Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 8 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 15, 2016 11 Mins Read
8 Comments

 

“އަބީ، މިރޭ ސައިކަލު ދުއްވާލަން ދާން ތިކުއްޖާ ލިބިދާނެތަ؟” ސައިކަލު ކުރީގައި އިން ކުއްޖާ އަހާލި އެވެ. އަބްޔާން އެދެމީހުނަށް ބަލައިލާފައި ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ހުރީ ހިސާބަކަށް ނުރުހިފަ އެވެ.

“ދާއިން، މީ އެކަހަލަ ކުއްޖެއް ނޫން.” ދާއިންއާއި ދިމާއަށް އަބްޔާން ބުނެލި އެވެ. “މިދަނީ ތާކަށް ދާން. އެހެން ފަހަރަކުން ދިމާވެލަން ވާނެ.” އަބްޔާން ބޭނުންވީ އެމީހުން ކައިރިން ސަލާމަތްވާށެވެ.

“އަބީ، ކައޭ ވަރަށް ފަނި.” ފަހަތުގަ އިން ޖިނާ ސައިކަލުން ފައިބައިގެން އައިސް ޖަންނަތު ކައިރީ ހުއްޓިލަމުން ބުންޏެވެ. ޖަންނަތުއަށް ބޭއިހުތިޔާރުގައި އަބްޔާންގެ މުލައްދަނޑީގައި ހިފާލެވުނެވެ. އަދި އަބްޔާންގެ ފަހަތައް ކުޑަކޮން ޖެހިލި އެވެ.

“ޝީ އިޒް ބިއުޓީފުލް.” ޖިނާ ޖަންނަތުގެ މޫނާ ދިމާލަށް އަތްގެންދިޔަ އެވެ. ނަމަވެސް އެއަތުގައި ހުށިޔާރު ކަމާއެކު އަބްޔާން ހިފެހެއްޓި އެވެ.

“އޯހް ޕްލީސް ޖިނާ، މީ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ ބުނެފީމެއްނު.” ޖިނާގެ އަތް ހޫރާލަމުން އަބްޔާން އަޑު ބާރުކޮން ބުނެލި އެވެ. އަބްޔާން ހުރީ ރުޅިއަންނަގޮތް ވެފަ އެވެ.

“އޯހް އައިސީ. ކައޭ ސީރިއަސް ބިޓެއް ނެގީދޯ އެންމެ ފަހުން. ސަޅި. ވަރަށް ގުޅޭ.” ޖިނާ ކުޑަކޮން ދުރަށް ޖެހިލަމުން ބުނެލި އެވެ.

“އަބީ، ސީރިއަސްކޮން ޔުއަރ ޗޮއިސް ވަރަށް އޮބި.” ޖިނާ ސައިކަލަށް އެރުމުން ދާއިން އިނދެފައި ބުންޏެވެ. އަދި ސައިކަލު އިސްޓާޓުކޮށްލަމުން ފަހުން ބައްދަލުކުރަން ވާނެކަމަށް ބުނެފައި ހިގައްޖެ އެވެ. އަބްޔާން އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީ އެވެ.

“އަބީގެ ތިބެނީ ވެސް އަބީ ކަހަލަ ފްރެންޑުން ދޯ. ހާދަ ގޮތެއް ނެތޭ.” ޖަންނަތު ރުޅިއައިސް ފައި ބުންޏެވެ.

“މަކަހަލަ؟” އަބްޔާން ހައިރާން ވެފައި އަހާލި އެވެ.

“އަބީގެ ޗޮއިސް އޯ… އެމީހުން ކީކޭ ހިތައްއަރައިގެންތަ އެއުޅެނީ؟” އޭރުވެސް ޖަންނަތު ހުރީ އަބްޔާންގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެނެވެ.

“އަސްލު ކޮންމެ މީހަކަށް ވެސް އެހެން ބުނެވިދާނެ ދޯ ފެންނަ ގޮތުން.” އަބްޔާންގެ މުލައްދަނޑީގައި ޖަންނަތު ހިފައިން ހުރިތަން ދައްކާލަމުން އަބްޔާން ބުނެލި އެވެ. އަދި ހިނިތުން ވެލި އެވެ. ޖަންނަތު އަވަހަށް އަބްޔާން އަތުން ދޫކޮށްލި އެވެ. އަދި ލަދުގަނެފައިވާ ހާލުގައި މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށީކޮޅު ކަންފަތް ދަށަށް ލައްވާލި އެވެ. ޖަންނަތުގެ އެ ހަރަކާތް އަބްޔާންއަށް ވަރަށް ކަމުދިޔަ އެވެ. ހިނިއައިސްފައި ހުރެ އަބްޔާން ހިގައި ގަތެވެ. އަބްޔާން ފަހަތުން ލަދުން ހުރެ ޖަންނަތުވެސް ހިގައި ގަތެވެ.

 

ދެމީހުން ގެއަށް އައިސް ވަން އިރު ޝަމްސުއްދީނު އުޅެނީ ބޭރަށް ދާށެވެ.

“ބޭބެ މިރޭ ގޭން ކަނީ ތިބެނީތަ؟” ޝަމްސުއްދީން އަހާލި އެވެ.

“ބޭރުން ދޯ ކާނީ؟” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. އަދި ޖަންނަތުއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮން ކާނީ ބޭރުން ކަމުގައި ޝަމްސުއްދީނު ކައިރީ ބުންޏެވެ.

ޝަމްސުއްދީން ބޭރަށް ނިކުމެގެން ދިޔުމުން އަބްޔާން އައިސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލި އެވެ. ޖަންނަތު ދިޔައީ ކޮޓަރި އަށެވެ. އަށެއް ޖަހަން ކައިރިވެފައި ހުއްޓާ އަބްޔާން ތެދުވީ ކާންދާން ޖަންނަތުއަށް ގޮވާށެވެ. އަބްޔާން މައްޗަށް ގޮސް ޖަންނަތު އުޅޭ ކޮޓަރީ ދެފަހަރަކު ޖަހާލި އެވެ. ހަބަރެއް ނުވުމުން މަޑުމަޑުން ދޮރުހުޅުވާ ބަލައިލި އެވެ. ޖަންނަތު އިނީ ނަމާދަށް އަރަ އެވެ. އަބްޔާން މަޑުމަޑުން ދޮރުލައްޕާލި އެވެ. އަދި ވިސްނުމެއްގައި ހުރެ ތިރިއަށް ފޭބި އެވެ. އެވަގުތު އަބްޔާންގެ ހިތައް އެތަކެއް އެއްޗެއް އަރައިގެން ދިޔަ އެވެ. ޖަންނަތުއަށް ގަދަރު ކުރެވުނެވެ. ޖަންނަތުގެ މަޑުމޮޅިކަމާއި ދީންވެރިކަމަށް ހިތާ ހިތުން ތަޢުރީފު ކުރެވުނެވެ. އަދި އަމިއްލަ ނަފްސު ކުއްވެރި ކުރި އެވެ. އަބްޔާންއަށް ނަމާދަށް ފަރުވާ ކުޑަކުރެވޭތީ އެވެ.

އަބްޔާން ތިރީ ސޯފާގައި އިށީދެގެން އިންދާ ޖަންނަތު އައިސް ހުއްޓުމުން އަބްޔާން ތެދުވި އެވެ.

