ހިމޭން 11
“މިންހާ އެބަ އޮތް އެޑްމިޓްކޮށްފަ…” ރީމް ބުނެލީ އަމީލާ ދިމާލަށް ބަލަން ހުރެއެވެ.
“ބޭބީ އޮތީ.. މިސްކެރިއޭޖް ވެފަ…” ހުއްޓިފައި އިން އަމީލާ ދިމާލަށް ބަލަން ހުރެ އަނެއްކާ ވެސް ރީމް ބުންޏެވެ.
ރީމްގެ އަޑުގައި ވަނީ ހިތާމައިގެ އަސަރެވެ. އަމީލު ވަގުތުން ތެދުވެ ހަމަޖެހިލައިން އިށީންދެލިއެވެ. އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރުން އަންގައިދެނީ އެ މޫނުމައްޗަށް ވެރިވި ހާސްކަމެވެ.
**********
“އޭނ!…. މިންހާ… ހައްޔަރުން ނެއްޓުނީއޭ؟ ކިހިނެއް…. ކިހިނެއް ތިކަން…. ރީމަށް އެނގުނީ؟” މޫނު މައްޗަށް ވެރި ވަމުން ދިޔަ ހާސްކަން ފިލުވާލަން މަސައްކަތް ކުރަން އުޅުނަސް ރީމްގެ ކުރިމަތީ އަމީލަށް އެކަން ކާމިޔާބެއް ނުވިއެވެ.
“މަގުގަ ހުއްޓަ އެމްބިއުލެންސް އައިމަ މަޑުކޮށްލީ.. އެތާ ތިބި މީހުން ދެއްކި ވާހަކައިން އިނގުނީ.” ކޮޅަށް ހުރެގެން ރީމް ވާހަކަ ދައްކަމުން ދިޔައީ އަމީލުގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބަލަމުންނެވެ.
“އެމީހުން ކީކޭ ކީ؟… އެމީހުން ނުބުނޭތަ މިންހާ ފިރިމީހާގެ ވާހަކައެއް؟ ތިވާނީ އޭނަ ރުޅި އައިސްގެން މިންހާ ވައްޓާލީ ކަމަށް.” ނުވާކަމަކަށް ހަދާލަމުން ރީމްއާ ދިމާލަށް ބަލައިވެސް ނުލާ އަމީލު ތެދުވެގެން ގޮސް ނެގީ އަލަމާރި ތެރެއިން ކޮނޑުގައި އަޅުވާފައި އިން ގަމީހެވެ.
“ފިރިމީހާގެ ވާހަކަ ވެސް ބުނި… އެކަމު އެތާކު ނެތޯ.. އަހަންނަށް އެނގެނީ މިވަގުތު ކޮންމެ ހެން ވެސް މިންހާ ގާތަށް އަމީލު ދާން ޖެހޭނެ ކަން.” ރީމް މަސައްކަތް ކުރަމުން ދިޔައީ އަމީލުގެ އަނގައިން ހަދާފައިވާ ދޮގުތައް އޭނާގެ އަނގައިން ފަޅާ އަރާތޯއެވެ.
“އާނ… އަހަރެން ކޮންމެ ހެން ވެސް ކޮއްކޮ ކައިރިއަށް ދާން ޖެހޭނެ.. އެކަމު ރީމް ދާނެ ކަމެއް ނެތް… ރީމް މަޑުކުރޭ..” ގަމީހުގެ ގޮށްތައް އަޅުވާލުމަށް ފަހު ލޯގަނޑު ކުރިމަތީ ހުރެ އިސްތަށިތައް ރީތި ކޮށްލައިން އަމީލު ހިނގައިގަތެވެ.
ތަންކޮޅަކަށް ދިއުމަށް ފަހު އަމީލުގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ހީވާގޮތުން ކޮންމެސް އެއްޗެއް ނުވަތަ ކޮންމެސް ކަމެއް ހަނދާން ވީއެވެ.
