ބަދަލުވެ ދިޔަ ހަޔާތް – 7
ނާޒް ދުވެލާފަ ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ދެލޯ ބޮޑުވެ ނާޒް އަށް ބޭއިހުތިޔާރުގާ އަނގަމަތީ އަތްއަޅާލެވުނެވެ. ދެތިންފިރިހެނަކު އަތުގަ ލެޔާ އެކު އެވަނީ ފާއިޒާ އެވެ. އޭގެ އިތުރުންވެސް އެތައް ބަޔަކު ވަނީ ގޭދޮރުމައްޗަށް އެއްވެފައެވެ. ނާޒް އަށް ހުރެވުނުތަން ވެސް ނޭނގުނެެވެ. ފާއިޒާ ދައްތަ އެހާލުގަ އޮއްވަ ފެނުމުން ނާޒް ހުރީ ގަނޑުވެފައެވެ.
ވަގުތުގެ ގޮތުން ނާޒް އަމިއްލަ މީހާ ކޮންޓްރޯލް ކުރުމަށްފަހު ފުރަތަމަ ފަހަރަށް އިސްވެ ނާޒިމްގެ ފޯނަށް ގުޅިއެވެ. އޭރު ނާޒިމް އަށްވަނީ އެހަބަރު ލިބިފައެވެ. އެމްބިއުލަންސްގަ އަންނަނީ ކަމަށްބުނެ ނާޒިމް ފޯން ބޭއްވިއެވެ. ނާޒް ކިތަންމެ ހޮސްޕިޓަލް އަށް ދާނެ ބޭނުންވި ނަމަވެސް ރައުލް އެކަނިމާއެކަނި ބާއްވާފަ ދެވެން ނެތުމުން ނާޒް މަޑުކުރީ ގޭގައެވެ.
ގޭގަ ހުރި ނަމަވެސް ފާއިޒާ އަށް ވާނުވާ އެއް ނޭނގޭތީ ނާޒްގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. އިރުއިރުކޮޅުން ފޯނަށް ބަލާލެވެނީ ހަމަ ދެންމެ ދެންމެ ނާޒިމް ގުޅާލަފާނެ ކަމަށް ހީކޮށެވެ. ގަޑިއެއްގެ އިރުވީތަނުން ނާޒިމް ގެ ކޯލެއް އައެވެ.
” ހަލޯ ނާޒިމް ކޮބާ ދައްތަ. ދައްތަ މިހާރު ކިހިނެތް ” އެއްނޭވާއިން ހުރިހާ ވާހަކައެއް ނާޒް އަހާލިއެވެ. ނާޒިމްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ނާޒްގެ ހިތުގައި ބިރުވެރިކަމުގެ އޮއިވަރެއް ދެމިގެން ދިޔައެވެ. އާއެކެވެ. ފާއިޒާ މިދުނިޔެއާ ވަކިވެ ދިޔައީ އެވެ. އެންމެންނާ ވަކިވެގެންނެވެ. ދިމާވި ނުރައްކާތެރި އެކްސިޑެންޓް އެއްގެ ސަބަބުންނެވެ. މަގުގެ ދެކޮޅު ބަލާ ނުލާ ހުރަސް ކުރި ވަގުތު ބާރު ދުވެލީގަ އައި ސައިކަލެއްގަ ޖެހި ވިއްސައިގެން ގޮސް މަގުގެ އަނެއްކޮޅުން އައި ޕިކަޕެއްގެ ދަށުވެފައެވެ.
ފާއިޒާ ނިޔާވުމުން ނާޒިމް އަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ވޭނެކެވެ. މަންމަ ފަދައިން ފާއިޒާ ދެކެ ނާޒިމް ލޯބިވެއެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް ނާޒިމް އަށް އިހުސާސް ކުރެވުނީ އާއިލާގަ ދެން އިތުރު އެއްވެސް މީހަކު ނެތްކަމެވެ.
