Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މި ހިތުގާ ވަނީ ހަމަ ކަލާ – 2

Luuthyy Level 1
June 2, 2026 4 Mins Read
2 Comments

“މިހާ ވިއްސާރަ އިރު ތިހިން ތެމިގެން އިނީމަ ބަލި ވެދާނެ.” ރައްޔާން އެންމެ ފަހުން ވާހަަކަ ދައްކަން ނިންމިއެވެ. “އަނެއްކާ ގޯސް ގޮތަކަށް ހީ ނުކުރައްޗެ. އެކަނި ތިހިން އިންތަން ފެނުނީމަ ބައިންދާފަ ދާން ނުކެރުނީ.” ރައްޔާން ބުނެލި ޖުމުލައާއި އެކު އެ އަންހެން ކުއްޖާ ބޯ ހިއްލާލިއެވެ. އެ ކުއްޖާގެ މޫނު ފެނުމުން ރައްޔާން އަށް ހީވީ ފައި ދަށުން ބިންގަނޑު ދެމިގަތްހެނެވެ. ކުރިމަތިން ފެންނަމުންދާ ސޫރަ ގަބޫލު ކުރަން ރައްޔާންއަށް ދަތިވިއެވެ. އިތުރު ބަހެއް ބުނުމެއްނެތި އަންހެން ކުއްޖާގެ މޫނަށް ބަލަން އިނދެވުނީއެވެ.

 

“ދަހާ! ދަހާ…” ރައްޔާންއަށް މަޑުމަޑުން ބުނެލެވުނެވެ. ދަހާގެ މޫނު މަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. ރައްޔާން އެކޭ އެއްފަދައިން އޭނާވެސް ވަނީ ދެން ދުވަހަކުވެސް ދިމާ ވެދާނެ ކަމުގެ އުންމީދު ކަނޑާލާފައެވެ.

ެ

“އެއްވެސް ސުވާލެއް ނުކުރައްޗެ.” ރައްޔާން ވާހަކަ ދައްކަން އުޅޭހެން ހީވުމުން ދަހާ ބުނެލިއެވެ. އޭނާ ދަހާގެ ފަރާތުން ބޭނުންވާ އެތައް ޖަވާބެއް ހުންނާނެކަން ދަހާއަށް އިނގެއެވެ. ދަހާގެ ހިތުގައިވެސް ސުވާލެއް ނެތީއެއް ނޫނެވެ. އެތައް ޝަކުވާއެއްވެސް އެބަ ހުއްޓެވެ. އެހެނަސް އެ ހުރިހާ ވާހަކައެއް ދުލަށް ގެންނާނޭ ގޮތެއް ނުވިސްނުނީއެވެ. ރައްޔާން ސުވާލެއް ކޮށްފިނަމަ ޖަވާބު ދޭނެ ގޮތެއްވެސްމެއެވެ.

 

ރައްޔާން ތެދުވެ ދަހާއަށް އަތް ދިއްކޮށްލިއެވެ. ދަހާ ދެކޮޅު ހެދުމެއް ނެތި އެ އަތުގައި ހިފާ، ތެދުވީ އޭނާ އެކަނި ބައިންދާފައި ރައްޔާން ނުދާނެކަން ޔަގީން ވާތީއެވެ. ރައްޔާންގެ ގެއާއި ހަމައަށް ދެވުން އިރުވެސް ދެމީހުން މެދުގައި ވާހަކައެއް ނުދެކެވޭތާނގަ އެކަކު އަނެކަކާ ދިމާއަށް ބަލައިލުމެއްވެސް ނެތެވެ. ވިއްސާރަ ވެހެމުންދާތީ މަގުމަތިން ވަރަށް މަދު މީހެެއް ނޫނީ ނުފެންނަކަން ނަސީބެކެވެ. ނޫންނަމަ ރަށު ތެރެއަށް އަރާނީ ކޮންފަދަ އަޑެއް ކަމެއްވެސް ނޭނގެއެވެ.

