ހިމޭން 10
“އާނ… ކައްޓި ރުޅިއެއް ހުންނަ މީހެއް އަމީލަކީ… ތި ވާނީ ކޮންމެސް ކަމަކާ ރުޅި އައިސްގެން މިންހާއަށް ކަމެއް ކުރީ ކަމަށް.” އެތަނުން އެހެން މީހަކު ބުނެލި ޖުމްލަތަކެއް އިވި ރީމްގެ ހިތަށް ހީވީ ކުއްލި ތަދެއް ވީހެނެވެ.
“ވެދާނެ… އަދި އެނގޭތަ އެފަކީރު އިން ހާލު؟ އޭނަ އެންމެ ފަހުން ޑަކްޓަރަށް ދައްކަން އައި ދުވަހު މަށާ ދިމާވިއޭ. ބުނި ބަނޑުބޮޑު ވާހަކަ ވެސް” އަނެއްކާ ވެސް ކޮންމެސް މީހަކު ޝޯޚުވެފާއި ހުރެ ބުނެލިއެވެ.
އިވުނު އަޑުތަކުން ރީމަށް މަޑު ޖެހިލެވުނެވެ. މުޅި ހަށިގަނޑު ވަގުތުން ހިމޭންވިއެވެ. ރީމްގެ ކުރިމަތިން މަރުކަޒު ތެރޭގައި އެޑްމިޓް ކުރަން ގެންދިޔައީ ކެފޭ ތެރެއިން ދިމާވި މިންހާއެވެ. އެރޭ ރީމަށް ލިބުނު މައުލޫމާތުގައި އެއީ މަންމަނެކެވެ. އެހެނަސް މި މާހައުލަށް އެއްވެފައި ތިބި މީހުންގެ ފުށުން ސާބިތުވީ މިންހާ އަކީ ވާހަކަ ދެއްކޭ މީހެއްކަމެވެ. މިއީ ރީމަށް ކިހާ ބޮޑު އަޖައިބެއް ހެއްޔެވެ؟ އެރޭ އަމީލު ތަޢާރަފް ކޮށްދިނީ މިންހާ އަކީ އަމީލުގެ ކޮއްކޮ ކަމުގައެވެ. އެހެނަސް މިއަދު ސާބިތުވީ މިންހާ އެއީ ބަލިވެ އިން އަމީލުގެ އަންހެނުން ކަމެވެ.
*************
ދާންވީ ދިމާ ރީމަށް އޮޅިއްޖެއެވެ. ދާންވީ މިންހާ ގާތަށް ބާއެވެ؟ ނޫނީ ގެސްޓް ހައުސްގައި ނިދާފައި އޮތް އަމީލުގެ ގާތަށް ބާއެވެ؟ ރީމަށް ވިސްނެނީއެވެ. ހިތް ބިރުގަނެ ޖެހިލުން ވަނީއެވެ. ބުނެދޭން ނޭނގޭ އެތައް އިހްސާސް ތަކަކުން ހަށިގަނޑަށް އުނދަގޫ ވަނީއެވެ. ކުރިޔަށް ހިނގަމުން ދިޔަ ރީމްގެ ސިކުނޑިއަށް ބަރު ވާން ފެށިއެވެ. ދުވަހަކު ވެސް މިންހާ ރީމަށް މާފު ކޮށްފާނެ ބާއެވެ؟
އިނާޔާގެ ކުރިމަތިން ހިޔަންޏެއްހެން މަޑުމަޑުން ކެހެމުން ދިޔަ ރީމްއާ ދިމާލަށް ވަރަށް ފަރުވާތެރި ކަމާއެކު އިނާޔާ ބަލައިލިއެވެ. އެހެނަސް އިނާޔާ އަކީ މަގުގައި ހުރި މީހެއްކަން ވެސް އިހްސާސްނުވެ ރީމް ކުރިޔަށް ދިޔައީ ބަރު ވިސްނުންތަކާ އެކުގައެވެ.
“އޭތް!… މަޑުކޮށްބަލަ!…. ތީ ކޮން ރަށެއްގެ ކުއްޖެއް؟” ދެބުމަ ގޮށް ޖަހާލައިން ހުރެ އިނާޔާ ސުވާލު ކުރީ ރީމް ހުއްޓުވުމުގެ ބޭނުމުގައެވެ.
