ޖަވާހިރުގެ ބާރު 2 – 1
ބާބު – 1 ޣިފިމް ރެނިޓް
ހޭނެތިފައިވާ ބާތިޘްއަށް ހޭލެވުނީ އެޝްލިޕްނިއާގެ އަނދިރި ގަނޑުވަރަށެވެ. ކުއްލިއަކަށް ކަޅު ބުޅާ ހަޅޭއްލަވައިގަތެވެ. އޭރު ދަނބުކުލައިގެ ފުއްތަކެއް ބާތިޘްގެ ހަށިގަނޑުން ނިކުމެއެވެ. އަނގަ ހުޅާކޮށްލުމަށްފަހު، އެ ބުޅާ ވާހަކަ ދައްކަން ފެށިއެވެ. “ބާތިޘް، ކަލޭ ޒަހީރުއަށްވުރެ މޮޅުވާންވާނެ. އޭނަހެން ކަލޭ މަރުނުވާތި!” ބާތިޘް ބުންޏެވެ. “އެއީ މަގޭ މައްސަލައެއްތަ؟ މަގޭ އޭނަހެން ފިނޑިއެއް ނުވާނެ! ކަލޭ މަގޭ ޖަލުން ސަލާމަތްކޮށްދިނީމަ މިވަރު މިވީ. އެހެން ނޫންނަމަ، ކަލޭވެސް މިހާރު ވާނީ ޒަހީރުއާއެކު މަރުވެފަ.” އެހެން ބުނުމަށްފަހު ޖާދޫގެ ވަށްބުރަށް ބޭނުންވާ ހިލައެއް ހޯދުމަށް ބާތިޘް ގަނޑުވަރުން ނިކުތެވެ. އޭރުވެސް ގަނޑުވަރުން ބޭރުގައި މަރުވެފައިވާ ޒަހީރުގެ ހަށިގަނޑު ކެއުމައިގެން ހިޔަޅުތަކާއި، ބާާޒުތައް އުޅެއެވެ.
*****************
އާ ދުވަހަކަށް ޓެފަނުރް(އިރުގެ ބިން)އަށް އިރުގެ ފިޔާތޮށި ދޯދިތައް އެޅުނެވެ. މާހައުލަށް އެޅުނު ފިޔާތޮށި ދޯދިތަކާއެކު، ދޫނިތައް ގޮވާއަޑުވެސް އިވެން ފެށިއެވެ. ވައިމަޑު ދުވަހެއްކަމުން، ގަސްތަކުގެ ފަތްތައް ހެލިވެސްނުލައެވެ. ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)ތެރެއަށް އިރުގެ އަލިކަން އެޅުމާއެކު. ނިދިފައިވާ ކިޒަންއަށް ކުއްލިއަކަށް ހޭވެރިކަންވިއެވެ. އެނދުން ތެދުވެ ހެޔޮވަރު ވަރުގެ ގަންޖުފަރާހެއް ލުމަށްފަހު، ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އިން ނިކުމެ، ހެނދުނުގެ ހޫނުކަން ލިބިގަތުމަށް ދުވަން ދިޔައެވެ. ޖަންގަލިތެރޭގެ އެކި ހިސާބުތަކުގައިި ދުވުމަށްފަހު، އެކި ވައްތަރުގެ ކަސްރަތުތައް ކުރަމުންގޮސް ވަރުބަލިވާހެން ހީވުމުން ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް އެނބުރި ދިޔައެވެ. ފެންވަރާ ތާޒާވެލައިގެން ކުޑަ ނާސްތާއެއް ކުރިއެވެ. އެއަށްފަހު ފޮތެއް ހިފައިގެން މަތީ ހަރުފަތަށްގޮސް، އެ ފޮތް ކިޔުމަށް އިށީނެވެ.
‘ޣިފިމް ރެނިޓް’ އެފޮތުގެ ނަމަކަށްވެއެވެ. ލަސްތަކެއް ނުކޮށް އޭނާ ލަވީން އާއެކު ގިލޮއްނޮސް މާ ހޯދަން ދިޔަ ހަނދާން އާވިއެވެ. އަދި ދަތުރަށްފަހު، އޭނާ މި ފޮތް ހަދިޔާކުރިކަންވެސް ހަނދާނަށް އައެވެ. ފޮތުގެ ފިހުރިސްތުގައި އެކި ބާވަތުގެ ގޮތްނޭނގޭ ނަންތައް ލިޔެފައިވެއެވެ. ބާބު އެކަކުން ފެށިގެން ކިޔަންފެށިއެވެ.
