Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 6

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 27, 2016 8 Mins Read
4 Comments

“މިޝާލް، ތެދުވެބަލަ ދެން… ނުވައެއް ޖަހަނީ މިހާރު” އަނޫޝާ އަނެއްކާވެސް މިޝާލްގެ ކޮނޑުގަ ހިފާ ތަޅުވާލަމުން ގޮވާލިއެވެ. މިޝާލް އަނެއް ފަރާތަށް އެނބުރުނެވެ.

“މިޝާލް!” އަނޫޝާ ގޮވާލިއެވެ. އަދި މިޝާލް ހިފަހައްޓައިގެން އޮތް ބާލީސް ނަގަން ވެގެން އޭގައި ހިފާލިއެވެ.

“ކިހާ ދެރަ ކަމެއްތަ؟” ކުއްލިއަކަށް ތެދުވެފައި މިޝާލް ބާރަށް ބުންޏެވެ.

އަނޫޝާ ސިހިފައި ފަހަތަށް ޖެހިލިއެވެ.

“ކިހިނެއް ވެގެންތަ ތިއުޅެނީ؟ މަ ނުތެދުވިއްޔާ ކަމެއް ނުވަނީތަ؟ މަ ނިދާފަ އޮތަކަސް ތިކުރާ ކަމެއް ކުރަން ދޭބަލަ” މިޝާލް ރުޅި އައިސްފައި އަނޫޝާއާ ދިމާއަށް ހަޅޭ ލަވައިގަތެވެ.

“ރުޅި ނާދެބަލަ… ސައި ބޯން ވެގެންނޭ މިގޮވީ” އަނޫޝާ މަޑުމަޑުން ބުންޏެވެ.

“އަހަރެން ނިދާފަ އޮތަސް އަނޫ ސައި ބުއީމަ ނިމުނީނު؟ ހަނދާން ކުރައްޗޭ، އެއްފަހަރު ގޮވީމަ އަހަރެން ހޭނުލައިފިއްޔާ ދެވަނަ ފަހަރަށް ނުގޮވާތި!” މިޝާލް އަނެއްކާވެސް އޮށޯތެވެ.

ކަންތައް ވީގޮތުން އަނޫޝާ އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. މިޝާލްގެ ރުޅި އަނޫޝާއަށް ތަޖުރިބާ ކުރެވުނު މީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިޝާލްއަކީ އެހާ ރުޅިގަދަ މީހެއް ހެން ހީވާ ފަދަ ކަމެއްވެސް އަނޫޝާއަށް ފެނިފައެއް ނެތެވެ.

އެންމެ ފަހުން އެއީ ނިދާފަ އޮއްވާ ގޮވުމުން ވީގޮތެއް ކަމަށް ހިތާ ހިތުން ނިންމާފައި އަނޫޝާ ތެދުވިއެވެ. ނިދި ގަދަ މީހުން ނިދާފަ ތިއްބާ ގޮވުމުން އެއީ ވެދާނެ ގޮތެކެވެ. ކައިވެނީގެ ފަހުން އަދި އެފަދަ ކިތަންމެ ކަމެއް އެކަކު އަނެކަކާ ބެހޭ ގޮތުން ފެންނާނެއެވެ. އަމިއްލަ ހިތަށް އެގޮތަށް ވިސްނައިދޭން މަސައްކަތް ކުރަމުން އަނޫޝާ ކޮޓަރިން ނިކުމެ ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. ނަމަވެސް އަނޫޝާގެ ހިތް އެކަމާ މުޅިން އެއްބަހެއް ނުވިއެވެ.

ތިރިއަށް ފޭބުމާ އެކު އެކަމާ ވިސްނާނެ ފުރުސަތެއް އަނޫޝާއަކަށް ނުވިއެވެ. ލަޔާލް ދުވެފަ އައިސް އަނޫޝާ ގައިގަ ބައްދައިގަތެވެ.

“ލަޔާލް އަންގަނީ މަންމަ ހަދާ ބުއްތައްޓަށް ވުރެން ދޮންބެދައްތަ ހަދާ ބުއްތަށި މާ މީރު ކަމަށް” މިލްނާ ބުންޏެވެ.

“އެހެންތަ؟ ތެންކްޔޫ” ލަޔާލް އުރާލަމުން އަނޫޝާ ބުންޏެވެ.

“މިޝާލް ހެއެއް ނުލި ދޯ؟” ޒަރީރު އަހާލިއެވެ.

“އާނ…” އަނޫޝާ ބުންޏެވެ.

“އެއް ދުވަހުވެސް މިހާ ހެނދުނާ ހޭލާ މީހެއް ނޫނެއްނު އެއީކީ؟” އެވަގުތު އަޒީޒާ ބުންޏެވެ.

“ދެން އަޅާ ނުލާބަލަ މަންމާ، އަދި ރަނގަޅު ވާނެ ތިކަންވެސް. މީހަކާ އިނީމަ ދެން ހުރިހާ ކަމެއްވެސް ރަނގަޅު ކުރަން އޭނަވެސް މަސައްކަތް ކުރާނެއެއްނު؟” ޒަރީރު ބުންޏެވެ. އަދި ތެދުވެ އަތް ދޮވެލިއެވެ. ޒަރީރުގެ ފަހަތުން ކަހަލަ ގޮތަކަށް ނިހާންއާ މައުރޫފްވެސް ތެދުވިއެވެ.

