ނޭދެން ވަކިވާކަށް 17 ވަނަ ބައި
ޒޯޔާ ވަރަށް ފަރުވާތެރިކަމާއެކު އެ ފޮތް އޮތްގޮތަށް ބާއްވާލިއެވެ. އޭނާގެ ހިތުގައި ރޯވެފައިވާ ހަސަދައިގެ އަލިފާންގަނޑުގައި ހުޅުހިފިއެވެ. އޭނާ ކެބިންއިން ނިކުތުމަށް އަވަސް އަވަހަށް އެނބުރުނު ވަގުތު، ކުއްލިއަކަށް ކެބިންގެ ދޮރުގެ ތަޅު އަނބުރާލި އަޑު އިވުނެވެ.
ޒޯޔާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އޭނާގެ ހިތް މޭގަނޑު ފަޅާލާފައި ނުކުމެދާނެހެން ހީވިއެވެ.
ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ސޫރަ ފެނުމާއެކު، ޒޯޔާގެ ހިފަހައްޓާލެވިފައިވި ނޭވާ ބޭރުވިއެވެ. ހިތުގެ ތެޅުން މަޑުޖެހިލާ މީހާ ހަމައަކަށް އެޅުނެވެ.
އެއީ މާންއެއް ނޫނެވެ. އެއީ އޮފީހުގެ ޕްލޭނިންގް ހެޑް، އިމްތިޔާޒެވެ.
“ޒޯ … މިތާ މިގަޑީގަ ކީއްކުރަނީ؟” ހައިރާންވެފައި އިމްތިޔާޒް ބުނެލިއެވެ.
” އަހަރެން މަސައްކަތެއް ނިންމާލުމަށް ބަލައިލަން ޖެހޭ މުހިންމު ފައިލެއް ބަލައިލީ. ” ޒޯޔާ ދޮގު ހަދާލީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް އޭނާގެ ހިތް އަދިވެސް ތެޅެމުން ދިޔައީ ބިރުންނެވެ. އެއީ މާންއަށް ނުވި ނަމަވެސް، އިމްތިޔާޒަކީ ކުންފުންޏަށް ވަފާތެރި މީހަކަށް ވުމުން، އޭނާއަށް ޝައްކެއް ވެއްޖެނަމަ މާން ގާތު ބުނެފާނެއެވެ.
“ޕްލޭނިންގް ރިޕޯޓް މާންއާއި ހަވާލުކުރަންވެގެން މިއައީ، .. ޒޯ އަހަރެން އަދިވެސް ހަމަ ޒޯއަށް މި އިންތިޒާރުކުރަނީ..” އިމްތިޔާޒު ޒޯޔާއާ ކުޑަކޮށް ގާތަށް ޖެހިލަމުން އަސަރުން ފުރިގެންވީ ރާގެއްގައި ބުނެލިއެވެ.
ޒޯޔާ ކިތަންމެ ފޫހިވެފައިވީ ނަމަވެސް އެ އިހުސާސްތައް ފޮރުވާލަމުން ދެރަވެފައިވާ ކަމަށް ހަދާލިއެވެ.
“އިންތި…އަހަރެން އިންތިގެ ތި އިހުސާސް ތަކަށް ގަދަރު ކުރަން އެކަމަކު … އަހަރެންގެ ހިތަކީ އެހެން މީހެއްގެ ހައްގެއް..” ވާހަކަ މެދު ކަނޑާލާ އިމްތިޔާޒުއަށް ފުން ނަޒަރަކުން ހަމަ އެ މާޔޫސްކަން މޫނުމަތިން ދައްކަމުން އޭނާ އިތުރުކޮށްލިއެވެ. “އަހަރެންގެ ހިތް އޮތްގޮތް ބަދަލެއް ނުކުރެވޭނެ އިންތި. އެކަމަކު އިންތިއަކީ އަބަދުވެސް އަހަރެން އިހުތިރާމުކުރާ ރަނގަޅު އެކުވެރިއެއް. އަހަންނަށް މާފުކުރޭ.”
