Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބެ ތީ 7

Marsha
March 28, 2016
7 Mins Read
75 Views
8 Comments

“ރޭގަ ބުނީ” ޝިޔާޒް ޖަވާބު ދިނެވެ.

“ދޮންބެ އައި އިރަށް އަހަރެން މީނީ ބޮޑު ވާހަކަ ފަށައިގެން… އެބަ އަންނަން މިޒޫއަށް ގޮވާފަ” ހީލާފައި އެހެން ބުނަމުން އަނޫޝާ ތެދުވީ މިޒްނާއަށް ގޮވަން ދާށެވެ. ނަމަވެސް އަނޫޝާ ތެދުވި އިރަށް މިޒްނާ މިލްނާގެ ކޮޓަރިން ނިކުތެވެ.

“ޝިޔާޒް، ވަރަށް ގިނަ އިރު ވެއްޖެތަ އައިތާ؟” ޝިޔާޒް ފެނުމުން މިޒްނާ އަހާލިއެވެ. އަދި އައިސް ޝިޔާޒް ކައިރީ އިށީނެވެ.

ޝިޔާޒްއާ މިޒްނާ ކައިރީގައި އެކިއެކި ވާހަކަ ދައްކަން އިނދެފައި ދިހަގަޑި ބައިވުމުން އަނޫޝާ މައްޗަށް އެރިއެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން އަނޫޝާ އޭރު ހުރީ ވަރަށް ނިދިވެސް އައިސްފައެވެ. ނަމަވެސް މިޝާލް އަވަހަށް އަންނާނަމޭ ބުނެފަ ވާތީ މިޝާލްގެ އިންތިޒާރުގަ އަނޫޝާ ހޭލާ އިނެވެ.

އެރޭވެސް މިޝާލް ގެޔަށް އައީ ބާރަ ޖެހި ފަހުންނެވެ. ކޮޓަރިއަށް ވަން އިރު އަނޫޝާއަށް ނިދފައި އޮތްތަން ފެނުމުން މިޝާލް ގާތަށް އައީ ރުޅިއެވެ. ބަލަން ނުހުރެ މިޝާލް ދިޔަ ގޮތަށް ގޮސް އަނޫޝާގެ އަތުގަ ހިފާ ކޮޅަށް ނެގިއެވެ. ސިހިފައި ހޭލެވުމާ އެކީ މިޝާލް ފެނުމުން އަނޫޝާއަށް ބިރުން ފަހަތަށް ޖެހިލެވުނެވެ. މިޝާލް ފެނުމުންވެސް އޭނަ ރުޅި އައިސްފަ ހުރި ވަރު އަނޫޝާއަށް އެނގުނެވެ.

“މަ އަވަހަށް އަންނާނަމޭ ބުނީމަވެސް އަރާ އޮށޯވެ ނިދީދޯ؟” މިޝާލް އަހާލިއެވެ.

“ނީދާކަށް ނޫން… އޮށޯވެލި ތަނާ ނިދުނީ…” އަނޫޝާ ބިރުން ހުރެ މަޑުމަޑުން ބުންޏެވެ.

“ނުނިދަންޏާ އޮށޯވެ އޮންނަން ވޭތަ؟ އަހަރެން އަންނަ އިރަށް ކާން ހަދަން ޖެހޭ ކަމެއްވެސް ނޭނގޭތަ؟ ހިތަކަށް ނާރާތަ މަ ކާން ޖެހޭނެޔެކޭ؟” މިޝާލް ރުޅި އައިސްގެން ސުވާލު ތަކެއް ކުރަމުން ދިޔައެވެ.

އަނޫޝާ އެއްޗެއް ނުބުނެ އަވަހަށް ކޮޓަރިން ނިކުންނަން އުޅުނެވެ.

“ކޮންތާކަށް މިހާރު ތިދަނީ؟” މިޝާލް އަނޫޝާގެ އަތުގަ ހިފެހެއްޓިއެވެ.

“ކާން ހަދަން” އަނޫޝާ ބުންޏެވެ.

“ހަދާނެ ކަމެއް ނެތް… މަށެއް ނުކާނަން ދެނެއް، ކާހިތް ކެނޑިއްޖެ” ފަރުވާ ކުޑަ ގޮތަކަށް މިޝާލް ބުންޏެވެ. އަދި ލައިގެން ހުރި ޓީޝާޓު ބާލާފައި އެނދުމައްޗަށް އެއްލާލާފައި ގޮސް ފާހާނާއަށް ވަނެވެ.

މިޝާލް ފާހާނާއިން ނިކުތް އިރުވެސް އަނޫޝާ ހަދާނެ ގޮތެއް ނޭނގިފައި އެނދު ކައިރީގައި ހުއްޓެވެ.

“ދެން ތިހެން ހުންނާނީތަ؟” މިޝާލް ނިކުމެފައި އެހިއެވެ. ދެންވެސް އަނޫޝާ ހުރީއެވެ.

