ހިމޭން 15
“އަޅާނުލާ… އެއީ ދެން ނިމިފަ އޮތް ކަމެއްނު؟” ދައްކަން އުޅޭ ވާހަކަ ބުނެވިދާނެތީ ރީމް ބޭނުންވީ އެހިސާބުން ވާހަކަ ހުއްޓާލާށެވެ.
“ހިތުގަ އޮތް ވާހަކަ ބުނެބަލަ…” އަނެއްކާ ވެސް މިންހާ އެދުނެވެ. މިންހާ ބޭނުން ވަނީ އެއީ ކޮން ވާހަކައެއްތޯ ބަލާށެވެ.
“ރީމް…! ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލަ.. މިންހާ ދެން އިތުރަށް ވާނެ ދެރައެއް ނޯންނާނެ. ވަރުގަދަ ވޭނެއް ތަހައްމަލް ކޮށްފަ އަދިވެސް މުޅިން އޭނާގެ އެތެރެ ހަށީގެ ހުސް ރޯފާރާ އެކީ އެހުރީ.. އެހެންވީމަ ބުނެބަލަ..” އިނާޔާ ދެ ބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ.
**************
“އަމީލަކީ މަކަރުވެރިއެއް ކަން ކުރިން އަހަންނަކަށް ނޭނގޭ… އަމީލާ އެކީ އުޅުނު ތިން އަހަރު އަހަރެން ވޭތުކުރީ ވަރަށް ލޯބިން. ވަރަށް އުފަލުން. އަހަރެން އުފަލުގަ ބަހައްޓަން އޭނައަށް ވީ ވަރަކުން މަސައްކަތް ކުރި.. އެކަމު އިންނާށޭ ކިޔާފަ އެވަރަށް އާދޭސް ކުރީމަ ވެސް އަބަދު ވެސް ކޮންމެސް އެއްޗެކޭ ކިޔާފަ އޮޅުވާލަން ކަންނޭނގެ ބަހަނާ ދައްކަނީ.. އެހެން ހެދިޔަސް، އަހަންނަކަށް އޭރު ނޭނގޭ އެހަދަނީ ދޮގު ކަމެއް… ވަރަށް ބޮޑަށް އަހަރެން އޭނައަށް އިތުބާރު ކުރީން..” ރީމްގެ ވާހަކަ ފެށީ މާޒީގެ ތެރެއިންނެވެ.
“ދެން… ދެން މިހާރު ކިހިނެއްވީ؟” ކުއްލިޔަކަށް ލިބުނު ހިތްވަރާއެކު މަޑުން ނުހުރެވިގެން މިންހާ ބުނެލިއެވެ.
“މިންހާ…! އަމީލު އެދުވަހު ރުޅި އައިސްގެން މިންހާ ކޮއްޕާލީތަ؟” ދެލޯ ހަނި ކޮށްލަމުން ރީމް އަހާލީ ޝައްކުގެ ނަޒަރުންނެވެ.
ބޭއިޚްތިޔާރުގައި މިންހާއަށް ބަލައިލެވުނީ އިނާޔާގެ މޫނަށެވެ. އިރުކޮޅަކު އަނގައިން ބުނަން އުނދަގޫ ވެފައި އިން މިންހާ ކޮންމެވެސް އެއްޗެއް ވިސްނަމުން ދިޔައެވެ.
“ކިހިނެއްވީ އެއްޗެއް ނުބުނީ؟… އެހެންވީމަ… ހަމަ އެހެން ދޯ ވީ؟..” ރީމް އަނެއްކާ ވެސް އަހާލީ ދެބުމަ ކައިރި ކޮށްލަމުންނެވެ.
އާނއެކޭ ބުނުމުގެ ގޮތުން މިންހާ ބޯ ޖަހާލިއެވެ. އަނެއްކާ ވެސް އިނާޔާއާ ދިމާލަށް ބަލައިލެވުނީ ލޮލުގެ ހަނި ކޮޅުންނެވެ.
“މިންހާ..! މަށަށް ވެސް ކަމެއް ސިއްރު ކުރަނީތަ؟… މިންހާގެ ދެ ލޯ މަށަށް އެބަ ހެކިދެއޭ…. ބުނެބަލަ… އެދުހު ކީއްވެ އެހެންވީ؟…” އިނާޔާ ފާޑަކަށް ބަލައިލީ ޝައްކުގެ ނަޒަރުންނެވެ.
