ޖަވާހިރުގެ ބާރު 2 – 10
ބާބު 6 – އަރިޝިއެރިޓް ޕޮޥެފިން
އަނދިރި ގަނޑުވަރުގެ ތަޚުތުގައި އިށީންދެ އިން ޠިލްޒާ އިނީ ޝަވީޚްގެ އިންތިޒާރުގައެވެ. އަތުގައި އޮތް ކުޑަ ވަށް ލޯގަނޑުން މަޚުލޫޤެއްގެ ތަސްވީރުތަކަކަށް ބަލަމުން ދިޔައެވެ. ލޯގަނޑު ކަޅު ޖާދޫތަކުން ވަޔަށް ގެއްލުވާލުމަށްފަހު، ތަޚުތުން ތެދުވިއެވެ. އަދި ހުރި ސީދަލަށް އަނދިރި ގަނޑުވަރުން ނުކުމެގެން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ރައްޓެހިން އުޅުމަށް ހެދި ބިނާރުތަކުގެ މަތިން ހަނދާންވިއެވެ. ބިނާރުތައް ހުރި ދިމާއަށް ޠިލްޒާ ވިލާގަނޑަކަށް ބަދަލުވެ ދިޔައެވެ.
ހަލާކުވެފައިވާ ބިނާރުތައްފެނި ޠިލްޒާގެ ލޭކެކެން ފެށިއެވެ. އޭނާ މުށްކަރުވާލުމަށްފަހު، ކަޅު ކުލައިގެ ޖާދޫ ފުއްތަކެއް ފާޅު ކުރިއެވެ. ބިންމަތީގައިވާ ގެތަކުގެ ބައިތައް މެންޓިފުޝްޓި(ހަލާކުގެ ޖާދޫ) ބޭނުންކޮށް އެއްކޮށް ހަލާކުކޮށްލިއެވެ. އެ ގެތައް ހަލާކު ކުރި މީހަކަށް އޭގެ ހައްގު އަދަބު ލިބޭނެކަމަށް ކިޔާ ހަޅޭއްލަވައިގަތެވެ. އޭރު އެތާ ކައިރީގައި އުޅުނު މަޚުލޫޤުންތައްވެސް ބިރުން ދުރަށް ދުއްވައިގަތެވެ. މާ ގިނައިރުނުކޮށް އަނެއްކާވެސް ވިލާގަނޑަކަށް ބަދަލުވެ އޭނާގެ ރައްޓެހި އިކްޒާރްގެ ގެއާ ދިމާއަށް ދިޔައެވެ.
**************
ނޫކުލައިން ދިއްލިފައިވާ ނިޕިފިޓިންގެ ދުނިޔޭގައި ބޮޑު މަހާސަމާއެއް ހިނގަހިނގާ ހުއްޓެވެ. އެކި ކުލަކުލައިން ދިއްލިފައިވާ ފުއްޕާހަންތަކާއި ރިބަންތަކުން މުޅި މާޙައުލު ޖަރީކޮށްލާފައިވެއެވެ. އެތަނުގައި ޠިލްޒާ ހޯދުމަށް ހަރަކާތްތެރިވެ އުޅުނު ޚަލޫފްއަށް އޭނާ ނެތްކަމުގެ ޚަބަރުލިބުނެވެ. ވައިގެތެރޭގައި އުދުހެމުންގޮސް ފެހިކުލައިގެ ގަނޑުވަރު ބެލުމަށްފަހު ކިހިނެތްވީ ކަމެއްތޯ ތަހުޤީޤު ކުރަމުން ދިޔައެވެ. ގަނޑުވަރުގެ މައިދޮރު ފަހަތް ހުރިގޮތް ފެނުމާއެކު، ޚަލޫފްއަށް ވާނުވާ އެނގުނެވެ. ޠިލްޒާ އަޒްޓިޝްއަށް ދިޔަކަން ޔަޤީންވުމާއެކު، ދެވުނުހާ އަވަހަކަށް ގަނޑުވަރު ކައިރީގައި ހުރި ގެގަނޑަށް ދިޔައެވެ. އެއީ ކުރިން ދުވަހަކު ޠިލްޒާ، ޕަޘީން ހައްޔަރުކޮށްގެން ގެންގޮސްފައިވާކަމަށް ވާތީއެވެ.