 

ތެޅިގަލުން އާދައިގެ ގޮތަކަށް ހަދާފައިވާ ގޭގެ ދޮރާށި ހުޅުވާލަ ދިނުމުން އެތެރެއަށް ވަތް ދަހާގެ ފަހަތުން ރައްޔާން ވަދެ ދޮރު ލައްޕާލިއެވެ. ގޯތި ތެރެއަށް ދަހާ ނަޒަތު ހިންގާލިއެވެ. 3 މީހުނަށް އިށީނދެވޭ ވަރުގެ ޖޯލިފައްޗެއް ހުއްޓެވެ. ފާރަށް ޖުމުހޫރީ މޭވާ ވެލެއް އަރުވާފައި އޮތް އިރު އިންދާފައި ހުރި އެކި ވައްތަރުގެ މާ ގަސް ތަކުން ގޯތި ތެރެއަށް ދިރުން ގެނެސްދީފައިވެއެވެ.

 

ރައްޔާންގެ ފަހަތުން ދަހާ ގޭތެރެއަށް ވަނުމާއިއެކު، ސޯފާގައި އިށީނދެލައިގެން އިން ރަހުމާ ބިރެއް ފެނިގެން ކަހަކަ ގޮތަކަށް ތެދުވިއެވެ. “ކަލޭ! ބަލާބަލަ ލަދު ކުޑަކަން. ކާކުގެ ހުއްދަ ހޯދައިގެން ކަލޭ މި ތަނަށް ވަނީ ތި؟ ރައްޔާން މޮޔަ ވީ ތަ؟ މި ސުންޕާ ކުއްޖާ ހަމަ މިހާރު މިގެއިން ނެރޭ. އޭނަ ރައްޔާންއަށް ހެދި ގޮތް ހަނދާން ނެތުނީތަ؟” ރަހުމާ ރުޅި އައިސްގެން ފައްޗަކަށް އަމުނާލިއެވެ.

 

“މަންމަ ދޭ ގެއަށް.” ރައްޔާން ރަހުމާއަށް ޖަވާބުދާރީ ވާކަށް ގަސްދެއް ނުކުރިއެވެ. “ބަލަ މަ ރައްޔާންއާއޭ މި ވާހަކަ ދައްކަނީ. ކީއްކުރަން އޭނަ މި ގެއަށް ތި ގެނައީ؟” ރަހުމާ ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. ” އަހަންނަށް ދަހާ ފެނުނީ މަގުމަތިން. މޫދު ކައިރިން.” ރައްޔާން ބުނެލިއެވެ. “ކައިވެނި ހެދުމުގަ؟ އަނެއްކާ އަނެއް ފިރިހެނަކަށް ދޯކާ ކަނޑާފަ ފިލީ ދޯ؟ ކަލޭ ކުޅޭ ކުޅިވަރެއްތަ ކައިވެންޏަކީ؟ ލަދެއްވެސް ނުގަނޭ ދޯ މަގޭ ދަރި ކައިރިއަށް އަނެއްކާ އަންނާކަށް؟ ކަލޭ..” “މަންމާ!” ރައްޔާން ރަހުމާގެ ޖުމުލަ މެދު ކަނޑާލިއެވެ. “ގެއަށް ދާށޭ އަހަރެން މި ބުނީ. ޕްލީޒް.” ދަހާއާއި ދިމާއަށް އޭނާގެ މަންމަ އެހާ ހަޑިކޮށް ވާހަކަ ދައްކާތަން ބަލާކަށް އޭނާއަކަށް ނުހުރެވޭނެއެވެ. “ކަލޭ ހީ ނުކުރައްޗެ ކަލެއަށް މޮޅު ލިބޭނެއޭ.” ރަހުމާ ނުކުންނަމުން ދަހާއަށް އިންޒާރު ދިނެވެ.

 

ރައްޔާން ދަހާއާއި ދިމާއަށް އެނބުރި ބަލައިލި އިރު ކުރިން ފާހަގަ ނުވި ކަމެއް ލޮލުގައި އަޅައިގަތެވެ. ދަހާގެ އަތުގައި ހަލާކުވެފަ ހުރި ތަންތަން ހުއްޓެވެ. އޭނާގެ ހެދުުމުގެ އެކި ތަންތަނުގަ ލޭ ހޭކިފައި ހުއްޓެވެ. “މިޔޯ؟” ރައްޔާންއަށް ދަހާގެ އަތުގައި ހިފާލެވުނެވެ. ދަހާ އޭނާގެ އަތް ފޮޅުވާލާފައި ގޯތި ތެރެއަށް ނުކުމެ ޖޯލިފަތީގައި އިށީންދެލިއެވެ.

