…(ކިޔުންތެރިންގެ ހިޔާލު ކޮމެންޓުކުރުން އެދެން)…
“އަހަރެމެން ވަލީދުުމެންގެ ގެއަށް ދިޔަކަން އެމީހުންނަށް އެނގުނީ ކިހިނެއް؟” ހާސްކަމާއެކު ރައިހާން، ނަވީންއާއި ސުވާލުކުރިއެވެ. ނަވީން ޖަވާބު ނުދިނުމުން ރައިހާން އަނެއްކާވެސް ސުވާލު ކުރިއެވެ. “ދެން ޕޮލިހުން ކައިރިން ސަލާމަތް ވާނީ ކިހިނެއް؟”
ނަވީންއާއި ރައިހާން ތިބީ ފުލުހުންގެ އިދާރާގެ އިންތިޒާރުކުރާ ގޮނޑިބަރީގައެވެ. އެމީހުން ހިފަހައްޓާފައިވަނީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތެއްގައެވެ. “މިތާކު މިހެންނެއް ނުތިބެވޭނެ. މިލްޝާއާއި ލިވާންއަށް ވީގޮތެއްވެސް ނޭނގެ. އެންމެ ރަނގަޅުވާނީ ފުލުހުންނަށް އަސްލުވީގޮތް ކިޔައިދިނީމަ” ދެއަތުން ބޯ ހިފަހައްޓާލައިގެން އިނދެ ނަވީން ބުންޏެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ.
މިފަދަ ހާސްކަމެއްގެ ތެރޭގައި ތިއްބާ، ފުލުހަކު އެމީހުންގެ ކުރިމައްޗަށް އައެވެ. “ސުވާލުކުރާ ކޮޓަރިއަށް ވަނުމަށް ދެބޭފުޅުންވެސް ތެދުވެވަޑައިގަންނަވާ” ހަރުކަށި ރާގަކަށް މިހެން ބުނީ ޒާއިންއެވެ. ޒާއިންއަކީ އިސްކޮޅުން ދިގު، އުމުރުން 26 އަހަރުގެ، މުށިކުލައިގެ ހަންގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ކުރު އިސްތަށިގަނޑެއް ހުންނަ އޭނާއަކީ މަސައްކަތަށް ފަރުވާތެރި، އިންސާފަށް ލޯބިކުރާ ޒިންމާދާރު މީހެކެވެ.
“ފުން ނޭވާއެއްލާފައި ހަމަޖެހިލާ” މަޑުމަޑުން ނަވީން، ރައިހާންގެ ކައިރީގައި ބުންޏެވެ. ޒާއިން، އެ ދެމީހުން ގޮވައިގެން ގޮސް ސުވާލުކުރާ ކޮޓަރިއަށް ވައްދައި، އިށީނުމަށް އެންގިއެވެ. “ތިޔަބޭފުޅުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭތީ ބިޑި ނާޅުވައި ތި ހުރީ” ޒާން ބުންޏެވެ. “އުއްމީދު ކުރަނީ ކުރިއަށް އޮތް ސުވާލުކުރުމުގެ މަރުހަލާގައިވެސް ތިޔަ އެއްބާރުލުން ދެއްވާނެ ކަމަށް.” މިހެން ބުނެ ޒާއިން، ރައިހާންއާއި ނަވީންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
“އަސްލު ތިޔަބޭފުޅުން އެހާ ދުވަސްވީ މީހަކަށް، އެބަހީ މޫސާ ވަލީދުއަށް، ހަމަލާދީ ގޯނާކުރަން އުޅުނީ ކީއްވެގެންތޯ؟” ޒާއިން ސުވާލުކުރިއެވެ.
“ނުކުރަން އެއްވެސް ގޯނާއެއް” ނަވީން ވަގުތުން ޖަވާބު ދިނެވެ.
“ދަންނަވާލަން އޮތީ، ހުކުމް ކުރާއިރު ދޮގުހަދާފައިވާނަމަ، އަދަބު ބޮޑުވުމުގެ ފުރުސަތު އޮންނާނެ ވާހަކަ” ޒާއިން ހަރުކަށި ރާގަކަށް ބުންޏެވެ.
“މޫސާ ވަލީދުއަކީ އިންސާނީ ވަގުފާރިކުރާ މީހެއް. އޭނާ ވީ އަހަރެމެންގެ އެކުވެރިންތަކެއް ވިއްކާލާފައި” ރައިހާން ހަގީގަތް ހާމަކުރިއެވެ. ރައިހާންގެ މި ވާހަކަ އަޑުއިވުމުން، ނަވީން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“އިންސާނީ ވަގުފާރި…؟ މިއީ މީހެއްގެ ބޮލުގައި އެޅުވޭނެ ކިހާ ބޮޑު ތުހުމަތެއްކަން ތިޔަބޭފުޅުންނަށް އެނގޭތަ؟” ޒާއިން ސީދާ ރައިހާންގެ ލޮލަށް ބަލަން ހުރެ ބުންޏެވެ.
“މިއީ ހަމައެކަނި ކުރާ ތުހުމަތެއް ނޫން، މިއީ ހަގީގަތް. މޫސާ ވަލީދުއަކީ އިންސާނީ ވަގުފާރިކުރާ، މަގޭ ލޯބިވެރިޔާވެސް ވިއްކާލި ޖަނަވާރެއް” ނަވީން ކޮޅަށް ތެދުވެ ހުރެ ރުޅިވެރިކަމާއެކު ބުންޏެވެ.