“ނަސީރާ، އަހަރެން މިދަނީ” ބަދިގޭގައި ހުރި ނަސީރާއަށް ގޮވާލާފައި ޒަރީރު ގޭން ނިކުތެވެ.

“އަނޫ، އާދޭ ސައި ބޯން، ދޮންބެ ހޭނުލާނެ މެންދުރު ވިޔަސް” މޭޒު ކައިރީ އިށީނދެ އިން މަޒްނާ ގޮވާލިއެވެ.

“ތެދެއް އަނޫ، އާދޭ” މިޒްނާވެސް ބުންޏެވެ.

ސައި ބޮއެގެން އަނޫޝާ ކޮޓަރިއަށް ވަނީ މިޒްނާމެން ގާތު ވާހަކަ ދައްކާލަން އިރުކޮޅަކު އިނދެފައެވެ. އޭރުވެސް މިޝާލް އޮތީ ގަދަ ނިދީގައެވެ. ގަޑިން ދިހައެއް ޖަހާ ބޮޑުވެފައި ވާތީ އަނެއްކާވެސް މިޝާލްއަށް ގޮވަން އުޅެފައި އަނޫޝާ ފަސް ޖެހުނެވެ. މިޝާލް ރުޅި އައިސް ދާނެތީއެވެ. ގޭ މީހުންނަކަށްވެސް އެގޮތަށް މިޝާލް ލަހުން ހޭލުން ބޮޑު ކަމަކަށް ނުވާތީއާ އެކު އަނޫޝާ މިޝާލް ހޭލެއްވުމުގެ ހިޔާލު ދޫކޮށްލިއެވެ.

އެންމެން އެކީ މެންދުރަށް ކެއްކުމުގެ މަސައްކަތުގައި އުޅުނު އިރު އަނޫޝާގެ މަސައްކަތާ މެދު ނަސީރާއަށް ހިތާހިތުން ތައުރީފު ކުރެވުނެވެ. އަނޫޝާއަކީ ހީވާގި، މަސައްކަތް ކުރަން ފަސް ނުޖެހޭ، ކެއްކުމަށް ވަރަށް ކުޅަދާނަ އަންހެން ކުއްޖެއްކަން އެންމެ ދުވަހަކުންވެސް ނަސީރާއަށް އެނގިއްޖެއެވެ. އަދި މިޝާލްއާ ރައްޓެހިވެގެން ކައިވެނި ކުރުމާ މެދު ވީ ދެމަހެއްހާ ދުވަސް ތެރޭ އަނޫޝާގެ މިޒާޖާ އުޅުންވެސް ނަސީރާއަށް ވަނީ ވަރަށް ރަނގަޅަށް ދަސްވެފައެވެ. އެއީ އަޚުލާގު ރަނގަޅު، ކިޔަމަންތެރި، މަޑު މައިތިރި ކުއްޖެކެވެ. އެހާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭ އަނޫޝާ ނަސީރާގެ ހިތުން ޚާއްސަ ޖާގައެއް ހޯދައިފިއެވެ.

މެންދުރު އެކެއް ޖެހިތަނާ މިޝާލް ހޭލިއެވެ. ނަމަވެސް އެނދުން ނުތެދުވެ އޮތީއެވެ. އެގާރަ ޖަހަން އުޅެނިކޮށް ބަދިގެއަށް ދިޔަ ގޮތަށް އަނޫޝާ ކޮޓަރިއަށް ވަނީ ހަމަ އެކަނި ނަމާދު ކޮށްލާށެވެ. އެހެންވެ މިޝާލް ހޭލި ކަމެއް އަނޫޝާ އަކަށް ނޭނގެއެވެ. ނަމަވެސް ކެއުމުގެ ކުރިން މޫނު ދޮވެލާ ހަދަން އަނޫޝާ ކޮޓަރިއަށް ވަން އިރު މިޝާލް ފާހާނާގަ އުޅޭތީ އަނޫޝާ ނިކުތް އިރު އަޒީޒާ އިނީ މިޝާލްގެ ވާހަކަ ދައްކާށެވެ. ހެނދުނު އެކަމާ ބެހޭ ގޮތުން މާގިނަ ވާހަކަ ނުދެއްކި ނަމަވެސް މެންދުރު ކާން އެރިއިރު އަޒީޒާ އަނެއްކާވެސް އެވާހަކަ ފެށީ ޒަރީރު ކާން ނާންނާތީއެވެ. އެވާހަކަ ހުއްޓުވަން ޒަރީރު ނުހުންނާނެތީއެވެ.

“އަދިވެސް މިޝާލް ހޭނުލަނީ؟” މިޝާލް ކާން ނާންނާތީ އަޒީޒާ އަހާލިއެވެ.

“އަޅާނުލާބަލަ މަންމާ” ނަސީރާ ބުންޏެވެ.