އިމްތިޔާޒު ފުން ނޭވާއެއްލާފައި ބޯޖަހާލިއެވެ. އޭނާގެ ހިތުގައި ރިއްސާލި ނަމަވެސް، ޒޯޔާގެ ތެދުވެރިކަމަށް އޭނާ ގަދަރުކުރިއެވެ. “އަހަރެން ޒޯޔާގެ ނިންމުމަށް އިހުތިރާމުކުރާނަން. އަބަދުވެސް ހަދާނުގައި ބަހައްޓާތި ، އަހަރެން އެބަހުރިން…… ތިކަން ނިމުނީނު؟ ހިނގާ ދާން.”
“އިންތި ދޭ… އަހަރެން ކުޑަކަމެއް ނިންމާލާފައި އެބަދަން،” ޒޯޔާ ހިނިތުންވެލިއެވެ. އިމްތިޔާޒްއާއިއެކު ދާކަށް އޭނާ ބޭނުމެއްނޫނެވެ.
އިމްތިޔާޒު ފައިލު މޭޒުމަތީގައި ބޭއްވުމަށްފަހު ކެބިންއިން ނުކުތެވެ. އޭނާ ދިއުމާއެކު ޒޯޔާގެ މޫނުމަތިން މައުސޫމްކަން ފިލާ، ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ދަބަހުން ފޯނު ނަގާ މީހަކަށް ގުޅާލިއެވެ.
” ކަންތައް ކުރަންވާނީ ސީދާ އަހަރެން ބުނާ ގޮތަށް…. މިއަދުވެސް މުޅި ޕްލޭން ފަނި ކޮށްލާފަ ތިހިރީ… ކަލެއަށް އޭނާ ބިރުގަންނަވާ މިތަނުން ފައްސާ ނުލެވުނެއްނު….ދެން އެހެންވީމަ އެކަން ބާއްވާ… ކުރިއަށް ދާންވީ ގޮތް އަހަރެން ކިޔައިދޭނަން” ޒޯޔާ ވަރަށް ހަމަޖެހިލައިގެން ވާހަކަ ދައްކަމުން ދިޔައެވެ.
****
އޮފީހުގެ ކެބިން ތެރޭގައި ވަނީ ފުން ހިމޭންކަމެކެވެ. މާން އާއި ޔޫލީ މަސައްކަތް ކުރަމުން ދިޔައިރު ދެމީހުންވެސް އެކަކު އަނެކަކަށް ސިއްރު ނަޒަރުތައް ބަދަލުކުރަމުން ދިޔައެވެ. ލިފްޓް ތެރޭގައި ދެމީހުންގެ މެދުގައި އުފެދުނު ގާތްކަމުގެ ސަބަބުން، ކެބިން ތެރޭގެ ވައިރޯޅިތަކުގައިވެސް ނުތަނަވަސްކަމެއްވާ ކަހަލައެވެ.
ޔޫލީ އޭނާގެ މޭޒު ކައިރީގައި އިށީނދެގެން އިނދެ، އޭސީގެ ފިނިކަމާއި އޭނާގެ ހަމަޖެހުމެއްނެތް ޖަޒުބާތުތަކުގެ ސަބަބުން ދެއަތް ދެއަތާ ހާކައިލިއެވެ. އޭނާގެ ދޮން ކޮލަށް ފިނިކަމުގެ ސަބަބުން މަޑު ރަތްކަމެއް ވެރިވެފައި ހުއްޓެވެ. މާން ލެޕްޓޮޕަށް ބަލަހައްޓައިގެން އިނދެފައި، ކުއްލިއަކަށް ތެދުވެގެން ހިނގައިގަތީ ޔޫލީއާ ދިމާލަށެވެ.
ޔޫލީ ސިހިފައި މާންއަށް ބަލައިލި ވަގުތު، މާން އޭނާ ލައިގެން ހުރި ކޯޓު ބާލާފައި، ވަރަށް މަޑުމައިތިރިކަމާއެކު ޔޫލީގެ ކޮނޑުމަތީގައި އަޅުވާލިއެވެ.
“މާން…؟” ޔޫލީގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ.