އަޒްޓިޝްގެ ދެކުނަށް ވާގޮތަށް ލޯތަކަށް ވަންހަނާ ވެފައިވާ ނިޔާމަ ބިމެއްވެއެވެ. ޣިފިމް ރެނިޓް އޭ ކިޔުނު މި ބިމަކީ ދޫނީގެ ހާލިގަނޑެވެ. މިތަނަށް ދިޔުމަކީ އެހާމެ އުނދަގޫކަމެކެވެ. ސަބަބަކީ އެ ބިން ރައްކާކުރެވިފައިވަނީ ވަރަށް ވަރުގަދަ ޖާދޫގެ ބަނަފިނިގަނޑަކުން ކަމަށްވާތީއެވެ. އެތަނުގައި އިރުދޫނިތަކާއި، ހަނދު ދޫނިތައްވެއެވެ. އަދި ބައިވަރު އެހެނިހެން ތަފާތު މަޚުލޫގުންވެސް އެތަނުގައި ދިރިއުޅެއެވެ. ފިޔަގަނޑު ލައިފަވާ ޒަރާފާތަކާއި، ހަލުވި ދަޅުފީނިފުއްލާތަކަކީ އޭގެން ދެތިން މިސާލެވެ.
އެ ފޮތުގައިވާ ބަސްތަކަށްވުރެ ކިޒަންގެ ސިކުނޑީގައި ވެރިކަން ކުރަމުން ދިޔައީ މިނާލްގެ ޚިޔާލުތަކެވެ. މާ ގިނަ އިރުތަކެއްނުވެ، ކިޒަންގެ ދެ ލޮލަށް ނިދި ސަވާރުވިއެވެ. ނިދިޔަސް، ހުވަފެންތަކުގައިވެސް ކިޒަންއަށް ފެންނަނީ މިނާލްއެވެ. މިނާލް ދެކެ ލޯބިވާކަން ނުބުނެވެނީސް އޭނާ ދިޔައީއެވެ. ކިޒަންއަށް މުޅި އުމުރަށް މިނާލް ގެއްލުނީއެވެ. އެ ހިތާމައިން އަދިވެސް އަރައިނުގަނެވެއެވެ.
****************
ޖަވާހިތް ގަނޑުވަރުގައި އުޅޭ މަދު އެހީތެރިއަކު މަސައްކަތުގައި މަޝްޣޫލުވެ އުޅެއެވެ. އެތަނުން އެހީތެރިއަކު ޒަނީންއަށް ހެނދުނުގެ ސައި ގެނައެވެ. ޒަނީން އޭނާގެ ހެނދުނު ސައިބުއީ ވަރަށް އާދައިގެ ގޮތަކަށެވެ. ދެތިން މޭވާއަކާއި، ފަނިތައްޓެކެވެ. އޭނާ އަބަދުވެސް ހުންނަނީ މާޔޫސްވެފައެވެ. އޭނާގެ މޫނުން ހިނިތުންވުމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ފިރިހެނަކަސް، އޭނާގެ އަނބި ދަރިން އަނދިރިގަނޑުގެ ތެރޭގައި މި ދުނިޔެއަށް އަލްވަދާޢު ކިޔާފައިވާތީ އޭނާގެ މުޅި ހަޔާތުގެ ކުލަވަނީ ފަނޑުވެފައެވެ. އޭނާ ވިސްނަމުން ދިޔައީ އަދިވެސް މިނާލްގެ ހަށިގަނޑު ހޯދަން ދިޔުމަށެވެ. އަދި ގެއްލިފައިވާ ބައެއް ޖަވާހިރުތައް ހޯދުމަށްވެސް މެއެވެ. ބޯން އިން ފަނިތަށި ބިންމައްޗަށް ވެއްޓި ތަޅައިގެންދިޔަ އަޑަށް ޒަނީން ޚިޔާލުތަކުން އަރައިގަނެވުނެވެ.