“ހިނގާދޯ ކާންދާން. ހީވަނީ މިރޭ ވިއްސާރަވާނެހެން. އަވަހަށް ގެއަށް އާދެވޭނީ މިހާރު ދިޔައިމަނު.” އަބްޔާން ޖީންސް ޖީބަށް އަތްކޮށްޕާލަމުން ބުނެލި އެވެ.

“ހިންގާ އަވަހަށް.” ޖަންނަތު ބުނެލި އެވެ.

ދެމީހުން ކާން ވަނީ ގެއާ މާދުރުނޫން ރެސްޓޯރެންޓަކަށެވެ. އޯޑަރު ދިނުމަށް ފަހު ދެމީހުންވެސް އަމިއްލަ ވާހަކައެއްގައި ތިއްބެވެ. އެހެން ތިބޭއިރު އެ ރެސްޓޯރެންޓްއަށް ވަންނަ ބައެއް އަންހެން ކުދިންގެ ނަޒަރު އަބްޔާންއަށް އަމާޒުވާކަން ޖަންނަތުއަށް ފާހަގަ ވި އެވެ. އަދި އެހެންމެ އަބްޔާން ވެސް އެކަހަލަ އަންހެން ކުދިންނާއި ދިމާއަށް ސަމާލު ނުވާކަން ވެސް ފާހަގަ ވިއެވެ. ޖަންނަތު ކުޑަކޮން ހައިރާން ވެސް ވިއެވެ. އަބްޔާންއަށް ކޮންމެވެސް ކަހަލަ ބަދަލެއް އައިސްފައި ވާކަން ޖަންނަތުއަށް ފާހަގަ ކުރެވުނެވެ.

ކާއެއްޗިހި ގެނައުމުން ދެމީހުންވެސް ކައި ނިންމާލީ ހަމަހިމޭނުން ތިބެ އެވެ. ކައިގެން މަޑުކޮށްލައިގެން ތިބީ ބިލް ތައްޔާރު ވަން ދެނެވެ. ފައިސާ ދެއްކުމަށް ފަހު ދެމީހުން ވެސް ތެދުވީ ދެން ގެއަށް ދިއުމަށެވެ.

“އަބީ!” އަންހެން ކުއްޖަކު މާބާރަކަށް ގޮވާލުމުން ދެމީހުން ވެސް ބަލައިލި އެވެ. އެ އަންހެން ކުއްޖާ އައިސް އަބްޔާން ގައިގައި ބައްދައި ގަތެވެ. ކުއްލި ހައިރާން ކަމެއް ލިބިފައި އަބްޔާން ހުއްޓެވެ. ޖަންނަތުވެސް ހުރީ ހައިރާން ވެފައި ވާނުވާ ނޭގިފަ އެވެ.

“އަޅެ އަބީ! ކޮނތާކުތަ ތި އުޅެނީ.” އެ އަންހެން ކުއްޖާ އަބްޔާންގެ އަތުގައި ހިފަމުން އެހި އެވެ.

“ރާޔާ؟ ކޮން އިރަކު މާލެ އައީ؟” އަބްޔާންވެސް ނިކަން ބޮޑަށް ހިނިތުން ވެލަމުން އަހާލި އެވެ.

“ރާޔާ މާލެ އައިތާ މިހާރު ތިންމަސް ވަނީ. އަބީގެ ހަބަރެއް ވެސް ނުވޭނު. ކޮންތާކުތަ ތި އުޅެނީ؟”

“ރަށުގަ.” އެވަގުތު އަބްޔާންއަށް ޖަންނަތުއާއި ދިމާއަށް ބަލައިލެވުނެވެ. “ރާޔާ، މީ ޖަންނަ. ޖަންނާ މީ ރާޔާ.” އަބްޔާން އަވަހަށް ބުނެލި އެވެ. ރާޔާ ފާޑަކަށް ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ. އަދި ހިނިތުން ވެލި އެވެ. ޖަންނަތުވެސް ހިނިތުން ވެލައިގެން ހުއްޓެވެ.

“އަބީ، ތަނާ މިހާރު…. ” ރާޔާއަށް ބުނެވުނީ އެހިސާބަށެވެ. އަބްޔާން ވާހަކަ ދައްކަން ފެށީ ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ނެވެ. އޭރު ޖަންނަތު އެހެން ދިމާއަކަށް ބަލަހައްޓައިގެން ހުއްޓެވެ.

“ރާޔާ، ތަނާގެ ވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން. ޕްލީސް ތަނާގެ ވާހަކަ ނުދައްކަފާނަންތަ.” އަބީ ހިތްހަމަ ނުޖެހިފައި ބުނެލި އެވެ.

“އަބީ ތަނާ ވަރަށް ބޮޑަށް ޗޭންޖް. އަދި އެއް ޗާންސް އޭނައަށް ދޭން މަށަށް ފެންނަނީ.” ރާޔާ ބުނެލި އެވެ.

“ރާޔާ، ޕްލީސް. ތިވާހަކަ އެއްނޫން.” އަބްޔާން އަނެއްކާވެސް އެހެން ބުނެލި އެވެ.

“އޯކޭ ތަނާގެ ވާހަކައެއް ދެން ނުދައްކާނަން. އާދެބަލަ ރާޔާ އާއި އެއްކޮން އަދި މަޑުކޮށްލަން މިތާ، ކޮފީއެއް ބޯލައިގެން ދާން.” ރާޔާ އަބްޔާންގެ އަތުގައި ހިފާ ދަމާލަމުން ބުނެލި އެވެ. އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. ހަގީގަތުގައި އަބްޔާން ހުރީ ރާޔާއާއި ވާހަކަ ދައްކާލަން ބޭނުން ވެފަ އެވެ.

“އަންނާނަން ޖަންނަ ގެއަށް ލާފަ.” އެންމެ ފަހުން އަބްޔާން ބުނެލި އެވެ. ރާޔާ އެއްބަސް ވެލަމުން އެތާ އިންނާނަން ކަމުގައި ބުންޏެވެ.

“އަބީ ދޭ ދެން، އަހަރެން އެކަނި ގޮސްދާނަން.” ރެސްޓޯރެންޓުން ބޭރަށް ނުކުމެވުމާއި އެކު ޖަންނަތު ބުނެލި އެވެ.

“ނޫނޭ، ޖަންނަ ލާފަ އަހަރެން އަންނާނީ.” އަބްޔާން ބުންޏެވެ. އަދި ދެމީހުން އެއްކޮން ހިނގައި ގަތެވެ.

 

އުޑުމަތީ ވަރަށް ވިލާބޯވެފައި ވެއެވެ. ހިސާބަކަށް ވައި ޖެހެމުން ދިޔަ އެވެ. ހީވަނީ ނިކަން ބޯކޮން ވާރޭ ވެހިދާނެ ހެނެވެ.

