މި ހިތުގާ ވަނީ ހަމަ ކަލާ 1
ކަޅުފޮއެ ރެއެކެވެ. ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޖައްވުތެރޭގައި ވަނީ ތެތް ފިނި ކަމެއް ހިފާފައެވެ. ގަދައަށް ވައި ޖެހެމުން ދިޔައީ އަނެއްކާވެސް ބޯ ވިލާ ގަނޑަކަށް ތައްޔާރުވަމުންނެވެ. ކުޅުދުއްފުށީ ސަހަރާ ކައިރީގައި ތިބި މީހުން އަވަސްވެގަތީ ވިއްސާރައިގައި ޖެހުމުގެ ކުރިން އެ ބައެއްގެ ފުރާޅު ދަށަށް ވަދެވޭތޯއެވެ. މިއީ ދުނިޔޭގެ އާދައެވެ. މައްޔިތާ ވަޅުލެވުމާއިއެކު އޭނާ ދޫކޮށް، އެންމެންވެސް އަމިއްލަ ދިރިއުޅުމަށް ރުޖޫޢަވީއެވެ.
މުޅި ސަރަހައްދުން މީހުން ހުސްވެ، ގަޑި އިރެއް ފާއިތު ވެގެން ދިޔަ އިރުވެސް ރައްޔާން އަދިވެސް ހުރީ ގަބުރުސްތާނު ތެރޭގައެވެ. ބޯކޮށް ވާރެ ވެހެން ފެށުމުންވެސް ގުޑިލާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެ ތަން ދޫކޮށް ދާން އޭނާ ބޭނުންވެސް ނުވީއެވެ. މައްޔިތާއަށް ފަހު ފިޔަވަޅު އިވޭނެކަން އިނގޭ އިރު އޭނާގެ ލޯބިވާ މާމަ އެކަނި ކޮށްލާފައި އެ ތަނުން ދިއުމަކީ ހިތަށް ކުޅަދާނަ ކަމަކަށް ނުވީއެވެ. އެތައް އިރަކު އެތާނގައި ހުރެގެން މާމައަށް ހެޔޮ ދުޢާ ކޮށްދިނުމަށްފަހު އޭނާ އެ ތަނުން ނިކުންނަން މިސްރާބު ޖެހިއެވެ.
ތެމެމުން ދިޔައެއްކަމަކު ފަރުވާއެއް ނުބަހައްޓައި މަޑު ހިނގުމެއްގައި އޭނާ ކުރިއަށް ދިޔައީ ދާނެ ވަކި މަންޒިލެއް ނިންމުމެއްނެތިއެވެ. އެތައް އިރެއްގެ ހިނގުމަށްފަހު އޭނާ ނުކުތީ ރަށު އެއާޕޯޓު ސަރަހައްދުން މޫދާ ދިމާއަށެވެ. ދޮންވެލިގަނޑުގައި އިށީނދެލަމުން އޭނާގެ ނަފްސު ކުޑަ އިރުގެ ހަނދާންތަކުގެ ތެރެއަށް ދޫކޮށްލިއެވެ.
ރައްޔާންގެ މައިންބަފައިންނަކީ އޭނާ އެންމެ ކުޑަ އިރުއްސުރެ ވިޔަފާރީގެ މަސައްކަތުގައި އަވަދި ނެތި އުޅުނު ބައެކެވެ. އަސްލަމް އަކީ ގޭގައި ހުރެވޭ ވަގުތެއްގައިވެސް ރައްޔާންއާއި އެކު ވަގުތު ހޭދަ ކުރާ މީހެއް ނޫނެވެ. އޭނާގެ ނަޒަރުގައި ދަރިންނަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދިނީމައި އޭނާގެ ޒިންމާ އަދާ ކުރެވުނީއެވެ. އޭނާ އަކީ މުއްސަންޖެއް ކަމުން ރައްޔާން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮވެއެވެ. މައެއްގެ ލޯބި ދޭން ހުރި ރަހުމާގެ ޢަމަލުތައްވެސް ހުންނަނީ މިފަދަ ގޮތަކަށެވެ. ރައްޔާން ސުކޫލަށް ލައިދީ، ނިމުމުން ބަލައި ގޮސް، މީޓިން ތަކަށް ހާޒިރު ވުމުން އޭނާގެ ޒިންމާ އަދާ ކުރެވުނީ ކަމުގައި އޭނާ ދެކެއެވެ.
އޭނާގެ މައިންބަފައިންގެ ފަރާތުން ނުލިބުނު އަޅާލުމާއި ލޯބި އޭނާ އާއި އޭނާގެ ބޭބެއަށް ދެމުން ދިޔައީ އޭނާގެ މާމަ، ނަރީމާއެވެ. ބަލިވެއްޖެނަމަ ބަހެއް ނުބުނަނީސް މާމައަށް އިނގޭނެއެވެ. ކަމަކާ ދެރަވެފަ ހުއްޓަސް މާމަ ވަރަށް ފަސޭހައިން ނަގައިގަންނާނެއެވެ. އޭނާ ހެއްވާލުމަކީ މާމައަށް އުނދަގޫ ކަމަކަށް ނުވެއެވެ. ކުރިމަތިވި ކޮންމެ އުފަލަކާއި ހިތާމައެއްގައި މާމަ ބައިވެރިވީ ނުހަނު ލޯބިންނެވެ.
