Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 3

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 30, 2026 6 Mins Read
3 Comments

ނޫރީން މާލެއަށް އައުމާ އެކު ކައިވެނީގެ ކަންތައް ނިންމުން އެއީ ޔާސިރުއާ ޝަފަގުގެ އެދުމެވެ. ނޫރީން އަންނަ ދުވަހު ރަން ކިޔުމުގެ ހަފްލާ ބާއްވާފައި، ހަފްތާއެއް ފަހުން ކައިވެނި ކުރާ ގޮތަށް ހުރިހާ ކަމެއް އޮތީ ނިމިފައެވެ.

ތައްޔާރު ވެގެން ނޫރީން ބޭރަށް ނިކުތީ ޝަފަގުއާ އެކީއެވެ. އޭރު ސިޓިންގްރޫމްގައި އެހެން މީހުން ތިއްބެވެ. ނޫރީންއަށް ބަލާލެވުނީ އަޒްޔަންއާ ދިމާއަށެވެ. ނޫރީން ލައިގެން ހުރި ރަތް ކުލައިގެ ހެދުމާ ގުޅުވާފައި އަޒްޔަން ލައިގެން ހުރީ ރަތް ގަމީހަކާ ކަޅު ޖީންސެކެވެ. ނޫރީން ހުރީ ކަކުލާ ހަމައަށް ހުރި، މެދުން މަތިން ތިރިއަށް ރަން ކުލައިގެ ކުދިކުދި ގޮށްތަކެއް ހަރުކޮށްފައި ހުރި ހެދުމަކާއެކު ހަމަ އެ ކުލައިގެ ތިރިއަށް ފުޅާ ސްކަރޓެއް ކަހަލަ ހަރުވާޅެކެވެ. އެއާއެކު އަޅައިގެން ހުރީ ރަން ކުލައިގެ ޝޯލްއެކެވެ. އަޒްޔަންއާ ނޫރީންއާ ޚިލާފަށް އެތާ ދެން ތިބި އެންމެން ތިބީ ހުސް ކަޅު ކުލައިގެ ހެދުމުގައެވެ.

ރަންކިޔުމުގެ ކަންތައް ނިމުމުން ދެން އޮތީ ކެއުމެކެވެ. މޭޒުދޮށުގައި އެންމެންނާ އެކު އިން ނަމަވެސް ނޫރީންއަކަށް ނުކެވުނެވެ. އެހެން ދުވަސްތަކަށް ވުރެ ބޮޑަށް އެ ދުވަހު ބައްޕަ މަތިން ހަނދާން ވަނީއެވެ. އެއާއެކު ފަށަން އުޅޭ އާ ދިރިއުޅުމުގެ ޚިޔާލު ހިތަށް ވަންނަ ކޮންމެ ފަހަރަކު ހިތްނުތަނަވަސް ވަނީއެވެ.

“ޝަފައްތާ، އަޅުގަނޑު އިހަށް ކޮޓަރިއަށް ދިޔަސް އެންމެ ރަނގަޅުތަ؟” އެންމެ ފަހުން ނީނދެވިގެން ނޫރީން އަހާލިއެވެ.

ޝަފަގު ބޯ ޖަހާލީ ނޫރީން ހުންނާނީ ވަރުބަލިވެފައި ކަން އެނގޭތީއެވެ. ހުއްދަ ލިބުމާއެކު ނޫރީން އަވަސްއަވަހަށް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

ޝޯލްއަށް ޖަހާފައި ހުރި ޕިންތައް ނައްޓާލާފައި ހެދުން ބަދަލު ކުރަން އުޅެނިކޮށް ރީތިވާ މޭޒުމަތީ އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުމުން ނޫރީން ފޯން ހިފައިގެން އެނދުގައި އޮށޯތެވެ.

“އާރ ޔޫ އޯކޭ؟” އަޒްޔަންގެ ވައިބަރ މެސެޖްގައި އިނީ އެހެންނެވެ.

“އައިމް އޯކޭ” ޖަވާބުގައި ނޫރީން ލިޔެލިއެވެ.

“ކެން އައި މީޓް ޔޫ ލޭޓަރ؟ އެރައުންޑް އިލެވެން؟” އަނެއް މެސެޖް އައެވެ.