“އަޅާނުލާތީއޭ މިއަދު އޭނަ އެހެން އެއުޅެނީ، ކުރިންވެސް އަހަރެން ބުނި ގޮތަށް އޭނައާ މެދު ތަންކޮޅެއް ހަރުކަށިކޮށް ކަންތައް ކުރި ނަމަ މިއަދު އޭނައަށް އެހެނެއް ނުވީސް… މީހަމަ ނަސީރާއާ ޒަރީރުގެ ކަންތައް” އަޒީޒާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“މާމާ، ދެން ތިވާހަކަ ނުދައްކަބަލަ” މިލްނާއަށްވެސް އެވާހަކަ ކަމަކު ނުދިޔައެވެ.

“މިޝާލް ހޭލައިފި” އަނޫޝާ އައިސް މެޒު ކައިރީ މަޑުކޮށްލަމުން ބުންޏެވެ.

“އެހެންތަ؟ އެހެން ވިއްޔާ އަވަހަށް ކާން އަންނާށޭ ބުނޭ، މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެސް ވެފަ” ނަސީރާ އަވަސް އަވަހަށް ބުންޏެވެ.

“ބަނޑުހައެއް ނުވީހެއްނު ހެނދުނު ހޭލައިގެން ސައި ބޯން އައި ނަމަ” އަޒީޒާ ބުންޏެވެ.

“ދެން މަންމާ…” ނަސީރާ ހިތްހަމަ ނުޖެހިފައި ގޮވާލިއެވެ.

އަނޫޝާ އަނެއްކާވެސް ކޮޓަރިއަށް ދިޔައެވެ. އޭރު މިޝާލް އަނެއްކާވެސް އެނދުގައި އޮތެވެ.

“އަނެއްކާވެސް ނިދަނީތަ؟ އަހަރެން ހީކުރީ މިޝާލް ހޭލީ ކަމަށް، ދެން ތިހެން ނޯވެ ދޭބަލަ ފެން ވަރާލަން… މަންމަ އެބަ ގޮވާ ކާން، މާމަވެސް އެބަ އުޅޭ މިޝާލް ކާން ނައިސްގެން” މިޝާލް ކައިރީ އިށީނދެ މިޝާލްގެ އަތުގައި އަތް ޖައްސާލަމުން އަނޫޝާ ބުންޏެވެ.

“ކިހާ ބޮޑު ކަމެއް! ކިހިނެއް ވެގެންތަ ތިއުޅެނީ؟ މަށަށް އުނދަގޫ ނުކުރަންޏާ ނޭވާ ނުލެވެނީތަ؟” ކުއްލިއަކަށް ތެދުވެފައި މިޝާލް އަނޫޝާގެ އަތް ފޮޅުވާލަމުން ހަޅޭލަވައިގަތެވެ.

“މިޝާލް…” އަނޫޝާއަށް ބުނެވުނެވެ.

“މަށަށް ގޮވާނެ ކަމެއް ނެތް. މަ ތެދުވާން ބޭނުން ނުވާތީ މިއޮންނަނީ، ނުބުނިއްޔާ އެވަރު ނޭނގެން ތީ ކުޑަ ކުއްޖެއްތަ؟ ގަޑިއަކު އެއްފަހަރު އައިސް އެބަ ގޮވާ” މިޝާލް ރުޅި އައިސްގެން އަނޫޝާއާ ދިމާއަށް ހަޅޭ ލަވަމުން ދިޔައެވެ.

“މިޝާލް ތިހާ ވަރަށް ރުޅި އަންނަ ވަރުގެ ކަމެއް އަހަންނަށް ކުރެވިއްޖެތަ؟” މަޑުމަޑުން އަނޫޝާ އަހާލިއެވެ.

“އާނ! އެއްފަހަރު ހަޅޭ ލަވައިގަތީމަ ދެން މައިތިރި ވެގެން ހުންނާކަށް ނޭނގޭތަ؟” މިޝާލް ހައްތަހާ ރުޅި ގަދަވިއެވެ.

އަނޫޝާއަށް ހައިރާން ވެފަ މިޝާލްއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ.

“ކޯޗެއް ތިވަރަކަށް ތިބަލަނީ؟” މިޝާލް އަހާލިއެވެ.

“ސޮރީ…” އިސް ޖަހާލަމުން އަނޫޝާ މާފަށް އެދުނެވެ. އަމިއްލަ ކުށެއް ނެތްކަން އެނގި ހުރެއެވެ. އެހިސާބުން އެމައްސަލަ ހައްލު ކުރަން ބޭނުން ވާތީއެވެ. ނަމަވެސް މިޝާލް އެގޮތެއް ބޭނުމެއް ނުވިއެވެ.

“އަނޫ ހީކުރީތަ މިއަދު ސޮރީއޭ ބުނީމަ ނިމުނީ ކަމަށް؟ އެހާ އަވަހަށް އަހަރެން އަނޫއަށް މާފު ކުރާނެ ކަމަށް؟ އެރޭ ކީކޭ ބުނީ؟” މިޝާލް އަހާލިއެވެ.

މިޝާލް އެދައްކަނީ ކޮން ރެއެއްގެ ވާހަކައެއް ކަމެއް އަނޫޝާ އަކަށް ނޭނގުނެވެ. ސުވާލުން ފުރިގެން ވީ ނަޒަރަކުން އަނޫޝާ މިޝާލްއާ ދިމާއަށް ބަލާލިއެވެ.