މިޝާލް ދިޔަ ގޮތަށް ގޮސް އަނޫޝާގެ އަތުގަ ހިފާ ގެނެސް އެނދުގައި ބޭންދިއެވެ.

“އޭރު އޮތްހެން އަރާ އޮށޯވެ ނިދާބަލަ، މަ އައިމަ ކޮންމެހެން ނުނިދަން އިންނާނެ ކަމެއް ނެތް” މިޝާލް ބުންނެވެ. އަނޫޝާއަށް ފަހަތަށް ޖެހިލެވުނެވެ. މިޝާލް އަނޫޝާގެ ކޮނޑުގަ އަތްއަޅާ ކޮއްޕާލިއެވެ. އަނޫޝާ އެނދުމައްޗަށް ވެއްޓުނެވެ. މިޝާލް އަނޫޝާއަށް ފުރަގަސް ދީގެން އޮށޯތެވެ.

އަނޫޝާއަށް ރޮވުނެވެ. އެއަޑު މިޝާލްއަށް އިވިގެން އަނެއްކާވެސް ރުޅި އައިސްދާނެތީ އަނޫޝާ އަނގަމަތީ ބާލީސް އަޅާ ފިއްތާލިއެވެ.

އެތައް އިރެއް ވީއިރުވެސް އަނޫޝާއަކަށް ނުނިދުނެވެ. އަމިއްލަ ހާލާމެދު އަނޫޝާއަށް ރޮވެނީއެވެ. އަނޫޝާއަށް އެއްވެސް އުފަލެއް ނެތީބާއެވެ. މަންމައާ ބައްޕަގެ ލޯބިން މަހުރޫމް ވީއެވެ. ހިތުގެ އެންމެ ފުން މިނުން ލޯބިވި ޒިހާންއާ ވަކިވާން ޖެހުނީއެވެ. ކައިވެނި ކުރީ ލޯބި ނުވި ނަމަވެސް ފިރިމީހާގެ ފަރާތުން އެހީތެރިކަމާ އަޅާލުން ލިބޭނެ ކަމަށެވެ. ނަމަވެސް އެކަންވެސް ވީ އަނޫޝާ ހީވެސް ކޮށްފައި ނުވާ ގޮތަކަށެވެ. މިޝާލްގެ ހިތުގައި އަނޫޝާއަށް ޓަކާ ނަފްރަތު ނޫނީ ނުވެއެވެ.

އެފަދަ ޚިޔާލުތަކުގައި ރޯން އޮއްވާ އަނޫޝާއަށް ނިދުނު އިރެއްވެސް ނޭނގުނެވެ. ހޭލެވުނީ މިޝާލް ގޮވާލި އަޑަށެވެ.

“ދާން ވެއްޖެ، ދޭބަލަ ސައި ހަދަން” އަނޫޝާ ލޯ ހުޅުވާލުމާ އެކީ މިޝާލް ބުންޏެވެ.

އަނޫޝާ އަވަހަށް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. މޫނު ދޮވެލާ ހަދައިގެން އަނޫޝާ ނިކުތް އިރު އަދި އަލިވެސް ނުވެއެވެ. އެހާ އަވަހަށް މިޝާލް ދާން އެއުޅެނީ ކޮންތަނަކަށް ބާއޭ އަނޫޝާ ހިތަށް އެރިއެވެ.

“މިހާ ފަތިހާ މިޝާލް ކޮންތާކަށް ދާން ތިއުޅެނީ؟” އަނޫޝާ އަހާލިއެވެ.

“އަހަރެން ދާހާ ތަނެއް އަނޫ ކައިރީ ބުނަން ޖެހޭތަ؟ ސައި ހަދާށޭ ބުނީމަ ސުވާލު ނުކޮށް ދޭބަލަ އަވަސް ކުރަން” ހިތް ހަމަ ނުޖެހިފައި މިޝާލް ބުނެލިއެވެ.

އަނޫޝާ ބަދިގެއަށް ގޮސް އެވަގުތު މިޝާލްއަށް ސައި ދޭނެ އެއްޗަކާ މެދު ވިސްނާލިއެވެ. ލަސް ވިޔަސް މިޝާލް ރުޅި އައިސްދާނެތީ ފުރަތަމަ ސައި ތައްޓެއް ހަދާފައި ބިސްގަނޑެއް އެޅިއެވެ. އަދި ބިސްކޯދާ ކުޅިރޮށިވެސް ނެގިއެވެ. އަދި ރިހަވެސް ނަގާފައި ބެހެއްޓިއެވެ.

އަނޫޝާ ރޮށި ފިހަން ފުށް މޮޑެން ހުއްޓާ މިޝާލް ފެން ވަރައިގެން އައިސް މެޒު ކައިރީގައި އިށިނެވެ.

“މީތަ ހުރި އެއްޗަކީ؟” މިޝާލް އެހިއެވެ.

“ރޮށި ފިހަން މިއުޅެނީ، އަދި ފަސް ވަރަކަށް މިނެޓް…” އަނޫޝާ އުދުން ރޯކޮށްލިއެވެ.