“ތިހާ ފިނިވާއިރު އޭސީ މަޑުކުރަން ވާނެ ދޯ؟” މާންގެ އަޑުގައިވީ ޔޫލީ މިއިން ދުވަހަކުވެސް ނާހާ ފަދަ އޯގާތެރިކަމެކެވެ. އޭނާ ޔޫލީއާއި ގާތްވެލުމަށް ކުޑަކޮށް ގުދުވެލިއެވެ. އެ ވަގުތު މާންގެ މޫނު ޔޫލީގެ މޫނާ ދާދި ގާތްވިއެވެ. ދެމީހުންގެ ދެލޯ ސީދާވީ ވަގުތު، ހިތް ހުއްޓޭ ފަދަ އިހުސާސެއް ޔޫލީއަށް ކުރެވުނެވެ. މާންގެ ލޮލުން ފެންނަން ހުރި ފުން އަސަރުތަކުން ޔޫލީގެ ނޭވާ ތާށިވި ކަހަލައެވެ. މާންގެ ސެންޓުގެ މީރުވަސް ޔޫލީގެ ނޭފަތުގައި ހިފާލިއެވެ.
‘މި އިންސާނާ އާއި ހެދި އަހަރެން މޮޔަވާނެ… އަސްލު މާންގެ މަގްސަދަކީ އެކަމަކު ކޮބާތަ؟’ ޔޫލީގެ ހިތް އަދިވެސް މާންގެ އެ އަމަލުތަކުގެ ތެދުވެރިކަން ގަބޫލުކުރަން ފަސްޖެހެއެވެ.
މާން މަޑުމަޑުން އޭނާގެ އަތްތިލަ ޔޫލީގެ ކޮލާ ދިމާލަށް އުފުލާލިއެވެ. މާންގެ ހޫނު އަތްތިލަ ޔޫލީގެ ފިނިވެފައިވާ ކޮލުގައި ބީހިލި ވަގުތު، ޔޫލީއަށް ލޯ މަރާލެވުނެވެ. އެއީ ދެމީހުންގެ ހިތުގެ ވިންދު އަވަސްވެ، މުޅި ދުނިޔެމަތިން ހަނދާންނެތް ފަދަ ސިހުރުވީ ވަގުތުކޮޅެކެވެ.
“ޔޫލީ… އަހަރެން…” މާންގެ އަޑު ބަރުވެފައި ސިއްރުވެރިވިއެވެ.
އެ ވަގުތު ކުއްލިއަކަށް މާންގެ ފޯނު ރިންގުވާން ފެށިއެވެ. އެ އަޑަށް ދެމީހުންނަށްވެސް ދުނިޔެއަށް އާދެވުނު ކަހަލައެވެ. ޔޫލީ އަވަސްއަވަހަށް ނަޒަރު ތިރިކޮށްލިއެވެ. މާން ފޯނު ނަގާ ބަލައިލުމަށްފަހު، ކުޑަކޮށް ހިންދިރުވާލިއެވެ. އޭނާގެ ނަފްސުގެ ކޮންޓްރޯލް ގެއްލުނުވަރުން އޭނާ އަމިއްލައަށްވެސް ޖެހިލުންވިއެވެ.
“އަހަރެން… އަހަރެން މިއުޅެނީ ވަރަށް މުހިންމު މީޓިންގްއަކަށް ވަންނަން. ” މާން އޭނާގެ ހާސްކަން ފޮރުވަން މަސައްކަތް ކުރިއެވެ. “ޔޫލީ… މިއަދުގެ ހުރިހާ ޕްރޮޖެކްޓް ޑޭޓާތައް ރިވިއު ކުރަން ޖެހޭ. އަހަރެންގެ މީޓިން ނިމެންވާއިރަށް އެ މަސައްކަތް ނިންމާލައްޗޭ”
“ޔެސް… މާން،” ޔޫލީގެ އަޑު އައީ ސިއްރެއް ބުނެލާހާ މަޑުންނެވެ. ބޯ ހާސްކުރުވި ވަރުން އޭނާގެ ދެ އަތްތިލަ ހީވަނީ ގަނޑު ފެން ކޮޅެއްހެނެވެ. މާން މަޑުމަޑުން އޭނާގެ ޖޯޑު ކޮށްލާފައިވި ދެ އަތުގައި ހިފާލިއެވެ. އޭނާގެ ރަތްވެފައިވާ މޫނު ފޮރުވާލަމުން އިސް ޖަހާލިއެވެ.