“ޖަންނާ، އަސްލު ރާޔާ އަކީ ހަމަ ކްލޯސް ފްރެންޑެއް އިނގޭ،” އަބްޔާން ހުރީ ޖަންނަތު ހިތައް އަރާފާނެ އެއްޗަކާއި މެދު ކަންތައް ބޮޑުވެފަ އެވެ. މީގެ ކުރިން ވެސް އެތައް އަންހެން ކުދިންނަކާއި އަބްޔާން ވާހަކަ ދައްކަ އެވެ. ޖަންނަތު ކުރިމަތީ އަންހެން ކުދިންގެ އަތުގައި ހިފާ އުޅެ އެވެ. ނަމަވެސް މިހާ ނުތަނަވަސް ކަމެއް ނުލިބެ އެވެ. ޖަންނަތު ވެސް އަނގައިން ނުބުނެ ހުރެ ކުރިއަށް ދިޔަ އެވެ.

“ޖަންނާ، ތަނާ އަކީ އަހަރެން ކުރިން ރައްޓެހިވި ކުއްޖެއް. އޭނައަކާ މިހާރު އެއްވެސް ގުޅުމެއް ނޯންނާނެ. ރާޔާ ބުންޏަސް އަހަރެން ދެން ތަނާއަކާ ނުގުޅޭނަން.” އަބްޔާން ބުނަމުން ދިޔަ އެވެ.

“އަބީ، ކީއްވެތަ އަހަންނަށް ތި އެކްސްޕްލެއިން ކޮށްދެނީ؟” ގެއާއި ހިސާބަށް އަރާފަ ޖަންނަތު އެހި އެވެ. އަބްޔާން ބުނާނެ އެއްޗެއް ނޭގިފައި ޖަންނަތުއަށް ބަލަހައްޓައިގެން ހުއްޓެވެ. “އަހަރެން ނާހަމެއްނު ރާޔާ އަކީ ކޮންކަހަލަ ފްރެންޑެއްހޭ އެއް. އަދި ތިބުނާ ތަނާގެ ވާހަކައެއް ވެސް މަ ނާހަމެއްނު. އެހެން ނޫނަސް މަށަށް ކޮންކަމެއް އަބީ ކޮންމެ މީހަކާ ވާހަކަ ދެއްކި އަސް.” ޖަންނަތު ބުނެލި އެވެ. ޖަންނަތުގެ އަޑުގައި އަސަރުތަކެއް ވިއެވެ. ހިތްހަމަ ނުޖެހުމާއި ރުންކުރު ގޮތެއް ރާގުގައި ހުއްޓެވެ. އަބްޔާން ޖަންނަތުއާއި ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ޖަންނަތު ވަންނަން ގޭގެ ބޮޑުދޮރު ހުޅުވައި ދިނެވެ.

“ސޮރީ،” އަބްޔާން އެންމެ ފަހުން ބުންޏެވެ. “އެތެރޭން ދޮރު ތަޅުލައްޗޭ.” އަބްޔާން ބުނެލި އެވެ. ޖަންނަތު މަޑުކޮށްލުމެއް ނެތި އަވަހަށް އެތެރެއަށް ވަނެވެ. އަބްޔާން ފުން ނޭވާއެއް ބޭރުކޮށްލާފައި އައިކޮޅަށް ހިގައި ގަތެވެ.

 

އަބްޔާން ރެސްޓޯރެންޓަށް ވަން އިރު ރާޔާ މޭޒެއްކައިރީ ކޮފީއެއް ބޯލަން އިނެވެ.

“އަބީ، އަސްލު ކޮން ކުއްޖެއްތަ އެއީ؟” އަބްޔާން އައިސް ގޮނޑީގައި އިށީނުމުން ރާޔާ އަހާލި އެވެ.

“އެއީ ޖަންނަ.”

“ތިވަރަށް އިނގެޔޭ. އަނެއްކާ ގާރލް ފްރެންޑްތަ؟”

“ނޫނޭ، އެއީ ރަށު ކުއްޖެއް.” ޖަންނަތުގެ ވާހަކަ ރާޔާ ކައިރީ ދައްކާކަށް އަބްޔާން ބޭނުމެއް ނުވި އެވެ. “ދެން ތިވާހަކައެއް ނޫނޭ، ކިޔާބަލަ ދެން މަ އައި ފަހުން ޔުނީގެ ކަންތައް.” އަބްޔާން މަޢުލޫ ބަދަލުކޮށްލި އެވެ.

ރާޔާއާއި ދެމީހުން ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ތަނާގެ ވާހަކަވެސް ރާޔާ ދައްކަން ފެށި އެވެ. މިފަހަރު އަބްޔާން ރާޔާގެ ވާހަކަ އެއް ހުއްޓުވާކަށް ނޫޅެ އެވެ. އަދި ތަނާއާއި ބެހޭ ގޮތުން ސުވާލު ވެސް ކޮށްލެވުނެވެ.

ޖަންނަތު އޮތީ ފޯނުން ސާރާއާއި ޗެޓު ކުރާށެވެ. ޒައިދާން ރަށަށް ދިޔައިރު ސާރާމެން ވެސް ރަށަށް ދިޔައީ ކަމުގައި ސާރާ ބުންޏެވެ. އިރުކޮޅަކު ފޯނުން ޗެޓްކުރަން އޮވެފައި ޖަންތު ކޮޓަރި ކުޑަދޮރަށް ބަލައިލި އެވެ. އޭރު އުޑުމަތި އޮތީ ފުސްކޮށްލާފަ އެވެ. ވައި ބާރުވަމުން ދިޔަ އެވެ. ޖަންނަތު ގޮސް ކުޑަދޮރު ލައްޕާލި އެވެ. އޭރު ހިމަފޮދު ވާރޭ ވެހެމުން ދިޔަ އެވެ.

ޖަންނަތު އައިސް އަނެއްކާވެސް ފޯނު ނެގި އެވެ. އަދި އާޒަތުއަށް މެސެޖު ކޮށްލި އެވެ. އިރުކޮޅެއް ފަހުން އާޒަތު ގުޅަން ފެށި އެވެ.

“ހެލޯ؟” ޖަންނަތު ފޯނު ކަންފަތުގައި ޖައްސާލަމުން ބުނެލި އެވެ. “ކޮންތާކު ތި އުޅެނީ؟”

“ތުއްތާ! އޯކޭތަ އަހަރެން މިރޭ ފަސީޙު މެންގޭގަ މަޑުކޮށްލިއަސް؟ ފަސީޙު މަންމަ ވެސް ގަބޫލު. ވަރަށް ދުވަސްކޮށްފަ ފަސީޙު އާ މި ބައްދަލުވީ. އެހެންވެ،” އާޒަތު އެހެން ބުނުމުން ޖަންނަތު ވިސްނާލަން އޮތެވެ. ދޭނެ ޖަވާބެއް ޖަންނަތުއަކަށް ނޭގުނެވެ. “ތުއްތާ ޕްލީސް، ހެދުނާ އަހަރެން ދާނަމޭ ގެއަށް. ފުރަން ވާއިރަށް ދާނަން. ޕްލީސް ތުއްތާ.”

“ހޫމް، އެންމެ ރަގަޅު.” ޖަންނަތު އެންމެ ފަހުން އެއްބަސްވި އެވެ. އާޒަތު ނިކަން އުފަލުން ހުރެ ފޯނު ކަނޑާލީ އެތަކެއް ފަހަރު ޖަންނަތުއަށް ޝުކުރު އަދާކޮށްފަ އެވެ.

