ބާބު 5: މާޒީގެ ހިޔަނި.
ހުޅުމާލޭގެ ހާބަރު ސަރަހައްދުގައި، ތެތްފިނި ރޯޅިތަކާއެކު އުދުހެމުންދިޔަ ލޮނުކަނޑުގެ ވަހާއި، ދުރުދުރަށް އޮބެމުންދިޔަ އިރުގެ ރަތްވިލާގެ ތެރެއަށް ގެއްލިފައި އައިޝް އިނީ ގަބުވެފައެވެ. އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ކޯތާފަތް ތެންމަމުން ދިޔައިރު، މުޅި ދުނިޔެ އޭނާއާ ދެކޮޅަށް ތެދުވެފައިވާ ކަމުގެ އިހުސާސް ކުރެވެމުންދިޔައެވެ.
ކުއްލިއަކަށް، ފަހަތުން އިވުނު އަޑަކުން އައިޝް ސިހުނެވެ.
“ހޭއި… އައިޝް؟”
އައިޝް ސިހިފައި ފަސްއެނބުރި ބަލާލިއެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. ނަމަވެސް، މި ވަގުތު، މިތަނުން އެ ސޫރަ ފެނުމަކީ އޭނާ ދުވަހަކުވެސް އުންމީދު ކުރި ކަމެއް ނޫނެވެ. ކުރިމަތީގައި ހުރީ ޒަޔާންއެވެ.
ޒަޔާންއަކީ އައިޝްގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ އެއްކޮށް ކުޅެ، އެއްކޮށް ބޮޑުވި، އައިޝްގެ ހުރިހާ ސިއްރެއް ދަންނަ ހަމައެކަނި ފިރިހެން ކުއްޖާއެވެ. ނަމަވެސް މީގެ ހަތް އަހަރު ކުރިން، ޒަޔާންގެ ބައްޕަގެ ވިޔަފާރީގެ ކަމަކު މުޅި އާއިލާ އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކުރީއެވެ. އެ ދުވަހުން ފެށިގެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން މަޑުމަޑުން ފަނޑުވެ، ކެނޑިގެން ދިޔައެވެ. އެކަކު އަނެކަކާ ދުރުވި ނަމަވެސް، ޒަޔާންއަކީ އަބަދުވެސް އައިޝްގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ، އޭނާއަށް ވަރަށް ހެޔޮ އެދޭ މީހެކެވެ.
“ޒަޔާން؟”
އައިޝްއަށް އަހާލެވުނީ ހައިރާންކަމާއެކުގައެވެ. އޭނާގެ ދެލޮލުގައި ހުރި ކަރުނަތައް ފުހެލަންވެސް ހަނދާން ނެތް ކަހަލައެވެ. އައިޝްގެ ހިތަށް އެރިއެވެ. “މިހާ ގިނަ ދުވަސް ފަހުން، މިފަދަ ވަގުތެއްގައި އޭނާ މިތަނަށް އައީ ކިހިނެއް؟”
“އާނ، މިއީ ހަމަ އަހަރެން. ހާދަ ދުވަހެއް ފަހުންނޭ މި ބައްދަލުވީ،” ޒަޔާން ހިނިތުންވުމަކާއެކު ބުންޏެވެ.
ނަމަވެސް އައިޝްގެ މޫނުމަތިން ފެންނަން ހުރި މާޔޫސްކަމާއި ދެލޮލުގައި ހުރި ތަރުކަން ޒަޔާންއަށް ވަގުތުން ފާހަގަކުރެވުނެވެ. އޭނާ މަޑުމަޑުން އައިސް އައިޝްގެ ގާތުގައި އިށީނދެލިއެވެ.
“ކިހިނެއްވީ؟ މިފަދަ ވަގުތެއްގައި މިތަނުގައި އެކަނި އިނދެ ތި ރޮނީ ކީއްވެ؟ އަހަރެން ހީކުރީ އައިޝް ހުންނާނީ ނަތީޖާގެ އުފަލުގައި ކަމަށް.”