ޒާއިން މަޑުމަޑުން ނަވީންއާއި ދިމާލަށް ބަލަން އިނުމަށްފަހު ބުންޏެވެ. “ހަގީގަތަކީ އަޅުގަނޑަކީ ސާބިތުނުވާ ކަންކަމުގައި އެހާ ހަރުކަށި ފިޔަވަޅު އަޅާ މީހެއް ނޫން. ތިޔަބޭފުޅުން މޫސާ ވަލީދުއަށް ގޯނާކުރި ކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑު އަތަކު ނެތް. އޭނާގެ ހަށިގަނޑަށް ލިބުނު ގެއްލުންތައް ބަލައި ތަހުގީގުކުރަން ސްޓޭޝަނަށް އައުމަށް އެދުމުން، އޭނާ އަންނާކަށް އެއްބަހެއް ނުވި. އެހެންވީމާ، މިހާރު މިދާ ގޮތުން ތިޔަބޭފުޅުން ދޫކޮށްލުމުގެ ފުރުސަތު ވަރަށް ބޮޑު.”
މި ވާހަކައިން ރައިހާންގެ ހިތަށް ހަމަޖެހުން ލިބި، އުފަލުން ޝުކުރު އަދާކުރިއެވެ. ނަމަވެސް، ކުއްލިއަކަށް ސުވާލުކުރާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލިއެވެ.
ޒާއިން ގޮނޑިން ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއެވެ. އަދި ދޮރުމަތީގައި ހުރި އޮފިސަރަށް އިހުތިރާމާއެކު ސަލާމްދީ ސެލިއުޓް ކުރިއެވެ. އެއީ ފަރުހާދުއެވެ. އޭނާއަކީ ފުލުހުންގެ މުއައްސަސާގެ މަތީ މަގާމެއް ފުރަަމުންދާ، ނުފޫޒުގަދަ އޮފިސަރެކެވެ.
“އެޓް އީޒް،” ފަރުހާދު ބުންޏެވެ. އެއާއެކު ޒާން ސަލާމްކުރުން ހުއްޓާލައި އިންތިޒާރުގައި މަޑުކޮށްލިއެވެ. “ކަލޭގެ ނަމަކީ ޒާއިން ދޯ؟” ފަރުހާދު ސުވާލުކުރިއެވެ. “ސަރ، ޔެސް ސަރ،” ޒާއިން ޖަވާބު ދިނެވެ.
“ޒާއިން މި މައްސަލަ ދޫކޮށްލާ. މިއާ އަހަރެން ހަވާލުވެ މިކަން ނިންމާލާނަން. މި ދެބޭފުޅުންނާ ވާހަކަދައްކާލައިގެން ގޮތެއް ނިންމާނީ މަ” ފަރުހާދު އަމުރުވެރި ރާގަކަށް ބުންޏެވެ. ނަމަވެސް ޒާއިންގެ ހިތުގައި ސުވާލު އުފެދުނެވެ. “ސަރ، އެކަމަކު މިފަދަ އާދައިގެ މައްސަލައަކަށް ސަރގެ ވަގުތު ހޭދަކުރެއްވުމުގެ ބޭނުމެއް އެބައޮތްތޯ؟”
އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ފަރުހާދު ޖަވާބު ދިނެވެ. “ޒާއިން ތިކަމާ ހާސްނުވެ އެހެން މައްސަލައަކާ ހަވާލުވޭ. ޑިސްމިސްޑް!” ފަރުހާދުގެ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން ޒާއިން ސެލިއުޓްކޮށްފައި ކޮޓަރިން ނިކުތެވެ. ނަމަވެސް އޭނާގެ ހިތުގައި ވަރަށް ގިނަ ޝައްކުތަކާއި ސުވާލުތައް އުފެދުނެވެ.
މިހާރު ސުވާލުކުރާ ކޮޓަރީގައި ތިބީ ފަރުހާދުއާއި، ރައިހާންއާއި ނަވީން އެކަންޏެވެ. “ނަވީން ދޯ؟” ގޮނޑީގައި އިށީންނަމުން ފަރުހާދު ސުވާލުކުރިއެވެ. “ވަރަށް ކުރުކޮށް އަދި ސާފުކޮށް މި ބުނަނީ” ފަރުހާދު ނަވީންއާއި ރައިހާންއަށް ފުން ނަޒަރަކުން ބަލައިލިއެވެ. “މަހަކު 1.3 މިލިއަން ރުފިޔާ ދޭނަން. މި ހިނގާދިޔަ ހުރިހާ ކަމެއް ހަނދާން ނައްތާލާ.”
“އެކެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާ! ހީވޭތަ؟ އެކެއް ޕޮއިންޓް ތިނެއް މިލިއަން!” އަޑަށް ބާރުލާފައި ފަރުހާދު އޭނާގެ ހުށައެޅުން ތަކުރާރުކުރިއެވެ. ނަމަވެސް ނަވީންއާއި ރައިހާންގެ މޫނުމަތިން އެއްވެސް ބަދަލެއް ނުފެނުނެވެ.
