ތިޔަ ނަން މި ހިތުގާ 4
އަނެއް ދުވަހު ފަތިހު ނަމާދު ކޮށްގެން އޮށޯވެލި އިރަށް ނޫރީންއަށް ނިދުނީ ކުރީރޭ ރަނގަޅަށް ނިދި ނުލިބުމުންނެވެ. ދެން ހޭލެވުނީ ނުވައެއް ޖަހާ ދިޔަ ފަހުންނެވެ. ފެންވަރައިގެން ނިކުމެ ކޮފީ ތައްޓެއް ހިފައިގެން ނިކުތީ ބެލްކަންޏަށެވެ. އެތާ އިން އިރުވެސް ނޫރީންގެ ހިތުގައި ވީ ރޭގެ ހަނދާންތަކެވެ.
ޝަފަގު ގުޅާފައި މެންދުރު ކާން އަންނަން ބުނުމުން ނޫރީން އަށްވަނަ ފްލޯރއަށް ދިޔައީ އެކެއް ޖެހިތަނާއެވެ. އޭރު ކާން އައިސްފައި އަޒްޔަން އަލުން އޮފީހަށް ހިނގައްޖެއެވެ.
“ނޫރީން މާދަމާ ވާނެ އޮފީހަށް ގޮސްލަން. ކައިވެނީގެ ފަހުން ރަސްމީކޮށް ނިކުންނާނީ، އެކަމަކު އޭގެ ކުރިން ވާނެ ސްޓާފްއަށް އިންޓްރޮޑިއުސް ވެލާ ކަންތައްތައް ބަލާލަން. މި ވީކްގެ ކޮންމެ ދުވަހަކުވެސް ގޮސްލަން ވާނެ” ކައި ނިމިގެން ސޯފާގައި އިނދެފައި ޔާސިރު ބުންޏެވެ.
ނޫރީން ބޯ ޖަހާލިއެވެ.
“ނޫރީން ނިކުންނަ ގޮތަށް ވާނެ ފައިނޭންސް ޑިޕާޓްމެންޓާ ހަވާލު ވާން. ނޫރީންއަށް އެހީ ވާން އަދި ބޭބެ ހުންނާނަން، އަޒްޔަންވެސް ހުންނާނެ. ނޫރީންއަށް ހުރިހާ ކަމެއް ނަގައިގަނެވުނީމަ ދެން ބޭބެ ތަންކޮޅެއް ދުރު ވެލާނީ. އޭރުން ނޫރީންއާ އަޒްޔަން ރަސްމީކޮށް ކޮމްޕެނީ އާ ހަވާލުވީ” ޔާސިރު ބޭނުންވާ ގޮތް ހާމަ ކުރިއެވެ.
“މި ފަސް ދުވަހު އަޅުގަނޑު ބަލާނަން ހުރިހާ ކަމެއް ދަސްވޭތޯ” ނޫރީން ބުންޏެވެ.
“ފަސް ދުވަހުން ހުރިހާ ކަމެއް ބަލާވެސް ނުލެވޭނެ، އެހެން ވިޔަސް ކައިވެނި ކޮށްގެން ޗުއްޓީއެއް ނަގާފަ ދެން ނިކުމެ އެހެން ކަންތަކާ އުޅޭނީ” ޔާސިރު އެދެނީ ކައިވެންޏަށް ފަހު ނޫރީންއާ އަޒްޔަން ހަނީމޫންއަށް ދިޔުމެވެ.
“ޒަޔާންވެސް އެ ދާއިރާއިން ކިޔެވި ނަމަ ކިހާ ރަނގަޅު ވީސް” އެ ވަގުތު ޝަފަގު ބުންޏެވެ.
“ޒަޔާންއެއް އެ ތަނަކަށް ނުވަންނާނެ، އޭނަ އެއީ ކުޑައިރުވެސް އެހާ ބިޒްނެސްއާ ވެގެން އުޅުނު ކުއްޖެއް ނޫން، އެއީ އަބަދުވެސް ޑޮކްޓަރެއް” ޔާސިރު ހީލުމާއެކު ބުންޏެވެ.
އެގާރަ ޖަހަން އުޅެނިކޮށް ގުޑް ނައިޓް އޭ ބުނެފައި ވައިބަރ އިން މެސެޖެއް ކުރުން ފިޔަވާ އެރޭ އަޒްޔަންގެ ޚަބަރެއް ނޫރީންއަކަށް ނުވެއެވެ.
