Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 2 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 3, 2016 10 Mins Read
3 Comments

ޖަންނަތު އައިސް ކެބިންއަށް ވަދެ ފައިލް ތަކާ އެއްޗިހި ތަރުތީބު ކޮށްލި އެވެ. މާގިނަ އިރެއް ނުވެ ޒައިދާން އައިސް ކެބިންއަށް ވަނެވެ. އަދި ޖަންނަތު ފެނުމުން ހިނިތުން ވެލި އެވެ. ޒައިދާން ލައިގެން ހުރީ އަތްދިގު ނޫކުލައިގެ ރޮނގުދެމި ގަމީހެކެވެ. ލައިގެން ހުރި ގަދަ ނޫ ކުލައިގެ ފަޓުލޫނުގެ ކަނާތު ޖީބަށް އަތް ޖަހާލައިގެން ވައަތުން އޮފީސް ސޫޓްކޭސް ހިފައިގެން ހުންނަ އިރު ވަރަށް ހައިބަތު ހުރި މީހެއްކަން އިނގެ އެވެ. އެވަގުތު އަބްޔާން ވެސް އައިސް އެތަނަށް ވަނެވެ.

“އަބީ، މިތާ އެކައުންޓެންޓަކަށް އިނގޭ މިލަނީ، އަސްލު މި ހުރިހާ ދުވަހު އެކަންތައް ކުރީ ޖަންނަ، އެކަމު އަބީ ބައްޕަ އެދިގެން ކޮންމެ ހެންވެސް އަބީއަށް ވަޒީފާއެއް ދޭން ވެގެން މި މަގާމަށް މި ލަނީ.” ޒައިދާން އައިސް ޖަންނަތުއާއި ދިމާއަށް ވެސް ބަލައިލަމުން ބުންޏެވެ. “މީގެ ފަހުން އަބީ މަސައްކަތް ކުރާނީ މިތާ.”

ޖަންނަތު ހުރީ ހައިރާން ވެފަ އެވެ. އަބްޔާން ބައްޕަ އަކީ ބޮޑު ވިޔަފާއި ވެރިއެކެވެ. ދެ ދޯނި ގެންގުޅޭ މީހެކެވެ. އަދި ނުވިތާކަށް ކައިރީގައި އޮތް ފަޅު ރަށުގައި މަހުގެ ވިޔަފާރި ފުޅާ ދާއިރާއަކަށް ވެސް ކުރަމުން އަންނަ މީހެކެވެ. އަބްޔާން ބައްޕަގެ މަސައްކަތުގައި ބައިވެރި ނުކޮށް މިތަނަށް އެ ވެއްދީ ކީއްކުރަން ހެއްޔެވެ.

“އަބީ ބައްޕަ ބޭނުން ވަނީ އަބީ ހަރުދަނާ ޒިންމާދާރު މީހަކަށް ހަދަން، ނަސީރުބެ ބުނުއްވާގޮތުން އެކަން ކާމިޔާބުވާނީ އަހަރެން ކައިރީ މަސައްކަތް ކުރީމަޔޯ، އެހެންވެ މިތަނަށް އަބީ ވެއްދީ،” ޖަންނަތު ހައިރާން ވެފައި ހުރިތަން ފެނިގެން ޒައިދާން އިތުރަށް ބުންޏެވެ. “ޖަންނާ، އަބީ ކުރަންވީ މަސައްކަތް އަބީއަށް ކިޔާލަދީ އިނގޭ.” ޒައިދާން އެހެން ބުނެލާފައި ގޮސް ޒައިދާންއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަނެވެ. ޒައިދާން ވަންތަން ބަލަން ހުރެފައި އަބްޔާން ވަރަށް ރީތިކޮން ހިނިތުން ވެލައިގެން އައިސް ޖަންނަތު ކައިރީ ހުއްޓުނެވެ.

“ކޮބާ، މަގޭ ޖޮބް؟”

ޖަންނަތު މޭޒުމަތީ ހުރި ފައިލް ތަކުގެ ތެރެއިން ފައިލްއެއް ނެގި އެވެ.

“ޗެކް ދިސް.” ޖަންނަތު އެ ފައިލް ދިއްކޮށްލުމުން އަބްޔާން އެ ހިފާފައި ހުޅުވާލި އެވެ. އެއީ ޒައިދާން އެރަށުގައި ހިންގާ ކޮސްމެޓިކްސް އެއްޗިހި ވިއްކާ ފިހާރައިގެ އެކައުންޓެވެ. އަބްޔާން ހައިރާން ވެގެން ޖަންނަތުއަށް ބަލައިލި އެވެ.

“މީ މިތާ އެއްޗެއް ނޫނެއްނު؟”

“އާން މުޅި ސީ ބްރީޒް ކޮމްޕެނީގެ ހުރިހާ ވިޔަފާރިއެއްގެ އެކައުންޓް ބަލަން އަބީއަށް ޖެހޭނެ. ސީ ބްރީޒް ކޮސްމެޓިކްސް އެންޑް ސީ ބްރީޒް ގެސްޓް ހައުސް.”

“ހާދަ ހެއްވަޔޭ.” އަބްޔާން ފައިލު ލައްޕާލަމުން ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ. ނަމަވެސް ޖަންނަތު ބަލައިލި ގޮތުން އިތުރު އެއްޗެއް އަބްޔާން ނުބުނެ އެވެ.

“އަބީ އޮފީހަށް އަންނައިރު ތަންކޮޅެއް ޑީސެންޓްކޮން އައުމަށް ވެސް އަހަރެން އެދެން.” ޖަންނަތު ހަށަން ބަނދެލަމުން ބުންޏެވެ. އަބްޔާން ލައިގެން ހުރި އެއްޗިއްސައް އަބްޔާން ބަލައިލި އެވެ. އަދި ޖަންނަތުއަށް ބަލައިލަމުން ހިނިގަނޑެއް ޖަހާލި އެވެ.

“ހަހަހަ… ހާދަ ބޮސީ އޭ.” އަބްޔާން ކައިރިއަށް ހިނިއައީ މީގެ ކުރިން ޖަންނަތު އެގޮތަށް އަބްޔާންއާއި ވާހަކަ ދައްކާފައި ނުވާތީ އެވެ. އަދިވެސް އަބްޔާންއަށް ހެވެނީ ޖަންނަތުއާއި އެ ގޮތް ނުގުޅޭތީ އެވެ.

