Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 20)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
June 15, 2026 10 Mins Read
0 Comments

ޝަފްކާ ކުއްލިއަކަށް ކުރިއަށް ޖެހިލައި އަތު ހުރި ބާރެއްލައި ލެއޯރާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ވީއްލައިލައިފިއެވެ.އަހަންނާއި އާތިޔާއަށްވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.އާތިޔާ އަވަސް އަވަހަށް ނުހައިކުގެ މޫނުމަތީގައި އަތް އަޅައި ޝަފްކާއޭ ކިޔައި ތަންކޮޅެއް ބާރަށް ގޮވާލައިފިއެވެ.އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ހާސްކަމެވެ.އޭރު ޝަހީމް އިނީ ވާނުވާ ނޭނގި ކަންތައް ބޮޑުވެފައެެވެ.އަހަރެންވެސް ހުރީ ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ.ޝަހީމް ކުއްލިއަކަށް ހިތްހަމަ ނުޖެހިގެން ކިހިނެއްހޭ މިވަނީ ކިޔައި އޭތި މީތި ކިޔަން ފަށައިފިއެވެ.އަހަރެމެން އެންމެނަށްވެސް ހަމަ ބިމަށް އާދެވުނީ ދެނެވެ.ސިކުނޑިއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހަނދާންތައް ގޮސްފައި ހުރި މީހަކު ސިކުނޑިއަށް ބާރުލައި ކަންކަން ހަނދާންވޭތޯ ވިސްނަން ފަށައިފިނަމަ ސިކުނޑިއަށް ބާރު ބޮޑުވެ ރިކަވަރީ ޕްރޮސެސް ލަސްވެދާނެކަމާ މެދުގައި އަހަރެމެން އެންމެންވެސް ކަންތައް ބޮޑުވިއެވެ.

ޝަފްކާވެސް ބިރެއް ފެނުނުހެން ޝަހީމާއި ދިމާލަށް ބަލައިލިއިރު އެ މޫނުމަތީގައިވެސް ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.އޭރު ޝަހީމަށް ޖެހިފައިވާ އެ ނިކަމެތި ހާލު ފެނިފައިވެސް އެ ނުލަފާ ލެއޯރާ ހުރީ ހަމަ ހިނިއައިސް ހިނދިފައެވެ.މި ކުރެވެނީ މާ މޮޅު ކަމެކޭ އޭނައަށް ހީވަނީ ތޯއްޗެކެވެ.

”އޯނނނ ޑާލިން ޔޫ ރިއަލީ ޑޯންޓް ރިމެމްބަރ މީ؟ އަޅެ ހާދަ ދެރައޭ ދޯ… އަހަންނަ-“ ލެއޯރާގެ ވާހަކަ މެދުކަނޑާލީ އާތިޔާއެވެ.

”ހަމަ މިހާރު ހުއްޓާލާ ލެއޯރާ… އިތުރަށް އެންމެ ބަހެއް ވެސް ބުނަން ހިތަށް ނާރުވާތި! ފުދިއްޖެ!ކަލެއަށް އޭނަ އޮތް ހާލަތު އަޅެ ނުފެންނަނީތަ އޭނ؟! އެފަކީރަށް ތިވަރަށް ތުރާ ނުކޮށް މިތަނުން ދާން ހަދާ!ކަލޭ ބޭނުންވި ކަންތައް ކަލެއަށް ކުރެވިއްޖެއެއްނު…ޝަހީމްގެ ބޭންކް އެކައުންޓުތައް ރަނގަޅަށް ދަވާލެވިއްޖެއެއްނު…ދެން ކޮންހާ ބޭކާރު ވާހަކަތަކެއް ދައްކާކަށްތަ؟ހެޔޮނުވާނެ މިތަނުން ދާން ހަދާ މިތަނަށް މީހުން އެއްވާވަރުނުކޮށް…މީ ހޮސްޕިޓަލޭ!“ އާތިޔާ ރުޅިއައިސްފައި،އެހެނަސް އަޑު ކޮންޓްރޯލް ކުރަމުން ބުނެލިއެވެ.

”ހަހަހަ… އަދިވެސް ހާދަ ލޯތްބެކޭ ދޯ ކަލޭ ޝަހީމް ދެކެ ތިވަނީ…ކަލޭ ދެކެ އޭނަ ވީ ލޯބި ކަލެއަށް ފެނިއްޖެއެއްނު ހަަހަ…“  ލެއޯރާ މަލާމާތްކުރާފަދަ ޒާތަކަށް ހެމުން ބުނެލިއެވެ.އާތިޔާ އިނީ އޭނާއަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކޮށްގެންކަން އެ މޫނުމަތީގައިވި ކުލަވަރުތަކުން ދޭހަވެއެވެ.

”އާތިޔާ… ކިހިނެއްތަ ވެގެން މިއުޅެނީ…؟ އޭނާ ކީކޭތަ އެ ކިޔަނީ ؟އެ ކާކުތަ އަޅެ؟!“ އާތިޔާ ރުޅިއައިސްފައި ހުރި ވަރު ފެނި ޝަހީމް އަނެއްކާވެސް ހާސްވެފައި ސުވާލު ކުރަން ފެށިއެވެ.ލެއޯރާގެ އަމަލާއި ބަސްމަގު ހުރި ގޮތުން އޭނާއަށްވެސް އެއީ ހަމަ ކޮންމެ ކޮންމެ މީހެއް ނޫންކަމުގައި އިހުސާސްކުރެވެނީ ކަހަލައެވެ.ޖަވާބުގައި އާތިޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އެކަމަށް ހުރަސް އެޅީ ޝަފްކާއެވެ.އޭނާ ދިޔަ ގޮތަށް ގޮސް ލެއޯރާގެ އަތުގައި ހިފާ ލަތްކެއް ޖަހައިފިއެވެ.

”ސޮރީ ބައްޕާ…މިއީ ކުޑަ ޕާސަނަލް ކަމެއް…“ ލެއޯރާއާއި ދިމާލަށް ކަޅި އަޅައިގެން ހުރެ ޝަފްކާ ބުނެލިއެވެ. އޭރު ލެއޯރާ ހުރީ ދެބުމަ ގޮށްޖަހައިގެންނެވެ. ޝަފްކާ އޭރު ޖެހިލެއް ބާރުކަމުން އެ ދޮން ކޯތާފަތަށްވަނީ ލޭ ކުލަ ފާއްދާލައިފައެވެ.

”ނުކުމޭ މިތަނުން..“ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން ހުރެ ޝަފްކާ ލެއޯރާއާއި ދިމާލަށް ބުނެލިއެވެ.އޭރު ލެއޯރާ ދިޔައީ އެ އަތް ފޮޅުވާލެވޭތޯ ވަރަށް މަސައްކަތް ކުރަމުންނެވެ.އެހެނަސް ޝަފްކާ ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އޭނައަކަށް އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ.