އައިޝް އިސްދަށަށް ޖަހާލުމަށްފަހު، އޭނާގެ އަތުގައި އޮތް، ރޫޖެހިފައިވާ ނަތީޖާ ކަރުދާސް ޒަޔާންއަށް ދައްކާލިއެވެ.
“ސްކޮލާޝިޕް ގެއްލުނީ… އަހަރެން ރޭވި ހުރިހާ ކަމެއް ފުނޑުފުނޑުވެއްޖެ،” އައިޝްގެ އަޑު ކުރެހުނެވެ.
“ލޫތު ކައިރިއަށް ދާން އޮތް ހަމައެކަނި ދޮރު ބަންދުވީ. އަދި އޭނާވެސް އެކޮޅުގައި އިތުރު އަހަރަކު މަޑުކުރަން ޖެހުނީ. ހީވަނީ މުޅި ދުނިޔެ އަހަރެމެން ދުރުކުރަން އުޅޭހެން.”
ޒަޔާން އެ ކަރުދާހަށް ބަލާލުމަށްފަހު، އައިޝްގެ މޫނަށް ބަލާލީ ފުން ހަމްދަރުދީއަކާއެކުގައެވެ. އައިޝްގެ ހިތާމައިގެ މައިގަނޑު ސަބަބަކީ ލޫތުއާ ދުރުގައި ހުންނަން ޖެހުންކަން އެނގުމުން ޒަޔާންގެ ހިތަށް ކުޑަ އުނދަގުލެއް ވިއެވެ. ނަމަވެސް އޭނާ އެކަން ހާމައެއް ނުކުރެއެވެ.
ޒަޔާން އިންތަނުން ތެދުވެ، އައިޝްއަށް އަތްދިއްކޮށްލިއެވެ. “ހިނގާ ކުޑަކޮށް ހިނގާލަން. މިތަނުގައި އިށީނދެގެން އިނުމުން ހިތާމަ ބޮޑުވުން ނޫން ކަމެއް ނުވާނެ.”
ދެމީހުން ހުޅުމާލޭގެ އަތިރިމަތީގައި ހިނގަމުން ދިޔައރު، ޒަޔާން އޭނާގެ ޕްލޭންތައް ކިޔައިދިނެވެ. “އަހަރެން މިކޮޅަށް މިއައީ ހަމައެކަނި ޗުއްޓީއަކަށް ނޫން. އަހަރެން މިކޮޅުގައި ދުވަސްކޮޅަކު މަޑުކުރާނަން. ބައްޕަގެ ބައެއް މަސައްކަތްތައް މިކޮޅުގައި ހުރުމާއެކު، އަހަރެންވެސް ބޭނުންވީ ރާއްޖޭގައި ކުޑަ ދުވަސްކޮޅަކު މަޑުކޮށްލަން. އެހެންވީމާ، އައިޝްއަށް އެހީވާން އަހަރެން މިތާ ހުންނާނަން.”
ޒަޔާންގެ ވާހަކަތަކުން އައިޝްއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ޒަޔާން ކިޔައިދެމުން ދިޔައީ އޮސްޓްރޭލިއާގެ ކިޔެވުމުގެ ފުރުސަތުތަކާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރެވިދާނެ މަސައްކަތްތަކުގެ ވާހަކައެވެ.
“އައިޝް، ހަނދާން އެބަހުރިތަ އަހަރެމެން ކުޑައިރު ކާސްޓަލް ހަދަން އުޅެނިކޮށް ރާޅެއް އަރާ އެ ފުނޑުފުނޑުކޮށްލީމާ އައިޝް ރުއި ދުވަސް؟ އެދުވަހުވެސް އަހަރެން ބުނިން ދޯ، އަލުން ހަދާނީ މިއަށްވުރެ ވަރުގަދަކޮށޭ. މިއީވެސް އެކަހަލަ ކަމެއް. މިއީ ނިމުމެއް ނޫން، މިއީ އާ ފެށުމެއް.”
