Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 7 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 12, 2016 13 Mins Read
1 Comment

ޖަންނަތު މަޑު މަޑުން ބަލައިގެން އައީ ލައިގެން ހުރި ހެދުން ކުޑަކޮން ދިގުވުމުން ސިޑިން ވެއްޓިދާނެތީ އެވެ. ނަމަވެސް އަބްޔާން ބަލަން ހުރުމުން ޖަންނަތުއަށް ވީގޮތެއް ވެސް ނޭގުނެވެ. އެންމެ ފަހު ހަރުފަތުގައު ހުރެފައި ތިރިއަށް ފައި އެޅި ވަގުތު ޖަންނަތުއަށް ހެދުމަށް އެރުނީ އެވެ. އެރިފައި އަރިއަޅާލައިގެން ވެއްޓެން ދިޔަ އެވެ. އެވަގުތު ހުޝިޔާރު ކަމާއެކު އަބްޔާންއަށް ޖަންނަތު ހިފެހެއްޓުނެވެ. ޖަންނަތުގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓާލެވުން އިރު އަނެއްއަތުން ޖަންނަތުގެ ވައަތުގައި ހިފަހައްޓާ ލެވިފައި އޮތެވެ. ޖަންނަތުއަށް ވެސް އެސިކުންތު ކޮޅުގައި އަބްޔާންގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. އެހާ ކައިރިން ދެމީހުނަށް އެކަކު އަނެކަކަށް ބަލައިލެ ވުނެވެ. ނޭގޭ އެތަކެއް މެސެޖު ތަކެއް ލޮލާއި ލޮލުން ބަދަލުވެގެން ދިޔަ އެވެ. ސޯފާގައި ތިބި އަހްޔާންއާއި އާޒަތުއަށް ވެސް ތެދުވެވުނެވެ. އަދި އެ ހިނދުކޮޅުގައި އާޒަތު ދުވަމުން އައިސް ޖަންނަތު ކައިރިއަށް ހުއްޓުނެވެ.

“ތުއްތާ؟ އާރ ޔޫ އޯކޭ؟” އާޒަތު ޖަންނަތުއާއި ދިމާއަށް ކުޑަކޮން ގުދު ވެލަމުން އަހާލި އެވެ. ޖަންނަތު އަވަހަށް އަބްޔާންގެ ގައިން ދޫކޮށްލި އެވެ. އަބްޔާން ވެސް މަޑުމަޑުން ޖަންނަތުގެ ގައިން އަތް ވަކިކޮށްލި އެވެ. ކުރިން ނުވާ އެތަކެއް ގޮތްތަކެއް މިއަދު އަބްޔާންއަށް ކޮށްފި އެވެ. ދުރުގައި އެމަންޒަރު ބަލަން ހުރި އަހްޔާންއަށް ވެސް އެވަގުތު ކޮޅު ތެރޭގައި އަބްޔާންގެ ހިތުގެ ހުރިހާ ކަމެއް ސިފަ ވެގެން ހިގައްޖެ އެވެ.

އެންމެން އަވަހަށް ހަފްލާއަށް ދިއުމަށް ބޭރަށް ނިކުތެވެ. އަބްޔާން ވެސް އެންމެން ފަހަތުން ނުކުތެވެ. ކާރަށް އަރައިގެން އެމީހުނަށް މަންޒިލާއި ހަމައަށް ދާކަށް މާކަ ގިނައިރެއް ނުނެގި އެވެ. ހަފްލާއޮތީ މާލޭގެ މަޝްހޫރު ބޮޑު ހޮޓަލެއްގަ އެވެ. މުޅި ގޯތި ތެރެއާއި އެއްކޮން ބޮކިފަތިން ޒީނަތްތެރި ކުރެވިފައި ވާ އެ ހޮޓަލުގެ ދޮރުކައިރީ މަޑުކޮށްލައިގެން ނަސީރުމެން ތިއްބެވެ. ކާރު އައިސް މަޑުކޮށްލުމުން ޖަންނަތުއާއި އާޒަތު އަދި އަބްޔާންއާއި އަހްޔާން އޭގެން ފައިބައިފި އެވެ. އެންމެން ހަމަވުމާއި އެކު ނަސީރު އަވަހަށް ހޮޓަލަށް ވަންނަން ހިގައި ގަތެވެ. އެންމެ ފަހަތުން ދިޔައީ އަހްޔާންއާއި އަބްޔާން އެވެ.

“އަބީ! ވަޓްސް ގޮއިންގް އޮން؟” އަހްޔާން މަޑުމަޑުން އަބްޔާން ކައިރީ އަހާލި އެވެ. އަބްޔާން އަހްޔާންއަށް ބަލައިލަމުން ހުއްޓުނެވެ.

“ވަޓް؟”

“އަބީގެ ހިތް އަބީގެ އަތުގަ އެބައޮތްތަ؟” އަހްޔާން ލާނެތް ގޮތަކަށް ހިނިތުން ވެލައިގެން ހުރެ އަހާލި އެވެ.

“ޔާން ތި ކިޔަނީ ކީކޭ؟”

“ހަމަ ނޭގިގެން ތަ ތި އަހަނީ؟” އަހްޔާން އަބްޔާންއާއި ދިމާއަށް ފުންކޮން ބަލައިލި އެވެ. “އަބީ، ކޮންމެހެން ނޭގޭ ކަމަކަށް ހަދައިގެން ހުންނާނެ ކަމެއްނެތް. ތީ މާކުރިންވެސް ނިންމަން ވެފަ އޮތް ކަމެއް. އަދިވެސް ތި މަޑުކުރަނީ ކޮންކަމަކާ؟ ތިހެން އުޅެނިކޮން ބީވެގެން ހިގައިދާނެ.”

“ޔާން، ބްރޯ… މަށަކަށް ހަމަ އެއްގޮތަކަށް ވެސް ތިކިޔާ އެއްޗެއް ގެޓެއް ނުވޭ.” އަބްޔާން އަހްޔާންގެ ކޮނޑުގައި ހިފާލަމުން ބުނެލި އެވެ. އަދި މަޑުމަޑުން ކޮނޑުގައި ޖަހާލާފައި ކުރިއަށް ހިގައިގަނެއްޖެ އެވެ.

“އަބީ؟ އަހަންނަށް ވުރެން ބޮޑަށް އަބީ އިނގޭނެ މީހެއް މި ދުނިޔެއަކު ނުހުންނާނެ. ކިތަންމެ ގަބޫލު ނުކުރިއަސް މިއަދު މަށަށް ފެނިއްޖެ އަބީ.” އަހްޔާން އަބްޔާން ދިޔަ ދިމާއަށް ބަލަން ހުރެފައި ހިތާ ހިތާ ބުނެލި އެވެ.

 

ހަފްލާއަށް އައިސް ތިބި މީހުނަށް ބަލައިލުމުން ވެސް އެ ހަފްލާގެ ޝާހީކަން އިނގެ އެވެ. ޖަންނަތު އާޒަތުގެ އަތުގައި ހިފާލި އެވެ. ޖަންނަތު އާއި އާޒަތުއާއި ދެބެން އަދިވެސް ތިބީ ހާސް ވެފަ އެވެ. އާލިޔާ އާޔަތުއާއި ޒީނަތު ގޮވައިގެން ގޮސް އޭނަ ދަންނަ ބައެއް މީހުނަށް ތަޢާރަފު ކޮށްލަ ދިނެވެ. އާލިޔާ އެކަހަލަ ހަފްލާތަކަށް އަބަދުވެސް އައިސް އުޅެ އެވެ.

“ޖަންނަތު، އާޒަތު، އެކޮއެމެން ދެކުދިން އާދެބަލަ ނަސީރުބެއާ އެކު.” ނަސީރު އެދެމީހުން ކައިރީ ބުނެފައި ހިގައި ގަތެވެ. “ފަހުމީ ދީދީ!” އަދި އެތާހުރި އުމުރުން ތަންކޮޅެއް ދުވަސްވީ މީހަކަށް ގޮވާލި އެވެ.

“އަންހާ، ނަސީރު.” ފަހުމީ ދީދީއަށް ނަސީރު ފެނުމުން ނިކަން ހެވިލާފައި ނަސީރުއާއި ސަލާމް ކޮށްލި އެވެ.

