Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 6 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 4, 2016 9 Mins Read
12 Comments

ހިބާ ބަދިގެ ސާފުކޮށްލާފައި މައްޗަށް އެރީ ކޮޓަރިއަށްވަދެ ފިނިކޮށްލުމަށް ހިތައް އަރުވައިގެނެވެ. މައްޗަށް އެރިވަގުތު މޫނުމަތީ އައިސް އެޅުނީ މަޑު ފެހި ކުލައެއްގެ ފޮތިގަނޑެކެވެ. ހިބާ މޫނުމަތިން އެނަގާ ބަލައިލިއިރު އެއީ ޓީ ޝާރޓެކެވެ.

ހިބާ އެއީ ކޮންދިމާލަކުން އައި އެއްޗެއްތޯ ބަލައިލިއިރު ފައުޒާން ހެވިފައި ފައުޒާން ކޮޓަރި ދޮރުމަތީ ހުސްގަޔާ ހުއްޓެވެ. ތިރިން ސޯޓެއް ލައިގެން ދޮރުކަނީގައި އަތްއަޅުވާލައިގެން ހުރިގޮތުން ހަށިގަނޑުގެ ބޮޑުބައި އެއޮތީ ހާމައަށް ފެންނާށެވެ. ހިބާ އަވަހަށް އަނެއްފަރާތައް އެނބުރުނީ އެފަދަ ރީތި ހަށިގަނޑެއްގެ އަވައިގައި ހިބާ ޖެހިދާނެތީ އެދިމާ ނުބަލަން މަސައްކަތް ކުރަމުންނެވެ.

“ތި އިސްތިރި ކޮށްލަދީބަލަ. މިތާ މީނީ އަޔަނިން ބޯރޑް.” ފައުޒާން ކޮޓަރި ކައިރީ ހުރި އިސްތިރިކުރާ މޭޒު ދައްކާލަމުން ބުންޏެވެ. ހިބާ ލޯ އަޅާލަމުން އައިސް އިސްތިރި ކުރާ މޭޒުކައިރީ ހުއްޓުނެވެ.

“ހިބާ މި އިސްތިރި ކޮށްދެނީ ކޮންމެހެން ފައުޒާންއަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫން. ތީ ކުޑައްތަގެ ދަރިއަކަށް ވީތީ މި އިސްތިރި ކޮށްދެނީ.” ހިބާ ބުންޏެވެ.

“އެހެންތަ. އެހެން ވިއްޔާ މަންމައަށް ޓަކާ ޒާން ބުނާ ކޮންމެ ކަމެއްވެސް ހިބާ ކޮށްދީފާނަން ދޯ!” ލާނެތް ފާޑަކަށް ހެވިފަ ހުރެ ފައުޒާން ބުނެލިއެވެ. ހިބާ ފައުޒާންއަށް ލޯ އަޅާލިއެވެ. އަދި އަނގައިންވެސް ނުބުނެ ހުރެ އިސްތިރި ކުރަމުން ދިޔައެވެ. ފައުޒާންވެސް ހިނިތުންވެ ހުރެ އެތަނުން ހިގައްޖެއެވެ.

ހިބާ އިސްތިރިކޮށްގެން ބަލައިލިއިރު ފައުޒާން ފެންނަން ނެތުމުން ގޮސް ފައުޒާން ކޮޓަރީގައި ޓަކި ޖަހާލިއެވެ. ދެފަހަރަކަށް ޓަކި ޖެހުމުންވެސް ނުހުޅުވުމުން ހިބާ ދޮރުގެ ތަޅުގައި ހިފިއިރު ކޮޓަރި ހުރީ ތަޅު ނުލައެވެ. ހިބާ މަޑުމަޑުން ކޮޓަރި ހުޅުވާ ބޯދިއްކޮށްލިއެވެ. އެކަކުވެސް ނެތުމުން އެތެރެއަށްވަނެވެ. އެއީ ހިބާއަށް ދީފައިވާ ކޮޓަރިވަރުގެ ކޮޓަރިއެކެވެ. އެނދު އޮތީ ތަންމަތިއަޅާ އޮމާންކޮށްލާފައެވެ. ހުރިހާއެއްޗެއްވެސް ވަނީ ތަރުތީބުން ބަހަށްޓާފައެވެ. ހީވާގޮތުން އެ ފައުޒާންއަކީ ވަރަށް ސާފުތާހިރުކަމަށް ލޯބިކުރާ މީހެކެވެ. ރަގަޅުތާއެވެ. ރަގަޅު އެއްކަމެއް އެމީހާގެ އެބަހުރިތާއެވެ. ހިބާ ހިތާހިތުން ވާހަކަ ދައްކަމުން ޓީޝާރޓް އެނދުމަތީ ބޭއްވުމަށްފަހު ނިކުތުމަށް އެނބުރުނު ވަގުތު ހިބާ ދިޔައީ ސިއްސައިގެނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ތުވާލި އަނދެގެން ކުރިމަތީ ހުރި ފައުޒާންގައިގައި ނުޖެހުނީ ކިރިޔާއެވެ. ކަންފަތަށް ކުޑަވާއިނގިލި ލައިގެން ހަލުވަހަލުވަ ހެވިފައި ފައުޒާން ހުއްޓެވެ.

ހިބާ ފައުޒާންއަށް ލޯއަޅާލަމުން އެތަނުން ދިއުމަށް ހިގައިގަތެވެ. ދޮރުގެ ތަޅުގައި ހިފިވަގުތު ހިބާގެ ހުޅިއަށް ހަރާފައި އިން ދަނޑިކޮޅު ފައުޒާން ނައްޓާލިއެވެ. ކަޅުކުލަގަދަ ފަށުވި އިސްތަސިގަނޑު ނިއުޅިގެން ހަލުވިކަމާއެކު ތިރިއަށް ފައިބައިގެން ދިޔައެވެ. ފައުޒާންއާއި ދިމާއަށް ހިބާ ބަލައިލީ ލޯއަޅާލަމުންނެވެ. އަދި އުނަގަނޑުގައި އަތް ވިއްދައިގެން ހުރެ ފައުޒާންއާއި ދިމާއަށް އަންނަން ފެށުމުން ފައުޒާން ދަނޑިކޮޅު އަވަހަށް ހިބާއަށް ދިއްކޮށްލިއެވެ. ދަނޑިކޮޅު ފައުޒާންއަތުން ދަމައި ގަންނަމުން އަވަހަށް ކޮޓަރިން ނިކުމެގެން ދިޔައީ ހުޅިޖަހަމުން ހިތާހިތުން ފައުޒާންއަށް އެއްޗިހި ކިޔަމުންނެވެ. ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ. އަދި އޭނަގެ އެއްޗިހި އިސްތިރި ކޮށްދިނީމަ ޝުކުރު އަދާކުރުމުގެ ބަދަލުގަ އެކުރީ އުނދަގުލެކެވެ. ކުޑައްތަ ކޮންގޮތަކަށް ތަރުބިއްޔަތުކޮށްފަ ހުރި ކުއްޖެއް ހެއްޔެވެ. ހިބާ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ.