“އެހާ މަޖާ ކަމެއް ވެއްޖެތަ؟”

“ޖަންނައަކާ ދެން ނުވެސް ގުޅޭ… ހަހަހަހަހަ”

“ކިހިނެއްވީ؟” އަބްޔާން މާވަރަކަށް ހޭތީވެ ޒައިދާން ވެސް ނުކުމެ އަހާލި އެވެ.

“އަޅުގަނޑު އަބީ ކައިރީ އޮފިޝަލްކޮން ހެދުން އެޅުމަށް ބުނީމަ އެ ހެނީ.” ޖަންނަތު އަވަހަށް ބުންޏެވެ. އަބްޔާން ވެސް ހުނުން ހުއްޓާލާފައި ޒައިދާން އަށް ބަލައިލި އެވެ. ޒައިދާން އަބްޔާންއާއި ޖަންނަތުއަށް ބަލައިލާފައި އޭނާގެ ކޮޓަރިއަށް އައުމަށް އަބްޔާން ކައިރީ ބުންޏެވެ.

“އަބީ، ޖަންނަ އެބުނީ އެހެން ޖޯކަކަށް ނޫނޭ،” އަބްޔާން ޒައިދާން ފަހަތުން އައުމުން ޒައިދާން މޭޒު ކައިރީ އިށީނެވެ. އަދި މޭޒުގެ ކުރިމަތީ ޒައިދާން އިށީނުމަށް އިށާރާތް ކޮށްލި އެވެ. “ތިމާ މީހާ ވަޒީފާއަށް އަންނައިރު ތަންކޮޅެއް ރަސްމީކޮން އަންނަން ވާނީ، އެއީ ހުރިހާ ތަނެއްގައި ވެސް އޮންނަ ގަވައިދަކީ، އަދި މަގާމުގެ ގޮތުން ބައެއް ފަހަރު އެގޮތަށް ކޮންމެހެން ހެދުން އެޅުން މުހިންމު ނުވެ ވެސް ހިނގައިދާނެ، އެހެން ނަމަވެސް އަބީއަށް މިފަހަރު ތި ލިބުނު ވަޒީފާގައި އަބީ ޖެހޭނީ ރަސްމީކޮން އަންނަން، އަހަރެން އަބީއަކަށް މަޖުބޫރެއް ނުކުރާނަން ނަމަވެސް އެއީ އަހަރެން ވެސް އެދޭ ގޮތަކީ.” ވަރަށް ސީރިއަސް ވެފައި އިނދެ ޒައިދާން އަބްޔާންއަށް ނަސޭހަތްތެރި ވި އެވެ. އަދި އޮފީހުގައި އަހުލާގީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ވެސް ކިޔައި ދިނެވެ. އަބްޔާން އަބަދު ވެސް ޒައިދާންއަށް ވަރަށް އިހުތިރާމް ކުރެ އެވެ. އެހެން ކަމުން ޒައިދާން ދެއްކި ވަހަކަތައް އަޑުއަހާ ވިސްނާލި އެވެ.

“އަސްލު އަޅުގަނޑަށް ޖަންނަ އެހެން ބުނީމަ ހަމަ ޖޯކަކަށްވީ، ޒައިދާން މިހާރު ތި ވިދާޅުވި ހުރިހާ ވާހަކައެއް ވެސް އަޅުގަނޑަށް އަންޑަސްޓޭންޑް ވެއްޖެ، އެކަމަކު ޖަންނަ އެކަހަލަ ވާހަކަ ދެއްކީމަ ކިހިނެއް ސީރިއަސްކޮން އެވާހަކަ ނަގާނީ، ހީވަނީ ބޮޑު ޖޯކެއްހެން.” ޒައިދާން ދެއްކި ވާހަކަތައް އަޑު އަހަން އިނދެފައި އަބްޔާން ބުންޏެވެ.

“ކީއްވެ ޖަންނަ ދައްކާ ވާހަކަ ޖޯކަކަށް ވާންވީ، ޖަންނައަކީ ވަރަށް ރަގަޅު ކުއްޖެއް، މިރަށުގައި އުޅޭ އެ އުމުރުގެ އަންހެން ކުދިންގެ ތެރެއިން އެންމެ ހަރުދަނާ އެއް ކުއްޖެއް އެއީ، އަބީ ޖަންނައަށް ގަދަރު ކުރަން ދަސްކުރޭ، ޖަންނައަކީ މީހުން ރެސްޕެކްޓް ކުރާ ކަހަލަ އަހުލާގެއްގެ ކުއްޖެއް.”

“އަޅުގަނޑަކަށް ތިކަމެއް ނުވާނެ، އަޅުގަނޑަށް ޖަންނަ ފެންނަނީ ކާޓޫނެއް ގޮތަށް.”

“ޖަންނަގެ ހުރި ރީތި ސިފަތަކާއި ހުރި ހަރުދަނާކަން އަބީއަށް ފާހަގަ ނުކުރެވޭތީ އަބީ ތިގޮތަށް ތި ދެކެނީ.”

“ވެދާނެ ތިހެން ކަމަށް ވެސް، އަސްލު އަޅުގަނޑު އެންމެ ކުޑައިރުން ފެށިގެންވެސް އެއްކޮން އުޅެ އުޅެ އިތުރު ގޮތަކަށް އެނައާއި މެދު ނުދެކެވޭނެތީ މިހެން މި ބުނަނީ، ކުޑަ އިރުން ފެށިގެން ވެސް ޖަންނައަކީ ވަރަށް މަޖާ ކުއްޖެއް، ރުޅިއަރުވާލީމަ ހީވާނީ ހަމަ ކޮއްޔެއްހެން. ހެހެހެ”

ޒައިދާން ހުރީ އަބްޔާން ދައްކާ ވާހަކައިން ހައިރާން ވެފަ އެވެ. އަބްޔާން ގެ ވާހަކައިން ޒައިދާންއަށް ހީވަނީ ޖަންނަތަކީ ކުޅޭ އެއްޗެއް ހެނެވެ. ޒައިދާން ކުޑަކޮން ހިތްހަމަ ނުޖެހުނެއް ކަމަކު އެއްޗެއް ނުބުނެ އެވެ.