“މިންހާ..! އަހަރުމެނަށް ކިޔައިދީބަލަ… އިނާޔާގެ އިތުރުން އަހަރެން ވެސް މިހުރީ މިންހާއަށް ތިކަމުގަ އެހީވާން… އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް..” ރީމްގެ ވާހަކަ ތަކުގައި ވަނީ އުންމީދުގެ އަލިކަމާއި ޖަޒްބާތީ އަސަރެކެވެ.
“ރީމަށް އިނގޭތަ؟ އެއީ ރީމްއާ އަމީލު ސައިކަލުގަ މިމަގުން ދިޔަ ރޭ… މައްސަލަ ޖެހުނީ އެހިސާބުން… އިއްތިފާގުން އިނާޔާއަށް އެ މަންޒަރު ފެނުނު ވަގުތު އަހަންނަށް ވެސް ހުރެވުނީ ބަލަން.. ނަސީބެއް ކަންނޭނގެ އަހަންނަށާ އިނާޔާއަށް އެ މަންޒަރު ފެނުނުކަން. އެހެން ނޫނީ ރީމް ވެސް މިއަދު މި ވާހަކައެއް ގަބޫލެއް ނުކުރީސް… އިނާ ވެސް މިވާހަކަ ގަބޫލެއް ނުކުރީސް…” މިންހާ ކިޔައިދެމުން ދިޔައެވެ.
“އިނާއަށް އިނގޭތަ؟ އެރޭ އިނާ މިގެއަށް ވަނީމަ އެކަމާ ރުޅި އައިސްގެން އަމީލު ވަރަށް އެއްޗިހި ކީ.. އެ ރުޅީގަ އަހަރެން ކޮއްޕާލީމަ…. އެނދުގަ ޖެހިފަ ދެން ނޭނގުނު ވީގޮތެއް..” ފެންކަޅި ވެފައިވާ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަ ތިކިތައް މިންހާ ފުހެލީ އަސަރާ އެކުއެވެ.
“އަހަންނަށް އެހެން ވީމަ ހީވީ ރަނގަޅަށްތާ… މިންހާ އެޑްމިޓް ކޮށްފަ އޮތް ދުވަހު، އަހަރެން ގާތު އަމީލު ދޮގު ހަދާ އޮޅުވާލަން އުޅުމުގެ ތެރޭގަ ތިކަހަލަ ވާހަކައެއް އޭނައަށް ބުނެވުނު…” މިންހާގެ އެންމެ ގާތުގައި އިށީންދެ ބުރަކަށީގައި ފިރުމާލަމުން ރީމް ކިޔައިދިނެވެ.
“ކޮން ވާހަކައެއް؟” ރޮމުން ދިޔަ މިންހާ ކުޑަކޮށް މަޑު ޖެހިލުމަށް ފަހު ޝޯޚު ވެފައި އިނދެ ރީމަށް ބަލައިލިއެވެ.
“ބުނީ… ތި ވާނީ މިންހާގެ ފިރިމީހާ މިންހާ ކޮއްޕާލީ ކަމަށޭ… އެހެން ބުނީމަ އަހަންނަށް ޝައްކުވި… އަމީލުގެ އަނިޔާއަކުން ވީ ކަމެއްކަން.. މިންހާ…! އަހަރެން މިންހާ މާލެއިން އަންނަން ދެން ދަރިންކޮޅު ބަލާ ދީފާނަން. އެކަމަކު އެއީ އަމީލަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫން.. މިންހާއަށް އަހަރެން ހަމްދަރުދީ ވާތީ…” ރީމް ވާހަކަ ދައްކަމުން ދިޔައެވެ.
“އަހަރެން ވަރަށް އަވަހަށް އަމީލު ގާތުން ދުރުވާނަން. ތިހާ އަނިޔާވެރި… ރުޅިގަދަ މީހަކާ އެކީ އަހަރެން ނޫޅޭނަން. ނަސީބެއް ކަންނޭނގެ އަހަންނާ ކައިވެނި ކުރުމުގެ ކުރިން އެކަން އެނގުނު ކަން.” ރީމް ބުނެލީ ވަރަށް ހިއްވަރާއި އެކުގައެވެ.