“އަނޫ ހީކުރީތަ އަހަރެން އަނޫއާ އިނީ އަނޫ ދެކެ ލޯބިންނޭ؟ ހަނދާން އެބަ ހުރިތަ؟ އެރޭ ބުނީމެއްނު އަހަރެން އުޅޭ ގޮތުން އަހަރެންނާ ރައްޓެހިވާކަށްވެސް ބޭނުމެއް ނޫނޭ؟ މިއަދު ތިހިރީ އަނތްބަކަށް ހަދާފަ. އެދުވަހު ހިތަށް އެރި އެއްޗެއް ބުނެލާފަ ދިޔައީނު؟ މިއަދު ކޮންތާކަށް ވަންނާނީ؟” މިޝާލް އަނޫޝާގެ ދެއަތުގަ ހިފާ ކޮއްޕާލިއެވެ.

މިޝާލް ދެއްކި ވާހަކަތައް އަނޫޝާގެ ސިކުނޑިއަށް ނަގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ.

“ހަނދާންވެސް ނެތް ދޯ؟” މިޝާލް މަލާމާތް ކޮށްލިއެވެ. އަދި އެނދުން ފައިބައިގެން ގޮސް ކޮޓަރިން ނިކުތެވެ.

އެނދުގައި އިން ގޮތަށް ގުޑިލަންވެސް ނޭނގިފައި އަނޫޝާ އިނެވެ. ދެންމެ ހިނގާ ދިޔަ ކަންތަކަކީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން ދަތި ވެފައެވެ. އެހުރިހާ ދުވަހު އަނޫޝާ ދެކެ އެހާ ލޯބިން އުޅުނު މިޝާލްގެ އަސްލު މަގުސަދަކީ އެރޭ މިޝާލްގެ ހުށަހެޅުމާ ދެކޮޅު ހެދުމުން އެކަމުގެ ބަދަލު ހިފުން ކަމަށް ޔަގީން ނުކުރެވިފައެވެ. މިޝާލް އަމިއްލައަށް އެހެން ބުނުމުންވެސް އަނޫޝާއަށް އެކަން ގަބޫލު ކުރަން ފަސޭހައެއް ނުވިއެވެ.

“މަށަށް ކާންވެސް ނުދޭންތަ ތީނީ؟” އަނޫޝާ އެހެން އިންދާ ކޮޓަރި ދޮރު ހުޅުވާލާފައި ވަންނަމުން މިޝާލް އެހިއެވެ.

އަނޫޝާ އަވަސް އަވަހަށް އެނދުން ފައިބައިގެން ދޮރާ ހަމައަށް ދިޔަތަނާ މިޝާލް އަނޫޝާގެ އަތުގަ ހިފެހެއްޓިއެވެ.

“ދެން ޖެހޭނީ އަހަރެން ބުނާ ގޮތެއް ހަދައިގެން އަހަރެން ހެދިހާ ގޮތެއް ހެދިގެން އިންނަން… ކީކޭ މިހާރު ހިތަށް އަރަނީ؟” އަނޫޝާގެ ދެއަތުގަ ހިފާ ބާރުކޮށްލަމުން ހިނި އައިސްފައި މިޝާލް އަހާލިއެވެ.

އަނޫޝާއަށް ރޮވުނީއެވެ. އެއްވެސް އެއްޗެއް ނުބުނެވުނެވެ.

“މަގޭ ކުރިމަތީ ރޯނެ ކަމެއް ނެތް… ކާން ހަދަން ދޭ” މިޝާލް އަނޫޝާ ދުރަށް ކޮއްޕާލިއެވެ.

އަވަސް އަވަހަށް ލޯ ފޮހެލާފައި އަނޫޝާ ނިކުތެވެ. ބޭރަށް ނިކުތް އިރު އެއްވެސް މީހަކު ސިޓިންގރޫމަކު ނެތެވެ. ކައި ނިމިގެން އެންމެންވެސް ވީ އެމީހެއްގެ ކޮޓަރީގައެވެ. އަނޫޝާ ބަދިގެއަށް ވަން އިރު މިލްނާ ލަޔާލްއަށް ޖޫސް ތައްޓެއް ގިރަން އުޅެއެވެ.

“ދޮންބެ ހޭލީތަ؟” އަނޫޝާ ކާން ހަދަން ފެށުމުން މިލްނާ އަހާލިއެވެ.

“އާނ…” އަނޫޝާ ދިނީ ކުރު ޖަވާބެކެވެ. މިލްނާ އިތުރު އެއްޗެއް ނުބުނެ ދިޔައީއެވެ.

