Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 18 ވަނަ ބައި

wish
wish Level 2100 Login10 Stories
June 18, 2026 8 Mins Read
2 Comments

މުޅި ކެބިންގެ މާހައުލު ވަނީ ނޭވާ ހާސްވާ ވަރަށް ނުތަނަވަސްވެފައެވެ. ކުއްލިއަކަށް ޔޫލީގެ މޭޒުމަތީގައި އޮތް ފޯނު ބާރަށް ރިންގުވާން ފެށިއެވެ. އެ އަޑުން ދެމީހުންގެ މެދުގައި އުފެދިފައިވާ ހިމޭންކަން މުގުރާލިއެވެ.

“ހަލޯ…….ނޫން ތިހެނެއްނުވާނެ… ބުނޭ ތީ ދޮގެކޭ…..” ޔޫލީ ފޯން ނަގައި ވާހަކަދައްކަން ފެށުމާއިއެކު ބާރު އަޑުން ރޯން ފެށިއެވެ.

އޭނާގެ އަތުން ފޯނު ދޫވެ، ތަޅުންގަނޑުމައްޗަށް ވެއްޓުނު އަޑާއިއެކު، މުޅި ކެބިން ތެރެއަށް ޔޫލީގެ ބާރު ރުއިމުގެ އަޑު ގުގުމާލިއެވެ. އޭނާ މޭޒުމަތީގައި ބޯޖަހާލައިގެން އިނދެ، ނޭވާ ނުލެވިގެން އުޅޭ ފަދައަކުން މުޅި ހަށިގަނޑު ތުރުތުރުލާ ހާލު ގިސްލަމުން ދިޔައެވެ.

މާން ސިހިފައި ގޮނޑިން ތެދުވިއެވެ. ދާދި ދެންމެއަކު އޭނާގެ ހިތުގައި އޮތް ރުޅިވެރިކަމާއި ފޫހިކަން، ޔޫލީގެ އެ ހިތްފަޅައިގެންދާ ފަދަ ވޭނީ އަޑުން ފިލައިދިޔައީ ހެއްޔެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ނޭނގޭ ބިރުވެރިކަމެއް ވެރިވެގެން ދިޔައެވެ. ޔޫލީގެ ކަންކަމާއި އަޅާލަން ކިތަންމެ ބޭނުން ނުވި ނަމަވެސް، އޭނާގެ ހިތުގައި ޔޫލީއާއި މެދު އުފެދިފައިވާ ފުން އިހުސާސްތައް އެކަމަށް ހުރަސް އަޅައެވެ. ޔޫލީއަށް ނަފްރަތުކުރަން ބޭނުންވި ކަމުގައި ވިޔަސް އެ އަންހެންކުއްޖާގެ ވޭނީ ރުއިމުން އޭނާގެ ހިތް ރޮއްވައެވެ. އެ އަންހެންކުއްޖާއަށް ހިތްދަތިކަމެއް ލިބެން އޭނާގެ ހިތް ނޭދެނީއެވެ.

މާން ބާރު ފިޔަވަޅުތަކެއްގައި އައިސް ޔޫލީގެ ކައިރިއަށް ހުއްޓުނެވެ. އޭނާގެ ހިތުގައި އަދިވެސް ޔޫލީގެ އަމަލުތަކާއި މެދު ރުޅިވެރިކަން ވިއެވެ. އެކަމަކު… މި ވަގުތު އެއަށްވުރެ ބޮޑަށް އޭނާގެ ހިތް އެދުނީ ޔޫލީއަށް އެހީވުމަށެވެ. އޭނާ ޔޫލީގެ ތުރުތުރުލަމުންދިޔަ ކޮނޑުގައި ދެއަތުން ހިފާލިއެވެ.

“ޔޫލީ! ކިހިނެއްވީ؟ ކާކު ގުޅީ؟” މާންގެ އަޑުގައި ދެންމެ ހުރި ހަރުކަށިކަން ކެނޑި، އެ އަޑުން އާދޭހާއި ހާސްކަން ފާޅުވިއެވެ.

ޔޫލީ އިސްއުފުލާލިއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތަކާއި، މޫނުމަތިން ފެންނަން ހުރި ސިހުމާއި ބިރުވެރިކަން ފެނިފައި މާންގެ ހިތް ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. މާން އޭނާއާއި ދިމާލަށް ކީ ރަހުމެއް ނެތް ބަސްތައް ޔޫލީ ހަނދާންވިއެވެ. ‘މިއީ އަހަރެން ދެކެ ފަކުރުގަނެ، ނަފްރަތުކުރާ މީހާ’، ޔޫލީގެ ސިކުނޑި ހަޅޭއްލަވައިގަތެވެ.