ލެއޯރާއަކީ ސީދާ ކާކުކަން ޝަހީމް ހަނދާން ނެތަސް ދެކެފަރިތަ އިހުސާސެއް އޭނާއަށް ކުރެވެނީ ކަންނޭނގެއެވެ. ދެބުމަ ކައިރިކޮށްލައިގެން ،މޫނު ކުނިކޮށްގެން ހުރި ލެއޯރާއަށް އޭނާ ބަލަހައްޓައިގެން އޮތީ ވަރަށް ފަރުވާތެރި ނަޒަރަކުންނެވެ.

ޝަފްކާ ގަދަކަމުން ޝަހީމަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.އެއަށްފަހު އަނެއްކާވެސް ލެއޯރާގެ އަތަށް ލަތްކެއް ޖަހައިފިއެވެ.އެ ނުބައި އަންހެނާގެ ވިހަ ދުލަކު އޭނާއަކަށްވެސް ނުހިފެހެއްޓޭނެތާއެވެ. ދެން އޮތް ގޮތަކީ ގަދަކަމުން ވިޔަސް އޭނާ އެތަނުން ނެރުމެވެ.

އެންމެފަހުން ޝަފްކާ އެ ލެއޯރާ ދަމާ ކޫއްތާފަ އެތަނުން ނެރެފިއެވެ.އޭގެ ފަހުން އެ ދެމެދުގައި ދެކެވުނު އެއްވެސް ވާހަކައެއް އަހަންނަކަށް ނޭނގެއެވެ.އެހެނަސް ޝަހީމްގެ ސުވާލުތައް ގިނަކަމުން އަހަންނާއި އާތިޔާވެސް ބޯ ހާސްވާން ފެށިއެވެ.ލެއޯރާ ވަދެ އެ ދެއްކި ވާހަކަތަކުން ޝަހީމްގެ ސުވާލުތައް ކުރިމަތިވާނެކަން އޭރުވެސް އަހަރެމެނަށް ވިސްނުނެވެ.އެހެންކަމުން އޭނާ ހަމަ ޖައްސާލުމަށްޓަކައި އަހަރެމެން ދެމީހުންނަށްވެސް ޖެހުނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކަ ހަމަ ޖައްސާލާށެވެ.ޝަފްކާ އެތަނުގައި ނެތްކަން އެނގިގެން އަނެއްކާ ނުހައިކުވެސް އިރުކޮޅަކުން ބޮޑާ ހާކަން ފަށައިފިއެވެ.ޝަފްކާ އަންނަންދެން ކޮންމެވެސް އެހެން ކުޅިވަރެއް ދައްކައިގެން އެކުއްޖާ މައިތިރިކޮށްލެވޭތޯވެސް އަހަރެމެން މަސައްކަތް ކުރަން ޖެހުނެވެ.

****

ވިއްސަކަށް މިނެޓް ފަހުން ޝަފްކާ އެނބުރި އައީ އަހަންނާ އާތިޔާއަށް ކޮފީވެސް ހިފައިގެންނެވެ.އޭނާ ހަމަ ޖެހިލާފައި ހުރިވަރުން ދެންމެ ބޮޑު ކަމެއް ހިނގިހެންވެސް ހީ ނުވެއެވެ.

”ކިހިނެއްވީތަ؟“ އަހަންނާ އާތިޔާ ބަލަން ތިބި ގޮތުން ނިއް އަރުވާލާފައި ޝަފްކާ އަހައިލިއެވެ.

”ކޮބާ މިހާރު އޭނަ؟“ އަހަރެން މަޑުމަޑުން އަހައިލީމެވެ.

”ގޮސްފި…ދެން ނުކެރޭނެ އޭނައަކަށް މިތަނަށް އަންނާކަށް.“ އެއް މިޔަކަނުން ހީލާފައި ޝަފްކާ ބުނެލިއެވެ.އަހަންނަށް ދެލޯ ހަނިކޮށްލާފައި ޝަފްކާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ.

”ދިޔައީއޭ؟!ވަޓް ޑިޑް ޔޫ ޑޫ އެގްޒެކްޓްލީ؟“އަހަރެން އަހައިލީމެވެ.

”ޔާ ހަމަ ދިޔައި…. ޑިޑިންޓް ޑޫ މަޗް… ހަމަ ޕޮލިހަށް ގުޅާނަމޭ ބުނިހާ އިރަކަށް ސައިޒުވެއްޖެ…އެވަރުގެ މީހެކޭ އައިސް މިތާ ތެރޭ މާ މޮޅެތި ވާހަކަ އެ ދައްކަނީ…ބުނަން އާކި…ޝިޒް ރިއަލީ ސަސް… އަހަންނަކަށް ހިއެއް ނުވޭ އެއީ އާދައިގެ މީހެއް ހެނެއް…އައި ތިންކް ޝިޒް އިންވޯލްވްޑް އިން ސަމް ޝޭޑީ ޝިޓް…ހާރ ފޯން ކެޕްޓް ވައިބްރޭޓިން ނޮން ސްޓޮޕް ދެންމެގަވެސް…އެއް ފަހަރަކު ފޯނު ނަގާފަ އޭނަ ބުނެލި އެއްޗަކުން އަސްލު އަހަންނަށް ބޮޑަށް ޝައްކުވީވެސް… އިޓްސް ޑަންއޭ ދެން މީގަޑީ ނުގުޅާށޭ ބުނެފަ ފޯނު ބޭއްވީމަވެސް އެކޮޅުން ހަމަ އެއް ވާމަކަށް ގުޅާލަ ގުޅާލަ…އެބުނާ ބިޓު ތޯއްޗެއް…އެކަމާވެސް އޭނާ ވަރަށް ހާސްވެފަ ހުރީ ފަހުން.އެހެންވެ ކަމަށްވެސް ވެދާނެ އެހާ އަވަހަށް އެ ދިޔައީ ވެސް…ދެން ނޭނގެ…ހިއެއް ނުވޭ އޭނައަށް އަންނަން ކެރޭނެ ހެނެއް ދެނެއް…ހެސްކިޔާފަ ބަވާލާފަ މިއައީ…އައީ ވިއްޔާ ޕޮލިހަށް ގުޅާނަން ވިއްޔާ ހަމަ އަސްލަށްވެސް… މިހާރު ދެން ބައްޕަގެ ފިއޯންސޭއަކަށްވެސް ނުވާނުން…“ ޝަހީމަށް އަޑު އިއްވަން ބޭނުން ނުވާތީ ޝަފްކާ މިފަހަރު ވާހަކަ ދެއްކީ ނިކަން މަޑުމަޑުންނެވެ.

”ސާބާސް އެކަމަކުވާ ދަރިފުޅާ!“ އާތިޔާ ޗޮކެއް ކަނޑާލާފައި ބުނެލިއެވެ.ޝަފްކާ ގޮސް އާތިޔާ އަތުން ނުހައިކު ނަގައި އުރާލައިގެން ޝަހީމާ ދިމާލަށް މިސްރާބު ޖެހިއެވެ.އޭރު ވަރަށް ޝައުގުވެރިކަމާއެކު އެދެމައިންނަށް ބަލަހައްޓައިގެން ޝަހީމް އޮތެވެ.

”ނޫކް…ބައި ބުނެލާ އަވަހަށް…ބައްޕާ… އަހަރެން ގޮސްލަނީ އިނގޭ…“ ޝަހީމާއި މުޚާތަބުކޮށް ޝަފްކާ ބުނެލިއެވެ.