“ތިހާ އިރު ވަންދެން މަޑެއް ނުކުރެވޭނެ” މިޝާލް ސައިބޯން ފެށިއެވެ.

ހަތަރު ރޮށި ފިހެވުނު އިރަށް އަނޫޝާ މޭޒުމަތީ ހުރި ތައްޓަށް ގެނެސް ލިއެވެ.

“ދެން ހެޔޮ! މިދަނީ ދެން” މިޝާލް ބުންޏެވެ. އަދި ދަބަހެއް ކޮނޑުގަ އަޅުވައިގެން ގޭން ނިކުތެވެ.

އަނެއްކާވެސް މިޝާލް ދާތަނަކާ ބެހޭ ގޮތުން ސުވާލު ކޮށްލަން އަނޫޝާ ހިތަށް އެރިއެވެ. ނަމަވެސް އަހާކަށް ނުކެރުނެވެ.

ނަސީރާ ބަދިގެއަށް އައި އިރު އަނޫޝާ ރޮށި ފިހެ ނިންމާލައިފިއެވެ.

“އަނޫ މިއަދު ހާދަ ހެނދުނަކާ ހޭލި ދުވަހެއް…؟ ރޮށިވެސް ފިހެ ނިންމާލީތަ؟” ނަސީރާ އަހާލިއެވެ.

“މިޝާލް ކޮންމެސް ތާކަށް ދާން ވެގެން ހޭލާފަ ސައިބޯން ބުނީމަ ރޮށި ފިހުނީ” އަނޫޝާ ބުންޏެވެ.

“އާނ، އިއްޔެ ބުންޏޭ ރިސޯޓަކަށް ދާވާހަކަ. ކޮން ރިސޯޓަކަށް ކަމެއް ނޭނގެ، އަނޫއަށް އެނގޭތަ؟” މެޒުމައްޗަށް ތަށިތައް ނަގަމުން ނަސީރާ އެހިއެވެ.

“ނުބުނޭ…” އަނޫޝާ ޖަވާބު ދިނެވެ.

“މިއަދު ހާދަ އަވަހަކަށް ސައި ހަދާ ތި ނިންމާލީ؟” މިލްނާއާ އެކު ބަދިގެއަށް ވަދެގެން އައި މިޒްނާ ބުންޏެވެ.

“އާނ، އަނޫ މާ ފަތިހާ ހޭލައިގެން މަންމަވެސް ނާންނަނީސް ހުރިހާ ކަމެއް ނިންމާލައިފި. މިޒޫމެން ކައިރީގަވެސް މަންމަ އަބަދު މިކިޔަނީ އެހެންނޭ އުޅެން ވާނީ، އަނޫ ކިހާ ރަނގަޅު؟ އަންހެން ކުދިން އެހެން ވާން ވާނެ” ނަސީރާ އަނޫޝާއަށް ތައުރީފް ކުރިއެވެ.

“އާއެކޭ، އަނޫ ވަރަށް ރަނގަޅު. ދޮންބެ ނަސީބު ގަދައީ. ގައިމުވެސް މަށަކަށް ފަތިހު ނަމާދު ކޮށްލާ ގޮތަށް ބަދިގެއަކަށް ނުވަދެވޭނެ. އަދި ޖެހޭނެ އިރުކޮޅަކު ނިދާލަން” މިލްނާ ބުންޏެވެ.

“ތެދެއް އަނޫ، މިތުއްތައަކަށް ފަތިހަކު ހެއެއް ނުލެވޭނެ، ލާހިކެއް ނުވާނެ ހަތެއްގެ ކުރިން ނަގާކަށް. އޮފީހެއްގަ ނޫޅޭ ނަމަ ޔަގީން އެހާ އިރުވެސް ހެއެއް ނުލާނެކަން” މިޒްނާ މިލްނާއާ ދިމާ ކޮށްލިއެވެ.

“ތިހެން ބުނާ އިރު މިޒޫއޯ؟” ނަސީރާ ބުނެލިއެވެ.

“އެބުނާހެން… މިޒޫވެސް ދެން މީހަކާ އިންނަން ތި އުޅެނީ، އަހަންނަށް ވުރެން ކަންނެތް މީހަކަށް ނުވާނެ އޮތީ އެންމެ ގޮތެއް، ކޮންމެ ދުވަހަކު ފަތިހު ހޭލުން” މިލްނާ މިޒްނާގެ އަތުގަ ޖަހާލަމުން ބުންޏެވެ.

“ސާބަސް! ސައި ހެދިއްޖެ ދެމީހުން ތިޒުވާބުގަ ތިއްބާ، ދެންވެސް ދޭބަލަ ބައްޕަމެންނަށް ގޮވަން” ނަސީރާ ބުންޏެވެ.