ޔޫލީ ބާރަށް މާންގެ އަތް ފޮޅުވާލިއެވެ. “މަގޭ ގައިގާ އަތްނުލާ! ބޭނުމެއް ނޫން… ތި ބޭފުޅާގެ އެއްވެސް އެހީއެއް އަހަރެން ބޭނުމެއް ނޫން.. އަހަރެން ކިތަންމެ ހާލެއްގައި އުޅެން ޖެހުނަސް ތިމީހާގެ އެހީ ބޭނުމެއްނޫން!” ޔޫލީ ގޮތްދޫނުކުރާ އަޑަކުން ރޮމުން ބުންޏެވެ. އޭނާ ގޮނޑިން ތެދުވެ، މާންއާއި ދުރަށް ފިޔަވަޅެއް އެޅިއެވެ. ” ދެންމެ އަހަރެންގެ ސިފަ ފެނިގެން ފޫހިވެ، ފަކުރުގަތް މީހާ މިހާރު އަހަރެންގެ ކަރުނައިގެ އަގު ބަލަން ތިއުޅެނީ ކީއްކުރަން؟”

“ޔޫލީ! ގޮތްދޫކޮށްފައި ވީ ގޮތް އަހަރެން ގާތު ބުނެބަލަ!” މާން އަނެއްކާވެސް ޔޫލީގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. މިފަހަރު މާންގެ އަތުގެ ބާރު ގަދައެވެ. އޭނާގެ ދެލޮލުން ފެންނަނީ ރުޅިވެރިކަމާއިއެކުވެސް ޔޫލީއަށްޓަކައި ހިތް ބިރުގެންފައިވާ އަސަރެވެ. “އަހަރެންގެ ހިތް ބުނަނީ ޔޫލީ ތި ރޮނީ ބޮޑު ކަމެއް ވެގެންނޭ!”

“އަހަރެންގެ… އަހަރެންގެ މަންމަ އާއި ބައްޕަ…” ޔޫލީގެ އަޑު މެދުކެނޑުނެވެ. އޭނާގެ އަރު ބެދި، ނޭވާ ކުރުވިއެވެ. “އެކްސިޑެންޓް… ބޮޑު އެކްސިޑެންޓެއް ވެއްޖެއޯ މެލޭޝިޔާގަ… މަންމަ… މަންމަ ދެން…..”

އެ ޖުމްލައާއިއެކު ޔޫލީގެ ހަށިގަނޑުން ހުރިހާ ބާރެއް ދޫވިއެވެ. އޭނާ ތަޅުންގަނޑުމައްޗަށް ވެއްޓެން ދިޔަ ވަގުތު، މާން ހަލުވިކަމާއެކު ޔޫލީ އޭނާގެ ބާރުގަދަ އަތުގެ ތެރޭ ގައިދުކޮށްލިއެވެ. ޔޫލީގެ ހަށިގަނޑު މާންގެ އަތްމައްޗަށް ދެމުނުއިރު، އޭނާގެ ދެލޯ ވަނީ މެރިފައެވެ. މާންގެ ހިތް ބިރުން ތެޅިގަތެވެ. އޭނާ އަވަސް އަވަހަށް ޔޫލީ އުފުލާލައިގެން ގޮސް ކެބިންގައި ހުރި ސޯފާގައި ބާއްވާލުމަށްފަހު، މޭޒުމަތީގައި ހުރި ފެންފުޅިން އަތަށް ފެންފޮދެއް އަޅައިގެން އޭނާގެ މޫނުގައި ފެން އުނގުޅަން ފެށިއެވެ. އޭރު މާންގެ އަތްވެސް ދިޔައީ ނޭނގޭ ބިރުވެރިކަމެއްގެ ސަބަބުން ތުރުތުރުލަމުންނެވެ.

ސޯފާގެ ކައިރީގައި ކަކޫ ޖަހާލައިގެން އިނދެ، މާން ޔޫލީގެ މައުސޫމް މޫނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ވެރިވެގެން ދިޔައީ ކުށްވެރިކަމުގެ ފުން އިހުސާސްތަކެވެ. ‘އަހަރެން އޭނާއާއި ދިމާލަށް ކީ ކޮން ފަދަ ހުތުރު، ހަރުކަށި ބަސްތަކެއް ހެއްޔެވެ؟’ މާން އަމިއްލަ ނަފްސާއި ސުވާލު ކޮށްލިއެވެ. ރިލްވާނާއިއެކު ޔޫލީ ފެނުމުން އަދި އޮފީހުގައި ދެކެވުނު ވާހަކަތައް އަޑު އިވުމުން، އޭނާގެ ހިތުގައި އުފެދުނު ރުޅިއާއި ހަސަދަވެރިކަމުގެ ސަބަބުން، ޔޫލީގެ ހިތް ކުދިކުދިވާނެ ފަދަ ތުހުމަތުތައް ކުރެވުނު އިރު، ޔޫލީގެ މުޅި ދުނިޔެ، މިފަދަ ބޮޑު ތޫފާނެއްގެ ތެރެއަށް ގަރަގުވެގެން ދާނެ ކަމަށް އޭނާގެ ހިތަށްވެސް އަރާނީ ކިހިނެއް ހެއްޔެވެ؟