އިށީނދެ އިން ގޮނޑިން ތެދުވެ ޒަނީން ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް ޓެލިޕޮފްޓި (ޖާދޫ ދަތުރު) ވިއެވެ. އަދި ކިޒަން ހޯދުމަށް ގަހުގެ އެންމެ މަތީ ހަރުފަތައް އެރިއެވެ. ކިޒަންއަށް ސިއްސައިގެންގޮސް ހޭލެވުނީ ޒަނީން ގޮވި އަޑަށެވެ. ޒަނީންގެ ރޭވުމަށް ފުރަތަމައަކު އިންކާރުކުރި ނަމަވެސް ދެވަނަ ފަހަރަކު އެހުމުން ކިޒަން ތެދުވެ، ދާން ހިނގައިގަތެވެ. ޒަނީންއާއެކު ޓެފަނުރް (އިރުގެ ބިން) ގެ އެންމެ ހުޅަނގަށް ޓެލިޕޮފްޓި (ޖާދޫ ދަތުރު) ވިއެވެ.
ކިޒަން އޭނާގެ ދަބަސް ތައްޔާރުކޮށްލިއެވެ. އަދި އޭނާގެ އާ ޖާދޫ އަސާގަނޑު ކަނޑިއަކަށް ބަދަލުކޮށްލިއެވެ. އެތެރެއަށްވަނުމުގެ ކުރިން އަލިފާނުގެ ވޮށުގައި އަލިފާން ޖެހިއެވެ. އަނދިރި ގަނޑުވަރު ހުރި ދިމާއަށް ދިޔުމަށް އެޝްލިޕްނިއާގެ ދަނބު ކުލައިގެ ވިލާގަނޑު އިރާލާފައި ދެ މީހުން ވަނެވެ. މަޑުމަޑުން ހިނގަމުން ގޮސް އާދައިގެ މަކުނުތަކާއި ހިޔަޅުފަދަ ތަކެއްޗާއި ކަނޑިން ދެ މީހުންވެގެން ހަނގުރާމަ ކުރަމުންގޮސް، އަނދިރި ގަނޑުވަރުތެރެ ބެލުމަށް ދިޔައެވެ.
ޒަހީރުގެ ހަށިގަނޑުން ބާކީ އޮތީ ހަމައެކަނި ކަށިތައް އެކަންޏެވެ. އަދި ނުބައި ވަސްތައް މުޅި އެތަނުގައި ވެއެވެ. ޖަލު ހުރި ދިމާއަށްގޮސް ކިޒަން އެތަން ވަރަށް ރަނގަޅަށް ބެލިއެވެ. އޭނާއަށް ފެނިގެން ދިޔައީ، ފާރުގައި ކޮނެފައިވާ ބާގަނޑެކެވެ. އެއީ މީގެ ކުރީގައި ފެނިފައި ނުވާ ތަނެއްކަމަށް ޒަނީން ބުންޏެވެ. އަދި ބާގަނޑު އުފެދެންވީ އެއްވެސް ސަބަބެއް ދެ މީހުންނަކަށްވެސް ނުވިސްނުނެވެ. ލަސްނުކޮށް ދެމީހުންވެސް ގަނޑުވަރުގެ އެހެނިހެން ބައިތައް ބަލަން ދިޔައެވެ.
ޒަހީރު އުޅުނު ކޮޓަރި ހީވަނީ ގޮނޑެއްހެންނެވެ. މުޅި ތާގައި ވަނީ ކަރުދާހެވެ. ހީވަނީ މީހަކުވަދެ ހާކާފައި ހުރިހެންނެވެ. ވެއްޓިފައިވާ ކުރެހުމެއް ކިޒަން ނެގުމަށްފަހު ޒަނީންއަށް ދައްކާލިއެވެ. ޖާދޫގެ ވަށްބުރަކީ މީގެ އެތައް ޒަމާނެއް ކުރިންވެސް މީހުން ހަދަން އުޅުނު އެއްޗެއްކަން ޒަނީން ބުންޏެވެ. އޭގައިވާ ލިޔުންކޮޅަށް ބަލައިލަމުން އޭނާ ބުންޏެވެ. “މިއީ ވަރަށް ކުރީގެ ލިޔުމެއް. މިއީ ސޯލްގެ ބަހުރުވައެއް ނޫން. އޭގެ ކުރީގައި ބޭނުންކުރި ބަހެއް.” އެހެން ބުނިހެން ކިޒަންގެ ޖީބަށް އެ ކުރެހުން ލިއެވެ.
