ބާބު 4: ނުފުރި ހިތްތައް
އިމްތިހާނުތައް ނިމި، ނަތީޖާގެ އިންތިޒާރުގައި ހޭދަވި ހަފުތާތަކަކީ އައިޝްގެ ހަޔާތުގައި އައި އެންމެ ދިގު، އަދި އެންމެ އުނދަގޫ ދުވަސްތަކެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނަނީ ހިތުގައި ބިރުވެރިކަމާއި އުންމީދުގެ މަސްހުނި އިހުސާސްތަކެއް އުފެދިފައިވާ ހާލުގައެވެ. އޭނާގެ ހުވަފެނަކީ “ހައި އެޗީވާސް ސްކޮލާޝިޕް” ކާމިޔާބުކޮށް، ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމެވެ. އެއީ ހަމައެކަނި ތައުލީމީ ކުރިއެރުމެއް ނޫނެވެ. އެއީ ލޫތާ ގާތަށް ދިއުމަށް އޮތް އެންމެ އުންމީދީ މަގެވެ. ލޫތު ރާއްޖެއިން ބޭރުގައި އޭނާގެ ޕައިލެޓް ޓްރެއިނިންގ ފުރިހަމަކުރަމުން ދާއިރު، އައިޝްގެ ހިތް އޮތީ އެ ދުވަހަކަށް ކެތްމަދުވެފައެވެ.
ނަތީޖާ ދޫކުރާ ދުވަހުގެ ހެނދުނު، އައިޝް ސްކޫލަށް ދިޔައީ ފިނިވެފައިވާ އަތަކާއެކުގައެވެ. ސްކޫލް ގޯތިތެރެ ވަނީ ކުދިންނާއި ބެލެނިވެރިންނައިގެން ފުރިފައެވެ. ބައެއް ކުދިންގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ އުފާވެރި ހިނިތުންވުމެވެ. އަނެއް ބަޔަކު ތިބީ ނަތީޖާގެ އިންތިޒާރުގައި ހާސްވެފައެވެ. އައިޝްގެ މިސްރާބު ހުރީ ސީދާ އޭނާގެ ކްލާސް ރޫމާ ދިމާއަށެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ.
ޓީޗަރުގެ މޭޒު ކައިރިއަށް ހުއްޓުނުއިރު، އައިޝްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ކަހައިގެން ދިޔަ ހެންނެވެ. ޓީޗަރު އަތަށް ދިއްކޮށްލި ނަތީޖާ ކަރުދާހުގައި ހިފިއިރު އޭނާގެ އިނގިލިތައް ތުރުތުރުލައެވެ. ކަރުދާހަށް ބަލާލި ފުރަތަމަ ސިކުންތުގައިވެސް އޭނާގެ މުޅި ދުނިޔެ އަނދިރިވެގެން ދިޔައެވެ. ލޮލުގައި އަޅައިގަތީ އޭނާ ހީވެސް ނުކުރާ ފަދަ ނަތީޖާއެކެވެ. ތިން މާއްދާއަކުން ‘އޭ’ ލިބިފައި އޮތް ނަމަވެސް، އަނެއް ދެ މާއްދާއިން އިނީ ‘ބީ’ އަކާއި ‘ސީ’ އެކެވެ.
އެ އަކުރުތަކުގެ މާނަ އައިޝްއަށް ވަރަށް ސާފެވެ. ރާއްޖޭގައި ހައި އެޗީވާސް ސްކޮލާޝިޕް ލިބެނީ ހުރިހާ މާއްދާއަކުން ‘ާ’ ހޯދައިގެންނެވެ. އޭނާގެ ހުރިހާ ހުވަފެނެއް، ހުރިހާ އުންމީދެއް އެންމެ ސިކުންތެއްގެ ތެރޭގައި ވިއްސިވިހާލިވީއެވެ. ސްކޮލާޝިޕް ގެއްލުނީއެވެ. ބޭރަށް ކިޔަވަން ގޮސް ލޫތާ ބައްދަލުކުރުމަށް އޭނާ ރޭވި ހުރިހާ ރޭވުމެއް ފުނޑުފުނޑުވީއެވެ. ސްކޫލް ހޯލްތެރޭގައި އިވޭ އުފާވެރި ހަޅޭކުގެ އަޑުތައް އޭނާގެ ކަންފަތަށް އިހުސާސްވަނީ ހިތް ފޫއަޅުވާލާ ތޫނު ހަތިޔާރެއް ފަދައިންނެވެ.
އައިޝް އަވަސްއަވަހަށް ކްލާހުން ނުކުތެވެ. އޭނާ ބޭނުންވީ އެއްވެސް މީހަކަށް ނުފެންނަ ހިސާބަކަށް ދާށެވެ. ސްކޫލްގެ އެންމެ ފަހަތުގައި އޮންނަ ހަމަހިމޭން ގަސްގަނޑު ކައިރީގައި މަޑުކޮށްލުމާއެކު، އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އަތުގައި އޮތް ނަތީޖާ ކަރުދާސްކޮޅު މޭގައި ޖައްސާ ބާރުކޮށްލަމުން، އޭނާ އެތަނަށް ތިރިވިއެވެ. ގިސްލާފައި ރޮމުން ދިޔައިރު، އޭނާގެ ހިތުގައި އުފެދުނު މާޔޫސްކަން ބަޔާންކުރަންވެސް ދައްޗެވެ. “މިހާ ބޮޑަށް މަސައްކަތް ކުރުމުގެ މާނައަކީ ކޮބާ؟” އޭނާގެ ހިތާ ހިތާ ސުވާލުކުރިއެވެ.
