޮމުން ގޮސް ޝަހީމްގެ ކައިރީގައި ހުރި ގޮނޑި ކައިރިކޮށްލައިގެން އިށީނދެ އޭނާގެ އަތުގައި ހިފާލައިފިއެވެ.އެއާއެކު ދެން ފެނުނީ ކުއްލިއަކަށް ޝަހީމް އެ އަތް ފޮޅުވާލިތަނެވެ.
”ތީ ކާކު؟! ދުރުގަ ހުރޭ…އަހަރެން މީ މީހެއްގެ ފިރިޔެކޭ!“ ޝަހީމް ހަޅޭއްލަވައިގަތެވެ.އެއާއެކު ދެލޯ ބޮޑުކޮށްލާފައި އަނގަމަތީ އަތް އަޅައިގެން ލެއޯރާ އިން ތަނުން ތެދުވެއްޖެއެވެ.
”ނޯ ނޯ…“ ގަބޫލު ކުރަން ބޭނުންނުވާކަން ދެއްކުމުގެ ގޮތުން ލެއޯރާ ދެފަރާތަށް ބޯ ހޫރާލިއެވެ.
”ސަޕްރައިޒްޑް މަޗް ހަނ…ހީ ޑަޒަންޓް ރިމެމްބަރ ޔޫ…ޔޫ ބިޗް…ހަމަ މިހާރު މިތަނުން ނުކުމޭ… ބައްޕައަށް އެހާލު ޖެހިފައި އޮތްއިރު ވީ ކީއްތޯ ބަލާލަންވެސް މިތަނަށް ވަދެ ނުލި މީހެއް ކަލޭތީ!…ދެން ބައްޕާ ކިރިޔާ ހޭ ޖެހިލި އިރަށް މިތަނަށް އައިސް މާ މޮޅެތި އެކްޓުތަކެއް ކުރަން ހަދާނެ ކަމެއް ނެތް ކަލޭ…!ކަލޭގެ ލަދު ހަޔާތް ކޮބާތަ؟ ދެމަފިރިއެއްގެ ދިރިއުޅުމަށް ފުންމާލައިގެން ގަޑުބަޑު ހަދާފަ ކަލެއަށް ވަކި މޮޅުތަކެއް ވެއްޖެތަ އޭނ…؟ ކާރމާ އިޒް ރިއަލް…އޭގެ ހިތިކަން ކަލޭ މިއަދު ރަހަ ބަލާލާ ދެން… ބައްޕަ ހަނދާނެއް ނެތް ތީ ކާކުކަންވެސް….ދެން ކިހިނެއް ކަލެއާ އިންނާނީ…؟!“ ޝަފްކާގެ ކެތްތެރިކަން ކޮޅުންލައި، އޭނާގެ ހިތު ތެރޭގައި ބާއްވައިގެން އުޅުނު ހުރިހާ ވާހަކަތަކެއް ދުލާ ހަމައަށް ގެނެސް ލެއޯރާއާއި ދިމާލަށް ރަނގަޅަށް ބަވާލައިފިއެވެ.އިވުނު ވާހަކަތައް އަޑު އިވިފައި ލެއޯރާ ހުރީ ދެލޯ ބޮޑުވެފައެވެ.އެހެނަސް އިރުކޮޅަކު އެގޮތަށް ހައިރާންކަން މޫނު މައްޗަށް ވެރިކޮށްގެން ހުރެ ހުރެ ހުރެފައި ކުއްލިއަކަށް ދެން ފެނުނީ އޭނާ އެ ކަރުނަތައް ފުހެލާފައި، އަޑުގެ ކޮޅަށް ހޭން ފެށި ތަނެވެ.އޭނާގެ އެ އަމަލުން އަހަރެމެން ތިން މީހުންގެ ނިތް މައްޗަށްވެސް ކުދި ރޫތައް އަރައިގެން ދިޔައެވެ.ލެއޯރާއަށް އެ އައި ކުއްލި ބަދަލުން ގޯހެއް އެބަ އުޅޭކަން އަހަރެމެން ތިން މީހުންނަށްވެސް އެނގި ޔަގީންވެއްޖެއެވެ.