މިޝާލް ދިޔަ ރިސޯޓެއް އަނޫޝާއަކަށް ނޭނގެއެވެ. ގޭ އެހެން މީހެއް ގާތު ބުނިތޯ އަހާލާކަށްވެސް އަނޫޝާއަކަށް ނުކެރުނެވެ. އިރު ނާރަނީސް ދިޔަ މީހާ ހަވީރު ވީއިރުވެސް ގުޅާވެސް ނުލައެވެ. މެންދުރު ކައްކާ ނިމުނު ފަހުން އަނޫޝާ ހުރީ ފޫހިވެފައެވެ. ޝަރީފާމެން ގޭގައި ހެން މިގޭ ހުރިހާ މަސައްކަތެއް ކުރާކަށް ނަސީރާ އަނޫޝާއަކަށް ނުޖައްސައެވެ. ގިނަ ވަގުތު މަސައްކަތެއް ނެތިފައި ހުންނަން ޖެހުމުން އަނޫޝާ ފޫހި ވަނީއެވެ.

ހަވީރު ފެން ވަރައިގެން ނަމާދު ކޮށްލައިގެން އަނޫޝާ ކޮޓަރީގަ އިންދާ ޓަކި ޖަހާލި އަޑު އިވުމުން އަނޫޝާ ގޮސް ދޮރު ހުޅުވާލިއެވެ.

“ދޮންތާ!” އަނޫޝާއަށް ބުނެވުނެވެ. އަދި ޝައުފާ އަތުގަ ހިފާ އެތެރެއަށް ވެއްދިއެވެ.

“ނުވެސް ބުނަމެއްނު އަންނަ ވާހަކައެއް؟” އެނދުގައި ޝައުފާ ބައިންދާފައި އަނޫޝާވެސް އިށީނދެފައި ބުންޏެވެ.

“އިއްޔެވެސް އަންނަން އުޅެފަ ނާދެވުނީ، ދޮންބެ ބުނި ދޯ އެހެން؟ އެކަމު ޔާފިއުއަށް ނާދެވުނީމަ… މިއަދު އެހެންވެ ހިތަށް އެރީ ނުބުންޏަސް އަންނާނީއޭ” ޝައުފާ ބުންޏެވެ.

“އެކަނިތަ ތިއައީ؟” އަނޫޝާ އެހިއެވެ.

“ނޫން. ޔާފިއު ހިނގައްޖެ އަހަރެން ލާފަ، ފަހުން އަހަރެން ގުޅީމަ ބަލާ އަންނާނެ. މިޝާލް ކޮބާ؟” އަނޫޝާގެ ސުވާލަށް ޖަވާބު ދީފައި ޝައުފާވެސް ސުވާލެއް ކޮށްލިއެވެ.

“ރިސޯޓަކަށް ގޮސްވީ” އަނޫޝާ ޖަވާބު ދިނެވެ.

“އެހެންތަ؟ ކޮން ރިސޯޓަކަށް؟” ޝައުފާ އެހިއެވެ.

“ނޭނގެ” އަނޫޝާގެ ޖަވާބު ކުރެވެ. ޝައުފާ މިޝާލްއާ ބެހޭ ގޮތުން ސުވާލު ކުރަން ފެށުމުން އަނޫޝާއަށް އުނދަގޫ ވިއެވެ. މިޝާލްގެ ކަންތައް ހުންނަ ގޮތާ މެދު ޝައުފާއަށް ޝައްކު ވެދާނެ ކަހަލަ އެއްޗެއް ބުނެވިދާނެތީއެވެ.

އަނޫޝާ ޖަވާބު ދިން ގޮތުން ޝައުފާ އަނޫޝާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ.

“އަނޫ، ބުނެބަލަ… މިޝާލް ރަނގަޅުތަ؟” ޝައުފާ އަހާލީ އިރުކޮޅެއް ފަހުންނެވެ.

އަނޫޝާ އެއްޗެއް ނުބުނެ އިސް ޖަހާލިއެވެ. އެވާހަކަ ދައްކަން ބޭނުން ނުވި ނަމަވެސް އެކަން ހިތުގަ ސިއްރު ކޮށްގެން ހުރުންވެސް އަނޫޝާއަށް ފަސޭހައެއް ނޫނެވެ. ކުރީ ދުވަހު މިޝާލް ކީ އެއްޗެހި ހަނދާން ވުމުން އަނޫޝާގެ ލޮލުން ކަރުނަ އައީ ގަސްތަކާ ނުލައެވެ.

“ރަނގަޅެއް ނޫން ދޯ؟” ޝައުފާ އަނޫޝާގެ އަތުގަ ހިފާލަމުން އަހާލިއެވެ.

އަނޫޝާއަށް ރޮވުނެވެ. މޫނުމަތީ އަތް އަޅާލާފައި އަނޫޝާ އަނެއް ފަރާތަށް އެނބުރުނެވެ.

“އަނޫ…” ޝައުފާ އަނޫޝާގެ އަތުގަ ހިފާ އެމޫނާ އަތް ދުރުކޮށްލިއެވެ.

“ކިހިނެއްތަ ވީ؟ މައްސަލަ އަކީ ކޮބާތަ؟” ޝައުފާ އެހިއެވެ.