އެ ގެގަނޑުގައި މީހެއްގެ ހިލަމެއް ނުވުމުން، ޕަޘީންވެސް އަސްލު ދުނިޔެއަށް ދިޔައީކަމަށް ޚަލޫފް ނިންމިއެވެ. ޚަލޫފްއަކީ ނިޕިފިޓިން (ރޫހު)އަކަށްވާތީ ތަންތަނަށް ދިޔުމަކީ ވަރަށް ފަސޭހަކަމެކެވެ. ލަސްނުކޮށް ހުރިތަނަށް ގެއްލި ދުނިޔެއަށް ފާޅުވިއެވެ. އަދި ޠިލްޒާ އާއި ޕަޘީން ހޯދުމަށް އެކި ބަރޫދުތައް ބަލަމުން ދިޔައެވެ. ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)ބެލުމަށްފަހު ޝިފައިންޓަލް (ޖަވާހިރު)ރަށަށް ދިޔައެވެ. ޠިލްޒާގެ ނިޝާނެއް ހޯދުމަށް އެކި ހިސާބުތައް ބަލަމުން ދިޔައެވެ.
*******************
ޕަޘީން އަދިވެސް ހުރިީ ވާނުވާގައެވެ. “މިއީ ކޮން އަހަރެއް؟” ޕަޘީން ދެންމެ ވީގޮތް ނޭނގި ސުވާލުކުރިއެވެ. “ޠިލްޒާއާ ކުރި ހަނގުރާމައިގެ އެއްހާސް އަހަރު ފަސް” އަކްޒާ ބުނެލިއެވެ. “މިހާރު އަނެއްކާ ޠިލްޒާގެ އުނދަގޫ މި ދުނިޔެއަށް ގެނުވައިފި. މި ދުނިޔޭގައި އެބައުޅޭ!” ކިޒަން ބުންޏެވެ. ނަމަވެސް ޠިލްޒާގެ ނަން އަޑު އިވުމާއެކު، އޭނާ ކޮބައިތޯ ޕަޘީން ސުވާލުކުރިއެވެ. އޭނާ އުޅޭހެން ހީވަނީ އެޝްލިޕްނިއާގައިކަމަށް ކިޒަން ބުންޏެވެ. އެޝްލިޕްނިއާއަށް ދެވުމާއެކު، އަނދިރި ގަނޑުވަރަށް ދިޔުމަށް އެކި ދިމަ ދިމާ ބަލަމުން ދިޔައެވެ. “އަހަރެން މަރުގެ ތުންފަތްމަތީގައި ވަނިކޮށް އެޅި ދާލަންވެސް ހަލާކުކޮށްލީތަ؟” ވެއްޓިފައިވާ ދާލަން ފެނި ޕަޘީން ސުވާލުކުރިއެވެ. “އޭރު ޠިލްޒާގެ އުނދަގޫތައް ފެށުނުއިރު، އޭނާއަށް މަސައްކަތްކޮށްދެމުންދިޔަ މީހަކު ކޮށްފައިހުރި ކަމެއް ތިއީ” ޕަޘީން ހިތްހަމަ ނުޖެހުނެވެ. އަދި އަކްޒާގެ ގައިން ފުންމާލުމަށްފަހު ވަގުތުން އަނދިރި ގަނޑުވަރު ހުރި ދިމާއަށް ދުއްވައިގަތެވެ. “މި ކަމަށް އޮތް ހައްލަކީ އޭނާ މަރާލުން. އަހަރެންގެ ހަޔާތައް އޭނާ ގެނުވި ބަނަކަމުން، އޭނާވެސް އެ ވޭން ތަޙައްމަލު ކުރަންޖެހޭނެ!” ބާރު ބާރަށް ހަޅޭއް ލަވައިގަނެ އަނދިރި ގަނޑުވަރާ ދިމާއަށް ޕަޘީން ދުއްވައިގަތެވެ. ޕަޘީންގެ ފިޔަވަޅުތައް ޖެހިފަދިޔަ ތަންތަނުގައި ހުރި ވިނަތައް ކަޅުއަޅިކުލައިން ފެހިކުލައަަށް ބަދަލުވެ، އާރޯކަން ލިބިގެން ދިޔައެވެ. އޭނާގެ ފަހަތުން ކިޒަންއާއި އަކްޒާވެސް ހައިރާންވެހުރެ ދިޔައެވެ.
އަނދިރި ގަނޑުވަރާ ކައިރިވި ވަރަކަށް، ޕަޘީންގެ އަތުން ހުދުކުލައިގެ ޖާދޫ ފުއްތައް ފާޅުކުރިއެވެ. އެއާއެކު ދިގު، ތޫނު އަދި އެހާމެ ވަރުގަދަ ކަނޑިއެއް ފާޅުވިއެވެ. ކަނޑީގެ މިޔަ ހުދު ކުލައިން ދިއްލިފައިވެއެވެ. ޕަޘީންގެ ހެދުމާއި އިސްތަށިގަނޑުވެސް މެއެވެ. ދިޔަ ބާރުމިނުގައި އަނދިރި ގަނޑުވަރުގެ ދޮރު ހުޅުވާލިއެވެ. މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ފުއްތައް މުޅި ދޮރުގައިވެއެވެ. ކަޅު ކޫޑިތަކެއް ފަދައިން މުޅި ދޮރު ފުރިފައި ހުއްޓެވެ. ނަމަވެސް ޕަޘީން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ބޭނުންކޮށް އަތްލުމާއެކު، އެ ފުއްތައް ބޯ ހިރަފުސްގަނޑެއްހެން ފޭބިއެވެ.