****

ޖެހިގެން އައި ދުވަހެވެ.ޑިއުޓީ ގަޑީގައި އަހަރެން އުޅުނީ މަސައްކަތާ ހެދި ހޭބޯނާރައިގެންނެވެ.އަހަރެމެން މަސައްކަތް ކުރި ރިޒޯޓް ރަސްމީ ގޮތުން ހުޅުވާލި ފަހުން އަހަރެމެންގެ ސްޓޫޑިއޯވެސް ވަނީ ވަރަށް ބޮޑަށް އިޝްތިހާރުވެ މީހުންގެ ތެރޭގައި މަގުބޫލުވެފައެވެ. އެހެންކަމުން މިހާރު ގިނަ ޕޮރްޖެކްޓުތަކެއް ލިބޭތީ މަސައްކަތްތައްވެސް އޮންނަނީ ފުނި ޖެހިފައެވެ.

ކަސްޓަމް އޮއިލް ޕެއިންޓިންއެއްގެ މަސައްކަތުގައި އަހަރެން އުޅެނިކޮށް ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ.ޗޮކެއް ކަނޑާލާފައި އަހަރެން ފުރަތަމަ އަޅާނުލައި މަޑުކޮށްލީއެވެ.އެހެނަސް ހުއްޓާނުލައި ފޯނު ވައިބްރޭޓްވާތީ ބޮލަށް އުނދަގޫވެގެން ފޯނު ނަގައި ބަލާލިއިރު ގުޅަމުން ދިޔަ ފަރާތް ފެނިފައި އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ.ހިތްވަރުލައިގެން މިފަހަރު އަހަންނަށް ހުއްޓާ ނުލައި ގުޅަމުން ދިޔަ މީހަކީ ޝާމިނެވެ.އެވަަރަށް އޭނާ ގުޅާނީ މުހިންމުކަމެއް ޖެހިގެންކަން ވިސްނި އަހަރެން އަވަސް އަވަހަށް އެ ކޯލު އިއަރ ޕޮޑާއި ކަނެކްޓު ކޮށްލީމެވެ.

”މޭން…ގެސް ވަޓް!“ އަހަންނަށް ހަލޯއޭވެސް ނުބުނެވިގެން އުޅެނިކޮށް ޝާމިން ބުނެލި އަޑު އިވުނެވެ.އޭނާގެ އަޑުގައި އެކުލެވިފައިވީ އެހެން ކަހަލަ ޖޯޝަކާއި ފޯރިއެކެވެ.

”މާތްކަލާކޯ އަނެއްކާ ކިހިނެއްވީ؟“އޭނާގެ ރާގު ގަނޑު ހުރި ގޮތުން އަހަންނަށް ބުނެވުނެވެ.

”ހެހެ… ކީއްނުވަނީ؟ފަހުން ކިޔާނަން ދިމާވީމަ… ކިހާ އިރަކުތަ ނިމެނީ މިއަދު…؟މޭން ޑިއުޓީ ނިންމާފަ މާހިންވެސް ގޮވައިގެން އެބަ ޖެހޭ ކޮފީއަކަށް އަރާލަން އިނގޭ…ގުޅާ ނިންމާފަ..މަ ދާނަން ނަގަން އޯކޭ؟“ ހަމަ އެ ރާގު ގަނޑުގައި ޝާމިން ބުނެލިއެވެ.

”ހޫނ ގުޅާނަން ފަހެއްގެ ފަހުން…ތީ އަޅެ ކޮންކަހަލަ މީހެއްތަ؟ ތިހާ ކިޔުރިއަސް ކޮށްފަ ނުބުނީމަ ކަޑައޭ ދެން… މިހާރު އެކަމަކު އެނގިއްޖެ ބޮޑު ކަމެއް ވެގެން އުޅޭކަން… އަނެއްކާ އަހަރުން ކޭސްގެ އަޕްޑޭޓެއްތަ؟“ ޗޮކެއް ކަނޑާލާފައި އަހަރެން ބުނެލީމެވެ.ހަމަ ހަގީގަތުގައިވެސް އަހަރެން ހުރީ ނިކަން ޝައުގުވެރިވެފައެވެ.އަހަރެންގެ ފުރިހަމަ ސަމާލުކަން ހޯދުމުގައި މިފަހަރު އޭނާ ކާމިޔާބު ހޯދައިފިއެވެ.

”ކޭސް ހައްތަހާ އަޕްޑޭޓެއްނު މިވަނީ…ހުރޭ ދެން ދިމާވީމަ ކިޔާނަން…“ ޝާމިން ނުލަފާ ވައްތަރަކަށް ހެމުން ބުނެލިއެވެ.އަހަންނަށް ކުޑަ ކުޑަ ހިންޓެއްވެސް ދޭކަށް އޭނާ ބޭނުމެއްނުވިއެވެ.

”ރަނގަޅު…މަށަށް މިހިރީ ދެން މިއަދު މަސައްކަތް ކުރެވިފައޭ…ތި ނޫން ކަމަކާ ދެން ނުވިސްނޭނެ…ކޯޓު މަރުހަލާ ނިމޭނީ އަޅެ ކޮން ދުވަހަކުން ބާއޭ އަހަރެން ހިތަށް އަރާ…އަދި މިއުޅެނީ ރަނގަޅަށް މައްސަލަ ފަށައިވެސް ނުގަނެވިގެން…ރާއްޖޭގެ ލީގަލް ސިސްޓަމް މިއޮންނަނީ ހަމަ ފިނިހަކަ ދުވެލީގަވިއްޔަ… އެ މުހުސިނުމެން އަނެއްކާވެސް މޮޅުކަމެއް ކޮށްނުލައި ފިއްޔާ ރަނގަޅު ދެން…ލާރި އެބައޮތްވިއްޔާ ބޯކޮށް…“ ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ބުނެލީމެވެ.

”ތިއޭ އެއްކަލަ…ތިކަމާ ހާސްނުވެބަލަ…އަހަރެން މި ކިޔަނީނުން މުހުސިނަކަށް އެއްކަމެއްވެސް ނުކުރެވޭނޭ…ސާބިތު ހެކި ހުއްޓާ އޭނާއަށް ހަމަީ އެހެން ބޯ ދަމައި ގަނެވޭނެތަ..؟.ނުގަނެވޭނެ…!ގާޒީ ގަނެލެވޭތޯވެސް ކިހާ ވަރަކަށް ތެޅުނު…އެކަމަކު އެކަމެއްވެސް ނުވިޔެއްނު އޭނައަކަށް.“ ހެމުން ހެމުން ޝާމިން ބުނެލިއެވެ.

