ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 17)
ބޮޑުދައިތައަކީ އޭނާ ގެންގުޅޭ ކުޅޭ ކުޅޭ ބުދެއް ފަދައެވެ.ހެދިހާ ގޮތެއް ހެދިގެން، ބުނިހާ ކަމެއް ކޮށްގެން އުޅޭއިރު އަމިއްލަ ލެޔާއި އާއިލާއަށް އެއްވެސް ކަހަަލަ އަގަލެއް ކުލުނެއް ނެތެވެ. އޭނާގެ ވެސް ހުރިހާވެސް އެއްޗަކީ މުދަލާ ފައިސާ ކަހަލައެވެ. އެ ދެމީހުންގެ ދަރިންވެސް ހަމަ އެފަދައެވެ. ރިޝްވަތާއި ނުފޫޒުގެ ބާރުގައި ކޮންމެ ފަހަރަކުވެސް ގޮޅީގައި ހައްޔަރުނުވެ ސަލާމަތް ވިޔެއްކަމަކު އެ މީހުންވެސް ދަނީ ތަކުރާރުކޮށް އެތައް ކުށަކަށް އަރައިގަންނަމުންނެވެ.
****
މުހުސިނުމެންގެ ގެއަށް ދާން ކިޔާފައި އޮތް ދުވަސްވެސް އިސާހިތަކު އައިސް ޖެހިއްޖެއެވެ.ޝާމިން އަހަރެން ބަލައި އަންނާނަމޭ ބުނި ގަޑި ކުޑަތަންވަމުން ދިޔަ ވަރަކަށް އަހަރެން ހާސްވެ ނިތްކުރި މަތިން އޮށްދާ ހިލެމުން ދިޔައެވެ.ރީތިވާ މޭޒުކައިރީގައި ހުރެގެން އަހަރެން ތައްޔާރުވަމުން ދިޔައިރު އެނދުގެ ފަޑީގައި ލައްވެލައިގެން އިން ޝަފްކާގެ ދެލޯ އަމާޒުވެފައި ހުރީ ސީދާ އަހަންނަށެވެ.ދެލޯ ހަނިކޮށްލައިގެން އަހަންނަށް ބަލަން އިން ގޮތުން ހީވަނީ އަހަރެންގެ ކޮންމެ ހަރަކާތަކަށްވެސް ވަރަށް ސަމާލުވެގެން އިންހެންނެވެ. އަހަންނާއެކު ދާން އެއްބަސް ނުވީމާ އެކަމާ ހިތްހަމަ ނުޖެހިފައި އިންވަރު އެ މޫނުމަތީގައިވި ކުލަވަރުތަކުން ދޭހަވެއެވެ. ކުޑަ ކުޑަ ނުހައިކު އޭރު އުޅެނީ ހުރިހާ ކުޅޭ އެއްޗެހިތައް ޕްލޭމެޓު މައްޗަށް އަޅާލައިގެން އެސޮރުގެ އަމިއްލަ ދުނިޔެއެއްގައެވެ. ދެމެދަށް ވެރިވެފައި އުދާސްކަން ކިރިޔާވެސް ކުޑަކޮށްދެނީ ދޭތެރެއަކުން އިވިލާ ނުހައިކުގެ އުފާވެރި ޅަ އަޑުންނެވެ.
”ކިހިނެއް ކަންތައްކުރަން ވިސްނައިގެންތަ ތިމީހުން ތިއުޅެނީ؟“ ޝަފްކާ ނުރުހިފައި ބުނެލިއެވެ.
”ޝަފް…“ އަހަރެން ޝަފްކާގެ ނަމަށް ދަމާލާފައި ގޮވާލި ގޮތުން އޭނާ ތުން އަނބުރާލިއެވެ.
”އަހަންނަށްވެސް އުނދަގޫވެޔޭ އާކި…އެއީ ކިހާ ވަރެއްގެ ބަޔެއްކަން މިހާރު އެނގިއްޖެއެއްނު.ހަމަ ތެދެއް މިބުނީ…އެ މީހުންނަށް ބަވާލާ ހިތުން އަހަންނަށް މިހާރު ކެތްވާވަރެއްވެސް ނޫން.މަންމަ މިއަދު މިކޮޅުގައި ހުރި ނަމަ އަހަރެން ދިޔައީމުސް ކޮންމެވެސް ގޮތެއް ހަދާފަ އާކި ފަހަތުން.“ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން އިނދެ ޝަފްކާ ބުނެލިއެވެ. އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
****
ޝާމިން ގުޅުމުން އަހަރެން ތިރިއަށް ފޭބިއިރު އޭނާ އައިސް ގޭ ދޮރު މައްޗަށް ކާރު މަޑުކޮށްލަނީއެވެ. އަހަރެން ކާރަށް އެރުމުން އޭނާ ލަސްކުރުމެއްނެތި ކާރު ދުއްވާލައިފިއެވެ.ބޮޑުދައިތަމެންގެ ހުންނަ ތަން ޝާމިނަށް އެނގޭތީވެ އަހަންނަށް އަލުން ބަލުން އޭނައަށް އެ ގެ ހުންނަތަން ކިޔާދޭކަށްވެސް ނުޖެހުނެވެ.
އެ ގޭ ކައިރިއަށް ކާރު މަޑުކޮށްލުމުން އަވަސްވެފައިވާ ހިތަކާއިގެން އަހަރެން ކާރުން ފޭބީމެވެ.އަހަރެން ފައިބައި މަގުގެ އެއްފަރާތުގައި މަޑުކޮށްލުމުން ޝާމިން ދިޔައީ ކާރު ޕާކު ކޮށްލާފައި އެބަ އަންނަމޭ ކިޔާފައެވެ.އޭރު އަހަރެންގެ ބޮލު ތެރޭގައި ރަސްކަން ކުރަމުން ދިޔައީ އިރުކޮޅެއް ކުރިން ކާރުތެރޭގައި އިނދެގެން ޝާމިން އަހަންނާ ދެއްކި ވާހަކަތަކެވެ.އެ ވާހަކަތައް އަޑު އަހާފައި މުހުސިނާއި ބޮޑުދައިތަގެ މޫނު މައްޗަށް އަރާނެ ކުލަވަރަކާއި މެދުގައި އަހަންނަށް ވިސްނެމުން ދިޔައެވެ.