ދޮރުން ފާޅުވި އައްޔާއެކު، ތަޚުތުގައި އިން ޠިލްޒާއަށް މީހަކު އުޅޭކަން ރެއަކާލިއެވެ. މޫނުމައްޗަށް ރުޅިވެރިކަން ގެނައުމާއެކު، އެ ގަނޑުވަރުގެ މަތީ ޙަރުފަތަށް ދިޔައެވެ. ކާކުތޯ ބެލުމަށް ފާރައަށް ހުއްޓެވެ. ދޮރު ހުޅުވާލުމަށްފަހު، ޕަޘީން އެތެރެއަށްވަނެވެ. ގަނޑުވަރުތެރެއަށް ނަޒަރު ހިންގާލުމަށްފަހު، މުޅި ގަނޑުވަރު ތެރޭގައިވާ ކުނޑިފުއްތައް ފެނި ޝިފެއަޓެ ޖާދޫ ހަދަން ފެށިއެވެ. އެކި ތަންތަނުން މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ގެ ކުނޑިތައް ސާފުކުރަމުން ދިޔައެވެ. ކަޅު ކުލައިގެ ކުނޑިތައް ނެތިގެންދިޔަ ވަރަކަށް ދުނިޔެމަތީގައިވާ ކަޅު ވިލާގަނޑު ދަނބުކުލައަށް ބަދަލުވެ، ކަޅުކުލައިގެ ދިޔަތައް ވެހުން ހުއްޓުނެވެ. މިހުރިހާ މަންޒަރެއް ބެލުމަށް ކަންފަތުން ދުންއަރައަރާހުރި ޠިލްޒާ އަނެއްކާވެސް މެންޓިފުޝްޓި (ހަލާކުގެ ޖާދޫ) ހަދަން ފެށިއެވެ.
*********************
މާޙައުލުގައިވާ ޖާދޫގެ ކުނޑި ފުއްތައް ވަޔާއެކު އެނބުރެމުން ދިޔައެވެ. އެކި ބައްޓަމަށް ހުރި ބިއްލޫރިކޮޅުތަކެއްފަދަ ބޮޑެތި ޝިފައިންޓަލް (ޖަވާހިރު)ތަކުން ދަޅައަރައެވެ. ފަނޑު އައްޔަކުން އެ ޖަވާހިރެއްގެ ކުލަ ދިއްލިފައިވެއެވެ. އެކި ކުލަތަކާއި، އެކި ގޮތްގޮތައް މުޅި މާހައުލުގައިވެއެވެ. މުޅި ރަށުގައިވެސް ވަނީ ކަނު އަނދިރިކަމެވެ. އެޝްލިޕްނެ ވުމާއެކު، ކުރިން ލިބުނު އިރުގެ އަލިވެސް ވަނީ ގެއްލިފައެވެ. ބާރު ދުވުމެއްގައި ޝަވީޚް ޝިފައިންޓަލް ރަށުގެ އެކި ހިސާބުތައް ބަލަމުން ދިޔައެވެ. ކަޅު އަޅިކުލައެއް ހުރި ޝިފައިންޓަލް (ޖަވާހިރު)ތައް ހޯދުމުގައެވެ. އޭރު ޚަލޫފްވެސް ޠިލްޒާ ހޯދަމުގައި ޝިފައިންޓަލް ރަށުގެ އެކި ހިސާބުތައް ބަލަމުން ދިޔައެވެ. އެކި ފަހަރުމަތިން މީހެއްގެ ހިލަމެއްވާހެން ހީވެގެން ހައްތަހާވެސް ބަލަނީއެވެ. ޝަވީޚް ޚަލޫފްއަށް ފިލަން ދުވި ނަމަވެސް ކަޅުކުލަ އަރާފައިވާ ޝިފައިންޓަލްތަކަށް އަރާ ހަމަވުމުން ޚަލޫފް ކުރިމައްޗަށް ފާޅުވިއެވެ. “ކަލޭ ކީތްކުރަނީ މިތަނުގައި؟” ޚަލޫފް ސުވާލުކުރިއެވެ. “ކަލޭތީ ކާކު މަށާ ސުވާލުކުރަން؟” ޝަވީޚްވެސް ކުރީ ސުވާލެވެ.