ކާން ހަދަމުން ދިޔައިރު އަނޫޝާއަށް އެކަމާ ވިސްނެނީއެވެ. ޝިޔާޒްގެ އުފަލަށް ޓަކާ ޒިހާންއާ ވަކިވި އިރު އަނޫޝާ ހީކުރީ މިޝާލް ދެކެ ލޯބި ނުވެވުނު ނަމަވެސް މިޝާލްގެ ފަރާތުން ލިބުނު ލޯތަބާ އަޅާލުމުގެ ސަބަބުން މިޝާލްއާ އެކުގައި ދިރިއުޅުން ހޭދަ ކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން މިދިޔައީ އަނޫޝާ އުންމީދު ކުރިގޮތާ ޚިލާފަށެވެ. މިޝާލްގެ ހިތުގައި އަނޫޝާއާ މެދު ވަނީ ބަދަލު ހިފުމުގެ އިހުސާސެއް ކަމަކަށް އަނޫޝާ ހިއެއް ނުކުރެއެވެ. އެހެން ހިތަށް އަރާނީވެސް ކިހިނެއް ހެއްޔެވެ؟ އެދުވަހާ ޖެހެންދެންވެސް މިޝާލްގެ ފަރާތުން އަނޫޝާއަށް ލިބިފައި ވަނީ ލޯތްބެވެ. ކޮންމެ ކަމެއްގައިވެސް މިޝާލް ބަލަނީ އަނޫޝާ އެދޭ ގޮތަށް ކަންތައް ކޮށްދެވޭތޯއެވެ. އެފަދަ އެއްޗެއް މިޝާލްގެ ހިތުގައި ވެދާނެ ކަމަކަށް އަނޫޝާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.

ކާން ހަދާ ނިމުނު އިރަށް މިޝާލް އައިސް ކާން އިށީނެވެ. އޭރު ގަޑިން ދެގަޑި ބައި ވަނީއެވެ. މިޝާލް ކައިގެން ދިޔުމުން ތަށިތައް ނަގާފައި އަނޫޝާ ބަދިގޭން ނިކުތް އިރު މިޝާލް ބޭރަށް ދަނީއެވެ. ދާތަނަކާ ބެހޭ ގޮތުން ސުވާލު ކޮށްލާކަށްވެސް އަނޫޝާ އަކަށް ނުކެރުނެވެ.

އެނދު ތަންމަތި ރަނގަޅު ކޮށްލާފައި ކޮޓަރިތެރެ ސާފު ކޮށްލާފައި އަނޫޝާ ފެން ވަރާލައިގެން ނިކުތް އިރު އެގޭ ކައިރީގައި ހުންނަ މިސްކިތުން ޢަޞުރު ނަމާދަށް ގޮވާ އަޑު އިވެއެވެ. ރީތި ވެލައިގެން އަނޫޝާ ނަމާދު ކޮށްލައިގެން ތިރިއަށް ފޭބި އިރު މިލްނާއާ މިޒްނާ ބޭރަށް ދާން ނިކުންނަނީއެވެ.

“އަނޫ، އާދޭ އަހަރުމެންނާ އެކީ ސައިބޯ އެއްޗެއް ގަންނަން ދާން” މިޒްނާ ގޮވާލިއެވެ.

“އަނޫ، ހާދަ މަޑުން ތިހުންނަނީ، ކިހިނެއް ވެފަ؟” މިލްނާއާ މިޒްނާ ދައްކަމުން ދިޔަ ވާހަކައިގައި އަނޫޝާ ބައިވެރި ނުވާތީ މިލްނާ އަހާލިއެވެ.

“ކަމެއް ނުވޭ” އަނޫޝާ ޖަވާބު ދިނެވެ.

“ތުއްތައަށް ނޭނގުނަސް އަނޫއަކީ މާ ވާހަކަ ގިނަ ކުއްޖެއް ނޫނޭ، ދޯ އަނޫ؟” މިޒްނާ ބުންޏެވެ. އަނޫޝާ އެއްޗެއް ނުބުނެ ހީލިއެވެ.

“މިޒޫ ބުނި އަނޫ ވަރަށް މީރުކޮށް ފްރައިޑް ރައިސް ހަދައޭ، މާދަމާ އަނޫ ވާނެ ފްރައިޑް ރައިސް ހަދައިދޭން އިނގޭ” މިލްނާ ބުންޏެވެ.

“އާނ…” މިފަހަރުވެސް އަނޫޝާގެ ޖަވާބު ކުރެވެ. އޭރުވެސް އަނޫޝާ ވިސްނަމުން ދަނީ މިއަދު ކަންތައް ވީގޮތާ މެދުއެވެ. ހިތުގައި އެކަންތައް ބާއްވަން އުނދަގޫ ވިނަމަވެސް އަނޫޝާ އެވާހަކަ ހިއްސާ ކުރާނީވެސް ވަކި ކާކާ ހެއްޔެވެ؟ މީ މިޝާލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެންނެވެ. އެމީހުން ގާތު މިޝާލްގެ ވާހަކައެއް ދައްކާކަށް އަނޫޝާ އަކަށް ނުކެރޭނެއެވެ. އެހެން ނޫނަސް އެފަދަ ވާހަކައެއް އެހެން ބަޔަކަށް އެނގުމުން އަނޫޝާ އިތުރަށް ދެރަވުން ނޫން ކަމެއް ނުވާނެއެވެ.

އަނޫޝާ ގެޔަށް ދިޔަ އިރު މިޝާލް ކޮޓަރީގައި އުޅެއެވެ.

“ކޮންތަނަކަށް ގޮއްސަ ތިއައީ؟” އަނޫޝާ ކޮޓަރިއަށް ވަނުމާ އެކު މިޝާލް އެހިއެވެ.