“އޯކޭ” ވިސްނާލާފައި ނޫރީން ޖަވާބު ފޮނުވާލިއެވެ.

އިތުރު މެސެޖެއް ނައުމުން ނޫރީން ފޯން ދުރުގައި ބާއްވާފައި އޮށޯވެ ލޯ މަރާލިއެވެ. ވެފައި ހުރި ވަރުބައްޔާއެކު ނޫރީންއަށް ނިދޭކަށް ގިނަ އިރެއް ނުނެގިއެވެ.

ކެއުން ނިންމާފައި ހުރިހާ އެއްޗެއް ނަގާ ސާފުކޮށްފައި ޝަފަގު ދަމުން ނޫރީން ގާތު ބުނެލަން ވެގެން ކޮޓަރި ދޮރު ހުޅުވާލި އިރު ނިދިފައި އޮތް ނޫރީން ފެނުމުން ނޫރީންއަށް ގޮވަން ނަހަދާ ދޮރު ލައްޕާލާފައި ދިޔައީއެވެ.

ނޫރީންއަށް ހޭލެވުނީ ފޯން ރިންގް ވާ އަޑަށެވެ. ލޯ ހުޅުވާލާފައި ފޯން ބަލާލި އިރު ގުޅަނީ އަޒްޔަންއެވެ. ގަޑިން އޭރު އެގާރަ ގަޑި ބައިވީއެވެ.

“ދޮރުމަތީ މިހިރީ” ނޫރީން ފޯން ނެގުމާއެކު އަޒްޔަން ބުންޏެވެ.

“މި ހުޅުވަނީ” ނޫރީން އެހެން ބުނެފައި ފޯން ކަނޑާލާފައި ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. ލައިގެން ހުރި ހެދުން ރޫޖެހި ބޮނޑިވެފައި ހުރި ނަމަވެސް ވަށް ބުރުގާއެއް އަޅައިގެން ގޮސް ދޮރު ހުޅުވާލީ އަޒްޔަން ބޭރުގައި ހުރުމުންނެވެ.

“އިށީނދޭ، އެބަ އަންނަން” އަޒްޔަން ވަނުމުން ނޫރީން ބުނެލިއެވެ.

ކޮޓަރިއަށް ވަދެ ލައިގެން ހުރި ހެދުން އަތްދިގު ޓީޝާޓަކާ ޖީންސްއަކަށް ބަދަލު ކޮށްގެން، ކުޑަކޮށް ރީތި ވެލައިގެން ނޫރީން ނިކުތް އިރު ދިގު ސޯފާގެ އެއްކޮޅުގައި އަޒްޔަން އިނެވެ.

“ކޮފީއެއް ބޭނުންތަ؟” ނޫރީން އަހާލިއެވެ.

އަޒްޔަން ބޯ ޖަހާލުމުން ދެ މީހުންނަށް ދެ ކޮފީ ހަދައިގެން އައިސް އެއް މަގު އަޒްޔަންއަށް ދީފައި ވަކިން ހުރި ސޯފާގައި ނޫރީން އިށީނެވެ.

“ނިދާފަ އޮއްވާތަ މި އާދެވުނީ؟” ކޮފީ ތަށިން ރަހަ ބަލާލާފައި އަޒްޔަން އަހާލިއެވެ.

“އޭރު އޮށޯވެލި ތަނާ ނިދުނީ، ނިދާކަށް ނޫން އަސްލު..” ނޫރީން ޖަވާބު ދިން އިރު އަޒްޔަން ބައްދަލު ކުރަން ބުނީ ކީއްވެ ބާއޭ ހިތުގައި އޮތެވެ.

“ކީއްވެ މީޓް ކުރަން ބުނީ؟” އަޒްޔަން ވާހަކަ ނުދައްކާ ގިނަ އިރު ވާން ފެށުމުން ނޫރީން އަހާލިއެވެ.

“ނޫރީން ބުނީމެއްނު އަހަރުމެން ދެ މީހުން ވާހަކަ ނުދައްކައޭ؟ އެހެންވެ.. ވާހަކަ ދައްކާލަން” އަޒްޔަން ބުނި ގޮތުން ހީވީ އެއީ ނޫރީންއަށް އެނގިފައި އޮތް ކަމެއް ހެންނެވެ.