“ކީތްކުރަން މެންޓިފުޝްޓިގެ ޝިފައިންޓަލްތައް ހޯދަން ތިއުޅެނީ؟” ޚަލޫފް އަނެއްކާވެސް ސުވާލުކުރިއެވެ. “ކަލޭ ކީތްކުރަންތަ ސުވާލުކުރަނީ؟ ދާންއުޅޭ މިތަނުން” ޝަވީޚް ހަޅޭއްލަވައިގަތެވެ. ޠިލްޒާގެ ވާހަކަ ޝަވީޚް ކައިރި އެހުމަކުން ޚަލޫފްއަށް ޖަވާބެއް ނުލިބުނެވެ. “ޠިލްޒާ ކޮބާ؟” އަދިވެސް އެއްފަހަރު ޚަލޫފް ސުވާލުކޮށްލިއެވެ. ނަމަވެސް އޭރު ޝަވީޚް ދިޔައީ ޝިފައިންޓަލްތައް ވަކިކޮށް ދަބަހަށް އަޅަމުންނެވެ. ޝަވީޚް އަޅައިނުލުމާއެކު، ލަސްނުކޮށް ޚަލޫފް އަޒްޓިޝްއަށް ފާޅުވިއެވެ. ހުޅަނގުން ފެށިގެން އެކި ދިމަދިމާ ބަލަމުން ދިޔައެވެ.
***************
ޕަޘީން މުޅި ގަނޑުވަރުގައިވާ މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ކުނޑިތައް ފިލުވާލިއެވެ. އަދި ޠިލްޒާއަށް ގޮވަމުން މައްޗަށް އެރިއެވެ. ޕަޘީން ސިޑިން މައްޗަށް އަރަމުން އަންނަ އަޑު އިވުމާއެކު ޠިލްޒާ ސިޑިން ތިރިއަށްވާގޮތައް މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ފުއްތަކެއް ބުރުވަން ފެށިއެވެ. ފޮނުވާލި ކޮންމެ ފުއްތަކެއްގެ ބާރުތައް ކަނޑުވަމުން ޕަޘީން ދެވަނަ ހަރުފަތައް އެރިއެވެ. ނަމަވެސް އޭރު ޠިލްޒާ ފެންނަ ހިސާބަކުނެތެވެ.
ގަނޑުވަރުން ބޭރު ބަލައިލިއިރު ދަނބު ވިލާތަކުމައްޗަށް ޠިލްޒާ އަރާތަން ފެނެއެވެ. ޕަޘީން ގަނޑުވަރު ކައިރީގައިވާ ބިމަށް ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ފުއްތައް އަޅާލުމާއެކު ބޮޑު ވެޔޮގަހެއް އުފެދި ބިޔަވަމުން ދިޔައެވެ. އޭގެ ފަތްތަކަށް ފުންމަމުން، މައްޗަށް އަރަމުން ދިޔައެވެ. އެކި ފަހަރު މަތިން ޠިލްޒާ ވިލާތަކުގެ މަތިން ކަޅު ކުލައިގެ ޖާދޫގެ ފުއްތައް ބުރުވައެވެ. ނަމަވެސް ޕަޘީން ހުޝިޔާރުކަމާއެކު، މެންޓިފުޝްޓި (ހަލާކުގެ ޖާދޫ) ބާރުތައް ކަނޑުވަމުން މައްޗަށް އަރަމުން ދިޔައެވެ. ޕަޘީންގެ ޖާދޫތަކަށް ބަދަލުދެމުންދިޔަ ޠިލްޒާ ވަރުބަލިވާން ފެށިއެވެ. އޭނާ ދޫކޮށްލާ ކަޅުކުލައިގެ ފުއްތަކާއެކު ޖާދޫގެ ބާރު ދަށްވަމުން ދިޔައެވެ. ޕަޘީން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) އިތުރު ކުރަމުން ދިޔައިރު، ޓިލްޒާއަށް ކެތްނުކުރެވި ފަހަތަށް ޖެހެމުން ދިޔައެވެ.
