ބަދަލުވެ ދިޔަ ހަޔާތް – 8
އުފާ ވާންވީ ބާވައެވެ. ނޫނީ ރޯންވީ ބާވައެވެ. ރައުލްގެ އިނގިލިން ދޫކޮށްލެވުނީ ބޭއިހުތިޔާރުގައެވެ. ތުއްތު ރައުލް އަވަސް އަވަހަށް އަނެއްކާވެސް ނާޒްގެ އަތުގަ ހިފާލިއެވެ. ހަމައެކަނި އަތުގެ ހިފީ އެއްނޫނެވެ.
” މަންމީ. ކޮއްކޮ އުރާލަބަ ” ރައުލް ބޮޑާ ދައްކަން ފެށުމުން ނާޒް އަށް މަޖުބޫރުވީ ރައުލް އުރާށެވެ.
ކުރިމަތީ ހުރި އަކީލްގެ ދެލޮލުން ފާޅުވަމުން ދިޔަ ނަފުރަތުގެ ކުލަވަރު ފާހަގަ ކުރެވުނީ ހަމައެކަނި ނާޒް އަށެވެ. ނާޒްގެ ކޯސް ކުރިއަށް ދަނީ މެލޭޝިޔާ ގައެވެ. ދެން އަކީލް ލަންކާގަ އުޅެންވީ ސަބަބެއް ނާޒް އަކަށް ނުވިސްނެއެވެ. އެހެންވިޔަސް މީ އެކަހަލަ ވާޙަކަ އެއް އަހާލަން އެންމެ ރަނގަޅު ވަގުތެއްވެސް ނޫނެވެ.
” އަޔާޒް. މީ ކާކު. ކުރިން ނުފެންނަ މީހެއްވީމަ މިއަހާލެވުނީ ” އޭގެ މާނައަކީ ނާޒިމް އާ އަކީލް އާ އެއްވެސް ގުޅުމެއް ނެތްކަމެވެ.
” މީ އަކީލް. މެލޭގަ ކިޔަވަން ހުންނަނީ. އާއިލާ މީހަކު ބަލިވެގެން މިކޮޅަށް ގެނައީމަ ޖައްސާލީ މިކޮޅަށް. އެކަމަކު ދެން ފުރަންވީ ދޯ އަކީލް ” އަޔާޒް އަކީލް ނާޒިމް އަށް ތައާރަފް ކޮށްދިނެވެ.
” އެކަމަކު ނާޒިމް ވެސް ހާދަ ވަގޭ ދޯ. ބުނެވެސް ނުލާތަ މިވަރުގެ ކަމެއް ތި ނިންމާލީ ” އަޔާޒް އެބުނީ ކީކޭކަން މާ ރަނގަޅަށްވެސް ނާޒިމް އަށް އަދި ނާޒް އަށްވެސް އެނގުނެވެ. ނާޒިމް އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަކީލް އެތަނުން ދުރައް ދިޔައެވެ.
” އަޔާޒް. ތިހީވީ މުޅިން ގޯސްކޮށް. މީ ނާޒް. ދައްތަ ނެތީމަ ރައުލް މިހާރު ބަލާދެނީ ނާޒް ” އަޔާޒް ނާޒް ކިބައިން މައާފަށް އެދުނެވެ. އެތައް ދުވަހަކަށްފަހު އަކީލް ފެނުމުން ނާޒް ގެ ހިތަށް ވޭންދެނިވި އަސަރުތަކެއް ކުރުވަން ފެށިއެވެ. އަކީލްގެ ތަނަވަސް މޭމަތީ ބޯއަޅާލައިގެން ރޯލަން ބޭނުންވިއެވެ. ހުރިހާ ޝަކުވާއެއް އަކީލް ގާތު ކުރަން ނާޒް ބޭނުމެވެ.