“މިތިބީ އިބްރާހިމް މަނިކުގެ ހަތަރު ކުދިންގެ ތެރެއިން ދެބެން، ފަހުމީ ދީދީ ބުނުއްވީމެއްނޫންތޯ ބައްދަލުކޮށްލަން އެދޭ ވާހަކަ.” ޖަންނަތުއާއި އާޒަތު ދައްކާލަމުން ނަސީރު ބުންޏެވެ.

“އާން، އެހެންތަ.” ފަހުމީ ޖަންނަތުއާއި އާޒަތުއާއި ސަލާމް ކޮށްލި އެވެ.

“ޖަންނާ، މީ ފަހުމީ ދީދީ. ވަރަށް ބޮޑު ވިޔަފާރި ވެރިއެއް. ތިކުދިން ބައްޕަގެ ވެސް ވަރަށް ގާތް އަހެއްމީ.” ނަސީރު ބުންޏެވެ.

“އެއީ ތެދެއް، އިބްރާހިމް މަނިކަކީ ނިކަން ހިތްހެޔޮ މަޖާ މީހެއް، އަނެއްކާ އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެހާ ކާމިޔާބު ވެގެން ދިޔަ މީހެއް އަޅުގަނޑު ނުދެކެން. އިބްރާހިމް މަނިކަކީ ކުރިމަގަށް ނިކަން ވިސްނާފައިވާ މީހެއް، ތިކުދިންނަށް ވެސް އެކަން އޮޅިފައެއް ނޯންނާނެތާ ދޯ. ތީ އިބްރާހިމް މަނިކު ތިކުދިންނަށް ޓަކައި ކޮށާ އަލިކޮށްފައިވާ މަގު ތިކުދިންނަށް ވެސް ފެންނާނެތާ.” ފަހުމީ ދީދީ އެހެން ބުނުމުން ޖަންނަތު އާއި އާޒަތު އެކަކު އަނެކަކަށް ބަލައިލި އެވެ. ސުވާލުގެ ބޮޅުތަކެއް ގެތެމުން ދިޔައެވެ. “އަދި ތިބޭނެ ދޯ ދެބެން؟ ކޮބާ އެކުދިން؟”

އާޔަތުއާއި ޒީނަތު ދުރުން ފަހުމީ ދީދިއަށް ނަސީރު ދައްކާލި އެވެ. ފަހުމީ ދީދީ ބޯޖަހާލަމުން އެކުދިންނާވެސް ސަލާން ކޮށްލަން ވާނޭ ކިޔައި އެދިމާލަށް ހިގައި ގަތެވެ.

“ޖަންނަމެން ތިތިބެނީ ނިކަން ހާސްވެފަ ދޯ؟ އެކޮއެމެން ހިތަށް ތިއަރާ ހުރިހާ ސުވާލެއްގެ ޖަވާބު މިރޭ ނަސީރުބޭ ދޭނަން، އެހަށް މި އަފްލާގައި ތިބި ބޮޑުންނާއި ޖަންނަތުމެން ބައްދަލު ކޮށްލަން ވާނެ.” ނަސީރު އެހެން ބުނެފައި އަދިވެސް އިތުރު މީހުނަށް އެމީހުން ތަޢާރަފުކޮށްދޭން ފެށި އެވެ. ފިޔާތޮށިގޭ ކުދިން ތަޢާރަފުކޮށްދެމުން މުޅި ހަފުލާގައި ނަސީރު ހިގަން ފެށި އެވެ. ފަހަރަކު މީހަކަށް ތަޢާރަފުކޮށްދޭ އިރު ޙާއްސަކޮން ބުނެލާ ބަސްކޮޅަކީ “މީ އިބްރާހިމް މަނިކުގެ ކުދިން، އެންމެނަށް ވެސް އިނގެންވާނެނު.” އެފަދައިން ބުނުމުން އެންމެންވެސް ބޯޖަހާލާ އަވަހަށް ހުރިހާ ކުދިންނާ ސަލާން ކޮށްލާ ހަދާލަ އެވެ. އެގޮތަށް ސަލާން ކޮށްލާ ގޮތުން ހީވަނީ މާކުރިން ސުރެ ބައްދަލުކޮށްލާ ހިތުން ތިބި ބައެއް ހެނެވެ.

ކޮންމެ މީހަކަށް ވެސް އިބްރާހިމް މަނިކުގެ ދަރިން ކަން އިނގުމުން ނިކަން އުފަލާއިއެކު ސަލާން ކޮށްލަ އެވެ. އަދި އިބްރާހިމް މަނިކަށް ތަޢުރީފުގެ ބަސްކޮޅެއް ކޮންމެ މީހެއްގެ އަނގައިން ވެސް ބޭރުވެގެން ދެ އެވެ.

އެގޮތަށް އެންމެނަށް ތަޢާރަފު ކުރަމުން ދާތީ ހާސްކަމާއި އެކު ކަންބޮޑުވެފައި ނަސީރު ފަހަތުން އެކުދިންވެސް ހިނގާލަ ހިނގާލާ ތިބެނީ ނަސީރުގެ އެދުމުގެ މަތިންނެވެ. އެންމެ ބޮޑަށް ހާސްވެފައި ތިބެނީ ޖަންނަތުއާއި އަޒަތު އެވެ. ޒީނަތުއާއި އާޔަތު ބެލީ އެކަހަލަ ހަފްލާއަކަށް އާދެވުމުން އެންމެ ފުރިހަމަ ގޮތުގައި މަޖާކޮށް އުފާކޮށްލެވޭތޯ އެވެ.

ޖަންނަތުމެން ގޮވައިގެން ނަސީރު އުޅޭގޮތް ބަލަން މޭޒެއްކައިރީ ހިދާޔާ އިނެވެ. ހިދާޔާ އުމުރުގެ ދެތިން އަންހެނުން ވެސް އެމޭޒު ކައިރީ ތިއްބެވެ. ހިދާޔާގެ ހިތުގައި އުފެދެމުން ދާންފެށި ހަސަދަ ވެރިކަމެއްގައި ހުޅުހިފާ ރޯވަމުން ދާންފެށި އެވެ. ނަސީރު ޖަންނަތުމެން އެހާ ގާތްކޮން ގެންގުޅޭތީ އަބަދުވެސް ހިދާޔާ ހުންނަނީ ހިތްހަމަ ނުޖެހިފަ އެވެ. މިހާރު އަދި އެއުޅޭ ގޮތަކުން ހިދާޔާގެ ނަފުރަތު ވަނީ އިތުރު ވެފަ އެވެ.

 

ޒައިދާންއާއި ޔަޒަން މޭޒުކައިރީ ތިބީ ނިހާންގެ އާއިލާއާއި އެކު އެވެ. ނިހާންއަކީ ކޮސްމެޓިކްސް ވިޔަފާރި ކުރާ ފުންނާބުއުސް މީހެކެވެ. ނިހާންގެ ކޮމްޕެނީއިން އެތެރެކުރާ ގިނަ އުފެއްދުންތައް ޒައިދާން ވިއްކަ އެވެ.

“ބައްޕާ، ބައްޕައަށް އިނގޭތަ ސަން ވެސް އެއީ ބޮތްކެކޭ.” ބޮކިތަކާއި ދިމާއަށް ބަލަންއިނދެފައި ޔަޒަން ބުނެލި އެވެ. ޒައިދާން ހިނިތުން ވެލަމުން ނިހާންއަށް ބަލައިލި އެވެ. “އެއީ ވަރަށް ބޮޑު ބޮތްކެއް. އެހެންވެ އެހާބޮޑަށް އަލިވަނީ.” ޒައިދާން އެއްޗެއް ބުންނަން އުޅެނިކޮން އަނެއްކާވެސް ޔަޒަން ބުނެލި އެވެ. ނަހާންއާއި ނިހާންގެ ފިރިހެން ދަރިފުޅާއި އަނބިކަބަލުން  ހިނިތުން ވެލައިގެން ޔަޒަންއާއި ދިމާއަށް ބަލަން މަޖާވެފައި ތިއްބެވެ.

“ޔޫ ނޯ ސޯ މަޗް.” ނިހާން ބުނެލި އެވެ. ޔަޒަން ނިކަން ފަހުރުވެރި ވެފައި ހިނިތުން ވެލި އެވެ.