“ކަލޭ ހަނދާން ނެތުނީތަ އަހަންނަށް ކަލޭ ހެދި ގޮތް؟” ޠިލްޒާ ޕަޘީންއާ ދުރަށް ޖެހެމުން ސުވާލުކޮށްލިއެވެ. “އެއީ ކަލޭމެން އަހަންނަށް މަޖުބޫރުކޮށްގެން ކުރުވި ކަމެއް. އޭރު ކަމުގެ ބޮޑުކަމެއް އަހަންނަކަށް ނޭނގޭ.” ޕަޘީން ހުދު ކުލައިގެ ޖާދޫ ފުއްތައް ފާޅުކޮށް ބުރުވަމުން ދިޔައެވެ. “މި ދުނިޔެއަށް ނިމުމެއް އަންނަނީ ކަލޭގެ ސަބަބުން.” ޠިލްޒާ މެންޓިފުޝްޓި (ހަލާކުގެ ޖާދޫ) ފުއްތައް ބޭނުންކޮށް އައްޑަނަތައް ފާޅުކުރަމުން ބުންޏެވެ. “ކަލޭ ކިތަންމެ އެއްޗެއް ކީނަމަވެސް މި ފަހަރު ކަލޭގެ ރޫހު ނިޕިފިޓިންގެ ދުނިޔެއަށްވެސް ނުދެވޭވަރު ކުރާނަން.” ޕަޘީން އިންޒާރުވެރި ރާގެއްގައި ބުނަމުން ދިޔައެވެ. އޭރު ޠިލްޒާގެ ޖާދުވީ އައްޑަނަތައް ހަލާކުވަމުން ދިޔައެވެ. ހުދު ކުލައިގެ ފުއްތައް ޖެހި އޭނާގެ ހަށިގަނޑުގައި އަލިފާން ރޯވާން ފެށިއެވެ. “މިއީ ކަލޭގެ ނިމުން. ދެން މިދުނިޔެއަށް އަލްވަދާޢު ކިޔާ!” ޕަޘީން ޠިލްޒާއާ ކައިރިވަމުން ދިޔައެވެ.
އިސާހިތަކު ޝަވީޚް ޝިފައިންޓަލް ރަށުން ޠިލްޒާ ހުރިތަނުގެ ފަހަތަށް ފާޅުވިއެވެ. އަލިފާން ހިފާފައިވާ ދެ އަތުން ޝަވީޚްގެ އަތުގައި އޮތް ޝިފައިންޓަލް(ޖަވާހިރު)ގައި ހިފިއެވެ. އަނދަމުން ދިޔަ ހަށިގަނޑުގައިވާ ހުދު އަލިފާންގަނޑު ނިވިގެން ދިޔައެވެ. އަނދަމުން ދިޔަ މަސްގަނޑާއި، ހަންގަނޑު އަލުން އިޢާދަވިއެވެ. އަދި ޝިފައިންޓަލް (ޖަވާހިރު)ބޭނުންކޮށް ކުރިމަތީގައި ހުރި ޕަޘީންއާ ދިމާއަށް މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ގެ ބާރުގަދަ ފުއްތަކެއް ދޫކުރަން ފެށިއެވެ. “ކަލޭ ހީކުރީ ކަލޭ މޮޅުވާނެކަމަށްތަ؟” ޠިލްޒާ ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ޕަޘީން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ފުއްތަކުން އައްޑަނައެއް ހެދިއެވެ. ކަޅުފޮތިގަނޑެއްހެން ޖާދޫގެ ފުއްތައް ޕަޘީންގެ ގައިގަޖެހި ބޮމެއް ގޮވައިގެން ދިޔައެވެ. ނަމަވެސް އައްޑަނަ ފަޅައިގެންގޮސް ޕަޘީން ވިލާގަނޑުން ވެއްޓުނެވެ. ޖާދޫގެ ފުއްތައް ޖެހުނު ތަންތަނުގައި ހަލާކުވެ ފާރުލައިފަ ހުއްޓެވެ. އުޑުމަތިން ވެއްޓެމުން އައި ޕަޘީން ފެނި އަކްޒާ އުދުހިފައި އެދިމާލަށް ދިޔައެވެ. ޕަޘީންގެ ހަށިގަނޑު ވަރަށް ބޮޑަށް ޒަޚަމުވެފައިވެއެވެ. އަކްޒާ ކިޒަންގެ އިރުޝާދާއެކު ޖަވާސުރު ގަނޑުވަރަށް މިސްރާބުޖެހިއެވެ.
