Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު 2 – 2

leafy Level 210 Stories100 Login
April 30, 2026 6 Mins Read
0 Comments

“އަހަންނަކީ މި ގަނޑުވަރުގެ ޖާދޫގަރު، އެޒާރާ، ކީއްވެ ތިކަހަލަ މީހަކު އަންނައިރު އަހަންނަށް ގޮވައިނުލީ؟” އެޒާރާގެ އަތުންް ރީނދޫކުލައިގެ ޖާދޫ ފުއްތަކެއް ފާޅުކުރަމުން ބުނެލިއެވެ. ލަސްނުކޮށް އަނެއްކާވެސް ޖާދޫގެ ގުޅައެއް ބާތިޘްއާ ދިމާއަށް އަމާޒުކުރިއެވެ. ނަމަވެސް އެއާ އިދިކޮޅަށް ބާތިޘް ކަޅު ޖާދޫ ގުޅައެއް އެއްލިއެވެ. ދެ ޖާދޫ ބައްދަލުވުމާއެކު ބާރުގަދަ ގޮވުމެއް ހިނގިއެވެ. ބާތިޘްއާއި އެޒާރާ ގަނޑުވަރުގެ ދެ ފަރާތައް ވިއްސައިގެން ދިޔައެވެ. ދަހަނާގައި ތިބި މީހުންތައްވެސް ވިއްސައިގެންގޮސް ފާރުތަކުގައި ޖެހުނެވެ. މުޅި ތަނުގައި ވަނީ ހަޅޭކާއި ރުއިމުގެ އަޑެވެ. ބިންމަތިން ތެދުވުމަށްފަހު އެޒާރާ ޖާދޫގެ ޗޭނުފަށެއް ފާޅުކޮށް، ކޮޅަށްތެދުވަމުން ދިޔަ ބާތިޘްގެ ގައިގެ ވަށައިގެން ބަނދެލިއެވެ. “މިހާރު ކާކު ބަންދުވެފަައި މިއޮތީ؟” އެޒާރާ ބުނެލިއެވެ. ބަރު ހިނިގަނޑެއް ޖަހާލުމަށްފަހު ޗޭނުގަނޑު ފުނޑާލާފައި ބާތިޘް ސަލާމަތްވާން އުޅުނެވެ. “އަހަރެން ދޫކުރޭ، ކަލޭމެން އެންމެން މަރާލާނަން” ބާތިޘް އަދިވެސް އިންޒާރުދެމުން ދިޔައެވެ.

“ހާދަ އަވަހަކަށް ސަލާމަތްވާން ތިއުޅެނީ؟” އެޒާރާ ސުވާލުކޮށްލިއެވެ. ވައިގެ ޖާދޫ ބޭނުންކޮށް ބާތިޘް ހައްޔަރުކުރިއެވެ. ގައިގެ ވަށައިގެން ދަގަނޑުތަޅު އެޅުވިއެވެ. އަދި ދެ އަތާއި ދެ ފައިގަ ޚާއްސަ ފޮތި އަޅުވާ ބަނދެލިއެވެ. މި ހުރިހާ ކަމެއް ބެލުމަށް މާދުރުނޫން ހިސާބެއްގައި އެއްކަލަ ކަޅުބުޅާ އޮތެވެ. ޖަލަށްލާން ގެންދިޔަ މަގުމަތީގައިވެސް ބާތިޘް ސަލާމަތްވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޒާރާގެ ވަރުގަދަ ޗޭނުގަނޑުން ބާތިޘްގެ މުޅިގައި ވަނީ ތަޅު އަޅުވާފައެވެ. ޖަަލަށް ލުމަށްފަހު ގަނޑުވަރުގެ ހާލަތު ބެލުމަށް އެޒާރާ އެނބުރި ދިޔައެވެ. “އެއްވެސް ކަމެއް ގޯސްތަ؟” އެޒާރާ ޚާދިމުންނާ ސުވާލުކުރިއެވެ. ހުރިހާ އެންމެންވެސް ބޯ ހަލުވާލުމަށްފަހު، ނޫނެކޭ ބުންޏެވެ.