”ޔާ ރައިޓް…ލައިކް އައި ކެއަރ… ކާކުތަ ބޭނުންވާނީ ނުކުޅެދޭ ބޭގަނޑަކާ އެކީ މުޅި އުމުރު ހޭދަކޮށްލަން…. އަހަރެން ހަމަ އެހާ މޮޔައޭ ކަލޭމެން ހީކުރީތަ…؟ހަހަ…ޑަމްްބް ޕީޕަލް…ހީ އިޒް އޮފް ނޯ ޔޫސް ޓު މީ އެނީމޯރ… އަހަރެން ބޭނުންވި ކަންތައް އޭނާ އޮތީ އަހަންނަށް އޯލްރެޑީ ކޮށްދީފަ…އަސްލު އަހަރެން މިތަނަށް މިއައީވެސް މި އެންގޭޖްމަންޓް ރޫޅާލަންވެގެން… އަހަރެން ބޭނުންނަމަ ހަމަ އެއްވެސް ކަމެއް އަންގާވެސް ނުލާ ނައްޓާލެވުނީސް…ބަޓް ވަޓްސް ދި ފަން އިން ދޭޓް…ހަހަ…ގޯޝް…ލުކް އެޓް ޔުއަރ ފޭސަސް…އަމް އެންޖޯއިން ދިސް ޓޫ މަޗް ހަހަ…އަހަރެން މާދަމާ ފުރަން…އަމް ނޮޓް ޑުއިން ދިސް ޝުގަރ ބޭބީ ސްޓަފް އެނީމޯރ…މައި ލަވަރ ނީޑްސް މީ…ސޯ ޔާ…ޝަހީމް އަހަރެންގެ މަތިން ހަނދާން ނެތުނުކަން އެއީ ހަމަ އަހަރެންގެ ނަސީބު ހަހަ…އޭނާގެ ވެސް ދޯ…ހަނދާން ހުރިނަމަ ހާރޓް ބްރޭކެއްނު ވާާނީ…ވަރެއް ވެފައޭ ހުރީ މަށާ ހެދި މި މުސްކުޅި ބޭގަނޑު…“ ހެމުން ހެމުން ލެއޯރާ ބުނެލިއެވެ.އެ ދެލޮލުގައި ވިދަމުން ދިޔައީ މަކަރުވެރި ވިދުވަރެކެވެ.ނުލަފާ ޒާތަކަށް ހެމުން ދިޔަ ގޮތުން އަހަރެމެންނަށް މަލާމާތްކުރަނީކަން އެނގޭހާވެއެވެ.އޭރު އާތިޔާ އިނީ ނުހައިކުއަށް އެ އަޑުތައް އިވުނަ ނުދޭންވެގެން އެ ކުޑަ ކުއްޖާގެ ދެ ކަންފަތުގައި އަތް އަޅާލައިގެންނެވެ.އޭރު އެކަމާ ހެދި އުނދަގޫ ވެގެން އެކުއްޖާ ހުއްޓާނުލައި ކުސްތަޅަމުން ދިޔައެވެ.
ޝަޓް ދި ފަ* އަޕް ޔޫ ބިޗް!“ ޝަފްކާ ކުއްލިއަކަށް ކުރިއަށް ޖެހިލައި އަތުހުރި ބާރެއްލައި ލެއޯރާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ވީއްލައިލައިފިއެވެ. އަހަންނާއި އާތިޔާއަށްވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.އާތިޔާ އަވަސް އަވަހަށް ނުހައިކުގެ މޫނުމަތީގައި އަތް އަޅައި ޝަފްކާއޭ ކިޔައި ތަންކޮޅެއް ބާރަށް ގޮވާލައިފިއެވެ.
(ނުނިމޭ)
One Comment
Comments are closed.






When next??
Mi part vx varah varah reethi..