****
މުހުސިނާއި ބައްދަލު ކުރަން ދާނެ ދުވަހެއް ޝާމިން ކަނޑައަޅާފައި އޮތީ މުހުސިނު ގޭގައި އުޅޭނެ ދަނޑިވަޅު ބަލައިގެން ވަރަށް ވިސްނުންތެރިކަމާއެކުގައެވެ.މުހުސިނަކީ ނިކަން ބިޒީ މީހެކޯލައެވެ.އޭނާ މުޅި ދުވަހުގެ ތާވަލުވެސް ޝާމިން ހިތު ދަސްކޮށްފައިވާ ކަހަލައެވެ.
ޝާމިންގެ އެނބުރި އައި އިރު އޭނާގެ އަތުގައި ފައިލެއް އޮތެވެ.އަހަރެން އެކަމާ ސުވާލު ކުރުމުން އެއީ މުހުސިނުގެ ޖަރީމާތައް ދޮގުނުކުރެވޭނެފަދަ ހެކި އެކުލެވޭ ބައެއް ލިޔެކިޔުންތައް ހުރި ފައިލެއް ކަމުގައި އޭނާ ބުނެލީ ސާބިތުކަމާއި އެކުގައެވެ.އަހަރެންގެ ތަލިން ކުޅު ހިކިގެން ދިޔައެވެ.އެ ދެމީހުން ފެނުމުން އަހަރެން މިއޮއް ހުރިހާ ދުވަހު ހިންދައިގެން ހުރި ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިދާނެކަމުގެ ބިރު ހީވާން ފެށުމުންނެވެ. އެހެނަސް އަމިއްލަ ނަފްސުގެ ކަރާމަތަށްޓަކައިވެސް އެމީހުންނާ މިއަދު ކޮންމެހެންވެސް ކުރިމަތިލާން އަހަރެންގެ ހަވަނަ ހިއްސުވެސް ގޮވަމުން ދިޔަ ކަހަލައެވެ.
ޝާމިން ގޮސް ބޮޑުދައިތަމެން އުޅޭ ބައިގެ ބެލް އަޅާލައިފިއެވެ.އެ ގޭގެ ކުއްޔަށް ދޭ ބައިގެ ދޮރޯށި ހުންނަނީ ވަކިންނެވެ.
ދެފަހަރަކު ބެލް އަޅާލި ފަހުން ބޮޑުދައިތަ އައިސް ދޮރު ހުޅުވާލައިފިއެވެ.އެމީހާއަށް އައިސްފައިވާ ޒަމާނީ ބަދަލުތައް ފެނި އަހަރެން ހަމަ ކޮސްވިއެވެ.ހައިރާންވެ އަންތރީސްވިއެވެ.އިރެއްގައި ހައުސްކޯޓާއި ބޮޑެތި ވަށް ބުރުގާ އަޅާ އުޅުނު މީހާ ،މިހާރު ލައިގެން އެހުރީ ބާރު ޖިންސަކާއި ޓޮޕެކެވެ.ކުރު ކުރު ބުރުގާގަނޑެއް އަޅާފައި ހުރުމުން އަދި ވަކިން އެހެންގޮތެއް ހީވެއެވެ. ނުވިތާކަށް ދެ ތުންފަތުގައިވެސް ހުރީ ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސާލައިފައެވެ.
އެ މަންޒަރު ފެނިފައި އަނގުރު އަލިފާން ފަދަ ދިލަ ރުޅިވެރިކަމެއް އަހަރެންގެ ނަފްސުގެ މައްޗަށް އަތްގަދަ ކުރަން ފެށީ އިޚުތިޔާރަކާއި ނުލައެވެ. އެހެނަސް ކެތް ކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުން އަހަރެން ދެ އަތް މުއްކަވާލައި، އެ ރުޅިގަނޑު ކޮންޓްރޯލުގެ ދަށަށް ގެނެވޭތޯ މަސައްކަތް ފެށީމެވެ.އެ ނޫނީ އާޚިރުގައި އަހަންނަށް އޮންނާނީ ގޯހެއް ހެދިފައިކަން އަހަންނަށް އެނގޭތީއެވެ.
އަހަރެމެން ދެމީހުން ފެނުމުން ޚަލީސާއަށް ހައިރާންކަން ލިބުނު ނަމަވެސް ދެވަނަ ސިކުންތު އެމޫނުމަތިން ފާޅުވެގެން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
”މިހާރު އަނެއްކާ ކޮން ބަލާވެރިކަމެއް އަހަރެމެނަށް ޖައްސާނަމޭ ހިތާ ތިއައީ…؟ކަލޭ ކައިރީގައި އަހަރެން ނުބުނަންތަ ދެން މިގެއަކަށް ނުވަދެވޭނޭ….ހުންނަ ލަދު ހަޔާތް ކުޑަކަން ދެކިބަލަ… އަދިވެސް އަހަރެމެންގެ ތައްޕާހުގައި އުޅެވޭތޯތަ ތި ދިމާކުރަނީ؟ އޭނ؟! ބުނަންތަ ރަނގަޅު ވާހަކައެއް…މާ ތާހިރެއް ނުވާނެ އިނގޭ މިތަނަށް މުހުސިނު އައިސްފިއްޔަކާ…ކަލޭ މިތަނުން ރައްކާވޭ…ތިކަމެއް ނުވާނެ…މީ މުހުސިނުގެ ގެ…މިތާ ހިނގާނީ އޭނާގެ ބާރު…ތީ ބޮޑު ސިންގާ ފިރިހެނެކޭ…އަތުން ފައިން މަސައްކަތެއް ކޮށްގެން އަމިއްލަ ހާލައިގެން އުޅެވޭތޯ ބަލާބަލަ އަބަދާ އަބަދު އަހަރެމެނަށް ދުއްޕާން ކުރަން ނައިސް…މި އަދި ކާކުތަ؟“ޝާމިންގެ މޫނަށްވެސް ބެލުމެއް ނެތި ޚަލީސާ އެއްޗެހި ކިޔައިގަތީ އަހަންނާ ދިމާލަށެވެ.އޭރު އަހަރެންގެ ހަށިގަނޑުގައި ލޭ ކެކި އުތުރި އަރަމުން ދިޔަ ފަދަ އިހުސާސެއް އަހަންނަށް ކުރެވެމުން ދިޔައެވެ.ލޮލުން މީހަކު ފިއްސާލެވޭނެ ނަމަ އަހަރެންގެ ދެލޮލުން އެވަގުތު ޚަލީސާ ފިއްސާލެވުނީސްކަން ހަމަ ޔަގީނެވެ.ކުރީގައި އަހަރެން ހުރި ހާލަތުގަައި މިއަދު އަހަރެން ހުރިނަމަ މިހާރު ޚަލީސާގެ މޫނަށް ގޮށްމުށުގެ އެތިފަހަރެއް އެރީސްކަން އަހަންނަށް ހަމަ ޔަގީނެވެ.އެހެނަސް މިހާރު އަހަންނަކީ އެ އާކިލެއް ނޫނެވެ.