”އުހޫނ ދެން ކިޔޭނެދޯ…އެއްވަރުގެ ދޯކާވިއްޔަ މަށަށްވެސް ދީފަ އޮތީ… މިހާރު ދެން އެކަމަކު މީހާ ތަންކޮޅެއް ފިޓު ވެލައިފި އިނގޭ…ޖިމަށްވެސް ދާން ފަށަން ހުރީ އެކަމަކު މި ދުވަސްކޮޅު ނުވޭ ވަގުތެއް…ބަފައިބެ ގެޔަށް ގެނެވޭ ވަރުވީމަ ދެން ވާނީ… ޑޮކްޓަރު ބުނެފައި އޮތީ އެމީހާއަށް ދެން ހިނގޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތޭ…އެކަމަކު އަހަރެމެން ވާނެތާ އެ އެއް ޕަސެންޓްގަ ހިފައިގެންވިޔަސް ކުރިއެރުމެއް ލިބޭތޯ މަސައްކަތް ކުރަން…އަދި ހަމަ ގިނަ މެމޮރީސްތަކެއްވެސް ނާދޭ..އެކަމަކު މަޑު މަޑުން ބައެއް ކަންކަން އެބަ ހަނދާންވޭ…ޝަފްވެސް ކީ އެހެން..“ އަހަރެން ބުނެލީމެވެ.

”ހޫނ އަހަންނަށް އެނގެޔޭ… ކުރިން ދުވަހަކު ދިޔައިމޭ ޝަފްވެސް އިން ގަޑިއެއްގަ ޝަހީމްބެއަށް ގޮވާލަން…އޭރު އާކިލް ވީ ޑިއުޓީގަ… އަހަންނަށްވެސް ކޮއްކޮ ކިޔަ ކިޔާފައި ވާހަކަ ދައްކާތީ އަހަރެންވެސް ވަރަށް ލަދުން ހުރީ…ޝަފްވެސް އިނީ ފާޑަކަށް ހިނިއައިސްފައި…އެއީ ޝަހީމްބެގެ ސްޓައިލެއްްވެސް ނޫންވިއްޔާ…މުޅިން އެހެން ޕާސަނިލިޓީއެއްގެ މީހެއްހެން މިހާރު ހީވަނީ…ތިއެއް ނޫނޭ…ދެން ތި މީހުން ކިހިނެއް ހަދަންތަ ތި ވިސްނަނީ…؟މި ބުނީ ޝަފްގެ އަންކަލްމެން މިކޮޅަށް ބަދަލުވަނީހޭ ޝަހީމްބެ ބަލަން؟“ ޝާމިން އަހައިލިއެވެ.

”ނޫނޭ… އެމީހުންވެސް ކިހިނެއް ވަކި އަންނާނީ އެމީހުންގެ ދިރިއުޅުން ދޫކޮށްލާފަ…ވިޔަފާރި އެކޮޅުގަ. އަނބީންނާ ދަރިންކޮޅުވެސް އެތިބީ އެކޮޅުގައި… އެކުދިންވެސް އެކޮޅުގަ ކިޔަވަނީ އަނެއްކާ…އެހެންވެ އަހަންނާ ޝަފްއާވެސް ތިކަމާ ވަރަށް ވާހަކަ ދައްކައިފިން މިހާރު… ކޮންމެ ގޮތެއްވިޔަސް މަންމައެއް ދެނެއް ނުދާނެ ދޯ އެގެއަކަށް ދިރިއުޅޭކަށް… ބައްޕައަކަށް ނުވެސް އެނގޭ ޑިވޯސްވެފައިކަމެއްވެސް… އެމީހާ ނެތް ހަނދާނެއް…އެކަމަކު ވަކި ހިސާބަކުން ތެދަށް ބުނަންވެސް ޖެހޭނެތާ ދޯ…އަނެއްކާ ނުހާޒުވެސް ޖަލުގަ…މިހާރު ބައްޕަ ބަލަން ހުންނާނެ މީހަކީ ހަމަ ޝަފް ދޯ…އެކަމަކު އޭނަ އެއީ އަންހެން ކުއްޖެއް… އޭނާއަކަށްވެސް ބައްޕަގެ ހުރިހާ ކަން ކަމެއް ނުކޮށް ދެވޭނެއެއްނު… އެނގެއެއްނު މިބުނި އެއްޗެއް“ އަހަރެން ބުނެލީމެވެ.

”ދެން ތިބުނީ ތިމީހުން އެގެއަށް؟..“ ޝާމިނަށް އަހަރެން ބުނަން އުޅުނު ވާހަކަ ފަހުމުވީ ކަހަލައެވެ.

”ހޫނމް… އަހަރެމެން މި ވިސްނަނީ ބައްޕަ ބަލަން އެގެއަށް ބަދަލުވާން…ޝަފް މަންމަވެސް ލަފާ ދިނީ އެގޮތަށް… ޝަފްވެސް ބޭނުމެއްނުވޭ ބައްޕަ ބަލާށޭ ކިޔާފައި މީހަކު ހޯދާކަށް…ކޮންމެ ގޮތަކަށް ކަންތައްތައް ކޮށްފައި އޮތަސް އެހާލުގައި ޖެހުނީމައި އަޅާ ނުލާ ދޫކޮށްލާކަށް ހެޔޮ ނުވާނެއެއްނު… ޝަފްގެ ބައްޕަ ވިއްޔަ އެއީ… އެކޮޅަށް ބަދަލުވީމަ ޝަފްއަށްވެސް އޭރުން ބައްޕައަށް ކައްކާ ކާންދީ އެހެން ކަންތައްތައްވެސް ކޮށްދެވޭނެތާ….ގޭގަ ގެންގުޅޭނެ ކުއްޖަކު ހޯދަން މި ކިޔަނީ އޭރުން ދެން ޝަފްއަކަށްވެސް ބުރަ ބޮޑެއް ނުވާނެއެއްނު ގޭތެރޭގެ ކަންކަމުގައެއް…ނޫކްވެސް އެހާ ހަލަނިވިއްޔަ މިހާރު..އެކަމަކު ޝަފް ބޭނުމެއްނުވޭ ނޫކްއަށް ނެނީއެއްވެސް ގެންނާކަށް… އެހެންވެ ގޭތެރޭ މަސައްކަތުގަ ހެލްޕްވާނެ މީހެއް ހޯދާ ވާހަކަ ކީ އަސްލު.ދެން ބައްޕަގެ އަމިއްލަ ގެ ވީމަ ކުލި ދައްކާކަށް ވެސް ނުޖެހޭނެތާ…ދެން ގެއަށް ހިނގާ ޚަރަދަށް އަހަންނަށް ހަމަ ކޮންޓްރިބިއުޓް ކޮށްގެން އުޅެވޭނެއެއްނު…ކުއްޔަށް ދީފަ ހުންނަ ފުލޯތަކުން ޖަމާވާ ބައި އެއީ ބައްޕަގެ އެއްޗެއް..އޭގަ އަހަރެމެން ނުޖެހޭނަން..“ އަހަރެން ބުނެލީމެވެ.