މިޝާލްއާ ކައިވެނި ކުރަން ޖެހުނު ގޮތް ފިޔަވާ ހުރިހާ ވާހަކައެއް އަނޫޝާ ޝައުފާއަށް ކިޔާދިނެވެ. އެދުވަހު މިޝާލް ކީ އެއްޗެއްސެވެ. އެރޭ ގޭގެ ބަދިގޭގައި މިޝާލްއާ އަނޫޝާއާ ދެމެދު ކަންތައް ވީގޮތެވެ. އަނޫޝާއާ ކައިވެނި ކުރަން މިޝާލް ބޭނުންވި ސަބަބެވެ.

“ދެން ނުރޮއެ އަނޫ… ހުއްޓާލަބަލަ” އަނޫޝާގެ ބޮލުގަ ފިރުމަމުން ޝައުފާ ބުންޏެވެ.

އަނޫޝާއަށް ރުއިން ހުއްޓާލެވުނީ އިރުކޮޅެއް ފަހުންނެވެ.

“ދެން އަނޫ ކިހިނެއް ހަދަނީ؟” ޝައުފާ އެހިއެވެ.

“ގޮތެއް ހެދޭނެތަ؟” އަނޫޝާ އަހާލީ އެކަމާ މާބޮޑު ވިސްނުމެއް ނެތިއެވެ.

“އާނ، އެވަރުގެ މިހަކާ އިނދެގެން ކީށްކުރަން އުޅެންވީ؟ ދޮންތަ ހިއެއް ނުކުރަން މިޝާލްއާ ހެދި އަނޫ ޒިހާން ދޫކޮށްލި އިރު މީޝާލް އަކީ ތިހާ ވަރުގެ މީހެއް ކަމަކަށް” ޝައުފާ ބުންޏެވެ.

އަނޫޝާ އެއްޗެއް ނުބުނެ އިނެވެ.

“އަނޫ، ދެން ބަލިވެ ނީންނަނީސް ވަރިވޭ، އެހެން ނޫނީ އޭނަގެ ކިބައިން ފަހުން ސަލާމަތް ވާން އުނދަގޫ ވާނެ. އެވަރުގެ މީހަކާ އިނދެގެން އަނޫ ކިހިނެއް އުޅޭނީ؟” ޝައުފާ އޭނައަށް ފެންނަ ގޮތް އަނޫޝާ ގާތު ބުންޏެވެ.

“ދޮންތަވެސް ދޯ؟ އިންތާ އަދި ހަފްތާއެއް ނުވެގެން އުޅޭ އިރު ތިކަހަލަ ވާހަކަ ދައްކަންވެސް ނުވާނެ” އަނޫޝާ އިސް ޖަހާލަމުން ބުންޏެވެ.

“އެކަމަކު މިހާރު މިޝާލް ތިހެން ހަދަންޏާ އަދި ފަހުން…” ޝައުފާއަށް އެހާ ވަރަށް ބުނެވުނު އިރަށް އަނޫޝާ ޝައުފާގެ އަތުގަ ހިފާލިއެވެ.

“އަހަރެން ބޭނުމެއް ނޫން މިޝާލްއާ ވަކި ވާކަށް” އަނޫޝާ ބުންޏެވެ. އަނޫޝާ މިޝާލްއާ ވަކިވެއްޖެ ނަމަ އެކަމުގެ ސަބަބުން ޝިޔާޒްގެ ދިރިއުޅުމަށް އެއްވެސް ދެރަ ގޮތެއް ވާކަށް އަނޫޝާ ނޭދެއެވެ.

“އަހަންނަށް އަދިވެސް ނުވިސްނޭ އަނޫއަށް މިޝާލްގެ ކޮން ސިފައެއް ކަމެއް ފެނިގެން ތިއުޅެނީ، އަނޫ މިޝާލްއާ އެކީ އުޅެން ބޭނުން ވާ ސަބަބެއް ހަމަ ނުވިސްނުނު…” ޝައުފާ އަނޫޝާއާ ދިމާއަށް ބަލަން އިނެވެ.

“ދެން ދޮންތާ، ތިވާހަކަ ހުއްޓާލަބަލަ… ހިނގާ ސައިބޯން” އަނޫޝާ ޝައުފާގެ އަތުގަ ހިފައިގެން ތެދުވިއެވެ.

ގޭއެންމެންނާ އެކީ ޝައުފާއާ އަނޫޝާ ވާހަކަ ދައްކަން ތިބެފައި ޝައުފާ ގެޔަށް ދިޔައީ އިރު އޮއްސުނު ފަހުންނެވެ.

ޝައުފާ ދިޔުމުން އަނޫޝާ އަނެއްކާވެސް އެކަނި ވިއެވެ. މިލްނާވެސް އޮފީހުން އައިސް އުޅެނީ ކޮޓަރީގައެވެ. މެންދުރު ޑިޔުޓީއަށް ދިޔަ ގޮތަށް މިޒްނާވެސް އަދި ގެޔަކަށް ނާދެއެވެ.