“ހަމަޖެހިބަލަ އަހަރެން ނޫޅެމޭ ޔޫލީ ކާލާކަށް……އެކަމަކު މީ ފުރޭތައެއްވީމަ ފަހުންވާނެ ގޮތެއް ނޭނގެ” ސަމާސާ ރާގެއްގައި މާން ބުނެލިއެވެ.
މާން ކެބިން އިން ނިކުމެގެން ދިއުމުންވެސް ޔޫލީއަށް ހުރީ ގަބޫލުނުކުރެވިފައެވެ.
****
ޔޫލީ އިނީ ސައި ކޮޓަރީގައި ހުރި މޭޒު ކައިރީގައި އިށީނދެ، ހަމަޖެހިލައިގެން މަސައްކަތް ކުރާށެވެ. މާންގެ އެ ބީހުމާއި އޯގާތެރިކަން އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. ލެޕްޓޮޕް ހުޅުވާލައި މަސައްކަތް ފެށިތާ ދިހަވަރަކަށް މިނެޓު ފަހުން، ރިލްވާން އެތަނަށް އައެވެ. ރިލްވާން އައިސް ވަރަށް ގާތް ގޮތަކަށް ޔޫލީގެ ކުރިމަތީގައި އިށީނދެލިއެވެ.
“ޔޫލީ! ހާދަ ބުރަކޮށް؟ ކިހިނެއްވީ މިއަދު މިތާ މަސައްކަތް ކުރަން ތިއިނީ؟ މިއަދުވެސް ބޮސް އެއްޗެއް ބުނީ؟ ކޮބާ ކޮފީއެއް ބޯލަންވީނު؟” ރިލްވާން ހިނިތުންވުމަކާއެކު ބުނެލިއެވެ.
“ނޫން މާން އެއްޗެއް ނުބުނޭ…. ކެބިންގަ އިންޓަރނެޓް މައްސަލައެއް އުޅޭތީ މިތަނަށް ދެން އައިސްލީ.. މި ގަޑީގައި މިތާ އާންމުކޮށް މީހުން ނޫޅޭނެއެއްނު …. މިއަދު މި ރިޕޯޓު ފައިނަލް ކޮށްލަން ޖެހޭތީ،” ޔޫލީ ހިނިތުންވެލަމުން ބުނެލިއެވެ. އޭނާ ރިލްވާން ދެކެނީ ސާފު، މައުސޫމު އެކުވެރިއެއްގެ ގޮތުގައެވެ.
ރިލްވާން މަޑުމަޑުން ޔޫލީގެ ލެޕްޓޮޕާ ދިމާލަށް ގާތްވެލިއެވެ. “އަޅެ މަ ބަލާލަންތަ ތި ބައި؟” އޭނާ ޔޫލީގެ ލެޕްޓޮޕްގެ ކީބޯޑާއި ދިމާލަށް އަތް ދިއްކޮށްލި ވަގުތު، އޭނާގެ އަތްތިލަ ޔޫލީގެ އަތްމަތީގައި މަޑުމަޑުން ބާއްވާލިއެވެ. އަދި ޔޫލީގެ މޫނާ ގާތްވެލީ އެކުވެރިކަމާއެކު އެއްޗެއް ކިޔައިދޭ ފަދަ ގޮތަކަށެވެ. ޔޫލީއަށް މިއީ އާދައިގެ ކަމެކެވެ.