“އެހެންވީމާ، ފުލުހުންގެ ތެރޭގައިވެސް ކޮރަޕްޝަން އޮތީ އެމީހުންގެ ނުފޫޒުގެ ދަށުގައިތާ؟” ރައިހާން ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ. “އެދުވަހު ކުއްޖަކު ކިޑްނެޕްކުރި ވާހަކަ ބުނީމާވެސް އެއްބާރުލުން ނުދިނީ، އެއީ ތިޔަބޭފުޅުން ބައިވެރިވެގެން ހިންގާ ކިޑްނެޕިން އަކަށްވާތީތަ؟ އަހަރެމެން ތި ހައްޔަރުކުރީވެސް އެމީހުންނަށް ގެއްލުމެއް ވެދާނެތީތަ؟، ކަލޭމެން ތި ކުރާ ކަންތައްތައް ފަޅާ އަރާނެތީ ދޯ؟؟” ރައިހާން ބާރަށް ބުންޏެވެ.
“ކަލޭމެން ކުޑަކުދިން ވިއްކައިގެން ހޯދާ ފައިސާލައިގެން ހޭރެންވީނު…މާ ވާހަކަ ގިނަނުކޮށް އަހަރުން ދޫކުރޭ…އެއްވެސް ހެއްކެއް ނެތި ކޯށްޗެކޭ ތި ކިޔަނީ؟” ނަވީންވެސް ހަރުކަށިކަމާއެކު ބުންޏެވެ.
“ކަލޭމެންނަށް މިދެނީ ފަހު ފުރުސަތު. ބުއްދިވެރި ގޮތަކީ މި ފައިސާގައި ހިފުން” ފަރުހާދު ބުންޏެވެ. ނަމަވެސް ނަވީންއާއި ރައިހާން އެ ޑީލްއަށް އެއްބަހެއް ނުވިއެވެ.
“މައްސަލައެއް ނެތް. ތިޔައީ ތިޔަބޭފުޅުން ނިންމި ގޮތް ކަމަށްވާނަމަ…” ފަރުހާދު ގޮނޑިން ތެދުވެ، ދޮރާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. “މޫސާ ވަލީދުުމެން ގޭގައި ހަރުކޮށްފައި ހުރި ކެމެރާތަކުން، ތިޔަ ދެމީހުން އޭނާއަށް ސީރިއަސް ހަމަލާތަކެއް ދިންކަން ސާބިތުވޭ. އެހެންކަމުން، ނަވީންއާއި ރައިހާން ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެ.”
މި ވާހަކަ އަޑުއިވުމުން ނަވީންއާއި ރައިހާން މުޅިން ހާސްވިއެވެ. އެގޭގައި ކެމެރާ ހުރެދާނެކަމާމެދު އެމީހުންނަށް ކުރިން ވިސްނައެއް ނުލެވުނެވެ. ނަވީންގެ ގަދަ ރުޅީގައި ވަލީދުމެންގެ ގެއަށް ގެއްލުންދީ، އޭނާގެ ގައިގައި ތަޅައިގަތްއިރު ކެމެރާ ޗެކްކުރަން ހަނދާންނެތުނީއެވެ. މިއީ ނަވީންގެ ރޭވުމެއްގައި، އަމިއްލައަށް ކޮނުނު ވަޅެއްގައި އަމިއްލައަށް ބެދި، މުޅި ރޭވުން ފަނުފުލުންދިޔަ ފުރަތަމަ ފަހަރެވެ.
(ކާރެއްގެ ޑިކީ ތެރރޭ…)
އިނާގެ އަނގައިން ބޭއިޚްތިޔާރުގާ އަޑެއް ބޭރުކޮށްލިއެވެ. އޭނާގެ ދެއަތް އޮތީ ފުރަގަހަށް ބަނދެފައެވެ. އިތުރު ދެމީހަކު އެތަނުގައި ތިބިކަން އިނާއަށް އިހުސާސްވިއެވެ. އެކަކު އަނެކަކުގެ ގައިގައި ޖެހޭހާ ގާތުގައި ތިބިއިރު، އެއީ ކާރެއްގެ ޑިިިިިކީގެ ތެރެކަން އެގެން މާ އުދަގުލެއްނުވިއެވެ.
“އޭ…؟ އޭތް..!” އެ ކަޅު އަނދިރިގަނޑުގެ ތެރޭގައި ހޭނެތިފައި ތިބި ދެމީހުންނަށް ގޮވޭތޯ އިނާ މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ހަމައެކަނި ޖަވާބަކަށް އިނާ އަށް އިވެނީ އޭނާގެ އަވަސްވެފައިވާ ހިތުގެ ވިންދެވެ. ގުޑިލެވެނީވެސް ވަރަށް އުނދަގުލުންނެވެ. އޭނާގެ ކައިރީގައި އޮތީ ފިރިހެނެއްކަން އިނާއަށް އެނގުނީ އިނާ ގެ ހަށިގަނޑާއި އޭނާގެ ހަށިގަނޑު ޖެހި ފިތިފާ ހުރުމުންނެވެ.
މި ވަގުތު ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ކޮބައިތޯ އިނާ ވިސްނަން ފެށިއެވެ. އޭނާއެކޭ އެއްފަދައިން މި ދެމީހުންވެސް ތިބީ ކިޑްނެޕްކޮށްފަިވާކަން އިނާއަށް ވިސްނުނެވެ. އެހެންކަމުން، އެމީހުންގެ ތެރެއިން އެކަކު ނަމަވެސް ސަލާމަތްވެއްޖެނަމަ، އަނެއް ބަޔަކު ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވާނެކަމަށް އިނާ ހިތައްއެރިއެވެ. މިގޮތުން އިނާ އޭނާގެ ކުރިމަތީގައި އޮތް ފިރިހެން މީހާގެ އަތުގައި ބަނދެފައިވާ ވަގަނޑު، އަނގައިން ދަތްލައިގެން މޮހާ ދޫކުރެވޭތޯމަސައްކަތް ކުރިއެވެ.