ދޮރު ހުޅުވާލި އަޑަށް އަނޫޝާ ބަލާލީ މިޝާލް ކަމަށް ހީކޮށެވެ. ނަމަވެސް އެތެރެއަށް ވަނީ މިޒްނާއެވެ.

“އަނޫ، ދޮންބެ ނެތީމަ ފޫހި ވެފަ ދޯ ތީނީ؟” މިޒްނާ އައިސް އަނޫޝާ ކައިރީ އިށީންނަމުން އަހާލިއެވެ. އަނޫޝާ އެއްޗެއް ނުބުނެ ހަމަ އެކަނި ހިނިތުން ވެލިއެވެ.

“އަނޫ މިގެޔަށް އައި ފަހުން އަދި ވާހަކަ ދައްކާލާނެ ޗާންސެއްވެސް ނުލިބޭ…” މިޒްނާ ބުންޏެވެ.

“ވާހަކައެއް ބުނަން އޮތީތަ؟” އަނޫޝާ އަހާލިއެވެ.

“ނޫނޭ، އެހެން ވެގެނެއް ނޫން… ދެން މިހާރު ތީ އަހަރެންގެ ފަހަރި ވިއްޔަ، ދެކޮޅުންވެސް…” މިޒްނާ ހީލިއެވެ.

“ތެދެކޭ ދޯ!” އަނޫޝާވެސް އެހުނުމުގައި ބައިވެރި ވެލިއެވެ.

“އަސްލު މެރީ ކުރަން މިއުޅެނީ…” މިޒްނާ ބުންޏެވެ.

“އެހެންތަ؟ ކުއްލިއަކަށް؟” އަނޫޝާއަށް ކޮށްލެވުނީ ސުވާލެކެވެ.

“ނޫނޭ، ކުއްލިއަކަށް ނޫން… އަދި ދެމަހެއްހާ ދުވަސް އެބަ އޮތް” މިޒްނާ އެނދުގައި އޮށޯވެލިއެވެ.

“ތީ ކުރިންވެސް ނިންމާފަ އޮތް ގޮތެއްނު؟” އަނޫޝާ އަހާލިއެވެ.

“އާނ، އެކަމަކު ހަމަ އަނޫ ކައިރީ އެވާހަކަ ދައްކާލާ ހިތްވީ… އަނެއްކާ މިހާރު ދެން ތައްޔާރު ވާންވެސް އުޅެންވީ ދޯ؟” މިޒްނާ އަނޫޝާގެ ޚިޔާލު އަހާލިއެވެ.

“ޕާޓީއެއް ބާއްވަންޏާ ދެން ރެޑިވާންވީ ދޯ؟ މިޒޫމެންވެސް ޕާޓީ ބާއްވާނަން ދޯ؟” އަނޫޝާވެސް އެވާހަކައިގައި ބައިވެރިވެލިއެވެ.

“އާނ، ބާއްވަން ވާނެނު؟ ޝިޔާޒްވެސް ބުނި ބާއްވާނަމޯ… އެކަމު ހާދަ މަސައްކަތެއް އޮންނާނެޔޭ ދޯ؟” މިޒްނާ ބޭނުންވީ އެކަމުގައި އަނޫޝާ މިޒްނާއަށް އެހީ ވާށެވެ.

“ނޫނޭ… މާބޮޑު މަސައްކަތް ތަކެއް ނޯންނާނެ…” ދެމީހުން އެރޭ ކާގަޑި ޖެހެން ދެން އެވާހަކަ ދައްކަން ތިއްބެވެ. އެންމެ ފަހުން އެރޭ ނިމުނީ ދެމީހުން އެކީ ބޭރަށް ދާށެވެ.

އަށެއް ޖެހި ތަނާ މިޒްނާއާ އަނޫޝާ ތައްޔާރު ވެގެން ތިރިއަށް ފޭބި އިރު ނަސީރާއާ މިލްނާ ކާން ހަދަނީއެވެ.

“މަންމާ، މިދަނީ ބޭރަށް އިނގޭ. އަނޫއާ މަށާ” މިޒްނާ ނަސީރާއަށް ގޮވާލިއެވެ.

“ކޮންތަނަކަށް؟” ނަސީރާ އަހާލިއެވެ.

“ފިހާރައަކަށް” މިޒްނާ ޖަވާބު ދިނެވެ.

“މަވެސް ދާނަން” އެވަގުތު މިލްނާ އަވަސްއަވަހަށް ބުންޏެވެ.

“ފަސް މިނެޓް ތެރޭ ތައްޔާރު ވިއްޔާ ދެވޭނީ، އެއަށް ވުރެން ގިނަ އިރަކު މަޑެއް ނުކުރާނަން” މިޒްނާ ބުންޏެވެ. އަދި ގޮސް ސޯފާގައި އިށިނެވެ.

“އައްދޭ، މަ ތައްޔާރު ވެގެން މިހިރީ” މިޒްނާގެ ކުރިމައްޗަށް މަޑުކޮށްލަމުން މިލްނާ ބުންޏެވެ.