އަނެއް ދުވަހު ފަތިހު ނަމާދު ކުރަން ހޭލި ގޮތަށް ނޫރީން ދެން ނުނިދައެވެ. ހަތްގަޑި ބައިވީ އިރަށް ތައްޔާރު ވެގެން ނޫރީން ނިކުތީ އޮފީހަށް ދާނެ ގޮތަކާ މެދު ވިސްނަމުންނެވެ.
ތިރިއަށް ފައިބާ، ގޭ ދޮރުން ނުނިކުމެވެނީސް ޔާސިރު ނޫރީންއަށް ގުޅާފައި ބޭރުގައި މަޑުކޮށްގެން ހުރި ވާހަކަ ބުނުމުން ނޫރީން ނިކުތް އިރު ކާރުގައި ޔާސިރު އިނެވެ.
އެ ދުވަހު ނޫރީން އޮފީހުގައި ދޭއް ޖަހަން ދެން އުޅުނެވެ. ދެ މީހުންގެ ކެބިން ވަކިވަކިން ހުރި ނަމަވެސް ދެ ކެބިންވެސް ހުރީ ދެވަނަ ފްލޯރގައެވެ. އެހެން ނަމަވެސް އޮފީހުން އަޒްޔަންއާ ނޫރީން ދިމައެއް ނުވެއެވެ. މެންދުރު ކުރިން އަޒްޔަން އުޅުނީ މުހިންމު މަސައްކަތް ތަކެއްގައެވެ. އަދި މެންދުރު ފަހު އޮފީހުން ބޭރުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވުމަށް ދިޔައީއެވެ. އެހެން ކަމުން އަޒްޔަންއާ ދިމާ ވާނެ ފުރުސަތެއް ނުލިބެއެވެ. އެހެން ނޫނަސް ނޫރީންއަށް ހުސް ވަގުތެއްވެސް ނުވެއެވެ.
ދެ ހަފްތާގެ ޗުއްޓީއަކަށް މަންމަ ކައިރިއަށް ގޮސްފައި ކިއާރާ މާލެއަށް އައީ އެ ދުވަހުއެވެ. އެ ފަހަރު ދިޔުމުގެ ކުރިން އަޒްޔަން ކައިވެނީގެ ވާހަކަ ދެއްކުމުން ކިއާރާ ދިޔައީ އަޒްޔަން ދެކެ ހިތްހަމަ ނުޖެހިފައި ހުރެއެވެ. ކިއާރާ އެކޮޅަށް ގޮސް ފުރަތަމަ ހަފްތާގައި ދެ މީހުން ތިބީ ވާހަކަ ނުދައްކައެވެ. ނަމަވެސް ކިއާރާއަށް އެ ގޮތުގައި ގިނަ ދުވަހަކު ނުހުރެވުނެވެ. އަޒްޔަން ގޮތް ދޫނުކޮށް ނުގުޅަން ހުރި ނަމަވެސް ކިއާރާ ގުޅުމުން ވާހަކަ ނުދައްކައެއް ނުހުރެވުނެވެ.
އޮފީސް ނިންމާފައި ގެއަށް ގޮސް ފެންވަރައިގެން އަޒްޔަން ދިޔައީ ކިއާރާ އުޅޭ ގެއަށެވެ. އިތުރަށް ލަސް ނުކޮށް ކައިވެނީގެ ވާހަކަ ކިއާރާ ގާތު ބުނަން އަޒްޔަން ބޭނުންވިއެވެ. އެ ކައިވެންޏަށް އެއްބަސް ވީ ނަމަވެސް އެންމެ ފަހުގެ ނިންމުން އަޒްޔަން ނިންމާނީ ކިއާރާގެ ޖަވާބު ލިބުމުންނެވެ.
އަޒްޔަން ދިޔަ އިރު ކިއާރާ އިނީ އިންތިޒާރުގައެވެ. ބައްދަލު ނުވާތާ ގިނަ ދުވަސް ވުމުން އަޒްޔަން ފެނުމާއެކު ކިއާރާ އައިސް އަޒްޔަން ގައިގައި ބައްދާލިއެވެ.
“އައި މިސްޑް ޔޫ!” އަޒްޔަންގެ ކަނދުރާގައި ދެ އަތް އަޅުވާލަމުން ކިއާރާ ބުނެލިއެވެ.