އިނާއަކީ އުމުރުން 22 އަހަރުގެ، ކެފޭއެއްގައި ވަޒީފާ އަދާކުރަމުންދާތާ 7 މަސްވެފައިވާ ޒުވާން އަންހެން ކުއްޖެކެވެ. އޭނާއަކީ ދޮން ހަންގަނޑެއް ލިބިފައިވާ، ނުހަނު ފުރިހަމަ ރީތިކަމެއްގެ ވެރިއެކެވެ. އިނާގެ ރީތިކަމުގެ ސަބަބުން ގިނަބަޔަކު އޭނާއަާއި ދިމާލަށް ‘ފައިންމިންޏެކޭ’ އޭ ކިޔައި އުޅެއެވެ. މުށިކުލައިގެ ކަޅިއަކާއި ކުރު އިސްތަށިގަނޑެއް ލިބިފައިވާ އިނާގެ ރީތިކަމަކީ އޭނާގެ ހަމައެކަނި ސިފައެއް ނޫނެވެ. އޭނާއަކީ ނުހަނު ވިސްނުންތޫނު، ކޮންމެފަދަ ބޮޑު ކަމަކާ ކުރިމަތިލާއިރުވެސް ކެތްތެރިކަމާއެކު ހަމަޖެހިލައިގެން ވިސްނާލެވޭ ފަދަ ހިތްވަރުގަދަ ކުއްޖެކެވެ.
އިނާ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދިޔައީ އެ ފިރިހެން މީހާގެ އަތުގައި ބަނދެފައިވާ ވަގަނޑު ދަތުން މޮހާލެވޭތޯއެވެ. އޭނާގެ މަސައްކަތަށް މެދުކެނޑުމެއް އައީ، ކާރުގެ ކުރީ ގޮނޑިއަށް ދެމީހަކު އަރައި ކާރު ސްޓާޓްކޮށްލި އަޑަށެވެ. “ބޮސް ބުނީ ކޮން އެއާޕޯޓަކަށް ދާށޭ؟” ހުންގާނުގައި އިން މީހާ އަނެއް މީހާއާ ސުވާލުކުރިއެވެ. “ބައްޔެއް، ކަލޭ މިހާރު ބީރުވެސް ވަނީތަ؟ ކައިރީގައި އޮތް އެއާޕޯޓަށް ދާންވީ..” ދެވަނަ މީހާ ޖަވާބު ދިނެވެ. މިހެން ބުނުމާއެކު ހުންގާނުގައި އިން މީހާ ހީނގަނެފައި ކާރު ދުއްވާލިއެވެ.
އިނާ އެއްވެސް އަޑެއް އިވުނަނުދީ، އޭނާގެ ކައިރީގައި އޮތް މީހާގެ އަތުގައި ބަނދެފައިވާ ވަގަނޑު ދަތުން މޮހުމަށް ކުރަމުންދިޔަ މަސައްކަތް ކުރިއަށް ގެންދިޔައެވެ. “މަ ބުނީ ބޮސް އަސްލު އެ މަންޖެގެ މޫނުމަތީގައި ބަޑިން ޖެހީމާ، ވިއްކާލެވޭ އަގު ކުޑަވާނެ ދޯ؟ އޭރުން އަހަރެމެންނަށް ލިބޭ ވަރުވެސް ކުޑަވާނެ ކަންނޭނގެ” ކުރީގައި އިން މީހަކު ބުނި އަޑު އިނާއަށް އިވުނެވެ.
“ބައްޔެއް، ހެޔޯ ކުޑަ ވިޔަސް. މަ ބޭނުމީ އެ ކެފޭ މަންޖެ ހިންގާލަން. ވިއްކާލުމުގެ ކުރިން ކަމެއް ކުރެވޭނަމަ ތާ!”
ކުރީގައި އިން މީހާ ހަޑިމުޑުދާރު ރާގަކަށް ޖަވާބުދިނެވެ. މިކަހަލަ
ވާހަކަތަކެއްގެ ތެރޭގައި 2 ގަޑިއިރު ވެގެން ދިޔަ ކަހަލައެވެ.
ކުއްލިއަކަށް ކާރު މަޑުކޮށްލިއެވެ. ކާރު ހުއްޓުމާއެކު، އެމީހުން ޑިކީ ހުޅުވާނެކަން އިނާއަށް ޔަގީންވިއެވެ. ވަގުތުން ހޭނެތިފައި އޮތްކަމަށް ހަދާ، ހަރަކާތް ހުއްޓާލައިގެން އޮތެވެ. އިރުކޮޅެއްގެ ތެރޭގައި އެމީހުން ކާރުން ފޭބުމަށްފަހު އެ ދެ ފިރިހެން މީހުން ޑިކީ ހުޅުވައިލިއެވެ.
ޑިކީ ހުޅުވުމާއެކު، އިނާއާ ޖެހިގެން އޮތް ފިރިހެން މީހާގެ އަނެއް ފަރާތުގައި އޮތް އަންހެން ކުއްޖާ ނަގައި ފޮއްޓަކަށް ލިއެވެ. “ފޮށީގައި ޖަހަންވީ ކޮން ނަމެއް؟” އެ ކުއްޖާ ފޮއްޓަށް ލި މީހާ ސުވާލުކުރިއެވެ. “މިލްޝާ. ފިރިހެން މީހާގެ ފޮށީގައި ލިވާން، ކެފޭ މަންޖެގެ ފޮށީގައި އިނާ، ދެން ނާހަށްޗޭ ކަލޭ..” އަނެއް މީހާ ޖަވާބު ދިނެވެ.