”ކީކޭ އަހަރެން ދެން ވަކި ބުނާނީވެސް ދޯ…އަސްލު އާކިލް ހާދަ ރަނގަޅޭ…މި ޒަމާނުގައި ކާކުތަ ތިހާ ކެތްތެރިވެގެން އުޅޭނީ…؟ މިހާރުވެސް ޝަފްގެ ބައްޕައާ މެދު އާކިލް ތި އުޅޭ ގޮތް ފެނިފަ އަހަރެން ހަމަ ކޮސްވޭ…އޭނަ ކިހިނެއް އާކިލާ ދޭތެރޭ އެދުވަހު ކަންތައް ކުރީ…އެކަމަކު ބަލާބަލަ މިއަދު…ހަމަ އާކިލޭ ޝަހީމްބެއަށްޓަކައި ތި ގުރުބާންވަނީ…ޑިއުޓީ ގަޑި ނޫން ގިނަ ވަގުތު ތި އުޅެނީ ހަމަ ޝަހީމްބެ ކައިރީގަ…ދެން މިސާލަކަށް ޝަހީމްބެގެ މެމޮރީތައް އައިސްފިއްޔާ އެދުވަހަކުން ކިހިނެއްބާ ކަންތައްވާނީ؟ އެދުވަހަކުން އެމީހާ އާކިލް ބަލައިގަންނާނެބާއޭ އަހަރެން ހަމަ ހިތަށް އަރަނީ…“ ޝާމިން ވަރަށް ސީރިއަސް ރާގެއްގައި ބުނެލިއެވެ.

”ތިއެއް ދެން ނޭނގެ… އަހަންނަށް އެނގޭހާވެސް ކަމަކީ އަހަރެން އެމީހާ އެހާލަށް ދޫކޮށްފަކަ އެހެން ތަނަކަށް ނުދާނަންކަން…ބަލައި ގަތަސް ނުގަތަސް އަހަންނަށް ހީވަނީ އެއީހެން އެންމެ ރަނގަޅު ގޮތަކީ…“ އަހަރެން ފުން ނޭވާއެއް ދޫކޮށްލާފައި މަޑުމަޑުން ބުނެލީމެވެ.

ޝާމިން ވާހަކަ ދިގު ދަންމަން ފެށުމުން ވަރަށް ބިޒީވެއްޖޭ ކިޔާފައި، އިސްވެ އެ ކޯލު ކުރުކޮށްލީ އަހަންނެވެ.

****

ޑިއުޓީ ނިންމާފައި ގެއަށް ދިޔުމުގެ ބަދަލުގައި ޝާމިން އެދުނު ފަދައިން އަހަރެން އޭނާއަށް ގުޅާލީމެވެ. ވައުދުވި ފަދައިން އޭނައާއި މާހިނާއެކުގައި ކޮފީއަކަށް އަރާލުމަށެވެ.އަހަރެން އެ ކޯލު ކަނޑާލިތާ ފަސްވަރަކަށް މިނެޓް ފަހުން އޭނާ ކާރުގައި އައިސް ސްޓޫޑިއޯ ކައިރިއަށް މަޑުކޮށްލައިފިއެވެ.އަހަރެން މަޑުނުކޮށް ގޮސް ކާރަށް އެރި އިރު އޭގައި މާހިންވެސް އިނެވެ.އޭރު ޝާމިން ހުއްޓާ ނުލައި އަނގަ ތަޅަމުން ދިޔަ ގޮތުން އޭނައަކާ ނުވެސް ގުޅެއެވެ.

”ބްރޯ ރަނގަޅުތަ މިއަދު؟މާހިން މީނައަށް ކީއްވެގެންތަ މިއުޅެނީ މިއަދު؟“ ޝާމިންގެ އުފާވެރި މޫޑު ފެނުމާއިއެކު އަހަންނަށް ބުނެވުނެވެ.

”ވަޓް ކޭން އައި ސޭ…މާ ބޮޑަށް އެކްސައިޓެޑްވީ އެ ޚަބަރު ލިބުނު ފަހުން… އަހަރެމެންގެ ކޭސްއަށް އިތުރުވި ބޮޅެއްވީމަ…އިޓްސް ސޯ އެކްސައިޓިން ވެން ޔޫ ފައިނަލީ ކަނެކްޓު އޯލް ދި ޑޮޓްސް ދޯ މާހިން؟ ހެހެ“ ޝާމިން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

”މާހިނަށްވެސް އެނގޭތަ؟!ދެން ހަމަ އަދިވެސް އަހަރެން ކައިރީދޯ ނުބުނެވިގެން ތިއުޅެނީ؟ ހާދަ ވަރެއްގެ ޚަބަރެކޭ ދޯ ތީ؟!“ ގަޔާނުވެފައި އަހަރެން ބުނެލީމެވެ.

”ހަމަ އާކިލްގެ ރިއެކްޝަން ބަލާލާ ހިތުންނޭ މިހާ ވަރަކަށް މި ތަޅުވަނީ…ނަސީބެއް ދެން އެވަރަށް އޮންލައިން ޚަބަރު ނުކިޔާ މީހެއްކަންވެސް“ އެންމެ ފަހުން ޝާމިނަށް ނުހުރެވިގެން ބުނެލައިފިއެވެ.

”ހޫނ އަހަންނަކީ ދުވާލު ދެއިރު ސޯޝަލް މީޑިއާ ހާވާލަ ހަވާލާ އިންނަ މީހެއް ނޫނޭ…އެކަމަކު ތިވީ ގޮތުން މި ޖެހުނީ ބަލައިލަންތާ!“ އަހަރެން ފޯނު ނަގައި ސްކްރީނުގައި އިނގިލިތައް ހިންގައިލި އިރަކަށް ޝާމިން ކުއްލިއަކަށް އެ ފޯނު ގަނޑު ޖަހައިގެންފިއެވެ.

”އުހޫނ…ދެން އަހަރެން ކިޔަން ދެން ކެތްތެރިވޭ… މިއޮއް އާދެވުނީ މިހާރު..“ ޝާމިން ބުނެލިއެވެ.

ޝާމިން ކާރު މަޑުކޮށްލީ ތަންކޮޅެއް އެތެރޭގެ މަގެއްގައި ހުރި ކުޑަ ވަރެއްގެ ކޮފީ ޝޮޕެއްގެ ކުރި މައްޗަށެވެ.ބޭރުން އެތެރެ ފެންނަގޮތަށް ޖަހާފައި ހުރި ބިއްލޫރި ބިތުގައި ބޮޑު އަކުރުން ’ކެފޭންލީ ޔޯރޒް‘ ޖަހާފައި ހުއްޓެވެ.އަހަންނާ މާހިން ގާތުގައި އެތެރެއަށް ވަނުމަށް ބުނެފައި އޭނާ ދިޔައީ ކާރު ޕާކުކޮށްލާފައި އެބަ އަންނަން ކަމުގައި ބުނެފައެވެ.އެތެރެއަށް ވަތް ވަގުތު ނޭފަތު ކުރީގައި ޖެހިލި ތާޒާ ކޮފީގެ މީރުވަހުން އަހަރެންގެ މުޅި ނަފްސަށްވެސް ހަމަ ޖެހުން ގެނުވިއެވެ.ތަންކޮޅު ކުޑައެއްކަމަކު އެތަނުގެ އެތެރެ ޑިޒައިންކޮށްފައިވާ ގޮތުން ޖާގަ ތަނަވަސް ކަމަށް ދައްކައެވެ.ލަކުޑިންް ހަދާފައިވާ އުސް މޭޒުތަކާއި ސްޓޫލްތައް އަތުރާލެވިފައިވާ ގޮތުން ޒަމާނީ ގޮތްގަނޑު ފެންނަން ހުއްޓެވެ.އިންޑޯރ ގަސްތައް ހައްދާފައިވާ ގަސް މުށިތަކެއް އެއްކަނަކަށްވާ ގޮތަށް އަތުރާލެވިފައި ހުރުމުން އެ ފެހިކަމާއި އާރޯކަމުން ތަނަށް އިތުރު ދިރުމެއް ގެނެސްދީފައިވެއެވެ.