“އެހެން ވިއްޔާ ހިނގާ” މިޒްނާ ތެދުވަމުން ބުންޏެވެ.

“މަންމާ. ލަޔާލް ހޭލައިފިއްޔާ ގުޅާލާ އިނގޭ” މިލްނާ ނަސީރާއަށް ބުންޏެވެ.

“އާނ، ދެން އަވަހަށް ދޭ، އޭރުން އަވަހަށް އާދެވޭނީ” ނަސީރާ ބުންޏެވެ.

ތިން މީހުން އެކި ވާހަކައިގައި ގޭން ނިކުތެވެ. ސަކަރާތް ޖަހަމުން ފިހާރަ ތަކަށް ވަންނަމުން ފެންނަ ބައެއް އެއްޗެހި ގަންނަމުން ދިޔައިރު ވަގުތު ދިޔަ ގޮތްވެސް ނޭނގި އެގާރަ ޖަހައިފިއެވެ. އެހާއިރު ވުމުން މިޒްނާ ބޭނުންވީ ކައިގެން ގެޔަށް ދާށެވެ. ޑައިންމޯއަށް ވަދެ ތިންމީހުން ކައިގެން ގެޔަށް ދިޔަ އިރު ބާރަ ޖަހާ ބޮޑު ވެއްޖެއެވެ. އެރޭ އަނޫޝާއަށް މިޒްނާއާ މިލްނާއާ ބެހޭ ގޮތުން ވަރަށް ގިން ކަންތައް އެނގިގެން ދިޔައެވެ. އޭގެ އިތުރުން މިޝާލްގެ އެތައް ވާހަކައެއްވެސް އެދެމީހުން އަނޫޝާއަށް ކިޔާދިނެވެ. އޭރުވެސް ނަސީރާ ސިޓިންގރޫމްގައި އެމީހުން އަންނާނެ އިރެއްގެ އިންތިޒާރުގައި އިނެވެ.

“އެނގޭ އަހަރުމެން އަންނަން ދެން މަންމަ ހޭލާ އިންނާނެ ކަން، އެހެންވެ ގެނައި އެއްޗެއް މީ” ޕެކް ކޮށްގެން ގެނައި ސަބްމެރިން ނަސީރާއަށް ދިއްކޮށްލަމުން މިޒްނާ ބުންޏެވެ.

“ހީވެއްޖޭ އެގާރަ ޖެހާ ބޮޑު ވިއިރުވެސް ނައިމަ ކައިގެނޭ އަންނާނީ” މިޒްނާ ދިން ކޮތަޅުގައި ހިފަމުން ނަސީރާ ބުންޏެވެ.

ވަރުބަލި ވެފަ ހުރި ވަރުން އެއްޗެހި ބަދަލު ކޮށްގެން އޮށޯވެލި އިރަށް އަނޫޝާއަށް ނިދުނެވެ. އަނެއް ދުވަހު ހޭލެވުނީ ހައެއް ޖަހާ ބޮޑު ވީފަހުންނެވެ. އަވަސް އަވަހަށް ނަމާދު ކޮށްލައިގެން އަނޫޝާ ދިޔައީ ބަދިގެއަށެވެ. އޭރު ނަސީރާއާ މަޒްނާ ބަދިގޭގައި އުޅެއެވެ.

“ރޭގަ މާ ލަސް ވަންދެން ބޭރުގަ އުޅުނީމަ އަނޫއަށްވެސް ހޭލެވުނީ ލަހުން ދޯ؟” ނަސީރާ އަހާލިއެވެ.

“އަނޫ ހޭލައިފިއެއްނު؟ މަށަށް ހިއެއް ނުވޭ އަދި މިލްއާ މިޒޫއަށް ހޭލެވުނުހެންވެސް” މަޒްނާ ބުންޏެވެ.

“އާނ، ތިބުނީ ތެދެއް… އަނޫއަކީ ފަތިހާ ހޭލަން އާދަ ވެފަ ހުރި ކުއްޖެއް ވީމަ ލަހުން ނިދިޔަސް މާ ލަސް ނުވެ ހޭލެވުނީ، އެކަމަކު މިއަދު މިޒޫ ހޭލާ އިރުވެސް މިލްނާ ހެއެއް ނުލާނެ” ހެމުން ނަސީރާވެސް އެވާހަކަ ދައްކަމުން ދިޔައެވެ. އަނޫޝާ އެއްޗެއް ނުބުނެ ނަސީރާއާ އެކީ ރޮށި ފިހަން ފެށިއެވެ.

މެންދުރު ބާރަ ޖެހި ތަނާ ކޮނޑުގައި ދަބަސް އަޅުވާލައިގެން މިޝާލް އައިސް ގެޔަށް ވަނެވެ.

“މިޝާލް!” ނަސީރާ ގޮވާލި އަޑަށް ނަމާދު ކޮށްލަން ވެގެން ކޮޓަރިއަށް ދާން ސިޑިން އަރައަރާ ހުރި އަނޫޝާ ހުއްޓިފައި އެނބުރި ބަލާލިއެވެ.