ގަނޑުވަރުން ބޭރު ވަށައިގެން ބެލުމަށްފަހު، މިނާލްގެ ހަށިގަނޑު ފެނޭތޯ ގަނޑުވަރުގެ ދުރު ހިސާބުތައް ބަލަން ދިޔައެވެ. ދުރު ހިސާބުގައިވާ ބިނާރުތަކާއި ގެތައްވެސް ބެލިއެވެ. ނަމަވެސް އިތުރު އެއްވެސް ކަމެއް ފާހަގައެއް ނުވިއެވެ. މިނާލްގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ދެރަވި ނަމަވެސް ޓެފަނުރް (އިރުގެ ބިން)އަށް ދިޔުމަށް ކިޒަން އާއި ޒަނީން މިސްރާބުޖެހިއެވެ.
މާދުރުނޫން ހިސާބެއްގައި ޒަނީންއާއި ކިޒަންއަށް ފާރަލާންހުރި ބާތިޘް ގަނޑުވަރާ ދިމާއަށް ދުއްވައިގަތެވެ. ގަނޑުވަރަށްވަދެ އޭނަ ހޯދަމުން ދިޔަ ގަނޑު ފެނޭތޯ މަސައްކަތް ފެށިއެވެ. ކިތަންމެ ވަރަކަށް ހޯދި ނަމަވެސް އޭނާ ހޯދަމުން ދިޔަ ގަނޑެއް ނުފެނުނެވެ. ނިތްކުރިއަށް ރޫތަކެއް އަރުވާލުމަށްފަހު، ދެ ބުމަ ގޮށްޖަހައިގެން ހުރެ އޭނާ އެތަނުން ނިކުމެގެން ދިޔައެވެ.
*****************
މުޅި މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލުވައިލީ އެޝްލިޕްނިއާއިން ނިކުން ކިޒަންއާއި ޒަނީންގެ ނޭވާލުމާއި ފިޔަވަޅުތަކުންނެވެ. ދެމީހުންވެސް ނިކުމެ އަވަސްވެގަތީ އެތަނުން ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް ޓެލިޕޮފްޓި (ޖާދޫ ދަތުރު) ވުމަށެވެ. ޓެލިޕޮފްޓި (ޖާދޫ ދަތުރު) ވެވުނުހެން ކިޒަން ދުވެފައި ދިޔައީ އޭނާގެ އަތުގައިވާ ގަނޑު ހިފައިގެން ފޮތެއް ހޯދާށެވެ. ލަސްތަކެއްނުވެ ޒަނީންވެސް ކިޒަންހުރި ހަރުފަތަށް ފޭބިއެވެ. އޭނާ ދިޔައީ އެއަފްޓިޚް (ބިމުގެ ޖާދޫ) ބޭނުންކޮށްގެން ގަނޑެއްގައި ކުރަހަމުންނެވެ. އިރުކޮޅުކޮޅާ ޖާދޫގެ ވަށްބުރު ކުރަހާފައިވާ ގަނޑަށް ބަލަމުން ގޮސް، ކުރެހުން ނިންމާލިއެވެ. ޖާދޫގެ ވަށްބުރުގައިވާ ހުރިހާ ޖަވާހިރުތައް ކިޒަން ކުރަހާފައިވެއެވެ. އަދި ޒަނީން ކައިރީ ބުންޏެވެ. “ޖޮފިޝެ ޖަވާހިރާއި، ސޫރް ޖަވާހިރު ހަމައެކަނި ނުފެންނަނީ! އެ ޖަވާހިރުތައް ހޯދުން ވަރަށް މުހިންމު. އެހެންނޫންނަމަ ނުބައި މީހެއް ޖަވާހިރުތައް ވަގަށް ހޯދާފަ، ނުބައި ބޭނުމަކު ބޭނުންކޮށްފާނެ.” ކިޒަން ވިސްނުމަށްފަހު ބުންޏެވެ.