ޖަންނަތު ފޯނު އެނދުގައި ބާއްވާފައި ހިޔާލަކަށް ގެއްލިފައި އޮތެވެ. ޖަންނަތުގެ ހިޔާލަށް އައީ އަބްޔާން އެވެ. މި ތިން ދުވަހު އަބްޔާންއަށް އައިސްވާ ވާ ބަދަލާ ދޭތެރޭ ޖަންނަތު ވިސްނާލި އެވެ. އަބްޔާން ވަރަށް ތަފާތު ވެއްޖެ އެވެ. އަބްޔާން ޖަންނަތުއާއި ދިމާއަށް މާގިނައިން ބަލަން ހުންނަކަން ވެސް ޖަންނަތުއަށް ފާހަގަ ވިއެވެ. އަނެއްކާ އެއީ ޖަންނަތުއަށް އަންނަ ބަދަލެއްބާއޭ ޖަންނަތު ހިތަށް އެރި އެވެ.

ކުއްލިއަކަށް ވިދާލުމާއި އެކު ކަރަންޓު ކެނޑިގެން ދިޔަ އެވެ. އަދި ހަމަ އެ ހިނދުކޮޅުގައި ބާރު ގުގުރިއެއް ޖެހީ ޖަންނަތުގެ ހަޅޭކާއި އެކު އެވެ. ޖަންނަތު ކަންފަތުގައި އަތްއަޅައިގެން ސިޑިން ފައިބައިގެން އަނދިރީގައި ތިރިއަށް އައިސް ސޯފާގައި ގުޅަވެގެން އިނެވެ. އަދިވެސް ކަންފަތުގައި އަތް އަޅައިގެން އިނީ ގުގުރާއަޑު އިވޭތީ އެވެ. ޖަންނަތުގެ މޭގަނޑު ބާރަށް ތެޅެމުން ދިޔަ އެވެ. އަބަދުވެސް ގުގުރާއިރު ޖަންނަތު ބިރު ގަނެ އެވެ.

“ކަރަންޓް ވެސް ދިޔައީނު.” ރާޔާ އިނދެފައި އަބްޔާން ކައިރީ ބުނެލި އެވެ. “ވަރަށް ކައިރިއަށް ހޮނުއެޅިހެން ދޯ ހީވީ. ހާދަ ބިރެއް ގަނެއްޖެޔޭ.” އަބްޔާން ވެސް ހާސް ވެފައި ފޯނު ނަގާ ޖަންނަތުއަށް ގުޅަން ފެށި އެވެ. ޖަންނަތު ފޯނު ނުނެގުމުން ފުންމައިގެން ތެދުވި އެވެ.

“އޭ ރާޔާ، ދާން ޖެހިއްޖެ. ގުޅާނަން އިނގޭ.” އަބްޔާން ފޯނު ޖިންސް ޖީބަށް ކޮށްޕާލި އެވެ. އަދި އަވަހަށް އެތަނުން މަގުމައްޗަށް ނުކުތެވެ.

އަބްޔާން ބޭރަށް ނިކުތްއިރު މީހުން ތަކެއް ތަންކޮޅެއް ދުރުގައި ހުރި އިމާރާތް ކައިރީ އެއްވެފައި ތިއްބެވެ. އަބްޔާން ދުވަމުން ކަހަލަ ގޮތަކަށް ކައިރިފަށުން ދިޔައީ ތެމޭތީ އެވެ. އެހިސާބަށް ދެވުމުން އިނގުނީ އެ އިމާރާތުގެ މަތީގައި އިން އެންޓަނާއަށް ހޮނުއެޅި ކަމެވެ. އަދި އެ އެންޓަނާގެ އެއްބައި މަގުމަތީ އޮތެވެ. އަބްޔާން އެތާ މަޑުކުރާކަށް ނުހަދަ އެވެ. ޖަންނަތު އެކަނި ގޭގައި އިންނާނެތީ އަބްޔާންގެ ހިޔާލު ހުރީ އަވަހަށް ގެއަށް ދިއުމަށެވެ.

އަބްޔާން ތަޅުދަނޑިން ދޮރު ހުޅުވި އެވެ. މުޅިތަން ވަނީ އަނދިރިކޮން ނެވެ. ކަނު އަނދިރީގައި ފޯނުން އަލިކޮށްލަމުން އަބްޔާން އެތެރެއަށް ވަންކަމެއްނޭގެ ޖަންނަތު ކުއްލިއަކަށް އައިސް އަބްޔާން ގައިގައި ބައްދައި ގަތެވެ. އަބްޔާން އަރިއަޅާނުލީ ކިރިޔާ އެވެ. ޖަންނަތު ރޮނީ އެވެ. ދުވަހަކު ބިރުނުގަންނަ ވަރަށް ޖަންނަތު ހުރީ ބިރުގަނެފަ އެވެ. އަބްޔާން ހުރީ ކުއްލި ސިހުމެއް ލިބިފައި ހުއްޓުން އަރާފަ އެވެ. އެވަގުތު އަނެއްކާވެސް ގުގުރާލުމުން އިހުނަށްވުރެން ބާރަށް އަބްޔާން ގައިގައި ޖަންނަތު ބައްދައި ގަތެވެ. ކުއްލި ސިހުމެއް ލިބިފައި އަބްޔާންއަށް އިރުކޮޅަކު ހުރެވުނީ އެވެ.

“ޖަންނާ؟” ހިސާބަކަށް ތެމިފައި ހުރި އަބްޔާންއަށް ޖަންނަތުގެ ބުރަކަށީ އަތްޖައްސާލެވުނެވެ. އަދި ބޭއިހުތިޔާރުގައި ފިރުމާލެވުނެވެ. “ޖަންނާ ރިލޭކްސް… ކާލްމް ޑައުން.” އަބްޔާން ވަރަށް އޯގާތެރިކަމާއި އެކު މަޑުމަޑުން ބުނެލި އެވެ.

ޖަންނަތު އަނގައަކުން ނުބުނެއެވެ. އަބްޔާން މަޑުމަޑުން ޖަންނަތު ގައިން ދޫކޮށްލި އެވެ. ނަމަވެސް ޖަންނަތު ދޫކޮށްލާކަށް ނޫޅެ އެވެ. އަދިވެސް ވަރަށް ބާރަށް ޖަންނަތު ހުރީ އަބްޔާންގެ ގައިގައި ބައްދާލައިގެނެވެ. އިރުކޮޅަކަށް ފަހު އަބްޔާން މަޑުމަޑުން ޖަންނަތު އަބްޔާންއާއި ދުރުކޮށްލި އެވެ. އަދި ޖަންނަތުގެ ކޮނޑުގައި އަތްއަޅުވާލައިގެން ޖަންނަތު ގޮވައިގެން އެތެރެއަށް ވަންނަން ހިނގައިގަތީ ފޯނުން ކުރިއަށް އަލި ކުރަމުންނެވެ.

އަބްޔާން ޖަންނަތު ގެނެސް ކާމޭޒުކައިރިން ގޮނޑިއެއްގައި ބައިންދާފައި ދުރަށް ޖެހިލަން އުޅުނީ އުށްބައްތިއެއް ނަމަވެސް ހޯދާލާށެވެ. ނަމަވެސް ޖަންނަތު އަބްޔާންގެ އަތުގައި ހިފެހެއްޓި އެވެ. އަދިވެސް ޖަންނަތު އިނީ ވަރަށް ބިރުންނެވެ. އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ.