”ބައްލަވާ… އަޅުގަނޑުމެން މިއައީ ތި ހީކުރާކަހަލަ ކަމަކު ނޫން.އާކިލަކީ އަޅުގަނޑުގެ ކްލަޔަންޓެއް…އޭނާ މިތަނަށް އައިސް އެހުރީ އަޅުގަނޑާއެކުގައި… އަޅުގަނޑުމެން މިއައި މުހުސިނާއި ބައްދަލު ކޮށްލަން ވެގެން.“ އަހަރެންގެ ކުރިމައްޗަށް ވާނޭހެން ހުރަސްވެލައި، ޚަލީސާއާއި މުޚާތަބުކޮށް، އެއްވެސް އަސަރެއް ނެތް ގޮތަކަށް ޝާމިން ބުނެލިއެވެ.އެއާއެކު ޚަލީސާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ.
”އޭނ؟ތީ..ތި ކާކު؟“ޖެހިލުންވެފައި ހަށިގަނޑު ސީދާކޮށްލަމުން ޚަލީސާ އަހައިލިއެވެ.ތަންކޮޅެއް ރަސްމީކޮށް ޝާމިން ހެދުން އަޅާފައި ހުރިކަން ފާހަގަވެ އެއީ އާދައިގެ މީހެއް ނޫންކަން އޭނާއަށްވެސް ފަހުމުވީ ކަހަލައެވެ.
”ބުނެލަދެއްވާ، ލޯޔަރ އިސްމާއިލް ޝާމިނާ އާކިލާއި ދެމީހުން ބައްދަލު ކޮށްލަން އައިސް ތިބި ވާހަކަ… އޭރުން އެނގޭނެ.“ ކުރިންވެސް ބުނި ފަރުވާކުޑަ ރާގަށް ޝާމިން ބުނެލިއެވެ.މިފަހަރު ޚަލީސާގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރުތައް ފާޅުވިއެވެ.ކަމަކުން ކަމަކާ ނުލައި އަހަންނާއި އެކުގައި ލޯޔަރަކު މުހުސިނާ ބައްދަލު ކުރާކަށް ނާންނާނެކަން އޭނައަށްވެސް ރެއަކާލީ ތޯއްޗެކެވެ.
”ޚަލީސާ…ތިތާ ހުރެގެން ކާކާތަ މާ ބާރަކަށް ތި ވާހަކަ ދައްކަނީ؟“ އެވަގުތު އެތެރެއިން މުހުސިނުގެ އަޑު ފަނޑުކޮށް އިވިގެން ދިޔައެވެ.
”މި…މުހުސިނު ހޯދަން ލޯޔަރ…“ ޚަލީސާގެ ޖުމްލަވެސް ފުރިހަމަ ނުކުރެވެނީސް މުހުސިނު ވާހަކަ މެދުކަނޑާލައިފިއެވެ.
”އަ އާނ…ލޯޔަރ ދޯ…ބުންޏޭ މިއަދު އަންނާނަމޭ އެއްކަލަ ޑޮކިއުމެންޓުތައް ހިފައިގެން…ތި ދެން އޭނާ ބޭރުގައި ނުބަހައްޓާ އެކުން އެތެރެއަށް ވައްދަބަލަ…ސާބަހޭ ޚަލީސާ…“ ކުޑަކޮށް ނުރުހިފައި މުހުސިނު ބުނެލި އަޑު އިވުނެވެ.
އެއާއެކު ޚަލީސާ ދޮރު ފޭކޮށްލާފައި އަހަރެމެން ވަންނަން ތަން ދެއްކިއެވެ.މުހުސިނު ލޯޔަރެކޭ ބުނީމާ ޚަލީސާއަށް އޮޅުމެއް އެރީކަން އަހަންނަށް ހަމަ ޔަގީނެވެ.އެ ނޫންނަމަ އެހާ ފަސޭހައިން އޭނާ އަހަރެމެން އެތެރެއަށް ވަނަކަ ނުދިނީސްކަން ކަށަވަރެވެ.
ޚަލީސާގެ ފަހަތުން އަހަރެމެން އެތެރެއަށް ވަތް ތަން ފެނުނު ވަގުތު ސިޓިން ރޫމު ސޯފާގައި ހަމަޖެހިލައިގެން އިން މުހުސިނު ފުންމައިގެން ތެދުވެއްޖެއެވެ.ހީވީ ހަމަ ބިރެއް ފެނިގެން ތެދުވިހެންނެވެ.އޭނާގެ ދޮން މޫނުގެ ކުލަވަރު އެކަށް ބަދަލުވީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ދެލޯ ވެސް ހުރީ މުދުނަށް އަރައިފައެވެ.
”ޚަލީސާ…..“ މުހުސިނު ފާޑަކަށް ގޮވައިލިއެވެ.
”އަޅުގަނޑުމެން މިއައި ތިބޭފުޅާއާއި ބައްދަލު ކޮށްލަންވެގެން… އަޅުގަނޑަކީ އާކިލްގެ ލޯޔަރ… އަޅުގަނޑަކީ ކާކުކަން އެނގިލައްވާ ދެއްތޯ؟“ފިނި ގޮތަކަށް ޝާމިން އަހައިލިއެވެ.ހިންދިރުވާލަމުން މުހުސިނު ބޯ ޖަހާލިއެވެ.އޭނާ ހާސްވެފައި ހުރި ވަރު އެ މޫނުމަތިން އެކަނިވެސް އެނގޭހާވެއެވެ.
”ޚަލީސާ…ދޭބަލަ އަވަހަށް ކޮންމެވެސް ފިނި އެއްޗެއް ގެންނަން… އަވަހަށް އިށީނދޭ…“ މޫނުމަތިން އެ އަސަރުތައް ފޮރުވާލަން މަސައްކަތް ކުރަމުން ސޯފާއަށް އިޝާރާތްކޮށް، ކަރުކެހިލާފައި މުހުސިނު ބުނެލިއެވެ. އެހެނަސް އެ އަޑުގައި އެކުލެވެނު ހާސްކަން ކުޑަކޮށްވެސް އަހަންނަކަށް ސިއްރެއް ނުވިއެވެ.މުހުސިނުގެ ނަޒަރު އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ދަތުރުކުރަން ފެށީ ކަމެއް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔަ ކަހަލަ ބީދައަކުންނެވެ. އާންމުކޮށް އަހަރެން ލައިއުޅޭ އަތް ދިގު ޓީޝާޓުގެ ބަދަލުގައި އަހަރެން މިއަދު ލައިގެން އައީވެސް އަތްކުރު ޓީޝާޓެކެވެ.އެކަމުގެ ފަހަތުގައިވެސް ވަރަށް މުހިންމު މަގުސަދެއްވެއެވެ.