މާންގެ ހިޔާލްތައް ދަތުރުކޮށްލީ ނާއިލްއަށެވެ. ނާއިލްއަކީ އޭނާގެ ހަޔާތުގައި ބައްޕަ ނެތް ދުވަހު ބައްޕައެއް ފަދައިން އިރުޝާދުދީ، އޭނާއަށް އަޅާލާ މީހެކެވެ. ނާއިލްގެ ހުރި ހަމައެކަނި އުއްމީދަކީ ޔޫލީއެވެ. މާން ޔޫލީގެ އަތްތިލައިގައި މަޑުމަޑުން ހިފާލިއެވެ. އޭނާގެ ހިތުގައި ޔޫލީއަށްޓަކައިވާ ފުން ލޯބި، އެ ކުށްވެރިކަމުގެ ތެރެއިން ދިރިގެން އައެވެ. ‘ޔޫލީ… އަހަރެންދެކެ ކިތަންމެ ނަފްރަތް ކުރިޔަސް، މި ހިތާމައިގައި އަހަރެން ޔޫލީ އެކަނިވެރިވިޔަކަނުދޭނަން. ‘ މާން ހިތާހިތުން ބުނެލިއެވެ.

އެ ވަގުތު، ޔޫލީގެ ބޯ މަޑުމަޑުން ހަރަކާތްކޮށްލިއެވެ. އޭނާގެ ދިގު އެސްފިޔަތައް ތުރުތުރުލާން ފެށިއެވެ. ޔޫލީ މަޑުމަޑުން ދެލޯ ހުޅުވާލިއިރު، މުޅި ތަން ފެންނަމުންދިޔައީ ފުސްކޮށެވެ. އޭނާގެ ކުރިމަތީގައި ކަންބޮޑުވެފައި އިން މާންގެ ސޫރަ ސާފުވާން ގިނަ އިރެއް ނުނެގިއެވެ. ޔޫލީގެ ހަނދާނަށް ކުއްލިއަކަށް އައީ ފޯނުން އިވުނު ބިރުވެރި ހަބަރެވެ. “މަންމާ! ބައްޕާ!” ޔޫލީ ސިހިފައި ހަޅޭއްލަވައިގަންނަމުން ސޯފާއިން ތެދުވަން އުޅުނެވެ. ނަމަވެސް އޭނާ އަނެއްކާވެސް ވެއްޓެން ދިއުމުން، މާން އަވަހަށް ޔޫލީގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

ޔޫލީ މާންގެ މޭގައި ބޯޖަހާލައިގެން އިނދެ ބާރަށް ރޮއިގަތެވެ. އޭނާ މާންގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. އޭނާގެ ހިތުގައި މާންއަށް ޝަކުވާ ވީ ނަމަވެސް މި ވަގުތު އޭނާ ލެނގިލާނެ ކޮނޑަކަށް އިންތިހާއަށް ބޭނުންވިއެވެ. މާން ޔޫލީގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން، އޭނާގެ މޭގައި ބޮނޑިކޮށްލިއެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޔޫލީއަށް އޭނާ މިއޮތީ ކާކުގެ މޭގައިކަން ވިސްނުނެވެ. އޭނާގެ ހިތުގައި އުފެދުނު ވޭނާއި، މާންގެ ނުހައްގު ތުހުމަތުތައް ހަނދާންވުމުން އޭނާގެ ނަފްސު އަނެއްކާވެސް ހަރުކަށިކޮށްލިއެވެ. އޭނާ މާންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ވޭނުން ފުރިގެންވީ އަސަރުތަކެކެވެ.

“ނޫން! އަހަރެން ކައިރީގައި ހުންނާނެ ކަމެއް ނެތް. މާންއަކީ އަހަރެންގެ ކާކު؟” ޔޫލީ ކަރުނުން ފުރިގެންވީ ދެލޮލުން މާންގެ މޫނަށް ބަލައިލިއެވެ. އޭނާގެ އަޑުގައި މިފަހަރުވީ ފުން ނަފްރަތާއި އެކުވި ހިތާމަވެރިކަމެކެވެ. “މާން ހީކުރަނީ އަހަރެން މިއީ، އަބުރެއް ނެތް، ގޮތްކުޑަ، ދެފުށްކެހެރި އަންހެނެއް ކަމަށްނު؟ ދެން ކީއްކުރަން އަހަރެން ކައިރީގަ ތިހުންނަނީ؟ އަހަރެންނަށް އެހީތެރިއެއް ފަދައިން އަޅާލަން ބޭނުންވާ ކަމަށް ހެދިގެން އުޅެނީ؟ އަހަރެން ފުރަންވެއްޖެ… އަހަރެންގެ މައިންބަފައިން ގާތަށް ދާންވެއްޖެ” ޔޫލީ އަވަސް އަވަހަށް އޭނާގެ ދަބަސް ނަގަން އުޅުނެވެ.

“ޔޫލީ! މަޑުކުރޭ، .. ތިހުރީ އެކަނި ދަތުރުކުރާ ފަދަ ހާލަތެއްގައެއް ނޫން،” މާން ޔޫލީގެ ކުރިމައްޗަށް އަރާ ހުރަސްއެޅިއެވެ. “ނާއިލްއަކީ އަހަރެންގެވެސް ގާތް އެކުވެރިއެއް. އޭނާއަށް އެހީތެރިކަން ބޭނުންވި ވަގުތު މަޑުން ހުންނާކަށް އަހަރެންގެ ޒަމީރެއް ނޭދޭ. އަހަރެންވެސް ޔޫލީއާއިއެކު މެލޭޝިޔާއަށް ދާނަން.”