މިލްޝާ ފޮއްޓަށް ލުމަށްފަހު، މުޅި ފޮށީގައި ޓޭޕްއަޅައި ވަރުގަދައަށް ބަންދުކުރިއެވެ. ހަމައެއާއެކު ހޭނެތިފައި އޮތް ލިވާންއަށްވެސް ހެދީ ހަމަ އެފަދައިންނެވެ. ވަކި ފޮށްޓަކަށް ލާ ޕެކް ކުރިއެވެ. އެންމެ ފަހުން އިނާގެ ހަށިގަނޑުގައި ހިފައި ފޮއްޓަކަށް ލިއެވެ. އިނާ ހުރީ އިންތިހާއަށް ބިރުގަނެފައެވެ. އެހެން މީހުނާ ހިލާފައް އިނާގެ އަސްލު ހޭ ވެރިކަން ހުއްޓެވެ. ނަމަވެސް، އެއްވެސް ހަރަކާތެއް ނުކޮށް ހޭނެތިފައި އޮތްކަމަށް ހެދިގެން ޖެހުނީ ހުންނާށެވެ. އޭނާއަށް ކިރިޔާ ލޯ ހުޅުވާލެވުނު ހިނދު ފެނުނީ އެ ފޮށި ބަންދުކޮށް ޓޭޕް އަޅަމުންދިޔަ މަންޒަރާއި އެ އަޑެވެ.
އިނާގެ ހިތުގެ ވިންދު ވަރަށް އަވަސްވެ، އިންތިހާއަށް ބިރުގަތެވެ. އެކަނިމާއެކަނި އަނދިރި ފޮއްޓެއްގެ ތެރޭގައި އޮތްއިރު، މީހަކު އެ ފޮށި ކޮންމެވެސް އެއްޗަކަށް އަރުވައިގެން ގެންދާކަން އޭނާއަށް އިހުސާސްވަމުންދިޔައެވެ. ނޭވާލާން އުނދަގޫވެ، މުޅި މީހާ ހާސްވާން ފެށުމުން، އަމިއްލަ ނަފްސު ހަމަޖައްސަން އިނާ ވަރަށް މަސައްކަތް ކުރިއެވެ.
އިރުކޮޅަކުން ފޮށީގެ ގުޑުން ހުއްޓުނެވެ. ނަމަވެސް އެވަގުތު އިވުނީ މަތިންދާބޯޓެއް ނައްޓާލި އަޑެވެ. ބިރުގަތްވަރުން އިނާއަށް އަތާއި ފައިން ފޮށީގައި ތަޅައިގަނެވުނެވެ. އެތަނުން ނިކުމެވޭތޯ ތަޅައިގަނެ، ބާރަށް ހަޅޭއްލަވައި ރޯން ފެށުނެވެ. ގިސްލާފައި ރޮމުންދިޔައިރު، ކަރުނައިން މުޅި މޫނު ތެމިފައި ހުއްޓާ، ވަރުބަލިވެގެން އިނާއަށް ނިދިއްޖެއެވެ.
ކުއްލިއަކަށް އިނާއަށް ހޭލެވުނެވެ. ނޭވާލާން އުނދަގޫވެ، ކޮށިއަރާ ގޮތްވިއެވެ. މިހާރު ފާއިތުވީ ކިހާ ވަގުތެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އަނެއްކާވެސް ފޮށި ގުޑާކަން އިހުސާސްވި ނަމަވެސް، މިފަހަރު އިވެނީ އިންޖީނެއްގެ އަޑެވެ. އެއީ ކާރެއް ނުވަތަ ވޭނެއްގެ އަޑުކަން ޔަގީނެވެ. އިނާ ހޭލާ ހުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ހަތަރު ފަސް ގަޑިއިރު ވީއިރުވެސް އިންޖީނުގެ އަޑަށް ބަދަލެއް ނައުމުން، އަނެއްކާވެސް އޭނާއަށް ނިދިޖެހުނެވެ.
އިނާއަށް އަނެއްކާވެސް ހޭލެވުނީ، މީހަކު އޭނާ އޮތް ފޮށިގަނޑު އުފުލައިގެން ގެންދާކަން އިހުސާސް ވުމުންނެވެ. އޭނާގެ ކަރު ހުރީ މުޅިން ހިކި، ފެންފޮދަކަށް އިންތިހާއަށް ބޭނުންވެފައެވެ. ކުއްލިއަކަށް އެ މީހާ ފޮށިގަނޑު ބިންމަތީގައި ބެހެއްޓިއެވެ. ފޮށިގަނޑު ކަނޑައިލި އަޑާއެކު އިނާ ސިހިގެން ދިޔައެވެ.
ފޮށި ހުޅުވައިލުމާއެކު، އޭނާގެ ކުރިމަތީގައި ހުރި މީހަކު ސީދާ އޭނާއަށް ބަޑި ދިއްކުރިއެވެ. “ގެޓް އަޕް!” އެ މީހާ އަމުރުވެރި ރާގަކަށް ބުންޏެވެ. އޭނާ ހުރީ ކަޅުކުލައިގެ ތަފާތު ހެދުމެއްގައެވެ. އަދި މޫނު ނިވާވާނޭހެން ހުދުކުލައިގެ މާސްކެއް އަޅައިގެންނެވެ. “އައި ސައިޑް ގެޓް އަޕް!” ދެވަނަ ފަހަރަށް އެ މީހާ އަމުރުކުރިއެވެ.
