ބާބު 3: ހަގީގަތުގެ ކުލަވަރު
“އައިޝް…” ލޫތު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ އަޑުގައިވަނީ ތެދުވެރިކަމެވެ. “އަހަރެން ހިއެއް ނުކުރަން އަހަރެމެންގެ ދެމެދަށް މިފަދަ ޝައްކެއް ވަދެދާނެ ކަމަކަށް. އެކަމަކު އަހަރެން ހުވާކޮށްފައި ބުނަން، އަހަރެން އައިޝްއަށް ދުވަހަކުވެސް އޮޅުވައެއް ނުލަން. ސާރާއަކީ އަހަރެންގެ ކްލާހުގައި އުޅޭ ކުއްޖެއް. އޭނާއަކީ އަހަރެން މިކޮޅަށް އައި ދުވަހުން ފެށިގެން، ކިޔެވުމުގެ ކަންކަމުގައި ވަރަށް އެހީތެރިވާ ކުއްޖެއް.”
ލޫތު އޭނާގެ ފޯނު ހިފައިގެން ކޮޓަރީގައި ހުރި މޭޒު ކައިރިއަށް ދިޔައެވެ. “އައިޝް، ބަލާބަލަ. މިހިރީ އަހަރެމެން ގުރޫޕް ހަދައިގެން ކިޔަވަން ބޭނުންކުރާ ނޯޓުތައް. ސާރާއަކީ މި ގުރޫޕުގައި ހިމެނޭ ވަރަށް މުހިންމު މެންބަރެއް. އަހަރެން އޭނާއާ އެކީ ކޮފީއަށް ދިޔައީވެސް، ނޫނީ ކިޔަވަން އިނީވެސް ހަމައެކަނި އެކުވެރިއެއްގެ ގޮތުން. އަހަރެންގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް އިހުސާސެއް ނެތް.”
ނަމަވެސް އައިޝްއަށް ގަބޫލުކުރަން އުނގަދަގޫވީ އައިޝްގެ ކުލާސްމޭޓު ލަޔާލީ ދެއްކި ވާހަކަތަކެވެ. ލަޔާލީއަކީ ސާރާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުއްޖެކެވެ. ސާރާ ލަންޑަނުގައި ހުރެގެން، އޭނާގެ މީސްމީޑިއާގައި ލޫތާއެކު ނަގާފައިވާ ފޮޓޯތައް ލަނީ “އަހަރެންގެ އެންމެ ޚާއްސަ މީހާ” ނުވަތަ “ލޫތު ކަހަލަ ބައިވެރިއަކު ލިބުނީތީ އުފާކުރަން” ފަދަ ލޯބީގެ އިހުސާސްތައް ދޭހަވާ ފަދަ އިބާރާތްތަކާއެކުގައެވެ.
ސާރާގެ ހިތުގައި ލޫތަށްޓަކައި އޮތީ މާ ފުން ލޯތްބެކެވެ. ލޫތުގެ ހިތްހެޔޮކަމާއި، އޭނާ އެހެން މީހުންނަށް ކުރާ އިހުތިރާމަކީ ސާރާގެ ހިތް އަތުލި ކަންތައްތަކެވެ. ލޫތު އާދައިގެ ގޮތަކަށް ސާރާއަށް ހިނިތުންވެލިޔަސް، ސާރާ އެކަން މާނަކުރަނީ ލޯބީގެ ގޮތުންނެވެ. އޭނާ އަމިއްލަ ޚިޔާލީ ދުނިޔެއެއް ހަދައިގެން، އޭނާގެ ރައްޓެހިން ގާތު ބުނަމުންދިޔައީ ލޫތު އުޅެނީ އޭނާއާ ރައްޓެހިވެގެން ކަމަށެވެ.
“ލޫތުއަށް އެނގޭތަ؟” އައިޝްގެ އަޑު ތުރުތުރުލަމުން ދިޔައެވެ. “ސާރާ އެންމެން ގާތު ބުނަނީ ލޫތަކީ އޭނާގެ ބައިވެރިޔާއޭ. ލަޔާލީއަށް އެ ވާހަކަތައް އިވުނީ ސާރާގެ ދުލުން. ލޫތު އޭނާއަށް އެފަދަ އުންމީދެއް ދީފާ އޮތީމާ ނޫންތަ އޭނާ އެހެން ބުނާނީ؟”
ލޫތު ކުއްލިއަކަށް ހިމޭންވިއެވެ. އޭނާގެ ސިކުނޑީގައި ކުރީގެ ބައެއް ހަނދާންތައް އާވާން ފެށިއެވެ. ސާރާ ބައެއް ފަހަރު އޭނާގެ ކޮނޑުގައި ބޯ އަޅާލަން އުޅޭ އުޅުމާއި، މާ ގިނައިން މެސެޖުކޮށް ހަދާކަން އޭނާއަށް ފާހަގަވިއެވެ. ނަމަވެސް ލޫތު ހީކުރީ އެއީ އޭނާގެ ރަހުމަތްތެރި މިޒާޖުގެ ސަބަބުން ވާކަމެއް ކަމަށެވެ. އޭނާއަށް ސާރާގެ ހަގީގީ މަގުސަދު ނޭނގުނީއެވެ.