“ނޫން! އަހަރެން ފަހަތުންމާން އަންނާނެ ކަމެއްނެތް.. ބޭނުމެއްނޫން!” ޔޫލީ ގޮތްދޫނުކުރާ ރާގަކަށް ހަޅޭއްލަވައިގަތެވެ. “އަހަރެން އަމިއްލައަށް ހިނގައިދާނަން. ތިބޭފުޅާގެ އެހީތެރިކަމެއް، ނޫނީ ހަމްދަރުދީއެއް އަހަރެން ބޭނުމެއް ނެތް!”

“މިއީ ޔޫލީ އެދިގެން ކުރާ ކަމެއް ނޫނޭ” މާންގެ އަޑު މިފަހަރު ބާރުވެފައި ހަރުކަށްޓެވެ. އޭނާ ޔޫލީގެ ދެލޮލަށް ސީދާ ބަލާލިއެވެ. “ޔޫލީ ގަބޫލުވިޔަސް ނުވިޔަސް، މި ހާލަތުގައި ޔޫލީ އެކަނި ފޮނުވައެއް ނުލެވޭނެ. އެކަމާ އިތުރަށް ބަހުސްކޮށްގެން ވަގުތު ބޭކާރު ނުކުރޭ!”

ޔޫލީ މާންއާ ދިމާލަށް ރުޅިވެރިކަމާއި ވޭނުން ފުރިގެންވީ ނަޒަރަކުން ބަލައިލިއެވެ. އޭނާ މާންގެ އެ ނިންމުމާއި މުޅިން ދެކޮޅު ހަދަން ބޭނުންވި ނަމަވެސް، މި ވަގުތު އޭނާގެ ހިތް ވަނީ ލިބުނު ހަބަރުން ހަލާކުވެފައެވެ. އިތުރަށް މާންއާ ޒުވާބުކުރާނެ ބާރެއް އޭނާގެ ޖިސްމަކު ނެތެވެ. އޭނާ ނުރުހުމާއެކު މޫނު އަނބުރާލީ، މާންގެ ކުރިމަތީގައި މަޖުބޫރުން ހިމޭންވާން ޖެހުމުންނެވެ.

މާން ވަގުތުން ފޯނު ނަގާ ޝިފްނާއަށް ގުޅިއެވެ. ” މެލޭޝިޔާއަށް އެންމެ އަވަހަށް ފުރާ ފްލައިޓުން އަހަރެންނާއި ޔޫލީއަށް ދެ ޓިކެޓް ހަމަޖައްސާ. އިޓްސް އަރޖެންޓް!”

ފޯނު ބޭއްވުމަށްފަހު، މާން ޔޫލީގެ ކޮނޑުގައި އަތް ބާއްވާލަން އުޅުނެވެ. ނަމަވެސް ޔޫލީ ފަހަތަށް ފިޔަވަޅެއް އަޅާ ދުރުހެލިވެލިއެވެ. އޭނާގެ މިލާފައިވާ މޫނުމަތިން ފެންނަމުންދިޔައީ ގޮތްދޫނުކުރުމާއި ސާބިތުކަމެވެ. މާން ފުން ނޭވާއެއްލަމުން ހިނގައިގަތެވެ. ޔޫލީވެސް ހިތްދަތިކަމާއި ނުރުހުމާއިއެކު މާންގެ ފަހަތުން ހިނގައިގަތެވެ.

****

ނާއިލްއާއި ޒާހިރާ މެލޭޝިޔާއަށް ދިޔައީ ޒާހިރާގެ ދައްތަގެ އާއިލާއަށް ޒިޔާރަތްކޮށްލާށެވެ. ޒާހިރާާގެ ދައްތަ ޝާއިރާ ދިރިއުޅެނީ މެލޭޝިޔާގައެވެ. ނަމަވެސް އެއަރޕޯޓުން ގެއަށް ދިޔަ މަގުމަތީ އެމީހުންނާއި ދިމާވީ ހިތާމަވެރި އެކްސިޑެންޓެކެވެ.

ޝާއިރާގެ ފިރިމީހާ އެމީހުން ބަލާ އެއަަރޕޯޓަށް އައިސް ހުއްޓެވެ. ކާރުގެ ޑްރައިވަރާއިއެކު ކުރީ ސީޓުގައި އިނީ ޝާއިރާގެ ފިރިމީހާ ހުސެންއެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ.

