ޖަވާހިރުގެ ބާރު 2 – 9
ގަނޑުވަރުގެ ވަލުދޮރާށި ބަލަހައްޓަމުން ދިޔަ މީހާއާ ދިމާއަށް މިނާލް ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު)ނެގުމަށްފަހު، ‘ޝިޚައޮން’އޭ ބުނެލިއެވެ. ކަނޑު ނޫ ކުލައިގެ ޖާދޫގެ ފުއްތައް އެމީހާގެ މޫނަށް ބުރައިގެން ދިޔައެވެ. ވަގުތުން ބޮލުގައި އަތް އެޅުމަށްފަހު، އެ މީހާ މޫނުވަތަށް ބިން މައްޗަށް ވެއްޓުނެވެ. ތަންވަޅު ބެލުމަށްފަހު ފަސް މީހުން ވެގެން މުޅި އެތަނުގައި އަތް ފުނާއަޅަމުން ދިޔައެވެ. އުޔީން އޭނާގެ ހިޔަނިތައް ބޭނުންކޮށް ތަންތަން ބަލަމުން ދިޔައެވެ. އިރުކޮޅެއްފަހުން ވަލުދޮރޯށި ހުރި ސީދަލަށް މާދުރުނޫން ހިސާބެއްގައި ފަތްތަކުގެ އަޑީގައި ފޮރުވިފައި އޮތް ބަރު ފިލާގަނޑެއް ފެނުނެވެ. ކިޒަން ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް އެ ބަރު ފިލާގަނޑު ހިއްލާލިއެވެ. އަދި ތިރީގައިވާ ސިޑިބަރިން މަޑުމަޑުން ހުރިހާ އެންމެން ހިނގައިގަތެވެ. ނުރް (އިރުގެ ޖާދޫ)ބޭނުންކޮށް ތަންތަން އަލިކުރަމުން ތިރިއަށް ދިޔަ ޒަނީންއަށް ފެނުނީ އާދައިގެ މަންޒަރެއްނޫނެވެ. މަރުވެފައިވާ މީހުންގެ ކަށިތަކެވެ. އެކެއްގެ ކަށިގަނޑެއް ނޫނެވެ. ހީވަނީ ބައިވަރު މީހުންތަކެއްގެ ހަށިތަކެއް ހެންނެވެ. މުޅި އެތާ އެތެރޭގައި ކުނިވަސްތައް ހުއްޓެވެ. ހުރިހާ އެންމެންވެސް ނޭފަތުގައި އަތް އަޅައިގެން ހިނގާފައި ކުރިއަށް ދިޔައެވެ.
އެ ކޮޓަރިފަދަ ތަނުން ނިކުމެވުނީ އަލިފާނުގެ ވޮށްތަކުން ދިއްލާފައިވާ މަގެއްގެ މެދަށެވެ. މީހެއްގެ އެއްވެސް ހިލަމެއް ނުވުމާއެކު ހުރިހާ އެންމެންވެސް ވަރަށް މަޑުމަޑުން އެކި ދިމަދިމާއަށް ހިނގައިގަތެވެ. މީހަކަށް ވަކި ހިސާބެއް ބަލަން ދިނުމަށްފަހު ކިޒަން ކުރިއަށް ހިނގައިގަތެވެ. ހުރިހާ އެންމެންވެސް ކޮޓަރިއަށްފަހު ކޮޓަރިއެއް ބަލަމުން ދިޔައެވެ. އެތައް އިރެއް ވާންދެން މުޅި އެ ބިންގަރާސް ބެލުމަށްފަހުވެސް އެ މީހުންނަކަށް ޖިފެ (އަލިފާން)ޖަވާހިރެއް ނުފެނުނެވެ. ހުރިހާ އެންމެންވެސް ހާސްވެއްޖެއެވެ. ދުވާ ކުނިވަހުން ނޯއްދަމާލަން ނުކެރޭއިރު، ޖަވާހިރުވެސް ފެނުނީކީއެއް ނޫނެވެ.