ފައްވާޒް ހުކުރަށްދާން ތައްޔާރުވެގެން ނިކުތްއިރު ނަދުވާއާއި ހަފީޒާ ސޯފާގައި ހަމަޖެހިލައިގެން ތިއްބެވެ. ފައްވާޒް ހައިރާން ވެފައި އެދެމީހުނަށް ރަގަޅަށް ބަލައިލިއެވެ.

“ކައްކާ ނިންމާލައިގެން މިތިބީ. މަންމަ މިހާރު ފެންވަރަންދާން މިއުޅެނީ. ހިބާ ހުރީމަ މިހާ އަވަހަށް މި ނިމުނީ. އެއީ ވަރަށް ހަލުވި ކުއްޖެއް.” ފައްވާޒް ކައިރީ ހަފީޒާ ބުންޏެވެ. އެވަގުތު ފައުޒާންވެސް ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. ފައުޒާންވެސް ހުރީ ހައިރާން ވެފައެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ.

އެންމެން ހުކުރުން ފައިބައިގެން އަންނަންވާއިރަށް ހަފީޒާ ހުރީ ފެންވަރާ ރީތިވެގެންނެވެ. ނަދުވާވެސް ގެއަށް ދިޔައީ ރީތިވެގެން އަންނާނަން ކަމަށް ބުނެފައެވެ. ހިބާ ރީތިވެގެން ތިރިއަށް ފޭބީ ނޫކުލައިގެ ޓީޝާރޓް ކޮޅަކާ ކަށިމައްޗާ ހަމައަށް އަންނަވަރުގެ ޖީންސް ބުރިއެއް ލައިގެނެވެ. އާދައިގެ މަތިން އިސްތަށި ގަނޑުގައި ހުޅިއެއްޖަހާ ކަޅުކުލައިގެ ދަނޑިކޮޅެއް ހުޅިއަށް ޖަހާފައި ހުއްޓެވެ.

“ދޮންބެ ގޮއްސި ރިފާ ބަލާ.” ފައުޒާން އެތެރެއަށް ވަންނަމުން ސޯފާގައި ހަމަޖެހިލައިގެން އިން ހަފީޒާ ފެނުމުން ބުންޏެވެ.

“ދޮންބެ އައިމަ އެންމެން އެއްކޮން ކާނީ ދޯ.” ހަފީޒާ ބުންޏެވެ. ފައުޒާން ބޯޖަހާލަމުން ހަފީޒާ ކައިރީ އިށީނެވެ. އޭރު ހިބާ ފޮތިގަޑަކުން ކުޑަދޮރުތަކުގައި ހާކާލަ ހާކާލަ ހުއްޓެވެ.

ދޮރުން މީހަކު ވަނުމުން އެންމެން އެދިމާލަށް ބަލައިލިއެވެ. އެއީ ނަދުވާއެވެ. ނަދުވާ ފަހަތުން އަޒްކާވެސް ވަދެގެން އައެވެ. ނަދުވާ އައިސް ހަފީޒާއާއި ފައުޒާންއާއި ދެމީހުންގެ މެދުގައި އިށީނެވެ. އަޒްކާއައިސް ހުއްޓުނީ ހިބާ ކައިރީއެވެ.

“މިއަދު މިގެ ވަރަށް ސާފު. ހީވަނީ ރޯދައަށް ރީތިކޮށްލާފަ އޮތްހެން.” ނަދުވާ ބުންޏެވެ.

“ނަދޫ ތިބުނީ ތެދެއް. އެއީ ހިބާގެ ކަންތައް. ވަރަށް ސާފުތާހިރު ކުއްޖެއް އެއީ.” ހަފީޒާ ބުންޏެވެ.

“ފައުޒާންއަށް ރަގަޅެއްނު. އަބަދު ހަޑިވެގެން ސާފުނުކޮށްގެން އުޅޭ މީހާވިއްޔަ އެއީ.” ނަދުވާ ފައުޒާންއަށް ބަލައިލަމުން ބުންޏެވެ. ފައުޒާން ހިނިއައިސްފައި ނަދުވާއަށް ބަލައިލިއެވެ.

“ނަދޫގެ ކޮޓަރި ސާފުކުރަން ހިބާ ގެންދަންވީނު.” ފައުޒާން ބުނެލިއެވެ. ނަދުވާ ލޯއަޅާލިއެވެ.

ދޮރުން ފައްވާޒް ވަންތަން ފެނުމުން ސޯފާގައި ތިބި އެންމެން ތެދުވެގެން އެދިމާއަށް ހިގައި ގަތެވެ. ހިބާއާއި އަޒްކާވެސް އެދިމާއަށް އެނބުރުނެވެ.

ހިމަތޮޅިކޮން ހުރި ކުރު އަންހެން ކުއްޖެއް ފައްވާޒްގެ އަތުގެ މުލައްދަނޑީގައި ހިފަހަށްޓާލައިގެން ހުއްޓެވެ. ކަޅުކުލައިގެ ދިގު ހެދުމެއް  ލައިގެން ފެހިކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު ވަރަށް މައުސޫމްގޮތެއް މޫނުމަތިން ފެންނަން ހުއްޓެވެ.

“މަންމާ. މީ ރިފާ. ރިފާ މީ މަންމަ، ދެން މިހިރީ ފައުޒާން ވާޒްގެ ކޮއްކޮ. ދެން ނަދޫ، ދެން މީ އަޒްކޮ ދެން އެހެރީ ހިބާ.” ފައްވާޒް އެންމެން ވަކިވަކިން ތަޢާރަފް ކޮށްދިނެވެ.

“އަހަރުމެން ދެން ރިފާއަށް ކިޔަން ޖެހޭނީ ދޮންބެދައްތަދޯ.” އަޒްކާ ހުރެފަ ބުންޏެވެ.

“ހާދަ ދިގުނަމެކޭ. ދޮންބެދައްތަ ކުރުކޮށްލާފަ ދޮންބަތު ކިޔަންވީނު.” ހިބާ ހުރެފަ ބުނެލިއެވެ.

“ދެން އެއީ މީހުނަށް ކިޔާ ނަންނަންތަ؟” ފައުޒާން ބުންޏެވެ.

“ހިބާ ކިޔާނީ ދޮންބަތު. ހިބާއަށް ހެޔޮ ކޮންމެހެން ފައުޒާން ނުކިއަކަސް.” ހިބާ ބުންޏެވެ.

“އަހަރެންވެސް ކިޔާނީ ދޮންބަތު.” އަޒްކާ ބުންޏެވެ.