 

އަބްޔާންއާއި އަހްޔާން ވެސް ބައެއް ދުވަސްވީ ރައްޓެހިންނާއި ބައްދަލުކޮށްލާ ސަލާންކޮށްލާ ހަދާލާފައި އައިސް މޭޒެއް ދޮށުގައި އިށީނެވެ.

“ޔާން، އުޅޭ ކާން. އަހަރެން ވަރަށް ބަނޑުހައި ވެއްޖެ.” އަބްޔާން ކުޑަކޮން ބަނޑުގައި އަތް ހާކާލި އެވެ.

“އެހެން މީހުނާ އެއްކޮނެއް ނޫންތަ ކާނީ؟” އަހްޔާން ބުނެލި އެވެ.

“ހީވޭތަ މީން އިރަކުން އެމީހުން ކާނެ ހެން. ދެކިބަލަ ބައްޕަ އުޅުއްވާގޮތް. ޖަންނަމެން ވެސް މިހާރު ތިބޭނީ ކިހާ ބަނޑުހައި ވެފަ. ބައްޕައަށް އެވަރު ނޭގެނީ ބާ؟” އަބްޔާން ބުނެލި އެވެ. އަހްޔާން ކައިރިއަށް ހިނިއައިސްފައި އިނެވެ. ނޭގިނަމަވެސް ޖަންނަތާއި މެދު އަބްޔާން ވިސްނަނީ އެވެ.

“ގޮސް ބުނަންވީނު ބައްޕަ ގާތު އަބީއާ އެއްކޮން ކާން ޖަންނަ ފޮނުވާށޭ.” ހިނިއައިސްފައި އިނދެ އަހްޔާން ބުނެލި އެވެ. އަބްޔާން އަހްޔާންއަށް ފާޑަކަށް ބަލައިލާފައި އަނގައިން ނުބުނެ އިނެވެ.

“ދަރިފުޅުމެން ކާކަށް ނުވޭތަ؟ ބައްޕަ ގާތު ގޮސް ނަން ގަނެބަލަ ދެން ކާން އުޅެން.” ހިދާޔާ އައިސް އަހްޔާންއާޢި އަބްޔާން ތިބި މޭޒުކައިރިއަށް ހުއްޓިލަމުން ބުނެލި އެވެ. އޭރު ހިދާޔާގެ އަތުގައި ކާއެއްޗިހިން ފުރާލާފައިވާ ތައްޓެއް ހުއްޓެވެ.

“މަންމަ ތި ކަނީ؟” އަބްޔާން އަހާލި އެވެ.

“އާން، އެ ނާދިރާ މޭމް ފަރިއްކުޅުވާން ބުނީމަ މަންމަ މިދަނީ އެބޭފުޅުންނާއި އެކު ކާން، ދަރިފުޅުމެން ވެސް ބައްޕަ ގޮވައިގެން ކައި.” އެހެން ބުނެލާފައި ހިދާޔާ އަވަހަށް ހިގައްޖެ އެވެ. އަބްޔާން ތެދުވި އެވެ. އަދި ނަސީރު ކޮބައިތޯ ބަލައިލި އެވެ. އޭރު ނަސީރު ޖަންނަތުއާއި އާޒަތު ގޮވައިގެން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަން ހުއްޓެވެ. ދެން އަބްޔާންގެ ލޮލުގައި އަޅައިގަތީ ޒީނަތުއާއި އާޔަތުއާއި އާލިޔާ ކާން ތިބި ތަނެވެ. އެންމެން ވެސް ކަނީ އެވެ. އެހެން ކަމުން އަބްޔާން މަޑުމަޑުން ހިގާލާފައި އައިސް ނަސީރު ކައިރިއަށް ހުއްޓުނެވެ.

“އަހާ، މީނަސީރުގެ ދެބެން ތެރެއިން އެކަކު ދޯ، އަޅުގަނޑަކަށް ނޭގެޔޭ މިދެބެން ވަކިކުރާކަށް.” ނަސީރު ވާހަކަ ދައްކަން ހުރި ތޯރިޤުއަށް އަބްޔާން ފެނުމުން ބުނެލި އެވެ.

“މީ އަބްޔާން އެހެރަ އަންނަނީ އަހްޔާން.” އެދިމާލަށް އައި އަހްޔާން ވެސް ދައްކާލަމުން ނަސީރު ބުންޏެވެ. އަބްޔާން ޖަންނަތުއާއި ކުޑަކޮން ކައިރި ވެލި އެވެ.

“ޖަންނާ، ބަނޑުހައެއް ނުވޭތަ؟” އަދި ކުޑަކޮން ގުދުވެލާފައި ހަމައެކަނި ޖަންނަތުއަށް އަޑުއިވޭނޭހެން އަހާލި އެވެ.

“ވެއްޖެ، އެކަމު….” ޖަންނަތު ނަސީރު ދައްކާލި އެވެ. އަބްޔާން ބޯ ޖަހާލަމުން ޖަންނަތު ބުނަން އުޅުން އެއްޗެއް އިނގުނު ކަމުގެ އިޝާރާތެއް ކޮށްލި އެވެ.

“ބައްޕާ، ދެން އުޅުއްވަންވީނޫންތޯ ކޮންމެސް އެއްޗެއް ކާން، އަޅުގަނޑުމެން ވަރަށް ބަނޑުހައި ވެއްޖެ.” އަބްޔާން ހުރެފައި ނަސީރު ކައިރީ ބުންޏެވެ.

“އަންހާ، އަދި ނުކަންތަ؟ އަވަހަށް ދޭކާން، ދެން މިހާރު ހަފްލާ ވެސް ނިމުމަކަށް އަންނަނީނު.” ތޯރިޤު ބުނެލި އެވެ. އަދި އެމީހުން ކައިރިން ކުޑަކޮން ދުރަށް ޖެހިލި އެވެ.

އެންމެން ތަށްޓަށް ކާއެއްޗިހި އަޅައިގެން ހުސްމޭޒެއް އިންތޯ ހޯދާލި އެވެ. ހުސްމޭޒެއް އެގަޑީގައި ނެތެވެ. ޒައިދާން އާއި ޔަޒަން ތިބި މޭޒު ކައިރިއަށް އަބްޔާން ހިގައި ގަތެވެ. އަބްޔާން ފަހަތުން ދެން ތިބި މީހުންވެސް ހިގައި ގަތެވެ.

“އޯކޭތަ؟” އަބްޔާން އެމޭޒުގައި ތަށި ބަހައްޓަމުން ޒައިދާންއަށް ބުނެލި އެވެ. ޒައިދާން އަވަހަށް އިށީނުމަށް ބުންޏެވެ. އެނެމެން އައިސް މޭޒު ވަށާލާ އިށީނެވެ.

“ޒައިދާން ކޭންބައްލަވައިފިންތޯ؟” ޖަންނަތު އަހާލި އެވެ.

“އާން، ޔަޒަންއާ އެއްކޮން ތިކަން ނިންމާލައިފިން. ދެން މިހާރު ގެއަށްދާން ވެފަ މިތިބީ. ދޯ ދަރިފުޅާ.” ޔަޒަން ގެ ބޮލުގައި ޒައިދާން އަތްހާކާލަމުން ބުނެލި އެވެ. ޔަޒަން ބޯ ޖަހާލަމުން އާފުރިލި އެވެ.

“ޔަޒަން ނިދިއައިސްފަ ދޯ އެއިނީ.” ޖަންނަތު ބުނެލި އެވެ. ޒައިދާން އާންއެކޭ ބުނަމުން ތެދުވި އެވެ. އަދި އެންމެން ކައިރީ ދަނީއޭ ބުނަމުން ޒައިދާން އުރާލައިގެން ނިކުންނަން ހިނގައިގަތެވެ.

“ޒައިދާން އަކީ ނިކަން ހިތްވަރުގަދަ މީހެއް. އަދި އެހާމެ ރަގަޅު ބައްޕައެއް.” ނަސީރު އިނދެފައި ބުނެލި އެވެ.