ހުރިހާ އެންމެން އެއްތާކަށް އެއްވެ، މަޝްވަރާ ކުރަން ފެށިއެވެ. “މިތަނުގައި ޖަވާހިރު ނެތިއްޔާ، ތިކިޔާ ކިޒަންގެ ބޭބެގަނޑު އެ ޖަވާހިރު ނެގީ ކަންނޭނގެ.” މިނާލް ބުނެލިއެވެ. “ދެން އެހެން ވިއްޔާ މިތަނުގައި ތިބުމެއް ނެތް. ލަވީން ކައިރިއަށް އެނބުރި ދަމާ.” އުޔީން ބުނެލިއެވެ. ޒަނީން ޓެލިޕޮފްޓި (ޖާދޫ ދަތުރު)ބޭނުންކޮށް އެންމެންވެސް ޖަވާސުރް ގަނޑުވަރަށް ފާޅުކުރިއެވެ. އަދި ޖަވާހިރު ނުފެނުނު ވާހަކަ ލަވީން ކައިރީ ބުންޏެވެ. އެރޭ އެއްކޮށް ދެކެވުނީ އެ ޖަވާހިރު ހޯދަން ދިޔުމަށް ރާވާ ބޮޑު ރޭވުމެއްގެ ވާހަކައެވެ. އަދި އެއަފްޓިޚް (ބިމުގެ)ޖަވާހިރު ރައްކާތެރިތަނަކަށް ލުމަށްވެސް ރާވަމުން ދިޔައެވެ. އެންމެފަހުން ނިމުނީ އެ ޖަވާހިރުތައް ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)އަށް ގެންދާގޮތަށެވެ.
ބަގީޗާގެ ރީތިކަމަށް ގެއްލިފައިވާ މިނާލް ހުރީ ބަގީޗާގައި ހައްދާފައިވާ މާ ގަސްތަކުގައި އަތްލާށެވެ. ފިނިފެން މަލެއް ބިނދެ އޭގެ ވަސްބެލުމަށް ގެއްލިފައިހުރި މިނާލް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ފަހަތުން މީހަކު އައިސް އޭނާގެ ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު)ގައި ހިފާ ދަމައިގަތުމުންނެވެ. އަވަސް އަވަހަށް ފިނިފެންމާވެސް އެއްލާލުމަށްފަހު ފަހަތަށް މޫނު އަނބުރާލިއެވެ. ނަމަވެސް އެ މީހާގެ މުޅި ގައިވަނީ ކަޅު ހިޔަނިތަކުން ފޮރުވިފައެވެ. އޭނާގެ ފަހަތުން މިނާލް ދުވެފައި ދިޔަނަމަވެސް ވަކި ހިސާބަކަށް ދެވުމާއެކު އެ މީހާ ހުރިތަނަށް ގެއްލުނެވެ. އަދިވެސް ހަށިގަނޑުގައި ތުރުތުރުއަޅަމުން ދާ ހާލުގައި ކިޒަން ހޯދުމަށް މިނާލް ދުއްވައިގަތެވެ. ގަނޑުވަރުތެރެއަށްވަދެ ބާރު ހިނގުމެއްގައި ކިޒަން އުޅޭ ކޮޓަރި ކައިރިއަށް ގޮސް ދޮރުގައި ޓަކިޖެހިއެވެ.
