Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު (ސީޒަން 2) – ޓުރެއިލާ

leafy Level 210 Stories100 Login
April 23, 2026 3 Mins Read
0 Comments

ކިޔުންތެރިންގެ ސަމާލުކަމަށް: “ޖަވާހިރުގެ ބާރު ސީޒަން 1ގައި ހުށަހަޅައިދެވިފައިވާނީ ފުރަތަމަ ނަޒަރުންނެވެ. ނަމަވެސް ސީޒަން 2 ހުށަހަޅައިދޭން އަޅުގަނޑު ގަސްދު ކުރަނީ ތިންވަނަ ނަޒަރުންކަމުގައި ދަންނަވަމެވެ.”

ހުރިހާ އެންމެންވެސް މަގުތަކުގައި ދުވަމުން ދިޔައީ އެހާމެ އަވަހަށެވެ. ކުޑަކުދިންތައްވެސް ދުވަނީއެވެ. އެ ހުރިހާ އެންމެންގެ ފަހަތުން އައީ ބޮޑު ބިޔަ ބާޒެކެވެ. ކަޅުކަންގަދަ ދެ ފިޔަގަނޑުވެއެވެ. އެ ބާޒުގެ ލޯ ހުރީ ރަތް އަނގުރުގަނޑެއްހެންނެވެ. ބާރު ދުވެލީގައި ވައިކަފަމުން އުދުހިފައި އެ ބާޒު އާދެއެވެ. މުޅި އެ މާޙައުލު ވަނީ ހަޅޭކުގެ އަޑުން ގުގުމާލާފައެވެ. އޭގެ އެތައް ބާޒެއް އެތަނުގެ މަތީގައި އުދުހެމުން ދިޔައެވެ. އެ ބިރުވެރިކަންބޮޑު މަޚުލޫޤުތައް މީހަކަށްފަހު މީހަކު މަރަމުން ދިޔައެވެ. މުޅި އެ އަވަށް ވަނީ ލެއިން ކަޅިފައެވެ. ލޭގެ ކޯރުތައް އެތަނުގައި ދެމިފައިވެއެވެ. އެތާގެ މާ ދުރުނޫން ހިސާބެއްގައި ހުރި މީހަކު އެ އަވަށާ ދިމާއަށް ބަލައިލުމަށްފަހު، ލުއި ހިނިތުންވުމެއް މޫނުމަތިން ފާޅުކުރިއެވެ.

އޭރު މުޅި އެ އަވަށުގައި މަޚުލޫގުންތައް ރަސްކަން ކުރަމުން ގެންދިޔައެވެ. ކުއްލިއަކަށް އުޑު މަތީގައި ދަނބުކުލައިގެ ވިލާތައް އުފެދެން ފެށިއެވެ. އަދި ދަނބު ކުލައިގެ ކުނޑިތަކެއް މުޅި މާހައުލުުގައި ފެތުރިގެން ދިޔައެވެ. ހަމައެފަދައިން އަނދިރިކަމާއި، ވަރުގަދަ ގުގުރުންތަކުން މުޅި މާޙައުލު އެއްއަޑުކޮށްލިއެވެ. މަޚުލޫގުން ފިޔަވައި އިތުރު އެއްވެސް ދިރުމެއް އެތާކު ނުވެއެވެ. އޭނާގެ އަތުގައިވާ ޖަވާހިރަށް ބަލަން ހުރި ބާތިޘް ހުރީ ހޭށެވެ. އެއީ އޭނާގެ ނުބައި ރޭވުންތައް ފުރިހަމަ ވީތީއެވެ. މާހައުލުގައި އެނބުރެމުން ދިޔަ ދަނބުކުލައިގެ ފުއްތައް މަޑުމަޑުން ބާތިޘްއާ ދިމާއަށް އާދެއެެވެ. އޭނާގެ ސަބިޝް ރެރިޑެން (ޖާދޫގެ ނާރު)ތަކަށް އެ ކުނޑިފުއްތައް އެކުވަމުން ދިޔައެވެ. އެއާއެކު އޭނާ ދުންގަނޑަކަށް ބަދަލުވެ، އެ އަވަށުގައިވާ ކުޑަ ގަނޑުވަރަށް މިސްރާބުޖެހިއެވެ.