“ތުއްތައާ މިޒޫއާ އެކީ ހެދިކާ ގަންނަން ދިޔައީ” ޖެހިލުން ވެފައި ހުރެ އަނޫޝާ ބުންޏެވެ.

“މަގޭ ކައިރީގައި ނުބުނެ ދެން ބޭރަށް ނުނިކުންނައްޗޭ” މިޝާލް ބުނެލިއެވެ. އަދި އަނޫޝާ ބުނާނެ އެއްޗަކަށް ނުބަލާ ނިކުމެގެން ދިޔައެވެ.

މިޝާލް ދިޔުމާ އެކު އަނޫޝާ އެނދުގައި އިށީނެވެ. ލޮލުން ކަރުނަ އަންނަން ފެށީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. މީ އެއްވެސް ކުއްޖަކު ކައިވެންޏަށް ފަހު ދެކެން ބޭނުންވާނެ ދިރި އުޅުމެއް ނޫނެވެ. ނަމަވެސް އަނޫޝާއަށް އޮތް ގޮތަކީ ކެތްކޮށްލައިގެން ހުރުމެވެ.

ދޮރުގައި ޓަކި ޖަހާލި އަޑަށް އަނޫޝާ ސިހިފައި ލޯފޮހެލިއެވެ.

“އަނޫ، އާދޭ ސައި ބޯން” މިޒްނާގެ އަދު އިވުނެވެ.

އަނޫޝާ މޫނު ފޮހެލާފައި ގޮސް ދޮރު ހުޅުވިއެވެ.

“އަހަރެން ނެތް ސައިބޯ ހިތެއް، ބަނޑުހައެއްވެސް ނުވޭ.. މިޒޫމެން ސައި ބޯންވީނު؟” އަނޫޝާ ބުންޏެވެ.

“ދެން ބަނޑުހައި ނުވަންޏާ ކުރާނެ ކަމެއް ނެތް… އެކަމު އަހަރުމެންނާ އެކީ ހިނގާ ބައިވެރި ވެލަން” މިޒްނާ އެދުނެވެ. އަނޫޝާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މިޒްނާއާ އެކީ ތިރިއަށް ފޭބިއެވެ.

ހަވީރު ބޭރަށް ދިޔަ ގޮތަށް މިޝާލް އެރޭ ގެޔަށް އައީ ބާރަ ޖެހި ފަހުންނެވެ. މިޝާލް އާދޭތޯ އޮށޯވެލައިގެން އޮތް އަނޫޝާއަށް އޭރު އޮތީ ނިދިފައެވެ.

“އަނޫ…” އެނދު ކައިރީގައި ހުރެ މިޝާލް ގޮވާލި އަޑަށް އަނޫޝާ ތެދުވެ މިޝާލްއަށް ބަލާލިއެވެ.

“ބަނޑުހައި ވެއްޖެ، ކާން ހަދާދީބަލަ” މިޝާލް ބުންޏެވެ.

އަނޫޝާ ތެދުވެގެން ބަދިގެއަށް ގޮސް ކާން ހެދުމުން މިޝާލް އަނޫޝާއާ ވާހަކަ ނުދައްކާ އިނދެ ކައިގެން ދިޔައީ ކޮޓަރިއަށެވެ. އަނޫޝާ ތަށިތައް ދޮވެލާފައި ކޮޓަރިއަށް ދިޔައިރު މިޝާލް އެނދުގައި އިށީނދެލައިގެން އިނެވެ. މިޝާލް އެހެން އިނުމުން އަނޫޝާ އެތެރެއަށް ވަންނަން ފަސް ޖެހުނެވެ. ދޮރު ލައްޕާލި ގޮތަށް ދޮރު ކައިރީގައި ހުރީއެވެ.

“އަނޫ ނިދަންޏާ އޮށޯވޭ” އެވަގުތު މިޝާލް ވާހަކަ ދެއްކި ގޮތް މެންދުރު މިޝާލް ވާހަކަ ދެއްކި ގޮތާ ވަރަށް ތަފާތެވެ. އަނޫޝާއަށް ހައިރާން ވެފަ ބަލަން ހުރެވުނެވެ.

“އަނޫ… ނިދި އަންނަންޏާ އޮށޯވޭ” އަނެއްކާވެސް ހަމަ އެރާގުގައި މިޝާލް ބުންޏެވެ. އަނޫޝާ ޖެހިލުން ވެފައި ހުރެ މަޑުމަޑުން ހިނގާލާފައި އައިސް އެނދުގައި އިށީނެވެ.

“އަނޫ، ސޮރީ… އޭރު އަހަރެންނަށް މާބޮޑަށް ރުޅި އާދެވުނީ” މިޝާލް އަނޫޝާގެ އަތުގައި ހިފާލިއެވެ.

އަނޫޝާ މިޝާލްއަށް ބަލާލިއެވެ. އެވަގުތު މިޝާލް ކިތަންމެ ރީތިކޮށް ވާހަކަ ދެއްކި ނަމަވެސް މެންދުރު އަނޫޝާއަށް އެފެނުނީ މިޝާލްގެ އަސްލު ސިފަ ކަމަށް އަނޫޝާއަށް ގަބޫލު ކުރެވުނެވެ.