ދެ މީހުންވެސް ވަރުބަލިކަމާއެކު އެ ދުވަސް ނިންމާލިއެވެ. ބައިވަރު ކަންތައްތައް ދިރާސާ ކުރަންޖެހޭކަމަށް ކިޒަން ބުންޏެވެ. ޒަނީން ގަނޑުވަރަށް ޓެލިޕޮފްޓި (ޖާދޫ ދަތުރު) ވިއެވެ. އަދި ފެންވަރައިގެން އެނދުގައި އޮށޯވެ ނިދިއެވެ. މިނާލްގެ ރޫހު ހޯދުމަށް ޒަނީން ކޮންމެ ރެއަކުވެސް ހަވަނަ މިނުގައި މަސައްކަތްކުރަމުން ދެއެވެ. ހަވަނަ މިނުގެ ތެރޭގައި މިނާލްގެ އެއްވެސް ޚަބަރެއް ވޭތޯ ބެލިއެވެ. ކޮންމެ ފަހަރަކުވެސް މިނާލްގެ ރޫހު ފެންނަގޮތެއް ނުވެއެވެ. ހޭލެވެނީވެސް މިނާލްގެ އެއްވެސް ނިޝާނެއް ނުފެނިއެވެ.
ކިޒަންގެ ހާލު އަދި ޒަނީންއަށްވުރެ ދެރައެވެ. މިނާލްގެ ރީތި މިޒާޖާއި، ރީތި ސޫރަ އެންމެ ގާތުން ފެނުނު އެކަކަކީ ކިޒަންއެވެ. ކޮންމެ ރެއަކުމެ އޭނާގެ ޚިޔާލުތައް ފުރާލަނީ މިނާލްއެވެ. މިނާލް ދިރިހުއްޓާ ލޯބިވެއޭ ނުބުނެވުމުން ކިޒަން ހުންނަނީ ވަރަށް ދެރަވެފައެވެ. އެކަމު ޒައިލީ ދިޔަގޮތަށް މިނާލް ދިޔައީކަމަށް ކިޒަން ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ކޮންމެ ރެއަކުމެ ހުވަފެންތަކުގައިވެސް ފެންނަނީ މިނާލްއެވެ.
ފަހަކަށް އައިސް ކިޒަންއާއި ޒަނީން އުޅެނީ ވަރަށް ގާތްކޮށެވެ. ބައްޕައަކާއި ދަރިއަކު އުޅޭ ގޮތަށެވެ. ނަމަވެސް ކިޒަން އަދިވެސް ޒަނީންއަށް އިހުތިރާމުކުރުން ދޫކޮށެއްނުލައެވެ. ދޭތެރެދޭތެރެއިން ދެމީހުންވެގެން ޖަވާހިރުތަކާއި، އިތުރު މައުލޫމާތު އެއްކުރެއެވެ. ޒަނީން މިނާލް ފެނޭތޯ މަސައްކަތްކުރަނީއެވެ. ކިޒަންވެސް މިނާލް ދިރިހުރިކަމުގެ، ހެތްކެއް ލިބޭތޯ މަސައްކަތްކުރަމުން ގެންދެއެވެ. ދެ މީހުންވެސް މިނާލް ބޭނުންވެގެން އުޅެއެވެ. ނަމަވެސް މިނާލްގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެޝްލިޕްނިއާއިން ހަށިގަނޑެއްވެސް ފެނުނީއެއް ނޫނެވެ. އެޝްލިޕްނިއާގެ ވަށައިގެން ހޯދިއިރުވެސް ހަމައެކަނި ފެނުނީ ބާރުގަދަ ގޮވުމާއެކު، ބުރުއްސައިގެންދިޔަ ޖަވާހިރުތަކެވެ.