 

ރަހުމާގެ ވިހަ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ދުވަހުގެ ހަނދާންތައް ދަހާގެ ހިތުން ފިލައިގެން ގޮއްސަ ނުވި ނަމަވެސް މިއަދު އަނެއްކާވެސް ކުރިމަތިން އެ ހުރިހާ ކަމެއް ސިފަ ވެގެން ދިޔަ ކަހަލައެވެ. އެ ހަނދާންތައް އޭނާ ރޮލާ ކަމުން ދާ ކަހަލައެވެ.

 

** 3 އަހަރު ކުރި **

 

ބުރުޒު ކޭޓަރިންގެ މާލަން އޮތީ ހުދު ކުލައާއި ކުކުޅު ބިސް ކުލައިގެ މާމަލުން ޖަރީ ކޮށްފައެވެ. އެ ތަނުގައި މަސައްކަތް ކުރާ މީހުން ތަށިތަންމަތި ތައްޔާރު ކުރުމަށް ހަރަކާތްތެރިވަމުން ދިޔަ އިރު އާއިލާއާއި ގާތް ރަހުމަތްތެރިން އެ ތަނުގައި މަޑު ކޮށްލައިގެން ތިއްބެވެ.

 

ހުދު ގަމީހަކާއިއެކު ކަޅު ކޯޓެއް ލައިގެން ހުރި ރައްޔާން ދެ ކޮޅަށް ހިނގާލަމުން އިރު އިރުކޮޅާ ގަޑި ބަލައިލައެވެ. ” ދަރިފުޅު އައިސް މިތާނގަ އިށީނދެބަލަ. އެ މަންޖެ އަންނާނެއޭ.” ނަރީމާ ރައްޔާންއާ ގާތް ވެލަމުން ބުނެލިއެވެ. ” 4 ޖަހަން ބައި ގަޑި އިރަށް ވިއްޔޭ. އަހަރެން ގުޅީމަ ފޯނެއްވެސް ނުނަގަ.” ރައްޔާން އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސާލަމުން ޖަވާބު ދިނެވެ.” ކައިވެނި ކުރާ ހިތުން ކެތް މަދު ވެގެން އުޅޭ ކުދިން ކުދިން ފެނޭ އެބަ.” ރައްޔާންގެ ބޭބެ ރަޔާން އޭނާއާ ދިމާ ކޮށްލިއެވެ. “ފަހަތް ބަލައިލަބަލަ” ރަޔާން އިތުރު ކޮށްލިއެވެ.

 

ފަހަތަށް އެނބުރި ބަލައިލުމާއިއެކު އޭނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ކުރިމަތީގައި ފެންނަން ހުރި އޭނާގެ ހިތުގެ މަލިކާއަށް ހިތާހިތުން ތައުރީފް ކޮށްލެވުނެވެ. ހުދު ކުލައިގެ ނެޓު ފޮތިން ފަހާފައި ހުރި ކައިވެނި ހެދުން ދަހާއާ ނުހަނު ގުޅެއެވެ. ވަށް ފަސް ބަޔަށް ފަހާފައި ހުރި ހެދުމުގެ އަތް ހުރީ ފުއްޕާލާފައެވެ.

 

ފަން އިސްތަށިގަނޑުގެ އެއްބައި އޮތީ އައްސާލާފައި، ބާކީ ބައި ހާމައަށް ދޫކޮށްލާފައެވެ. ނިތް މައްޗަށް ދެ ފަރާތުން ވައްޓާލާފައިވާ އިސްތަށިކޮޅުން އެ ރީތި މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ.