“ހިންގާ އަވަހަށް ކާން. އާދޭ އެންމެން.” ހަފީޒާ ބަދިގެއާ ދިމާއަށް ދަމުން ބުންޏެވެ. ހަފީޒާ ފަހަތުން އެންމެން ހިގައިގަތެވެ.

ހަފީޒާ އިށީނުމުން އެންމެންވެސް ޖެހުނު ތާކު އިށީނެވެ. އެންމެން ކާންފެށިއެވެ. ހުރިހާއެއްޗެއްވެސް ވަރަށްމީރެވެ. ހިބާއަށް އަނގަ މަޑުން ލައިގެން ނީދެވެއެވެ. ހުރިހާއެއްޗިއްސައް އަޅާފައިވާ އެކި އެއްޗިހި ވަކިވަކިން ކިޔަންފެށިއެވެ.

“މިއަށް އެޅި ކޮތަންބިރިވެސް އަދި ދިރިއާ ދަވިއްގަނދުވެސް އެޅި. ރީނދޫކޮޅެއްވެސް ލީންދޯ؟” ހިބާގެ އަނގަ ގަދަކަމުން ފައުޒާން އިރުކޮޅަކާ ހިބާގެ އަނގަމަތީ ފައުޒާން ކާންއިން ސަމްސާ ނަގާ ޖައްސާލައެވެ. ހިބާ އައްޗީޑިއޭ ކިޔާ ފޮޅުވާލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފަށައެވެ.

ކައިނިމިގެން އެންމެން އެންމެނަށް ނަދުވާއަށް ތައުރީފު ކުރަމުން ދިޔައެވެ. ނަދުވާ ކައްކާލެއް މީރުވީމައެވެ. ނަދުވާ ހެވިފައި އިނެވެ.

ކައިނިމިގެން އެތައް އިރަކު ކައިވެނީގެ ވާހަކައިގައި އެންމެން ތިއްބެވެ. އެހާ ބޮޑު ހަފްލާއެއް ބާއްވާކަށް ރިފާއާއި ފައްވާޒްއެއް ގަސްތެއް ނުކުރެއެވެ. ހަމައެކަނި އާއިލާ މީހުނަށްދޭން ކުޑަ ސަޔެއް ހެދުމަށް ނިންމިއެވެ.

*    *    *    *    *    *    *    *    *    *    *

ޖެހިގެން އައިދުވަހު ހެދުނު ހެދުނާ އަލީ އައެވެ. އަލީ އައުމުން ހަފީޒާ ހުރީ ވަރަށް އުފާވެފައެވެ. ބަރާބަރު އެއްމަސްކޮށްފައި އަލީ ފެނުންއިރު އަލީވަނީ ވަރަށް ބޮޑަށް ހިކިފައެވެ. ބަލިވެ އުޅުނީކަމަށް އަލީ ބުންޏެވެ.

ފައުޒާން އޮފީހަށްދާން ތިރިއަށް އައި އިރު އަލީ ފެނުމުން ފައުޒާން ހުއްޓުން އެރިއެވެ. ބައްޕަ އަންނަން އޮތީ ދެދުވަސް ފަހުންނެވެ. ނަމަވެސް ކުއްލިއަކަށް ބައްޕަ ފެނުމުން ހައިރާންވީއެވެ. އެވަގުތު ފައްވާޒްވެސް ކޮޓަރިން ނިކުތެވެ. ހެދުނާ އެންމެން އެއްކޮން އެއްމޭޒު ދޮށުން ހެދުނުގެ ނާސްތާ ކުރިއެވެ. ހިބާއަށްވެސް އެމީހުނާ ބައިވެރިވާން ޖެހުނެވެ. ހިބާއަކީވެސް އާއިލާ ކުއްޖެއް ކަމަށް އަލީ ބުންޏެވެ. އެއީ އެގޭގައި އަލީ އުޅެންޏާ އާދައެވެ. އަލީ ވަރަށް ބާރުއަޅާ ކަމެކެވެ. ކާގަޑިއަށް އެންމެން އަންނަން ވާނެކަމަށް އަލީ ބުންޏެވެ. އަލީ އަބަދުވެސް ބޭނުންވަނީ އާއިލާ އެއްކޮން ކާށެވެ. އެދުވަހު ހިބާގެ ގޮތް އަލީއަށްވެސް ދަސްވިއެވެ. ވާހަކަދައްކާ ގުރައެއްހެން ތަޅުވާލަ ތަޅުވާލަ ހިބާ އިނެވެ. އެކަކުވެސް ހިބާގެ އަނގަތެޅުން ހުއްޓުވާކަށް ނޫޅެއެވެ. މިހާރު އެކަމަށް އާދަވީކަންވެސް ނޭގެއެވެ. އެވަގުތު ފިޒާ މަތިން އަލީ ވަރަށް ހަދާން ވިއެވެ. އަލީގެ އެންމެ ހަގު އެންމެ ލޯބިވާ ދަރިފުޅަކީ ފިޒާއެވެ.

ފައުޒާންއާއި ފައްވާޒް އޮފީހަށް ދިއުމުން ހަފީޒާއާއި އަލީ ވަނީ ކޮޓަރިއަށެވެ. ހަފީޒާ ޑިއުޓީއަށް ދާން ޖެހެނީ މެންދުރު ފަހުއެވެ. ހިބާވެސް ތަންތަން ސާފުކޮށްލުމަށްފަހު މައްޗަށް އެރީ އެއްޗިހި ދޮންނާށެވެ. ކޮންމެ ދުވަހަކުވެސް ހިބާ އެއްޗިހި ދޮވެއެވެ. އޭރުން ގިނަނުވާނެކަމަށް ހަފީޒާ ކައިރީ ހިބާ ބުނެއެވެ. އެދުވަހު ހިބާ ދޮވުނީ ފައްވާޒްގެ އެއްޗިއްސެވެ.

އެދުވަހު އަޒްކާ އެގެއަށް އައީ ވަރަށް ލަހުންނެވެ. ހަފީޒާ މެންދުރުފަހު ދަންޏާ އަޒްކާއަށް ކައްކާކަށް ނުޖެހޭނެއެވެ. އަޒްކާއައީ މެންދުރު ގެއިން ކައިގެނެވެ. އަޒްކާ އައިއިރު އަލީ ސޯފާގައި އިނެވެ.

“އަޒްކޯ. ކޮބާ އަޒްމީލު؟ އަދިވެސް ތަނަކަށް ނުވަދޭތަ؟” އަލީއަށް އަޒްކާ ފެނުމުން އަހާލިއެވެ.