“ވީ ނީޑް ޓު ޓޯކް، ކިއާ” ވާހަކަ ދައްކަން ބޭނުން ވެގެން އަޒްޔަން ބުނި ނަމަވެސް ކިއާރާ އެ ފުރުސަތެއް ނުދިނެވެ. ކިއާރާ އިސްނެގުމުން ދެކޮޅު ހަދަން މަސައްކަތް ކުރި ނަމަވެސް އަޒްޔަންއަށް ދުރުގައެއް ނުހުރެވުނެވެ. އެ ދެމެދުގައި ހިނގާ ދިޔައީ، ނޫރީންއާ ކައިވެނި ކުރަން ތައްޔާރު ވެގެން ހުރެ ކިއާރާ ވިޔަސް، އަދި އެހެން އަންހެނަކާ އަޒްޔަންގެ މެދުގައި ވިޔަސް ހިނގައިގެން ވާނެ ގުޅުމެއް ނޫނެވެ.
ކުރިޔާ ޚިލާފަށް އެރޭ އަޒްޔަންގެ ފުރިހަމަ ސަމާލުކަމެއް ކިއާރާއަކަށް ނުދެވުނެވެ. ކިއާރާގެ ދުލުން އަޒްޔަންގެ ނަން ކިޔަމުން ދިޔަ ނަމަވެސް، ދޭތެރެއަކުން އަޒްޔަންގެ ހިތަށް ނޫރީންގެ ސޫރަ ސިފަވެއެވެ. އެއާއެކު ކުށްވެރި އިހުސާސެއް ކުރެވެމުން ދިޔައެވެ. އެހެން ވިޔަސް އަޒްޔަންއަށް އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ކިއާރާއަށް އިސްކަން ދެވުނީއެވެ.
“ކިއާ.. އަހަރެން ބޭނުން މެރީ ކުރަން، މި ފަހަރު ކިއާ ދެކޮޅު ހަދައިފިއްޔާ ދެން މި ވާހަކައެއް ދުވަހަކުވެސް ނުދައްކާނަން” އަޒްޔަންގެ މޭގައި ބޯ ޖައްސާލައިގެން އޮތް ކިއާރާގެ މޫނުގައި ހިފާލަމުން އަޒްޔަން ބުންޏެވެ.
“އަޒްޔަން..” އަޒްޔަން އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ކިއާރާ ދެނީ އެއް ޖަވާބެކެވެ. އެހެން ވިޔަސް އަޒްޔަން އެ ވާހަކަ ދެއްކުން ހުއްޓައެއް ނުލައެވެ. ކޮންމެ ފަހަރަކު ކިއާރާ ދެކޮޅު ހަދާތީ އަޒްޔަން ދެރަވާ ކަން ކިއާރާއަށް އެނގެއެވެ. ކައިވެންޏަކީ ކިއާރާ އެއްގޮތަކަށްވެސް ކުރަން ބޭނުން ވާ ކަމެއް ނޫނެވެ. އެ ލަފްޒު އަޑު އިވުނަސް ކިއާރާ ހަނދާން ވަނީ މަންމަ މަތިންނެވެ.
ކައިވެނީގެ ކުރިންނާ ކައިވެނި ކޮށްގެން ފުރަތަމަ ދުވަސްކޮޅު ކިއާރާގެ ބައްޕަ ކިއާރާގެ މަންމަ ދެކެ ލޯބިވިއެވެ. މަންމަ ދެކެ ބައްޕަ ފޫހި ވާން ފެށީ ކައިވެނީގެ ފަހުންނެވެ. މިއަދު ކިއާރާ ދެކެ ކިތަންމެ ލޯބިން އުޅުނަސް އަޒްޔަންވެސް ފަހުން ބަދަލު ވާނެއޭ ކިއާރާގެ ހިތް އަބަދުވެސް ބުނެއެވެ.
ކިއާރާ ތެދުވެ އަޒްޔަންއާ ދުރަށް ޖެހިލިއެވެ.
“އަޒްޔަންއަށް އެނގޭނެ އަހަރެންގެ ޖަވާބު..” ކިއާރާ އިތުރަކަށް އެއްޗެއް ނުބުންޏެވެ.