“އައިޝް، އަހަރެންނަށް މިއަދު މި އެނގުނީ ސާރާ މިކަހަލަ ކަމެއް ކުރާކަން،” ލޫތު ވަރަށް ސީދަލަށް ބުންޏެވެ. “އަހަރެން އޭނާއާ ވާހަކަ ދައްކަނީ ކިޔެވުމުގެ ކަންކަމުގައި. އެކަމަކު އޭނާ އެފަދަ ދޮގު މައުލޫމާތު ފަތުރާނަމަ، އެއީ އަހަރެން ގަސްތުގައި ކުރާ ކަމެއް ނޫން. އަހަރެންގެ ހިތުގައި އޮތީ ހަމައެކަނި އައިޝް. އައިޝްއަށް އަހަރެންނަށް އިތުބާރު ކުރެވޭތަ؟”
އައިޝްއަށް ރޮވުނީއެވެ. “އަހަރެން ބޭނުން އިތުބާރު ކުރަން. އެކަމަކު މިހާ ދުރުގައި ހުންނައިރު، މިކަހަލަ ވާހަކަތައް އިވުމުން ހިތަށް ވަރަށް އަސަރުކުރޭ. ލަޔާލީއަކީ އަހަރެންގެ ގާތް ރައްޓެއްސެއް، އޭނާ އަހަރެންނަށް ދޮގު ހަދާނެހެނެއް ހިއެއް ނުވޭ.”
އެރޭގެ ބާކީ އޮތް ވަގުތު ހޭދަވެގެން ދިޔައީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައެވެ. ލޫތު މަސައްކަތް ކުރީ އައިޝްގެ ހިތް ހަމަޖައްސައިދޭށެވެ. ނަމަވެސް ޝައްކުގެ ބާރުގަދަ ކަމުން، އައިޝްގެ ހިތުގައި އުފެދިފައިވާ ރެނދު ފަސޭހައިން ބެދޭގޮތެއް ނުވިއެވެ.
ލޫތު ނިންމީ މިކަން މުޅިން ސާފުކުރުމަށެވެ. އޭނާ ސާރާއާ ބައްދަލުކޮށް، މި ހިނގާ ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރަން ނިންމިއެވެ.
ޖެހިގެން އައި ދުވަހު ކޮލެޖުގެ ލައިބުރަރީގެ ތެރެއިން ލޫތަށް ސާރާ ފެނުނެވެ. ސާރާ ހުރީ އަބަދުވެސް ހުންނަ ފަދަ އުފާވެރި މޫނަކާއެކުގައެވެ. އޭނާ ލޫތު ފެނުމުން ހަނާ އަޅާލިއެވެ.
“ހޭއި ލޫތު! މިއަދު މާ އަވަހަކަށް އަތުވެއްޖެއެއްނު؟” ސާރާ ހިނިތުންވެލަމުން ބުންޏެވެ.
ލޫތުގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ. “ސާރާ، އަހަރެން ސާރާއާ ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން. ހިނގާބަލަ ބޭރަށް.”
ސާރާ ކުޑަކޮށް ހައިރާންވިއެވެ. އެމީހުން ލައިބުރަރީން ނުކުމެ، ކައިރީގައި އޮތް ބަގީޗާގެ ގޮނޑިއެއްގައި އިށީނދެލިއެވެ.
“ސާރާ، އަހަރެންނަށް ވަރަށް ދެރަ ޚަބަރެއް ލިބިއްޖެ،” ލޫތު ސީދާ ސާރާގެ ލޮލަށް ބަލާލިއެވެ. “އަހަރެންނަށް އިވިއްޖެ ސާރާ އެހެން މީހުން ގާތު ބުނަނީ އަހަރެމެން ދެމީހުން އުޅެނީ ރައްޓެހިވެގެންނޭ. އަދި މީސްމީޑިއާއަށް ލާ ފޮޓޯތަކުންވެސް އެފަދަ މާނައެއް ދޭހަވާ ގޮތަށް ކަންތައް ކުރާކަން. މިއީ ތެދެއްތަ؟”
ސާރާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. އޭނާ އިސްދަށަށް ޖަހާލިއެވެ. “ލޫތު… އަހަރެން…” އޭނާގެ އަޑު ތުރުތުރުލާން ފެށިއެވެ.