******************
މިނާލް މަޑުމަޑުން ލޯހުޅުވާލިއެވެ. އޭނާވަނީ ޖަންގައްޔެއްގެ ތެރޭގައެވެ. ގަސްތަކުގައި ހިފަހައްޓައިގެންހުރެ ކޮޅަށް ތެދުވިއެވެ. އެ ޖަންގަލިން ނިކުމެ ނިޕިފިޓިންގެ ދުނިޔެ ބަލައިލަމުން ދިޔައެވެ. ޖަންގަލީގެ ބޭރުގައިވާ ފެހިގަނޑުވަރާ އަނެއްފަރާތުން މަޖާނަގާ އަޑުތައް އިވެން ފެށިއެވެ. އެ ދިމާއަށް ދެވެން އޮތް މަގުން މިނާލް ބާރަށް ދުވެފައި ދިޔައެވެ. ބޮޑެތި އިމާރާތްތައް ހުރިއިރު، އެތަނުގެ ވަށައިގެން ގަސްތައްވެސް ހުއްޓެވެ. ނަމަވެސް ހުރިހާ އެއްޗެއްވެސް މަޑު ނޫކުލައަކުން ދިއްލިފައި ވެއެވެ. އެ އިމާރާތްތަކުގެ އެތެރެފަޅިން ދިޔައިރު މިޔުޒިކުގެ އަޑުފަށްގަނޑު ގަދަވަމުން ދިޔައެވެ. އެ ބޮޑު މަހާސަމާގައި އެކި ހަރަކާތްތައް ހިނގަމުން ދިޔައެވެ. ނެޝުމާއި، އެކި ކުޅިވަރުތައްވެސް ކުޅެއެވެ. މިނާލްއަށް ކާއެއްޗެހި ބަހައްޓާފައިވާ މޭޒު ފެނުނީ ދެނެވެ.
ބަނޑުން އަޑުފަށްގަނޑުތައް އިވެން ފެށުމުން، އެހެން ނިޕިފިޓިންތައް ކާން ތިބި މޭޒު ކައިރިއަށް ދިޔައެވެ. ތަށްޓެއް ނެގުމަށްފަހު ދެތިން ހެދިކާއެއްލައި ކާން ފެށިއެވެ. ފެންތައްޓެއް ނެގުމަށްފަހު، ދެތިން ކޯވަރެއް ދަމާލިއެވެ. ކެއުމާއިގެން އިންދާ ފަހަތުން މީހަކު އައިސް ސިއްސުވާލިއެވެ. މިނާލް ބިރުން ބޯން ހުރި ފެންތަށި އެ މީހެއްގެ މޫނުމައްޗަށް ޖެހިއެވެ. މަޢާފަށް އެދެމުން ރަނގަޅަށް ކާކުތޯ ބަލައިލިއެވެ.
“ޒައިލީ؟” އިރުކޮޅަކު ގަބުވެފައި ހުރުމަށްފަހު، މިނާލްއަށް ބުނެވުނެވެ. ދެމީހުންވެސް އެއްފަހަރާ ބައްދާލިއެވެ. “މިނާލް ކީތްކުރަނީ މިތަނުގައި؟ މަރުގެ ވަގުތު ޖެހުނީތަ؟” ޒައިލީ ސުވާލުކުރަމުން ގެންދިޔައެވެ. “ނޫނޭ. މިއުޅެނީ ވަރަށްބޮޑު ކަމަކު!” މިނާލް އަޒްޓިޝްގެ ހާލަތު ކިޔައިދޭން ފެށިއެވެ. ވާހަކަތައް ދެއްކުމުގައި ތިއްބާ ޜަވީނާވެސް ޒައިލީ ކައިރިއަށް އައެވެ. އަދި މިނާލް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަމުން ދިޔައެވެ.
*************
ޖަވާސުރް ގަނޑުވަރުގައި ލަވީންމެން އެންމެން ވެގެން މަޚުލޫޤުންތަކާ ހަނގުރާމަ ކުރަމުން ދިޔައެވެ. ކަޅު ވިލާތައް ފޭދިގެންގޮސް ދަނބުކުލައަށް ބަދަލުވިތަނާހެން، ދިޔަތައް ވެހުން ހުއްޓުނެވެ. އެއާއެކު މީހުން މަޚުލޫޤުންތަކަށް ބަދަލުވުން ހުއްޓި ހަމަޔަކަށް އެޅުނެވެ. ލަވީންމެން ހަމަޔަކަށް އެޅުމުން އޮލަ ރިހާކުރުގަނޑެއްހެން ބިންމަތީގައި ފެތުރިފައިވާ ކަޅު ދިޔަތައް ނައްތާލުމަށް ހަދާނެގޮތަކާމެދު ވިސްނަމުން ދިޔައެވެ. އެކި ގޮތްގޮތަށް ވިސްނުމަށްފަހުވެސް، ހަދާނެ ގޮތައް ޚިޔާލަކަށް ނައެވެ. ދުރު ހިސާބަކުން އަކްޒާގެ ބިޔަ ހަށިގަނޑު ފެނެއެވެ. ލަވީން ކިޒަންއާ ބައްދަލުވުމަށް ގަނޑުވަރުގެ މަތީ ބަޔަށް ދިޔައެވެ.