 

“ނޭވާ ނުލާ ހުއްޓަ މަރުވެދާނެ.” ދަހާގެ އެންމެ ގާތް އެކުވެރިޔާ ޒީނާ، އެ ދެމީހުން ރަކި ކޮށްލުމުގެ ބޭނުމުގައި ބުނެލިއެވެ. ރައްޔާންގެ ތުންފަތައް ވެރިވި ރަކި ހިނިތުން ވުމާއި ދަހާގެ މޫނަށް އެރި ޖަންބު ކުލައިން ޒީނާގެ ބޭނުން ފުރިހަމަވިކަން ހާމަ ކޮށްދިނެވެ.

 

ރައްޔާން އަތުން އިޝާރާތް ކޮށްލުމުން ދަހާ އޭނާގެ ފަހަތުން ހިނގައިގަތެވެ. “ވިލް ޔޫ މެރީ މީ؟” ކާ އެއްޗިހިތައް އަތުރާފައި ހުރި މޭޒު ކައިރިއަށް ދެވުމުން ރައްޔާން ހުއްޓިފައި ރަތް ފިނިފެންމަލެއް ދިއްކޮށްލިއެވެ. “އިންނާކަށް ނޫންބާ ކައިވެނި ހެދުމުގަ މިތަނަށް މި އާދެވުނީ؟” ދަހާ ހީލަމުން މަލުގައި ހިފާލިއެވެ. އެ ވަގުތު ރައްޔާންގެ އާއިލާ މީހަކު ރައްޔާންއަށް ގޮވާލިއެވެ. “އަހަރެން އެބަ އަންނަން. ނުގެއްލެއްޗެ.” ދަހާ ގާތު އެހެން ބުނެލަމުން ރައްޔާން ދުރަށް ޖެހިލިއެވެ. ކޭޓަރިންގެ ކުޑަ މައްސަލައެއް ދިމާވެގެން އެކަން ހައްލު ކޮށްލަން ދާން ޖެހުނީއެވެ.

 

“ދަހާ ފޯނަށް މީހަކު އެބަ ވަރަށް ގުޅާ.” ޒީނާ ދަހާ އަތަށް ފޯނު ދިއްކޮށްލިއެވެ. ނުދަންނަ ނަމްބަރަކުން 8 މިސްޑް ކޯލް އިނެވެ.

އަނެއްކާވެސް އެ ނަމްބަރުން ގުޅަން ފެށުމުން ދަހާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

 

“އެއްވެސް މީހަކަށް އަންގައިގެން ނުވާނެ ވާހަކަ ދައްކަނީ ކާކާކަން. ކަމެއް ގޯސްވިކަން މީހަކަށް އެނގުނަ ނުދޭތި. ތިތާ ކައިރި މޭޒަށް ބަލައިލަބަލަ. މަ ބުނާ ގޮތް ނުހެދިއްޔާ އޭނަ ރައްޔާންއަށް ހަމަލާ ދޭނެ. ރައްޔާން ސަލާމަތުން ބަހައްޓަން ބޭނުމިއްޔާ ބޭރަށް ނުކުމޭ. އެކަނި އަންނާނީ.” ދަހާ ބަލައިލުމާއިއެކު އެ މީހާ ޖީބުން ވަޅިއެއް ނަގާ ދައްކާލިއެވެ.

 

ހިތަށް ވެރިވެގެން ދިޔަ ބިރުވެރި ކަމާއިއެކު ދަހާ ބޭރަށް ނުކުތުމަށް މިސްރާބު ޖެހިއެވެ. “އޭ ކަމަނާ ކޮން ތާކަށް؟” ޒީނާ ދަހާގެ އަތުގައި ހިފަހައްޓަމުން އަހާލިއެވެ. “މި ތަނަށް ރޭންޖު ނުލިބެނީ ކަންނެންގެ. އެބަ އަންނަން ބޭރަށް ޖެހިލާފަ.” ދަހާ ހިނިތުންވެލަމުން ރައްދު ދިނީ ޒީނާއަަށް ޝައްކެއް ވިޔަ ނުދިނުމަށެވެ. ޒީނާ އޭނާއާއި އެކު ނުކުންނަން އުޅުމުން ދެކޮޅު ހަދާފައި ދަހާއަށް ނުކުމެވުން އިރު ކައިވެންޏަށް 15 މިނިޓަށް ވެއްޖެއެވެ.