“ބައްޕަ ތި ބުނުއްވީ ތެދެއް. މީހުނަށް އެހާ ހެޔޮ ވެފައި ވަރަށް އަންޑަސްޓޭންޑިން މީހެއް.” އަބްޔާން ވެސް ޒައިދާންއަށް ތަޢުރީފް ކޮށްލި އެވެ.

“ޒައިދާން ވެސް އެހެން ހުސްކޮން ނުހުރެ މީހަކާ އިންނަ ނަމަ. އޭރުން އެސޮރު ބެލުމަށާއި ޒައިދާންއަށް ވެސް ވަރަށް ލުއިވެގެން ދާނެ.” ނަސީރު ބުނެލި އެވެ.

އެކަމަކާ އެއްވެސް މީހަކު އެއްޗެއް ނުބުނެ އެވެ.

ހަފްލާ ނިމިގެން އެންމެން ގެއަށް ދިޔަ އެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަދެވުމާއި އެކު ހިދާޔާގެ ޝަކުވާތައް ނަސީރުއަށް އަންނަން ފެށި އެވެ. ހިދާޔާ ހުރީ ނުހަނު ހިތް ހަމަ ނުޖެހިފަ އެވެ.

އަނެއްކޮޅުން ޖަންނަތުއާއި އާޒަތު ތިބީ އަދިވެސް ހާސްކަމެއްގެ ތެރޭގަ އެވެ. ދެމީހުން ސޯފާގައި ތިބެގެން ދެމީހުންގެ ހިތައް އަރަމުން ދިޔަ ސުވާލުތަކާއި އިހުސާސްތައް ހިއްސާކުރަމުން ދިޔަ އެވެ. އާޔަތުއާއި އާލިޔާއާއި ޒީނަތު ކޮޓަރީ ތިބެގެން އެރޭގެ ޕާރޓީގެ ފުރިހަމަ ކަމުގެ ވާހަކައާއި އެރޭ ދިމާވި ބައެއް ކަންތައްތަކުގެ ވާހަކަ ދައްކަން ތިއްބެވެ. އަބްޔާން ތާޒާ ވެލައިގެން ތިރިއަށް ފޭބި ވަގުތު ނަސީރު ވެސް ކޮޓަރިން ނިކުތީ ހިދާޔާގެ އަތުގައި ހިފައިގެން ފައިލު ތަކެއްވެސް ހިފައިގެނެވެ. ނަސީރުގެ މޫނުމަތިން ފެންނަން ހުރީ ނުރުހުމުގެ އަސަރު ތަކެވެ.

“އަބްޔާން، އާދެބަލަ.” ނަސީރު ކާމޭޒު ކައިރިއަށް ހުއްޓެމުން ގޮވާލި އެވެ. “ޖަންނަތުއާއި އާޒަތުވެސް މިކޮޅަށް އައިސްބަލަ.”

ޖަންނަތުއާއި އާޒަތު ހައިރާންވެ ތިބެ ނަސީރު ކައިރިއަށް އައިސް ހުއްޓުނެވެ. ކާމޭޒު ކައިރީ އިށީނުމަށް އެންމެނަށް ނަސީރު އިޝާރާތް ކުރިއެވެ. އެވަގުތު އަހްޔާން ވެސް ތިރިއަށް އައުމުން އަހްޔާންވެސް އެތާ މަޑުކޮށްލަން ޖެހުނެވެ.

“ހިދާޔާ، ހިދާޔާއަށް ހީވަނީ އަހަރެންގެ އަމިއްލަ ފައިސާ ތަކަުން ފިޔާތޮށިގޭ ކުދިންނަށް އަހަރެން ހަރަދުކުރަނީޔޭނު. އަހަރެން މިއަދު މިއުޅެނީ އެވާހަކަ ހިދާޔާއަށް ކިޔައިދޭން ވެގެން. އަދި ދެން ތިބި މީހުނަށްވެސް މިވާހަކަ އިނގުމަކީ ވަރަށް މުހިންމު ކަމެއް.” ނަސީރު އަތުގައި އޮތް ދެފައިލު އަބްޔާންއާއި ޖަންނަތު އަތައް ދިއްކޮށްލި އެވެ. “ތި ފައިލު ރަގަޅަށް ބަލާބަލަ. ތީގަ ތިއޮތް އެއްޗެއް ރަގަޅަށް ކިޔާބަލަ.”

ޖަންނަތު ފައިލު ހުޅުވައިގެން އޭގައިވާ އެއްޗެއް ކިޔަން ފެށި އެވެ. އަދި ހައިރާން ވެފައި އެކި އެކި ގަނޑުތައް ބަލަން ފެށި އެވެ. ގަބޫލު ނުކުރެވިފައި އިނދެ އާޒަތުއަށް އެ ފައިލް ދިއްކޮށްލެވުނެވެ.

އަބްޔާން ފައިލު ބަލައިލާފައި އަހްޔާންއަށް ފައިލު ދިއްކޮށްލި އެވެ. އަދި ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު އިނީ ބުނާނެ އެއްޗެއްވެސް ނޭގިފަ އެވެ. ހިތަށް އަރަމުންދާ ސުވާލުތައް ދެގުނައަށް އިތުރުވެގެން ހިގައްޖެ އެވެ.

“ހިދާޔާ، އަހަރެންމީ އިބްރާހިމް މަނިކުގެ ވަރަށް ގާތް ރައްޓިއްސެއް. އެހެންވެ އަހަރެން އިބްރާހިމް މަނިކުގެ ކުދިންނަށް އެހީވަން. އެކަމަކު އެކުދިންނަށް ހަރަދެއް ނުކުރަން. ހިދާޔާއަށް ހީވަނީތަ އަހަރެން ފިޔާތޮށިގޭ ކުދިންނަށް ހަރަދުކުރަނީ ޔޭ. އެގޮތަށް ހީ ނުކުރައްޗޭ. އަހަރެން، އަހަރެންގެ އެންމެ ފައިސާ ފޮށްޗަކުންވެސް ފިޔާތޮށިގޭ ކުދިންނަކަށް ހަރަދެއް ނުކުރަން.” ޖަންނަތު ހައިރާން ވެފައި ނަސީރު އަށް ބަލައިލި އެވެ. ސުވާލުތައް އިތުރުވަމުން ދިޔަ އެވެ. ހިދާޔާ ލޯބޮޑުކޮށްލައިގެން ނަސީރު ކިޔާއެއްޗެއް ނޭގިފައި އިނެވެ.

“ބަހާރުގޭގައި އިބްރާހިމް މަނިކު އުޅުންއިރުން ފެށިގެން ވެސް އަހަރުމެން ދެމީހުން ނަކީ ވަރަށް ގާތް ބަޔެއް. އޭރުން ފެށިގެން ވެސް އަހަރުމެން ދެމީހުން ދައްކަމުން އައި ވާހަކައެއް މަސް ފެކްޓްރީ ހަދާވާހަކަ އަކީ.” ނަސީރު ވާހަކަ ކުރިއަށް ގެންދަން ފެށި އެވެ. ޖަންނަތު އާއި އާޒަތުގެ ސުވާލު ތަކަށް ޖަވާބުތައް ލިބެމުން ދިޔަ އެވެ. ހިދާޔާއަށް ގަބޫލު ނުކުރެވިފައި ނަސީރުގެ ވާހަކަ އަޑު އަހަން އިނެވެ.

“ނަސީރުގެ ވާހަކައިން މަސްފެކްޓްރީގެ ހިއްސާ އިބްރާހިމްމަނިކުގެ އޮންނަކަން އިނގުނެވެ. އަދި މިހާރު ފިޔާތޮށިގޭ ހުރިހާ ކުދިންގެ މައްޗަށް އެކަން ބަދަލުކޮށްފައިވާކަން ވެސް އިނގުނެވެ. އަދި މަސް ފެކްޓްރީގެ ފައިދާއިން ޖަންނަތު މެނަށް ހަރަދު ކުރާ ވާހަކަވެސް ނަސީރު ބުނެފި އެވެ. އަދި ފިޔާތޮށިގޭ ކުދިން ބޭނުން ގޮތަކަށް އަމަލު ކުރަން ފައިސާ ހަވާލު ކުރާނެ ކަމަށް ވެސް ނަސީރު ބުނެފި އެވެ. އެއީ އިބްރާހިމް މަނިކު އެކުދިންގެ ކުރިމަގަށް ކޮށާފައިވާ މަގެއް ކަމުގައި ނަސީރު ބުންޏެވެ.