އަހަރެމެން ގޮސް ޖެއްސީ ތަންކޮޅެއް އެތެރޭގައި ހުރި މޭޒެއްގައެވެ.އިރުކޮޅަކުން ޝާމިންވެސް އައިސްފިއެވެ.އޭނާ އައިސް އިށީނދެ ހަމަޖެހިލިތަނާ ވޭޓަރަކު އަހަރެމެންގެ އޯޑަރ ނަގަންވެގެން އައެވެ.

ވޭޓަރަ އޯޑަރު ނަގައިގެން ދިޔުމުން ޝާމިން ލަސްނުކޮށް ވާހަކަ ފެށިއެވެ.

”މި ވެގެން އުޅޭ ގޮތަކީ… އެއްކަަލަ ޑޮކްޓަރ މުއާޒު ކޮންމެވެސް މަންޖެއަކާ އެކީ ފިލައިގެން ބޭރަށް ނައްޓާލަން އުޅެނިކޮށް އެއާޕޯޓުން އޭނަޔާ އެ މަންޖެއާ ދެމީހުން ހިފެހެއްޓީ…ހަތް ކިލޯ މަސްތުވާތަކެއްޗާ އެކީ…ދެން ކިހިނެއް އެސޮރު ސަލާމަތްވާނީ… ކުރެވުނު ކަންތައް ކުޑަކަމުން އަދިވެސް…އަދި އެ އަންހެން މީހާއަކީ ކާކުކަން އެނގޭތަ؟“ ޝާމިން ވަރަށް ފޯރީގައި ބުނެލިއެވެ.

އަހަރެންގެ ނިތަށް ކުދި ރޫތައް އަރައިގެން ދިޔައެވެ.އެހެނަސް ދެވަނަ ސިކުންތު ހަމަ ޖެހިލެވުނީ އޭނަ އެ ދައްކަނީ ހޮސްޕިޓަލުން މުއާޒުގެ އެ ޖަރީމާތަކަށް ވާގިވެރިވި ނަރުސް ކުއްޖާގެ ވާހަކަކަން ޔަގީންވުމުންނެވެ. ދެމީހުންގެ މޮޔަކަން ހިތަށް އަރާފައި އަހަންނަށް ޗޮކެއް ކަނޑާލެވުނެވެ.

”ހޫނ އެއްކަލަ ނަރުސް މަންޖެގެ ވާހަކައެއްނު ތި ކިޔަނީ؟ އެ ދެމީހުންގެވެސް ލައިސަންސް ހިފަހައްޓާފަ ދޯ މިހާރު ؟؟ އެމީހުންގެ ޕާސްޕޯޓެއް ނުހިފަހައްޓާތަ؟“ އަހަރެން އަހާލީމެވެ. އެއާއެކު ޝާމިނާއި މާހިންވެސް ބަލައިލީ އެކަކު އަނެކެއްގެ މޫނަށެވެ.

”އެކުއްޖާގެ ވާހަކައެއް ނޫން މި ކިޔަނީ ކީ… މިކިޔަނީ…ލެއޯރާގެ ވާހަކަ..ޔޫ ނޯ ހޫ ޝީ އިޒް…އެއީ  ޝަފްގެ ބައްޕަގެ ފިއޯންސޭއެއްނު!….“ ޝާމިން ލަސް ލަހުން ބުނެލިއެވެ.

ޝާމިން ބުނެލި ބަސްތައް އިވުމާއެކު އަހަންނަށް ލިބުނު ޝޮކުން ދެލޯ ތަންމިނަށް ބޮޑުކޮށްލެވުނެވެ.

”ނުވާނެ..!“ އަހަންނަށް ވަގުތުން ބުނެވުނެވެ.

”ހަމަ ތެދެއް ބުރޯ..މިއޮތީ ވާ ކަމެކޭ…މި ހަމަ ބޮޑު ރޭވުންގަނޑެއް… އާކިލްއާ މިކަން މި ގުޅެނީ ހަމަ އިއްތިފާގަކުންނޭ ބުނެވޭނީ…އެނގޭތަ؟! އެ ލެއޯރާއާއި މުއާޒަކީ ދެ ލޯބިވެރިންނޯ…ޝިޒް ހާފް މޯލްޑިވިއަން އެން ހާފް ފްރެންޗް… މިދެމީހުން ދިމާވި ކަމަށްވަނީ މުއާޒު ކިޔަވަން ބޭރުގަ އުޅުނުއިރު…ދޭ ބޯތް ހޭވް ކުރިމިނަލް ބެކްގްރައުންޑްސް… ލެއޯރާއަށް ކުރިން ކިޔަނީ ލެއޯރާއެއްވެސް ނޫނޯ.. ކޮންމެވެސް ސާރާއެކޯ..މުޅިން އެހެން އައިޑެންޓިޓީއެއްގަ އޭނަ ރާއްޖެ އައިސްގެން އެ އުޅުނީވެސް…ސޯ މި ދެމީހުންނަކީ އަސްލު ފުޅާދާއިރާއެއްގައި ރާއްޖޭގަ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ދެމީހުންކަމަށްވަނީ…ކާކަށް ދޯ ޝައްކުވާނީވެސް…މުއާޒަކީ މޮޅު ޑޮކްޓަރެއް…ނުލާހިކު ރެސްޕެކްޓެޑް ޕްރޮފެޝަނެއްގަ ހުރި މީހެއް…އަނެއްކޮޅުން ލެއޯރާ…އޭނާ ދެން ގޯލްޑު ޑިގަރއެއް ވައްތަރު ޖެހިޔަސް މިވަރުގެ ނުބައި ކަމެއް ކުރާ މީހެއް ފާޑެއް ނުޖަހާ.ޝީ ހެޑް އެޑްވާންޓޭޖަސް…އޭނާ ދެން ބަލައިލާކަށްވެސް ހުތުރެއް ނޫންތާ…ދެން އެހެންވީމަ އަންހެނުންގެ އަވައިގައި ފަސޭހައިން ޖެހޭ ފާޑުގެ ފިރިހެނުން ކިހާ ފަސޭހައިން އޭނާއަށް އަތު އަޅުވާލެވޭނެ…އެ މަޅީގަ ޝަފްގެ ބައްޕަވެސް ޖެހުނީ…އަހަންނަކަށް ދެން ނޭނގެ އެކަމަކު ފިއޯންސޭއަކަށްވާ ހިސާބަށް އެކަންތައް ދިޔައީ ކިހިނެއް ކަމެއްވެސް… އަހަންނަށް އޭނަ ފެނުނީވެސް ދެފަހަރަކު… އެވެސް ޝަފްގެ ބައްޕަޔާ އެކީ..އެމަންޖެ ބެލީ ލާރި ގަނޑެއް އޮތީވިއްޔާ އެ ބަނޑު އެޅޭނެ ގޮތެއް…ފައްކާ ކަމެއް ކޮށްލައިގެނޭ އޭނަ އެ މުއާޒާއެކީ ފިލަން އެ އުޅުނީވެސް….ޝަފްގެ ބައްޕަގެ އެކައުންޓުތަކުގަ ހުރިއްޔާ ހުރި ލާރިއެއް ދަވާލައިގެން އޭނަ ބަޗަން އެ އުޅުނީ… ޝަފްގެ ބައްޕަގެ އެކަންޏެއްވެސް ނޫން…އެހެން މީހުންގެ އަތުންވެސް މަކަރާއި ހީލަތުން ވަރަށް ގިނަ ފައިސާ އެއްކޮށްފައި ހުރި ކަމަށްވަނީ…ޝަފްގެ ބައްޕަގެ އެކައުންޓުތަކުން އެކަނިވެސް އޭނާ ކަހާލި އެމައުންޓް އަޅެ ތި މީހުން ގެސްކޮށްލަބަލަ…ކިހާ ލާރިއެއް އޮވެގެން އެވަރުގެ ބިޒްނަސްއެއް ހުއްޓުނަ ނުދީ ކުރިއަށް ގެންދެވޭނީ…“ ޝާމިން ދައްކަމުން ދިޔަ ވާހަކަތަކުން އަހަރެން އިނީ ހަމަ މޫނު މަތިން ތަރި ބުރާވަރުވެފައެވެ.