ޖަލުގައި ބަންދުކޮށްފައިވާ ބާތިޘް އޭނާގެ ޗޭނުފަށަށް ބަލަ ބަލާ އިނެވެ. އިސާހިތަކު، ކަޅުކުލައިގެ ކުނޑި ފުއްތަކަކާއެކު، ޖަލުގެ ދޮރުމައްޗަށް އެ ކަޅު ބުޅާ ފާޅުވިއެވެ. މޮއްގަނޑު ހިއްލާލުމާއެކު، ޖަލުގެ ދޮރޯށި ހުޅުވިގެން ދިޔައެވެ. އޭރު ޖަލުގައި ތިބި އެހެނިހެން މީހުންތައް، ބިރުން ހަލާކުވަނީއެވެ. ބާތިޘްގެ ގައިގަ އޮޅިފައިވާ ޗޭނުތައް ކަޅު ޖާދޫއެއް ބޭނުންކޮށް ވިރުވާލިއެވެ. އަދި އަތާއި ފައިގަ އެޅިފައިވާ ބާރު ފޮތިގަނޑު މޮހާލިއެވެ. ލަސްކަމާއެކު، މަޑު ފިޔަވަޅުތަކެއް އަޅަމުންގޮސް، ބާތިޘް އާއި ކަޅުބުޅާ ޖަލުން ބޭރަށް ނިކުތެވެ.

އޭރު އެޒާރާ ޖަލުގެ ބޭރު ދޮރޯށި ކައިރީގައި ހުއްޓެވެ. ނިކަން ސިއްރު ސިއްރުން ހިނގަމުންގޮސް ގަނޑުވަރުގެ ވަލުދޮރާށި ހުރި ދިމާއަށް ދިޔުމުގެ ތެރޭގައި އެޒާރާއަށް ބާތިޘްގެ ހިޔަނިފެނުނެވެ. ވަގުތުން އެޒާރާގެ ޗޭނުފަށް ފާޅުކޮށް ބާތިޘްއާ ދިމާއަށް އެއްލިއެވެ. ނަމަވެސް މިފަހަރު ކަޅުބުޅާ އެޒާރާ ގަޔަށް ފުންމައިގަތެވެ. އެވަގުތު އެޒާރާ ދޫކޮށްފައިވާ ޗޭނުގަނޑަށް ބާތިޘް ދަމާލިއެވެ. އެއާއެކު ޗޭނުގަނޑަށް ވާންވެ، އެޒާރާ ބިންމައްޗަށް ވެއްޓި ގައިގެ އެތައް މިިތަނުގައި އެ ބުޅަލުގެ ވަކި އެޅުނެވެ. ޥިރިމް(ވައިގެ ޖާދޫ) ބޭނުންކޮށް އެޒާރާގެ ގައިމަތީގައި އޮތް ކަޅުބުޅާ ދުރަށް އެއްލާލުމަށްފަހު، ޗޭނުފަށުގައި ހިފިއެވެ.

ބާތިޘް ޗޭނުގައި އަތްލައިގެން ހުރުމުން ރީނދޫކުލައިގެ ފުއްތަކަށް އެޒާރާ އެ ޗޭނު ބަދަލުކޮށްލިއެވެ. ވަގުތުން ބާތިޘްގެ އަތުގެ އިނގިލިތައް ވިރެން ފެށިއެވެ. މަސްތަކާއި ކަށިތައް ވިރިގެން ފައިބަމުން ދިޔައިރު ދަނބުކުލައިގެ ކުނޑިތަކެއްވެސް ފައިބަމުން ދިޔައެވެ. ކުއްލިއަކަށް ކަޅުބުޅާ ހަޅޭއްލަވައިގަނެ، އަނެއްކާވެސް އެޒާރާގެ ގަޔަށް ފުންމައިގަތެވެ. އެޒާރާގެ އަތުން ރީނދޫ ފުއްތައް ފާޅުނުކުރެވެނީސް، އެ ބުޅާގެ މޮއްގަނޑުން ބޮލުގައި ޖެހިޖެހީނުން ހޭނައްތާލިއެވެ. އެތަނަށް އިތުރު މީހަކު އައުމުގެ ކުރިއަށް ކަޅުުބުޅަލާއި ބާތިޘް އެތަނުން ގެއްލުނެވެ.

ކަޅުކުލައިގެ ފުއްތަކަކާއެކުއަނދިރި ގަނޑުވަރަށް ފާޅުވިއެވެ. “ކިތައްފަހަރު ބުނާނީ، އެކަހަލަ މޮޔަ ގޮތްގޮތަށް ނޫޅެއްޗޭ! އަަބަދަކު މަށެއް ނުހުންނާނެ ކަލޭ ސަލާމަތްކުރާކަށް!” ވަރުގަދަ ހަޅޭކާއެކު ކަޅުުބުޅާ އެއްޗެހި ކިޔައިގަތެވެ. ބާތިޘް އޭނާގެ އަތުގެ އިނގިލިތައް ރަނގަޅު ކުރުމަށްފަހު، އެޒާރާއާ ކުރިމަތިލާނޭގޮތް ރާވަމުން ގެންދިޔައެވެ.