******************
މާހައުލުގައި ދޫނިތައް ގޮވާއަޑު އިވެއެވެ. އެއީ ފިޔާތޮށިކުލައިގެ ގަސްތަކުގައި ތިބެ ގޮވަމުންދިޔަ ދޫނިތަކުގެ ރީތި ގޮވެއްޔެވެ. މިޔުޒިކީ އެކި ރާގުތަކުން މުޅި ޖަންގަލި ވަނީ އެއްއަޑުކޮށްލާފައެވެ. ކުއްލިއަކަށް ޖަންގަލީގެ ތެރެއިން ބާރުބާރަށް ދަޅުފީނިފުއްލާތަކެއް ދުވެފައި ނިކުތެވެ. އޭގެ ދަޅުތައް ފީރޯޒު ޖަވާހިރުން އުފެދިފައިވާއިރު، މުޅި ހަށިގަނޑުގައި ވަކި ފަރުމާއަކަށް ނޫކުލައިގެ ލައްތަކެއްވެއެވެ. އެ ދަޅުފުއްލާ ދިޔައީ އަލި ދަތުރުކުރާހާ ބާރަށެވެ. އެސޮރުމެންގެ މިސްރާބުހުރީ ޖަންގަލިން ބޭރުގައިވާ ބޮޑު ފެންގަނޑަށެވެ. މިފަދަ ފެންގަނޑުތަކާއި ކޯރުތައް މުޅި އެސަރަހަެްދުގައިވެއެވެ. ދަޅުފީނިފުއްލާތައް ފެން ބުއިމައިގެން ކުރިއަށް ދިޔައެވެ. ފެންގަނޑު މަތީގައި ވެއްޓިފައިވާ ފަތެއްގެ ގައި ކޮކާ ފިޔަގަނޑުލީ މުށިކުލައިގެ ބޮކެއް އޮތެވެ. ދަޅުފީނިފުއްލާތަކާ ޚިލާފަށް އެސޮރު އޮތީ އަރާމުގައެވެ. ހަމަ އެ ފެންގަނޑުގެ އައްސޭރިފަށުގައި ފިޔާތޮށި ކުލައިގެ ފިޔަގަނޑުލީ ގުޑުގުޑާ ދޫނިތައް މަސްހިފުމުގައި އަވަދިނެތި އުޅެއެވެ. ފެންގަނޑަށް ހިޔަނިއަޅުވާފައި ދިޔަ އުޑުމަތީގައި އުދުހޭ ޝަޓިޖިލައި (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް)ތައް ފެންގަނޑާ ދިމާލުގައިހުރި ފަރުބަދައަށް ދިޔައެވެ.
ފެންގަނޑާއި މާދުރުނޫން ހިސާބެއްގައި ޝަޓިޖިލައި (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް)ތައް އުޅޭ ބޮޑެތި ފަރުބަދަތައްވެއެވެ. އަދި އެ ފަރުބަދައިގައި ހޮހޮޅަ ހަދައިގެން އެ އުދުހޭ ބުޅާތައް އުޅެއެވެ. ތަފާތު ދިރުންތައް ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)ގައި ވެއެވެ. ފަރުބަދަތަކުގެ އަނެއްފަރާތުގައިވާ ބޮޑު ފެންގަނޑުގައި ކުޑަ ރަށްގަނޑެއްވެއެވެ. އެރަށުގައިވާ ބިނާރަކީ އާސާރީ ބިނާއެކެވެ. ބޮޑު އަދި އެހާމެ ދުވަސްވެފައިވާ ތަނެކެވެ. ގިނަ ފާރުތައް ވީރާނާވެފައިވުމުން، ހީވަނީ ދެންމެދެންމެ ވެއްޓިދާނެ ހެންނެވެ. އެތަނުގައި އިރުދޫނިތައް ހާލި ހަދައިގެން އުޅެއެވެ. އަދި ހަނދުދޫނިތައްވެސް މެއެވެ. މިއަދު އެ ދޫނިތައް މުޅި ފަޒާގައި އުދުހެމުން ދެއެވެ. ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެތަނުގައިވަނީ ހަލަބޮލިކަމެވެ. އަދި މަޖާކުރުމާއި އެކަކު އަނެކަކަށް ހީ ސަކަރާތް ޖެހުމެވެ. އިރު ދޫނިތަކާއި ހަނދު ދޫނިތައްވެސް އުޅެނީ އެހާމެ އުފަލުގައެވެ.
އާސާރީ ބިނާރު ތެރޭގައި ފުރާނައެއް އެބައޮތެވެ. ނޭވާ ލީ ނަމަވެސް އޭނާ ހަރަކާތެއް ނުކުރެއެވެ. ގައިގެ ގިނަ ތަންތަން ފާރުލައިފައި ހުއްޓެވެ. ހަންގަނޑުވަނީ ކަށިތަކުގައި ހިފާފައެވެ. ހަމުގެކުލަ އަލިވެފައި ހުދެވެ. ހީވަނީ އޭނާގެ ރޫހު ގެއްލިފައިވީ ހެންނެވެ. އޭނާ ވަނީ ފުން ނިންޖަކަށް ގެއްލިފައެވެ. އޭނާގެ މޭމަތި ވަނީ ދިއްލިފައިވެއެވެ. ފަނޑު ރަތްކުލައަކުންނެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ލޭ ރަތްކުލައިގައެވެ. ކޮންމެ ދުވަހަކުވެސް އިރު ދޫނިތައް އޭނާ ހޭލެއްވުމަށް މަސައްކަތް ކުރެއެވެ. ނުރް (އިރުގެ ޖާދޫ) ބޭނުންކޮށް އޭނާގެ ރޫޙު އަނބުރާ ގެނެވޭތޯއެވެ.