އަހަރެންގެ ވައަތުގައިވާ ބޮޑު ލަކުނު މުހުސިނުގެ ދެ ލޮލުގައި އަޅައިގަތް ހިނދު އޭނާގެ މޫނުމައްޗަށް އަރައިގެން އެ ދިޔަ ކުލަވަރުތައް ކިތަންމެ ރީއްޗަކަށްވެސް އަހަރެމެންނަށް ފެނުނެވެ.ޝާމިން އަހަންނާ ދިމާލަށް ބަލާލާފައި ބޯ ޖަހައިލީ މުހުސިނަށް އެ ލަކުނު ފާހަގަކުރެވިއްޖެކަން ޔަގީންކޮށް ދިނުމުގެ ގޮތުންނެވެ.
ސިއްރު ބޭޒާރު ވެއްޖެކަން ވިސްނުނު ހިނދު މުހުސިނުގެ އަނގަައިގައި ތަޅެއް އެޅުނު ކަހަލައެވެ.އޭނާއަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ އަހަރެން އެއޮއް ހުރިހާ ދުވަހު ފިއްތައިގެން ހުރި ބަސްތައް ދުލާ ހަމައަށް ގެންނަން ފެށީ އިތުރަށް އެ ރުޅިގަނޑު ކޮންޓްރޯލް ކުރުމަށް އަހަރެން ނުކުޅެދުމުންނެވެ.
”ކިހިނެއްވީ އެއްޗެކޭ ނުބުނެ ތި ހުރީ؟ އެނގިއްޖެއެއްނު މިހާރު ހުރިހާ ކަމެއްވެސް އަހަންނަށް ފަޅާއަރައިފިކަން… އޭތް ބަލަ މިހިރަ *** އޭ މަ މިވާހަކަ ދައްކަނީ… ބިރުން ފުކަކަށްވީތަ މިހާރު އޭނ؟“އަޑަށް ބާރު ލާފައި މުހުސިނާ ދިމާލަށް އިނގިލި ދިއްކޮށް، އަހަރެން ހަޅޭއްލަވައިގަތީމެވެ.އެ އަޑަށް ބަދިގެ ބަޔަށް ޖެހިލި ޚަލީސާވެސް ދުމެއް ޖެހިހެން އެނބުރި އެތަނަށް އަތުވެއްޖެއެވެ.އޭރު ގަތްފައި ހުރި ބިރަކުން އޭނާގެ ދެލޯވެސްވަނީ ބޮޑުވެފައެވެ.
”އާކިލް…ހަމަ ޖެހޭ…“ ޝާމިން އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއިރު އެ އަޑުގައިވެސް ވަނީ ކަންބޮޑުވުމުގެ އަސަރެވެ.ޚަލީސާއާއި މުހުސިނު ފެނުމުން އަހަރެންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓީއެވެ.ރުޅީގެ މައްޗަށް ބުއްދި އިސް ކުރަން އަހަރެން ނުކުޅެދުނީއެވެ.
”ނުޖެހެވޭނެ ހަމައެއް…ވާހާ ދުވަހު އަހަރެންވާ މަޑުން ހުރެފީމެއްނު.ދެނެއް ނުހުރެވޭނެ އިނގިއްޖެ!!ކަލޭމެން ހީކުރަނީ ކީކޭ ކަމަށްތަ؟ފައިސާ ދީގެން ހުރިހާ ކަމެއްވެސް ހިންދާލެވޭނޭކަމަށްތަ؟ އޭނ…؟؟ނުވާނެ ތިކަމެއް…!ތި ކުޅެލީ މަގޭ މުޅި ދިރިއުޅުމާކަން ކަލޭމެން ހަނދާން ކުރައްޗޭ…އަހަރެން ކަލޭމެންގެ މައްޗަށް ދައުވާ ކުރާނަން.އިރާދަކުރެއްވިއްޔާ އަހަރެންގެ ކޮޅަށް މައްސަލަ ނިންމާ އިންސާފުވެސް ހޯދާނަން.. ހީކުރީ މަށަކީ މީ ހަމަ އެކައްޗެއްވެސް ނޭނގޭ ބޮޑު މޮޔައެއް ކަމަށްތަ؟ “ އަހަރެން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީމެވެ.އަހަރެންގެ އެ ބަސްތަކުން ބިރާއި ސިހުން ލިބުނު ނަމަވެސް މުހުސިނު ބެލީ އޭނާގެ މޫނުމައްޗަށް ހައިރާންކަމުގެ ކުލަވަރު ވެރިކުރުވައި،އެއިން އެއްވެސް ކަމެއް ނުދެނަހުރިކަމަށް ހެދޭތޯއެވެ.އެހެނަސް އެކަމުގައި އޭނާ ވީ ބޮޑު ތަނުން ފޭއްޔެވެ.އޭނާ ހީކުރަނީ އަހަރެންގެ ދެލޮލަށް ކެހި ދެވިދާނެކަމަށް ހެއްޔެވެ؟
”ކިހިނެއްތަ ވެގެން މިއުޅެނީ؟އާކިލް ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ؟!“ މުހުސިނުވެސް ރުޅިވެރި ރާގަކަށް ބުނެލިއެވެ.
”ކީއްތަ ނުވަނީ…؟!!ކަލޭ ހިންގާފަ ހުރި ޖަރީމާތަކުގެ ވާހަކައޭ ބަލަ އޭނަ އެ ކިޔަނީ…އާކިލްގެ އަތުގަ ހުރި ލަކުނެއް ފެނިގެނެއްނު ތިހާ ބިރެއް ތިގަތީ….ނޫންތަ…؟! ގައިމު ކަމެއްވީމަތާ..! ކަލެއަށް ތި ހީވީ ހަމަ ރަނގަޅަށް. އަހަރެމެންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ!“ ޝާމިންވެސް އަޑަށް ބާރުލާފައި ބުނެލިއެވެ.