“ރަނގަޅު… މަވެސް މިކިޔަނީ މިންހާ ގާތު ތިކަމުން ދުރުވާށޭ.. މިންހާ އުޅެން ޖެހޭ ހާލު ބަލާބަލަ.. ކުރީގަ މީހުން ބުނާނެ ކޮއްޓަށްލާ ބަނދު ކޮށްފައޭ… އެކަމު މިޒާމާނުގަ ކޮށީގަ ތިބޭ ދޫންޏާ ޖަނަވާރުތައް އުޅެނީ މިންހާއަށް ވުރެ މާ އުފަލުގަ. އެހެންނު ވާނީ… އެ ބަލަހައްޓާ މީހުން މި ޒަމާނުގަ އެޔަށް އޯގާތެރިވޭ ވިއްޔަ….” އިނާޔާ ޖެހީ ރަނގަޅު މިސާލެކެވެ.
“އަހަރެން ކިހިނެއްތަ ދެން ހަދަންވީ؟ އެއީ މަގޭ ދަރިންގެ ބައްޕައޭ؟ އޭރުން އެކުދިން އަމީލުއާ ދުރު ވާނީނު؟” މިންހާގެ ވިސްނުން ހުރިގޮތް ހާމަކުރީ އެކަމުން ރެކެން ވެގެނެވެ.
“ތީ އަހަންނަށް ވެސް ހަމަ ދިމާވި ގޮތް. އެކަމު މާޒީގަ… މިންހާ! “އަނިޔާތަކަށް ހިމޭން ވެގެން އިންނާކަށް ނުޖެހޭނެއޭ” އަހަރެން ގާތު ބުނީ މިންހާ އެއްނު؟ އަހަރެން އެދުހު މިންހާ ދެއްކި ވާހަކަ އަޑު އަހައިގެން މިއަދު މަށަށް މި އުޅެވެނީ ކިހާ މިނިވަން ދިރިއުޅުމެއް.. އޭރު މަވެސް ބަނޫންގެ ބައްޕައޭ ކިޔާފަ ހުރިނަމަ އަދިވެސް މަ އޮންނާނީ ތިހިން ރޯން ކަންނޭނގެ.” އިނާޔާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފޯރީގައެވެ.
“ތެދެއް… ދެންމެ މިންހާ ތި ބުނީ ވަރި ވިޔަސް، ދުރު ވިޔަސް, އެކުދިން އަމީލާ ދުރުވާނިއްޔޭ… އެކީގަ ތި އުޅޭ އިރު އެކުދިން ވަކި އަމީލުއާ ކައިރިތަ؟ ކޮބާ އެކުދިންގެ ބައްޕަ އެކުދިން ގާތު ހުރެގެން ލިބޭ އުފަލެއް؟… ހިތްހަމަ ޖެހުމެއް؟ މިންހާ ވިސްނަބަލަ… ތިކަމުން ސަލާމަތް ވާން.. ވިސްނަބަލަ ދަރިންނަށް ފެންނަ އެފަދަ މަންޒަރު ތަކުން އެކުދިން ދުރު ކުރަން.. އަމިއްލައަށް ވާނެ ސަލާމަތް ހޯދަން.” އަނެއްކާ ވެސް އިނާޔާ ވާހަކަ ދެއްކިއެވެ.
“މިންހާ…! ދަރިންނަށްޓަކާ ނުޖެހޭނެ ތިހެން އަނިޔާއަށް ހިމޭން ވެގެން އިންނާކަށް. ތީ ވަރަށް ގޯސް ގޮތެއް. ތި ހިމޭން ކަމުގެ އަސަރު ކޮންމެ ފަދަ ގޮތަކަށް ވެސް މިންހާއަށާ ދަރިންނަށް ކޮށްފާނެ.. އަމިއްލަ ނަފްސައް އިތުބާރު ކޮށްފަ ހިއްވަރު ކޮށްބަލަ.. އަހަރުމެން މިތިބީ މިންހާއާ އެކީ…” އިނާޔާ ބުނީ އާދޭހުގެ ރާގުގައެވެ.