ވާރޭގެ ސަބަބުން މަގުމަތި ރަނގަޅަށް ނުފެންނާތީ، ކާރު ދުއްވަމުން ދިޔައީ ވަރަށް ބަލައިގެން އާދައިގެ ދުވެއްޔެއްގައެވެ. ފަހަތުން ބާރު ދުވެލީގައި އައި ބޮޑު ކޮންޓޭނަރު ލޮރީއެއްގެ ބްރޭކް ފެއިލްވިއެވެ. މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން ތެތްވެފައިވާ މަގުމަތީގައި ލޮރީ މުޅިން ކޮންޓްރޯލުން ނެއްޓި، ކަހައިލައިގެން ގޮސް ޖެހުނީ ކާރުގެ ފަހަތުގައެވެ. އެއާއެކު ކާރު ކޮންޓްރޯލުން ނެއްޓި، މަގުމަތީގައި އެތައް ފަހަރަކު އެނބުރެމުން ގޮސް، ހައިވޭގެ އަރިމަތީގައި ހުރި ދަގަނޑު ބެރިއަރެއްގައި ލައިގަތެވެ. އެ ބާރު ހަމަލާ އެންމެ ބޮޑަށް އަމާޒުވީ ކާރުގެ ފަހަތު ސީޓުގައި ޒާހިރާ އިން ފަރާތަށެވެ. އެ ބައި އޮތީ މުޅިން ފުނޑުފުނޑުވެފައެވެ.

އެ ނުރައްކާތެރި އެކްސިޑެންޓްގެ ސަބަބުން ޒާހިރާގެ ބޮލަށާއި މޭމައްޗަށް ލިބުނު ފުން ޒަހަމްތަކާއެކު، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ވަނީ މި ދުނިޔެއާއި ވަކިވެފައެވެ. ނާއިލްގެ ފުރާނަ ސަލާމަތްވި ނަމަވެސް، އޭނާގެ މައިބަދައަށް ލިބުނު ބޮޑު އަނިޔާގެ ސަބަބުން މުޅި ހަށިގަނޑުގެ ވާގިގޮސް، ކަނދުރާއިން ތިރި ވަނީ އެއްކޮށް ޕެރެލައިޒްވެފައެވެ. ކުރީ ސީޓުގައި އިން ހުސެންއަށް ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ގެއްލުމެއް ނުވެއެވެ. އޭނާގެ އެއް އަތް ބިންދައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފައެވެ. ކާރު ދުއްވަން އިން ޑްރައިވަރު ސަލާމަތްވީ ކުދިކުދި މެޑިކަލް އަނިޔާތަކަކާއިއެކުގައެވެ.

****

ހޮސްޕިޓަލުގެ ކޮރިޑޯގެ ތެރޭގައި ހާސްކަމާއިއެކު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މި ހިތާމަވެރި ހާދިސާއެވެ. ޑޮކްޓަރުންގެ ފަރާތުން އެކްސިޑެންޓް ހިނގި ގޮތުގެ ރިޕޯޓް ލިބުމުން، މާންގެ ހިތަށް ކުރި އަސަރު ބަޔާންކުރަންވެސް ދަތިވިއެވެ. އޭނާގެ ކުރިމަތީގައި ރޮއެރޮއެ ހަލާކުވަމުންދިޔަ ޔޫލީއަށް ބަލައިލާ ކޮންމެ ފަހަރަކު މާންގެ ހިތް ކުދިކުދިވަމުން ދިޔައެވެ.

އައި.ސީ.ޔޫގެ އެތެރެއިން ނަރުހަކު ނުކުމެ، ނާއިލް ހޭއަރައިފިކަމުގެ ހަބަރު ދިނެވެ.

“ޔޫލީ… ހިތްވަރުކުރޭ.” މާން ޔޫލީގެ ގާތަށް ޖެހިލާ، މަޑުމަޑުން ބުނެލިއެވެ.

ޔޫލީ އޭނާގެ ކަރުނުން ފުރިފައިވީ ދެލޯ ފޮހެލުމަށްފަހު، ތުރުތުރުލަމުންދިޔަ ފިޔަވަޅުތަކަކާއެކު އައި.ސީ.ޔޫގެ ދޮރު ހުޅުވާލިއެވެ. މާންވެސް ފުން ނޭވާއެއްލަމުން، ޔޫލީގެ ފަހަތުން އެތެރެއަށް ވަނެވެ.

އައި.ސީ.ޔޫގެ އެތެރެއަށް ވަދެވުމާއިއެކު، އެތަނުގެ ފިނިކަމާއި މެޝިންތަކުން ކެނޑިނޭޅި އިވެމުންދިޔަ “ބީޕް” އަޑުން، މުޅި މާހައުލަށް ވެރިވެފައި އޮތް ބިރުވެރިކަން އިތުރަށް އިހުސާސު ކުރެވުނެވެ. އެކި ދިމަދިމާލުން ހޮޅިތައް ގުޅާފައި އޮތް އެނދެއްގެ މަތީގައި ނާއިލް އޮތްތަން ފެނުމުން ޔޫލީގެ އަނގަމަތީގައި އަތްއަޅާލެވުނެވެ. އަބަދުވެސް ހިނިތުންވެލާ ހީލާފާ ހުންނަ އޭނާގެ ހިތްވަރުގަދަ ބައްޕަ، މިއަދު އެއޮތީ އެއްވެސް ދިރުމެއް ނެތް މަސްގަނޑެއް ފަދައިން ހަަރަކާތް ހުއްޓިފައެވެ.

ޔޫލީ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ނާއިލްގެ އެނދު ކައިރިއަށް ހުއްޓި، އޭނާގެ ފިނިވެފައިވާ އަތްތިލައިގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. “ބައްޕާ…” ޔޫލީގެ އަޑު ތުރުތުރުއަޅައެވެ. ކަރުނައިގެ ތެރެއިން އޭނާ ނާއިލްގެ މޫނަށް ބަލަހައްޓައިގެން އިނީ އުއްމީދުން ފުރިގެންވާ ނަޒަރަކުންނެވެ.