“އަހަރެން ބުނީ ކުރިން އެކަކުވެސް މި ކަމާ ޑިސްކަސް ނުކުރާ ވާހަކަ.. ބައްޕަމެން ވާހަކަ ދައްކައިގެން ހަމަޖައްސާފަ އޮތަސް، އަދި އަހަރުމެންނަށް އެނގުނު ފަހުން ގިނަ ދުވަސްތަކެއް ވިޔަސް ކުއްލިއަކަށް މެރީ ކުރަން މިއުޅެނީ. ހިތަށް އަރާ..” ވާހަކަ ދައްކަން ފަށާފައިވެސް ކުރިއަށް ގެންދަން އުނދަގޫ ވެގެން ނޫރީން ހުއްޓާލިއެވެ.

“ކީކޭ ހިތަށް އަރަނީ؟” އަޒްޔަން އަހާލިއެވެ. އަމިއްލައަށް އެއްވެސް އެއްޗެއް ނުބުނެ، ނޫރީން ލައްވާ ވާހަކަ ދައްކުވަން އަޒްޔަން ބޭނުންވަނީ ކަންނޭނގެއެވެ.

“ކުރިން ހިތަށް އެރިތަ ޕޭރެންޓްސް ބުނެގެންނޭ މެރީ ކުރަން ޖެހޭނީ؟” ދެންވެސް ވާހަކަ ދައްކަން ޖެހުނީ ނޫރީންއެވެ. ހިތުގައި ހުރި ސުވާލުތައް ކުރަން ބޭނުން ވިޔަސް ނޫރީން ފެށީ ދުރުދުރުންނެވެ.

“އަހަންނަށް ވުރެ ކުރިން ނޫރީންއަށް އެނގިފަ އޮތީ. އަސްލު އަހަންނަކަށް ބައްޕަ ނުދޭ ޗޮއިސްއެއް، އެކަމަކު މަންމަ ބުނި އަހަރެން ބޭނުމިއްޔާއޭ ކުރިއަށް ދާނީ. ނޫރީންގެ ބައްޕަވެސް ބުނި ދެ މީހުންވެސް ބޭނުމިއްޔާއޭ ކައިވެނި ކުރާނީ. ވަކި ގޮތަކަށް ވިސްނާފަ ނެތަސް ކުރިން ހީކުރި ގޮތެއް ނޫން މީ. އެހެން ވިޔަސް ގަދަކަމުން ކުރުވާ ކަމެކޭ ނުބުނާނަން” އަޒްޔަން ޖަވާބު ދިނެވެ.

“ސޯ.. އެނގުމުގެ ކުރިން ކުއްޖަކާ މެރީ ކުރަން އުޅުނިންތަ؟” ނޫރީން އަހާލިއެވެ.

“ނޫން.. އޭރު އެ ކަހަލަ ޚިޔާލެއް ނެތް. މެރީ ކުރަން ޖެހޭނެޔޭ ހިތަށް އެރީވެސް ބައްޕަމެން އެ ވާހަކަ ދެއްކީމަ” ނޫރީން ކުރާ ކޮންމެ ސުވާލަކަށް ލަސް ނުކޮށް އަޒްޔަން ޖަވާބު ދެއެވެ.

“އޭގެ ފަހުން ކުއްޖަކާ ދިމާ ވިތަ؟” ނޫރީން އެންމެ މުހިންމު ސުވާލު ކޮށްލިއެވެ.

“ދިމާ ވިއޭ ބުނެފިއްޔާ ނޫރީން ކިހިނެއް ހަދާނީ؟” ނޫރީންގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޒްޔަންވެސް ކޮށްލީ ސުވާލެކެވެ.