ފެންވަރައިގެން ނިކުމެ ހުރި ކިޒަން ފެނުމާއެކު މިނާލްގެ ހިތް އިތުރަށް ބާރުބާރަށް ތެޅިގަތެވެ. ހަމައެކަނި ތުވާލި އަނދެގެން ހުރުމާއެކު، އޭނާގެ މަސްތައް އޭގެ ފުރިހަމަކަން ދައްކަމުން ދިޔައެވެ. ކޮލުކަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައްފެނި، މިނާލް ހުއްޓުން އަރާފައި ހުއްޓެވެ. ބަނޑުގައި އަތުރާލެވިފައިވާ ހަމަސްގަނޑުވެސް އޭގެ އަސްލު ހިފަހައްޓާފައި ހުއްޓެވެ. އެ ހަށިގަނޑުގެ ދެފަރާތުންވެސް މަސްތައް އޭގެ ބައްޓަން ހިފަހައްޓާފައިވެއެވެ. ފެންތިކިތައް މުޅިގައިގަ ނުހިކި ހުއްޓެވެ. ތެތްވެފައިވާ އިސްތަށިގަނޑުން ނިތްކުރި ފޮރުވިފައިވާއިރު، އެސްފިޔަތަކުގައިވެސް ފެންތިކިތައް ހުއްޓެވެ. ކޮޓަރިން ބޭރުގައި ދިއްލިފައިވާ އަލިފާނުގެ ވޮށުން އޭނާގެ ހަށިގަނޑަށް ފުރިހަމަ އަލިކަމެއް ވެރިވެފައި ހުއްޓެވެ. މިނާލްގެ ދެ ކޮލުގައި ރަތްކަން ހުއްޓެވެ. “ކިހިނެތްވީ؟” ކިޒަން ބަރު އަދި ރީތި އަޑަކުން ބުނެލިއެވެ. “އަހަ-… އަހަރެންގެ، ސޫރް- ނެޕްޓަފް ކޮންމެ…ވެސް މީހަކު ވަގަށް…ނަގައިފި.” މިނާލް ކިޒަންގެ ހަށިގަނޑަށް ގެއްލިހުރެ ބަސްތައްވެސް އޮޅެމުން ދިޔައެވެ. “މަޑުކުރޭ އަހަރެން އަންނައުނު ލައިގެން އިރުކޮޅަކުން އެބަ ނިކުންނަން!” ކިޒަން ދޮރު ލައްޕާލަމުން ބުންޏެވެ.
ދޮރު ހުޅުވެންދެން ކޮންމެ ސިކުންތަކުވެސް މިނާލް ހާސްވަމުން ދިޔައެެވެ. އިރުކޮޅަކުން ކިޒަން ގަންޖުފަރާހެއްގެ މަތިން ގަދަ ދަނބުކުލައިގެ ކޯޓެއްލައިގެން ނިކުތެވެ. ކަޅުކުލައިގެ ތިރީކޮޅެއްލައިފައި ހުއްޓެވެ. “ތިޔަ މީހެއް ހޯދުމަށް ކިހިނެތް ހަދާނީ؟” ކިޒަން ބޫޓަކަށް އަރަމުން މިނާލް ކައިރީ އެހިއެވެ. “އޭނާ… ހުރިތަނަށް… ގެއްލުނީ!” އަދިވެސް މިނާލް ހަމައަކަށް ނޭޅެއެވެ. “އޭނާ ހުރިގޮތް އެނގޭތަ؟” ކިޒަން ކޮޅައްތެދުވަމުން އަހާލިއެވެ. “ނޭނގެ. އޭނާ ހުރީ ކަޅު… ހިޔަނިތަކަކުން ފޮރުވިފައި.” މިނާލް ނޭވާލައި ހަމަޖެހެމުން ބުންޏެވެ. “ތިޔަ މީހެއް ހޯދޭނެ ގޮތެއް ނެތެއްނު.” ކިޒަން މިނާލްގެ މޫނާއި ގާތްވެފައި ބުންޏެވެ.
މިނާލްގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު، ކޮނޑުގައިވާ ނިޝާނަށް ކިޒަން ބަލައިލިއެވެ. “އަދިވެސް މި ތަނެއް ރަނގަޅެއް ނުވޭތަ؟” މިނާލްގެ ގަދަ ރަތްކުލައިގެ އިސްތަށިގަނޑުގައި ފިރުމަމުން ކިޒަން ބުނެލިއެވެ. “އާނ. އަކްޒާ ބުނީ އެތަން ރަނގަޅުވާން ދުވަސް ނަގާނެ ވާހަކަ. އެތަން ރަނގަޅުވުމުން ނޫނީ އަހަރެން އަމިއްލައަށް ޖާދޫއެއް ނެހެދޭނެ.” މިނާލް ކިޒަންގެ މޭމަތީ އަތްއަޅާ ދުރަށް ކޮށްޕާލަމުން ބުންޏެވެ. ދެ މީހުންވެސް މަޑު ހިނގުމެއްގައި ގަނޑުވަރުގެ ތަޚުތު ހުރި ކޮޓަރިއަށް ދިޔައެވެ.