“އަލީބޭ! އަލީބެ ކޮން އިރަކު އައީ؟ ދޮންބެ އުޅެނީ ފާޑަކަށް މިހާރު. ދޮންބެ އުޅޭގޮތުން ވަރަށް ދެރަވޭ. ނޭގެ ދޮންބެއަށް ކިހިނެއްވެފަ ކަމެއްވެސް އެހުންނަނީ.” އަޒްކާ ބުންޏެވެ.

“އަލީބެއަށްވެސް އަޑު އިވެޔޭ. ފައުޒާން މެނާއެއްކޮން ކިހާ މަޖާކޮންތަ ކުރިން އުޅުނީ. ދޮންބެއާ ވާހަކަ ދައްކާލެވޭނެ ގޮތެއް ނޯންނާނެތަ؟” އަލީ އަހާލިއެވެ.

“އަލީބޭ. ދޮންބެ ލޮލަށް ފެނިގެނެއްނު ވާހަކަ ދެއްކޭނީވެސް. ދޮންބެ ނިދަން އަންނާނީ އެހާލަހުން. އައިސް ނިދާނީކީ ނޫން އަދި. ފިލްމު ބަލަން އޮންނާނީ. ދެން ނިދާމީހާ ހޭލާނީ ހަވީރު އަސުރުވީމަ. ހޭލައިގެން ގެއިން ނައްޓާލާ މީހާ ދެން ނުފެންނާނެ. އެއީ ދޮންބެ އުޅޭ ގޮތަކީ. ގެއިން ކަނީކީނޫން.” އަޒްކާއައިސް ސޯފާގައި އިށީންނަމުން ބުންޏެވެ.

“ދެން ދޮންބެ ލާރި ހޯދަނީ ކިހިނެއް؟” އަލީ ބުންޏެވެ.

“މަންމަދޭނެނު. މަންމަ ވަރަށް އެއްޗިހި ކިޔާފަ ދޭނެ ލާރި. ބައްޕަވެސް ހަމަ އެހެން ހަދާނީ.” އަޒްކާ ބުންޏެވެ.

“މަންމަމެން ކައިރީ ބުނެބަލަ އެހެން ލާރި ނުދޭށޭ. އަމިއްލަ މަސައްކަތް ކޮށްގެން ލާރިހޯދޭވަރުގެ ކުއްޖެއްވިއްޔަ އެއީ.” އަލީ ބުންޏެވެ. އެވަގުތު ހަފީޒާ ނަރުސް ޔުނީފޯރމުގައި ނުކުތީ ޑިއުޓީއަށް ދާށެވެ.

“ހަފީ އެކަނިތަ ދަނީ؟” އަލީ އަހާލިއެވެ.

“ވާޒް އެބައާދެ. އެކުދިން އަހަރެން އެކަނިދިޔަ ދޭނެތަ؟” ހަފީޒާ ބުންޏެވެ. “ހިބާ. ޒާންއާ ވާޒްއާ އައިމަ އެންމެނަށް އެއްކޮން ކާން ހަދާނީ އިނގޭ. ހިބާވެސް އެމީހުނާއެއްކޮން ކާންވާނެ. އެއީ އަލީބެ އުޅެންޏާ މިގޭގެ އާދައިކީ.” އެވަގުތު ބަދިގެއިން ނިކުތް ހިބާ ފެނުމުން ހަފީޒާ ބުންޏެވެ.

“ކުޑައްތަ ނުކައިތަ ދަނީ؟” ހިބާ އަހާލިއެވެ.

“އާން ޓައިމްއެއް ނެތެއްނު. ދެން އެކޮޅުން ސައިބޯނީ. މިވަގުތު އަލީބެއަށްވެސް ޖޫސްތައްޓެއް ގެނޭ. ޒާންމެން އައިމަ އަލީބެވެސް ކާނީ.” ހަފީޒާ ނިކުންނަން ދަމުން ބުނެލިއެވެ.

ނަދުވާ ފޯނުގައި އޮންނަތާ ދެގަޑިއިރު ވެއްޖެއެވެ. އޮފީހުން އައިގޮތަށް ސޯފާމަތީ ފޯނުގައި އޮތެވެ. ނަދީމާ އިރުކޮޅަކާ ނަދުވާއަށް ބަލައިލައެވެ. ނަދުވާ ތުއިވެ ތުއިވެފައި ފޯނުން ވާހަކަ ދައްކަމުން ދެއެވެ. ނަދުވާ ވާހަކަ ދައްކާލެއް މަޑުވީމަ ކިޔާއެއްޗެއް ނަދީމާއަކަށް ނީވެއެވެ.

ކުއްލިއަކަށް އެގެއަށް ފައުޒާން ވަންތަން ފެނުނެވެ. ނަދީމާ އިނީ ހައިރާން ވެފައެވެ. ނަދުވާ ފޯނުން ވާހަކަ ދައްކަނީ ފައުޒާންއާ ނޫންކަން ނަދީމާއަށް އިނގުނީ އަދިކިރިޔާއެވެ.

“އޭ. ފަހުން ގުޅާނަން އިންގޭ. މިވަގުތު ބިޒީވެއްޖެ.” ނަދުވާއަށް ފައުޒާން ފެނުމުން ބުންޏެވެ. އަދި ތެދުވެގެން ފައުޒާން ކައިރިއަށް ދިޔައެވެ.

“ހިންގާ ކާން.” ފައުޒާންގެ އަތުގައި ހިފާލަމުން ނަދުވާ ބުންޏެވެ.

“މިއައީ ކައިގެން. ބައްޕަ އުޅެންޏާ އެހެންތާކުން ކެޔަކަ ނުދޭނެނު.” ފައުޒާން ބުންޏެވެ.

“އަލީބެ އެބައުޅޭތަ؟ ކޮންއިރަކު އައީ؟” ނަދުވާ އަހާލިއެވެ.

“އާން. މިއަދު އައީ. ނަދޫ ހިންގާބަލަ ބޭރަށްދާން މިރޭ. ކިހާ ދުވަހެއް ވެއްޖެ އަހަރުމެން ބޭރަށް ނުދާތާ.” ނަދުވާ އަތުގަ ހިފައިގެން އައިސް ސޯފާގައި އިށީންނަމުން ފައުޒާން ބުންޏެވެ.

“ދެން އެކަމު މިރެއަކު ނުދެވޭނެ. މިރޭ މިއުޅެނީ ރައްޓެހި ކުއްޖެއްގެ ބާރތްޑޭ ސެލިބްރޭޓް ކުރަންދާންވެގެން.” ނަދުވާ ބުންޏެވެ. ފައުޒާން އަނގައިން ނުބުނެ ޓީވީ ރިމޯޓް ނަގާ ޓީވީ ހުޅުވާލިއެވެ. މިހާރަކަށް އައިސް ނަދުވާ ފައުޒާންއާއި އެކު އެއްގޮތަކަށްވެސް ބޭރަކަށް ނުދެއެވެ. އަބަދުވެސް ކޮންމެސް ބަހަނާއެއް ދައްކައެވެ. އެކަން މިހާރު ފައުޒާންއަށްވެސް ފާހަގަ ކުރެވިއްޖެއެވެ.