****************

އާ ދުވަހަކަށް އިރުގެ ފިޔާތޮށި ދޯދިތައް ޓެފަނުރް (އިރުގެ ބިން)އަށް އަލިކަން ގެނުވިއެވެ. ފަތިހުގެ ފިނި ވައިރޯޅިތައް އިހުސާސްވެސް ނުކުރެވޭހާ ފިންޏެވެ. ގޮނޑުދޮށުގެ ވެލިގަނޑު މަތީގައި އިށީނދެ އިން ކިޒަންގެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ހަޔާތުގެ އަލިކަން ގެއްލި މީހާ ގަބުވެފައެވެ. އޭނާގެ ނަޒަރު ހުރީ ކުރިމަތީގައި ބިންދަމުންދިޔަ ރާޅުތަކަށެވެ. ރާޅުތަކުގެތެރެއިން މިނާލްގެ ސޫރަ ކުއްލިއަކަށް ފެނުންހެން ހީވިއެވެ. ދެލޯ އުނގުޅާލުމަށްފަހު، އަނެއްކާވެސް އެ ދިމާއަށް ބަލާލިއެވެ. މިނާލް ނެތްކަމުގެ ވޭނަކީ ކޮންމެ ދުވަހަކުވެސް ތަހައްމަލުކުރަން ޖެހިފައިވާ ވޭނެކެވެ. ހިތުގައި އުފެދިފައިވާ ތޫފާން ކޮންމެ ދުވަހަކުމެ ވަރުގަދަވެއެވެ. މަޑުމަޑުން ތެދުވެ، ކިޒަން އުދުހިފައިގޮސް، ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް ވަނެވެ. އަދި ރޭގައި ފެށި މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، ގަހުގެ އެންމެ މަތީ ޙަރުފަތަށް އެރިއެވެ. އަނދިރި ގަނޑުވަރުން ފެނުނު ގަނޑުކޮޅަށް ބަލައިލުމަށްފަހު، އެއްޗެއް ހިތަށް އެރިއެވެ. “މި ހުރިހާ ޖަވާހިރުތައް ފެނިފައި ހަނދުގެ ޖަވާހިރު ނުފެންނަންވީ ކީއްވެ؟” އެ ސުވާލު ތަކުރާރު ވަމުން ދިޔައެވެ.

********************

“އުޔީން. އުޔީން! ތެދުވޭ އަވަހަށް، ޖާދޫގަރު ކައިރިއަށްދާން!” ތަޒުމީރާ ގޮވަމުން ދިޔައެވެ. ތަންމަތިން ނުތެދުވަންއޮތް އުޔީންގެ ފައިގައި ހިފާލުމާއެކު ހަޅޭއްލަވައިގަތެވެ. އަދި ރޮއެގަތެވެ. “ނުދާނަން. މިއަދު ވަރަށް ގައިގަ ރިއްސާ އެބަ.” ނިދި ފިލުވާލުމަށް ތަޒުމީރާ، އުޔީންގެ ފައިގަ ގިލިގިލި ކޮށްޓާލިއެވެ. ނިދިފިލާ ދިއުމާއެކު އިރުކޮޅަކުން ހަމަޖެހި ތާޒާވެލައިގެން ނިކުމެ މަދަރުސާއަށް ދާން މިސްރާބު ޖެހިއެވެ. އުޔީންގެ ޚިޔާލުތައް ފުރިފައިވަނީ ރޭގައި ފެނުނު ދަނބުކުލައިގެ ޖާދޫގެ ފުއްތަކެވެ. “އަނެއްކާ ރިޒުއާނާ މަރުނުވަނީބާ؟” “އެކަމު އަހަރެމެން ކުރިމަތީގައި ރިޒުއާނާ އަނދާ ހުލިވީ ވެސް.” ޝައްކުތަކެއްގެ ތެރޭގައި ގެނބިގެން ހުރެ، މަދަރުސާއަށް ވަނެވެ.

*********************

އަރާމު ނިދިގަނޑަކަށްފަހު ޤަރޫތުއަށް ތެދުވެވުނެވެ. ދެތިން ފަހަރު އާ ފުރިލުމަށްފަހު، އެނދުން ތެދުވެ ތާޒާވެލިއެވެ. ކޮޓަރިން ނިކުމެ ބިނާރުތެރެ ބަލައިލަން ދިޔައެވެ. އެތާގެ އެތެރެ އެހާމެ ޖާގަ ބޮޑެވެ. ދޫނިތަކަށް ވަދެ ނިކުމެވޭވަރުން މުޅި އެތަން ފަރުމާކޮށްފައިވެއެވެ. ތަނުގެ ރީތިކަމަށް ގެއްލިފައި ހުއްޓާ، ފަހަތުން އައިސް ހޫލް، ޤަރޫތު ސިއްސުވާލިއެވެ. އަދި ހޫލްގެ ގަޔަށް ޤަރޫތު އެރުވުމަށްފަހު، ހެނދުނުގެ ނާސްތާކުރުމަށް ބަދިގެއަށް އުދުހިގަތެެވެ.