ރީމްގެ އަތުގައިވާ ފޯނަށް އެވަގުތު އަމީލު ގުޅަމުން ދިޔައެވެ. އެމަންޒަރު މިންހާއަށް ފެނުނެވެ. އެއީ އާދައިގެ ކަމެއް ކަމުގައި ހަދާލަމުން މިންހާ އެކަމާ އަޅާލަން ބޭނުން ނުވީއެވެ. މިހާރު ރީމް ހުރިގޮތް މިންހާއަށް ނުހަނު ސާފުކޮށް އެނގިއްޖެއެވެ. ފޯނު ނަގަމުން މިންހާ އެގެއިން ނުކުންނަން ހިނގައިގަތީ މިންހާ އާއި އިނާޔާއަށް ބަލައިލުމަށް ފަހުގައެވެ.
ރެސްޓޯރެންޓްގެ ފަނޑު އަނދިރީގެ ތެރެއިން އިވެމުން ދިޔައީ ލުއިލުއި މިއުޒިކެއްގެ އަޑެވެ. މޭޒުގެ ދެފަރާތުން އަތުރާލާފައިވާ ތަށިތައް ހުރިއިރު، އެއް ފަޅީގައި ބަހައްޓާފައިވާ ޗާލު ވަށިގަނޑުގައި ހުރި ޓިޝޫތައް ފަންކާ އިން ޖެހެމުން ދާ ވަޔާ އެއްވަރަށް މަޑުމަޑުން ވިހުރެމުން ދިޔައެވެ. މެދު ތެރޭގައި ބައިންދާފައި އިން ފިނިފެންމަލެއް ފަދަ އުއްބައްތީގެ ފަނޑު އަލިން މޭޒުގެ ދެފަރާތުގައި ތިބި ޝަރާ އާއި ވިޔާމްގެ މޫނަށް އަލިކޮށް ދެއެވެ.
ދުރުދުރުގައި ހުރި މޭޒުތަކުގައި ކޯޅިކޯޅިއަށް ތިބޭ މީހުންގެ އިތުރުން ވަކިވަކިން ތިބި ލޯބިވެރިން ވެސް މަދެއް ނޫނެވެ. އެއިން ކޮންމެ ބައެއްގެ މޫނުން ވެސް ފެންނަމުން ދަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. ބައެއް މީހުންގެ މޫނުމަތިން އާދައިގެ ހިމޭން ކަމެއް ފެންނައިރު އަނެއް ބަޔަކު ހީސަމާސާ ކުރަމުން ދިޔައެވެ.
ކުރިމަތީ ހުރި ފަލޫދާ ތަށި ކައިރިކޮށް އޭގައިވާ ހޮޅި ތަށި ތެރޭގައި އަނބުރާލި އިރު ޝަރާގެ ނަޒަރު ހުއްޓިފައި ވަނީ އެ ތައްޓަށެވެ. އެއްވެސް ހަރަކާތެއް ނެތް ވިޔާމްގެ ނަޒަރު މުޅިން ހެން ހުއްޓިފައި ވަނީ ޝަރާގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަ ޖެހުމަށެވެ.
“ކިހިނެއްވެފަ ތި އިނީ؟… ވިޔާމް މިތަނަށް ގެނައީ ކާންނޭ..” ވިޔާމްގެ ހިމޭންކަން ފެނި ޝަރާ ބުނެލިއެވެ.
“ނުކާކަށް ނޫޅެމޭ… ކިހާވަރެއް އެބަ އޮތް ދަރަނީގަ؟” ވިޔާމް ކުރި ސުވާލުން ޝަރާގެ މޫނަށް ހީވީ ކުނި ބިހެއް ޖެހިހެނެވެ.
“މިހާ ރޮމޭންޓިކް ޑޭޓަކަށް އައިސް ކޮން ވާހަކައެއް ތި ފެށީ؟.. ވިޔަފާރި ކަންކަމާ ދުރުވެލާ ބޯ ހަމަ ޖައްސާލަން މިތަނަށް އައިމަ މިތާ ވެސް ވިޔަފާރި…!” ހިތްހަމަ ނުޖެހިގެން ޝަރާ ބުނެލީ މީހުންގެ ތެރޭގައި މާގަދަ ނުދެއްކޭނެ ވަރަކަށް މަޑުންނެވެ. އެހެނަސް އެ މޫނު މަތިން ފެންނަނީ ނުރުހުމުގެ ކުލަވަރެވެ.