“ރީމް…! ތަނަކަށް ތަދުވަނީތަ؟ ހާދަ ހީވެއޭ ބަލިވެފަ ހެން…؟” ނިއްކުރިޔަށް ރޫ އަރުވާލަމުން އަމީލު އަހާލިއެވެ. ޖަވާބުގައި ރީމް ނޫނެކޭ ބުނީ ބޯ ހޫރާލަމުންނެވެ.
“އެހެން ވިއްޔާ އެމީހުން ބުނިތަ މިންހާ އެއްވެސް ވަރަކަށް ވާހަކަ ދެއްކިއޭ؟… މި ބުނީ… ވާހަކަ ނުދެއްކުނަސް… ވާހަކަ ދެއްކިއޭ ވެސް ކިޔާފާނެތާ… އެހެންވެ މި އަހާލީ؟” އަމީލުގެ ޝައުގުވެރި ސުވާލު ތަކުން ރީމްގެ އަމިއްލަ ނަފްސައް އޮތް އިތުބާރު ބޮޑުވަމުން ދިޔައެވެ.
“ތިހާ ގިނަ ވަގުތު ބޭކާރު ނުކޮށް ދެން އަވަހަށް ދޭ.. މިންހާ މިހާރު އޮންނާނީ އޭނާގެ ފިރިމީހާ ނެތީމަ ވަރަށް ދެރަވެފަ. އެކަހަލަ ކަމެއް ވީމަ ޑޮކްޓަރ ވެސް އޭނާގެ ފިރިމީހާ ހޯދާނެ.. މިންހާއާ ބެހޭގޮތުން ދައްކަން ޖެހޭ ބައެއް ވާހަކަތައް ވެސް ހުންނާނެއްނު.. އަމީލަށް ކަންނޭނގެ އެކަން ހަމަޖައްސާލެވޭނީ..” އަމީލު ނުކުންނަން ދިއުމުން އޭނާއާ ދިމާލަށް ބަލައި ވެސް ނުލާ ރީމް ބުނެލިއެވެ.
ސޯފާގައި އޮތް ނަޝާޔާ އަތަށް ސަކީބާ ފޯނު ދިނީ ވިޔާމް ގުޅުމާއި އެކު ސްޕީކަރަށް ލަމުންނެވެ. އޭރު އެތަނުގައި ސިމޫގެ އިތުރުން ޝާހު ވެސް އިނެވެ. އެވަގުތު ސިމޫ އިނީ އޭނާގެ ފޯނުން ކޮންމެސް ކަމެއް ކުރާށެވެ.
“ނަޝާޔާ… ދަރިފުޅު ކިހިނެއްތަ؟” ވިޔާމް ސުވާލު ކޮށްލީ ނުހަނު ލޯބިންނެވެ.
“ރަނގަޅު..” ނަޝާޔާގެ ޖަވާބު ކުރެވެ.
“މަންމަ އަންނަނީ ކޮން އިރަކުން؟… މަންމަ ގުޅިތަ؟” ވިޔާމްގެ ސުވާލު އިވުމުން ނަޝާޔާއަށް ބަލައިލެވުނީ ސަކީބާގެ މޫނަށެވެ.
“ނޭނގެ.. ނުގުޅަ… މާމަ އަތަށް ފޯނު ދެނީ.” ނަޝާޔާ ވާހަކަ ދައްކަން ބޭނުން ނުވުމުން ސަކީބާއަށް ފޯނު ދިނުމަށް ފަހު ކޮޓަރިއަށް ހިނގައިގަތެވެ.
“އެމަންޖެ އަކަށް ވެސް މަށަކަށް ވެސް ނޭނގެ ޝަރާ އަންނަ ދުވަހެއް ގަޑިއެއް. ވަރެއްގެ އަންހެނެކޭ އެއީ… ރުފިޔާ އޮތިއްޔާ ހީވާނީވާ އެހެން ކަމެއް ހެން.” ވިޔާމްގެ މައިދައިތަ ސަކީބާ ފޯނު ބޭއްވީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.