ނާއިލް ބުރަހެލިކަމާއެކު އޭނާގެ ބަރުވެފައިވާ ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އޭނާގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު ފެނުމާއިއެކު، އެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އޭނާ ޔޫލީގެ އަތުގައި ހިފާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ސިކުނޑިން ކުރި އެއްވެސް އަމުރަކަށް ހަށިގަނޑު އިޖާބައެއް ނުދިނެވެ. ކޮނޑުން ތިރީގެ އެއްވެސް ހިސާބެއްގައި ވޭނެއް ނުވަތަ އިހުސާސެއްވެސް ނެތްކަން ރޭކާލުމުން، ނާއިލްގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ މާޔޫސްކަމާއި ނިކަމެތިކަމެވެ.

“ދަރިފުޅާ… ޔޫލީ… ބައްޕައަށް… ބައްޕައަށް ހަރަކާތެއް ނުކުރެވޭ… ދަރިފުޅުގެ މަންމަ… މަންމަ ކޮބާ؟” ނާއިލްގެ އަޑު ނުކުތީ ކިރިޔާ އިވޭނުއިވޭ ވަރަށެވެ. އޭނާގެ ހިތް ވަނީ ބިރުވެރިކަމުން ފުރިފައެވެ. އަމިއްލަ ހަށިގަނޑަށް ވީގޮތަށްވުރެ ބޮޑަށް އޭނާގެ ހިތް އެދެމުންދިޔައީ އޭނާގެ ބައިވެރިޔާ ޒާހިރާގެ ހަބަރަކަށެވެ.

ނާއިލްގެ އެ ސުވާލާއިއެކު ޔޫލީގެ ހިތް ކުދިކުދިވެގެން ދިޔަ ފަދައެވެ. މަންމަ ދެން ދުވަހަކުވެސް އެނބުރި ނާންނާނެޔޭ ބުނާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ޔޫލީއަށް ބާރަށް ރޮއިގަނެވުނެވެ. އޭނާ ނާއިލްގެ އަތްތިލައިގައި ބޯޖަހާލައިގެން އިނދެ ގިސްލަމުން ދިޔައެވެ.

ނާއިލްގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ދަރިފުޅުގެ އެ ރުއިމުން އޭނާގެ ހިތް އެދެމުންދިޔަ ސުވާލުގެ ޖަވާބު ސާފުކޮށް ލިބިއްޖެއެވެ. “ޒާހިރާ…” ނާއިލް ހިތް ހަލާކުވާ ފަދަ ރާގަކުން އަމިއްލަ ނަފްސަށް ބުނެލިއެވެ. އޭނާގެ މުޅި ދުނިޔެ އަނދިރިވެއްޖެއެވެ. ނޭވާ ކުރުވެ، މޮނިޓަރުގެ “ބީޕް” އަޑު އަވަސްވާން ފެށިއެވެ.

އެ ވަގުތު، ފަހަތުގައި ހުރި މާން ކުރިއަށް ޖެހިލިއެވެ. އޭނާ ނާއިލްގެ އެނދުގެ އަނެއް ފަރާތަށް ގޮސް، ނާއިލްގެ ކޮނޑުގައި މަޑުމަޑުން އަތް ބާއްވާލިއެވެ. “ނާއިލް…” މާންގެ އަޑުގައިވީ ފުން އިހުތިރާމާއި ސާބިތުކަމެވެ.

މާންގެ އަޑަށް ނާއިލް ބަލައިލިއެވެ. މާން ފެނުމާއިއެކު ނާއިލްގެ ދެލޮލުން ކުޑަ ހަމަޖެހުމެއް ފާޅުވިހެން ހީވިއެވެ. މާންއަކީ އޭނާ އަބަދުވެސް އިތުބާރުކުރާ، އަމިއްލަ ދަރިއެއް ފަދައިން ދެކޭ ކުއްޖެކެވެ.

“މާން… ޒާހިރާ… އަހަރެން މިއޮތީ ވާގިނެތިފައި… އަހަރެންގެ ދަރިފުޅު…” ނާއިލް ރޮމުން މާންއަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވަނީ އެކަނިވެރިވި އޭނާގެ މައުސޫމް ދަރިފުޅާއި މެދުގައެވެ.

“ނާއިލް، ހިތްވަރުކުރޭ. މާޔޫސްނުވޭ،” މާން ނާއިލްގެ ހާސްކަން ކަނޑުވާލުމަށްޓަކައި އޭނާގެ އަތްތިލައިގައި ހިފާލިއެވެ. އޭނާގެ ދެލޮލުން ތެދުވެރިކަމާއި އަޅާލުން ފާޅުވަމުން ދިޔައެވެ. ” ނާއިލްއާއި ޔޫލީއަކީ މިއަދުން ފެށިގެން އަހަރެންގެ ޒިންމާއެއް. އަހަރެން މި ދުނިޔޭގައި ހުއްޓާ ޔޫލީ އެކަނިވެރިވިޔަކަ ނުދޭނަން. ނާއިލް އަހަރެންނަށް އިތުބާރުކުރޭ.”