ނާޒް މެން ތިބޭ ގެއަށް އާދެވުނު އިރު މާލަސްވެފަ ހުރުމުން ނާޒް އަވަސްވެގަތީ ރައުލް އަށް އެއްޗެއް ދިނުމަށްފަހު ނިންދެވުމަށެވެ. ހަތަރު ކޮޓަރި ހުންނަ މިގޭގެ އެއްކޮޓަރީގަ ތިބެނީ ރައުލް އާ ނާޒް އެވެ. ދެން ހުރި ކޮޓަރި ނާޒިމް އަށެވެ. ދެން ހުރި ކޮޓަރީގަ އަކީލް އެވެ. އިއްތިފާގުން ނާޒް ހުރި ކޮޓަރި ހުރީ ފަސްޓް ފްލޯގައެވެ. ނާޒްގެ ކޮޓަރިއާ ޖެހިގެން ހެން ހުރީ އަކީލްގެ ކޮޓަރިއެވެ.
ކެއުން ތައްޔާރުކޮށްފަ ހުރި ނަމަވެސް ނާޒް އަށް އެއްވެސް އެއްޗެއް ނުކެވުނެވެ. ނާޒިމް ހީކުރީ ދަތުރު ވަރުބަލިވެފަ ހުރުމުން ނާޒް އަށް ނުކެވުނީ ކަމަށެވެ.
އެންމެން ނިދާ ގޭތެރެ ހަަމަހިމޭން ވީ އިރުވެސް ނާޒްގެ ދެލޮލަށް ނިންޖެއް ނައެވެ. ނާޒް ބޭނުންވަނީ އަކީލް އާ ވާހަކަ ދައްކާށެވެ. ހުރިހާ ކަމެއް އޮޅުންފިލުވަދޭށެވެ. ވަރަށް ހިތްވަރު ކުރުމަށްފަހު ނާޒް ކޮޓަރިން ބޭރަށް ނުކުތެވެ. އަދި އަކީލްގެ ކޮޓަރީ ދޮރުގަ ދެފަހަރަކު ޓަކި ޖަހާލުމާއެކު ދޮރު ހުޅުވިއެވެ.
އަކީލް އަށް ނާޒް ފެނުމާއެކު އުޅުނީ ދޮރުލައްޕާށެވެ. އެކަމަކު އޭގެ ކުރިން ނާޒް އެތެރެއަށް ވަނެވެ.
” ނާޒް ތީ ހާދަ ލަދުކުޑަވެސް އަންހެނެކޭ ދޯ ” އަކީލް ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އަކީލްގެ އަތުން ފައިން ގޯހެއް ހެދުމުގެ ކުރިން ރީތި ގޮތުގަ ކޮޓަރިން ނުކުތުމަށް ނާޒް އަށް އަމުރު ކުރިއެވެ.
” އަކީލް އަހަރެން ދައްކާ ވާހަކަ އެންމެ ފަހަރަކު ނަމަވެސް އަޑުއަހާފާނަންތަ. ހެޔޮނުވާނެ ” ނާޒް އަކީލްގެ ފައިބުޑައްވެއްޓި އާދޭސް ކުރިއެވެ. އެކަމަކުވެސް އަކީލް އެކަމަށް ދިނީ ބީރު ކަންފަތެކެވެ.
” ރީތި ގޮތުގަ މިތަނުން ނުކުމޭ. ނާޒް ތީ ތިބުނާހާ ރަނގަޅު މީހެއްނަމަ އަހަރެން ހަމަ ވަރިކުރާ އިރަށް ގޮސް އެހެން މީހަކާ ނީންނާނެ. ނާޒް އާ ނާޒިމް ގެ ކައިވެންޏަކީ ނާޒްގެ ހަގީގަތް ހާމަކޮށްދޭން ކުޑަ ހެއްކެއް ނޫން. އަތުގަ ލާރި ހުރި ތަނަވަސް މީހަކު އަތު އަޅުވާލައިގެން ތިއުޅޭ އުޅުން ތީ ނާޒްގެ ވިޔާނުދާކަން. އަހަރެންގެ މަންމަ މެން އެބުނަނީ ހަމަ ތެދެއް. ތީ ހަމަ ……………. ” ނާޒް އަތުގަ ހުރި ބާރެއްލާފަ އަކީލްގެ ކަންފަތް މަތީ ޖެހިއެވެ.
އަކީލް އަށް ލިބުނު ހައިރާންކަމުގެ ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.