”ހުރިހާ އެންމެނެއް ފައިސާއަކަށް ނުވިކޭނެކަން ހަނދާން ކުރައްޗޭ…ނޫނީ ފައިސާ އަތުލާފައިވެސް ތިމާއަށް ޣައްދާރުވެދާނެ ބަޔަކުވެސް ހަަމަ ތިބެދާނެކަން ނޭނގޭހާ ކަލޭ ގަމާރީތަ…؟“ ޝާމިން ބުނެލިއެވެ. އޭނާގެ އެ ބަސްތަކުން ހާސްވިވަރުން މުހުސިނުގެ ނިތްކުރިމަތިން އިސާހިތަކު އޮށްދާ ހިލުނެވެ.އެ ދޫ ހެލޭ ނުބައި މީހާގެ ދުލުން ރައްދުގައި އެންމެ ބަހެއްވެސް ބޭރުކޮށްލާކަށް ނުކެރުނެވެ.ތިމާގެ ފަތިފުށް ހާމަވާން ފެށީމާ އަމިއްލަ ދިފާއުގައި ބުނެލާނެ ބަހެއްވެސް އޭނާގެ ދުލާ ހަމައަށް ނައީ ތޯއްޗެކެވެ.
މުހުސިނުގެ އެ ފިނޑިކަން ފެނި ޝާމިންގެ ގާތަށްވެސް އައީ އަމަށަކު ރުޅިއެއް ނޫނެވެ.އޭނާގެ ގާތަށް އައި ރުޅީގައި އެއްކަލަ ފައިލުގައި ހުރި ހުރިހާ ލިޔެ ކިޔުމެއް ނަގައި ކުރިމަތީގައި ހުރި ކޮފީ މޭޒު މައްޗަށް ޖަހައިފިއެވެ. އެ މަންޒަރު ބަލަން އެތަނުގައި ކޮޅަށް ހުރި ޚަލީސާގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެކެވެ. ޔަގީނެވެ.އޭނާއަށްވެސް މިކަމާ ގުޅޭ ގޮތުން ކޮންމެވެސް ކަމެއް އެބަ އެނގެއެވެ.ރަނގަޅަށް ވިއްޔާ ޚަލީސާގެ ހިއްސާވެސް މިކަމުގައި އޮންނާނެއެވެ.އޭނާއަކީ އެޅިހާ ބަތަކަށް ރިހަވެގެން އުޅޭ މީހެއްވިއްޔާއެވެ.
”ތި ބެލީމަ ކަލެއަށް ވަރަށް ރަނގަޅަށް އޮޅުންފިލާނެ ވެގެން މިއުޅެނީ ކީއްކަން…ދޮގު ހަދަން ހިތަށްވެސް ނާރުވައްޗޭ.“ ތުރުތުރު އަޅަމުން ދިޔަ އަޑަކުން އަހަރެން ބުނެލީމެވެ.
މުހުސިނު އަވަސް އަވަހަށް އެ ލިޔެކިޔުންތައް ނަގައިގެން ބަލަން ފެށިއިރު އެ ދެއަތުގައި މަޑު ތުރުތުރެއްވެސް އުފެދިފައިވިއެވެ.އޭގައިވާ މައުލޫމާތުތައް ކިޔަމުން ދިޔަ ވަރަކަށް އެ މޫނުމަތިން ފެންނަމުން ދިޔަ ބިރާއި ހާސްކަމުގެ ކުލަވަރުތައް ދިޔައީ އެތައް ގުނައެއް އިތުރުވަމުންނެވެ.
****
އެއީ އަހަރެންގެ އެންމެ ފަހުގެ މެޑިކަލް ރިޕޯޓުތަކެވެ.ހުރިހާ ކަމެއްގެ ހަގީގަތް ފަޅާއެރުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.
ރިޒޯޓުގައި ހުއްޓާ އަހަރެން ގަދަޔަށް ހުން އައިސްގެން މާލެ ގެނައި ދުވަހު ރާއިފު އަހަރެން ގެންދިޔައީ އަހަރެން ގަވާއިދުން ޑޮކްޓަރަށް ދައްކައި، ޑައިލިސިސްގެ ފަރުވާއަށް ގޮސް އުޅޭ ހޮސްޕިޓަލަކަށް ނޫނެވެ.އަހަންނަކީ ޑައިލިސިސް ޕޭޝަންޓަކަށްވާތީ ރިސްކް ބޮޑުކަމުން ޑޮކްޓަރ އެ ދުވަހު އަހަރެންގެ ބައިވަރު ޓެސްޓްތަކެއް ހެއްދުވިއެވެ.އަހަރެން ފަދަ މީހަކު އިންފެކްޝަނެއްގެ ސަބަބުން ސެޕްސިސްއަށް ހުށައެޅިދާނެކަމުގެ ބިރު ބޮޑުކަމުންނެވެ.އެހެނަސް ޓެސްޓް ތަކުގެ ނަތީޖާ ލިބުނު ހިސާބުން ޑޮކްޓަރަށްވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އޭނާ ހުރީ އެ ނަތީޖާތައް ގަބޫލުކުރަންވެސް ދަތިވެފައެވެ. ދެވަނަ ފަހަރަކަށް އެ ޓެސްޓްތައް ލިޔެ ތަކުރާރުކުރުވީވެސް އެހެންވެގެންނެވެ. އެހެނަސް ކިތަންމެ ވަރަކަށް އެ ޓެސްޓްތައް ތަކުރާރުކުރި ނަމަވެސް ނަތީޖާއަކަަށް އެއްވެސް ބަދަލެއް ނައެވެ. އެ ހުރިހާ ޓެސްޓްތަކުގެ ތެރެއިންވެސް އަހަރެންގެ ރީނަލް ޕްރޮފައިލް ދައްކަމުން ދިޔަ ގޮތުންނަމަ އަހަރެންގެ ކިޑްނީ ފަންކްޝަންތައް ހަމަ ސިއްހަތު ރަނގަޅު އިންސާނެއްގެ ކިޑްނީ ފަންކްޝަންތައްހާ ބަރާބަރެވެ. އެންޑް ސްޓޭޖް ރީނަލް ޑިޒީޒް ބަލި މީހެއްގެ ކްރީޓިނިން ލެވެލް ހުންނަ މިންވަރާ ޚިލާފަށް އެ ޓެސްޓްތަކުން އަހަރެންގެ ކްރީޓިނިން ލެވެލްތައް ދައްކަމުން ދިޔައީ ސިއްހަތު ރަނގަޅު މީހެއްގެ ކްރީޓިނިން ލެވެލް ތައް ހުންނާނެ މިންވަރަށެވެ.އެހެނަސް އަހަރެން ފަދަ އެ ބައްޔަށް ޑައިގްނޯސްވެފައިވާ ބަލި މީހަކަށް އެއީ ނާދިރު ކަމަކަށްވާތީ އެ ހޮސްޕިޓަލުގެ ލެބުގެ އާލާތްތަކުގައިވެސް މައްސަލައެއް އުޅެދާނެ ކަމަށް ބަލައި،އެހެން ލެބަކުން އެ ޓެސްޓްތައް ރިޕީޓްކޮށްލުމަށް ޑޮކްޓަރ އެދުނެވެ.