މިންހާ ދެއްކި ވާހަކަތައް އިވި އިނާޔާ ގާތަށް އައި އަމަށަކު ރުޅިއެއް ނޫނެވެ. ބަލިވެ އިންކަން އެނގި ހުރެ މިންހާއަށް އެހެން ހަދާނީ އަމީލު ހާދަހާ ގޯސް ވީމައެވެ. ތެދެކެވެ. މިންހާގެ ވާހަކަ ތަކުން އެނގުނު ގޮތުގައި އޭނާ ބަލިވެ އިން ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމީލުގެ ހިތުގައި ވަނީ އެ ނުއުފަން ދަރިއަށް ނަފްރަތު އުފެދިފައެވެ. އެހެންވެ މިންހާ ގަބޫލު ކުރާ ގޮތުގައި މިކަން މި ނިމުނީ ވެސް އަމީލު ބޭނުންވި ގޮތަށެވެ.
އަމީލު އައިސް ވޯޑުގެ ތެރެއަށް ވަނެވެ. މިންހާ އާއި ދިމާލުން އެނދު ކައިރި ހުއްޓުނު އިރު އޭނާގެ މޫނު މަތިން އެއްވެސް ހާސްކަމެއް ފެންނާކަށް ނެތެވެ. އެނާގެ އެ ހަމަޖެހޭ މިންވަރު ފެނިފައި މިންހާ އެނބުރުނީ އިނާޔާއާ ދިމާލަށެވެ. އަމީލުގެ މޫނަށް ބަލަން މިންހާ ބޭނުން ނުވީއެވެ. އޭރު މިންހާގެ ދެ ލޮލުން ފޭދެމުން ދިޔަ ކަރުނަ ތަކުގެ ތެރެއިން ފެނުނީ އިނާޔާ ވޯޑުން ނުކުމެގެން ދިޔަ ތަނެވެ.
ޑަކްޓަރާއި ނަރުސް ކުއްޖާ އެތަނަށް ވަނީ އެވަގުތެވެ. ޑަކްޓަރު ކުރާ ކޮންމެ ސުވާލެއްގެ ޖަވާބު އަތުގައިވާ ފައިލްގައި ލިޔަމުން ދިޔައީ ނަރުސް ކުއްޖާއެވެ.
“މިންހާއަށް ގުޅޭނެ ނަންބަރެއް ލިބިދާނެތޯ؟” ފޯމަށް ބަލައިލަމުން ނަރުސް ކުއްޖާ ބުނެލިއެވެ.
“ކޮންކަމެއްގަ މިންހާއަށް ގުޅަން… އޭނައަށް ގުޅަން ބޭނުންވަންޏާ އަހަންނާ ގުޅާ…” ނިތްކުރިއަށް ރޫ އަރުވާލައިން ހުރެ އަމީލު ބުންޏެވެ.
“އެއީ އަޅުގަނޑުމެންގެ ފޯމުގަ ޖަހާލަން ޖެހޭތީ ހޯދާ މައުލޫމާތެއް.. އެންމެ ރަނގަޅު ތިބޭފުޅާގެ ނަންބަރު ވެސް.” އިރުކޮޅަކު ހުރުމަށް ފަހު އަމީލު އޭނާގެ ނަންބަރު ކިޔުމުން އެކުއްޖާ ލިޔެލިއެވެ.
“އަޅުގަނޑު ބޭނުން ވަކިން ވާހަކަ ދައްކާލަން.” ޑަކްޓަރުގެ ބަހަށް ތަބާ ވަމުން އަމީލު ހިނގައިގަތީ މިންހާއަށް ބަލައިލަމުންނެވެ.
ދޮރުގައި ޓަކި ޖަހާލުމާއި އެކު ރީމް ދޮރު ހުޅުވިއެވެ. އެވަގުތު އިނާޔާ ވަރަށް ޝައުގުވެރި ކަމާއެކު ރީމަށް ބަލައިލިއެވެ. އެކަން އިހްސާސްވީ ކަންނޭނގެއެވެ. ރީމް ވަގުތުން އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.