އިނާ ހުރި ހިތްވަރުލާފައި ކޮޅަށް ތެދުވިއެވެ. އޭނާ ތެދުވުމާއެކު، އެ މީހާ އިނާގެ ކޮނޑުގައި ހިފައި ގަދަކަމުން ގެންދަން ފެށިއެވެ. އިނާ ވަށައިގެން ބަލައިލިއިރު ފެނުނު މަންޒަރުން އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އޭނާއަށް ހުރެވުނީ ބުނެދޭން ނޭނގޭހާ ބޮޑު ތަނެއްގައެވެ. ހީވަނީ ރަސްކަމުގެ ގަނޑުވަރެއް ހެންނެވެ. ބިންމަތީގައި ރަތްކުލައިގެ ދޫލަ އަޅާފައިވާއިރު، ހުދުކުލައިގެ ޑިޒައިންތަކުން ޒީނަތްތެރިކޮށްފައިވާ ތަނބުތައް ހުއްޓެވެ. އިސްއުފުލައި ބަލައިލިއިރު، އެ ގަނޑުވަރުގެ އުސްމިނާއި ތަނަވަސްކަމަކީ ނިމުމެއް ނެތް ފަދަ ބޮޑު ތަނެކެވެ.
އެ ނުދަންނަ މީހާ އިނާ ގޮވައިގެން ހިނގަމުން ދިޔަތާ ގިނައިރުތަކެއް ވެއްޖެއެވެ. އިނާ އިސްއުފުލައި ބަލައިލިއިރު، ގަނޑުވަރެއް ފަދަ އެ ބޮޑު އިމާރާތުގެ މަތީގައި، އެތެރެ ފެންނާނޭހެން ބެލްކަންޏެއް ހަދާފައި ހުއްޓެވެ. “ވޯކް ފާސްޓާރ” ހުދުކުލައިގެ މާސްކެއް އަޅައިގެން ހުރި އެ މީހާ އިނާއާ ދިމާލަށް ބުންޏެވެ. އިނާގެ ކަރުތެރެ ވަނީ ހިކިފައިވުމުން ވާހަކައެއް ދައްކާލާނެހާ ހިތްވަރެއް ވެސް އޭނާގެ ކަރަކު ނެތެވެ.
އެ މީހާ އިނާގެ އަތުގައި ހިފައިގެން ސިޑިއަކުން ތިރިއަށް ގެންދިޔައެވެ. އަނދިރި މަގަކުން ލާފައި ގޮސް ނުކުމެވުނީ ވަރަށް ބޮޑު ތަނަވަސް ސަރަހައްދަކަށެވެ. ނަމަވެސް އެއީ ފަޅު ތަނެއް ނޫނެވެ. ފެނުނު މަންޒަރުން އިނާގެ ލޯ ބޮޑުވެ، އިންތިހާއަށް ހައިރާންކަން ލިބުނެވެ. އެތަނުގައި ވަނީ ގިނަ އަދަދެއްގެ ޖަލުކަހަލަ ގޮޅިތަކެކެވެ. އެ ގޮޅިތަކުގެ ތެރޭގައި ތިބީ އޭނާއާ އެއް އުމުރެކޭ ބުނެވޭ ކަހަލަ ކުދިންނެވެ. އޭގެ ތެރޭގައި ގިނައީ ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންނެވެ. އެ ކުދިންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި އިންތިހާ ދަރަޖައިގެ ހިތާމަވެރިކަމެވެ. އެއީ އިހުސާސްތައް މަރުވެ، ކަރުނަ ހުސްވެފައިވާ ފަދަ ކުދިންތަކެއް ކަހަލައެވެ.
އެ މީހާ އިނާ ގޮވައިގެން ގޮސް ގޮޅިއެއްގެ ކައިރިއަށް މަޑުކޮށް، އެ ގޮޅި ހުޅުވާލުމަށްފަހު އިނާ އެތެރެއަށް ކޮއްޕާލިއެވެ. “ވެއިޓް އަންޓިލް ކަލެއްކްޓެޑް” އެހެން ބުނުމަށްފަހު އެ މީހާ އެތަނުން ހިނގައްޖެއެވެ. އިނާ ވަށައިގެން ބަލައިލިއިރު، އެ ގޮޅީގައި އޭނާއާއެކު އިތުރު ދެ ކުދިން ތިއްބެވެ. އެއީ މީގެ ކުރިން ކާރުގެ ޑިކީ ތެރެއިން ފެނުނު ދެ ކުދިން ކަމަށްވާ މިލްޝާއާއި ލިވާންއެވެ.
ލިވާން އެ ގޮޅިތެރޭގައި އޮތް ފެންފުޅި އިނާއަށް ދިއްކޮށްލަމުން ބުންޏެވެ. “މި ބޮއެ، ކަރުހިއްކައިގަނެފައި ދޯ ތިހުރީ؟” އިނާ އެ ފެންފުޅީގައި ތުންޖަހާ ބޯލިއެވެ. އަދި ފެންފުޅިއަށް ބަލަހައްޓައިގެން ހުއްޓެވެ. “މާއި، ފުޅިއަށް ބަލަނީއޯތި؟” ލިވާން ސުވާލުކުރިއެވެ. އިނާ މަޑުމަޑުން ބުންޏެވެ. “ސަން ބެނެޑެއްޓޯ.”