އަނެއްކާ އެންޑް ސްޓޭޖް ކިޑްނީ ބަލި މީހަކު ކުޑަ ކަމުދާ ތަކެތި ބޭރުކުރާ މިންވަރަށްވުރެ ގިނައިން އަހަރެންގެ ހަށިގަނޑުން ކުޑަކަމުދާތަކެތި ބޭރުވާތީވެސް އަހަރެންގެ ގާތުގައި އުޅުނު ނަރުހުން އެކަންވެސް ޑޮކްޓަރުގެ ސަމާލުކަމަށް ގެނައެވެ. ޑޮކްޓަރ ވަގުތުން އަހަރެންގެ ކިޑްނީގެ އަލްޓްރާ ސައުންޑު ސްކޭނެއްވެސް ހެއްދުމަށް ފޮނުވިއެވެ.ހަގީގަތް ފޮރުވިފައިވާ މިސްރާބަށް އެޅުނު ދެވަނަ ފިޔަވަޅަކީ އެއީއެވެ.
އަހަރެންގެ ޓެސްޓްތައް ރިޕީޓް ކުރީ ޕްރައިވެޓް ލެބަކުންނެވެ.ޕްރައިވެޓް ލެބުން ލިބުނު ނަތީޖާގައިވެސް ދައްކަނީ އަހަރެންގެ ކިޑްނީ ފަންކްޝަންތައް ހަމަ ބަރާބަރު ކަމަށެވެ.ސްކޭނުންވެސް ދައްކަނީ އަހަރެންގެ ދެ ކިޑްނީގެ ހާލަތުވެސް ރަނގަޅުކަމަށެވެ.އެކަމަކާ ހެދި ޑޮކްޓަރަށްވެސް ލިބުނީ ބޮޑު ޝޮކެކެވެ.އޭނާއަށް ކުރެވިފައިވާ ޝައްކު އިތުރަށް ޔަގީން ކުރުމަށްޓަކައި ދެން ހަދަން ޖެހޭ އިތުރު ޓެސްޓުތަކާ ޕްރޮސީޖަރތައް އެއްވެސް ލަސްކުރުމެއް ނެތި އަވަހަށް ހެއްދުވިއެވެ.ސަބަބަކަށްވީ އޭނައަށް ކުރެވިފައިވާ ޝައްކު ޔަގީނަށް ބަދަލުވެއްޖެނަމަ މެޑިކަލް މަލްޕްރެކްޓިސްގެ ކޭސްއަކަށް އަހަރެންގެ ޑައިގްނޯސިސް ބަދަލުވެ,އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގަން އޭނައަށްވެސް ގާނޫނުގައި މަޖުބޫރުކުރާތީއެވެ.
އެ ހުރިހާ ޓެސްޓްތަކެއްގެ ނަތީޖާ ލިބުނު ހިސާބުން އެ ޑޮކްޓަރަށް އަހަރެންގެ ހާލަތު ވަރަށް ރަނގަޅަށް އެނގި ސާފުވިއެވެ.އާއެކެވެ.އަހަރެންގެ ޑައިގްނޯސިސްއަކީ ބައެއްގެ ބޮޑު އޮޅުވާލުމެކެވެ.މެޑިކަލް ބޮޑު ޖަރީމާއެކެވެ.
****
ޖަލުގައި އުޅުނުއިރު އެތަނުގެ އޮފިސަރުންތަކަކަށް ރުފިޔާ ދީ ގަނެލައިގެން އަހަރެންގެ ކާއެއްޗެއްސަށް ފާޑެއްގެ ބޭހެއް އަޅައިގެން އެމީހުންގެ ބެލުމުގެ ދަށުން އަހަންނަށް އެ ޚާއްސަ ކާތަކެތި ކާން ދޭން ފެށީ ހަމަ މުހުސިނުގެ މަކަރުވެރި ރޭވުމަކުންނެވެ.އެ ބޭސްތަކަކީ ކިޑްނީ ފެއިލްވުމުގެ އަލާމާތްތައް ހަށިގަނޑުން ނަކަލުކުރުވާފަދަ ބާރުގަދަ ބޭސްތަކެކެވެ. އަހަރެން ޑޮކްޓަރަށް ގެންދިޔުމުން އަހަރެން އެ ބައްޔަށް ޑައިގްނޯސް ކުރި ޑޮކްޓަރަކީވެސް މުހުސިނު ފައިސާ ދީގެން ގަނެލައިފައިވާ މީހެކެވެ.އެހާ ދުވަހު މީހަކަށް ޝައްކެއް ނުވެ ހިފަހައްޓާލެވުނީވެސް އެ ނުބައި ނުލަފާ ޑޮކްޓަރުގެ މަކަރު ގަދަކަމުންނެވެ.ހަގީގީ ކިޑްނީ ބަލީގެ މީހެއްގެ ލޭގެ ސާމްޕަލްތަކާ އަހަރެންގެ ސާމްޕަލްތައް ބަދަލުކޮށް އެ ހަޑިއެއް ހޭވުމުގައި އެމީހުންނާއި އެކަމުގައި ހިއްސާވާ ނަރުސް ކުއްޖަކުވެސް އުޅުނެވެ.އެ މީހުންގެ އެ ޖަރީމާތަކުގެ ސަބަބުން މިހާރު އެ ރިޕޯޓުތަކުން އެ ދެއްކި ނަތީޖާތައް ރައްދުވާ ކިޑްނީގެ ބަލިމީހާ މި ދުނިޔޭގައިވެސް ނެތެވެ.މިވަރުގެ ބޮޑު މެޑިކަލް ފުރޯޑެއް މި ރާއްޖޭގައި ބަޔަކަށް ހިންގިދާނެ ހެއްޔެވެ؟ އެކަމުގެ ސަބަބުން ބައްޔަށް ޑައިގްނޯސް ނުވެ އެތައް ދުވަހަކު ވޭނުގައި އުޅުނު އެ ނިކަމެތި މީހާ އަގު އަދާ ކުރަން އެ ޖެހުނީ އޭނާގެ ފުރާނައިންނެވެ.