“ޖަންނާ، އަހަރެން ނުދަމޭ… ކެޑްލްއެއް ހޯދާށެ މިއުޅެނީ.” އަބްޔާން ބުންޏެވެ. އަދި ދިއްލާފައި އޮތް ފޯނު މޭޒުމަތީ ބޭއްވި އެވެ. ޖަންނަތު އަދިވެސް އަބްޔާންގެ އަތުން ދޫކުރާކަށް ހިޔާލެއް ނުކުރެ އެވެ. އޭރުވެސް ގުގުރާއަޑު އިވެ އެވެ. “ޖަންނާ، އަހަރެން ނުދާނަމޭ ޖަންނައާ ދުރަކަށް… ބަދިގެއިން އުއްބައްތިއެއް ހިފައިގެން އަންނާނަމޭ.” މިފަހަރު ޖަންނަތު އަތް މަޑުމަޑުން ދޫކޮށްލި އެވެ. އަދި އަބްޔާން ފޯނު ހިފައިގެން އަލިކުރަމުން ބަދިގެއާއި ދިމާއަށް ދާތަން ބަލަން އިނެވެ.

“ޖަންނާ، މަ ހިޔެއް ނުކުރަން ޖަންނަ ތިހާ ބިރުގަންނަ ކަމަކަށް.” އަބްޔާން ބަދިގޭގައި ހުރެގެންވެސް ޖަންނަތުއާއި ވާހަކަ ދައްކަމުންނެވެ. “މަ ހީކުރީ ޖަންނައަކީ ވަރަށް ބްރޭވް ކުއްޖެއް ކަމަށް… އެކަމަކު އެހެނެއް ނުވިދޯ. ޖަންނަ ބިރުގަންނަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މަ ހީކުރީ. އަސްލު ކޮންމެ މީހެއްގެވެސް ބިރުގަންނަ ކޮންމެވެސް އެއް ކަމެއް އޮންނާނެ ދޯ.” ދެ އުއްބަތި ރޯކޮށްގެން ދެއަތުން ހިފަހައްޓައިގެން އަބްޔާން އައެވެ. އުއްބައްތީގެ އަލި އަބްޔާންގެ މޫނަށް އެޅިފައި ހުރުމުން އަބްޔާން އާއި ދިމާއަށް ބަލަން ޖަންނަތު އިނެވެ. އަބްޔާންގެ މޫނުމަތިން ޖަންނަތުއަށް ފެނުނީ އޯގާތެރިކަމާއި ހިތްހެޔޮ ކަމެވެ.

“އާރ ޔޫ އޯކޭ ޖަންނާ؟” އަބްޔާން ދެ އުއްބަތި މޭޒުމަތީ ބައިންދާފައި ކަޅިޖަހާނުލާ އަބްޔާންއަށް ބަލަން އިން ޖަންނަތު ކުރިމަތިން ގޮނޑީގައި އިށީންނަމުން ބުނެލި އެވެ. ޖަންނަތުގެ މޫނަށް އެޅިފައިވާ އުއްބައްތީގެ ރަތް އަލިން އިތުރު ރީތިކަމެއް ފާޅުވާހެން އަބްޔާންއަށް ހީވި އެވެ. އެހެން ކަމުން އަބްޔާންއަށް ވެސް ކަޅިޖަހަނުލާ ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ އެވެ. ދެމީހުންގެ ހިތުގައި ހިނގަމުންދާ ނޭގޭ ޖަޒުބާތުތަށް އިތުރުވާން ފެށި އެވެ. އެވަގުތު ޖެހި ބާރު ގުގުރިން ދެމީހުންވެސް ދިޔައީ ސިއްސައިގެނެވެ. ޖަންނަތުއަށް ކުއްލިއަކަށް އަބްޔާންގެ އަތުގައި ހިފަހައްޓާލެވުނެވެ.

ޖަންނަތު ދުވަހަކުވެސް މިހާ ބިރެއް ނުގަނެ އެވެ. ރަށުގައި ވިދާ ގުގުރާއރު އަބަދުވެސް އާޒަތު ނޫނީ އާޔަތު ކައިރިއަށް ލައިގެން ޖަންނަތު އިނދެ އެވެ. އެކަހަލަ ރޭރޭ ނިދާނީ ވެސް އޭގެން މީހެއް ކައިރީ އެވެ. ޒާހިރާ ދުނިޔޭގައި ހުރި އިރު ގުގުރަން ފެށުމުން ދުވެފައި ގޮސް ޒާހިރާ ގައިގައި ބައްދައިގަނެގެން ހުރެ އެވެ.

 

“ޖަންނާ، އަދިވެސް ވަރަށް ބިރުންތަ ތީނީ؟” އަބްޔާން އަހާލި އެވެ. ޖަންނަތު ބޯ ޖަހާލި އެވެ. “ހިނގާ ސޯފާއަށް ދާން، ކަރަންޓް އަންނާނެ އިރެއްވެސް ނޭގޭނު.”

ދެމީހުން ސޯފާގައި ތިބީ ޖެހި ފިތިގެނެވެ. އަބްޔާން ދުރަށް ދާކަށް ޖަންނަތު ބޭނުމެއް ނުވި އެވެ. އަބްޔާން ފޯނަށް ބަލައިލާފައި އައިސްފައިވާ މިސްކޯލަކަށް ގުޅާލި އެވެ. އެއީ އާޒަތު އެވެ.

“އަބީބޭ، ގޭގަތަ ތިހިރީ؟
“އާން. ކިހިނެއްވީ؟”

“ތުއްތަ އެބައިންތަ؟”

“އާން، ދޭން….”

“ނުދެއްޗޭ! މިގަޑީ ތުއްތަ ވާހަކައެއް ނުދައްކާނެ.” އަބްޔާންގެ ޖުމްލަ ނުނިމެނީސް އާޒަތު ބުނެލި އެވެ. “އަޑުއަހާ އިނގޭ.”

“ކޮން ވާހަކައެއް؟”

“ތުއްތަ އަސްލު ވަރަށް ބިރުގަންނާނެ ގުގުރަންޏާ… ހަމަ ވަރަށް ބިރު ގަންނާނެ. ތުއްތަ ބިރުގަންނަ ކަމަކަށް އޮންނަ ކަމަކީ ހަމައެކަނި އެއީ. ޕްލީސް ތުއްތަ ބަލައިލައްޗޭ. ފަހަރެއްގައި އަބީބެ ވީމަ ބިރު ނުގަންނަ ކަމަށް ހެދިގެންވެސް އިނދެދާނެ… އެކަމު ވަރަށް ބިރުން އިންނާނީ. ވާހަކައެއް ވެސް ނުދެއްކޭނެ… އެހާ ބިރު ގަނެފަ އިންނާނީ.”

“ކުރިން ބުނިނަމަ.”

“އަނެއްކާ ކަމެއްވީތަ؟” އާޒަތު ކަންބޮޑު ވިއެވެ.

“ނޫނޭ،މަށަށް ކުރިން ނޭގޭތީ.”

“ޕްލީސް ޓޭކް ކެއަރ އަބީބޭ.”