ހެނދުނުގެ ނާސްތާއަށްފަހު ވައިގެތެރޭގައި ޤަރޫތު ގޮވައިގެން ހޫލް އުދުހިލަން ދިޔައެވެ. ޤަރޫތު ސުވާލުކުރިއެވެ. “ކީއްވެ އަހަރެން އިންސާނެއްގެ ސިފައިގަ މިހުރީ؟” ހޫލް ޖަވާބުގައި ބުންޏެވެ. “ނޭނގެ މާބޮޑަކަށް. މީގެ ދުވަސްތަކެއް ކުރިން އެޝްލިޕްނިއާގައި ކަންތައްތަކެއް ހިނގާ އަޑު އިވިގެން ހަނދު ދޫނިތަކެއް ދިޔަ. އެތަނުގެ ވިލާތައް ހުރީ ފަނޑުވެފަޔޯ. އެތެރެވެސް ފެނުނޯ. ދެން ފެނުނީ ވިލާތަކު މަތީގައި އޮތް އިންސާނެއް. ތިއީ ޤަރޫތުކަން އެ ދޫނިތަކަށް އިނގުނީވެސް މޭމަތީގައި ދިއްލިފައިވާ ރަތްކުލައިގެ ޔާގޫތުގެ ސަަބަބުން. އެދުވަހު ޤަރޫތު ސަލާމަތްކުރީ އަކްޒާ.”

“މިއީ ކޮންތަނެއް؟” ޤަރޫތު ސުވާލުކޮށްލިއެވެ. ހޫލް ހައިރާންވެފައި ބުންޏެވެ. “މިތަން ނޭނގޭ ހަމަ؟ މިއީ ޣިފިމް ރެނިޓް. އަހަރެމެންގެ ހާލިގަނޑު. އަދި އެހެނިހެން ދިރޭ މަޚުލޫގުންގެވެސްް ރަށް.” ޤަރޫތު ބުންޏެވެ. “އެކައްޗެއްވެސް ހަނދާނެއްނެތޭ މިހާރު. ވަރަށް ހަނދާން ކުރަން މަސައްކަތް ކުރިން. އެކަމަކު އެކައްޗެއްވެސް ހަނދާނެއް ނުވޭ.” ޤަރޫތު ބޮލުގައި އަތް އަޅާލުމަށްފަހު ބުންޏެވެ.

ވައިގެ ތެރޭގައި އުދުހެމުން ގޮސް ޓެފަނުރް (އިރުގެ ބިން)އަށް ދެވުނެވެ. އެތާގެ ގަނޑުވަރު ފެނުނީއްސުރެ ޤަރޫތުއަށް ގޮތްތަކެއް ވާންފެށިއެވެ. ކުއްލި ކުއްލިއަށް މަންޒަރުތަކެއްފެނި ބޮލުގައި ރިއްސަންފެށިއެވެ. އަޑުތަކެއް އިވި ކަންފަތުގައި އަތްވެސް އެޅިއެވެ. ހޫލްގެ ގައިން ދޫވެ ޤަރޫތު ވެއްޓުނެވެ. ޤަރޫތު ނެތްކަން ހޫލްއަށް އިހުސާސްވީ އިރުކޮޅެއް ފަހުންނެވެ. ޤަރޫތުގެ ހަޅޭކާއެކު، މުޅި އުޑު ގުގުމާލިއެވެ.