“އަޅުގަނޑު އެވަރަށް އޭނަ ރުޅިއަރުވާ އިރުވެސް ކަމަކު ޖެހިއްޖެއްޔާ އެންމެ ކުރިން ދުވާނީ އަހަރެން ހޯދަން. މަޖާ ދޯ، ހެހެހެހެ.” ޒައިދާން އަބްޔާންއަށް ބަލަން އިނެވެ. ޒައިދާންގެ ސީރިއަސް މޫނު ފެނުމުން އަބްޔާންގެ ހިނިތުންވުން ކުއްލިއަކަށް ފިލައިގެން ދިޔަ އެވެ. އަދި ސީރިއަސްކަން މޫނުމައްޗަށް ގެންނަމުން އަވަހަށް ބުނެލި އެވެ. “އަސްލު ހަގީގަތުގަ ޝީ އިޒް މައި ބެސްޓް ފްރެންޑް.” އަބްޔާން ބުނެލި އެވެ.

“ބެސްޓް ފްރެންޑަށް ރެސްޕެކްޓްއެއް ނުކުރަންތަ؟” ޒައިދާން ބުނެލި އެވެ.

“ދެން ރެސްޕެކްޓް ކުރަން އެކަމު ދެން ބައެއް ފަހަރު ދޯ…. ދެން އަސްލު ޖަންނަ އާއި ސަމާސާއެއް ކޮށްލީމަ ވަރަށް މަޖަލޭ، އެކަމަކު ސީރިއަސް ވެގެން ދެމީހުން ތިބޭ ގަޑީ ވަރަށް ގިނަ ވާހަކަ ދެމީހުން ވެސް ހިއްސާ ކުރަން، އެހެންވެ މި ބުނީ އެއީ ބެސްޓް ފްރެންޑްއޭ.” ހީލަމުން އަބްޔާން ބުންޏެވެ.

“އަބީ، އޮފީހުގަ އުޅޭއިރު ސަމާސާ ކުރިއަސް ލިމިޓެއްގަ އިނގޭ އުޅޭނީ، މިތާ އެކަކު އަނެކަކަށް ރެސްޕެކްޓް ކޮށްގެން އުޅެވޭނީ.”

“އަޅުގަނޑު އޮފީހުގަ އުޅޭ އިރު ވިސްނައިގެން އުޅޭނީ. އައި ވިލް ރެސްޕެކްޓް ހަރ.”

ޒައިދާން ބޯ ޖަހާލި އެވެ. އަބްޔާން ހުއްދަ ހޯދައިގެން ތެދުވެގެން ހިގައްޖެ އެވެ. ޒައިދާން އިރުކޮޅަކު ވިސްނުމެއްގައި އިނެވެ. އަދި ހިނިތުން ވެލަމުން މަސައްކަތަށް އެނބުރުނެވެ.

އަބްޔާން އައިސް ޖަންނަތުގެ މޭޒުމަތީ އޮތް ފައިލް ނަގާ ބަލައިލި އެވެ. އަދި ޖަންނަތުގެ އެއް އަރިމަތީ ތަންކޮޅެއް ދުރުގައި ހުރި މޭޒާއި ދިމާއަށް ހިނގައި ގަތެވެ. ޖަންނަތުއާއި އަނގައިން ބުނުމެއް ނެތި އެވެ. ޖަންނަތު އަބްޔާންގެ ހަރަކަތަށް ބަލަން އިނދެފައި ކެބިންއިން ނިކުމެގެން ރިސެޕްޝަންއަށް އައިސް ލާމިޔާއާއި ވާހަކަ ދައްކަން އިނެވެ.

ފަސްމިނިޓު ވެސް ނުވެ އަބްޔާން ވެސް އައިސް ރިސެޕްޝަން ގައި ހުއްޓުނެވެ.

“ހާއި،” ލާމިޔާ އަށް އަބްޔާން ހިނިތުން ވެލަމުން ގޮވާލި އެވެ. “ނައިސް ހެއަރ ސްޓައިލް،” ލާމިޔާ ރަކި ގޮތަކަށް ހީލި އެވެ. “ބޯއި ފްރެންޑެއް ހުރޭތަ؟” ލާމިޔާ އަވަސް އަވަހަށް ބޯ ހޫރާލި އެވެ.

“އަބީ!” ޖަންނަތު ތަންކޮޅެއް ބާރަށް އަބްޔާންއަށް ގޮވާލި އެވެ. އަބްޔާން ހައިރާން ވެފައި ޖަންނަތުއަށް ބަލައިލި އެވެ. އަދި ސޯޓުގެ ޖީބަށް އަތްޖަހާލަމުން ބަލަހައްޓައިގެން ހުއްޓެވެ. ޖަންނަތު އަބިޔާންއަށް ބަލައި ލާފައި ރުޅިއައިސްގެން އެތަނުން ނިކުމެގެން ހިގައްޖެ އެވެ.

“އަހަންނަކަށް ނޭގެ މި އަންހެން ވެރިން ދަސްކުރާކަށް، ހަމަ ނޭގި ހުއްޓާ ރުޅިއައިސްދާނެ.” ޖަންނަތު ދިޔަ ދިމާއަށް ބަލަން ހުރެލާފައި އަބްޔާން ބުނެލި އެވެ. އަދި އަނެއްކާވެސް ލާމިޔާއަށް ހިނިތުން ވެލަމުން އިތުރު ސުވާލު ލާމިޔާއާއި ކުރަން ފެށި އެވެ.

ހަވީރުވެގެން އައި ވަގުތު ޒީނަތު ފޫހިވެފައި ކައުންޓަރުގައި އިނެވެ. މިހާރު ޒީނަތުގެ ގަޑިވެސް ހަމަވާން ކައިރިވެފައި ވުމުން ފާތުން ވެސް އައިސް ފިހާރައިގައި ހުއްޓެވެ. ފާތުން އެއައީ ޒީނަތުއަށް ފަހު އެފިހާރައިގެ ޑިއުޓީ އަށެވެ.