މި ހިތްދަތި ވަގުތު، ދުރުގައި ހުރި ލޫތުވެސް ހުރީ އޭނާގެ އަމިއްލަ ތޫފާނެއްގެ ތެރޭގައެވެ. އޭނާގެ ޕައިލެޓް ޓްރެއިނިންގ ނިމުމަކާ ގާތްވެފައިވާ ކަމަށް އުންމީދު ކުރަމުން ދަނިކޮށް، ފްލައިންގ އަވާސް ހަމަނުވާތީ އިތުރު އެއް އަހަރު މަޑުކުރަން ޖެހޭކަން އެނގުނެވެ. މިއީ ލޫތު ދުވަހަކުވެސް އުންމީދު ކުރި ގޮތެއް ނޫނެވެ. އޭނާގެ ހިތުގައި އޮތް ހުރިހާ ޖޯޝެއް ފިނިވެގެން ދިޔައެވެ. ނަމަވެސް އޭނާ ވެސް އިޚްތިޔާރު ކުރީ ހިމޭންކަމެވެ. އައިޝްއަށް މި ޚަބަރުދީ އޭނާ ހާސްކުރާކަށް ލޫތު ބޭނުމެއް ނުވިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ދެމީހުންގެ މެދުގައި އޮތް “ހުރިހާ ކަމެއް ރަނގަޅޭ” ބުނާ ދޮގު މާސްކެއްގެ ނިވަލުގައެވެ. ވާހަކަދެއްކުން މަދުވިއެވެ. އައިޝްއަށް ހީވީ ލޫތު ދުރުވަނީ ކަމަށެވެ. ލޫތަށް ހީވީ އައިޝް އޭނާގެ ނަތީޖާއާއެކު އުފަލުގައި އުޅެނީ ކަމަށެވެ. އެކަކު އަނެކަކަށްޓަކައި ހިތުގައި އޮތް ލޯބި ބޮޑު ނަމަވެސް، އަމިއްލަ ނާކާމިޔާބީ ހިއްސާކުރަން އޮތް ބިރެއްގެ ސަބަބުން ދެމީހުންގެ ދެމެދުގައި ބޮޑު ހިމޭންކަމެއް އުފެދުނެވެ.
އެންމެ ފަހުން، އެ ހިމޭންކަން ފޫއަޅުވާލީ އައިޝްއެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެއްގައި ކުރި ފޯނު ކޯލެއްގައި އޭނާގެ ނަތީޖާގެ ވާހަކަ ކިޔައިދިނެވެ.
“ލޫތު… އަހަންނަށް ސްކޮލާޝިޕެއް ނުލިބޭނެ. އަހަރެން ފެއިލްވެއްޖެ،” އައިޝްގެ އަޑު ތުރުތުރުލަމުން ދިޔައެވެ.
ކޯލުގެ އަނެއް ފަރާތުން ލޫތުވެސް އޭނާގެ ހަގީގަތް ހާމަކުރިއެވެ. އިތުރު އެއް އަހަރު މަޑުކުރަން ޖެހުނު ވާހަކައެވެ. މިއީ ދިރިއުޅުމުގެ ހަގީގީ ގޮންޖެހުންތަކެވެ. އެ ދެމެދުގައި އޮތް ދުރުމިން ފަހަނައަޅާ، އެކަކު އަނެކަކުގެ ހިތާމައިގައި ބައިވެރިވުމުން އެ ގުޅުމަށް އާ ދިރުމެއް ލިބުނެވެ.
“އައިޝް، މިއީ ނާކާމިޔާބީއެއް ނޫން. މިއީ ހަމައެކަނި ލަސްވުމެއް،” ލޫތު މަޑުމައިތިރިކަމާއެކު ބުންޏެވެ. “އަހަރެން މިހުރީ އައިޝްއާއެކު. އަހަރެމެންގެ ހުވަފެންތައް އަދިވެސް އެބައޮތް.”
ލޫތުގެ ވާހަކަތަކުން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، އައިޝްގެ ހިތުގައި އުފެދިފައިވާ މާޔޫސްކަމުގެ ފުންމިން އަދިވެސް ކުޑައެއް ނުވެއެވެ. ޖެހިގެން އައި ދުވަހުގެ އިރުއޮއްސުނު ވަގުތު، އައިޝް އިނީ ފާލަންމަތީގައި އިށީނދެލައިގެންނެވެ. އުޑުމަތީގެ ރަތްކަމާއި، ކަނޑުގެ ރާޅުތައް ބީއްސާލާ އަޑުން އޭނާގެ ހިތާމަވެރި ޚިޔާލުތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭތޯ އޭނާ
މަސައްކަތް ކުރަމުން ދިޔައެވެ. ސްކޮލާޝިޕް ނުލިބުމާއި، ލޫތާ ދުރުގައި ހޭދަކުރަންޖެހޭ މުއްދަތު އިތުރުވުމުން އޭނާގެ ހިތް އޮތީ ބަރުވެފައެވެ. މުޅި ދުނިޔެ އޭނާއަށް ދެކޮޅަށް ތެދުވެފައިވާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.
ކުއްލިއަކަށް، ފަހަތުން އިވުނު އަޑަކުން އައިޝް ސިހުނެވެ.
“ހޭއި… އައިޝް؟”
އައިޝް ސިހިފައި ފަސްއެނބުރި ބަލާލިއެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. ނަމަވެސް، މި ވަގުތު، މިތަނުން އެ ސޫރަ ފެނުމަކީ އޭނާ ދުވަހަކުވެސް އުންމީދު ކުރި ކަމެއް ނޫނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Exxo…Miyer directer Araabala…mageyyy
Classmate 🤯 Unseen!
*this one
Sorry! Neyngi name olhunee…
Subhanallah…🌟 Sorry for not looking
Clearly…Maasha Allah💔 Story reethi
nicee