ދުވަސްތަކަކަށްފަހު އޭނާއަށް ހޭވެރިކަންވާން ފެށިއެވެ. މަޑުމަޑުން އޭނާގެ ރޫހު ހަށިގަނޑާ ބައްދަލުވެ އެކުވަމުން ދިޔައެވެ. އެއްދުވަހަކު، ކުއްލިއަކަށް އޭނާއަށް ހޭލެވުނެވެ. ބޮލުގައި ރިއްސި ނަމަވެސް ވަށައިގެންވާ ތަނަށް ނަޒަރު ހިންގާލިއެވެ. ހާސްވެ މާނޭވާ ލެވޭ ހާލުގައި، ކޮރެމުން ކަހަލަ ގޮތަކަށް އެ ބޮޑު އެނދުގައި ފިރުކިފައި ދޮރާ ދިމާއަށް ދިޔައެވެ. އެނދުން ތަޅުންގަނޑަށް ފުންމާލުމަށްފަހު، ގައިގައި ހުރި ވަރެއްލައި ނިކުމެވޭތޯ ދުއްވައިގަތެވެ. ދޮރުން ބޭރު ދެފަޅިއަށް ބެލުމަށްފަހު މައިދޮރު ހުރި ދިމާއެއް ހޯދޭތޯ ބަލަމުން ދިޔައެވެ. ގޮތްނޭނގޭ ތަނަކަށްވުމުން އޭނާ ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. އަލިވާ ދިމާއަށް ބޯދިއްކޮށް އޭނާ ނިކުތެވެ.
އޭނާއަށް ނިކުމެވުނުހެން ދުރުގައި އުދުހެމުން ދިޔަ އިރު ދޫންޏަކަށް ފެނުނެވެ. ޓަސްލާފައި އޭނާއާ ދިމާއަށް އައެވެ. “ޤަރޫތޫ! ޤަރޫތު! އާދޭ އަވަހަށް!” އެ ދޫނި ގޮވާލިއެވެ. އެމީހާއަކީ ޤަރޫތުކަން އެނގުމުން ވާނުވާ ނޭނގިފައި ހުއްޓެވެ. ހޫލް އޭނާގެ ގައި މައްޗަށް އެރުމަށް އަމުރުކުރިއެވެ. “ޤަރޫތުއޭ! އަހަރެންގެ ނަމަކީ ހަމަ ޤަރޫތު؟” ހައިރާންވެ ހުރެ އެ މީހާ ސުވާލު ކުރިއެވެ. “އާނ. ތީ ޤަރޫތު!” އެހެން ބުނުމަށްފަހު ހޫލް އުޑަށް އުދުއްސައިގަތެވެ. އެހެން ދޫނިތައްވެސް ޤަރޫތުއަށް މަރުހަބާކިއެވެ.
ހަވީރުގެ ފިނިކަން އުދަރެހަށް ވެރިވެގަތުމާއެކު ދޫނިތައް ހާލިގަނޑަށް ވަންނަން ފެށިއެވެ. ހުރިހާ އިރު ދޫނިތައް ވެގެން ޤަރޫތުއަށް ވަރުގަދަ ކެއުމެއްދިނެވެ. އަދި ރޭގަނޑުގެ އަނދިރި ވަގުތުގައި މުޅި ހާލިގަނޑު ވަށައިގެން އެހެން ދޫނިތަކާއެކު އުދުހެންވެސް ދިޔައެވެ. މުޅި އެދުވަސް ޤަރޫތު ހޭދަކުރީ އުފަލާއި މަޖަލުގައެވެ.