”ދެތިން ލައްކަ؟!“ އަހަރެން އަހައިލީމެވެ.ޝާމިން ދެފަރާތަށް ބޯ ހޫރާލިއެވެ.

 

”ދެން ކިހާ ވަރެއް؟!“ އަހަންނަށް ހައިރާންވެފައި އަހައިލެވުނެވެ.

”ތިން މިލިޔަން ދެލޯ ފުޅާ ތިން މިލިޔަން… ރުފިޔާއެއްވެސް ނޫނޭ އަދި…ތިން މިލިޔަން ޑޮލަރު…ހިޒް ލައިފް ސޭވިންގްސް އެއީ…“ ޝާމިން ބުނެލިއެވެ.

”ޔާ ރައްބީ…!“ސިހުނުވަރުން އަހަރެންގެ އަނގަވެސް  ތަންމިނަށް ހުޅުވުނެވެ.ޝަފްކާގެ ބައްޕައަކީ ރައްކާކުރަން ދަންނަ މީހެއްތާއޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.

”އޭ…ކުރީ ދުވަހު އެ ލެއޯރާ ހޮސްޕިޓަލަށް އައިސްފަ ތި އެންގޭޖްމަންޓް ކަންތައް ނިންމާލި… ކޮންމެވެސް ލޯބިވެރިޔެއްގެ ވާހަކަވެސް ކީ..އާނ ޔެސް! ފުރަން އުޅޭ ވާހަކަވެސް ބުންޏޭ އަދި…މިއީ ދޯ މި ވީ ގޮތަކީ؟!“ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނެލި ފަދައަކުން އަހަންނަށް ބުނެލެވުނެވެ.

”ހަހަ… އެހެންތަ…ޕުއަރ ލެއޯރާ… މީހަކަށް ދެރައެއް ދީފަ މޮޅުތަކެއްވެއްޖެއެއްނު!“ މާހިންވެސް ބައިވެރިވެލިއެވެ.

ޝާމިން އިތުރަށް ކިޔައިދިން ގޮތުގައި ޝަހީމް އެކްސިޑެންޓު ކޮށްލާފައިވަނީވެސް ލެއޯރާއާއި މުއާޒުގެ ރޭވުމަކުންނެވެ.އެކަން އޭނާއަށް އެނގުނީ ޕޮލިހުގައި އުޅޭ އޭނާގެ ވަރަށް ގާތް މީހެއްގެ ފަރާތުންނެވެ.ޝަހީމްގެ އެކްސިޑެންޓް ހިނގި ގޮތް ޕޮލިހުން ތަހުގީގު ކުރަމުން ދަނިކޮށް ލެއޯރާ އެހާ ކުއްލި ގޮތަކަށް ފުރައިގެން ދާން އުޅުމުން އެކަމުގައިވެސް އޭނާގެ އަތެއް ވާކަމަށް ޕޮލިހުންނަށް ޝައްކު ކުރެވުނީއެވެ. ލެއޯރާގެ ފޯނު އަތު ޖެހުނު ހިސާބުން ޕޮލިހުންނަށް ހުރިހާ ކަމެއްވެސް އެނގި ސާފުވިއެވެ.އޭނާއާއި އެމީހަކާ ދެމެދުގައި ދެކެވިފައި ހުރި ވާހަކަތަކުގެ ޗެޓު ލޮގުތަކާ ކޯލު ލޮގުތައް އަދި ރުފިޔާގެ ޓްރާންސެކްޝަންތައް އެކަމުގެ ސާބިތު ހެއްކަކަށް ފުދޭހާވިއެވެ.

ލެއޯރާއާއި މުއާޒު މަސައްކަތް ކޮށްފައިވަނީ ބިދޭސީއަކަށް އަގު ކިޔައިގެން ޝަހީމް ގަސްދުގައި އެކްސިޑެންޓް ކޮށްލައި، އޭނާގެ ފުރާނަ ދުއްވާލާށެވެ.އެހެނަސް ތަގުދީރުގައި އެކަން އެގޮތަށް ލިޔެވިފައި ނެތަތީ  އެމީހުނަށް އެކަން ކާމިޔާބުވާ ގޮތް ނުވީއެވެ.ހޮސްޕިޓަލަށް އައި ދުވަހު ލެއޯރާ މާ ހަމަ ޖެހޭކަމަށް ކަމަށް ހެދިގެން އުޅުނަސް އޭނާ އެ ދުވަހު އަސްލު އުޅުނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަން އަހަންނަށް މިހާރު ވިސްނެއެވެ.މުއާޒުވެސް މުހުސިނާއި ޑީލު ހަދައިގެން އުޅުނީ އަހަރެންގެ ކަންތައް ކޮށްދިނުމަށް ބުނެ މުހުސިނު ހުށައެޅި ލާރިގަނޑުގެ ދަހިވެތިކަމުގައި ކަމާއި،އެހެނަސް އެއްވެސް ޓްރޭސްއެއް ނެތި އެކަން ނިންމާލެވޭ ގޮތް ނުވުމުން މުހުސިނު އައި ރުޅީގައި މުއާޒަށް ދޭން ބުނި އަގުވެސް ނުދޭކަން ތަހުގީގަށް އޮތީ އެނގި ހާމަވެފައެވެ. ކޯޓަށް ދަމަން ފެށި ހިސާބުން މީހުން ކިޔައިފާނެ އެއްޗަކަށް ވިސްނައި، އަމިއްލަ ނަމާއި އަބުރު ރައްކާތެރި ކުރުމަށްޓަކައި މުހުސިނު ގަދަ އަޅައި މަސައްކަތް ކުރަމުންދާކަމަށާއި،އެގޮތުން އޭނާ އުޅެނީ ގިނަ ޗެރިޓީ ފަންޑުތަކަކަށް ބޮޑެތި އަދަދުތަކުން ފައިސާ އޮއްސުމާއި އެފަދަ ފަންޑް ރެއިޒިން އިވެންޓުތައް ހޯސްޓު ކުރުމުގައިކަމަށްވެސް ޝާމިން ބުނެލީ މަލާމާތުގެ ރާގަކަށެވެ.ބައި މި އެޅެނީ ކިހާ ނުބައި ކަމަކަށްކަން އެނގި ހުރެ ވެސް މުހުސިނަށް ހިތްވަރާއި އެއްބާރުލުން ދިނުމުގައި އެންމެ ކުރީ ސަފުގައި އަބަދުވެސް ޚަލީސާ ހުރެޔެއް ނޫންހޭ މާހިންވެސް ބުނެލީ ހަމަ އެ ރާގުގަނޑުގައެވެ.އެހެނަސް އަމިއްލަ ދެއަތުން ފޭހުނު އިލޮށިގަނޑު އަމިއްލަ ދެލޮލަށް ހެރޭކަށް ދެން މާ ގިނަ ދުވަހެއް ނެތްކަން މުހުސިނަށްވެސް އިހުސާސްކުރެވޭ ކަހަލައެވެ.