“އަޒްކާ ބުނެގެން ހިބާ އަޒްކާމެން އުޅޭ ބަޔަށް ފޭބިއިރު އަޒްކާ ހުރީ ދޮރުކައިރީއެވެ. ހިބާ ފެނުމުން ހިބާ ގޮވައިގެން އެތެރެއަށް ވަނެވެ. އޭރު ޝަކީލާ ޓީވީން ދައްކާ ސިލްސިލާއަކަށް ގެއްލިފައި އިނެވެ.

“މަންމާ. މިހިރީ ހިބާ. ކުޑައްތަމެންގޭގަ އުޅޭ ކުއްޖާ ގެނެސްބަލާށޭ ބުނީމެއްނު ދައްކާލަން.” ހިބާއައިސް ޝަކީލާ ކައިރިއަށް ހުއްޓެމުން ބުންޏެވެ.

“އާން. އެހެންތަ. ދޭބަލަ ހިބާއަށް ސައިދޭން.” ޓީވީއަށް ބަލަންއިންދެ މާބޮޑު ސަމާލުކަމެއް އަޒްކާއަށް ނުދީ ޝަކީލާ ބުނެލިއެވެ.

އަޒްކާ ހިބާގޮވައިގެން ބަދިގެއަށް ވަނީ ޝަކީލާ ބުނިފަދައިން ހިބާއަށް ސައިދޭށެވެ. އަޒުމީލު ބަދިގެއަށް ފެންބޯން ވަންއިރު ހިބާއާއި އަޒްކާ ތިބީ ފާރޮށްޓާ ސަޔާބޯށެވެ. އަޒުމީލުއަށް ހިބާ ފެނުމުން ވަރަށް ރަގަޅަށް ހިބާއަށް ބަލައިލިއެވެ. ވަރަށް ރީތި ކުއްޖެކެވެ. ނަދުވާއަށް ވުރެން އެތައްގުނައެއް ރީއްޗެވެ. ފައުޒާންއަށް އެރީތިކަމެއް ނެފެނޭބާއެވެ.

“އަޒްކޯ. ދޮންބެއަށްވެސް ސައިތައްޓެއް ހަދާދީބަލަ.” އަޒްމީލް ބޭނުންވީ ކުޑަކޮން ހިބާއާ ވާހަކަ ދައްކާލާ ރައްޓެހިވެލާށެވެ.

އަޒްކާ ހައިރާންވެފައި އަޒްމީލަށް ބަލަން އިނެވެ. “އަޒްކޯ؟ ސައިތައްޓެއް.” އަޒްމީލް އަނެއްކާވެސް އެހެން ބުނަމުން ހިބާގެ ކުރިމަތިން އިން ގޮނޑީގައި އިށީނެވެ.

ހިބާ އަޒްމީލަށް ބަލައިލިއެވެ. ފަކުރެއްހެން ހީވާ މީހެކެވެ. އިސްތަށިގަނޑު ދިގުކޮށްފައި ތަތްކޮށްލާފައި އޮތްއިރު ކޮނޑާ ހަމައަށް އަރައެވެ. އެއްކަންފަތުގައި ބޮޅެއް ލާފަ ހުރިއިރު ކަޅުކުލައިގެ ޕެކިންތަކަކާ ރޮދިންގަތާފަ ހުރި އެއްޗިހި ތަކެއް ކަނާތުގައި އަޅާފައި ހުއްޓެވެ. ހިބާއަށް އަޒްމީލުގެ ލޮލަށް ބަލައިލެވުނުއިރު އަޒުމީލުވެސް އިނީ ހިބާއަށް ބަލާށެވެ. ކޮންމެ ގޮތަކަށް މީހާ ހުއްޓަސް އެލޮލުގައި ޖާދޫއެއް ވެއެވެ. ހިބާއަށް އެލޮލުގައި އަޅައިގަނެވުނެވެ. ރީތި ލޮލެކެވެ. މުށިކުލައެއް އަރާފައިވާ ތޫނު ލޮލެކެވެ.

“ހިބާތަ ކިޔަނީ؟” އަޒްމީލު ފުރަތަމަ ފަހަރަށް ހިބާއާއި ވާހަކަ ދެއްކިއެވެ.

ހިބާ ބޯޖަހާލިއެވެ. “އަޒްކޮއާ ރައްޓެހީ ކިހިނެއް؟” އަޒްމީލަށް އެނގިހުރެ އެހެން އަހާލީ ހިބާއާއި ވާހަކަދައްކާ ހިތުންކަން އަޒްކާއަށް އިގުނެވެ. ކުރީދުވަހު ހިބާގެ ވާހަކަ އަޒްކާގެ މަންމައަށް ކިޔައިދިންއިރު އަޒްމީލު އެތާ ހުރިކަން އަޒްކާ ހަދާނެއް ނުނެތެއެވެ.

“އަޒްކާއާ އެއް ކޮލެޖެއްގަ އުޅޭތީވެ.” ހިބާ މަޑުމަޑުން ބުނެލިއެވެ. އެގޮތަށް ތިބޭ މީހުނާ ހިބާއެހާ ވާހަކަ ދައްކާހިތެއް ނުވެއެވެ.

“ހިބާގެ މޫނުމަތިން ކުޑަކުއްޖެއްހެން ހީވިއަސް ހީވަނީ ތީ ވަރަށް ވިސްނޭ އަންހެން ކުއްޖެއްހެން. ހިބާ ކޮންރަށެއްތަ؟” އަޒްމީލު އެހިއެވެ.

އެކިވާހަކަ އޮޅުންފިލުވަމުން އަޒްމީލު ދިޔައެވެ. ހިބާވެސް ކޮންމެ ސުވާލަކަށް ޖަވާބުދެވޭތޯ ބެލިއެވެ. އަޒްކާ އަޒްމީލުގެ ސައިތަށި ބަހަށްޓާފައި އިށީންއިރު އަޒްކާއަށް ވިސްނެމުން ދަނީ މިހާރު އެހެން ކަމަކާއެވެ. އަޒްމީލަށް ހިބާ ކަމުދިޔައީ ބާއެވެ. ހިބާއަށް އަޒްމީލް ރަގަޅު ކުރެވޭނެ ބާއެވެ. ހިބާއާ އަޒްމީލް ގުޅިއްޖެއްޔާ ރަގަޅުވާނެ ބާއެވެ. އަޒްމީލް ހިބާދެކެ ލޯބި ވެއްޖެއްޔާ ހިބާބުނާގޮތްވެސް ހަދާނެތާއެވެ. އޭރުން ފަހަރެއްގައި ރަގަޅުވެސް ވެދާނެ ކަންނޭގެއެވެ. އަޒްކާގެ ހިތަށް ތަފާތު އެއްޗިހި އަރަމުން ދިޔައެވެ.