“އޯކޭ… އެހެން ވާހަކައެއް ފަށަންވީ؟ އަހަރެން ކޮންމެ ވާހަކައެއް ފެށިޔަސް ޝަރާ އަންނާނީ ރުޅި.” ވަރަށް ޔަގީން ކަމާއި އެކު ވިޔާމް ބުނެލިއެވެ.
ޝަރާ އެއްވެސް އެއްޗެއް ނުބުންޏެވެ. ކާން ފަށަމުން ވަށައިގެންވާ މާހައުލަށް ބަލަން ފެށީއެވެ.
“އަހަންނަށް ހީވަނީ ޝަރާ ތަންކޮޅެއް މަޑުން އިނދެގެން މަށާ ވާހަކަ ދައްކަން ފަސޭހަ ވަނީ މިގަޑިހެން. މިހެން ޑޭޓެކޭ ކިޔާފަ އަޔަސް މައްސަލައެއް ނޫނެއްނު ދިރިއުޅުމުގެ ކަންކަން ހިއްސާ ކޮށްލުމަކީ…” ވިޔާމް ކަމުން ދިޔައިރު ވާހަކަ ދައްކަމުން ދިޔައެވެ.
“ދެން ކީކޭތަ ކިޔަން ތިއުޅެނީ؟..” ފާޑަކަށް ބަލައިލަމުން ޝަރާ ބުނެލިއެވެ.
“ބުނަން މިއުޅެނީ ނަޝާޔާއަށް ތިހެން ނުހަދާށޭ… ޝަރާ ބުނަމެއްނު ވަރަށް ދަރާފަ އޮތް ވާހަކަ… ތި ވިޔަފާރިން ދުވަހަކު ކުރިއެރުމެއް ނާދޭނު. ކުރިއަރާ ނަމަ ފައިދާ ވާނެ… ފައިދާ ވަންޏާ ދަރަނި ވެސް ދެއްކެން ވާނެ… އެކަމު ކޮންމެ މަހަކު ސްޓާފުންނަށް މުސާރަ ވެސް ތި ދެވެނީ އަހަރެންގެ މުޅި މުސާރަ ލައިގެން.” ވިޔާމް ކުޑަކޮށް މަޑު ޖެހިލީ ޝަރާ އަތުގެ ޝަހާދަތް އިނގިލި ހިއްލައި ލުމުންނެވެ.
“ސޮރީ… ނޫޅެން އެ ވާހަކަ ދައްކާކަށް.. އެކަމު ނަޝާޔާ ގަވައިދުން ސްކޫލަށް ފޮނުވާ.. އޭނައަށް ޝަރާ ރީތިކޮށް ނަސޭހަތް ދީބަލަ.. އަބަދު ތިހެން ރުޅިއައިސް އެއްޗިހި ކިޔާ ބިރު ދައްކާފަ އެމަންޖެއަށް އިންޒާރެއް ނޫނޭ ދޭނީ..” ކައިރީގައި އިން ވަށިގަނޑުން ޓިޝޫއެއް ނަގާ ތުން ފުހެލުމަށް ފަހު ވިޔާމް ބުންޏެވެ.
“ދެން މި ނިމުނީ ވިޔާމްއާ އެކީ ޑޭޓަށް އައުން. މިކަހަލަ ރެއެއްގަ ވެސް ތިކަހަލަ ކައްޕަޅި ވާހަކަ….. ޕިސްޕިސް.. މަގޭ މަންމަ ކައިރިން ރަނގަޅަށް ޓްރޭނިންގެ ވެފަ ތިހުރީ. ކާނެ ކަމެއް ނެތް… އާދޭ ދާން..” އެއް އަތުން ޓިޝޫއެއް ނަގައިން އަނެއް އަތުން ހޭންޑް ބޭގް ހިފައިން ޝަރާ ތެދުވީ ރުޅި އައިސްގެނެވެ.
ރެސްޓޯރެންޓުން ނުކުމެ ބޭރުގައި މަޑުކޮށްލައިން ހުރި ޝަރާގެ ފޯނު ރިންގް ވާން ފެށީ އެވަގުތެވެ. ގުޅަމުން ދިޔައީ އިނާޔާއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ހިނގާދިޔަ ކަންތައް ތަކާއި މެދު ކަންބޮޑުވެފައި ހުރެއެވެ.