” އަކީލް އަށް ހުރިހާ ކަމެއްގެ ހަގީގަތް އިނގޭ ދުވަހަކުން އަހަރެން ފަހަތުން ނާންނާތި. އަހަރެން އަކީލް ދެކެ ވަރަށް ބޮޑައް ލޯބިވޭ. އެކަމަކު އަހަރެން ދެން ދުވަހަކުވެސް ތި އަކީލް ބޭނުމެއް ނޫން. އަކީލް މަތިން ހަނދާން ނައްތާލަން ކުރެވުނު ހުރިހާ ކަމެއް އަހަރެން ކުރާނަން ” ނާޒް އަށް ގިސްލެވެމުން ދިޔައެވެ. އަޑުވެސް ނުކުންނަނީ ކިރިޔާ އެވެ.
އަކީލް ނާޒް ދެކެ ކިތަންމެ ރުޅި އައިސްފަ ހުރި ނަމަވެސް ނާޒްގެ އެބަސްތަކުން އަކީލްގެ ހިތަށް އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ނާޒް ދިޔަތަން ބަލަން ހުރެވުނުއިރު އަކީލް ބޭނުންވީ ނާޒް ހުއްޓުވާށެވެ. އެކަމަކު ހަމަ އެހިނދުން ނާޒް އާ ފައިސަލްގެ ފޮޓޯތައް ކުރިމަތީ ސިފަވަމުން ދިޔައެވެ. އަކީލް އިރުއެރުމާއެކު ފުރަންދަނީ ކަމަށްބުނެ އެކަނި އަޔާޒްމެންގެ ގެއިން ނުކުތީ ނާޒް އާ ކުރިމަތި ނުލުމަށެވެ. ފުރަންދެން ހޮޓަލެއްގަ ހުރުންވެސް މާ ރަނގަޅު ކަމަށް އަކީލް ދެކުނެވެ.
ނާޒް ގެ ދެލޯ ހުރި ރުއިމުގެ ސަބަބުން ދުޅަވެފައެވެ. ފުރަތަމަ ނަޒަރުންވެސް ނާޒިމް އަށް އެކަން ފާހަގަވިއެވެ. އެކަމަކު ރަނގަޅަށް ނުނިދެނީ ކަމަށްބުނެ ނާޒް އޮޅުވާލިއެވެ. އަކީލް ފުރަން ދިޔަކަން ނާޒް އަށް އެނގުނީ އަޔާޒް އެވާހަކަ ނާޒިމް ގާތު ބުނި އަޑު އަހާފައެވެ.
މުޅި ދުވަހު އެއްކޮށްހެން ނާޒިމް އުޅުނީ ރައުލް އާ ނާޒް ގޮވައިގެން ޝޮޕިންގ ގައެވެ. ރައުލް އަށް ބޭނުންވާނެ އެތައް ހެދުމެއް ގަތެވެ. ނާޒް އަމިއްލައަށް އެއްވެސް އެއްޗެއް ނުނަގާތީ ކުޑަ ކުޑަ ރައުލް މެދުވެރިއަކަށް ހަދައިގެން ނާޒް އަށް ވެސް ބޭނުންވާނެ ހެދުމާ ފައިވާން ފަދަ އެއްޗިހި ނާޒިމް ގަތެވެ. އެންމެ ފަހުން ހަވީރު ވުމުން ތިންމީީހުންވެސް ސައިބޮއި ހަދާލައިގެން ދިޔައީ ގެއަށެެވެ.
ހަފުތާއެއް ހޭދަވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. މިހާރަކަށް އައިސް ނާޒް ހަމަ ގަސްތުގަ އެކި ކަންތައް ތަކުގަ އަބަދު ބިޒީވެގެން އުޅެމުން ދިޔައެވެ. ނާޒް ބޭނުންވަނީ އެއްގޮތަކަށްވެސް އަކީލް މަތިން ހަނދާން ނުކުރުމަށެވެ.