“ކީ…ކީކޭތޯ؟” މީހަކު ވާހަކަ ދެއްކި އަޑު އިވުމުން ސިއްސައިން ގޮސް ރީމް ބުނެލިއެވެ.
“ކޮން ރަށެއްގެ ކުއްޖެއްހޭ؟….. ތިހާ ދެރަވެފަ ހުރީމަ މި އަހާލީ…” އިނާޔާ ސުވާލު ކުރީ ގަސްތުގައި ރީމްއާ އެއްވަރަށް އޭނާގެ ފަހަތުން ހިނގަމުންނެވެ. ރީމްއަކީ ކާކު ކަން އެނގި ހުރެއެވެ.
“އާނ…. ދެރަ…. ކަމެއް….ކަމެއްނުވެ…. އަހަރެން މާލެ….” ރީމް ކުރިއަށް ހިނގަމުން ދިޔައިރު އޭނާގެ މޫނު މަތިން ކޮންމެސް ވަރެއްގެ ހާސްކަމެއް އިނާޔާއަށް ފެނެއެވެ.
“މި ރަށުގަ ދަންނަ މީހަކު އުޅޭތަ؟” ކީކޭތޯ ބުނާނީ ބަލައިލަން އިނާޔާ ސުވާލު ކުރީ ގަސްތުގައި އެނގި ހުރެއެވެ.
އެސުވާލަށް ޖަވާބު ދިނުމުގެ ކުރިން ރީމަށް ބޭއިޚްތިޔާރުގައި ފަސް އެނބުރި ބަލައިލެވުނެވެ. މަރުކަޒު ކައިރިއަށް އެއްވެފައި ތިބި މީހުންނަށެވެ. އަނެއްކާ ވެސް އެނބުރިލަމުން އިނާޔާއަށް ބަލައިލީ މައުސޫމު ގޮތަކަށެވެ.
“އުޅޭނެ… އަމީލް… ދެން މިންހާ ވެސް ކުޑަކޮށް އިނގޭ.” އިނާޔާ އާއި ދިމާލަށް ބަލަން ހުރެ ޖެހިލުމެއް ނެތި ރީމް ބުނެލީ ލުއިލުއި އަޑަކުންނެވެ.
“އޭނ؟ އަމީލުއާ މިންހާއޭ..؟ ތިވީ މާ ރަނގަޅަށް… ހިނގާ އަހަންނާ އެކީ މަރުކަޒު ތެރެއަށް. އެތެރޭގަ މިންހާ އޮތީ އެޑްމިޓްކޮށްފަ… އެކަމު މިވަރު ބޮޑު ކަމެއް ވެގެން އުޅޭއިރު، ތި ބުނާ އަމީލު ވީތަނެއް އަހަންނަކަށް ނުވެސް ނޭނގެ.” ހިތްހަމަ ނުޖެހޭ ގޮތް ދައްކަމުން އިނާޔާ ބެލީ ރީމް ގޮވައިން އެތެރެއަށް ވަދެވޭތޯއެވެ.
ސްކޫލަށް ގެންގޮސް ދޭނެ މީހަކު ނެތުމުން ނަޝާޔާ އިނީ ގޭގައެވެ. ފެން ވެރުމުގެ ނަމުގައި ކޮޓަރި ތަޅުލައިން އިން ނަޝާޔާގެ ކައިރީގައި ފާޑު ފާޑުގެ ގަލަންތަކާއި ފިބާތައް ހުއްޓެވެ. އުނގުމަތީގައި ބާއްވާފައިވާ ފޮތުގައި ފަހަރަކު ކުލަޔަކުން ލިޔަމުން އަދި ކުރަހަމުން ދިޔައެވެ. އޭރު ވެސް ދޭތެރެއަކުން ނަޝާޔާ ދިޔައީ އޭނާގެ ލޯބިވާ ‘ޑައިރީ” އަށް ގަދަކަމުން ހިނިތުން ވަމުންނެވެ.