“އަޒްޔަން އެހެން ކުއްޖަކާ މެރީ ކުރަން ބޭނުން ވަންޏާ ބައްޕަމެން ބުންޏޭ ކިޔާފަ ނުޖެހޭނެ އަހަންނާ މެރީ ކުރާކަށް. އަޒްޔަންއަށް ބުނަން ނުކެރެންޏާ އަހަރެން ބުނާނަން. ޔޫ ޑޯންޓް ހޭވް ޓޫ ފޯސް ޔޯސެލްފް ޓު ޑޫ ދިސް. ޔޫ އާރ ފްރީ” ނޫރީން ފަސްޖެހުމެއް ނެތި ބުންޏެވެ. އެއީ ހިތް އެދޭ ގޮތަށް ނުވިޔަސް އަޒްޔަންއަށް މަޖުބޫރު ވެގެން ކުރެވޭ ކައިވެންޏަށްކަށް އެ ކައިވެނި ވާކަށް ނޫރީން ބޭނުމެއް ނޫނެވެ.

“ނޫރީންގެ ލައިފްގަ އެހެން މީހަކު ނެތްތަ؟” އަޒްޔަން ވާހަކަ އަނެއް ކޮޅަށް ބަދަލު ކޮށްލިއެވެ.

“ތީ އެހެން ކުއްޖެއްގެ ހައްގަކަށް ނުވަންޏާ އަހަރެންގެ ލައިފްއަށް އަންނަން ހުރި މީހަކީ ތީ” ނޫރީން ބުނެލީ ހިތުގައި އޮތް ގޮތަށެވެ.

“އަހަރެންގެ ލައިފްއަށްވެސް އަންނަން ހުރީ ނޫރީން” ނޫރީންގެ މޫނަށް ބަލަން އިރުކޮޅަކު އިނދެފައި އަޒްޔަން ތަކުރާރު ކޮށްލީ ނޫރީން ބޭނުން ކުރި ފަދަ ބަސްތަކެކެވެ.

“އަޒްޔަން ބޭނުން ވެގެންތަ އަހަރެން ތި ލައިފްއަށް ގެންނަން ތިއުޅެނީ؟” ނޫރީން އަހާލިއެވެ.

“އަހަރެންވެސް ތި ސުވާލު ނޫރީންއާ ކޮށްފިއްޔާ ކޮބާ ޖަވާބަކީ؟” ނޫރީން ކުރި ސުވާލަށް އަޒްޔަން ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ.

ނޫރީން ޖަވާބެއް ނުދީ އިސްޖަހާލިއެވެ. އަޒްޔަންއާ ކައިވެނި ކުރެވުމަކީ ނޫރީންގެ ހިތުގެ އެދުމެވެ. އެއީ ނޫރީން ކުރަން އެންމެ ބޭނުން ކަންތަކެވެ. އަޒްޔަންގެ އަނތްބަކަށް ވުމަކީ ނޫރީންގެ ހުވަފެނެވެ. އެހެން ވިޔަސް އެހެން ބުނާކަށް ނޫރީންއަކަށް ނުކެރުނެވެ. އަޒްޔަންއަކީ ވާން އުޅޭ ފިރިމީހާއަށް ވިޔަސް އެ ދެމެދުގައި އެފަދަ ވާހަކަ ދެކެވޭހާ ގާތްކަމެއް ނެތެވެ.

ނޫރީންއާ ދިމާއަށް ބަލަން އަޒްޔަން އިނެވެ. އަޒްޔަން ކުރި ސުވާލުގެ ޖަވާބު ދޭން ނޫރީންއަށް އުނދަގޫ ވެގެން އުޅޭހެން ހީވިއެވެ. ހިތުގައި އޮތް އެއްޗެއް ބުނަން ނޫރީން ފަސްޖެހެނީ ކީއްވެ ބާއޭ އަޒްޔަން ހިތަށް އެރިއެވެ. ކައިވެނި ކުރަން ނޫރީން ބޭނުން ނުވަނީ ހެއްޔެވެ؟ އެހެން ނަމަ އެހެން ބުނަން ފަސް ޖެހެނީ ކީއްވެ ހެއްޔެވެ؟

“ނޫރީން.. އެހެން މީހަކު ހުރީތަ؟” އަޒްޔަން އަހާލިއެވެ.

“އޮންލީ ޔޫ..” ދެފަރާތަށް ބޯ ހަލުވާލި އިރު ނޫރީންގެ ހިތުގައި ވީ އެހެންނެވެ.