ގަނޑުވަރުގެ ދޮރު ވައްޓާލުމާއެކު ބާތިޘް އެއްލި ކަޅު ޖާދޫ ގުޅައެއްގެ ޝިކާރައަކަށްވެ، ތަޚުތުގައި އިންނެވި ރަސްގެފާނު މަރުވެ ކުނިވަމުން ފުޅައަޅަމުން ދިޔައެވެ. ރަސްގެފާނުގެ މަސްގަނޑަށް ނަޒަރު ހިންގާލުމަށްފަހު ރަތުރަނުން ދަޅައަރަމުންދިޔަ ތާޖު ނަގާ ލޭތައް ފުހެލިއެވެ. އޭނާގެ ބޮލުގައި އެތާޖު އަމިއްލައަށް އެޅުވުމަށްފަހު، ތަޚުތުގައި އިށީނެވެ. ތަޚުތުގެ ކަނާތް ފަރާތުގައި ބޮޑު ކަޅު ބުޅަލެއް އޮތެއެވެ. އޭތިދިޔައީ މަރުވެފައިވާ މީދަލެއް ކަމުންނެވެ. މުޅި އެތަން ވަނީ ހަލާކުވެ ވީރާނާ ވެފައެވެ. ބާތިޘް ނޭނގޭ ބަހުރުވައަކުން ކިޔެވެއްޔެއް ކިއެވެ. އެއާއެކު ކަޅު ކުލައިގެ ޖާދޫ ފުއްތަކެއް މުޅިތަނަށް ބުރައިގެން ދިޔައެވެ. އެތަނުގައިވާ ޖާދޫތައް ގެއްލި ގަނޑުވަރު ހަލާކުވެ ވީރާނާވާން ފެށިއެވެ.

ޖަވާހިރުގެ ވަށްބުރެއް އުފެއްދުމަށް ބާތިޘް މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ވަށްބުރުގެ މައިގަނޑު ހަލާކުވަނީއެވެ. ކުރިން ފަހަރުތަކާ ޚިލާފަށް މިފަހަރު އެ ކުޑަ އަވަށުގައިވާ ޖަވާހިރުގެ ބޭނުންކޮށް ޖަވާހިރުގެ ވަށްބުރެއްގެ މައިގަނޑު ހެދިއެވެ. ނުލަފާ ހިނިގަނޑެއް ޖަހާލުމާއެކު، އޭނާގެ ވަށްބުރު މައްޗަށް އުފުލިގެން ދިޔަތަން ބަލަން ހުއްޓެވެ.

****************

ނިދިފައި އޮތް ކިޒަން ގުގުރިދަމާ އަޑު އިވެއެވެ. ހަމައެކަނި ތިރީކޮޅެއްލައިގެން އޮތުމާއެކު، އޭނާގެ ފުރިހަމަ ހަށިގަނޑު ފެނެއެވެ. މޭމަތީގައި އަތުރާލެވިފައިވާ ހަރު މަސްތައް އޭގެ ބައްޓަން ހިފަހައްޓާފައިވެއެވެ. ކުއްލިއަކަށް ކިޒަންގެ ދެ ލޯ ހުޅުވާލިއެވެ. އާފުރިލުމާއެކުު ދެ ލޯ އުނގުޅަމުން، ކުރިމަތީގައިވާ މިނާލްގެ ތަސްވީރަށް ނަޒަރު ހިންގާލިއެވެ. ކަޅި ޖަހައިނުލާ އެ ތަސްވީރަށް ބަލަން އޮތެވެ. އިރުކޮޅަކުން އެނދުން ތެދުވެ، ތާޒާވެލަން ދިޔައެވެ.

އޭނާގެ ދިރިއުޅުމަށް ފުރިހަމަކަން ގެނެސްދެމުން ދިޔަ ހަމައެކަނި ފަރާތް މަރުވުމުން އަބަދުމެ ހުންނަނީ މާޔޫސްވެފައެވެ. ފޫހިވެފައިވާ ދުވަސްތައް ގުނަމުން ދިޔައެއްކަމަކު، މިނާލްގެ ހަނދާންތައް އަބަދުމެ އޭނާގެ ސިކުނޑީގައި ދަމަހައްޓާފައިވެއެވެ. އޭނާ އަބަދުމެ ވިސްނަނީ އެ ގަދަ ފިޔާތޮށި ދެ ކަޅިއާއި، ހަންގަނޑު އޮމާން މޫނަށެވެ. ވަގުތު ފުޅިއެއްގެ ބައްޓަމަށް ހުރި އެ ހަށިގަނޑުގެ ފުރިހަމަކަމަށް ގެއްލި އެތައް އިރަކު އޭނާއަށް ހުރެވެއެވެ. އަދިވެސް ކިޒަން ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާާނާ) ބަލަހައްޓަމުން ގެންދެއެވެ. އިތުރު ފޮތްތައް ލިޔުމާއި، ފޮތްތައް ތަރުތީބުކުރުމެވެ. ކުރެވުނު ކޮންމެ ކަމެއްގައިވެސް މިނާލް މަތިން ހަނދާންވަމުން ދިޔައެވެ.