****

ޝާމިންގެ އިޒުނަޔާވެސް އެކުގައި އެއްވެސް ކަމެއް ސިއްރު ކުރުމެއް ނެތި އަހަރެން ޝަފްކާއަށް އެ ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.ލިބުނު ހައިރާންކަމާއި ޝޮކާއި އެއްވަރަށް އޭނާވީ އުފަލުގެވެސް ކޮޅެއް ނެތެވެ.ވަކިން ޚާއްސަކޮށް ލެއޯރާ ހައްޔަރުކުރި ވާހަކަ ބުނި ހިސާބުން އޭނާގެ ހިނިތުންވުން ފުންްވެގެން ދިޔައެވެ.

”ފައިނަލީ…ދެޓް ދެޔޯ އިޒް ގޮނަ ގެޓް ވަޓް ޝީ ޑިޒާރވްސް ހަހަ.“ހެމުން ޝަފްކާ ބުނެލިއެވެ.އެމީހުންގެ މައްޗަށް ހުކުމް އިއްވައި އިންސާފު ގާއިމު ކުރެވޭނެ ދުވަހަކަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރާނެ ވާހަކަ އަހަރެންގެ ގާތުގައި ޝަފްކާ ބުނެލީ އަހަރެންގެ މެދުހަށީގައި ބާރަށް ބައްދާލައިގެން ހުރެއެވެ.އަހަރެން ވަރަށް ލޯބިން އެ ނިތުގައި ބޮސް ދީފައި އޭނާ މެޔާލައި ބޮނޑިކޮށްލީމެވެ.ޝަފްކާ އަދިވެސް ބޮޑަށް އަހަރެންގެ މޭމަތީގައި ތަތްވެލި ގޮތުން އޭނާ އެކަމާ ގަޔާވިވަރު އަހަންނަށް އިހުސާސްވިއެވެ.އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު އަހަރެމެން ދެމަފިރިންގެ ދިރިއުޅުމަށް ހަމަ ޖެހުމާއި އުފާ ފާގަތިކަން ލިބެން އުޅޭ ކަމުގެ މަލަމަތި ފެނުމުން ވީ އުފަލުން އަހަންނަށްވެސް މޮޔައެއްހެން ހިނިތުންވެވުނެވެ.

****

*އެއް މަސް ފަަސް*

މިއަދަކީ ދިގު މުއްދަތަކަށްފަހު ޝަހީމް ހޮސްޕިޓަލުން ޑިސްޗާޖުކޮށްލި ދުވަހެވެ.ޑޮކްޓަރ އައިސް ގެއަށް ދެވެން އުޅޭ ކަމުގެ ޚަބަރު ޝަހީމަށް ދިނީއްސުރެ އޭނާ ހީވަނީ އުފަލުން އެހެންފަދަ ކަމެއްހެންނެވެ.އާތިޔާގެ އަތުގައި ހިފަހައްޓާލައިގެން އޮވެ އެކަމާ އުފާ ފާޅުކުރަމުން ދިޔައިރު އޭނާއާއި އެކުގައި އާތިޔާއެއް ދެނެއް އެގެއަކަށް ނުދާނެކަމެއް އެ ފަކީރަކަށް ނޭނގެއެވެ.ޝަހީމް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ގާތުގައި އިން އިރު ޖަޒުބާތީވެގެން ގޮސް އާތިޔާ އިނީ ހަމަ ރޮވޭ ނުރޮވޭ ވަރުވެފައެވެ.

”ބައްޕާ…އެއޮއް އައި ކެނިއުލާ ނައްޓާލަން…“ ކިޑްނީ ޓްރޭއެއް ހިފައިގެން ވަތް ނަރުސް ކުއްޖާ ފެނުމާއެކު ޝަފްކާ ބުނެލިއެވެ.ޝަހީމް އާތިޔާގެ އަތުން ދޫކޮށްލީ ދެނެވެ.އެމަންޒަރު ފެނިފައި އަހަރެންގެ ހިތަށްވެސް އުނދަގޫވިއެވެ.އާތިޔާގެ ކެތްތެރިކަން ފެނި ހިތާ ހިތުން އޭނާއަށް ތަޢުރީފުވެސް ކޮށްލެވުނެވެ.

ފުރުސަތުގެ ބޭނުން ހިފައިގެން އާތިޔާ އަވަސް އަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ.އޭނާ ގޮސް ޝަފްކާގެ އަތުން ނުހައިކު ނަގައި އުރާލައިގެން އެތަނުން ނުކުންނަން މިސްރާބު ޖެހިއެވެ.އެހެނަސް ޝަހީމް އާތިޔާއޭ ކިޔައި ގޮވަން ފެށުމުން އޭނާއަކަށް އެވަގުތު އެތަނުން ނުކުންނާކަށްވެސް ނުކެރުނެވެ.

ހޮސްޕިޓަލުން ނުކުމެގެން ދުއްވާ ގޮނޑީގެ އެހީގައި ޝަހީމް އެމްބިއުލާންސާއި ހަމައަށް ގެނެސްދިނީ އާތިޔާ އިސްނަގައިގެންނެވެ.އެ ދެލޮލުގައިވާ އަސަރުތަކުން އެއީ ޝަހީމާއި ކުރާނޭ ވަދާޢުގެ ސަލާމް ކަމުގައި އޭނާ ނިންމައިގެން ހުރި ކަހަލައެވެ.އަދިވެސް ޝަހީމަކަށް އެ ކައިވެނި ރޫޅިފައިވާކަމުގެ ހިލަމެއް ނުވެއެވެ.އޭނާ ހިތުން އާތިޔާ އެއީ އަދިވެސް އޭނާގެ އަނބިމީހާއެވެ.

(ނުނިމޭ)

 

 

 

 

 

 

 

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 65

Next

ތަޤުދީރު-10

Next
June 15, 2026

ތަޤުދީރު-10

Previews
June 15, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 65



All Right Reserved!