އެވަގުތު ފިހާރައަށް ވަދެގެންއައި އަންހެންމީހާ ފެނުމުން ޒީނަތުއަށް މަޑުމަޑުން ތެދުވެވުނެވެ. އެމީހާއާއި އެކު ހުރި ކުޑަ އަންހެން ކުއްޖާ ޒީނަތުއަށް ހީލި އެވެ. ޒީނަތު ހުރީ އެ އަންހެންމީހާ އާއި ވާހަކަދައްކަން ޖެހިދާނެތީ ކަންތައް ބޮޑު ވެފަ އެވެ. އާއިލާއިން ބޮޑު ފިހާރައެއް ހިންގާ އިރުވެސް އެހެން ފިހާރަ ތަކަށް ވިޔަފާރި ކުރަން އަންނަން ޖެހޭ ހެއްޔެވެ. ޒީނަތު ކުދި ކިޔަމުން ދިޔައީ ހިތުގެ އަޑިންނެވެ.

ޒީނަތު ފެނިފައި ފަރުޒާނާއަށް ހުއްޓުން އެރި އެވެ. ނަމަވެސް އެކަން ދައްކާކަށް ފަރުޒާނާ ބޭނުމެއް ނުވި އެވެ. ފަރުޒާނާގެ ހުންނަ ބޮޑާކަންމަތީ އައިސް ޒީނަތުކުރިމަތީ ހުއްޓުނެވެ. ޒީނަތަކީ ފަރުޒާނާއާއި މާގާތް މީހެއް ގޮތަކަށް ފަރުޒާނާ ނުދެކެ އެވެ.

“ސޭޓް، ނަގާބަލަ 3 ކިލޯ އަލުވި.” އަމުރުވެރި ރާގަކަށް ފަރުޒާނާ ސޭޓުއޭ ކިޔައިފައި ޒީނަތުއާއި މުހާތަބު ކުރުމުން ޒީނަތު އެކަމާ ހުރީ ވަރަށް ނުރުހުން ވެފަ އެވެ. ހަޅޭއްލަވައި ގަންނަން ހިތައް އަރާފައި ވެސް ވަޒީފާއާއި ދޭތެރޭ ވިސްނާލެވުނެވެ.

“ފާތުން، ނަގާދީބަލަ މިބޭފުޅާ އެ ބޭނުންވެލައްވާ އެއްޗެއް.” މަލާމާތުގެ ރާގަކަށް މާތްބަހުން ޒީނަތު އެހެން ބުނީ ސީދާ ފަރުޒާނާގެ މޫނަށް ބަލަން ހުރެއެވެ. ފާތުން އަވަހަށް އެ ހިދުމަތް ދިނުމަށް އުޅެން ފެށިއެވެ. ފަރުޒާނާއަކީ ޒީނަތުގެ ބޮޑުބޭބެގެ އަންހެނުންކަން ފާތުންނަށް އިނގެ އެވެ. ފަރުޒާނާ އެއްމިޔަ ކަނުން ހީލައިގެން ޒީނަތުއަށް ބަލަހައްޓައިގެން ހުއްޓެވެ. ޒީނަތު ގޮނޑީގައި އިށީނދެ ކައުންޓަރު މަތީ އޮތް ކަލްކިއުލޭޓަރ ނަގާ ފިތަން ފެށި އެވެ. އައިސްފަ ހުރި ރުޅިގަނޑު އެއަށް ބާލަން ގަސްތުކޮށްގެން ކަންނޭގެ އެވެ. ނަންބަރުތަކަށް ފިތަ ފިތަ އިނެވެ.

“ޒީ ދައްތާ. ހާދަ ދުވަހެއް ވެއްޖެޔޭ ނުފެންނަތާ،” ފަރުޒާނާ ކައިރީ ހުރި ބާރަ ވަރަކަށް އަހަރުގެ މުޒުނާ އެހި އެވެ. “މިހާރު މުޒޫ މެންގެއަށް ނުވެސް ދަމެއްނު.” މުޒުނާއަށް އެއްވެސް ވަރަކަށް އެއާއިލާގައި މައްސަލަތަކެއް ވާކަމެއް ނޭގެ އެވެ. މުޒުނާ އަކީ އެކަހަލަ ކަންތައް ތަކަށް ސަމާލުކަން ދޭވަރަށް ވުރެން ޅަކޮން އުޅޭ ކުއްޖެކެވެ.

ޒީނަތު މުޒުނާއަށް ވެސް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އެވަގުތު އެއްވެސް ގޮތަކަށް އެމީހުނާ ވާހަކަ ދައްކާކަށް ޒީނަތު ބޭނުމެއް ނުވެ އެވެ. އަލުވި ކޮތަޅު ގެނެސް ކައުންޓަރު މަތީ ފާތުން ބެހެއްޓުމުން އެއަށް ވާވަރަށް ޒީނަތު އަގު ބުންޏެވެ.

“އެކައުނޓުގަ ޖަހާ.” އަމުރު ވެރި ރާގަކަށް ފަރުޒާނާ ބުންޏެވެ. އަދި ކޮތަޅު ހިފައިގެން އަވަސްކޮށްލާފައި ފިހާރައިން ނުކުތުމަށް ހިގައި ގަތެވެ.

“ޒީ ދައްތަ ހާދަ ރުޅިއައިސްފަ ހުރިހެން ހީވެޔޭ މަންމާ.” ނުކުމެގެން ދަމުން މުޒުނާ ބުނިއަޑު އިވުނެވެ.

ޒީނަތު އެކައުންޓް ޖަހާ ފޮތް ހުޅުވާލި އެވެ. އަލި މަނިކުބޭގެ ނަމުގައި ޖަހާފައި އޮތް އެކައުންޓަށް ބާރަ ހާހަށް ވުރެން ގިނަ ރުފިޔާ އަރާފައި އޮތްތަން ފެނުމުން ޒީނަތު ހައިރާންވި އެވެ.