“ޝަރާ..! މާދަން ރައްޓެއްސެއް ގޮވައިން މާލެ ދާން ވެގެން.. ތިގޭން ރޫމެއް ހުސްވާނެތަ؟..” އިނާޔާ ބުނިއަޑު އިވުނެވެ.
“އާނ.. އާދޭ… މާދަން ހެނދުނު މަންމަމެން ފުރާނެ. އޭރުން އެކޮޓަރި ހުސްވާނެ. ދެން އަނެއްހެން މި ދުވަސްކޮޅު ވިޔާމް ހުންނާނެ.. އޭނަ ވެސް އެކަމު ދެ ދުވަހަކު މަޑުކޮށްލާފަ ރިޒޯޓަށް ދާނީ.” ޝަރާ ޖަވާބު ދިނެވެ.
ނިދިނިދި އޮތް ރީމަށް ލޯ ހުޅުވާލެވުނީ ވަރަށް ބޯކޮށް ވާރޭ ވެހޭ އަޑަށެވެ. ރީމް އޮތީ އެނދާ ދިމާލުން ވާގޮތަށް ތިރީގައި ގޮދަޑިއެއް އަޅައިގެންނެވެ. ލިޔަމް އާއި ޝިޔާމް ނިދަން އޮތީ އެ ރޫމްގައި ހުރި ކުއީން ސައިޒް އެނދުގައެވެ.
ލޯ ހުޅުވާލުމަށް ފަހު ރީމް ފުރަތަމަ ވެސް ބަލައިލީ ނިދާފައި ތިބި ދެކުދިންނަށެވެ. އެއަށް ފަހު ކައިރީގައި އޮތް ފޯނު ނަގާ ބަލައިލީ ގަޑި ބަލައިލުމުގެ ނިޔަތުގައެވެ. އޭރު ފޯނަށް އައިސްފާވާ އަމީލުގެ ތިން މިސް ކޯލް ފެނި ވަގުތުން ރީމް ގުޅާލިއެވެ.
“ރީމް!.. ކޮބާ؟ މިންހާ ދިޔަތަ ކުދިން ހަވާލު ކުރަން؟… މިންހާއަށް ވާހަކައެއް ނުދެއްކޭނެއްނު ދޯ؟ އެހެންވެ މަ ބުނީމޭ ކުދިން ހަވާލުކޮށްލާފަ އަންނާށޭ..” ހިތްހަމަ ޖެހިފައިވާ ކަން ފާޅު ކުރަން މަސައްކަތް ކުރަމުން އަމީލު ވާހަކަ ދެއްކިއެވެ.
– ނުނިމެ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Alheyyy emme kiyaa hiyvaa hisaabun thi nimmaalanee knme faharaku 😭😭😭
Mhr dhen oii part kiyaahithun hureveneekee noon 😐😐😭😭
Anyways mi part vx hama 💯 maashaa allah
When next??
Curiously waiting
Hehe. Aan kiyaahih kollaafa dho nimmaalevenee.
Next part Monday ga in sha Allah.
Varah bodah thanks ingey vaahaka ehaa kamudhaatheeve.
❤️❤️❤️
V ufaavey thihen komme part akahves comment kollaatheeve.
Muchhhhhhhhhh luvvvv
This part vx habbeyys ✨Hama MA-great progress! I rlly feel awkward for them minnu haadha goahey not even have a, good mind what’s the happiness staying in a jail forever? Himeyn vegan nuhure Nikan karibalaa kamanerrr. rrr ❤️when’s next?
You will get my full support from now onwards… Free vee varakn I ‘ll give support as a reccommed
Ly tgsm
Thankewwwww so much.
Comment libeytho v inthizaaruga mi ineevex.
Komme dhuvahaku balan comment libeytho.
Minnu kahala kei gadha vegen thibey dho baeh meehun… Ekahala meehunnah liyefa in vaahaka eh mee.
Thanks for your love and support dearest ….
Next part Monday ga in sha Allah
Shaleen❤️
What happened comment section next part ge?
Alhugandhu kuran ulheulhe send nuvii
Nenge. Baeh faharah two days ge fahun comment section close vey.