“ޑޯންޓް ވޮރީ.” އަބްޔާން ފޯނު ކަނޑާލަމުން ޖަންނަތުއަށް ބަލައިލި އެވެ. އޭރު އަބްޔާންއަށް ބަލަހައްޓައިގެން ޖަންނަތު އިނެވެ. އަބްޔާން ފުންނޭވާއެއް ލިޔެވެ.

އަދިވެސް ދޭތެރެ އިން ގުގުރާއަޑު އިވެ އެވެ. ޖަންނަތު އަނގައިން ވސް ނުބުނެ ހަމަ އިންގޮތަށް އިނީ އެވެ.

“ޖަންނާ!” އަބްޔާން ޖަންނަތުގެ އުނގުމަތީ އޮތް ޖަންނަތު އަތުގައި ހިފާލަމުން ގޮވާލި އެވެ. “އަހަންނަށް ކުރިން ޖަންނަ ގުގުރި ދެކެ ބިރުގަންނަކަން އިނގުންނަމަ އަހަރެން ނުދިޔައިމުސް. ޖަންނަ ގެއަށް ލާފަ ނުކުތް އިރު ދުރުން ވިދާތަން މަށަށް ފެނުން. އެހެންވީމަ ކޮންމެސް ވަރަކަށް ގުގުރާނެކަން މަށަށް އިނގުން. އެކަމަކު ޖަންނަ ބިރުގަންނަ ކަމެއް މަށަކަށް ނޭގޭ ވިއްޔަ.” އަބްޔާން ޖަންނަ އަތުގައި ދެއަތުން ހިފާލި އެވެ. ޖަންނަތު ބަލައިލި އެވެ. އަދި ޖަންނަތުގެ އަތް މަޑުމަޑުން ދަމައި ގަތެވެ. ބުނަންނޭގޭ އިހުސާސްއެއް ވަނީ އެވެ. ލަދުވެތިކަމެއް މޫނުމައްޗަށް ވެރިވެގެން ދިޔަ އެވެ. ޖަންނަތުގެ ހަރަކާތައް ހައިރާން ވެފައި އަބްޔާން ބަލަން އިނެވެ.

އެވަގުތު ކަރަންޓް އައިސްފި އެވެ. އޭރުވެސް މަޑުމަޑުން ގުގުރާ އަޑު އިވެ އެވެ. އަބްޔާން ތެދުވެ ކުޑަ މޭޒުމަތީ ބޭންދި އުއްބައްތި ނިވާލި އެވެ. އަދި ކާ މޭޒުމަތީ އިން ބައްތި ވެސް ނިވާލުމަށް ފަހު އައިސް ސޯފާގައި އިށީނީ ޖަންނަތުއާއި ތަންކޮޅެއް ދުރުގަ އެވެ. އަބްޔާން ފޯނު ނަގައިގެން އޭގެން އައިސްފައިވާ ވައިބަރ މެސެޖުތައް ކިޔަން އިނެވެ.

“އަބީ….؟” އައިސްފައިވާ ހަމަ ހިމޭން ކަމުގެ ތެރެއިން ޖަންނަތުގެ އަޑު އިވުނެވެ. އެއަޑުގައި ލަދުވެތިކަން ވެއެވެ. “އަހަރެން…” ޖަންނަތުއަށް ވާހަކަ ނުދެއްކިގެން އުޅެނީ ލަދުން ކަމެއް ބިރުން ކަމެއް ނޭގެ އެވެ. ނަމަވެސް ކޮންމެވެސް ވާހަކައެއް ބުނަން ހިތްވަރު ކުރާކަން އިނގުނެވެ. އަބްޔާން އިނީ ޖަންނަތު ބުނަން އުޅެނީ ކީކޭކަމެއް ނޭގިގެން ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެނެވެ.

“އަބީ!” ޖަންނަތު އަނެއްކާވެސް ގޮވާލި އެވެ.

“ޖަންނާ، ޖަންނަ ބުނަން ތި އުޅޭ އެއްޗެއް މިހާރު ނުބުންޏަސް އޯކޭވާނެ. ޓޭކް ޔުއަރ ޓައިމް އެންޑް ރިލޭކްސް.” އަބްޔާން ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ. އަބްޔާންގެ އަޑުގައި ވަނީ އޯގާތެރި ކަމެވެ. އެހާ އޯގާތެރިކޮން މީގެ ކުރިން ދުވަހަކުވެސް ޖަންނަތުއާއި އަބްޔާން ވާހަކަ ނުދައްކަ އެވެ.

އަބްޔާން ޓީވީ ރިމޯޓް ނަގާ ޓީވީ ހުޅުވާލި އެވެ. އަދި ޗެނަލްތައް ބަދަލު ކުރަން ފެށި އެވެ.

“އަބީ…. އައި…. އޭމް ސޮރީ.” ޖަންނަތު ބުނެލި އެވެ. އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ.

“ކޮން ކަމަކާ؟” ޖަންނަތު އެހެން ބުނުމުން ހައިރާން ވެފައި އަބްޔާންއަށް އަހާލެވުނެވެ. އެވަގުތު ޖަންނަތުގެ މޫނުމަތިން ލަދުވެތިކަން ފާޅުވާން ހުރުމުން އަބްޔާންއަށް ވިސްނުނެވެ. އަދި ލާނެތް ހިންޏެއް އަބްޔާންގެ ތުންފަތައް ވެރިވެގެން ދިޔަ އެވެ.

“މީ، އަސްލު… އަހަރެން އެއީ… ގަސްތުގައެއް ނޫން… އަހަރެން އޭރު ހުރީ ވަރަށް …..ބިރު.. ” ޖަންނަތުއަށް އެހިސާބަށް ބުނެވުން ތަނާ އަނެއްކާވެސް ބާރަށް ގުގުރާލި އެވެ. ޖަންނަތު ސިއްސައިގެން ގޮސް އަބްޔާން ކައިރިއަށް ޖެހިލި އެވެ. އަދި އަބްޔާންއަށް ބަލައިލާފައި ދުރަށް ޖެހިލި އެވެ. އަބްޔާން ކައިރިއަށް ހިނި އައެވެ. ޖަންނަތު ލަދުން އިސް ޖަހާލި އެވެ.

“އަބީ، އައި އޭމް…” ޖަންނަތު އެހިސާބަށް ބުނި ތަނުން އަބްޔާން ވާހަކަ މެދުކަނޑާލި އެވެ.