“ފެކްޓަރީ ހުޅުވަން ވެގެން ކޯޓުން ލިބެން ޖެހޭ ލިޔެ ކިއުން ތަކުގައި އިބްރާހިމް މަނިކު ވަނީ ސޮއި ވެސް ކޮށްފައި. އެހެން ކަމުން މިއީ ކަނޑައެޅިގެން އިބްރާހިމް މަނިކުގެ ހިއްސާކަން ގާނޫނީ ގޮތުން ވެސް މިއޮތީ އިނގެން. ހިދާޔާއަށް މިހާރު ވިސްނޭނެ ކަމަށް އަހަރެން ހީކުރަން.” ނަސީރު ހިދާޔާއަށް ބަލައިލަމުން ބުންޏެވެ. އަދި މޭޒުގައި އޮޅަބޮށި އަޅުވާލި އެވެ. އެއަށް ފަހު އަބްޔާން އާއި އާޒަތުއަށް ބަލައިލި އެވެ.

“ޔާން، އަބީ، ބައްޕަ މިވާހަކަ ދަރިފުޅުމެނާ ވެސް މި ހިއްސާ ކުރީ ކުރިމަގުގައި މި ވިޔަފާރި ފުޅާކޮށް ހިންގަން ތިބީ ދަރިފުޅުމެން ކަމަށް ވާތީ. އަބީ ވެސް އަދި ޔާނު ވެސް އަބަދުވެސް ހަދާން ކުރާތި މި ކޮމްޕެނީގެ ތިރީސް ޕަސަންޓް އަބަދުވެސް ފިޔާތޮށިގޭ ކުދިންނަށް ހިއްސާވާނެކަން. އެކަން އޮޅުވާލައިގެން ނުވާނެ. ބައްޕައަށް މިކަންތައް މިކުރެވެނީ ރަގަޅަށް ކަމަށް ބައްޕަ ހީކުރަން.” އެންމެ ފަހުން ނަސީރު ބުނެލި އެވެ.

“ބައްޕާ، ބައްޕަ ތި ކަންތައް ކުރެއްވީ ހަމަ އެންމެ ރަގަޅު ގޮތަށް. އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ.” އަހްޔާން ނަސީރުއަށް ބަލައިލަމުން ހުޅުވައިގެން އިން ފައިލު ލައްޕާލި އެވެ.

“އަޅުގަނޑު ވަރަށް އުފާވޭ، ބައްޕަ ތި ކަންތައް ކުރެއްވި ގޮތުން. އަސްލު އަލިމަނިކުބޭ ކަންތައް ކުރި ގޮތުން އަޅުގަނޑު ވަރަށް ދެރަވެފަ މި ހުންނަނީ.. ނަމަވެސް ބައްޕަ މިއަދު ތިދެއްވި ހަބަރުން އަޅުގަނޑު ވަރަށް އުފާ ވެއްޖެ.” އަބްޔާން އިނީ ހަގީގަތުގައި ވެސް ވަރަށް އުފާ ވެފަ އެވެ. މުޒައްފަރުއަށް މި ހަބަރު ލިބިއްޖެއްޔާ ވަރަށް އުފާވާނެކަން އަބްޔާންއަށް އިނގުނެވެ.

 

“އެކަމަކު ނަސީރުބޭ، އަޅުގަނޑުމެން ކައިރީ ތިކަހަލަ އެއްވެސް ވާހަކައެއް ބައްޕައެއް ނުދައްކާ. އަދި އެހެން މީހެއްގެ ފަރާތުން ވެސް ތިކަހަލަ ވާހަކައެއް އަޅުގަނޑުމެން ނާހަން.” އަދިވެސް ކަންބޮޑުވެފައި އިން އާޒަތު ބުނެލި އެވެ.

“އާން، އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން ދެމީހުންވެސް ނިންމީ އިބްރާހިމް މަނިކުގެ އެދުމުގެ މަތީން، އޭރުވެސް އަލިމަނިކުގެ ގޮތް އިބްރާހިމް މަނިކަށް އިނގޭތީ އިބްރާހިމް މަނިކު ބޭނުންނުވީ މި ވިޔަފާރީގައި އިބްރާހިމް މަނިކު ހިއްސާވާކަން އަންގަން.” ނަސީރު ގޮނޑީގައި ހަމަ ޖެހިލި އެވެ. “އަދި އެއްވާހަކަ އެބައޮތް. ޒައިދާންއަކީ އަހަރުމެންގެ މި ވިޔަފާރިއަށް މަގު ކޮށައިދިން ފަރާތަކީ. ޒައިދާންވެސް މިކަމުގައި ބައިވެރި ކުރަން އަހަރުމެން މަސައްކަތް ކުރިން. އެކަމަކު ޒައިދާން ބޭނުމެއްނުވި. މިހާރު ރަށުގައި އަހަރެން އެންމެ އިތުބާރު ކުރާ ފަރާތަކީ ޒައިދާން. އަހަރެންގެ ހުރިހާ ކަމެއް ޒައިދާންއާއި އަހަރެން ހިއްސާ ކުރަން.”

ނަސީރު އިރުކޮޅަކު އިނދެލާފައި ގޮނޑިން ތެދުވި އެވެ. ނަމަވެސް ޖަންނަތުއާއި ދިމާއަށް ބަލައިލާފައި އަލުން އިށީނެވެ.

“އެއްވެސް ސުވާލެއް އެބައޮތްތަ؟” ޖަންނަތުއާއި ދިމާލަށް ނަސީރު ބުނެލި އެވެ. ޖަންނަތު ބުނާނެ އެއްޗެއް ނޭގިފައި ނަސީރުއާއި ދިމާއަށް ބަލައިލި އެވެ. މި ހުރިހާ ދުވަހު ނަސީރު އެމީހުނަށް އެހީވިގޮތް މިއަދު އިނގިއްޖެ އެވެ. އަދި ކީއްވެ ކަންވެސް އިނގިއްޖެ އެވެ. މިދުނިޔޭގައި އެހާ ރަގަޅު މީހުންވެސް އުޅޭކަންވެސް ޖަންނަތުއަށް އިނގުނެވެ. ފެންކަޅިވެފައި އިނދެ ޖަންނަތު ނަސީރުއަށް ބަލައިލި އެވެ.

“ނަސީރުބޭ…” ހިތަށް ކުރި އަސަރުން އަޑު ކުރެހިފައި ވިއަސް ޖަންނަތު ވާހަކަ ދައްކަން މަސައްކަތް ކުރި އެވެ. “އަޅުގަނޑު ކިހިނެއްތޯ ނަސީރުބެއަށް ޝުކުރު އަދާކުރާނީ؟ މި ހުރިހާ ދުވަހު ތިވާހަކަ ނުދައްކަވާ ތި ހުންނެވީ ކީއްވެތޯ؟ އަޅުގަނޑުމެންނަށް ޓަކައި ނަސީރުބޭ ތި ކޮށްދެއްވި ކަންތައްތަކުގެ އަގު އޅުގަނޑުމެނަށް ކިހިނެއްތޯ އަދާކުރެވޭނީ؟” ޖަންނަތު ހިތްވަރު ކުރީ ނުރޯށެވެ. ޖަންނަތުއަކީ މީހުން ކުރިމަތީ ރޯކުއްޖެއް ނޫނެވެ. ނަމަވެސް މިއަދު ޖަންނަތުގެ ހިތައް އަސަރު ތަކެއް ކޮށްފިކަން ގައިމެވެ.