ޖަލު ތެރެއިން މާހިންވެސް އަހަންނާ ދުރު ކުރުވި ބަޔަކީ ހަމަ އެމީހުންނެވެ.އަހަންނާ ދޭތެރޭ މާހިން ބަހައްޓާ އޯގާތެރިކަން ފާހަގަވެ އޭނާއަކީ އެމީހުންގެ ރޭވުމަށް އެޅިދާނެ ހުރަހެއް ކަމަށް ބަލައި، މާހިނާއި ބެހޭ ގޮތުން ޝަކުވާ ހުށައަޅައި،އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔުމުގެ ކަންތަކަށް އެމީހުން ހުރަސް އެޅީ މާހިނަށް ކުޑަވެސް ޝައްކެއްވިޔަ ނުދިނުމުގެ ގޮތުންނެވެ.ރިޝްވަތުގައި ހިފައިގެން ތިބި އޮފިސަރުންގެ ސިއްރުވެރި އުޅުން މާހިނަށް ވެސް ފާހަގަވެގެން އެކަން ސުޕަވައިޒަރުގެ ސަމާލުކަމަށް ގެނައުމަށް އޭނާ ވިސްނައިގެން ހުއްޓާ ބަޔަކު މީހުން އޭނާއަށް ވުރެ ކުރިން އޭނާއާއި ބެހޭ ގޮތުން ޝަކުވާ ހުށައެޅީއެވެ.
މުހުސިނުމެންގެ ހުރިހާވެސް ބޭނުމަކަށްވީ އަހަންނަށް ހައްގުވާ މުދަލާއި ބިންތައް ފޭރިގަތުމަށްފަހު މުޅި ދުނިޔެއިން އަހަރެންގެ ވަސްވެސް ފުހެލުމެވެ.ދުނިޔޭގެ ލޯތަކަށް އަހަރެންގެ މަރަކީ ގުދުރަތީ މަރެއްގެ ގޮތުގައި ދެއްކުމަށްޓަކައި އެމީހުން މަކަރާ ހީލަތުން އަހަރެންގެ ހަށިގަނޑުގައި ނުވެސް ނެތް ބައްޔަކަށް އަހަރެން ޑައިގްނޯސް ކުރީއެެވެ.އަހަރެންގެ އަތުގައި ޑައިލިސިސްގެ ފަރުވާއަށް ލޭ ދައުރުކުރުމަށްޓަކައި ހުޅުވާލެވޭ ދޮރަކީ އަހަރެން މަރަށް ހުށައަޅަން އެމީހުން ބޭނުންކުރާނެ ’ވަސީލަތްކަމުގައި‘ ހެދުމެވެ.އެމީހުން ރާވައިގެން ތިބީ އަހަރެންގެ މުދާތަކަށް އެ މީހުންނަށް އަތްގަދަ ކުރެވޭ ހިސާބުން އަހަރެންގެ ދުވަސް ދުއްވާލާށެވެ.އެ ނުބައި ޑޮކްޓަރ ލައްވައި އަހަރެންގެ އަތަށް ގުޅާފައިވާ ފިސްޗުލާ ގަސްދުގައި އިންފެކްޓު ކޮށްލައި ސެޕްސިސްގެ ނުރައްކާތެރި ހާލަތަކަށް އަހަރެން ވައްޓާލާށެވެ. އެކަށީގެންވާ ވަގުތުގައި އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ އެއީ ހަމަ މަރުގެ އެތިފަހަރެއްކަން އެމީހުނަށް އެނގި ޔަގީންވާތީއެވެ.އެ ހުރިހާ ކަމެއް ފަޅާއެރީ ފުލުހުން ކުރި ސިއްރު ތަހުގީގުން މުހުސިނާއި އެ ޑޮކްޓަރާއި ދެމެދުގައި ދެކެވިފައި ހުރި ވާހަކަތަކެއްގެ ރިކޯޑްސް ފުލުހުންގެ އަތަށް އެރި ހިސާބުންނެވެ.
ޑައިލިސިސް ހެދުން ހުއްޓާލި ނަމަވެސް ބޭކާރު ގޮތުގައި އެތައް ދުވަހަކު ޑައިލިސިސް ހެދުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރުތައް ވަނީ ކޮށްފައެވެ.އެހާ ދުވަހު ދިޔާ ތަކެތި ބޭނުން ކުރަން ޖެހޭ މިންވަރަށްވުރެ މަދުން ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން އަހަރެންގެ ހަށިގަނޑުން އިލެކްޓްރޮލައިޓްސްގެ މިންވަރު އެތައް ގުނައެއް މަދުވެ މީހާ ހުރީ ވަރަށް ބޮޑަށް ޑީ ހައިޑްރޭޓް ވެފައެވެ.ޑައިލިސިސް ހެދުން ހުއްޓާލި ހިސާބުން އެކަމަށް އަހަރެންގެ ހަށިގަނޑު ހޭނުމަށްޓަކައިވެސް އެތައް ވޭނަކާ ތަކުލީފެއް އަހަރެން އުފުލަންޖެހުނެވެ.އިޚުތިޔާރެއް ނެތި އަހަރެންގެ ހަށިގަނޑުވެސް ޑައިލިސިސްގެ އެ ތަކުލީފުތައް މަތިން ހަނދާން ކުރަމުން ދިޔަ ކަހަލައެވެ.އާދަވެފައިވާ އެ އިހުސާސްތަކަށް އެދެމުން ދިޔަ ކަހަލައެވެ.
*****
”ކަލެއަށް ނޭނގޭ ކަމެއް އެބައޮތްތަ ތީގަ؟ ނެތެއްނު… އެހެންވީމާ ދެން އަހަރެމެން ބައްދަލުވާނީ ކޯޓުން!“ މުހުސިނުގެ އަތުން އެ ލިޔެ ކިޔުންތައް ޖަހައިގަންނަމުން އަހަރެން ބުނެލީމެވެ.އޭރު އެމީހާގެ މުޅި މޫނުވަނީ ހުދުވެފައެވެ.އެހާ ދުވަހުން އަމަލީ ސިފަ ގެނެވުނު ޕްލޭނެއް މިހާ އަވަހަށް ފަނިފުލަށް ހިނގައިދާނެ ކަމަށް އޭނާ އުންމީދުވެސް ކޮށްފައިނުވާ ކަހަލައެވެ.