“ކިއާރާއަށް އެނގޭނެ މަންމަމެން ބޭނުން ވަނީ އަހަރެން މެރީ ކުރަން ކަން. މަންމަމެން ކައިރީ އަހަންނަށް ކިއާރާގެ ވާހަކަ ބުނެވޭނީ ކިއާރާ އާނއެކޭ ބުނެގެން. އެހެން ނޫނީ އަހަންނަށް ޖެހޭނީ ގޮތެއް ނިންމަން. މި ގޮތަކަށް ދެން ނޫޅެވޭނެ” އަޒްޔަން ނިތްކުރީގައި ފިރުމާލީ އެ މަޢުޟޫއަށް ވާހަކަ ދައްކައިގެން ދެން ވާނީ ކިހިނެއް ކަން ވިސްނޭތީއެވެ. ކިއާރާގެ ބޯހަރުކަން އެނގޭތީއެވެ.
“މެރީ ކޮށްފަ ދުވަސްކޮޅެއް ފަހުން އަހަރެން ދޫކޮށްލާފަ ދިޔުމަށް ވުރެ އަޒްޔަން އެހެން މީހަކާ މެރީ ކުރުންވެސް މާ ރަނގަޅު” ކިއާރާ ބުނެލިއެވެ.
“ހުރިހާ ފިރިހެނުންނަކީ ކިއާގެ ބައްޕަ ކަހަލަ މީހުންނެއް ނޫން. އަހަންނާ ކިއާގެ ބައްޕައާ އެއްވަރު ނުކުރޭ. މި ހުރިހާ ދުވަސް ވީ އިރުވެސް ކިއާއަށް އަހަންނަށް ޓްރަސްޓެއް ނުކުރެވޭތަ؟” އަޒްޔަންގެ އަޑުގައިވި އާދޭސް ކިއާރާއަށް އިވޭނެ ނަމައޭ އަޒްޔަން ހިތަށް އެރިއެވެ.
“ނޯ!” ކިއާރާ ބުނެލީ އެންމެ ބަހެކެވެ. އެހެން ނަމަވެސް އެ ބަހުން އަޒްޔަންއަށް ހުރިހާ އެއްޗެއް ސާފުވިއެވެ.
“އެހެން ވިއްޔާ ކިއާރާ ތި ބުނި ގޮތަށް ވާނީ. އައި އެމް ގެޓިންގ މެރިޑް ނެކްސްޓް ފްރައިޑޭ” އަނެއް ފަރާތުން އެނދުން ފައިބަމުން އަޒްޔަން ބުނެލިއެވެ.
“އަޒްޔަން!” ގަބޫލު ނުކުރެވިގެން ކިއާރާ އެނބުރި ބަލާލިއެވެ.
“އަހަރެންގެ ޕޭރެންޓްސް ބޭނުން ވަނީ އަހަރެން މެރީ ކުރަން، އެއީ ކިއާރާއަށް ނޭނގޭ ކަމެއް ނޫން. ކިއާރާ އާނއެކޭ ބުނަން ބޭނުން ނުވިޔަސް އަހަންނަށް އަބަދު މަންމައަށް ނޫނެކޭ ނުބުނެވޭނެ” ހިތްހަމަ ނުޖެހިފައި ހުރެ އަޒްޔަން ބުންޏެވެ.
ކިއާރާ އައިސް އަޒްޔަން ކުރިމަތީ ހުއްޓި އަޒްޔަންގެ މޭގައި އަތް އަޅާ ކޮއްޕާލިއެވެ.
“ސޭ ޔެސް ކިއާ، އޭރުން މިރޭ ގޮސް އަހަރެން މަންމައާ ބައްޕައާ ވާހަކަ ދައްކާނަން، އެހެން ގޮތެއް ނެތިއްޔާ ދެ އަނތްބަށް ވިޔަސް ކިއާއާ އިންނާނަން” ކިއާރާގެ އަތުގައި ހިފަހައްޓަމުން އަޒްޔަން ބުނެލި އިރު އެ އަޑުގައިވީ އާދޭސް ކިއާރާއަށް ސިއްރެއް ނުވެއެވެ. އެހެން ނަމަވެސް ކިއާރާ ނޭނގޭ ކަމަށް ހެދީއެވެ.
“އަޒްޔަންއަށް ތިހާ ފަސޭހައިން ތިކަން ކުރެވެންޏާ އަހަންނަށްވެސް އޯކޭ. ގޯ ގެޓް މެރިޑް!” ކިއާރާ އެހެން ބުނަމުން އަޒްޔަންގެ މޭގައި އަތްއަޅާ ކޮއްޕާލިއެވެ.