އެހެނަސް މިއަދު މާމަ ދުނިޔެ ދޫކުރީ ރައްޔާންއާ ފަހު ފަހަރަށް ބައްދަލުވެސް ނުވެއެވެ. މާލޭގައި ހުންނަ ބައްޕަގެ އޮފީސް ހިންގަން ރައްޔާންއާ ހަވާލު ކޮށްފައިވާތީ އޭނާ ދިރިއުޅެމުން ދިޔައީ މާލޭގައެވެ. މާމަ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ޚަބަރު ލިބުމުން އެންމެ އަވަހަށް އޮތް ބޯއްޓަށް އަރައިގެން ކުޅުދުއްފުށްޓަށް ޖެއްސި އިރު މާމަ ނިޔާ ވެއްޖެއެވެ. ދެން ދުވަހަކުވެސް މާމައަށް ރައްޔާން ފެނުމުން އެ ލޮލުން ފެނިގެންދާ ވިދުން ދެކިލުމުގެ ނަސީބެއް ނުލިބޭނެއެވެ. އެ ހިނިތުންވުމެއް ނުފެންނާނެއެވެ. އެ އޯގާތެރި ބަސްތަކެއް ނީވޭނެއެވެ.
ޚިޔާލުތަކަށް ގެނބިފައިވާ ރައްޔާންއަށް ހޭވެރިކަންވީ މާ ދުރު ނޫން ހިސާބަކުން ގިސްލުމުގެ އަޑު އިވޭތީއެވެ. އެ އަޑު އިވެމުން އައީ އެ ހިސާބުގައި ހުރި މަގޫ ގަހެއްގެ ބިއްދަށުންނެވެ. ރައްޔާން މަޑުމަޑުން ތެދުވެ އެ ދިމާއަށް ހިނގައިގަތެވެ. މަގޫ ގަހުގެ އަނެއް ފަރާތަށް ދެވުން އިރު ކުރިމަތީގައި ފެންނަން އިނީ އަންހެން ކުއްޖެކެވެ. ތެމި ފޯވެފައިވާ ހުދު ކުލައިގެ ކައިވެނި ހެދުމުގެ ބޮޑު، ވަށް ފަސްބައި އޮތީ ބިންމަތީގައި ފެތުރިފައެވެ. ކަކުލުގައި ބޯ އަޅުވާލައިގެން އިން އިރު ދިގު އިސްތަށިގަނޑު އެ ކުއްޖާގެ މޫނަށް އިތުރަށް ހުރަސް އަޅާފައިވެއެވެ.
އެ ކުއްޖާ އެކަނި ބައިންދާފައި ދާކަށް ރައްޔާން އަކަށް ނުކެރުނެވެ. ކައިރީގައި މީހަކު އެބަ ހުރިކަން އިޝާރާތް ކޮށްލުމުގެ ގޮތުން އޭނާ ކަރު ކެހިލިއެވެ. އެހެނަސް އެ އަންހެން ކުއްޖާ އިސް އުފުލާލާކަށް ގަސްދެއް ނުކުރިއެވެ. ދެން ހަދާނެ ގޮތެއް ވިސްނަން އިރުކޮޅަކު ހުރެލާފައި އޭނާ އެ ކުއްޖާ ކައިރީގައި އިށީނދެލިއެވެ. އެއްވެސް ބަހެއް ބުނުމެއްނެތި ދިހަ ވަރަކަށް މިނިޓު ފާއިތު ވެގެން ދިޔަ އިރުވެސް އެ ކުއްޖާގެ ގިސްލުމަކަށް ބަދަލެއް ނައެވެ.
“މިހާ ވިއްސާރަ އިރު ތިހިން ތެމިގެން އިނީމަ ބަލި ވެދާނެ.” ރައްޔާން އެންމެ ފަހުން ވާހަަކަ ދައްކަން ނިންމިއެވެ. “އަނެއްކާ ގޯސް ގޮތަކަށް ހީ ނުކުރައްޗެ. އެކަނި ތިހިން އިންތަން ފެނުނީމަ ބައިންދާފަ ދާން ނުކެރުނީ.” ރައްޔާން ބުނެލި ޖުމުލައާއި އެކު އެ އަންހެން ކުއްޖާ ބޯ ހިއްލާލިއެވެ. އެ ކުއްޖާގެ މޫނު ފެނުމުން ރައްޔާން އަށް ހީވީ ފައި ދަށުން ބިންގަނޑު ދެމިގަތްހެނެވެ. ކުރިމަތިން ފެންނަމުންދާ ސޫރަ ގަބޫލު ކުރަން ރައްޔާންއަށް ދަތިވިއެވެ. އިތުރު ބަހެއް ބުނުމެއްނެތި އަންހެން ކުއްޖާގެ މޫނަށް ބަލަން އިނދެވުނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

When’s next
Hii dear… Next part will be uploaded by Thursday Insha Allah
AWW thank you sm
Wow.
Luv it gurrll
Aww thank you sm
Eid Mubarak. Luv. ❤️
Eid mubarakk dear