އޭރު ލަވީން ފޮތެއް ކިޔުމައިގެން މަޝްޣޫލުވެފައި އިނެވެ. އުޔީން ފެންނަ ހިސާބަކު ނެތެވެ. ކިޒަން ލަވީންއަށް ގަނޑުވަރުތެރޭގައި ވަގެއް އުޅޭކަމަށް ހުށަހެޅިއެވެ. “ގައިމު ގަނޑުވަރުގެ ހުރިހާ ދިމާއެއްގައިވެސް ދޮރުވާނަކާއި، ދަހަނާގައި ތިބި ބަޔަކު ބަހެއްޓިފައިވާނެ.” ލަވީން އޭނާ ކިޔަން އިން ފޮތް ލައްޕާލުމަށްފަހު ބުންޏެވެ. މިނާލް އިރުކޮޅެއް ވަންދެން ލަވީންގެ ކައިރީގައިވާ ހުސް ގޮނޑިއަށް ގެއްލިފައި ހުއްޓެވެ. “ކޮބާ އުޔީން؟” މިނާލް ލަވީންއަށް ބަލައިލުމަށްފަހު ސުވާލުކޮށްލިއެވެ. “ނޭނގެ. މިރޭ އަދި އޭނަ ނުފެނޭ.” ލަވީން އޭނާގެ ފޮތް ތަޚުތުގެ އަރިމަތީގައި ހުރި މޭޒުމައްޗަށް ލުމަށްފަހު، ކިޒަންއާއި މިނާލްއަށް މަރުހަބާކިޔެވެ. އަދި ކައިވެންޏަށް ބޭނުންވާ އެއްވެސް ކަމެއް އޮތްތޯ ސުވާލުވެސް ކުރިއެވެ.
“ލަވީން، އަހަރެންނަށް ކަމެއް ފާހަގަވޭބަ. ޖިފެ ޖަވާހިރު ހޯދުމަށް ބިންގަރާހުން އެނބުރި އައި އިރުއްސުރެ އުޔީން ހުންނަނީ ވަރަށް މަޑުން. އާންމުކޮށްކުރާ ސުވާލުތަކެއްވެސް އޭގެ ފަހުން ނުކުރޭ.” މިނާލް އޭނާއަށް ފެންނަ ފެނުން ބުނެދިނެވެ. ކިޒަންވެސް އުޔީންގެ ހަރަކާތްތައް ހިތަށް ގެންނަމުން ހޫނ އަޅުވާލިއެވެ. “އެހެންތަ. އަދި އައިރުއްސުރެ އޭނާ އަހަންނަކާ ވާހަކައެއްވެސް ނުދައްކާ!” ލަވީންގެ މޫނަށް ޝައްކުގެ ކުލަވަރުތައް އަރަމުން ދިޔައެވެ. “އަދިވެސް އެއްފަހަރު، ވަރަށް އުފާވޭ ކިޒަންއާއި މިނާލްގެ ކައިވެންޏަށް.” މޫނުމައްޗަށް ހިނިތުންވުމެއް ފާޅުކުރަމުން ލަވީން ބުންޏެވެ. އެއަށްފަހު އޭނާ ކިޔަމުން ދިޔަ ފޮތް ނެގުމަށްފަހު، އެންމެފަހުން ކީ ސަފުހާ ހޯދުމަށް ގަނޑުތައް އުކާލިއެވެ.