“އަހަންނަށް ފަސޭހަ ވެގެން ކުރާ ކަމެއް ނޫން މީކީ. ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކިއާ ކައިރީ އާދޭސް ކުރާތާ.. އަހަންނަށް ކިއާގެ މީހަކަށް ވެވޭނީ ކިއާ އާނއެކޭ ބުނެގެން. އެހެން މީހަކާ އަހަރެން އިންނަ ދުވަހުން ފެށިގެން އަހަންނަށް ކިއާގެ މީހެއްގެ ގޮތުގަ ދެން ނުހުރެވޭނެ. މަންމަ އެދޭ ކުއްޖަކާ ކައިވެނި ކުރަން އަހަންނަށް ދެކޮޅު ހެދޭނީ އަހަރެން ކައިވެނި ކުރަން ބޭނުން ވާ ކުއްޖަކު ހުރެގެން، އެ ކުއްޖަކީ ކިއާ، ކިއާ އާނއެކޭ ބުނެގެން މަންމަ ކުރިމައްޗަށް ކިއާ ގެންދެވޭނީ. އެކަމަކު އަހަރެން ބޭނުން ވިޔަކަސް ނުވާނެ. ކިއާ ޕްލީޒް، ސޭ ޔެސް” ކިއާރާގެ މޫނުގައި ދެ އަތުން ހިފާލަމުން އަޒްޔަން އެދުނީ ކައިވެންޏަށް އާނބަސް ބުނާށެވެ.
“މަންމައާ ބައްޕަ ބުންޏަސް ތި ކައިވެނި ކުރަން އަޒްޔަން ބޭނުން ނުވަންޏާ ނޫނެކޭ ނުބުނެވޭތަ؟” އަޒްޔަން ބުނަން އުޅޭ އެއްޗެއް ކިއާރާއަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ.
“ނޫނެކޭ ބުނަންވީ ކީކޭ ކިޔާފަތަ؟ އަހަރުމެންގެ މެދުގަ މި އޮތް ކަހަލަ ގުޅުމަކަށް މަންމަމެން ދުވަހަކުވެސް ގަބޫލެއް ނުވާނެ. އަހަރުމެންނަށް އަބަދު މިހެން އުޅެވޭނެތަ؟ އަހަރެން ލައިފްއެއް ފަށަން ބޭނުން، އަނތްބަކު ބޭނުން، ކުދިން ބޭނުން.. ކިހާ ދުވަހަކު މިހެން އުޅޭނީ؟ މީ ލައިފްއަކަށް ވޭތަ؟” ހިތްހަމަ ނުޖެހުމާއެކު އަޒްޔަންގެ އަޑުގައި ނުރުހުން އެކުލެވިގެން ދިޔައެވެ.
“އެހެން ވިއްޔާ ތި ކުރަން އުޅޭ ކައިވެނި ކުރޭ. އަހަރެން ހިއެއް ނުކުރަން އަހަންނާ އެކީ އަޒްޔަން މި ހުރިހާ ދުވަހު އުޅުނީ ލައިފްއަކަށް ނުވާ ލައިފްއެއް ކަމަކަށް” ކިއާރާވެސް ރުޅިއައެވެ. އެހެން ނަމަވެސް ލޮލުން ކަރުނަ އައީ އަޒްޔަން ބުނި ގޮތުން ހިތުގައި ޖެހި ދެރަވީތީއެވެ.
“ކިއާ..!” އަޒްޔަން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“ގޯ އަޒްޔަން! އަހަންނާ އެކީ އަޒްޔަން ބޭނުން ވާ ލައިފްއެއް ނުލިބޭނެ. ގޮސް މެރީ ކޮށްގެން ތި ބުނާ ލައިފް ފަށާ” އަޒްޔަން ހުއްޓުވުމަށް އެއް އަތްތިލަ ދިއްކޮށްލާފައި ކިއާރާ އަނެއް އަތުން ލޯ ފޮހެލިއެވެ.