ކައިރީގައި އޮތް ކަތުރު ނަގައިން އިރު އިރުކޮޅާ ކަރުދާސްތައް ކަފަމުން ގެންދިޔައެވެ. އެއިން ކޮންމެ ކަރުދާސް ކޮޅެއް ފަތް ޖަހާލުމަށް ފަހު އެ ކަރުދާސް ކޮޅުތައް އެއްތާކަށް ޖަމާކޮށްލިއެވެ. އެއަށް ފަހު ‘ޑައިރީ’ އާ ވާހަކަ ދައްކަން ފެށިއެވެ.
“މިހާރު މި ނިމުނީ… އަނެއްކާ ވެސް ނަޝާގެ ސީކްރެޓްސް ކީޕް ކޮށްދޭނަން ދޯ؟” ބެއަރ ގެ ކޮލުގައި އަތުގެ ބޮޑުވާ އިނގިލިން ފިރުމާލަމުން ނަޝާޔާ ވާހަކަ ދެއްކީ ދެރަވެފައި އިނދެއެވެ.
“ނަޝާ ނުކިޔާ ދިނަސް, ޑައިރީއަށް އިނގޭނު ދެންމެ މިކުރި ކަންތައް… އެނގޭތަ އަހަރެން އެކި ކުލަކުލައިން ލިޔުނުހާ އެއްޗިހި؟” ފެންކަޅި ވެފައިވާ ދެލޮލުގެ ފުސް ކަމުގެ ތެރެއިން ބަލާލަމުން ނަޝާޔާ ވާހަކަ ދައްކަމުން ދިޔައެވެ.
“ނަޝާޔާ… ނަޝާޔާ! ހާދަ ލަސް ވެއްޖެއޭ. ދޮރު ހުޅުވާފަ އާދެބަލަ ކޮންމެސް އެއްޗެއް ކާން.” ސަކީބާގެ އަޑު އިވުމާއި އެކު ނަޝާގެ ހަރަކާތްތައް އަވަސް ވިއެވެ. ދެލޮލުން ފޭބި ކަރުނަތައް ފުހެލުމަށް ފަހު، ގެންގުޅު ހުރިހާ އެއްޗެއް ފޮރުވާލަމުން އިރުކޮޅެއް ތެރޭ ދޮރު ހުޅުވާފައި ނުކުތެވެ.
ރާއްޖެ އައުމުގެ ކުރިން ޝަރާ އާއި އޭނާގެ ގުރޫޕް ނުކުތީ ޝޮޕިންގ ކޮށްލާށެވެ. އެކި ކަހަލަ ޝޮޕިންގ މޯލް ތަކާއި ބޮޑެތި ޝޮޕިންގ ސެންޓަރު ތަކުން ފަހަރަކު އެއްޗެއް ހޯދަމުން ދިޔައެވެ. އެންމެ ބޮޑަށް ޝަރާގެ ޝައުގުވެރިކަން ހުރީ އޭނާއަށް ބޭނުންވާ އެންމެ ރީތި ހެދުންތަކާއި، އަގު ބޮޑެތި ގަހަނާތައް ގަތުމުގެ އިތުރުން ރީތި ޑިޒައިން ތަކުގެ ފައިވާން ގަތުމަށެވެ.
ޑޮކްޓަރު ހުއްދަ ނުދިނުމުގެ ސަބަބުން އިނާޔާ ހުރީ އެތެރެއަށް ނުވަދެވިފައެވެ. އިނާޔާ އާއި ދާދި ގާތުގައި ރީމް ހުރި އިރު އޭނާގެ މޫނުމަތިން ފާޅުވަނީ ހާސްކަމާއި ނުތަނަވަސް ކަމެވެ. އެހެންވެ އިނާޔާއާ މާގިނަ ވާހަކަ ދައްކާކަށް ރީމަކަށް ނުކުރެއެވެ.
“އެހީތެރިޔަކީ އިނާޔާތޯ؟” ކޮނޑުގައި ކަށިގަނޑު އަޅާލައިން ހުރި އަންހެން ޑޮކްޓަރ ވާހަކަ ދައްކަމުން ދިޔައީ އިނާޔާއަށެވެ.
“ލައްބަ؟ ކިހިނެއްތޯވީ؟” އިތުރަށް ޝައުގުވެރި ކަމާއެކު އިނާޔާ ބުންޏެވެ.