 

ޒީނަތުއާއި ފާތުން ނުކުމެ ފިހާރަ ބަންދު ކުރި އެވެ. ނަމާދު ވަގުތަށެވެ. ފާތުންނަށް ވަދާއުގެ ސަލާމް ކޮށްލުމަށްފަހު ޒީނަތު މިސްރާބު ޖެހީ ގެއާ ދިމާލަކަށް ނޫނެވެ. ޒީނަތު ފޯނެއްގައި ހުރެގެން ހިގަމުން ދިޔަ އެވެ. ޒީނަތުއަކީ މާގިނައިން ގޭގައި އުޅެން ބޭނުންވާ މީހެއް ނޫނެވެ. ރައްޓެހި ކުދިންނާއެކު ރެސްޓޯރެންޓަށް ގޮސް އަތިރިމަތީ އުޅެފައި ޒީނަތު އާމުކޮން ގެއަށް ވަންނަނީ ރޭގަނޑު ދަން ވުމުންނެވެ. ޒީނަތު އުޅޭގޮތާއި މެދު އެއްޗެއް ބުނާނެ މީހަކު މިހާރަކު ނެތެވެ. ބޭނުން ގޮތަކަށް މިނިވަން ކަމާއެކު އުޅެވެ އެވެ.

ވަޒީފާއިން އައިސް ޖަންނަތު ޖައްސާލީ ގޭގެ ކުރިމަތީ ހުރި ޖޯލިފަތީ އެވެ. އޭރު އިރުއޮއްސެން އުޅެނީ އެވެ. މަގުގެ ކޮޅުގައި ހުރި ގެއެއްގެ ކުޑަ ކުދިން ތަކެއް މަގުމަތީ ދުވާތަން ފެނެ އެވެ. ޖަންނަތު އެދިމާލަށް ބަލަން ހެވިފައި އިނެވެ.

ޖަންނަތުމެން ކުޑައިރުވެސް އެގޮތަށް ކުޅެން އުޅުނެވެ. އެއީ ގްރީން ވިލާއާއި އިންވެގެން ހުންނަ ބަހާރުގޭގައި ޖަންނަތުމެން އުޅުން އިރު އެވެ. އެއީ ޖަންނަތުގެ ބައްޕަ ފަރާތު ކާފަގެ ގެ އެވެ. މިހާރު އެއީ ޖަންނަތު ބޮޑުބޭބެ އަލި މަނިކުގެ ގެއެވެ. ބަހާރުގެއިން ޖަންނަތު ބައްޕަ އިބްރާހިމް މަނިކަށް ލިބުން ބައި އިބްރާހިމް މަނިކު ވަނީ އަލިމަނިކަށް ދީފަ އެވެ. ޖަންނަތުމެން އެގޭގައި މުޅި އާއިލާ އެއްކޮން އުޅުނީ ކާފަ ޒަމާނުގަ އެވެ. އޭރު ކިހާ މަޖާ ހެއްޔެވެ.

އަހްޔާން، އަބްޔާން އަދި އާލިޔާ އަކީ ވެސް ޖަންނަތު، ޒީނަތު އަދި އާޒަތު އާއި އެކު ކުޑައިރު އެގޮތަށް ކުޅެން އުޅުން ކުދިންނެވެ. އެކުދިންގެ އިތުރުން ޖަންނަތުގެ ބޮޑުބޭބެގެ މުޒައްފަރު ވެސް ޖަންނަތުމެނާއެކު މަޖާނަގަން އުޅުނެވެ. މަގުމަތީއާއި ގޮނޑު ދޮށުގައި އެ ހުރިހާ ކުދިން ކުޅެން އުޅުން މަންޒަރު ޖަންނަތުގެ ހިޔާލަށް އަންނަމުން ދިޔަ އެވެ. އެއީ ކިހާ މަޖާ ދުވަސް ކޮޅެއް ހެއްޔެވެ. ހިޔާލެއް ފިކުރެއް ނެތި މުޅިން ވެސް ކޮންމެވެސް ކަމެއްގައި ދުވަސް ހޭދަވެގެން ގޮސް އިރުއޮއްސޭއިރު ވަރުބަލި ވެގެން އެހާ އަވަހަށް ހުރިހާ ކުދިންނަށް ވެސް ނިދެ އެވެ. ގްރީން ވިލާގައި ސަކަރާތުގައި ތިއްބާ ނިދޭ ރޭތައްވެސް ދިޔަ އެވެ. ހެދުނު ހޭލެވޭ އިރު އޮންނަނީ ބަހާރުގޭގަ އެވެ.

އެދުވަހެއް ދެނެއް ނާންނާނެ އެވެ. އެންމެންގެ ހިޔާލާއި ފިކުރު މިހާރު ތަފާތު ވެއްޖެ އެވެ. ކަންކަމުގައި ބިޒީވެ އެމީހެއްގެ ކަމެއްގައި އެމީހަކު އުޅެން ފަށައިފި އެވެ. ޖަންނަތުއާއި އޭރު އެންމެ ގާތްކޮން އުޅުނީ އަހްޔާން އެވެ. ބޮޑުވެގެން އައި އިރު އަހްޔާން އާއި ޖަންނަތުގެ ގުޅުމަށް ބަދަލު ތަކެއް އައެވެ. ފުރާވަރަށް އައި އިރު ގޭދޮށު ކުދިން އަޅުވާކިޔަން ފެށުމުން ދެމީހުން ވެސް ގަންނަން ފެށި ލަދަކުން އެކަކު އަނެކަކާއި ވާހަކަ ދައްކާ ހެދުން ދުރުވި އެވެ. ކިޔަވަން ރާއްޖޭން ބޭރަށް ދިޔަފަހުން އަހްޔާން ޗުއްޓީއަކަށް ރަށަށް އައިސް އުޅުނަސް ޖަންނަތުއާއި މާ ވަރަކަށް ވާހަކަ ދައްކައެއް ނޫޅެ އެވެ. ދެމީހުން ދިމާވުމުން ބީރައްޓެހި ދެމީހުން ހެން ހިނިތުން ވެލުން ނޫން ކަމެއް ނުކުރެވެ އެވެ. އަނެއްކޮޅުން އަބްޔާން އަކީ އަބަދު ޖަންނަތުއާއި ވާހަކަ ދައްކާ މީހެކެވެ. އަބްޔާން ވެސް ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވި އެވެ. ނަމަވެސް އަބްޔާން އަށް މަންމައާއި ނުލާ ނޫޅެވޭނެއޭ ކިޔާފައި ކިޔެވުން ދޫކޮށްލާފައި ރަށަށް އައިސްފި އެވެ. އަބްޔާން ގެ ހުންނަ ސަކަ މިޒާޖުން މީހުނާ ވާހަކަ ދައްކާ ސަމާސާކޮށް އުޅުމަކީ އޭނަގެ ތަބީޢަތެވެ. ޖަންނަތު ފެނުމުން ޖަންނަތު ރުޅިއަންނަ ކަހަލަ ސަމާސާ ވެސް އަބްޔާން ކުރަނީ މަޖަލަކަށެވެ. ޖަންނަތު ނޫނަސް އަންހެން ކުދިންނާ މާވަރަކަށް ސަމާސާ ކުރުމަކީ އަބްޔާންގެ އުފަލެކެވެ.