“މެރީ ކުރުމަށް ފަހު މިހެން އުޅޭކަށް ބޭނުމެއް ނޫން. އޭރުން އަހަރެންގެ ލައިފްގަ ކިއާރާއަށް ޖާގައެއް ނޯންނާނެ” ކިއާރާއަށް ބަލަން އިރުކޮޅަކު ހުރެފައި އަޒްޔަން ބުނެލިއެވެ. ދެންވެސް ކިއާރާގެ ވިސްނުން ބަދަލުވޭތޯއެވެ.
“ދެން ދިސް އިޒް ގުޑްބާއި” ކިއާރާ އަނެއް ފަރާތަށް އެނބުރުނެވެ.
“ކިއާ..” އަޒްޔަން ގޮވާލިއެވެ.
“ޖަސްޓް ގޯ އަޒްޔަން!” ކިއާރާ އަޑަށް ބާރުލާފައި ބުނެލިއެވެ.
އަޒްޔަން ދެންވެސް ކިއާރާއަށް ބަލަން ހުރީއެވެ. އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ ކިއާރާ ކޮޓަރިން ނިކުތެވެ. އަޒްޔަން ދާން ތައްޔާރުވީ ދެނެވެ.
އަޒްޔަން ގެއަށް ވަން އިރު ޝަފަގުއާ ނޫރީން ސޯފާގައި ވާހަކަ ދައްކަން ތިއްބެވެ. އެ މީހުންނަށް ބަލާލާފައި ގަދަކަމުން ކަހަލަ ގޮތަކަށް ހީލާފައި މަޑުނުކޮށް އަޒްޔަން ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ ލައިގެން ހުރި އެއްޗެހި ބާލާފައި ފާހާނާއަށް ވަނެވެ.
ފެން ވަރަން ހުރި އިރު އެރޭގެ ކަންތައް އަޒްޔަންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ހިތަށް ތަދުވި ނަމަވެސް، އެއީ އެކަން ނިމެން އޮތް ގޮތް ކަމަށް ވާނަމަ އެ ގޮތާ ރުހުން ނޫން ގޮތެއް އަޒްޔަންއަކަށް ނެތެވެ. ދެރަވި ނަމަވެސް އަޒްޔަން އެކަން ގަބޫލު ކުރިއެވެ. އެ ހިސާބުން ފެށިގެން ކިއާރާއާ އޮތް ގުޅުން ދެން ރަނގަޅު ކުރަން ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމަށް އަޒްޔަން އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. އެ ނިންމުމުގައި ހިފަހައްޓަން އަޒްޔަން އަމިއްލަ ނަފްސަށް މަޖުބޫރު ކުރާނެއެވެ.
ނޫރީންއާ ކުރެވޭ ކައިވެންޏަކީ ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމުގައި އަޒްޔަން އަމިއްލަ ހިތަށް ވިސްނައިދިނެވެ. ނޫރީންގެ ކިބައިން އުނި ސިފައެއް އަޒްޔަންއަކަށް ފާހަގައެއް ނުކުރެވެއެވެ. އެއީ ހިތްހެޔޮ، އަޚްލާގު ރަނގަޅު އަންހެން ކުއްޖެކެވެ. ކިޔަވައިގެން ހުރި ކުއްޖެކެވެ. ގެއާއި އޮފީހުގައި އަޒްޔަންއާ އެކުގައި ކޮންމެ ނިންމުމެއް ނިންމުމަށް ހުންނާނެ ކުއްޖެކެވެ. އަޒްޔަންގެ މަންމައާ ބައްޕަގެ ރުހުން ހޯދާފައިވާ ކުއްޖެކެވެ. އަނތްބެއްގެ މަގާމަށް ގެނައުމަށް އެއަށްވުރެ އެކަށީގެންވާ ދެވަނަ ކުއްޖަކު ނުހުންނާނެއެވެ.
މަދީ ހަމައެކަނި ލޯތްބެވެ. އެހެން ވިޔަސް އަޒްޔަން މަސައްކަތް ކުރާނެއެވެ. ހިތުގައި ނުވިޔަސް ޢަމަލުން ލޯބި ދައްކަން މަސައްކަތް ކުރާނެއެވެ. ކޮންމެވެސް ދުވަހަކުން އެ ހިތުގައި ނޫރީންގެ ނަންވެސް ލިޔެވިދާނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.








Vrh reethi ♥️♥️♥️.. nooreen aai Mary kohfa kiyara kairi ah nudhaathi
mi message Azyan ah forward kollanvy dho, thank u
When next episode
sunday night ga upload kollevey tho balaanan