****************

ޒަނީން އޭނާގެ ދަރިފުޅު މަރުވިފަހުންވެސް، ޓެފަނުރް (އިރުގެ ބިން)ގެ ރަސްކަން ކުރަމުން ގެންދިޔައެވެ. ނަމަވެސް ގަނޑުވަރުގެ ފަޅުކަން ފިލުވައިދިން ރައިފާނާވެސް މިހާރަކު ނެތެވެ. އަދި ލޮލުގެ ކޮއިފަދަ މިނާލްވެސް އޭނާގެ ނަފުސު ގުރުބާންކުރީ ކީއްވެގެންކަން ކޮންމެ ދުވަހަކުމެ ޒަނީންގެ ހިތާ ސުވާލުކުރަމުން ގެންދިޔައެވެ. އެކަނިވެރިކަމާއެކު ކުރަމުން ދިޔަ ވެރިކަމަށް ކިޒަންގެ އެހީތެރިކަން ނޫނީ ނުލިބެއެވެ. ފަޅުކަންވެސް ފިލުވައިދިން ގިނަ އެހީތެރިންވެސް މިހާރުވަނީ މަރާލާފައެވެ.

ޒަނީން އަދިވެސް ވިސްނަމުން ދިޔައީ އެޝްލިޕްނެގެ ދުވަހު ވީ ކަންތައްތަކަށެވެ. ކިޒަންގެ އެހީތެރިކަމާއި، އޯގާތެރިކަން އެ ދުވަހު ޒަނީންއަށް އިހުސާސް ކުރެވުނެވެ. ޖާދޫގެ ވަށްބުރުގެ ބާރުގަދަ ގޮވުމެވެ. އެ ގޮވުމާއެކު މިނާލްއަށްވީ ކިހިނެއްކަން ހިތާހިތުން ސުވާލުކުރަމުން ގެންދިޔައެވެ. އެދުވަހު މިނާލްގެ ހަށިގަނޑު ހޯދުމަށްކުރި މަސައްކަތެވެ. މިނާލްގެ ޚަބަރެއް ނުވާތީވެ، މިނާލް މަރުވިކަމަށް ހުރިހާ އެންމެންވެސް ނިންމީއެވެ. އެއަށްފަހު ބުރުއްސައިގެން ދިޔަ ޖަވާހިރުތައް ހުރިހާ އެންމެންވެގެން ހޯދިއެވެ. އަދި ފެނުނު ހުރިހާ ޖަވާހިރެއްވެސް އެކި ތަންތަނުގައި ފޮރުވީއެވެ. ބައެއް ޖަވާހިރުތައް އޭގެ އަވަށަށް ނުވަތަ ރަށަށް ގެންދިޔައެވެ.

****************

ހަނގުރާމައަށްފަހު، ލަވީން އާއި އުޔީން ޓެފަސޫރް(ހަނދުގެ ބިން) އަށް އެނބުރި ދިޔައެވެ. ލަވީންގެ ބައްޕަ އާއި މަންމަގެ ޖަނާޒާގެ ކަންކަންކޮށް، ލަވީން ވެރިމަށް އިސްކުރެވުނެވެ. އޭގެ އިތުރުން އުޔީން މިނާލްހެން އާ ވައްތަރުތަކުގެ ޖާދޫ ތަހުލީލުކުރަމުން ގެންދިޔައެވެ. ބިއްލޫރި އުފެއްދުމަށް ބޭނުންވާ ޖިފެ(އަލިފާން ޖާދޫ) ގެ ބާރު ދަސްކުރުމަށް އަލިފާނުގެ ސިޓީއަށް ތަޒުމީރާއާއެކު ދަތުރުކުރިއެވެ. އަދި އެތާގެ ތަމުރީނުކޮށްދޭ ޢިލްމުވެރި ޖާދޫގަރެއްގެ ބެލުމުގެ ދަށުން އަލިފާނުގެ ބާރުތައް ދަސްކޮށް ފުރިހަމަކުރަން ފެށިއެވެ.

މިނާލުއަށް ވީގޮތާމެދު ހުރިހާ އެންމެންވެސް ހިތާމަކުރަމުންދެއެވެ. އަސްލު މިނާލްއަށްވީ ކިހިނެތްބާ؟ ބާރުގަދަ ގޮވުމާއެކު ހަށިގަނޑު ހަލާކުވީބާ؟ މިނާލްގެ ހަށިގަނޑު ނުފެނުނީ ކީއްވެބާ؟

(އިންތިޒާރުކޮށްލައްވާ!)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

އާއެކޭ ލޯބިވޭ… ތިރީސްތިންވަނަބައި (ނާމާން ގެކޮޅުގެ ބިރުވެރި ދަތުރު)

Next

ހަގީގަތަކީ ކޮބައިހޭ؟…21

Next
April 23, 2026

ހަގީގަތަކީ ކޮބައިހޭ؟…21

Previews
April 22, 2026

އާއެކޭ ލޯބިވޭ… ތިރީސްތިންވަނަބައި (ނާމާން ގެކޮޅުގެ ބިރުވެރި ދަތުރު)



All Right Reserved!