“އެކޮއެ،” ނަސީރު ޖަންނަތުގެ އަތުގައި ހިފާލި އެވެ. “ނަސީރުބޭ ޖަންނަތުމެނަށް މިކަންތައް މި ކޮށްދިނީ މީގެ ބަދަލަކަށް އެދިގެނެއް ނޫން. އަދި މިކަންތައް މިދުވަހާއި ހަމައަށް ސިއްރު ކުރީ އާޒަތުއަށް އަށާރަ އަހަރު ފުރެންދެން. ނަސީރުބޭ ހަމަޖައްސާފަ އޮންނާނީ ވަކީލެއް ކައިރިއަށް ދާން. އާޒަތުއަށް ޖެހޭނެ ލިޔެކިއުން ތަކެއްގައި ސޮއެ ކުރަން. ނަސީރުބޭ ބޭނުން ވަނީ ތިކުދިންގެ ހިއްސާ ތިކުދިންގެ ނަންމައްޗަށް ގެންނަން. އެހެން ކަމުން ހަމަ އެކަނި ހުރި ފިރިހެން ކުއްޖަކީ އާޒަތު ކަމުން އާޒަތުއާއި ހުރިހާ އެއްޗެއް ހަވާލުކުރަން ނަސީރުބެ މިއުޅެނީ.” ނަސީރު އާޒަތުއަށް ބަލައިލި އެވެ. ޖަންނަތުއާއި އާޒަތު އެކަކު އަނެކަކަށް ބަލައިލި އެވެ.

ކުއްލިއަކަށް ހިދާޔާ ތެދުވެއްޖެ އެވެ. އަދި އެންމެނަށް ބަލައިލާފައި އެތަނުން ހިގައްޖެ އެވެ. ހިދާޔާގެ މޫނުމަތިން ހިތްހަމަ ނުޖެހިފައި ހުރި ކަމުގެ އަސަރު ފާޅުވެގެން ދިޔަ އެވެ.

“އާޒަތު، ދެން އިތުރަށް ކިޔަވަންދާން ވިސްނަންވީ. މިހާރު އެކަމަކަށް އެއްވެސް ދައްޗެއް ނުވާނެ. ނަސީރުބެ އެދެނީ އާޒަތު ދާއިރު އާޔަތު ވެސް ގޮވައިގެން ދާން، އަދި ޖަންނަމެން ވެސް އިތުރަށް ކިޔަވަން ގަސްތު ކުރާނަމަ ފައިސާގެ ދަތިކަމެއް ނެތި ކިޔެވޭނެ.” ނަސީރު ބުންޏެވެ. އަދި އެތަނުން ތެދުވެގެން ކޮޓަރިއާއި ދިމާއަށް ދާން ހިގައި ގަތެވެ.

“ނަސީރުބޭ،” ޖަންނަތު ގޮވާލުމުން ނަސީރު ހުއްޓިފައި ޖަންނަތުއަށް ބަލައިލި އެވެ. “އަޅުގަނޑުމެން އެދެނީ އެހަށް އަދި ދޮންތައާއި އާޔަތު ކައިރީ މިވާހަކަ ނުދައްކަން… އަޅުގަނޑުމެން ދޮންތައާއި އާޔަތު ކައިރީ ތަންކޮޅެއް ފަހުން މިވާހަކަ ދައްކާނަން.” ނަސީރު އެންމެ ރަގަޅު ކަމަށް ބުނަމުން ކޮޓަރިއަށް ވަނެވެ.

އަހްޔާން ވެސް ތެދުވެގެން ސިޑިން އަރައިގެން ހިގައްޖެ އެވެ. އަހްޔާން ދިއުމުން އަބްޔާން ވެސް ތެދުވެގެން ހިގައްޖެ އެވެ.

“އައި ކާންޓް ބިލީވް ދިސް ތުއްތާ.” ހަމަހިމޭން ވަގުތު ކޮޅަކަށްފަހު އާޒަތު ބުންޏެވެ. އޭރު ޖަންނަތު އިނީ ފައިލު ހުޅުވައިގެން ތަފްސީލުތައް ބަލާށެވެ. ނަސީރު އެދެއްކި ހުރިހާ ވާހަކައެއްގެ ތެދުކަން އެފައިލު ތަކުން އިނގެ އެވެ. އިބްރާހިމް މަނިކު ސައިކޮށްފައިވާ ތަނުގައި ޖަންނަތު އަތްއުނގުޅާލި އެވެ. އެއަށް ފަހު ފައިލް ލައްޕާލާ މޭގައި ޖައްސާލި އެވެ.

“ކާކަށް އިނގޭނީ ފަހުން ވާނެ ގޮތެއް؟ މިއަދު މިއޮތީ އަހަރުމެނަށް ހުރިހާ އުފަލެއް ލިބިފައި. މާދަމާ އައުމުގެ ކުރިން މީގެ ބޭނުން ހެޔޮ ގޮތުގައި ކުރަންވީ. ނަސީރުބޭއަށް އަހަރެން އެއްކޮން ދަރަނިވެރި ވެއްޖެ.” ޖަންނަތުއަށް ރޮވިއްޖެ އެވެ. އާޒަތު ޖަންނަތު ބުރަކަށީ ފިރުމާލި އެވެ.

 

“ނަސީރު،” ނަސީރު ކޮޓަރިއަށް ވަނުމުން، ކޮޓަރީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ހިދާޔާ ނަސީރު އަށް ގޮވާލި އެވެ. “ނަސީރުއަށް ހަމަ ސާބަހޭ ބުނެވޭނީ.” ހިދާޔާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

“ކިހިނެއްވީތަ؟”

“ނަސީރު ކީއްކުރަންތަ ފިޔާތޮށިގޭ ކުދިންނަށް ތިހާބޮޑަށް ތި އަޅާލަނީ؟”

“މަމި ކިޔައިދިނީނު، ހިދާޔައަކަށް ނުވިސްނޭތަ؟”

“މަށަކަށް ނުވިސްނޭ، މަށަކަށްނޭގެ ފިޔާތޮށިގޭ ކުދިން ނަސީރުއަށް ކޯޗެއް ކާންދީފަކަމެއް ތިޔަ ހުރީ.” ހިދާޔާ ރުންކުރުވެފައި ބުނެލި އެވެ.

“މަށަކަށްވެސް ނޭގެ އެގޭ ކުދިން ދެކެ ހިދާޔާ ތިޔަހާ ރުޅިއެއް އަންނަންވީ ސަބަބެއް.” ނަސީރު އެހެން ބުނެފައި ގޮސް ފާހާނާއަށް ވަނެވެ. ހިދާޔާ އެނދުގައި އިށީނެވެ.

 

އަބްޔާން ނިދަން އުޅެއުޅެ ނިންޖެއް ނައެވެ. ފޯނާ ކުޅެން އެތައް އިރަކު އޮވެފައި ފޯނުން ޗާރޖް ދާން ފެށުމުން ގަޑި ބަލައިލި އެވެ. ދެގަޑި ބައިވާން އުޅެނީ އެވެ. އަބްޔާން ތެދުވެ ފޯނު ޗާޖަރަށް ޖަހާލި އެވެ. އަހްޔާންއާއި އާޒަތު ނިދާފައި އޮތްތަން ބަލައިލާފައި ކޮޓަރިން ނިކުތީ ފެންބޯން ބޭނުން ވެގެންނެވެ. އަބްޔާން ތިރިއަށް ދިޔައިރު އަދިވެސް މޭޒުކައިރީ ވިސްނުމަކަށް ގެއްލިފައި ޖަންނަތު އިނެވެ. ލައިގެން ހުރި ގޮޅިޖެހި ދިގު ހަރުވާޅުގެ ޖީބަށް އަތް ޖަހައިލައިގެން ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން އަބްޔާން ހުއްޓެވެ. ހަރަކާތެއް ވެސް ނުކޮށް އެތައް އިރަކު ޖަންނަތު އިނެވެ.

“ޖަންނާ؟” އެންމެ ފަހުން އަބްޔާންއައިސް ޖަންނަތު ކައިރީ ހުއްޓެމުން ގޮވާލި އެވެ. ޖަންނަތު މަޑުމަޑުން އަބްޔާންއަށް ބަލައިލި އެވެ. “ނިދާކަށް ނުވޭތަ؟”

“ކިހިނެއް ނިދާނީ؟ އަބީއަށް ހީވޭތަ އަހަރެން ކައިރިއަށް ނިދި އަންނާނެހެން.” ޖަންނަތު ބުނެލި އެވެ.