ޖަންނަތު ކުއްލިއަކަށް އެތަނުން ތެދުވީ ޒައިދާންގެ ކާރު ފެނުމުން ނެވެ. ޒައިދާން ކާރު ޖަންނަތުއާއި ދާދި ކައިރިއަށް ހުއްޓާލުމަށް ފަހު އޭގެން ޒައިދާން ފޭބި އެވެ. އަދި ޒައިދާންގެ ފަހަތުން ޔަޒަން ވެސް ފޭބި އެވެ. ޔަޒަންއަށް ޖަންނަތު ފެނުމުން ނިކަން ބޮޑަށް ހިނިތުން ވެލި އެވެ. ޔަޒަންއާއި އެކު މަދުން ނަމަވެސް ޖަންނަތުއަށް ވަގުތު ހޭދަކުރެވެ އެވެ. ސާރާއާއި ބައްދަލުކޮށްލަން ދާ ދުވަސް ދުވަހު އެވެ.

ޖަންނަތުއަށް ބަލަން ހުރެލާފައި ޔަޒަން އަވަހަށް ޖެހިގެން ހުރިގޭ ދޮރުން އެތެރެއަށް ވަނެވެ. ޒައިދާން ވެސް ޖަންނަތުއަށް ބަލައިލާފައި ހިނިތުން ވެލަމުން އެގެއަށް ވަނެވެ.

“ބޮޑުއްތާ، ބޮޑުއްތާ،” ޔަޒަން ގޮވަމުން އެތެރެއަށް ވަނެވެ. އެވަގުތު ޒައީމާ ބަދިގޭގައި އުޅެފައި ނުކުތްތަން ފެނުނެވެ. ޒައީމާއަކީ ޒައިދާންގެ އަންހެނުން ވަރުދާގެ ދައްތަ އެވެ.

“އަހާން ބޮޑުއްތަގެ ދަދަން.” ޒައީމާ އައިސް ޔަޒަން އުރާލަމުން ބުންޏެވެ. ފްރައިޑޭ ގަ ނައިސް ކޮންތާކަށް ދިޔައީ؟

” ބައްޕައާ އެއްކޮން މޫދަށް ދިޔައީ. ކޮބާ ކުޑާ؟” ޔަޒަން އެހި އެވެ.

“ދޭބަލަ އެތެރެއަށް އެބައުޅޭ ކުޑާއާ ތުއްތިޔާ.” ޔަޒަން ބިމުގައި ބަހައްޓަމުން ޒައީމާ ބުންޏެވެ. “ޒައިދާން ސައިބޯން ވީނު؟”

“ނޫނޭ ދައްތާ، މިއައީ ހަމަ ޔަޒަން މިގެއަށް ލާން ވެގެން، އަދި މިއަދު ފިހާރައަށް ވެސް ވަދެނުލާ މިއުޅެނީ.” ޒައިދާން ބޭނުންވީ އަވަހަށް ދާށެވެ. އެހެން ކަމުން އަވަހަށް ނުކުންނަން ހިގައި ގަތެވެ. އެވަގުތު ގޭތެރެއިން ސާރާ ނުކުތެވެ.

“ޒައިދާންބެ ދަނީތަ؟ އާދެބަލަ ސައިބޮއެގެން ދާން.”

“ނޫނޭ ސާރާ، އެހެން ފަހަރަކުން.”

“ޒައިދާންބޭ، ޔަޒަން އެބަކިޔާ ރޮށި ފިހެދޭށޭ ހެދުނު ސައިބޯން، ހެދުނު ރޮށިކޮޅެއް ގެންގޮސް ދެންތަ ސައިބޯން؟”

“އާން، ޔަޒަން ވަރަށް ރޮށިކާ ހިތުން އުޅެނީ.” ޒައިދާން ބޯޖަހާލަމުން ބުނެލި އެވެ. އަދި އަވަހަށް އެގެއިން ނިކުމެގެން ގޮސް ކާރަށް އެރި އެވެ.

 

ހެދުނާ ހޭލައިގެން ޖަންނަތު ކުނިކަހާލުމަށްފަހު އަވަހަށް ސައި ހަދާލި އެވެ. މިއަދު ތަންކޮޅެއް އަވަހަށް ޖަންނަތު އޮފީހަށް ދާން ބޭނުންވާތީ އެވެ. އެހެން ކަމުން ޖަންނަތު ހުރީ ވަރަށް އަވަސް އަރުވާލާފަ އެވެ. ތެލިތައް ހިފައިގެން ބޭރަށް ނިކުތް ވަގުތު ޖެހިގެން ހުރިގޭ ސާރާ ވެސް ނުކުތެވެ. ސާރާ ނުކުތް އިރު އަތުގައި ކޮތަޅެއް އޮތެވެ.

“ޖަންނާ، ހަވީރު އުޅޭ މޫދަށްދާން،” ސާރާއަށް ޖަންނަތު ފެނުމުން ބުނެލި އެވެ. “ކިހާ ދުވަހެއް ވެއްޖެ އަހަރުމެން މޫދަށް ނުދާތާ.”

“އާން ދެވިދާނެ، ކޮންތާކަށް މާ ހެދުނަކާ ތި ދަނީ؟”

“މިދަނީ ޔަޒަންއަށް މި ރޮށިކޮޅު ދޭން ވެގެން. ޔަޒަންއަށް ވަރަށް މީރުވާނެ ރޮށި.”

“އެހެންތަ.”

“އޭ ހަވީރަށް ހަދާންކޮން ރެޑީ ވެގެން ހުންނާތި އިނގޭ. މަންމަ ބުނި މަޖާ ހަދާނަމޯ.” ސާރާ ދަމުން ދަމުން ބުންޏެވެ.