ކަރުދާސްގަނޑެއްގައި ކުރެހުމަށް މަޝްޣޫލުވެ އިން ކިޒަންގެ ސަމާލުކަމަށް ގެނުވީ، ޤަރޫތުގެ ހަޅޭކުގެ އަޑެވެ. ދުރު ހިސާބަކުން އުޑުން މީހަކު ވެއްޓޭތަން ފެނި، ކިޒަން ބޭއިޚްތިޔާރުގައި އުދުއްސައިގަތެވެ. ޥިރިމް (ވައިގެ ޖާދޫ) ބޭނުންކޮށް ބާރުބާރަށް އުދުހިފައި، ދިޔައެވެ. ކައިރިވީވަރަކަށް ޤަރޫތުގެ ހަޅޭކުގެ އަޑު ބާރުވިއެވެ. ހަށިގަނޑު ލުއި ކުރުމަށް އެއަފްޓިޚް (ބިމުގެ ޖާދޫ)ގެ ބޭނުންކޮށް ބިމަށްދަމާ ބާރު ދަށްކުރިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ކިޒަން ޤަރޫތު ސަލާމަތްކުރިއެވެ. އުރާލައިގެން ހުރެ ކިޒަން ހަޅޭއްލަވައިގަތެވެ. “މިނާލް!” އަދި ބާރުބާރަށް ބައްދައިގަތެވެ. ޤަރޫތު ބުންޏެވެ. “މިނާލްއޭ؟ އެއީ ކާކު؟ އަހަރެންނަކީ ޤަރޫތު.” ކިޒަން ރަނގަޅަށް ބަލައިލިއެވެ. އެއީ ތެދެކެވެ. އެއީ މިނާލްގެ ފިޔާތޮށި ދެ ކަޅިއެއް ނޫނެވެ. އެއީ ރަތްކުލައިގެ ދެ ކަޅިއެވެ. އިސްތަށިގަނޑުވެސް ހުރީ ގަދަ ރަތްކުލައިގައެވެ. ކުއްލިއަކަށް ޤަރޫތުގެ ބޮލުގައި ރިއްސައިގަނެ ބޮލުގައި އަތް އެޅިއެވެ. އަދި ޤަރޫތުއަށް މަންޒަރުތަކެއް ފެންނަން ފެށިއެވެ. އިރުކޮޅެއްނުވެ، ޤަރޫތު ހޭނެތިގެން ކިޒަންގެ ކޮނޑަށް ވެއްޓުނެވެ.

ކުއްލިއަކަށް އުޑުމަތިން ހޫލް ފާޅުވިއެވެ. “އިންސާނާ! ހަމަ މިހާރު، ޤަރޫތު ހަވާލުކުރޭ!” ހޫލް އަމުރުކޮށްލިއެވެ. “އެކަމު ޤަރޫތު މިއޮތީ ހޭނެތިފައޭ!” ކިޒަން ޝަކުވާ ކުރިއެވެ. “އެހެންވިޔަސް އިންސާނެއްގެ ބެލުމުގެ ދަށަށް ޤަރޫތު ދިޔުމަކީ އަހަރެން ބޭނުންވާކަމެއް ނޫން! އަވަހަށް ހަވާލުކުރޭ!” ހޫލް އަނެއްކާވެސް އަމުރުކުރިއެވެ. އެއްވެސް ދެކޮޅުހެދުމެއްނެތި ކިޒަންގެ އަތުން ހޫލްގެ ގައި މައްޗަށް ޤަރޫތު އެރުވިއެވެ. އެއާއެކު، ހޫލް އިލުނިއޮފް(ވަންހަނާ ޖާދޫ) ބޭނުންކޮށް ވަންހަނާވެގެން އުދުހިގަތެވެ.

ދެންމެ ވީ ކަންތަކާމެދު ކިޒަންހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަދި މާޔޫސްވެ ދެރަވެސްވެފައެވެ. މޫނުމަތިން ދައްކާނެ ޖަޒުބާތެއް ނޭނގިފައެވެ. މިނާލްކަމަށް ހީކޮށް ވެވުނު އުފާ ފޭދިގެން ދިޔައީ އެހާމެ އަވަހަށެވެ. “އެއީ ހަމަ އަސްލުވެސް ޤަރޫތުބާވައެވެ؟” ކިޒަންގެ ހިތުގައި މި ސުވާލު ރަސްކަން ކުރަމުން ގެންދިޔައެވެ. އެނބުރި ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާނާ) އަށްގޮސް ޣިފިމް ރެނިޓްގެ ފޮތް ކިޔަމުން ގެންދިޔައެވެ.