*******************
އެޝްލިޕްނިއާގެ ތެެރޭގައި ހުރި އަނދިރި ގަނޑުވަރުގައި ކަޅުބުޅާ ފަރާތްފަރާތަށް ހިނގާލަ ހިނގާލާ އުޅެއެވެ. ކުއްލިއަކަށް ގަނޑުވަރުގެ ދޮރު ހުޅުވުމަށްފަހު، އެތެރެއަށްވަނީ ބާތިޘްއެވެ. އޭނާގެ އަތުގައި އޮތް ދެ ޖަވާހިރު ފެނި އުފަލުން ފުންމަމުން އެ ކަޅުބުޅާ އޭނާ ހުރި ދިމާއަށް އައެވެ. “މިއީ ކަލޭ މަށަށް ދިން ކަޅުކުލައިގެ ދިޔަގަނޑުގެ ބާރު. މިހާރު އަހަރެން ކިތަންމެތާކު ހުއްޓަސް އަހަރެން ހުންނަކަމެއްވެސް އެމީހުންނަކަށް ނޭނގޭނެ.” އެހެން ބުނުމަށްފަހު ބާތިޘް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. “ހުނ. އަދި ނުރްގެ ޖަވާހިރު ކޮބާ؟ އަދި އެހާ އަވަހަށް އުފާނުވޭ.” ކަޅުބުޅާ ބާތިޘްއާ ދިމާއަށް ލޯ އަޅާލިއެވެ. ލަސްތަކެއްނުވެ، ބާތިޘް އޭނާ ގެނައި ޖަވާހިރުތައް ޖާދޫގެ ވަށްބުރަށް ޖެހުމަށްފަހު، ނުރް (އިރުގެ)ޖަވާހިރު ހޯދުމަށް ދިޔައެވެ.
******************
ޓެފަނުރް (އިރުގެ ބިން)އަށް ވެރިވެފައިވަނީ އިރުގެ ފިޔާތޮށި އަލިކަމެވެ. އިރުގެ ވަށަލަ ކުޑަކޮށް ހުޅަނގަށް ބަދަލުވެފައިވެއެވެ. ޖަވާހިތް ގަނޑުވަރުގައި އެހީތެރިން ހޭބޯނާރާ މަސައްކަތުގައި އުޅެއެވެ. ގަނޑުވަރުތެރެ ސާފުކުރަނީއެވެ. ބަގީޗާގެ ގަސްތައް ބައްޓަން ކުރަނީއެވެ. ގަނޑުވަރުގެ މައިދޮރޯށި ސާފުކުރުމުގައި އެހީތެރިއަކު އުޅުނެވެ. އިރުކޮޅަކުން ގަނޑުވަރުގެ ދޮރޯށި ކުރިމައްޗަށް ޒަނީން ފާޅުވިއެވެ. ދޮރު ސާފުކުރުމުގައި މަޝްޣޫލުވެ ހުރި އެހީތެރިޔާ، ޒަނީންއަށް މަރުހަބާ ކިޔެވެ. އަދި އެއްޗެއް ބޭނުންތޯވެސް އެހިއެވެ. ނަމަވެސް އެހީތެރިންގެ ބުނުންތަކަށް އިންކާރުކުރުމަށްފަހު، ޒަނީން އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.
******************
ޓެފަސޫރް (ހަނދުގެ ބިން)އަށް ހެނދުނުގެ ހަނދުގެ އަލި ލިބެން ފެށިއެވެ. ނަމަވެސް ހަނދުގެ އަލި ކުރިއަށްވުރެ ގަދައެވެ. އެހާ މައިރާ ތެދުވެ ކިޒަން ދުވުމަށް ގަނޑުވަރުން ބޭރުގައި އުޅެއެވެ. މިނާލްވެސް ތެދުވެ އާފުރިލުމަށްފަހު، ތައްޔާރުވެގެން ކޮޓަރިން ނުކުތެވެ. އަދި ލަވީންއަށް މަރުހަބާ ކިޔުމަށްފަހު، އުޔީން ކޮބައިތޯ އެހިއެވެ. “ނޭނގެ. އަނެއްކާ އޭނާ ކޮބައިބާ؟ ހިނގާބަލަ އޭނާގެ ކޮޓަރީގައި އުޅޭތޯ ބަލައިލަން.” ލަވީން އުޔީންގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖަހަމުން ބުންޏެވެ. ދެ މީހުންވެސް ކޮޓަރި ދޮރު ހުޅުވުމަށްފަހު އުޔީންއަށް ގޮވަންފެށިއެވެ. ފާހާނާތެރެ ބެލިއިރުވެސް އޭނާގެ ޚަބަރެއް ނުވިއެވެ. “އަނެއްކާ އަހަރެން ހީކުރި ގޮތް ތެދަށްވީބާ؟” މިނާލް ބިރުން ހުރެ ބުންޏެވެ. ދެ މީހުންވެސް ހާސްވެ، އުޔީން ހޯދުމަށް މުޅި ގަނޑުވަރުތެރެ އެފުށް މިފުށަށް ޖެހިއެވެ. އަދި ހަރުގެއާއި ބަގީޗާތެރެވެސް ވަރަށް ރަނގަޅަށްބެލިއެވެ.