ރީމްގެ މޫނުން އިނާޔާއަށް ފާޅުވަމުން ދިޔައީ ހިތާމައިގެ އަސަރެވެ. ދެލޯ ކައިރިން ފާހަގަ ވަނީ ކޮންމެސް ވަރަކަށް ރޮއެފައި ވާކަމުގެ އަސަރެވެ. މަޑުމަޑުން އެތެރެއަށް ވަދެ އިނާޔާ އިށީންދެލީ އެނދުގައެވެ. ފަހަތުން އައިސް ރީމް ވެސް އިށީންދެލީ އިނާޔާއާ ނުހަނު ގާތުގައެވެ.
“ހީކުރަން… އަހަރެން ދައްކާ ވާހަކަތައް ނިމެންދެން އަޑު އަހާނެ ކަމަށް… އިނާޔާއަށް އެނގޭތަ؟… އަހަރެން އަމީލުއާ ގުޅުން އޮންނަތާ ތިން އަހަރު ވެއްޖެ. އެކަމު އަހަންނަށް ދުވަހަކު ވެސް އަމީލުގެ…… އަނބި ދަރިން ތިބޭ ކަމެއް ނޭނގެ… އަމީލުގެ ވާހަކަތަކުން އަބަދު ވެސް އަހަރެން ބަހައްޓަނީ ވާވައްދާފަ…” އިނާޔާއާ ދިމާލަށް ބަލައިލި އިރު ރީމަށް ހުރީ ރޮވިފައެވެ.
“އެކަމާ ދޯ ތި ރޮނީ؟” އިނާޔާ ސުވާލު ކުރީ ޝައްކުގެ ނަޒަރުންނެވެ.
“ނޫން… އަހަރެން މިހާރު ދެރަވަނީ އެހެން ކަމަކާ…. އަސްލު… ކައިވެނީގެ ކުރިން އަމީލަކީ މަކަރުވެރި އެއް ކަން އިނގުނީމަ ވަރަށް އުފާވެއްޖެ. އެކަހަލަ އަނިޔާވެރި މީހަކާ އެކީ ކިހިނެއް އުޅޭނީ؟” ލޮލަށް ޖަމާވެފައިވާ ކަރުތަކާއި އެކު ރީމް ބަލަމުން ދިޔައީ އިނާޔާއަށެވެ.
“ދެން ކިހިނެއްވެ ރީމް ތި ރޮނީ؟ ކިހިނެއް ތިހުރިހާ ކަމެއް އެނގުނީ؟… އަމީލު އެއްބަސް ވީތަ އެއީ އަމީލުގެ ސަބަބުން ވީކަމެއް ކަމަށް.” ޝައުގުވެރި ކަން ހުރި ވަރުން ބޭއިޚްތިޔާރުގައި ރީމްގެ ކޮނޑުގައި އިނާޔާއަށް ހިފައްޓާލެވުނެވެ.
“އަމީލު ބުނި މިންހާއަކީ އޭނާގެ ކޮއްކޮއޭ…. އެއީ ވާހަކަ ނުދެއްކޭ މަންމަނެކޭ… ބަލިވެ އިންދާ، ފިރިމީހާ އަަޅާނުލާތީ މިންހާ އުޅެނީ ވަރަށް ދެރަވެގެނޯ… ދެ ދަރިން ވެސް ތިބެއޯ… އިނާޔާ! އެ ހުރިހާ ވާހަކައެއް އަމީލު ދެއްކީ މިންހާ އަހަރެންގެ ކުރިމަތީ ބައިންދައިން….. އޭގެ ހަގީގަތް އެވަގުތު އަހަންނަށް ނޭނގުނަސް… އެރޭ މިންހާއަށް ކިހާ އަސަރެއް ކުރާނެ…؟ އެހެންވެ ކަންނޭނގެ.. އެރޭ މިންހާ ގެއަށް ދިޔައީ ވެސް ވަރަށް ރޮމުން…” ރީމް ކިޔައިދެމުން ދިޔައެވެ.