ނާޒް އާ ފާއިޒާ އާ ދިމާވިތާ އަދި މިވީ ތިންމަހާ ދުވަސްކޮޅެެކެވެ. އެކަމަކު ވެސް ފާއިޒާގެ ފަރާތުން ނާޒް އަށް ލިބުނު ލޯތްބާ އަޅާލުން ނާޒް ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. ކުޑަ ކުޑަ ރައުލް ދައްތް ހޯދުމަށް މުޅި ގޭތެރެ ހޯދާ ވަގުތުތަކުގަ ނާޒްގެ ދެލޮލުން ކަރުނަ އާދެއެވެ. އެ ތުއްތު ކުއްޖާއަށް ވިސްނަދޭނެ ހިތްވަރެއް ނާޒްގެ ނުވެއެވެ.
ފާއިޒާ ނިޔާވިތާ ހަފުތާއެއްހާ ދުވަސް ވީ އިރު ނާޒިމް ވެސް ކޮންމެވެސް ވަރަކަށް ހުރީ ހަމައަކަށް އެޅިފައެވެ. ފާއިޒާ ނެތުމުގެ ސަބަބުން މިހާރު ހުރިހާ ކަމެއްވެސް ކުރަމުން ދަނީ ނާޒް އެވެ. ނާޒިމް އަށް ކާން ހެދުމަށްފަހު ކާން އައުމަށް ގޮވާލަން އަންނަން ނުކެރިގެން ނާޒް އެތައް އިރަކު ހުރެއެވެ. އެންމެފަހުން ކޮންމެވެސް ގޮތަކުން ރައުލް ލައްވާ ނާޒިމް އަށް ގޮވުމަކީ ނާޒްގެ އާދައަކަށް ވިއެވެ. ދެހަފުތާ ވެގެން ދިޔައިރުވެސް ނާޒް ކަންތައް ކުރަނީ ހަމަ އެގޮތަށެވެ. ނާޒިމް އަށްވެސް އެކަން އިނގެއެވެ. އެކަމަކު އިސްވެ އެކަމާ ގުޅޭގޮތުން އެއްޗެއް ބުނަން ނާޒިމް އަށް ފަސްޖެހެވެނީ އެވެ.
އާދައިގެމަތީން އިޝާ ނަމާދުކޮށްލައިގެން ނާޒް ނުކުމެ ސިޓިންގރޫމްގަ އިށީނީ ކޮންމެހެން ޓީވީ ބެލުމަކަށް ނޫނެވެ. އެހެން ނަމަވެސް ރައުލް ނިދާފަ އޮތުމާއެކު ކުރާނެ އިތުރު ކަމެއްވެސް ނެތުމުންނާ އެކުއެވެ. އަކީލް އާ ވަކިވުމަށްފަހު ނާޒް އެއްވެސް ރަހުމަތްތެރިއަކާވެސް ގުޅުމެއް ނުބާއްވައެވެ. މާގާތް ރަހުމަތްތެރިންތަކެއް ނުތިބި ނަމަވެސް ކޮންމެވެސް ވަރަކަށް ނާޒްގެ ރައްޓެހިންވެސް އުޅެއެވެ. އެންމެ ކުޑަމިނުން އެއިން މީހަކާ ގުޅާލާނެ ނަންބަރެއްވެސް ނާޒް އަތަކު ނެތެވެ.
ފަހަރަކު ޗެނަލް އަކަށް ބަދަލު ކުރަމުން ގޮސް އެންމެފަހުން ދައްކަމުން ދިޔަ ފިލްމަކާ ޖެހުމުން ނާޒް ސޯފާ މައްޗަށް ދެފައި ނަގާ ކުޑަކޮށް އޮށޯވެލާ ހަމަޖެހިލީ ފިލްމު ބެލުމަށެވެ. ވަކި ހިސާބަކަށް ފިލްމު ދިޔަ ތަނުން ނާޒްގެ ދެލޮލަށް ނިދީގެ އަސަރު ވެރިވާން ފެށިއެވެ. އެންމެފަހުންގޮސް ނާޒް އަށް ނިދުނީ އެވެ.
ނާޒިމް އަށް ގެއަށް އާދެވުނު އިރު އެގާރަ ޖަހައިފިއެވެ. އެހެން ރޭރެ އާ ހިލާފަށް ގޭތެރެއިން ފެންނަ ހަމަހިމޭންކަން ވަނީ ގެއްލިފައެވެ. ޓީވީގެ އަޑުން ސިޓިންގރޫމްގެ ހަމަހިމޭންކަން ވަނީ ގެއްލިފައެވެ. ނާޒިމް ހީކުރީ ނާޒް ހޭލާ އިނީކަމަށެވެ. އެހެންވެ މަޑުމަޑުނ ކޮޓަރިއާ ދިމާލަށް ދިއުމަށް ނާޒިމް ހިނގައިގަތެވެ.