“ޖަންނާ،” އަބްޔާން ޖަންނަތު ކައިރީ އިން ގޮނޑީގައި އިށީނެވެ. އަދި މޭޒުމަތީ އޮތް ޖަންނަތުގެ އަތުގައި ހިފާލި އެވެ. “ޖަންނަ މިރޭ އުފަލެއް ނޫންތަ ވާންވީ. މިޔޮއް ހުރިހާ ދުވަހު އާޒަތުއާއި އާޔަތު ކިޔަވަން ފޮނުވަން ޖަންނަ މަސައްކަތް ކުރަމުން ތި ދިޔައީ. އެކުދިންނަށް ރަގަޅު މުސްތަގުބަލެއް ލިބޭތޯ. މިހާރު ޖަންނަ ވިސްނާކަށް ނުޖެހޭނެނު، ހުރިހާ މަގެއް އެއޮތީ ކޮށިފަ.”

“އަބީ، އަހަރެން ވަރަށް އުފާވޭ، އެކަމަކު ނަސީރުބެއަށް މިކަމުގެ އަގު ދޭނީ ކިހިނެއް؟”

“އޯ ކަމޯން ޖަންނާ، އަގު ދޭކަށް ނުޖެހޭނެނު، މީ ޖަންނަ ބައްޕަގެ ފައިސާނު، ހަމަ އެކަނި އަހަރެން ބައްޕަ ކުރިކަމަކީ އެ ފައިސާއަށް ރައްކާތެރިވެ އަމާނާތް ތެރިވީ. އެކަމަށް އަގުދޭން ޖެހޭނެތަ؟ އަޖައިބެއް ތީ.”

“އަބީ، އަބީއަކަށް ނުވިސްނޭނެ.” ފެންކަޅިވެފައި އިނދެ ޖަންނަތު ބުނެލި އެވެ. އަބްޔާން ޖަންނަތުއަށް ފުންކޮން ބަލައިލި އެވެ.

“އާން، ޖަންނަ ތި ވިސްނާ ގޮތަކަށް މަށަކަށް ނުވިސްނޭނެ، މަ ކީއްކުރަން އެކަކަށް ވެސް ޖަންނަ ތި ވިސްނާ ގޮތަކަށް ނުވިސްނޭނެ.” އަބްޔާން ތެދުވެގެން އައިސް އަލަމާރިން ފެން ފުޅިއެއް ނެގިއެވެ. އަދި ކޯވަރެއް އަނގައަށް އަޅާލާފައި ބިއްލޫރި ތައްޓަކަށް އޭގެން ފެން އަޅާއިގެން ގެނެސް ޖަންނަތު ކައިރީ ބެހެއްޓި އެވެ.

“ޖަންނާ، ގަޑިން ތިނެއް ޖަހައިފި. ފެން ބޮއެގެން ދެން ދޭ ނިދަން.” އަބްޔާން އެހެން ބުނުމުން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ޖަންނަތު ބަލައިލި އެވެ. އަދި ފެންތަށިން އެތިފޮދެއް ބޯލުމަށް ފަހު ގޮނޑިން ތެދުވެއްޖެ އެވެ. ފުންނޭވާއެއް ލަމުން މޭޒުމަތީ އޮތް ދެ ފައިލް އަބްޔާން އަތައް ދިނެވެ. އަދި މައްޗަށް އަރައިގެން ހިގައްޖެ އެވެ. ޖަންނަތު ދިޔަ ދިމާއަށް ބަލަން ހުރެފައި ފައިލްތައް ހިފައިގެން އަބްޔާން ވެސް އައިސް ކޮޓަރިއަށް ވަނެވެ.

 

ޖަންނަތުއަށް ހޭލެވުމާއި އެކު ކައިރީގައި އޮތް ފޯނު ނަގާ ބަލައިލި އެވެ. ދިހައެއް ޖަހަން އުޅެނީ އެވެ. ޖަންނަތު ފުންމައިގެން ތެދުވެއްޖެ އެވެ. އަދި ކޮޓަރިއަށް ނަޒަރު ހިންގާލި އެވެ. އެއްވެސް މީހެއް ކޮޓަރީގައި ނެތެވެ. އަދި ކޮޓަރީގެ ހަރުގަނޑުގައި ހުރި އަންނައުނު ތައްވެސް ނެތެވެ. ޖަންނަތުގެ ހެދުމެއް ފިޔަވައި އެކައްޗެއްވެސް ނެތީ އެވެ. އަނެއްކާ އެންމެން ރަށަށް ދިޔައީ ހެއްޔެވެ. ޖަންނަތުގެ ދަބަސް ފިޔަވައި އެހެން މީހެއްގެ ދަބަސް ވެސް ނެތީ އެވެ. ޖަންނަތު އަވަހަށް ފާހާނާއަށް ވަދެ ތައްޔާރު ވެލައިގެން ތިރިއަށް ފޭބިއެވެ. އޭރު އަބްޔާންއާއި އަހްޔާން އަދި ނަސީރު މޭޒުކައިރީ ތިބީ ލިޔެކިއުން ތަކެއް ބަލާށެވެ.

“ޖަންނާ، އަވަހަށް ސައިބޯލާ. ލޯޔަރ ކައިރިއަށް ދާން ޖެހޭނެ.” ނަސީރުއަށް ޖަންނަތު ފެނުމުން ބުންޏެވެ. “އަބީ، ދޭބަލަ އާޒަތު ކައިރީވެސް ބުނެލަން އަވަސް ކޮށްލަން.” އަބްޔާން ބޯޖަހާލަމުން ސިޑިން މައްޗަށް އެރި އެވެ.

ޖަންނަތު އައިސް މޭޒުގެ އެއްކޮޅުގައި އިށީނެވެ. އޭރު އެތާ ހުރީ އާޒަތުއާއި ޖަންނަތުއަށް ސައި ހަދާފަ އެވެ. އާޒަތު ތިރިއަށް އައިސް އެންމެނަށް ބަލައިލި އެވެ.

“ދޮންތަމެން ކޮބާ؟” އަބްޔާންކައިރީ އާޒަތު އަހާލި އެވެ.

“އެންމެން ހެދުނު އޮތް ލޯންޗަކުން ރަށަށް ގޮއްސި.” އަބްޔާން ބުންޏެވެ.

“އާޔަތު ވެސް؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ.

“އާޔަތު ހުރީ ނުދާން، އެކަމު ޒީނަތު ކިޔާ ކިޔާ އޭނަ ދިޔައީ.” އަބްޔާން ބުންޏެވެ.

 

 

ހުރިހާ ލިޔެކިއުންތަކުގެ ކަންތައް ނިންމާލާފައި އެންމެނަށް ގެއަށް އާދެވުނީ މެންދުރުން އެނބުރި ފަހުންނެވެ. ޖަންނަތު އައިސް އައިސް އަލަމާރިން ފެން ފުޅިއެއް ނަގައި އެންމެނަށް ފެން އަޅައި ދިނެވެ. ހޫނު ދުވަސްކޮޅެއް ކަމުން އެންމެން ވެސް ތިބީ ކަރުހިއްކައި ގަނެފަ އެވެ.

“އަބީ، ބައްޕަ މިދަނީ ޔާން ގޮވައިގެން ފެކްޓަރީއަށް ދާން. ބައްޕަމެން ރަށަށް ދާނަން މިރޭ. މާދަމާ ހެދުނުގެ ލޯންޗުން ޖަންނައާއި އާޒަތު ގޮވައިގެން އަބީވެސް ރަށަށް ދޭ.” ނަސީރު ކޮޓަރިއާއި ދިމާއަށް ހިގައި ގަންނަމުން ބުނެލި އެވެ.

“ބޮސް، ނުކަނީ ދަނީ؟” ބަދިގެއިން ނިކުތް ސަމްސުއްދީނަށް ނަސީރު ބުނި އެތި އަޑު އިވިގެން އަހާލި އެވެ.

“އާން، ލަސްވާތީ. މިކުދިންނަށް ކާންދީ.” ނަސީރު ދަމުން ބުންޏެވެ. އަހްޔާން ވެސް އަވަހަށް މައްޗަށް އެރީ އޭނާގެ ދަބަސް ބަލައެވެ.

 

ކައި ނިމިގެން ޓީވީ ބަލަން އާޒަތު އިނެވެ. ޖަންނަތު ކޮޓަރިއަށް ދިޔައީ ފެންވަރާ ނަމާދުކޮށްލާށެވެ. އަބްޔާން ނުކުތީ ބޭރަށެވެ. އަބްޔާންގެ ރައްޓިއްސަކާއި ބައްދަލުކޮށްލާށެވެ.