********************
ޓެފަނުރް (އިރުގެ ބިން)އަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އިރުގެ އަލިކަން ފަނޑުވެ، ގެއްލިގެން ދިޔަހެން، މީހުން އާބާދުވެ އުޅޭތަންތަން އަލިފާން ވޮށްތަކުން ދިއްލަން ފެށިއެވެ. އަލިފާނުގެ ސިޓީގައި ޖިފެ (އަލިފާނުގެ ޖާދޫ) ކިޔަވަމުންދިޔަ އުޔީން އޭނާގެ ދުވަހީ ތަމުރީނު ނިންމުމަށްފަހު ތަޒުމީރާ ކައިރިއަށް ދިޔައެވެ. ވެފައިވާ ވަރުބަލިކަމާއެކު އޭނާގެ އަތްވެސް ހުރީ ތުރުތުރު އަޅައަޅައެވެ. ތަޒުމީރާ ކައިރިއަށް އައުމާއެކުހެން އުޔީންގެ އަތުގައިވާ ދެލިތައް ފޮހެދިނެވެ. އަދި އަތަށް ލިބިފައިވާ އަނިޔާތަކަށް ތަޒުމީރާގެ ބޭސްވެރިކަމުގެ ޖާދޫއިން ފަސޭހަކޮށްދިނެވެ. އަދި ފެންވަރާލައިގެން ކާން ދިޔުމަަށް އެދުނެވެ. ތާޒާވެލައިގެން ދެ މީހުންވެސް ކައިގެން ބޭރުގައި ހުރި ދިގު ގޮނޑިއެއްގައި ތިއްބެވެ. އެ އަވަށުގައި އެހާމެ މީހުން ގިނައެވެ. އެއްބަޔަކު ވިޔަފާރި ކުރަނީއެވެ. އަނެއްބަޔަކު މަގުމަތީގައި ހިނގާލަނީއެވެ. ކުއްލިއަކަށް އުޔީންގެ ލޮލުގައި އަޅައިގަތީ އެ އަވަށުގެ މަތިން އުދުހިފައި ދިޔަ މީހާގެ ހިޔަނިން ފައިބަމުން ދިޔަ ދަނބުކުލައިގެ ފުއްތަކެވެ. އުޔީންގެ ހިތުގައި ޝައްކުތައް އުފެދެން ފެށިއެވެ.
****************
އަވަށުގެ މަތީގައި އުދުހެމުންގޮސް ދުންގަނޑަކަށް ބަދަލުވެ، ޖަންގަލީގެ ތެރެއިންލާފައި ބާތިޘް ދިޔައެވެ. އޭނާގެ މިސްރާބު ހުރީ އަލިފާން އަވަށުގެ އުތުރަށް އޮތް ވައިގެ އަވަށަށެވެ. އަދި އެ ރަށުގައިވާ އައިފް (ވައިގެ)ޖަވާހިރަށެވެ. އޭނާ ބޭނުންވަނީ ޖާދޫގެ ކުޑަ ވަށްބުރެއް ފުރިހަމަ ކުރާށެވެ. ޒަހީރުއަށް ނުވި ކަންތައް ފުރިހަމަކުރާށެވެ. އެ ދިޔަ ބާރުމިނުގައިގޮސް ވައިގެ ގަނޑުވަރުގެ ތެރެއަށް ވަދެގަތެވެ. އަދި އައިފް (ވައިގެ)ޖަވާހިރު ދިނުމަށް ބާތިޘް އަމުރުކުރަމުން ގެންދިޔައެވެ. ތަޚުތުގައި އިށީންދެވަޑައިގެން ތިއްބެވި، ރަސްކަލުންނާއި ދިމާއަށް ކަޅުކުލައިގެ ޖާދޫތަކެއް ދޫކުރަމުން ބާތިޘް ބުންޏެވެ. “ހަމަ މިހާރު އައިފް ޖަވާހިރު ގެނޭ، އެހެންނޫންނަމަ މުޅި މި ގަނޑުވަރު ފަނާކޮށްލާނަން.”
އިސާހިތަކު ގަނޑުވަރުގެ ދޮރުން ފުންމައިގެން އައިސް ރީނދޫ ކުލައިގެ ޖާދޫ ގުޅައެއް ބާތިޘްއާ ދިމާއަށް އައެވެ. އަތުގެ އިޝާރާތަކާއެކު ބާތިޘް ގެއްލި، އިރުކޮޅަކުން ފާޅުވިއެވެ. “ކަލޭ!” ރުޅިވެރި ރާގަކަށް ބާތިޘް، ޖާދޫ ގުޅަ އެއްލި މީހާއާ ދިމާއަށް ބުނެލިއެވެ. “ކަލޭ ތީ ކާކު، މާ ބާރުގަދަވެގެން ތިއުޅެނީ؟” ބާތިޘް ސުވާލުކޮށްލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