އަޒްޔަން އިތުރަށް ވާހަކައެއް ނުދެއްކިއެވެ. ލަސްލަހުން ކޮފީތަށި ހުސްކޮށްލާފައި މޭޒުމަތީ ތަށި ބެހެއްޓިއެވެ.

“ނޫރީން ދޭ ނިދާލަން، ވަރަށް ވަރުބަލި ވެފައެއްނު ތިއިނީ. އަހަރެން ދަނީ..” ތެދުވެފައި އަޒްޔަން ބުންޏެވެ.

ނޫރީން ބޯ ޖަހާލާފައި އަޒްޔަންގެ ފަހަތުން ދޮރާ ހަމައަށް ދިޔައެވެ.

“ގުޑްނައިޓް!” ނޫރީންގެ މޫނުގައި އެއްފަރާތުން އަތް ޖައްސާލާފައި އަޒްޔަން ބުންޏެވެ. ޖަވާބުގައި ހަމަ އެ ބަސްތައް ބުނެފައި ނޫރީން ދޮރު ލައްޕާލިއެވެ.

އެރޭ ނޫރީންއަށް ނިދަން ފަސޭހައެއް ނުވިއެވެ. އަޒްޔަންއާ ދެކެވުނު ވާހަކަތަކުން ނޫރީންއަށް އެއްވެސް ކަމެއް ޔަގީނެއް ނުވިއެވެ. އެހެން އަންހެން ކުއްޖަކު އަޒްޔަންގެ ދިރިއުޅުމުގައި ވާ ނަމަ އެ ކައިވެންޏާއިގެން އަޒްޔަން ކުރިއަށް ދާން އެއްބަސް ވާނެ ހެއްޔެވެ؟ އެ ސުވާލު ނޫރީންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައީ ނޫރީން ކުރި ސުވާލަށް އަޒްޔަން ސީދާ ޖަވާބެއް ނުދިނީތީއެވެ.

 

ނިދަން ތައްޔާރު ވެގެން އެނދުގައި އޮތް އަޒްޔަން، ބައިގަޑިއިރަށް ދިގުދެމިގެން ދިޔަ ކޯލް ނިންމާލާފައި ފޯން މޭމަތީ ބާއްވާ ލޯ މަރާލިއެވެ. ހަފްތާއެއް ފަހުން ކައިވެނި ކުރަން ހަމަޖެހުނު ވާހަކަ އަދިވެސް ކިއާރާ ކައިރީ އަޒްޔަން ނުބުނެއެވެ. ކިއާރާގެ ނިންމުން ބަދަލު ވެދާނެހެން ހީ ނުވާތީއެވެ. އެހެން ވިޔަސް އިތުރަށް ލަސް ކުރާކަށް އަޒްޔަން ބޭނުމެއް ނޫނެވެ. ކިއާރާ ކޮންމެ ޖަވާބެއް ދިނަސް އެންމެ އަވަހަށް ދިމާވާ އިރަކުން އެ ކަން ކިއާރާއަށް އަޒްޔަން އަންގާނެއެވެ.

ކިއާރާއާ އަޒްޔަން ދިމާވީ ރާއްޖެއިން ބޭރުގައި ކިޔަވަން ހުރި އިރުއެވެ. ކިއާރާއަކީ ދިވެހި ބައްޕައަކާ އޮސްޓްރޭލިއާ މަންމައެއްގެ ދަރިއެކެވެ. މަންމައާ އެކު ކިއާރާ މުޅި އުމުރު ހޭދަ ކުރީ އޮސްޓްރޭލިއާގައެވެ. ރާއްޖެއަށް އައިސްފައި ވަނީ ހަމަ އެކަނި ޗުއްޓީގައެވެ. އަޒްޔަންއާ ކިއާރާ ދިމާވީ ތިން އަހަރު ކުރިންނެވެ. ފުރަތަމަ އެ ދެމެދުގައި އޮތީ ހަމައެކަނި ރަހުމަތްތެރިކަމެވެ. އެ ގުޅުން އެއަށް ވުރެ ގާތްވީ އިރު ނޫރީންއާ އަޒްޔަންގެ ކައިވެނި ހަމަޖެހިފައި އޮތް ކަން އަޒްޔަންއަށް އެނގެއެވެ. އެހެން ނަމަވެސް އަޒްޔަން ބޭނުން ވީ ކިއާރާއެވެ. އަޒްޔަން ކުރި ޝަރުތާ ކިއާރާއަށް ގަބޫލު ނުވެވޭތީ މަންމައާ ބައްޕަ ގާތު ކިއާރާގެ ވާހަކަ ނުބުނީއެވެ. އަޒްޔަންގެ މަންމަމެން އަޒްޔަންއާ ކިއާރާ ގުޅުމަށް އެއްބަސް ނުވާނެ ކަން ކިއާރާއަށް ވުރެ ބޮޑަށް އަޒްޔަންއަށް އެނގެއެވެ.