ގަނޑުވަރުގެ މަތީބަޔަށް ކިޒަން ލުމަށްފަހު، އަކްޒާ ގަނޑުވަރު ކައިރީގައިވާ އުސް ބިމެއްގައި ހަމަޖެހިލިއެވެ. އޭރު ޕަޘީން އޭނާގެ ހަށިގަނޑުގައިވާ ފާރުތަކާއި ވިރިފައިވާ މަސްތައް އުފައްދާ ފުރިހަމަކުރަމުން ދިޔައެވެ. ހަންގަނޑުވެސް ރަނގަޅުކުރުމަށްފަހު، އެ އުސް ބިމުން ފޭބިއެވެ. އަދި ބިންމަތީގައިވާ ކަޅު ދިޔަތައް ނައްތަމުން ދިޔައެވެ. ހުދުކުލައިގެ ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ފުއްތައް އުކަމުން ގަސްތަކުގައިވާ ކަޅުކަން ފިލުވާލިއެވެ. ދިޔަގަނޑު ގެއްލުވާލުމަށްފަހު، ހަލާކުވެފައިވާ އިމާރާތުގެ ބައިތައް މަރާމާތުވެސް ކުރިއެވެ.
ލަވީން ކިޒަން ފެނުމުން ކުޑަ ހިނިތުންވުމެއް ފާޅުކޮށްލިއެވެ. ފުރަތަމަވެސް ކިޒަންގެ ޙާލު އެހުމަށްފަހު މިނާލްއާ ބެހޭގޮތުން ސުވާލުތައް ކުރަން ފެށިއެވެ. ކިޒަން އަވަސް އަވަހަށް ހިނގާފައިވާ ކަންތައްތައް ކިޔައިދިނެވެ. އަދި އަކްޒާ ކައިރީގައި ހުރި ޕަޘީން ދެއްކުމަށްފަހު އޭނާ ތަޢާރަފު ކުރިއެވެ. ޠިލްޒާގެ ވާހަކަތައްވެސް ކިޔައިދިނެވެ. ހުރިހާ ކަމެއް އަވަސް އަވަހަށް ކިޔައިދޭތީވެ ގިނަފަހަރު ލަވީންއަށް ވާނުވާވެސް އޮޅެއެވެ.
ގުގުރި އެޅުމާއެކު އުޑުމަތީގައި ފެތުރިފައިވާ ދަނބުކުލައިގެ ވިލާތައް، އަނެއްކާވެސް ކަޅުވާން ފެށިއެވެ. ހޮނު އެޅުމާއެކު، ބާރުގަދަ އަޑުފަށްގަނޑުތައް އިވެމުން ދިޔައެވެ. ވިދުމާއެކު ކަޅު ދިޔަތައް އޮހެން ފެށިއެވެ. ކިޒަންއާއި ލަވީން ގަނޑުވަރުތެރެއަށް ވަނެވެ. ކަޅު ވިލާތަކާ ދިމާއަށް ހުދުކުލައިގެ ޖާދޫ ފުއްތައް އުކަމުން ދިޔައިރު ވިލާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. “މި ވިލާގަނޑު މިއީ އާދައިގެ ވިލާގަނޑެއް ނޫން. މިއީ މެންޓިފުޝްޓި ޝިފައިންޓަލް ބޭނުންކޮށް އުފައްދާފައިވާ، ވިލާގަނޑެއް.” ޕަޘީން އަކްޒާއަށް ކިޔައިދެމުން ދިޔައެވެ. ޕަޘީންގެ ޖާދޫ ހުސްވުމާ ގާތަށް އެ ކަޅު ވިލާތައް ނެއްތޭތޯ ބެލިއެވެ. ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ހުދުކުލައިން ނިވިދިއްލެން ފެށުމުން ޕަޘީން އަކްޒާއާއެކު ގަނޑުވަރާ ދިމާއަށް ތިރިއަށް ފައިބަން ބުންޏެވެ.