މާން މީޓިންގް ނިންމާލާފައި ސައި ކޮޓަރީގެ ދޮރުމަތިން ހިނގާލާފައި ދިޔަ ވަގުތު، އޭނާގެ ލޮލުގައި އަޅައިގަތީ މި މަންޒަރެވެ. ރިލްވާންގެ އަތް ޔޫލީގެ އަތްމަތީގައި އޮތްތަނާއި، ދެމީހުން އެހާ ގާތްކޮށް ތިއްބާ ފެނުމުން، ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އޭނާގެ މޫނުމަތިން ފެނުނީ ފުން މާޔޫސްކަމާއި ނުރުހުމެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔަ ނަމަވެސް މިކަހަލަ އަންހެނަކަށް އޭނާގެ ހިތް ދޫކޮށްލާކަށް އޭނާގެ ޒަމީރު ނޭދެއެވެ. ޔޫލީ އެ ދެމީހުން ދޭތެރޭ ގުޅުމެއް ނޯންނަ ކަމަށް ބުނި ނަމަވެސް އަބަދު މިފެންނަނީ އެ ދެމީހުން ގައިގޯޅިކޮށްވާ ތަނެވެ. ކެބިން ތެރޭގައާއި ލިފްޓް ތެރޭ ޔޫލީއާއިއެކު ހޭދަވި އެ ނާޒުކު، ސިހުރުވީ ވަގުތުކޮޅަކީ ހަމައެކަނި އޭނާގެ ހިތުގެ ގޮވުން ބާވައޭ މާންގެ ހިތަށް އެރިއެވެ.
އޭނާގެ ސިކުނޑި ސުވާލުތަކުން ފުރެމުން ދަނިކޮށް، ކެބިންއަށް ދިއުމަށް ހިނގާލާފައި ދިޔަ ވަގުތު، ކަނެއްގައި ތިބި ދެ މުވައްޒަފެއްގެ ސިއްރު ވާހަކަތަކެއް އޭނާގެ ކަންފަތުގައި ޖެހުނެވެ.
“ސާދާ، ކަލެއަށް އެނގޭތަ؟ ޔޫލީއާއި ރިލްވާން އެއުޅެނީ ހަމަ ސީރިއަސް ރިލޭޝަންއެއްގަ” ދީނާ މަޑުމަޑުން ބުނެލި އަޑު އިވުނެވެ.
“އާނ، މަށަށްވެސް ހީވޭ. އެކަމަކު އޮފީސް ތެރޭގައި ދެމީހުން އެކަން ސިއްރުކުރަނީ ކީއްވެބާ؟ އޯލްސޯ ޔޫލީއާއި ބޮސްވެސް ހީވޭނޫންތަ ގުޅުމެއް އޮންނަހެން؟” ސާދާ އަހާލިއެވެ.
“ސިއްރުކޮށްފާނެ ދޯ! ޔޫލީ ބޭނުންވަނީ ބޮސް ގެ ކުރިމަތީގައި ވަރަށް މައުސޫމު، ސާފު ކުއްޖަކަށް ވެގެން އުޅެން. އޭރަކަށްނު ބޮސްވެސް އަތު އަޅުވާލެވޭނީ… ރީތި އަންހެނެއްވީމަ ދެން ހަމަ އެންމެންނާއިވެސް އުޅެންވީނު… ރޭގަނޑު އޮފީސް ނިމިގެންވެސް ޔޫލީއާއި ރިލްވާން އެކީގައި ދަނިކޮށް މަގޭ ރައްޓެއްސަކަށް ފެނިގެން އެވާހަކަ ބުނި. ރިލްވާން ގާތު އަހަރެން އެހީމާވެސް ބުނީ ތިމަންނަމެންގެ މެދުގައި އެއްވެސް ގުޅުމެއް ނެތޭ، އެއީ ހަމަ އެކުވެރިއެކޭ. އެކަމަކު ދެމީހުން ސިއްރުން ބާއްވާ ގުޅުންތައް ފޮރުވަން އެހަދަނީ ހުސް ދޮގު! ކޮންމެ ދުވަހަކު ހީވަނީ އޮފީސް ތެރޭވެސް އެހެން ކަމެއްހެން.. ސައި ކޮޓަރިއަށް ވަދެލެވެން ނޯވޭ އެކަމަކާއި ހެދި” ދީނާ މަލާމާތުގެ ރާގަކަށް ހީނގަންނަމުން ބުންޏެވެ.