ކިއާރާއަކީ ކިއާރާގެ ބައްޕައާ ކޮއްކޮމެން ފަދައިން މުސްލިމެކެވެ. ނަމަވެސް އެ އާއިލާގެ ހުރިހާ ކުދިންގެވެސް އުޅުން ހުރީ އެ ކުދިންގެ މަންމަ ފަދައިންނެވެ. އުމުރު އެކީ ހޭދަވީ އޮސްޓްރޭލިއާގައެވެ. އެފަދަ ސަގާފަތެއްގެ ތެރޭގައި މުޅި ޙަޔާތް ހޭދަވީތީ އެ ކުދިންގެ ކިބައިގައި މުސްލިމުންގެ ސިފަތަކަށް ވުރެ ބޮޑަށް އަށަގަނެފައި ވަނީ އެ ތަނުގެ ތަހުޒީބެވެ. އަޒްޔަންއަށް އެކަން އެނގެއެވެ. އެހެން ވިޔަސް އެއީ އަޒްޔަންއަށް މައްސަލައަކަށް ނުވިއެވެ. އެއަށް ވުރެ ބޮޑަށް އަޒްޔަންއަށް ވަނީ ކިއާރާ ދެކެ ލޯބިވެވިފައެވެ.

ކިއާރާގެ ވާހަކަ މަންމަމެންނާ ހަމައަށް ގެންނަން އަޒްޔަން ބޭނުން ނުވަނީ އެންމެ ސަބަބަކާ ހެދިއެވެ. އަޒްޔަން ދެކެ ލޯބި ވިޔަސް ކައިވެނި ކުރާކަށް ކިއާރާ ބޭނުމެއް ނުވެއެވެ. ކިއާރާގެ މަންމަ އެމީލިއާ އާ ކައިވެނި ކޮށްގެން އަށް އަހަރު އެކުގައި ހޭދަ ކޮށް، ތިން ކުދިން ލިބުނު ފަހުން އެ ކުދިންގެ ބައްޕަ ސިޔާދު މާލެ އައިސް އިތުރު ކައިވެންޏެއް ކުރި ގޮތަށް ދެން އެނބުރި އެ އާއިލާ ގާތަކަށް ނުދިޔައެވެ. ބޮޑެތި ވެގެން އައި އިރު އެ ކުދިންނަށް ސިޔާދު ފެނިފައި ވަނީ އަހަރަކު އެންމެ ފަހަރަކުއެވެ. ބައްޕަގެ ސަބަބުން މަންމަ ކުރަމުންދާ ހިތާމައަކީ ކައިވެނި ކުރަން ކިއާރާ ބޭނުން ނުވާ ސަބަބެވެ.

އަޒްޔަންއާ ކިއާރާ ގުޅުނީ ލޯބިންނެވެ. އެ ދެމެދުގައި އޮތް ގުޅުން އިމުން ބޭރުވީ ކިއާރާގެ ރުހުމާއެކުގައެވެ. ލޯބީގެ ނަމުގައެވެ. އަޒްޔަންއާ އެކުގައި އުޅެން ބޭނުން ވި ނަމަވެސް، ކައިވެނި ކުރަން ބޭނުން ނުވާ އިރު ކިއާރާއަށް އެއީ ބޮޑު ކަމަކަށް ނުވީއެވެ. ކިއާރާގެ ނުރުހުމެއް ނުވާތީ އަޒްޔަންއަށް އެއީ މައްސަލައަކަށް ނުވީއެވެ. އެ ގޮތަށް ކިއާރާއާ ދުރުވާން އަޒްޔަން ނޭދޭތީއެވެ.