****************
ބާތިޘް އޭނާއަށް ހިނގުނުހާ ބާރަކަށް ތަންތަން ބަލަމުން ދިޔައެވެ. ނިޕިފިޓިން ދުނިޔޭގައި ބާއްވަމުން ދިޔަ މަހާސަމާއަށް ދެވުނެވެ. އެތަނުގައި ދިޔުމަށްފަހު، މީހުންނަށް ބަލަމުން ގެންދިޔައެވެ. އެކި ކަހަލަ މީހުން އެތަނުގައި ތިއްބެވެ. އޭނާ އަމިއްލަ އަތުން މަރާލި މީހުންވެސް ތިއްބެވެ. ފަރާތްފަރާތް ބަލާލުމާއެކު، މިނާލްގެ މޫނު ލޮލުގައި އަޅައިގަތެވެ. އޭނާގެ ގާތަށް އިންތިހާއަށް ރުޅިއައެވެ. ބާރު ހިނގުމެއްގައި ގޮސް މިނާލްއާ ކައިރިވިއެވެ. އަދި އަތް މުށްކަރުވާފައި ޖެހިއެވެ. ނަމަވެސް މިނާލްގެ ދިފާއުގައި ޒައިލީ ބާރަށް ބާތިޘްގެ މޫނުގައި އަތުން ޖެހިއެވެ. އެއާއެކު އޭނާ ރުޅި އިތުރަށް ގަދަވިއެވެ. “ކަލޭ ކީތްކުރަން މިތާގައި ތިއުޅެނީ؟” މިނާލް މޫނުމަތީ އަތް އަޅައިގެންހުރެ ބުންޏެވެ. “މަގޭ މިތަނަށް އައީ ހަމަ ކަލޭމެންގެ ސަބަބުން.” ބާތިޘް ބުނަމުން ދިޔައެވެ. ކުއްލިއަކަށް މިނާލްއާ ބާތިޘް ދެމީހުންވެސް މުއްކަރުވާފައި އެކަކު އަނެކަކަށް ތަޅާފޮޅަން ފެށިއެވެ. ޒައިލީ ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، މިނާލް ބުނުމުން ދުރުގައި ހުއްޓެވެ.
“ކަލޭގެ ކޮއްކޮއަށް އެވަރު ކުރީ ކީއްވެ؟” މިނާލް ބާތިޘްގެ އަތް ހިފަހައްޓަމުން ބުންޏެވެ. “އެއީ އޭނާގެ މައްސަލަ. އެންމެ ތިން އަހަރުގައިވެސް އޭނާ ފާޑެއްގެ ޖާދޫތަކެއް ހެދި. މަންމައާއި ބައްޕަ އަބަދުވެސް އޭނާ ހަދަމުން ދިޔަ ޖާދޫތަކަށް ސަމާލުކަންދޭ. އަހަރުމެން އެކަކަށްވެސް އަޅައިނުލާ.” ބާތިޘް އޭނާގެ އަތް މަޅާލަމުން ބުންޏެވެ. “އެހެން ހެދިޔަކަސް އެއީ ކަލޭގެ މަންމައާއި ބައްޕަގެ ކަމެއްނު.” މިނާލް ބާތިޘްގެ މޭމަތީގައި ގޮށްމުށުން ޖެހިއެވެ. “އޭނާ ޖާދޫ ނެތް ކުއްޖާއޭ ކިޔާ މަލާމަތްކުރަން ފެށީ ޚުދު އަހަރެން. ކޮންމެ ފަހަރަކު އޭނާގެ ސަބިޝް ރެރިޑެންތައް ހަލާކުކުރީ. ފަސްއަހަރު ވުމުން އޭނާ ޖާދޫ ހުރިތޯ ބެލުމަށް ދިޔައިރު ޖާދޫގެ ބޯޅައިން ދައްކުވައިދިނީ ފާޑެއްގެ ފަނޑު ހުދު އަލިގަނޑެއް. އެއީ އެއްވެސް ޖާދޫއެއް ނޫން.” ނުލަފާ ހިނިގަނޑެއް ޖެހުމާއެކު، މިނާލްގެ ބަނޑުގައި ޖެހިއެވެ. ވީ ތަދާއެކު މިނާލް ދުރަށް ޖެހުނެވެ. އަދި ބަނޑުގައި އަތްއެޅުމަށްފަހު، ބާރަށް ދުވަމުން ބާތިޘްއާ ދިމާއަށް ދިޔައެވެ. ދިޔަގޮތަށްގޮސް ބާތިޘްގެ ދެފައި ދޭތެރެއަށްވާގޮތަށް ބާރަށް މިނާލްގެ ފައި މައްޗަށް ނެގިއެވެ. ބާތިޘްއަށް ވީ ތަދާއެކު، ބިމުގައި ދެކަކޫ ޖަހާ އިށީނެވެ. “ކަލޭގެ ކޮއްކޮއޭ އެއީ. އެއްވެސް ރަހުމެއްނެތި އެ ފަކީރުގެ ދިރިއުޅުން ހަލާކުކުރީ ހަމަކަލޭ. މަގޭ ހުއްޓަކާ ދެން ކިޒަންއަކަށް ގެއްލުމެއް ނުދެވޭނެ.” މިނާލް މޫނުގައި ރުޅިވެރިކަން ފެންނަން ހުއްޓެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