******************

ޤަރޫތުއަށް ލޯ ހުޅުވާލެވުނީ ފަނޑު އައްޔަކުން ދިއްލިފައިވާ އުދަރެހަކަށެވެ. ކޮޅާކޮޅު ފެންނަން ނެތް އެ ބިމެއްފަދަ ތަނުގައި ފަނޑު އަލިކަން ފިޔަވާ އިތުރު އެއްޗެއް ފެންނާކަށް ނެތެވެ. ގަނެފައި ހުރި ބިރުގެ ސަބަބުން ފަރާތެއް ނުބަލާ ޤަރޫތު ދުވަން ފެށިއެވެ. ވަރަށް ގިނައިރު ދުވުމަށްފަހު، މަޑު ކަފަކޮޅެއްފަދަ ތަނަކަށް މޫނުވަތަށް ވެއްޓުނެވެ. އިސްއުފުލާ ކޮޅަށް ތެދުވެ، ވަށައިގެންވާ ތަނަށް ނަޒަރު ހިންގާލިއެވެ. އެތަނުން ފެނުނީ އަންހެނެއްގެ ހިޔަންޏެކެވެ. އޭނާ ހުރި ސީދަލަށް ޤަރޫތުއާ ދިމާއަށް ދުވެފައި އައެވެ. ޤަރޫތުއާ ކައިރިވީ ވަރަކުން އޭނާގެ ލޯ، ފިޔާތޮށި ކުލައަކުން ފަނޑުކޮށް ދިއްލެން ފެށިއެވެ. އަދި މޭމަތި ފަނޑު ރަތްކުލައަކުން ދިއްލުނެވެ. ދުވެފަ އައިސް ޤަރޫތު ގައިގަ ޖެހުނުހެން، ކުއްލިއަކަށް ހަވަނަ މިނުން ނިކުމެވި ފުންމައިގެން ތެދުވެވުނެވެ.

ފެނުނު ބިރުވެރި ހުވަފެން، އަސްލުހެން ހީވާތީވެ ޤަރޫތު އަމިއްލަ ގައިގައި ވިކައިގަތެވެ. ތަދު އިހުސާސްވުމުން ހުވަފެނެއް ނޫންކަން ޔަޤީންވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުން ހޫލް އުދުހިލާފައި ވަނެވެ. “ޤަރޫތު! ހިނގާ އަވަހަށް އެއްޗެއް ކާލަން!” ހޫލް އެނދާ ގާތްވަމުން ބުނެލިއެވެ. ޤަރޫތު ތެދުވެ ހޫލްގެ ގައި މައްޗަށް އެރުމަށްފަހު ބަދިގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ފިޔަގަނޑު ތަޅުވާލިވަގުތު، ޤަރޫތު ސުވާލުކުރިއެވެ. “އަހަރެން ވެއްޓުނު އިރު ސަލާމަތްކޮށްދިނީ ކާކު؟” ހޫލް ވަރަށް ކުރު ޖަވާބެއް ދިނެވެ. “އެއީ އިންސާނެއް!”

އަނެއްކާވެސް ޤަރޫތު ސުވާލުކުރިއެވެ. “އަޅެ، ކިޔައިދީބަލަ! އަހަރެންވެސް ބޭނުމޭ އެނގެން!” ހޫލް އަޅައިނުލާ ކާގެއަށްވަދެ، ޤަރޫތު މޭޒުގައި ބޭންދުމަށްފަހު، ކާތަކެތި ތައްޔާރުކުރުމަށް ބަދިގެއަށް ދިޔައެވެ. އިރުކޮޅަކުން ޤަރޫތުއަށް އަޑު އިވުނީ ބަދިގޭގެ ކައްކާ ބައިގަ ދެކެވެމުން ދިޔަ ވާހަކައެވެ.

“ޤަރޫތުއަށް ކިތަންމެ އޮޅުވާލަން އުޅުނަސް، ކޮންމެވެސް ދުވަހަކުން އޭނާއަށް އެނގޭނެ އޭނާއަކީ ކާކުކަން! އޭނާއަށް ދުވަސްކޮޅަކުން ޖާދޫވެސް ހެދޭނެ! މިހާރު ކަނާތު ކޮނޑުމަތީގައި ހުރި ފާރުގަނޑުވެސް ދަނީ ރަނގަޅުވަމުން.” އަކްޒާ ހޫލް ކައިރީ ކިޔަމުން ދިޔައެވެ. ނަމަވެސް އަކްޒާގެ ވާހަކަތަކަށް ހޫލް ދިޔައީ ބީރު ކަންފަތެއް ދެމުންނެވެ. މި ހުރިހާ ވާހަކައެއް އަޑު އެހުމަށްފަހު ޤަރޫތު ހޫލްއާމެދު ޝައްކުކުރަން ފެށިއެވެ.