ކޮޓަރިއަށް ދާން ދިޔަ ވަގުތު ނާޒިމްއަށް ބަލާލެވުނު ގޮތުން ސާޯފާގަ އޮތް ނާޒް ފެނުނެވެ. ކުރިއަށް އެޅި ފިޔަވަޅުވެސް ނާޒިމް އަށް އެޅުނީ ފަހަތަށެވެ. އެއްވެސް އިހުތިޔާރެއް ނެތި ނާޒިމް އައިސް ހުއްޓުނީ ސީދާ ނާޒް ކުރިމަތީ އެވެ. ކިތަންމެ ފަހަރަކު ނާޒް ގެ މޫނުމައްޗަށް އެޅިފަވާ އިސްތަށިތައް ދުރުކޮށްލުމަށް ނާޒިމް އަށް އަތް ނެގުނެވެ. ނާޒްގެ މޫނުަމަތީ މައުސޫމްކަން ނާޒިމް އަށް ވަރަށް ކަމުދެއެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް ނާޒް ވަނީ ނާޒިމްގެ ހިތް އަތުލާފައެވެ.
ނާޒިމް ގެ ހިތުގަ ނާޒް އަށްޓަކައި ދެވިފައިވާ ލޯބި ނާޒިމް އަށް ހާމަކުރަން ނުކެރެނީ ނާޒް އެލޯތްބަށް އެހެން ނަމެއް ދީފާނެތީ އެވެ. ނާޒިމް ކޮށްދިން ކަންތަކުގެ ބަދަލު ހޯދަން އުޅެނީކަމަށް ނާޒް ދެކެފާނެތީ ނާޒިމް ޖެހިލުންވެއެވެ. އެއީ އެކަންވާން ނާޒިމް ބޭނުންވާ ގޮތެއް ނޫނެވެ. ނާޒިމްގެ ދެލޯ އެއްފަހަރުވެސް އެހެން ދިމާލަކަށް ނުބަލައެވެ. ހަމަ ބެލެނީ ނާޒް އަށެވެ.
ނާޒިމް ތެދުވެ ހިގައިގަތީ ނާޒް ހޭލަފާނެތީ އެވެ.
” ކީއްވެ އަހަންނަށް ތިހެންހެދީ. އަހަރެން ދޫކޮށްލާފަ ނުދޭ ” ނާޒިމް އަށް ހީވީ ނާޒް އޭނައާ ވާހަކަ ދައްކަނީ ހެންނެވެ. ނާޒިމް ބަލާލިއިރު ނާޒް އޮތީ ހަަމަ ގަދަ ނިދީގައެވެ. ނާޒް ވާހަކަ ދައްކަނީ ނިދީގަ އޮވެއެވެ. ނާޒިމް އަށް ނާޒް އެދައްކަނީ ކޮންކަހަލަ ވާހަކަ އެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ވަގުތުން ނާޒިމްގެ މޫޑް ސަކަރާތް ވިއެވެ. އޭގެ މާނައަކީ ނާޒް ލޯބިވާ އެހެން މީހަކު ހުރި ކަމެވެ. އެމީހަކު އެވަނީ ނާޒް ދޫކޮށްލާފަ ގޮހެވެ. އެކަމަކު އެއީ ކާކު ބާވައެވެ. ނާޒްގެ ދިރިއުޅުމުގެ ދިމާވެފައިވަނީ ކޮންކަމެއް ބާވައެވެ.
ކޫސަނި ހިޔާލުތަށް ނާޒިމްގެ ސިކުނޑިއަށް ވެރިވާން ފެށުމާއެކު އަވަސް އަވަހަށް ނާޒިމް ދިޔައީ ކޮޓަރިއަށެވެ.
އަބަދުވެސް ނާޒިމް ރައުލް އަށް ބޭނުންވާނެ ހުރިހާ އެއްޗެއް ގަނެ އުޅެނީ ރާއްޖެއިން ބޭރުންނެވެ. އެގޮތުން މިފަހަރުވެސް ނާޒިމް ނިންމީ ރައުލް ގޮވައިގެން ލަންކާ އަށްގޮސް ޝޮޕިންގ ކޮށްލައިގެން އައުމަށެވެ.