މާން އެހެން ބުނިއިރު، އެނދުގެ އަނެއް ފަރާތުގައި އިން ޔޫލީ އިސްއުފުލައިލާ މާންގެ މޫނަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ ނުރުހުމާއި ހައިރާންކަމެވެ. މިހުރިހާދުވަހު އޭނާއަށް ނަފްރަތުކުރި މީހާ، މިއަދު ބައްޕަގެ ކުރިމަތީގައި އެވަނީ ކޮން ފަދަ ބޮޑު ވައުދެއް ހެއްޔެވެ؟ މާން އެ ވަނީ އެއްވެސް އޮއްޓަރެއްނެތް ވައުދެއް ނޫންހެއްޔެވެ. ޔޫލީ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ބައްޕަގެ ހާލަތު ހުރިގޮތުންނާއި، މާންގެ ބަސްތަކުން ބައްޕަގެ މޫނުމައްޗަށް ވެރިވި ހަމަޖެހުން ފެނިފައި، އޭނާ ހިމޭންވާން މަޖުބޫރުވިއެވެ.

ނާއިލް މަޑުމަޑުން ބޯޖަހާލިއެވެ. މާންގެ އެ ބަސްތަކުން އޭނާގެ ހިތަށް ބޮޑު ލުޔެއް ލިބިގެންދިޔަ ފަދައެވެ. އޭނާ ޔޫލީއަށް ބަލައިލުމަށްފަހު އަނެއްކާވެސް ދެލޯ މަރާލީ، ހިތާމައިގެ ބޮޑުކަމުން ހަށިގަނޑުން ބާރު ދޫވެގެންނެވެ. އައި.ސީ.ޔޫ ކޮޓަރީގެ ތެރޭގައި ހަމައެކަނި އިވެމުންދިޔައީ ޔޫލީގެ މަޑު ގިސްލުމުގެ އަޑެވެ. މާން ހުރީ ޔޫލީއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހިތުގައިވީ ސާބިތު ނިންމުމެކެވެ. ޔޫލީ ކިތަންމެ ނުރުހުނަސް، މި ތޫފާނުގެ ތެރޭގައި އޭނާ ޔޫލީގެ އަތުން ދޫކޮށެއް ނުލާނެއެވެ.

****

ނާއިލްގެ ހާލަތު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން، އޭނާ ވަނީ އައި.ސީ.ޔޫއިން ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކޮށްފައެވެ. ކޮޓަރީގެ ތެރެއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން، ބޭރުން އިވޭ ވާރޭގެ ފަނޑު އަޑު ގުގުމާލާފައި ވިއެވެ. ޝާއިރާގެ އާދޭހަށް ދުވަސްތަކަކަށްފަހު ޔޫލީ ދިޔައީ ހަމަ ޖެހިލައިގެން ފެންވަރައިލާ ތާޒާވެލުމަށެވެ.

“މާން”

ކޮޓަރީގައި ހުރި ސޯފާގައި އިން މާން ތެދުވެގެން ގޮސް އެނދު ކައިރީގައި މަޑުކޮށްލީ ނާއިލް ގޮވާލީމައެވެ. ނާއިލް އޮތީ ދެލޯ ހުޅުވައިގެން، ސީލިންގަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން ފެންނަން ހުރި ދިރުމެއް ނެތް ކަމާއި، މުޅި ހަށިގަނޑު ހަރަކާތް ހުއްޓިފައި އޮތް ގޮތުން މާންގެ ހިތަށް ފުން އަސަރެއް ކުރިއެވެ.

“ނާއިލް” މާން މަޑުމަޑުން ބުނެލިއެވެ.

ނާއިލް އުނދަގުލާއިއެކު ބޯ އަނބުރައިލާ، މާންގެ މޫނަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. “މާން… އަހަރެންގެ ދިރިއުޅުން މި ނިމުނީ. ޒާހިރާ މިއަދު އަހަރެން މިފަދަ ނިކަމެތި ހާލެއްގައި ދޫކޮށްލާފައި ވަކިވެގެން އެދިޔައީ،” ނާއިލްގެ އަޑު ކުރެހިގެން ދިޔައެވެ. އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ވޭނާއި ޝަކުވާއެވެ.

“ނާއިލް، ތިހެން ނުބުނޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ،” މާން ނާއިލްގެ އަތްތިލައިގައި މަޑުމަޑުން ހިފާލަމުން ހިތްވަރުދިނެވެ.