“އަހަންނަށް މާފު ކުރާނަން ދޯ؟” މިޝާލް އަހާލިއެވެ. ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތައް މޫނު މަތިން ފާޅު ނުކޮށް ވޭތޯ މަސައްކަތް ކުރަމުން އަނޫޝާ ބޯޖަހާލިއެވެ.

“ތޭންކްސް” މިޝާލް އަނޫޝާ ގައިގަ ބައްދާލަމުން ބުންޏެވެ.

ރޭ މިޝާލްއަށް އަނޫޝާގެ ހަށިގަނޑު ހަވާލު ކުރީ އުފަލާ އެކު ނަމަވެސް މިރޭ އަނޫޝާއަށް އެގޮތަށް އެކަން ކުރަން އުނދަގޫ ވިއެވެ. ނަމަވެސް އެކަންވެސް މިޝާލްއަށް ނުދައްކާ ވޭތޯ އަނޫޝާ ބެލިއެވެ. މިޝާލްގެ އަތު ތެރެއަށް ދިޔައީ ހިތާ ހަމައަށް ނުފޯރާ ހިނިތުން ވުމަކާ އެކީގައެވެ.

އަނެއް ދުވަހު އަނޫޝާ މިޝާލް އަކަށް ނުގޮވައެވެ. މެންދުރުފަހު ދޭއް ޖަހަން އުޅެނިކޮށް އަމިއްލައަށް ހޭލައިގެން ފެންވަރާ ހަދައިގެން މިޝާލް ބަދިގެއަށް ވަނީ ބަނޑުހައި ވެފަ ހުރި ވަރުންނެވެ. އޭރު ކައި ނިމިގެން ތަށިތައް ނަގާ ހަދަން މިލްނާއާ ނަސީރާއާ އަނޫޝާ ބަދިގޭގައި އުޅެއެވެ.

“މަންމާ، ކާން ހަދައިދީބަލަ” މިޝާލް ބަދިގޭ ދޮރުމަތީ މަޑުކޮށްލަމުން ބުންޏެވެ.

“އަނޫ، އަވަހަށް މިޝާލްއަށް ކާން ހަދާލާ” ނަސީރާ އަނޫޝާއަށް ބުންޏެވެ.

އެދުވަހުވެސް ކައިގެން މިޝާލް ދިޔައީ ބޭރަށެވެ. އަނޫޝާގެ ހިތަށް ހަމަ ޖެހުމެއް ލިބުނީ ބޭރަށް ނިކުންނަމުން އެރޭ އަވަހަށް ގެޔަށް އަންނާނަން ކަމަށް މިޝާލް އަނޫޝާ ގާތު ބުނުމުންނެވެ. އޭގެ ކުރިން މިޝާލްގެ މޫޑް ހުންނާނެ ގޮތެއް ނޭނގޭތީ އަނޫޝާ ހުރީ ޖެހިލުން ވެފައެވެ. ނަމަވެސް އަވަހަށް އަންނާނެ ވާހަކަ ބުނުމުން އެދުވަހު މިޝާލްގެ މޫޑް ރަނގަޅުކަން އަނޫޝާއަށް އެނގުނެވެ.

އެރޭ އެންމެން ކާން އެރި އިރުވެސް މިޝާލް ގެޔަކަށް ނާދެއެވެ.

“މިރޭވެސް މިޝާލް ބޭރުގަތަ؟” ކާން އިށީނދެފައި ޒަރީރު އެހިއެވެ.

“އާނ، މެންދުރު ހޭލައިގެން ކައިގެން ދިޔަ ގޮތަކަށް އަދި ނާދޭ” ނަސީރާ ބުންޏެވެ.

“މިހާރު އޭނަ މީހަކާވެސް އިނީ، ދެން އެއުޅޭ އުޅުން ދޫކޮށްލާފަ ތަންކޮޅެއް ރަނގަޅަށް އުޅޭށޭ ބުނެބަލަ” ޒަރީރު ބުންޏެވެ.

“މީހަކާ އިނަސް އޭނަ ކީށްކުރަންތަ އުޅުން ބަދަލު ކުރަންވީ؟ އޭނަގެ ހުރިހާ ކަމެއް ބަލަހައްޓަން މިއަދުވސް އޭނަގެ މަންމައާ ބައްޕަ އެބަ ތިއްބެއްނު؟” އަޒީޒާއަށް އެއްޗެއް ނުބުނެއެއް ނީނދެވުނެވެ.

“މަންމާ، އޭނައާ ދިމާއަށް ތިގޮތަށް އެއްޗެހި ނުކިޔަބަލަ” ނަސީރާ އެކަމާ ހިތްހަމައެއް ނުޖެހުނެވެ.

“މަންމަ މިހެން ކިޔަނީ އޭނަ ދެކެ ރުޅި އަންނާތީކީ ނޫނޭ، ފުރަތަމަ ދުވަހުއްސުރެން މަންމަ ބުނި ގޮތަށް އެކުއްޖާ ގެންގުޅުނު ނަމަ މިއަދު މިހެން ނުވީސް… ޒަރީރުއާ ނަސީރާ މާބޮޑަށް އޭނަ ދެކެ ލޯބިވީ…” އަޒީޒާ ނަސީރާއަށާ ޒަރީރުއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“ތީ ތެދެއް… އޭރު އަހަރުމެންނަށް އޭނަ ގެންގުޅެވުނު ގޮތުން މިހެން މިވީ” ޒަރީރުވެސް އެކަމާ އެއްބަސް ވިއެވެ.