މަންމައާ އެކު އޮސްޓްރޭލިޔާގައި ދިރިއުޅެމުން އައި ކިއާރާ ރާއްޖެއަށް ބަދަލުވީ އަޒްޔަން ކިޔަވާ ނިމިގެން ރާއްޖެއަށް ބަދަލު ވުމުންނެވެ. އޭގެ ފަހުން ކިއާރާ ހުންނަނީ މާލޭގައެވެ. މާލޭގައި އުޅުނު ނަމަވެސް ބައްޕަގެ އާއިލާއާ ވަކިން އުޅެން ބޭނުން ވާތީ ސިޔާދުވެސް ކިއާރާގެ އެދުމާ ދެކޮޅެއް ނުހަދައެވެ.

ކިއާރާއާ އަޒްޔަންގެ ގުޅުމެއް އަޒްޔަންގެ އާއިލާއަކަށް ނޭނގެއެވެ. ނަމަވެސް ކިއާރާގެ އާއިލާއަށް ހުރިހާ ކަމެއް އެނގެއެވެ. އަޒްޔަން އެ ގުޅުން އާއިލާއަށް އަންގަން ބޭނުން ވަނީ ކިއާރާއާ ކައިވެނި ކުރަން ބޭނުން ވާތީއެވެ. ކިއާރާ ފަދަ ކުއްޖަކަށް މަންމައާ ބައްޕަގެ ރުހުން ލިބުމުގެ ކުޑަވެސް ފުރުސަތެއް އޮތީ އެ ގޮތުން ކަން އެނގޭތީއެވެ. ނޫރީންއާ އެކު ކުރަން ހަމަ ޖެހިފައި އޮތް ކައިވެންޏަކީ އަޒްޔަންގެ މަންމައާ ބައްޕަގެ އެދުމަކަށް ވިޔަސް ކިއާރާއާ އެކު ދިރިއުޅުމެއް ފެށުމަކީ އަޒްޔަން ބޭނުންވާ ގޮތެވެ. އެހެން ވިޔަސް އެއީ އުނދަގޫ ކަމެއް ކަން އަޒްޔަންވެސް ގަބޫލު ކުރެއެވެ. އަޒްޔަންގެ އެދުން ފުރިހަމަ ވާން ނެތީ ހަމަޖެހިފައި އޮތް ކައިވެނީގެ ސަބަބުން އެކަންޏެއް ނޫނެވެ. ކިއާރާގެ ވިސްނުން ހުރި ގޮތުންވެސް އެއީ އުނދަގޫ ކަމެކެވެ. އަޒްޔަންއާ ކިއާރާގެ މެދުގައި ދެބަސް ވާން ޖެހޭ ސަބަބަކަށް އަބަދުވެސް ވަނީ އެ މަޢުޟޫއެވެ.

އަނެއް ދުވަހުގެ ރޭ ކިއާރާއާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔާދޭން ނިންމާ، ބައްދަލު ކުރަން ބޭނުން ވާ ވާހަކަ އެރޭ އަޒްޔަން ކިއާރާ ކައިރީ ބުންޏެވެ.

ކިއާރާއަށް އޮޅުވާލަން ބޭނުން ނުވާ ފަދައިން ނޫރީންއަށް ކަމެއް ސިއްރު ކުރުމަކީވެސް އަޒްޔަން ބޭނުން ވާ ގޮތެއް ނޫނެވެ. އެހެން ވިޔަސް ކިއާރާއާ އަޒްޔަންގެ މެދުގައި އޮތް ގުޅުމަކީ، އެ ގުޅުން އެ ގޮތުގައި އޮވެ އެހެން މީހުންނަށް އަންގަން އަޒްޔަން ބޭނުން ވާ ކަމެއް ނޫނެވެ. ނޫރީންއާ ކައިވެނި ކުރުމަކީ ދެ އާއިލާގެ މެދުގައި ހަމަ ޖެހިފައި ވާ ކަމަކަށް ވާތީ، އަޒްޔަންއަށް ދެކޮޅު ހެދެން ނެތީއެވެ. ހަމަ އެހެން ކިއާރާ ގަބޫލު ނުވާހާ ދުވަހަކު ކިއާރާއާ ކައިވެނި ކުރެވެންވެސް ނެތީއެވެ. އެހެން ނަމަވެސް ކިއާރާ ދޫކޮށްލަންވެސް އަޒްޔަން ބޭނުމެއް ނުވެއެވެ.