މާން ހުއްޓުން އެރިއެވެ. އޭނާގެ މުޅި ހަށިގަނޑުގެ ލޭ ކެކިގަތް ފަދައެވެ. ޔޫލީ އޭނާގެ ކުރިމަތީގައި ދެއްކި މައުސޫމުކަމަކީ ހަމަ ލޮލުގައި އަޅުވާ އަދުނެއްތާއެވެ. ރިލްވާންއާއި އޭނާގެ ގުޅުން އެއީ ހަމައެކަނި އެކުވެރިކަމޭ އެ ބުނަނީ ހަމަ އޮޅުވާލަންތާއެވެ.
މާންގެ ދެލޯ ރަތްވެ، މޫނުމަތިން ނުރުހުމާއި ފުން ހިތްދަތިކަން ފާޅުވިއެވެ. އޭނާ އެމީހުންނާ ދިމާލަށް ބަލައިވެސް ނުލާ، ބާރު ފިޔަވަޅުތަކެއްގައި ގޮސް ކެބިންއަށް ވަދެ، ދޮރު ލައްޕާލިއެވެ. އޭނާގެ ހިތުގައިވަނީ ފޫހިކަމާއި ނަފުރަތުގެ އަސަރެވެ.
****
ދުވަސްތައް އޭގެ ހަލުވި މިނުގައި މާޒީގެ ސަފުހާތަކާއި އެކުވަމުން ދިޔައެވެ. މިއަދަކީ ޔޫލީ އޮފީހާ ގުޅުނު ފަހުން ތިން މަސް ފުރުނު ދުވަހެވެ. އޭނާގެ ތިން މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ހަމަވެ، ކުންފުނީގެ ދާއިމީ މުވައްޒަފަކަށް ބަދަލުވާ ތާރީހީ ދުވަހެވެ. މިއީ އިންތިހާއަށް އުފާވެ، ފާހަގަކުރަންވީ މުނާސަބަތެއް ނަމަވެސް، ޔޫލީގެ ހިތް ވަނީ ނުތަނަވަސްކަމާއި ފުން ހިތާމައެއްގެ ތެރޭގައި ބަނދެވިފައެވެ.
އެއްކޮޅުން ޒޯޔާގެ ވިހަގަދަ ބަހުގެ ހަމަލާތަކެވެ. އަނެއްކޮޅުން، އެއްވެސް ސަބަބަކާއި ނުލައި މާންގެ ކިބައިން ފެންނަމުންދިޔަ ކުއްލި، ފިނި ބަދަލެވެ. އެ ދުވަހަށްފަހު މާން އުޅެމުންދިޔައީ ޔޫލީއަކީ، ކުރިމަތީ ހުރި ކަމުގައިވިޔަސް ނެތް އިންސާނެއް ފަދައިންނެވެ. ރަސްމީ ހުރިހާ މުއާމަލާތެއްވެސް މިހާރު ބަދަލުވެފައިވަނީ އީމެއިލްތަކާއި ފޯނު މެސެޖުތަކަށެވެ. އެއް ކެބިންއެއްގެ ތެރޭގައި، ދާދި ގާތުގައިވީ ނަމަވެސް މާންގެ ނަޒަރު ޔޫލީއަށް ސިއްރުކުރެއެވެ.
ޔޫލީގެ ހިތުގައި މައުސޫމް ލޯބީގެ ރީތި ހުޅުކޮޅެއް ރޯކޮށްލުމަށްފަހު، މާން މިފަދަ އަނިޔާވެރި ގޮތަކަށް ދުރުހެލިވުން ވެގެންދިޔައީ ޔޫލީގެ މުޅި ޖިސްމާއި ރޫހު ކަރުނައިން ތެންމާލި ކަމަކަށެވެ. ނަމަވެސް، އޭނާ ހިތްވަރު ކުރިއެވެ. އިންތިހާ ދަރަޖައިގެ ކެތްތެރިކަމާއިއެކު، މާންގެ ކުރިމަތީގައި އޭނާ ދައްކަމުން ދިޔައީ އެއްވެސް އަސަރެއް ނެތް، ހިމޭން މޫނެކެވެ.