އެރޭ ކާގަޑިއަށް ހިބާ ގެއަށް ދިޔައެވެ. އޭރު ފައްވާޒް އާއި އަލީ ވާހަކަދައްކަން ތިއްބެވެ. ހިބާ އައިސް ގެއަށް ވަންތަނާހެން ހަފީޒާވެސް އައިސް ގެއަށްވަނެވެ. ހަފީޒާ ފަހަތުން ފައުޒާން ވަނުމުން ފައުޒާންއެއައީ ހަފީޒާ ގޮަވައިގެންކަން އިނގުނެވެ.

ހިބާ ބަދިގެއަށްވަދެ ކާން ހެދިއެވެ. މޭޒުމައްޗަށް ނަގަން ޖެހޭއެއްޗިހި ނެގުމަށްފަހު ތަށިތައް އަތުރާލިއެވެ. ހަފީޒާވެސް ތާޒާވެލައިގެން ބަދިގެއަށް އައެވެ. ހިބާ ދޭ ޒާންއަށް ކާންގޮވަން. ޒާން އައިގޮތަށްއައިސް މައްޗަށް އަރައިފި.” ހަފީޒާ ބުންޏެވެ.

ހިބާ މައްޗަށްއަރާ ފައުޒާން ކޮޓަރީގައި ޓަކި ޖަހާލިއެވެ. އަޑެއް ބަޑެއް ނީވުނެވެ. އަނެއްކާވެސް ޖަހާލިއެވެ. އަޑެއް ނީވުނެވެ. ތަޅުގައި ހިފާ އަނބުރާލުމުން ދޮރު ހުޅުވުނެވެ. ހިބާ މަޑުމަޑުން އެތެރެ ބަލައިލިއެވެ. ފައުޒާން އޮތީ ޓީޝާރޓް ބާލައިގެން ހަމައެކަނި ޖީންސް ލައިގެން އެނދުގައި ހުރަހަށް އޮށޯވެލައިގެނެވެ. ފައިކޮޅުވަނީ އެނދުން ބޭރަށް އެލުވާލާފައެވެ. ލޯމަރައިގެން އޮތްގޮތުން ހީވަނީ ނިދާފައި އޮތް ހެނެވެ.

ހާމަވެފައިވާ ފައުޒާންގެ ކަސްރަތީ ހަށިގަނޑު ފެނުމުން ހިބާއަށް ހުއްޓުންއެރިއެވެ. ވަރަށްވެސް ފިރިހެންވަންތައެވެ. ހިބާ ގުޑިލަންވެސް ނޭގިފައި އިރުކޮޅަކު ފައުޒާންއަށް ބަލަން ހުއްޓެވެ.

“ފައުޒާން! ފައުޒާން!” ދެފަހަރަކު ގޮވާލުމުންވެސް ފައުޒާންއެއް ލޮލެއް ނުހުޅުވިއެވެ. ދެން ގޮތެއް ނެތިގެން ކޮޓަރީގެ ދިމަދިމާއަށް ނަޒަރު ހިންގާލިވަގުތު ހިބާގެ ލޮލުގައި އަޅައިގަތީ މޭޒުމަތީ އޮތް ފޮޓޯ އަލްބަމެކެވެ. ވިސްނާލުމެއްނެތި ހިބާގޮސް އަލްބަމް ނަގާ ހުޅުވާލިއެވެ. އޭގައިވަނީ ހުސް ނަދުވާގެ ފޮޓޯއެވެ. ނަދުވާއާއި ފައުޒާން ވަރަށްވެސް ގައިގޯޅިކޮން ނަގާފައިވާ ފޮޓޯވެސް އޭގައި ހުއްޓެވެ. އެފޮޓޯތައް ފެނުމުން ހިބާގެ ހިތަށް ގޮތްވިއެވެ. ކީއްވެކަމެއް ހިބާއަކަށް ނޭގެއެވެ. ފާޑަކަށް މާޔޫސްވިއެވެ. ކީއްވެ ހެއްޔެވެ. ފައުޒާންއަކީ ހިބާގެ ލޯބިވެރިޔާ އެއްވެސް ނޫން ވިއްޔާއެވެ. އެކަމަކުވެސް ހިބާގެ ހިތަށް ތަދުވަނީއެވެ. ކުއްލިއަކަށް ފަހަތުން މީހަކު އަލްބަމު ޖަހައިގަތެވެ. ހިބާ ސިއްސައިގެންގޮސް ފަހަތައް އެނބުރުނެވެ.

“މީހުންގެ އިޒުނައާ ނުލާ މީހުންގެ ކޮޓަރިއަށް ވަދެގެން މީހުންގެ އެއްޗިހި ބަލާނީ އެއްގޮތަކަށްވެސް މިހިރަ ސިކުނޑީގަ ތެތްކަމެއް ނެތީމަ.” ހިބާގެ ބޮލުގަ އިނގިލި ޖައްސާލާފަ ފައުޒާން ބުންޏެވެ.

“ހިބާ މިއައީ ކޮންމެހެން ތި އަލްބަމް ބަލާކަށްނޫން. ހިބާމިއައީ ކުޑައްތަ ބުނެގެން ފައުޒާންއަށް ކާން ގޮވަންވެގެން.” ހިބާ ތުން އަނބުރާލަމުން ކޮޓަރިން ނިކުންނަން ހިގައިގަތެވެ. ފައުޒާން ކުއްލިއަކަށް ހިބާގެ އަތުގައި ހިފިއެވެ.

“ކާން ގޮވަން އައިސް ނުއެއް ގޮވަމެއްނު.” ފައުޒާން ބުންޏެވެ.

“ގޮވީމަވެސް ނުއެއް ހޭލިވިއްޔަ.” ހިބާ ފައުޒާންއާއި ދިމާއަށް އެނބުރެމުން ހިބާގެ އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ކޮށްޓާލާފަ ގޮވާލިނަމަ. އޭރުން ހޭލެވުނީހެއްނު.” ފައުޒާން ބުންޏެވެ.

“ހިބާ ކޮންމެހެން ނޫޅެމޭ ހިލޭ ފިރިހެނުން ގައިގަ ކޮށްޓާ ހިތަކުން. ހިލޭ ފިރިހެނުން ގައިގަ ބީހުމަކީ ހަރާން ކަމެކޭ.” ހިބާ ބުންޏެވެ.

“ތިކަމެއްނޭގެ. މިހާރުވެސް ތިހިރީ މަގޭ އަތުގަ ހިފައިގެނެއްނު.” ލާނެތް ހިނިތުންވުމެއް މޫނުމައްޗަށް ގެންނަމުން ފައުޒާން ބުންޏެވެ.