”އާކިލް ތިހެން ނުހަދާ… އަހަރެމެންނަށް މާފް…“ ޚަލީސާ ރޮއިގަތެވެ.އޭނާގެ އެންމެ ބިރުވެރި ހުވަފެން ހަގީގަތަކަށް ވާން އުޅޭކަމުގެ މަލަމަތި ފެނުމުން ވީގޮތެއް ކަންނޭނގެއެވެ.
”ޚަލީސާ!“ މުހުސިނު ނުރުހުންތެރިކަމާއި ގޮވައިލިއެވެ.ޚަލީސާއާއި ހަަތަރުކަޅި ބައްދަލުވި ހިނދު މުހުސިނު ލަސް ލަހުން ދެފަރާތަށް ބޯ ހޫރައިލި ގޮތުން އެހާ އަވަހަށް ހަތިޔާރު ނުބަހައްޓާށޭ އޭނާ ޚަލީސާ ގާތުގައި ބުނެލި ކަހަލައެވެ.އެއަށްފަހު ކަރުކެހިލާފައި ހަމައަކަށް އެޅެން މަސައްކަތް ކުރަމުން މުހުސިނު ވާހަކަ ދައްކަން ފެށިއެވެ.
”މަގޭ ބޮލުގަ ތި އެޅުވެނީ ވަރަށް ބޮޑު ތުހުމަތެއްކަން ހަނދާން ކުރައްޗޭ…ދޮގު ހެއްކަކީ ވެސް ހުށައެޅިދާނެ އެއްޗެހި…ތިބުނާ ހޮސްޕިޓަލެއްގައި އާކިލްގެ އެއްވެސް ރެކޯޑެއް އޮތްކަމުގެ ޔަގީންކަން ހަމަ އެބަ އޮތްތަ؟“ ނުލަފާ ވައްތަރަކަށް މުހުސިނު ބުނެލިއެވެ.އޭނާގެ އެއް ޕްލޭން ފޭލިވުމުން ބޮލު ތެރޭގައި މިހާރު އަނެއްކާ އަނެއް ޕްލޭން ރާވަން ފެށީ ކަންނޭނގެއެވެ.
”އޯހް! ޑޮކްޓަރ މުއާޒުގެ ވާހަކަ ދޯ ތި ދައްކަނީ؟ހިތުން ހުރިހާ ރެކޯޑެއް ފުހެލައިގެންނޭ އޭނަ އެހާ ހަމަޖެހިލައިގެން އެއުޅެނީ…“އެއީ ޝާމިން މުހުސިނަށް ކޮށްލި މަލާމާތެކެވެ.ވަގުތުން މުހުސިނުގެ ދެބުމަ ގޮށްޖެހުނެވެ.
”އެކަންކަމާ ބެހޭ މާހިރުންނަށް އެ ޑޭޓާތައް ރިޓްރީވް ކުރުމަކީ މާ ބޮޑު ކަމެއް ނޫނޭ މިޒަމާނަކު…ހަމަ އެއްޗެއް ޑިލީޓްކޮށްލާއިރަކަށް އެކަން އެ ނިމުނީކީ ނޫނޭ ހަހަ…. އެހެންނޫނަސް އެއްގޮތް ނެތިއްޔާ އަނެއް ގޮތް އޮންނާނެ…ނޫންތަ؟އަނެއްކާ އެންމެ ކެމެރާއެއް ދެ ކެމެރާއެއްވެސް ނޫނޭ އެ ބިޔަ ބޮޑު ހޮސްޕިޓަލުގަ ހުންނާނީކީވެސް…ދެން އެހުރިހާ ކެމެރާތައް ހުންނަ ހުރިހާ ތަނެއް ވަކިވަކިން އެސޮރު ފަކީރަށް ވަކި އެނގޭނެތަ؟ އޭނާ އެތާ އުޅޭ އިންޑިއާ ނަރުހަކަށް ހެރާސްކޮށް ބްލެކްމެއިލް ކުރިކަމުގެ ހެކިތައްވެސް އެބަހުއްޓޭ ފެންނަން..އެއް ގޮތަކުން ނުބެދުނިއްޔާ އަނެއް ގޮތަކުން އޭނާ ބެދޭނެ.. އެއީ ޔަގީންކަމެއް.ތިޔަ މުއާޒަށް އޭނާގެ މެޑިކަލް ލައިސަންސް ގެއްލުން ދެން އެންމެ ވުން ކައިރި ކަމަކީ.“ ޖެއްސުމުގެ ރާގަކަށް ޝާމިން ބުނެލިއެވެ.އެ ބަސްތައް އަޑު އަހާފައި މުހުސިނުގެ ކަތުރު ކަށިގަނޑަށް ވާންވެލިއެވެ. ދެލޯ ހަނިކޮށްލި ގޮތުން އޭނާ ހިތާ ހިތުން މުއާޒުގެ އެ ފަރުވާކުޑަކަމަށް ލަޢުނަތް ދެނީކަން ދޭހަވިއެވެ.
މުހުސިނަށް އިތުރު އެއްވެސް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ ޝާމިން އިން ތަނުން ތެދުވެއްޖެއެވެ. އަހަރެންވެސް އޭނާއާއި އެކީގައި ކަހަލަގޮތަކަށް ތެދުވެ ހިންދެމިލީމެވެ.މުހުސިނާއި ޚަލީސާގެ އަލިފާން ނަޒަރުތައް އަހަރެމެން ދެމީހުންނަށް އަމާޒުވެފައި ހުރި އިރު ހީވަނީ އެ ބެލުމުން އަހަރެމެން އަންދާ އަޅިއަށް ހަދާލަން ތައްޔާރަށް ތިބިހެންނެވެ.
*****
އެ ކުރިމަތިލުމަށްފަހު އަހަރެންގެ ބޯމަތިން ހީވީ ބޮޑު ބަރެއް ނެގިގެން ދިޔަހެންނެވެ.ނުބުނެވި ފިއްތައިގެން ހުރި އެތައް ވާހަކައެއް އެ ދެ މީހުންނާ ދިމާލަށް ބުނެލެވުމުން އަހަރެންގެ ހިތަށް ލިބިފައިވަނީ ބަޔާން ކުރަންވެސް ދަތި ތަސައްލީއެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






OMAGAWWDD, LOVE THAT PLOT TWIST 🤩🤩
Alhamdhulilah, Aakil doesn’t have that terminal illness 😄😄
When’s next????
Lysmm lam 🫰🏻🫰🏻
Thank you White rose❤️
Yes I’m happy too that he’s not actually sick 😭
Next part soon IA
Stay tuned.
Ly girl ❤️
😍😍😍😍😍😍🔥🔥🔥🔥🔥
Thank you Anaq ❤️