ހަވީރު ޖަންނަތު ތިރިއަށް އައި އިރު އާޒަތު ފޯނާކުޅެން ސޯފާގައި އިނެވެ.

“ތުއްތާ، ހިނގާ ބޭރަށްދާން. ގޭގަ ތިބެން ފޫއްސެއްނު.” ޖަންނަތު ފެނުމުން އާޒަތު ތެދުވަމުން ބުންޏޭވެ. ޖަންނަތުވެސް އެކަމާ އެއްބަސް ވެލައިގެން ދެމީހުން ބޭރަށް ނިކުތެވެ. ހެންވޭރު ހެދިގޮނޑު ދޮށް ސަރަހައްދުގައި ތިބެލާފައި ހިނގަމުން އައިސް ގާޑިޔަލަކުން މަސްކާށިކާން ދެމީހުން ތިއްބެވެ. އެވަގުތު ރައްޓެހި ކުއްޖެއްގެ ސައިކަލު ފަހަތުގައި އިން އަބްޔާންއަށް އެދެމީހުން ފެނިގެން އެތަނަށް މަޑުކުރުވާފައި އެކުއްޖާ ފޮނުވާލި އެވެ.

“މަށަކަށް ނުދޭނަންތަ؟” ޖަންނަތުއާއި ދާދި ކައިރީ ހުއްޓިލަމުން އަބްޔާން އެހެން ބުނެލި އަޑަށް ދެމީހުން ވެސް ބަލައިލި އެވެ.

“ނޫނޭ އަބީ. އާދޭ އަވަހަށް.” އާޒަތު އަވަހަށް އަބްޔާންއަށް ތަބަށް ދިއްކޮށްލަމުން އަދި އެއް ތަބައް ގެންނަން ބުންޏެވެ. އެމީހުން އެތާ ތިބެ ކައިގެން ދުފާލައިގެން ހިގަން ފެށީ އުސްފަސްގަނޑު މަތިންނެވެ. ހިސާބަކަށް ގޮސްފައި އާޒަތުގެ ރައްޓެހި ކުދިންތަކެއް ފެނިގެން އާޒަތު އެމީހުނާއި އެކު ގެއަށް ދާނަން ކަމަށް ބުނެ ޖަންނަތުއާއި އަބްޔާންއާއި ވަކިވި އެވެ.

“ޖަންނާ، ހިނގާ ހުޅުމާލެއަށް ސައިކަލު ދުއްވާލަންދާން.” ޖަންނަތުއާއި އެއްކޮން ހިނގަމުން އަބްޔާން ބުނެލި އެވެ. ޖަންނަތު ހުއްޓިފައި އަބްޔާންއަށް ބަލައިލި އެވެ.

“އަބީ، ކޮބާ ސައިކަލު؟”

“ޖަންނަ އެއްބަސްވޭ އޭރުން ސައިކްއެއް ހޯދިދާނެ.”

“ނޫން އަބީ، އަހަރެން ސައިކްދުއްވާ ހިތެއް ނުވޭ.”

“ޖަންނާ، ވައީ؟”

“ދެން ކީއްކުރަންތަ؟ އަދި އަމުދުން ހުޅުމާލޭގަ ދުއްވާއިރު އެހާ ބާރަށް މީހުން ދުއްވާނީ. މަށަކަށް ކަމަކު ނުދޭ.”

އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލާފައި ފުންނޭވާއެއް ލިއެވެ. ޖަންނަތުގެ މޫނާ ދިމާލަށް ވަޔާ އިރުކޮޅަލާ އެދާ އިސްކޮޅު ޖަންނަތު ރަގަޅުކޮށްލަ އެވެ. އަދި ޖަންނަތު މޫދާދިމާއަށް ބަލަން ހުރެފައި ތޮށީގަނޑުމަތީ އިށީނެވެ. އަބްޔާން ލައިގެން ހުރި ޖީންސްގެ ޖީބަށް އަތްކޮށްޕާލަމުން ދުރު ބަލަން ހުއްޓެވެ.

“ޖަންނާ، ވާހަކައެއް އަހާލަންތަ؟” ހަމަހިމޭން އިރުކޮޅަކަށްފަހު އަބްޔާން ވެސް ތޮށިގަނޑުމަތީ ޖަންނަތުއާއި ޖެހިގެން އިށީންނަމުން އަހާލި އެވެ.

“ހޫމް.”

“ޖަންނަ ދުވަހަކުވެސް…” އަބްޔާން އެހިސާބަށް ބުނެފައި ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ވެސް އަބޔާންއަށް ބަލަން އިނީ އަބްޔާން ބުނަން އުޅޭ އެއްޗެއް ނޭގޭތީ އެވެ. އަބްޔާން ދުރަށް ބަލަން ފެށި އެވެ.

“ކީކޭ ބުނަންތަ ތި އުޅެނީ؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ.

“ފޮރގެޓް އިޓް.” އަބްޔާން ބޯހޫރާލަމުން ދުރުބަލަން އިނެވެ. ޖަންނަތު އަްބޔާންއަށް ބަލަން އިރުކޮޅަކު އިނެވެ.

“އަބީ، މި ތިން ދުވަހު އަބީ ތިއުޅެނީ ހާދަ ތަފާތު ގޮތަކަށޭ. އަބީއަކާ ނުވެސް ގުޅޭ.”

“ތީ ޖަންނައަށް ހީވާގޮތް.”

“ހީވާގޮތެއްނޫން، އަބީގެ މިޒާޖުން ބައެއް ފަހަރު ހިތަށްއަރާ ތީ ޔާނުއޭ. ހާދަ އެހެން ކަހަލަޔޭ.”

“އަސްލު އިނގޭތަ. މީ ޔާނުއޭ.” އަބްޔާން ޖަންނަތުއަށް ބަލަިއލަމުން ބުންޏެވެ. ޖަންނަތު ނިކަން ރަގަޅަށް އަބްޔާންއަށް ބަލައިލި އެވެ.

“އަބީ، ކިތަންމެ ވަރަކަށް އަބީ ޔާންއާ ވައްތަރުވާން މިޒާޖަށް ބަދަލުތައް ގެނެސްގެން އުޅުނަސް މަށަކަށް ނޯޅޭނެ.”

އަބްޔާން ހިނިތުން ވެލި އެވެ. އަދި ތެދުވަމުން ޖަންނަތުގެ އަތުގައި ހިފާ ނެގި އެވެ. އޭރު އިރުވެސް އޮއްސިއްޖެ އެވެ. ހިސާބުގައި އުޅުން މީހުންތައްވެސް މަދުވާން ފަށައިފި އެވެ.

“ހިނގާ ގެއަށްދާން.” އަބްޔާން ބުނެލި އެވެ. ޖަންނަތު އަބްޔާންއާއި އެކު ހިނގަން ފެށީ ގެއާއި ދިމާއަށެވެ. މަޖީދީ މަގުން ހިނގަމުން ދަނިކޮން ސައިކަލުގައި ތިބި ދެ ފިރިހެނުން އައިސް އަބްޔާންމެން ކައިރިއަށް ހުއްޓާލި އެވެ.

“އަބީ، ހާދަ ސަޅި ބިޓެއް.” ސައިކަލު ފަހަތުގައި އިން ކުއްޖާ ބުނެލި އެވެ.

“އަބީ، މިރޭ ސައިކަލު ދުއްވާލަން ދާން ތިކުއްޖާ ލިބިދާނެތަ؟” ސައިކަލު ކުރީގައި އިން ކުއްޖާ އަހާލި އެވެ. އަބްޔާން އެދެމީހުނަށް ބަލައިލާފައި ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ހުރީ ހިސާބަކަށް ނުރުހިފަ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 18 ވަނަ ބައި

Next

މިހިތުގެ ލޯތްބެ ތީ 18

Next
April 12, 2016

މިހިތުގެ ލޯތްބެ ތީ 18

Previews
April 12, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 18 ވަނަ ބައި

One Comment

  1. Anonymous says:
    April 12, 2016 at 9:27 pm

    Ooo

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 8 ވަނަ ބައި←


All Right Reserved!