“ހިބާތަ މިހިރީ ހިފައިގެން. ފައުޒާންއެއްނޫންތަ ހިބާގެ އަތުގަ ހިފައިގެން ތި ހުންނަނީ.” ހިބާ ކައިރިއަށް ރުޅިއަންނަގޮތް ވިއެވެ. އަދި އަތް ފޮޅުވާލުމަށް މަސައްކަތްކޮށްކޮށްވެސް އެކަމެއް ނުވިއެވެ..

“ހިބާވެސް ހިފީމަނު މަށަށްވެސް ހިފައިގެން މިހުރެވެނީ.” ފައުޒާން ބުންޏެވެ. ހިބާ ކުއްލިއަކަށް ލުއްކެއް ޖެހުމުން ފައުޒާންގެ އަތުން ހިބާގެ އަތް ދޫވިއެވެ. ފައުޒާން ހިނިއައިސްފައި ބަލަން ހުއްޓެވެ. ހިބާ ލޯއަޅާލަމުން ކޮޓަރިން ނިކުމެގެން ތިރިއަށް ފޭބިއިރު ހަފީޒާ ލަސްވެގެން ސިޑިކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

“ކޮބާ ޒާން. ހާދަ ލަހޭ.” ހަފީޒާއަށް ހިބާ ފެނުމުން ބުންޏެވެ.

“އާން… ފައުޒާން ނިދާފަ އޮތީ…. މިހާރު އެކަމު ހޭލައިފި. އެބައާދެ.” ހިބާ އަވަސް އަވަހަށް ބުންޏެވެ.

ހަފީޒާއާއި ހިބާ ގޮސް ބަދިގެއަށް ވަންތަނާ ފައުޒާންވެސް އައިސް ވަނެވެ.

*    *    *    *    *    *    *    *    *    *    *    *    *

ފައްވާޒް އާއި ރިފާ ކިތަންމެ ކުޑަކޮން ކައިވެނީގެ ހަފްލާ ބާއްވަން ގަސްތުކޮށްގެން ތިއްބަސް އަލީ އެކަމާ އެހާ ގަބޫލެއް ނުވިއެވެ. އަލީ ބޭނުންވަނީ ތަންކޮޅެއް ބޮޑުކޮން ބާއްވާށެވެ. އަލީގެ އެންމެ ދޮށީ ދަރިފުޅުގެ ކައިވެނި ކުލަގަދަކޮން ފާހަގަ ކުރަން އަލީ ކިތަންމެހާވެސް ބޭނުންވެއެވެ.

އެންމެފަހުން މާލޭގެ ބޮޑު ރެސްޓޯރެންޓެއް ހިފައިގެން އެތާ ބާއްވާ ގޮތަށް ހަމަޖެހުނެވެ. ދެން އޮތީ ކައިވެންޏަށް ތައްޔާރުވުމެވެ. ރިފާއާއި ފައްވާޒުގެ ކައިވެނީގެ ހެދުން ފަހަން މިހާރުވަނީ ތަނަކަށް ދީފައެވެ. އެހާ ވަގުތު ކައިރިވެފައި ވުމުން އެހެން މީހުން ހެދުން ގަންނަން ނިންމިއެވެ. އެގޮތުން ނަދުވާއާއި ފައުޒާން އެދުވަހު ބާޒާރަށް ނިކުތެވެ. އަދިހަމަ ހިބާވެސް އަޒްކާއާއި އެކު ބާޒާރަށް ނިކުތެވެ.

އަޒްކާއާއި ހިބާ ހެދުން ގަނެގެން ފައިވާން ވިއްކާ ފިހާރައަކަށް ވަންނަން އުޅުނީ ފައިވާނެއް ގަންނާށެވެ. އޭރު އެފިހާރައިގައި ނަދުވާ ހުރެގެން ފަހަރަކު ފައިވާނަކަށް އަރާ ހެޔޮވަރު ކުރަމުން ދެއެވެ. ފައުޒާން ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އަޒްކާއާއި ހިބާއަށް ފައުޒާން ފެނުމުން އަވަހަށް އެފިހާރައަށް ވަންނަން ދިމާކޮށްލިވަގުތު ފައުޒާންއަށްވެސް އެމީހުންފެނިގެން ހިނިތުންވެލަމުން އަތުން ހަނާއަޅާލިއެވެ.

ހީލީމަ ފައުޒާން ހާދަ ރީއްޗެވެ. ފިރިހެންވަންތަކަން ފެންނަނީ ހީލީމައެވެ. ލޮލުގެ ވިދުންވެސް ގަދައެވެ. ހިބާ ފައުޒާންއާއި ދިމާއަށް ބަލަން ހުރެގެން ހިޔާލުގައި ހުރެ ގޮސް ފިހާރައިގެ ބިއްލޫރި ގަނޑުގައި މޫނުޖެހުން އިރުވެސް ހިބާއަކަށް ނޭގުނެވެ. ސިހިގެންގޮސް ބަލައިލިއިރު ފައުޒާން ފިހާރަތެރޭ އިންގޮތަށް އިނދެ ހެނީއެވެ.

“ހިބާ ކިހިނެއް ތިހެދީ؟ ދޮރުވެސް ނުފެނޭތަ؟” އަޒްކާވެސް ހެމުން ހެމުން ފިހާރަތެރެއަށް ވަންނަމުން އެހިއެވެ.

“ނަދުއްތާ.” އަޒްކާއަށް ނަދުވާ ފެނުމުން ގޮވާލިއެވެ. “އަޒްކޮއަށް ވެސް ރީތި ފައިވާނެއް ދައްކަބަލަ.” އަޒްކާ ބުންޏެވެ.

ފައުޒާން ހެމުންހެމުން ހިބާއަށް ބަލައިލިއެވެ. ހިބާ ފައުޒާންއަށް ލޯއަޅާލިއެވެ.

“ވާލަކީ ކަނު އެއްޗެކޭ ބުނޭ. އެއީ ތެދެއްކަން ދެންމެ އިނގިއްޖެ.” ހިބާއާއި ކައިރިވެލަމުން ފައުޒާން ބުންޏެވެ. ހިބާ ތުން އަނބުރާލަމުން ފައުޒާންއާއި ދުރަށް ދިޔައެވެ.

ނަދުވާ އުޅެނީ ނަދުވާއަށް ހެޔޮވަރުގެ ފައިވާނެއް ނުލިބިގެނެވެ. ރީތި ފައިވާނެއް ވިއްޔާ ނަދުވާއަށް ކުޑައެވެ. ހިބާވެސް އެތަނުން ފައިވާން ހެޔޮވަރު ކުރަން ފެށިއެވެ. ކޮންމެ ފައިވާނެއްވެސް ހިބާއާ ވަރަށް ގުޅެއެވެ. ހުރިހާ ފައިވާނެއްވެސް ހީވަނީ ހިބާއަށް ހަދާފަ ހުރި އެއްޗިހި ހެނެވެ. އަޒްކާ ދެއްކި ފައިވާނެއް ހިބާނެގިއެވެ. އެއީ ކުކުޅުބިސް ކުލައިގެ ފައިވާނެކެވެ. ހިބާގަތް ހެދުމާ ގުޅޭނެކަމަށް އަޒްކާ ބުންޏެވެ.