“ކޯޗެއް ކާން ހުރީ މަންމާ؟ ވަރަށް ބަނޑުހައި ވެއްޖެ” ދަބަސް ނަގާ ސޯފާ މައްޗަށް އެއްލާފައި އިށީންނަމުން މިޝާލް އަހާލިއެވެ.

އަނޫޝާ އަލުން ތިރިއަށް ނުފައިބާ މައްޗަށް އެރީ މިޝާލް އައިކަން ޔަގީން ވުމުންނެވެ. ނަމާދު ކޮށްލައިގެން އަނޫޝާ ތިރިއަށް ފޭބި އިރުވެސް ނަސީރާއާ މިޝާލް ސިޓިންގރޫމްގައި ތިއްބެވެ.

“ދެން މިޝާލްވެސް ތިއުޅުން ދޫކޮށްލާފަ ވަޒީފާއަކަށް ދާން އުޅެބަލަ. މިހާރު ދެން މީހަކާވެސް އިނދެވިއްޖެ… ދެން ތިހެން އުޅޭކަށް ނުވާނެ” ނަސީރާ ބުންޏެވެ.

“އާނ…” މިޝާލް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

“އާއެކޭ ކިޔާފަ އަޅައެއް ނުލާނެ” ނަސީރާ ބުންޏެވެ.

“ނޫނެކޭ މަންމާ، ތިކަމާ އެބަ ވިސްނަމޭ” މިޝާލް ނަސީރާއަށް ބަލާލަމުން ބުންޏެވެ.

“އެހެންތަ؟ ދެން ކާން ވީނު؟” ނަސީރާ ބަދިގެއަށް ދަމުން ބުންޏެވެ.

“އެބަ އަންނަން ފެން ވަރާލައިގެން” މިޝާލް ސޯފާއިން ތެދުވިއެވެ.

ކާން ހަދާފައި އަނޫޝާ މައްޗަށް އެރީ ނަސީރާ މިޝާލްއަށް ކާން ގޮވަން ބުނުމުންނެވެ. އޭރު ޒަރީރުއާ މައުރޫފްއާ ނިހާން އަދި އަޒީޒާވެސް ކާން އިށީނދެއްޖެއެވެ.

އަނޫޝާ ކޮޓަރިއަށް ވަން އިރު މިޝާލް ފެންވަރައިގެން ނިކުމެ ލޯގަނޑު ކައިރީގައި ހުއްޓެވެ. އަނޫޝާ ވަނުމުން މިޝާލް އަނޫޝާއަށް ބަލާލާފައި ހީލިއެވެ.

“ހިނގާ ކާން” އަނޫޝާ ކާން ހެދުނު ވާހަކަ ބުންޏެވެ.

“އާނ…” މިޝާލް އަތުގަ އޮތް ބުރުސް ޑްރެސިންގޓޭބަލް މަތީ ބާއްވާފައި އެނބުރުނެވެ.

ނުނިމޭ

63
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

ފެންނާޔީ ޔާރަގެ މޫނު (4)

Next

ހާދަ ލޯބިންނޭ… (23)

Next
March 29, 2016

ހާދަ ލޯބިންނޭ… (23)

Previews
March 28, 2016

ފެންނާޔީ ޔާރަގެ މޫނު (4)

8 Comments

  1. Lalla says:
    March 28, 2016 at 9:50 pm

    Yey? me 1st. . . V reethi.

  2. sidd says:
    March 29, 2016 at 12:10 am

    Mivaahakaiga kaan hadhaafa kaan govun otheeee. Ehn kahala kanthah ves add kollani koh adhi furihama vaane

  3. A says:
    March 29, 2016 at 7:30 am

    v reeti story

  4. Anonymous says:
    March 29, 2016 at 8:42 am

    um being honest, i knw some wont like it.. bt first mi story kiyan feshi iru v interesting… bt mihaaru eha interest eh neh… in modern society who will sacrifice their luv …. be a lil bit realistic….

    1. Aishath abdul gayoom says:
      January 16, 2017 at 6:40 pm

      Maybe Ehen Meehun ge feelings ah care kuraa Meeheh vehjjihya Sacrifice kohffane. But yes you have a point. Mihaarakah ais meehun egothah noolheyne

  5. kamana says:
    March 29, 2016 at 12:34 pm

    v reethi mi bai ves

  6. 619 says:
    March 29, 2016 at 9:41 pm

    Kobaitha 8 vanabai

  7. Riyaash says:
    January 16, 2017 at 6:37 pm

    The best Story Evrr. Riyaash Ves Mi Story Furathama kiyan Feshi iru Varah interesting but Mihaaru Dhera vey mihen bunan vesss Ekam Thankolheh Adhi Interesting kohlaba Marshaa.?
    Anyways Marshaa Thee hama Best. And My favorite.
    The best writer.❤
    And Keep it up.
    Adhi Kuda hihvareh.❤
    Byeeee

Comments are closed.

All Right Reserved!