ހޫލް ކާމޭޒު ކައިރިއަށް އައުމުން، ޤަރޫތު އަނެއްކާވެސް ސުވާލު ކޮށްލިއެވެ. “އަހަރެން ސަލާމަތްކުރި މީހާއަކީ ކާކު؟ އަޅެ ބުނެދީބަލަ.” ހޫލް ބޯ ހަލުވާލަމުން ނޫނެކޭ ބުންޏެވެ. “އޭނާ ބަދިގެތެރޭގައި އެދެއްކީ ކޮން ވާހަކައެއް؟” ބަދިގެއިން ނުކުމެގެން އައި އަކްޒާއަށް އިނގިލި ދިއްކުރުމަށްފަހު، ޤަރޫތު ސުވާލުކުރިއެވެ. އެހެންބުނުމާއެކު ހޫލް ފާޑަކަށް އަކްޒާއަށް ލޯ އަޅާލިއެވެ. އަކްޒާ މާގިނައިރުތަކެއް ނުވެ ބިނާރުން ބޭރަށް ނިކުތުމަށް ދިޔައެވެ. “އަޅައިނުލާ، އެއީ އޭނާ ދައްކާ ދޮގު ވާހަކައެއް!” ހޫލް ޤަރޫތުއާ ދިމާއަށް ބަލާލުމަށްފަހު، ބުންޏެވެ.

އެހެން ބުނުމާއެކު، ޤަރޫތު ހޫލްއަށް ކުރި އިތުބާރު ފުނޑު ފުނޑުވެގެން ދިޔައެވެ. ހޫލް ދޮގުހަދާކަން ޤަރޫތުއަށް މިހާރު ޔަޤީން ވެއްޖެއެވެ. ދުވެފައި ގޮސް ކާމޭޒުމަތިން ފުންމާލުމަށްފަހު، ޤަރޫތު ބަދިގެއިން ނުކުތުމަށް ދުއްވައިގަތެވެ. ތަނުގެ ބޮޮޑުކަމާއެކު މާދުރަށް ނުދެވެނީސް، ހޫލް ފަހަތުން އައިސް، ޤަރޫތުގެ ގައިގައި ހިފެހެއްޓިއެވެ. އަދި ބުންޏެވެ. “ކަމުގެ އަސްލު ކިޔައިދިނަސް ޤަރޫތުއަކަށް ޤަބޫލެއް ނުކުރެވޭނެ! ޤަބޫލު ނުވެސް ކުރާނެ!” އެހެން ބުނުމަށްފަހު، ހޫލް އުދުހިފައި އެނބުރި ބަދިގެއަށް ދިޔައެވެ. ޤަރޫތުގެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ.

ޤަރޫތުގެ މިސްރާބު ހުރީ، ބިނާރުން ނިކުންނަން ދިޔަ އަކްޒާއަށެވެ. މާނޭވާލަމުންވެސް ބާރު ބާރަށް ދުވެފައި އެހިސާބަށް ދެވުނީ ހަމަ ކިރިޔާއެވެ. އަކްޒާ ކައިރި ދެންމެ ބަދިގޭގައި ދެއްކި ވާހަކަ އިތުރަށް ސާފުކޮށްދޭށޭ ޤަރޫތު ބުންޏެވެ. އަކްޒާ ފަހަތަށް އެނބުރިފައި ބުންޏެވެ. “ޤަރޫތު ކައިރީ ނުދައްކާށޭ ބުނެފަ އޮތީ. އިރުދޫނިތައް.” ޤަރޫތު ނޭވާއެއްލަމުން ބުންޏެވެ. “އެކަމަކުވެސް ހެވޭ. އަހަރެން ބޭނުމީ ތެދު!” ޤަރޫތުއަށް ބަލައިލުމަށްފަހު އަކްޒާ ކިޔައިދެން ފެށިއެވެ. “ތިއީ، އިންސާނެއް. ތިޔަ ހަންގަނޑުގެ ދަށުން ހިނގަހިނގާ ތިހުރީ ސަބިޝް ރެރިޑެންތައް. އަހަރެމެންނާ ހަމައަށް ގެނައިއިރު ޤަރޫތުގެ ތިޔަ ސަބިޝް ރެރިޑެންތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. ނަމަވެސް ހުރިހާ އިރު ދޫނިތައް ވެގެން ސަބިޝް ރެރިޑެންތައް ރަނގަޅު ކުރީ. އަދި އެއަށްފަހު ކަނާތު ކޮނޑަށް ވަދެފައިވާ ހަނދުގެ ޖަވާހިރު ނެގީ، ޚުދު އަހަރެން.” ޤަރޫތު އަދިވެސް ސުވާލުކުރިއެވެ. “އަހަރެން މިއަދު ސަލާމަތްކުރި މީހާ އެނގޭނެގޮތެއް އެބައޮތްތަ؟” އިރުކޮޅަކު ވިސްނަން ހުރެފައި އަކްޒާ ބުންޏެވެ. “އަހަރެން ކިޔާ އަޑުއަހަން، ޝަޓިޖިލައިތައް އުޅޭ ފަރުބަދައިގެ އަޑީގައިވާ ފެންގަނޑުން، ތެދު އިނގޭ ވާހަކަ!” ޤަރޫތު ލަސްނުކޮށް ސުވާލުކުރިއެވެ. “އަހަރެން ތިބުނާ ތާކަށް ގެންގޮސްދޭނަންތަ؟” އަކްޒާގެ ހަށިގަނޑު ތިރިކޮށްލުމަށްފަހު އާނއެކޭ ބުންޏެވެ.