“ދެން ޒަރީރުވެސް ފަށާ އޭނައާ ދިމާއަށް އެއްޗެހި ކިޔަން…” ހިތްހަމަ ނުޖެހިފައި ނަސީރާ ބުންޏެވެ.

“އަނޫވެސް ވާނެ އިނގޭ މިޝާލްއަށް ނަސޭހަތް ދޭން، އަހަރުމެން ބުނީމަ ގަބޫލު ނުކުރިޔަސް އަނޫ ބުނީމަ ފަހަރެއްގަ އޭނަ މިކަންތައްތަކާ ވިސްނާވެސް ފާނެ” ޒަރީރު ބުންޏެވެ. އަނޫޝާ ބޯޖަހާލިއެވެ.

އެރޭ ނުވައެއް ޖެހިތަނާ ޝިޔާޒް އެގެޔަށް އައެވެ. އަނޫޝާ ސިޓިންގރޫމްގަ އިންދާ ޝިޔާޒް އައިސް ވަނުމުން އަނޫޝާ ވަރަށް އުފާ ވިއެވެ.

“ކިހިނެއް އަނޫ؟” ޝިޔާޒް އަހާލިއެވެ.

“ރަނގަޅު” އަނޫޝާ ޖަވާބު ދިނެވެ.

އަނޫޝާ ފެނުމުން، އެމޫނު މަތިން ފެނުނު އުފާވެރި ކަމުން ޝިޔާޒްއަށް ހީވީ އެއީ މިޝާލްގެ ސަބަބުން އަނޫޝާއަށް ލިބުނު އުފާވެރިކަމެއް ކަމަށެވެ. އެކަމާ ޝިޔާޒް ވަރަށް ހިތްހަމަ ޖެހުނެވެ. އެހިރުހާ ދުވަހު ހިތަށް އަރަމުން ދިޔަ ސުވާލަށް ޖަވާބެއް ލިބުނެވެ. އަނޫޝާ މިޝާލްއާ ކައިވެނި ކުރީ މިޝާލް ދެކެ ލޯބިން ކަމަށް ގަބޫލު ކުރެވުނެވެ.

“ދޮންބެ ހީކުރީ އަނޫ މިއަދު ގެޔަށް ދާނެ ކަމަށް” ޝިޔާޒް ބުންޏެވެ.

“ދޮންބެ ނުބުނަމެއްނު އަންނާށެކޭ؟ އެހެން ނަމައެއްނު ދާނީ؟” ސަމާސާ ރާގަކަށް އަނޫޝާ ބުންޏެވެ. އެޖުމްލައިގައި އަނޫޝާ ނުބުނެ ދޫކޮށްލި ބައި ޝިޔާޒްއަށް ވިސްނުނެވެ. އަނޫޝާ ގެޔަށް ދިޔުމަށް އެދޭނެ އިތުރު މީހަކު ނުހުންނާނެއެވެ.

“ޝައު ބުނި މިއަދު އަނޫ ކައިރިއަށް އަންނާނަމޭ، ނާދޭތަ؟” ޝިޔާޒް އަހާލިއެވެ.

“ނާދޭ، ކޮން އިރަކު ބުނީ؟” އަނޫޝާއަށް އަވަސްއަވަހަށް އަހާލެވުނެވެ.

“ރޭގަ ބުނީ” ޝިޔާޒް ޖަވާބު ދިނެވެ.

“ދޮންބެ އައި އިރަށް އަހަރެން މީނީ ބޮޑު ވާހަކަ ފަށައިގެން… އެބަ އަންނަން މިޒޫއަށް ގޮވާފަ” ހީލާފައި އެހެން ބުނަމުން އަނޫޝާ ތެދުވީ މިޒްނާއަށް ގޮވަން ދާށެވެ. ނަމަވެސް އަނޫޝާ ތެދުވި އިރަށް މިޒްނާ މިލްނާގެ ކޮޓަރިން ނިކުތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 3..

Next

އަހަރެންގެ ވާހަކަ (ހަވަނަ ބައި)

Next
March 27, 2016

އަހަރެންގެ ވާހަކަ (ހަވަނަ ބައި)

Previews
March 27, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 3..

4 Comments!

  1. kamana says:
    March 28, 2016 at 8:44 am

    ވަރަށް ރީތި މި ބައި ވެސް

  2. Appy says:
    March 28, 2016 at 11:46 am

    V rythi ….waiting. ..

  3. Zaanaa says:
    March 28, 2016 at 9:17 pm

    Mehaaru haada lahay up kuraaleh avahah up kohdeeba pls pls pls story v nice

  4. Riyaash says:
    January 16, 2017 at 6:29 pm

    Varah Reethi Ingeyyyy Marshaa.Love youuuu
    Keep it up Pretty.?

Comments are closed.

Next Episodeމިހިތުގެ ލޯތްބެ ތީ 7←


All Right Reserved!