އެ ދުވަހު އަބްޔާން އޮފީހަށް އައީ އަތްދިގު ގަމީހަކާއި ފަޓުލޫނެއް ލައިގެންނެވެ. ފެންނައިރު އިތުރަށް ސްމާރޓު ކަމަށް ދައްކަ އެވެ. ޖަންނަތު ކެބިންގައި ހުރި އިރު އަބްޔާން ވަދެގެން އައިސް ކައުންޓަރުގައި ހުރި ލާމިޔާއާއި ދިމާއަށް އެއްޗެއް ބުނެލިތަން ފެނުނެވެ. ލާމިޔާ ރަކި ހިނިތުން ވުމެއް ވެލައިގެން ހުއްޓެވެ. ޖަންނަތު ކެބިން ތެރޭ ހުރެ ބިއްލޫރި ގަނޑުން އިރުކޮޅަކާ އެދިމާއަށް ބަލައިލަ އެވެ. އަބްޔާން އަބަދު ވެސް އުޅެނީ އެހެންނެވެ. ތަނަކުން އަންހެން ކުއްޖެއް ފެންނަ އިރަށް ފަހަތުން އަޅައި ގަނެގެންނެވެ. ޖަންނަތު ކައިރިއަށް ރުޅިއަންނަ ގޮތް ވި އެވެ. ޖަންނަތުގެ އެކުވެރިއަކަށް ވެ ހުރެ އެވައްތަރަށް އުޅޭތީ ޖަންނަތު ހިތްހަމައެއް ނުޖެހެ އެވެ. އަބްޔާން ކައިރީ އެގޮތަށް އުޅޭތީ ފޫހިވާ ވާހަކަ ބުނެވުނު އަދަދެއް ވެސް ނޭގެ އެވެ. އެތަށް އިރަކު ލާމިޔާއާއި ވާހަކަ ދައްކަން ހުރެފައި ކެބިންއާއި ދިމާލަށް އަބްޔާން އަންނަތަން ފެނުނެވެ. ޖަންނަތު އަވަހަށް ނޫން ކަމަށް ހަދާލާފައި ލެޕްޓޮޕާއި ދިމާއަށް މޫނު އަނބުރާލައިގެން ވަރަށް ގަދައަށް އެއްޗެއް ޓައިޕް ކުރަނީ ކަމަށް ހަދާލި އެވެ.

 

“އޭ ޖަންނާ،” އަބްޔާން އައިސް ކެބިންއަށް ވަދެފައި ޖަންނަތުއަށް ގޮވާލި އެވެ. އަބްޔާން ގޮވާލި ގޮތުން ޖަންނަތު ކައިރިއަށް ރުޅި ވެސް އާދެވުނެވެ.

“ތާކު މީހަކު އިނިއްޔާ ވާނެ ގޮވަން.” ކުއްލިއަކަށް ޖަންނަތު ތެދުވި އެވެ. އަދި ކެބިންއިން ނުކުމެގެން ވައިސޫރިއެއް ހެން ހިގައްޖެ އެވެ. އަބްޔާން ހައިރާން ވެފައި ޖަންނަތުއާއި ދިމާއަށް ބަލަން ހުރީ އެވެ.

ގްރީން ވިލާ ކުރިމަތީ ހުރި ހިރުދު ގަސްދޮށުގައި އެލުވާފައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި ޖަންނަތު ޖައްސާލައިގެން އޮތެވެ. އޭރު ހަތަރެއް ޖަހަނީ އެވެ. ޖަންނަތު ލައިގެން އޮތީ ދެމޭފޮތީގެ ހިމަ ހަރުވާޅަކާއި ކަކުލާއި ހަމައަށް އަންނަވަރުގެ ދެމޭފޮތީގެ ހެދުމެކެވެ. ޖަންނަތު ފޯނު ނަގައިގެން ކުޅެން ފެށި އެވެ. ކުއްލި އަކަށް މީހަކު ފޯނު ޖަހައިގަތުމުން ޖަންނަތު ދިޔައީ ސިއްސައިގެނެވެ. ހަޅޭއްވެސް ލަވައި ގަނެވުނީ ބޭއިހުތިޔާރުގަ އެވެ. ޖަންނަތު ބަލައިލި އިރު އަބްޔާން އައިސް ދެން ހުރި ޖޯލީގައި އިށީންނަނީ އެވެ. އަވި އައިނު ޓީޝާޓަށް ޖަހާލާފައި ޖަންނަތުގެ ފޯނަށް ބަލައިލި އެވެ.

 

“ނައިސް ފޯން.” އަބްޔާން ޖޯލީގައި ހަމަޖެހިލަމުން އަވި އައިނު ނަގާ އަޅާލި އެވެ.

“އަލަށްތަ ތި ފެނުނީ؟”

“ނޫނޭ، މިއަދު ހަމަ ރީތިވީ މި ފޯނު.” ޖަންނަތު ތުން އަނބުރާލަމުން އަބްޔާންއަށް ބަލައިލި އެވެ.

“މީހުންގެ ފޯނު ތިގޮތަށް ޖަހައި ގަތުމަކީ ރަގަޅު ކަމެއްނޫނޭ. ހާދަ ގޮތެއް ނެތް މީހެކޭ ތީ.” ޖަންނަތު ރުންކުރުކޮން ބުނެލި އެވެ. އަބްޔާން ކައިރިއަށް ލާނެތް ހިންޏެއް އައެވެ.

“ޖަންނަ މިހާރު އަބަދު މަގޭދެކެ ރުޅިއައިސްފަ ހުންނަތަން ފެންނަނީ، އެއީ ކީއްވެތަ؟”

“އަންހެން ކުދިންނަށް ފްލާރޓް ކުރާވަރުންނެއްނު.”

“އަޖައިބެއް، ފިރިހެނުން ނެއްނު އަންހެނުންނަށް ފްލާރޓް ކުރާނީ، އެހެން ނޫނަސް ޖަންނައަށް ކޮން ކަމެއް، އަހަރެން ލައިކްވާ ކުއްޖަކާ އަހަރެން ސަމާސާކޮށް ހަދާލިޔަސް.”