ޝަޓިޖިލައިތައް (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް) މުޅި އުދަރެހުގައި އުދުހެނީއެވެ. ކުދި ބުޅާތައް ބޯޅަކުޅުމާއެކު، ސަކަރާތްޖަހަނީއެވެ. އަދި ބައެއް ބުޅާތައް ތަން ބަލަހައްޓަމުން ގެންދެއެވެ. ފަނޑު އަލިކަމެއް ވާ މާޙައުލުގައި ވައިގެ ތެރޭގައި އުދުހެމުން އައި އަކްޒާ ފެނުމާއެކު، ކުދި ބުޅާތައް ބިރުން ފިލަން ދިޔައެވެ. ލަސްތަކެއްނުވެ، އުސް ފަރުބަދައިގެ ހޮހޮޅައަކަށް އަކްޒާ ވަނެވެ. ވަދެގެން ދިޔަ ދޮރާ ސީދާވާގޮތައް ޝަޓިޖިލައި (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް)ގެ ރަސްގެފާނު އިންނެވިއެވެ. އިސް ތިރިކޮށްލުމަށްފަހު، އަކްޒާ ބުންޏެވެ. “ވާރިން، އަހަރެން މިއައީ، ޓިފުޓިޚް ފެންގަނޑަށް މި އިންސާނާ ގެންދިޔުމަށް ހުއްދަ ހޯދުމުގެ ގޮތުން! މި އިންސާނާ ގެންދިޔަޔަސް އެންމެ ރަނގަޅުތޯ؟”

“އަހަރެން ހުއްދަ ދޭނީ، ދަހަނާގައި މިތިބި ބުޅާތައް ކަލޭމެން ކުރާ ކަންތައްތައް ނިމެންދެން ޓިފުޓިޚް ފެންގަނޑުގެ ކައިރީ ތިބޭނަމަ.” ވާރިން ޝަރުތު ކުރިއެވެ. އަކްޒާ އަނއެކޭ ބުނުމަށްފަހު، ދަހަނާގައި ތިބި ބުޅާތަކާއެކު ޤަރޫތު ގޮވައިގެން، ޓިފުޓިޚް ފެންގަނޑަށް ދިޔައެވެ.

ފެންގަނޑުގެ އައްސޭރިއަށް ފޭބުމަށްފަހު ޤަރޫތުގެ އަތް ފެންގަނޑުގެ ތެރެއަށް ގަންބާލިއެވެ. ޤަރޫތު ސަލާމަތްކޮށްދިން މީހާގެ މޫނު ހަނދާން ކުރުމާއެކު، ފެންގަނޑުގެ ތެރޭގައި އޭނާގެ ސޫރަ ކުރެހިގެން ދިޔައެވެ. އަދި ކަންފަތުގެ ތެރޭގައި އެއްފަހަރާ ބައިވަރު އަޑުތަކެއް “ކިޒަން”އޭ ކިޔަންފެށިއެވެ. ދެން ސާފުކުރަން ބޭނުންވީ އޭނާގެ އަމިއްލަ ނަފްސަކީ އިންސާނެއްތޯ ބަލާށެވެ. އެހެން ހިތައް އަރުވާލުމާއެކު، “ތިއީ އިންސާނެއް” އެއްފަހަރާ ބައިވަރު އަޑުތަކެއް ކިޔަން ފެށިއެވެ. އެއަށްފަހު ޤަރޫތު ހިތާހިތުން ސުވާލުކުރިއެވެ. “އަހަރެންނަކީ ކާކު؟” އެހެން ބުނުމުން، ޤަރޫތުއަށް ފެނިގެން ދިޔަ މަންޒަރުތަކާއެކު، ހޭނެތިގެން ވެއްޓުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ކީރްތީ…ތިޔޭ ފުރާނައަކީ (1)

Next

ހަގީގަތަކީ ކޮބައިހޭ؟…22

Next
April 30, 2026

ހަގީގަތަކީ ކޮބައިހޭ؟…22

Previews
April 30, 2026

ކީރްތީ…ތިޔޭ ފުރާނައަކީ (1)



All Right Reserved!