މާންގެ ފަރާތުން ފެންނަ ފިނިކަމުގެ އިތުރުން، ރިލްވާން އާއި އަޅުވާ ބަހުގެ ހަމަލާތަކުން ޖަހަމުންދިޔަ ތީރުތައް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ތޫނުވަމުންނެވެ. އެ ދޮގު ވާހަކަތަކުގެ ގުގުމުން މިހާރު އޮފީސް ތެރޭގައި ހިފާލާފައިވާއިރު، އެ އަޑުތައް ޔޫލީގެ ގާތް އެކުވެރިޔާ ޝިފްނާގެ ކަންފަތާއި ހަމައަށްވެސް ވަނީ ފޯރާފައެވެ. ޔޫލީގެ ނަޒަރުގައި ރިލްވާނަކީ ހަމައެކަނި އެކުވެރިއެކެވެ. ދަތި ކޮންމެ ވަގުތެއްގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ހެޔޮލަފާ މިތުރެކެވެ. އެކަމަކު، މުޅި އޮފީހާއި މާންގެ ކުރިމަތީގައި އެ ގުޅުން ބޮޑު ފާހިޝް ދޮގަކަށް ބަދަލުވެގެން ދިޔަ ސަބަބެއް ޔޫލީއަކަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ.
****
ކެބިން ތެރެއަށް ވެރިވެފައިވަނީ ފޫހިކުރުވާ ފަދަ ބަރު ހިމޭންކަމެކެވެ. އޮފީސްތެރޭ މެދުނުކެޑި އިވެމުންދިޔަ ވާހަކަތަކުގެ ހޫނުކަން މާންގެ ސިކުނޑީގައި އަބަދުވެސް ގުގުމަމުން ދާކަހަލައެވެ. އޭނާގެ ހިތާއި ސިކުނޑި ވަނީ މި ހައިޖާނުގައި ވަރުބަލިވެފައެވެ. އޭނާގެ ހިތް އަދިވެސް އެ މުޑުދާރު އަންހެންކުއްޖާއަށް އެދެނީ ކީއްވެ ހެއްޔެވެ. އޭނާ ޔޫލީއާއި ބެހޭ ގޮތުން ނާއިލްއާއި ވާހަކަ ދައްކަންވެސް އުޒުރުވެރިވެއެވެ. މަސައްކަތުގެ މާހައުލުގައި ޔޫލީއަކީ ކުޅަދާނަ ހަރުދަނާ މީހެއްކަން މާންއަށް ޔަގީނެވެ. ނަމަވެސް އޭނާގެ އަހުލާގީ މިންގަނޑު އެ ވަނީ ފަހަނަ އަޅާ ގޮސްފައެވެ. އޭނާ ޔޫލީއާ ދިމާލަށްް ބަލައިއވެސް ނުލާ، ލެޕްޓޮޕްގެ ކީބޯޑަށް ހަލުވިކަމާއެކު ފިތަމުން ދިޔައީ އޭނާގެ ހިތުގައިވާ ނުރުހުން، އެ ހަރަކާތްތަކުން ބޭރުކުރާ ފަދައަކުންނެވެ. އެއީ ޔޫލީއަށް އިންތިހާއަށް ތަހައްމަލުކުރަން އުނދަގޫވި ފިނި، ހިމޭން އަދަބެކެވެ.
ޔޫލީ އިސްޖަހާލައިގެން އިނދެ އޭނާގެ ދާއިމީ މުވައްޒަފަކަށް ބަދަލުވި އެގްރީމެންޓަށް ބަލަން އިނެވެ. ކިތަންމެ އުފާވާންވީ ދުވަހެއް ނަމަވެސް، މާންގެ މި ނުތަނަވަސް ހިމޭންކަމުން އޭނާގެ ހިތް ވަނީ ބިރުގަނެފައެވެ. އޭނާ މި އޮފީހުގައި ދާއިމީ މުއައްޒަފަކަށް ވުމަކީވެސް އޭނާއަށް ވޭނެއްފަދައެވެ.