“ސްޓޮޕް އިޓް ޖަންނާ،” އަބްޔާން ޖަންނަތާއި ދިމާއަށް އެނބުރުނެވެ. “ޖަންނައަށް ހީވަނީތަ ޖަންނަ ގަސްތުގައި ކުރާކަމެއް ކަމަށް އަހަރެން ހިތައް އަރަނީޔޭ. އައި ނޯ ޔޫ އާރ ސްކެއަރޑް. ޖަންނަ ވަރަށް ބިރު ގަނެފަކަން ތި އިންނަނީ މަށަށް އިނގެޔޭ. ސޯ ޑޯންޓް ބީ ސޮރީ. އިޓްސް އޯކޭ.” އަބްޔާން ބުންޏެވެ. އަދި ޖަންނަތުގެ އަތުގައި ހިފާލަމުން އަބްޔާން އާއި ކައިރި ކޮށްލި އެވެ. “އަހަރެން މީ އެހާ ދުރުމީހެއްނޫނެއްނު، އަހަރުމެން މީ ކުޑައިރުން ފެށިގެން ވެސް ކިހާ ކްލޯސް ބައެއް. ޖަންނަ ތިހެން ޖެހިލުންވެ ސޮރީ ބުނާ ވަރުގެ ކަމެއް އަދި ނުކުރެވޭނު.” ޖަންނަތުއަށް އަބްޔާން ގެ ލޮލަށް ބަލައިލެ ވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ނޭގޭ ގޮތްތަކެއް ދެމީހުނަށްވެސް ވެގެން ދިޔަ އެވެ. ޖަންނަތުގެ މުޅި ހަށިގަނޑަށް ކަރަންޓު އައި ކަހަލަ އެވެ. ކުއްލި އަކަށް ޖަންނަތު ދުރަށް ޖެހިލި އެވެ. އަބްޔާންއަށް ވެސް ވީ އެކަހަލަ ގޮތެ ކެވެ. އަބްޔާން އަވަހަށް ނޭގޭ ކަމަށް ހަދާފައި ރިމޯޓުން ޗެނެލް ބަދަލު ކުރަން ފެށި އެވެ.

އަބްޔާން ޗެނަލް ބަދަލު ކުރަމުން ގޮސް ހުއްޓާލީ ހިންދީ ފިލްމަކަށެވެ. އޭރު އޭގެން އަންނަނީ ނުވަދިހައިގެ އަހަރުތަކުގެ ފިލްމެއް ކަމަށްވާ ‘ކުޗު ކުޗު ހޯތާހޭ’ އެވެ.

“ޖަންނާ ހިނގާ ޑަބް ކުރަން،” އަބްޔާން ބުންޏެވެ. ޖަންނަތު ބަލައިލި އެވެ. “ޖަންނަމެން ބަހާރުގޭގައި އުޅުން އިރު އަހަރުމެން މި ފިލްމް އަބަދު ބަލަމެއްނު. އަދި ފިލްމުގެ އަޑު މަޑުކޮށްގެން އަހަރުމެންގެ އަމިއްލަ އަޑުން ވާހަކަ ދައްކަމެއްނު.”

ޖަންނަތު ހިނި އައެވެ. އެއީ ތެދެކެވެ. އެވަގުތު ޖަންނަތު ހިތުގައި

ކުޑައިރުގެ ހަނދާންތައް އާވެގެން ދިޔަ އެވެ.

“ލެޓްސް ސްޓާރޓް.” އަބްޔާން ޓީވީގެ އަޑު އެއްކޮން މަޑުކޮށްލާފައި ބުނެލި އެވެ. އަދި ޝާޙްރުކް ހާން ވާހަކަ ދައްކަން ފެށުމުން ޝާޙްރުކް ޙާން ގެ އަނގައާއި އެއްވަރަށް ވާހަކަ ދައްކަން ފެށި އެވެ. ޖަންނަތު ހިނއައިސްފައި ބަލަން އިނެވެ. އަދި ކާޖަލް ވާހަކަ ދައްކަން ފެށުމުން ޖަންނަތު އެއާއި އެއްވަރަށް ވާހަކަ ދައްކަމުން ދިޔަ އެވެ. ދެމީހުންވެސް ފޯރީގައި ފިލްމުގެ ހިސާބަކަށް އެގޮތަށް ކަންތައް ކުރަމުން ދިޔަ އެވެ. ނަމަވެސް ފިލްމުގައި ދެން ފެނިގެން ދާންފެށި އިޝްގީ ތަންކޮޅަކުން ޖަންނައާއި އަބްޔާންއަށް ވެސް ހުއްޓުން އެރި އެވެ. އަދި އެކަކު އަނެކަކުގެ މޫނަށް ބަލައިލެ ވުނެވެ.

“ހިނގާ ދެން ނިދަން އުޅެމާ.” އަބްޔާންގެ އަށިގަނޑަށް ކުރަމުން ދިޔަ އިހުސާސްތައް ކޮންޓްރޯލް ކުރަމުން އަބްޔާން ޓީވީ ނިވާލި އެވެ. ޖަންނަތު ވެސް ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިލި އެވެ. އޭރު އެކެއް ޖަހަން އުޅެނީ އެވެ. ޖަންނަތު އަވަހަށް ސޯފާއިން ތެދުވި އެވެ. އޭރު ގުގުރުން ވެސް ވަނީ ހުއްޓިފަ އެވެ. ވާރޭ ވެހޭ އަޑެއްވެސް ނީވެ އެވެ. ނަމަވެސް ފިނިކަން މުޅިގޭތެރޭ ވިއެވެ.

ޖަންނަތު ކޮޓަރިއަށްދާން މައްޗަށް އަރަން ފެށުމުން އަބްޔާން ވެސް ސޯފާއިން ތެދު ވިއެވެ. އަދި ޖަންނަތު ފަހަތުން އެރި އެވެ. ދެމީހުން ވެސް ދެމީހުންގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައިފައި ދެމީހުނަށް ބަލައިލި އެވެ.

“އިޓް ވޯސް ފަން.” އަބްޔާން ހީލަމުން ބުންޏެވެ.

“ގުޑް ނައިޓް އަބީ.” ޖަންނަތު ވެސް ހީލާފައި ބުނެލި އެވެ. އަދި ދޮރު ހުޅުވާ ކޮޓަރިއަށް ވަދެ ލެއްޕި އެވެ.

“ކިހިނެއްތަ މިވަނީ ޖަންނާ؟ ދުވަހަކުވެސް ނުވާގޮތް ތަކެއް މީ” އަބްޔާން މަޑުމަޑުން ބުނެލި އެވެ. އަދި ކޮޓަރިއަށް ވަދެ ލެއްޕި އެވެ.

ޖަންނަތުގެ ނިދި ވަނީ ފިލާފަ އެވެ. އެނދުގައި ފުރޮޅި ފުރޮޅި ޖަންނަތު އޮތެވެ. ނިދި އަންނަގޮތެއް ނުވެ އެވެ. ހިޔާލަށް އަންނަނީ އެރޭ އަބްޔާންއާއި އެއްކޮން ހޭދަވި ވަގުތު ތަކެވެ. ދިމާވި ކަންތައް ތަކެވެ.

އަބްޔާންގެ ހާލަކި ވެސް އެއީ އެވެ. ޖަންނަތު އައިސް އަބްޔާން ގައިގައި ބައްދައި ގަން ވަގުތު ކުރެވެމުން ދިޔަ އިހުސާސާއި މެދު ވިސްނެނީ އެވެ. ކޮން ފަދަ ޖަޒުބާތެއް ހެއްޔެވެ. އަބްޔާންގެ އެންމެ ހިމަ ނާރަށް އަސަރުކޮށްފައި ވާކަހަލަ އެވެ. އެނދުގައި އޮވެ ނުނިދުނެވެ. އެންމެ ފަހުން ފޯނު ނަގައިގެން ފޯނާ ކުޅެން އޮތެވެ. އެކަންވެސް ކުރެވޭގޮތެއް ނުވި އެވެ. ހިތުގައި އުފެދިފައިވާ ނޭގޭ ޖަޒުބާތުން އެއްކަމެއް ވެސް ކުރާހިތެއް ނުވި އެވެ. އަބްޔާން ކޮޓަރިން ބޭރަށް ނިކުމެވެން ހުރި ބެލްކަންޏަށް ނުކުތެވެ. މަގުމައްޗަށް ބަލައިލި އެވެ. މުޅި މަގަށް ވަނީ ހަމަހިމޭންކަން ވެރިވެފަ އެވެ. މީހެއްގެ ހިލަމެއް ވެސް ނުވެ އެވެ.