“ސާރާ، އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެންގެ އުޅޭނޭ ވަރަށް ލޯބިވާ ކުއްޖެއް ރާއްޖޭގައި. އައިޝްއަކީ އަހަރެންގެ މުޅި ދިރިއުޅުން. ސާރާ ތިކުރާ ކަމެއްގެ ސަބަބުން އަހަރެމެންގެ ގުޅުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފި. އައިޝް މިހާރު ހުރީ ވަރަށް ދެރަވެފައި،” ލޫތުގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
ސާރާގެ ލޮލުން ކަރުނަ ފޭދުނެވެ. “ލޫތު، މާފުކުރޭ. އަހަރެންނަށް އެނގޭ އަހަރެންނަށް ކުރެވުނީ ކުށެއްކަން. އެކަމަކު އަހަރެން ލޫތު ދެކެ ވަރަށް ލޯބިވޭ. އަހަރެން ހީކުރީ ލޫތުވެސް އަހަރެންނަށް އެހާ އެހީތެރިވަނީ އަހަރެން ދެކެ ލޯބިވާތީ ކަމަށް. އަހަރެންގެ ރައްޓެހިން ގާތު އެހެން ބުނެވުނީ އެ އުންމީދުގައި.”
ލޫތު ފުން ނޭވާއެއްލިއެވެ. “ސާރާ، އެހީތެރިވުމަކީ ލޯބިވުމެއް ނޫން. އަހަރެން ސާރާއަށް އިހުތިރާމް ކުރަން އެކުވެރިއެއްގެ ގޮތުން. އެކަމަކު އޭގެ މާނައަކީ އަހަރެންގެ ހަޔާތުން ސާރާއަށް ލޯބީގެ ޖާގައެއް ދިނުމެއް ނޫން. ސާރާ ޖެހޭނެ މިހާރުން މިހާރަށް ލަޔާލީއަށް ގުޅާފައި ހަގީގަތް ކިޔައިދޭން. އަދި އައިޝްއަށް މާފަށް އެދެން.”
ސާރާ ބޯ ޖަހާލިއެވެ. އޭނާގެ ހިތް ކުދިކުދިވިއެވެ. އޭނާ ކުރި އުންމީދުތައް ވިލާގަނޑެއް ފަދައިން ބިމާހަމަވެގެން ދިޔައެވެ.
އެދުވަހު ހަވީރު އައިޝް އިނީ ކޮޓަރީގައި ކިޔަވާށެވެ. ނަމަވެސް އޭނާގެ ސިކުނޑި ހުރީ ލަންޑަނުގައެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް ނޭނގޭ ނަންބަރަކުން މެސެޖެއް އައެވެ.
“އައިޝް، މިއީ ސާރާ. ލޫތުގެ ކްލާސްމޭޓް. އަހަރެން އައިޝްގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން ބޭނުން. އަހަރެން ދެއްކި ވާހަކަތަކަކީ ހުސް ދޮގު. ލޫތު އަބަދުވެސް ލޯބިވަނީ ހަމައެކަނި އައިޝް ދެކެ. އޭނާ އަހަރެންނާ ދޭތެރޭ ދެކުނީ ހަމައެކަނި އެކުވެރިއެއްގެ ގޮތުން. އަހަރެންގެ ވަންސައިޑެޑް ލޯބީގެ ސަބަބުން އައިޝްއަށް ލިބުނު ދެރައަށް މާފުކުރޭ.”
މި މެސެޖު ކިޔާފައި އައިޝްއަށް ބާރަށް ރޮއިގަނެވުނެވެ. އެއީ ހަމަޖެހުމުގެ ކަރުނައެވެ. އޭނާގެ ލޫތަކީ ތެދުވެރިއެކެވެ. އޭނާގެ ލޫތު އޭނާއަށް ބޭވަފާތެރިއެއް ނުވެއެވެ.