“މިންހާގެ ހާލު މިހާރު މަޑުމަޑުން އަންނަނީ ރަނގަޅު ވަމުން.. އެކަމަކު މިކޮޅަށް ގެނައި އިރުވެސް މިންހާގެ ބޭބީ އޮތީ މިސްކެރިއޭޖް ވެފަ.” ޑޮކްޓަރ ބުނެލި ޖުމްލަ އިވި އިނާޔާ ހައިރާން ވިޔަސް ހަމަ އެވަގުތު ދެ ލޯ ފެންކަޅިވިއެވެ.
ޑޮކްޓަރުގެ އެ ބަސްތަކުން ހީވީ ކުއްލިޔަކަށް ރީމްގެ ހިތަށް ވެސް ލޮޅުން އެރިހެނެވެ. އެ އިހްސާސްތައް އިނާޔާގެ ކުރިމަތީ ފޮރުވަން މަސައްކަތް ކުރަމުން ރީމް ބަލައިލީ އެހެން ދިމާލަކަށެވެ.
“ކީކޭ؟ މިންހާ ބަނޑު ބޮޑުވިތަ؟” ނޭނގޭ ޚަބަރެއް ކުއްލިޔަކަށް ކަންފަތުގައި ޖެހުމުން އިނާޔާއަށް ބުނެވުނެވެ.
“ލައްބަ… ކޮބާތޯ މިންހާގެ ފިރިމީހާ؟ އަޅުގަނޑު ބޭނުން ވަކިން ބައްދަލު ކޮށްލަން. ކޮންމެހެން ދައްކަން ޖެހޭ ވަރަށް ސީރިއަސް ވާހަކަ ތަކެއް ހުރީމަ… ވަރަށް ރަނގަޅު އޭނަ މިކޮޅަށް ގެނެސްދީފިއްޔާ.” ކަރުގައި އަޅުވާލާފައިވާ ކަށިގަނޑު ނަގަމުން ޑޮކްޓަރ ހިނގައިގަތީ މިންހާގެ ހާލަތު ދެނެގަތުމަށެވެ.
ރީމްއަށް ބަލައިލެވުނީ އިނާޔާގެ މޫނަށެވެ. ހީވާގޮތުން ރީމްގެ މޫނު ސިފަ ކޮށްދެނީ ލަދުވެތި ކަމާއި ހިތާމައިގެ އަސަރުތަކެވެ. މިނެޓެއްހާ ވަގުތު ކޮޅަކަށް އިނާޔާގެ ލޮލުގެ ނަޒަރު ރީމްއާ ދިމާލަށް ހުއްޓާލާފައި ވާއިރު ރީމް ވެސް ދިޔައީ އިނާޔާއަށް ބަލަމުންނެވެ.
“އިނގޭތަ އަމީލް ވީތަން؟ ނަންބަރު އިނިއްޔާ ގުޅާބަލަ… އަހަރެން ވަރަށް ދެރަ ވާނެ… މީ މަގޭ ބެސްޓް ފްރެންޑަށް އަމީލު ހަމަލާއެއް ދީގެން ވީކަމެއް ނަމަ.” އިނާޔާ ބުނެލީ ވައި އަޑުން ދެރަވެފައި ހުރެއެވެ.
“ދީފާނަންތަ ތީނަ ނަންބަރު؟” ރީމް އޭނާގެ ފޯނުގެ ލޮކް ކޯޑް ޖަހައިލިއެވެ.
އެއާއި އެކު ފެނުނީ އަމީލާ އެކު ރީމް ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ރަމްޒު ކޮށްދެނީ ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯތްބެވެ. ދެ ހަށިގަނޑުގައި ދުރުމިނެއް ނުވާހެން ނަގާފައިވާ އެ ފޮޓޯގައި ވަނީ “ކަނު ލޯބީގައި ބަނދެވިފައިވާ ދެ ޖިސްމެވެ”. އެ ފޮޓޯ ފެނި އިނާޔާގެ ހިތަށް އެރީ އެފަދަ ބަސްތަކެވެ..