 

ދަހާ ތިރިއަށް ފޭބި އިރު ސައިކަލެއްގައި ނިހާމް އޭނާގެ އިންތިޒާރުގައި އިނެވެ. “ނިހާމް ކިހިނެއް ވެގެންތަ ތި އުޅެނީ؟ މިހާރު ކޮން ކަމަކާ މި ތަނަށް ތި އައީ؟” ދަހާ ވަރަށް ރުޅި އައިއްސައި އަހާލިއެވެ. “އަހަރެން މި އައީ ދަހާ ބަލައި. އޭރުވެސް ބުނީމެއްނު އަހަރެން ނޫން މީހަކާ ދަހާ ކައިވެނި ކުރިޔަކަ ނުދޭނަމޭ.” ނިހާމް ޖެހިލުމެއް ނެތި ބުނެލިއެވެ.

 

“އަހަރެން ނިހާމް ދެކެ ލޯތްބެއް ނުވެއޭ ބުނީމަ ކީއްވެތަ ނުވިސްނެނީ؟” “މާ ވާހަކަ ގިނަ ނުކޮށް ސައިކަލަށް އަރާ. ރައްޔާން މަރުވާންތަ ބޭނުމީ؟” “ނޫން ނޫން. ޕްލީޒް ރައްޔާންއަށް ގޮތެއް ނުހަދައްޗެ.” ދަހާގެ ލޮލުން ކަރުނަ ހިލުނެވެ. “އެހެންވިއްޔާ ސައިކަލަށް އަރާ.” ދަހާގެ އަތުގައި އޮތް ފިނިފެންމާ އެއްލައިލަމުން ނިހާމް އަމުރު ކުރިއެވެ.

 

ގޮތް ހުސްވެފައިހުރެ ދަހާ ސައިކަލަށް އެރި ވަގުތަކީ ރައްޔާންއަށް ބޭރަށް ނުކުމެވުނު ވަގުތެވެ. ދަހާއަށް އޭނާ ގޮވާލުމުންވެސް ދަހާ އެނބުރި ބަލައިނުލީ ރައްޔާންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ބޭނުން ނުވާތީއެވެ. ރައްޔާންއަށް ލޯމަތިން ދަހާ ގެއްލެއްދެން ބަލަން ހުރުން ނޫން ކަމެއް ނުކުރެވުނެވެ.

 

ވިއްސާރައިގެ ސަބަބުން މަގުގައި ހެދިފައިވާ ފެންގަނޑުގައި އޮތް ފިނިފެންމާ ރައްޔާންގެ ލޮލުގައި އަޅައިގަތެވެ. ފެންކަޅިވެފައި ހުރެ އެ މާ އަތު ތެރެއަށް ނަގާ ބޮނޑިކޮށްލަމުން ލޮލުގައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކުރުމުގެ އިޒުނަ ދިނެވެ. މި ވީ ކިހިނެއް ކަމެއް އޭނާއަކަށް ނުވިސްނުނެވެ. މަދު ސިކުންތުކޮޅެއް ތެރޭ މުޅި ދިރިއުޅުން ފުނޑުފުނޑުވީއެވެ. އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް، އެންމެ ހިތާމަވެރި ދުވަހަށް ބަދަލުވެގެން އެ ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.

 

Share Article

Follow Me Written By

Luuthyy

Level 1

Just a 22 year old, bringing her imaginations to life <3

Other Articles

Previous

ތަޤުދީރު -6

Next

ޖަވާހިރުގެ ބާރު 2 – 13

Next
June 2, 2026

ޖަވާހިރުގެ ބާރު 2 – 13

Previews
June 2, 2026

ތަޤުދީރު -6

2 Comments!

  1. Dropx says:
    June 2, 2026 at 3:13 pm

    Cant wait for the next one

  2. Luuthyy says:
    June 2, 2026 at 5:46 pm

    Insha Allah soon

Comments are closed.



All Right Reserved!