“ދައްކަބަލަ ތިމީހުން ގަތް ހެދުން.” ނަދުވާ ބުންޏެވެ.

“ނޯވޭ. އެއީ ސަރޕްރައިސްއެއް. އެދުވަހު ދެން ފެންނާނެނު.” އަޒްކާ ބުންޏެވެ.

ހިބާ އާއި އަޒްކާ ނުކުންނަނިކޮން ފައުޒާން ހިބާއަށް ވަރަށް ފުންކޮން ބަލައިލިއެވެ. ހިބާ ހުރީ ޖީންސްއަކާއި ޓޮޕެއް ލައިގެނެވެ. ގަޔަށް ހިފާފައިވާ ޓޮޕުން ހިބާގެ ހަށިގަނޑުގެ ވަނާތައް ކޮންމެސް ވަރަކަށް ފާޅުވާން ހުއްޓެވެ. ހިބާގެ ހަށިގަނޑު ހީވަނީ ކުޑަކުއްޖެއް ހެނެވެ. މޫނުމަތިންވެސް ޅަގޮތް ހުއްޓެއްކަމަކު ހިބާގެ ހުންނަ ރީތި ކަމަކުން އަޅައިގަންނަ ގޮތެއް ހުރެއެވެ. ތަންކޮޅެއް ބޮޑުވީމަ ވަރަށްވެސް ރީތި އަންހެން ކުއްޖަކަށް ހިބާވާނެއެވެ. ހިބާއާމެދު މިހާރަކަށްއައިސް ފައުޒާންއަށް ވިސްނެނީ ކީއްވެހެއްޔެވެ. ނަދުވާއަކީ ފައުޒާންގެ ލޯބިވެރިޔާއެވެ. ނަމަވެސް އަބަދު ހިބާ ފެނުމަށް އެދެވެނީ ކީއްވެ ހެއްޔެވެ. ފައުޒާން ފުން ހިޔާލެއްގެ ތެރޭ ހުއްޓެވެ. ފައިވާން ގަނެގެން ނަދުވާ އައިސް ކައިރީގައި ހުއްޓުން އިރެއްވެސް ފައުޒާންއަކަށް ނޭގެއެވެ.

“ކޮން ހިޔާލެއްގަ؟” ނަދުވާ ފައުޒާންގެ އަތުގައި ހިފާލަމުން ބުންޏެވެ. ފައުޒާންއަށް ހިޔާލުތަކުން ދުރަށްދެވުނީ ދެނެވެ.

*    *    *    *    *    *    *    *    *    *    *    *    *        ދެދުވަހެއް ފަހުން ފައުޒާން ޑިއުޓީއަށްދާން ނިކުތްއިރު ހިބާއުޅެނީ އެއްޗިހި ދޮންނާށެވެ. އޭރު ގަޑިން އެކެއް ޖަހަން އުޅެނީއެވެ. އެވަގުތު ހަފީޒާވެސް ޑިއުޓީ ނިންމާފައައިސް ކައި ހަދައިގެން އަލީއާއެކު ސޯފާގައި ތިއްބެވެ. އާދައިގެ މަތިން ފައުޒާން އެންމެކުރިން ފޭބީ ނަދުވާމެން ބަޔަށެވެ. އޭރު ނަދުވާވީ އޮފީހުގައެވެ. އެހެންކަމުން ނަދުވާ ކޮއްކޮ ނަވާލްއާއި އެކު ކުޑަކޮން ސަކަރާތް ޖަހާލާފައި އެބައިން ނިކުމެގެން ތިރިއަށް ފައިބާ ސައިކަލު ކައިރީ މަޑުކޮށްލުމަށްފަހު ގެއާދިމާއަށް ބަލައިލިއެވެ. އޭރު އަޒްކާ ބެލްކަނިން ބޯދިއްކޮށްލައިގެން އޮތެވެ. އަޒްކާ ފައުޒާންއަށް ހަނާއަޅާލިއެވެ. ފައުޒާން އަޒްކާއަށް ހީލަމުން ގޭގެ އެންމެ މައްޗަށް ނަޒަރު ހިންގާލިވަގުތު ފައުޒާންއަށްހީވީ ފައުޒާންގެ މޭގަނޑު އަނގައަށް އައިހެނެވެ. ވަރަށް ބާރަށް ފައުޒާން ގެއާދިމާއަށް ދުއްވައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަ ލޯބިންނޭ…. (29)

Next

މިހިތުގެ ލޯތްބޭ ތީ 12

Next
April 4, 2016

މިހިތުގެ ލޯތްބޭ ތީ 12

Previews
April 4, 2016

ހާދަ ލޯބިންނޭ…. (29)

12 Comments!

  1. Thukko says:
    April 4, 2016 at 3:22 pm

    Alheyyyy v rythi…… Waiting 4 next part

  2. Thukko says:
    April 4, 2016 at 3:23 pm

    Me first

  3. Anonymous says:
    April 4, 2016 at 3:31 pm

    Maa Sha Allah vrh reethi.. dhn kn irakun aneh part up kohdheynee.. kehtheri kameh nethi inthizaaruga.. haadha ey reethee.. plx avahaa up kohdheeba.. plxx plx plx plxx Aasi

  4. shinnu says:
    April 4, 2016 at 3:36 pm

    Alhey haadha salhi stor ey.

  5. Ze says:
    April 4, 2016 at 3:39 pm

    V v salhi migothah hurihaa vaahakaehves avahah genesdheynama

  6. Ze says:
    April 4, 2016 at 3:41 pm

    Avahah up kohdheeba plx

  7. aish says:
    April 4, 2016 at 4:08 pm

    v reethi
    axko vetuneee baa

  8. Shifoo says:
    April 4, 2016 at 4:49 pm

    Alhey e oh ninmaali hisaabeh dhw… hibaa vehteynee thr..? Vaahaka v v v reethi… nxt part v avahah up kohdheeber

  9. noo says:
    April 4, 2016 at 7:17 pm

    Salhikan

  10. Aimsithu says:
    April 4, 2016 at 7:22 pm

    Hibaa terrace ga thaoche

  11. Saee says:
    April 5, 2016 at 1:18 am

    V salhi

  12. Faxoo says:
    April 23, 2016 at 11:56 am

    whats hapening 😮 mi part ves varah nice

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 7 ވަނަ ބައި←


All Right Reserved!