“އިނާޔާ!… އިނގޭތަ؟ އަހަރެން މި ރޫމަށް އައިސް ބުނިން މިންހާ އެޑްމިޓް ކުރި ވާހަކަ… ދެން ވަރަށް ޒާތްޒާތަށް އަހަންނާ ސުވާލު ކުރި… އަމީލު ހުރީ ދޮގު ހަދަން ވާތީ ވަރަށް ހާސްވެފަކަން އަހަންނަށް އިނގޭ.. ބޭބީ ވެއްޓުނީއޭ ބުނީމަވެސް ބުނި… އެވާނީ މިންހާ ފިރިމީހާ އޭނަ ކޮއްޕާލީ ކަމަށޯ… ހީވަނީ ހަމަ ބުނެލިހެން ތިމަންނައޭ މިންހާ ކޮއްޕާލީ…” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ރީމް ކިޔައިދިނެވެ.
“ދެން ކޮން ކަމަކާ ތި ރޮނީ؟ އެއީ އަދި ރީމްގެ ފިރިއެއް ވެސް ނޫނެއްނު..؟” އިނާޔާ އަހާލިއެވެ.
“އާނ..! ދުވަހަކު ވެސް ދެން އަހަރެން ބޭނުމެއް ނޫން އެ ނުލަފާ މީހާ އަހަރެންގެ ފިރިއަކަށް ވާކަށް…” ނޭފަތް ދަމާލަމުން އަނެއްކާ ވެސް ރީމް ލޯ ފުހެލިއެވެ.
“އިނގޭތަ…؟ އަހަންނަށް ސިފަ ވަނީ އެ ވޭން އެޅި އިރު މިންހާއަށް ވާނެ ގޮތް… އަހަރެންގެ ދޮންތައަށް ވެސް ވީ މިންހާއާ ދާދި އެއް ގޮތެއް. ބޭބީ މިސްކެރިއޭޖްވީ.. ދޮންތަބެ ރުޅި އައިސްގެން ދޮންތަ ކޮއްޕާލީމަ ޖެހުނީ ބިއްލޫރި ކާމޭޒުގެ ދާރައިގަ.. ދޮންތަ ވެއްޓުމާ އެކު ވަގުތުން ލޭވެސް ފޭބި.. އަހަރެން އެތާ ހުރީމޭ… އެހެންވެ އަހަރެން ދެރަ ވަނީ މިންހާއަށް ވެސް…… ވާނެ ގޮތް ވިސްނޭތީ..” މޫނުގައި ދެއަތް އަޅާ ވަރަށް ބާރަށް ރީމް ރޯން ފެށިއެވެ.
“ހުއްޓާލާ..! ނަސީބެއްނު އަމީލުގެ އަނިޔާ ވެރިކިމުން ރީމް ސަލާމަތް ވީކަން… އަހަރެން މި އާދޭސް ކުރަނީ މިންހާ ވެސް އެކަމުން ސަލާމަތް ވާށޭ ކިޔައިން….” ރީމްގެ ބުރަކަށީގައި ފިރުމާލަމުން އިނާޔާ ބުންޏެވެ.
“ދީފާނަންތަ މިންހާގެ ނަންބަރު؟” ރީމް ކުޑަކޮށް ތެދުވެލަމުން ޖީބުގައި އޮތް ފޯނު ނަގާ އަތަށް ހެޔޮވަރު ކޮށްލިއެވެ.
“މިންހާއަށް ފޯނު ގެންގުޅުން މަނާ.. އޭނައަށް މީހަކު ގުޅިޔަސް އަމީލު އެވަރު ކުރޭ.. އެހެންވެ އެއް ވަރަކަށް ވެސް ފޯނެއް ނުގެންގުޅޭނެ..” އިނާޔާ ބުނެލީ ވާހަކައިން ރީމް އަނެއްކާ ވެސް ހައިރާން ވިއެވެ.
“ދެން..؟ ދެން ކިހިނެއް މީހުންނާ ވާހަކަ ދައްކަނީ؟” ޝައުގުވެރި ކަމާއެކު ރީމް އަހާލިއެވެ.
“މިންހާ ވާހަކަ ދައްކަން ބޭނުންވާ މީހުން ތިއްބަސް… އަމީލު އޮތީ އެ މީހުނަށް ގުޅުން މަނާކޮށްފަ.. މިހާރު ދުރުގަ ތިބި އޭނާގެ މައިންބަފަ ވެސް ނުގުޅާތާ ކިތަންމެ ދުވަހެއް.” އިނާޔާ ދެއްކި ކޮންމެ ވާހަކައަކުން ރީމްއަށް ލިބުނީ ބަޔާން ކުރަން ދަތި ހައިރާން ކަމެވެ.