މިލްޝާއާއި ލިވާން އޮޅުން އަރާފައިވާ ފަދަ ގޮތަކަށް އިނާއާ ދިމާލަށް ބަލައިލިއެވެ. “ކީކޭ ތި ބުނީ؟ ދިވެހި އެނގޭތަ؟” މިލްޝާ ސުވާލުކުރިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އިނާ ޖަވާބު ދިނެވެ. “އެއީ މި ފެންފުޅީގައި ލިޔެފައި އޮތް ނަން. ސަންބެނެޑެއްޓޮ އަކީ އިޓަލީގެ ބްރޭންޑެއް. މަ ކުރިން މަސައްކަތްކުރީ އިޓާލިއަން ކެފޭއެއްގައި. އެތަނަށް އަބަދުވެސް ގެންނަނީ އިޓަލީއިން އެތެރެކުރާ ފެންފުޅި އާއި މުދާ…މާނައަކީ މިތިބީ އިޓަލީގެ ކޮންމެވެސް ތަނެއްގައޭ.” އިނާ އަމިއްލަ ނަފްސާ ވާހަކަދައްކާ ފަދަ ރާގަކަށް ބުންޏެވެ.
“ކޮން ނަމެއް ކިޔަނީ؟” ލިވާން އަހާލިއެވެ. “އިނާ،” އިނާ ޖަވާބު ދިނެވެ. “މިއީ މިލްޝާ،” މިލްޝާ އޭނާގެ އަމިއްލަ ތަޢާރަފެއް ދިނެވެ. އެ ތިން ކުދިން ހިމޭނުން ތިއްބާ ލިވާން ބުންޏެވެ. “މިތިބީ ތިނެތި ވިއްކާލާފަ.” “އާނ، އެނގޭ.” އިނާ ބުންޏެވެ. ނަމަވެސް މިލްޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާ ކަކޫ މަތީގައި ބޯއަޅާލައިގެން އިނދެ ރޯން ފެށިއެވެ. “ދެން ކިހިނެއްތަ… ހަދާނީ؟” ގިސްލާފައި ރޮމުން މިލްޝާ ސުވާލުކުރިއެވެ.
“ރައިހާންެއަށް އެހީތެރިވުމުން މިފަދަ ގޮތަކަށް ކަންތައް ވެދާނެ ކަމަކަށް މިލްޝާ ހީއެއް ނުކުރަން…މިހާރު ރައިހާންމެންނަށް ވީގޮތެއް ވެސް ނޭނގެ…ތި ދެމީހުން ތިތިބީ މާ ހަމަޖެހިފައި… މިވަނީ ކީއްކަން އެއްވެސް ވަރަކަށް ނޭނގެނީތަ؟…” މިލްޝާ ގިސްލާފައި ރޮމުން ބުންޏެވެ. ލިވާން އެއްވެސް އެއްޗެއް ނުބުނެ މިލްޝާ ރޯން ބޭންދިއެވެ. “ދެން…” މިލްޝާ އަނެއްކާވެސް ރޮމުން އަޑު ލެއްވިއެވެ.
“ތި ރުޔަސް ވާނީ ކީއް؟” އިނާ މިލްޝާއާއި ދިމާލަށް ބުންޏެވެ. “ރުއީމަ މިތަނުން ސަލާމަތްވެވޭނެތަ؟” އިނާ އަނެއްކާވެސް ބުންޏެވެ. އެހެން ބުނުމުން މިލްޝާ ކުއްލިއަކަށް އިނާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. “ދެން ކަލޭ ތިކުރަނީ ކީއް..؟ ސަލާމަތްވާން ކުރަނީ ކީއް..!؟” ލިވާން މިލްޝާއަށް އިޝާާރާތްކުރީ ދެން ވާހަކަ ނުދެއްކުމަށެވެ.
“މަންޖެ ހީކުރަނީ އަހަރެން ކަމެއް ނުކޮށް ހުރީ ކަމަށްތަ؟ ކަލޭ ހެން ރޯން އިނީމަ ކަމެއް ވާނެތަ؟” އިނާ ދެން އެނބުރުނީ ލިވާންއާއި ދިމާލަށެވެ. “ކޮން ނަމެއް ކިޔަނީ؟” އިނާ އަހާލިއެވެ. “ލިވާން،” އޭނާ ޖަވާބު ދިނެވެ. “މަ ލިވާންގެ އަތުގައި ބަނދެފައި އޮތް ވަގަނޑުވެސް ދަތުން ބުރިކުރަން އުޅުނިން. އެއީ ވެސް ސަލާމަތްވާން ކުރި ކަމެއް..!” އިނާ މިހެން ބުނުމުން މިލްޝާ އަނެއްކާވެސް ރުޅިއައިސްގެން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެ ވާހަކަ މެދުކަނޑާލަން ޖެހުނީ އިވުނު އިންތިހާ ބާރު ބެލްއެއްގެ އަޑާހުރެއެވެ.
އެ ބެލްގެ އަޑާއެކު، ހުދު ކުލައިގެ މާސްކު އަޅައިގެން ތިބި އަށް މީހަކު އެ ގޮޅިތައް ހުރި ސަރަހައްދަށް ވަދެގަތެވެ. ކޮންމެ ގޮޅިއެއްގެ ކައިރީގައި މީހަކު މަޑުކޮށްލިއިރު، އެމީހުން ތިބީ ހަތިޔާރު އަޅައިގެންނެވެ. “ބީ.ޓީ.ސީ-487. ގެޓް އައުޓް!” ބަޑި ހިފައިގެން ހުރި މީހާ އަމުރުވެރި ރާގަކަށް ބުންޏެވެ.