ކައިވެންޏަށް ރަންކީ ފަހުން އަޒްޔަންއަށް ކުރިއަށް ވުރެ ބޮޑަށް ވިސްނެނީއެވެ. ކިއާރާ ދޫކޮށްލަން ބޭނުން ނުވިޔަސް، އެ ގޮތުގައި ދެން އެ ގުޅުން ކުރިއަށް ގެންދަން އަޒްޔަން ބޭނުމެއް ނޫނެވެ. ދެ ކައިވެނި ކުރަން ޖެހުނަސް އަޒްޔަން ބޭނުން ވަނީ ކިއާރާވެސް އަޒްޔަންގެ ޙަޔާތުގައި ވުމަށެވެ. އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ނަމަވެސް، އެ ކަން ގަބޫލު ކުރަން އަޒްޔަން ބޭނުމެއް ނުވެއެވެ. ވިސްނި ވަރަކަށް ހައްތަހާ ހިތަށް އުނދަގޫ ވުން ނޫން ކަމެއް ނުވިއެވެ. އެހެން ވިޔަސް ގޮތެއް ނިންމަން ވީ ވަގުތު ޖެހިއްޖެ ކަމުގައި އަޒްޔަން ގަބޫލު ކުރިއެވެ.

 

އަނެއް ދުވަހު ފަތިހު ނަމާދު ކޮށްގެން އޮށޯވެލި އިރަށް ނޫރީންއަށް ނިދުނީ ކުރީރޭ ރަނގަޅަށް ނިދި ނުލިބުމުންނެވެ. ދެން ހޭލެވުނީ ނުވައެއް ޖަހާ ދިޔަ ފަހުންނެވެ. ފެންވަރައިގެން ނިކުމެ ކޮފީ ތައްޓެއް ހިފައިގެން ނިކުތީ ބެލްކަންޏަށެވެ. އެތާ އިން އިރުވެސް ނޫރީންގެ ހިތުގައި ވީ ރޭގެ ހަނދާންތަކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 6)

Next

ދެވުނީ ވޭނޭ 57

Next
March 30, 2026

ދެވުނީ ވޭނޭ 57

Previews
March 30, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 6)

3 Comments!

  1. Mar Sha Mar Sha says:
    March 30, 2026 at 10:05 am

    ސަލާމް ހުރިހާ ކުދިން،
    އަނެއްކާވެސް ވާހަކަ ގެނެސްދޭން މި ފެށީ، އިރާދަ ކުރެއްވިއްޔާ ވާހަކަ ނިމެންދެން މެދު ނުކެނޑި ގެނެސްދޭނަން. އެކަމަކު ފަހަރެއްގަ ވާހަކަ ގެނެސްދެވޭ ދުވަސްތައް މަދު ވެދާނެ. މަދުވެގެން ހަފްތާއަކު އެއްބައި ގެނެސްދޭނަން. ވަގުތު ވިއްޔާ ދެ ބައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަން. ވާހަކައިގެ މި ބައިވެސް ކަމުދާނެ ކަމަށް ހީކުރަން. ކިޔާލާފަ ކުދިންގެ ކޮމެންޓްސް ފެންނާނެ ކަމަށް ހީކުރަން.

  2. Aisha says:
    March 30, 2026 at 4:12 pm

    Masha Allah vrh reethi ♥️❤️.. vrh inthizaru kurin avahah kiyaalan libeyne dhuvahakah.. marsha avas shifa akah edhen 🤲..

    1. Mar Sha Mar Sha says:
      March 30, 2026 at 8:30 pm

      thank you Aisha, InshaAllah dhen ehaa inthizaaru kuraakah nujeheyne

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 4←


All Right Reserved!