ޝަރާ އައިސް ގެއަށް ވަނުމާއި އެކު ނަޝާޔާގެ ގެއްލިފައިވާ ހިނިތުން ވުން ފާޅުވިއެވެ. ރީތި ރީތި ހުދު ދަތްތައް ދައްކާލަމުން ހީލީ އޭނާގެ މަންމަ ފެނިފައިވީ އުފަލުންނެވެ. އުންމީދާއި އެކު ދުވަސް ގުނަގުނާ ހުރި ނަޝާޔާގެ ހިތަށް ހަމަޖެހުން ލިބުމާއި އެކު ހީވީ އޭނާގެ ރޫހު ތާޒާވިހެނެވެ.
“މަންމީ…!” ވަރަށް އުފަލުން ގޮވާލަމުން ނަޝާޔާ ބައްދާލީ ޝަރާގެ އުނަގަނޑުގައެވެ.
“މަންމި ލޯބި އެކޮޅަށް ޖެހިލާ އިނގޭ… ފޮށިތައް ވައްދާލަން.” ނަޝާޔާ ބައްދާލުމާއެކު ޝަރާ އޭނާ ދުރުކޮށްލީ ސަބަބެއް ދައްކަމުންނެވެ.
އެވަގުތު އެންމެން ވެސް ތިބީ ސޯފާގައެވެ. ޝަރާ ފޮށި ހުޅުވާލުމާއި އެކު ފެނުނީ ތަފާތު ވައްތަރުގެ އަންނައުނާ އެކި ކަހަލަ ހަދިޔާއެވެ. ވަރަށް ހިތްހަމަ ޖެހިފައި ހުރެ އުންމީދާ އެކު ނަޝާޔާ ވެސް އެއަށް ބަލައިލިއެވެ.
“މިހުރީ ބަލާލަ.. ސަޅި ދޯ އަހަރެން ގަތް ހެދުންތައް؟ ދެން ފައިވާން ވެސް ހުންނާނެ. ފަސޭހައިން ސައިޒު ލިބުނީމަ ވަރަށް ގިނައިން ނެގިން… ބަލާލަ ކުލަ ކުލައިގެ ޝޯލް ވެސް. ވަރަށް ރީތި ދޯ މި ޑިޒައިންތައް؟” ފަހަރަކު އެއްޗެއް ދައްކަމުން ޝަރާ އަނގަ ތެޅުވިއެވެ.
“އެ ފޮށީގަ ހުންނާނީ ދެން ސްޓާފުންނަށް ގެނައި ހަދިޔާ… އެކުދިން ހިތްހަމަ ޖައްސައިންނު ގެންގުޅެން ވާނީ.” ކައިރީގައި ހުރި އެހެން ފޮށްޓެއް ދައްކާލަމުން ޝަރާ ބުނެލިއެވެ.
“މަންމީ…! ނަޝާޔަށް ކޯއްޗެއް ގެނައީ؟”
ކެތްތެރިކަން ކުޑަވެގެން ނަޝާޔާ ބުނެލިއެވެ. އެއާއި އެކު ޝަރާ ތެދުވެގެން ގޮސް ނަޝާޔާ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.
“ސޮރީ މަންމި ލޯބީ… އެއްޗެއް ނުގެންނަން… އެކަމު މަންމަ ދޭނަން ނަޝާޔާއަށް ފައިވް ރުފިޔާ.. އޯކޭނު؟… މަންމިއަށް އެނގޭ މަންމަ ބުނީމަ ނަޝާޔާ ވަރަށް އަވަހަށް އޯކޭ ވާނެކަން. ތީ ނުލާހިކު ބަސް އަހާ ކުއްޖެއް.. އުމްމްމްމަމަ” ނަޝާޔާ ހަމަ ޖައްސައިލަން އޭނާގެ ކޯތާފަތަށް ޝަރާ ދޮނެއް ދިނެވެ.
– ނުނިމެ-