ޖަންގަލިތެރެއިން ދުވެފަ އައި ކިޒަން ހުރީ ދާ ހިއްލާ ފޯވެފައެވެ. އޭރު ލަވީންއާއި މިނާލް ވާހަކަދައްކަން ހުރިތަން ފެނި އެ މީހުންގެ ފަހަތުން ސިއްރު ސިއްރުންގޮސް ދެ މީހުން ސިއްސުވާލިއެވެ. މިނާލް ބިރުން ސިއްސައިގެން ގޮސް އޭނާގެ އަތުން ކިޒަންގެ މޫނުމަތީގައި ޖެހިއެވެ. “ކިޒަން. ކިތައް ފަހަރު ބުނާނީ އެހެން ނުސިއްސުވައްޗޭ.” މިނާލް ބިރުން ހިތް އަތަށްނައީ ހަމަ ކިރިޔާއެވެ. “ތަދުވިތަ؟ މައާފުކުރޭ އަހަރެން ބިރުން ހުރީމަ ޖެހުނީ.” މިނާލް ހަމަޔަކަށް އެޅުމަށްފަހު ދެރަވެގެން ބުންޏެވެ. ކޮލުގައި އަތްލަމުން ކިޒަން އެއީ އެހާ ބޮޑުކަމެއް ނޫންކަމަށް ބުންޏެވެ. އޭރު ލަވީން މޫނުމަތީގައި އަތް އަޅައިގެންހުރެ އޭނާ ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. “މަޖަލެއް ނޫނޭ ލަވީން! މިހާރުވެސް މިއުޅެނީ އުޔީން ގެއްލިގެން.” މިނާލް ކިޒަންއަށް ބަލައިލުމަށްފަހު ބުންޏެވެ. އަދި އުޔީންއަށް ވީގޮތަކާމެދު ސުވާލުކުރިއެވެ.
“ތިއެއް ނޫނޭ. ކޮބާ މިނާލްގެ ބައްޕަ؟ އެހެންނޫނީ ކޮންމެ ދުވަހަކުވެސް މިގަޑީގައި ބަގީޗާއަށް ނިކުންނާނެ.” ކިޒަން ޒަނީން ނުފެނިގެން އޭނާއާ ބެހޭގޮތުން ލަވީން ކައިރީ އެހިއެވެ. “ނޭނގެ. އަނެއްކާ ޒަނީންއާއެކު އުޔީންވެސް ތާކަށް ދިޔައީތަ؟ ހިނގާބަލަ ޒަނީންގެ ކޮޓަރިއަށް.” ލަވީންމެން ގަނޑުވަރާ ދިމާއަށް ބާރު ހިނގުމެއްގައި ދިޔައެވެ. ތިން މީހުންވެސް ޒަނީން ހޯދުމަށް ކޮޓަރީގައި ޓަކިދެމުން ދިޔައެވެ. ކިޒަން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން މިނާލް އަނގަމަތީގައި އަތް އެޅިއެވެ.