“އަހަންނަށް ލޯބި މި ވެވުނީ އަދިކިރިޔާތަ؟ ތަނާއާއި އެކު އެހާ ކްލޯސްކޮން އުޅުން އިރުވެސް މިވާ ގޮތް ތަކެއް މަށަކަށް ނުވޭ. މީތަ ލޯތްބަކީ؟” އަބްޔާން ބެލްކަނީގައި ހުރީ ލައިގެން ހުރި ގޮޅިޖެހި ހަރުވާޅުގެ ޖީބައް އަތްކޮށްޕާލައިގެނެވެ. އެހެން ހުރި އިރު ހިތައް އަރަމުން ދިޔަ އެވެ. “އެކަމަކު ލޯބި މިވެވުނީ ޖަންނަތު ދެކޭތަ؟ އެއީ ކީއްވެ؟ އަހަންނާ ޖަންނަތުއާ އެކަށީގެން ވޭތަ؟ އަހަރެންމީ ކިހިނެއް އުޅެމުންއައި މީހެއް؟ ޖަންނަތު އެއީ މާތް ކުއްޖެއް… ނޫންނޫން އަހަންނާ ޖަންނަތުއާ… ޝީ އިޒް ނޮޓް މައި ޓައިޕް…. އެކަމަކު ވެސް ހިތައް މިވަނީ ކިހިނެއްތަ.” އަބްޔާން އެހެން އެތަކެއް އިރު ހުއްޓެވެ. އެހެން ހުއްޓާ ފަތިސް ނަމާދުގެ ބަންގި ގޮވަން ފެށި އެވެ. ހަމަހިމޭން ކަމުގެ ތެރެއިން އެކި މިސްކިތް ތަކުން ބަންގި ގޮވާއަޑު އިވެން ފެށި އެވެ. މުޅި މާހައުލު ވަނީ ބަންގީގެ އަޑުން ގުގުމާލާފަ އެވެ. އަބްޔާން އިރުކޮޅަކު ވިސްނާލަން ހުރެފައި ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލުކޮށްލި އެވެ. އަދިފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުތެވެ. ލޯގަނޑު ކައިރިއަށް ހުއްޓިލާފައި ބޯމާން ކޮށްލުމަށްފަހު ބޭރަށް ނިކުތީ މިސްކިތައް ދާށެވެ. މީން ދުވަހަކު ފަތިސް ނަމާދަށް އަބްޔާން ގޮސްފައެއް ނެތެވެ. ކޮންމެ ދުވަހަކު ފަތިހާ ހޭލަން އާދަވެފައި ވާއިރުވެސް ނަމާދަށް ދާން މުހިންމު ކަމެއް ނުދެ އެވެ. ފުޓުބޯޅަ ކުޅެން ދިއުން އެއަށް ވުރެން މުހިންމު ވެފައި ވިއެވެ.

އަބްޔާން މިސްކިތައް ވަންއިރު މީސްކިތުގައި މީހުން ވަރަށް މަދެވެ. ގަމަތް ދޭން ފެށި އިރު ކިރިޔާ ދެސަފު ހަމަވެފައި ވެއެވެ.

ޖަންނަތު ނަމާދުން ފައިބައިގެން ތިރިއަށް ފޭބި އެވެ. އަދި ކޮފީއެއް ގިރާލަން ކަރަންޓް ކުރާ ޖައްސާލައިގެން ޖޯޑެއް ތައްޔާރުކޮށްލައިގެން ޖަންނަތު ހުއްޓެވެ. ބޭރު ދޮރުގައި މީހަކު ހިފިހެން ހީވެގެން ޖަންނަތު ބަލައިލި އިރު ޝަމްސުއްދީނު އައިސް ގެއަށް ވަންނަނީ އެވެ.

“ދައްތަ ކޮފީ ބޭނުންވަނީ ތިބެނީ ދޯ… އަހަރެން ހަދާދެނީ.” ޝަމްސުއްދީނަށް ޖަންނަތު ފެނުމުން ބުނެލި އެވެ.

“އަހަރެން ހަދާލަފާނަން، ޝަމްސުއްދީން ކުރާކަމެއް ކުރަން ދޭ.” ޖަންނަތު ބުނެލި އެވެ.

ކޮފީ ޖޯޑު ހިފައިގެން އައިސް މޭޒުކައިރީ އިށީދެ ފޯނުން ނޫސް ކިޔަން ގެއްލިފައި ޖަންނަތު އިނެވެ. އެހެން އިން އިރު އިރުކޮޅަކާ ކޮފީ ފޮދެއް ބޯލަ އެވެ. ބޭރުން އަބްޔާންއައިސް ވަނުމުން ޖަންނަތުއަށް ބަލައިލެ ވުނެވެ. އަބްޔާން ބޭރުން އައުމުން ޖަންނަތު އިނީ ހައިރާން ވެފަ އެވެ.

“މަށަކަށް ކޮފީއެއް ނުލިބޭނެތަ؟” އަބްޔާން އައިސް މޭޒުދޮށުގައި އިށީންނަމުން ބުނެލި އެވެ. ޖަންނަތު އެއްޗެއް ނުބުނެ ތެދުވީ އަބްޔާންއަށް ކޮފީ ހަދާށެވެ. ކުއްލިއަކަށް އަބްޔާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 21 ވަނަ ބައި

Next

ހިޔަނި (ފުރަތަމަ ބައި)

Next
April 15, 2016

ހިޔަނި (ފުރަތަމަ ބައި)

Previews
April 15, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 21 ވަނަ ބައި

8 Comments!

  1. Ki says:
    April 15, 2016 at 9:37 am

    Woooolw v rythi

  2. jann says:
    April 15, 2016 at 10:50 am

    adhi kiriya mi vahaka reethi vaan mifeshy.. v salhi mihaaru vaagoiy

  3. aff says:
    April 15, 2016 at 12:13 pm

    wow .. warah habeys

  4. aalaa says:
    April 15, 2016 at 1:07 pm

    Mi vaahakaige 9 vana part dhivehi vaahaka .com ga eba in

    1. princess says:
      April 15, 2016 at 1:52 pm

      Thnkx aalaa

  5. Shaai says:
    April 15, 2016 at 4:07 pm

    Tnks aasi thikuraa hihvarah. V obi story. Vvvvvvvvvv vvvvvvvvvv rythi. Keep it up

  6. zai says:
    April 16, 2016 at 11:36 am

    inthihaayah reethi.. vaahaka kiyamun dhaairu sifavaa kahala.. waiting for the next episode..

  7. Yush says:
    April 16, 2016 at 3:56 pm

    Wrh wrh rythi mi waahakah….. waiting 4 next part…..:-)

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 9 ވަނަ ބައި←


All Right Reserved!