ފޯނު ގައި ހިފާލަމުން، ރީމް އާއި އަމީލުގެ އެ ފޮޓޯ ފެނި އިނާޔާ ބަލައިލީ ރީމްގެ ލޮލަށެވެ. ހަމަ އެވަގުތު ރީމް ވެސް އިނާޔާގެ ލޮލަށް ބަލައިލިއެވެ. އެހެނަސް އެ ސިކުންތުގައި ރީމް އިސްދަށަށް ޖަހާލީ ލަދުރަކި ވެފައި ހުރެ ހިތްދިރުވާ ލަމުންނެވެ.
“އަން. މިއޮތީ އަހަރެންގެ ނަންބަރު ޖަހާފަ.. އިނާޔާ ޖަހާފަ ސޭވް ކޮށްލާ…. ދެން ގުޅާ އަމީލަށް. އަވަސް ކުރޭ…” ފާޑަކަށް ބަލައިލަމުން އިނާޔާ ބުންޏެވެ.
“އަހަރެން ބޭނުން އިނާޔާއާ ވަކިން ވާހަކަ ދައްކަން.. ރުޅި ނާންނައްޗެ…؟” ރަކިވެފައި ހުރެ ރީމް ބުނެލީ ހިސާބަކަށް ލަދުވެތިކަން އިސް ކުރަމުންނެވެ.
“ކޮން ކަމަކާ އަހަރެން ރުޅި އަންނަންވީ؟ އަމީލަށް ގުޅާފަ ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ.” އިނާޔާ ބުނެލީ ފޫހި ރާގެއްގައި އެއްވެސް ފަރުވާލެއް ނެތިއެވެ.
“އަމީލު އެބައޮތް އަހަރެން ހުންނަ ގެސްޓް ރޫމްގަ ނިދާފަ… މިދަނީ ގޮވަން.. ދެން އަހަރެން މިތަނަކަށް ނާންނާނަން… އިނާޔާ!… އަމީލު މިތަނަށް އައީމަ މަށަށް ގުޅާލާފަ… މިތާ ކުރިމަތީ މިހުރި ‘ސަންވިއު’ ގެސްޓް ހައުސްއަށް ވާހަކަ ދައްކާލަން އާދެވިދާނެތަ؟” ލުއިލުއި އަޑަކުން ރީމް ބުނެލީ އާދޭހުގެ ގޮތަކަށް ބަލައިލަމުންނެވެ.
އާނ އެކޭ ބުނުމުގެ ގޮތުން އިނާޔާ ބޯ ޖަހާލިއެވެ. އެއަށްފަހު އިނާޔާ ހިނގައިގަތީ މިންހާ ގާތަށް ވަނުމަށެވެ. އޭރު ރީމް ވެސް ހެލްތު ސެންޓަރުން ނުކުމެގެން ދަނީއެވެ.
ފޮށި ރެޑީ ކުރަމުން ދިޔައިރު ޝަރާ ހުރީ ވަރަށް ފޯރީގައެވެ. އެންމެ ހިތްހަމަ ޖެހޭ ގޮތަށް ބޭނުންވާ ވަރަށް އެއްޗިހި ގަނެވުމުން ލިބުނު އުފަލެއްގެ ބޮޑު ކަމުންނެވެ. ޝަރާއަކީ ބޮޑަށް އަގު ބޮޑެތި އެއްޗެއްސައް ލޯބި ކުރާ މީހެކެވެ. އެހެންވެ އޭނާއާ އެކު ދަތުރުގައި ބައިވެރިވި އެންމެނަށް ވުރެ އަގު ބޮޑެތި އެއްޗެތި ގަތީ ޝަރާއެވެ.
“ކޮބާ! ޕެކިން ނުނިމޭތަ؟…. ތި ފޮށިން ފެންނަނީ ހުސް ޝަރާގެ އެއްޗިހި.” ޝަރާއާ އެންމެ ގާތުގައި އެވަގުތު ހުރި ވީނާ ބުނެލިއެވެ.
“ނިމުނީ… އަޅެ މަ ގަތްހާ އެއްޗެއް ނުޖެހޭނެ ކަލޭމެނަށް ދައްކާކަށް…. މަ އެންމެ ލޯބިވާ ސްޓާފުންނަށް ވެސް ވަރަށް އެއްޗިހި ގަނެ ލައިގެން މި އައީ.. ސްޓާފުން ގެންގުޅެވޭނީ ވަރަށް ހައްދައިގެން.” ފޮށީގެ ޒިބު ދަމާލަމުން ޝަރާ ބުނެލިއެވެ.