އޭރު އެނދުގައި ޒަނީން ހަތަރެސްފައި ބަނދެފައި އޮތެވެ. އެނދުގެ ހަތަރުކަނުގައި އައްސާފައި އޮތެވެ. ނޭފަތުން ތިރީގައި ކަޅުކުލައިގެ ޖާދޫ ފުއްތަކެއް ހުއްޓެވެ. ކިޒަންގޮސް ވާގަނޑުތައް ނިއުޅަން ފެށިއެވެ. އެ ވާގަނޑުގައިވެސް ކަޅު ޖާދޫގެ ފުއްތައް ހުއްޓެވެ. މޫނުގައި އުނގުޅިފައިވާ ޖާދޫގެ ފުއްތައް ފުހެލުމާއެކު ޒަނީން ވާހަކަ ދައްކަން ފެށިއެވެ. “މިއީ އުޔީން ކުރިކަމެއް. އޭނާ އަހަރެންގެ ކޮޓަރިއަށްވަދެ ކަޅުކުލައިގެ ޖާދޫފުއްތަކެއް ވިހުރުވާލި. އަދި އަހަރެންގެ ސިފައަށް ބަދަލުވުމަށްފަހު ހުރިތަނަށް ގެއްލުނީ. އަހަރެމެން ޖިފެ(އަލިފާނުގެ) ޖަވާހިރު ހޯދުމަށްފަހު އެނބުރި ގެނެވުނީ އުޔީންއެއް ނޫން.” ޒަނީން އަވަސްއަވަހަށް ކިޔައިދިނެވެ. އަދި ހަތަރެސްފައި ސަލާމަތްވުމާއެކު ހުރިހާ އެންމެން، އަލިފާން ގަނޑުވަރުގެ އަޑީގައިވާ ބިންގަރާހަށް ފާޅުކުރުވިއެވެ.
ހުރިހާ އެންމެން ވެގެން ހުރިހާ ކޮޓަރިއެއް ބަލަމުން ދިޔައެވެ. އިރުކޮޅެއްފަހުން މިނާލް ކޮޓަރިއެއްގެ ދޮރު ހުޅުވާލިތަނާހެން ފާރުގައި ކަޅު ޖާދޫތަކެއްގެ ތެރޭގައިވާ އުޔީން ފެނުނެވެ. ވަގުތުން ކިޒަންއަށް ގޮވާގެނެސް ފާރުގައި އުފެދިފައިވާ ކަޅު ރަބަރުގަނޑެއްފަދަ ޖާދޫގެ ފުއްތަކުން އުޔީން ސަލާމަތްކުރިއެވެ. އެއަށްފަހު ހުރިހާ އެންމެން ޖަވާސުރް ގަނޑުވަރަށް ޓެލިޕޮފްޓި (ޖާދޫގެ ދަތުރު)ވިއެވެ. ވަރު ދެރަވެފައިވާ އުޔީން ތަޒުމީރާއާ ހަވާލުކުރިއެވެ. ކުއްލިއަކަށް ވަރަށް ބާރުގަދަ އަޑުފަށްގަނޑެއް އުޑުން އިވެމުން ދިޔައެވެ. ބިމަށް ގުޑުން އަރައިގެން ދިޔައެވެ. ހަނދުވަރުގެ ކުލަ ފަނޑުވަމުން ދިޔައެވެ. ހުރިހާ އެންމެންވެސް ދުއްވައިގަތީ ގަނޑުވަރުގެ ފެންޑާއަށެވެ. އޭރު ހުޅަނގުފަރާތުގައިވާ ހަނދު އިރުމަތި ފަރާތަށް ކައިރިވަމުން ދިޔައެވެ. “ނޫން. އެޝްލިޕްނެގެ ދުވަހަކީ މިއަދުކަން ހަނދާންވެސް ނެތް.” ޒަނީން ހާސްވެ ހުރެފައި ހަޅޭއްލަވަމުން ދިޔައެވެ.
*****************
ޖާދޫގެ ވަށްބުރު ވައިގެ ތެރެއަށް އުދުއްސަމުން ބާތިޘް އޭނާގެ ކާމިޔާބީއަށް ހިނިތުންވެފައި ހުއްޓެވެ. ކަޅުބުޅާވެސް އިރުކޮޅަކާ ނުލަފާ ހިނިގަނޑު ޖަހައެވެ. “ހާދަހާ މޮޔަ ބައެކޭ، ކޯއްޗެއްތަ… އެއުޅޭ އުޔީންގެ ސިފައަށް ބަދަލުވުމަށްފަހު، ހާދަހާ މައުލޫމާތެއް ލިބިއްޖޭ. އަދި ނުވިތާކަށް އެއަފްޓިޚް އަދި ޖިފެގެ ޖަވާހިރުވެސް ލިބުނީ. ޖަވާހިތް ގަނޑުވަރަށް ވަދެގެން ދިޔައިރުވެސް އަހަންނަކީ ކާކުކަން އެކަކަށްވެސް ނޭނގުނު. ހަހަހަ.” ބާތިޘް އުފަލުން ހެމުން ބުންޏެވެ. “މި ޖާދޫގެ ވަށްބުރު ތެރެއިން ނިކުމެގެން އަންނާނީ ރަސްގެފާނު ޠިލްޒާ.” ކަޅުބުޅާ މަޑުމަޑުން ހުރެފައި ބުންޏެވެ.