“އަބީ ތިގޮތަށް ފްލާރޓް ކުރާތީ މުޅި ރަށުގަ ވެސް އަބީގެ ވާހަކަ ދައްކަނީ،” ޖަންނަތު ޖޯލީގައި އޮށޯވެ އޮވެފައި ތެދުވެ އިށީނެވެ. “އަންހެން ކުދިން ފަހަތުން ތިގޮތަށް އުޅުމަކީ ވަރަށް ހުތުރު ކަމެއް، ތިހެން އުޅެނިކޮން ހަގީގީ ލޯބިވާ މީހާވެސް ބީވެގެން ހިގައިދާނެ.”

“އަހަރެން އަދި މީހަކު ދެކެ ލޯބިވެގެންނެއް ނޫޅެމޭ، ލައިކްވާ ކުދިން ތިއްބަސް ހަގީގީ ލޯބިވާ ކުއްޖެއް އަދި ނުފެނޭ. އެހެން ނަމަވެސް ކޮންމެވެސް ދުވަހަކުން އެ ކުއްޖާޔާ ދިމާވާނެނު.”

“ތިބުނާ ކުއްޖަކާ ދިމާވީމަ އަބީ ކިހިނެއް ހަދާނީ؟”

“އަހަރެން ހަދާނެ ގޮތަކީ ހަމަ އެކުއްޖާއަށް ނުވެސް އިނގި ހުއްޓާ ހިފަހައްޓަ ބަހައްޓާފަ ކިސްއެއް ދޭނީ.”

“އައްޗި، އޭރުން އެކުއްޖާ އަބީގެ ކަންކައްޓަށް އަތް ދޮވެލާނީ.”

“ތިހެނެއް ނުވާނެ، އެކުއްޖާވެސް އަހަރެން ދެކެ ލޯބިވާކަން ޔަގީންކޮށްފަ އަހަރެން އެހެން ހަދާނީ.”

“ތިހެން ވިއްޔާ ފްލާރޓް ކޮށްކޮށްފަ ތި އުޅޭ ކުދިންނަށް ކިސްކުރުމަކީ ލޯތްބެއްނޫންތަ؟”

“އަހަރެން ކޮންމެ މީހަކާ އެހާ ކްލޯޒްއެއް ނުވަމޭ،” ހަމަހިމޭން ވަގުތު ކޮޅަކަށްފަހު އަބްޔާން ބުންޏެވެ. “އަހަރެން މިހާތަނަށް ކިސްކުރީ އެންމެ ކުއްޖަކަށް، ޔޫނޯ މައި ފަރސްޓް ލަވް.”

“ނޯ އައި ޑޯންޓް ނޯ.” ޖަންނަތު އަބްޔާންއަށް ބަލައިލަމުން ބުނެލި އެވެ. ޖަންނަތުގެ ހިތް ކުޑަކޮން ތެޅިލީ ކީއްވެ ކަމެއް ނޭގެ އެވެ. ކޮބާ މިހާރު ފަރސްޓް ލަވް؟” އަބްޔާން އަނގައިން ނުބުނެ އޮންނަން ފެށުމުން ޖަންނަތު އަހާލި އެވެ.

“ސަމް ވެއަރ ފާރ އަވޭ. ޖަންނައަކަށް ނޭގޭނެ.” އަބްޔާން ހިޔާލަކަށް ގެއްލިފައި އޮތެވެ.

“މިހާރުވެސް ލޯބިވަނީ ފަރސްޓް ލަވް ދެކެ ތަ؟”

“ތިހެންވެތާ މި އުޅެނީ ރަގަޅަށް އަންހެން ކުއްޖަކު ތަތްކޮށް ނުލެވިގެން، އައި މިސް ހަރ ވެރީ މަޗް.” އަބްޔާން ވަރަށް ސީރިއަސް ވެފައި އޮވެ ވާހަކަ ދެއްކި އެވެ. އަބްޔާން އެކީ ވާހަކައިން ޖަންނަތުއަށް ގޮތްނޭގޭ އުނދަގޫތަކެއް އިހުސާސް ކުރެވިގެން ދިޔަ އެވެ.

“އަސްލު އަހަރެން ދެކޭ ގޮތުގަ މީހަކު ދެކެ ލޯބި ވެވިއްޖެއްޔާ އެހެން ހުރިހާ މީހުން ޑިސަޕިއަރ ވާނެ، ހަމަ އެކަނި ލޮލަށް ފެންނާނީ ލޯބިވެރިޔާ.”

“އޯހ ޖަންނާ، ތިހެން ވިއްޔާ ވަރަށް ސަކަރާތް ގޮތެއް މަށަށް މިވަނީ، އަހަރެން ވަރަށް ގިނަ ކުދިން ދެކެ ލޯބިވަނީ ކަންނޭގެ، މަށަށް ފެންނަނީ ހުސް ލޯބިވާ އަންހެންކުދިން، ހުރިހާތާކުން ވެސް.” އަބްޔާންގެ ސީރިއަސްކަން ފިލުވާލަމުން ސަމާސާރާގަކަށް އަބްޔާން ބުނެލި އެވެ.

 

“އަބީ، ޔޫ ވިލް ނެވަރ ޗޭންޖް.” ޖަންނަތު ތުން އަނބުރާލި އެވެ.

“ބައި ދަ ވޭ، ޖަންނަ މިތާ ތިޔޮތީ ކިހިނެއްވެފަ؟” އަބްޔާން ބޯދަށަށް އަތް ލަމުން ހަމަޖެހިލި އެވެ.

“އަބީ މަންމަ ބުނެގެން އަބީގެ އެއްޗިހި އިސްތިރި ކޮށްލައިދޭން އައީ، ދެން އެކަން ނިމިގެން މިހާރު މިއޮތީ ސާރާ މެނާ އެއްކޮން މޫދަށް ދާން ވެގެން.”

އެވަގުތު ދުރުން ގްރޫޕެއް އަންނަތަން ފެނުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 4 ވަނަ ބައި

Next

މިހިތުގެ ލޯތްބޭ ތީ 11

Next
April 3, 2016

މިހިތުގެ ލޯތްބޭ ތީ 11

Previews
April 3, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 4 ވަނަ ބައި

3 Comments!

  1. B says:
    April 3, 2016 at 3:14 pm

    NYC ?

  2. Thukko says:
    April 3, 2016 at 3:22 pm

    V rythi story

  3. naa says:
    April 3, 2016 at 3:31 pm

    5pt genes dhey ba

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 3 ވަނަ ބައި←


All Right Reserved!