މާން ކުއްލިއަކަށް މަސައްކަތް މެދުކަނޑާލުމަށްފަހު، ގޮނޑީގައި ހަމަޖެހިލިއެވެ. އޭނާ ޔޫލީގެ މޫނަށް ބަލައިލުމެއް ނެތި، ދުރު ބަލަހައްޓައިގެން އިނދެ، ޔޫލީއަށް އިވޭނޭހެން މަލާމާތުގެ ރާގަކަށް ވާހަކަދައްކަން ފެށިއެވެ.
“ބައެއް މީހުންނަށް ވަޒީފާ ދާއިމީވުމުންވެސް ހީވަނީ ހުރިހާ ކަމެއް ކާމިޔާބުވީހެން، އާ ތެދެއް މިހާރު ނުބުނެވޭނެތާ ޒިންމާދާރު މީހެއްނޫނޭ” މާންގެ އަޑުގައިވީ ހިތި ޒަހަރުގެ އަސަރެވެ. “އެކަމަކު އަމިއްލަ އަބުރާއި ސާފުކަން ވެއްޔާ މޮޑެމުންދާ އަންހެނެއްގެ އަގެއް ނުހުންނާނެ. ބޭރު ފުށުން ކިތަންމެ މައުސޫމްކަން ދެއްކިޔަސް އެތެރެ ހަޑިވެފައިވާ މީހުންގެ ހަގީގަތް ދުވަހަކުވެސް ފޮރުވައެއް ނުލެވޭނެ.”
މާންގެ އެ ތޫނު ބަސްތައް ސީދާ އަމާޒުވީ ޔޫލީގެ ހިތަށެވެ. އޭނާ ރިލްވާނާއި އަޅުވާ އެ ދައްކަނީ ކޮން ފަދަ ހަޑި ވާހަކައެއް ހެއްޔެވެ. އޭނާ ޔޫލީގެ ބޮލުގައި އެ އަޅުވަނީ ބޮޑު އިލްޒާމެއްކަން ޔޫލީއަށް ވިސްނުނެވެ. އޭނާގެ ދެލޯ ކަރުނައިން ފުރުނު ނަމަވެސް، ތުންފަތުގައި ދަތް އަޅާ ބާރުކޮށްލަމުން ކަރުނަތައް ހިފަހައްޓާލިއެވެ. މާންގެ ކުރިމަތީގައި އޭނާގެ ބަލިކަށިކަން ދައްކާކަށް ޔޫލީ ބޭނުމެއް ނުވެއެވެ.
މުޅި ކެބިންގެ މާހައުލު ވަނީ ނޭވާ ހާސްވާ ވަރަށް ނުތަނަވަސްވެފައެވެ. ކުއްލިއަކަށް ޔޫލީގެ މޭޒުމަތީގައި އޮތް ފޯނު ބާރަށް ރިންގުވާން ފެށިއެވެ. އެ އަޑުން ދެމީހުންގެ މެދުގައި އުފެދިފައިވާ ހިމޭންކަން މުގުރާލިއެވެ.
“ހަލޯ…….ނޫން ތިހެނެއްނުވާނެ… ބުނޭ ތީ ދޮގެކޭ…..” ޔޫލީ ފޯން ނަގައި ވާހަކަދައްކަން ފެށުމާއިއެކުު ބާރު އަޑުން ރޯން ފެށިއެވެ.
***ނުނިމޭ***
ޔޫލީއަށް ގުޅީ ކާކުބާ؟؟ އޭނާއަށް އެ ލިބުނީ ކޮން ހަބަރެއްބާ؟؟ އޭނާ ނުވާނެ ކަމަށް އެ ބުނަނީ ކޮން ކަމެއްބާ؟؟
ތިޔަ ބޭފުޅުންގެ ހިޔާލު ކޮމެންޓްގައި ހިއްސާކޮށްލަދެއްވާ.💬✨
ސުވާލުތަކުގެ ޖަވާބަށް ވާހަކައަށް އިންތިޒާރުކޮށްލައްވާ.
ވާހަކައިގެ މި ބައިވެސް ކަމުދިޔަކަމަށް އުންމީދުކުރަން.
ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ.
ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ.
-ވިޝް-
One Comment
Comments are closed.



varh reethi