ނިޕިފިޓިންގެ ދުނިޔޭގެ ފެހިކުލައިގެ ގަނޑުވަރުތެރޭގައި، ތަޚުތުގައި ޠިލްޒާ އިށީނދެ އިނެވެ. އޭނާ ހިފަހައްޓައިގެން އިން ލޯގަނޑުގެ ތެރެއިން ބޮޑު މަޚްލޫޤެއް ފެންނަން ހުއްޓެވެ. ކަޅު އަނދިރިން މުޅި އެ ލޯގަނޑު ފުރިފައިވެއެވެ. އޭނާ އިނީ ކެތްމަދުވެފައެވެ. އަސްލު ދުނިޔެއަށް ދެވޭނެ އިރަކަށް ކެތްތެރިކަން ކޮޅުންލައިފައެވެ. އެއީ ކަޅުބުޅާ ހެނދުނުގެ ވަގުތުގައި ހުރިހާ ޖަވާހިރެއް އެކުވި ވާހަކަ ބުނުމުންނެވެ. ކުއްލިއަކަށް ގަނޑުވަރުގެ މައިދޮރާ ދިމާއިން ބޮޑު ކަނާޅެއް ވައްތަރުގެ ބާގަނޑެއް އުފެދުނެވެ. ނުލަފާ ހިނިގަނޑެއް ޖަހާލުމަށްފަހު، ޠިލްޒާ އެ ބާގަނޑާ ދިމާއަށް ހިނގަމުން ދިޔައެވެ. އެ ތަނާ ގާތްވަމުން ދިޔަވަރަކަށް އޭނާގެ ރޫހަށް ފުރިހަމަކަން ލިބެމުން ދިޔައެވެ. އިހުސާސްތައް ކުރެވެން ފެށިއެވެ. އޭނާގެ ރޫހީ ހަށިގަނޑު މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. ނޫކުލަ ފަނޑުވެ، ހަންގަނޑު މުށިކުލައަށް ބަދަލުވަމުން ދިޔައެވެ. ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ފާޅުވެ، ކަޅުކުލައިން ހަންގަނޑުގައި ފާޅުވަމުން ދިޔައެވެ. ހިތުގައި ވިންދު ޖަހަމުން ދިޔައިރު ނޭވާލެވެންވެސް ފެށިއެވެ.
އެ ބާގަނޑުގެ ތެރެއިން އަނެއްފަރާތުގައިވާ ބާތިޘްއާ ދިމާއަށް ބަލައިލުމަށްފަހު، ކުރިއަށް ހިނގައިގަތެވެ. އޭނާގެ ރޫހު ނިޕިފިޓިންގެ ދުނިޔެއިން ނިކުމެވުނުހެން ބާތިޘްގެ ރޫހު އެ ބާގަނޑުގެ ތެރެއަށް ދަމައިގަތެވެ. ހަށިގަނޑުވެސް ދަމައިގަތެވެ. އަދި ޖާދޫގެ ވަށްބުރުގައި ދިއްލިފައިވާ ޖަވާހިރުތައް ފަޅަފަޅައިގެން ދިޔައެވެ. އޭގެ އަލިކަން ގެއްލި ބާރު ކެނޑިގެން ދިޔައެވެ. ޖާދޫގެ ވަށްބުރު ދެފަޅިވުމަށްފަހު އޭގެތެރެއިން ނުކުތީ ކަޅުބުޅާގެ ރަސްގެފާނު ޠިލްޒާއެވެ.
******************
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Nice
ވަރައްވެސްދެރަ މިލޮބެެގެވާހަކަ ނިމުނުގޮތް