“އާނ ދެން ބިޒްނަސް ވުމަންއެއް ވިއްޔާ… ބޭނުން އަގެއް ކަނޑާލެވޭ ވަރަށް ފައިސާ އޮންނާނެ.” އަނެއްކާ ވެސް ވީނާ ބުނެލިއެވެ.
“ދިމާ ކުރާނެ ކަމެއް ނެތް ކޮންމެހެން.. އަހަރުން ފައިސާ ހޯދަނީ ރަބަރު އަޅުވާފަ ބަހައްޓާކަށް ނޫނޭ. ކަލޭމެން ތިބޭހެން އެއްހާސް ރުފިޔާ އެއްވާ އިރަށް ގާބުރި އަރުވައިގެން މަށެއް ނުހުންނާނަން. ފައިސާ މި ހޯދަނީ ފައިސާ މަތީ އުދުހެން. ގެޓްވެއްޖެ؟…. ހިނގާ ފުރަން ދާން.” ޝަރާގެ ބަހުރުވަ ހުރި ގޮތުން އެހެން މީހުންގެ ބަސް ހުއްޓުނެވެ.
އަރާމު ތަންމަތީގައި ހަމަ ޖެހިލައިން ނިދާފައި އޮތް އަމީލާ ދިމާލަށް ބަލައިލަމުން ރީމް އޭނާގެ ދެ ލޯ ފުހެލިއެވެ. އެ ކުޑަ ހިނދުކޮޅުގެ ތެރޭގައި ރަށުގެ މީހުން އަމީލުގެ އަނިޔާވެރި ކަމުގެ ވާހަކަ ދެއްކި އަޑު އިވި ރީމްގެ އުންމީދުތައް ފުނޑުފުނޑު ވެއްޖެއެވެ. ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ވުމުގެ ކުރިން ވިއްސި ވިހާލިވީއެވެ. ކެހިވެރި އަނިޔާ ވެރިއެއްގެ މަކަރުވެރި ދަލެއްގައި ޖެހި ސަލާމަތް ވާނެ ގޮތެއް ހޯދެނީއެވެ.
“އަމީލް…. އަމީލް….” ކޮންމެސް ވަރެއްގެ ހަރުކަށި އަޑަކުން ރީމް ގޮވަން ފެށީ ހިތްވަރު ކުރަމުންނެވެ.
“ކީކޭ… ކިހިނެއްވީ؟ މާބޮޑަށް ލަސްވީތަ؟…..” ދެ ލޮލުގައި އަތް ކާއްތާލަމުން އަމީލު ބަލައިލީ ރީމަށެވެ.
“މިންހާ އެބަ އޮތް އެޑްމިޓްކޮށްފަ…” ރީމް ބުނެލީ އަމީލާ ދިމާލަށް ބަލަން ހުރެއެވެ.
“ބޭބީ އޮތީ.. މިސްކެރިއޭޖް ވެފަ…” އެސްފިޔަ ޖަހާ ވެސް ނުލާ އަނެއްކާ ވެސް ރީމް ބުނީ އަމީލުގެ ހަރަކާތްތަކަށް ސަމާލުވެ ހުރެއެވެ.
ރީމްގެ އަޑުގައި ވަނީ ހިތާމައިގެ އަސަރެވެ. އަމީލު ވަގުތުން އެނދުން ތެދުވެ ހަމަޖެހިލައިން އިށީންދެލިއެވެ. އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރުން އަންގައިދެނީ އެ މޫނުމައްޗަށް ވެރިވި ހާސްކަމެވެ.
– ނުނިމެ –
6 Comments!
Comments are closed.







Fantastic! 🦋
Keep it up!! Anyways, when next?
Lysm 💔 & Tgsm..
Thanks 👍 varah bodukohves
Thihen comment libuneema aslu v ufaavey.
Comment akah v ummeedhu koggen hutta thihen libey emme comment eh ves vaane v ufaaveri ehchakah.
Next part kiyaalan linbeynee Monday ga in sha Allah
Lysm
Great progress 😸
Shalyy Eaee Mine sister ingeyy ..
Vrh notorious vegen ulheyne
Thanks dear 😊
To black…
Haha aslu notorious???