ކުރިއާ ހިލާފަށް ރައުލް އެއްގޮތަކަށްވެސް ނާޒް ނުލާ ދާކަށް އެއްބަހެއް ނުވިއެވެ. އެހެންކަމުން ނާޒް އަށްވެސް މަޖުބޫރުވީ އެގޮތަށް އެކަން ކުރުމަށެވެ. ނާޒް އަތުގަ އައިޑީކާޑް ނެތުމާއެކު އަލުން ހުރިހާ ކަމެއްކޮށް ޕާސްޕޯޓް ކަންތައް ނިމިގެން ފުރޭވަރުވީ ހަފުތާއެއް ފަހުންނެވެ. ނާޒް އެންމެ ކަންބޮޑުވަނީ މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެތީ އެވެ. ނާޒިމް ކަހަލަ ގަދަރުވެރި މީހަކާ ދިމާލަށް ނާޒްގެ ސަބަބުން މީހަކު އެއްޗެއް ބުނާއަޑު އަހާކަށް ފަހަރެއްގަވެސް ނާޒް ބޭނުމެއް ނުވެއެވެ.
އެހެންވެ އެތައް ފަހަރަކު ނުގޮސް ވޭތޯ ނާޒް މަސައްކަތް ކުރިއެވެ. އެންމެފަހުން ރައުލް ކުރިމަތީ ހަތިޔާރު ބަހައްޓަން ނާޒް އަށް މަޖުބޫރު ވިއެވެ. ނާޒިމް ގެ ބޭނުމަކީ ކޮންމެ ގޮތަކުން ނަމަވެސް ނާޒްގެ ދިރިއުޅުމުގެ ހަގީގަތް މިދަތުރުގަ ހޯދުމެވެ.
ފުރުން އޮތީ މާލޭގަޑިން އަށްގަޑި ވިހީގައެވެ. އެއަރޕޯޓްގަ ވީ ވަގުތު ތަކުގަ ނާޒް އިންނަނީ ވަރަށް މަޑުމަޑުންނެވެ. ހައްތަހާ ހީވަނީ ދަންނަ މީހަކު ފެނިދާނެހެންނެވެ. އެކަން ނާޒިމް އަށް ފާހަގަ ކުރެވިގެން އަހަންވެސް އެހިއެވެ. އެކަމަކު ނާޒް ކަމެއް ނުވާ ކަމަށްބުނެ އޮޅުވާލިއެވެ.
ލަންކާ އެއަރޕޯޓް ތެރޭ ނާޒިމް މަޑުކޮށްލައިގެން ހުރީ މީހަކު ބަލާ އަންނާނެ އިރަކަށެވެ. ނާޒްގެ އިނގިލީގަ ހިފާލައިގެން ރައުލް ހުއްޓެވެ. ބަލާބެލުމަށް ހީވަނީ ނާޒް އަކީ ރައުލްގެ ހަގީގީ މަންމަ ހެންނެވެ.
” ބައްޕީ. ހިނގާ ކާރު ދުއްވަންދާން. ކޮއްކޮ ބޭނުމީ ކާރު ދުއްވަން ” ރައުލް މާގިނަ އިރުވާން ފެށުމުން ފޫހިވާން ފެށިއެވެ.
” ބައްޕި ދޫނީ، ދެން މާގިނަ އިރެއްނުަވާނެ. މިހާރު އެބައާދޭ ބައްޕިމެން ބަލާ. އަނހަ އެއޮއް އަންނަނީނު ” ނާޒިމް އަށް ދެމީހަކު ފެނިގެން އެމީހުން ދައްކާލަމުން ބުންޏެވެ. ނާޒް އަށް ވެސް އެދިމާލަށް ބަލާލެވުނެވެ. އެހިނދުން ނާޒް އަށް ވީގޮތް ހުދު ނާޒް އަށް ވެސް ނޭނގެއެވެ. އުފާ ވާންވީ ބާވައެވެ. ނޫނީ ރޯންވީ ބާވައެވެ. ރައުލްގެ އިނގިލިން ދޫކޮށްލެވުނީ ބޭއިހުތިޔާރުގައެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