އެރޭ ގެއަށް ގޮސް އައިޝް އޮށޯވެލިއިރު، މުޅި ކޮޓަރީގެ ހިމޭންކަން އޭނާގެ ވަށައިލިއެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ ބޮޑު ހަލަބޮލިކަމެކެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ސިފަވަނީ ދެ މޫނެކެވެ. އެއްކޮޅުން، އޭނާގެ މުޅި ހަޔާތް އެމީހަކަށްޓަކައި ގުރުބާން ކުރަން ތައްޔާރަށް ހުރި ލޫތެވެ. އަނެއްކޮޅުން، މާޒީގެ ހަނދާންތަކާއި، އޯގާތެރިކަމުގެ އާ ރޫހެއް ގެނެސްދިން ޒަޔާންއެވެ.
އައިޝް މަޑުމަޑުން ފޯނު ނަގާ، ލޫތުގެ ޗެޓް ހުޅުވާލިއެވެ. “ލޫތު… މިއަދު ވަރަށް ހީނުކުރާ ކަމެއް ވެއްޖެ،” އައިޝް ލިޔަން ފެށިއެވެ. “ޒަޔާންއާ ބައްދަލުވެއްޖެ. ހަނދާން އެބަހުރިތަ އޭނާގެ ވާހަކަ؟ މިއަދު އިރުއޮއްސޭ މަންޒަރު ބަލަން ގޮސް އިންދާ ކުއްލިއަކަށް އޭނާ ފެނުނީ.”
މެސެޖު ފޮނުވާލުމަށްފަހު، އައިޝް ފުން ނޭވާއެއް ލިއެވެ. އޭނާގެ ހިތުގައި ލޫތަށް އޮތް ލޯތްބަކީ ހިލައިގައި ކަނޑާނެގިފައިވާ ފަދަ ފުން، ފޮހެލަން އުނދަގޫ ވަރުގަދަ އިހުސާސެކެވެ. ނަމަވެސް، ޒަޔާންގެ އެ ކުއްލި ފެނުމާއި، އޭނާގެ ލޮލުން ފެނުނު ހާއްސަ ކުލަވަރަކީ އައިޝްގެ ހަޔާތުގެ އޮއިވަރު ބަދަލުކޮށްލާނެ އާ ރާޅެއްގެ ފެށުން ހެއްޔެވެ؟ އެ ސުވާލު އޭނާގެ ހިތުގައި ބިރުވެރިކަމާއި އުންމީދުގެ މަސްހުނި އިހުސާސެއް އުފައްދަމުން ދިޔައެވެ.
ހަމަ އެވަގުތު، ޒަޔާން ހުރީ އޭނާގެ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާށެވެ. ހުޅުމާލޭގެ މަގުތަކުގެ އަލިތަކާއި، ހާބަރު ސަރަހައްދުން ދުރުދުރަށް ފެންނަން އޮތް ކަނޑުގެ އަނދިރިކަން އޭނާގެ ހަނދާންތައް އާކޮށްދެމުން ދިޔައެވެ. އޭނާގެ އަތުގައި އޮތީ ރޫޖެހި، ކުލަ ފަނޑުވެފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ކުޑަ އައިޝް އާއި ޒަޔާން، އަތިރިމަތީގައި ކުޅެން ތިއްބައެވެ.
ޒަޔާން އެ ފޮޓޯގައި މަޑުމަޑުން އަތް ހާކާލިއެވެ. “އައިޝް… އަހަރެން މިއައީ ހަމައެކަނި ބައްޕަގެ މަސައްކަތަކަށް ނޫން،” އޭނާގެ އަޑުގައި ހުރީ ސާބިތުކަމެވެ. “އަހަރެން މިއައީ އައިޝްގެ ހިނިތުންވުން އަނބުރާ ގެނައުމަށް. އެ ހިނިތުންވުން ގެއްލުނީ އަހަރެން ދިޔަ ދުވަހު ކަމަށްވާނަމަ، އެ އަނބުރާ ހޯދައިދޭނީވެސް އަހަރެން. އެއީ ކިތަންމެ އުނގަދޫ، ކިތަންމެ ދިގު ދަތުރަކަށް ވިޔަސްމެ.”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