“ނޫން މާން… އަހަރެންގެ ހަށިގަނޑުގެ ހާލަތު އަހަރެންނަށް އެނގޭ. އަހަރެން މިއީ މިހާރު ދިރިހުރި މީހެއް ނަމަވެސް އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫން. ފުރާނަ ހުރި ކަމުގައި ވިޔަސް އަހަރެންނަކީ ބޭނުމެއްނެތް މަސްގަނޑެއް.. އަހަރެން އަމިއްލަ ނަފްސާއިމެދު ދެރައެއް ނުވޭ. އެކަމަކު….” ނާއިލްގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. “އަހަރެންގެ މައުސޫމް ދަރިފުޅު… ޔޫލީ… އޭނާ އެކަނިވެއްޖެ. އޭނާއަކީ މި ދުނިޔޭގެ އުސޫލުތަކާއި ކެހިވެރިކަން ވިސްނޭ ވަރަށް ވުރެ މާ ޅަ ކުއްޖެއް.. އަހަރެންގެ މި ބަލި ހަށިގަނޑާއިއެކު އޭނާއަށް ދެން ދެވޭނެ ހިމާޔަތެއް ނެތް. އޭނާ ބަލާނެ، އޭނާއަށް އަޅައިލާނެ މީހަކު ބޭނުންވާނެ.”

މާން ހިމޭންވެފައި ނާއިލްގެ ވާހަކަ އަޑުއަހަން ހުއްޓެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށީ ނާއިލް ދައްކަން އެއުޅޭ ވާހަކައިގެ މިސްރާބު ލަފާކުރެވޭތީއެވެ.

ނާއިލް މާންގެ އަތަށް ބާރުކޮށްލަން މަސައްކަތް ކުރިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ އާދޭހެވެ. “މާން… އަހަރެންނަށް އެނގޭ މާންއަކީ ތެދުވެރި، ގާބިލް މީހެއްކަން. މާން.. އަހަރެންގެ ޔޫލީއާ ކައިވެނި ކޮށްފާނަންތަ؟. އޭނާ މާންއާއި ހަވާލުކުރަން އަހަރެން ވަރަށް ބޭނުން… މިއީ އަހަރެންގެ މާން ގާތުން އެދޭ އެންމެ ފަހުގެ އެދުން… މާން، ޔޫލީއާ ކައިވެނިކުރަން ގަބޫލުވޭ!”

ނާއިލްގެ އެ ބަސްތަކުން މާންގެ މުޅި ދުނިޔެ އެނބުރިގަތް ފަދަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ހިތުގައި ޔޫލީއަށްޓަކައި ފުން ލޯތްބެއް އޮތް ނަމަވެސް، ޔޫލީގެ ހިތުގައި އޭނާއަށްޓަކައި ވަނީ ނަފްރަތުކަން އޭނާއަށް ގައިމެވެ. ހިނގާދިޔަ ކަންތައްތަކަށްފަހު، އެ އަންހެންކުއްޖާ މި ކައިވެންޏަށް ދުވަހަކުވެސް ގަބޫލުނުވާނެކަން މާންއަށް ރަނގަޅަށް އެނގެއެވެ. މާން ޖަވާބެއް ނުދީ ހައިރާންކަމާއިއެކު ނާއިލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

“މާން… ޖަވާބެއް ނުދީ ހިމޭނުން ތިއިނީ ކީއްވެ؟ އަހަރެންގެ މި އާދޭސް ގަބޫލެއް ނުކުރާނަންތަ؟” ނާއިލްގެ އަޑުގައިވީ ނޭވާ ހާސްވާ ފަދަ ކަންބޮޑުވުމެކެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ ސީދާ މާންގެ މޫނަށެވެ. މާންގެ ޖަވާބަކަށް އޭނާގެ މުޅި ފުރާނަ އިންތިޒާރުކުރާ ފަދައެވެ.

***ނުނިމޭ***

ނާއިލްގެ އެ ބަސްތަކުން މާންގެ ދުލުގައި ތަޅެއް އެޅުވުނީ ހެއްޔެވެ؟؟. އޭނާގެ ހިތުގެ އިހުސާސްތަކާއި ހަގީގަތާއި ދެމެދު އޭނާ ތާށިވެއްޖެއެވެ…..

މާން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ނާއިލްގެ އެ އާދޭހާއި އެކު، ޔޫލީ ރައްކާތެރިކޮށް ބަލަހައްޓައިދޭނެ ކަމަށް އޭނާ ވައުދުވާނެ ހެއްޔެވެ؟

ތިޔަ ކިޔުންތެރިންގެ ހިޔާލަކީ ކޮބާ ހެއްޔެވެ..

މާން މިކަމަށް އާނބަސް ބުނާނެ ހެއްޔެވެ؟
ޔޫލީ ދުވަހަކުވެސް މި ކައިވެންޏާ ގަބޫލުވާނެ ހެއްޔެވެ؟

ސުވާލުތަކުގެ ޖަވާބަށް ވާހަކައަށް އިންތިޒާރުކޮށްލައްވާ.

ވާހަކައިގެ މި ބައިވެސް ކަމުދިޔަކަމަށް އުންމީދުކުރަން.

ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ.

ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ.

–ވިޝް-

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 14

Next

ރަހުމްކުރާށެވެ – 1

Next
June 18, 2026

ރަހުމްކުރާށެވެ – 1

Previews
June 17, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 14

2 Comments!

  1. Exxo says:
    June 18, 2026 at 3:41 pm

    Superrrrr

    1. wish wish says:
      June 18, 2026 at 3:43 pm

      Thank You Exxo 😊

Comments are closed.



All Right Reserved!