މާލެ އާދެވުނީ ވެސް ރޭގަނޑުގެ ވަގުތެއްގައެވެ. ރައުލް އަށް ނިދޭކަށް މާގިނަ އިރެއް ނުނެގިއެވެ. ނާޒް ފެންވަރާލައިގެން ބޭރަށް ނުކުމެލީ ނާޒިމް އެއްޗެއް ކާލާ ހަދަން ބޭނުންވެދާނެ ކަމަށް ހީކޮށެވެ. ސިޓިންގރޫމްގަ އިންނަތާ އެތައް އިރެއް ވީއިރުވެސް ނާޒިމްގެ ހަބަރެއް ނުވުމުން ނާޒް ހިނގައިގަތީ ގޭގެ ބެލްކަންޏަށް ނުކުމެލުމަށެވެ. ބެލްކަނީގަ ހުއްޓިލައިގެން މަގުމައްޗަށް ބަލަން ހުރެވުނީ ކިހާއިރެއްވަންދެން ކަންވެސް ނާޒް އަށް ނޭނގުނެވެ.
ނާޒިމް އައިސް ހުއްޓުނު އިރުވެސް ނާޒް ގެ ހަމަ ހުރިގޮތަށް ހުރީއެވެ.
” ނާޒް ކީއްވެ މިތާ ތިހިރީ. ހީވަނީ ވާރޭ ވެހެން އުޅެނީހެން. ދޭ ނިދާލަން ” ނާޒް އަށް މޫސުމާ ދޭތެރޭ ވިސްނާލެވުނީ އަދި ކިރިޔާ އެވެ. ނާޒިމް ބުނިހެން ވައިރޯޅިތައް ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭ ވާރޭ ވެހެންފެށިއެވެ. ނާޒް ހިޔާވެލުމުގެ ގޮތުން ކުޑަކޮށް އެތެރެއަށް ވަދެލިއެވެ.
ދެން ވޭތުވަމުން ދިޔަ ކޮންމެ ސިކުންތެއް ހީވަނީ އެތައް ގަޑިއިރަކަށް ދެމިގެންދާ ހެންނެވެ. ނާޒިމް ވެސް އެއްވެސް އެއްޗެކޭ ނުކިޔާ މަޑުމަޑުން ހުންނަނީ އެވެ. ނާޒް އަށްވެސް ވީ އެވަރެވެ. ކުއްލިއަކަށް އެތަނުން ދާން ނުކެރިފަ ނާޒް ހުރީއެވެ.
” ނާޒް އަކީލް އަކީ ނާޒްގެ ކާކު ” ނާޒިމް އަހާލިއެވެ. އަކީލްގެ ނަން ނާޒިމްގެ ދުލުން އިވުމުން ނާޒް އަށް ބުނެދޭން ނޭނގޭ އިހުސާސް ތަކެއް ކުރުވިއެވެ. ” އަކީލް.. ” ނާޒް އަށް ފިނި ނޭވާއެއް ބޭރުކޮށްލެވުނެވެ. ނާޒްގެ ހަގީގަތް އަނެއްކާ ނާޒިމް އަށް އެނގެނީ ބާވައެވެ. ނާޒްގެ ހިތަށް އަރާފައިބަމުން ދިޔަ އެއްވެސް ސުވާލެއްގެ ޖަވާބެއް ނާޒް އަކަށް ނުވިސްނުނެވެ.
ނާޒްއަށް އިހުސާސް ކުރެވެމުން ދިޔަ ގޮތްނޭނގޭ އިހުސާސްތަކުގެ ސަބަބުން ނާޒް ހާސްކުރުވިއެވެ. އެހެން ނަމަވެސް އެކަމާ މެދު ނާޒް ހާސްވަނީ ކީއްވެ ބާވައެވެ. ނާޒިމް އަށް އެނގުމަކުން މައްސަލައެއް ނެތެވެ. އަކީލް އަކީ ނާޒްގެ ކުރީގެ ފިރިމީހާއޭ ބުނަން ނާޒް ޖެހިލުން ވަނީ އެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟
” އަކީލް އަކީ ނާޒްގެ ކުރީގެ ފިރިމީހާ. އެކަމަކު އަކީލް މިހާރު ނާޒް ދެކެ އިންތިހާ އަށް ރުޅިއާދޭ ” ނާޒިމް ކުރުގޮތަކަށް ހުލާސާ އަޅާލިއެވެ. އޭގެ މާނައަކީ ނާޒިމް އަށް ހުރިހާ އެއްޗެއް އިނގޭ ކަމެވެ.
ކިތަންމެ ހިތްވަރު ކުރި ނަމަވެސް ނާޒްގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތިއެވެ.
( ނުނިމޭ )