އިރުކޮޅަކުން ލަޔާލީވެސް އައިޝްއަށް ގުޅިއެވެ. “އައިޝް، މާފުކުރޭ! ސާރާ އަހަރެންނަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔައިދީފި. އޭނާ އަމިއްލައަށް ހެދި ދޮގުތަކެއް އެއީ. އަހަރެން ހީކުރީ އަހަރެން އައިޝްއަށް ހެޔޮއެދިގެން ކުރި ކަމެއް ކަމަށް، އެކަމަކު އަހަރެންނަށް ކުރެވުނީ ވަރަށް ދެރަ ކަމެއް.”
އައިޝް ހިނިތުންވެލިއެވެ. “އެންމެ ރަނގަޅު ލަޔާލީ. މިހާރު ހުރިހާ ކަމެއްވެސް ސާފުވެއްޖެ.”
އެ ހާދިސާއަށްފަހު އައިޝްއާއި ލޫތުގެ ގުޅުމަށް އައީ އާދަޔާ ޚިލާފު ދިރުމެކެވެ. އިތުބާރުގެ ބިންގާ ކުރިއަށްވުރެ ވަރުގަދަވެ، ހިތުގައި އުފެދޭ ކުދިކުދި ޝައްކުތައް ބޮޑު ކޮޅިގަނޑަކަށް ބަދަލުވުމުގެ ކުރިން، ހާމަކަމާއެކު ވާހަކަދައްކައިގެން އެކަންކަން ހައްލުކުރުމުގެ ފިލާވަޅު އެމީހުން ދަސްކުރިއެވެ. ކަނޑުގެ އެތައް ހާސް މޭލެއްގެ ދުރުމިނަކީ ލޯބީގެ ކުރިމަތީގައި ހުރަހެއް ނޫންކަމާއި، އެއީ ހަމައެކަނި ކެތްތެރިކަން ވަޒަންކޮށްލާ އިމްތިހާނެއްކަން އެމީހުން މިއަދު ގަބޫލުކުރެއެވެ.
މަސްތައް ފާއިތުވަމުން ގޮސް، ލޫތުގެ ކިޔެވުމުގެ އެންމެ މުހިންމު މަރުހަލާއާ ކުރިމަތިލިއެވެ. އުދުހުމުގެ ދުނިޔޭގައި އޭނާ ހޯދަމުންދިޔަ ކާމިޔާބީތަކަކީ އައިޝްއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ލޫތު އޭނާގެ ދިރިއުޅުމުގައި އަމިއްލައަށް ބޯޓެއް ދުއްވައި، އުޑުމަތީގެ ރަސްކަން ކުރި ފުރަތަމަ ދުވަހު، ބޯޓުން ފޭބި ގޮތަށް އެންމެ ފުރަތަމަވެސް ހަނދާންވީ އައިޝް މަތިންނެވެ. އޭނާ ތުރުތުރުލާ ހިތަކާއެކު އައިޝްއަށް ގުޅާލިއެވެ.
“އައިޝް! އަހަރެން މިއަދު އުޑުމަތީގައި އެކަނި އުދުހުނީ!” ލޫތުގެ އަޑުގައިވަނީ ނުހިފެހެއްޓޭ ފަދަ އުފާވެރިކަމެކެވެ. “އެކަމަކު ހަގީގަތުގައި އަހަރެން އިނީ އެކަންޏެއް ނޫން. ކޮންމެ ފަހަރަކު ބޯޓުގެ ފިޔަގަނޑަށް ބަލާލާއިރު، އަހަރެންނަށް ހީވަނީ އައިޝް އަހަރެންގެ ކައިރީގައި އިނދެ ހިތްވަރުދޭހެން. އަހަރެން މި ހޯދި ކާމިޔާބީގެ ދެބައިކުޅަ އެއްބަޔަކީ އައިޝްގެ ކެތްތެރިކަން.”
އައިޝްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭދުނެވެ. “މަޝްއާﷲ ލޫތު! އަހަރެންގެ ހިތް ފަޚުރުން ފުރިއްޖެ. ލޫތު ތި ދުއްވި ބޯޓަށްވުރެ މާ މަތީގައި އަހަރެންގެ އުންމީދުތައް މިއަދު އެބަ އުދުހޭ. ތި ބޯޓު ދުއްވަން އިންއިރު، ދުރުން ރާއްޖޭގެ ރަށްތައް ފެނޭތޯ ބަލާލިންތަ؟”
ލޫތު ހިނިތުންވެލިއެވެ. “ރަށްތައް ނުފެނުނަސް، އަހަރެންގެ މުޅި މިސްރާބު ހުރީ އެ ދިމާލަށް. ވަރަށް އަވަހަށް ބައްދަލުވާނެ.”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Story nimuny tha
Nooney, hopefully will post the next part today or tomorrow