ލިވާންއާއި އިނާ ވަގުތުން ކޮޅަށް ތެދުވިއެވެ. ނަމަވެސް މިލްޝާ އަދިވެސް އިނީ ގިސްލާފައި ރޯށެވެ. “ގެޓް އައުޓް!” އެ މީހާ މިލްޝާއާ ދިމާލަށް ބަޑި ދިއްކުރަމުން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އެހެންނަމަވެސް، ބިރުން ގޮސް ހަށިގަނޑުން ވަރުދޫވެފައި އިނުމުގެ ސަބަބުން މިލްޝާއަކަށް ތެދުވާކަށް ނުކެރުނެވެ. މާސްކު އަޅައިގެން ހުރި މީހާ ގޮޅިތެރެއަށް ވަންނަން އުޅުމުން، އިނާ އަވަސްއަވަހަށް މިލްޝާގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގިއެވެ. “ކަލޭޔާ ހޭދީ އަހަރުން އެންމެން މަރުވެދާނެ!” އިނާ މަޑުމަޑުން މިލްޝާގެ ކަންފަތް ކައިރީގައި ބުންޏެވެ.
އިނާ މިލްޝާގެ ގައިގައި ހިފާގަތް ގޮތުން، އެ ދެމީހުން ތަޅާފޮޅަނީ ކަމަށް ހީކޮށް އެ މީހާ ބަޑި ތައްޔާރުކޮށްލިއެވެ. “ސްޓޮޕް! އޯރ އައި ވިލް ޝޫޓް!” އޭނާ އިންޒާރު ދިނެވެ. އެއާއެކު ލިވާންއާއި މިލްޝާ އަދި އިނާ ހަރަކާތްތައް ހުއްޓާލިއެވެ. ވަށައިގެން ބަލައިލިއިރު، ކޮންމެ ގޮޅިއަކުން ތިން މީހުން ނެރެ، ސަފަކަށް އަތުރައިގެން ހަތިޔާރު އެޅި މީހުންނާއެކު ހިނގަމުން ދިޔައެވެ. ލިވާންމެން ތިބި ގޮޅި ކައިރީގައި ހުރި މީހާ، އޭނާގެ އަތްދަބަނޑީގައި އިން ސެންސަރެއްގައި އަތް ޖައްސާލުމުން ދޮރު ހުޅުވުނެވެ. “ފޮލޯ މީ” އެ މީހާ ބުންޏެވެ. އިތުރު ގޮތެއް ނެތުމުން، ލިވާންއާއި އިނާ އަދި މިލްޝާ އެ މީހާގެ ފަހަތުން ހިނގައިގަތެވެ.
އެންމެން ހިނގަމުން ގޮސް އަނެއްކާވެސް ސިޑިން މައްޗަށް އެރިއެވެ. އެކުދިން ގެންގޮސް ހުއްޓުވީ ކުރިން ފެނުނު ގަނޑުވަރެއް ފަދަ ބޮޑު ތަނަވަސް ހޯލަށެވެ. ވަށައިގެން ތިބި މީހުންގެ ހަރަކާތްތަކަށް ބަލާއިރު، މިއީ އެމީހުން އާދަވެގެން ކުރާ ކަމެއްކަން ދޭހަވެއެވެ. ކޮންމެ ގޮޅިއަކުން ނެރުނު ތިން ކުދިންގެ ގާތުގައި ހަތިޔާރު އެޅި މީހަކު ހުއްޓި، އެކުދިންނަށް ބަޑި ދިއްކުރިއެވެ.
“ނީލް ޑައުން، ހޭންޑްސް އެބޯވް ހެޑް!” ލިވާންއާއި މިލްޝާ އަދި އިނާއަށް ވެސް އެ މީހާ އަމުރުކުރިއެވެ. އެ ތިން ކުދިން ބިރުން ތިބެ ކަކޫމައްޗަށް ތިރިވެ، ދެއަތް ބޯމަތީގައި ބެހެއްޓިއެވެ.
ކުއްލިއަކަށް، އެކުދިންގެ ބޯމަތީގައި އިން ބެލްކަންޏަށް ހަތް މީހަކު ނުކުމެ މަޑުކޮށްލިއެވެ. އެމީހުން ތިބީ ހުދުކުލައިގެ ހެދުމުގައެވެ. ނަމަވެސް އެމީހުންގެ މޫނުމަތީގައި ހުރީ ރަންކުލައިގެ މާސްކުތަކެކެވެ.
“ވެލްކަމް މައި ޗިލްޑްރަން!” މެދުގައި މަތީގައި ހުރި މީހާ ދެއަތް ފުޅާކޮށްލަމުން ބުންޏެވެ. “ލެޓްސް ސްޓާރޓް ދިސް ވީކްސް ގޭމް!…. އޭޒް އޯލްވޭސް، އޯންލީ ވަން ވިނާރ…” އޭނާ ނުލަފާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އަދި ކުޑަކޮށް މަޑުކޮށްލުމަށްފަހު އަނެއްކާވެސް ބުންޏެވެ. “އޯންލީ ވަން ވިނިން ޗައިލްޑް އޮފް މައިން ހޫކެންބީ ފްރީ….”

